ދޮރު ލެއްޕި ވަގުތު ކާކުކަން ނޭނގުނަސް ފިޔަވަޅުގެ އަޑު ލުޖައިންއަށް ފާހަގަވިއެވެ. އެއަޑު ކައިރިވަމުން ދިޔަ ވަރަކަށް މުށުތެރޭގައި އޮތް ބެޑްޝީޓް ބޮނޑި ކުރެވުނެވެ. ލުޖައިން އެނދުގައި އިސްޖެހިފައި އިނީ ދޮރާއި ފުރަގަސްވާ ގޮތަށެވެ. ލައިގެން އިން ހެދުމުގެ ބޮޑު ފަސްބައި އެނދުން ތިރިއަށް އެލިފައި ވެސް އަދި އެތައް ހިސާބަކަށް ފެތުރިފައި އޮތެވެ. ޕަރީއެއް އައިސް އިށީންދެލައިގެން އިން ކަހަލައެވެ. އާރިން އައިސް ކައިރިވެފައި ހުދު ލޭހުގެ ސަނދުވާ ހިއްލައިލި އިރު ދިއްލާފައިވާ އުއްބައްތީގެ އައްޔަށްވުރެ އެމޫނުގެ ކުލަ ރަތެވެ. ލުޖައިން އިނީ ނޭވާވެސް ހިފަހައްޓައިގެންކަން އާރިންއަށް އެނގުނީ ކުރިމަތީގައި އިށީންފަހުންނެވެ.
"ހޭއި! ލުކް އެޓް މީ!" އެނދުމަތީ ބާއްވާފައި އޮތް ލުޖައިންގެ އަތްތިލަ ނަގައި ހިފައިލުމުން އާރިންއަށް ހީވީ އައިސް ކިއުބެއް މުށަށް ލައި ބާރުކޮށްލެވުނު ހެންނެވެ. ހާދަ ފިންޏެވެ. އެގޮތަށް ނުތަނަވަސްވެފައި އިންނަ އިރު އަދި މާރީތިހެންވެސް ހީވެއެވެ. ލުޖައިން ހިމޭނުން އިނދެފައި ނިކަން ލަސްލަހުން އެދިގު އެސްފިޔަތައް އުފުލައިލުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މެއަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލި ހެންނެވެ. މިނޫނީ ދުވަހަކުވެސް އާރިން އެހާ ތޫނު ނަޒަރަކުން ބަލަން އިންދައި ލުޖައިން ނުދެކެއެވެ. އުއްބައްތި އަލީގައި އަދި ކުރިއަށްވުރެވެސް ފިރިހެންވަންތަވެފައި ރީތިކަމަށް ދައްކައެވެ. ރަނގަޅަށްވެސް ލުޖައިން ހިތާއި ކުޅެލައިފިއެވެ. ލޯބިން ހިތް ފުރިގެން އައެވެ. ވަގުތުން އެބާރުގަދަ އަތުތެރޭން ހިމާޔަތް ހޯދަން ހިތް އެދުނެވެ. އެކަމަކު އެހިޔާލު ދޫކޮށްލަން މަޖުބޫރުވީ އަނެއްކާވެސް ހިތުގައި ވަކިހިއްފައިލި ނުތަނަވަސްކަމެވެ. ލުޖައިން ތުންފަތް ހަފައިލައިފައި އިސްޖަހައިލަން އުޅެނިކޮށް އާރިން އެކަމަށް ހުރަސްއެޅީ ދަތްދޮޅި ދަށަށް ޝަހާދަތް އިނގިލި ލައްވާލައި ހިފަހައްޓައިލައިފައެވެ.
"ލޫލޫ. އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއްވެސް. މިރޭ އަހަރެން އުފާވެފައިވާ މިންވަރު ދުލަކުން ގަލަމަކުން ހާމައެއް ނުކުރެވޭނެ. އިޓްސް އަ ޑްރީމް ކަމް ޓުރޫ." އާރިން އަސަރާއެކު އެޖުމްލަތައް ބުނެލުމުން ލުޖައިން ލޮލަށް ޖަމާވެގަތީ އުފާވެރިކަމުގެ ކަރުނަތަކެވެ. ޚުދު އޭނާގެ ހާލަކީވެސް އެއީއޭ ބުނަން ބޭނުންވިއެވެ. އެކަމަކު ދޫވެސް މިރޭ ހީވަނީ ތަޅުލެވިފައިވާ ހެންނެވެ. "ހަނީ. ސޭ ސަމްތިން." އާރިން އެދުނީމައިވެސް ލުޖައިންއަށް ކުރެވުނު ކަމަކީ ދެވަނަ ފަހަރަށް ތުންފަތުގައި ދަތްއަޅައިލުމެވެ. "އާވ.. ޔޫ ލުކް ސްކޭރޑް." އާރިންގެ ހިތް ހަމްދަރްދީން ފުރިގެން އައެވެ. ކުރިއަށްވުރެ ގާތަށް ޖެހިލަމުން ލުޖައިންގެ މޫނުގައި ދެއަތުން ހިފައިލައިފައި ގެނެސް ނިތާއި ނިތް ޖައްސައިލިއެވެ. "ޓެލް މީ!" އާރިން ގަދަކަމުން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަމުން ލުޖައިންއަށް ވަގުތު ދިނެވެ. ކެތްމަދުވެފައި އިނދެވެސް ކެތްކުރިއެވެ.
