ޒަކްވާން ފޯން ނިންމައިލައިފައި ލިފްޓް ދޮރު ލައްޕައިލީ ތިރިއަށް ފައިބަން ވެގެންނެވެ. ޝަހީމު ގުޅާފައި މަންމަ ހޭ އެރި ޚަބަރު ލިބުމުން މިނިޓެއްވެސް ލަސް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ހަމަ އެގޮތަށް ކައިވެނީގެ ހަފްލާއަށް އުނިކަމެއް އަންނާކަށް ވެސް ނުރުހެވޭނެއެވެ. އެންމެ މީހަކު އަދި ނެތަކަސް ވާނެ ގެއްލުމެއް ނެތެވެ. ކޮންމެ ގޮތެއް ވިއަސް މަންމަގެ ކައިރީގައި ގާތް މީހަކު ހުންނަން މިވަގުތު މުހިންމެވެ.
ރަންކުލައިގެ ހެދުމާއި އެކު ތުނި ވެއިލްގައި ތިއާ ފެންނަނީ އެހެން ހުރިހާ ދުވަހަކަށް ވުރެ ރީތި ކޮށެވެ. އެއުނަގަނޑު ހިމަކަމުން ހައްތަހާ ބޮޑަށް ބުދަކާއި ވައްތަރެވެ. އެމޫނާއި ނުހަނު ގުޅޭ ލުއި މޭކަޕާއި ތުންފަތުގައި ޖައްސާލައިފައިވާ މަޑު ފިޔާތޮށި ކުލައިން އެންމެންނަށް ވުރެ ފަރިކަމަށް ދައްކައެވެ. އީތަން ދާދި ކައިރީގައި ކަޅު ކޯޓް ފަޓުލޫނާއި ހުދު ގަމީހާއެކު ތިއާ ހެދުމާއި އެއްކުލައިން ޓައީއެއް އަޅާލައިފައި ހުރުމުން ދެމީހުން ނިކަން ގުޅެއެވެ. އެތެރެއަށް ވަދެފައި އެދެމީހުންނަށް ހާއްސަ ކުރެވިފައިވާ މޭޒު ދޮށުގައި އިށީންފަހުން ދެންތިބި އެންމެންވެސް މޭޒުތައް ދޮށުގައި އިށީންނަން ފަށައިފިއެވެ.
"ގޯޖަސް." އާރިން ލުޖައިންގެ އަތުގައި ހިފާލައިފައި ކުޑަކޮށް މޫނު އަރިކޮށްލަމުން ކަންފަތް ދޮށުގައި ބުނެލިއެވެ. ވަގުތުން އެމޫނު ރަތްވެގެން ދިޔައެވެ. ހީވީ އަރްމާނީ ސެކަންޑް ސްކިން ބްލަޝް ކޮޅެއް ހާކައިލި ހެންނެވެ. ލުޖައިން ހުދު ޝޯލް އާއި ތަނބިކަށްޓާއި ހަމައަށް ދެމިފައިވާ ހުދު ހެދުމުގައި އާރިންގެ ހިތަށް ބާރު ފޯރުވައިލީ ލުއި ހިނިތުންވުމެއް ތުންފަތަށް ގެންނަމުންނެވެ. ދާދި ކައިރީގައި ތިބި ހާއްސަ ޖޯޑަށް ބަލައިލުމުން ލުޖައިންގެ ހަނދާނަށް އަންނަނީ މާޒީވި ދުވަހެވެ. އާރިންގެ އަންބަކަށް އޭނާ ވީ ހުރިހާ ހުވަފެންތަކެއް ތެދު ކުރުވާފައެވެ.
