އާރިން ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން ހުރެފައި ލުޖައިން އައިސް ގޮނޑީގައި އިށިން ނަމަވެސް އެހިސާބުން ފޮތް ކިޔާ ހިތް ކެނޑުނެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު އެންމެ ފަހަރަކު ނަމަވެސް އާރިންގެ ދުލުން "ލޯބިވެއޭ" ބުނެލާ އަޑު އަހަން އޭނާ ކިހާ އިންތިޒާރެއް ކުރި ހެއްޔެވެ؟ މިއަދު އެ މަޤްސަދު ހާސިލްވީމައިވެސް ކޮޓަރީގައި އިންނަނީ ހެއްޔެވެ؟ އާރިންގެ ފައިބުޑަށް ވެއްޓިގެންފައި އެހިތުގައި ޖަހާ ކޮންމެ ވިންދެއްގައި މިއަދުވެސް ރަސްކަން ކުރަމުން ދަނީ އާރިންގެ ލޯބިކަން އަންގައިދޭން މިއަށްވުރެ އެކަށޭނަ އެހެން ފުރުސަތެއް ނުލިބޭނެއެވެ. ލުޖައިންގެ ހިތުން ގޮވިއެވެ. ފަހަތުން ގޮސް އާދޭސް ކުރަން ފަށައިފިނަމަ އާރިންގެ ހިތް މަޑުވެގެން މާފުކޮށްފާނެ ބާވައެވެ؟ އޯގާތެރި ދެއަތަކުން އޭނާ ނަގައި އެ މޭގައި ޖައްސައިލާނެ ހެއްޔެވެ؟ އަލުން އޭނާއަށް ޓަކައި ހިތް ހުޅުވާލަފާނެ ހެއްޔެވެ؟ ލުޖައިން ކޮޅަށް ތެދުވެފައި ވެސް ފަސްޖެހެވިގެން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. މޭޒުމަތީ ހުޅުވާފައި ހުރި ކުޑަ ރޭޑިޔޯއިން ޕިންކްގެ "ޖަސްޓް ގިވް މީ އަ ރީޒ" ލުޖައިންގެ ހިތާއި ކުޅެލީ އިހްސާސްތައް ފުން ކުރުވާފައެވެ. ލަވައިގެ ކޮންމެ ކަޑިއަކީ ޚުދު އޭނާގެ ހިތުގެ އަޑުކަމުގައި ގަބޫލު ކުރެވުނެވެ. ރޭޑިޔޯ އަޑު ގަދަކޮށްލާފައި ގެންގޮސް އާރިންއަށް އިވޭ ހިސާބުގައި ބެހެއްޓިއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟
ލުޖައިން ގެ ހިޔާލުތައް އެތައް ގޮތަކަށް ދަތުރު ކޮށްފައިވެސް ފިޔަވަޅު އަޅާކަށް ނުކެރުނެވެ. ދާދި ދެންމެއަކު އާރިންގެ ކުރިމަތީ ލިބުނު ހިތްވަރު މިހާ އަވަހަށް އުދުހިގެން ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ގަޑި ބަލައިލި އިރު ދޭއް ޖަހައިފިއެވެ. އެކަމަކު ލޮލުގައި ނިދީގެ ކަންފުޅެއް ނެތެވެ. ލުޖައިން ބެލްކަންޏަށް ނިކުމެފައި ފިނި ހިފާފައިވާ ރެއިލިންގައި ދެއަތް އަޅުވާލައިގެން ހުއްޓުނެވެ. މަޑު ވައިރޯޅިތައް އައިސް ޕޮޓްތަކުގައި ހައްދާފައިވާ ގަސްތަކާއި ސަމާސަ ކޮށްލާއިރު އެއް ގަސް އަނެއް ގަހާއި ކޭއްތިލާ އަޑު މާހައުލުގެ ހިމޭންކަން ނަގާލައިފައިވެއެވެ. ލުޖައިން ލައިގެން ހުރި ހަރުވާޅާއި އަތްދިގު ޓޮޕްކޮޅުގައި ވެސް މާހައުލުގައި ހިފާފައިވާ ފިނީގެ އަސަރު ކުރިއެވެ. ވޫލްކޮޅު ނައްޓާލައިގެން އިސްތަށިގަނޑު ދޫކޮށްލުމުން ކަރު ނިވާވެ ފިނީގެ އަސަރު ކުޑަވިއެވެ. އިރުކޮޅެއް ވީ އިރު ހިޔާލުތަކުން ސިކުނޑިއަށް ބަރުބޮޑުވެ ބޮލުގެ ރިހުމަކަށް ބަދަލުވުމުން އޭނާ ނިދައިލަން ގަސްތު ކުރިއެވެ. އޮށޯންނަން ވެގެން އުޅެފައި ކޮޓަރީގައި ފެންފޮދެއް ނެތްކަން އެނގިގެން ލުޖައިން ނިކުތެވެ. ކުޑަ ވަގެއްހެން އިނގިލިތަކުގެ ކުރިން ހިނގާލައިފައި ގޮސް ބަދިގޭ ދޮރުމައްޗަށް އެރިތަނުން ސިހިގެން ދިޔައެވެ. އަނދިރީގައި އާރިން ކާމޭޒުގައި ދެއުޅަބޮށި ވިއްދާލައިގެން ގުޅުވާފައިވާ ދެއަތްތިލަ ތުންފަތާއި ހަމައިގަ ޖައްސާލައިގެން އިނީ ވިސްނުމަކަށް ގެއްލިފައެވެ. ބޭރުން އައިގޮތަށް އެހުރިހާއިރު ވީއިރު އާރިން އެއިންނަނީ ބަދިގޭގައި ހެއްޔެވެ؟ ލުޖައިން ހައިރާންވިއެވެ.
