ބުނެވުނު އެންމެ ބަހަކާއެކު ލުޖައިންގެ ދޫ ބަންދުވީއެވެ. އަތްމަތީ އޮތް ކަރުދާހަށް ބަލަހައްޓައިގެން އިނދެފައި އޭނާ ދެތިން ފަހަރަކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލިއެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލު ނުކުރެވިގެން އުޅޭ ކަހަލައެވެ. އާރިންއަށް ލުޖައިންގެ މިހުރިހާ ހަރަކާތެއް ފެނެއެވެ. އެމޫނަށް އަރާފައިބަމުން ދިޔަ ކުލަވަރާއި ލޮލުގައި ގިނަ ވަމުން ދިޔަ ކަރުނަތައްވެސް މެއެވެ.
"ސޭ ސަމްތިން!" ލުޖައިން އިތުރަށް އެއްޗެއް ނުބުނެ ގިނައިރުވެގެން އާރިންއަށް ބުނެވުނެވެ. އިސްއުފުލައިލައިފައި ލުޖައިން ހަތަރު ކަޅި ހަމަކޮށްލިއެވެ. ތުންފަތް ތަޅުވައިލި ނަމަވެސް އެންމެ ފުރަތަމަ އަޑެއް ނުނިކުތެވެ. އާރިން އިނީ ހަޤީޤަތުގައި ވެސް ކަންބޮޑުވެފައެވެ. ކައިވެނީގެ ކުރިންވެސް ލުޖައިން އޮތީ މިހެން ވެދާނެ ކަމަށް ބިރުން އެވާހަކަ ދައްކާފައެވެ. "އައި ނޯ... ލޫލޫ... އިޓްސް އާރލީ... އެން އައެމް ސޯ ސޮރީ..." އާރިން މޮޅިވެރި ކަމާއެކު ތުންފަތުގައި ދަތް އަޅާލައިފައި ހާމަކޮށްލިއެވެ. މިހެން މިވީ އޭނާގެ ކުށުންނެވެ. ވާންވީ ވަރަށް ފަރުވާތެރި ނުވީމައެވެ. "އާރީ... އައެމް ނަރވަސް... އަދި އަހަރެން ހަނދާން އެބަހުރި މިހެން ވެދާނެތީ ކަންބޮޑުވެގެން ވާހަކަ ދެއްކި ދުވަސް ވެސް... އެން އައި ކޭންޓް ބިލީވް އައެމް ސޭއިން ދިސް... އާރީ ހަމަ ތެދެއް މިބުނަނީ މިއަށްވުރެ އުފާވެރި އެހެން ދުވަހެއް އަހަރެންގެ ހަޔާތުގައި އަދި ނާދޭ." ލުޖައިން ކަރުނައިގެ ތެރެއިން ހިނިތުން ވެލީ ނިކަން މައުސޫމު ގޮތަކަށެވެ. އެއޮމާން ކޯތާފަތް މަތިން ކަރުނަތައް ރޮނގު ދެމިގެން ތިރިއަށް ފިރުކެމުން ދިޔައިރު މޫނު މަލެއް ފަދައެވެ. ރީތިކަމުން މޮޔަވާހައި ވެއެވެ.
"އާވްވވ... މައި ބޭބީ... އައެމް ސޯ ޕްރައުޑް އޮފް ޔޫ.." އާރިންގެ ލޯ ފެންކަޅި ވެގެން ދިޔަ ހިނދު ލުޖައިން ގެނެސް މޭގައި ޖައްސައިލެވުނެވެ. އެފަން އިސްތަށިގަނޑުގައި އަތް ފިރުމަމުން އިރުކޮޅަކުން ކުޑަކޮށް ދުރުކޮށްލައިފައި ލުޖައިންގެ ނިތުގައި އާރިން ބޮސްދިނެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް އޭނާގެ އާއިލާ ފުރިހަމަ ވާނެ އެވެ.
"ސެމީ... މަގޭ އަތުގަ ވިކައިގެންބަލަ!" ތިއާއަށް ބުނެވުނީ ލައިވް ޝޯވއެއްގައި ބުނަންވާ ކަހަލަ އެއްޗެއްވެސް ނޫނެވެ. އެކަމަކު އީތަން އެހުރީ އޭނާއަށް ވުރެ ކުރިން ޝޯވ ހަރާބު ކޮށްލައިފައި އައިސް އެތަނަށް ހުއްޓިއެވެ. ތިއާ ޕްރޮގްރާމްގެ ހާއްސަ މެހުމާނަށް އަންނަން އިޝާރާތް ކޮށްލި ތަނުން އީތަން އަތުވެދާނެ ކަމަށް ހީކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެވަގުތު ކެމެރާގެ ފުރަގަހުގައި ހުރި ޕްރޮޑިއުސަރ އަތުގެ އިޝާރާތުން އެއީ މެހުމާނޭ ބުނުމުން ތިއާ އަންތަރީސްވި އެވެ. އޭނާއަށް އަންގާވެސް ނުލައި އެމީހުން މެހުމާން ބަދަލުކޮށްލީތީ ހިތާއި ހިތުން ޝަކުވާ ކުރެވުނެވެ. މިވީގޮތުން ފުރަތަމަ ލައިވް ޝޯވ ގައިވެސް ޅައެއްޗެއް އެޅުނީއެވެ. ތިއާ ކުރިއަށް ވުރެވެސް ކަންބޮޑުވެ ހަތަރެސްފައި ފިނި ވާ ގޮތް ވިއެވެ. އެކަމަކު އަވަހަށް ކުރެވުނު ކުށް ފޫ ބައްދަންވެގެން ހިނިތުންވުމާއެކު އީތަންއަށް މަރުހަބާ ކިޔެވެ.
