ރަފާލްއަށް ފެނުނީ ކަޅުކަޅު އަދި އެހާމެ ދިގު އެސްފިޔަ ތަކަކުން ހިޔާ އަޅާފައިވާ ނުހަނު ބޮޑު ދެލޮލެވެ. ބިއްލޫރިފަދަ ސާފުވެފައި އެހާ ތޫނެވެ. ހިމަ ނޭފަތަކާއި ކުޑަ އެހެނަސް ލޭކޮޅެއްފަދަ ރަތް ތުންފަތެކެވެ. ފަށުވި އިސްތަށިގަނޑު ފަހަތަށް ގެން ގޮސް ހުޅިއަކުން ހައްޔަރުކޮށްލައިފައި އޮއް އިރު ނިއްކުރި މަތީން ބައެއް ކަނާތް ފަރާތަށް ގެންގޮސް ކަންފަތް ކައިރިއަށް ލައްވައިލާފައެވެ. ޖަންބުކުލައިގެ ކޯތާފަތް ވެސް އޮމާން ކަމުން ހިތުގެ ވިންދު އަވަސްކޮށްލައިފިއެވެ. ޒޯއީގެ ދޮން ދޮން ކަރުގައި ތިންފަށުން އޮޅިފައި އޮތް ކަޅުމުތީގެ ހާރާއި ކަންފަތު ފޫޅުގަނޑު ނިވާވެފައިވާ ދެ މުތީވެސް ރީތިކަން އިތުރުކޮށްދޭން މަސައްކަތް ކުރާ ކަހަލައެވެ. ލައިގެން ހުރި ހުދު މެކްސީގައި ވެސް އެހަށިގަނޑުގެ ތުނިކަމާއި ބާބީ ފަދަ ހިމަ އުނަގަނޑު އެންމެ ރީއްޗަށް ފާހަގަވެއެވެ.
ރަފާލް ހިޔާލަކަށް ގެއްލިފައިވާ މީހަކު ފަދައިން ބަލަހައްޓައިގެން ހުއްޓާ ޝަކީބާ ކުރިއަށް ޖެހިލައިފިއެވެ. ޒޯއީ ރަފާލްގެ ލޮލާލޯ ގުޅުވާލައިގެން ހުރި އިރުވެސް މޫނުމައްޗަކު އަސަރެއް ނެތެވެ. އެކަމަކު ތިއާ އެހާ ކައިރީގައި ހުރެވެސް ރަފާލްގެ ފައިން ފެށިގެން ބޮލާއި ހަމައަށް ރަނގަޅަށް ބަލައިލައިފިއެވެ. ތިއާ ހިތާއި ހިތުން ތައުރީފްގެ ވާރޭ ވެއްސާލައިގެން ހުއްޓައި ޝަކީބާ ވާހަކަދައްކަން އުޅޭހެން ހީވެގެން ސަމާލުވިއެވެ. "ޝަހީމްގެ ދައުވަތަކަށް...." ޝަކީބާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޝަހީމް ސޯފާއިން ތެދުވެގެން އައިސް ރަފާލް ފުރަގަހަށް ހުއްޓިފައި އަވަހަށް ހިނިތުންވެލައިފިއެވެ. "އަވަހަށް އާދޭ!" ޝަހީމް ފަހަތަށް ޖެހިލައިފައި އެމީހުނަށް ތަންދިނެވެ. އެވަގުތު ރަފާލް ވެސް އެއްފަރާތަކަށް ޖެހިލައިފިއެވެ.
ޝަކީބާ ޒާހިދު އިން ގޮނޑީގައި ހިފަން އުޅެނިކޮށް ޝަހީމް އެކަން މަނާކޮށްފައި ނޯކަރަކަށް ގޮވައި ގެނެސް ގެން އެމަސައްކަތް ހަވާލު ކުރިއެވެ. ސޯފާތަކުގައި ތިބި އާރިން އާއި ލުޖައިންގެ އިތުރުން ރީމް ވެސް ކޮޅަށް ތެދުވެފައި މެހުމާނުންނަށް އިސްތިޤްބާލް ކުރަން ތައްޔާރު ވެއްޖެއެވެ. އާރިން ފޯންގެ ފިތްތަކާއި ކުޅެން ހުރެފައި އިސްއުފުލައިލި ތަނުން ރީނދޫ ވެގެން ދިޔައެވެ. ލުޖައިންގެ ހާލަކީ ވެސް އެއީ އެވެ. ސޯފާތަކާއި ދިމާއަށް އައި މެހުމާނުންނަށް ވެސް އެދެ ޒުވާނުން ފެންނާކަށް އިރުތަކެއް ނުނެގިއެވެ. ޝަކީބާ އާއި ޒޯއީ ހައިރާން ކަމާއެކު އެކަކު އަނެކަކަށް ބަލައިލި އިރު ތިއާގެ ފިޔަވަޅު ތަކަށް ލަސްކަމެއް އަތުވެއްޖެއެވެ. އެއީ ޔަޤީނުން ވެސް އެމީހުން އުންމީދު ކުރި ކަމެއް ނޫނެވެ.