"ބުނޭ ލޫލޫ ބޭނުންވާ ގޮތެއް. މިރޭ ހަމަ މިވަގުތު އެހިސާބަށް ނުގޮސް އެއިޓީން ވާންދެން އަހަރެން ވެއިޓް ވެސް ކޮށްފާނަން. ލޫލޫއަށް ޓަކައި އަހަރެންނަށް ނުކުރެވޭނެ އެއްވެސް ކަމެއް ނުހުންނާނެ. ބުނެބަލަ އެހެންވެތަ ބިރުން ތިއިންނަނީ؟" އާރިން ލޯބިން ފުރިފައިވާ އަޑަކުން ވާހަކަދެއްކިއެވެ. "ނޫން ނޫން." ލުޖައިން އަވަސްއަވަހަށް ބުނެލާފައި އާރިންގެ ދެއަތުގައި ހިފައި ތިރިކޮށްލައިފިއެވެ. "ބޭނުން ނުވަނީއެއް ނޫން އާރީ. މީ އަހަރެންވެސް އެންމެ އިންތިޒާރު ކުރި ވަގުތު. އައި ވޯނަ ބީ ވިތް ޔޫ. އިޓްސް ޖަސްޓް... ފުރަތަމަ ފަހަރުވީމަ އައެމް ލިލް ނާރވަސް.. ހިތަށް އަރަނީ ކިހިނެއްބާއޭ ވާނީ." ލުޖައިން މޫނު ދުރުކޮށްލައިފައި ދެއަތް ދެއަތާއި މޮޑެލީވެސް ފިކުރުބޮޑުވެފައިވާ ފަދަ ގޮތަކަށެވެ. "އިޓްސް އޯކޭ. ލޫލޫ ތީ ތިގޮތަށް ވިސްނި ފުރަތަމަ ގާރލްއެއް ނޫން. އިޓްސް ނޯމަލް." އާރިން ވާހަކަ ދައްކައި ނިމުމުން ލުޖައިން ބަލައިލި އިރު ކުރިއަށް ވުރެ އެލޮލުގެ ކަޅުކުލަ ގަދަވެފައިވާހެން ހީވިއެވެ. "އޯކޭ ދެން. ލެޓްސްޑޫ ދިސް." ލުޖައިން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. "ޔަޤީންތަ؟" އާރިން އަހައިލީ އިތުރަށް ޔަޤީންކުރަން ބޭނުންވާ ފަދަ ގޮތަކަށެވެ. ހިތް ކިތަންމެ ވަރަށް ބާރު އެޅިއަސް ލުޖައިން ނުގަބޫލުގައި އެއްވެސް ކަމެއް ކުރާކަށް އާރިން ބޭނުމެއް ނުވެއެވެ. އޭނާގެ މަޤްސަދަކީ ހަމައެކަނި ހާސިލް ކުރުމެއް ނޫނެވެ.
އާރިން އެއްޗެއް ނުބުނެ އިނދެފައި ތެދުވެގެން ހިނގައިގަތުމުން ލުޖައިން ހައްތަހާ ކަންބޮޑުވިއެވެ. އަނެއްކާ އާރިން ހިތްހަމަނުޖެހޭ އެއްޗެއް ބުނެވުނީ ކަމަށް ހީކޮށް ހިތުގެ ތެޅުން ކުރިއަށްވުރެ އަވަސްވިއެވެ. މިއޮތްފަދަ ރޭ އޭނާގެ ސަބަބުން އާރިން މޮޅިވެގެން ނުވާނެއެވެ. އާރިން އަލަމާރި ހުޅުވާފައި ނެގީ ފިޔާތޮށި ކުލައިގެ ކަރުދާހަކުން ޕާރސަލްކޮށްފައިވާ ކުޑަވަރެއްގެ ފޮށްޓެކެވެ. ލުޖައިން ބަލަން އިންދައި ކައިރިއަށް އައިސް ދިއްކޮށްލުމުން އޭގައި ހިފާފައި އަވަސް އަވަހަށް ކަނޑައިލެވުނެވެ. ފޮށި ހުޅުވާފައި އެތެރޭގައި އޮތް ރަތްކުލައިގެ ތުނި ނިދާ ހެދުން ފެނިފައި ކުރިއަށްވުރެ އެމޫނުގެ ރަތްކަން އިތުރުވިއެވެ.
