ކުރިމަތީ ހުރި މެދު އުމުރުގެ އަންހެންމީހާ އަކީ ތިއާ ދަންނަ މީހެކެވެ. ރަޝީދާގެ ކުޑަ އާއިލާ ކުރިމަތީ ހުންނަ ގޭގައި ދިރިއުޅެފައި ހުޅުމާލެއިން ފްލެޓް ލިބިގެން ބަދަލުވީ ނިމިގެންދިޔަ މަސްތެރޭގައެވެ. އެގޭ ސުހާ އަކީ ފެށުނީއްސުރެ ތިއާ ކުލާސް ކުއްޖަކަށްވާތީވެ، މަދުން ނަމަވެސް އެގެއަށް ދެވި އެމީހުންނާއި ތިއާ ރަތްޓެހިކަން އޮވެއެވެ. "ދައްތާ! މިތާ ކީއްކުރަނީ؟" ތިއާއަށް ލިބުނު ހައިރާން ކަމާއި އެއްވަރަށް އުފާވެސްވިއެވެ. ހުޅުމާލެއަށް ބަދަލުވިފަހުން ރަޝީދާ އެފެނުނީ އަލަށެވެ. "މިތަނުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާތާ ހަފްތާއެއް ވެއްޖެ މިހާރު. ސުހާ ނުބުނޭތަ؟ ތިއާ ދައްތަމެން ބަދަލުވިފަހުން ނުވެސް ދަމެއްނު. އެއްދުވަހަކުން ސައިތައްޔާރުކޮށްފަ ގުޅާލާނަން. ވާނެ ދާން." ރަޝީދާ ލޯބިން ފުރިފައިވާ ބެލުމަކުން ތިއާ އަށް ބަލައިލާފައި ބުރަކަށީގައި ފިރުމާލިއެވެ. "ހޫމ ނުބުނޭ. ހަނދާންނެތީ ކަންނޭނގެ. އާ. މަންމަ ހުއްދަ ހޯދައިގެން ދާނަން އިނގޭ އެއްދުވަހަކުން. މިވަގުތު ގޮސްލަނީ" ތިއާ ހިނިތުންވުމަކާއެކު ރައްދުދީފައި ގޮސް ރިސެޕްޝަން ކައިރިއަށް މަޑުކޮށްލި ގޮތަށް ޒޯއީގެ ވާހަކަ އަހައިފިއެވެ.
"ޒޯއީ މޭމް ދާދި ދެންމެއަކު މީޓިން އަކަށް އެވެންނެވީ. އެއްޗެއް ހަވާލު ކުރަން ނޫނީ މެސެޖެއް ރައްދު ކުރަން އޮތިއްޔާ އެކަން ކޮށްދީފާނަން. ތިއާ ބޭނުމިއްޔާ އެތާ މަޑުކޮށްލިއަސް އޯކޭވާނެ." އެތާގައި ދުވަސްވީ ރިސެޕްޝަނިސްޓަށް ތިއާ އެނގޭތީވެ ފައިލްތަކަށް ބަލައިލާފައި ދުރުގައި ހުރި ގޮނޑިތަކަށް އިޝާރާތްކޮށް ވާހަކަ ދެއްކިއެވެ. ތިއާ އެހާ މަދުން އައިސް އުޅޭއިރު ވެސް އެތަނުގެ އެންމެނާއި އަނގަތަޅައި އެކުވެރިކަން ބަދަހިކޮށްފައި ވެއެވެ. "ސީރިއަސް ކޮށްތަ؟ ކިހާ އިރެއް ވާނެ ތި މީޓިން ނިމެން؟" ތިއާ ހިތަށް އައި ކުއްލި ހިޔާލަކުން އިތުރަށް އޮޅުންފިލުން ބޭނުންވެފައި އެހިއެވެ. "ގަޑިއެއްހާއިރުވާނެ." ޖަވާބު ލިބުމާއެކު ތިއާ ފޯން ނަގައި ކަންފަތުގައި ޖަހާފައި އެއްފަރާތަކަށް ޖެހިލިއެވެ. ޒޯއީ އާއި ޝަކީބާ ފިޔަވައި ކެބިން ދޮރުގެ ކޯޑް އެނގޭނީ އާޝިޔާއަށްކަން ތިއާ ދަނެއެވެ. ތިއާ އާޝިޔާއަށް ގުޅާފައި ވާހަކައެއް ހަދައިލުމުން ނިކަން ފަސޭހައިން ކޯޑް ނަންބަރ ބުނެދީފިއެވެ.
