އެންމެ ފުރަތަމަ ދުވަހުވެސް ބަދުނާމުވީއެވެ. ވައްކަން ކުރަން އުޅެނިކޮށް ވަގުހިފީއެވެ. ލުޖައިން އަމިއްލަ ނަފްސަށް އެހެން ބުނެލައިފައި ތެޅިތެޅި އޮތް ހިތަކާއެކު ދެން ކުރާނެ ކަމެއް ނޭނގިފައި ހުއްޓާ ޒޯއީ އައީ ރުވާފައި ދޫކޮށްލި ތީރެއްހާ ހަލުވި ކޮށެވެ. މަޑުނޫ ކުލައިގެ ގަމީސް މައްޗަކާއި ކަކުލުގެ ނިވާ ބޮނޑި އާއި ހަމައަށް އަންނަ ފިޓް ސްކާޓްގައި ޒޯއީ ނުހަނު އޮފީސް ކުލަވަރު ޖަހައެވެ. ކަޅު ދިހުންކުލަ އަރާ އިސްތަށިގަނޑު އޮމާންކޮށް ބޮލު މެދަށް ހުޅިޖަހާފައި ހުރި އިރު ކަނާތު ކަންފަތް ކައިރިން ނަންނުގައްޗެއްހެން އޮޅިގެން ފައިބާފައިވާ އިސްތަށިކޮޅެއް އޮތުމުން އެހާ ރީއްޗެވެ.
"ގޭގެވެރިން ނެތް ވަގުތު ބަލައިފައި ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟ ތީ ދޯ މަންމަގެ ބޮލުގައި އެޅިފައި އޮތް ޒިންމާ ކުޑަވެގެން ރަށުން ގެނަ ޔަތީމަކީ؟" ޒޯއީ ލުޖައިންގެ މޫނުމަތީ ޖަހަން ވެގެން އަތް މަޅާލި ތަނާ ލޯރީ ދުވެފައި އައިސް އެދެމެދަށް ވަނެވެ. "ޒޯއީ މޭމް. މިކުއްޖާއަށް މާފުކުރައްވާ. މީ އަޅުގަނޑުގެ ކުށް. އަޅުގަނޑު މީނަ އަތަށް ފޯން ދިނީ." ލޯރީ ލުޖައިންއަށް ދެރަގޮތެއް ވެދާނެތީ އަމިއްލަ ބޮލުގައި އިލްޒާމު އެޅިއެވެ. "ލޯރީ ކަލެއަށް މިހާރު ދަސްވާހާ ދުވަސް ވެއްޖެއެއްނު." ޒޯއީ މިފަހަރު ލޯރީއަށް ގުގުރައިގެންފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ލޯރީ އެނބުރިފައި ބަލައިލިއިރު ލުޖައިން ލޮލުން ކަރުނަ އަންނަނީއެވެ. ޒޯއީ އެދިޔައީ ލުޖައިންގެ ޒަޚަމްވެފައިވާ ހިތުގައި ލޮނުމިރުސްގަނޑެއް އަޅާފައެވެ. "ލުޖައިން. އޭނަ ދައްކާ ވާހަކަ އަޑުނާހާތި އެއީ..." "..އެއީ މިގޭ ރާނީ ކަމަނާ." ލޯރީގެ ޖުމްލަ ފުރިހަމަ ނުވަނީސް ފަހަތުން ވާހަކަދެއްކި އަޑަށް ދެކުދިން ބަލައިލި އިރު ތިއާ ދެއުކުޅުގައި އަތްވިދެލައިގެން ހުއްޓެވެ.
