ލޯ ހުޅުވާ ލައިފައި ފެނުނީ ހުވަފެނެއްކަން ޔަޤީން ވީމައި ވެސް ތިއާގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނައެވެ. ފުންމައިގެން ތެދުވެ އިށީންދެފައި ބެޑްޝީޓް ބޮނޑިކޮށްލައިގެން ގެނެސް މޭގައި ޖައްސައި ލެވުނު އިރު ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ހުވަފަނެއްގައި ވެސް އީތަން ބީވެދިއުމަކީ ތިއާއަށް ކެތްވާނެ ކަމެއް ނޫނެވެ. އެއަށްވުރެ މާބޮޑަށް އީތަން ދެކެ އޭނާ ލޯބިވެއެވެ. ތިއާގެ ހިތަށް ކެތް ނުވެގެން އެނދުން ފުންމާލައިފައި ގޮސް ޑްރެސިން ޓޭބަލް މަތީ އޮތް މޯބައިލް ހޯދައިގެން އީތަންގެ ނަންބަރަށް ގުޅައިލިއެވެ.
"އީތަން! އައި... ނީޑް ޓު.... ސީ ޔޫ..... ރައިޓް ނައު." ތިއާއަށް ރޮވޭވަރުން ވާހަކަ ދެއްކުނީ ވެސް ޖުމްލަތައް ބުރި ބުރި ކޮށްލައިފައެވެ. އީތަންއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ފޯން ކަނޑައިލައިފައި ތިއާ ފެށީ ދެކޮޅަށް ހިނގާށެވެ. އިރުކޮޅަކުން އީތަން އައިސް ޖިންސްގެ ޖީބަށް ފޯން ލައިފައި ދޮރުފަތުގައި ޓަކި ޖަހައިލަމުން ވަގެއްހެން ވަށައިގެން ލޯ ހިންގައިލިއެވެ. ތިއާގެ ފޯން އައި އިރު އީތަން ހުރީވެސް އެކޮޓަރި އާއި ނުހަނު ކައިރީގައެވެ. ވަރުބަލި ކަމުގެ ބަހަނާ ދައްކާފައި ޒޯއީ ކައިރިން ސަލާމަތްވީ ހަމަ ނަސީބެވެ. އެކަމަކު ޒޯއީ ވަރަކަށް ހިފަހައްޓަން އުޅެފައި ހަމަ ކުއްލިއަކަށް އޭނާ ދާން އެއްބަސްވީ އަޖައިބެއްފަދަ ގޮތަކަށެވެ. ތިއާ ދޮރު ހުޅުވައިލުމުން އެތެރެއަށް ވަންއިރުވެސް އީތަންއަށް ވިސްނަން ހުރެވުނީ އެކަމާއެވެ. އެވަގުތު ތިއާ އައިސް ކުއްލި އަކަށް ބައްދައިލުމުން އީތަން ދިޔައީ ފާޑަކަށް ސިހިގެންނެވެ.
"ވޯހ. ހޯލްޑް އޮން ގާރލް!" އީތަންއަށް ބޭއިޚުތިޔާރުގައި ތިއާގެ ދެއަތުގައި ހިފާ ދުރުކޮށްލެވުނެވެ. އީތަންގެ އެއަމަލުން ތިއާ އިތުރަށް ހިތްދަތިވެގެން މޫނުގައި އަތް އަޅައިފައި ދުއްވައި ގަތީ އެނދާއި ދިމާއަށެވެ. ތިއާ އެނދަށް ވެއްޓި ގަންނަ އިރަށް އީތަން އަވަހަށް ދޮރު ލައްޕައިލައިފައި ބާރުބާރަށް އެދިމާއަށް ދިޔައެވެ. "ހޭއި! ތިއާ! ޕްލީޒް ޑޯން ކްރައި." އީތަން ކަންބޮޑުވެފައި ހުރެގެން ވާހަކަދެއްކިއެވެ. ތިއާ ބާލީސްތައް ކައިރިކޮށްލައިފައި ކުރިއަށްވުރެވެސް ބޮޑަށް މޫނު ފޮރުވައިލީ ގިސްލަމުންނެވެ. އެފަން އިސްތަށިގަނޑު މޫނުމައްޗަށް ނިވާ އަޅާފައި އޮތް އިރު ލައިގެން އޮތް ކުރު ޕިޖާމާ ކޮޅުގައި ދޮންދޮން ބުރަކަށީގެ ބޮޑުބަޔަކާއި ދެފައިވެސް ކަކުލުން ތިރީ އެކީއެކަށް ހާމަވެފައި އޮތެވެ. އީތަން ނުބަލަން ހުއްޓަސް އެތަންތަނަށް ނަޒަރު ހުއްޓޭ ގޮތްވިއެވެ.