ފޯން ނިންމާފައި ގޮސް ގޮނޑި ބަރީގައި ތިއާ އިނީ ފުރުސަތަކަށް ބަލަބަލައެވެ. މާގިނައިރެއް ނުވެއެވެ. އޮފީސްތެރެއަށް ވަދެގެން އައި މީހަކު ރިސެޕްޝަން ކައިރީ ހުއްޓިގެން ވާހަކައެއް ދައްކަން ފެށުމުން އަވަހަށް ތެދުވެފައި ބޮނދަ ބޮނދައިގެން ގޮސް ކޮރިޑޯއަށްވަދެ ބާރުބާރަށް ހިނގައިގަތެވެ. ތިއާ ކުރިއަށް ދަމުން ބަލައިލި އިރު ކަނާތް ފަރާތުން ސްޓޫޑިއޯއެއްގައި ޕްރޮގުރާމެއްގެ ޝޫޓިން ކުރިއަށްދެއެވެ. ދޮރާއި ހަމަވި އިރު މައިނޭވާ ލެވިއްޖެއެވެ. ތިއާ ވަށައިގެން ހޯދައިލައިފައި ކޯޑް ޖެހުމާއެކު ދޮރު ހުޅުވިއްޖެއެވެ. އޭނާ އެތެރެއަށް ވަދެފައި ފައިލްތައް ޒޯއީ މޭޒުމަތީ ބާއްވާފައި ދެއުކުޅުގައި އަތް ވިދެލަމުން ފަރާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. ގެއެއްގެ ލިވިންރޫމްހާ ބޮޑުވެފައި އެހާ ތަރުތީބު ރީއްޗެވެ. އެންމެ އަގުބޮޑެތި އޮފީސްމޭޒާއި އެގްޒެކިއުޓިވް ގޮނޑި ބަހައްޓާފައި އިލެކްޓްރޯނިކްސް އެއްޗެހިވެސް އެހުންނަނީ އެންމެ ޒަމާނީ ބްރޭންޑްގެ ތަކެތި ހޯދާފައެވެ. އަދި ހަމަ އާ ބްރޭންޑެއް ނިކުންނައިރަށް ބަދަލުކޮށްލާނެއެވެ.
"ޒޯއީ މޭމް. ހުނ." ލާނެތް ހިނިތުންވުމަކާއެކު ތިއާ ކުއްލިއަކަށް ފުންމައިގެންފައި ގޮސް ޒޯއީ އިންނަ ގޮނޑިއަށް ޖެހިގަތެވެ. "އިއްޒަތްތެރި ކަމަނާ އުޅެނީ މިހާ އިއްޒަތުގައި ކަމެއް ނޭނގެ ކުރިއަކުން. މީގެ ދެމަސްކުރިން އައި ދުވަހުވެސް މިހެނެއްނޫން ތަރުތީބު ހުރީ. ހުރިހާ އެއްޗެއްވެސް ބަދަލުކޮށްލާފައި މިހުރީ." ތިއާ ހިތާއިހިތުން ކުދި ކިޔަމުން ތެދުވެފައި ގޮސް ކަނާތްފަރާތުގައި ހުރި ދޮރެއް ހުޅުވައިލިއިރު އެއީ ކުޑަވަރެއްގެ މީޓިންރޫމް އެކެވެ. ރަތްކުލައިގެ ސޯފާސެޓުގެ ކޮޅުން ވަދެވެން ފާޚާނާއެއް ހުރިއިރު ސޯފާސެޓުގެ ފުރަގަހުގައި ބޮޑު އަލަމާރި އަކާއި ކައިރީގައި ޑްރެސިންޓޭބަލް އެއް ހުއްޓެވެ. ތިއާ ބަލަހައްޓައިގެން ހުރެލާފައި ވަދެގެން ގޮސް އަލަމާރީގެ ދޮރުފަތް ކަހާލިތަނުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. "ގޭގައި ހެދުން މަދުކަމަށް އަދި މިތަނުގައި ވެސް ހެދުން. ފެޝަން ޝޯވއެއްގައި އުޅޭހެން ކަންނޭނގެ މިތާވެސް އުޅެނީ. ފިރިހެނުންނަށް ތިއްތި ދައްކަން އިރުއިރުކޮޅާ ހެދުމެއް ލައިގެން ނިކުމެވޭ ގޮތަށް މިހުންނަނީ." ތިއާ ހިތާއިހިތުން ވާހަކަދައްކަމުން ހެދުންތައް ބަލަބަލާފައި އެތަނުން އެންމެބޮޑަށް އޮފީސް ވައްތަރުޖަހާ ކަހަލަ ކަޅު ޕިޕްލަމް