ރަފާލްގެ ނަޒަރުގައި ދެވަނަ ފުރުސަތެއް ލިބެން ޖެހޭނީ ހަމައެކަނި އޭނާ އަށާއި ޒޯއީ އަކަށް ނޫނެވެ. ހަމައެފަދައިން ވަކިވެފައިވާ އޭނާގެ މައިންބަފައިންނަށް ވެސް އެފުރުސަތު ހައްޤެވެ. އަހަރުތަކެއްގެ ތެރޭގައި ނުވި ކަމެއް އެންމެ ރެއެއްގެ ތެރޭގައި ހިނގައި ދިޔަ ގޮތާއި މެދު ހިސާބަކަށް ހައިރާން ވެސް ވިއެވެ. ބައެއް ކަންތައްތައް ހިނގަނީ ވަގުތުގެ ބާރު ދަށުންނެވެ. އެފަދަ ކަންތައްތައް ގިނަ ފަހަރަށް އިންސާނާގެ ބާރުގެ ދަށަކު ނޯވެއެވެ. ވަގުތާއި އެކު ކިތަންމެ ކަމެއް ބަދަލުވެއެވެ. ޒޯއީ ލޯމަރާލައިގެން އޮވެ އެދެމީހުންގެ ވާހަކަތައް އިވުމުން ހިތަށް ނުހަނު އަސަރު ކުރިއެވެ. އޭނާއަށް ވެސް ދިމާވީ ހަމަ އެމީހުންނަށް ދިމާވި ގޮތަށެވެ. ބައިވެރިޔާގެ މުހިންމުކަން އިހްސާސްވީ އަތުން ބީވެގެން ދިޔައީމައެވެ. ހަނދާން ވާން ފެށީމައެވެ. އެނބުރި އަންނަން ޒޯއީއަށް ކެރުނީ ބަނޑުގައި އަށަގެން ދަރިފުޅުގެ ސަބަބުންނެވެ. ނޫންނަމަ އެދެމީހުން ފަދައިން އޭނާވެސް ހުންނާނީ ހިތުގައި ލޯބި ފޮރުވާލައިގެން އަނދިރީގެ ތެރޭގައެވެ. 

ޒޯއީ ގެއަށް ފޮނުވައިލިތާ ހަތަރު ދުވަސްފަހުން ތުއްތު ދަރިފުޅަށް ނަން ކިއުމުގެ ހަފްލާ އޮތީ ޝަހީމުގެ ގޭގައެވެ. ދެއާއިލާގެ ހުރިހާ މެމްބަރުންނާއި އެކުވެރިން އެއްވެފައިވާ އެ އުފާވެރި މާހައުލުގައި މަދީ ހަމައެކަނި އީތަންމެން ދެމަފިރީންނެވެ. ކައިވެނީގެ ރެއަށް ފަހު ޖެހިގެން އައި ހެނދުނު އެދެމީހުން ހަނީމޫނަށް ދަތުރު ފެށީ އެމެރިކާއަށެވެ. ޒޯއީ ޑްރެސިންޓޭބަލް ކުރިމަތީ ރީތިވާން އިންދައި ރަފާލްގެ މަންމަ އާފިޔާ ތުއްތު ދަރިފުޅު ރީތިކޮށްލައިގެން ކުޑަ އެނދުގައި ބާއްވާލަދިނެވެ. ޒޯއީ ޝޯލް އަޅައި ނިމިގެން ގޮނޑިން ތެދުވި ތަނާ ރަފާލް ވަދެއްޖެއެވެ. ރަފާލް ފޯނު ކަންފަތުގައި ޖަހައިގެން ހުރެފައި އެއްޗެއް ބުނަންވެގެން ބަލައިލައިފައި ޒޯއީގެ ސޫރަ ފެނުމުން ފުރަތަމަ ހުއްޓުން އެރިއެވެ. ރީނދޫލާއި ކަޅުން ގުޅުވާލެވިފައިވާ ޝޯލް އާއި ކަޅު އަބެޔާ ހެދުމުގައި ޒޯއީ އެހެން ހުރިހާ ދުވަހަކަށް ވުރެ ފަރިހެން ހީވިއެވެ. ބަނޑާއި ނުލައި ކުރީގެ ރީތި ސޫރައަށް އިއާދަވެފައިވާ ކަހަލައެވެ. ހަމައެކަނި ތަފާތަކީ އަދިވެސް ކުޑަ ފުށްކަމެއް އެމޫނާއި ހަށިގަނޑުގައި ވިކަމެވެ. އެކަމަކު އެކަމުގެ ސަބަބުން އިތުރަށް ހަންގަނޑަށް ވާންވެ ޖަންބުކުލަ ގަދަވެފައި ވެއެވެ.

"ވަޓް؟" އާފިޔާވެސް ހުއްޓައި ރަފާލް އެހާ ވަރަށް ބަލަން ފެށުމުން ޒޯއީ ރަކިވެގެން އާދައިގެ ވަރަށްވުރެ ބާރަށް އަހައިލި އެވެ. "ތިއާ ގުޅާފަ ބުނީ ސްކައިޕް އޮންކޮށްބަލާށޭ." ރަފާލް ގާތަށް ކުޑަކޮށް ހިނި އައިސްގެން ދެފަރާތަށް ބޯ ހޫރާލައި އަމިއްލަ ނަފްސް ބާރުގެ ދަށަށް ގެންނަމުން ޖަވާބު ދިނެވެ. "އަޅެ މިހާރުތަ؟ މިހާރު ތިރިއަށް ފައިބާ ގަޑި ޖެހުނީ. މެހުމާނުންވެސް އައިސް ހަމަވީ." ޒޯއީ ޝަކުވާ ކޮށްލިއެވެ. ރަފާލް އެއްޗެއް ނުބުނެ ހުރެފައި ގޮސް ޒިންދުގެ އެނދު ކައިރިއަށް ހުއްޓުމުން ޒޯއީ ހުޅުވާފައިވާ ލެޕްޓޮޕުން ސްކައިޕް އޮން ކޮށްލިއެވެ. އާފިޔާވެސް އެދެމަފިރީންނަށް ވަގުތު ދީފައި ނިކުންނަން ދަނިކޮށް އާރިން އާއި ލުޖައިން އައިސް ވަނީ އެވަގުތެވެ. 

