އާރިން ކާރު މަޑުކޮށްލި އިރު ލުޖައިން އިނީ އިންބޮކްސްގައި ހުރި މެސެޖްތައް ޑިލީޓް ކުރާށެވެ. ބުރެކި ޖައްސައިލުމުން ލުޖައިން ސިހޭގޮތްވެފައި ބަލައިލި އިރު އާރިން އިނީ ބަލަހައްޓައި ގެންނެވެ. އެމޫނުން ތަފާތު ކަމެއް ފާހަގަވާން ހުރުމުން ވީ ކީއްތޯ ލުޖައިންއަށް އަހައިލެވިއްޖެއެވެ. ކާރު ޝަކީބާގެ އާއިލާ އުޅޭ އިމާރާތް ކުރިމައްޗަށް ހުއްޓާފައި އޮތްއިރުވެސް ލުޖައިންގެ މޫނުގައި ހާސްކަމެއް ނުވަނީ ބޭރު ބަލައި ނުލައި އިނީމައެވެ.
"ލޫލޫ އަހަންނަށް ޓްރަސްޓް ކުރަންތަ؟" އާރިން ކަނާއަތް އުފުލައިލައިފައި ލުޖައިންގެ ކޯތާފަތުގައި ހިފަހައްޓައިލީ ހަތަރު ކަޅި ހަމަކޮށްލައިފައެވެ. "އޮފްކޯސް އާރީ." ލުޖައިން އުފާވެރި ހިނިތުންވުމަކާއެކު ޖަވާބު ދިން އިރު ބޯމަތިވަމުން އައި ވިލާގަނޑުގެ ބޮޑު މިން ރޭކައިވެސް ނުލައެވެ. "ތެންކިއު ލަވް." އާރިން ހިތްހަމަޖެހުމާއެކު ސީޓް ބެލްޓް ނައްޓައިލައިފައި ފައިބައިގެން ލުޖައިން އިން ފަރާތަށް ޖެހިލައިފިއެވެ. ލޯބިވެރިޔާގެ އަތުގައި ހިފާލައިގެން ކާރުން ފައިބައިފައި ލުޖައިން އަދިވެސް ބަލަން ހުރީ އެމޫނަށެވެ. އާރިން ކަނޑު ނޫ ކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްގައި ނިކަން ހިތްގައިމެވެ. ދެއަތުކުރި ކުދި ރޫތަކާއެކު މުލައްދަނޑި އާއި ހަމައަށް މައްޗަށް ޖައްސާލައިފައި އޮންނަ އިރު ހާމަވެފައިވާ ފިރިހެންވަންތަ ދެއަތް ވެސް ރީތިކަން އިޝްތިހާރު ކުރަނީއެވެ. ލޮލަށް ނޭނގޭވަރުގެ ކުދި ވާރޭ ތިކިތައް މޫނުގައި އައިސް ބީހިލުމުން އެލިބޭ ފޮނި އިހްސާސަށް ވުރެ ލުޖައިންގެ ހިތަށް ހަމަޖެހުން ގެނެސް ދިނީ އާރިން އެއަތުގައި ހިފާލައިގެން އެތެރެއަށް ވަންނަން ދާން ހިނގައި ގަތުމުންނެވެ.
ކުރިއަށް ހިނގައިގަނެފައި އިސްއުފުލައި ލެވުނު ވަގުތު ލުޖައިންގެ މެޔަށް ގަނޑުފެން އެއްޗެއް އަޅައިލިހެން ހީވިއެވެ. ހަތަރެސްފައި ފިނިވެ މުޅިގައިން ހީބިހި ނަގައިގެންފިއެވެ. "މިހާ ކުޑަކޮށް ވާރޭ ވެހޭއިރުވެސް ލޫލޫ ފްރީޒްވަނީތަ؟" އާރިންއަށް އެއަތުގެ ފިނިކަން އިހްސާސް ކުރެވިގެން ލިފްޓަށް އަރާފައި ކޮނޑުގައި އަތް ވަށައިލަމުން ގެނެސް ގައިގައި ޖައްސައިލިއެވެ. އެހަށިގަނޑުގެ ހޫނަށްވެސް މިފަހަރު ލުޖައިންގެ ޖިސްމަށް ވެރިވެފައިވާ ފިނިކަން ކަނޑުވައެއް ނުލެވުނެވެ. އާރިން ބަލައިލި އިރު ލުޖައިންގެ މޫނު ކަފަކޮޅެއް ފަދައިން ހުދުވަމުން ދިޔައެވެ. ފިނިދަލެއް ނިކުމެ އެރީތި ނިއްކުރީގައި މުތީތަކެއްފަދައިން ބަރި ޖަހާލައިފިއެވެ. "ފެއިންޓްވަނީތަ؟" އާރިންގެ މޫނުން ކަންބޮޑުވުން ފެނުނެވެ. އޭނާ ލުޖައިންގެ ކޯތާފަތުގައި މަޑުމަޑުން ޖަހާވެސް ލައިފިއެވެ. "އާރީ ކީއްކުރަން.. އަހަރެން.. ގޮވައިގެން.. މިގެއަށް ތިއައީ؟" ލުޖައިން އަޅައަޅައި ގަނެފައިވެސް ސުވާލު ކޮށްފިއެވެ. "ބައްޕަ ދިން ދައުވަތަކަށް މިއައީ. ހިތަށް އެރީ ލޫލޫ އާއި އަހަރެންގެ ގުޅުން ބައްޕައަށް އަންގަން މީ އެންމެ ރަނގަޅު އޮޕޮޗިއުނިޓީ އަކަށް ވާނެއޭ. ނޫންތަ؟" އާރިން ހުރީ ނިކަން ހަމަޖެހިލައިފައެވެ. ލުޖައިން ގަދަކަމުން ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްފައި ހޫމް އަޅުވައިލި ނަމަވެސް ބިރުވެރިކަން ފަހަރަކަށް ވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.