"ދޭ ލައިގެން އަންނަން!" އާރިން ގަމީހުގެ ކަރުގޮށް ނައްޓާފައި ޓައީ ދޫކުރަމުން އެދުނެވެ. އެވަގުތު އެތާހުރެ ބަދަލުކުރަން ލުޖައިންއަށް އުދަނގޫވާނެވަރު އާރިންއަށް އެނގުނީ ކަހަލައެވެ. ލުޖައިން ތިރީ ތުންފަތުގައި ދައިގަނެގެން އިނދެ ޝޯލްގައި ޖަހާފައި ހުރި ޕިންތައް ނައްޓާފައި ގެންގޮސް ޑްރެސިން ޓޭބަލް މަތީ ހުރި ކުޑަ ބައުލް އަކަށް އަޅައިލިއެވެ. ޝޯލް އެތާހުރި ގޮނޑިއަށް ދޫކޮށްލައިފައި ހެދުން ބޮނޑިކޮށް، މޭގައި ޖައްސާލައިގެން ގޮސް ފާޚާނާއަށް ވަދެ ދޮރުލައްޕައިލިއެވެ.
ލުޖައިން ހެނދުން ބަދަލު ކުރަން ހުރެފައި ކުއްލިއަކަށް ހަނދާންވީ އާރިން މާކުރިން ބުނެފައިވާ ވާހަކައެކެވެ. "ދެމީހުންގެ ކައިވެނީގެ ރޭގައި ނުވެސް ނިދާނަންދޯއޭ" ބުނިއަޑު އެތަކެއް ފަހަރު ތަކުރާރުކޮށް ސިކުނޑީގައި ބުރު އަޅައިލުމުން އެއްފަހަރާ އެތައް ގޮތެއް ހިތަށް ވިއެވެ. ލުޖައިން ޅަކަމުން ކުރިން އެވާހަކައާމެދު ވިސްނައެއް ނުލެވެއެވެ. އަމިއްލަ ސޫރައަށް ލޯ ހުއްޓޭ ގޮތްވުމުން ލޯގަނޑު ދެކެވެސް ލުޖައިން ލަދުގަތެވެ. އާރިން ޓަކްސިޑޯ ބާލާފައި ސޯފާގެ އަތްގަނޑުމައްޗަށް ދޫކޮށްލިއެވެ. ރިމޯޓްނަގައި ހޯމްތިއޭޓަރ ސިސްޓަމް އޮންކޮށްލުމުން އެޓްލާންޓިކް ސްޓާރގެ "އޯލްވޭސް" މިލަވައިގެ އަޑު މާހައުލު އިތުރަށް އިޝްޤީ ކުރުވަން ފެށިއެވެ. އާރިން ކުޑައިރުވެސް އެލަވަ ރީތިވެގެން ލުޖައިންއަށް އިއްވިއެވެ. ލަވައިގެ އަޑާއެކު މާޒީގެ ތެރެއަށް ހިޔާލުތައް ދަތުރުކޮށްލީ އެހެންވެގެންނެވެ. "ގާރލް! ޔޫ އާ ޓު މީ، އޯލްދެޓް އަ ވިމެން ޝުޑް ބީ. އެން އައި ޑެޑިކޭޓް މައި ލައިފް ޓު ޔޫ އޯލްވޭސް. ދި ލަވް ލައިކް ޔުއާރސް އާ ގްރޭންޑް، އިޓް މަސްޓް ހޭވް ބީން ސެންޓް ފްރޮމް އަޕް އެބައު. އެން އައި ނޯ ޔޫ ވިލް ސްޓޭ ދިސް ވޭ، ފޯ އޯލްވޭސް." އާރިން ލަވައިގެ ފުރަތަމަ ކަޑި ކިޔަމުން އަތުކުރީ ގޮށް ނައްޓާފައި ގަމީހުގެ މަތީ ދެގޮށް ނެއްޓިތަނާ ލުޖައިން ނިކުތް އަޑު އިވިގެން އެނބުރި ލެވިއްޖެއެވެ. އެވަގުތު އެލަވައިގެ އަޑު އިވިގެން ލުޖައިން ހަށިގަނޑުގައިވެސް ހީބިހި ނަގުވާލައިފިއެވެ.
އާރިންއަށް ދެއަތް ތިރިކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ކަޅިވެސް ޖަހައިނުލައި އެތަކެއް ފަހަރު ލުޖައިންގެ ފައިންފެށިގެން ބޮލާއި ހަމައަށް ނަޒަރު ހިންގައިލެވުނެވެ. ރަތްކުލައިގެ ކުރު ކުރު ނައިޓީކޮޅުގައި ލުޖައިން ރީތިކަމުން ބުނާނެ އެއްޗެއްވެސް އާރިންގެ ދުލަކަށް ނައެވެ. ދަގަތްފާނަށް ދަމާފައި ދިޔަ ދަގަނޑުކޮޅެއްހެން އާރިންގެ ދެފައި ހަރަކާތް ކުރިއެވެ. ފަންފަން އިސްތަށިގަނޑުގެ އެހީގައި އެއްފަރާތު ކޮނޑު ނިވާވެފައި އޮތުމުން ލުޖައިން އަތުން ދެން ހުރިކޮނޑުގައި އަތްތިލަ ބާއްވައި ނިވާކޮށްލިއެވެ. އަނެއްއަތުން ދެފަހަރެއްގެ މަތީން ނައިޓީގެ ފަސްބަޔަށް ވެސް ދަމައިލިއެވެ. ލުޖައިންގެ އެކުދި އަދާތަކުން ހައްތަހާ ބޮޑަށް އާރިންގެ ހިތް ކޮންޓްރޯލުން ނައްޓާލިއެވެ. އެންމެ މައްޗަށް ކެތްކުރަމުން ދިޔައިރުވެސް އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާންގަނޑު ބޭރަށް ނިކުމެދާން އުޅޭ ކަހަލައެވެ.