"ބުނެބަލަ. ކިހިނެއްތަ ވީ؟ ނައިޓްމެއަރއެއް ފެނުނީ ދޯ." އީތަން އެނދުގެ މަގަތުގައި ކުޑަގޮތަކަށް އިށީންދެފައި ތިއާގެ އިސްތަށިތައް މޫނުމަތިން އެއްފަރާތް ކޮށްލިއެވެ. އެވަގުތު ތިއާ ތެމިފައިވާ އެސްފިޔަތައް އުފުލައިލައިފައި މަޑުމަޑުން ތެދުވެ އިށީން އިރު އަދިވެސް ދެލޯ ފުރިފައި ވީ ބޮޑެތި ކަރުނަ ތިކި ތަކުންނެވެ. ތެމިފައި ހުންނަ އިރު އަދި ވަކިން ބޮޑަށް އެދެލޯ ރީތިހެން އީތަންއަށް ހީވިއެވެ. "އީތަން. ޕްރޮމިސް މީ! ދުވަހަކުވެސް އަހަރެން ނޫން ފަރާތަކާއި ކައިވެނީގެ ގޮތުން ނުގުޅޭނެ ކަމަށް." ތިއާ ކައިރިއަށް ޖެހިލައިފައި އީތަންގެ އަތުތެރެއަށް ވަދެ މޭގައި ލައްވެލީ ފިކުރެއްނެތް ކުޑަ ކުއްޖެއް ފަދައިންނެވެ. މިއަދު އޭނާ އީތަންދެކެ ލަދުގަނެގެން ދުރުގައި ހުންނާކަށް ހިޔާލެއް ނެތެވެ. ހިތް ތެޅެނީ އެއަށްވުރެ މާ ބާރަށެވެ. ހިނދުކޮޅަކަށްވެސް ދުރަށް ޖެހިލައިފިނަމަ ގެއްލިދާނެތީ ބިރުން އުޅޭ ކަހަލައެވެ. "ލައިފް ޓައިމްގެ ޕްރޮމިސްއެއް އިނގޭ ކުރުވަން ތިއުޅެނީ. ޝަރުތަކާއި ނުލާ ތިވަރުގެ ކަމެއް ނުވާނެ." އީތަން ކުޑަކޮށް ހީލައިފައި ތިއާގެ އުނަގަނޑުގައި ދެއަތް ވަށައިލައި މެޔާލައި ފިއްތައިލިއެވެ. "ސޭ އެނީތިން." ތިއާ ވަގުތުން ބުނެލައިފިއެވެ. އީތަން ގާތަށް ލާނެތް ހިނިއައިސްގެން ކުޑަކޮށް ބޯ ހޫރުވައިލިއެވެ. ހިތުގައި އޮތް އެތި ތިއާ ކައިރީ ބުނެފިއްޔާ ވާނެ ގޮތް ހިތަށް އަރުވައިލެވުނީއެވެ.
"ސޭ އިޓް އީތަން!" ތިއާ އެނބުރި އީތަންގެ މޫނަށް ބަލައިލީ ލޯ ބޮޑުކޮށްލައިފައެވެ. އަވަހަށް ބުނާށޭ އަންގައިލި ފަދަ ގޮތަކަށެވެ. "އަހަރެން ބޭނުމީ ސްކިނީ ޑިޕިންއެއް ހަދާލާށޭ ބުނެފިއްޔާ..." އީތަންގެ ޖުމްލަ ނިންމާފައި ބަލައިލި އިރު ތިއާގެ އެސްފިޔަތައް ތިރިވެއްޖެއެވެ. އެކޯތާފަތުގައި އަރްމާނީ ސެކަންޑް ސްކިން ބްލަޝް ކޮޅެއް ހާކައިލި ފަދައެވެ. ތައުރީފްކޮށް ކޮޅުން ނުލާފަދަ މަންޒަރެކެވެ. "މެނޭޖަރ ކައިރީގަ އަހާލީމަ އެނގުނީ އަހަރެން ހުންނަ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރިން ނިކުމެވޭ ގޮތަށް އިންޑޯރ ޕޫލެއްވެސް އޮންނަކަން. އެތާގައި އަހަރުމެނަށް ޕްރައިވެސީ ލިބޭނެ." އީތަން ކުރިއަށްވުރެވެސް ބޮޑަށް ތިއާ ލަދުގަންނަވައިލަން ވެގެން އިތުރު ކޮށްލިއެވެ. "ދެން އީތަން." ތިއާ ހަދާނެގޮތް ހުސްވެގެން ތުންފަތުގައި ދަތް އަޅައިލީނުން ލޭ އަރުވައިލިއެވެ. "އޯހ ޕްލީޒް. ކުށެއް ނެތް ތުންފަތަށް ތިހާ އަނިޔާ ނުކޮށްބަލަ. ތިކަމާއިވެސް ދެރަވާން ހުންނާނީ އަހަރެން." އީތަން ބޯއަރިކޮށްލައިފައި ތިއާގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލުމުން ތިއާ ހީލިކަރުވައި ގަތެވެ. އަވަހަށް ދުރަށް ޖެހިގެންފައި އެނދުން ފުންމައިލަން އުޅެނިކޮށް މިފަހަރުވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އީތަން ހުޝިޔާރުވެފައި އަތުގައި ހިފައިލުމުން ތިއާއަށް ކުރިއަކަށް ނުދެވުނެވެ.