ކަކުލާއި ހަމައަށް އަންނަ ހެދުމުގައި ތިއާ ވަރަށް މައުސޫމެވެ. ބުރަކަށީގެ މެދާއި ހަމައަށް އަންނަ ކަޅު އިސްތަށިގަނޑު އޮފްވެފައި ފަނެވެ. ޒޯއީ ފަދައިން ކަޅު ލޮލަކާއި ކުޑަ ތުންފަތެއް ލިބިފައިވިއަސް އެންމެންނަށްވުރެ އިސްކޮޅުން ދިގެވެ. އެގޭގައި ޒަކްވާންގެ އިތުރަށް ދެން އެންމެ ދިގު އިސްކޮޅެއް ލިބިފައި ހުރީ ތިއާ އަށެވެ. "ލުޖައިން ކައިރީ އަހަރެން ބުނަންތަ ވާހަކައެއް. ޖަސްޓިން ބީބާގެ ލަވަ އަޑު އެހިއަސް ޒޯއީ ދައްކާ ވާހަކަ އަޑު ނާހާތި. އޭނަ ކުޑަކޮށް ސައިކޯވާނެ. ކުޑައިރު ގަހަކުން ވެއްޓި ބޯފެޅުނު ފަހުން ވެފަ ހުންނަ ގޮތެއް." ތިއާ އައިސް ކައިރިއަށް ހުއްޓިފައި ލުޖައިންގެ ދެއަތުގައި ހިފައިލީ ގާތް އެކުވެރިއެއް ފަދައިންނެވެ. ސީރިއަސް ނަޒަރެއް ދީގެން ހުއްޓަސް ތިއާގެ ވާހަކަ ދެއްކުމުގައި ވަނީ ސަމާސާއެވެ. "ކާކު ތި ޖަސްޓިން ބީބާ އަކީ؟ މިގޭ ތިރީބައިގަ އުޅޭ ބަންގާޅު ސޮރުތަ؟" ލޯރީ ވިސްނަން ހުރެފައި ކުއްލި އަކަށް އަހައިލިއެވެ. "ނެވަރ މައިންޑް" ތިއާ ގާތަށް ހިނިއައިސްގެން އަނގަމަތީ އަތް އަޅައިލިއެވެ.
"އެނީވޭ މަރުހަބާ. ލުޖައިން އެއްވެސް ކަމެއް ބޭނުން ވެގެން ނުބުނެ ނުހުންނާތި. ލޯރީ ނޫނަސް އަހަރެންވެސް ހުންނާނެ ލުޖައިން ކަމަކަށް ބޭނުންވެގެން ހޯދަން ވެއްޖެއްޔާ. ހާދަ އުދަނގުލޭ ލުޖައިން ކިޔަން. ނިކް ނޭމްއެއް ހަދަންތަ؟" ތިއާ ވާހަކަ ދައްކަމުން ސޯފާގައި އިށީންދެ ދެފައި ނަގާފައި ޓީވީ ހުޅުވައިލިއެވެ. "ފްރެންޑުން ކިޔަނީ ލޫލޫ." ލުޖައިން ތެމިފައިވާ ކޯތާފަތް ފުހެލާފައި އާރިން ދީފައިވާ ނަން ބުނެލިއެވެ. "އޯހ ލޯބި ނިކްއެއް. ކާކު ދިން ނަމެއް؟" ތިއާ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނުމުން އެސުވާލު އަހާފައި ލުޖައިންގެ މޫނަށް ވީ ގޮތެއް ނުފެނެއެއެވެ. އެދޮން ކޯތާފަތުގައި މީހަކު ފިއްސަކުން ފިނިފެންމާ ކުލަ ހާކައިލި ފަދައެވެ. ފެނުނު ނަމަ ތިއާވެސް ހަސަދަވެރި ނުވެ ނުދާނެ ފަދަ މަންޒަރެކެވެ. "އާރީ." ލުޖައިން މަޑުމަޑުން ބުނެލިއެވެ. އެކަމަކު ތިއާގެ ކަންފަތުގައި އެއަޑު ޖެހުނުހެނެއް ހިއެއްނުވެއެވެ.
ރޭގަނޑުގެ ކެއުމަށް ޒަކްވާން ފިޔަވައި އެންމެން މޭޒުދޮށަށް ހާޒިރުވިއެވެ. ލޯރީ ގޮވީމައިވެސް ލުޖައިން ނުދާން ވެގެން އޮތްވާ ޝަކީބާ ބަލައި އައުމުން އޮންނާކަށް ނުކެރުނެވެ. ތިއާ އާއި ޒޯއީގެ ކުރިމަތީގައި މޭޒުގެ އަނެއްފަރާތުގައި ހުރި ދެގޮނޑީން ކުރެ އެއްގޮނޑީގައި ލުޖައިން އިނެވެ. ކޮޅުގައި ހުރި ގޮނޑީގައި ޝަކީބާ އެވެ. ކައިރީގައި ހުހަށް ހުރީ ޒަކްވާންގެ ގޮނޑިކަން ލުޖައިންއަށް ޔަގީން ވިއެވެ. ލޯރީ އެންމެންނަށް ތަށިތައް ކައިރިކޮށްދޭން އުޅެއެވެ. ކާން ފެށީއްސުރެ ޝަކީބާ އާއި ޒޯއީ އެމީހުންގެ އަމިއްލަ ޓީވީ ޗެނަލްގެ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ފަށައިގެން ކުރިއަށް ދިޔައެވެ. ތިއާ އެކަމާއި ރުޅިގަދަވެފައި އިނދެވެސް އަނގައަކުން ނުބުނެއެވެ. ލުޖައިންގެ އަރުން ކާއެއްޗެހި އެތެރެ ކުރަމުން ދިޔައީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ތަށީން އެތިކޮޅެއް ކެވުނުއިރު ފެންތަށި ހުސްވެއްޖެއެވެ.
