ކުލާހުން އައިސް ލުޖައިން ބިލިގާއަށް ފެންފުރާލައިގެން ސައިބޯނި ބޮކިތަކު ތެރޭގައި އެރި އިންދާ ބޭރުން ފިޔަވަޅުގެ އަޑު އިވުނެވެ. ކޮޓަރި ތަޅުލާފައި ހުއްޓާ ވަނީ ކާކު ހެއްޔެވެ؟ ލުޖައިންގެ ހިތް ތެޅިގަތީ، މޭފަޅާފައި ނިކުމެދާނެތީ ބިރުގަންނަހާ ބާރަށެވެ. އަވަސްއަވަހަށް ތެދުވެ މާގަނޑު ދަށުގައި ހުއްޓި ލުޖައިން ސައިބޯނި ބޮކިތައް ފިލުވައިލިއެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު ރޯބް މަހާލައިގެން އޭގެ ވާގަނޑު އައްސަމުން ނިކުތްއިރު ދޮރު ލެއްޕެނީއެވެ. އެވަގުތު ލުޖައިންގެ ލޮލުގައި އަޅައިގަތީ ލިޔާ މޭޒުމަތީ އޮތް ރަތް ފިނިފެންމާ ބޮނޑިއެވެ. ބާރުބާރަށް ދުވެލައިފައި ގޮސް މާބޮނޑި ނަގާފައި އޭގައި ވަސް ބަލައިލެވުނެވެ. ފިނިފެންމާތަކުގެ މީރުވަހަށް ވުރެވެސް އޭގެ ތާޒާ ރަތް ކުލަ ލުޖައިން ހިތަށް އުފާވެރިކަން ގެނެސްދިނެވެ.
"އާރީ!" ލުޖައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އާރިންއަށް އަދި މާ ދުރަށް ނުދެވޭނެ ކަމަށް ނިންމާފައި އެހުރިގޮތަށް ގޮސް އޭނާ ދޮރު ހުޅުވާފައި ބޯ ދިއްކޮށްލައިފިއެވެ. ފުޅާ ކޮރިޑޯގައި ހިނގާފައި ދިޔަ މީހަކު އެއްފަރާތެއްގައި ހުރި ތަނބަކާއި ނިވާވެލިތަން ލުޖައިންއަށް ރީތިކޮށް ފެނުނެވެ. ދެކޮޅު ހޯދައިލައިފައި އެހިސާބުގައި އިތުރު މީހަކު ނެތްކަން ޔަޤީންވުމުން ލުޖައިންވެސް އެދިމާއަށް ދާން ފެށިއެވެ. އާރިންގެ ފަރާތުން ފުރަތަމަ ފަހަރަށް އެފަދަ ލޯބި ހަދިޔާއެއް ލިބުމުން ޝުކުރު އަދާނުކޮށް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ލުޖައިން ގޮސް ބަލައިލި އިރު އާރިން ހުރީ އެދިމާލުން ނިކުމެ ބެލްކަނީގައި ހުއްޓިލައިގެން މޯބައިލްގެ ސްކްރީނަށް ބަލާށެވެ. ލުޖައިންގެ ހިޔަނިވެގެން އާރިން އިސް އުފުލައިލައިފައި އިރުކޮޅަކުން ހައެ ޖަހައިލިއެވެ.
