ޝަކީބާއަށް ފެނިގެން އަވަހަށް އައިސް ޒަކްވާން އަތުގައި ހިފާލައިފިއެވެ. މީހުން ބަރާވެފައިވާ މެހެފިލްގައި ދެބެން ޑްރާމާއެއް ނުކުޅެ ހުންނާނެ ކަމެއް ނޭނގެއެވެ. މިހާތަނަށް ފާޅުކޮށްފައި ނެތަސް އެދެބެން ލުޖައިން މައްސަލައިގައި ދުވަހަކުވެސް އެއްގަލަކަށް ނާރާނެކަން ޝަކީބާއަށް ވަނީ ލަފާ ކުރެވިފައެވެ. އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުމުން އާރިން ހިތްހަމަ ނުޖެހުނެވެ. ޒަކްވާންގެ ބަހަށް އޭނާ އިތުބާރު ކުރާ ހިތެއް ނެތެވެ. ލުޖައިން އާއި ހެދި ތަތްތެޅިފައި ހުރި މީހަކު އެގޮތަށް ހާސްކަމެއް ނެތި ޖަވާބު ދޭނެ ހެއްޔެވެ؟ ކޮންމެވެސް ނުބައެއް އެބައުޅެއެވެ.
ދުރުވަމުން ދިޔަ ދެމައިންނާއި ދިމާއަށް ބަލަން ހުރެލާފައި އާރިން ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. ރޭގަނޑުގެ ކަޅު ފޭރާން މެދުން ކަފާލައިގެން ނިކުމެ ހުރި ބުރު ހަމަ ހަނދުގެ މޫނުމައްޗަށް ވިލާގަނޑެއް ހުރަސް އެޅުމުން ބިންގަނޑުވެސް ހިތާމައިގެ ކަޅު ސާލު އޮޅައިފިއެވެ. އާރިން ހޯލުގެ ދޮރުން ނިކުމެފައި ގަރާޖުގައި އޮތް ކާރާއި ދިމާއަށް ދިޔައިރު ޖެހެމުންދިޔަ ވައިރޯޅިތަކުގައި ވެސް ތެތް ފިނިކަމެއް އެކުލެވިފައިވާކަން އިހްސާސް ކުރެވުނެވެ. މިއޮތްފަދަ ރޭވެސް ވިއްސާރަ ވާން އުޅެނީ ހެއްޔެވެ؟ އާރިންއަށް އުޑާއި ދިމާއަށް މޫނު އުފުލައިލެވުނެވެ. ދާދި ދެންމެ އަކާއި ޖެހޭންދެން ހަނދު އޭގެ ޝާއްބަ ކަމާއެކު ދުނިޔެއަށް އަލިކޮށްފައި ވަގުތު ޖެހުމުން މޫސުމަށް ތަންދިނީއެވެ. މައްސަލައެއް ނެތެވެ. ވާރޭ ވެހިގެން ޕާޓީއަށް އަންނާނެ އުނިކަމެއް ނެތެވެ. ހުރިހާ ތައްޔާރީއެއް ހޯލްތެރޭގައި ކޮށްފައި ވަނީ އެފަދަ ހުރިހާ ކަމަކަށް ވިސްނާފައި ކަހަލައެވެ. އާރިން ހިޔާލު ތަކެއްގައި ހުރެގެން ކާރު ގަރާޖުން ނެރެފައި ދުއްވައިލިއެވެ.
މޫސުން ބަދަލުވާ ކަމުގެ އަލާމާތްތައް ފެނިގެން މެހުމާނުންގެ ބައިގަނޑު ތައްވެސް އެނބުރި ދިއުމުގެ ހިޔާލު ގެންގުޅެން ފަށައިފިއެވެ. ޕްރައިވެޓް ކާރު ތަކުގައި އައިސް ތިބި މީހުން ފިޔަވައި ސައިކަލާއި ޓެކްސީގައި ޕާޓީއަށް އައި ގިނަ ބަޔަކު ހުއްދަ ހޯދައިގެން ނިކުންނަން ފަށައިފިއެވެ. އޭރު ނިމުމަކާއިވެސް ކައިރިވެއްޖެއެވެ. އާރިންގެ ފަހަތުން ކަހަލަ ގޮތަކަށް، ޝަހީމު ޑްރައިވަރުންގެ ދެމީހަކުވެސް ލުޖައިން ހޯދުމަށްޓަކައި ފޮނުވިއެވެ. ތިއާވެސް އެއްފަހަރު އީތަންއަށް ގުޅިއްޔާ އަނެއްފަހަރު ލުޖައިންގެ ފޯނަށް ގުޅައިލައެވެ. އިރުކޮޅަކުން ޒަކްވާން ނިކުމެގެން ދާން ފެށުމުން ޝަކީބާއަށް ވިސްނުނެވެ. އެކަމަކު ވަގުތުގެ ނާޒުކް ކަމާއި ހުރެ އޭނާ މިފަހަރު ޒަކްވާން ހުއްޓުވާކަށް ނޫޅުނެވެ. އަނެއްކޮޅުން ލުޖައިން އަކީ އެކަނި ހުރި އެންމެ ފުރާނަ އެކެވެ. ދުލުން ފާޅު ނުކުރިއަސް ޝަކީބާގެ ހިތް އޮތީ އެވަގުތު ލުޖައިންއަށް ޓަކައި ނުހަނު ކަންބޮޑު ވެފައެވެ. އަމިއްލަ ދަރިއެއް ފަދައިން ގެންގުޅެފައި ގެއިން ނެރެލިއަސް ހިތުގެ ކަނެއްގައި އަދިވެސް ލުޖައިންއަށް ޓަކައި އަޅާލުން ވެއެވެ.