"އާވ... ސޯ ކިއުޓް... ކުޑަ ކުޑަ ފުށް ދޫންޏެއްހެން ހީވަނީ." ލުޖައިން އައިސް ކުޑަ އެނދާއި ގާތްވެލާފައި ޒިންދު ފެނިގެން ބުނެލައިފިއެވެ. އެނދު ވަށާލައިގެން ރަފާލް އާއި އާރިންވެސް ހުރެފައި އެތުއްތު މޫނަށް ބަލައިލީ ހިނިތުންވެފައެވެ. ކުޑަ ކުޑަ ޒިންދު ހުދުކުލައިގެ ހެދުންކޮޅާއި ސްޓާކިންއެކު ބޮލުގައިވެސް ބޭންޑެއް އަޅާފައި އޮތުމުން ނިކަން ލޯއްބެވެ. ހަތްދުވަސް ތެރޭވެސް އިތުރަށް ހަށިގަނޑު ރީތިވެ ފަލަވެލާފައި އޮތުމުން ފުށްގުޅައެއް ފަދައެވެ. "އެ ޑިމްޕަލް." ތިންމީހުން ބަލަން ތިއްބައި ޒިންދު ހިނިތުންވެލި އިރު ކޮލުން ފާޅުވި އަޑިކޮޅު ފެނިގެން ލުޖައިންއަށް ހީގަނެވިއްޖެއެވެ. "ލޫލޫއަށް ކުރިން ނޭނގޭތަ؟" ޒޯއީވެސް އެނބުރިފައި ބަލައިލިއެވެ. "މަގޭ ފަރާތުން ވާރުތަ ކުރި ޑިމްޕަލްއެއް." ތިއާއަށް އެއަޑު އިވިގެން ބުނެލިއެވެ. "ހަހަ މަންޖެގެ ކޮންތަނެއްގަ ހުރި ޑިމްޕަލްއެއް؟" އާރިން އެވަގުތުވެސް ތިއާ ރުޅިއަރުވައިލަން ވެގެން ދިމާކޮށްލިއެވެ. "އިން އެ ސީކްރެޓް ޕްލޭސް. އާރީ ކައިރިއަކު ނުބުނާނަން." ތިއާވެސް ދުލެއް ނުކުރިއެވެ. ލުޖައިންއަށް ހީހީފައި އެވަގުތުވެސް ބަލަން ހުރީ ޒިންދުގެ ހަރަކާތް ތަކަށެވެ. އިރުކޮޅަކުން އީތަން ގަދަ ނިދީގައި އޮވެފައި އަތް އެއްލައި ތިއާގެ އުނަގަނޑުގައި އަތް އަޅުވައިލި ތަން ފެނިގެން އެންމެން ހަޅޭއްލައިގަތެވެ. 

ނިދިފައި އޮތް އީތަން ފުންމައިގެން ތެދުވީ ކުއްލި އަކަށެވެ. އެތަން ފެނިގެން އެންމެ ބާރަށް ހެވުނީ ޒޯއީ އަށެވެ. "އޭދެން އަހަރުމެންނަށް ސެންސަރ ނުކުރާ މަންޒަރު ނުފެންނަނީސް އޮފް ވާން އުޅޭ. މިހާރު ތިރިއަށް ދާންވެއްޖެ." ޒޯއީ ހެމުން ހެމުން ބުނެލިއެވެ. އީތަން އާއި ތިއާ އެންމެންނަށް ހަނާ އަޅައިލައިފައި އެންމެފަހު ވަގުތު ތިއާ އަނެއްކާ ޒިންދު ކޮބައިތޯ އަހައިފިއެވެ. ޒޯއީ އިޝާރާތް ކޮށްލުމުން ލުޖައިން ޒިންދު ނަގައިގެން ގޮސް ދައްކައިލިއެވެ. "ބައި ގައިޒް! މޭކް އެ ބޭބީ." އެންމެން ނިކުންނަމުން އާރިން އެންމެ ފަހަތުގައި ހުރެފައި ބުނެލިއެވެ. "އައި ލަވް ޔޫ ޖާރކް." ތިއާ ވަކިވެލަމުން އާރިންއަށް ބުނެލީ އެހެންނެވެ. 

ހަތަރު މީހުން ޒިންދު ގޮވައިގެން ތިރިއަށް ފޭބިއިރު އާއިލާގެ ބާކީ މެމްބަރުންނާއި ދައުވަތު ދެވިފައިވާ ހުރިހާ މެހުމާނުންހެން ތިއްބެވެ. ޒޯއީގެ ދެލޯ ފުރަތަމަވެސް ހޯދައިލީ ޒަކްވާން އެވެ. އެންމެ ފަހު ވަގުތު ގުޅާފައި ޝަކީބާ ގެއަށް ދޫކޮށްލާ ވާހަކަ ބުނުމުން ޒޯއީ އެދުނީ ގޮވައިގެން އެގެއަށް އައުމަށެވެ. ދުވަސް ތަކަކަށްފަހު މަންމަ ކޮޅަށް ހުއްޓާ ފެނުމުން ޒޯއީއަށް ޤަބޫލު ކުރަން ދަތިވިއެވެ. އެވަގުތު އެހެން އެންމެންގެ ނަޒަރުވެސް ޝަކީބާއަށް ހުއްޓޭ ގޮތް ވިއެވެ. ޒޯއީ އައިސް ކައިރިއަށް ހުއްޓުމުން އެއަތުގައި އޮތް ޒިންދުގެ ހަނދެއްފަދަ މޫނަށް ބަލައިލައިފައި ޝަކީބާ އުރަންވެގެން އަތް ދިއްކޮށްލިއެވެ. މާމަ ދަރިފުޅު އަތުތެރެއަށް ލެވުމުން ހިފެހެއްޓުމެއްނެތި ދެލޮލަށް ކަރުނަތައް ގިނަވިއެވެ. ޝަކީބާ އަސަރާއެކު ޒިންދުގެ މޫނުގެ އެތަންމިތާ ބޮސްދީފައި މޭގައި ޖައްސައިއިލި ގޮތުން ޒާހިދުއަށްވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ. 

މެހުމާނުންތައް ރަފާލް އާއި ޒޯއީއަށް މަރުހަބާ ކިޔާފައި އެކި އެކި ހަދިޔާތައް ގެނެސްދިނެވެ. ޒިންދުގެ ތުއްތު މޫނު ދެކެފައި އެއިން ކޮންމެ ހިތެއްވެސް ލޯބިން ފުރިގެން އަންނަނީ އަމިއްލަ އިޚުތިޔާރަކާ ނުލައެވެ. ހަފްލާ ތެރޭގައި އެކި މީހުންގެ އަތުތެރޭގައި ޒިންދު އޮތްއިރު އެހެން ދުވަސްތަކަށް ވުރެ ގިނައިން ހިނިތުންވެލައި އުފާވެރިކޮށް އޮތްކަން އެންމެންނަށް ވެސް ފާހަގަ ކުރެވުނެވެ. 