އަނެއްކާވެސް ތަފާތު ކުލައެކެވެ. އާރިންގެ ފުށުން މިފެންނަ ރަނގަޅު ބަދަލުތަކާއި ހެދި މާބޮޑަށް ވެސް ހިތް އެދިމާއަށް ލެނބެން ފަށައިފިއެވެ. "ތޭންކްސް." ލުޖައިން މާބޮނޑި މެއާއި ހިސާބުގައި ޖައްސައިގެން މާތަކު ތެރެއަށް ނޭފަތް ތިރިކޮށްލިއެވެ. "ސޮރީ؟" އާރިންގެ މޫނަށް ރޫ އަރައިފިއެވެ. ލުޖައިން އިސްއުފުލައިލައިފައި އާރިން ދެއްކި ކުލަވަރަކުން ހިސާބަކަށް ހައިރާންވެފައިވެސް އިރުކޮޅަކުން ހެވުނެވެ. "ތި އިވުނީ ރަނގަޅަށް. ތޭންކްސް ފޯ ދިސް." ލުޖައިން މާބޮނޑިއަށް އިޝާރާތް ކޮށްލިއެވެ. "އާވ.. ތީ އޮޅުމެއް. އަހަރެން ގެނައެއްޗެއް ނޫން ތީ." އާރިން ފޯން ޖީބަށް ކޮށްޕާލައިފައި ލުޖައިން މޫނަށް ކަޅި ހުއްޓައިލިއެވެ. ލުޖައިން ގަބޫލު ނުކުރެވޭފަދަ ގޮތަކަށް ބަލަން ހުރެފައި ހަމަތެދެއްހޭ އަހައިލެވުނެވެ. "ހޫމ.. ގަބޫލު ނުކުރެވެންޏާ ޕޮލީގްރާފް ޓެސްޓެއް ހަދަންވީނު. އަހަރެން އޯކޭ." އާރިން ލާނެތް ހިނިތުންވުމަކާއެކު އަނެއްފަރާތަށް އެނބުރި ރެއިލިންގައި ދެއަތުން ހިފަހައްޓައިލިއެވެ.
"އެއީ ކޯއްޗެއް؟" ލުޖައިންވެސް ރެއިލިން އާއި ކައިރިވެފައި އާރިންގެ މޫނަށް ބަލައިލީ އަނެއްކާވެސް ހައިރާންވެފައެވެ. "އެއީ ލައި ޑިޓެކްޓަރ އެއް. އެޓެސްޓް ހެދީމަ އިނގޭނެ ދޮގުހަދަންޏާ. ލޫލޫއަށް އަހަރެންގެ ވާހަކަ ގަބޫލު ނުކުވޭތީ ޕްރޫވް ކުރާނެ ގޮތެއް މިބުނީ." އާރިން އެހިސާބަށް ދުއްވައިލުމުން ލުޖައިންއަށް ގަބޫލު ކުރެވުނީ އެކަމަށް އެއްބަސް ނުވާނެ ކަމެވެ. އާރިން އަކީ ފިސާރި ގޮތުގައި ހުންނަ ޒުވާނެކެވެ. ނިންމައިފި ކަމެއް ބަދަލެއް ނުކުރާނެއެވެ. މާބޮނޑި ހަދިޔާކޮށްފައިވެސް އެއުޅެނީ ނޫންކަމަށް ހެދިގެންނެވެ. "ޔަރ. މައި މިސްޓޭކް." ލުޖައިން ވިސްނާލައިފައި ހަތިޔާރު ބެހެއްޓިއެވެ. ލުޖައިން އަނެއްފަރާތަށް އެނބުރިފައި ގޮސް ލޯމަތިން ގެއްލުމުން އާރިން އެނބުރި ބަލައިލި އިރު ހުރީ ހިނިތުންވެފައެވެ. މާބޮނޑި ލިބިގެން ލުޖައިން މޫނަށް އަރާފައި ހުރި ވިދުން އޭނާ ފާހަގަ ކުރިއެވެ. ބައެއްފަހަރު ފަރުދާގެ ފުރަގަހުން ބަލައިލުމުން ހަޤީޤަތްވެސް މާ ކުލަ ރީތިކޮށް ފެނެއެވެ.