ޒަކްވާން ކާރު ދުއްވާލައިފައި ގޮސް މަގުގެ އެއްފަރާތެއްގައި ޕާކް ކޮށްލިއެވެ. އުޑުމަތީގައި ފައްކާވަމުން ދިޔަ ވިލާގަނޑު ވެސް ފުރިހަމަވެ ގަދަ ވަޔާއެކު އައި އެތައް ހާސް ވާރޭތިކިތައް ކާރު މައްޗަށް އޮހިގަތެވެ. ނޭނގުމުގެ ތެރޭގައި އެދެލޮލަށް ޖަމާވި އެތައް ބައިވަރު ކަރުނަ ތިކިތައް ފަދައިންނެވެ. ޒަކްވާން ފުސްވަމުން ދިޔަ ބިއްލޫރި ގަނޑަށް ބަލަން އިނދެފައި ހުންގާނުގައި ބޯ އަޅައިލިއެވެ. އޭނާގެ ސިކުނޑި ވަނީ ހިޔާލު ތަކުން ފުނިޖެހިފައެވެ. ރަނގަޅު ގޮތަކީ ކޮބައި ކަމެއް ނޫނީ ގޯސް ގޮތަކީ ކޮބައިކަމެއް ނިންމާކަށް ނޭނގުނެވެ. ލޯބިވެރިޔާ އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލައިގެން އުމުރު ދުވަހު ކަރުނަ އަޅަން ހުންނަން ވީ ހެއްޔެވެ؟ ނޫނީ ހަޔާތުގައި އެންމެ ފަހަރަކު އަމިއްލަ އެދުން އިސްކޮށްފައި ލޯބި ހާސިލް ކުރަންވީއެވެ. ލޯބިދީގެން ލުޖައިންގެ ހިތް ފަތަޚަ ކުރެވިދާނެއެވެ. ދެން އުފެދޭ ސުވާލަކީ އާރިންއަށް ވާނެ ގޮތެކެވެ. އެއްބަފާ ކޮއްކޮއަށް އެވަރުގެ ކެއްސެއް ދޭން ޒަމީރު އެއްބަސް ވެދާނެ ހެއްޔެވެ؟ "ކޮއްކޮ"ގެ ނަން ޒަކްވާންގެ ހިތުތެރޭގައި ގުގުމައިލުމުން ސިކުނޑިއަށް ވާންވެގެން ދިޔައީ އަދި މިހެންނަކުން ނޫނެވެ. އެންމެފަހު ވަގުތު އާރިންވެސް އެއީ އޭނާގެ ކޮއްކޮއަށް ވާން ވެއްޖެ ހެއްޔެވެ؟ ޒަކްވާންގެ ޝަކުވާ މިފަހަރު ގުޅުވައިލީ ތަޤްދީރާއެވެ. ހިތުގައި އާރިން އާއިމެދު ކިތަންމެ ވަރެއްގެ ގިލަންވެރިކަމެއް ވިއަސް އެދެމެދުގައި ލޭގެ ގުޅުން އޮތްކަން އެނގުނު ހިސާބުން ވިސްނުމަށް ހިސާބެއްގެ ބަދަލު ތަކެއް އަތުވެއްޖެއެވެ. އެކަން ޚުދު ޒަކްވާންއަށް ވެސް ގަބޫލު ކުރެވުނެވެ.
ހިމޭން ކަމާއެކު ވާރޭގެ އަޑު އަހަން އޮވެލާފައި ޒަކްވާން އިރުކޮޅަކުން ތެދުވެއްޖެއެވެ. ފްރޮންޓް ވައިޕަރގެ މަސައްކަތް ފެށުމުން ބިއްލޫރި ގަނޑުގައި އައިސް ޖެހުނު ހުރިހާ ފެންތިކިތައް ދެފަރާތަށް އުދުއްސަމުން ދިޔަ ގޮތަށް ލޮލުން ވެއްޓުނު ކަރުނަ ތިކިވެސް ނެތިކޮށްލިއެވެ. ޒަކްވާން ކާރު ދުއްވައިލާފައި ގޮސް ގޭޓުން ވަނެވެ. ދޮރު ހުޅުވާލާފައި ނިކުމެ މޫނު ނިވާވާ ގޮތަށް ތަންކޮޅެއް މަތީގައި އަތްތިލަ ބަހައްޓައިގެން ދުވެގޮސް ގެއަށް ވަންއިރުވެސް ފުދޭވަރަކަށް ތެމިއްޖެއެވެ. ޒަކްވާން ކޯޓުގެ ޖީބުގައި އިން ހުދު ރުމާ ނަގައި މޫނު ފުހެލައިފައި އިސްތަށިގަނޑުންވެސް ފެން ފޮޅައިލިއެވެ. ލިފްޓުން ނިކުމެގެން ހަލުވި ފިޔަވަޅު ތަކެއްގައި އެޕާޓްމަންޓަށް ވަދެގެން ގޮސް ކޮޓަރި ދޮރު ހުޅުވަމުން އަދި އެއްފަހަރު ވަށައިގެން ހޯދައިލެވުނެވެ.
