"ޒަކްވާން! ޒަކްވާން" ދަތްކުނޑި ވިކައިގެން ބަލަން ހުރެފައި އަނެއް ފަރާތަށް އެނބުރި ހިނގައި ގަތުމުން ޒާހިދު ގޮވާލިއެވެ. ޒަކްވާން އެއަޑެއް ނާހައެވެ. ބާރު ބާރަށް ގޮސް ކާރަށް އަރައި ދޮރުފަތް ޖެހުމުން ރީމް ވެސް އަވަހަށް އަނެއް ފަރާތަށް އަރައި އިށީންނެވެ. ޒަކްވާން އެހާ ބާރަށް ދިއުމުން ޒާހިދު ހިތާއި ދެކޮޅަށްވެސް އެކާރުގެ ފަހަތުން ދާން މަޖުބޫރުވިއެވެ. ޒަކްވާން އައިސް ހުރި ރުޅީގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކާރުގައި ރީމްވެސް އެބަހުއްޓެވެ. ރީމްއަށް ކަމެއްވެއްޖެއްޔާ ޝަހީމުއަށް އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އަނެއްކޮޅުން ނާހިދާގެ ހާލު އެހެން އެކަކަށްވުރެ ބޮޑެވެ. ބިރާއި ހިތާމައިން އެދެލޯ ފުރި ކަރުނަތައް ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ. އާރިންއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟
ޒަކްވާން ކާރު މަޑުކޮށްފައި އެތެރެއަށް ދާން ފެށުމުން ރީމްވެސް ފަހަތުން ދިޔައެވެ. އެކަމަކު ޒަކްވާންގެ ފިޔަވަޅުތައް ހަލުވި ކަމުން ރީމްއަށް ޖެހުނީ ފަހަތުން ދުވާށެވެ. "ޒޯއީ!" ޒަކްވާން ގޮސް ސިޑިކައިރީގައި ހުރެ މަތި ބަލައިލަމުން ބާރުބާރަށް ގޮވައިލިއެވެ. އެއަޑަށް ފާޝާ ދުވެލައިފައި ގޮސް އެކޮޓަރީގައި ޓަކި ދިނުމުން ރަފާލް އާއި ޒޯއީ ނިކުމެގެން އަތުވެއްޖެއެވެ. "ވަޓް ހެޕެން؟" ޒޯއީ ކަންބޮޑުވެފައި އަހައިލިއެވެ. ޒަކްވާންގެ އަތުގައި ހިފައިލަން އުޅެނިކޮށް ފަހަތަށް ޖެހިލުމުން ޒޯއީ އިތުރަށް ނުތަނަވަސް ވިއެވެ. ޒަކްވާން އައިސް ހުރި ރުޅި އާއި އެކު އެދެލޮލުގައި ކަރުނައިގެ އަސަރުވެސް ވިއެވެ. "ބުނެބަލަ!" ޒޯއީ އަނެއްކާވެސް ކުރިއަށް ޖެހިލައިފައި ޒަކްވާން އަތުގައި ހިފެހެއްޓުމުން ތުންފަތުގައި ދަތް އަޅާފައި ކުއްލިއަކަށް ކޮނޑުގައި ބޯ އަޅައިފިއެވެ. ޒޯއީ ކަންބޮޑުވެފައި ހުރެގެން ޒަކްވާންގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު ހިތްވަނީ ސުވާލު ތަކުން ފުރިފައެވެ. ކައިރީގައި ހުރި ރަފާލް ލޮލުގެ އިޝާރާތުން ރީމް ކައިރީ ސުވާލު ކޮށްލުމުން ރީމްއަކަށް ވެސް ޖަވާބެއް ނުދެވުނެވެ.