އާރިން ގޮސް ކައިރިއަށް ހުއްޓިފައި އެމޫނުގައި ހިފައިލަން އުޅެނިކޮށް ލުޖައިން ކުއްލިއަކަށް އޮޅުލައިގެންފިއެވެ. އާރިންގެ އަނގައިން ނިކުތް މަޑު ހުނުމުގެ އަޑާއެކު ލުޖައިން ބުރަކަށީގައި ދެއަތް ވަށައިލުމުން އެބީހިލުންވެސް ނުހަނު ގާތުން އިހްސާސްވިއެވެ. އޭސީގެ ސަބަބުން ގަނޑުވާން ކައިރިވެފައިވާ ކޮޓަރި ތެރޭގައި އެކަކު އަނެކަކުގެ ހޫނަށް ދެމީހުންވެސް ނުހަނު ބޭނުންވިއެވެ. އާރިން ބައްދާލައިގެން ހުރެފައި ބޮޑުބައި ހާމަވެފައިވާ ލުޖައިންގެ އޮމާން ބުރަކަށީގައި ދެއަތުގެ އިނގިލިތައް ހިންގައިލުމުން އިސާހިތަކު ލުޖައިންގެ ޖިސްމުގައިވެސް ހުޅުގަނޑު ހިފައިފިއެވެ. އާރިން އެދެކޮނޑުގައި ހިފާ ހަމަ އެންމެ އިންޗިއެއްހާ ތަން ދުރުކޮށްލުމުން އެކެއްގެ ނޭވާ އަނެކެއްގެ މޫނަށް އެޅެންފެށިއެވެ. އާރިން ޖަޒްބާތުތައް ވަކި ކޮންޓްރޯލެއްގެ ދަށުގައި ބަހައްޓައިގެން ލަސްލަހުން ފެށުމުން އިހްސާސްތައް މާ ވަރުގަދަވެފައި ފުނެވެ. ލުޖައިންއަށްވެސް ނޭނގި އެއިނގިލިތައް އާރިންގެ ގަމީހުގެ ގޮށްތަކާއި ހަމައަށް ވާސިލްވެ އިރުކޮޅަކުން ގަމީސް އޮތީ ފައިދަށުގައި އޮތް ފިނިފެންމަލުގެ ދޫލަމަތީގައެވެ.
ނޭވައަކަށްވެސް ހުއްޓުމެއްނެތި އާރިން ލުޖައިން އުރާލައިގެން ލުއި ބުދެއްހެން ގެންގުޅެލިއެވެ. އެއަތާއި ތުންފަތް ބީހިލާ ކޮންމެ ހިސާބެއްގައި ކަރަންޓް ދަތުރުކޮށްލަނީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. އެނދާއި ހަމައަށް ދެވުނު އިރު ނޭވާ ހުސްވެ ހިނދުކޮޅަކަށް މެދުކަނޑައިލަން މަޖުބޫރުވިއެވެ. ނުތަނަވަސްކަން އަނެއްކާވެސް ލުޖައިންގެ ހިތާއި ހަމައަށް ވާސިލްވި ހިސާބަކީ އެއީއެވެ.