"ލޫލޫ ކާގަޑީގައި ތިހާ ގިނައިން ފެންބޮންޏާ ކޯއްޗެއް ކެވޭނީ؟" ތިއާ މަންމަމެންގެ ވާހަކަ މެދުކަނޑާލަން އެފުރުސަތުގެ ބޭނުން ހިފިއެވެ. ޒޯއީ އާއި ޝަކީބާގެ ނަޒަރުވެސް ލުޖައިންއަށް ހުއްޓިއްޖެއެވެ. ލުޖައިން ބިރުން ހަލާކުވިއެވެ. ޒޯއީގެ ނަޒަރު އެމޫނަށް އެޅިފައި ހުރުމުން ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. އެންމެ ބައްދަލުވުމަކަށްފަހު އޭނާއަށް ޒޯއީ އެއީ ދެޔޯއަކަށްވުރެ ބިރުވެރި ފަރާތެއް ކަމުގައި ވެއްޖެއެވެ. "މިރޭވީއެއްނު އެންމެން ޝޮޕިންއަށް ދާން. ލުޖައިންއަށް ހެދުން ކޮޅަކާއި އެއްޗެހި ގަންނަން ޖެހޭ. އެންމެން އެއްކޮށް ދިޔައީމަ މަޖާވާނެ. ތިދެކުދިންނާއި މަންމަވެސް ބޭނުން އެއްޗެއް ފެނިއްޖެއްޔާ ގަނެލާނީ." ޝަކީބާގެ ވާހަކައިން އެންމެ އުފާވީ ތިއާ އެވެ. ޒޯއީ ހިތްހަމަނުޖެހިފައި އިނދެވެސް މަންމަގެ އަމުރަށް ބޯ ލަނބަން ވެގެން އެއްބަސްވިއެވެ. ތިއާ ޝޮޕިންއަށް ދާ ހިތުން ކެއުންވެސް އަވަސްކޮށްލިއެވެ.
ޒަކްވާން ގެއަށް އައީ އެންމެން ލިވިންރޫމްގައި ތިބެގެން ޒޯއީ ނިކުންނާނެ އިރަކަށް އިންތިޒާރު ކުރަނިކޮށެވެ. "ދަރިފުޅު ކިހިނެތް ތިއުޅެނީ؟ މިރޭ ކާކަށްވެސް ނާންނަމެއްނު. މިހާރު ދެން ތީ އާންމު ކަމަކަށް ވެއްޖެއެއްނު." ޝަކީބާ ތެދުވެފައި ވާހަކަ ފެށިތަނުން ޒަކްވާންގެ މޫނުން ފޫހިކަން ފެނިގެން ދިޔައެވެ. "ސޮރީ މަންމާ. ރައްޓެހި ކުއްޖަކު ދިމާވެގެން ކިޔަންފެށީމަ ކާންދެވުނީ." ޒަކްވާން މޫނުމައްޗަށް މޮޅިވެރި ކުލަވަރު ގެނެއްސައި ޝަކީބާގެ ފަރާތުން ސަލާމަތްވެގެން އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފިއެވެ. ލުޖައިންމެން އެތާ ތިބޭތާ ފަނަރަ މިނިޓްފަހުން ޒޯއީ ނިކުތީ ވަރަކަށް ހެދިލައިގެންނެވެ. ޒޯއީ ކައިރީގައި ހުއްޓާ އެހެންމީހަކު ނުވެސް ފެންނަ މިންވަރަށް ފަރިވެގެންނެވެ. "އަމިއްލަ ޓީވީ ޗެނަލްއެއްގެ ހިންގާ މަގާމުގައި ހުއްޓަސް މިވަރަށް ފޮނިބޮޑު ވާންވާނެތަ؟ ޕާޓީއަކަށް ނޫންވިއްޔަ މިދަނީ. މިދެން ބޮޑުވަރެއްނު. މަގޭ މޫނުގައި ހުރި ފުށްކޮޅު ހިނގައްޖެ މީނަގެ އިންތިޒާރުގައި އިންދާ." އެންމެން އެއްކޮށް ހިނގައިގެންފައި ތިއާ ލުޖައިންގެ ކަންފަތްދޮށުގައި އަމުނާލިއެވެ. ލުޖައިން ހިނިއަންނަން އުޅެފައިވެސް ޒޯއީ އެނބުރި ބަލައިލުމުން ހިނިގަނޑު ހިނދިއްޖެއެވެ.