ރީމްއަށް އުރާލަން ފުރުސަތު ލިބުމުން ޒިންދު އުނގަށް ލައިގެން އިނީ ކުޑަ ދޮރަކާއި ކައިރިވެލައިގެންނެވެ. ބޭރުގައި ހައްދާފައިވާ ފެހި ގަސްތަކާއި ފަރިވެފައިވާ މާމެލާމެލީގެ ރީތިކަން ދާދި ކައިރިން ފެންނަން ހުއްޓެވެ. ރީމްގެ އަތުތެރޭގައި ޒިންދުވެސް އޮތީ ނިކަން ހަމަޖެހިލައިފައެވެ. ދޭތެރެއަކުން އަނގައަށް އަތްލާ ގޮތްވުމުން ރީމް އެއަތް ނަގާފައި އެތުއްތު އަތްތިލައިގައި ހިފައިގެން ވާހަކަދައްކަން އިނދެއެވެ. ތަންކޮޅެއް ދުރުގައި މީހުންތައް ތިބީ ކެއުމާއިގެން މަޝްއޫލު ވެފައެވެ. ރަފާލް އާއި ޒޯއީވެސް އެކުވެރިން ތަކަކާއެކު ކާންވެގެން ތިއްބެވެ. ރީމް އެހެން އިންދައި އިރުކޮޅަކުން ކޮންމެވެސް މީހަކު ކޮނޑުގައި އަތް ޖައްސައިލުމުން ސިހޭ ގޮތްވިއެވެ. ރީމް ބަލައިލަން އުޅެނިކޮށް އެމީހަކު ގޮނޑިއެއް ދަމާލައިގެން އިށީންދެލީ ރީމްގެ ކަނާތް ފަރާތުގައެވެ. 

"ޒަކްވާން!" ރީމްއަށް އީޚުތިޔާރަކާ ނުލައިވެސް ގޮވާލެވިއްޖެއެވެ. "ހޭއި ބޭބީ ގާރލް!" ޒަކްވާން ރީމްގެ މޫނަށް ބަލައިވެސް ނުލައި ޒިންދުގެ ކުޑަ އަތުގައި ހިފަހައްޓައި ލުމުން ރީމްއަށް އެމޫނަށް ބަލައިލެވިއްޖެއެވެ. ޒަކްވާން ހަތަރުކަޅި ހަމަކޮށްލީ ރީމް އެހެން އިންދައެވެ. "ރީމް ވިސްނިންތަ އަހަރެން ދެއްކި ވާހަކަތަކާއި މެދު؟" ޒަކްވާން ސުވާލު ކޮށްލުމުން ރީމްއަށް ކީކޭ ހެއްޔޭ އަހައިލެވިއްޖެއެވެ. ޒަކްވާން މިފަހަރު އަނގައިން ނުބުނެ ބަލަން އިނީއެވެ. ރީމް ކަންބޮޑުވެފައި ތުންފަތުގައި ދަތް އަޅާލައިގެން އިސް ޖަހައިލުމުން ޒަކްވާން ކުއްލި އަކަށް ދަތްދޮޅިދަށަށް ޝަހާދަތް އިނގިލި ލައްވައި އުފުލައިލުމުން މުޅިކުއްޖާ ފިނިވިއެވެ. އެހުރިހާ މީހުން އެއްވެފައިވާ ތަނެއްގައި ޒަކްވާން މިއުޅެނީ ކީއްކުރަން ބާވައެވެ؟

"ނިކަން އަހަރެންގެ ލޮލަށް ބަލަން އިނދެފަ ބުނެބަލަ އަހަރެންނަށް އެހީވާކަށް ބޭނުމެއް ނުވެއޭ. އަހަރެންނާއެކު ހަޔާތެއް ފަށާކަށް ނޭދެމޭ." ޒަކްވާން އެހެން އަހައިލި އިރު ލޮލުގައި އަޑުގައި ހަރުކަށި ކަމާއި ލޮލުގައި ޝަކުވާވިއެވެ. ރީމް ޖަވާބެއް ނުދީ އިންދައި ޒޯއީ ކައިރިއަށް އައިސް ގޮވައިލުމުން އެތަނުން ދާނެ ފުރުސަތު ލިބުނެވެ. ރީމް އަވަހަށް ޒިންދު ހަވާލުކޮށްފައި ފުންމައިގެން ތެދުވެ ހިނގައިގަންނަން އުޅެނިކޮށް ޒަކްވާން އަތުގައި ހިފެހެއްޓުމުން ރަނގަޅަށް ވެސް ނޭވާ ހުއްޓޭ ގޮތްވިއެވެ. ކައިރީގައި ހުރި ޒޯއީ އާއި އަދިވެސް އެތައް ބައެއްގެ ލޯތައް އެދެމީހުންނަށް ހުއްޓުނެވެ. "އައި ނީޑް އެން އާންސަރ." ޒަކްވާން ހުރީ ގޮތުގައި ހިފަހައްޓައި ގެންނެވެ. އެކަމަކު ރީމްއަށް މިހާރު ދެން ޖަވާބު ދޭކަށް މާ ފަސޭހައެއް ނުވާނެއެވެ. "ރީމް! ތެދު އަބަދުވެސް ކުރި އަރާނެ. ޒަކްވާން އެކުރާ ސުވާލެއްގެ ޖަވާބު ހިތުގައި އޮތްގޮތަށް ބުނެލާ." ޒޯއީއަށް ކަމުގެ ހަޤީޤަތް ނޭނގިވެސް ދިނީ ރަނގަޅު ނަސޭހަތެކެވެ. 

އެތާތިބި މީހުންގެ ފަރާތުން ޝަހީމު އާއި އާފިޔާއަށް އިވިގެން އެދިމާއަށް އަންނަތަން ފެނުމުން ރީމް ހައްތަހާ ބޮޑަށް ބިރުގަންނަ ގޮތްވިއެވެ. "ވަޓްސް ގޯއިން އޮން؟" އެދެމީހުންނަށް ވުރެ ކުރިން ކައިރިއަށް އައިސް ހުއްޓުނު ރަފާލް، އެއްފަހަރު ޒޯއީއަށް އަނެއްފަހަރު ރީމްއަށް ބަލައިލައިފައި ސުވާލު ކޮށްލިއެވެ. ޒޯއީ ލޮލުން ފޮނުވައިލި މެސެޖް ރަފާލްއަށް ނަގައިގަނެވިގެން އެދެމީހުންނަށް ބަލައިލައިފައި ޒިންދު އުރާލައިގެން ހުއްޓުނެވެ. "ރީމް އަހަރެން ސުވާލެއް އެބަކުރަމެއްނު. ކޮބައިތަ ޖަވާބު؟" ޒަކްވާންއަށް ޖެހުނީ އަދި އެއްފަހަރު އެހެން ބުނެލާށެވެ. 