މޭޒު ދޮށަށް އެންމެން ހަމަވިފަހުން ގޭގެ ބެލް ޖަހައިލި އަޑު އަހާފައި ނޯކަރު އެދިމާއަށް ދިޔައެވެ. ޒާހިދު ނުފަށައި ދެއަތް ގުޅުވައިލައިގެން އިނީތީ ދެން ތިބި މީހުންވެސް އިނީ ނުފެށިފައެވެ. ޒާހިދުގެ މޫނުން މީހަކަށް އިންތިޒާރު ކުރާކަން ޝަކީބާ ފަދައިން ޒަކްވާންވެސް ދެނެގަތެވެ. ތިއާ އެވަގުތުވެސް ފޯނުން އެފްބީއަށް ވަދެ ރަތްޓެހި ކުއްޖަކާއި ޗެޓް ކުރަން އިނުމުން އިތުރުކަމެއް ރޭކައިލާ ގޮތެއް ނުވިއެވެ. އަމީނާގެ ފަހަތުން އާރިން އާއި ލުޖައިން އަތު ގުޅުވާލައިގެން އައިސް ވަން ހިސާބުން ޒަކްވާން އާއި ޝަކީބާ ކޮޅަށް ތެދުވެއްޖެއެވެ. ތިއާ ވީ ގޮތެއް ނޭނގިގެން ތެޅިގެންފައި ތެދުވަން އުޅެނިކޮށް މޯބައިލް ވެއްޓި ގޮސް ޖެހުނީ ލުޖައިންގެ ފައިބުޑަށެވެ. ޒާހިދުގެ މޫނުން އުފާވެރި ކަމާއި އެއްވަރަށް ލުޖައިން ފެނިގެން ހިސާބެއްގެ ހައިރާން ކަމެއްވެސް ފެނިގެން ދިޔައެވެ. ޒަކްވާން އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވިދާނެތީ މުށްކަވައިލެވުނު އަތްތިލަ ކޮށްޕައިލީ ޖިންސްގެ ޖީބަށެވެ. ޝަކީބާގެ ދެބުމަ އުފުލާލައިގެން ހުރެ އެޖޯޑަށް ބަލަމުން ދިޔައެވެ.
"ލޫލޫ. ވަޓް އަ ޕްލެސެންޓް ސަޕްރައިޒް!" ތިއާ ގުދުވެ ފޯން ނަގާފައި އުފާވެރި އަޑަކުން ބުނެލިއެވެ. އެކަމަކު މޭޒާއި ދިމާއަށް އެނބުރުނު ތަނުން އެހިނިތުންވުން ވެސް ފިލައިފިއެވެ. ޒަކްވާން އާއި މަންމަގެ މޫނު ދެކެފައި ތިއާގެ އުފާވެރިކަން މާބޮޑަށް ފާޅުކުރާކަށް ނުކެރުނެވެ. "އަވަހަށް އާދޭ!" ޒާހިދު އެހުރިހާއިރު ބަލަން އިނދެފައި ފުރަތަމަވެސް ބުނެލިއެވެ. ލުޖައިން އިސްއުފުލައިލަންވެސް ނުކެރި ހުރެ އާރިންގެ ހިޔަނިހެން ހިނގައިލާފައި ގޮސް ދެޒުވާނުން ޖެހި ޖެހިގެން ހުރި ދެގޮނޑީގައި އިށީންދެއްޖެއެވެ. ލުޖައިންއަށް އިނދެވުނީ ޒަކްވާން އާއި އާރިންގެ މެދުގައެވެ. "ހުރިހާ ކުދިން އަވަހަށް ފަށަން އުޅޭ!" ޒާހިދުގެ ތުންފަތްމަތީގައި ހިނިތުންވުން ފަނޑުވެގެން ނުދެއެވެ. ހުރިހާ ދަރިން އެއް މޭޒެއްގެ ދޮށުގައި ތިބޭތަން ފެނިގެން އޭނާގެ ހިތަށް ލިބިފައިވަނީ އަދަދު ނުކުރެވޭ ވަރުގެ ބޮޑު އުފަލެކެވެ.