ޝޮޕިންގައި އުޅުނު އިރު ލުޖައިންއަށް އެއްކަމެއް ފާހަގަވިއެވެ. ޒޯއީ ހަމަ ބޭނުން އެއްޗެއްވިއްޔާ ނަގައިދޭން ޝަކީބާ ހުންނަނީ ތައްޔާރުގައެވެ. އެއީ މުޅި ފިހާރަ ވިއަސް ރަނގަޅެވެ. އެކަމަކު ތިއާ ކޮންމެ އެއްޗެއް ދައްކާ އިރަށް ކޮންމެވެސް ބަހަނާއެއް ދައްކާފައި އެހެން ދިމާއަކަށް ފޮނުވާލައެވެ. ތިއާއަށްވެސް ހެދުން ނެގީ ޒޯއީ އަށް ކަމުދިޔަ އެއްޗެއްސެވެ. ލުޖައިން ފިހާރަ ތެރޭގައި ހޭކުނު ނަމަވެސް އެއްވެސް އެއްޗެއް އަމިއްލައަކަށް ނުނަގައެވެ. ޝަކީބާ ބުނެގެން ހެދުން ނެގީ ޒޯއީ އެވެ.
ގެއަށް އާދެވުނު އިރު އެގާރަ ޖަހަން އުޅެއެވެ. ލުޖައިން ހުރީ ވަރަށް ނިދި އައިސްފައެވެ. ރަށުގައި އުޅޭއިރު އޭނާ ނުވައެއް ޖަހާއިރު އޮންނާނީ ގަދަ ނިދީގައެވެ. ލުޖައިން ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް އެނދަށް ވެއްޓިގަތެވެ. ނިދެމުން ދަނިކޮށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ފުންމައިގެން ތެދުވިއިރު ތިއާ އެތެރެއަށް ވަންނަނީއެވެ. "ޔޫ އޯ މީ." ތިއާ ވަގެއްހެން ދެފަރާތަށް ލޯ ހިންގާލައިފައި ފޯންގެ އަތްގަނޑު ދިއްކޮށްލުމުން ލުޖައިން ފުރަތަމަ ހައިރާން ކަމުގައި ބަލަން އިނީއެވެ. "ދެން ވާހަކަ ދައްކަބަލަ. ހާދަ ސެކްސީ އަޑެކޭ. ހީވަނީ ދެންމެ ނިދާ ހޭލިހެން." ތިއާ އަނެއްކާވެސް ދިއްކޮށްލުމުން ލުޖައިން އަތްގަނޑުގައި ހިފާފައި ކަންފަތުގައި ޖައްސައިލިއެވެ. އަޑު ނިކުތީ ދެފަހަރަށް ހަލޯއޭ ބުނެގެންނެވެ. "ނިދީތަ؟" އާރިންގެ އަޑު ފޯނުން އިވޭއިރު ކުރިއަށްވުރެވެސް ފިރިހެންވަންތައެވެ. ލުޖައިންގެ ނާރުތަކުގައި ފިނިރާޅެއް ދުވެލިކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. "ނިދަން ވެގެން މިއުޅެނީ." ތިއާ އިނުމުން ލުޖައިންއަށް ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. ތިއާ އެނދުގައި ބަންޑުން އޮށޯވެ އެނދުމަތީ ދެއުޅަބޮށި ވިއްދާލައިގެން ލުޖައިންގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
"އާރީ ތިގޮތަށް ގުޅަނިކޮށް ބަސްޓް ވެދާނެ." ލުޖައިން ކަންބޮޑުވެފައި ހިތުގައި އޮތްގޮތަށް ބުނެލިއެވެ. ހަތަރު އަހަރުވާންދެން ހިފެހެއްޓި ސިއްރު ފަޅާއަރާފާނެތީ މިހާރުވެސް ލުޖައިން ބިރުގަނެއްޖެއެވެ. ތިއާގެ ހަރަކާތްތަކަށް ބަލައިފައި އެހާ ސިއްރު ހިފަހައްޓަން ފަސޭހަ ކުއްޖެއް ހެނެއް އޭނާއަކަށް ހިއެއްނުވެއެވެ. "ކަމްއޯން ލޫލޫ... އާ ވީ ޓުއެލް؟ ނޫން ދޯ....؟ ދެން ކޮބައިތަ މައްސަލައަކީ." އާރިން ހިތްހަމަނުޖެހުނުހެން ހީވެގެން ލުޖައިން ދެރަވިއެވެ. އާރިންގެ ހަޔާތް އެހާ ނާޒުކް ފައްތަރަކަށް ވެއްޓިފައި އޮތްވާ ދެރަކުރާކަށް ބޭނުމެއް ނުވެއެވެ. "އަހަންނަށް އިނގޭ ތީ ލުޖައިން ބޭނުން ވެގެން ބުނާއެއްޗެއް ނޫންކަން. އެހެންނޫންނަމަ އެންމެ ފުރަތަމަ ދުވަހުވެސް މިނަންބަރުން ނުގުޅީހެއްނު." އާރިން އޭގެ އަނެއްކޮޅު ދެއްކިއެވެ. "ސޮރީ." ލުޖައިން ދެރަވެފައި ހިމޭން އަޑަކުން އިއްވާލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އަހާފައި ތިއާ ފުންމައިގެން ތެދުވީ ލުޖައިންގެ އަތުގައި އޮތް ފޯނުވެސް ޖަހައިގެންފައެވެ. "ފޯނު ގެނެސްގެން ތިއާ ކާކަށް ތި ގުޅަނީ؟" ތިއާ އެވަރަކުން ފޮރުވައިގެން ހުއްޓާ ޝަކީބާ ބުނެލި އެއްޗަކުން އަނގަކޮޅު ހަޑިވިއެވެ. ލުޖައިން އިނީ ނޭވާ ހިފަހައްޓައި ލައިގެންނެވެ. "އެ ލޯރީ އަނގަ ގަނޑު ދޯ ބުނީ. ކޮބާ މަބުނީމެއްނު ފުރަތަމަވެސް ސުހާ ކައިރީ މިހާ ލަސްކޮށްފަ ނުގުޅާށޭ.. މަންމަ ހީކުރާނީ ފިރިހެންކުއްޖަކަށް ގުޅައިގެން އުޅޭ ކަމަށޭ. މާދަން ގުޅައިލި ނަމަވެސް ލަހެއްނުވާނެ." ތިއާ ފޯން ކަންފަތުގައި ޖަހާފައި އަމިއްލައަށް ވާހަކައެއް ހަދައިލުމަށްފަހު ކަނޑާލިއެވެ. ޝަކީބާގެ އަމުރަށް ކިޔަމަން ވުމުގެ ގޮތުން ތިއާ އިތުރަށް މަޑުނުކޮށް ނިދަން ދިއުމުން ލުޖައިން އަނެއްކާވެސް އޮށޯވެ ލޯމަރާލައިފިއެވެ.
ތަންމަތި ކިތަންމެ އަރާމުވެފައި ނިދަން ފަސޭހަވިއަސް ލުޖައިންއަށް އެރޭ ރަނގަޅަކަށް ނުނިދުނެވެ. އިރު އިރުކޮޅާ ހޭލެވިފައި ދެން ނިދެނީ އަނެއްކާ އެހާ އުނދަގުލުންނެވެ. ރަށުގެ ހަނދާންތަކަށް ވުރެވެސް ބޮޑަށް އާރިން އާއި މެދު ވިސްނުނެވެ. ނަތީޖާއެއްގެ ގޮތުން ހެނދުނު އެންމެ އަވަހަށް ތެދުވީވެސް ލުޖައިން އެވެ. އެނދުން ފައިބަން އުޅުމުގެ ތެރޭގައި މުށިތަކުގައި ފައިތިލަ ޖެހުމުން ލުޖައިން ތުރު ތުރު އަޅައިގަތެވެ. ފިނިކަމުން އެއީ ގަނޑުފެންގަނޑެއް ފަދައެވެ. ރަށުގައި އުޅުނު އިރު ފިނިފައިބާ ދުވަސްވަރު ހެނދުނު ތެދުވާއިރު ބިންގަނޑު އޮންނަ ގޮތްމަތިން ހަނދާންވިއެވެ. ދާދި ކައިރީގައި ބަހައްޓާފައި ހުރި ފިޔާތޮށިކުލައިގެ ކެހެރި ފައިވާން ލުޖައިންއަށް ފެނުނީ ދެނެވެ. ދެފިކުރެއްގައި އިނދެފައި ލުޖައިން ފައި އެލުވައިލަމުން އެފައިވާނަށް ފައި ކޮށްޕާލުމާއިއެކު އަރާމުވިވަރުން ހިނިތުންވެވުނެވެ.