ސިޓިންރޫމްގައި ދިއްލާފައިވާ ބޮކީގެ އަލި ހިސާބަކަށް ފޯރާފައި ވީ ނަމަވެސް އާރިން ފެންނަނީ ކަޅު ހިޔަންޏެއް ފަދައިންނެވެ. އެކަމަކު އެހިޔަނިވެސް ކިހާ ފުރިހަމަ ހެއްޔެވެ؟ ބާމަތި ފުޅާވެފައި ބިޔަ އެހަށިގަނޑު އަނދިރީގެ ތެރެއިން ވެސް ލުޖައިންގެ ހިތް އަވަސްކޮށްލައިފިއެވެ. ބަލަން ނުހުރެ ހަށަން މޮހައިލާފައި ގޮސް އާރިންގެ އުނގުގައި އިށީންދެ މޭގައި މޫނު ފޮރުވައިލެވޭނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އޭރުން އާރިން އޭނާ މޭގައި ޖައްސައި ބާރުކޮށްލައިގެން އެހަށިގަނޑުގެ ހޫނުން ހީފިލުވައި ދޭނެއެވެ. އިރުކޮޅެއްފަހުން ލުޖައިން ސްވިޗް ބޯޑް ހޯދައިލާފައި ލައިޓް ދިއްލާލިއެވެ. ތަނަށް ވެރިވެގެން ދިޔަ ހުދު އައްޔާއެކު ތެޅިގެންފައި ކޯތާފަތުން ތިރިއަށް ފިރުކިފައި ދިޔަ ކަރުނަތިކި ފުހެލިތަން ލުޖައިންއަށް ރީތިކޮށް ފެނުނެވެ. ލުޖައިންގެ މެއަށް ފިނިވެ ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ. މީގެ ކުރިންވެސް އާރިންގެ ލޮލުން އޭނާ އެއްފަހަރު ކަރުނަ ދުށްޓެވެ. އެކަމަކު މިއަދު އެމޫނުގައިވި ފަދަ ހިތަށް ތަދުކޮށްލާފަދަ އަސަރެއް ކުރިން ދުވަހަކު ނުދެކެއެވެ. ލޯބިވެރިޔާއަށް ޓަކައި ލުޖައިންގެ ހިތް ހަމްދަރްދީން ފުރިބާރުވެ ލޮލުގައި ކަރުނަ ހިނގައިގަތުމުން ދެފަޔަށް ލިބުނީ އާދަޔާ ޙިލާފް ބާރެކެވެ. އެދެފައިގެ ބާރުގައި އޭނާ އާރިންގެ ގާތަށް ދިއުމަށްޓަކައި ހިނގަމުން ދަނިކޮށް އާރިން ފުންމައިގެން ތެދުވެފައި އެދެމެދަށް އަތް ހުރަސްކޮށްލައިފިއެވެ.
"އާރީ އަހަރެން ގަބޫލުކުރަން އަހަރެންނަކީ އާރީގެ ކުށްވެރި އެއްކަން. މިއަދު އަހަރެންގެ އެންމެ ބޮޑު ރިގްރެޓް އަކީ ބްރޭކްއަޕް ކޮށްލުމެއްވެސް ނޫން. އެއީ އަހަރެން އާރީ ދައްކަން އުޅުނު ވާހަކަތައް އަޑު ނޭހިކަން. ދެން އެވާހަކަތައް އޮޅުންފިލުވައިގެން ވެދިޔަތަން ޗޭންޖް ނުކުރެވޭނެކަން ގަބޫލުކުރަން. އާރީ ބޭނުން ކޮންމެ އަދަބެއް އަހަރެންނަށް ދީ. ބޭނުން ދުވަހެއް ވާންދެން އަހަރެންނަށް މަޢާފު ނުދީ ހިފަހައްޓާ. ނުކުރާނަން އެއްވެސް ޝަކުވާއެއް. އެކަމަކު މިއަދު އާރީ ޖެހޭނީ އަހަރެންނަށް އެދުވަހުގެ ހުރިހާ ވާހަކައެއް ކިޔައިދޭން." ލުޖައިން ހުރި ފިޔަވަޅު މަތީ ހުރެފައި އާދޭސް ކުރިއެވެ. "ކީއްކުރަން ބޭނުންނެތް ބޭކާރު ކަންތައް ކުރަނީ؟ ތިބުނީއެއްނު އެވާހަކަތައް އަހައިގެން އެއްވެސް ކަމެއް ޗޭންޖްވާކަށް ނެތޭ. ދެން ކީއްކުރަން؟ އަހަރެން ބުނަންތަ ރަނގަޅު ވާހަކައެއް. ޓައިމް ވޭސްޓް ނުކޮށް ނިދަން ދޭ." އާރިން ރުންކުރު ޖަވާބަކާއެކު ދޮރާއި ދިމާއަށް ދަނިކޮށް ލުޖައިން އަތުގައި ހިފާލައިފިއެވެ. އާރިން ފިރިހެނަކަށް ވިއަސް ލުޖައިންގެ އެ ޖެހިލުން ކުޑަ ކަމުން ހިސާބަކަށް ފިނިވެލިއެވެ. އަމުދުން ލުޖައިން އެއީ އާރިންގެ މުޅި ހަޔާތުގައި އޭނާ ލޯބިވި ހަމައެކަނި އަންހެންކުއްޖާއެވެ.