ތިއާގެ އެދުމުގެ މަތީން ސުހާ ވެސް ޕާޓީއަށް އައެވެ. އެހެން އެންމެން ހުދާއި ކަޅުން ހެދުން އަޅާފައި ހުއްޓާ ސުހާ އެކަނި ރަތް ހެދުމެއް ލައިގެން އައުމުން ތިއާ ގާތަށް ހިނިވެސް އައެވެ. "ޑްރެސްކޯޑް ދިނީމަވެސްތަ؟" ތިއާ ސުވާލު ކޮށްލުމުން ސުހާ އަނގައަށް ގޮތެއް ހަދާލައިފިއެވެ. "ހަމަ ގަސްތުގަ ކުރި ކަމެއް މީ. އެއްވަރުގެ ރީތި ބޯއީސް އުޅޭތަނެއްގަ އަހަރެން ހާއްސަކޮށް ފާހަގަ ކުރެވޭނެ އެއްނު... މިގޭގައިވެސް ހުސްކޮށް ހުރި ބޯއިއެއް އެބައުޅެއެއްނު." ސުހާ އެވަގުތުވެސް ތުއިވެލާފައި އޮޅިގަތެވެ. ތިއާ ހީލަ ހީލަ އިނެވެ. އާރިންގެ ފަހަތުން އުޅެފައި އަދި ޒަކްވާން ފަހަތުން އަޅުވާލާކަށް ވެސް ސުހާ ފަހެއް ނުޖެހޭނެކަން ތިއާ ދަނެއެވެ. އަދި މިހާރު އާރިން އެއީ ޒަކްވާންގެ އެއްބަފާ ކޮއްކޮކަން ސުހާއަށް ރަނގަޅަށް އިނގޭނެ އެވެ. ތިއާ ހުރީ ޒަކްވާން ރީމް އަތުގައި ހިފާލައިގެން އަންނާނެ ނަމައޭ ހިތަށް އަރާފައެވެ. ސުހާއަށް ވާނީ ހާދަ މަޖާ ގޮތެކެވެ. ސުހާ ކޮންމެ ކަމަކާއި ވެސް ހިތާމަ ކުރާނީ މަދު ސިކުންތު ކޮޅެއް ވާންދެންނެވެ. އާރިން ބްރޭކްއަޕް ކޮށްލި ފަހުންވެސް އެއް ދުވަހަކު ނިކަން ރޮއި ރޮއިފައި ދެން ފެނުނު އިރު އުޅެނީ އެހެން ކުއްޖަކާއި ގުޅިގެންނެވެ.
"ތިއާ އަޅެ ކަންބޮޑެއް ނުވޭތަ ތިހާ އަވަހަށް މެރީ ކުރާކަށް. ބަލާބަ ލުޖައިންވެސް ހަމަ އިންނަ އިރަށް އެއާރިން ގަނޑު އެކުއްޖާފުޅު ޕްރެގްނެންޓް ކޮށްލައިފި. ތިއާއަށްވެސް ކިޑުން ލިބުނީމަ މިނިވަންކަން ގެއްލޭނެ... އެންމެ ކުޑަ މިނުން ހަޒްބެންޑަށް ވެސް ޓައިމް ނުދެވޭނެ ކިޑުންނާއި ގެން އުޅެން ޖެހުނީމަ." ސުހާ ގޮނޑިއެއް ދަމާލައިގެން އެދެމީހުން ކައިރީގައި އިށީންދެފައި ފެށި ވާހަކަ އަކުން ތިއާ ގާތަށް ވަކިން ބޮޑަށް ހިނި އައެވެ. "ހެހެ... ތީ ހަމަ ހީވާ ގޮތް ސުހާ. އަހަރުމެން ކިޑުން ލިބުނަސް އެކީގަ ސްޕެންޑް ކުރަން ޓައިމް ހޯދާނަން." އީތަންއަށް އިވިގެން ލުއި ހީލުމަކާއެކު ރައްދު ދިނެވެ. "އެއީ ކިހިނެއް؟" ރަފާލް ދާދި ކައިރިން ދަމުން އެއަޑު އިވިގެން ކައިރިވެލައިފި އެވެ. "ކުރީ ޒަމާނުގެ މީހުންވެސް ހަދާ ގޮތަކީ ދިރިފުކު މެޓާ ބަސްތާއެއް ގެނެސް ބޮޑު އަށި މައްޗަށް އޮއްސައިލާފައި ކުދިންނަށް އެއިން ކުލަ ވަކި ކުރަން ހަވާލު ކުރަނީ. އަހަރުމެންނަށް އަދި މިހާރު އެކަހަލަ ކިތައް އޮޕްޝަން އޮންނާނެ." އީތަން ބުނެލި ވާހަކަ އަކުން ރަފާލްއަށް ވެސް ހެވިއްޖެއެވެ. ތިއާ އަނެއްކާ ހީގެންފައި ދެއަތުން މޫނު ފޮރުވާލި އިރު ރަކިވެސް ވިއެވެ. އީތަން ހާދަ ސިޔާސަ އެވެ. ކޮންމެފަދަ އެއްޗެއްވެސް ކިޔައިފާނެއެވެ.