އިރުކޮޅަކުން މައި ދޮރާއި ދިމާލުން ފިޔަވަޅުގެ އަޑު އިވިފައި ޒާހިދު އާއި ނާހިދާ އެތެރެއަށް ވަދެއްޖެއެވެ. "ވަޓް ދަ ހެލް؟" ރަފާލްއަށް ބާރު ބާރަށް ބުނެލެވުނެވެ. އެއަޑަށް ޒޯއީ އާއި ޒަކްވާން ވެސް އެދިމާއަށް ބަލައިލައިފައި ލޯ ބޮޑުކޮށްލިއެވެ. ރީމް ހުރީ އަނގަމަތީގައި އަތް އަޅާލައި ގެންނެވެ. ޒާހިދު އެހުރީ ދެފައި މައްޗަށް ތެދުވެ ކޮޅަށެވެ. "ވަޓް އިޒް ގޯއިން އޮން؟" ފާޝާ ޚަބަރު ދީގެން ނިކުތް ޝަހީމު ވެސް އައިސް އެތަނަށް ހުއްޓިފައި ޒާހިދު ފެނިގެން ގަނޑު ވެއްޖެއެވެ.
"އަދި އިތުރަށް ކިތައް ސީކްރެޓް އޮންނާނެ؟" ޒަކްވާން ކުރިއަށް ޖެހިލައިފައި ގޮސް ޒާހިދުގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. "އެންމެ ފުރަތަމަ ޔޫ ގައިޒް ހޭޑް އަ ހިސްޓްރީ. އެން އައި ހޭވް ދިސް ސްޓެޕް ބްރަދަރ... ދެން މިހާރު ޑިސްއެބިލިޓީ ވެސް އެއީ ދެއްކި ފޭކްއަކަށްތަ މިވީ؟" ޒަކްވާން ޒާހިދުއަށް ފުރުސަތެއް ނުދީ ސުވާލުތައް އަމުނައިލިއެވެ. "ވެއިޓް އަ ސެކް.. ކާކު ސްޓެޕް ބްރަދަރ އަކީ؟" ޒޯއީއަށް ފާހަގަ ކުރެވުނީ އެތަންކޮޅެވެ. "ގެސް!" ޒަކްވާން އެނބުރި ބަލައިލައިފައި ޒޯއީއަށް ބުނެލިއެވެ. "ނޯ ފްރީކިން ވޭ.." ޒޯއީއަށް ފަހަތަށް ޖެހިލެވުމުން ރަފާލްގެ ގައިގައި ޖެހުނެވެ. ޒޯއީ ބަލައިލުމުން ރަފާލް އިސްޖަހައިލި ގޮތުން އިތުރަށް ޔަގީންވިއެވެ. "އެން ހީޒް މައި ބްރަދަރ؟" ޒޯއީއަށް ޤަބޫލު ނުކުރެވިގެން އަނެއްކާވެސް ބުނެލެވުނެވެ. ވަށައިގެން ދުނިޔެ އެނބުރިގަތް ހެން ޒޯއީއަށް ހީވިއެވެ. ދެފައިކޮޅުން ވާގި ދޫވާހެން ހީވެގެން ރަފާލްގެ އަތުގައި ބާރުބާރަށް ހިފަހައްޓައި ލެވުނެވެ. އެތޫނު ނިޔަފަތި ތަކުން ރަފާލްގެ ހަންގަނޑު ތޮރުފައިލަން އުޅުނު ކަހަލައެވެ.
"ޒޯ! ރިލޭކްސް!" ރަފާލް ކަންބޮޑުވެގެން ޒޯއީގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. ދުލުން ބުނެލަން ފަސޭހައެއް ކަމަކު އެއީ މިވަގުތު ވާނެ ކަމެއް ނޫންކަން ރަފާލްއަށް ވެސް އެނގެއެވެ. އެކަމަކު ޒޯއީއަށް ކަމެއްވެއްޖެއްޔާ އޭގެ އަސަރު ބަނޑުގައި އޮތް ދަރިފުޅަށް ކޮށްފާނެތީ ރަފާލް ނުހަނު ކަންބޮޑު ވެއެވެ.
