"އާރީ އަކީ ޕޮލިހެއް. އަނެއްކާ ދިރިއުޅެނީ އަމިއްލަ ގެ ދޫކޮށްލާފަ އެޕާޓްމަންޓެއްގައި. އާރީ. ވައި އޯލް ދީސް ސީކްރެޓްސް؟ އިތުރަށް ކިތައް ކަންތައް އޮޅުވާލައިފައި ވާނެތަ؟ ޓެލް މީ އާރީ. ކީއްވެ އެއްޗެކޭ ނުބުނީ؟ ބަލަ ލޫލޫ އެއީ އާރީގެ ސީކްރެޓްތައް ޝެއަރ ކުރަން އެންމެ އެކަށީގެންވާ ފަރާތެއްނު. ދެން ކީއްވެ ލޫލޫއަށްވެސް ސިއްރު ކުރީ؟" ތިއާ އެންމެންނަށް ވުރެ ކުރިން ކުރިއަށް ޖެހިލައިފައި އާރިންގެ އަތުގައިހިފާ ތަޅުވައިގަތެވެ. "ލޫލޫ. އައި ކޭން އެކްސްޕްލެއިން." އާރިން ހިމޭނުން ހުރެލާފައި ގޮސް ހުއްޓުނީ ލުޖައިން ކުރިމައްޗަށެވެ. ލުޖައިން ބަހެއް ނުބުނެ ހުރެގެން އާރިންގެ މޫނަށް ބަލަމުން ދިޔައިރު އެމޫނުގައި އެތައް ކުލައެއް ވިއެވެ. "ކިހިނެތް އެކްސްޕްލެއިން ކުރާ ވާހަކައެއް ތިދައްކަނީ؟ އަނެއްކާވެސް އިތުރު ދޮގުތަކެއް ހަދައި ކަންތައްތަކެއް އޮޅުވާލައިގެންތަ؟" ތިއާ މިފަހަރުވެސް ލުޖައިން އެއްޗެކޭ ބުނަންވާއިރަށް އެދޭތެރެއަށް އަނގަ ބާނައިފިއެވެ. "ތިއާ. ޕްލީޒް. މީ އަހަރެމެން ދެމީހުންގެ އަމިއްލަ ކަމެއް. އެޓްލީސްޓް މިނިޓަކަށް އަނގަ މަޑުން ލައިދޭނަންތަ؟" އާރިން ހިތްހަމަނުޖެހިގެން ބަލައިލުމުން ތިއާ ތުންއަނބުރާލައިފައި ގޮސް ދުރުގައި ހުއްޓި ހަށަން ބަނދެލައިފިއެވެ.
"އޯކޭ.. ދެން ކިޔައިދީބަލަ...! ބުނެދީބަލަ އާރީއަށް އަހަރެންގެ ލައިފް އާއި ބެހޭގޮތުން ނޭނގޭ އެއްވެސް ކަމެއް ނެތިވެސް އަމިއްލަ ސީކްރެޓް ތަކެއް ހުންނަންވީ ކީއްވެކަން. އަހަރެން ބަލަން ބޭނުން އެއީ ކިހިނެތްވީ ކަމެއްކަން. މިއޮތްހާ ދުވަހު ހީކުރެވިފައި އޮތީ ސީކްރެޓްތަކެއް ހުންނަ ވަރަށްވުރެ ދެމީހުން ކްލޯސްކަމަށް... އެކަމަކު މިހާރު ހީވާން ފަށައިފި ތީ އަހަރެން ސޯޅަ އަހަރުގައި ގުޅުނު އާރީއެއް ނޫނޭވެސް...." ލުޖައިން އެސްފިޔަޖަހައި ލުމެއް ނެތި އާރިންގެ މޫނަށް ބަލަމުން މައިތިރި އަޑަކުން ވާހަކަދެއްކިއެވެ.