ޓޮޕަކާއި ޕެންސިލް ސްކާޓެއް ނަގައިގެން ލައިފިއެވެ. ޑްރެސިންޓޭބަލް ކުރިމަތީ ހުއްޓި ފަންއިސްތަށިގަނޑު ފަހަތަށް އޮމާންކޮށްފައި ހުޅިއެއްޖެހިއެވެ. ތުންފަތުގައި ރަތް ލިޕްސްޓިކް ޖައްސާފައި ރަތް ބޫޓަކަށް އަރައިލުމުން ވިއްސަކަށް އަހަރުގެ ޒުވާން ކުއްޖަކާއި ވައްތަރުވިއެވެ. ތިއާ ލޯގަނޑުން އަމިއްލަ ސޫރަ ފެނިފައި ފޮނިވެގެން ގޮތެއް ނެތެވެ. ޒޯއީ އަބަދު އޭނާ އަކީ ކުޑަ ކުއްޖަކަށް ހަދައިގެން ކުޑަކުދިންނާއި ގުޅޭ ހެދުން ލައްވާތީ ވަރަށް ރުޅި އާދެއެވެ.
ތިއާ އަކީ ފެށުނީއްސުރެވެސް އުމުރަށްވުރެ މަތީގައި ވިސްނުން ގެންގުޅޭ ކުއްޖެކެވެ. އޭނާ ހެދިބޮޑުވަމުން އައީ ޒޯއީގެ އުޅުމާއި އެކުވެރިން އުޅޭ ގޮތް ބަލައިގެންނެވެ. އެހެންވެ އެގޮތަށް ހެދުން އަޅައި ރަތްޓެހިންނާއިއެކު މަޖާކޮށް ލޯބިވެރިން ހޯދައި އުޅެން ނިކަން ބޭނުންވެއެވެ. ތިއާ ތަންކޮޅެއް ކުޑައިރު ޒޯއީގެ ފުރާވަރުގައި ޒޯއީ ފަހަތުން ތަންތަނަށް ދާން ރޯތީވެ މަސަލަސްނުވެގެން އޭނާވެސް ޒޯއީ ފަދައިން ބޮޑު ކުއްޖަކަށްވީމައި އެހުރިހާ ކަމެއްވެސް ކުރެވޭނެ ކަމަށް ޝަކީބާ ބުންޏެވެ. އެފަހުން ތިއާ އެންމެ ދެކެން ބޭނުން ދުވަހަކީ ޒޯއީ ފަދައިން ބޮޑު ކުއްޖަކަށް ވާނެ ދުވަސްކަމުގައި ހުރިހާ އެކުވެރިން ކައިރީ ބުނެއެވެ. ބައެއްކުދިންނަށް ތިއާ ވިސްނުން އެނގިފައި މަޖަލަކަށް ވެގެން ހީ މަލާމާތް ކުރިއަސް ރުޅިއެއް ނާދެއެވެ. މިހާރު ދެން ޒޯއީ އެއިރު ހުރި މަގާމަށް ތިއާއަށް އާދެވުނު ފަހުން މަންމަ ދައްކަނީ އަދި އެހެން ބަހަނާއެކެވެ. އެއީ ކިޔަވައި ނިންމާފައި ޒޯއީ ފަދައިން ކާމިޔާބު ކަމާއެކު ޗެނަލްގެ މަސައްކަތުގައި ބައިވެރިވާ ދުވަހަކުން ހުރިހާ ކަމެއް ބޭނުންވާ ގޮތަށް ކުރުމުގެ މިނިވަންކަން ލިބޭނެ ވާހަކައެވެ. ނޭނގި ނަމަވެސް ޝަކީބާ ވަނީ ތިއާގެ ހިތުގައި ނަފްރަތުގެ އަލިފާން ކަނި ރޯކޮށްލާފައެވެ. ޒޯއީ ވިސްނުން ތޫނުވެފައި އެންމެންނަށްވުރެ ރީތިކަމުން ވަކިން ހާއްސަގޮތެއް ބެހެއްޓޭކަން ޚުދު ޝަކީބާއަށްވެސް ގަބޫލު ކުރެވެއެވެ. އެންމެ ބޭނުންވި ދުވަހު ޒޯއީ ކިޔަވައި ނިންމާފައި އޭނާގެ ހުރިހާ ބުރައެއް އަމިއްލަ ބޮލުގައި އެޅުމުން އެހާއްސަކަން އިތުރުވިއެވެ. އެކަމަކު ތިއާ ކުޑަވީމައި އެކަންކަން ނުވިސްނޭނެ ކަމަށް ޝަކީބާ ދެކޭއިރު ތިއާގެ ހިތް ޒޯއީއަށްޓަކައި ނަފްރަތުން އަނދަމުން ދެއެވެ. ބައެއްފަހަރު މިގޮތަށް މައިންބަފައިންގެ އިހުމާލުންވެސް ގުޅުންތައް ނެތިކޮށްލައެވެ.