"އީތަންގެ ކޮންމެ ޝަރުތެއް ޤަބޫލުކޮށްފައި ވެސް އެހުވަފެން ސީދާ ވިޔަނުދޭން ބޭނުން. އީތަން. އިޓް ވޯޒް ސޯ ރިއަލް. ޒޯއީ ފޭކު ޑްރާމާއެއް ކުޅެލާއިރަށް އީތަން ހުރީ އިންނަން ތައްޔާރުވެފައި. އީތަން ކިހިނެއް އެއްބަސްވީ؟ އެންމެ ފަހަރަކުވެސް އަހަރެންނަށް ވާނެ ގޮތާއި މެދު ވިސްނައިލި ނަމަ..." ތިއާ އަނެއްކާވެސް ހުވަފެން މަތިން ހަނދާންކޮށްފައި ސީރިއަސް ވިއެވެ. ޝަކުވާއިން ފުރިފައިވި ލޮލަކުން އެނބުރި ބަލައިލުމުން އީތަން ކުޑަކޮށް ލޯ އަޅައިލިއެވެ. ތިއާ ހުވަފެނަކާއި ހެދިވެސް މާބޮޑަށް ހާސްވަނީއެވެ. އަމުދުން އެއީ ބިލާހެކެވެ. "ޓްރަސްޓް މީ ބޭބީ. އަހަރެން ތި ނޫން ކުއްޖަކަށް ބަލައިވެސް ނުލާނަން. އެން އައި ޕްރޮމިސް، އައި ވިލް މެރީ ޔޫ. އެއަށްފަހު އަހަރެމެންގެ ހަނީމޫން ވެސް ކުރިއަށް އޮތީނު." އީތަން ތިއާ ގެނެސް ކައިރިކޮށްލައިގެން ކުޑަކޮށް ބަނޑު ކޮށްޓާލައި ކަންފަތަށް ފުމެލައި ހެދިފަހުން ބާރަށް ހެވިއްޖެއެވެ. ތިއާ ހެމުން ހަޅޭއްލަވަމުން އީތަން ކައިރިން ސަލާމަތް ވާން ތެޅިތެޅި ހުއްޓައި އީތަން އޭނާ އުފުލައިލައިގެން ގެންގޮސް އެނދުމައްޗަށް ވައްޓައިލިއެވެ. ތިއާ ތެދުވުމުގެ ކުރިން އީތަން ފުންމައިގެން އެނދަށް އަރާފައި ރަޖާ ނަގައި ބޮލާއި އެކު އަޅައިލަމުން ތިއާ ގައިމައްޗަށް ހަމައެކަނި ފައިއަރުވައި ލުމުންވެސް ތިއާ އޮތީ ނުތެދުވެވިފައެވެ.