"މާފުކުރޭ އެކަމަކު އަހަރެންނަށް އެއްޗެއް ބުނެނުލައި ނުހުރެވިގެން މިއުޅެނީ.. މަށަކަށް ހިއެއްނުވޭ ތީ މާބޮޑު އިޝޫއަކަށް ހަދާވަރު ކަމެއް ހެނެއް. ބައެއް ކަންތައްތައް ކޮންމެހެން ދުލުން ހާމަ ނުކުރިއަސް އެނގޭނެ ގޮތްތައް ހުންނާނެ. އާރީ އަބަދު އެހާ ބިޒީކޮށް މަސައްކަތުގައި އުޅެމުން އަދި އިތުރަށް އޮޕަރޭޝަން ތަކުގައި ކައިރި ރަށްރަށަށް ގޮސް އުޅޭއިރުވެސް ލުޖައިންއަށް އެކަން ފާހަގަ ނުކުރެވި ސުވާލު ނުކުރެވެންޏާ ސިއްރުވެފައި އޮވެދާނެ ނޫންތަ؟ ފާއިތުވި މަންތްގަވެސް ބޮޑުބައި އާރީ ހުރީ މާލެ ކައިރި ރަށެއްގައި. ލުޖައިންއަށް އެކަމެއްވެސް ނޭނގެއޭ ބުނެފިއްޔާ އައި ވިލް ބީ އަ ލިލް ސަޕްރައިޒްޑް." އީތަން ދުރުގައި ހުރެފައި އައިސް ލުޖައިން އާއި އާރިންގެ ކައިރިއަށް ހުއްޓިފައި ވާހަކަދެއްކިއެވެ. އެވަގުތު އީތަންގެ ފަހު ދެ ޖުމްލައިން އާރިންގެ މޫނަށް އެރި ކުލަ ލުޖައިންއަށް ފާހަގަ ނުކުރެވުނަސް ދުރުގައި ހުރި ތިއާ އެކަން ފާހަގަކޮށްފިއެވެ.
"އިމްޕޯސިބްލް." ތިއާ ބާރު ބާރަށް އެހެން ބުނެލުމުން އެންމެންގެ ނަޒަރު ތިއާއަށް ހުއްޓުނެވެ. އެވަގުތު އާރިން އަވަހަށް ލުޖައިންގެ އަތުގައި ހިފާފައި އިތުރަށް ވާހަކަ ކުރިއަށް ގެންދަންވެގެން މަސައްކަތް ކުރިނަމަވެސް ތިއާ އެކަން ކާމިޔާބުވިޔަކަ ނުދިނެވެ.
"މިދިޔަމަހު އާރިން ހުރީ ކެންސަރ ބައްޔަށް ފަރުވާ ހޯދަން ގޮސް ބޭރުގައި. ދެން ކިހިނެތް ތި ތެދަކަށް ވާނީ؟" ތިއާ ޑިޓެކްޓިވް އެއްހެން މީހަކު ބުނެލާ ޖުމްލައަކުން ކިރިޔާ ކުޑަ ކަމެއްވެސް ފާހަގަ ކުރެއެވެ. ވަގުތު ފާއިތުވެއްޖެކަން އާރިންއަށް އިހްސާސްވިއެވެ. އެހެންވެ އިތުރަށް ވާހަކަ ދައްކަން ނޫޅެ ތުންފަތުގައި ދަތް އަޅާލައިފިއެވެ. އީތަންއަށް އެތަން ފެނިގެން ދެން ވާހަކައެއް ނުދެއްކިއެވެ. އާރިން ކަންތައްގަނޑެއް ހިންގާލައިގެން އުޅޭކަން އޭނާއަށް އެނގުނީއެވެ. "އާރީ. ކޮބާ އޭގެ މާނައަކީ؟ އާރީގެ ބަލި އަދިވެސް ރަނގަޅު ނުވަނީތަ؟ އެއީތަ އާރީ ސިއްރު ކުރަން ތިއުޅޭ އެއްޗަކީ؟" ލުޖައިން ކައިރިވެލާފައި އާރިންގެ ގަމީހު މޭމަތީގައި ދެއަތުން ހިފާ ބޮނޑިކޮށްލިއިރު ލޮލުން ކަރުނަ އަތުވެއްޖެއެވެ. "މާފުކުރޭ ލޫލޫ އަހަރެން މިވާހަކަ ބުނަން އުޅުނީ... އަހަރެންނަށް ކެންސަރެއް ނުޖެހޭ." އާރިން ލުޖައިންގެ ދެއަތް ނައްޓުވާލައިފައި އިސްޖަހައިލިއެވެ. ކަނޑާ ވައްޓާލި ގަހެއްހެން ލުޖައިން ކައިރީގައި ހުރި ސޯފާއަށް ވެއްޓިގަނެއްޖެއެވެ. ކުރިމަތީގައިވި ހުރިހާ އެއްޗެއް ފުސްވެގެން ދިޔައީ އަނެއްކާވެސް ލޮލަށް ގިނަވެގެން ފައިބައިގަތް ކަރުނަތަކުންނެވެ. ލުޖައިން ދެއަތުން މޫނު ފޮރުވާލުމާއެކު ހިމޭން ގިސްލުމެއްގެ އަޑު ނިކުންނަން ފެށިއެވެ. އެވަގުތު ތިއާ ވިދުވަރެއްހެން އައިސް ކައިރިއަށް ހުއްޓުނު ތަނުން އާރިންގެ ކޯތާފަތަށް ދިލަ އަރައިގެން ދިޔައެވެ.
