އީތަން ވާހަކަ ފަށަން ތައްޔާރުވެލި ތަނާ ތިއާ ކޮފީ މަގު ހިފައިގެން ހުރި އަތުގައި އަނެއް އަތް ހިންގައިލިއެވެ. ތިއާ އެއުޅެނީ ފިނި ބޮޑުވެގެންކަން އީތަން ދެނެގަތީ ބަސް ބުނުމަކާއި ނުލައެވެ. އެބަ އަންނަމޭ ބުނެ ކޮފީ މަގު އެތާހުރި ވަށް މޭޒުމަތީ ބަހައްޓާފައި އީތަން އެތެރެއަށް ވަދެފައި އެނބުރި އައީ ކުޑަ ރަޖައެއް ހިފައިގެންނެވެ. ތިއާ އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއި އެކު އީތަން ރަޖާ ކުޑަކޮށް ނިއުޅާލައިފައި ތިއާގެ ފުރަގަހަށް ހުއްޓި ދެކޮނޑާއިއެކު ފޮރުވާލަދިނެވެ. އީތަންގެ އެގައިގޯޅި ކަމުން ތިއާގެ ހިތް އަވަސްވެގެން ދިޔަ ވަރަށް ތިއާގެ އިސްތަށިގަނޑުގެ ވަހުން އީތަން މަސްތު ކުރުވިއެވެ. ތިއާއަށް ނޭނގޭނެހެން އެއިސްތަށިގަނޑުން ވަސް ބަލައިލެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ.
"އައި ހޭޑް ކްރަޝް އޮން ޒޯއީ." އީތަން އަނެއްކާ ގޮސް ރެއިލިންއަށް ފުރަގަސްދީގެން ހުއްޓިފައި ބުނެލިއެވެ. "ވަޓް....؟؟" ތިއާގެ ދެލޯ ހުރީ މުދުނަށް އަރާފައެވެ. އަވަސް އަވަހަށް ކޮފީ މަގު މޭޒުމަތީ ބަހައްޓާލެވުނު ގޮތަކުން އެއްބައި ބަންޑުންވިއެވެ. "އޭނަ ފުރަތަމަ ފެނުނު ދުވަހު ރީތިވެގެން، ހަމަ އެވަގުތު ގޮސް އެވާހަކަ ބުނީ. އިނގޭތަ ޒޯއީ ކުރިކަމެއް؟ ތުންފިއްތައިލާފަ ކުއްލިއަކަށް ރޮއިގަތީ... އަނެއްދުވަހު ކުލާސް ޓީޗަރ މަޑުކުރުވާފަ ބުނީ ޒޯއީ ބައްޕަ ކައިރީ ކޮމްޕްލެއިން ކޮށްގެން ބައްޕައޭ ޓީޗަރ ކައިރީ ބުނީ... އެއީ އަހަރުގެ ފުރަތަމަ ދުވަސް. އެއަހަރު ނިމޭންދެން އަހަރެންނަށް އިންނަން ޖެހުނީ އެންމެ ފަހަތު ބަރީގައި. ޒޯއީ އިންނަނީ ކުރީގައި. ޒޯއީ އާއި ވަކިވަރަކަށް ކައިރިވުންވެސް މަނާ. އެދުވަހު އެނގުނީ ޒޯއީ ބައްޕަގެ ނުފޫޒް ގަދަކަން. މިހާރު ދެމީހުން އެހާ ގާތްކޮށް އުޅޭއިރުވެސް އެދުވަސް ހަނދާންވީމަ ފާޑަކަށް ރަކިވޭ. ހިތަށް އަރާ އެދުވަހު ޒޯއީ ކުރިމަތީ އެހެން ނުބުނެވުނު ނަމައޭ." އީތަން ރަކިގޮތަކަށް ހީލައިފައި ރެއިލިންގައި ބަނޑު އަޅާލައިގެން ތިރިބަލަން ފެށިއިރު ތިއާ އަދިވެސް އިނީ މުޅިން ހަމަނުޖެހިއެވެ.