އީތަން ފުރަތަމަ ލާނެތްވެފައި ހުއްޓަސް ތިއާގެ ތުނި ހަށިގަނޑުގައި ބީހިލެވުމުން ޖަޒްބާތުތައް ހޫނުވެ ހިތުގެ މިސްރާބު ބަދަލުވެއްޖެއެވެ. ތިއާ ހީލަ ހީލައި އޮތްވައި އީތަން އެދެއަތްތިލަ ދެފަރާތަށް ގެންގޮސް ގޮދަޑިއާއެކު ބާރަށް ހިފަހައްޓައި ލަމުން މޫނާއި މޫނު ކާއްތައިލިއެވެ. އީތަން ފަދައިން ތިއާވެސް އިސާހިތަކު ހިމޭންވެ އީތަންގެ މަސްތުވެފައިވާ ދެލޮލަށް ބަލަން އޮތީ ކެތްތެރިކަން ކުޑަ ގޮތަކަށެވެ. އީތަންގެ ހޫނު ނޭވާތައް ފަހަރަކަށް ވުރެ ފަހަރެއް ކައިރިން އެމޫނަށް އެޅެމުން ގޮސް އިރުކޮޅަކުން ދެ ނޭވާ އެކުވެގެން ދިޔައެވެ. ކުރި އާއި ހިލާފަށް އީތަން މިފަހަރު ލަސްލަހުން މަޑުމަޑުން އުޅޭތީ މާބޮޑަށް އިޝްގީ ގޮތް ހުރެފައި ހިއްސުތަކަށްވެސް އިތުރަށް ވާންކުރިއެވެ. ވަކިހިސާބަކުން އީތަން ޓީޝާޓް ބޭލިފަހުން ތިއާ ލައިގެން އޮތް ކުރު ޕިޖާމާ ކޮޅުގައި ވެސް ހަމާއި ހަމުގެ ބީހުންތަކަށް މާބޮޑު ހުރަހެއްނެތެވެ. ލިބެމުން ދިޔަ އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމާއި އަރާމާއި އެކުވެސް ތިއާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް އުފެދުނީ އީތަންގެ އަމަލުތައް އޭގެ އިމުން ނައްޓައިލައިގެން ދާން ފެށުމުންނެވެ. އެވަގުތު ކޮޅު ދިގު ދެމިގެން ދިއުމަށް ތިއާ އެހާވަރަށް ބޭނުންވެފައި ވިއަސް އެޅަސިކުނޑީގެ ކަނެއްގައި ބިރުވެރިކަމެއް ފޮރުވިފައި ވަނީއެވެ. އެއީ ބިކުރުވެރި ކޮންމެ އަންހެން ކުއްޖަކު ވެސް ފުރަތަމަ ފަހަރަށް އެފަދަ ގުޅުމަކާއި ހިސާބަށް ދިއުމުގެ ކުރިން ހިތުގައި އޮންނަ ބިރުވެރިކަމެވެ.
"އީތަން! ސްޓޮޕް. ސްޓޮޕް." ތިއާ އީތަންގެ އިހްސާސް ތަކާއި މެދު ވިސްނާފައި ދެރަވި ނަމަވެސް ހިތްވަރުކޮށްލާފައި މަޑުމަޑުން ގޮވައިލިއެވެ. އީތަން ބޯހިއްލައިލި އިރު އަދިވެސް ދެލޮލުގައި ވީ މަސްތުކަމެވެ. ތިއާ ފުން ނޭވާތަކެއް ލަމުން ތިރިއަށް އެލިފައި އޮތް ދެވާކޮޅު ނަގައި ކޮނޑާއި ހިސާބުގައި އަޅުވާލައިފައި ތެދުވަން އުޅުނެވެ. އީތަން އަނެއްފަރާތަށް އެނބުރިފައި މޫނުގައި ދެއަތް އަޅައިލުމުން ތިއާ ހީކުރީ އީތަން ހިތްހަމަނުޖެހުނީ ކަމަށެވެ. އެހެންވެ އަވަހަށް ކައިރިވެލާފައި އީތަންގެ ބުރަކަށީގައި ނިއްކުރި ޖައްސައިލެވުނެވެ. "އީތަން! ހިތްހަމަނުޖެހުނީތަ؟ އައެމް ސޮރީ." ތިއާގެ ލޮލުން ކަރުނަ އަންނަން ތައްޔާރުވިއެވެ. "ނޯ. ތިއާ. އައެމް ސޮރީ." އީތަން އެނބުރިފައި ތިއާގެ ކޯތާފަތުގައި ހިފަހައްޓައިލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ. "ތިއާ އަހަންނަށް މާފުކުރޭ. ކައިވެނީގެ ގުޅުމަކާއި ނުލައި އަހަރެން އެހާދުރަށް ގޮސްގެން ނުވާނެ. ތިއާ ނުހުއްޓުވިނަމަ އަހަރެން..." އީތަން ތުންފަތުގައި ދަތް އަޅައިލާފައި މޮޅިވެރި ގޮތަކަށް އިސްއޮބައިލިއެވެ. "ކުށްވެރި ވާނީ ދެމީހުން އެއްވަރަށް. އެހެންނޫނަސް އަހަރެމެން ލިމިޓް ކްރޯސްއެއް ނުކުރަމެއްނު. ބީ ހެޕީ. ވީ ޑިޑް ސްޓޮޕް." ތިއާ އީތަންގެ މޫނުގައި ދެއަތުން ހިފަހައްޓައިލައިފައި ދެ ނިއްކުރި ޖައްސައިލިއެވެ. "އޯކޭ. ދެން އަވަހަށް ނިދާ އިނގޭ. ގުޑް ނައިޓް." އީތަން ހިނިތުންވެފައި ތެދުވެ ޓީޝާޓް ބޮލަށް މަހައިލިއެވެ. ނިކުމެގެން ދިއުމުގެ ކުރިން ތިއާގެ ދޮން ނިއްކުރީގައި ނިކަން ލޯބިން ބޮސްދިނެވެ. ތިއާ ކޮޓަރި ތަޅުލާފައި އައިސް ރޫޖެހިފައި އޮތް ތަންމަތި ރީތިކޮށް ތަރުތީބުކޮށްލާފައި އޮށޯވެ ލޯމަރައިލައިފިއެވެ.