އެނދުގައި ބޯ އަޅައިލައިގެން ޓައިލްސް މަތީގައި އިނދެފައި ދޮރު ހުޅުވުނު އަޑަށް ލުޖައިން ފުންމައިގެން ތެދުވިއެވެ. އެންމެ ބަލައިލުމަކުން ތެމިފައިވާ އެދިގު އެސްފިޔަތައް ޒަކްވާންއަށް ފާހަގަވިއެވެ. ޒަކްވާން ބަހަކުން ބަހެއް ނުބުނެ ގޮސް އަލަމާރި ހުޅުވާލައިފައި ލުޖައިންގެ އަތްދަބަހާއި މޯބައިލް ނަގައިގެން އައިސް އަތުގައި ހިފައިލިއެވެ. "ހަމަ އެންމެ ފަހަރަކު އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ ޒަކްވާން!" ލުޖައިން ވާހަކަ ދައްކަން ފެށިނަމަވެސް ޒަކްވާއަށް އެއެއްޗެއް ނުބުނެ ހިނގައިގަތީ ދޮރާއި ދިމާއަށެވެ. "އައި ނޯ ޔޫ ޒަކްވާން. ވަރަށް ރަނގަޅަށް އެނގޭ. އެހެންވެ މިބުނަނީ މިވަގުތު ޒަކްވާންގެ ހިތަށް ކުރާނެ އަސަރު އަހަންނަށް ރަނގަޅަށް އިހްސާސް ކުރެވޭ. އެން އައި ޑޯންޓް ބްލޭމް ޔޫ. މިފަދަ ސިޓުއޭޝަން އެއްގައި ކޮންމެ މީހަކަށްވެސް ގަސްތަކާއި ނުލައި ކަންތައްތަކެއް ކުރެވިދާނެ. މީވެސް އެފަދަ އަމަލެއް. އަހަންނަށް އިނގޭ ޒަކްވާން އަހަރެންނަށް ދެރައެއް ނުދޭނެކަން. ރިމެމްބަރ ވެން ޔޫ ސެޑް.. އަހަރެންގެ އުފަލަކީ ޒަކްވާންގެ ވެސް އުފަލޭ؟ ޒަކްވާން ޔޫ މޭޑްމީ ފީލް ލައިކް އައިމް ވޯތީ ސަމް ހައު. ދެން މިއަދު ކޮންމެ އެއްޗެއް ކިޔަސް އަހަރެން އެދުވަސް ހަނދާނެއް ނުނެތޭނެ." ލުޖައިންގެ ވާހަކަ އެހިސާބަށް ދިޔައިރު ލިފްޓްގެ ދޮރު ހުޅުވުނީއެވެ. ކާރާއި ހަމައަށް ދިއުމަށްޓަކައި ކަޑައްތު ކުރަން ޖެހުނު ކުޑަ ތަންކޮޅުގައިވެސް ވާރޭގެ ހަމަލާތަކުން ސަލާމަތެއް ނުވެވުނެވެ.
ޒަކްވާން ކާރަށް އަރާފައި ޓިޝޫ ފޮށި ދިއްކޮށްލި ވަގުތު ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ލުޖައިންގެ ދޮން މޫނުގައި ހަރުލާފައިވާ ފެންތިކިތައް އެއީ ހުދު އޯކިޑް މަލެއްގައި ހަރުލައިފައިވާ ޝަބްނަމް ތިކިތަކެއް ފަދައިން ސިފަވިއެވެ. ހާއްސަކޮށް އެރަން ތުންފަތް ތެންމާލައިފައި ތިރިއަށް ފިރުކެމުން ދިޔަ ފެންތިކިތައް ފުހެލައިދޭ ހިތް ޒަކްވާން ވިއެވެ. ލުޖައިންއަށް އެބެލުން ފާހަގަ ވެގެން އަވަހަށް ޓިޝޫއެއް ދަމައިގެންފައި އަނެއްފަރާތަށް އެނބުރިގެން މޫނު ހިއްކަން ފެށިއެވެ. ޒަކްވާން ކާރު ދުއްވައިލާފައި މަގުމައްޗަށް ބަލަން އިނދެވެސް ލުޖައިންގެ މޫނަށް ސިއްރުން ކަޅި އުކިއެވެ. "ކޮންތާކަށް އަހަރެން ތިގެންދަނީ؟" އެދެމެދަށް ވެރިވެފައިވާ ހިމޭންކަން މުގުރައިލީ ލުޖައިންގެ އަޑެވެ. ލުޖައިން ފުސްވެފައިވާ ބިއްލޫރިގަނޑުގައި އަތްތިލަ ތަތްކޮށްލައިގެން މަތިން ތިރިއަށް ފިރުކެމުން ދިޔަ ފެންތިކިތަކަށް ބަލަމުން ދިޔައެވެ. "ގެއަށް." ޒަކްވާންގެ އަޑުވެސް ހުރީ ހިސާބަކަށް ބަރުވެލައިފައެވެ. ލުޖައިންއަށް އެކަން ފާހަގަވެގެން އެނބުރިފައި ބަލައިލެވުނެވެ. "ވެދިޔަ ކަންތަކާއި މެދު ޒަކްވާން ހަމަ އެއްވެސް އެއްޗެއް ނުބުނާނަންތަ؟ އަހަރެން އާރިން ކައިރީ ބުނާނީ ކީކޭ؟ ގޭ މީހުން ކައިރީ ބުނާނީ ކީކޭ؟" ލުޖައިން ކަންބޮޑުވެފައި އަހައިލިއެވެ. "ވެލް... އިޓްސް އަ މޯމެންޓް އޮފް މޭޑްނެސް.. އޯ.. މޯމެންޓް އޮފް ސެލްފިޝްނެސް... އެން އައެމް ސޮރީ. ދެން އެހެނެއް ނުވާނެ." ޒަކްވާން އިރުގަނޑެއް ވާން ދެން ހިމޭނުން އިނދެފައި ބުނެލައިފިއެވެ. އެކަމަކު އެހެން މީހުންނަށް ދޭންވީ ޖަވާބެއް ނުބުންޏެވެ.
