ލުޖައިން އެކުރި ކަމަކުން އާރިންއަށް ހައްތަހާ ދުވެލި ބާރުކޮށްލެވުނީއެވެ. ބިރުން ގޮސް ފިނިވެފައިވާ ދެއަތްތިލައިން އުނަގަނޑު ވަށާލައިފައި އަދި އާރިންގެ ބުރަކަށީގައި ބޯ ޖައްސާލައިގެން ލުޖައިން އިނީ ލޯވެސް މަރައިގެންނެވެ. ނޭވާ ލެވުނީ މަރުވާން ކައިރިވެފައި ވަނިކޮށެވެ. ލޯބިވެރިޔާގެ އެހާ ކައިރީގައި އިނދެ އެހަށިގަނޑުން އަރަމުން އައި ސެންޓްގެ ވަސް އިހްސާސް ކޮށްލަން ލިބުނީމައިވެސް ހަމަޖެހުމެއް ނުލިބުނު ތާގައި ރަނގަޅަށް އެކަން އިހްސާސް ނުވިއެވެ. ރަށުގައި އެހުރިހާ ދުވަހު އުޅެފައި އެންމެ ފަހަރަކުވެސް ސައިކަލެއްގެ ފަހަތަށް ނާރައި އައިސް ފުރަތަމަ ތަޖުރިބާ މިފަދަ ގޮތަކަށް ދާނެކަމެއް އެނގޭނީ ކިހިނެތް ހެއްޔެވެ؟ "ރިލޭކްސް ލުޖައިން. އެންޖޯއި ޔޯސެލްފް. މިދަނީ ރައިޑަކަށް. ގެއްލުމެއް ދޭކަށް ނޫން." އާރިން އެހެން ބުނެލި އިރު ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. "ކިހިނެތް ރިލޭކްސް ވާނީ އާރީ. ހާދަ ބިރެއްގަނެއޭ އެބަ. ދުވަހަކުވެސް ސައިކަލަކަށް ނާރަން މިނޫނީ..." ލުޖައިންގެ ލޮލުން ފައިބަން ފެށި ކަރުނައިން ބުރަކަށި ތެމެން ފެށުމުން އާރިންއަށް ބުރަކި ޖައްސާލެވިއްޖެއެވެ. ކިތަންމެ ވަރަށް ހިތް ހަރުކޮށްލައިގެން އުޅުނަސް ބައެއް ފަހަރަށް މަޑު ފުށްކޮޅަކަށް ވެގެންދެއެވެ.
އާރިން ފައިބާފައި ލުޖައިންގެ ހިމަހިމަ އުނަގަނޑުގައި ދެއަތުން ވަށާލައި އުފުލައިލައިގެން ތިރީގައި ބަހައްޓައިފިއެވެ. ލުއިކަމުން ދޫނިފަތެއް ފަދަ ކުއްޖެކޭ ހިތަށް އެރިއެވެ. މަގުގެ ދެފަރާތުގައި ޖަހާފައިވާ ލައިޓްތަކުގެ ހުދު އަލި އެޅިފައިވުމުން ލުޖައިންގެ މޫނު މާބޮޑަށްވެސް ހުދު ކަމަށް ދައްކައެވެ. "އާރީއަށް މަޖާތަ ވަނީ އަހަރެން ބިރުގަތީމަ؟ ތީ ކޮންކަހަލަ އިންސާނެއް؟" އާރިން ބަލަހައްޓައިގެން ހުރެލާފައި ލާނެތް ހިނިތުންވުމެއް ވެރިކުރުމުން ލުޖައިން އައީ އަލިފާން ކަހަލަ ރުޅިއެކެވެ. މޭގައި ދެއަތުން ތަޅައިގެންފައި ދުވެފިލަން ބޭނުންވިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނާއަކީ އާރިންގެ އަޅެއްފަދަ ކުއްޖެއްކަން ހަނދާންވެފައި ބާރަށް ރޮވިއްޖެއެވެ. ލުޖައިން އަވަސްއަވަހަށް މޫނުގައި ދެއަތް އަޅާފައި ބާރުބާރަށް ގޮސް މަގުގެ އެއްފަރާތުގައިވާ ފިތުރޯނު ގަސްތަކުގެ ތެރެއަށް ވަދެ ފޮރުވުނެވެ. އަނދިރި ދެކެ އެހާ ބިރުގަންނަ އިރުވެސް މިފަހަރު ކަރުނަ އޭގެ މައްޗަށް ފަތަޚަ ހޯދައިފިއެވެ.