"ތިއާ!" އީތަންއަށް ގޮވާލެވުނެވެ. "ނަން އޮފް ޔޯ ބިޒްނެސް." ތިއާ އެނބުރިލައިފައި އީތަންއަށް މޫނު ހަދައިލިއެވެ. އާރިން އެވަރުންވެސް އެއްޗެއް ނުބުނެ ހުރެފައި ކޯތާފަތުގައި ފިރުމާލިއެވެ. އެދެލޯ ހުއްޓިފައި ހުރީ ރޮއި ރޮއި އިން ލުޖައިން އަށެވެ.
"އާރިންމެން މާލޭގައި ބޭނުންހާ ގޮތަކަށް އުޅެ ބަހައްޓާފަ ލުޖައިން ކަހަލަ ރަށުގައި ތިބޭ ކުދިންގެ އިނޮސެންޓް ކަމުގެ ފައިދާ ތިގޮތަށް ނަގާއިރު ހިތަކަށް ނާރާތަ އެކުދިންގެވެސް އޮންނާނީ ހިތެކޭ. ހިތަށް އަރަނީ ކަންނޭނގެ އެމީހުނަށް އެކައްޗެއްވެސް ނޭނގޭނެއޭ. އެކަމަކު މިކޭސްގަ މަށަށް ކަމުނުދިޔައީ އާރިން ދޮގު ހަދައިގެނެއްވެސް ނޫން. ލުޖައިން ކަހަލަ ނިކަމެތި ކުއްޖަކަށް މިހެން ހެދީމަ. އަދި ލުޖައިން މާބޮޑަށް ފޯލްވެފަ ހުރީމަ. އާރިންގެ ކޮންމެ ލަފްޒެއް އެކުއްޖާ އެހުންނަނީ ތެދުކޮށްގެން. ހިތުގައި ޝައްކެއްވެސް ހިނގާނުލާ. އުމުރުން ބާރަ އަހަރުން ފެށިގެން އެކުއްޖާގެ މުޅި ލައިފް އާރިންއަށް ޑިޕެންޑް ވެގެން އެހުންނަނީ. އިނގޭތަ އާރިންއަށް ކެންސަރ ބައްޔަށް ފަރުވާ ކުރަން ދިއުމާއެކު ލުޖައިން ތިރީސް ރޯދަ ހިފަން ނަދުރު ބުނިކަން؟ މާދަން އެއީ ލުޖައިން ތިރީސް ރޯދަ ހަމަކުރާ ދުވަސް. އެން ސީ ވަޓް ހެޕެންޑް. އެހުރިހާ ރޯދައެއް މީނިންގްލެސް އެއްޗަކަށް ވެގެން ދިޔައީ." ތިއާގެ ވާހަކަ ނިމުނު އިރު އާރިން ގަބޫލު ކުރަން ދަތިވެފައި ހުރެގެން ލުޖައިންއަށް ބަލަނީއެވެ. އެކުޑަ އަންހެންކުއްޖާ އޭނާ ދެކެ އެމިންވަރަށް ލޯބިވާކަން އެނގުމުން ކަރުނަތައް ކޮންޓްރޯލެއް ނުވިއެވެ. އާރިން ލޮލުގެ ކަނުން ފޭދުނު ކަރުނަތިކި އަވަސް އަވަހަށް ބޮޑުވައި އިނގިލިން ފުހެލާފައި ގޮސް ލުޖައިން ކައިރިއަށް ހުއްޓިއްޖެއެވެ.