ރީމް އަނެއްފަރާތަށް އެނބުރި ފުން ނޭވައެއް ލައިފައި ހިތަށް ގެނައީ ޒޯއީ ދިން ނަސޭހަތެވެ. "އޮފްކޯސް. ޒަކްވާން ތިބޭނުންވާ ހުރިހާ ކަމެއް އަހަރެންވެސް ބޭނުން. އެން އައި ވޯންޓް އިޓް ވިތް ޔޫ..." ރީމް ހިތްވަރު ކޮށްލައިފައި ޖަވާބު ދީފިއެވެ. ޒަކްވާން ބަލަން ހުރެލައިފައި ހިނިތުންވެލީ ކުއްލި އަކަށެވެ. އަދި ރީމް އަތަށް ދަމައިލާފައި އުފުލައިލައިގެން އެރީތި އަތްތިލައިގައި ބޮސްދިނުމުން އެންމެންގަނޑު ތަރުހީބުގެ އަތްތިލަބަޑިއެއް ދިނެވެ. ޝަހީމުއަށް ބަލައިލެވުނީ ޝަކީބާ އަށެވެ. ދެމީހުންގެ މޫނު އުޖާލާ ކުރަމުން ދިޔަ ހިނިތުންވުން ހާމަކުރަމުން ދިޔައީ އެއް ވާހަކަ އެކެވެ. އާފިޔާވެސް ހުރީ ހިނިތުންވެފައެވެ. ޒާހިދު އާއި ޒޯއީ އަދި ދެންތިބި އެންމެންވެސް ދެކޮޅުވެރިކަން ފާހަގަ ކުރުމުގެ ބަދަލުގައި ދެއްކީ އުފާވެރި ކަމެވެ. ހާއްސަކޮށް ލުޖައިންގެ މޫނުގައިވި ހިނިތުންވުން އެހެން އެންމެންގެ ތެރެއިން ފާހަގަ ކޮށްލެވެއެވެ. ޒަކްވާންއަށް ލުޖައިންގެ ހިތުން ގާތް އެކުވެރިއެއްގެ މަޤާމް ދިން ދުވަހުން ފެށިގެން ދެކެން ބޭނުންވި މީ އެއް ދުވަހެވެ. ފާއިތުވި ދުވަސްތަކުގައި ޒަކްވާން އޭނަ ފަހަތުން އުޅުނު އިރު ލުޖައިން އަބަދާއި އަބަދު ހިތާއި ހިތުން އެދެވުނީ ޒަކްވާންއަށް ލޯބިދޭނެ ބައިވެރިޔަކު ލިބުމެވެ. ރީމް އެއީ އެންމެ ރަނގަޅަށް ޒަކްވާންގެ ހާލަތު އެނގޭނެ ޒަކްވާން އާއި އެންމެ އެކަށީގެންވާ ފަރާތެވެ. 

"ކޮންގްރާ ޒެކް." ލުޖައިންއަށް ނުހުރެވިގެން ކުރިއަށް ޖެހިލައިފައި ބުނެލިއެވެ. ޒަކްވާން އެނބުރިލައިފައި ލުޖައިންގެ ދިއްކޮށްލެވިފައިވާ އަތްތިލައަށް ބަލައިލީ ބީރައްޓެހި ގޮތަކަށެވެ. "ތެންކިއު." ޒަކްވާން ބަލަން ހުރެލާފައި ކުއްލިއަކަށް ލުޖައިން އަތުގައި ހިފައިލުމުން އާރިން އަށާއި ރަފާލްއަށް ވެސް ހިނިތުންވެވުނެވެ. ލުޖައިންއަށް ފަހު ފަހަރަކު މީހަކު ކައިރިވެލައިފައި މަރުހަބާގެ ބަސްތައް އިއްވަމުން ދިޔައިރު ހުރި ފިޔަވަޅު މަތީގައި ހުރީ އާރިން އެކަންޏެވެ. އެންމެން މަރުހަބާ ކިޔައިފައި އަނެއްކާވެސް އެކި ދިމާއަށް އެނބުރުނު ފަހުން އާރިންގެ ދެފައި ހަރަކާތް ކުރަން ފެށީ އާދައިގެ ވަރަށް ވުރެ ލަސްލަހުންނެވެ. ލުޖައިން އެހެން ހުރެފައި އެއްލި ކަޅިއަކުން އެމަންޒަރު ފެނިގެން ނޭވާ ހިފަހައްޓައި ލެވުނެވެ. ރީމް އާއި ޒަކްވާން އަދި ރަފާލް އާއި ޒޯއީވެސް ބަލަން ހުރީ ދެން ވާނީ ކިހިނެއްކަން ލަފާ ކުރާ ފަދަ ގޮތަކަށެވެ. 

"މަރުހަބާ ޒަކްވާން. މަރުހަބާ ރީމް." އާރިން ގޮސް ހުއްޓިފައި ދެމީހުންގެ މޫނަށް ވަކި ވަކިން ބަލައިލިއެވެ. ރީމް ޝުކުރު އަދާ ކުރިފަހުންވެސް ޒަކްވާން ހުރީ އެއްޗެއް ނުބުނެއެވެ. "ތޭންކްސް..... ލިޓްލް ބްރަދަރ." އެހެން ހުރެފައި އާރިން އަނެއް ފަރާތަށް އެނބުރުނު ފަހުން ޒަކްވާންގެ އަޑު އައެވެ. އާރިންގެ ދެފައި ހީވީ ބިމުގައި ތަތްލިހެންނެވެ. އަދި އެހެން އެންމެންގެ ލޯތައްވެސް ހައިރާންކޮށްލައި ކަންފަތްތައް ކޮޅަށް ޖެހުނެވެ. އިވުނު އަޑު އެކަކަށްވެސް ޤަބޫލު ނުކުރެވިގެން އުޅޭ ކަހަލައެވެ. އާރިން ހުއްޓި ހުރެފައި އަނެއް ފަރާތަށް އެނބުރި ޒަކްވާން އާއި ކުރިމަތިލިއެވެ. ދެބެންގެ ހަތަރުކަޅި ބައްދަލުވެފައި ހިނިތުންވުމެއް ބަދަލު ކުރެވުނެވެ. އެ އެންމެ ހިނިތުންވުމަކުން ފާއިތުވީ ދުވަސްތަކުގެ ހުރިހާ ޝަކުވާއެއް ފުހެވިގެން ދިޔައީ އަޖައިބެއްފަދަ ގޮތަކަށެވެ. އާއިލީ ގުޅުމަކީ އެފަދަ އެއްޗެކެވެ. "އެނީ ޓައިމް... ބްރަދަރ..." އާރިން ބަލަން ހުރެލާފައި ކުޑަކޮށް ބޯ ޖަހައިލަމުން ބުނެލިއެވެ. އެވަގުތު ޒަކްވާން ކުރިއަށް ޖެހިލުމުން ކުރަން އެއުޅޭ ކަމެއް ނޭނގިފައި އެންމެން ތިއްބާ އައިސް އާރިން އާއި ކޮނޑާއި ކޮނޑު ޖައްސައި ބައްދާލައިފިއެވެ. ޚުދު އާރިންވެސް ޒަކްވާންގެ ބުރަކަށީގައި ދެއަތުން ހިފައި ދެބެން ރީތިކޮށް ކައިރިވެލައިފިއެވެ. 