ތިއާ ބެލުންތެރިންނަށް އީތަން ތައާރަފް ކޮށްދިނީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ޒުވާން އަދި ކާމިޔާބު ބިޒްނެސްމެންގެ ތެރެއިން އެކެއްގެ ގޮތުގައެވެ. އެއަށްފަހު ފުރަތަމަ ސުވާލު ހުށައެޅީ ދާއިރާއަށް ޝައުޤުވެރިވި ގޮތަކާއި ބެހޭ ގޮތުންނެވެ. އީތަން ޖަވާބު ދޭން ފެށުމުން ތިއާ އެސްފިޔަ ޖަހައި ނުލައި އިނދެގެން ބަލަމުން ދިޔައިރު ހިތް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ. އީތަން އެނބުރި އައިސް އެންމެ ފުރަތަމަ ބައްދަލުވާން ޖެހޭނީ މިގޮތަކަށް ނޫނެވެ. އޭނާ މިހާރުވެސް ކެތްތެރިކަން ކުޑަވެއްޖެއެވެ. "ބްރޭކް ނަގާއިރަށް ފުރަތަމަވެސް ހަގްއެއް ދޭނީ...." ތިއާ ހިތާއި ހިތުން ބުނެލިއެވެ. ހިތަށް އެއެރި އެއްޗަކުން ހިނިއަންނަން ވެސް އުޅުނެވެ. އީތަންވެސް ހާދަ ގޯހެވެ. ރާއްޖެ އައީ އަންގާނުލައެވެ.
"އީތަން!" ކޮމާޝަލް ބްރޭކް ގަޑި ޖެހުނުތަނުން ތިއާ އަވަހަކަށް ގޮވާލިއެވެ. އީތަން ބަލައިލި އިރު ތިއާ އިނީ ކުޑަކޮށް ލޯ އަޅާލައި ގެންނެވެ. "ހާދަ ގޯހޭ..." އީތަން ލުއި ހުނުމަކާއެކު އައިސް ކައިރިވެލުމުން ތިއާ މަޑުމަޑުން ޖަހާލައި އެމޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ކެމެރާގެ ފުރަގަހުގައި ތިބި މީހުންނަށް ދެމީހުންގެ މި ސަކަރާތް ނުހަނު މަޖާވިއެވެ. އެކުދިންތައް ހޭން ފެށުމުން ތިއާ ބަލައިލައިފައި އިނދެވުނު ތަނާއިމެދު ވިސްނައިލެވުމުން އީތަން ކައިރީ ދުރަށް ޖެހެން އެންގިއެވެ. އީތަން ބަސް އަހާ ޅަކުއްޖެއް ފަދައިން ތިއާ ބުނި ގޮތަށް ކަންތައް ކުރިއެވެ. ކެމެރާ ފުރަގަހުގައި ތިބި ކުދިން އަންގައިލުމުން ދެމީހުން އަނެއްކާ ޕްރޮގްރާމަށް ތައްޔާރު ވެއްޖެއެވެ.
އިތުރަށް ފަނަރަ މިނިޓް ހިނގިފަހުން އީތަންގެ އިންޓަވިއު ނިމުނެވެ. ތިއާ މެހުމާނަށް ޝުކުރު އަދާކޮށްފައި ސަލާމަށް އަތް ދިއްކޮށްލުމުން އީތަން އެއަތުގައި ހިފާފައި ކޮޅަށް ތެދުވިއެވެ. ތިއާ ނުތަނަވަސްވެފައި އިންދާ އީތަން ތިއާ އިށީންދެ އިން ސޯފާ އާއި ކުރިމަތީ ހުރި ބިއްލޫރި މޭޒުގެ މެދުގައި އޮތް ހުސްތަންކޮޅުގައި ކުޑަކަކޫ ޖަހައިލިއެވެ. އަދިވެސް އެއަތުގައި ހިފާލައިގެން އިނދެ އީތަން ޖީބަށް އަތް ކޮށްޕާލައިފައި ރަތް ކުލައިގެ ކުޑަ މަހުމާ ފޮށްޓެއް ނެގިއެވެ. ތިއާ އިނީ ލޯ ބޮޑުވެފައެވެ. އީތަން ކުރަން އެއުޅޭ ކަމެއް ނޭނގިގެން ހާސްވެފައެވެ. އީތަން ސިކުންތަކަށް ތިއާގެ އަތުން ދޫކޮށްލައިފައި މަހުމާ ފޮށީގެ މަތި ނެގުމާއެކު ތިއާ ފަދައިން ކެމެރާގެ ފުރަގަހުގައި ތިބި އެންމެންވެސް ކެކި އަރައިގަތެވެ. އެފޮށީގައި އިން އަލިމަހުގެ އަނގޮޓި ދެކެފައި ކޮންމެ މީހެއްގެ ދުލުން ތައުރީފްގެ ބަސްތައް ނިކުތެވެ. "ތިއާ! ވިލް ޔޫ މެރީ މީ!" އީތަން ތިއާގެ މޫނަށް ކަޅި ހުއްޓާލައިގެން އިނދެފައި ދިއްކޮށްލެވިފައިވާ އަތްތިލަ ހުޅުވައިލިއެވެ.