"އަދި މުޅިއަކުން ގެޓެއްނުވި. ދެން ކޮންއިރަކު ދެމީހުން ފްރެންޑްވީ؟" ހުރިހާ ކަމެއް އޮޅުންފިލުވަން ފައިވިއްދައިލީ ކޮން ހައިސިއްޔަތަކުން ކަން ޚުދު ތިއާއަށްވެސް ނޭނގެއެވެ. "ޖެހިގެން އައި އަހަރު ފައިވްއަށް ދިޔަތަނާ އަނެއްކާ އެއްކުލާހަކަށް ދެވުނީ. އެއްދުވަހަކު މާގަދައަށް ސަކަރާތް ގަނެގެން ޓީޗަރ ދިން އަދަބެއްގެ ގޮތުން ޒޯއީ ކައިރީ އިންނަން ޖެހުނީ. އެއީ ދެން ފްރެންޑްވާން ދިމާވި ގޮތަކީ. ކުރީގެ ހާދިސާގެ ވާހަކަ އެފަހުން އެކަކުވެސް ނުދައްކާ." އީތަން ކިޔައިދިނެވެ.
ތިއާ ބަލަހައްޓައިގެން އިނދެފައި ބަންޑުންވެފައިވާ ކޮފީ ތަށީގައި ބާކީ ހުރިބައި އެއް ނޭވައިން ހުސްކޮށްލި އިރު ނިއްކުރީގައި ވި ރޫތައް މުޅިއަކުން ސާފެއް ނުވެއެވެ. ތިއާ ނިދި އަންނަ ކަމުގެ ބަހަނާ ދައްކާފައި ގޮނޑިން ތެދުވީ ކޮންމެހެން ނިދާ ހިތަކުން ނޫނެވެ. އެކަމަކު ހިތުގައި އުފެދުނު ނުތަނަވަސް ކަމަކުން އެކަނިވެލަން ބޭނުންވީއެވެ. އީތަން ތަބައް ހިފައިގެން ނިކުންނަން އުޅެފައި "ގުޑްނައިޓް" ކިޔާލި އިރު އެހާ ރީތިކޮށް ހިނިތުންވެލުމުން ތިއާ ހިތަށް އެތައް ގޮތެއްވިއެވެ. މޭގަނޑު ފިނިވެ ދެފައިކޮޅުން ވާގި ދޫވާހެން ހީވެގެން އަވަހަށް އެނދަށް ވެއްޓިގަނެވުނެވެ. އީތަން ދޮރު ލައްޕައިލުމުން ތިއާ ބާލީހުގައި މޫނު ފޮރުވައިގެން އޮވެ އެތައް އިރެއް ވާންދެން ވިސްނިއެވެ.
އީތަން ކުޑައިރު ޒޯއީ ރީތިވެގެން އުޅުނު ކަމަށްވަންޏާ މިހާރު އަދި މާބޮޑަށް އެކަން ފާހަގަ ނުވާނެ ސަބަބެއް ނެތެވެ. ޒޯއީ ޒުވާން ވިވަރަކަށް ރީތިކަން އިތުރުވެ ފެންނަ ކޮންމެ މީހެއްގެ ހިތް ލަންބުވާލަނީ އެމީހަކަށް ނުވެސް އެނގިހުއްޓައެވެ. އަދި އެހާ ދުވަސްވީ ގުޅުމެއް އެދެމެދުގައި ވާއިރު އީތަން ހިތް އަދިވެސް ޒޯއީއަށް ޓަކައި ވިންދު ނުޖަހާ ކަމުގެ ކުޑަވެސް ހެއްކެއް ނެތެވެ. އަނެއްކޮޅުން ޒޯއީ ދެކެނީ ކިހިނެއް ބާވައެވެ؟ ޒޯއީ އެހެން އެކަކަށް ފަރުވާލެއް ނުބަހައްޓާ އިރުވެސް އީތަންއަށް ހާއްސަ ޤަދަރެއް ދީގެން އެންމެ ކުޑަ ކަންތަކުން ފެށިގެން ބޮޑެތި ކަންތަކަށް ދާންދެން ކޮށްދެނީ ހާއްސަ ސަމާލުކަމެއް ބަހައްޓައި ގެންނެވެ. ޒޯއީ ދުވަސްގަނޑެއް ފަހުން ބާރަށް ހީފައި ވާހަކަ ދައްކާތީ އޭނާ ދުށީވެސް އީތަންގެ ވާހަކައެއް ދައްކަމުންނެވެ. އެވަރަކުން އީތަން ގެއަށް ގެނެސް ބެހެއްޓުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެއެވެ. ތިއާގެ ހިތުގައިވި ނުތަވަސްކަން ޑަބަލްވެ ނިދި ލޮލާއި ރުޅިވެފައި އޮތްވައި ލޮލުން ކަރުނަ އަތުވެއްޖެއެވެ. އެކަން އިހްސާސްވެގެން ފުންމައިގެން ތެދުވިއިރު މޭގަނޑު ރޫރޫ އަޅައެވެ. ވަރަށް ބޮޑު ކަމެއް ދިމާވެގެން ނޫނީ ކަރުނަ ނާންނަ އޭނާގެ ލޮލުން ކަރުނަ އައީ ހަމަ އީތަންއަށް ޓަކައި ހެއްޔެވެ؟