"އީތަން ޕްލީޒް. ލެޓް މީ ޓޯކް." އާރިން އެނބުރިފައި އީތަންގެ މޫނަށް ބަލައިލީ އާދޭސްކުރާ ނަޒަރަކުންނެވެ. އާރިންގެ އެދުމަކީ ކޮބައިކަން އީތަންއަށް ވިސްނިގެން އައިސް ތިއާގެ އަތުގައި ހިފާ ދުރަށް ގެންދަން ފެށުމުން ތިއާ ބާރުބާރަށް ހަޅޭއްލަވައިގެންފައި އީތަން އަތްދަށުން ފޮޅުވިގަނެގެން ހިނގާފައި ގޮސް ދޮރުން ނިކުމެއްޖެއެވެ. އީތަން ހުއްޓި ހުރެލާފައި ތިއާގެ ފަހަތުން ގޮސް ނިކުތްއިރު ތިއާ ސިޑިމަތީގައި އިށީންދެލައިގެން ހިމޭންވެފައި އިނެވެ. އީތަން ވާހަކަ ދައްކަން އުޅެފައިވެސް ތިއާ އިތުރަށް ނުރުހިދާނެތީ ފާރުގައި ލެނގިލައިގެން ތިއާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.
އާރިން ތިރިވެލާފައި ޓައިލްސް މަތީ ދެކަކޫ ޖެހިއެވެ. ލުޖައިން އެއިރުވެސް އިސްޖަހާލައިގެން އިނދެ މަޑު މަޑުން ގިސްލަމުން ދިޔައިރު މެދުކެނޑުމެއް ނެތި ލޮލުން ކަރުނަ އަންނަނީއެވެ. "ލޫލޫ... އަހަންނަށް މާފުކުރޭ." އާރިން ލުޖައިންގެ ދެއަތުގައި ހިފާލުމުން ލުޖައިން ތެޅިގެންފައި އެދެއަތް ފޮޅުވާލިއެވެ. "ލޫލޫ ޕްލީޒް ލިސަން ޓު މީ! އަހަރެން ބޭނުން ހުރިހާ ވާހަކައެއް ކިޔައި ދޭން. ލެޓް މީ އެކްސްޕްލެއިން..." އާރިން އާދޭހާއެކު އެދެމުން ދިޔައެވެ. ލުޖައިންއަށް އެއިން އެއްވެސް އަޑެއް އިވޭ ހެނެއް ހިއެއްނުވެއެވެ. ނޫނީ އަހަން ބޭނުން ނުވަނީ އެވެ. ހަތަރު އަހަރު ވާންދެން އޭނާ ކުރި އިތުބާރު އާރިން ސިކުންތު ކޮޅެއްގެ ތެރޭގައި ވެއްޔާއި މޮޑެލައިފިއެވެ. ފުރަތަމަ ފަހަރަށް އެޅަހިތުގައި ފަސޭހަ ވުމެއްނެތް ޒަޚަމެއް އާރިން ލައްވައިފިއެވެ.
އިރުކޮޅަކުން ލުޖައިން ކުއްލިއަކަށް މޫނުން އަތް ނަގާފައި ފުންމައިގެން ތެދުވިގޮތަށް ބާރުބާރަށް ހިނގައިގެންފިއެވެ. "ލޫލޫ...!! އާރިން ފަހަތުން ގޮސް ދޮރާއި ހަމައަށް ދެވުނުފަހުން ލުޖައިން އަތުގައި ހިފަހައްޓާލުމާއެކު ލުޖައިން ބަލައިލި ގޮތަކުން ސިހިގެން ދިޔައެވެ. ކަރުނުން ފުރިފައިވި ބޮޑު ދެލޮލުން އާރިންއަށް ފުރަތަމަ ފަހަރަށް ރުޅިވެރިކަން ފެނުމުން ހިތަށް ފާޑެއްގެ ގޮތެއް ވެލިއެވެ. "އަތުން ދޫކޮށްލާ! އަހަރެން ދާންވެއްޖެ." ލުޖައިން ބާރު ބާރަށް ހަޅޭއްލަވައި ގަތެވެ. ބޭރުގައި ތިބި ތިއާ އަށާއި އީތަންއަށްވެސް އެއަޑު އިވިގެން އަވަހަށް އައެވެ. އާރިން ހިތާއި ދެކޮޅަށްވެސް ލުޖައިންގެ އަތުން ދޫކޮށްލީ އެތަނަށް އެދެމީހުން އައިސް ހުއްޓުނު ފަހުންނެވެ. އެހެން ނޫންނަމަ އޭނާއަކީ އެހާ ފަސޭހައިން ކަންކަމުން އަތް ދޫކޮށްލާ ޒުވާނެއް ނޫނެވެ. އާރިންގެ ފަރާތުން ސަލާމަތްވިތަނުން ލުޖައިން އަވަހަށް ތިއާގެ އަތުގައި ހިފާފައި ސިޑިން ފައިބައިގެން ދިޔައެވެ.