އަމީނާ ދެތަށި ކައިރިކޮށްލަ ދިނުމުން އާރިން ފުރަތަމަވެސް ތައްޓަށް ކާއެއްޗެހި އެޅިއެވެ. އެންމެން ނިމުނު ފަހުން ލުޖައިން އެނޫން ގޮތެއް ނެތިގެން ތަށްޓައް އެއްޗެހި އަޅާފައި ކާން ތައްޔާރު ކޮށްލިތަނާ ސިހިގެންދިޔައެވެ. އުނގުމަތީގައި އޮތް އޭނާގެ ކަނާއަތުގައި ޒަކްވާން ހިފަހައްޓައިލީ ކަށިތައްވެސް މުގުރައިލަން އުޅޭފަދަ ގޮތަކަށެވެ. ލުޖައިންގެ ލޯ ފެންކަޅިވެގެން ދިޔައިރު ހިނދުކޮޅަކަށް ނޭވާވެސް ހިފަހައްޓައިލެވުނެވެ. ލުޖައިން ނޫންކަމަށް ހެދިގެން އިނދެފައި އެއަތް މިނިވަން ކުރަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ޒަކްވާން ނުހަނު ހަމަޖެހިލައިގެން އިނދެ އެހެން އެންމެންނެކޭ އެއްފަދައިން ކެއުން ކުރިއަށް ގެންދަން ފެށިއިރު ނުފެށިފައި އިނީ އޭނާ އެކަންޏެވެ.
"ލޫލޫ. ކީއްވެ ނުފަށައި ތިއިންނަނީ؟ ފަށާބަލަ!" ތިއާއަށް ފާހަގަ ކުރެވިގެން ބުނެލުމުން އެންމެންގެ ނަޒަރު ލުޖައިންގެ މޫނަށް ހުއްޓިއްޖެއެވެ. ލުޖައިން ހީކުރީ އޭނާއަށް ރޮވޭނެ ކަމަށެވެ. އެމޫނު ރަތް ލޭކޮޅަކަށް ވެގެން ދިޔައިރު ލޮލޮތެރޭގައި ގިނަވި ކަރުނަތައް އެސްފިޔަތައް ފުރަގަހުގައި ހިފަހައްޓައި ލެވެނީ ކިރިޔާއެވެ. ބާރުބާރަށް ތުންފަތުގައި ދަތް އަޅައިލެވުމުން ތުންފަތްވެސް ރަތްވިއެވެ. "ބައްޕަ އަދިވެސް ނުބުނަމެއްނު އާރިން މިކެއުމުގައި ބައިވެރިވި ސަބަބެއް." ޒަކްވާން އަވަހަށް އެހެން ދިމާއަކަށް ވާހަކަ އަނބުރާލައިފިއެވެ. މޭޒުގެ ކޮޅުގައި ޒާހިދު އިނދެފައި އެކި މީހުންގެ މޫނަށް ވަކި ވަކިން ނަޒަރެއް ދިނެވެ. ޝަކީބާ ދެދަތްޕިލާ ޖައްސައިގެން އިންއިރުވެސް ދެންމެ ދެންމެ ކުދި ކުދިވެގެން ފައިބަފާނެ ކަހަލައެވެ. އެކަމަކު ކުރެވޭ އެންމެ ކަމަކުން ޒާހިދު އޭނާގެ ސިއްރުތައް ބޭޒާރު ކޮށްލަފާނެތީ ފިޔަޅެއް އެޅޭކަށް ނެތެވެ. ޝަކީބާގެ މުޅި ހަޔާތުގައިވެސް މިވަރަށް މަޖުބޫރުވެފައި އިންނަން ޖެހުނު ދުވަހެއް އައި ކަމެއް ނޭނގެއެވެ. މާޒީގައި ކުރެވޭ ކަންތަކުގެ ނަތީޖާ މިފަދަ ގޮތަކަށް މުސްތަޤްބަލަށް ހިޔަނި އަޅައިފާނެ ކަމަކަށް އޭނާ ވިސްނައިފައެއްނެތެވެ.