ތިއާ މޮޑެލް ހިނގުމެއްގައި މީޓިންރޫމް އިން ނިކުމެގެން އައިސް އޮފީސްބަޔަށް ވަދެފައި ގޮނޑީގައި އިށީންދެލިއިރު ހިތުން އެއީ ޒޯއީ އެވެ. ޒޯއީ ހުންނަ ގޮތަށް މޫނަށް ބޮޑާ ކުލަވަރު ގެނެސްފައި މޭޒުމަތީ އޮތް އައިނު ނަގާ އަޅައިލައިފިއެވެ. ޝަހާދަތް އިނގިލި އުފުލާލައިފައި ނޭފަތާއި ދިމާލުން ދުނިގަނޑުގައި ޖައްސާ އައިނު އަދިވެސް ބޮޑަށް ލޮލަށް ހެއުވަރުކޮށްލިތަނާ ކެބިންގެ ދޮރު ހުޅުވިއްޖެއެވެ. ތިއާ ސިއްސައިގެން ގޮއްސައި ފުންމައިގެން ތެދުވި އިރު ކުރިން އެއޮފީހުން ދެކެފައިނުވާ ޒުވާނަކު އެތެރެއަށް ވަންނަނީއެވެ.
ކަޅު ޓަކްސިޑޯގެ އެތެރެއިން ލާފައިވާ ހުދު ގަމީހުގެ އަތުކުރީ ގޮށްއަޅުވާފައި ކަރުގައި އޮތް ކަޅު ޓައީއާއެކު ނުހަނު އޮފީސްކުލަވަރު ޖަހައެވެ. ދިގު އިސްކޮޅަކާއި ނުހަނު ފަން އިސްތަށިގަނޑެއްގެ ވެރި އެޒުވާނާ އިސް އުފުލައިލުމުން ތިއާ ރަނގަޅަށްވެސް ފިނިވެއްޖެއެވެ. ސަލާމަތްވާނެ އެއްގޮތްވެސް ނެތޭ ކިޔައިލެވުނީ ހިތުންނެވެ. ތިއާ ހީކުރީ އެޒުވާނާއަށް އޭނާ އެނގިގެން ޒޯއީ އަށް ޚަބަރު ދޭނެ ކަމަށެވެ. "ޒޯއީ!" ޒުވާނާ ފަޓްލޫނުގެ ޖީބުގައި އޮތް ކަނާއަތް އުފުލައިލުމަށްފަހު ހައެ ޖަހާލާ ގޮތަށް ހޫރާލިއެވެ. "އައިމް ސޮރީ މިގޮތަށް އަންގާނުލައި އައިސް ވަދެވުނީމަ. ރިސެޕްޝަނުގައި މީހަކު ނެތީމަ ދެން އައީ. އަޅުގަނޑަށް ކިޔަނީ އީތަން. އިއްޔެ ގުޅީމެއްނު ސްޕޮންސަރ ކަންތަކާއި." އީތަން ހިތްހެޔޮ ރާގެއްގައި ވާހަކަދެއްކި ގޮތުންނާއި އެމޫނުގައިވި ބީރަށްޓެހި ކުލަވަރަކުން ތިއާއަށް ހުރިހާ ކަމެއް އޮޅުންފިލައިފިއެވެ.