"ޒަކްވާން! ޒޯއީ! ބައްޕަގެ ވާހަކަ އަޑުއަހާބަލަ! އައި ކޭން އެކްސްޕްލެއިން." ޒާހިދު ދެފަހަރު ދެކުދީންގެ މޫނަށް ކަޅިއެއް އެއްލާފައި ބުނެލިއެވެ. ނާހިދާ އިސްޖެހިފައި ހުރީ އެކެއްގެ މޫނަށް ބަލައިލަން ވެސް ނުކެރިފައެވެ. ކޮންމެ މީހަކުވެސް ހީވަނީ އެކަކު އަނެކަކާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައި ތިބިހެންނެވެ. ޝަހީމު އާއި ރަފާލް ވެސް އެކަކު އަނެކަކަށް ބަލައެއް ނުލިއެވެ. ދޮންމަންމަ ކަންތައް ކުރި ގޮތުން ޒޯއީ ކުރިމަތީގައި އޭނާވެސް ބަދުނާމު ވެއްޖެއެވެ. "އިތުރަށް ކޯއްޗެއްތަ ކިޔައިދޭން އޮތީ؟" ޒޯއީ ބާރުބާރަށް ހަޅޭއްލަވައި ގަތުމާއެކު ދެއަތުން މޫނު ފޮރުވައިލީ ރޮމުންނެވެ. ރަފާލް އުދަނގޫ ގޮތަކަށް ހިންދިރުވައިލައިފައި ޒޯއީ އަށް ސަމާލު ވެގެން ހުއްޓެވެ. ޒަކްވާން އެތަނުގައި ނުހުންނަން ވެގެން އައިސް ހުއްޓުލީ ޒޯއީ ކައިރީގައެވެ.
"ރަފާލް ޕްލީޒް. ކޯލް މައި މަމް." ޒޯއީ ރުއިމުގެ ތެރެއިން ބުނެލިއެވެ. "އެއީ ތެދެއް ފާޝާ. އަވަހަށް މަންމައަށް ގުޅާ. މިއަދު މިކަންތައް ކޮންމެވެސް އެއްގޮތަކަށް ނިމެންޖެހޭނެ." ޒަކްވާން ޒޯއީއަށް ބާރު ދިނެވެ. ފާޝާ ފޯނާއި ދިމާއަށް ދިއުމުން ރަފާލް އުޅުނީ ޒޯއީ ގެންގޮސް ގޮނޑިއެއްގައި ބައިންދާށެވެ. ޒޯއީ އެކަމަށްވެސް ކުރީ އިންކާރެވެ. ވަކި ގޮތަކަށް ނުނިމެނީސް ހަމަޖެހިނުލާން ނިންމައިގެން ހުރި ކަހަލައެވެ.
އިރުކޮޅަކުން ޝަކީބާ އެގެއަށް ވަދެގެން އައިއިރު ފަހަތުގައި އާރިން އާއި ތިއާ ހުއްޓެވެ. ލުޖައިން ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އައިސް ވަދެފައި ފާޝާގެ ކޯލް ލިބިގެން އާރިންވެސް އައީއެވެ. ގޭގައި ލުޖައިންގެ ކައިރީގައި ބެހެއްޓީ ނޯކަރެވެ. ޒޯއީއަށް އާރިންގެ މޫނު ފެނިގެން ދަތްކުނޑި ވިކައިލެވުނެވެ. ވަގުތުން ފުންމައިގެންފައި ގޮސް އާރިން މޫނު ނޮޅައިލަން އޭނާ ނުހަނު ބޭނުންވިއެވެ. އެކަމަކު ރަފާލް ހިފަހައްޓައިގެން ހުރުމުން ކުރިއަށް ފިޔަވަޅެއް އަޅާފައިވެސް ޖެހުނީ ކުރި ނޭރިގެން ހުންނާށެވެ. ޒާހިދު ފެނިފައި އެތިން މީހުންނަށްވެސް ޖެހުނީ އެހެން މީހުންނަށް ޖެހުނު ހާލެވެ. ޒާހިދު ފުރޮޅުލީ ގޮނޑިއަކުން ދެފައި މައްޗަށް ތެދުވަން ކަޑައްތު ކުރި ރާސްތާއަކީ އެހެން އެންމެންނަށް ސިއްރުވެފައިވާ ކަމެކެވެ.