"ފާޝާ! ދޭބަލަ އަވަހަށް ނާހިދާއަށް ގޮވާލަން!" ޝަހީމު އަންގައިލުމާއެކު ފާޝާ ޒާހިދުގެ ގޮނޑި ސޯފާ އަކާއި ޖެހިގެން އޮތް ހުސްތަނުގައި ބަހައްޓާފައި ވަދެގެން ދިޔައެވެ. ޝަކީބާ އާއި ދެދަރީން ގޮސް ހުސްކޮށްތިބި ސޯފާ ގޮނޑިތަކާއި އަރައި ހަމަވެފައި ޝަހީމުގެ އިޝާރާތާއި އެކު ހަމަޖެހިގެން އިށީންނުމުން އާރިންމެން ވެސް އެގޮތަށް ކަންތައް ކޮށްފިއެވެ. ޝަހީމް އިށީންދެލީ ޝަކީބާމެންގެ އާއިލާ އާއި ކުރިމަތި ލައިގެން އާރިން ކައިރީ ގައެވެ. އާރިން ބޭރަށް ދޫކޮށްލަން ތައްޔާރުވި ނޭވާ އެހިސާބަށް ހުއްޓިގެން ދިއުމާއެކު ޤަބޫލު ނުކުރެވޭފަދަ ގޮތަކަށް ލޮލު ކޮޅުން ބަލައިލެވިއްޖެއެވެ. އެވަގުތު ރަފާލް އަނެއްފަރާތުގެ އިނދެފައި ސޯފާގެ ލެނގޭބައިގައި ބުރަކަށި ޖައްސައިލުމާއެކު އާރިންގެ ކޮނޑުގައި ހިފައިލާފައި ތިރިކޮށްލިއެވެ. ރަފާލްއަށް އާރިން ދަސްވެފައިވާ މިންވަރު އެވަގުތުވެސް ސާބިތުވެގެން ދިޔައެވެ. އެއަމަލުން ހަމަޖެހުމެއް އިހްސާސް ކުރެވިގެން އާރިން ނޭވާލައިފައި ދެއަތް ދެއަތާއި ގުޅުވައިލިއެވެ. އޭރު ލުޖައިން ތެޅި ތެޅި އޮތް ހިތަކާއިއެކު އިސްއޮބައިލައިގެން އިނދެވެސް ވިސްނެނީ ޝަކީބާ އޭނާ ބޭޒާރު ކޮށްލަފާނެތީ އެކަމާއެވެ.
ޝަހީމު އުފާވެރި މޫނަކާއިއެކު މޫސުމާއި ބެހޭ ގޮތުން ވާހަކަ ދައްކައިލާފައި ނާހިދާ ނައިސްގެން އެނބުރި ބަލައިލަން އުޅެނިކޮށް ފަހަތުން ފިޔަވަޅުގެ އަޑު އިވިއްޖެއެވެ. ސޯފާތަކާއި ނުހަނު ކައިރިއަށް އާދެވިފައި ހުއްޓައި ނާހިދާ އިސް އުފުލައިލި ފަހުން ފިޔަވަޅުތަކަށް ލަސްކަމެއް އަތުވެއްޖެއެވެ. އެހާ ދުވަސް ފަހުންވެސް އޭނާއަށް ޝަކީބާ ފާހަގަވިއެވެ. މާބޮޑު އެކުވެރިކަމެއް ނެތަސް ރަށުގައި އުޅުނު ދުވަސްވަރު އެދެމެދުގައި އެކުވެރިކަން އޮތެވެ. ކައިރިއަށް އައިސް ހުއްޓުނު އިރު ނާހިދާގެ މޫނުގައިވި ހައިރާންކަން އުފާވެރި ހިނިތުންވުމަކަށް ބަދަލުވެގެން ދިޔައެވެ. "ޝަކީބާތަ؟ ހާދަ ދުވަހެއް ފަހުންނޭ މި ބައްދަލުވީ. ކިހިނެތްތަ ދިރިއުޅުން؟" ނާހިދާ ސޯފާތަކުގެ މެދުގައި އޮތް މަޑު ދޫލަމަތީ ހިނގާލައިފައި ގޮސް ޝަކީބާ ކުރިމައްޗަށް ހުއްޓިފައި އިރުކޮޅަކުން ސިއްސައިގެން ދިޔައެވެ. ދާދި ކައިރީގައި ފުރޮޅުލީ ގޮނޑިއެއްގައި ޒާހިދު އިނީ ބައިންދާފައި އިން ބުދެއްހެން ހުއްޓުން އަރައިފައެވެ. ހަތަރުކަޅި ހަމަވެފައި އެދެމެދަށް އައި ހިމޭންކަން އެތެރެހަށީގައި ތޫފާނީ ރާޅުތަކެއް އުފައްދައި އެކިހިސާބަށް ޖަހައިލިއެވެ. ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ދިރުވައިލައިފައި ނާހިދާ އަނެއް ފަރާތަށް މޫނު އަނބުރައިލީ ސަލާމަށް އަތްދިއްކޮށްފައެވެ.