އާރިން ސައިކަލު މަތީގައި ހަމަޖެހިލައިގެން ލުޖައިން ނިކުމޭތޯ އިނެވެ. ކައިރިއަށް ގޮސްގެން އޯގާތެރިކަން ދައްކައިފިއްޔާ އިތުރަށް އަޑުގަދަ ކޮށްލާނެކަން އާރިންއަށް ވިސްނުނީ ކަންނޭނގެއެވެ. "ލުޖައިން. ގަސްތަކު ތެރޭގައި ޖިންނި އުޅޭނެ." އާރިންނަށް އިތުރަށް ކެތްނުވެގެން ގޮވައިލިއެވެ. "މިރޭގަނޑު އަހަރެން ލައްވާ ފީކޮއި ކުޅުވަންތަ ތިއުޅެނީ؟" ހިލަމެއް ނުވެ ގިނައިރު ވާން ފެށުމުން އާރިން އައިސް ގަސްތަކުތެރެ ބަލައިލާފައި ލުޖައިން ނުފެނިގެން ބުނެލިއެވެ. ލުޖައިން އެވަރުންވެސް ޖަވާބެއް ނުދިނެވެ. ރުއިމުގެ އަޑު ކެނޑިފައި ވިއަސް އިރުއިރުކޮޅާ ކަރުނަ ފުހެލައެވެ. ލުޖައިން ސިއްރުން ހުރެ ބަލަން ބޭނުންވީ އާރިންގެ ހިތުގައި އަދިވެސް އޭނާއަށް ޓަކައި މަޤާމެއް ވޭތޯއެވެ. އޭނާއަށް ޓަކައި އާރިން ކަންބޮޑުވެ ހާސްވޭތޯއެވެ. ލުޖައިން ކަޅުހެދުމެއްގައި ހުރެފައި އެހާ ހިކިވީމައި ހޯދަންވެސް ނުހަނު އުދަނގުވާނެއެވެ.
"އޯލްރައިޓް. ލުޖައިން ތަރިތަކުގެ ދަށުގައި ނިދަން ގަސްތުކޮށްފައި ވަންޏާ އައިލް ލީވް ޔޫ. އެކަމަކު ގަސްތަކުތެރޭ އުޅޭ ޖިންނިތަކަށް ރިގާޑްސް ރައްދު ކޮށްދޭން ވާނެ." އާރިން ސައިކަލާއި ދިމާއަށް ހިނގައިގެންފައި ދެފަހަރެއްގެ މަތިން އެނބުރި ބަލައިލިއެވެ. ލުޖައިންގެ ހިތް އޮބި ނޯންނަވަރަށް ތެޅިގަތުމާއިއެކު ވަށްކަޅިން ހޯދައިލެވުނެވެ. ހަޤީޤަތުގައިވެސް އެތާ ޖިންނީން އުޅޭ ކަމަށްވަންޏާ ހަދާނީ ކިހިނެއް ހެއްޔެވެ؟ "ގުޑްނައިޓް" އާރިން ސައިކަލު ސްޓާޓްކޮށްފައި ދުއްވާލައިފިއެވެ. އެތަން ފެނިގެން ލުޖައިންގެ މޭގަނޑު އަނގައަށް އަތުވެއްޖެއެވެ. ބާރު ބާރަށް ހަޅޭތްލަވައިގެންފައި އޭނާ ސައިކަލުގެ ފަހަތުން ދުއްވައިގަތެވެ. އާރިން އިވޭކަމަށްވެސް ނުހަދައި ދުވެލި އިތުރުކޮށްލާފައި ބާރުބާރަށް ގޮސް އޮބާލައިފިއެވެ.