ތިއާ ލޯކައިރީ ޝަހާދަތް އިނގިލި ހާކާލާފައި އިނގިލި ކުރީގައި ޝަބްނަމް ތިއްކެއް ހެން އޮތް ކަރުނަ ތިއްކަށް ބަލަހައްޓައިގެން އިންދާ ފޯނަށް މެސެޖެއް އައުމުން ސިއްސައިގެން ދިޔައެވެ. "ތިންކިން އޮފް ޔޫ." އީތަންގެ މެސެޖްގައި ވެއެވެ. ތިއާ މެސެޖް ކިޔާލުމާއެކު ސްކްރީނުގައި ބޮސްދެވިއްޖެއެވެ. "މީ ޓޫ." ތިއާ ފުރަތަމަ ފަހަރަށް ހިތްވަރުކޮށްފައި ހިތުގައި އޮތްގޮތަށް ލިޔެލިއެވެ. އިރުކޮޅަކުން އައި ދެވަނަ މެސެޖުގައި ވަންޑައިރެކްޝަންގެ "ކިސް ޔޫ" ލަވައިގަ ޒައިން ކިޔާފަ އިންނަ ސޯލޯ ކަޑި ލިޔެފައި ތިރީގައި އަދި "ޓު ބީ ކޮންޓިނިއުޑް" އޮތެވެ. ތިއާގެ ހިތް ނަށައިގަތެވެ. އޭނާއަށް ޔަޤީން ވެއްޖެއެވެ. އީތަންގެ ހިތުގައިވެސް އޭނައަށް ހާއްސަ ކަމެއް ދެވިފައިވެއެވެ. ތިއާއަށް ނިދުނީވެސް ލެޕްޓޮޕް ހުޅުވާފައި ހެޑްސެޓު ޖަހައިގެން އޮވެ "ކިސް ޔޫ" މިލަވަ ރިޕީޓަށް ލައިގެން އަޑުއަހަން އޮތްވައެވެ.
ހެނދުނު ތެދުވެފައި ލުޖައިން ފުރަތަމަވެސް ޒަޚަމްތަކުގައި އޮޅާފައިވާ ބެންޑޭޖް ނަގައި މަލަންތައް ނައްޓައިލިއެވެ. ދެއަތުގައި ހުރި ޒަޚަމްތަކަށް ބަލައިލުމުން އިތުރަށް ބަންދުކޮށްފައި ބާއްވައިގެން ގޯސްވެދާނެ ކަމަށް ހީކުރެވޭތީ ލުޖައިން ދެއަތް ހާމަކޮށް ދޫކޮށްލިއެވެ. ފެންވަރާލައިގެން ނިކުމެ ނިއްކުރީގައި މަލަންގަނޑެއް އަޅާފައި އައިސް އިސްތަށިގަނޑު ހިއްކަން ހުރެގެން ހެނދުނުގެ ސަޔަށް ތައްޔާރު ކުރާނެ އެއްޗަކާއި މެދު ވިސްނިއެވެ. ފާޝާ ކައިރީ އަހައިގެން އާރިން ހެނދުނު ސަޔަށް ސޭންޑްވިޗް ކާކަން އޮތީ އެނގިފައެވެ. ޝަކީބާގެ ގޭގައި އުޅުނު އިރު އެކަހަލަ ކުދި އެއްޗެހި ތައްޔާރު ކުރަން ދަސްވެފައި ވަނީ ނަސީބެކެވެ. ލުޖައިން އިސްތަށިގަނޑުގައި ގޮށެއް ޖަހާފައި ބަދިގެއަށް ގޮސް މަސްދަޅުގައި ސޭންޑްވިޗް ހެދިއެވެ. އާރިންއަށް މީރުވާނެހެން ކޮފީ ހަދާފައި މޭޒުމަތި ތައްޔާރުކޮށްގެން އެކޮޓަރި ދޮރާއި ދިމާއަށް ބަލަން ހުއްޓާ އާރިން ނިކުތެވެ. ލުޖައިން ހިތް ތެޅިގަތީ މިހެންނަކުން ނޫނެވެ. މޭޒުކަނުގައި ބާރުބާރަށް ހިފަހައްޓާލެވުނު ވަރުން އިނިގިލިތަކުގެ އިތުރަށް އަތުގައިވާ ޒަޚަމްއަށްވެސް ތަދުވިއެވެ.