"މަންމާ!" ޒޯއީގެ ނަޒަރު ޝަކީބާގެ މޫނަށް ހުއްޓުނު ހިސާބުން ކަރުނަތައް އިތުރުވިއެވެ. އެހިސާބުން ރަފާލްވެސް ޒޯއީ އަމިއްލަ ހާލަށް ދޫކޮށްލައިފިއެވެ. ޒޯއީ ބާރުބާރަށް ހިނގައިލައިފައި ގޮސް ޝަކީބާގެ ގައިގައި އޮޅުލައި ގަނެފައި ޅަކުއްޖެއް ފަދައިން ގިސްލާން ފެށުމުން ހުރިހާ ހިތްތަކަށް ލޮޅުން އެރިއެވެ. އާރިން އައިސް ހުއްޓިލީ ރަފާލްގެ ކައިރިއަށެވެ. އެކަމަކު ދެބެންގެ ދޭތެރޭގައި ވާހަކައެއް ދެކެވޭ ވަރެއް ނޫނެވެ. "ދަރިފުޅުމެން މަންމަ މިތަނަށް ގެނެސްގެން ތިކޮށް ދިނީ ވަރަށް ރަނގަޅު ކަމެއް. ހަޤީޤަތް އެނގެން މިއަށްވުރެ އެކަށޭނެ އެހެން ވަގުތެއް ނެތް." ޒާހިދުގެ މޫނުން ފެނުނީ ހަމަޖެހުމުގެ ކުލަވަރެވެ. އެއަޑު އަހާފައި ޝަކީބާގެ މޫނު ހުދުވެގެން ދިޔަކަން ބަލައިލި ކޮންމެ މީހަކަށް ފާހަގަވިއެވެ.
"ޤަބޫލު ކުރަން ބައްޕައަށް ވެސް ކުށްތަކެއް ކުރެވިފައި ހުރިކަން." ޒާހިދު ފަށާފައި ކުރުގޮތަކަށް ކިޔައި ދިނީ ނާހިދާ އާއި ދެމެދު އޮތް ލޯބީގެ ގުޅުން ކުރިއަށް ދަނިކޮށް މަޖުބޫރު ކައިވެންޏަކުން ޝަކީބާ އާއި ގުޅުނު ގޮތުގެ ވާހަކައެވެ. އެވަގުތު އެންމެންވެސް ތިބީ ހިމޭން ކަމާއެކު އެއަޑު އަހާށެވެ. ޝަކީބާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައިރު ހަތަރެސްފައި ގަނޑުފެން ކޮޅެއް ފަދައެވެ. ޒޯއީއަށްވެސް މަންމަގެ ފިނިވަމުން ދިޔަ އަތުގައި ހިފާލެވުމުން ސިހުމެއް ލިބުނެވެ. ޒޯއީ ބަލައިލި އިރު އެމަންމަގެ ތޮބީޢަތު ގޯސްވަމުން ދިޔަކަން ފާހަގަ ކުރެވިގެން ސޯފާގައި އިށީންނަން ބުނެލިއެވެ. "ތޮބީއަތް ވެސް ގޯސްވާނެ. އެހެން ކަންތައްވެސް ވާނެ. ޝަކީބާއަށް ފަހަރެއްގަ އޮޅިފައި އޮތީ ކަންނޭނގެ.. އެކަމަކު ކޮންމެ ކަމެއްވެސް ވަގުތު ޖެހުމުން ފާޅުވެގެން އަންނާނެ." ޒާހިދު ވާހަކަ ދައްކަމުން ކުރިއަށް ޖެހިލިއެވެ. ބައްޕަގެ ވާހަކަ ހުރި ގޮތުން ތިން ކުދިންގެ ހައިރާންކަން އިތުރުވިއެވެ. ހިތުގައި ގިނަވަމުން ދިޔަ ސުވާލު ތަކަށް ޖަވާބު ލިބޭނީ ކޮންމެ ގޮތެއްވިއަސް މަންމަ އާއި ބައްޕަގެ މާޒީ އެނގިގެންނެވެ.