ފެށުމުގެ ގޮތުން ޒާހިދު ތެދުވެފައި މަރުހަބާގެ ބަސްކޮޅެއްގެ އިތުރުން ތިއާގެ މިޒާޖާއި ބެހޭގޮތުން ލޯބިވެތި އެތައް ވާހަކައެއް ބުނެލިއެވެ. އެންމެން ބާރަށް އަތްޖަހަން ފެށިއިރު ތިއާގެ ނަޒަރު ހުއްޓިފައި ހުރީ ބައްޕަ އަށެވެ. އެބައްޕަ އޭނާ ދެކެ ވާ ލޯބި ހިތަށް އެރުމުން ދެލޮލަށް ކަރުނަ ގިނަވެ އޮބަހައްޓަން އުދަނގޫވިއެވެ. ޒޯއީވެސް ވާހަކަ ދެއްކިއެވެ. ޒަކްވާން ނެތްކަން އެމީހުންނަށް ފާހަގަ ކުރެވުނު ހިސާބަކީ އެއީއެވެ. ޒޯއީ ފޯން ކޮށްލުމުން ޒަކްވާން ނަސީބަކުން އަވަހަށް ފޯން ނަގާފައި އަންނަ ވާހަކަ ބުންޏެވެ. ރަފާލްގެ ހަމައެކަނި އާއިލާ ކަމުގައި ހިމެނޭ މަންމަ އާއި ބައްޕަވެސް މަރުހަބާގެ ބަސްކޮޅެއް އިއްވިއެވެ. ވާހަކަ ދައްކައި ނިމުމުން ދެން އޮތީ ކާއެއްޗެހީގެ ބުރެވެ. މާހައުލު މަސްތު ކުރުވަމުން ދިޔަ ހިތްގައިމު މިއުޒިކްގެ އަޑާއި އުލާއި ސަމުސާތައް ކައިރިވެލާއިރު އެއިވޭ ރީތި އަޑުގެ އިތުރަށްވެސް މެހުމާނުންގެ ހުނުމާއި ވާހަކަ ދެއްކުމުގެ އަޑު ހަރުލާފައި ހުއްޓެވެ. އީތަން މިނިޓަށްވެސް ތިއާގެ އަތަކުން ދޫކޮށެއް ނުލިއެވެ. ބައެއް ފަހަރު ހަތަރުކަޅި ހަމަވުމުން މާހައުލު މަތިންވެސް ހަނދާން ނެތެން އުޅެއެވެ.
ސުހާ އެންމެ ކުރިން ކައި ނިންމާލައިފައި މޭވާ ޓުކުރިތައް އަތުރާފައިވާ މޭޒު ކައިރިއަށް ޖެހިލައިގެން އެތަނުން ޗެރީއެއް ނަގައި އަނގައަށް ލި ތަނާ އެދިމާއަށް އައި އާރިން ފެނުނެވެ. ސުހާ އަނެއް ޗެރީ ނަގާފައި އާރިން އައިސް ކައިރި ވުމުން ތުއި ގޮތަކަށް ކާލި ގޮތުން އާރިންއަށް ވެސް ހުއްޓިފައި ބަލައިލެވިއްޖެއެވެ. އޭނާ ރުޅިވި ފަހުންވެސް ސުހާއަށް އެއްވެސް ބަދަލެއް ނާދެއޭ ހިތަށް އެރިއެވެ. "ހައެ ސުހާ. ހައު؟" އާރިން އާދައިގެ ގޮތަކަށް އަހައިލިއެވެ. "ކިހިނެއްވާނީ؟ އާރިންވެސް އަހަރެން ނަމުން ހަޑިވެ ހަމުން ކަޅުވެ ދޫކޮށްލީނު." ސުހާ ފެށި ބަންޖަކުން އާރިންއަށް ހެވިގެން އަވަހަށް ތުންފަތުގައި ދަތް އަޅައިލާފައި ސީރިއަސް ކުލަވަރު ގެނައެވެ. "ކީއްކުރާނީ ސުހާ. ލޯއްބަކީ ކުޅޭ ކުޅިވަރެއް ނޫން. އޭރު އަހަންނަށް އެކަން ނުވިސްނޭތީ ސުހާ އަހަރެންގެ ހަޔާތަށް ގެނައީ. ސުހާ އަމިއްލައަށްވެސް ބުނީމެއްނު އަހަރެން ލޯއްބެއްނުވެއޭ ލުޖައިން ޖޭ ކުރުވަން ގެންގުޅެނީއޭ." އާރިން ވާހަކަ ދައްކަމުން ހަނދާނެއް އާކޮށްދިނެވެ. "ހުނ ވަޓްއެވަރ." ސުހާ ތުން އަނބުރާލައިފައި ހިނގައި ގަތުމުން އާރިންވެސް ލުއި ހީލުމަކާއެކު ކުރިއަށް ދާން ފެށިއެވެ.