ބަންދު ދުވަހަކަސް ލުޖައިން ހެނދުނު ސައިހަދަން އުޅުނީ ނިކަން އަތްމަތި އަވަސްކޮށްލައިފައެވެ. ނިދިން ހޭލައިގެން ލޯ އުގުޅަމުން ކޮޓަރިން ނިކުތް އާރިންއަށް އެކަން ފާހަގަ ވާން ސިކުންތެއްވެސް ނުނަގައެވެ. އާރިން ހޭވިފައިވާ އިސްތަށިގަނޑާއި ލައިގެން ހުރި ދޫ ބޮކްސާގައި ހުސްގަޔާ އައިސް ވަންތަން ފެނިފައި ލުޖައިން ހިތަށް ފިނިވެގެން ދިޔައެވެ. ލަދުން އެސްފިޔަތައް ތިރިވީ އިޚުތިޔާރެއް ނެތިއެވެ. "ކޮންތާކަށް ދާން ތިއުޅެނީ؟" އާރިން މޭޒުކަނުގައި ހިފަހައްޓާލައިފައި ރުންކުރު ގޮތަކަށް ސުވާލު ކުރިއެވެ. ލުޖައިން ބޭރުކޮށްލަން އުޅުނު ނޭވާ އެހިސާބުން ގަނޑުވެފައި އެނޭވާ ބޭރުކޮށްލަން އިރުކޮޅެއް ނެގިއެވެ. އޭނާ ނުވެސް ބުނެ ހުއްޓައި އާރިން ކަންތައްތައް ދެނެގަންނަނީ ކިހާ މޮޅަށް ހެއްޔެވެ؟ ހީވަނީ އާރިންއަށް އޭނާގެ ކޮންމެ ހަރަކާތެއް މޫނަށް އަޜާ ކޮންމެ ކުލަވަރެއް ރަނގަޅަށް ދަސްވެފައި ވާ ހެންނެވެ. "މިއަދު ޤުރޫޕް ވޯކްއެއް...." ލުޖައިންގެ ޖުމްލަ ފުރިހަމަ ނުވަނީސް އާރިން މޭޒުގައި ބާރުބާރަށް ޖަހައިލުމުން ސިހިގެން ދިޔައެވެ. އެޖުމްލަ އެހިސާބުން މެދުކެނޑުނީއެވެ. ގެންފައިވާ ބިރާއެކުވެސް ލުޖައިންއަށް ބަލައި ލެވުނީ މޭޒުމަތީގައި ހުރި އެއްޗެއް ވެއްޓުނު ތޯއެވެ. "ފުރަތަމަ ވެސް ބުނީމެއްނު ގެއިން ކުލާހަށް. ކުލާހުން ގެއަށޭ ދެވޭނީ. ނުވާނެ ގޮސްގެނެއް." އާރިން ނިންމުން އިއްވާފައި ނިކުމެގެން ދިއުމުން ލުޖައިން ގޮނޑި އަކަށް ވެއްޓިގެންފައި މޭޒުގައި ބޯ އަޅައިލައިގެން އެތައް އިރެއް ވާންދެން އިނެވެ. ކުލާސް ކުދިން ގުޅާތަން ފެނިގެން ކޮންމެ ފަހަރަކު ކަނޑައިލަނީ އެވެ. ޝާމިސް އައިސް ވަދެފައި ސުވާލު ކޮށްލުމުން ލުޖައިން ޖަވާބެއް ނުދީ ގޮސް ވަނީ ކޮޓަރި އަށެވެ.