ކޮޓަރިން ނިކުމެފައި ވަށައިގެން ވާ މާހައުލަށް ލޯ ހިންގައިލި ތަނާ ބަދިގޭގައި މީހަކު އުޅޭ އަޑު އިވިއްޖެއެވެ. ލުޖައިން ލައިގެން ހުރި އަތްދިގު މަތިކޮޅުގެ ދެއަތުގެ ކުރިއަށް ދަމާލައި އަތްތިލަވެސް ފޮރުވައިލަމުން އެދިމާލަށް ހިނގައިގަތެވެ. ދޮރާއި ހަމައިން ލުޖައިންއަށް ޝަކީބާ ފެނިގެން ހައިރާންވިއެވެ. ބަދިގޭގެ މަސައްކަތް ކުރަން ނޯކަރުން ލައިފައި ތިބޭއިރުވެސް ޝަކީބާ ހެނދުނު ތެދުވެ ބަދިގޭގައި އުޅޭތަން ފެނުމުން ގަބޫލުކުރަން ދަތިވިއެވެ. "ލުޖައިން! އާދޭ ކޮފީއެއް ބޯލަން." ޝަކީބާ ލުޖައިން ފެނިގެން ގޮވައިލާފައި ކޮފީމޭކަރުން ޖަގުނަގައި ދެމަގަށް ކޮފީއަޅައި ފުރާލިއެވެ. ލުޖައިން އައިސް މޭޒު ދޮށުގައި އިށިންފަހުން އައިސްއަލަމާރިން ކިރު ޕެކެޓް ނަގައި ކިރު އަޅާފައި ޝަކީބާ ލުޖައިންއަށް އެއް މަގު ދިއްކޮށްލިއެވެ. ލުޖައިން މަގުގައި ހިފާފައިވެސް ބޯން ނުކެރިދާނެތީ ފުރަތަމަ ބަލަހައްޓައިގެން އިނީއެވެ. "ރޭގައި ނިދުނުތަ؟ ތަން ބަދަލުވީމަ ގިނަ ކުދިންނަށް ފުރަތަމަކޮޅު ނިދަން ވަރަށް އުދަނގޫވާނެ." ޝަކީބާ މޭޒުމަތީ އޮތް މެގަޒިންއެއްގެ ގަނޑުތައް އުކަމުން އެހާ މީރުކޮށް ކޮފީމަގުން ފޮދުވަރުތައް އަނގައަށް އެތެރެކުރަމުން ދިޔަ މަންޒަރު ދެކެފައި ލުޖައިންވެސް މަގު ހިއްލާލައިފިއެވެ.
އާވިއަރަމުން ދާއިރު އެމަގުން ދުވާ ހިތްގައިމު ވަސްވެސް އޭނާ އިތުރަށް ދަހި ކުރުވިއެވެ. "ކުޑަކޮށް އުދަނގުވި. އެކަމަކު ނިދުނު." ލުޖައިން ކޮފީތަށީގައި ތުންޖެހިހެނެއް ހިއެއްނުވެ އެއަށްވުރެ އަވަހަށް ދުރުކޮށްލައިފިއެވެ. ހީވީ ދޫމައްޗަށް އަނގުރު އަލިފާންކޮޅެއް އަޅައިލިހެންނެވެ. އެހާ ހޫނުކޮށް ހުއްޓާ ލުޖައިންއަށް ބޯލެވުނީ ބޮޑު ކޯވަރެކެވެ. ލުޖައިން ފާޑަކަށް އަނގަ ހަދާލައިފައި ވެސް ކޮފީ ކޯވަރު ބޭރުވިޔަނުދީ ދިރުވައިލިއެވެ. އެކަމަކު އިރުކޮޅެއް ވީއިރު ދުލުގެ ވަކި ތަންކޮޅެއްގައި އާދަޔާ ހިލާފް އިހްސާސެއް ހުރުމުން ދޫ ފިހުނީކަން އެނގުނެވެ. އެވަގުތު ބޭރުން ފިޔަވަޅުގެ އަޑު އަހާފައި ލުޖައިން އެނބުރިފައި ދޮރާއި ދިމާއަށް ބަލައިލިއެވެ.