ނިދާ ހެދުމާއި އެކު ކޮޓަރިން ނިކުތް ޝަކީބާ ދޮރުތައް ތަޅުލައިފައި އައިސް އެތެރެއަށް ވަންތަނާ ޒާހިދު ގޮވާލައިފިއެވެ. ޝަކީބާ ބޮކީގެ އަލިފަނޑު ކޮށްލައިފައި އައިސް ޒާހިދުގެ މަގަތުގައި އިށިންދެލިއެވެ. "ޝަކީބާ މަށަށް ބުނެދީބަލަ. ނާހިދާގެ ދޮންދަރި އަކާއި ޒޯއީ ގުޅުވަން ތިއުޅެނީ ކޮން ބޭނުމެއް އޮވެގެން؟" ޒާހިދުގެ އެކުއްލި ސުވާލުން ޝަކީބާ ސިހުނެވެ. އެކަމަކު ދެވަނަ ސިކުންތުގައި އެމޫނުގައިވި ހުރިހާ ނުތަނަވަސް ކަމެއް އުދުއްސައިލީ ލުއި ހިނިތުންވުމަކުންނެވެ. "ޒާހިދު. އަހަރެން ކޮންމެ ކަމެއް ކުރަނީ އަމިއްލަ އެދުމެއް އޭގައި އޮވެގެނެއް ނޫން. ދަރިންގެ އުފަލަކީ އަހަރެންގެވެސް އުފާ. އަހަރެން ބޭނުން ވަނީ ޒޯއީއަށް ރީތި ދިރިއުޅުމެއް ހޯދައިދިނުން. ޒާހިދު އުފަލެއްނުވޭތަ ޒޯއީއަށް ރަފާލް ކަހަލަ ބައިވެރިޔަކު ލިބޭތީ؟" ޝަކީބާ ވާހަކަދައްކަމުން އެނބުރި ޒާހިދު އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. "ޔަޤީންތަ އެކައިވެންޏާއި އިތުރު އެހެން ކަމެއް ގުޅިފައި ނުވާކަން؟" ޒާހިދުއަށް ޤަބޫލުކުރަން ދަތިވަނީއެވެ.
ތިރީސް އަހަރުވުމުން ހެޔޮ ވިސްނުން އަންނާނެއޭ ކިޔަސް، ޝަކީބާ ޒުވާން އިރު ކޮންމެ ކަމެއް އަމިއްލަ އެދުމެއް އޮވެގެން ކުރާ ފަދައިން މިއަދުވެސް އެއުސޫލު ގެންގުޅެފާނެ ކަމަށް ހީވަނީއެވެ. އަމުދުން ނާހިދާ އެއީ ޝަކީބާގެ ނަޒަރުގައި މިދުނިޔޭގައި މަތީގައި އޭނާގެ އެންމެ ބޮޑު ދުޝްމަނެވެ. މާޒީގައި އެހުރިހާ ކަމެއް ހިނގާފައި އޮތްވާ ޝަކީބާ އޭގެ ބަދަލު ހިފަން އެމީހުންގެ ދިރިއުޅުމާއި ނުކުޅެ ހުރެފާނެ ބާވައެވެ. ޒާހިދުއަށް ނޭނގެނީ ޝަހީމު އާއި ޝަކީބާ އެއަށްވުރެ މާބޮޑަށް އެކަކު އަނެކަކާއި ގުޅިފައިވާ ކަމެވެ. ވަކިހިސާބަކުން ޒާހިދުއަށް ޝަކީބާ ހެދި މަކަރު އެނގި ނާހިދާގެ ކުށެއް ނެތްކަން ހާމަވުމަށްފަހު އެދެމެދުގައި ގުޅުން އުފެދުނީ ޒޯއީއަށް ފަހު ޒަކްވާންވެސް ލިބެން އުޅެނިކޮށެވެ. ޝަކީބާއަށް އެހީވި ޒުވާނާ "ބްލެކްމެއިލް ކޮށްގެން" ފައިސާ ހޯދަމުން ގޮސް އެންމެފަހުން ޝަކީބާ އެކަމުން މަނާވެގަތުމުން އައީ ސީދާ ޒާހިދުގެ ކައިރިއަށެވެ. ނާހިދާ އާއި ޒާހިދުގެ މެދުގައި ދެވަނަ ފަހަރަށް އުފެދުނު އެގުޅުން ސިއްރުވެފައި އޮތީ ޒަކްވާންއަށް މަހެއް ވާންދެންނެވެ. އެފަހުން ޝަކީބާ ކުރި ކަންތައްތައް ދުނިޔެއަށް ވަންހަނާވެފައި ވިއަސް ޒާހިދު ރަނގަޅަށް ދެނެހުއްޓެވެ. ތަފާތަކީ ޒާހިދު މިއަދުވެސް އެކަން ފާޅު ނުކުރާކަމެވެ. ޚުދު ޝަކީބާއަށް ވެސް ޒާހިދު މިކަން ދެނެހުރިކަން އޮޅުންފިލާފައެއް ނުވެއެވެ.