ދެފަރާތުގައި ތިއާ އާއި ޒޯއީވެސް އެނުދަންނަ އަންހެންމީހާގެ މޫނަށް ބަލަން އިންދައި ޒާހިދު އަވަހަށް އިސްޖަހައިލިއެވެ. "ހުރިހާ ކަމެއްވެސް ރަނގަޅު." ޝަކީބާ ހިނިތުންވެލީ ގަދަކަމުންނެވެ. އެވަގުތު ނާހިދާގެ އަތާއި އަތް ޖޯޑުކޮށްލުމާއެކު ޝަކީބާއަށް އެއަތުގެ ތުރު ތުރު އިހްސާސް ވެއްޖެއެވެ. "މާ ރަނގަޅަށެއްނު މިދިމާވީ. އަހަރެން އަދި މިހުންނަނީ ދެއާއިލާ ތައާރަފް ކޮށްދޭން ކަމަށް." ޝަހީމު ހީވަނީ އުފަލުން އެހެން ކަމެއް ހެންނެވެ. އަބަދުވެސް ބަސްމަދުވެފައި ހުންނަ މީހާ މިރޭ މުޅިން ތަފާތެވެ. ރަފާލް އާއި އާރިންނަށްވެސް އެކަން ފާހަގަވިއެވެ. "އަހަރެންނަށް އަދި އެނގުނަސް މިކުދިންނަށް ތައާރަފްކޮށްދޭން ޖެހޭނެ އެއްނު." ނާހިދާ އެނބުރިފައި އައިސް ރީމްގެ ކައިރީގައި އިށީންދެލިއެވެ. ރަފާލް ޝައުޤުވެރި ކަމާއި އެކު ބަލަމުން ދިޔައީ ޒޯއީ އަށެވެ. ޒޯއީ އެއްފައި މައްޗަށް އަނެއްފައި ލައިގެން އިންގޮތް ވެސް އެހާމެ ފަރިއެވެ. ކަކޫމަތީގައި ހިފަހައްޓާލައިގެން އޮތް ދެއަތުގެ ހިމަ ހޯލި އިނގިލިތަކުގެ ރީތިކަމާއި މެދުވެސް ރަފާލްއަށް ވިސްނުނެވެ. ރީތި އަންހެންކުދިން އޭނާވެސް ދުށްޓެވެ. އެކަމަކު ޒޯއީގެ ކިބައިގައި ނޭނގޭ ޖާދޫއެއް ވާކަން ގައިމެވެ. އެހާ ފަސޭހައިން ޒޯއީ އޭނާގެ ހިތާއި ހަމައަށް ވާސިލްވީ ކިހިނެއް ހެއްޔެވެ؟
ޝަހީމް ދެވަނަ ފަހަރަށް ވާހަކަދައްކަން ފަށާފައި ދެއާއިލާގެ ދެމެދުގައިވި ބީރައްޓެހިކަން ފިލުވާލައި ތައާރަފް ކޮށްދިނެވެ. ލުޖައިން އެއީ އާރިން އެކުވެރިއެއް ކަމުގައި ފާހަގަ ކުރުމުން އެކަމާއި ހައިރާންވީ ރީމް އެކަންޏެއް ނޫނެވެ. އެއްބަޔަކު އަނެއް ބަޔަކަށް ނޭނގުނަސް އެތަނުގައި ތިބި ކޮންމެ މީހެއްގެ މޫނަށް އެޖުމްލައިން ހައިރާންކަން ވެރިވެގެން ދިޔައެވެ. ވަގުތު ބޭކާރު ކުރަން ނުހަދައި ކެއުމާއިގެން ކުރިއަށް ދާން ޝަހީމުއަށް ފެނުނެވެ. އެހެންވެ އެންމެންނަށް ދައުވަތުދީފައި ކުރީގައި ހުރެގެން ހިނގައިގެންފިއެވެ. ނާހިދާ ހުރީ ޝަހީމުގެ ފަހަތުގައެވެ. ފާޝާ ޒާހިދު ގެންދަން އައުމުން ލުޖައިން އެންމެ ފަހަތުގައި ހުރެފައި ސިއްރު ސިއްރުން ކޮޓަރިއަށް ދާން އުޅެނިކޮށް ތިއާ ފަސްއެނބުރި ބަލަ ބަލާފައި އައިސް ލުޖައިން އަތުގައި ހިފައިފިއެވެ. "ކޮންތާކަށް ދާން ތިއުޅެނީ؟ ހިނގާ ކާންދާން. ވާން މިއުޅެނީ ކީއްކަންވެސް އަންގައިނުލައި ޑިނަރ ޕާޓީއެއް އޮގަނައިޒް ކޮށްގެން މިއުޅޭ ސަބަބު އޮޅުން ފިލުވާކަށް ބޭނުމެއް ނޫންތަ؟ މަށަށް މިހާރު އެބަ ޝައްކެއް ވޭ." ތިއާ ލުޖައިން އަތުގައި ހިފާ ދަމަމުން ކާކޮޓަރި އާއި ދިމާއަށް ދިޔައެވެ.