އަތްކުރު ހުދު ޓީޝާޓް ކޮޅަކާއި ހަރުވާޅެއްގައި ޒޯއީ ވަދެގެން އައިއިރު މުޅިކުއްޖާ ހުރީ ދާހިއްލައި ފޯވެފައެވެ. އިސްތަށިގަނޑު މައްޗަށް އައްސާފައި އޮތްއިރު ހެޑްސެޓް ކަންފަތަށް ޖަހާފައެވެ.
ލުޖައިން ކަންބޮޑުވެފައި އިންދާ ޒޯއީ ބަލައިވެސް ނުލާ ވަދެގެން އައިސް ފްރިޖް ހުޅުވާލައިފައި ފެންފުޅިއެއް ނަގައިގެން ބޯން ފެށިއެވެ. ލުޖައިން ހީކުރި ގޮތާއި ހިލާފަށް އެގޭ މީހުންނަކީ ހެނދުނު މާއިރާ ތެދުވެ މަސައްކަތް ފަށައިގަންނަ ބައެއްކަން ވިސްނުނީ އެހިސާބުންނެވެ. ޒޯއީ ކޮންމެ ދުވަހަކު އޮފީހަށް ދިއުމުގެ ކުރިން ޓްރެޑްމިލްއަށް އަރައިގެން ދުވެއެވެ. އެހަށިގަނޑު އެހާ ރީތިވެފައި އަބަދު އެއްވަރަކަށް ހުންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. މަސައްކަތަށް އޭނާ އެހުންނަ ޝައުޤެކޭ އެއްފަދައިން ކެއުން ބުއިމާއި ކަސްރަތަށް ވެސް އެހާ ސަމާލުކަން ދެއެވެ. ޒޯއީ ހެނދުނު ސަޔަށް ބޭނުންވާ އެއްޗެހީގެ ލިސްޓް ކިޔައިދީފައި ނިކުމެގެން ދިޔައީ އަނެއްކާވެސް ލުޖައިން ކައިރިން އަޅާފައެވެ. ލުޖައިންއަށް އެހުރިހާއިރު އިނދެވުނީ ނޭވާ ހިފަހައްޓާލައި ގެންނެވެ.
ލޯރީ ހޭލައިގެން އައިސް ބަދިގެއަށް ވަދެފައި ޝަކީބާ އާއި ދެމީހުން ވެގެން ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން ފެށުމުން ލުޖައިން ހިހޫވެފައި ހުރި ކޮފީތަށިން އެއްބައި ބޯލައިފައި އަނެއްބައި ގެންގޮސް ސިންކަށް އަޅައިލިއެވެ. އެދެމީހުންނަށް އަތްގާތްކޮށްދޭން ބޭނުން ވިއަސް ބަދިގެ ތެރޭގައި ބޭނުން ކުރާ އެކައްޗެއްގައި ވެސް އަތްލާން ނޭނގިގެން ކާމިޔާބު ވާގޮތެއް ނުވިއެވެ. ލުޖައިން ދެން ކުރާނޭ ކަމެއް ނޭނގިފައި ހުއްޓާ ޝަކީބާ އެދުނީ ތިއާ ހޭލައްވަން އެކޮޓަރިއަށް ގޮސް ދިނުމަށެވެ. ލުޖައިން ހިޔާލެއްގައި ހުރެގެން އެކޮޓަރިއަށް ވަންނަން ދިޔަ ދިއުމުގައި ޒޯއީ ކޮޓަރިއަށް ކަޅިއެއް އެއްލުނީ ދޮރު ހުޅުވާފައި ހުރެގެންނެވެ. އެވަގުތު ލުޖައިންގެ ދެލޯ ބޮޑުވެ ތަލިން ކުޅު ހިކުނެވެ. ދޮރުފަތް ކަހާލާފައިވާ ހެދުން އަލަމާރިވެސް ކުޑަވަރެއްގެ ފިހާރައެއް ފަދައެވެ. މެދުން އެކަކަށް ހިނގޭވަރަށް ހުސްތަން އޮވެފައި އެއްފަރާތުގައި އެއްކޮށް ކޮނޑުގައި އަޅުވާފައިވާ ހެދުންތަކުން ފުރިފައެވެ. އަނެއްފަރާތުގައި ހުރި ގޮޅިތަކުގައި ފަތްޖަހާފައިވާ އެހެން އަންނައުނާއި ދަބަސްތައް ހުރެފައި އެންމެ ތިރީބައި އެއީ ޒޯއީ ފައިވާން ހަރެވެ. ޔަގީނުންވެސް ތިރީހަކަށް ފައިވާނާއި ބޫޓު ހުންނާނެއެވެ. ތިއާ ބުނިހެން އެއީ ގޭގެ ރާނީ ކަމަނާއޭ ލުޖައިން ހިތަށް އެރިއެވެ. އެކޮޓަރީގެ ފަރުނީޗަރތައްވެސް އެހެން ހުރިހާ ތަނެއްގައި ހުންނަ އެއްޗެއްސާއި ނުބައްދަލެވެ.