"ވަޓް ވޯޒް ދެޓް؟" އާރިން ގޮސް ހުއްޓުނު އިރު ލުޖައިން އަލިފާނުން އަނދަނީ އެވެ. އެއް އަތުން ބަނޑުގައި ފިރުމާލަ ފިރުމާލާ ހުރެފައި އާރިންއަށް ޖަވާބެއް ނުދެވެނީސް ސުހާ ފަދައިން ތުން ހަދާފައި ޓެރަސް އިން ފައިބަން ދިއުމުން އާރިންއަށް މަޖާވިއެވެ. ލުޖައިން އެބޮޑު ބަނޑާއެކު ބާރު ބާރަށް ހިނގާފައި ދިޔަ އިރު ހާދަ ލޯއްބެވެ. އާރިން އެހާ މަޑުން ދިޔައީމަވެސް ލިފްޓާއި ހަމައިން ލުޖައިން އަތުލެވުނެވެ. ލުޖައިން އަވަހަށް ދޮރުފައް ލައްޕާލި ނަމަވެސް އާރިން އެދޭތެރެއިން ދެމިގެންފައި ލިފްޓަށް އެރިއެވެ. "ބޭބީ!" އާރިން ގޮވައިލުމުން ލުޖައިން އެނބުރުނީ އަނެއް ފަރާތަށެވެ. "ޖޭވީތަ؟" އާރިން ގަދަކަމުން ކޮންޓްރޯލް ކުރަމުން ދަނިކޮށްވެސް ހުނުމުގެ އަޑު ބޭރުވިއެވެ. ލުޖައިން ރޯން ފެށި އަޑަށް އަވަހަށް ސިހިގެން ބަލައިލި އިރު ހުރީ މޫނުގައި ދެއަތް އަޅާލައިގެންނެވެ.
"އާވ...މައި ބޭބީ ގާރލް! ހާދަ އެމޯ ވީ. ވަޓްސް ރޯންގް؟" އާރިން ހިތަށް ތޫނު ކަށްޓެއް ހަރައިލިހެން ހީވުމުން އަވަސް އަވަހަށް ލުޖައިންގެ ކޮނޑުގައި ހިފައި މަގަތަށް އަނބުރާ ލެވުނެވެ. "އާރީ އަހަރެން ހަމައެކަނި ޖޭވީއެއް ނޫން.... ހިތަށް އެރީ އަމިއްލަ ހާލަތާއި މެދު... އަހަރެން އާރީއަށް އިތުބާރު ނުކުރަނީ އެއްނޫން. ބަޓް އައެމް ސްކޭރޑް.." "ކީއްވެ ބިރުގަންނަނީ؟" އާރިން އެވާހަކަތައް މެދުކަނޑާލައިފައި ލުޖައިން ގެނެސް ކައިރިކޮށްލައިގެން ސީދާ ދެލޮލަށް ބަލަން ހުއްޓެވެ. "އަހަރެންނަށް އާރީ ބޭނުން ވާ ވަރަށް ސެޓިސްފެކްޝަން ނުދެވެންޏާ ނޭނގިވެސް އެހެން ކުދިންނަށް ހިތް ހިނގައިދާނެތީ ބިރުގަންނަނީ.." އާރިން ކުއްލިއަކަށް ދެލޯ ކުޑަކޮށްލައިފައި ޝަހާދަތް އިނިގިލި ތުންފަތުގައި ޖައްސައިލުމުން ލުޖައިން ވަގުތުން ހިމޭންވިއެވެ. އާރިން ރުޅި އައިކަމަށް ހީކޮށް އޭނާ އިންތިހާއަށް ބިރުގަތެވެ.