ހަވީރުވެފައި ހުއްޓާ އާރިން އައިސް ގެއަށް ވަދެފައި ތައްޔާރު ވާން ބުންޏެވެ. ލުޖައިން ފޮތްތައް ހިފައިގެން މޭޒު ދޮށުގައި އިނދެފައި އަވަހަށް ގޮސް ތައްޔާރު ވާން ފެށިއިރު އޭރުވެސް ހިތް އޮތީ ޝަކުވާއިން ފުރިފައެވެ. މިއަދު އަދި ފޮރުވިގެން އިނެއް ކަމަކު ކުލާހަށް ދާއިރަށް ހުރިހާ ކުދިން ސުވާލު ކުރިމަތި ކުރާނެއެވެ. އެކަމަކު ޖަވާބުގައި އޭނާ އާރިންގެ ވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ ލުޖައިން ކަޅު ކުލައިގެ ކުރުތާ އަކާއި ޖިންސެއްގައި މޭކަޕެއް ނެތި ވެސް ރީތިކަމުން އާރިން އަށް ބަލަން ހުރެވުނެވެ. ކައިރިއަށް އައިސް ހުއްޓުނު ފަހުން މޯބައިލް ޖީބަށްލާފައި އާރިން ދޮރުން ނިކުންނަން ދިޔައީ ލުޖައިންގެ އަތުގައި ހިފާލައިގެންނެވެ. ދިމާކުރިމަތީގައި ސުހާ އުޅޭކަން އެނގިހުރެވެސް އާރިން އެގޮތަށް ކަންތައް ކުރާތީ ލުޖައިން ހައިރާންވިއެވެ. އެކަމަކު އޭނާ މިއަދު ހުރީ އަނގައިން ނުބުނަން ހުވާކޮށްގެން ކަހަލައެވެ. ސައިކަލު ދުއްވާލައިފައި އާރިން، ސައިބޯން ބޭނުންތޯ އަހައިލުމުން ނޫނެކޭ ބުނެލުން ވެސް ވީ ބޮޑު ކަމަކަށެވެ. އެކަމަކު ގަދަކަމުން އެއަށް ޖަވާބު ދިނެވެ.
"ކިއެވުން ކިހިނެއް ކުރިއަށް ދަނީ؟" އާރިން ހީވަނީ މިއަދު އެހެން މީހެއް ހެންނެވެ. ކުއްލިއަކަށް އޭނާގެ އަމިއްލަ ކަންތައްތަކާއި މެދު އާރިން ޝައުޤުވެރިވީ ކިހިނެތް ހެއްޔެވެ؟ ލުޖައިން ފާޅުގައި އިންކާރުކޮށްފައި އޮތްވައި ވެސް އާރިން ސައިބޯން ވެގެން ދިޔައެވެ. ސައިކަލު މަޑުކޮށްލާފައި ރެސްޓޯރެންޓް އެތެރެއަށް ވަދެގެން ދިޔައިރު އެތާގައި މީހުން ގިނަކަމުން ލުޖައިން އެހާ ނުތަނަވަސްވިއެވެ. މޭޒުދޮށުގައި އިށިންފަހުން ޖެހިގެން ހުރި މޭޒުދޮށުގައި ތިބި ފިރިހެން ކުދިން ތަކެއްގެ ނަޒަރު ލުޖައިންއަށް އަމާޒު ވިއެވެ. އާރިންއަށް ކުއްލިއަކަށް އަތުގައި ހިފައިލުމުން ލުޖައިން ސިހިގެން ބަލައިލި އިރު އެމޫނުގައިވީ ރުޅިވެރި ކަމެވެ. އާރިން އެނަޒަރުން ބަލަހައްޓައިގެން އިނީ ޖެހިގެން ހުރި މޭޒު ދޮށުގައި ތިބި ކުދިންނަށް ކަން އެނގުމުން ލުޖައިން މިފަހަރުވެސް ހައިރާންވިއެވެ. އާރިން ސުހާގެ ބައިވެރިއެއްގެ ގޮތުގައި ހުރެފައި އަދި އޭނާގެ މަގަށްވެސް ހުރަސް އަޅަނީ ހެއްޔެވެ؟ އެއީ ކިހިނެއް އިންސާފަކަށް ވާނެ ކަމެއް ހެއްޔެވެ؟ އާރިން ހާދަ އަމިއްލަ އެދުން ބޮޑެވެ. އާރިން ހަމަ އުފާކޮށް ބަހައްޓާފައި އޭނާވީ ހުރިހައި އުފަލަކުން މަހުރޫމް ވެގެން އާރިންގެ ކުޅޭ އެއްޗަކަށް ވެގެން ހުންނަން ހެއްޔެވެ؟ އެގޮތަށް ފިރިހެނަކު ބަލައިލާއިރަށް އަތުގައި ހިފައި އަމިއްލަ ބާރު އޮތްކަން އަންގަން ވެއްޖެއްޔާ ޒުވާން އުމުރު ނިމިދާނީ އިންނާނެ މީހަކު ނުވެ ހުއްޓައި ކަންނޭނގެ އެވެ. ލުޖައިން ހިތާއި ހިތުން އެތައް ވާހަކައެއް ދައްކައި ނިންމައިލި ތަނާ އާރިން އޭނާ ގޮވައިގެން ނިކުންނަން ދިޔައީ ބިލްފޮތް ތެރެއަށް ފަސްސަތޭކައިގެ ނޫޓެއް ލައިފައި ބާކީއަކަށް ވެސް ވިސްނައިލުމެއް ނެތިއެވެ.