"އައެމް ސޮރީ އާރީ. އަހަރެންނަށް އިންޓަރފިއަރ ނުކުރެވުނު ނަމަ..." "ނޫނޭ އެއީ އީތަންގެ ސަބަބުން ވީކަމެއް ނޫން." އީތަން އެތެރެއަށް ވަދެފައި ވާހަކަދައްކަން ފެށުމާއެކު އާރިން ޖުމްލަ މެދުކަނޑާލިއެވެ.
އާރިން ބަދިގެއަށް ވަދެފައި ކޮފީއެއް ހަދާލައިގެން ބެލްކަންޏަށް ނިކުމެލި އިރު އީތަންވެސް ފޯނެއް ކުރަން ހުއްޓެވެ. އީތަން ފޯނު ނިމިގެން ބަލައިލިއިރުވެސް އާރިން ކޮފީ މަގުގައި ތުންވެސް ނުޖަހައި ދުރު ބަލަހައްޓައިގެން ހުއްޓެވެ. އެމޫނުން އީތަންއަށް ފުރަތަމަ ފަހަރަށް މޮޅިވެރިކަމުގެ ކުލަވަރު ފާޅުވާން ފެށިއެވެ. އާރިން ކަންތައްތަކެއް ސިއްރުކޮށްގެން އުޅޭނަމަ އޭގެ ފަހަތުގައިވާ ބޮޑު ސިއްރެއްވެސް އޮންނާނެއޭ އީތަން ހިތަށް އެރިއެވެ. "ލުޖައިން އާއި ރައްޓެހިވިފަހުން އަހަރެން މާލެ އައި ގޮތަށް ދެން އޮތީ މުޅިންވެސް ލެޓަރގެ ދައުރު. ތިއާ ބުނިހެން އެކުއްޖާގެ ލައިފްގެ އެންމެ ކުޑަ ކަންތަކުން ފެށިގެން އެންމެ ބޮޑެތި ހުރިހާ ކަމެއް އެ ލެޓަރ ތަކުގައި ލިޔެފައި ފޮނުވާ.. މިހާރުވެސް އެލެޓަރތައް ބަލައިލައިފިނަމަ ހަތަރު އަހަރު ދުވަހު ލުޖައިން ހަޔާތުގައި ދިމާވި ހުރިހާ ކަމެއް އެނގެން އޮންނާނެ.. އެގޮތަށް ސިޓީއަކަށް ޖަވާބު ލިޔަން ހުރި ދުވަހެއްގައި ފްރެންޑެއް އައިސް ވަރަށް ގިނަ އިރު ގޭގައި އުޅުނު. އަހަރެން ލެޓަރ ނިންމާފައި ސިޓީއުރައަށްވެސް ލައިފަ އޮތްވާ އޭނަ އެނަގައިގެން އެހެން ލެޓަރ އަކާއި ޗޭންޖް ކޮށްލީ. މިކަން އެނގުނީ ލެޓަރ ރަށަށްވެސް ފޮނުވާލިފަހުން އޭނަ ބުނީމަ. ވަރަށް ހިތްހަމަނުޖެހުނު.. އެކަމަކު އޭނަ ބުނީ ލުޖައިންގެ ލޯބި އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް. އޭނާގެ ބަސްއަހައިގެން ކުޑަ ދުވަސްކޮޅަކަށް އެގޮތަށް ގޭމް ޖެއްސީ. ތެދެއް އެއީ. އެވާހަކަ ބުނިފަހުން ލުޖައިން ފޮނުވި މަދު ސިޓީތަކުގެ ވޯޑްތައް މުޅިންހެން ބަދަލުވެފަ ހުރީ. ގިނައިން އޮންނަނީ އޭނަ ލޯބިވާވަރު ބަޔާންކޮށްދޭން މަސައްކަތްކޮށްފަ... މުޅި އުމުރުހުސްވިއަސް ދުވަހަކުވެސް ބަޔާންކޮށް ނުނިމޭފަދަ..."