ލުޖައިން އާޝޯހުވެފައި އެކޮޓަރިއަށް ބަލަން ހުންނަތާ އިރުކޮޅެއް ފަހުން ޒޯއީ ފާޚާނާއިން ނިކުތްތަން ދެކެފައި އަވަސް އަވަހަށް ފަހަތަށް ޖެހިގަތް އިރު ޖޯޒީ އާއި ޓެނިހުގައި ފުޓްބޯޅަ މެޗަކަށް ތައްޔާރުވެފައި ހުރި ޒަކްވާން ކޮޓަރިން ނިކުމެގެން އައިސް އެހިސާބާއި އަރާ ހަމަވަނީއެވެ. އެވަގުތު ލުޖައިން އައިސް ޖެހުނީ ޒަކްވާންގެ ގައިގައެވެ. އިސްޖަހައިގެން ފޯންގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އައިގޮތުން ޒަކްވާންއަށްވެސް އެ ކުޑަ އެކްސިޑެންޓުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. ލުޖައިންގެ އަނގައިން ނިކުތް ތޫލި ހަޅޭކުގެ އަޑާއިއެކު ވެއްޓެންދިޔަ އެހަށިގަނޑު ހިފަހައްޓަން ޒަކްވާން ތެޅިގަތީ ތަޅުންގަނޑުމަތީ ޖެހެން ދިޔަ ފޯނުވެސް ދޫކޮށްލައިފައެވެ. ބަދިގެއިން ނިކުމެގެން ހަރުކޮށް ހިނގާފައި އައި ޝަކީބާ އާއި ޒޯއީ އަށް ފެނުނު އިރު ލުޖައިން އޮތީ ޒަކްވާންގެ އަތްދަނޑިމައްޗަށް ހުރަސްވެފައެވެ.
ލުޖައިން ދެލޯ މަރައި ތަގުޅިކޮށްގެން އޮވެ ތަކުރާރުކޮށް ތިންފަހަރު މަތިން ﷲއަށް ހަމްދުކުރި ފަހުން ޒަކްވާން ލުޖައިން ތެދުކޮށްލާފައި އަމިއްލަ ހާލަށް ދޫކޮށްލިއެވެ. އެވަގުތު ލުޖައިން އެކަކަށްވެސް ބަލައިލުމެއްނެތި ވައިރޯޅިއެއްހެން ގޮސް ފިލައިފިއެވެ. ޒަކްވާން ގުދުވެފައި ފަޅިފަޅިވެފައިވާ ފޯންގެ ބައިތައް ހޮވައިގެން ހިނގައި ގަތުމުން ޒޯއީ ވެސް ތުން އަނބުރައިލާފައި އަނެއްފަރާތަށް އެނބުރިއްޖެއެވެ. ހުރިހާ ކުދިން ގޮސް ހުސްވިފަހުން ޝަކީބާ އެތަނުގައި ހުރެފައި އަމިއްލަ އަމިއްލައަށް ހިނިތުންވެލިއިރު އަދިވެސް ސިކުނޑިއަށް އަރާފައި ހުރީ ދެންމެ ފެނުނު އެކްސިޑެންޓްގެ ތަސްވީރެވެ. އެކުޑަ އެންމެ ހާދިސާއަކަށްފަހު ދާދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާ އެތައްކަމެއް ރާވައި ނިންމައިފިއެވެ.