"ވާއު!!" ލުޖައިންއަށް އެހެން ބުނެފައި ބާރަށް ހީގަނެވުނެވެ. ޒޯއީ ކައިރިވެލައިފައި ލުޖައިންގެ އަތުގައި ހިފައިލީ އެމަންޒަރު ބަލަން ހުރެގެންނެވެ. ޒާހިދު އާއި އާއިލާގެ ބޮޑެތި އެންމެންވެސް ބުނާނެ އެއްޗެއް ނޭނގިފައި އެރީތި މަންޒަރު ބަލަން ތިބީ ހިމޭނުންނެވެ. ދެބެން ދުރުވެލައިފައި ފުރަތަމަވެސް ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަ ފުހެލިއެވެ. ލުޖައިން އަވަހަށް ގޮސް އާރިން އަތުގައި ހިފާލައިފައި އަސަރު ކޮށްގެން ރޯން ފެށުމުން ޒަކްވާން އާއި ދެމީހުން ލުޖައިން ހެއްވާލަން މަޖާ ވާހަކައެއް ބުނެފައި ދެބެން އަތާއި އަތް ޖަހައިލި އިރުވެސް ހީވީ އެކުގައި ގުޅިގެން އުޅޭތާ ޒަމާންތަކެއް ވެފައިވާ ދެބެން ހެންނެވެ. 

ގެއަށް ދިޔަ ފަހުން ދެން އޮތީ ބޮޑެތި މީހުންގެ މައްސަލަތައް ހައްލު ކުރުމެވެ. ޝަކީބާއަށް އަމިއްލައަށް އިސްނަގާފައި ވަރިވާން ބޭނުން ވާހަކަ ބުނެލީ ހުރިހާ ކުދިންނާއި ނާހިދާވެސް ބަހައްޓައިގެންނެވެ. ޝަކީބާގެ ހިޔާލު ހުރި ގޮތަކީ ނާހިދާ އާއި ޒާހިދު ކައިވެނިކޮށްގެން ގޭގެ އެހެން އެޕާޓްމެންޓެއްގައި އުޅޭ ގޮތަށެވެ. އަދި އޭނާ ދަރިންނާއެކު ކުރިންހެން ގޭގައި އުޅުމަށެވެ. ޝަކީބާގެ މަޤްސަދަކީ ޒާހިދު އާއި ދަރިންގެ މެދަށް އައުން ނޫން ކަމާއި ދުވަސް ގަނޑަކަށްފަހު އެކަތިގަނޑަކަށް ވާ ދެލޯބިވެރިންނަށް މިނިވަން މާހައުލެއް ދިރިއުޅެން ހޯދައި ދިނުން ކަމަށް ބުންޏެވެ. އެހިޔާލަށް ތާއީދުކޮށްފައި އާރިން ބުނެލީ ކައިވެނީގެ ދުވަހު ޒާހިދު ހަދިޔާ ކުރި ހުޅުމާލޭގައި ހުންނަ ގެ ބައްޕަމެން ދެމަފިރީންނަށް ހަދިޔާ ކުރަން ބޭނުން ވާހަކައެވެ. "ކަމްއޯން ޑޭޑް. އިޓްސް އޯކޭ. މިގޭގައި އަހަރެމެން އުޅޭނީ ޒެކްއާއި އެކު." ޒާހިދު ކަންބޮޑުވުން ފާޅު ކުރުމުން އާރިން ބުނެލިއެވެ. "ނޫނޭ ދަރިފުޅާ. އެއީ އަނބުރާ ދޭ ގޮތަށް ބައްޕަ ހަދިޔާ ކުރި ގެއެއްނޫން. އެގޭގައި އުޅެންވާނީ ތިދެމަފިރީން. ބައްޕަ އުޅޭނީ މިގޭގެ ކޮންމެވެސް ތަނެއްގައި." ޒާހިދު ދެކޮޅުހެދިއެވެ. "އެހެންވިއްޔާ މަންމަ އާއި ބައްޕަ އަހަރުމެންނާއި އެކު އެގެއަށް ޗޭންޖް ވާން ވީނު." ލުޖައިން ދިނީ އަދި މާ ރަނގަޅު ހިޔާލެކެވެ. "އެއީ ތެދެއް. ދުވަސްކޮޅަކުން ލުޖައިން ވިހެއީމަ އެކަނި އުޅެން ވަރަށް ދަތިވާނެ. އަނެއްކޮޅުން އާރިން އުޅޭނީ ވަޒީފާގައި." ނާހިދާ އެހުރިހާއިރު އެއްޗެއް ނުބުނެ ހުރެފައި ވާހަކަދެއްކިއެވެ. 