"ޒާހިދު އަހަރެން ފަހަރެއްގައި ވެސް ބޭނުމެއް ނުވޭ މާޒީވި ދުވަސްތައް ކުދިންގެ ކުރިމައްޗަށް އަންނާކަށް. އެހެންވެ އަހަރެން ނިންމައިފިން އެގެއަށް ގޮސް ނާހިދާއަށް ކުޑަވެސް މައްސަލައެއް ކުރިމަތި ނުކުރަން. އެކަމަކު ބަދަލުގައި ޒާހިދުވެސް ވާނެ އެސިއްރުތައް ހިފަހައްޓަން. ނާހިދާއަށް ވެސް އެނގިގެން ނުވާނެ ތިދެމީހުން ދުރުކުރާން އަހަރެން ފިރިހެނަކު ލައްވާ ރޯލެއް ކުޅުވިކަމެއް." ޝަކީބާ އެހާ ފާޅުގައި އަމިއްލަ ކުށަށް އިއުތިރާފް ވިތަން ފެނިފައި ޒާހިދު ފާޑަކަށް ހިނިތުންވިއެވެ. "ހާސްނުވޭ ޝަކީބާ. އަހަރެން ޝަކީބާ އެދޭ މިންވަރަށް ވުރެވެސް އިތުރަށް ސިއްރު ހިފަހައްޓައި ދޭނަން." ޒާހިދު ނުސީދާ ބަހުން ބުނި ބަހުގެ މާނަ ޝަކީބާ އަކަށް ވިސްނައެއް ނުގަނެވުނެވެ. "ދެން ހިނގާ ނިދަން." ޝަކީބާ އަވަހަށް ވާހަކަ ހުއްޓައިލަން ވެގެން އެނދަށް އަރައި އޮށޯތެވެ.
ކައިވެނީގެ ތާރީހު ކައިރިވަމުން އައި ވަރަކަށް ދެއާއިލާގެ ތެރޭގައި ހަލަބޮލިކަން އިތުރުވިއެވެ. ޝަހީމު އާއި ޝަކީބާ އަތުކުރި އޮޅާލައިފައި ހުރީ މުޅި މާލެ ސިއްސުވައިލާފަދަ ބޮޑު ޕާޓީއެއް ބޭއްވުމަށެވެ. ރަފާލް، ރީމް އާއި އާރިންގެ އިތުރުން އަނެއް އާއިލާ އިން ޒޯއީ އާއި ތިއާވެސް ފެންނަނީ އުފާވެރިކޮށެވެ. ހަފްތާއަކަށް ވުމުން ރަފާލް އާއި ޒޯއީއަށް ޗުއްޓީގައި ހުންނަންވެސް އެންގިއެވެ. އަމިއްލައަށް އެއްވެސް ކަމެއް ކުރަން ނުޖެހި ހުރިހާކަމެއް އެހެން މީހުން ލައްވާ ކުރުވާއިރުވެސް ޗުއްޓީގައި ބެހެއްޓުމުގެ މަޤްސަދެއް ކަމުގައި ގޭގެ ބޮޑެތި މީހުން ބުނަނީ، ދިރިއުޅުމަށް އަންނަން އުޅޭ ބޮޑު ބަދަލަށް ނަފްސް ތައްޔާރު ކުރުމަށްޓަކައި ވަގުތު ދިނުމެވެ.
ހެނދުނު ނާހިދާ ގުޅާފައި އެދިގެން ޒޯއީ އެގެއަށް ދަމުން ޝަކީބާ ބުނިގޮތަށް ތިއާވެސް އެކުގައި ގެންދިޔައެވެ. ދެއަންހެން ކުދިން ގޮސް ވަންއިރު ހެދުން ފައްސާ މީހާ ވަށައިލައިގެން ރީމްއާއި ދެ އެކުވެރިން ތިބެ އެމީހާ ގެންގުޅޭ ނަމޫނާ ފޮތްތަކެއް ބަލަނީއެވެ. "މިއޮތް އައީނު." ރީމްއަށް ޒޯއީ ފެނިގެން ތެދުވެފައި އަވަހަށް އައިސް ފަހާ މީހާ ކައިރިއަށް ގެންދިޔައެވެ. އެވަގުތު ނާހިދާ އެތަނަށް ނިކުމެފައި ރީމްގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރި ބޭނުން ކުރެވިދާނެ ކަން އަންގައިލި އެވެ. ފަހާމީހާ ހެދުން ލައިފައި އޮތް ބޮޑު ކޮތަޅު ހިފައިގެން ދަމުން ޒޯއީ ކައިރީ ފަހަތުން ދާން ބުންޏެވެ. އެވަގުތު ރީމްގެ ފޯނަށް މެސެޖެއް އައިސްގެން ތިންކުދިން ސިއްރު ކިޔާފައި އިރުކޮޅަކުން ބޭރަށް ނިކުމެގެން ދާން ފެށުމުން ތިއާވެސް ޒޯއީ ފަހަތުން އަޅުވައިލިއެވެ.