"ލުޖައިން!" ސައިކަލު ފްލެޓްތައް ކައިރިއަށް މަޑުކޮށްފައި ލުޖައިން ފައިބައިގެން ދާން ފެށުމުން އާރިން ގޮވައިލިއެވެ. ލުޖައިން ހުއްޓިފައިވެސް އެނބުރި ބަލައި ނުލައި އެހުރި ފިޔަވަޅު މަތީ މަޑުކޮށްލިއެވެ. "ލުޖައިން ބޭނުމިއްޔާ އެހެން ކުއްޖަކާއި ރައްޓެހި ވިއަސް އޯކޭ. އެއީ އަހަރެން ކޮންޓިނިއު ކުރަން ގަސްތު ކުރަނީ ސުހާ އެކު." އެއީ އާރިން ބުނެލި ޖުމްލައެއް ނޫނެވެ. ލުޖައިން މޫނަށް އަރުވައިލި ހޫނު އެތިފަހަރެކެވެ. އެނބުރި ބަލައިލި އިރު އާރިންއަށް ފެނުނީ ލުޖައިންގެ ދެލޮލަށް ޖަމާވަމުން ދިޔަ ބޮޑެތި ކަރުނަ ތިކިތަކެވެ. އެއް އިންސާނަކަށް އަނެއް އިންސާނާއަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނީ މިހާކަށް ވަރަށް ކަންނޭނގެ އެވެ. އެއީ ހަވީރުކަން ގައިމުވާ ފަދައިން ލުޖައިންއަށް ޔަޤީންވީ އާރިން އެބުނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމެވެ. އާރިން އޭނާގެ ހަޔާތަށް އެހެން މީހަކު އައުމުގެ ފުރުސަތެއް ނުދޭނެއެވެ. އޭނާ ކުރިއަށް ދާން އެއްފިޔަވަޅު އަޅާއިރަށް އާރިން ހުރަހަކަށް ވެގެން އައިސް ކުރިމައްޗަށް ހުއްޓިފައި ދެ ފިޔަވަޅު ފަހަތަށް ޖެހިލަން މަޖުބޫރު ކުރާނެކަން ކަށަވަރެވެ. "އާރީއަށް އެބައެނގޭތަ ތި ކިޔޭ އެއްޗެއް؟ ދެންމެއޭ ފިރިހެން ކުދިން ތަކެއް ބަލައިލައިގެން އާރީ ރުޅިގަދަވެ އަހަރެން އަތުގައި ހިފާފަ އަހަރެންމީ އާރީގެ އަމިއްލަ ޕްރޮޕަޓީއެއްކަން އެމީހުންނަށް ދެއްކީ. ދެން މިހާރު ކޯއްޗެކޭ ތިކިޔަނީ؟" ލުޖައިން ހިތްވަރުކޮށްލާފައި ވާހަކަދައްކަން ފެށިތަނުން ކަރުނަތައް ކޮންޓްރޯލް ނުވެގެން ކޯތާފަތްމައްޗަށް ފައިބައިގަތެވެ. އޭނާ އަވަސްއަވަހަށް އެކަރުނަތައް ފުހެލާފައި ބަލައިލި އިރު އާރިން އިނީ ތުންފަތުގައި ދަތްއަޅާލައިގެންނެވެ.