ދޮރާއި ހަމައަށް ދެވުމުން ލުޖައިން ވެސް ގަދައެއް ނުހަދައެވެ. ތިއާ އެހެން މީހަކަށް ފެނިދާނެތީ ލުޖައިން އަތުން ދޫކޮށްލައިފައި ގޮސް ޒޯއީގެ ކައިރީގައި ހުސްގޮނޑިއެއްގައި އިށީންދެލިއެވެ. މީރު ކާނާއިން އެބޮޑު މޭޒު ފުރިފައި އޮތްއިރު ލުޖައިންއަށް އިނދެވުނީ ކާންވީ އެއްޗެއް ނޭނގިފައެވެ. ލުޖައިން އެކަންޏެއް ނޫނެވެ. ރީމްގެ ހަޔާތުގައިވެސް ބައްޕަ މިހާވަރެއް ދައްކައިލި ދުވަހެއް ނުދެކެއެވެ. ތިއާ ފަދައިން ރީމް ވެސް އިންތިޒާރު ކުރަމުން ދިޔައީ އޭގެ ފަހަތުގައި ފޮރުވިފައިވާ މަޤްސަދު އޮޅުންފިލާނެ ވަގުތަކަށެވެ.
ކެއުން ކުރިއަށް ދިޔައިރު ޝަހީމް އާއި ޝަކީބާ އިސް ނަގައިގެން ދެއާއިލާގެ ވިޔަފާރި އާއި ޗެނަލްގެ މަސައްކަތް ކުރިއަށް ދާ ގޮތާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ނާހިދާ އާއި ޒާހިދުވެސް މަދުމަދުން ބައިވެރިވެލައެވެ. ޝަހީމު ސުވާލުކޮށްގެން ޒޯއީ އަމިއްލަ ޝައުޤާއި ވަޒީފާގެ ކަންތައް ހުންނަ ގޮތުގެ ވާހަކަ ކިޔައިދިނެވެ. ވަގުތު ހިނގަމުން ދިޔަ ވަރަކަށް ތިއާގެ ޝައްކު ޔަޤީނާއި ގާތް ކުރަމުން ދިޔައެވެ. ރަފާލް ސިއްރު ލޮލަކުން އިރުއިރުކޮޅާ ޒޯއީއަށް ބަލައިލާތަންވެސް ތިއާއަށް ފެނިއްޖެއެވެ. ލުޖައިން އާއި އާރިންއަށް އޭރުވެސް ވާން އުޅެނީ ކީއްކަން ރޭކައިލާ ގޮތެއް ނުވިއެވެ.
އުފާވެރި މާހައުލެއްގައި ކެއުން ނިމިއްޖެއެވެ. ކާކޮޓަރި ދޫކޮށްފައި އެންމެން އަނެއްކާވެސް ލިވިންރޫމް ސޯފާތަކުގައި ހަމަޖެހިލިއެވެ. "މިރޭގެ އެންމެ މުހިންމު އައިޓަމް އަދި ކުރިއަށް އޮތީ." ތިއާ އުނގުގައި ތަބައް ބަހައްޓާފައި ދިރިފުކުމެޓާތަކެއް ނަގައި އަނގައަށް އަޅައިލުމާއެކު ޝަހީމު ބުނި އެއްޗަކުން އަވަހަށް ތަބައް މޭޒުމައްޗަށް ލިއެވެ. ދެން ތިބި އެންމެންގެ ނަޒަރުވެސް ޝަހީމުގެ މޫނަށް ހުއްޓުނުފަހުން ޝަހީމު ބަލައިލީ ޝަކީބާ އަށެވެ. ޝަކީބާ ހިނިތުންވެފައި މޫނު އަނބުރައިލި އިރު ޒޯއީ ބަލަން އިނުމުން ހިނިތުންވެލިއެވެ. ތިއާ ފަދައިން ޒޯއީވެސް އެވަގުތު އިނީ ނޭވާ ހިފަހައްޓައި ލައިގެންނެވެ. "ވެލް.. މިރޭގެ ޑިނަރ ޕާޓީގެ އަސްލު މަޤްސަދަކީ ދެއާއިލާގެ ގުޅުމަށް އަންނަން އުޅޭ ރަނގަޅު ބަދަލު ސެލެބްރޭޓް ކުރުން. ތިހުރިހާ ކުދިންނަށް ނޭނގިދާނެ. އެކަމަކު ޒޯއީ އާއި ރަފާލްއަށް ކުރިންވެސް އެނގިފަ އޮންނާނީ. އެހެންނު." ޝަހީމް އެހިސާބުން ބަލައިލީ ނާހިދާ އަށެވެ. ނާހިދާ ވިސްނިގެން ތެދުވެފައި ގޮސް އެނބުރި އައީ ރަތްކުލައިގެ މަހުމާ ފޮށްޓެއް ހިފައިގެންނެވެ. ޒޯއީ އެއްފަހަރު މަންމައަށް އަނެއްފަހަރު ޝަހީމްއަށް ބަލަން އިނދެގެން ސިކުނޑިއަށް ބާރުލިއެވެ.