ހެނދުނުގެ ވަގުތަށް ވިއަސް ލުޖައިންވެސް ފެންނާކަށް ނެތެވެ. ނާހިދާ ކުރީގައި ހުރެގެން ގޮސް ސިޑިން އަރާފައި އެމީހުނަށް ކޮޓަރި ދައްކައި ނިމިގެން އެނބުރި ދިޔައީ ތިރިއަށެވެ. ޒޯއީ ހެދުން ނަގައިގެން އެނދުގެ އަނެއްފަރާތަށް ގޮސް ސަނދުވާ ދަމައިލާފައި ހެދުން ލާން އުޅުނުއިރު ފަހާމީހާގެ ކައިރީ ތިއާ އެނދުގައި އިނދެގެން ނަމޫނާ ފޮތްތައް ބަލަން ފެށިއެވެ. އިރުކޮޅަކުން ޒޯއީ ސަދުވާގެ ފުރަގަހުން ނިކުމެގެން އައިސް ކުރިމަތީ ހުއްޓުނު ތަނުން ތިއާ އިޙުތިޔާރެއްނެތި "ވާއު" އޭ ކިޔާފައި ފުންމައިގެން ތެދުވެއްޖެއެވެ. "އައެމް ސްޕީޗްލެސް." ތިއާ ޒޯއީގެ ރީތިކަމަށް ތައުރީފް ކުރަން އުޅެ އެކަށީގެންވާ ބަހެއް ހިތަށް ނައިސްގެން ހަތިޔާރު ބެހެއްޓިއެވެ. ޒޯއީ ބަލައިލުމުން ފަހާ މީހާވެސް ހިނިތުންވެލިއެވެ. ހުދު ހެދުމުގައި ޒޯއީ ބުދެއް ފަދައެވެ. ތިއާ ގޮސް ކުޑަ ދޮރު ކައިރީ ދަމާފައިވާ ތުނި ލޭހުގެ ފަރުދާ ކަހައިލުމުން އިރުގެ ދަޅަތައް އެޅިފައި ދޮންމޫނަށް ވެސް ރަންކުލަ އެރިއެވެ. ނިއުޅާލެވިފައި އޮތް ފަން އިސްތަށިތައް ކޮނޑުމައްޗަށް ވިހުރުވިފައި އޮތުމުން އެއިސްތަށިތަކުގެ ކަޅުކުލަވެސް ފާޑެއްގެ މުށިކުލަ އަކަށް ބަދަލުވެފައި ވެއެވެ. ތިއާފަދައިން އިސްކޮޅުން ދިގު ނޫނަސް އެހަށިގަނޑު ތުނިވެފައި ވަނާތައް ފަރިކަމުން ކޮންމެ ލޮލަކަށް ސިހުރު ހަދައެވެ. ހެދުން އެހަށިގަނޑަށް އެންމެ ރަނގަޅަށް ފިޓްވެފައި ހުންނައިރު ހިމަ ހިމަ އުނަގަނޑު ވެސް ބާބީއެއް ފަދައިން ލޮލުގައި އަޅައިގަނެއެވެ.