"ބައްޕަ މިއަދު އާރިންއަށް ދައުވަތު ދީގެން ގެނައީ ވަރަށް މުހިންމު މަޤްސަދެއްގައި. ޒަކްވާންއަށްވެސް އާރިންއަށްވެސް މިހާރު އެނގޭނެ ކީއްވެކަން. އެކަމަކު ތިއާއަށް މީ އަދި ހަމަ އާ ޚަބަރެއް." ޒާހިދުގެ ވާހަކަ އަހައިފައި ތިއާ ލޯ ބޮޑުކޮށްލިއެވެ. ކެއުން މެދުކަނޑާލައިފައި ތިއާ ދެއުޅަބޮށި މޭޒުގައި ވިއްދައިލަމުން ހުރިހާ ސަމާލުކަމެއް ބައްޕައަށް ހުއްޓައިލިއެވެ. "ދަރިފުޅާ ތިއާ! އާރިން އަކީ ދަރިފުޅުގެ އެއްބަފާ ބޭބެ." ޒާހިދުގެ ޖުމްލަ ނިންމާފައި އެކި ކުދިންގެ މޫނަށް ވަކި ވަކިން ބަލައިލިއެވެ. ތިއާ އިނީ ބުދެއްހެން ހުއްޓިފައެވެ. ޒަކްވާން އާއި އާރިންގެ ނަޒަރު ހުއްޓިފައި ވަނީ އޭނާ އަށެވެ. އެކަމަކު ދެމޫނުގައިވެސް ވީ މުޅިން ތަފާތު ދެ އަސަރެކެވެ. ލުޖައިން އެވަގުތުވެސް ޒަކްވާންގެ އަތް ފޮޅުވާލުމަށް ޓަކައި ބޭކާރު މަސައްކަތް ތަކެއް ކުރަމުން ދިޔައީ އެކަކަށްވެސް ނޭނގިއެވެ. "ރިއަލީ؟" ތިއާއަށް އެއްޗެކޭ ބުނެވޭވަރު ވުމުން ޤަބޫލު ނުކުރެވިގެން އަހައިލިއެވެ. ޒާހިދު ބޯ ޖަހައިލީ އާއެކޭ ބުނެފައެވެ. ތިއާ އެއްފަހަރު އާރިންއަށް އަނެއްފަހަރު ޒަކްވާންއަށް ބަލަން އިނދެލާފައި ކުއްލިއަކަށް ޖޫސްތަށި ނަގައި އެއްނޭވައިން ދަމާލައިފިއެވެ. ދެބެން މެދުގައި އޮތް ލޭގެ ގުޅުން އެނގިގެން ކަންވާނެ ގޮތަކާއި މެދު ހިޔާލު ކުރެވުމުން ތިއާވެސް ކަންބޮޑު ވެއްޖެއެވެ. އެދެބެން އެއްގެ އެއްގެތެރޭގައި އުޅެންޖެހޭ ދުވަހެއް އަތުވެއްޖެއްޔާ ތިންވަނަ ބޮޑު ހަނގުރާމަ ފަށާނެއެވެ.
"އާރިން އަކީ ބައްޕަގެ ދަރިއެއްކަން އެނގުނީ އިހަކަށް ދުވަހު. އެނގުނު ހިސާބުން ބައްޕަ ބޭނުންވީ އާރިންވެސް މިއާއިލާގެ މެމްބަރަކަށް ހަދަން. އެހެން ދަރިން ފަދައިން ހުރިހާ ހައްޤުތަކެއް އާރިންއަށްވެސް ދޭން. ޝަރުޢީ ގޮތުން ތަފާތު ގޮތަކަށް އޮތަސް އާރިން އެއީ ބައްޕަގެ ދަރިއެއް. ބައްޕަ ފަޚުރުވެރިއެއް ނުވަން މާޒީއާމެދަކު. ގަބޫލު ކުރަން ބައްޕައަށްވެސް ކުށްތަކެއް ކުރެވިފައި ހުރިކަން. އެކަމަކު އޭގެ ސަޒާ އާރިންއަށް ލިބޭކަށް ދެން ނުރުހެވޭނެ. ބައްޕަގެ އެދުމަކީ ހުރިހާ ކުދިންވެސް ހެޔޮހިތުން މާފު ކުރުން. ބައްޕައަކީ ތިހުރިހާ ކުދިންގެ ކުށްވެރިއެއް." ޒާހިދުގެ ވާހަކައިން އެންމެ ބޮޑު އަސަރެއް ކުރީ އާރިން އަށެވެ. އެންމެންގެ ތެރޭގައި އެގޮތަށް އޭނާގެ އަސްލު ހާމަވުމުން ލަދުން އިސް އުފުލައިލަން އުދަނގޫވިއެވެ. ލޯބިވެރިންގެ ނަމުގައިވެސް އޭނާގެ މަންމައާއި ބައްޕަ ކުރީ ފާފައެކެވެ. އަދި އެލައްގަނޑު އަބަދަށްވެސް އޭނާގެ ނަމާއެކުގައި ބަނދެވިފައި ވާނެއެވެ.