އާރިން ނޫކުލައިގެ ޕޮލިސް ޔުނީފޯމްގައި މިއަދުވެސް އެހާ ފުރިހަމައެވެ. އެހަށިގަނޑު ކުރިއަށްވުރެ މާބޮޑަށް ބިޔަވެފައި ފިރިހެންވަންތަ ކަމުން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް ކުރިއަށް ވުރެވެސް ބޮޑަށް ލެނބިގެން ދެއެވެ. ފޯން ކަންފަތުގައި ޖަހައިގެން އެދިމާއަށް އައިސް ހުއްޓޭންދެން ލުޖައިން އިނީ ނޭވާ ހިފަހައްޓައި ގެންނެވެ. "ފާޝާ ބަލިވެއޭ ކިޔާ މެސެޖްކޮށްފަވެސް ނާސްތާ ތައްޔާރު ކުރަން އައީތަ؟" އާރިންއަށް މޭޒުމަތީ ނާސްތާ ތައްޔާރުކޮށްފައި ހުއްޓާ ފެނިގެން އަހާލެވިއްޖެއެވެ. ލުޖައިން ޖަވާބު ދޭންވީ ކަމެއް ނޭނގިފައި ބަލަހައްޓައިގެން ހުއްޓާ އާރިން ފޯން ނިންމާލައިފައި ފަޓްލޫނު ޖީބަށް ލިއެވެ. ލުޖައިންގެ އެހިމޭން ކަމުން އާރިންއަށް ވިސްނުނެވެ. "ނާސްތާ ތައްޔާރު ކުރީ ލުޖައިން ދޯ." އާރިންގެ ތޫނު ބެލުން މޫނަށް އަމާޒު ވުމުން ލުޖައިން ހިތް ގުޑައިގަތެވެ. ލުޖައިންއޭ މުޚާތަބު ކުރުމުން އާރިން އޭނާ ދުރުކޮށްލާފައި ވާ މިންވަރު ރަނގަޅަށްވެސް ހާމަވެގެން ދިޔައެވެ. "އަހަރެން ވާހަކައެއް ދައްކަން ބޭނުން." އާރިން ބަލަން ހުރެފައި މޭޒު ދޮށުގައި އިށީންދެ ނާސްތާ ނަގަން ފެށުމުން ލުޖައިން ހިތްވަރުކޮށްފައި ފެށިއެވެ. "ކިޔާބަލަ!" އާރިން ބަލައިވެސް ނުލައި އިނދެގެން ސޭންޑްވިޗް ކަމުން ދިޔައެވެ. އެއަޑުގައި ޝައުޤުވެރިކަމެއް ނެތަސް ފުރުސަތު ދިންކަން އެއީ ނަސީބެއް ކަމުގައި ލުޖައިން ދެކުނެވެ. އެހެންވެ ރަނގަޅަށް ހަމަޖެހިލައިގެން ވާހަކަދައްކަން އުޅުނު ނަމަވެސް އާރިން ކުރިމަތީ އިންދައި އެހިތް މައިތިރިވާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