"އާރީ ހަމަ ރަނގަޅަށްވެސް އަހަރެން ދޫކޮށްލާފައި ދިޔައީތަ؟" ލުޖައިން ހުއްޓިފައި އާރިން ގޮސް އޮބައިލި ދިމާއަށް ބަލަން ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. އެކަނި ހުއްޓާ ޕާޓޭން ތަކަކަށް ފެނިގެން އޭނާ ގެންގޮސް ރޭޕްކޮށްފިއްޔާ ހަދާނީ ކިހިނެތް ހެއްޔެވެ؟ ލުޖައިންގެ މޭގަނޑު ތުރު ތުރު އަޅައިގަތުމުން ދެއަތް މުށްކަވާފައި ހިތާއި ދިމާލުގައި ޖައްސައި ބާރުކޮށްލެވުނެވެ. ޖިންނި ޝައިތޯނުންނަށްވުރެ އެމީހުންގެ ނުރައްކާ ބޮޑުވާނެކަން ގައިމެވެ. ލުޖައިން މަގުމެދުގައި ހުންނަން ނުކެރިގެން އެއްފަރާތަކަށް ޖެހިލަން އުޅެނިކޮށް ގަސްތަކު ތެރެއިން އަންހެން ކުއްޖަކާއި ފިރިހެންކުއްޖަކު ނިކުތެވެ. އެކުދިންނަށް ލުޖައިން ފެނުނީވެސް ތޫލި އަޑަކުން ހަޅޭތްލަވައި ގަތުމުންނެވެ. އެމީހުން ބަލައިލި އިރު ލުޖައިން އޮތީ ވެއްޓިފައެވެ. ގަސްތަކު ތެރެއިން ނިކުތީ ޖިންނި ޖޯޑެއް ކަމަށް ހީވެގެން މާބޮޑަށް ބިރުގަތީއެވެ. އެދެކުދީން އެކަކު އަނެކަކަށް ބަލައިލާފައި ދުވެފައި ގޮސް ލުޖައިން ކައިރިއަށް ހުއްޓުނު ފަހުން އާރިންގެ ސައިކަލު އައިސް އެތަނަށް މަޑުކޮށްލައިފިއެވެ.
އެނިވަރސަރީ ފާހަގަ ކުރާކަން ތިއާއަށް އެނގުނީ އަށެއް ޖަހަން ކައިރިވެފައި ހުއްޓައި ޒޯއީ ބުނީމައެވެ. ތިއާ އަނގަ ގަދަވެގެން ޝަކީބާ ކައިރީ ބުނެފާނެއޭ ކިޔާފައި ގަސްތުގައި ސިއްރު ކުރީއެވެ. ޚަބަރު ލިބުމާއެކު ތިއާ ފުރަތަމަވެސް އަލަމާރި ހާވަން ފެށިއެވެ. އޭރު މާގިނަ ވަގުތެއްވެސް ނެތެވެ. ތިއާ ފެންވަރައިގެން ނިކުމެ ތުވާލިގަނޑާއެކު ހުރިހާ ހެދުމެއް ގެނެސް އެނދުމައްޗަށް އަޅާލައިގެން ފަހަރަކު ހެދުމެއް ނަގައި ގައިގައި ޖައްސައިލަމުން ލޯގަނޑަށް ކަޅިއެއް އެއްލައެވެ. މީގެ ކުރިން ދުވަހަކުވެސް އެފަދަ ކަމެއް ދިމާވެފައި ނުވާ ތިއާއަށް ލާން ކަމުދާ ހަމަ އެންމެ ހެދުމެއްވެސް ނުފެނުނެވެ. ސުހާ އައީ ތިއާ ތުންކޮޅު އޫކޮށްގެން އެނދުމަތީ އިންދައެވެ. ދޮރު ހުޅުވި އަޑަށް ފުންމައިގެން ތެދުވެފައި ސުހާ ފެނިގެން އޭނާ ހަމަޖެހިލިއެވެ. ވެގެން އުޅޭގޮތް ސާފުވުމުން ސުހާ ފުރަތަމަ ފެށީ ހޭށެވެ. "ހާދަ ވަރަކަށް ފަރިވާން ތިއުޅެނީ ކާކަށް ދެއްކެން؟" ތިއާ އީތަން އާއި ބެހޭގޮތުން އެއްވެސް ކަމެއް ހާމަކޮށްފައި ނެތަސް ސުހާ ދެނެގެންފިއެވެ. "ކޮބާ އާރިން؟" ތިއާ ކުރީ އަދި މުޅިން އެހެން ސުވާލެކެވެ. "އާރީ ގޭގަ ވީ." ސުހާ އައިސް އިށީންދެފައި ހެދުންތައް ހާވައިގެން ރަތްކުލައިގެ ހެދުމެއް ނަގާފައި ތެދުވެގެން ގޮސް އަލަމާރީގެ ވަތްގަނޑެއް ހުޅުވާފައި ހުދުކުލައިގެ ހިމަ ބެލްޓެއް ދައްކައިލިއެވެ.