ކޮންފަދަ ނިކަމެތި ކަމެއް ހެއްޔެވެ؟ ތެދުވެގެން ހިނގައިދާނެމޭ އާރިން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެކަމަކު ހަޤީޤަތާއި ފިލަން ދުވެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ލޭގެ ކޯވަރެއް ދިރުވައިލާފައި އާރިން އިސް އުފުލައިލި އިރު ޒާހިދުގެ ނަޒަރު ހުއްޓިފައި ހުރީ އެމޫނަށެވެ. ޒާހިދު އެފަރާތެއްގެ މަޢާފު އެންމެ ބޮޑަށް ބޭނުން ފަރާތަކީ އެއީއޭ ބުނެލިފަދަ އަސަރެއް އެމޫނުން ފައުޅުވަމުން ދިޔައެވެ.
"އަހަރެން ބައްޕައަށް މާފުކޮށްފިން. ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެ. އެކަމަކު އެކުށަށް އިއުތިރާފްވެ މަޢާފަށް އެދޭ ހިސާބުން އެއީ ނުކުރާ ކުށެކޭ އެއްފަދަ." އާރިން ހިތްވަރުކޮށްލައިފައި ވާހަކަ ދެއްކިއެވެ. އެއަޑު އިވިގެން ޒަކްވާން އާއި ތިއާއަކަށް ވެސް މާބޮޑަށް ގޮތްދޫ ނުކޮށް ހިފަހައްޓައިލާކަށް ނުކެރުނެވެ. ޒާހިދު އެއީ އާރިންގެ އެންމެ ބޮޑު ކުށްވެރިޔާއަށް ވެފައި އާރިން އެހާ ފަސޭހައިން މާފު ކުރުމުން އެމީހުންނަށް ދެއްކެން އޮތީ ކޮން ބަހަނާ އެއް ހެއްޔެވެ؟ އެކަމަކު ޒަކްވާންގެ ހިތްވެސް ހަމައެކަނި ނުސާފުވެފައި އޮތީ އާރިން އާއި ހެދިއެވެ. ކޮންމެހެން ބައްޕަ ކުރި ކުށް ބޮޑުވެގެނެއް ނޫނެވެ. އޭނާގެ ޝަކުވާއަކީ އެދަރިފުޅަކީ އާރިންއަށް ވީކަމެވެ. އޭނާގެ އެންމެބޮޑު ދުޝްމަން އާއި ލޭގެ ގުޅުން އޮތްކަމެވެ. ހައްތަހާވެސް ތަޤްދީރުގެ ރޭވުމެވެ.
"އަދި އެންމެ މުހިންމު ވާހަކަ އޮތީ." ޒާހިދު އެދިމާއަށް ސަމާލުކަން އަނބުރައިލުމުން އަނެއްކާ އެންމެން އެދިމާއަށް ބަލަން ފެށިއެވެ. "މިހަޤީޤަތް ހާމަކުރާ ހިސާބުން ފެށިގެން ބައްޕަގެ އެންމެ ބޮޑު އެދުމަކީ ހުރިހާ ކުދިންގެ މެދުގައި އޮތިއްޔާ އޮތް ކުންޏެއް ފިލުވައި އާއިލީ ގުޅުން ގާއިމު ކުރުން. އެހެންވެ އެގޮތަށް ވިސްނާފައި ބައްޕަ ނިންމީ އާރިން ދުވަސްކޮޅަކަށް މިގެއަށް ބަދަލުވާ ގޮތަށް." ޒާހިދުގެ ޖުމްލަ އަހާފައި އެންމެންގެ މޫނު ކަޅުވެގެން ދިޔައީ އެތާގައި ބޮމެއް ގޮއްވައިލުމުން އޭގެ ދެލިތައް ހުރިހާ މޫނަކަށް ފެތުރިގެންދިޔަ ފަދައިންނެވެ. ޒަކްވާންއަށް ބާރުކޮށްލެވުނީ އަނެއްކާވެސް ލުޖައިންގެ އަތަށެވެ. ލުޖައިން އަނެއް އަތުން އަނގަމަތީ ހިފަހައްޓައި ނުލިނަމަ އަޑު ބޭރުވާނެ ވަގުތު ކޮޅެކެވެ. އަނެއްކޮޅުން އާރިން އަތުގައި އޮތް އޫ ވެއްޓި ޓައިލްސްމަތީގައި ޖެހުނު އަޑު މިނިޓެއްވާންދެން އެތާގައި ހަރުލާފައި ހުއްޓެވެ.