އީތަން އަށް އަދި ޒޯއީ ފެނިފައި ނުވަނީއެވެ. ތިއާގެ ޅަސިކުނޑީގައި އެނބުރިގަތް ނުބައި ހިޔާލުން ލާނެތް ހިނިއަންނަން އުޅުމުން ކޮންޓްރޯލް ކުރިއެވެ. "ރައިޓް. ހަނދާންވެއްޖެ. މީ ޒޯއީ." ތިއާ ސަލާމަށް އަތްދިއްކޮށްލިއިރު މަޑު ތުރުތުރެއް އުފެދިފައިވެއެވެ. ބައެއްފަހަރު ނުލަފާ ކަންތައް ކުރަން އުޅޭ މީހާވެސް ބިރުގަނެއެވެ. އީތަން ކައިރިވެލާފައި އެއަތުގައި ހިފާލުމުން އިތުރަށް ފިނިވިއެވެ. ޒޯއީއަށް އެނގުނިއްޔާ ނޮޅައިގެން ކާނެއޭ ހިތަށްއެރިއެވެ. އަތުގެ އިޝާރާތަކުން އީތަން އިށިންނަން ކުރީމަތީ ހުރި ގޮނޑި ދައްކާފައި އޭނާ ތުއިގޮތަކަށް ގޮނޑީގައި އިށީންދެލިއެވެ. "އިނގޭ މިހާރު ޑެޑްލައިން ހަމަވެއްޖެކަން. އެހެންވެގެން އެވަރަކުން ފޭސްޓު ފޭސްކޮށް ބައްދަލުކޮށްލަން ބޭނުންވީ. މައްސަލައެއްނެތް ތަންކޮޅެއް ބޮޑު އަދަދެއް ކަނޑައަޅުއްވައި ގެންވެސް ޗާންސް ދެއްވައިފިއްޔާ." އީތަން މަޑުމައިތިރި އަޑަކުން ވާހަކަދެއްކިއެވެ. "ހިތަށް މިއަރަނީ ބޮޑު އަދަދެއް ދީގެންވެސް ޗާންސް ހޯދާ މިންވަރަށް..." ތިއާ ޒޯއީ ވެގެން ފަސޭހައިން ގޮތްދޫނުކުރާ ވައްތަރަށް ވާހަކަ ދައްކަމުން ދަނިކޮށް އީތަން ޖުމްލަ މެދުކަނޑާލިއެވެ. "ޔިއަ. ކިތަންމެ ބޮޑު އަދަދެއް ދީގެންވެސް ބައިވެރިވާ މިންވަރުގެ ޕްރޮގުރާމެއް އެއީ. ރާއްޖޭގެ އެންމެ ގިނަ މީހުންގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ އެ ޕްރޮގްރާމަށް. ވީހާ އަވަހަކަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓް އާންމުންނަށް ދައްކާލަން ބޭނުން ވަނީ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ކޮމްޕެނީ އަކުންވެސް ހަމަ އެފަދަ ޕްރޮޑަކްޓެއް މާކެޓް ކުރަން އެބަ ތައްޔާރުވޭ. އެއަށްވުރެ ކުރިން އަޅުގަނޑުމެންގެ ޕްރޮޑަކްޓް ދައްކާލެވިއްޖެއްޔާ އެތައް ގޮތަކުން ފައިދާކުރާނެ." ތިއާ ކުއްލި އަކަށް އަތް އުފުލައިލުމާއެކު ވާހަކަ މެދުކަނޑާލަން އެންގިއެވެ. އީތަންގެ ވާހަކަ ހުރިގޮތުން މާބޮޑަށް ވިޔަފާރި ވާހަކަ ކުރިއަށް ގެންގޮސްދާނެތީ ތިއާ ފޫހިވީއެވެ. "އެންމެ ރަނގަޅު. ވިސްނާފައި ޖަވާބެއް ދޭނަން." ތިއާ ކުޑަކޮށް މަޑުޖެހިލާފައި އިއްވާލިއެވެ. އީތަން ޝުކުރު އަދާކޮށްފައި އަތުގައި އޮތް ފައިލް މޭޒުމަތީ ބާއްވައިލަމުން ދާންވެގެން އެނބުރިލާފައި ކުއްލިއަކަށް ހުއްޓިއްޖެއެވެ. އެތަން ފެނިގެން ތިއާ ބޭރަށް ލައިލައި ހުރި ނޭވާ ކަރުތެރޭ ތާށިވާ ގޮތްވިއެވެ. ކޮންމެވެސް ޝައްކެއްވީ ކަމަށް ހީކޮށް ބިރުން އިންދާ އީތަން އެނބުރިލާފައި އެތާހުރި ވާސްއިން ހުދު ފިނިފެންމަލެއް ނަގާފައި ތިއާއަށް ދިއްކޮށްލިއިރު ހުރީ އެއްމިޔަކަނުން ހިނިތުންވެފައެވެ.