"ކައިވެންޏަށްފަހު ވަފާތެރިވުން އޮތީ އަނބިމީހާއަށް. ރަނގަޅު ވާހަކައެއް. އެކަމަކު ބައްޕައަށް ނާހިދާ ދޫކޮށެއް ނުލެވުނު." ޒާހިދު ދެން ކިޔައިދިނީ ޝަކީބާއަށް ފަޅާ އަރައިގެން ފިރިހެނަކު މެދުވެރިކޮށް އެގުޅުން ނިމުމަކަށް ގެނަ ވާހަކައެވެ. ޒޯއީ ފަދައިން ޒަކްވާންއަށް ވެސް އެހިސާބުން އަދި ކުށްވެރިވީ ބައްޕައެވެ. އާރިން ހުރީ ވަކިކޮޅަކަށް ޖެހެން ނޭނގިފައެވެ. މަޖުބޫރުން އަދި ކައިވެންޏެއް ކުރިއެއް ކަމަކު ލޯއްބަކީ ކޯއްޗެއްކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ އާރިން އެވެ. ލުޖައިން ވެސް ޒަކްވާން އާއި ކުރެވެން އުޅުނު ކައިވެނި ނުހުއްޓުވުނު ނަމަ އޭނާ ދެކެ ވާ ލޯއްބަށް ޓަކައި ސިއްރު ގުޅުމަކާއި ހަމައަށް ދިޔައީސް ކަމަށް އާރިންއަށް ގަބޫލު ކުރެވެއެވެ.
"ދެން އޮތީ ބައްޕަ އެންމެ ފަޚުރުވެރި ނުވާ ޕާޓް. މާލެއިން ނާހިދާ އާއި ބައްދަލުވީ އިރު ޒޯއީ އާއި ޒަކްވާންވެސް ލިބިއްޖެ. އެވަރުންވެސް ބައްޕަ އަމިއްލަ ދަރިންނަށް ވުރެ އިސްކަން ދިނީ ލޯއްބަށް. ބައްޕަ ނިންމައިގެން ހުރީ ނާހިދާ ދެވަނަ އަންބަކަށް ހަދަން. ދަރިފުޅުމެންގެ މަންމައަށް ލަފާ ކޮށްލެވުނީ ނޫންކަމެއްވެސް ނޭނގެ، ނާހިދާ އާރިންއަށް ބަލިވެ އިނދެގެން ފޮނުވި ނޯޓް ނައްތައިލައިފައި މިފަހަރުވެސް އަމިއްލަ މަސައްކަތުގައި ކާމިޔާބު ހޯދައިފި. ނާހިދާއަށް މަޖުބޫރު ވެގެން ޝަހީމު އާއި ކައިވެނި ކުރީ އަމިއްލަ އަބުރާއި އިއްޒަތް ރައްކާތެރި ކުރަން. އެކައިވެންޏަށް ބައްޕަ ގޮސްގެން މަންމަގެ މަސައްކަތުގައި ނާކާމިޔާބުގެ ކުލަ ޖެހިދާނެތީ މީހަކަށް ފައިސާ ދީފައި އެކްސިޑެންޓް ކޮށްލީ ބައްޕަގެ ފުރާނަ ވަކިވެގެން ދިޔަ ކަމުގައިވިއަސް ނާހިދާ އާއި ގުޅުނަ ނުދޭންވެގެން. ދެން ނިކަން ދަރިފުޅުމެން ބުނެބަލަ ލޯބިވާ މީހަކު މިވަރުގެ އަނިޔާއެއް ދީފާނެތަ؟" ޒާހިދު ވާހަކަ ނިންމައިލި އިރު އެންމެން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޚުދު ޝަހީމުވެސް އެވާހަކައިން އަޖައިބު ވެއްޖެއެވެ. އޭނާ ޝަކީބާއަށް އެހީވެދިން އިރު އެއީ އެހާބޮޑު އަނިޔާވެރިއެއް ކަމެއް އެނގިފަކާ ނެތެވެ.