"އީތަން! ވަޓް ދަ ހެލް....؟ އަހަންނަށް އަދި އެއިޓީންވެސް ނުވޭ..." ތިއާ ވައި އަޑުން ބުނެލިއެވެ. "މާދަން ނޫން އަނެއް ދުވަހުން އެއިޓީން ވާނެ..." ދުރުން އަންހެން ކުއްޖަކު ބުނެލިއެވެ. ތިއާ އިސް އުފުލައިލައިފައި ޒޯއީ ފެނިގެން ކުރިއަށްވުރެވެސް ބޮޑަށް އަންތަރީސް ވާގޮތް ވިއެވެ. ޒޯއީ ހުރީ ތަންމިނަށް ހިނިތުންވެފައެވެ. ކަޅު ބުރުގާ އާއި ހެދުމުގައި ބަނޑުން ނޭނގުނަސް އެމޫނު ނުހަނު އޮމާންވެފައި ކުރިއަށް ވުރެ އެތައް ތަނެއް ރީތިކަން އިތުރުވެފައިވާކަން ފާހަގަވެއެވެ. ހަތަރުކަޅި ބައްދަލުވުމުން ޒޯއީ އަވަސް އަވަހަށް އަންގާލީ އީތަންގެ އެދުން ގަބޫލު ކުރުމަށެވެ. ތިއާގެ ނަޒަރު ޒޯއީގެ މޫނުން ވަކިކޮށްލައިފައި އީތަންގެ މޫނަށް ހުއްޓާލީ ދެނެވެ. "އޮފްކޯސް ބޭބީ. އައި ވިލް މެރީ ޔޫ..." ތިއާ ރަކިވެގެން ތުންފަތުގައި ދަތް އަޅައިލާފައި އީތަންގެ އަތުތެރޭ އެ ފިނި އަތްތިލަ ބާއްވައިލިއެވެ. އީތަން އަނގޮޓި އަޅުވައިލުމުން ޒޯއީ އާއި ދެންތިބި އެންމެން ތަރުހީބުގެ އަތްތައް ޖަހަމުން އައިސް އެދެމީހުން ވަށައިލިއެވެ.
ބްރޭކް ގަޑި ޖެހިގެން ކެމެރާމަން ވެސް އައިސް އެމީހުންނަށް މަރުހަބާ ކިއެވެ. އީތަން ތިއާގެ އަތުގައި ހިފާ ނަގައިފައި އެންމެންގެ ތެރޭގައި ގެނެސް މޭގައި ޖައްސައިލުމުން ލަދުން މަރުނުވީ ކިރިޔާއެވެ. އެމޫނު ރަތްވެ ލޭ ކޮޅަކަށް ވިއެވެ. "ބޭބީ ސިސް! ތިހިރަ ބްލަޝް ވަނީ.." ޒޯއީ ލާނެތް ހީލުމަކާއެކު ތިއާގެ އަތުގައި ވިކައިލިއެވެ. ތިއާ ރަކިވެގެން މިފަހަރު ބައްދައިލީ ޒޯއީ ގައިގައެވެ. "ތެންކިއު ސިސް..." ތިއާ ޝުކުރު އަދާ ކުރީ އެއީ ޒޯއީގެ ހިޔާލެއްކަން ދެނެގެންފައެވެ. "ތެންކިއު ޒޯ." އީތަންވެސް ޒޯއީގެ އަތްތިލައަށް ފިތާލިއެވެ. "ވަޓް އެބައުޓް މޯމް އެން ޑޭޑް؟ އެމީހުން ބުނާނީ ކީކޭ؟" ތިއާއަށް އެހެން މީހަކާއި މެދު ވިސްނައިލެވުނީ އަދި ކިރިޔާއެވެ. ތިއާ ދުރަށް ޖެހިލި އިރު ނިތުގައި ރޫތައް ހުއްޓެވެ.
"ޑޭޑްވެސް އޯކޭކޮށްފަ އޭ އަހަރުމެން އައީ ދޯ އީތަން... އެން އައި ނޯ ތިއާގެ ހެޕިނެސް އެއީ މަމްގެވެސް ހެޕިނެސް. ސޯ ނޯ ވޮރީސް..." ޒޯއީ ތިއާގެ ހިތް ހަމަޖައްސައިދިނެވެ. މިއޮތް ހާ ދުވަހު ދުރުގައި ހުންނަން ޖެހުނީ މިހާ ފަސޭހައިން ގުޅޭނެ ގޮތް މެދުވެރި ވާން ބާވައޭ ތިއާ ހިތަށް އެރިއެވެ.