ނާހިދާ އެކުޑަ ފޮށި ރަފާލްއަށް ދިއްކޮށްލުމުން ޝަކީބާ އަތްދަބަސް ތެރެއިން ހަމަ އެކަހަލަ އެހެން ފޮށްޓެއް ނަގައިފިއެވެ. "ޓްރަސްޓް މީ." ޝަކީބާ ތެދުވެފައި ޒޯއީ ނަގަންވެގެން ގުދުވެލަމުން ސިއްރުން ބުނެލިއެވެ. ޒޯއީގެ ދެލޯ ފެންކަޅިވެފައި ވިއިރު އެމޫނުގައި އަދިވެސް ތަފާތު އެތައް ކުލައެއް ވިއެވެ. ޒޯއީގެ މޫނުން އެފަދަ މައުސޫމުކަމެއް ފުރަތަމަ ފަހަރަށް ފެނުމުން ތިއާވެސް އިނީ އުދަނގޫވެފައެވެ. އަނެއްކާ މަންމަ ކުރަން އެއުޅެނީ ޒޯއީއަށް ކުރިން ޚަބަރު ވެފައި ނުވާ ކަމެއްބާއެވެ؟ ޝަހީމުގެ އިޝާރާތަށް ރަފާލް ކޮޅަށް ތެދުވިއެވެ. ޝަކީބާ ޒޯއީ އަތުގައި ހިފާލައިގެން ގެނެސް ރަފާލް ކުރިމަތީ ބަހައްޓާފައި ރަފާލް އަތުގައި އޮތް ފޮށީގެ މަތި ނެގިއިރަށް ޒޯއީ ދެލޯ ބޮޑުވިއެވެ. ފޮށީގައި އިން ޑައިމަންޑް އަނގޮޓިއަށް އެޅިފައިވާ ޗާންދަލިއާގެ އައްޔާއެކު އޭގެ ދަޅަތައް އެއީ ތީރުތަކަކަށް ވެގެން އައިސް ޒޯއީގެ ހިތުން ލޭ އޮހޮރުވާލައިފިއެވެ. ޒޯއީއަށް ބަލައިލެވުނީ އަނެއްކާވެސް ޝަކީބާގެ މޫނަށެވެ.
ފެންކަޅިވެގެން ދިޔަ އެދެލޮލުން ޝަކީބާއަށް ޝަކުވާގެ އެތައް ކުލައެއް ފެނުނެވެ. ރަފާލް އަނގޮޓި ނަގާފައި ހުސްފޮށި ދިއްކޮށްލީ އާރިން އަށެވެ. ރީމް އާއި ލުޖައިން އަދި ތިއާވެސް ބަހަކުން ބަހެއްނެތި ބަލަން ތިއްބެވެ. ޒޯއީ މަޖުބޫރުވެފައިވާ ކުއްޖަކު ފަދައިން އަތްތިލަ ދިއްކޮށްލުމާއެކު ރަފާލް އެފިނި އިނގިލި ތަކުގައި ހިފައިލުމުގެ ޝަރަފް ލިބިގަތެވެ. ރަފާލް ލަސްލަހުން އަގޮނޓި އަޅުވައިލި އިރުވެސް އެރީތި އިނގިލިތަކަށް ގެއްލުމެއް ވެދާނެތީ ކަންބޮޑުވިއެވެ. ޝަކީބާ ދިއްކޮށްލި އަނގޮޓީގައި ހިފާފައި ޒޯއީ ވެސް އޭނާގެ ވާޖިބު އަދާކޮށްފިއެވެ. އެހިސާބުން ޝަހީމު އާއި ޝަކީބާ ތަރުހީބުގެ އަތްތިލަބަޑި ތަޅައިގަތުމުން ދެންތިބި މީހުންވެސް ބައިވެރިވިއެވެ. "މަރުހަބާ!" ޝަހީމް ކުރިއަށް ޖެހިލައިފައި ޒޯއީ އާއި ސަލާމް ކޮށްލުމަށްފަހު ރަފާލްގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. އެދަރިފުޅު އޭނާ ފަޚުރުވެރި ކޮށްދީފިއެވެ.