ހަފްތާއެއްގެ ތެރޭގައި ޒާހިދު އާއި ނާހިދާގެ ކައިވެނި ކުރެވި އެދެމަފިރީން ހުޅުމާލެއަށް ބަދަލުވީ އެކުގައި އާރިން އާއި ލުޖައިންވެސް ގޮވައިގެންނެވެ. ދެބުރިއަށް ނަގާފައިވާ އެގެއަކީ ކުޑަ ވަރެއްގެ ގަނޑުވަރެކޭ ބުނެވިދާނެއެވެ. ގިނަ އަދަދަކަށް ގަސް ހައްދައި ބެލްކަންޏާއި ޓެރަސް ވެސް ފެހިކޮށްލާފައި އޮތެވެ. ލުޖައިންއަށް އެންމެ ހާއްސަވީ ތިރީގައި ހުންނަ ކޮޓަރިއެއްގައި އޮތް މާބޮޑު ނޫން ފަތާ ފެންގަނޑަކާއި އަދި މިކޮޓަރީގެ ބިއްލޫރި ބިތްގަނޑުގެ އަނެއްފަރާތުގައިވާ ނާރސަރީ އެވެ. އޭސީކޮށްފައިވާ ނަރސަރީގައި ލުޖައިން ނުވެސް ދެކޭ ޒާތުގެ އެތައް ވައްތަރެއްގެ މާމެލާމެލި ހައްދާފައި ވަނީ ހައިރާންވާހާ ރީތިކޮށެވެ. މޮޅު ތަންކޮޅަކީ ފެންގަނޑުގައި އޮންނައިރު ނާރސަރީގައި ތިބޭ މީހުން ފެނިފައި ނާރސަރީގައި ތިބޭ މީހުންނަށް ފެންގަނޑު ކޮޓަރި އެތެރެ ނުފެންނަ ގޮތަށް ބިއްލޫރި ބޭނުންކޮށްފައި ހުންނާތީއެވެ. ލުޖައިން ވިހައިގެން ގިނަ ގިނައިން ސްކިނީ ޑިޕް ހަދާލަން ފެންގަނޑު ބޭނުން ކުރެވޭނެއޭ އާރިން ބުނުމުން ލުޖައިންއަށް ހެވުނެވެ. 

ދުވަސްކޮޅަކުން ތިއާމެންވެސް އެނބުރި އައިސް އާއިލާ އެންމެން ގިނަ ގިނައިން ހުޅުމާލެއަށް އައިސް އާއިލީ ހަވީރުތައް ބާއްވަން ފެށީ އެގޭގައެވެ. ރީމް އާއި ޒަކްވާންވެސް ފެންނަނީ ދުވަހަކަށްވުރެ ދުވަހެއް ގުޅުން ރަނގަޅުވަމުން ކައިރިވަމުން އަންނަ ތަނެވެ. އަނެއްކޮޅުން ރަފާލްގެ މައިންބަފައިންވެސް ދެވަނަ ފަހަރަށް ކައިވެނި ކޮށްފިއެވެ. 
*****

ލުޖައިންގެ ބަނޑަށް ނުވަމަސް ފުރެން ހަފްތާއަކަށް ވެފައި ހުއްޓާ އާރިން ލުޖައިންގެ މަންމަ ގެނެއްސިއެވެ. ނަޒުރާ އާއި ނާހިދާ މީގެ ކުރިން މާބޮޑު ގުޅުމެއް ނެތަސް އެއްގެއެއްގައި އުޅެން ފެށުމުން ދާދި އަވަހަށް ގާތް އެކުވެރިންނަށް ވިއެވެ. އާރިން ނެތް ވަގުތު ތަކުގައި ދެ އަންހެނުން ވެގެން ހުރިހާ ވަގުތެއް ލުޖައިންއަށް ހުސްކޮށްލައިގެން ތިބޭއިރު އެތަނުން ލުޖައިންގެ އުފަން މަންމަ ވަކިކުރަން ދުރު ހިލޭ މީހަކަށް ދަތިވާނެއެވެ. ޒާހިދުވެސް ނާހިދާ އާއި ކައިވެނިކޮށް އަދި އަލުން ވަޒީފާއަށް ނިކުމެ އުޅޭއިރު އެންމެ ކުރީގެ އުފާވެރި ދުވަސްތައް އަލުން އިއާދަ ވެފައިވާ ކަހަލައެވެ. ޒަކްވާންގެ އެދުމުގެ މަތީން ޝަކީބާ އެހިސާބުން ވަޒީފާއިން ވަކިވެގެން ގޭގައި ހުންނަން ފެށީ ކޮންމެހެން ޒާހިދު އުޅޭތީއެއް ނޫނެވެ. ޒަކްވާންގެ ބަހަކީ މަންމަ ވާހާ ދުވަހު މަސައްކަތްކޮށްފި ކަމަށާއި މިހާރު މީ ޒަކްވާން މަސައްކަތް ކޮށްގެން މަންމަ ބަލާނެ ދުވަސްކަމެވެ. ގޭގައި އެކަނިވުމުން ޝަކީބާ ފުރަތަމަ ކޮޅު ފޫހިވާން ފެށިއެވެ. ފަހުން އަބަދުވެސް ގޭގައި އެކުވެރިން ގެނެސްގެން ކޮންމެވެސް ކަންތައްގަނޑެއް ހިންގައިނުލާ ދުވަހެއް ނުދެއެވެ. ޒޯއީވެސް ޒިންދު ގޮވައިގެން ގިނަ ގިނައިން މަންމަގެއަށް ގޮސް މަންމަގެ ފޫހިކަން ދުރުކޮށްދޭން މަސައްކަތް ކުރެއެވެ. އަނެއްކޮޅުން ތިއާވެސް ހުސްވަގުތު ހޯދައިގެން މަންމަ ކައިރިއަށް ނުދާ ހަފްތާއެއް މަދުވާނެއެވެ. 

ދުވަސް ކައިރިވަމުން ދިޔަވަރަކަށް ލުޖައިންއަށް ކުރިއަށްވުރެ ބޮޑަށް އުދަނގޫ ވަމުން ދިޔައެވެ. ގިނަ ރޭރޭގެ ނިދި ނުލިބި އުޅެން ޖެހެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އާރިން އެންމެ ކައިރީގައި ހުރެގެން ހޭހަން ކޮށްދެނީ ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ. ގިނަ ދުވަސް ވި ވަރަކަށް އާރިން އޭނާދެކެ ވާ ލޯބި އިތުރުވާހެން ޚުދު ލުޖައިންއަށް ވެސް ހީވެއެވެ. 