"އަހަރެން ބޭނުން މަޢާފަށް އެދެން." ލުޖައިން ބުނެލިއެވެ. "ކޮންކަމަކާ؟" އާރިން އަސަރެއްނެތް ގޮތަކަށް އަހާލައިފިއެވެ. އެސުވާލުން ލުޖައިން އިތުރަށް ދައްކަން އުޅުނު ވާހަކަތަކަށް މެދުކެނޑުމެއް ގެނުވައިފިއެވެ. އާރިން އެކުރީ ކިހާ އުދަނގޫ ސުވާލެއް ހެއްޔެވެ؟ އޭނާ އާރިން ކައިރީން މައާފަށް އެދެފައި ނޭދެންވީ ކޮންކަމަކާއި ބެހޭ ގޮތުންކަން ޚުދު އޭނާއަށްވެސް މިހާރު އޮޅިއްޖެއެވެ. އެންމެ ފުރަތަމަ އާރިންގެ ވާހަކަ އަޑު ނޭހުނު ކަމަށްޓަކައި މަޢާފަށް އެދެން ބޭނުމެވެ. އެއަށްފަހު އާރިންގެ ހިތް ހަލާކުކޮށްލައި ދެވަނަ ފުރުސަތެއް ނުދިން ކަމަށްޓަކައެވެ. އަދި އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހެން މީހެއްގެ އަންބަކަށް ވާން ތައްޔާރުވިކަން އެއީވެސް ލުޖައިންގެ ނަޒަރުގައި އާރިން ކިބައިން މަޢާފަށް އެދެން ޖެހޭވަރުގެ ކުށެކެވެ. އޭނާ އާރިން އާއި އެކު މުޅި އުމުރަށް އެކުއުޅެން ވަޢުދުވެފައި އެހެން މީހެއްގެ އަންބަކަށް ވާން ރުހުނީވެސް ކިހިނެއް ހެއްޔެވެ؟
"އެންމެ ފުރަތަމަ އާރީގެ ވާހަކަ އަޑު ނޭހުނީތީ އެކަމާ. އެއަށްފަހު އާރީގެ ހިތް ހަލާކު ކޮށްލެވުނީތީ އެކަމާއިވެސް މަޢާފަށް އެދެން ބޭނުން. އަދި ޒަކްވާން އާއި މެރީކުރަން ތައްޔާރު ވެވުނުކަން އެއީވެސް އާރީގެ މަޢާފް އަހަރެން ހޯދަން ޖެހޭ ސަބަބެއް ކަމަށް ދެކެނީ. އެކަމަކު އަހަރެން ޒަކްވާން އާއި މެރީކުރަން އެއްބަސްވީ އާރީ ސުހާ އާއި ގުޅުކަން އެނގިގެން. އާރީ އަޅެ އަހަރެންގެ ހަނދާނުގައި މަޑުކުރެވުނީ އެންމެ ވީކްއެއް ވަންދެންތަ؟ އެއީތަ އަހަރެންދެކެ ލޯބިވާ މިންވަރަކީ؟ އެހާ އަވަހަށް އެހެން ކުއްޖަކާއި އާރީ ނުގުޅުނަމަ އަހަރެން...." ލުޖައިންގެ ފަހު ޖުމްލަ ފުރިހަމަ ނުވަނީސް ބަދިގެތެރޭ ގުގުމައިލީ އާރިން އަތުން ޖަހައި ބުރުއްސައިލި ތަށިތައް ޓައިލްސް މައްޗަށް އޮހިގެން އަޑެވެ. ލުޖައިންގެ ނޭވާ ކަރުތެރޭގައި ތާށިވެ ހިތްވެސް ހިނދުކޮޅަކަށް ހުއްޓުނުކަހަލަ އިހްސާސެއް ކުރެވުނެވެ. އާރިން ފުންމައިގެން ތެދުވެފައި މޭޒުގައި ދެއަތް ވިއްދައިލި އިރު ދެލޮލުން އަލިފާން ކަނި ބުރައެވެ.