ޝަކީބާ ފުންމައިގެން ތެދުވެފައިވެސް އެއްޗެއް ބުނެވިދާނެތީ ތަށި ހިފައިގެން ގޮސް ޒިންކު ކައިރިއަށް ޖެހިލިއެވެ. ޝަކީބާ އިސްކުރު ދޫކޮށްލައިފައި އޮހެމުންދިޔަ ފެންތަކަށް އަތް ދިމާކޮށްލައިގެން ހުއްޓައި ލޮލުން ކަރުނަ އައީ ނޭނގުމުގެ ތެރޭގައެވެ. ޒާހިދު އެންމެފަހުން ނާހިދާއަށްވެސް ދެވަނަ އަންބެއްގެ މަޤާމު ނުދީފިއްޔާ ރަނގަޅެވެ. އަނެއް އަތުން ލޯ ފުހެލައިފައި ޝަކީބާ އަނެއްކާވެސް މޭޒު ދޮށުގައި ދެކެވެމުން ދިޔަ ވާހަކައަށް ކަންފަތްދިނެވެ. "މަންމަ....." 'އާރިންގެ މަންމަ ކައިރީ މިވާހަކަ ދައްކައިލީމަ ދެކޮޅެއް ނުހެދި. ބުނީ އާރިން ރުހޭކަމަށް ވަންޏާ އެންމެރަނގަޅޭ." އާރިން ވާހަކަދައްކަން ފެށިތަނާ ޒާހިދު އެޖުމްލަ ފުރިހަމަކޮށްދިނެވެ. "އިނގޭ ނިކުންނާނެ މައްސަލަތަކެއްވެސް ހުންނާނެކަން. އެކަމަކު ކަންތައްތަކެއް ހައްލު ކުރެވިގެން ގުޅުން ބަދަހިކުރެވޭނީ ވެސް. އަދި އެކަމަށް އޮތް އެންމެ ރަނގަޅު މަގަކީ މީ ކަމުގައި ބައްޕައަށް ފެންނަނީ." ޒާހިދު އިތުރުކޮށްލިއެވެ. ކުދިންގެ މޫނުން މާ ތާއިދު ކުރާ ގޮތެއް ނުފެނުނަސް އެކަކަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ.
"އެންމެ ރަނގަޅު. އަހަރެން ގަބޫލު. އެކަމަކު ޝަރުތެއް އެބައޮތް. އަހަރެން މިގެއަށް އަންނަ އިރު އެކުގައި ލުޖައިން ގެންނަން ގަބޫލިއްޔާ އާދެވޭނީ. އެއީ ލުޖައިންއަކީ އަހަރެންގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް. ލުޖައިން ދޫކޮށްލާފައެއް ނާދެވޭނެ. ހަމައެކަނި ބެލުމުގެ ދަށުގައި ހުރި ކުއްޖެކޭ ބުނެގެން ނިންމާލެވޭކަށް ނެތް. ބައްޕާ ލުޖައިން އަކީ އަހަރެން ކައިވެނި ކުރަން ތައްޔާރުވެފައިވާ އަންހެންކުއްޖާ. ވަރަށް އަވަހަށް މިއުޅެނީ ކައިވެނި ކުރަން." އާރިންގެ ވާހަކައިން ސިހުން ލިބުނީ ޒަކްވާން އަށާއި ތިއާއަށް އަށް އެކަންޏެއް ނޫނެވެ. ލުޖައިންވެސް އިނީ އަޖައިބުވިވަރުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އަދި ކުރިއަށް ކިތައް ސަޕްރައިޒް އޮތްބާއޭ ކިޔައިލެވުނީ ހިތުންނެވެ. "ލޫލޫ އަހަރެން ވެއިޓް މިކުރަނީ މިވަގުތަށް." އާރިން ގޮނޑި ދުރުކޮށްލާފައި ތެދުވެ ޖިންސްގެ ޖީބަށް އަތްކޮށްޕައިލާފައި ނެގީ ނޫކުލައިގެ މަހުމާ ކުޑަ ފޮށްޓެކެވެ. އާރިން ލުޖައިންގެ ވާތުގައި ހިފާ ކޮޅަށް ނަގާފައި ކުރިއަށް ވުރެވެސް ބޮޑަށް ގޮނޑި ދުރުކޮށްލައިގެން ލުޖައިން ކުރިމަތީ ކުޑަ ކަކޫ ޖަހައިލިއެވެ. އެވަގުތު ޒަކްވާންއަށް ޖެހުނީ ހިތާއި ދެކޮޅަށްވިއަސް ލުޖައިން އަތުން ދޫކޮށްލާށެވެ. ޒަކްވާން ދޫކޮށްލި އަތުގައި ވިންދު ޖަހަޖަހާ ހުރިއިރުވެސް ލުޖައިންއަށް އެއަތުގައި އަޅަމުން ދިޔަ ވޭން އެއްވެސް ކަމަކަށް ނުވީ އާރިން އަނެއް އަތުގައި ހިފާލައިގެން ހުރުމުންނެވެ. އިރުކޮޅަކުން އާރިން ފޮށި ހުޅުވައިލުމާއެކު އޭގައި އިން އަލިމަހުގެ އަނގޮޓި ފެނިފައި އެންމެން އަންތަރީސް ކޮށްލިއެވެ.