"ސީރިއަސްލީ؟" ތިއާ އަނގަޔަށް އިނގިލި ލައިގެން ހުރެފައި އަހާލިއެވެ. "ލައިގެން ނިކުމެބަލަ." ސުހާ ތިއާގެ ކޮނޑުމަތީ ހެދުމާއި ބެލްޓް ބާއްވާފައި ބުރަކަށީގައި އަތް އަޅާފައި ފާޚާނާ އާއި ދިމާއަށް ކޮށްޕައިލިއެވެ. ތިއާ ނިކުންނަން ވާއިރަށް ސުހާ އަލަމާރިން ގަހަނާ ސެޓަކާއި ހުޅިގަނޑުގައި ހަރުކޮށްލަން ހުދު މަލެއްވެސް ހޯދައިފިއެވެ. ތިއާ ހެދުންލައިގެން ނިކުތްތަނާ ސުހާ ގޮސް ތިއާގެ އަތުގައި ހިފައިގެން ޑްރެސިންޓޭބަލް ކުރިމަތީ ބައިންދާފައި ހިތްހަމަ ޖެހޭންދެން ރީތިކޮށްލައިފިއެވެ. ތިއާ ތުންފަތުގައި ރަތް ލިޕްސްޓިކް އުނގުޅާލަން އިންދައި ސުހާ ތިރިވެފައި ހުދު ހީލްއަކަށް އަރުވައިދިނެވެ. ހަމަ އިސްކޮޅަށް ތެދުވެފައި ލޯގަނޑަށް ބަލައިލުމުން ތިއާ އަމިއްލައަށްވެސް ލަދު ގަނެއްޖެއެވެ. އުމުރުންވީ ސޯޅަ އަހަރު ތެރޭގައި ދުވަހަކުވެސް މިހާވަރަށް ފަރިވި ހަނދާނެއް ނެތެވެ. "ސުހާ ނުދާނަންތަ ޕާޓީއަކަށް. ހިނގާބަލަ ދާން. މިއަދު މަމް އެން ޑޭޑްގެ ރިހިޔޫބީލްއޭ." ތިއާ އަނެއް ފަރާތަށް އެބުރިފައި ސުހާގެ އަތުގައި ހިފާ ދަމައިލިއެވެ. ދެކޮޅު ހަދަން ނުކެރިގެން ސުހާ އެއްބަސްވިއެވެ. ޒޯއީ ބުނެފައިވާ ގޮތަށް ދެއަންހެން ކުދިން ކޮޓަރިން ނިކުމެގެން ޓެރެސްއަށް ހިނގައްޖެއެވެ.