"ތި ސުވާލު މަށަށްވެސް ކުރެވިދާނެ. ލުޖައިން އަހަރެންދެކެ ކިހާ ވަރަކަށް ލޯބިވާތީ އެންމެ ޗާންސެއް ނުދެވުނީ؟ ކިހާވަރަކަށް ލޯބިވާތީ އެންމެ ހަފްތާއެއް ވީތަނާ އެހެން މީހަކާއި އިންނަން އެއްބަސްވީ؟" އާރިންގެ އެވާހަކަތަކުން ލުޖައިން ހިމޭންވިއެވެ. "މި ހުރިހާ ކަމެއްވެސް ހިނގީ ލުޖައިންގެ ސަބަބުން. އެދުވަހު އަހަރެން ދެއްކި ވާހަކަ އަޑުއެހިނަމަ އެގޮތަށް ޒަކްވާން އާއި އިންނަން ހުވަފެން ދެކިފަ އެންމެ ކުރިމަތީ ބަދުނާމުވާކަށް ނުޖެހުނީސް. މިއަދު ލުޖައިން ތިދެކޭ ނިކަމެތި ކަމަކީ ހަމަ ލުޖައިން އަމިއްލައަށް ހޯދައިގެން ކަންކަން." އާރިން ބާރުބާރަށް އައިސް ކައިރިވުމުން ލުޖައިން ބިރުން ފަހަތަށް ޖެހިލި ތަނާ ފްރިޖްގައި ޖެހިފައި މަތަވިއެވެ. އެހާ ކައިރިން އާރިންގެ ތޫނު ބެލުން އަމާޒު ވުމުން ލުޖައިން މިފަހަރު ގަތީ ބިރެވެ. ހަތަރެސްފައި ފިނިވެ ދެފައިކޮޅުން ވާގިދޫވާހެން ހީވެގެން އާރިންގެ މުލައްދަނޑީގައި ހިފައިލެވުނެވެ. "ހުރިހާ ކަމެއް އަހަރެންގެ ބޮލުގައި އެކަނި އަޅުވާފައެއް ނުދެވޭނެ އާރީ. އެންމެ ފުރަތަމަ އާރީ އަހަރެން އޮޅުމެއްގައި ބެހެއްޓީ ކީއްވެ؟" ލުޖައިން ބިރުން ހުރެވެސް ފުރުސަތުގެ ބޭނުން ހިފިއެވެ. "އެއީއެއްނޫންތަ ލުޖައިން އަހަން ބޭނުންނުވި ވާހަކައަކީ. ދެން މިއަދު އެހަޤީޤަތް ކިޔައިދީގެން އެއްވެސް ކަމެއް ބަދަލެއް ނުވާނެ. އެހެން ނޫނަސް ލުޖައިން މިގެއަށް ގެނެއްސަ ތިހުރީ ސުވާލުކޮށް މަ އޭގެ ޖަވާބު ދާރީ ވާކަށް ނޫން. މިގޭގައި ހިނގާނީ މަގޭ ޚުކުމް. މަ ބޭނުންވާ ގޮތް. ލައްކަ ދުވަހު ބޭނުންހާ ގޮތަކަށް އުޅެވިއްޖެއެއްނު. ދެން މަ ބުނިހާ ގޮތަކަށް ހެދިގެން އުޅެން ތައްޔާރުވޭ!" އާރިން ކުރިއަށްވުރެވެސް ކައިރިވެލާފައި ލުޖައިން ދެކޮނޑުގައި ހިފައި ބާރުކޮށްލަމުން ހަރުކަށި އަޑަކުން އިއްވާފައި ނިކުމެގެން ދިޔައެވެ.
ލުޖައިން ހައިރާންކަމުގައި ބުދެއްހެން ހުއްޓައި ލޮލުން ކަރުނަ އައީ ހޯސްލާފައެވެ. ދެކޮނޑުގައިވެސް އެހާ ވޭން އަޅައެވެ. އާރިންގެ ބާރު ވަޒަންކޮށްލެވުނު ފުރަތަމަ ފަހަރެވެ. އަދި އާރިންގެ އެސިފަ އޭނާ ދުށީ އަލަށެވެ. މީގެ ކުރިން އޯގާތެރިކަމާއި އަޅާލުމުގައި ލުޖައިންގެ މައިންބަފައިންނަށް ވުރެވެސް ކުރިން އާރިންގެ ނަން ގަނެވޭ ދުވަސްތަކެއް ދިޔައެވެ. އެކަމަކު ކުއްލިއަކަށް މިވީ ކިހިނެތް ހެއްޔެވެ؟ އާރިންއަށް އެވަރުގެ ބޮޑު ބަދަލެއް އައީ ހަމަ އޭނާގެ ސަބަބުން ހެއްޔެވެ؟
ބައްދަލުވުން ނިންމާފައި ޝަކީބާ އައިސް ކެބިންއަށް ވަންއިރު ނިއްކުރިން ދަލުގެ އަސަރު ފާޅުވެއެވެ. ޝަކީބާ ގޮނޑީގައި ހަމަޖެހިލާފައި އިސްއުފުލައިލި ތަނުން މޭޒުމަތީ ބަހައްޓާފައި ހުރި ކަލަންޑަރުން ދުވަހުގެ ތާރީހް ފެނިގެން ހަނދާންވިއެވެ. ކައިވެންޏަށް ފަންސަވީސް އަހަރުވީއެވެ. ޝަކީބާ ވަތްގަނޑު ހުޅުވާފައި ފޮޓޯ ފްރޭމެއް ނެގިއެވެ. ޒާހިދު އާއި ޝަކީބާ އަލަތު ކައިވެނީގެ ދުވަހު ނަގާފައިވާ ފޮޓޯގަނޑަކީ އެތަކެއް ހަނދާނަކާއި ގުޅިފައިވާ ފޮޓޯއެކެވެ. ޝަކީބާ ފޮޓޯގަނޑު މޭޒުމަތީ ބާއްވައިލަމުން ޒާހިދުގެ މޫނުގައި އިނގިލިތައް ހިންގައިލުމާއެކު ހިޔާލުތައް އެދިމާއަށް ދަތުރު ކޮށްލިއެވެ.