"ދެން ދުވަހަކުވެސް ތިކަހަލަ ވިޔާނުދާ ހިޔާލެއް ހިތަށް ނުގެންނާތި. ލޫލޫގެ ތި ހާލަތުގެ ޒިންމާދާރަކީ އަހަރެންނޭ. ހަމަ އަންހެނުން ޕްރެގްވާއިރަށް އެހެން އަންހެނުން ކައިރިއަށް ދާން ޖެހޭތަ؟ ލައިފް އިޒް ނޮޓް އޯލް އެބައުޓް ސެކްސް... އެހެންކަމަށް ވަންޏާ ލޯބި އެއީ އެއްވެސް މާނައެއް ނެތް ދެއަކުރެއްނު. ލޫލޫ އައި ލަވް ޔޫ..... އެން ދެޓްސް އޯލް އިޓް މޭޓާރސް... ނަތިން އެލްސް..." އާރިން އެމޫނުގައި ދެއަތުން ހިފަހައްޓައިލައިގެން ހުރެފައި ނުހަނު ލޯބިން ވާހަކަ ދެއްކިއެވެ. ތުއްތު ކުއްޖަކަށް އޮޅުންފިލުވައި ދޭން އުޅޭހާވެސް މަޑުމައިތިރިވެފައި ބަސްތަކުގައި ލޯބި ވިއެވެ. ލުޖައިން ހިތަށް ލިބުނު އުފަލެއްގެ ބޮޑު ކަމުން ވަގުތުން އާރިންގެ ތުންފަތުގައި ބޮސްދީފިއެވެ.
ލިފްޓްގެ ދޮރު ހުޅުވިގެން ދިޔަ ވަގުތު ޒަކްވާންއަށް އެމަންޒަރު ރީތިކޮށް ފެނުނެވެ. "ވައި ޑޯންޓް ޔޫ ގައިޒް ގެޓް އަ ރޫމް!" ޒަކްވާން ބަލަން ހުރެލާފައި ބުނެލިއެވެ. ޒަކްވާން އެވަގުތުވެސް ހިސާބަކަށް ރުޅި އައިސް ހަމައިން ނެއްޓެން އުޅުނެވެ. މުށްކަވައިލެވުނު އަތްތިލަ އަވަސް އަވަހަށް ޖީބު ތެރެއަށް ކޮށްޕައިލާފައި އޭނާ އަނެއްފަރާތަށް މޫނު އަބުރައިލިއެވެ. ދެމީހުން އަވަސް އަވަހަށް ދުރަށް ޖެހިލާފައި ލުޖައިން އާރިން އަތުގައި ހިފާލައިގެން ލިފްޓުން ނިކުމެގެން ދިއުމުން ޒަކްވާން އަރާފައި މައްޗަށް ދަތުރު ފެށިއެވެ.
ޓެރަސް އަށް އަރާފައި ފުރަތަމަވެސް ހޯދައިލެވުނީ ރީމް ފެންނަން ހުރިތޯއެވެ. އެއްވެސް ހިސާބަކުން ރީމްގެ އިޝާރާތެއް ނުފެނިގެން ޒަކްވާން ކަންބޮޑުވިއެވެ. އޭނާ ބުނެވެސް ނުލައި ގޮސް ގެއްލުމުން ރީމް ރުޅިއައިސްގެން ގެއަށް ދިޔައީ ބާވައެވެ؟ ޒަކްވާން މާޔޫސް ކަމާއެކު ގޮސް ހުއްޓުނު ތަނުން ޒޯއީ އައިސް ކިޔައިގެން ކެއުމުގައި ބައިވެރިވިއެވެ. ޒަކްވާން ކާން އިނދެފައި އެއްލި ކަޅިއަކުން ދުރުގައި ތިބި ނާހިދާ އާއި ޒާހިދު ފެނުމުން ފަރުވާތެރި ކަމާއެކު ބަލަން އިނދެވުނެވެ. ހަނދާނަށް އައީ ހޭ އަރައިގެން މަންމަ ދެއްކި ވާހަކަ ތަކެވެ. ހީނުކުރާ ގޮތް ގޮތަށް ވެސް ކަންކަން ހިނގައި ދާނެކަން ގަބޫލު ކުރަން ޒަކްވާންއަށް މިއަދު މަޖުބޫރު ވެއްޖެއެވެ.
ޝަކީބާ ހޭ އެރި އިރު ވިސްނުން ބަދަލުވެފައި ވަނީ ހީނުކުރާ މިންވަރަށެވެ. މަރުގެ ތުންފަތް މަތީގައި އޭނާ ހޭދަ ކުރި ދުވަސްތަކަށްފަހު ދެވަނަ ފުރުސަތެއް ލިބުމުން އެފަދަ ކިތަންމެ ބަޔަކު އިސްލާޚުވެއެވެ. ޚުދު ޝަކީބާ ވެސް ބޭނުންވީ ތައުބާ ވާށެވެ. ﷲ އޭނާއަށް ދެވަނަ ފުރުސަތެއް ދެއްވީ ކޮންމެވެސް މަޤްސަދެއްގަ އެވެ. ނޫންނަމަ އޭނާ ކޯމާގައި އޮވެ ދުނިޔެއަށް އަލްވަދާޢު ކިއުމަކީ ވެސް އެކަށީގެންވާ ކަމެވެ. ޝަހީމުގެ މޫނު ފެނުމުން ޝަކީބާ ފުރަތަމަވެސް އެދުނީ ޒަކްވާންއަށް ގުޅައިދިނުމަށެވެ. އޭނާ އެންމެ ފުރަތަމަ ވާހަކަ ދައްކަން ބޭނުންވަނީ އެދަރިފުޅާއެވެ. އެއީ ތައުބާ ވުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅު ކަމުގައި ޝަކީބާ ގަބޫލު ކުރިއެވެ.
ޒާހިދު ދެއްކި ހުރިހާ ވާހަކައެއް ޝަކީބާ ތެދު ކުރިއެވެ. އަމިއްލަ އެދުން ހާސިލް ކުރުމަށްޓަކައި، ދެލޯބިވެރިން ދުރު ކުރުމަށްޓަކައި އެހާ ދަށު ދަރަޖައަށްވެސް އޭނާ ވެއްޓުނެވެ. އަމިއްލަ އަތުން ފައިސާ ދީފައި އަމިއްލަ ފިރިމީހާ އެކްސިޑެންޓް ކޮށްލަން ހަވާލު ކުރިއެވެ. އެ އެކްސިޑެންޓްގެ ސަބަބުން ޒާހިދުގެ ފުރާނަ ސަލާމަތްވީ އެއީ ނަސީބެކެވެ. އެއަށްފަހު ދެން ޒާހިދުއަށް ދިމާވި ގޮތް އެއީ ޝަކީބާއަށް ވެސް ސިއްރުވެފައި އޮތް ހަޤީޤަތެކެވެ. އެހަޤީޤަތް ހޯދަން ޒަކްވާން ސުވާލު ކުރާނީ ޒާހިދު އާއެވެ.
މަންމަގެ ވާހަކަ ޒަކްވާން ބުނީ އާއިލާ އެންމެން އެކަނިވީ ފަހުންނެވެ. ލުޖައިން އާއި އާރިންވެސް އެނބުރި އައިސް އެންމެންގެ ތެރޭގައި މަޑުކޮށްލައިގެން ތިއްބެވެ. އެޚަބަރު އަހާފައި އެންމެންގެ މޫނުން އުފާވެރިކަން ފެނުނެވެ. ރިސޯޓަށް ދާން ދަތުރު ތައްޔާރުވެފައި އޮތްވާވެސް ތިއާ ބޭނުންވީ ފުރަތަމަ މަންމަ އާއި ބައްދަލު ކުރާށެވެ. އީތަންވެސް ދާދި ފަސޭހައިން ގަބޫލު ވިއެވެ. ބާރަ ޖަހަން ކައިރިވެފައި ހުއްޓައި ކާރު ތަކުގައި އެންމެން އެދިމާއަށް މިސްރާބު ޖެހިއެވެ.