"އާރީ! ވަން ސެކް!" ލުޖައިން ބެޑްޝީޓް އަތަށް ބޮނޑިކުރަމުން ހިތްވަރުކޮށްފައި ގޮވައިލިއެވެ. އާރިން ބޯހިއްލައިލައިފައި ބަލައިލިއިރު ލުޖައިން އޮތީ ލޯވެސް މަރައި ތަގުޅިކޮށްލައި ގެންނެވެ. "އާރީ އައެމް ސްކޭރޑް. މީ އަހަރެންގެ ފަސްޓްޓައިމް އެއްނު. ސޯ ޕްލީޒް މޭކް އިޓް އަ ލިލް ސްލޯ. އޯކޭ؟" ލުޖައިންގެ ކަރުތެރެ ހިކެން ފެށުމުން ވާހަކަ ދައްކަން ވެސް ދަތިވިއެވެ. "އޮފްކޯސް އަހަރެންގެ ފުރާނައާ. އައި ވިލް ބީ ކެއަރފުލް. އެން އެވްރީތިންޒް ގޯނަ ބީ ފައިން. އައި ޕްރޮމިސް." އާރިންގެ ޖަޒުބާތުން ފޯވެފައި ލޮލުން ހަތަރުކަޅި ހަމަކޮށްލި ގޮތަކުން އެލޮލު ތެރެއަށް ގެނބިގެން ދާ ހިތް ލުޖައިން ވިއެވެ. އިޚުތިޔާރެއް ނެތިވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. "އައި ލަވް ޔޫ...." ލުޖައިންގެ ދެ ތުންފަތް ފޫދުއްވާލައިފައި ނިކުތެވެ. އެބޮޑު ދެ ލޮލުގައި އުފާވެރިކަމުގެ ކަރުނަތައް ވިދަން ފެށުމުން ހައްތަހާ ކަޅުކުލަ ގަދަވިއެވެ. ވިދުން އިތުރުވެ ފުރިހަމަވިއެވެ. އެރީތި ހިނިތުންވުން ޑްރަގެއް ފަދައިން އާރިންގެ ހިތާއި ކުޅެލީ މޮޔަކޮށްލާފައެވެ. ދެޖިސްމުގައި ހިފާފައިވާ އަލިފާންގަނޑު އިތުރަށް ހުޅުފަޅައިގެން ދިޔަ ހިސާބަކީ އެއީއެވެ. އެލޯބީގެ ބާރުގައި އެމީހުން ދީވާނާވިއެވެ. ހިތަށްވެސް ނުގެނެވޭފަދަ މަތިވެރި އުފާތަކުގައި މުޅި ރޭ ހޭދަކުރިއެވެ. އާރިންގެ ފަރާތުން ފެނުނު އަދަދެއްނުވާ ލޯއްބާއި އޯގާތެރި ކަމަކުން ލުޖައިންގެ ހިތް ފުރިގެން ބަންޑުންވި އިރު އޭނާގެ ހިތާއި ރޫޚު އުޅުނީ ފަޒާގެ ތެރޭގައި އުދުހިލާފައެވެ. އިރު އަރައިގެން އައި އިރު ވަރުބަލިކަމާއެކު ގަދަޔަށް ނިދޭގޮތްވިއެވެ.
ނިދިން ހޭލެވުމާއެކު ލުޖައިން ލަސްލަހުން އެސްފިޔަތައް ދުރުކޮށްލިއެވެ. ދާދި ކައިރީގައި އާރިން އޮތީ ފުން ނިންޖެއްގައެވެ. ލުޖައިން އެސްފިޔަވެސް ޖަހައިނުލައި އެމޫނަށް ބަލަން އޮވެފައި އާރިންގެ ނިއްކުރީގައި ބޮސްދިނެވެ. ލުއި ހިނިތުންވުމަކާއެކު އެނދުން ފައިބަންވެގެން ރަޖާތެރެއިން ނިކުންނަން އުޅެނިކޮށް އާރިން އަތްވައްޓައިލާފައި އުނަގަނޑާއި ހިސާބުން ހިފަހައްޓައި ލުމުން ސިއްސައިގެން ދިޔައެވެ. "މޯނިން!" އާރިން ލޯ ހުޅުވައިލާފައި ނިދި އަޑަކުން އެހެން ބުނެލި އިރު ލޮލުގައި އަދިވެސް މަސްތުކަން ވިހެން ލުޖައިންއަށް ހީވިއެވެ. ނިދައި ހޭލުމުން އެއަޑު އަދި ވަކިން ބަރުވެފައި ފިރިހެންވަންތަ އެވެ. ލުޖައިން ގައިގައި ހީބިހި ނަގާގޮތްވީވެސް އެއަޑު ޖެހިފައެވެ.
"މޯނިން ބޭބީ. އަދިވެސް ނިދަން ބޭނުންވެފައެއްނު ތިއޮތީ. ދެން ނިދާ. އަންނާނަން ފެންވަރައިގެން." ލުޖައިން އާރިންގެ އަތް ނައްޓުވައިލާފައި އެނދުން ފޭބިފަހުން އަދި ކިރިޔާ ކޮޓަރީގެ މާހައުލާއި މެދު ވިސްނައިލެވުނީއެވެ. ލުޖައިން އަމިއްލައަށް ވެސް ހެވުނެވެ. ކޯތާފަތަށްވެސް ފިޔާތޮށި ކުލަ އެރިއެވެ. ބާރަށް ހެވިދާނެތީ އަނގަމަތީ އަތް އަޅާފައި ބަލައިލި އިރު އާރިން އޮތީ އަނެއްކާ ލޯމަރައިލައި ގެންނެވެ. އާރިން މޫނު އެއްފަރާތަކަށް ލައިގެން ބަންޑުން އޮތްއިރު އެއޮމާން ބުރަކަށި ވެސް ހާދަ ރީއްޗޭ ލުޖައިން ހިތަށް އެރިއެވެ. ލުޖައިން ހަނދާންވީ ބްރޭކިންޑޯންގައި އެޑްވާޑްމެން ހަނީމޫން ސީންތަކެވެ. ތިއާ ވަރަކަށް އާދޭސްކޮށްގެން ދެކުދިން އެބަލާފައި ލުޖައިން ނިކަން ލަދުގަތެވެ. އެވަރު އަދި ނުވިއެއްކަމަކު އެކޮޓަރިއަށް ވެސް ވެފައި އޮތްވަރު ކުޑައެއް ނޫނެވެ.