ކޮޓަރި ދޮރު ހުޅުވާލާފައި ރަތް ފިނިފެންމާ ފިޔަތަކުގެ މަތީގައި ފައި އަޅަމުން ޝަކީބާ ގޮސް ނިދާ އެނދާއި އަރާ ހަމަވެފައި ހުއްޓި ވަށައިގެން ލޯ ހިންގައިލިއެވެ. ހުރިހާ ދިމާއެއްގައި އުއްބައްތީގެ ރީތި ހުޅުކޮޅުތައް ނަށަމުން ދިޔައެވެ. އަގުބޮޑު ފަރުނީޗަރ ތަކުން ވިދުން އަރައެވެ. ހުވަފެނުގައި ނުދެކޭފަދަ ރީތި ދުނިޔެއަކަށް އާދެވުމުން ލިބިފައިވާ އުފަލަށްވުރެ ޝަކީބާ އުފާވެފައި ވަނީ އެންމެ ލޯބިވާ އިންސާނާގެ އަންބަކަށް ވުމުންނެވެ. ޒާހިދު ދެކެ އޭނާ ލޯބިވަނީ އެންމެ މަތީ ދަރަޖައަށެވެ. ޝަކީބާ ހިނިތުންވެފައި ހުރެގެން އެނދުގައި އިށީންދެފައި ދެފައި ކުރުކޮށްލި ތަނާ ދޮރު ހުޅުވިއްޖެއެވެ. މޭގަނޑު ތެޅިގަތުމާއެކު އަވަހަށް އިސްޖަހައިލެވުނެވެ. ޒާހިދުގެ ފިޔަވަޅުތައް ކައިރިވަމުން އައިތަން އޭނާއަށް ފެނުނެވެ. "މިވާހަކަ ބުނަން ޖެހޭތީ ވަރަށް ހިތާމަ ކުރަން. އެކަމަކު އަހަރެންނަށް ޝަކީބާދެކެ ލޯއްބެއް ނުވެވޭނެ. އަހަރެން އިންނަން ބޭނުންވީ އެހެން ކުއްޖަކާއި. ބައްޕަގެ ނުފޫޒުން މިކައިވެނި ކުރެވުނަސް ވަރަށް އަވަހަށް މިކަން ނިންމައިލަން އަހަރެން ވާނީ ގަސްތުކޮށްފައި." ޒާހިދު ކޮޅަށް ހުރެފައި ބުނެލި ޖުމްލަތައް ރުވާފައި ދޫކޮށްލި ތީރުތަކެއް ފަދައިން ޝަކީބާގެ ހިތަށް ހެރިއްޖެއެވެ. ލަދުން ތިރިކޮށްލި އެސްފިޔަތައް ކުއްލިއަކަށް އުފުލިގެން ދިއުމާއެކު ޝަކީބާގެ ލޮލުން އޮހޮރި ގަތް ކަރުނަތައް ކޯތާފަތް ތެންމާލައިފިއެވެ.