"ލޫލޫ! ވިލް ޔޫ މެރީ މީ؟" އާރިންގެ ތޫނު ދެލޯ ލުޖައިންގެ މޫނަށް ހުއްޓައިލަމުން ނުހަނު ހަމަޖެހިލާފައި އަހާލައިފިއެވެ. ލުޖައިން ހިތަށް ލިބުނު އުފާވެރި ކަމާއި އެއްވަރަށް ޖެހިލުންވިކަން އެނގެނީ ނިއްކުރީގައި ވިދައިލި ދާތިކިތަކުންނެވެ. އެކަމަކު ކާއިނާތުގައިވާ ހުރިހާ އުފަލެއް އެވަގުތު އޭނާގެ މުށުތެރެއަށް އައިފަދަ އިހްސާސެއް ކުރެވިގެން ލޮލުން އުފާވެރި ކަމުގެ ކަރުނަ އައީ އިޚުތިޔާރަކާ ނުލައެވެ. އެއީ އޭނާ އެންމެ ދެކޭ ބޭނުންވި ދުވަހެވެ. އެންމެ އިންތިޒާރު ކުރި ވަގުތުކޮޅެވެ. ބާރަ އަހަރުގައި އާރިންގެ ލޯބީގެ އޮށް އެހިތުގައި އިންދައިލި ދުވަހުން ފެށިގެން ދެކެމުން އައި ހުވަފެނުގައި މިއަދު ހަޤީޤީ ކުލަ ޖެހެން އުޅެނީއެވެ. އޭނާ ޝަރުއީ ގޮތުންނާއި ދުނިޔަވީ ގޮތުން ހަމައެކަނި އާރިންގެ މީހަކަށް ވަނީއެވެ.
"ލޫލޫއަށް އަދި އެއިޓީންވެސް ނުވޭ." ލުޖައިންއަށް ޖަވާބު ނުދެވެނީސް ޒަކްވާންއަށް ކެތްނުވެގެން ފުންމައިގެން ތެދުވެފައި ބާރުބާރަށް ބުނެލައިފިއެވެ. "އެއިޓީން ނުވިއަސް އާއިލާގެ ރުހުން ލިބުނިއްޔާ ކައިވެނި ކޮށްދޭނެ. ލޫލޫގެ ބޭބެ ވަލީދޭން އެއްބަސްވެފައި ވަނީ." އާރިން އެހެން ބުނެލި އިރު އަދިވެސް ބަލަން އިނީ ލުޖައިންގެ މޫނަށެވެ. އެރީތި ކޯތާފަތް މަތިން ފިރުކިލާފައި ތިރިއަށް ދިޔަ ހުދު މުތީތައް ހޮވައި މުށުތެރޭ ރައްކާކޮށްލަން ހިތް އެދުނަސް ޖަވާބު ނުލިބެނީސް ނުތެދުވަން ނިންމައިގެން އިންކަހަލައެވެ. "ލޫލޫ! އަވަހަށް ޖަވާބުދީބަލަ!" ތިއާ ބުނަން ބޭނުންވި ވާހަކަތައް އޮތީ ދުލުގައެވެ. ދެރައީ އޭނާއަށް ޖެހެވޭނެ ކޮޅެއް ނެތީމައެވެ. އެއްކޮޅުން ޒަކްވާންއެވެ. އަނެއްކޮޅުން ލުޖައިން އާއި އާރިންއެވެ. އޭރު ޝަކީބާވެސް ތަށި ދޮވެ ނިންމާފައި އައިސް ދުރުގައި ބަލަން ހުރެގެން ޒަކްވާން އާއިމެދު ވިސްނައިލެވުމުން ހިތަށް ނުހަނު އަސަރު ކުރިއެވެ. އޭނާ ފަދައިން އޭނާގެ އެއްވެސް ދަރިއަކަށް ވެސް ލޯބި ލިބުމެއް ނެތީ ހެއްޔެވެ؟
"ޔެސް އާރީ. އައި ވިލް މެރީ ޔޫ." ލުޖައިން ތުރު ތުރު އަޅާ އަޑަކުން ޖަވާބު ދިނެވެ. އާރިންގެ ތުންފަތުގައި ވި ހިނިތުންވުން ފުންވެގެން ދިޔަހިނދު އަނގޮޓި ނަގާފައި ލުޖައިންގެ ކަށި އިނގިލީގައި އަޅުވާލައިފިއެވެ. ތިއާ ވިސްނަން ހުރެފައި ފޯނުގައި އެމަންޒަރު ރައްކައުކޮށްލިއެވެ. ޒާހިދު ތަރުހީބުގެ އަތްތިލަ ބަޑި ޖަހަން ފެށުމުން އެދިމާއަށް ބަލައިލާފައި ތިއާވެސް ބައިވެރިވިއެވެ. އެވަގުތު ޒަކްވާން ދަތްކުނޑި ވިކާފައި ދެއަތް މުށްކަވައިލީނުން ބާރުބާރަށް ހިނގާފައި ނިކުމެގެން ދިޔައެވެ. އާރިން ތެދުވެފައި ފުރަތަމަވެސް ލުޖައިންގެ އޮމާން ކޯތާފަތް ފުހެލަދިނެވެ. އެދެއަތް ތިލާފައި ހިފައި މަޑުމަޑުން ފިތައިލާފައި ހަތަރު ކަޅި ހަމަކޮށްލީ ލޯބިން ފުރިގެންވާ ބެލުމަކާއެކުގައެވެ. ޝަކީބާވެސް ނިކުމެގެން ދިއުމުން ޒާހިދު އާއި ތިއާ މިނިވަންކަމާއެކު އެޒުވާނުންނަށް މަރުހަބާ ކިޔެވެ.