"ދެޓްސް އޯލް؟" ލުޖައިންއަށް އަހައިލެވުނެވެ. އޭނާ ދެލޯ ބޮޑުކޮށްގެން ބަލަން އިންދައި ޒަކްވާން ހަމައެކަނި ބޯ ޖަހައިލިއެވެ. "އޯކޭ." ލުޖައިން އަނެއްކާވެސް ލޯގަނޑާއި ދިމާއަށް އެބުރުނެވެ. އިރުކޮޅަކުން ފޯން ނަގާފައި ގެއަށް ދާ ވާހަކަ އާރިންއަށް އަންގައިލީ މެސެޖް އަކުންނެވެ. "ޔޫ އޯލްރައިޓް؟" ހަމަ އެވަގުތު އާރިންގެ މެސެޖެއް ލިބުނެވެ. "އައެމް އޯކޭ." ލުޖައިން ޖަވާބު ފޮނުވާފައި ގޭ މީހުން ކައިރީ ބުނާނެ އެއްޗަކާއި މެދު ހިޔާލު ކުރަން ފެށިއެވެ.
ސްޓޭޖް ކޮޅާއި ހަމައިން އެންމެން ލުޖައިން އާއި ސުވާލު ކުރިމަތި ކުރިއެވެ. އޭރު އަދި އާރިން ވީ އައުމުގެ މަގުމަތީއެވެ. ލުޖައިންގެ ފަހަތުން ޒަކްވާން ވަދެގެން އަންނާތީ ފެނުމުން ޝަކީބާއަށް ނުހުރެވިގެން އައިސް އެންމެންނަށްވުރެ ކުރިއަށް ޖެހިލާފައި ލުޖައިން އަތުގައި ހިފާ ތަޅުވައިގެންފައި އައީ ކޮންތާކުންތޯ އެހިއެވެ. "ވީގޮތް ތެދަށް ބުނޭ!" ޝަކީބާގެ ދެލޮލުން ލުޖައިންއަށް ނުތަނަވަސްކަން ފެނުނެވެ. "ޒަކްވާންގެ ކަމެއްތަ މީ؟" ޒަކްވާން އައިސް އެންމެން ކައިރިއަށް ހުއްޓުމުން ޒަކްވާން އާއި ދިމާއަށް ގޮސް ހުއްޓިފައި ޝަކީބާ ސުވާލު ކޮށްފިއެވެ. "ހީ ފައުންޑް މީ." ލުޖައިން ޒަކްވާންއަށް ވުރެ އަވަހަށް ޖަވާބު ދިނެވެ. އެޖަވާބު އަހާފައި ޒަކްވާން ވެސް ބަލައިލީ ހައިރާންކަމުގެ ލޮލަކުންނެވެ.