ލުޖައިން ބަނޑުގައި ރިއްސައިގަތީ މެންދަމުގެ ވަގުތެއްގައެވެ. އާރިންވެސް ނިކަން ގިނައިރު ހޭލާ އިނދެފައި ނިދި ޖެހުނު ވަގުތުކޮޅެވެ. ލުޖައިން އެއަތުގައި ހިފައި ކުޑަކޮށް ތަޅުވައިލުމުން އާރިން އަކަށް ނުހޭލެވުނެވެ. އިރާކޮޅުވެސް ހިސާބަކަށް ރިހުން ހުރުމުން ލުޖައިން ނިކަން ގިނައިރު ވާންދެން ނުނިދިފައި އިނެވެ. މިހާރު ހީވަނީ ވޭންވަރު ހަމަ މާ އަވަހަށްވެސް ގަދަވާން ފަށައިފި ހެންނެވެ. "އާރީ!.. ހޭލަބަލަ!" ލުޖައިންއަށް ރޮވެން ފެށުނެވެ. އާރިން ނުހޭލުމުން އެބޮޑު ބަނޑާއެކު ނިކަން އުދަނގުލުން އެނދުން ފައިބައިގެން މަންމަ ކޮޓަރިއަށް ދަނިކޮށް ފާރުކައިރީ ހުރި މާގަހާއި ހިސާބުން ވޭންވަރު ގަދަކޮށްލައިގެން ހިފުނީއެ ގަހުގައެވެ. އަނެއްއަތުން ފާރުގައި ހިފަހައްޓާލެވުނީ ނަސީބެވެ. ކިރިޔާ އަމިއްލަ ހާލަށް ހުރި ގަހަކަށް ވުމުން ދާދި ފަސޭހައިން އަރި އަޅައިލިއެވެ. އެވަގުތު އެގަސް ގޮސް ޓައިލްސްމަތީ ޖެހުނު އަޑަށް އާރިން ހޭލިއެވެ. "ލޫލޫ! ވަޓް ހެޕެން؟" އާރިން ލޯ ހުޅުވައިލާފައި ދޮރު ކައިރީ ހުރި ލުޖައިން ފެނިގެން އެނދުން ފުންމާލައިފައި އައެވެ. 

"ބަނޑުގައި ރިއްސަނީތަ؟" އާރިން އެހަށިގަނޑުގައި ހިފަހައްޓާލައިގެން ސުވާލު ކޮށްލިއެވެ. ލުޖައިންއަށް ރޮވޭވަރުން ވާހަކައެއް ނުދެއްކުނެވެ. ހަމައެކަނި ބޯ ޖަހައިލެވުނީ އެވެ. ދެމީހުން އެތާ ތިއްބައި ނަޒުރާ އާއި ނާހިދާ ދުވަމުން އައީ ގަސްވެއްޓި ޖެހުނު އަޑުފަތްގަނޑު އިވިފައި ހޭލެވިގެންނެވެ. ފަހަތުން ޒާހިދު ނިކުތީ ފޯން ހިފައިގެންނެވެ. ޒާހިދު އަވަހަށް ދަތުރު ހަމަޖައްސާފައި ލުޖައިން ތައްޔާރުކޮށްގެން އެންމެން ފުރަން ދާން ނައްޓައިލި އެވެ. 

ލުޖައިން ވިއްސާކޮޓަރިއަށް ވައްދާފައި އިރުކޮޅެއްވީއިރު ޒަކްވާން އާއި ތިއާ ވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ގޮނޑިބަރީގައި އާރިން އިށީންދެލައިގެން އިނީ ޒާހިދުގެ ކައިރީގައެވެ. ޒަކްވާން ފެނުމުން ތަންދީފައި ޒާހިދު ގޮސް ނަޒުރާމެން ކައިރީގައި އިށީންދެލިއެވެ. ޒަކްވާން އާއި ތިއާ އާރިންގެ ދެފަރާތުގައި ތިބެފައި ކަންބޮޑު ނުވުމަށް ނަސޭހަތްދިނެވެ. އާރިން ބޯ ޖަހައިލި ނަމަވެސް އެދެލޮލުން އެކަން ސާފުކޮށް ފެނެއެވެ. އެންމެ ފަހު ވަގުތުވެސް ލުޖައިންގެ ލޮލުން ފޭބި ކަރުނަ ތިކިތައް އާރިންގެ ހިޔާލީ ލޯގަނޑަށް އަރައިގެން ހިތަށް އަނިޔާ ދެނީއެވެ. 

ދެގަނޑިއެއްހާއިރު ފަހުން ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑު އައެވެ. އާރިން އެންމެ ފުރަތަމަ ފުންމައިގެންފައި ދޮރާއި ދިމާއަށް ދިޔައިރު ފަހަތުގައި ދެ މަންމައިންނާއި ތިއާ ހުއްޓެވެ. "ބައްޕާ! އަހަރެން ވާހަކައެއް އަހައިލަންތަ؟" ފުރުސަތު ލިބުމުން ޒަކްވާން ސުވާލު ކުރީ ޒާހިދު އާއެވެ. ޒާހިދު އެމޫނަށް ބަލައިލައިފައި ބޯ ޖަހައިލިއެވެ. "އަހަރެންނަށް އޮޅުން ނުފިލާފައި އޮތް ކަމެއް މީ އެކްސިޑެންޓަށްފަހު ބައްޕައަށް ވީ ގޮތް. އެކްސިޑެންޓްގައި ބައްޕަގެ ފަޔަށް އަނިޔާ ނުވަނީތަ ނޫނީ ފަރުވާކޮށްގެން އަލުން ރަނގަޅުވީތަ؟" ޒަކްވާންގެ ހިތަށް އަބަދުވެސް އުދަނގޫ ކުރި ސުވާލު ހުށައަޅައިލިއެވެ. "އަނިޔާވި. އެކަމަކު ބޭސްގަނޑު ނައްޓައިލުމުން ހަމަ ހިނގުނު އޭރުވެސް. ބައްޕަ ބޭނުން ނުވީ ހިނގަން. ބޭނުންނުވީ ދުނިޔެތެރެއަށް ނިކުންނަން. އެކަމަކު މިހާރު ދެރަވޭ އެދުވަސްތައް އެގޮތަށް ބޭކާރު ކުރެވުނީމަ." ޒާހިދު ހާމަކުރިއެވެ. ޒަކްވާން ބޯ ޖަހައިލާފައި ތެދުވެގެން ދިޔައިރު ތުއްތު ދަރިފުޅު އޮތީ އާރިންގެ އަތުތެރޭގައެވެ. 

"ބޯއިއެއް." ޒަކްވާން ކައިރިވެލައިފައި އަހައިލުމުން އާރިން އެތުއްތު މޫނުން ނަޒަރު ވަކިނުކޮށްލައި ހުރެފައި ބުނެލިއެވެ. ވަރުގަދަ ކަޅު އިސްތަށިކޮޅަކާއި ހަމައެހާމެ ވަރުގަދަ ރީތި ދެބުމައެވެ. އެހާ ކުޑައިރުވެސް އާރިންގެ ހުރިހާ ރީތި ސިފަތަކެއް އަމިއްލަ ކޮށްލައިގެން އޮތް ކަހަލައެވެ. ރުއްކުރިކޮޅެއްފަދަ ހަމާއި ރީތި މޫނެކެވެ. ޒަކްވާން މުށްކެވިފައިވާ އެކުޑަ އަތްތިލައިގައި ކޮށްޓައިލުމުން ކުޑަ ތުންކޮޅު ހަލުވައިލި ގޮތް ދެމީހުންނަށްވެސް މަޖާވިއެވެ. 