ގެއަށް ދިޔަ މަގުމަތީ ލުޖައިން އިނީ ހިމޭންވެފައެވެ. އާރިންއަށް އެކަން ފާހަގަވެގެން ސުވާލު ކޮށްލުމުން ލުޖައިން އެނބުރި ބަލައިލިއެވެ. "މިވިސްނަނީ ވެޑިންއާމެދު." ލުޖައިން ފޮރުވުމެއްނެތި ހާމަކޮށްލިއެވެ. "ވަޓް އެބައުޓް އިޓް؟" އާރިން އިނީ އޮޅުންފިލުވަން ބޭނުންވެފައެވެ. އާރިން ހުންގާނުން އެއް އަތް ދޫކޮށްލައިފައި ލުޖައިން ގެ އިސްތަށިގަނޑުން ވަކިވެގެން އެލިފައިވާ އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވައިލަ ދިނެވެ. އެމޫނަށް ބަލައިލައިފައި ލުޖައިން ކުޑަކޮށް އަރިވެލައިގެން އާރިން ކޮނޑުގައި ބޯ އަޅައިފިއެވެ. "ކިހިނެތްވީ ބޭބީ؟ ބިރުގަންނަނީތަ؟" އާރިން ނުހަނު އޯގާތެރި އަޑަކުން ސުވާލު ކުރިއެވެ. "ހިތަށް އަރަނީ މެރީ ކުރާތަނާ ކިޑެއް ލިބިއްޖެއްޔާ ދެން ހަދާނީ ކިހިނެތްބާއޭ؟" ލުޖައިން ހިމޭން އަޑަކުން ޖަވާބުދިނެވެ. އާރިން އެހާ ސީރިއަސްވެފައި އިންދާވެސް ހީގަނެވިއްޖެއެވެ.
"ބޭބީ ޔޫ އާ ސޯ އިނޮސެންޓް." ލުޖައިން ބޯ ތެދުކޮށްލައިފައި ނިތަށް ރޫ އަރުވައިގެން ބަލަން އިންދައި އާރިން ހިނިގަނޑު މައިތިރިކޮށްފައި ބުނެލިއެވެ. "ކޮންޓްރެސެޕްޓިވްސް ޔޫސް ކުރީމަ ނުވާނެއޭ ޕްރެގްއެއް." އާރިން ލުޖައިން ކޯތާފަތުގައި މަޑު މަޑުން ޖަހައިލިއެވެ. "އިނގެއޭ ތިކަން. އެކަމަކު އެއްވެސް އެއްޗެއް ހަންޑްރެޑް ޕަސެންޓް ގެރެންޓީއެއް ނޯވެއެއްނު. އާރީ އަހަންނަށް ކިޑެއް ލިބުނިއްޔާ ގެންގުޅޭކަށްވެސް ނޭނގޭނެ." ލުޖައިން ޅަކުއްޖެއްހެން ބިރުން އުޅޭތަން ފެނިގެން އާރިންއަށް ވީ މަޖަލަކަށެވެ. "ތިހާ ކަންބޮޑުނުވެބަލަ. ނޯ މޭޓަރ ވަޓް ހެޕެންސް އަހަރެން އަބަދުވެސް ހުންނާނީ ލޫލޫ އާއެކުގަ." ލުޖައިން އަނެއްކާ ކައިރިވެލުމުން އާރިން އެދޮން ނިއްކުރީގައި ތުންފަތް ޖައްސައިލިއެވެ.