ދޮރުން އެތެރެއަށް ވަދެވުމާއެކު ޒޯއީގެ އަތްދަބަސް އުދުހިލާފައި ގޮސް ޖެހުނީ ލިވިންރޫމް ސޯފާތަކު މެދުގައި ހުރި ބިއްލޫރި މޭޒުގައެވެ. އެވަގުތު އެތާހުރި މާވަށިގަނޑުވެސް ވެއްޓި ކުދި ކުދިވެގެން ދިޔަ އަޑުން މާހައުލު ހަލަބޮލި ކޮށްލައިފިއެވެ. "ޒޯއީ! ކީއްތިކުރީ؟" ޝަކީބާ ބާރުބާރަށް ޒޯއީގެ ކޮނޑުގައި ހިފާލައިފައި މަގަތަށް އަނބުރައިލި އިރު ލޮލުގައި ނުރުހުމުގެ ކުލަވަރުވިއެވެ. "އަހަންނަށް ތިހެން އެހިދާނެ." ޒޯއީގެ ލޮލުގައިވި އަލިފާން ކަނިތައް ކަރުނައަށް ވެގެން ކޯތާފަތްމައްޗަށް ފައިބައި ގަންނާކަށް ސިކުންތެއްވެސް ނުނެގިއެވެ. ތިއާ ދުރުގައި ހުރެގެން އެދެމައިންނަށް ބަލަންމުން ދިޔައިރު ހިތުގައިވީ މުޅިން ތަފާތު އަސަރެކެވެ. ޒޯއީ އާއިމެދު ކަންވީގޮތުން އޭނާ މިއަދު އުފަލެއް ނުވިއެވެ. އީތަންގެ ހަޔާތުން ޒޯއީގެ ހިޔަނި ފިލުވައިލަން ތިއާ ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު އެގޮތަކަށް ނޫނެވެ.
"ޝަކީބާ! އަހަރެން ބުނީމެއްނު އަހަރެން އެއްބަސް ވާނީ ދަރިންނަށް ގެއްލުމެއް ނުވާނެ ކަމެއްނަމައޭ." ޒާހިދު އެފުރުސަތުގެ ބޭނުން ހިފިއެވެ. "އަހަރެން ނުބުނަންތަ މިކުދިންގެ ދިރިއުޅުމަށް ބާރުފޯރުވަން ނުހަދާށޭ!" ޝަކީބާ ރުޅި އައީ ޒާހިދު ދެކެއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ޒާހިދުގެ މޫނު ފެނިގެން އޭނާ ހިމޭންވިއެވެ. "ޒޯއީއަށް އަދި ނުވިސްނެނީ ރަފާލް އާއި އިނދެގެން ޒޯއީއަށް ނުވާނެ ގެއްލުމެއް." ޝަކީބާގެ ޖުމްލަ ނުނިމެނީސް ޒޯއީ ދުއްވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ޝަކީބާ ޒާހިދު ގޮވައިގެން ގޮސް ކޮޓަރިއަށް ވަނުމުން ތިއާ ކުދި ފިޔަވަޅުތަކެއްގައި ގޮސް ވަނީ އީތަން ކޮޓަރިއަށެވެ.
އީތަން އެނދުގައި އޮވެފައި ބަލައިލި އިރު ތިއާ ދޮރު ލައްޕާލައިފައި ބުރަކަށި ޖައްސައި ލަނީއެވެ. ތިއާގެ ލޮލުން އީތަންއަށް ކަރުނައިގެ އަސަރު ފެނުނެވެ. އީތަން އަވަހަށް ތެދުވެފައި އައިސް ތިއާގެ ކައިރިއަށް ހުއްޓި ދަތްދޮޅި ދަށަށް ޝަހާދަތް އިނގިލި ލައްވާލައިފައި އުފުލައިލުމާއެކު ހަތަރު ކަޅި ބައްދަލުވިއެވެ. "އީތަން. އަހަރެން ވަރަށް ބިރުގަނޭ." ތިއާ ބުނެލީ ހަމައެކަނި އެހެންނެވެ. ތިއާ ކުއްލިއަކަށް އީތަންގެ ގައިގައި ހިފައިގެންފައި ކޮނޑުގައި ބޯ އަޅައިލައިފިއެވެ. "ކިހިނެއްތަ ވީ؟" އީތަން ތިއާގެ އިސްތަށިގަނޑާއި ކުޅެމުން އެހިއެވެ. "އީތަން. ޒޯއީ އެއީ މަންމަގެ ފެވަރިޓް. މަންމަ މިހާތަނަށްވެސް ޒޯއީ ބުނި ހުރިހާކަމެއް ކޮށްދެމުން އައީ. އެކަމަކު މިއަދު މަންމަ އެއައީ ޒޯއީ ނުގަބޫލުގައި މަންމަ ބޭނުންވި މީހަކާއި ކައިވެނި ހަމަޖައްސާފައި. އަހަރެން ހިތަށް އަރަނީ... މަންމަ އަހަންނަށް ވެސް ހަދާނީ އެހެންނޭ." ތިއާ ވާހަކަދައްކަމުން ދަނިކޮށް ލޮލުން ކަރުނަ އަތުވެއްޖެއެވެ. އީތަން ތިއާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލި އިރު އެހިސާބުން ވެސް އެހިތުގެ އަޑު އިވޭހެން ހީވިއެވެ.