އާރިން ދަރިފުޅު ގޮވައިގެން ވަން އިރު ލުޖައިން އޮތީ ލޯމަރާލައިގެންނެވެ. ފިޔަވަޅުގެ އަޑު އިވިގެން ލޯ ހުޅުވައިލާފައި ލުޖައިން ހިނިތުންވެލިއެވެ. އެދެލޮލުގައި ކަރުނަވިއެވެ. އާރިން ތުއްތު ދަރިފުޅު ލުޖައިންގެ މަގަތުގައި ބާއްވައިލާފައި އަވަހަށް ގުދުވެ އެނިތުގައި ބޮސްދީފިއެވެ. "ތެންކިއު މައި ލަވް..." އާރިންގެ ލޮލަށްވެސް ކަރުނަ ގިނަވިތަން ފެނިގެން ލުޖައިން ހައިރާންވިއެވެ. "ލޫލޫ! މިއަދު މިވަގުތު.. މީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސް އެންމެ އުފާވެރި ވަގުތުކޮޅު... އެން ޓުޑޭ އައި ވޯނަ ސޭ ސަމްތިން އެލްސް ޓޫ." އާރިން ލުޖައިންގެ އަތުގައި ހިފައިގެން މަގަތުގައި އިށީންދެ ވާހަކަ ދައްކަން ފެށުމުން ލުޖައިން އޮތީ ކަޅި ޖަހައި ނުލައި ބަލާށެވެ. "ލޫލޫ އަހަރެންގެ ހަޔާތަށް އައުމުގެ ކުރިން އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ލިބުނު... ހުރިހާ އުފަލެއް ލިބުނު... އެކަމަކު އައި ހޭޑް ނޯ މީނިން... އަހަރެން ރަށަށް ގޮސް ލޫލޫ ފެނިގެން މިހިތް އާގޮތަކަށް ވިންދު ޖެހި ދުވަސް އެއީ ފުރަތަމަ ތިގޭ ވަލުފަރާތުގައި އޮތް ރުއްބުޑު މަތީ ހެނދުނު ސައިބޯން އިންދާ ފެނުނު ދުވަސް. އެދުވަހު ގެއަށް އައިސް އަހަރެން ކަނޑައެޅިން. އަހަރެންގެ ހަޔާތަށް އަންހެންކުއްޖަކު ގެންނަންޏާ އެކުއްޖަކީ ތިއޭ. އޭގެ ފަހުން އަހަރެންނަށް ކުށްވެސް ކުރެވުނު. ލޫލޫއަށް އޮޅުވައިވެސް ލެވުނު. ޒަކްވާން އާއި ލޫލޫގެ ގުޅުން ކައިވެންޏަށް ބަދަލުވާން އުޅުނު ކަންތަކާއި ހެދި ވަރަށް ވަރަށް ރުޅި އައި. އޭގެ އަޒާބުވެސް ލޫލޫއަށް ވަރަށް ދުވަހު ދެއްކިން. އެކަމަކު އެހުރިހާ ކަމެއް ހިނގައިދިޔައިރުވެސް އައި ނެވަރ ސްޓޮޕްޑް ލަވިން ޔޫ.... އިޓްސް ލައިކް... ދުވަހަކަށްވުރެ ދުވަހެއް ހިތުގައި އޮތް ލޯބި އިތުރުވަމުން އަންނަހެން ހީވަނީ. ﷲއަށް ހަމްދު ކުރަން މިއަދު އަހަރެންގެ ހުރިހާ ހުވަފެންތަކެއް ހަޤީޤަތަކަށް ވެއްޖެ. މިދުނިޔެމަތީގައި މިވަގުތު ހުރި އެންމެ އުފާވެރި އިންސާނަކީ އަހަރެންނޭ ބުނަން ޖެހިލުމެއް ނުވޭ.. ބަޓް ސްޓިލް... އަހަރެންނަށް ބަޔާން ކުރާނެ ގޮތެއް ނޭނގިގެން މިއުޅެނީ އަހަރެން ލޫލޫދެކެ ލޯބިވާވަރު." އާރިންގެ ބަސްކޮޅު ނިންމައިލުމުން ލުޖައިން އެއަތުގައި ބޮސްދީފައި ރޯންފެށީ ނުހަނު އަސަރާއެކުގައެވެ. 

"ބޭބީ! މިންވަރު ބަޔާން ކުރުން މުހިންމެއް ނޫން... އަހަރެން އެންމެ ބޭނުންވި ދުވަހު އަހަރެންގެ ހަޔާތަށް އުނިވެފައިވާ ލޯބި އަހަރެންނަށް ގެނެސްދިނީ ތި ފަރާތުން. ސޯ އައި ނޯ.... އަދި އަހަރެންނަށް އުނިވެފައިވާ އާއިލާ މިއަދު ފުރިހަމަކޮށްދިނީ ވެސް ހަމަ އާރީ. އެން އައި ލަވް ޔޫ..." ލުޖައިން ރޮވިފައިވާ އަޑަކުން ހާމަކޮށްލިއެވެ. ތުއްތު ދަރިފުޅު ކުކުރައިލި އަޑަށް ދެމީހުންނަށްވެސް ބަލައިލެވުނެވެ. އެދަރިފުޅު އޮތީ ހިނިތުންވެފައެވެ. "އިޔަން." ލުޖައިން ބަލަން އޮވެފައި ބުނެލިއެވެ. "ވަރަށް ގުޅޭ. ވަރަށް ލޯބި." އާރިން ވަގުތުން އެއްބަސްވިއެވެ. ދެމީހުންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހި އަދި މިއަދު ހަޔާތުގައި މުޅިން އާ ފެށުމަކާއިއެކު އާ ކުލައެއް ޖެހިގެން ދިޔައީއެވެ. ބައެއްމީހުންގެ ނަޒަރުގައި ކުޑަ އިރު އުފެދޭ ލޯއްބަކީ ކުޑައިރުގެ މަޖަލަށްވެގެން ނިމުނަސް އާރިން އާއި ލުޖައިން ސާބިތު ކޮށްދިނީ ތެދުވެރި ލޯއްބަކީ ކޮންމެ އުމުރެއްގައި އުފެދުނަސް އަދި ކިތަންމެ ދުވަހެއް ވޭތުވެދިޔަސް ނިމިގެން ނެތިގެން ނުދާނެ ލޯއްބެއް ކަމެވެ. އެއީ އެންމެ ތެދުވެރި އެންމެ ސާފުކޮށް އެހިތް އޮތް އިރު އުފެދުނު ތޯހިރު ލޯތްބެވެ.

-ނިމުނީ-

ކޮމެންޓް 0