"ބައްޕާ!" ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އަހާފައި ހަރަކާތެއް ނުގެނެސް އޮތް ޒާހިދުގެ ކަންފަތުގައި ޒޯއީގެ އަޑު ޖެހުމުން މަގަތަށް އެނބުރެވިއްޖެއެވެ. ޒޯއީ ވިލު ނޫކުލައިގެ ހެދުމެއްގައި ރީތިވެލައިގެން ހުރިއިރު ހަވައިން ބިމަށް ތިރިކޮށްލާފައިވާ ޕަރީއެއް ފަދައެވެ. ޒާހިދުގެ ހިތުންވެސް އަންހެން ދަރިފުޅަށްޓަކައި ތައުރީފު އޮހިގެން ދިޔައެވެ. އެކަމަކު ޒޯއީ އެއީ ޝަކީބާ އެއުމުރުގައި ހުރި ސިފައަށް ވުމުން ބޭނުން ނުވިއަސް އެސޫރަދެކެން ރުޅި އާދެވެނީއެވެ. ޒާހިދު އެއްޗެއް ނުބުނެ ބަލަން އޮތުމުން ޒޯއީ އައިސް ކައިރިވެލާފައި އަތުގައި ފިރުމައިލިއެވެ. "ބައްޕާ. އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު އެދެން." ޒޯއީގެ އަޑުގައިވި އާދޭހަކުން ޒާހިދުގެ ހިތް ތެޅިލައިފިއެވެ. ޒޯއީ އެގޮތަށް ފެންކަޅިވެފައިވާ ލޮލަކުން ބަލަން ހުރެގެން އެދެފި އެއްވެސް ކަމަކަށް ދެކޮޅު ނުހެދިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. "މިއަދު ބައްޕަ އާއި މަންމަގެ ކައިވެންޏަށް ފަންސަވީސް އަހަރުވުމުގެ މުނާސަބަތުގައި ޕާޓީއެއް ބާއްވަން މިއުޅެނީ." ޒޯއީގެ ޖުމްލަ މުޅިން ފުރިހަމަ ނުވަނީސް ޒާހިދުގެ މޫނުން ފޫހިކަން ފެނިގެން ދިޔައެވެ.
"ބައްޕާ. އަހަރެންގެ އުމުރުން އެގާރަ އަހަރުން ފެށިގެން މިއުޅުނީ ހަމައެކަނި މަންމަގެ އަޅާލުން ލިބިގެން. އެދުވަހުން ފެށިގެން ބައްޕަ ތިއޮންނަނީ މިކޮޓަރީގައި. ކިތަންމެ ވަރަށް އެދިގެންވެސް ބައްޕަ އަހަރުމެންނާއި ބައިވެރިވެގެން ބޭރަށް ނިކުންނާކަށް އެއްބަހެއް ނުވި. އެހެންވެ އަހަރެން އެހިޔާލު ދޫކޮށްލީ. ބައްޕަ ބޭނުން ނުވާ އެއްވެސް ކަމަކަށް ނޭދެން ހުވާ ކުރިން. އެކަމަކު އޭގެފަހުން ބާރަ އަހަރު ފާއިތުވުމަށްފަހު މިއަދު އަނެއްކާވެސް އަހަރެން މިއައީ ބައްޕަ ކައިރިން ހަމައެންމެ ކަމަކު އެދެން. ބައްޕާ ހަމައެކަނި އަހަންނަށް ޓަކައި މިޕާޓީގައި ބައިވެރި ވެދީ. މަންމަ އަހަރުމެންނަށް ޓަކައި އެކަނިމާ އެކަނި އުފުލި ބުރަތަކުގެ އަގަކަށް އަހަރެންނަށް ދޭން ލިބޭނެ އެންމެބޮޑު ހަދިޔާއަކީ ބައްޕަގެ ބައިވެރިވުން. ހެޔޮނުވާނެ ބައްޕާ. އަހަރެންގެ މިއެދުން ފުރިހަމަކޮށްދީ! އާދޭސްކުރަން." ޒޯއީ ވާހަކަދައްކަމުން ޒާހިދުގެ އަތުގައި ހިފާފައި ޓައިލްސްމަތީ ދެކަކޫ ޖަހައިލެވުނު އިރު ރޮވިއްޖެއެވެ. އެދެލޮލުން ހޯސްލާފައި ފައިބަންފެށި ބޮޑެތި ކަރުނަތިކިތަކުން ޒާހިދުގެ ހިތަށްވެސް އަސަރު ކޮށްލައިފިއެވެ. ހިތާއި ދެކޮޅަށް ނަމަވެސް ޒޯއީގެ އެދުން ފުރިހަމަކޮށްދޭން ހިތް ގޮވައިލީ ރޮއިފައެވެ.