"ބައި ދަ ވޭ، ހެޕީ ވެލެންޓައިންސް ޑޭ!" ތިއާގެ ދެލޯ އީތަންގެ މޫނަށް ހުއްޓުމާއެކު ބަލަހައްޓައިގެން އިނދެވުނެވެ. ރީތި ރީތި ހިނިތުންވުމެކެވެ. ސާފު އަލި މޫނެކެވެ. ތުނިކޮށް ތުބުޅި މަތިމަސް ބަހައްޓާފައި ހުރުމުން އެހާ ފިރިހެންވަންތައެވެ. އެންމެ އަޅައިގަތީ އީތަންގެ ތުންފަތުގައެވެ. މަދުން ނޫނީ ނުފެންނަ ކަހަލަ ދެފަޅިއެއްވަރު މެދުމިނުގެ ތުންފަތެކެވެ. އަރަނީ ފިޔާތޮށްޓާއި ރަތާއި ދެމެދުގަ ކުލައެކެވެ. ތިއާ ބުދެއްހެން އިނދެފައި ލަސްލަހުން އަތް އުފުލާލިގޮތަށް މަލުގެ ދިގު ތަނޑީގައި ހިފާލުމުން އީތަން އަނެއްފަރާތަށް އެނބުރިފައި ނިކުމެގެން ދިޔައެވެ. "ރިޝްވަތު ރިޝްވަތު. މި ފިރިހެންވެރިން ކަމެއް ހާސިލްކުރަން ވެއްޖެއްޔާ ނުކުރާކަށް ކަމެއްނެތް." ތިއާ މަލަށް ބަލަހައްޓައިގެން ހެވިފައި އިންދާ މޭޒުމަތީ ހުރި ފޯން ރިންގްވި އަޑަށް ސިއްސައިގެން ދިޔައެވެ. ދެން ހީވީ ރޯމަހެއްހެން ތެޅިގަތްހެނެވެ. އަވަހަށް ހެދުން ބަދަލުކޮށްގެން ޒޯއީއަށް ނުފެނި ގެއަށް ދާން ނައްޓާލައިފިއެވެ. ނަސީބަކުން މިފަހަރުވެސް ރިސެޕްޝަންގައި ހުރި ކުއްޖާއަށް ނުފެނި ސަލާމަތްވިއެވެ.
އިރު އޮއްސެން އުޅެނިކޮށް އަލަށް އައި ނޯކަރު ކުއްޖާ އަމީނާ އައިސް ތިއާ ހޯދާ ވާހަކަ ބުނެލުމުން ލުޖައިން ކޮޓަރިން ނިކުމެފައި އެދިމާއަށް މިސްރާބު ޖެހިއެވެ. ލުޖައިން އެތެރެއަށް ވަންއިރު ތިއާ ހެމުން ހެމުން ފޯނު އެނދުމައްޗަށް އެއްލާފައި އެނބުރިލަނީއެވެ. "ހާދަ ވަރަކަށް ހެނީ" ލުޖައިން ހެވިފައި ހުރެގެން ވާހަކަދެއްކިއެވެ. "އެއުޅޭ ސުހާ ކިޔާ އެއްޗަކުން. އޭނަ ހުޅުމާލޭގައި ހުންނަ އެޕާޓްމެންޓް ކުރިމަތީގައި މާސަޅި ބިޓެއް އުޅޭވާހަކައެއް ކިޔަނީ. އެބޯއި ޕޮލިހުގައި އުޅޭތީ އޭނަވެސް ޕޮލިހަށް ވަންނަން ބޭނުންވަނީއޯ." ތިއާގެ ވާހަކައިން ލުޖައިންއަށްވެސް މަޖާވިއެވެ. ތިއާ ބުނެގެން ލުޖައިން ދޮރު ތަޅުލާފައި އެނބުރިލި އިރު ތިއާ އަތުގައި ކޮތަޅެއް އޮތުމުން ހިސާބަކަށް ހައިރާންވިއެވެ. "ބަލަން ނުހުރެ ކަނޑާބަލަ!" ތިއާ ކޮތަޅުން ބޮޑު ޕާރސަލެއް ނަގައި ދިއްކޮށްލިއެވެ. ލުޖައިން ފިނިވެފައިވާ އަތަކުން އޭގައި ހިފާފައި ކަނޑާލިގޮތަށް ފޮށިގަނޑު މަތިނެގިތަނުން ދެލޯ ބޮޑުވިއެވެ. އެއީ ހެދުމެކެވެ. "އާރީ ބޭނުން ވަނީ ލޫލޫ ރެޑް ރޯސްއެއްހެން ހެދިލައިގެން ވެލެންޓައިންސް ޑޭ ފާހަގަ ކުރަން. ވާއު. އާރީ ހާދަ ރޮމްއޭ.." ތިއާ ހެދުމުގެ ދެއަތުގައި ހިފާ އުފުލައިލުމުން އެއްކޮށް ނިއުޅިގެންދިޔައެވެ. ރަތްކުލައިގެ މެކްސީ ރީތިކަމުން ލުޖައިން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފޮށިގަނޑު ތެރޭގައި އޮތް ސިޓީއުރަ ލުޖައިންގެ ލޮލުގައި އަޅައި ގަތުމުން ނަގާފައި ބަލައިލިއެވެ. ކާޑްގައި ލޯބިވެރިންގެ ދުވަހުގެ ތަހުނިޔާ މެސެޖަކަށްފަހު ހުސްތަނުގައި ރެސްޓޯރެންޓެއްގެ ނަމާއެކު ދާންވީ ގަޑި އޮތުމުން ލުޖައިން އުފާވި ވަރަށްވުރެ ބޮޑަށް ބިރުގަތެވެ. ސިއްރުން ބައްދަލު ކުރަން އުޅެނިކޮށް ޝަކީބާއަށް ފަޅާއަރައިފިއްޔާ ދުވަސްދިޔައީއެވެ. "ލުލޫ ބިރުނުގަނެބަލަ. އަހަރެން މިހުރީނު. އަހަރެން ހެލްޕް ވެދޭނަމޭ." ތިއާއަށް ލުޖައިންގެ މޫނަށް އެރި ކުލަވަރު ފާހަގަ ކުރެވިގެން ހިތްވަރުދިނެވެ.
އެރޭ ކާން އެންމެން ތިބެފައި ޒޯއީ އެކުވެރިން ތަކަކާއި ބައްދަލު ކުރަން ބޭރަށް ދާކަން އެނގުމުން ތިއާ ނިކަން އުފާވިއެވެ. ކައި ނިންމާފައި ޝަކީބާ ކޮޓަރިއަށް ދިއުމުން ތިއާ ލުޖައިން ހުއްޓުވާފައި ގެންގޮސް ވެއްދީ ޒޯއީ ކޮޓަރިއަށެވެ. "އަހަރެމެން މިތާ ކީއްކުރަނީ؟" ލުޖައިން ބިރުން މޭގަނޑު ނެގި ނެގިފައި ޖެހެން ފެށިއެވެ. ޒޯއީދެކެ ގަންނަ ބިރަކުން އެކޮޓަރިވެސް ބިރުވެރި ހޮހޮޅައެއް ފަދައެވެ. "ތިހާ ފިނޑިވެގެން ނުވާނެ އެއްކަމެއްވެސް." ތިއާ އަލަމާރި ހުޅުވާލާފައި ފައިވާން ހަރުން ދެބޫޓް ނަގައި ލުޖައިންއަށް ދީފައި ކަބަޑެއް ހުޅުވާލައިގެން ގަހަނާ ސެޓުތަކެއް ނަގައި ބަލަން ފެށިއެވެ. ތިއާ ގަހަނާ ސެޓެއް ހިފައިގެން އެނބުރިލި އިރުވެސް ލުޖައިން ހުރީ ބޫޓު ތަކަށް ބަލަން އިސްޖެހިގޮތަށް ބުދެއްހެންނެވެ. “ޕިސް. ޕިސް މިއޮތްކަމެއް ދޯ. ޒޯއީ މިތާ ނުވެސް ނެތެއްނު. ބަލާބަލަ ތިބޫޓް ފިޓްވޭތޯ." ތިއާ އެގޮތަށް ވާހަކަ ދެއްކުމަށްފަހު ވެސް ލުޖައިން ގުޑުވައި ނުލުމުން ގަހަނާ ސެޓު ބަހައްޓާފައި ލުޖައިން އެނދުގައި ބައިންދައިފިއެވެ. ލުޖައިން އިންގޮތަށް އިންދާ ތިއާ ދެބޫޓް ވެސް ލުޖައިންގެ ފަޔަށްކޮށްޕާފައި ފިޓްވޭތޯ ބެލިއެވެ. ގަހަނާ ސެޓުތަކުންވެސް ދެތިން ހަތަރު ހާރެއް ނަގައިގެން ގެނެސް ލުޖައިން ކަރުގައި ޖައްސައިގެން ގުޅޭތޯ ބެލިއެވެ. ތިއާ ހިތްހަމަޖެހޭ އެއްޗެހި ހަމަވުމުން އެތަކެތި ބާޒާރު ކޮތަޅަކަށް އަޅައިގެން އަވަހަށް އެކޮޓަރިން ނިކުތެވެ.