"ހޯލުން ބޭރަށް ނިކުތްތަނާ ރަށު ކުއްޖަކާއި ދިމާވެގެން އޭނާ ކުރު ނުކޮށްގެން ގޮސްލައިފަ މިއައީ. މާފުކުރޭ އަހަރެންގެ ފޯން ސައިލެންޓަށް ލެވިފަ އޮތީމަ އެކަކު ގުޅިކަމެއްވެސް ނޭނގުނީ. ދެން އަންނަނި ކޮށް ޒަކްވާން އާއި ދިމާވީ މަގުމަތިން." ލުޖައިން ކުރިއްސުރެ ތައްޔާރު ވެގެން ހުރުމުން ދާދި ފަސޭހައިން އޮޅުވައިލިއެވެ. އެހިސާބުން އެންމެންގެ ހާސްކަން ނެތި ނުރުހުމުގެ ބަސްތައް ލުޖައިންއަށް އަމާޒުވިއެވެ. ލުޖައިން ހިމޭން ކަމާއިއެކު އަޑު އަހަން ހުރެފައި ކޮޓަރިއަށް ވަންނަން ދަނިކޮށް ތިއާ ގޮސް އެއްވަރު ކޮށްފައި އީތަންގެ ވާހަކަ ބުންޏެވެ. "އަހަންނަށް އީތަން ފެނުނީ އެންމެ ފަހަރަކު. ނިކަން ވަރަކަށް އަތުކުރީ އޮތް ގަޑިއަށް ބެލިކަން ފާހަގަވި އެވަގުތު ކޮޅުވެސް. ހީވީ ތަނަކަށް ދާންވެގެން އުޅުނުހެން." ލުޖައިން ހަނދާން ކޮށްފައި ކިޔައިދިނެވެ. މެހުމާނުންތައް އޭރު ހުސްވުމަކަށް އަތުވެއްޖެއެވެ. ނާހިދާ ޒޯއި ގޮވައިގެން ކޮޓަރިއަށް ދާން ހިނގައިގަތްތަން ފެނިގެން ތިއާ ގޮސް އަމިއްލައަށް ހަވާލު ވެއްޖެއެވެ. ސީދާ ޖަވާބެއް ނުލިބުނަސް ކުޑަ ނަމަވެސް މައުލޫމާތެއް ދެވޭނެ ފަރާތަކަށް ހުރީ ހަމައެކަނި ޒޯއީ އެވެ.
ފަހަތުގައި ރީމް ހުރުމުން ދެބެން ހަރުފަތްތައް ގިރާކޮށްލައިފައި ދިޔައީ އަނގައިން ބުނުމަކާއި ނުލައެވެ. ކޮޓަރީގެ ދޮރު ހުޅުވައިލާފައި ތިންކުދިންވެސް ސިހުނެވެ. އެތަނަވަސް ކޮޓަރީގައި ދޫލައެއްހެން ފެތުރިފައިވާ ރަތް ފިނިފެންމާ ފިޔަތަކަށް ސްޓޭންޑްތަކުގައި ދިއްލާފައިވާ އެތައް ބައިވަރު އުއްބައްތިއެއްގެ އޮރެންޖް އަލި އެޅިފައި ހުންނައިރު ބަޔާންކޮށްދޭން ނޭނގޭހާ ފުރިހަމައެވެ. ތިން ކުދީން އެތެރެއަށް ވަދެގެން ދިޔައިރު އެންމެ ފުރަތަމައަށް ހުރި ރަތް ސޯފާ ސެޓުގެ މެދުގައި ކުޑަ މޭޒުމަތީ ބިއްލޫރި ބޯތައްޓަކަށް ފެންއަޅާ ފުރާފައި މަތީ އަތުރާފައިވާ އެތައް ބައިވަރު ހުދު ލިލީ މާތަކެއް ހުއްޓެވެ. އެމޭޒުގައިވެސް ހުސްތަންކޮޅެއް ނެތި ފިނިފެންމާ ފިޔަ އަޅާފައި އަދި ރަތް ކުލައިގެ އުއްބައްތި ތައްވެސް ދިއްލާފައި ހުއްޓެވެ. ޖެހިގެން ހުރި، އެނދުގެ ބެޑްޝީޓާއި ސަނދުވާއަށް ދާންދެން ހުސް ހުދު ކުލަ ބޭނުން ކޮށްފައި ރަތް ފިނިފެންމަލުގެ ހާރުތައް ވަށައިގެން މަތިން ތިރިއަށް އެލުވާފައި ހުރުމުން އިންޑިއަން ވައްތަރެއްވެސް ޖެހިއެވެ.
ތިއާ އާޝާހުވެފައި ހުރެގެން ވަށައިގެން ލޯ ހިންގަމުން ޒޯއީ ގެންގޮސް އެނދުގައި ބައިންދާފައި ރީމް ފޮނުވައިލާނެ ގޮތަކާއިމެދު ވިސްނައިލަން އުޅެނިކޮށް ސައިޑް ޓޭބަލް މަތީ ހުރި އުއްބައްތި ތަކުތެރޭގައި ކުޅުބިސް ބުރަށް ހުރި ނިކަން ރީތި ބޯތައްޓެއްގެ ތެރޭގައި މަތިމައްޗަށް އެތައް ބައިވަރު ވައްތަރެއްގެ ޗޮކްލެޓާއި އަދި ވަށްކޮށް ހުރި ކުޑަ ތައްޓެއްގައި ހަރިބޯ ޕީޗަސް އާއި ކޭންޑީސް އަދި އެފާޑުގެ އެއްޗެހި ހުއްޓާ ފެނިގެން ދަހިވިއެވެ. ތިއާ ޕީޗްކޮޅެއް ނަގާފައި ހަފައިލިތަނާ ބޭރުން ކޮންމެވެސް މީހަކު ރީމްއަށް ގޮވައިލި އަޑަށް އުފަލުން ނަށައި ނުގަނެވުނީ ކިރިޔާއެވެ. "ފައިނަލީ..." ތިއާއަށް ބުނެވުނެވެ. ޒޯއީ އިސް އުފުލައިލާފައި ފާޑަކަށް ކަޅި އަޅައިލުމުން ތިއާ ކަމަކަށް ނުހަދައި ކޭންޑީއެއް ނަގައިގެން ކާލިއެވެ.