"ދެން ނުރޮއެ ދަރިފުޅާ. ބައްޕަ ތި ޕާޓީގައި ބައިވެރި ވާނަން." ޒާހިދު ކުރެހިފައިވާ އަޑަކުން އެހެން ބުނެލުމާއެކު ޒޯއީ ރޮމުން ހީގެންފައި ބައްޕަގެ އަތްތިލައިގައި ބޮސްދީފިއެވެ. ޒާހިދު އަދިވެސް ބޮޑަށް އަރިވެލާފައި އަނެއްއަތުން ޒޯއީގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
ޒޯއީ ތެދުވެފައި ލޯގަނޑު ބަލަން ހުރެގެން ޓިޝޫއަކުން ކަރުނަތައް ސާފުކޮށްލިއެވެ. ހިނިތުންވުމަކާއިއެކު ދުވެލާފައި ގޮސް ފުރޮޅުލީ ގޮނޑި ގެނެސް ބަހައްޓާފައި ޒާހިދުއަށް އެހީވެގެން އޭގައި ބޭންދިއެވެ. އަދި އަލަމާރި ހުޅުވާފައި ޕާޓީގައި ލާން އެންމެ އެކަށޭނަ ރީތި ގަމީހަކާއި ފަޓުލޫނެއް ނަގައިގެން ގޮސް ބޭރަށް ބޯ ދިއްކޮށްލާފައި އައެވެ. ޒޯއީގެ އިޝާރާތަކަށް ބަލަން ދޮރުކައިރީ ހުރި އީތަން އައިސް ވަދެފައި ޒާހިދުގެ ފަޓްލޫނު ބަދަލުކޮށް ދިނުމުން ޒޯއީ ފުރަގަސްދީގެން ހުރެފައި އައިސް ގަމީސް ލައްވައިފިއެވެ. ފަންސާހާއި ގާތްވެފައިވާއިރުވެސް ފުދޭވަރަކަށް ވަރުގަދަކޮށް ހުރި ބައްޕަގެ އިސްތަށިގަނޑުވެސް ރީތިކޮށް ފުނާ އަޅައި ތައްޔާރު ކޮށްދިނެވެ. ޒޯއީ އެމަސައްކަތުގައި އުޅުނު އިރު އާދަޔާ ހިލާފް ވިދުމެއް އެމޫނުގައި އެކުލެވި ރީތިކަން އިތުރުވެފައިވާތީ އީތަންއަށް ފާހަގަވިއެވެ.
ނިއްކުރިމަތީގައި އަތް ބާއްވާލައިގެން ޝަކީބާ އޮންނަތާ އިރުކޮޅެއް ވެއްޖެއެވެ. ހެނދުނުއްސުރެ އޭނާ ހުންނަނީ ފާޑަކަށެވެ. ދުވަހުގެ ގޮތުން މާބޮޑަށް މާޒީ ހަނދާން ވަނީއެވެ. ޝަކީބާ އެހެން އޮވެފައި އެއްލުނު ކަޅިއަކުން ފާރުގައި ހަރުކޮށްފައިވާ ބޮޑު ފޮޓޯ ލޯގަނޑުގައި އަޅައިގަތެވެ. ޝަކީބާއަށް ތެދުވެވުނީ އިޚުތިޔާރަކާ ނުލައެވެ. އެފޮޓޯ ލޯގަނޑު ކިތަންމެ ބޮޑަސް މީގެ ކުރިން ލޮލުގައި އަޅައިގަންނަނީ މަދު ފަހަރަކުއެވެ. ޝަކީބާ އެނދުން ތިރިއަށް ދެފައި އެލުވާލައިގެން އިނދެފައި އިރުކޮޅަކުން ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. ވަތްގަނޑު ހުޅުވައިގެން ބޮޑު އަލްބަމްއެއް ނަގާފައި އައިސް ޓޭބަލް ލައިޓް ދިއްލާއިގެން ގޮނޑީގައި އިށީންދެއްޖެއެވެ. ފުރަތަމަ، ކައިވެނީގެ ދުވަހު ނަގާފައިވާ ފޮޓޯތަކަށްފަހު ޝަކީބާގެ ނަޒަރު ހުއްޓުނީ ކައިވެންޏަށް އަހަރެއް ވެގެން ގޭގައި ބޭއްވުނު ޕާޓީގެ ފޮޓޯތަކެވެ. ޒާހިދު އެންމެންނަށް ދެއްކުންތެރި ހިނިތުންވުމެއް ދައްކާފައި ޕާޓީ ނިމުނުގަޑީގައި އެރޭވެސް ގެއްލުނީއެވެ. އިއްތިފާޤަކުން ޒާހިދު ކާރުގައި ނައްޓާލިތަން ޝަކީބާއަށް ފެނިގެން މަގުމައްޗަށް ނިކުމެފައި ޓެކްސީއެއްގައި އެކާރަށް ފާރަލަމުން ގޮސް ބަނދަރާއި ކައިރިކޮށްލި ފަހުން ހިތް ތެޅެންފެށީ ބިރުގަންނަހާ ބާރަށެވެ. ޒާހިދު ދަބަހާއެކު ލޯންޗެއްގައި ނައްޓައިލިތާ ދެގަޑިއިރު ފަހުން ލޯންޗް އެނބުރި އަންނަން ދެން ޝަކީބާ ހުރީ އެތާގައެވެ. ސުވާލު ކޮށްލުމުން އެލޯންޗް ދިޔައީ ޝަކީބާގެ އުފަން ރަށަށްކަން އެނގި އަޖައިބުވިއެވެ.