އާރިން ވާހަކަދައްކަން ހުރެފައި އެދުވަސްތައް ހަނދާނަށް އައުމުން ނޭނގުމުގެ ތެރޭގައި މަޑުމަޑުން ހީލެވިއްޖެއެވެ. "ލުޖައިން މާލެ ޗޭންޖްވާން އުޅޭކަން އެނގިގެން އަހަރެން ގަސްތުކުރީ އެހިސާބުން ހަޤީޤަތް ކިޔައިދޭން.. އެކަމަކު ފަހުން ވީގޮތަކީ އޭނަ ކަމަކަށް އިންކާރުކުރަން އުޅޭފަހަރެއްގައި ވެސް ބަލި އެކްސްކިއުޒް އަކަށް ހަދައިގެން އެކަމަކަށް އެއްބަސް ކުރުވަނީ.. އެހެންވެ ހިތަށް އެރީ އަދިވެސް ކުޑަ ދުވަސްކޮޅަކު އެކަން ސިއްރެއް ގޮތަށް އޮތަދޭނީއޭ... ދެން ފަހުން މާބޮޑަށް ބޭޑް ފީލްވާން ފެށީމަ... އަމިއްލައަށް ވެސް އެނގުނު ހަޤީޤަތް އެނގިގެން ލުޖައިންއަށް ވަރަށް އަސަރު ކުރާނެކަން. އެހެންވެ ފަރުވާ ކުރަނީއޭ ކިޔައިގެން އަނެއް ޓްރިކް ޖެއްސީ.. ލާސްޓް މަންތްގަ އޮޕަރޭޝަންއަށް ދިޔައިރު އަހަރެން ދިޔައީ ބައްޔަށް އޮޕަރޭޝަން އަށޭ ކިޔާފަ... ދެން އޭނައަށް ގުޅީ ރަނގަޅުވިކަމުގެ އުފާވެރި ހަބަރާއިގެން... އެހިސާބުން އެކަން ނިމުނީ ކަމަށް ހީކޮށްގެން މިހުންނަނީ. ފަހަރެއްގައި ވެސް ހިއެއް ނުކުރަން މިފަދަ ގޮތަކަށް ލުޖައިން ކުރިމައްޗަށް އެހަޤީޤަތް އަތުވެދާނެ ކަމަކަށް." އާރިން އިރުގަނޑެއް ފަހުން ކޮފީތަށީގައި ތުން ޖަހާފައި ހޫނުކަމެއް ނެތުމުން ގެންގޮސް ކައިރީގައި ހުރި މޭޒުމަތީ ބެހެއްޓިއެވެ. އެނބުރި އައިސް ރެއިލިންގައި ދެއުޅަބޮށި ވިއްދާލިއިރު އީތަން އަދިވެސް ހުރީ އާރިންގެ ވާހަކަ އަޑު އަހަން ތައްޔާރުވެގެންނެވެ.