"ތޭންކްސް." ޒޯއީ ބޮޑާ ރާގަކަށް ބުނެލާފައި ހެދުން ބޭލިއަސް އެންމެ ރަނގަޅުތޯ އަހައިލި ތަނާ ފަހާ މީހާއަށް ފޯނެއް އައިސްގެން ކޮޓަރިން ނިކުތެވެ. ތިއާ ޒޯއީ ދެއްކި ބޮޑާކަމަކުން ފޫހިކަރުވައި ގަނެގެން ތުން އަނބުރައިލާފައި ލުޖައިން ފެނޭތޯ ބޭރަށް ބޯދިއްކޮށްލި އިރު ރަފާލް ދުރުން އެދިމާއަށް އަންނަނީއެވެ. އޭރު ފަހާމީހާގެ މިސްރާބު ހުރީ އަނެއްކޮޅުން ސިޑި އާއި ދިމާއަށެވެ. ތިއާގެ ސިކުނޑިއަށް ހިޔާލެއް އައިސްގެން ނުލަފާ ގޮތަކަށް ހިނިތުންވެފައި ނިކުމެގެން ދުވެ ގޮސް ރަފާލް ކުރިމައްޗަށް ހުއްޓިފައި "ހެލޯ" އޭ ބުނެލިއެވެ. "ހޭއި!" ރަފާލް ހުއްޓިފައި ހިނިތުންވެއްޖެއެވެ. "އެކޮޓަރީގައި ނާއްތަ އެބައިން ރަފާލްބެ ދޭތޯ." ތިއާ ކުޑަކޮށް ވިސްނައިލައިފައި "ރަފާލްބެ" އޭ ބުނެ ނިމުނު އިރުވެސް ފާޑަކަށް ރަކިވެއްޖެއެވެ. އެކަމަކު ރަފާލް އެކަން ފާހަގައެއް ނުކުރެއެވެ. ނާހިދާގެ ބޭނުމަކީ ކޮބައިތޯ ބަލަން ދިގު ފިޔަވަޅުތަކެއްގައި އެދިމާއަށް ދާން ފެށުމުން ތިއާ ފެށީ އަނެއްކާވެސް ލުޖައިން ހޯދުމުގެ މަސައްކަތެވެ.
ރަފާލް އެތެރެއަށް ވަދެފައި ފުރަގަސްދީގެން ހުރި ޒޯއީ ފެނިގެން އެއްޗެއް ބުނަން އުޅެނިކޮށް ޒޯއީ އެނބުރި ބަލައިލީ ހެދުމުގެ ޒިބް ސްޓަކްވެއްޖެއޭ ކިޔައިފައެވެ. "ވޯވ..!" ރަފާލް ބުނަން އުޅުނު އެކައްޗެއްވެސް ހިތަށް ނައިސްގެން ހިނދުކޮޅަކަށް ބަސް ހުސްވިއެވެ. ޒޯއީގެ މޫނަށް އެތައް ކުލައެއް ވެރިވެގެން ދިއުމުން ރީތިކަން އިތުރުވެގެން ދިޔައެވެ. އެވަގުތު ރަފާލް ފެނިގެން ޒޯއީއަށް ވެސް ލިބުނު ސިހުމަކުން ވާހަކަދައްކަން އުދަނގޫވިއެވެ. "ޕަރފެކްޓް." ރަފާލްގެ ސިކުނޑި މަސަތްކަތް ކުރަން ފެށުމުން ފުރަތަމަވެސް ބުނެލިއެވެ. ޒޯއީ ކިތަންމެ ގަޓު ހުއްޓަސް ރަފާލް ކޮށްލި ތައުރީފުން މޫނަށް ރަތްކުލަ އަރައިގެން ހިނގައްޖެއެވެ. "ތި..ތިއާ!" ޒޯއީ ދޮރާއި ދިމާއަށް ކަޅިއެއް އެއްލާފައި އިރުކޮޅަކުން ދުވެގޮސް ސަނދުވާގެ ފުރަގަހަށް ވަދެ ފިލައިފިއެވެ. "ސޮރީ ޒޯއި. އަހަރެން މި ނިކުންނަނީ." ރަފާލްއަށް އެހިސާބުން ތިއާގެ ރޭވުން ވިސްނިގެން ލުއި ހީލުމަކާއި އެކު ނިކުމެގެން ދިޔައެވެ. ދޮރު ލެއްޕުނު އަޑަށް ޒޯއީ ހިތާއި ދިމާއިން މޭގައި އަތްއަޅައިލީ ހަމަޖެހުމުގެ ނޭވައެއް ލައިފައެވެ.