"ލުކް އެޓް މީ ތިއާ!" އީތަން ތިއާގެ މޫނުގެ ދެފަރާތުގައ ހިފާލައިފައި ކައިރިކޮށްލިއެވެ. "އަހަރެން ދުވަހަކުވެސް ތިއާ ދޫކޮށްފައެއް ނުދާނަން. އިޓްސް އަ ޕްރޮމިސް." އީތަންގެ ޖުމްލައިން ތިއާ ލޮލުން މިފަހަރުވެސް ކަރުނައެވެ. ބޭނުން ނުވިއަސް ތިއާގެ ހިތް ބިރުގަނެއްޖެއެވެ. ނުތަނަވަސްކަމުން ފުރިއްޖެއެވެ.
މެހުމާނުން ދިޔަފަހުން އާރިން ރަފާލްގެ ކޮޓަރިއަށް ދިޔައެވެ. ރަފާލް އެނދުމަތީގައި ހިޔާލެއްގައި އޮވެފައި އާރިން ގޮވައިލި އަޑަށް ސިހިގެން ތެދުވެއްޖެއެވެ. "ކީއްވެ ކުރިން ނުބުނީ؟" އާރިން ގޮސް އިށީންދެފައި ފުރަތަމަވެސް ޝަކުވާ ކޮށްލިއެވެ. " އެހެން އެއްވެސް ކަމަށްވުރެ ބޮޑަށް އަހަރެން ބޭނުންވީ ފެމެލީ ވަކިނުވެ އެކުގައި އުޅެން. އާރީ މިގެއަށް ގެންނަން. އެހެންވެ. އެނޫނަސް އާރީއަށް އެނގެ އެއްނު އަހަރެން މާކުރިއްސުރެ ބައްޕަ ބުނާ ކުއްޖަކާއި މެރީ ކުރަން ތައްޔާރަށް ހުރިކަން." ރަފާލްގެ ވާހަކަދެއްކުމުގައި ހާސްކަމެއް ނެތެވެ. " އެންމެ ކުއްޖަކު ދޯކާ ދިނީމަ އަދި އެގޮތަށް ނިންމާކަށް ނުވާނެ. ބްރޯއަށް އަދި ނޭނގެނީ ޒޯއީ އެކު ކެތެއް ނުވާނެ. ޝީޒް އަ ބިޗް." އާރިންގެ ފަހު ޖުމްލައިން ރަފާލް މޫނަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރު ވެރިވިއެވެ. "މައިންޑް ޔޯ ލޭންގްއޭޖް. އެއަދި ކިތަންމެ ނުބައި މީހެއްގެ ވާހަކަ ދެއްކިއަސް." ރަފާލް ތެދުވެފައި ޓީޝާޓް ބާލައި އެނދުމައްޗަށް އެއްލިއެވެ.
ފާޚާނާ އާއި ދިމާއަށް ހިނގައިގެންފައި ހުއްޓުނު އިރު އާރިން އިނީ ޓައިލްސް ތަކަށް ނަޒަރު ހުއްޓައި ލައިގެންނެވެ. "އާރީ. އައި ލައިކް ހަރ." ރަފާލް ވަދެގެން ދިޔައީ އާރިންގެ ނިތަށް ރޫ އަރުވައިލާފައެވެ.
ނިދަންވެގެން ލުޖައިން ހެދުން ބަދަލުކޮށްލިއެވެ. ބޯކޮށް ވާރޭވެހޭ އަޑު މެދުކެނޑުމެއްނެތި އިވޭތީ އޭނާ އުފާވިއެވެ. މިރޭ އަރާމުކޮށް ނިދައިލެވިދާނެއެވެ. ލުޖައިން ދޮރުފޮތިގަނޑު ކަހާލައިފައި ވާރޭވެހޭތަން ބަލަން ހުރެލާފައި އައިސް އޮށޯތްތަނަ ދޮރުފަތުގައި ޓަކި ދީފިއެވެ. "އާރީ!" ލުޖައިންގެ ހިތަށް އައީ އެނަމެވެ. އެކަމަކު ކުރިންހެން އޭނާ މިރޭ ބިރެއް ނުގަތެވެ. ބީރައްޓެހި ބައެއްގެ ތެރޭގައި ވިއަސް އޭނާއަށް މިރޭ ހިމާޔަތްތެރިކަން އިހްސާސް ކުރެވުނެވެ. އާރިން އާއިލާ ތެރޭގައި ވިޔާނުދާ އަމަލެއް ހިންގަން ފަސްޖެހޭނެކަން ލުޖައިންއަށް މިހާރު އެނގެއެވެ. ލުޖައިން ދެ ފިކުރެއްގައި ހުރެފައި ގޮސް ދޮރު ހުޅުވާލި ތަނާ އާރިން އޭނާގެ ކޮނޑުގައި ހިފާ ކޮށްޕައިލާފައި އެތެރެއަށް ވަދެ ދޮރު ތަޅުލައިފިއެވެ.