ލުޖައިން އަލަމާރި ހުޅުވާފައި ތުވާޔެއްނަގައި މެއާއި ހަމައިން އޮޅާލައިގެން ފުރަތަމަ ޓައިލްސް މަތީ ކުދިކުދިވެފައިވާ ވާސްގެ މުށިތައްނަގައި ޑަސްބިނަށް އަޅައިލިއެވެ. އޭގައި ޖަހާފައި ހުރި މާތައް އެހެން ވާސްއަކަށް ހަރައިލާފައި އެކި ހިސާބުގައި އެގޮތް މިގޮތަށް އުކިފައިވާ ބާލީހާއި ކުޝަންތައް އަދި ދެމީހުންގެ އަންނައުނުތައް ހޮވިއެވެ. ފެންވަރަން ވަދެފައި މާގަނޑު ދޮށަށް ހުއްޓި ފެންދޫކޮށްލައިގެން ހުންނަތާ އިރުކޮޅަކުން އާރިން ވަދެފައި ބައްދައިލުމުން އޭނާ ދިޔައީ ސިއްސައި ގެންނެވެ. "ޔޫ އޯލްމޯސްޓް ކިލްޑް މީ އާރީ." ލުޖައިން އެނބުރިލައިފައި ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. އާރިން މަޑު ހީލުމަކާއެކު ކުރިއަށްވުރެވެސް ކައިރިވެލުމުން މާގަނޑުން އައި ފިނި ފެންތިކިތައް ދެހަށިގަނޑަށް އެޅެން ފެށިއެވެ.
ދެމީހުން ފެންވަރާ ރީތިވެލައިގެން ތިރިއަށް ދިޔައިރު އެންމެން ސައިބޮއެ ނިމިއްޖެއެވެ. ތިއާ ލިވިންރޫމްގައި ޗެޓްކުރަން އިނދެފައި އެމީހުން ކާކޮޓަރިއަށް ވަންތަން ފެނިގެން ދިމާކޮށްލަން ބޭނުންވިއެވެ. އާރިން އެއީ ބޭބެއަކަށް ވިއަސް މާކުރިއްސުރެ އެކުވެރިކޮށް އުޅެވުނީތީ ކޮންމެ އެއްޗެއް ކިޔަންވެސް ތިއާ ޖެހިލުމެއް ނުވެއެވެ. "އެހެމް..އެހެމް...." ތިއާ ވަދެ ފްރިޖް ހުޅުވައިލާފައި ކަރުކެހިލައިފިއެވެ. ލުޖައިން އާރިންގެ ކޮފީތަށި ކައިރިކޮށްލަދީފައި ބަލައިލި ތަނުން ތިއާ އެއްލޯ މަރައިލިއެވެ. "އަހަރެން މަތިންބައިން ޖެހިގެން އާ ފަރުނީޗަރަށް އޯޑަރކޮށްފިން." ތިއާ ފެންފޮދެއް ބޯލައިފައި ބުނެލިއެވެ. އާރިން އިސްއުފުލައިލައިފައި ލުޖައިން ރަކިވެފައި އިނުމުން ލާނެތް ހިނި އަންނަގޮތްވިއެވެ. "ތިއާގެ ރޫމްގަ ހުރި ފަރނީޗަރ މިހާއަވަހަށް ބަދަލު ކުރަނީތަ؟" އާރިން ހަމަޖެހިލައިފައި ސުވާލުކޮށްލިއެވެ. "ނޫނޭ. މަމީ ގަރުނަކު އެއްފަހަރު ފަރނީޗަރ ޗޭންޖްކުރާ ކުއްޖެއް. މީ ޒޯއީއެއް ނޫނޭ މަހަކު އެއްފަހަރު ކިޑްނީއަށް ދާންދެން ބަދަލު ކުރާކަށް. ރޭގައި ޖެހިގެން ހުރި ކޮޓަރިން ވަރަށް އެއްޗެހި ބްރޭކްވާ އަޑު އިވިގެން އޯޑަރ ކުރީ." ތިއާ ފެންފުޅި ބަހައްޓާފައި އައިސް މޭޒުކަނުގައި ދެއަތް ވިއްދައިލައިގެން ހުއްޓުނެވެ. "ނޫނޭ. ތީ ތިއާގެ ވަހުމް. ނޫނީ ޑްރީމްއަކަށް ވެސް ވެދާނެ އަހަރުމެން ކޮޓަރީގައި ހުރިހާ އެއްޗެއް ހަމަ އެހުރި ގޮތަށް އެބަހުރި. ދޯ ވައިފީ." އާރިން ޖުމްލަ ނިންމާފައި ލުޖައިން އަތުގައި ހިފައިލަމުން ވައިފީއޭ ބުނެލުމުން ތިއާއަށް މަޖާވިއެވެ.