"ދެން ބުނޭ އީތަން ދިޔަތަން." ތިއާ ސީދާ މައުޟޫއަށް ދިޔައެވެ. "ހީޒް ގޯން." ޒޯއީގެ އަޑުގައި މާބޮޑު ޖޯޝެއް ނެތެވެ. ތިބުނީ؟" ތިއާ ސިއްސައިގެން ގޮއްސައި ދެލޯވެސް ބޮޑުކޮށްލިއެވެ. "ކައިވެނި ނުހުއްޓުވޭނެކަން އެނގުނީމަ އަހަރެން ގުޅަން ބޭނުންވީ އީތަންއަށް. ނަސީބަކުން އެންމެން އަހަރެން އެކަނިކޮށްލާފަ ހިނގައްޖެ. ދެން އަހަރެން ގުޅާފަ އީތަންއަށް ދިނީ ދެ ޗޮއިސްއެއް. ފަސްޓް މިކައިވެނި ހުއްޓުވާފަ އަހަރެންގެ މީހަކަށް ވާން. ސެކަންޑް އަހަރެންމެން އެންމެންނާއި ދުރަށް ދާން. އެހެންނޫނީ ތިދެމީހުންގެ ޕްރައިވެޓް މޯމެންޓްތައް މުޅި ދުނިޔެއަށް ލީކްކޮށްލާނެ ކަމަށް." ޒޯއީ ޖަވާބު ދީފައި އިސް އުފުލައިލި އިރު ނުލެވިގެން އުޅެނިކޮށް ތިއާ ދޮރާއި ދިމާއަށް ދުއްވައިގެންފިއެވެ. "ދެން އަތެއް ނުވާނެ ތިއާ. މިހާރު އީތަން އިންނާނީ ފްލައިޓްގައި." އެނާޒުކް ވަގުތު ކޮޅުވެސް ޒޯއީގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނާކާމިޔާބު ތެރޭގައިވެސް އޭނާއަށް ކާމިޔާބު ވެއްޖެއެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ލުޖައިން އެނބުރި ބަލައިލިއެވެ. ލުޖައިން އަތުގައި ހުރި ތަނޑިތައް ޑްރެސިން ޓޭބަލް މަތީ ބަހައްޓާފައި ދޮރުމަތީ ހުއްޓި ހުރި އާރިންއަށް ހިނިތުންވެލިއެވެ. "ލޫލޫ ކޮންތާކަށް ދިޔައީ. އިނގޭތަ އަހަރެން ބިރުގެންވަރު؟" އާރިން ބާރު ބާރަށް އައިސް ކައިރިއަށް ހުއްޓިފައި ވާހަކަ ދެއްކި ގޮތުން ލުޖައިންއަށް އެނގުނީ ބޭރުން ޚަބަރު އެނގިގެން އައިސް ހުރި ކަމެވެ. އެހެންވެ ވާހަކަ ބައްދަލު ކޮށްލާކަށް އޭނާ ހިޔާލެއްވެސް ނުކުރެއެވެ. ހަޤީޤަތް ކިޔައިދީގެން ގޯސްވާނީ މަސްލަހަތެވެ. "ސޮރީ އާރީ. އެކަމަކު ލަތް ދޫ ނުކޮށްގެން ދެވުނީއޭ." ލުޖައިންގެ ޖަވާބު އަހާފައި އާރިންގެ މޫނަށް ތަފާތު ކުލައެއް އަރައިގެން ދިޔައެވެ. ލުޖައިން ހޯދަންވެގެން އޭނާ ދުއްވި ދުއްވުމުގައި ހައުލަތް ފެނިގެން ލުޖައިންގެ ޚަބަރު އަހާފައި ސަލާމް ބުނާށޭ ބުނީ އެންމެ ފަހުވަގުތު އޭނާ ގެއާއި ދިމާއަށް އަންނަނިކޮށެވެ. ލުޖައިން އޭނާއަށް ދޮގު ހަދަނީ ކީއްވެ ހެއްޔެވެ؟
"ކީއްވެ އެއްޗެކޭ ނުބުނީ؟ މާފެއް ނުކުރާނަންތަ؟" ލުޖައިން ތުންކޮޅު އޫކޮށްލައިފައި އާރިންގެ މޭގައި މަޑުމަޑުން ޖަހައިލައިފިއެވެ. އެބަ އަންނަމޭ ބުނެފައި އާރިން ނިކުމެގެން ގޮސް ރަފާލް ކައިރިން އަހައިގެން އިތުރަށް ތަހުޤީޤު ކުރިއެވެ. ލުޖައިން އެނބުރި އައީ ޒަކްވާން އާއި ކަން އެނގުނު ވަގުތު ދެއަތް މުށްކަވައި ލެވުނެވެ.