"މާތްކަލާކޯ އަހަންނަށް ކީއް މިކުރެވުނީ؟" ޝަހީމުއަށް ބޮލުގައި ދެއަތުން ހިފަހައްޓާފައި ބުނެލެވުނެވެ. އެއަޑަށް އެންމެން ސިހުނެވެ. ހިތުގައި އޮތް އެތި ދުލުން ބޭރު ކޮށްލެވުނުކަން ޝަހީމުއަށް ވެސް އެނގުނީ އެންމެން ބަލަން ފެށީމައެވެ. "ކީއްވެ ބައްޕަ ތިހެން ތިބުނީ؟" ރަފާލް ކުރިއަށް ޖެހިލާފައި ޝަހީމު ކުރެން އަހާލައިފިއެވެ. ޝަކީބާ އޭރު ސޯފާގައި އިނދެވެސް އަމިއްލަ ހަށިގަނޑު ނުހިފޭއްޓިގެން އުޅެއެވެ. މޫނުމައްޗަށް އަނދިރިވެ ދެންމެ ދެންމެ އަރި އަޅައިލަފާނެ ކަހަލައެވެ. ޝަކީބާ އެ ދޫ ބޭނުންކޮށްގެން މުޅި ދުނިޔެއަށް އޮޅުވައިލި އަމިއްލަ ދޫވެސް މިއަދު އެއްބާރުލުމެއް ނުދިނެވެ. ޒާހިދުގެ ވާހަކަ ތަކަކީ ދޮގެއް ކަމަށް ބުނެ އަޑުގާ ނެތްތަނަށް ހަޅޭއްލަވަން ބޭނުން ވި ނަމަވެސް އަނގައިން އަޑެއް ނުނިކުތެވެ.
"އަހަރެންނަށް ނާހިދާ ކުރިންވެސް ކަމުދޭ. އެކަމަކު އަހަރެން ނާހިދާ އާއި އިނީ ޒާހިދު އާއި ގުޅުން އޮންނަކަން އެނގިހުރެ. އަހަރެން އެކައިވެނި ކުރީ ޝަކީބާ ބާރު އަޅައިގެން. އަހަންނަކަށް ނޭނގެ އަހަންނަށް އެހީތެރި ވެވުނީ އެހާބޮޑު އަނިޔާވެރި އަކަށް ކަމެއް." ޝަކީބާގެ ނުބައިކަން ހާމަވުމުން ޝަހީމު ވެސް އޮޅުވައިލާކަށް ގަސްތެއް ނުކުރިއެވެ. "އަހަރެން ޤަބޫލެއް ނުކުރާނަން. ބައްޕަ މިއަދުވެސް ހިލޭ އަންހެނަކާއި ގުޅުން ބާއްވާކަން އެނގިގެން ސަލާމަތް ވާން ހަދައިލި ވާހަކައެއް ތީ. އަހަރެންގެ މަންމަ ތިހާ އަނިޔާވެރިއެއް ނުވާނެ." ޒަކްވާން މަންމަގެ ދިފާޢުގައި ތެދުވިއެވެ. ޒަކްވާން ބާރުބާރަށް ގޮސް ޒާހިދުގެ ކުރިމައްޗަށް ހުއްޓުނު އިރު ލޮލުން އަލިފާން ކަނި ބުރައެވެ. "ހެކި ދައްކައިފިއްޔާ ޤަބޫލު ކުރާނަންތަ؟ މަންމަ އެކަން ކުރަން ފައިސާ ހަވާލު ކުރި މީހާ މިވަގުތުވެސް ގުޅާލައިފިއްޔާ ހުރީ އަންނަން ތައްޔާރަށް." ޒާހިދު އެންމެ ވަރުގަދަ ހަތިޔާރުގެ އެހީވެސް ހޯދައިފިއެވެ. "ގެނޭ ހަމަ މިހާރު ގެނޭ!" ޒަކްވާން އަދިވެސް ހުރީ ގޮތުގައެވެ.