ޕްރޮގްރާމްގެ ދެން އޮތްބައި ހުށައަޅަން ތިއާ ބަހައްޓާފައި އީތަން ޒޯއީ ގޮވައިގެން ނިކުތެވެ. ގެއަށް ދިޔަ މަގުމަތީގައި ޒޯއީ އީތަންއަށް ރަފާލްގެ ވާހަކަ ކިޔައިދިނެވެ. އީތަން ޒޯއީގެ ކޮނޑަށް އަތް ވައްޓާލައި ގާތްކޮށްލައިފައި އުންމީދުން ފުރިގެންވާ އެތައް ވާހަކައެއް ދެއްކިއެވެ. އެވާހަކަ ތަކުން ޒޯއީގެ ހިތަށް ހަމަޖެހުން ލިބި އުންމީދު އާވިއެވެ.
އެނބުރި އައިސް ގެއަށް ވަދެވުނު އިރުވެސް ޒޯއީ ގެ ތުންފަތުގައި ވި ހިނިތުންވުމަށް ފަނޑުކަމެއް ނާދެއެވެ. ކޮޓަރިއަށް ވަދެފައި ރަފާލް ފެނިގެން އޭނާ ސިހުނީވެސް ހިނގާދިޔަ ކަންތައް ތަކާއިމެދު ހިޔާލު ކުރަން ހުރީމައެވެ. "ޔޫ އޯކޭ؟" ޒޯއީ މަޑުމަޑުން ހަޅޭއް ލަވައި ގަތުމުން ރަފާލް އަވަސް އަވަހަށް އަހައިލިއެވެ. ޒޯއީ އެކައްޗެއްވެސް ނުބުނެ ގޮސް ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުތެވެ. ރަފާލް ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނދެފައިވެސް އިރު އިރުކޮޅާ ޒޯއީއަށް ބަލައިލެވެއެވެ. ޒޯއީ ކަޅު ހެދުން ބާލާފައި ހުދު ޓީޝާޓް ކޮޅަކާއި ރަތް ސޯޓެއްގައި ނިކުތުމުން ރަފާލްގެ ނަޒަރު އެހެން ދިމާއަކަށް ބަދަލު ކުރަން ދަތިވިއެވެ. ބަނޑު އިނގެން ފެށުމުން ޒޯއީ މިހާރު ވަކިން ލޯއްބެވެ. ޒޯއީ ޑްރެސިން ޓޭބަލް ކުރިމަތީ ހުއްޓިފައި މޫނު ހިއްކައި ނިމިގެން ތުވާލި ގޮނޑިމައްޗަށް އެއްލިއެވެ. އެއިސްތަށިގަނޑު ނިއުޅައިލުމުން ރަފާލްއަށް އެސްފިޔަޖަހާލަން ނޭނގިފައި އިނދެވުނެވެ. ކަޅުކުލަ ގަދަވެފައި އިސްތަށިގަނޑު އިހުނަށްވުރެ ބޮލެވެ. ޒޯއީ މަތިމަތިން އިސްތަށިގަނޑު އޮމާން ކޮށްލައިފައި އެހުރި ގޮތަށް ދޫކޮށްލައިގެން އެނބުރިލީ އެތާ އޮތް ޗޮކްލެޓެއް ނަގައިގެންނެވެ. ޒޯއީ ޗޮކްލެޓް ނިއުޅާލައިފައި ކާންވެގެން އިށީންދެލީ ސޯފާގައި ދެފައި ދަމާލައިގެންނެވެ. ޓީވީ ހުޅުވާފައި ކޮމެޑީ ސީރީސްއެއް ބަލަން އިނދެގެން އިރުއިރު ކޮޅާ ހީގަންނަ އިރު ރަފާލްއަށްވެސް ހިނިތުން ވެލެވެއެވެ.
ކުޑައިރުކޮޅެއް ފަހުން ރަފާލް ގޮވާލި އަޑު އިވިގެން ޒޯއީ ބަލައިލި އިރު އައިސް ހުރީ ކުރިމަތީގައެވެ. "ޒޯ މިއަދު ތިއާއަށްޓަކައި ކޮށްދިން ކަންތައް އެޕްރިޝިއޭޓް ކުރަން އަހަރެން." ރަފާލް ޒޯއީގެ ދެފައިތިލައިގައި ހިފައިލުމުން ނޭވާ ލާން ހަނދާން ނެތުނެވެ. ރަފާލް އެދެފައި އުފުލާލައިފައި ސޯފާގެ ކޮޅުގައި އިށީންދެ އުނގުމަތީ ބާއްވައިލުމުން ވަގުތުން ފިނިވިއެވެ. ރަފާލް މިފަހުން އެހާ ގާތްކޮށް ކަންތައް ކުރި ދުވަހެއް އޭނާ ހަނދާން ނެތެވެ. "ކިހިނެއް އެނގުނީ؟" ޒޯއީއަށް އެސުވާލުގެ މޮޔަކަން އިހްސާސްވީ ކޮށް ނިމުމުންނެވެ. ލައިވް ޝޯވއެއްގައި ހިނގާދިޔަ ކަމެއް ސިއްރުވާނެ ގޮތެއް ކޮބާ ހެއްޔެވެ؟ "ތޭންކްސް." ޒޯއީ ހިނިތުންވެލައިފިއެވެ. ހަތަރުކަޅި ބައްދަލުވުމުން އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ޒޯއީ ހަދާނެ ގޮތެއް ނޭނގިގެން އަނެއްކާވެސް ޓީވީއަށް ކަޅި ހުއްޓައިލިއެވެ. ރަފާލް އެމޫނަށް ބަލަން އިންކަން އިހްސާސްވެފައި ހައްތަހާ ބޮޑަށް ފިނިވަމުން ދިޔައެވެ. ދެފައިގައި ރަފާލް ހިފަހައްޓާލައިގެން ހުރި ތަނުން ކަރަންޓް އުފެދިގެން އެތެރެހަށީގެ އެކި ދިމާއަށް ތީރުތައް ފޮނުވަމުން ދިޔައެވެ.