ތިއާ ނިކުތް އިރު ޝަކީބާމެން ގެއަށް ދާންވެގެން އޭނާ ހޯދަނީއެވެ. ތިއާ ގޮސް ކާރަށް އަރާފައި ޑްރައިވަރު ކައިރީވެސް ބާރަށް ދުއްވަން ބުނެލެވުނެވެ. "ކިހިނެތްވީ ތިއާ؟ މާބޮޑަށް ނިދި އައީތަ؟" ޝަކީބާ އެނބުރިފައި ބުނެލިއެވެ. ތިއާ ހޫމް އަޅުވައިލާފައި ބަލަން ފެށީ ވެހެމުން ދިޔަ ވާރެއަށެވެ. އަދިވެސް ހުއްޓާކަށް ނޫޅެއެވެ. ދަންވި ދަންވިހެން ތޫފާން ގަދަވާ ކަހަލައެވެ. ހިތް ތެޅޭވަރުންވެސް ހީވަނީ އެހެން ކަމެއް ހެންނެވެ. އީތަން އޭނާ ދޫކޮށްލާފައި ހިނގައި ދާނެ ބާވައެވެ؟ އީތަން ހަމަ އެހާ ފިނޑި ހެއްޔެވެ؟ ހައްލު ކުރާނެ ގޮތް ނުހޯދައި ފިލަން ދުވީ ހެއްޔެވެ؟ ދެމީހުން އެކަތި ގަނޑަކަށް ވެގެން އުޅެންވީ ވަގުތު ވަކިވީއެވެ. އެހިޔާލު ތަކުން ތިއާއަށް އަމިއްލަ ނަފްސް ދެކެވެސް ރުޅި އާދެވުނެވެ. ޒޯއީ އިންޒާރު ދިން ދުވަހުން ފެށިގެން އީތަން ދުރުކޮށްލީ އޭނާއެވެ. އެހެން އެއްކަމަކަށްވުރެ ބޮޑަށް އަމިއްލަ ޤަދަރާއި އިއްޒަތް ހިމާޔަތް ކުރަން ބޭނުން ކަން އީތަން ކައިރީ ފާޅުކޮށްލީ އެދެމެދުގައި އޮތް ލޯއްބަކީ އެއީ އެއްވެސް އެއްޗެއްކަމުގައި ފާހަގަ ނުކޮށެވެ. ވީއިރު އީތަން ވަކި ކަންތައް ކުރާނީ ހެއްޔެވެ؟ ކުށްވެރިއަކީ އޭނާއެވެ. އީތަން މިއަދު އެވަރުގެ ނިންމުމެއް ނިންމީ ހަމަ އޭނާގެ ސަބަބުންނެވެ. ތިއާގެ ލޮލުން ކަރުނަ އަންނަން ފެށުމުން ކައިރީގައި އިން ޒާހިދުއަށް ނޭނގޭނެހެން ޓިޝޫއެއް ނަގާފައި ސިއްރު ސިއްރުން ފުހެލިއެވެ.
ކާރު މަޑު ކުރިއިރަށް ތިއާ އެންމެންނަށް ވުރެ ކުރިން ދުއްވައިގެންފައި ގޮސް އީތަންގެ ކޮޓަރިއަށް ވަދެއްޖެއެވެ. ޒޯއީ ބުނީ ތެދެކެވެ. ކޮޓަރީގައި އީތަންގެ އެކައްޗެއްވެސް ނެތެވެ. ތިއާ ހުސް އަލަމާރި ހުޅުވައިގެން ހުރެފައި ބާރު ބާރަށް ރޮއި ގަނެވުނެވެ. އިރުކޮޅަކުން ޝަކީބާ އަންނަ އަޑު އިވިގެން ލޯ ފުހެލައިފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ޑްރެސިންޓޭބަލް މަތީ ފަތްޖަހާފައި އޮތް ނޯޓް ފެނުނީ އެވަގުތުއެވެ. ތިއާ އަވަސް އަވަހަށް ކައިރިވެލާފައި އެކަރުދާސްގަނޑު ނިއުޅައިގެން ބަލައިލިއިރު "އައެމް ސޮރީ." މިހެން ލިޔެފައި އޮތެވެ. ތިއާގެ ވަށައިގެން ދުނިޔެ އެނބުރިގަތް ކަހަލައެވެ. ދެއަތުން ބޮލުގައި ހިފަހައްޓާފައި އިސްތަށިތަކަށް ވާން ވާންދެން ދަމައި ތަދުކޮށްލެވުނެވެ. އިރުކޮޅަކުން އަނެއްކާވެސް ދެލޯ ފުރިގެން އައީ ތާޒާ ކަރުނަ ތަކެވެ. އެނދަށް ވެއްޓި ގަނެގެން ރޯން އޮތްވައި ޝަކީބާ ޓަކި ޖަހައިލިއެވެ.