ކައިރިން ކުއްޖަކު ކަރުކެހިލި އަޑަށް ޝަކީބާ ސިހިގެން ބަލައިލި އިރު ފައިލެއް ދިއްކޮށްލައިގެން މުވައްޒަފަކު ހުއްޓެވެ. ޝަކީބާ އަވަހަށް ފޮޓޯ ފްރޭމް އަނބުރާ އެތެރެއަށް ލައިފައި ފައިލް އަތުލައިގެން ސޮއިކޮށްލިއެވެ. ޝަކީބާ ފައިލް ދޭންވެގެން އިސްއުފުލައިލި އިރު ޒޯއީ ކެބިން ބޭރުންލާފައި ދެއެވެ. އީތަން ހުންނަން ހަމަޖެއްސި ކެބިންއަށް ވަދެފައި ބަލައިލި އިރު އީތަން ގަލަމުފޫކޮޅު އަނގައަށް ލައިގެން އިނުމުން ޒޯއީ ގާތަށް ހިނިއައެވެ. "ހާދަ ވަރަކަށް ބޯ ގާނަނީ؟" ޒޯއީ އަތުގައި ހުރި ކަރުދާސް ކޮތަޅު ދައްކާލައިފައި އައިސް މޭޒު ކުރިމަތީ ހުއްޓުނެވެ. "މިތާގައި ކާވަސް ހިފައިދާނެ." އީތަން ގަލަން ބާއްވާފައި ތެދުވިއެވެ. ޒޯއީއަށްވެސް އެގޮތާއި އެއްބަސް ވެވިގެން ދެމީހުން އެކުގައި ގޮސް ބޭރުގައި ހަދާފައި ހުންނަ ކެންޓީނުގައި މޭޒެއް ހޯދައިގެން އިށީންދެއްޖެއެވެ.
"މިއަދު މަންމަ އާއި ބައްޕަގެ އެނިވަރސަރީ. އެހެންވެ ޕާޓީއެއް ބާއްވަން މި ވިސްނަނީ." ޒޯއީ ފްރެންޗް ފްރައިސް ސޯސް އާއި ޖައްސައިގެން ކަމުން ވާހަކަދެއްކިއެވެ. "ރަނގަޅު ހިޔާލެއް ތީ. އޭރުން ބައްޕަވެސް ބޭރަށް ނިކުމެ މީހުންނާއި ބައްދަލުވެ އުޅުނީމަ ހިތްހަމަޖެހޭނެ އެއްނު." އީތަން ތާއީދު ކުރިއެވެ.
ރޭގަނޑު ކުލާސް ނިންމާފައި އައިސް ލުޖައިން ކެއީ އެކަނި އިނދެއެވެ. ޝާމިސް ޑިއުޓީއަށް ދިއުމުން އޭނާ އެކަނިވީއެވެ. އާރިންއަކީ ރޭގަނޑު ވެއްޖެއްޔާ ގެއަށް ވަންނަ ޒުވާނެއް ނޫނެވެ. ލުޖައިން ހޯމްވޯކް ނިންމާފައި ގޮސް ބެލްކަންޏަށް ނިކުމެލިތަނާ އާރިން ސުހާ ގޮވައިގެން ސައިކަލު ދުއްވާފައި އައިސް މަޑުކޮށްލަނީއެވެ. ސުހާ ފައިބައިގެން ދަމުން އާރިން ކޮލަށް ދޮނެއް ދީފައި ކެޓްވޯކް ޖައްސަމުން ގޮސް އެތެރެއަށް ވަނުމުން ލުޖައިންއަށް މުށްކަވައިލެވުނެވެ. އެވަގުތުކޮޅުވެސް އަމިއްލަ ނަސީބާމެދު ހިތާމަ ކުރެވުނެވެ. މަޑު އާހެއްގެ އަޑު އިއްވައިލަމުން ލުޖައިން އައިސް އެތާހުރި ގޮނޑިއެއްގައި އިށީންދެ އިންދާ ފަހަތުން ފިޔަވަޅުގެ އަޑު އިވިފައި އާރިން އައިސް ކައިރިއަށް ހުއްޓިއްޖެއެވެ. "ކަމް ވިތް މީ!" ލުޖައިން ވާހަކަދައްކަން އުޅެނިކޮށް އާރިން އެފުރުސަތު ނުދީ އަތުގައި ހިފައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާފައި ބޭރަށް ނިކުމެއްޖެއެވެ. ލުޖައިންއަށް މިވަނީ ކީއްކަން ނޭނގިގެން އުޅެނިކޮށް ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ގޮސް ސައިކަލަށް އަރައި ފަހަތަށް އަރަން އަމުރުކޮށްލިއެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ އާރިން ދެވަނަ ފަހަރަށް އަރާށޭ ބުނީ ކުރިއަށް ވުރެ ހަރުކަށި އަޑަކުންނެވެ. ލުޖައިން ގަންނާކުރެއްވި ބިރުން އަވަހަށް ސައިކަލު ފަހަތަށް އަރާފައި އާރިން ކުއްލިއަކަށް ދުއްވައިލުމުން މަޑު ހަޅޭކަކާއެކު ބާރަށް ބައްދައި ގަނެވުނެވެ.