"އީތަން އެން ތިއާ.... ދޭ އާ މޭޑް ފޯ އީޗް އަދަރ... ދެރަވަނީ އެކަން އަހަންނަށް އިހްސާސްވިލެއް ލަސްވީމަ...." ޒޯއީ ކުޑަ އިރުކޮޅެއް ފަހުން ބުނެލިއެވެ. "ނޫނޭ... އަދި އެއްގޮތަކަށް ވެސް ލަހެއް ނުވޭ... ހަމަ އެންމެ ޕަރފެކްޓް ވަގުތު މީ..." ރަފާލް ހިނިތުންވެލިއެވެ. ޒޯއީ ޗޮކްލެޓްކޮޅު ކައިލަމުން ރަފާލްއަށް ބަލައިލައިފައި ކަޅި ހުއްޓައިލިއެވެ. އެވަގުތު ރަފާލް ލާނެތް ގޮތަކަށް ހީލުމުން ޒޯއީ ނިތް އަރުވައިލާފައި ވީ ގޮތެއް އަހައިފިއެވެ. "ޗޮކްލެޓް." ރަފާލް އަތުން އިޝާރާތްކޮށްލީ ޒޯއީގެ ތުންފަތަށެވެ. ޒޯއީ ނުތަނަވަސްވެފައި އިނދެގެން ފުހެލެވުނީ އެހެން ތަނެކެވެ. ޗޮކްލެޓްކޮޅު ހަމަ އެހުރި ގޮތަށް ތިރީ ތުންފަތުގެ ތަންކޮޅެއްގަ އާއި ތުންފަތުގެ ބޭރުގައި ހޭކިފައި ހުއްޓެވެ. ރަފާލް ދެވަނަ ފަހަރަށްވެސް ހީލައިފިއެވެ. "ރިމޫވް އިޓް!" ރަފާލް ހޭން ފެށުމުން ޒޯއީ ބޮޑައިވެގެން ބާރަށް ބުނެލިއެވެ. ބުނެވުނީ ކިހާ ވަރެއްގެ އެއްޗެއްކަން އިހްސާސްވީ މާ ފަހުންނެވެ. ރަފާލް އެދެފައި ތިރިއަށް އެލުވާލައިފައި ކައިރިއަށް ޖެހިލުމުން ޒޯއީއަށް ނޭވައެއް ނުލެވުނެވެ. ޒޯއީ ދެފަރާތަށް ބޯ ހޫރުވާލައިފައި އަވަސްއަވަހަށް ތުންފަތް ފުހެލަން އުޅެނިކޮށް ރަފާލް އެއަތުގައި ހިފަހައްޓައިފިއެވެ. ޒޯއީއަށް ލޯ ބޮޑުކޮށްލެވުނެވެ. ރަފާލް އަތް ހިއްލައިލި ތަން ފެނިގެން ޒޯއީއަށް ލޯ މެރިއްޖެއެވެ.
ފުރުސަތު ލިބުމުން ރަފާލް ބޭނުންވީ އެމޫނަށް ބަލައިލާށެވެ. އެހެން އިންދައި ހިތުގެ މިސްރާބު ބަދަލުވީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ޒޯއީގެ ރަތް ތުންފަތަށް ނަޒަރު ހުއްޓާލި ފަހުން ރަފާލްގެ ދެއަތްތިލަ އުފުލުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އެދެއަތްތިލައިން ޒޯއީގެ ރީތި މޫނުގެ ދެފަރާތުން ހިފަހައްޓާލައިފައި ކައިރިކޮށްލި ގޮތަށް ލަސްލަހުން ތުންފަތުގައި ހޭކިފައި ހުރި ހުރިހާ ޗޮކްލެޓެއް ސާފުކޮށްލައިފިއެވެ.
ޒޯއީ ލޯ ހުޅުވައިލީ ވެސް ރަފާލް ދުރަށް ޖެހިލުމުންނެވެ. "އައި ލަވް ޔޫ...." ޒޯއީއަށް ރަފާލް ބުނި ޖުމްލަ ގަބޫލެއް ނުކުރެވުނެވެ. "ވަޓް؟" ސުވާލު ކޮށްލައިފައި ބުދެއްހެން ބަލަން އިންދާ ރަފާލް ދެވަނަ ފަހަރަށްވެސް މޫނު ކައިރި ކޮށްލިއެވެ. ޒޯއީ މިފަހަރު ލޯ މަރާކަށް ބޭނުމެއް ނުވިއެވެ. ދާދި ކައިރިން ރަފާލްގެ އެރީތި ކަޅު ކުލަ ގަދަ ދެލޮލަށް އޭނާ ބަލަމުން ދިޔައީ އެސްފިޔަޖަހައި ނުލައެވެ. މަޑުމަޑުން އެދެއަތްތިލަ ރަފާލްގެ ބުރަކަށީގައި އެޅުވި ދެހަށިގަނޑުގެ ދުރުމިން އެއްކޮށް ނެތިގެން ދިޔައެވެ. ރަފާލް ޒޯއީ ގެނެސް އުނގުގައި ބައިންދައިލީ ނޭވާއަކަށްވެސް ހުއްޓުމެއް ނުގެނެސްއެވެ. "ޒޯ! ޔޫ އޯކޭ؟" ރަފާލް އިރުކޮޅަކުން އަހައިލިއެވެ. ޒޯއީގެ ޖަވާބަކީ ރަފާލް އަތުގައި ހިފާ ސޯފާއިން ނަގާފައި އެނދާއި ގާތަށް ދަމައިލުމެވެ "ޒޯ! އާޔޫ ޝުއަރ؟" ރަފާލްއަށް އަނެއްކާވެސް އަހައިލެވިއްޖެއެވެ.
"ކަމްއޯން ރަފާލް. ޕްރެގްނެންސީ އިޒް ނޮޓް އެން އިލްނެސް... ޔަރ ބަޓް ވީ ހޭވް ޓު ބީ އެކްސްޓްރާ ކެއަރފުލް އައި ނޯ..." ޒޯއީ ރަފާލްގެ އުނގަށް އަރާފައި އެއިސްތަށިގަނޑު ތެރެއަށް އަތުގެ އިނގިލިތައް މަހާލައިގެން އިނދެ ބުނެލިއެވެ. "އެނގޭ އެކަމަކުވެސް ކަންބޮޑުވަނީ ޒޯ އެން ބޭބީއަށް ކަމެއް ވެދާނެތީ..." ރަފާލް ޒޯއީ އާއި ހަތަރުކަޅި ހަމަ ކުރުމަށްޓަކައި މޫނު އުފުލާލައިފައި ޖަވާބުދިނެވެ. "އައެމް ފައިން." ޒޯއީ ހިނިތުންވެލައިފައި ކުރިއަށްވުރެ ކައިރިވެލިއެވެ. އެކަމަކު ކުރި އާއި މިހާރު ހުރިހާ ގޮތަކުން ވެސް ތަފާތެވެ. ރަފާލްގެ އަމަލުތައް ބެހެއްޓީ ހުރިހާ ގޮތަކުންވެސް ޒޯއީއަށް އުދަނގޫ ނުވާނެ ހެންނެވެ. ޒޯއީ މާބޮޑަށް ވަރުބަލި ނުވަނީސް އޭނާ ނިދަން ތައްޔާރުވިއެވެ. ބޯ ރަޖާގެ ދަށުގައި ދެމަފިރީން އޮތީ ޖެހިފިތިލައި ގެންނެވެ. ޒޯއީއަށް ނިދެމުން ދިޔައިރުވެސް ރަފާލްގެ އިނިގިލިތައް އިސްތަށިގަނޑާއި ނިއްކުރީގައި ހަރަކާތްތެރި ވަމުން ދިޔަކަން އިހްސާސް ވިއެވެ. އެހެންވެ ޒޯއީއަށް ނިދަންވެސް ފަސޭހަވިއެވެ. ދުވަސް ތަކަކަށްފަހު ނުހަނު ފުން ނިންޖަކުން އަރާމުކޮށް ނިދައިލެވުނެވެ.
ތިއާ އެރޭ ގެއަށް އައި މަގުމަތީގައި ނުދަންނަ މީހުނަށް ދާންދެން "ކޮންގްރާ" ކިޔާލައެވެ. ތިއާ ކޮންމެ މީހަކަށް އުފަލާއެކު ޝުކުރު އަދާކޮށްފައި އައިސް ކާރަށް އަރައި އިށީންފަހުންވެސް މީހުން ބެލިއެވެ. ގެއަށް އައިސް ބެލް ޖަހައިލި ތަނުން ދޮރު ހުޅުވީވެސް އީތަން އެވެ. "އީތަން އަހަރެން ސެލެބްރިޓީ އަކަށް ހަދައިފި." ތިއާ އީތަންގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަން ދަމުން ހީލައިފައި ވާހަކަ ދެއްކިއެވެ. އެގާރަ ޖަހާފައި ހުރުމުން ލުޖައިންމެންވެސް ފެންނާކަށް ނެތެވެ. "އީތަން އައި މިސްޑް ޔޫ.." ތިއާ ސޯފާގައި އެއްފައި އަރުވައިގެން އިށީންދެފައި އީތަންގެ ކޮނޑުގައި ބޯ އެޅިއެވެ. "މީ ޓޫ..." އީތަން ތިއާގެ އިސްތަށިގަނޑާއި ކުޅެލާފައި މޫނު ގައި ހިފާ ކައިރިކޮށްލި ތަނާ ފިޔަވަޅުގެ އަޑު އިވިގެން ދެމީހުން ސިހުނެވެ. އަމީނާ ނިކުތީ ދޮރު ތަޅުލަން ވެގެންނެވެ. "ތިއާ ދޮރު ތަޅުލާތި އިނގޭ. އަހަރެން ނިދަން ދަނީ." އަމީނާއަށް އީތަން ފެނިގެން އެނބުރި ދާންވެގެން ހިނގައިގަތެވެ. ތިއާ ބޯ ޖަހައިލާފައި އަމީނާ ގޮސް ކޮޓަރިއަށް ވަނުމުން ތެދުވެގެން ގޮސް ވަނީ ބަދިގެ އަށެވެ. އީތަންވެސް ތިއާގެ ފަހަތުން ބަދިގެއަށް ވަދެފައި އިށީންދެލީ ގޮނޑިއެއް ދަމާލައިގެން މޭޒު ކައިރީގައެވެ. ތިއާ ފެންތައްޓެއް ދަމާލައިފައި ކޮފީއެއް ބޭނުންތޯ އަހައިލިއެވެ. "ކޮފީއަކަށް ވުރެ ބޮޑަށް ކިސްއެއް ބޭނުމީ." އީތަން އެއްލޯ މަރައިލިއެވެ. ތިއާ މަޑު ހީލުމަކާއެކު އައިސް އީތަންގެ އުނގުގައި އިށީންދެފައި ކޮނޑުގައި ދެއަތް އަޅުވައިލިއެވެ. އީތަން ތިއާގެ ހިމަ ހިމަ އުނގަނޑު ދެއަތުން ވަށާލައިފައި ބަނޑާއި ހިސާބުގައި ކުޑަކޮށް ނިތްކުރި ކާއްތައިލުމުން ތިއާ ހީލިކަރުވައި ގަނެގެން ހަޅޭއްލަވައިގެންފައި ތެދުވެއްޖެއެވެ.
"ދެން އީތަން...." އީތަން ތެދުވެފައި ކައިރިއަށް އަންނަން ފެށުމުން ތިއާ ފަހަތަށް ގޮސް ފާރުގައި ބުރަކަށި ޖެހިފައި މަތަވެއްޖެއެވެ. އީތަން އައިސް ހުއްޓިފައި ފާރުގައި އެއްއަތް ވިއްދާލައި އަނެއްކާ މޫނު ކައިރިކޮށްލިއެވެ. ލޮލާއި ލޯ ގުޅުވައިލާފައި ތިއާ، އީތަންގެ މޫނުގައި ހިފާ ގެނެސް ފުރަތަމަ ފަހަރަށް އިސްނެގީ އެވަގުތުއެވެ. ގިނަ ދުވަސްތަކަކަށް ފަހު ބައްދަލު ވުމުން ދެމީހުންވެސް ތިބީ އަވަސް އަރުވާލައިފައެވެ. ނަތީޖާއެއް ގެ ގޮތުން އެއްތާކު ތިބުންވެސް އެމީހުންނަށް ވީ ދަތި ކަމަކަށެވެ. އީތަން ތިއާ އުރާލައިގެން ގެންގޮސް މޭޒު މައްޗަށް އެރުވިއިރު ތިއާ އަތުން ޖެހިފައި މޭވާ ވަށިގަނޑު ފުރޮޅާލައިގެން ޓައިލްސް މައްޗަށް ދިޔައެވެ. ވަށިގަނޑު ފުރޭންދެން އަޅާފައި ހުރި މޭވާތައް ޓައިލްސް މަތީ ޖެހިފައި ފަރާތް ފަރާތަށް ބުރައިގެން ދިޔަ އަޑަށް ދޮރުން ވަދެގެން އައި ޒަކްވާން އެދިމާއަށް އަންނަން މިސްރާބު ޖެހިއެވެ. އީތަން އާއި ތިއާ އޭރުވެސް އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިއްބެވެ.
"ތިއާ!" ޒަކްވާން ދޮރާއި އަރާ ހަމަވެފައި ފެނުނު މަންޒަރަކުން ބާރު ބާރަށް ގޮވާލިއެވެ. އެއަޑަށް އީތަން ސިހިފައި ދުރަށް ޖެހިލައިފިއެވެ. ތިއާ މޭޒުން ތިރިއަށް ފުންމާލައިފައި ފުރަތަމަވެސް ލައިގެން ހުރި ގަމީހުގެ މަތީ ދެގޮށް އަޅުވައިލިއެވެ. އީތަން ކުރިއަށް ފިޔަވަޅެއް އަޅާފައި ޓައިލްސް މަތީ އޮތް ޓީޝާޓް ބޮލަށް މަހާލައިފިއެވެ. "ތިއާ ހަމަ މިހާރު ކޮޓަރިއަށް ދޭ!" ޒަކްވާން ރުޅިއައިސް ރަތްވެފައި ހުރެގެން އަމުރު ކުރިއެވެ. ތިއާ ހުރީ ޒަކްވާން އާއި ހަތަރުކަޅި ހަމަކޮށްލަންވެސް ނުކުޅެދިފައެވެ. ޒަކްވާންގެ ޖުމްލަ އަހާފައި ތިއާއަށް ބަލައިލެވުނީ އީތަންގެ މޫނަށެވެ. އީތަން ބޯ ޖަހައިލިތަން ފެނިގެން ތިއާ އިސްޖަހައިގެން ހިނގައިގަތެވެ. "އެން ޔޫ...! ގެޓް ދެ ހެލް އައުޓް އޮފް ހިއަރ." ޒަކްވާން ދެން މުޚާތަބު ކުރީ އީތަން އަށެވެ. ތިއާ ހަމަ ގަސްތުގައި ކުދި ފިޔަވަޅުތަކެއް އިޚުތިޔާރު ކުރީ އީތަން ނިކުނަންނަތަން ބަލަން ވެގެންނެވެ. ޒަކްވާން ރުޅިގަދަވެފައި ހުރެގެން އީތަން ގައިގައި ޖަހައިފާނެތީ އޭނާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. ޒަކްވާން ދޮރު ލައްޕާ ތަޅުލާފައި އެނބުރިލި ތަނާ ތިއާ އަވަހަށް ދުއްވައިގެންފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. އެނދަށް އަރާފައި ތިއާ ފުރަތަމަވެސް ނެގީ މޯބައިލް ފޯނެވެ.