ނުވައެއް ޖަހަން ފަނަރަ މިނިޓަށްވީއިރު ތިއާ ހިތްހަމަޖެހޭ ވަރަށް ލުޖައިން ހައްދައިފިއެވެ. ތިއާއަށްވެސް ހުރެވުނީ އެހެން ދިމާއަކަށް ނަޒަރު ގެންދަން ނޭނގިފައެވެ. ލުޖައިން ރަތްފިނިފެންމަލެއްހާ ރީއްޗެވެ. ލުޖައިން ލޯގަނޑަށް ބަލައިލި ތަނުން އަމިއްލައަށްވެސް ރަކިވިއެވެ. އާރިންއަށް އޭނާ އެސިފައި ހުއްޓާ ފެނުނީމައި ހަދާނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ.
"ކޮންތާކަށް ތިދަނީ؟" ޒަކްވާން ކޮޓަރިން ނިކުމެފައި އެޕާޓްމެންޓްގެ މައި ދޮރާއި ދިމާއަށް ދަނިކޮށް ޝަކީބާ ގޮވައިލިއެވެ. ޒަކްވާން ހުއްޓިފައި ފުރަތަމަވެސް ފުން ނޭވައެއް ދޫކޮށްލިއެވެ. ހިތާއި ހިތުން ދެން ކަންތަކާއި ޖެހުނީއޭ ބުނެލާފައި ފަސްއެނބުރި ބަލައިލިއިރު ޝަކީބާ އައިސް ކައިރިއަށް ހުއްޓިއްޖެއެވެ. "ބޭރަށް." ޒަކްވާން ބޮލުގެ އިސްތަށިގަނޑާއި ކުޅެލަމުން ދުރު ބަލަން ފެށިއެވެ. "ބޭރަށް ތިދާއިރު މަންމަ ބުނާ ކަމެއް ކޮށްދޭން ވީއެއްނު." ޝަކީބާ އެދުމާއި ދެކޮޅު ހަދާނެ ހިތްވަރެއް ނެތުމުން ޒަކްވާން ހަމައެކަނި ބޯ ޖަހައިލިއެވެ. "ލުޖައިން ގޮވައިގެން ކާރު ދުއްވާލަން ދޭބަލަ!" ޝަކީބާގެ ޖުމްލަ ނިމޭއިރަށް ޒަކްވާން ލޯ ބޮޑުކޮށްލައިފިއެވެ. "ކިހިނެތްވީ؟ އެއީ ނުވާވަރު ކަމެއްތަ؟ އެކުއްޖާ މާލެ އައިފަހުން އަބަދުހެން މިގޭ ހަތަރުފާރު ތެރޭގައި އެއިންނަނީ. މިގޭގައި އުޅެންޏާ ޒަކްވާންވެސް ޖެހޭނެ އެއްނު ލުޖައިން އާއި ގުޅުން ބަދަހިކުރަން. ދޭ ލުޖައިން ގޮވައިގެން އަންނަން." ޝަކީބާ އެންމެ ފަހު ޖުމްލަ ބުނެލި އިރު ހިސާބަކަށް އަމުރުވެރި ގޮތްގަނޑު ހުއްޓެވެ. ތިއާ ލުޖައިންއަށް މަގު އަލިކޮށްދޭން އައިސް ބޯދިއްކޮށްލި ތަނުން އެހުރިހާ ވާހަކައެއް އިވިފައި އަވަހަށް އެނބުރި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ތިއާ އެވާހަކަ ބުނިތަނާ ލުޖައިންގެ މޫނަށް ހިޔަނިއެޅިގެން ދިޔައެވެ.