"ޔޫ ނޯ އީތަން... ބައެއް ވާހަކަތައް ދައްކަން ހީކުރާހާ ފަސޭހައެއް ނުވާނެ.. ދެންމެ މި ކިޔައިދިން ވާހަކަ ޔަޤީނުންވެސް އެއީ އަހަރެންނަށް ހާމަކުރަން ނުކެރުނު ވާހަކައެއް. ދެން އަހަރެން ގެއާއި އާއިލާ ދޫކޮށްލާފައި އައިސް އެޕާޓްމެންޓެއް ހިފައިގެން އަދި ފެމެލީ ބިޒްނެސް ދޫކޮށްލާފަ ޕޮލިހަށް ޖޮއިން ކުރި އަސްލު ސަބަބު ދެވަނަ މީހެއް ކައިރީ ބުނަން އަދިވެސް ޖެހިލުންވޭ... އައި ނީޑް މޯ ޓައިމް... އީތަން." އާރިން ވާހަކަ ދައްކަމުން އީތަން އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. "ދެން ލުޖައިންއަށް ވާނީ ކިހިނެތް؟ އޭނަ އެދިޔައީ ބްރޭކްއަޕް ކޮށްލާފައިތަ؟" އީތަން އެކުރި ސުވާލަކުން އާރިން ހިނދުކޮޅަކަށް ހިމޭންވިއެވެ. "ފާޅުގަ އެހެނެއް ނުބުނޭ. އެކަމަކު ހީވާގޮތުން ޝީ ކައިންޑާ ޑިޑް. އެހެންވިއަސް އަހަންނަށް ޔަޤީން އޭނަ އަބަދުވެސް ހުންނާނީ ހަމައެކަނި އަހަރެންގެ ހައްޤެއް ގޮތުގައި." އާރިން ވިސްނަން ހުރެފައި އިރުކޮޅަކުން އެނބުރި ދޮރާއި ދިމާއަށް ދާން ފެށުމުން އީތަން ހުރީ ކުޑަކޮށް ހައިރާންވެފައެވެ.
ގެއަށް ގޮސް ވަންތަނާ ދެއަންހެން ކުދިން ސިހިގެން ދިޔައެވެ. ލިވިން ރޫމްގައި ޝަކީބާ އިނީ ޝާމިސް އާއި ވާހަކަ ދައްކަން މަޑުކޮށްލައިގެންނެވެ. މިފަހަރު ދޮގު ފަޅާއަރައިފިއެވެ. ޝަކީބާއަށް އެކުދިން ފެނިގެން ތެދުވެފައި ކައިރިއަށް އަންނަން އިޝާރާތް ކޮށްލުމުން ލުޖައިންއަށްވުރެ ތިއާ ބިރުގަތެވެ. ލުޖައިން ލޮލުގައި ކަރުނަތައް ގިނަވެފައި ހުރިވަރުން އެވަގުތުވެސް ނުރޮއެ ހުންނާނެ ކަމަށް ތިއާ އުންމީދެއް ނުކުރެއެވެ. އެހެންވެއްޖެއްޔާ ހުރިހާ ކަމެއް ފަޅާއަރާނެއެވެ.
"ލުޖައިން! ކޮންތާކުން ތިއައީ؟" ޝާމިސް ލުޖައިންއަށް ގޮވާލާފައި ކައިރީގައި އައިސް އިށީނުމުން ލޯއްބާއެކު ސުވާލު ކުރިއެވެ. "މަންމާ ސުހާ ބުނެގެން ހުޅުމާލެއަށް ދިޔައީ." ތިއާ ލުޖައިންއަށްވުރެ ކުރިން ޖަވާބު ދީފައި ޝަކީބާ އިން ސޯފާގެ އަތްގަނޑުގައި ގޮތަކަށް އިށީންދެލައިފިއެވެ. ޝާމިސް އިނުމުން ޝަކީބާ އިތުރަށް އެވާކަ ކުރިއަށް ގެންދާކަށް ނޫޅުނެވެ. "ލުޖައިން. ކިހިނެއް ވެފަ ތިއިނީ. ދެލޯ ހާދަ ރަތޭ؟" ޝަކީބާއަށް ލުޖައިންގެ މޫނު ފެނިގެން ސުވާލު ކޮށްލެވިއްޖެއެވެ. ލުޖައިންގެ ކެތްތެރިކަން ކޮޅުންލީ ހިސާބަކީ އެއީއެވެ. މޫނުގައި ދެއަތް އަޅައި ފޮރުވާލުމާއެކު ކުޑަ ކުއްޖެއްހެން އަޑުން އަޑުނަގައި އޭނާ ރޮއިގަތެވެ. އެވަގުތު ޝަކީބާ ފުންމައިގެން އައިސް ލުޖައިންގެ ދާދި ގާތުގައި އިށީންދެފައި ސުވާލު ކުރަން ފެށުމުން ލުޖައިން ރޮމުން ޝަކީބާ އުނގުގައި ބޯ އަޅައިލިއެވެ. ޝާމިސް ވެސް އިނީ ފެންކަޅިވެފައެވެ. އަނެއްކޮޅުން ތިއާ ތުންފިއްތަ ފިއްތާފައިވެސް ގަދަކަމުން ކަރުނަތައް ކޮންޓްރޯލް ކުރިއެވެ. އާރިން އެޕާޓްމެންޓްގައި ހުރެފައިވެސް ލުޖައިން އެގޮތަކަށް ނުރޮއެވެ. ހީވަނީ މުޅިކުއްޖާ ހިތާމައިން ކުދި ކުދި ވެދާނެހެންނެވެ. ތިއާގެ ހިތަށް އެހާ އަސަރު ކުރީ އެހެން ވެގެންނެވެ.