"މައި މިސްޓޭކް." ތިއާ އާރިން ފަރާތުން ކުރި ނުލިބޭނެކަން އެނގިގެން ތުން ހަދައިލާފައި ނިކުންނަން ދަނިކޮށް އަޅައިގަތީ ޒަކްވާން ގައިގައެވެ. ޒަކްވާން އަދި ކިރިޔާ ނިދިން ހޭލީއެވެ. އެކަމަކު ރަތްވެފައިވާ ދެލޯ ބުނަނީ ޒަކްވާން ރޭ އެންމެ ލޮލު ފިޔައެއްވެސް ނުޖަހާ ކަމަށެވެ. ލުޖައިންއަށް ބަލައިލެވުނީ އާރިން މޫނަށެވެ.
"މޯނިން ޒަކްވާން!" ޒަކްވާން އައިސް މަގެއް ނަގައިގެން ކޮފީ މޭކަރ ކައިރިއަށް ޖެހިލުމުން ލުޖައިން ހިތްވަރުކޮށްފައި ގޮވައިލިއެވެ. ޒަކްވާން އެނބުރި ބަލައިވެސް ނުލައި އޭގެ ޖަވާބު ދީފައި މަގަށް ކޮފީ އަޅައި ފުރާލައިގެން ނިކުމެގެން ދިޔައެވެ.
މެންދުރުވާން އުޅެނިކޮށް އާރިން އާއި ލުޖައިން ފުރަން ދިއުމުން މުޅިގެ އޮތީ ފަޅުވެފައެވެ. ޒަކްވާން ހެނދުނު ކޮފީމަގު ހިފައިގެން ކޮޓަރިއަށް ވަންމީހާ ދައްކައެއް ނުލައެވެ. ޝަކީބާ ވީ އޮފީހުގައެވެ. ޒާހިދު ކޮޓަރީގައެވެ. ތިއާ ފޫހިން ހަލާކުވެފައި އިނދެގެން ލެޕްޓޮޕް ނަގާފައި އެފްބީއަށް ވަދެލީ ފަހަކަށް އައިސް އަބަދު ޗެޓްކުރާ ފިރިހެންކުއްޖާ އޮންލައިންގަ ހުރިތޯ ބަލަންވެގެންނެވެ. ތިއާ މާޔޫސްވާގޮތް ވުމުން ލޮލުން ކަރުނަ އައެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް އީތަން ހަނދާންވެފައި އިރުގަނޑެއް ވާންދެން ކަރުނަ އެޅިއެވެ. ޒޯއީ ދެކެވެސް އަނެއްކާ ރުޅި އާދެވުނެވެ. ތިއާ އެހެން އިނދެފައި ޒޯއީގެ ޑައިރީމަތިން ހަނދާންވެފައި ކޮޓަރިއަށް ގޮސް ހޯދިއެވެ. ނަސީބަކުން އޭނާ ބޭއްވިތާގައި އޮތެވެ. މާބޮޑު ޝައުޤުވެރިކަމެއް ނެތިވެސް ތިއާ އެޑައިރީ ކިޔަން ފެށިއެވެ. ޒޯއީ ޅައުމުރުގައި އެހެން ކުދިން ފަދައިން މައުސޫމު ހިތަކާއެކު ލިޔެފައިވާ ވާހަކަތަކުން ކުޑައިރު ހަނދާންވިއެވެ. ޚުދު އޭނާގެ ވާހަކަވެސް އެހާ ލޯބިން ލިޔެފައި އޮތުމުން ހިތަށް އަސަރު ކުރިއެވެ. ޒޯއީ ކުޑައިރު އޭނާދެކެ އެހާ ލޯބިވެފައި ފަހުން ބަދަލުވީ ކީއްވެ ހެއްޔެވެ؟ ވަކި ހިސާބަކުން ތިއާގެ ލޮލުން ކަރުނަ އައެވެ. ބައްޕަގެ އެކްސިޑެންޓްގެ ވާހަކަ ޒޯއީ ލިޔެފައި ދެން އޭގެ ފަހުން ދިމާވި ކަންތައްތައް ތަފްސީލާއެކު އޮތެވެ. އެބައްޕަގެ ލޯބިން މަހުރޫމް ވުމުން ޒޯއީގެ ހިތަށް ކުރި އަސަރާއި ނަފްސާނީ ގޮތުންވެސް ގެއްލުންތަކެއް ލިބުނުކަން ތިއާ އަމިއްލައަށްވެސް ދެނެގަނެވުނެވެ. ޒޯއީ އާއިލީ ގުޅުންތަކަށް އޮތް އިތުބާރުވެސް ބައްޕަގެ ބަދަލުވުމާއި ގުޅިގެން ނެތިގެން ދިޔަކަން ރީތިކޮށް ހާމަވާން އޮތެވެ. މަންމަގެ ފަރާތުން ބޭނުންވާ ހުރިހާ ކަމެއް ފުދުނަސް ލޯބިން ހޭދަކޮށްލަން ވަގުތު ކޮޅެއް މަންމަ ހުސްނުކުރާތީ ކޮންމެ ރެއަކު ނިދަންއޮވެ ރޯވާހަކައާއި ޒަކްވާން ވެސް އޭނަ އަންހެންކުއްޖަކަށް ވީމައޭ ކިޔާފައި ކުޅިވަރުތަކުން ބާކީކޮށްފައި އެއް ޖިންސުގެ ކުދިންނާއެކު ދިއުމުން އެކަނިވެރިވެފައި ހޭދަ ކުރި ދުވަސްތަކުގެ ވާހަކަ އަސަރާއެކު ބަޔާންކޮށްފައި އޮތެވެ.