"މޮޔަވީތަ؟" ލުޖައިންގެ މޫނުން ރުޅިވެރިކަން ފެނުނެވެ. "ވާރޭވެހެނީ. މެންދަންވަނީ. ކިހާ ރޮމޭންޓިކް. އެކަނި އޮވެ ނުނިދިގެން މިއައީ." އާރިން ލާނެތް ހިނިތުންވުމަކާއެކު ލުޖައިންގެ އިސްތަށިކޮޅަކާއި ކުޅެލިއެވެ. "ސުހާ ކައިރިއަށް ދިޔައީމަ ވީނު." ލުޖައިން އާރިންގެ އަތް ފޮޅުވައިލާފައި ދުރަށް ޖެހުނެވެ. "ސުހާ ދޫކޮށްލައިފިން." އާރިން ދިނީ ޝޮކެކެވެ. ލުޖައިން ޤަބޫލު ނުކުރެވިފައި ބަލަން ހުއްޓާ އާރިން ގޮސް ދުރުގައި ހުރި ގޮނޑިއަކަށް ވެއްޓިގަތެވެ. "ސުހާ އަކީ ކަމުދާ ކުއްޖެއް ނޫން." އާރިން ފާޑަކަށް އަނގަ ހަދައިލިއެވެ. ލުޖައިން އަދިވެސް ހުރީ ގުޑިލަން ނޭނގިފައެވެ. އެޚަބަރު އަހައިގެން ފާޑެއްގެ ހަމަޖެހުމެއްވެސް އިހްސާސް ކުރެވުނެވެ. އެކަމަކު އެކަން ފާޅު ކުރާކަށް ލުޖައިން މިރޭ ބޭނުމެއް ނޫނެވެ. "ސުހާ އަކީ ވާރޖިން އެއްވެސް ނޫން. އޭނަ މަށާއި ރައްޓެހިވީ ނުވަ ވަނައަށް. ދެން އޭނަގެ ކަމަކަށް އޮންނަނީ އަބަދު އާދޭސް ކުރުން. އޭނަ ކުރިންވެސް ފިޒިކަލް ރިލޭޝަންތައް ބާއްވާފައި ހުރީމަ ކެތްނުވަނީއޯ. ދެން އަހަރެންނަށްވެސް އަބަދު ރެފިއުސްއެއް ނުކުރެވޭނެ އެއްނު. އެހެންވެގެން މަންމަ ނުގަބޫލޭ ކިޔާފަ ރުޅިވީ. ލުޖައިންހެން ރަހުމެތް ހަމްދަރްދީއެއްނެތި ހިތް ހަލާކު ކޮށްލާކަށް ނުކެރޭނެ އަހަރުންނަކަށް." އާރިން ވާހަކަ ފަށާފައި ތެދުވެގެން އައިސް ނިންމައިލީ ލުޖައިން ކުރިމަތީ ހުއްޓިފައެވެ.
ލުޖައިންއަށް އެ ފަހު ޖުމްލައިން އަސަރުކޮށްގެން އިސްއޮބައި ލެވުނެވެ.
"ލުޖައިން ވީއެއްނު އަހަރެންނާއި އެކު ސެކްސް ހަދަން. އަހަރެން ބޭނުމެއް ނުވެއޭ އެހެން ކުއްޖަކާއި އެކީ އެހިސާބަށް ދާކަށް. އަބަދު ލޯބިވާކަމަށް ދައުވާ ކުރާ ކުއްޖަކީވެސް ތިއެއްނު. މިރޭ މަށަށް މިކަން ކޮށްދީފިއްޔާ ގަބޫލު ކުރާނަން ލޯބިވާ ކަމަށް." އާރިންގެ ޖުމްލަ ތަކުން ލުޖައިން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އިސް އުފުލައިލުމާއެކު އެލޮލުން ލުޖައިންއަށް ނުރައްކާތެރި އެތައް ކުލައެއް ފެނުނެވެ. އާރިން އެހުރީ ހަމަހޭގައި ކަމާއިމެދުވެސް ޝައްކު ވެއްޖެއެވެ. ލުޖައިން ބަލަހައްޓައިގެން ހުރެލާފައި އިރުކޮޅަކުން އާރިން ކޯތާފަތަށް ހޫނު އެތިފަހަރެއް ދޫކޮށްލިއެވެ. "ގޮޓް މައި އާންސަރ؟" ލުޖައިން ބާރުބާރަށް ބުނެލިއެވެ.