ޝަކީބާ އަނބުރައި ގަނެގެން ސޯފާ މައްޗަށް ތިރިވީ ޒާހިދު ފޯން ކުރަން ހުއްޓައެވެ. އެމީހާ އާއި އަނގައިން ބުނެފައި ދެން ޖެހުނީ އެންމެން އަވަސް ވެގެން ހޮސްޕިޓަލަށް ދާށެވެ. ހޮސްޕިޓަލުގައި ހުއްޓައި އެމީހާ ގޮސްގެން ބައްދަލު ކުރިއެވެ. އެކަމަކު ޒަކްވާން ހުރީ މަންމަ ހޭ ނާރަނީސް އެއްވެސް ކަމެއް ސާބިތު ނުކުރެވޭނެއޭ ބުނެ އެވަގުތުވެސް ގަދަކޮށްލައި ގެންނެވެ.
ދޮރު ހުޅުވުނު އަޑަށް ލުޖައިން ލޯ ހުޅުވައިލިއެވެ. އާރިން ދޮރު ލައްޕައިލައިފައި ލަސް ފިޔަވަޅު ތަކެއްގައި ވަދެގެން އައެވެ. "ހާދަ ލަސްވީ؟" ލުޖައިން އާ ފުރިލައިފައި ހިމޭން އަޑަކުން އަހާލައިފިއެވެ. "އާރިން އައިސް މަގަތުގައި އިށީންދެފައި ދޫކޮށްލީ ފުން ނޭވައެކެވެ. އެވާހަކަ ފަށާނެ ގޮތެއްވެސް އޭނާގެ ވިސްނުމަކަށް ނާދެއެވެ. "ކައިފިންތަ؟" އާރިން ލުޖައިންގެ ނިތުގައި ބޮސްދީފައި ކައިރީގައި ރީތިކޮށް އޮށޯވެލިއެވެ. "ހޫމ ބަނޑުހައި ވެފަ އޮތްވާ އަމީނާ ކާން ގެނައީމަ ކެއީ. އާރީ ބުނީމެއްނު ވެއިޓް ނުކުރާށޭ." ލުޖައިން އެމޫނުގެ ކުލަވަރު ދިރާސާ ކުރަން މަސައްކަތް ކުރަމުން ޖަވާބު ދިނެވެ. "ޔެސް ބޭބީ. ރަނގަޅަށް ތިހެދީ. އަދި އެހާ ލަހުން މިއާދެވުނީވެސް. ނައު އައި ޖަސް ވޯނަ ރިލޭކްސް." އާރިން ލުޖައިންގެ ފިނި ފިނި އިނގިލި ތަކާއި ކުޅެމުން ވާހަކަ ދެއްކިއެވެ. "އެނީތިން ރޯންގް؟" ލުޖައިންއަށް އަހާލެވިއްޖެއެވެ. "ތިއާގެ މަންމަ އަނބުރައި ގަނެގެން ހޮސްޕިޓަލަށް ގެންދިޔައީ. އެތާގައި މަޑުކޮށްލައިފަ އައީމަ ލަސްވީވެސް." އާރިން ހަމަ ގަސްތުގައި އެއްބައި ބުނެފައި ހުއްޓައިލީއެވެ. ލުޖައިންގެ ހާލު މުޅިން ރަނގަޅު ނުވަނީސް އިތުރު ހާސްކަމެއް ދޭކަށް އޭނާ ނޭދެއެވެ.