"ހެލޯ އީތަން...! ޔޫ އޯކޭ؟" ތިއާ ފޯން ކޮށްލާފައި އީތަން ޖަވާބު ދިނުމުން ފުރަތަމަވެސް އަހައިލިއެވެ. "ފަސްޓް ކްލާސް." އީތަންގެ އަޑުގައި ވީ އުފާވެރި ކަމެވެ. "އެން އިޓް ވޯޒް ފަން.. ދޯ." ތިއާ ހީގެންފިއެވެ. އެކޮޅުން އީތަންވެސް މެއެވެ. ތިއާ ހެނދުނު އިމްތިހާނު އޮންނާނެތީ އިރުކޮޅަކުން ފޯން ކަނޑާލައިފައި ނިދަން އޮށޯތެވެ.
ލުޖައިންއަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. ތެދުވެފައި ބަލައިލި އިރު ފެންޖަގު ހުރީ ހުސްވެފައެވެ. ލުޖައިން އަނގައަށް ގޮތެއް ހަދާލައިފައި ލޯ އުނގުޅަމުން އެނދުން ފައިބައިގެން ދިޔައީ ކޮޓަރިން ނިކުންނާށެވެ. އޭނާ ދޮރު ހުޅުވާލި އިރު ލިވިންރޫމްގައި އެކަކުވެސް ނެތެވެ. އަތުގައި ހުރި ހުސް ޖަގާއެކު ގޮސް ކާކޮޓަރިއަށް ވަދެފައި ފްރިޖް ހުޅުވާލައިގެން ޖަގު ފުރާލިއެވެ. މެދާކަށް ހަމައަށް ތިރިވެފައިވާ ފެންފުޅި އަނބުރާ ފްރިޖަށްލާފައި އެނބުރިލި ވަގުތު ލުޖައިން ދިޔައީ ސިއްސައި ގެންނެވެ. ޒަކްވާން ހުރީ ކައިރީގައި ޖައްސާފައެވެ. ލުޖައިން ނިދި ފިލައިދާނެތީ ބޮކި ނުދިއްލައި ވަދެ ހުރުމުން ތަނަށް އައިސްފައިވާ ލިވިން ރޫމްގެ ފަނޑު އަލީގައި ޒަކްވާން ފެނުނީވެސް ނުރައްކާތެރި ގޮތަކަށެވެ.
"ބިރުން މަރުނުވީ ކިރިޔާ.." ލުޖައިން ބިރުގަތް ކަން ނާންގަން ވެގެން މަޑުމަޑުން ހީލައިފައިވެސް އަތް އެޅުނީ ހިތާއި ދިމާއިން މޭގައެވެ. ޒަކްވާން އަތުގައި ހުރި ކޮފީ ތަށި މޭޒު މައްޗަށް ލައިފައި ކައިރިއަށް ޖެހިލުމުން ލުޖައިން އަވަހަށް ފެންޖަގު ނަގާފައި ދާންވެގެން ހިނގައިގަތެވެ. އެކަމަކު ކުރިއަށް އޭނާއަށް އެޅުނީ އެންމެ ދެ ފިޔަވަޅެވެ. ޒަކްވާން އެއަތުގައި ހިފައިލީ ގުނޑުވައި ނުލެވޭހާ ބާރަށެވެ. ދެވަނަ ސިކުންތުގައި ޒަކްވާން އޭނާގެ އަތަށް ދަމާލައި މަގަތަށް އަނބުރާލައިފައި އަނެއް އަތުގައި ހުރި ފެންޖަގު އަތުލައިފިއެވެ. ޒަކްވާން އެޖަގު މޭޒުމަތީ ބަހައްޓާފައި އެއްއަތުން ލުޖައިންގެ އުނަގަނޑުގައި އަނެއަތުން މޫނުގައި ހިފާ ކައިރިކޮށްލީ ކުއްލިއަކަށެވެ. "ޒެކް! އައެމް ޕްރެގްނެންޓް." ލުޖައިން ގެންފައި ހުރި ބިރާއެކު ދުލުން ބޭރުކޮށްލެވުނު ފުރަތަމަ ބަހަކީ އެއީ އެވެ.