ތިއާ ޝަކީބާއަށް އެނގިދާނެތީ ބޮކީގެ އަލި އެންމެ ފަނޑު ކޮށްލައިފައި ގޮސް ހުޅުވައިލިއެވެ. "މީ ޒޯއީ މިރޭ ދިން އެއްޗެއް. ބުނި ވީ އެންމެ އަވަހަކަށް ހަވާލު ކުރާށޭ. ކާރުގައި އިން ގަޑީ މަންމަ ހަނދާން ނެތުނީ." ޝަކީބާ ދިއްކޮށްލީ ކެމެރާއެއްގެ މެމޯރީ ކާޑެކެވެ. ތިއާ ކާޑު ހިފައިގެން ވަދެފައި ލެޕްޓޮޕް ނަގައި އެނދުމަތީ ބައިންދައިލިއެވެ. ސައިޑް ޓޭބަލް އިން ނެގި ކާޑް ރީޑަރއަކަށް މެމޯރީ ކާޑު ލައްވާފައި ލެޕްޓޮޕަށް ޖަހައިގެން ބެލިއިރު އެއީ އެފޮޓޯތަކެވެ. ރިސޯޓަށް ދިޔަ ރޭ އެދެމެދުގައި ހިނގާދިޔަ ހުރިހާ ކަމެއްގެ ފޮޓޯ އާއި ވީޑިއޯވެސް ހުއްޓެވެ. ތިއާ ރޮމުން ރޮމުން ސްކްރީނުގައި ބޮސްދީފައި ބާލީހުގައި ދަތްދޮޅި ހަރާލައިގެން އޮވެ އެތައް ފަހަރަކު ތަކުރާރުކޮށް އެ ފޮޓޯތަކާއި ވީޑިއޯ ބެލިއެވެ. ނިދުނީވެސް އެހެން އޮތްވައެވެ.
"އާރިން!" އާރިން ކޮޓަރިއަށް ވަންނަން ދަނިކޮށް ނާހިދާ ގޮވައިލި އަޑު އިވުނެވެ. "ނޫން މަންމާ. މިހާރަކު ނޫން." އާރިން ހުއްޓިވެސް ނުލައި ގޮސް ކޮޓަރިއަށް ވަދެފައި ދޮރު ޖަހައިލުމުން ނާހިދާ ހިތަށް އަސަރު ކުރިއެވެ. އެކަމަކު ޒާހިދުގެ ވާހަކަ ހަނދާންވެފައި އޭނާ ހަމަޖެހިލައިފިއެވެ. ވަގުތާއިއެކު ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއެވެ. އަދި އާރިން ވެސް ފިނި ހިތަކުން އެކަމާއި ވިސްނާނެއެވެ.
ޒޯއީ ހާސްވެފައި ދެކޮޅަށް ހިނގަން ހުއްޓައި ކޮޓަރީގެ ދޮރު ހުޅުވާފައި ރަފާލް ވަދެއްޖެއެވެ. ޒޯއީއަށް ހިންދިރުވައި ލެވުނެވެ. އޭސީ ނިއްވާލައިފައި ހުއްޓާވެސް މުޅި ކުއްޖާ ފިނިވެގެން ގަނޑުފެން ކޮޅަކަށް ވިއެވެ. ރަފާލްގެ އަތްދަށުން ސަލާމަތްވާން އޭނާ ހަދާނީވެސް ކިހިނެތް ހެއްޔެވެ؟ ޒޯއީ އެހުރިހާ އިރު ދެކޮޅަށް ހިނގަމުން ސިކުނޑިއަށް އެވަރަށް ބާރުލީމައިވެސް މިރޭ ހަމަ މޮޅު ރޭވުމެއް ސިކުނޑިއަކަށް ނުވަނެވެ. "ގޯޖަސް. އެބްސޮލިއުޓްލީ ސްޓަނިން." ރަފާލް ދިގު ފިޔަވަޅު ތަކެއްގައި އައިސް ޒޯއީގެ ކުރިމައްޗަށް ހުއްޓިފައި ފުރަތަމަވެސް ތައުރީފް ކޮށްލިއެވެ. އުއްބައްތި އަލީގައި ޒޯއީ އަދި ކުރިއަށް ވުރެވެސް އެތައް ގުނައެއް ރީތިކަމަށް ދައްކައެވެ. ބޮޑު ބޮޑު ދެލޮލުގައި ވި ސިހުމާއި ކޯތާފަތަށް އަރަމުންދިޔަ ފިޔާތޮށި ކުލައިން މައުސޫމުކަން ކުޑަކުއްޖަކަށް ދޫ ނުކުރެއެވެ. ޒޯއީ މިރޭ އަދި އަލަށް މަންމަން ވެއްޖެއެވެ. ވާހަކަ ދައްކަން އުޅެ މިނޫނީ އޭނާގެ އަޑު ކެހިދިން ދުވަހެއް ނާދެއެވެ. އެއަޑު ކަރުތެރޭން ނިކުންނަންވެސް ދެކޮޅު ހެދީއެވެ. އޭނާ ހަނު ހުރެއްޖެނަމަ ރަފާލްއަށް އެދެވެނީ ނުބައި މެސެޖެއްކަން އެނގޭއިރުވެސް އިތުރު ގޮތެއް ނެތެވެ.
"ބޭބީ އައި ހޭވް ލޮޓް ޓު ޓޯކް. ކޮމްޕްލީޓް ސްޓްރޭންޖަރސް ގޮތުގައި ތިބެގެން މެރީ ކުރީމަ ބުނަން ޖެހޭ އެތައް ވާހަކައެއް ހުންނާނެ ދޯ. އެކަމަކު މިގަޑީގައި އައި ކޭންޓު ޑޫ އެނީ ޓޯކިން.." ރަފާލް ދެތިން ޖުމްލައެއް ބުނެލާފައި ކެތްމަދުވެފައިވާ މީހަކު ފަދައިން ޒޯއީ ގެނެސް ކައިރިކޮށްލާފައި އެރަތް ތުންފަތުގައި ބޮސްދިނެވެ.