ދިހައެއް ޖަހަން ކައިރިވެފައި ހުއްޓައި ރަފާލް ޒޯއީ ގޮވައިގެން ގެއަށް އައި އިރުވެސް ޝަކީބާ ހެއެއް ނާރައެވެ. ރަފާލް ކޮޓަރިއަށް ވަދެފައި އެނދުގައި އިށީންދެލީ އިސްތަށިގަނޑު ތެރެއަށް ދެއަތުގެ އިނގިލިތައް މަހާލައިގެންނެވެ. ޒޯއީއަށް އެތަން ފެނިގެން ކަންބޮޑުވިއެވެ. އިވުނު ވާހަކަ ތަކުން ރަފާލްގެ ހިތް ބަދަލު ވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މައިން ބަފައިންނަށް ދަރިންނަށް ވުރެ މުހިންމުވީ ލޯއްބެވެ. ރަފާލްގެ ނަޒަރުގައި އޭނާވެސް އެގޮތަށް ކަންތައް ކޮށްފާނެ ކަމަށް ނިންމައިފިއްޔާ ދޫކޮށްލާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. އަމުދުން އޭނާ ދޫކޮށްލަން ރަފާލް ދައްކާނެ ބަހަނާތައް އޮތީ ކުރިމަތީ ގައެވެ.
"ރަފާލް! ކޮންކަމަކާއި ތިވިސްނަނީ؟" ޒޯއީއަށް ކެތް ނުވެގެން އަހައިލެވިއްޖެއެވެ. ޒޯއީ ކައިރީގައި އިށީންދެ މުލައްދަނޑީގައި ހިފައިލުމުން ރަފާލް ބަލައިލި އިރު ދެލޯ ހުރީ ފެންކަޅިވެފައެވެ. "ބައްޕަމެންގެ މާޒީ އިނގުނީމަ ރަފާލްއަށް ވެސް ހީވެދާނެ އަހަރެން އެމީހުންގެ މެތަޑް ހިޔާރު ކޮށްފާނެއޭ. މިބުނީ ކިޑްއަށް ވުރެ އަމިއްލަ އުފާވެރިކަން އިސްކުރާ ވާހަކަ." ޒޯއީގެ ޖުމްލަ ނިމުނު އިރު ރަފާލް އަދިވެސް އިނީ ބަލަހައްޓައި ގެންނެވެ. "ރައިޓް.. އަހަރެން އެހެން މިހިތަށް އަރަނީ. އެވާހަކައިން އެނގިއްޖެ ލޯބިނުވާ ދެމީހަކަށް އެކުގައި ނޫޅެވޭނެކަން... އެހެންވެ އަހަރެން މިނިންމީ ޒޯއީ ބޭނުން ގޮތެއް ހިޔާރު ކުރަން އިޚުތިޔާރު ދޭން." ރަފާލްގެ ވާހަކަތަކުން ހިތަށް ވި ތަދު ދުލުން ބަޔާން ކުރެވޭވެ ވަރަށްވުރެ ވޭން ގަދައެވެ. ޒޯއީގެ ލޮލަށް ކަރުނަތައް އައީ ހޯސްލައިފައެވެ. އެސްފިޔަތަކަށް ކެތްނުވެގެން ކޯތާފަތް މައްޗަށް އޮހިގަތުމުން ޒޯއީއަށް މޫނުގައި އަތް އެޅުނެވެ. ރަފާލް ހީކުރީ އެންމެ ނުބައި ގޮތަށެވެ. ޒޯއީ އެރޮނީ އުފަލުން ކަމުގައެވެ.
"ރަފާލް އަހަރެން އެނބުރި އައީ އަމިއްލަ އިޚުތިޔާރުގައި. އަދި އެއީ ހަމައެކަނި ދަރިފުޅަށް ޓަކައެއް ނޫން. އިޓްސް މީ ރަފާލް... އަހަރެން ބޭނުންވީ އަލުން ރަފާލްގެ ގާތަށް އަންނަން. އަހަރެން ބޭނުންވީ އަލުން ރަފާލް އާއި ގުޅެން. ބިލީވް މީ ބޭބީ...އައި..އައި...އައި ލަވް ޔޫ...." ޒޯއީ ރޮވިފައިވާ އަޑަކުން ހާމަކޮށްލިއެވެ.