ލުޖައިންގެ ކޮޓަރި ނޭނގިގެން ތިއާ ހިނގަނިކޮށް ނޯކަރެއް ފެނިގެން ސުވާލުކޮށްފައި އިރުކޮޅަކުން ގޮސް ދޮރު ހުޅުވައިލިއެވެ. "ތިއާ!" ލުޖައިން މޭޒު ދޮށުގައި އިނދެފައި އެނބުރި ބަލައިލުމާއެކު ތިއާ ފެނިގެން ދުވެފައި އައެވެ. "ނޯ.ނޯ.ނޯ. އެރޭ އަހަރެން ލޫލޫ ޑިނަރ ސްކިޕްކުރިޔަ ނުދީ ހިފެހެއްޓިއޭ ކިޔާފަ އޭގެ މާނައަކީ ދެމީހުން ކުރިންހެން ބެސްޓްފްރެންޑްސް އަށް ވީއެއް ނޫން." ލުޖައިން އަތުގައި ހިފައިލަން އުޅެނިކޮށް ތިއާ ދެއަތް އުފުލައިލައިފައި ކުޑަކޮށް ލޯ އަޅައިލިއެވެ. ސިކުންތެއްގެ ތެރޭގައި ލުޖައިންގެ މޫނުގައިވި ހިނިތުންވުން ވަޅުޖަހައިފިއެވެ. "ހެހެހެ ކިޑިން." ތިއާ ސީރިއަސް މޫނު ބަދަލުކޮށްލީ ބާރަށް ހީގެންފައެވެ. "އަހަރެން ލޫލޫ އާއި މެދު ހިތްބުރައެއް ނޫން. ލެޓްސް ބީ ބެސްޓްފްރެންޑްސް އަގެއިން." ތިއާ އުފާވެރި މޫނަކާއެކު ސަލާމަތް އަތް ދިއްކޮށްލުމުން ލުޖައިން ލޮލުގައި އުފާވެރިކަމުގެ ކަރުނަ ވިދާލިއެވެ.
ލުޖައިން އަވަހަށް ހީގެންފައި ތިއާ އަތުގައި ހިފައިލި އިރު އެތައް ދުވަހެއްގެ އުންމީދެއް ހާސިލްވުމުން ކުރެވޭފަދަ ފޮނި އިހްސާސެއް ކުރެވުނެވެ.
ތިއާ އެނބުރި ދިޔައިރު ޒޯއީ ހެދުން ބަދަލުކޮށްގެން އެނދުމަތީގައި އިނީ ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެންނެވެ. ފަހާމީހާ އޭރުވެސް ތިރީގައެވެ. ޒޯއީ، ދެންމެ ވީ ކަންތަކާއި ބެހޭގޮތުން ސުވާލު ކުރަން ހިތަށް އަރައިފައިވެސް ތިއާ އެއްބަސް ނުވާނެހެން ހީވެގެން ނާހައެވެ. "ޒޯއީ ކައިރީ ވާހަކައެއް އެހިއްޔާ ތެދަށް ބުނާނަންތަ؟" ތިއާ ގޮސް އިށީންދެ އިނދެފައި އެހީ ޒޯއީގެ ހިތުގައި ކުޑައިރުކޮޅެއް ކުރިން އޮތް ގޮތަށެވެ. ޒޯއީ އިސް އުފުލައިލައިފައި ޖަވާބެއް ނުދީ ބަލަހައްޓައިގެން އިނަސް އޭގެ މާނައަކީ އާއެކޭ ކަމުގައި ތިއާ ހީކުރިއެވެ. "އެންމެ ރެއެއްގެ ތެރޭގައި ޒޯއީގެ ނިންމުން ބަދަލުވާ ވަރުގެ ކޮންކަމެއް ވީ؟ ހަމަ އަސްލުވެސް ރަފާލް އާއިއެކު އުޅެންތަ ޒޯއީ ތިހުރީ؟" ތިއާ ޖެހިލުންވެފައި ވެސް އެންމެ ފަހުން އެހިއެވެ. ޖަވާބު އަދި ނުލިބުނަސް އެހުމުގައި ގޯހެއް ނެތްތާއެވެ. "ވެލް.. އައި ޑިޑް ސަމް ޑިގިން." ޒޯއީ ފުރަތަމަ ޖުމްލަ ބުނެފައި ހުއްޓައިލުމުން ތިއާ އިނީ ވާނުވާ ނޭނގިފައެވެ. "އަހަރެން އަނެއްދުވަހު މާ ހެނދުނާ އޮފީހަށް ދިޔައީ ފްރެންޑަކާއި މީޓްވާން ގަޑިކިޔާފަ. އޭނަގެ ފަރާތުން އެނގުނީ ރަފާލްގެ އެކްސްގެ ވާހަކަ. ރަފާލް ނޫރާ އާއި ހެދި މޮޔަވެފައި ހުއްޓާ އެކުއްޖާ ޑަމްޕްކޮށްލާފައި ދިޔައީމަ އަންހެން ކުދިންނަށް ޓްރަސްޓް ކުރުން ހުއްޓާލައިގެން ބައްޕަ ދެއްކި ކުއްޖަކާއި އިންނަން ޑިސައިޑް ކުރީ." ޒޯއީ ތެދުވެފައި ގޮސް ކުޑަ ދޮރުގައި ބުރަކަށި ޖައްސައިލި އިރު ހުރީ ހިނިތުންވެފައެވެ.