"މާފުކުރޭ ދައްތާ. ދައްތަ އާރިން އާއި ބެހޭ ގޮތުން ދެއްކި ހުރިހާ ވާހަކައެއްވެސް އަހަރެންނަށް މިހާރު ގަބޫލު ކުރެވިއްޖެ." ލުޖައިން ރޮއިރޮއި ހިތަށް ހިސާބެއްގެ ލުއެއް ލިބުމުން ބޯ ހިއްލާލި އިރު މުޅި މޫނަށް ފިޔާތޮށިކުލަ އަރައިފިއެވެ. އެވަގުތު އާރިންގެ ނަން ބުނެގެން ޝަކީބާ އެކޭ އެއްގޮތަށް ޝާމިސް ވެސް ސިހުނެވެ. ލުޖައިން ރޯ އަޑަށް ޒޯއީ އާއި ގޭގައި ގެންގުޅޭ ނޯކަރު ކުއްޖާ އަމީނާވެސް އެތަނަށް އައިސް ހުއްޓުނެވެ. ލުޖައިންއަށް ވާހަކަ ދައްކަން އުދަނގޫ ވެގެން ތިއާ އެދޭތެރެއަށް ވަދެފައި ހަޤީޤަތް ކިޔައިދިނުމުން އެންމެންވެސް އަޖައިބުވެފައި އަޑު އެހިއެވެ. "ދެން ހުއްޓާލާ ލުޖައިން. އެކަން ދެން އެ ނިމުނީ. އެއާރިންގެ ހަޤީޤަތް އަވަހަށް އެނގުނު ކަމަށްޓަކާ ޝުކުރު ކުރޭ." ޝަކީބާ ލުޖައިންގެ ކަރުނަތައް ފުހެދީފައި ހޭވިފައިވާ އިސްތަށިގަނޑު ވެސް ރީތިކޮށްލަދިނެވެ. "ބިޗް. ބަލާބަ ހުރި ނުބައިކަން. މީގެ ކުރިން އާރިން ރިޗްވީމަ އޭނަ އަތު އަޅުވާލައިގެން އުޅެފަ މިހާރު އޭނާ ފެމެލީ އާއި ވަކިވެގަނެގެން އުޅޭކަން އެނގުނީމަ ޑަމްޕްކޮށްލީ. ދެން ހަމަ ޔަޤީނުންވެސް މީނަގެ އަމާޒަކަށް ވާނީ ޕުއަރ ޒަކްވާން." ޒޯއީ ހިތާއި ހިތުން ކިއެވެ. ބަލަން ނުހުރެ ގޮސް ލުޖައިން މޫނުގައި އެތި ފަހަރެއް ޖަހަން އޭނާ ނުހަނު ބޭނުންވިއެވެ.
އިރުކޮޅަކުން ގޭގެ ބެލް ޖަހައިލި އަޑަށް އަމީނާ ގޮސް ދޮރު ހުޅުވާފައި އެނބުރި އައިއިރު ފަހަތުގައި އާރިން ހުއްޓާ ފެނުމުން އެންމެން ސިހިއްޖެއެވެ. "އަހަރެން މިއައީ ލުޖައިން އާއި ވާހަކަ ދައްކަން ވެގެން." އާރިން އެކި މީހުންގެ މޫނަށް ވަކި ވަކިން ނަޒަރެއް ދީފައި ޖެހިލުމެއްނެތި ބުނެލިއެވެ.