"އަހަރެން އެގޮތަށް ކަންތައް ކުރީ އެއީ ކިހާވަރެއްގެ ކޮންބައެއްކަން އެނގޭތީ. އެތާކު ނެތް ލުޖައިން އާއި އެކަށީގެންވާ އެކަކުވެސް." އާރިން މަތިމަތިން ވާހަކަ ހަމަޖައްސާލައިފައި ލުޖައިންއަށް ފުރުސަތެއް ނުދީ ބާރަށް ސައިކަލު ދުއްވާލާފައި ގޮސް ގެއްލުނެވެ. ރޮވިފައި ހުރެވެސް ލުޖައިންއަށް ދެދަތްޕިލާ ކާރުވައިލެވުނެވެ. ލުޖައިން ބާރު ބާރަށް ގޮސް ސިޑީގެ ހަރުފަތްތައް ގިރާކޮށްލައިފައި އެތެރެއަށް ވަންއިރު ޝާމިސް ކައިރީގައި ސޯފާގައި އިން ނުދަންނަ އަންހެންކުއްޖާ ފެނިފައި ސިހޭ ގޮތްވިއެވެ. "ހޭއި!" ޝާމިސް ތެދުވެފައި ލުޖައިންއަށް ހިނިތުންވެލުމުން ގަދަކަމުން ކަރުނަތައް އޮއްބައިލަން މަސައްކަތް ކޮށްލިއެވެ. "ހޭއި ދޮންބޭ!" ލުޖައިން ހިނިތުންވުމެއް ވެރިކުރުވިއެވެ. އަންހެންކުއްޖާގެ ނަޒަރު އޭނާގެ މޫނަށް ހުއްޓިފައި ހުރިކަން އެނގިގެން ލުޖައިން ބަލައިލައިފައި އެކުއްޖާއަށްވެސް ހިނިތުންވެލިއެވެ. "މީ ހީނާ. ދޮންބެގެ ގާރލްފްރެންޑް." ޝާމިސްގެ މޫނުން ހިސާބެއްގެ ލަދުވެތިކަމެއް ފާޅުވިއެވެ. އޭނާ އަންހެން ކުއްޖެއް ގޮވައިގެން ލުޖައިން ކުރިމައްޗަށް އައި މީ ފުރަތަމަ ފަހަރެވެ. "ވަރަށް އުފާވެއްޖެ ބައްދަލުވީމަ." ހީނާ ތެދުވެފައި ސަލާމަށް އަތްދިއްކޮށްލައިގެން ކައިރިއަށް އައިސް ހުއްޓުމުން ލުޖައިން އެއަތުގައި ހިފައިލިއެވެ.
"ދޮންބެ މިއައީ ހަމައެކަނި ހީނާ އާއި މީޓް ކުރުވާކަށް ނޫން. މުހިންމު ވާހަކަ ދައްކަންވެފަ އެބައޮތް." ޝާމިސް އިސްޖަހައި ލަމުން ދެއަތް ދެއަތާއި މޮޑެލާފައި ގޮސް ސޯފާގައި އިށީނެވެ. ލުޖައިން ހީނާ ގޮވައިގެން ގޮސް ދެމީހުން ޖެހިޖެހިގެން ޝާމިސް ކުރިމަތީ އިށީންދެ ބުމަ އަރުވައިލުމަކުން ޝައުޤުވެރިކަން ފާޅުކުރިއެވެ.
ލުޖައިންއަށް އެރޭ އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. ލޯ މަރައިލާއިރަށްވެސް ކަންފަތް ދޮށުގައި ތަކުރާރުވާން ފަށަނީ ދޮންބެގެ ވާހަކަތަކެވެ. ދޮންބެ ހީނާ އާއި ކައިވެނި ކޮށްގެން ވަޒީފާ ވެސް އެރަށަށް ބަދަލު ކުރަން ހުރިހާ ކަމެއް ހަމަޖެހުނު ވާހަކަ އާއި އެހެންވިއަސް ލުޖައިން ގަބޫލު ނޫނިއްޔާ އޭނާ އެކަނިކޮށްފައި ނުދާނެ ވާހަކައެވެ. އާރިން ކައިރީ ވާހަކަ ދައްކައިލުމުން ލުޖައިން ބަހައްޓައިދޭން އެއްބަސްވި ވާހަކައެވެ. އޭނާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ޝާމިސް އާރިންއަށް ކުރާ އިތުބާރަކުން އޭނާ އެކަނި އެގޭގައި ބަހައްޓާކަށްވެސް ފަހަކަށް ނުޖެހުނެވެ. އަނެއްކޮޅުން އޭނާ ދޮންބެގެ އުފާތަކަށް ހުރަސް އަޅާނީ ކިހިނެއް ހެއްޔެވެ؟ ދެން އޮތީ އަނެއްކޮޅެވެ. ކިއެވުން ހުއްޓާލައިފައި ރަށަށް ގޮސް ފުރަތަމަ އެހި މީހަކާއި ކައިވެނި ކޮށްގެން އުޅެންވީއެވެ. ފަހުން ޖަވާބެއް ދޭން ބުނެފާނަމޭ ލުޖައިން ހިތަށް އެރިއެވެ. އެކަމަކު ހީނާ އާއި ދޮންބެ އެހާ އުންމީދާއެކު ބަލަން ތިބިގޮތުން އޭނާއަށް ނުކެރުނީއެވެ. އާރިންގެ ކައިރީގައި އެކަނި ހުރެދާނެ ކަމާއި ދޮންބެ ބޭނުމިއްޔާ ހީނާގެ ރަށަށް ބަދަލުވިއަސް ހެޔޮކަމަށް އޭނާ ބުނެލީ ކަރުނައިގެ ކޯވަރެއް ބޯލައިފައެވެ.