"މަންމާ!" ޒޯއީ އެންމެ ފުރަތަމަ ވަދެފައި ގޮވައިލިއެވެ. ޝަކީބާ ލޯ ހުޅުވައިލާފައި މަޑުމަޑުން ތެދުވެ އިށީންދެއްޖެއެވެ. ކޯމާއިން އައި ފަހުން ޝަކީބާގެ ހާލު ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅު ވަމުން އާދެއެވެ. ޒޯއީގެ ފަހަތުން ތިއާ ވެސް ވަނެވެ. ކައިވެނީގެ ހެދުމުގައި ތިއާ ފެނިފައި ޝަކީބާގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރާލިއެވެ. ދެ ކުދިން ކައިރިވެލާފައި މަންމަގެ އަތުގައި ހިފައިލުމުން ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. މަންމަ ކުރި ކުށްތައް އެނގުނު ފަހުންވެސް އެކުދިން ރުޅި މޫނެއް ނުދެއްކިއެވެ. ކިހާ ހެޔޮލަފާ ކުދި ބައެއް ހެއްޔެވެ؟ ޝަހީމު ދުރަށް ޖެހިލައިގެން ހުރެފައި ގޮސް ނިކުންނަމުން ރަފާލްގެ ކޮނޑުގައި ޖަހައިލިއެވެ. އީތަން އާއި ހަތަރު މީހުންނަށް ފުރުސަތު ދީފައި އާރިންމެން ތިބީ ބޭރުގައެވެ. ޒަކްވާން އެވަގުތުވެސް ގުޅި ލާ މެހިފައިވާ އާރިން އާއި ލުޖައިންގެ އަތަށް ކަޅިއެއް އެއްލިއެވެ. ރީމްއަށް އެތަން ފެނިގެން އަނެއް ފަރާތަށް އެނބުރިފައި ހިނގައިގަތީ ނިކުންނާށެވެ. ޒަކްވާންއަށް ފެނުނު އިރު ރީމް ގޮސް ދޮރުން ނިކުންނަނީ އެވެ.
ޒަކްވާން އެބަ އަންނަމޭ ބުނެފައި ބާރު ބާރަށް ގޮސް ރީމްގެ އަތުގައި ހިފައި ހުއްޓުވިއެވެ. "އަހަރެންދެކެ ރުޅި އައިއްސަތަ؟" ޒަކްވާން އެހެން އަހައިލި ގޮތުން ހީވީ އެއްވެސް އެއްޗެއް ނޭނގޭ ހެންނެވެ. ރީމް ހައްތަހާ ބޮޑަށް ރުޅި އައިސްގެން ޒަކްވާންގެ އަތް ފޮޅުވާލަން މަސައްކަތް ކޮށްލުމުން އަމިއްލަ ބާރު ދެރަކަން އިހްސާސްވެފައި ރޮވެން ކައިރިވިއެވެ. ދެކޮޅަށް ހިނގަމުން ދިޔަ ބައެއް މީހުންގެ ލޯތައް އެދެމީހުންނަށް ހުއްޓެމުން ދާ ތަން ފެނިގެން ރީމް އިންތިހާއަށް ހާސްވިއެވެ. މީހުން ކިޔާނީ ކީކޭ ހެއްޔެވެ؟
ރީމްއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ރަފާލް އާއި އެންމެން ޒޯއީ އަތުލަފި ކޮށްގެން އަންނާތީ ފެނިގެން ޒަކްވާން އަވަހަށް ދުރަށް ޖެހިލިއެވެ. ޒޯއީ ބަނޑުގައި ރިއްސައިގަތީ ދެންމެއެވެ. އައިސް އަރާ ހަމަވުމުން ޒަކްވާންވެސް އެމީހުން ކައިރިއަށް ޖެހިލައިފިއެވެ.
ލުޖައިން ދުރުގައި ބަލަން ހުރެފައި ޒޯއީ ވިއްސާ ކޮޓަރިއަށް ވެއްދިތަން ފެނިގެން އާރިންގެ އަތަށް ބާރު ކޮށްލެވުނެވެ. އާރިންއަށް އެއަތްތިލަ ފިނިވެފައިވާ ވަރު އިހްސާސް ވެގެން ބަލައިލި އިރު ލުޖައިންގެ ދޮން ނިއްކުރީން މުތީ ފަދައިން ދާ ތިކި ހިލިފައި ހުއްޓެވެ. އެލޮލުން އެކަނިވެސް ލުޖައިން ބިރުގަނެފައިވާ މިންވަރު ހާމަވެއެވެ. "ބޭބީ. އިޓްސް އޯލް ރައިޓް." އާރިން ލުޖައިން ގެނެސް ކޮނޑާއި ހިސާބުން ކުޑަކޮށް ކައިރިކޮށްލިއެވެ.