އެހިސާބުން ޝަކީބާވެސް ހިމޭނުން ހުންނާކަށް ބޭނުމެއް ނުވިއެވެ. ކައިވެންޏަށް އަހަރެއް ވީއިރު ޒާހިދު ރަނގަޅު ވާނެކަމަށް އިންތިޒާރު ކުރެވިއްޖެއެވެ. ދެން އޭނާ ކުރާނެ ކަމަކީ އެކައިވެނި ސަލާމަތް ކުރަން މަސައްކަތް ކުރާނީއެވެ. އޭނާ ދޫކޮށްލާފައި ޒާހިދު ދަނީ ކާކު ކައިރިއަށްކަން ހޯދައިގެން އެކުޅިގަނޑު ހުއްޓުވާލާނީއެވެ.
މޯބައިލް ރިންގް ވާން ފެށި އަޑަށް ޝަކީބާ ތެދުވެފައި އެނދުމަތީ އޮތް މޯބައިލް ނަގައިގެން ކަންފަތުގައި ޖެހިއެވެ. ހަތްވަނަ ފަންގިފިލާގައި އުޅޭ އާއިލާގެ ބޮޑު މީހަކު ގުޅާފައި އައިސް ދިނުމަށް އެދުމުން ޝަކީބާ އެއްބަސްވިއެވެ. ފޯން ބާއްވާފައި ރީތިވެލައިގެން ގޮސް ލިފްޓަށް އެރިއިރު ވާން މިއުޅެނީ ކީއްކަން އޭނާއަށް ކުޑަކޮށްވެސް ހިޔާލު ކުރެވިފައެއް ނެތެވެ. ހަތްވަނަ ފަންގިފިލާއަށް އަރާފައި ލިފްޓް ހުޅުވުމުން ޝަކީބާ ނިކުމެފައި ކުރިމަތީ ހުރި ދޮރާއި ދިމާއަށް ދަނިކޮށް ކޮންމެވެސް މީހަކު އަތުގައި ހިފާލުމުން ސިހިގެން ދިޔައެވެ. ޒޯއީ ހުރީ ނިކަން ބޮޑަށް ހިނިތުންވެފައެވެ. ޝަކީބާ އެއްޗެކޭ ބުނަން ވާއިރަށް ޒޯއީ އަތުން ދޫކޮށްނުލައި ހުރެގެން ބާރުބާރަށް ގޮސް ޓެރެސްއަށް އަރައިފިއެވެ. އެވަގުތު ދިމާކުރިމަތިން ފެނުނު މަންޒަރު ޝަކީބާއަށް ގަބޫލެއް ނުކުރެވުނެވެ.