ފަހުން ތިއާ ވިހައިގެން މަންމަގެ ވަގުތުތައް ތިއާއަށް ދޭން ފެށުމުން ޒޯއީގެ ހިތުގައި ހަސަދައިގެ އަލިފާންކޮޅެއް ރޯވެ ބޮޑުވަމުން އައި ގޮތުގެ ވާހަކަ ރަނގަޅަށް ހާމަވިއެވެ. އެވާހަކަތަކުން އަސަރުކޮށްގެން ތިއާގެ ހިތުގައި ހަމްދަރްދީ އުފެދުނީ ނުހަނު ބޮޑަށެވެ. ހިތާއި ހިތުން ޒޯއީ ފެންނާނެނަމައޭ ކިޔައިލެވުނެވެ. ޒޯއީ މުއްސަދި ރީތި ކުއްޖެއްގައި ބޮޑުވެގެން އައި ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ބޭނުންވި ލޯބި ނުލިބި އުޅެނިކޮށް ހަމައެކަނި ލޯބިވި ފިރިހެންކުއްޖާ ވެސް އެހެން އަންހެންކުއްޖަކަށް ޓަކައި މަރުދޭކަން އެނގުމުން ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ޒޯއީ ކެތްގަދައެވެ. ވަރަށް ކެތްގަދައެވެ. ބައެއްފަހަރު ކިތަންމެ ހިތް ސާފު އިންސާނާވެސް ހާލަތުގެ ޝިކާރައަކަށް ވެގެން އެހެން ސިފައެއް އިޚުތިޔާރު ކުރެއެވެ. ޒޯއީއަށްވެސް ދިމާވި ގޮތަކީ އެއީއެވެ.
ރަފާލް ކާރު ޕާކްކޮށްފައި ގޮސް ގެއަށް ވަދެގެން ދިޔައިރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އާރިން އާއި ލުޖައިން ބަދަލުވިފަހުން މުޅިގެވެސް ފަޅުވެއްޖެއެވެ. ރީމް ގިނަ ވަގުތު ހޭދަ ކުރަނީ އެކުވެރިންނާ އެކުގައެވެ. ރަފާލްގެ ފޯން ރިންގް ވާން ފެށުމުން ނަގައި ކަންފަތުގައި ޖަހާލައިފައި ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލަން ވެގެން ބަލައިލި އިރު އެދޮރު ހުރީ ކުރިއްސުރެ ހުޅުވައިފައެވެ. ރަފާލްގެ ހިތުގައި ޝައްކު ހިނގައިލުމުން ފަހުން ގުޅާނަމޭ ބުނެ ފޯން ކަނޑާލައިފައި ޖީބަށް ލިއެވެ. އަދި ނުހަނު ވިސްނައިގެން ހުރެ މަޑުމަޑުން ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ. ރަފާލް ދެފަރާތަށް ލޯ ހިންގަމުން މޭޒުމަތީ ހުރި ބޮޑު ވާސްއެއް ނަގައި އަތަށް ހެއުވަރުކޮށްލައިފިއެވެ. ފާޚާނާ ތެރެއިން ފެން އިސްކުރެއް ދޫކޮށްލާފައިވާ އަޑު އަންނާތީ އެމީހަކު ވީ އެތަނުގައި ކަން އެނގުނެވެ. ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ފާޚާނާގެ ދޮރު ހުޅުވުމުގެ ކުރީން ރަފާލް ވާސް ބޮލާއި ދިމާއަށް މައްޗަށް އުފުލައިލިއެވެ. ހަމަލާއެއް ދޭން އުޅެފިނަމަ އެންމެ އަވަހަށް ޖަހަން ތައްޔާރުވުމުގެ ގޮތުންނެވެ.
ރަފާލްއަށް އެތެރެއިން މީހަކު ފެނުނެވެ. އެމީހަކު ފުރަގަސްދީގެން ހުރީ މޫނު ދޮންތަށީގެ އިސްކުރު ދޫކޮށްލައި ގެންނެވެ. އެކަމަކު ބިއްލޫރި ދޮރަށް ފެނުގެ އަސަރުކޮށްގެން ފުސްވެފައި ހުރުމުން އެތެރޭގައި ހުރި މީހެއްގެ ސިފަ މާބޮޑަށް ފާހަގަ ކުރާކަށް ނޭނގުނެވެ. ރަފާލް ހަމަޖެހުމުގެ ނޭވައެއްލާފައި ކުއްލިއަކަށް ދޮރުފަތް ކަހައިލުމާއެކު އެމީހަކުވެސް ސިހިގެން އެނބުރި ބަލައިލައިފިއެވެ. އެވަގުތު ރަފާލްގެ އަތުގައި އޮތް ވާސް ދޫވެގެން ވެއްޓުނީ ތިރިއަށެވެ.