"ސޯ. ވަޓްސް ޔޯ ޕްލޭން؟" ތިއާ ކަންބޮޑުވެފައި އަހައިލެވިއްޖެއެވެ. އެސުވާލުގެ މޮޔަކަން ތިއާއަށް ވިސްނުނީ އިރުކޮޅަކުންނެވެ. ޒޯއީގެ ރޭވުމެއްގެ ވާހަކަ އޭނަ ކައިރީ ބުނަންވީ ކީއްވެ ހެއްޔެވެ؟ ޒޯއިއަށްވެސް ތިއާގެ ހިތަށްއެރި އެއްޗެއް ލަފާކޮށްލެވުނެވެ. "އަހަރެން ތިއާހެން ކޮންމެ ކަމެއް ވަގަށް ކުރާކަށް ނޫޅެން. އަހަރެން ބުނެފާނަން ޕްލޭން އަކީ ކޮބައިކަން. ރަފާލްގެ ވީކްނެސް އަކީ ނޫރާ. އެހެންވީމަ އަހަރެން ނޫރާ ބޭނުންކޮށްގެން ކުޑަވަރެއްގެ ޑްރާމާއެއް ޑައިރެކްޓް ކޮށްލާނީ. އޭރުން ރަފާލްގެ ހުންގާނު އަހަރެންގެ އަތަށް އަންނާނެ. އަހަރެން ބޭނުން ގޮތަކަށް ކޮންޓްރޯލް ކުރެވޭނެ. ބޭނުން އިރަކު ޑިވޯސް ލިބޭނެ. ވަޓް ޔޫ ތިންކް ތިއާ؟ ސަޅިވާނެ ދޯ." ޒޯއީ ފަހު ޖުމްލަ އާއި އެކު ބާރަށް ހީގެންފިއެވެ.
"އަހަރެން ރަފާލް ކައިރީ ބުނާނަން." ތިއާ ފުންމައިގެން ތެދުވެފައި ބުނެލިއެވެ. "ގްރެޓް ތިންކިން. ދޭ އަވަހަށް. ދޭ ބުނަން." ޒޯއީގެ ހުނުމުގެ އަޑު ހައްތަހާ ބާރުވިއެވެ. ތިއާ ބަލާކަށް ނުހުރެ އަނެއްފަރާތަށް އެނބުރިފައި ނިކުމެވުނީ އަނެއްކާވެސް ރަފާލް ކުރިމައްޗަށެވެ. ރަފާލް ސިޑިން އަރައިގެން ކޮޓަރިއަށް ދާންވެގެން އެހެންލާފައި ދަނީއެވެ. "ރަފާލްބެ!" ތިއާ ގޮވައިލާފައި ރަފާލް ހުއްޓުމުން ވާހަކަ ދައްކަން ފަސްޖެހުނެވެ. ކުޑަ ހިތްވަރެއް ކޮށްލައިގެން ފަށަން އުޅެނިކޮށް ފޯނަށް އައީ މެސެޖެކެވެ. ތިއާ ޖިންސްގެ ޖީބުން ފޯން ނަގާފައި ބަލައިލި އިރު ޒޯއީގެ އެމްއެމްއެސް އެކެވެ. "ޖަސްޓް އަ ސެކް." ތިއާ ކުޑަތަންކޮޅެއް ދުރަށް ޖެހިލާފައި އެމްއެމްއެސް ހުޅުވައިލި ތަނުން މޫނުމަތިން ކޮކާ ބުރައިލިހެން ހީވިއެވެ.