ހޭވެރިކަން ވުމާއެކު ލުޖައިން ފުންމައިގެން ތެދުވިއެވެ. ވަށައިގެން ލޯ ހިންގައިލުމުން އެނގުނީ ކޮޓަރީގައި އޮވެވުނު ކަމެވެ. އެކަމަކު ކޮޓަރިއަށް އާދެވުނީ ކިހިނެތްބާވައެވެ. “އަނެއްކާ އާރީ...." ލުޖައިން އިނގިލީގައި ދައި ގަނެގެން ހުރެގެން މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުތެވެ. ލިވިންރޫމްގައި ޓީވީ ހުޅުވާފައި އަދި ކުޑަމޭޒުމަތީ ބިއްލޫރި ބޯތައްޓެއްގައި ޕޮޕްކޯން ހުއްޓާ ފެނުމުން ކޮންމެވެސް މީހަކު އެބައުޅޭކަން އެނގުނެވެ. "ދޮންބޭ!" ލުޖައިން ގޮވައިލިއެވެ. އެވަގުތު އާރިން ބަދިގޭގައި ކޮފީއެއް ހަދަން ހުރެފައި ބޯދިއްކޮށްލިއެވެ. "ދޮންބެ އަދިވެސް ނާންނަނީތަ؟" ލުޖައިން ބުނާނެ އެއްޗެއް ނޭނގިގެން އަހާލައިފިއެވެ. "އަދި އަންނަ ގަޑިއެއް ނުޖެހެއެއްނު." އާރިން އެތެރެއަށް ދެމިގެންފައި އިރުކޮޅަކުން އައީ ކޮފީ މަގެއް ހިފާލައިގެންނެވެ. "އަމް..އާރީ...މިރޭ.." ލުޖައިން މަޢާފަށް އެދެން އުޅެނިކޮށް އާރިން އެވާހަކަ މެދުކަނޑާލައިފިއެވެ. "މިރޭ ވީ ކަންތަކުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅު. ދުވަހަކު މިވަރުގެ އުދަނގުލަކާއި ކުރިމައްޗެއް ނުވޭ. ގޮވައިގެން ސައިކަލު ދުއްވާލަން ދިޔައީމަ އެނބުރި އަންނަން ޖެހުނީ ފެއިންޓްވެފަ އޮތް ބޮޑީއެއް ހިފައިގެން. އެކަމާއިހުރެ ސައިކުވެސް ވަގަށް ނަގައިފި." އާރިން ޓީވީއަށް ނަޒަރު ހުއްޓާލައިގެން ސޯފާގައި އިށީންދެފައި ވާހަކަދެއްކިއެވެ.
"އައެމް ސޮރީ." ލުޖައިން ދެރަވިއެވެ. އެވަރުގެ ކުޑަ ސަމާސާ އަކުންވެސް އާރިންއަށް އެލިބުނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ "ސޮރީ ބުނެގެން އެއްވެސް ޑިފަރެންސެއް ނާންނާނެ." އާރިން ފޫހިވެފައި އިންވަރު އަޑުން އެކަނިވެސް އިނގެއެވެ. ލުޖައިން ދެރަވެގެން ދާން ހީކޮށްލި ތަނާ އާރިންގެ ފޯން ރިންގްވާން ފެށުމުން މަޑުކޮށްލެވުނެވެ. އާރިން ފޯނުން ވާހަކަ ދައްކާފައި ބަލައިލީ ލުޖައިން މޫނަށެވެ. “ލުޖައިން ފޯން ނުނަގައިގެން އެގުޅީ. ޝާމިސް ބުނީ މިރޭ ގެއަށް އާދެވޭކަށް ނެތޭ." އާރިން އެހެން ބުނެ ނިމޭއިރަށް ލުޖައިން އައިސް ކޮޓަރިއަށް ވަދެފައި ދޮރު ލައްޕައިލިއެވެ. އެޕާޓްމެންޓްގައި އާރިންނާ އެކު އެކަނިވާނެކަން އެނގުމުން ލުޖައިން ބިރުގަތީއެވެ. އާރިންއަށް އެކަން ފާހަގަ ވުމުގެ ކުރީން ކޮޓަރިއަށް ވަނީ އެހެންވެއެވެ. ހެދުން ބަދަލު ކޮށްލައިގެން އައިސް އެނދުގައި އޮށޯތް އިރުވެސް ޓީވީގެ އަޑު ގަދައަށް އިވެއެވެ. ލުޖައިން ނުތަނަވަސްވެފައި އޮންނަތާ އިރުގަނޑެއް ފަހުން ދޮރުގައި ޓަކި ޖަހައިލުމުން ސިއްސައިގެން ދިޔައެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި ލޯ ބޮޑުކޮށްގެން އިންދާ ފެނުނީ ދޮރު ހުޅުވާފައި އާރިން އެތެރެއަށް ދެމިގެންތަނެވެ.