"އަހަރެން މިބުނި އެކައްޗެއްވެސް އަޑެއް ނީވުނު ދޯ." އާރިން އެނބުރި ބަލައިވެސް ނުލައި ހުރިފިޔަވަޅު މަތީ ލުޖައިންއަށް ފުރަގަސްދީގެން ހުރެފައި ބުނެލިއެވެ. "އިވިއްޖެ. އެކަމަކު އާރީއަށް އަހަރެންގެ ވާހަކަ އަދި ރަނގަޅަށް އިވުނުހެނެއް ހިއެއްނުވޭ. އަހަރެން މިބުނީ އެދުވަހު އެކްސްޕެލެއިން ކޮށްދޭން އުޅުނު ހުރިހާ ވާހަކައެއް ކިޔައިދިނީމަ ނޫނީ ނިދާކަށް ނުދާނަމޭ." ލުޖައިންގެ ހިތް މޭގެ ތެރޭގައި އޮވެ ނެގި ނެގިފައި ޖެހެމުން ދިޔައިރުވެސް ހިތްވަރު ކުރިއެވެ. އާރިން ތުންފަތުގައި ދަތް އަޅައިލައިގެން ހިމޭނުން ހުރެލާފައި އިރުކޮޅަކުން އަތަށް ކުއްލިއެއް ޖަހައި ކައިރިއަށް ދަމައިގަތުމުން ލުޖައިން އައިސް ތަތްވީ އާރިންގެ މޭގައެވެ. "ކުރިންވެސް ބުނިހެން އާރީ ބޭނުން ކޮންމެ އަދަބެއް ދީ. ހިޓް މީ އާރީ! ބައިޓް މީ އޯ އީޓް މީ." އާރިންގެ ގަމީހު މޭމަތީގައި ހިފާ ބޮނޑިކޮށްލަމުން ލުޖައިން އެހެން ބުނެލި އިރު ލޮލާލޯ ސީދާވެގެން ވާހަކަ ދެއްކުނީ ކިރިޔާއެވެ. ތޫނުކަނޑި އަކަށްވުރެ އާރިންގެ ދެލޯ ތޫނެވެ. އެފަދަ ކޮންމެ ބަލައިލުމަކާއެކު އޭނާގެ ހިތް އެފުށް މިފުށަށް ޖަހައިލައެވެ. "އެހާ ހިތްވަރު އެބަހުރިތަ؟ ކެތްވާނެތަ އަހަރެން ދޭ ކޮންމެ އަދަބެއް ލިބިގަނެގެން ހުންނަން؟" އާރިން ކުރިއަށް ވުރެވެސް މޫނު ކައިރިކޮށްލުމުން އެނޭވައިގައި ވެސް ދުވީ މަސްތު ކުރުވާފަދަ މީރު ވަހެކެވެ. ލުޖައިން ޖަވާބު ނުދެވިފައި ދެލޯ ބޮޑުކޮށްގެން އެމޫނަށް ބަލަމުން ދަނިކޮށް އިރުކޮޅަކުން އާރިން ހީގެންފިއެވެ.
އާރިން އަނެއް ފަރާތަށް މޫނު އަނބުރައިލުމުން ލުޖައިން ބޭނުން ވަރަކަށް ބައިލުމުގެ ފުރުސަތު ލިބުނެވެ. އެފަދަ އެންމެ ހީލުމަކަށްވެސް މުޅި އުމުރު ފިދާވެދާނަމޭ ބުނެލާހިތް ލުޖައިން ވިއެވެ. "ޔޫ ޑޯން ޑިޒާވް ދިސް ލުޖައިން. އަހަރެންގެ ހަޔާތުގެ އެހާބޮޑު ސިއްރެއް ކިހިނެތް ހިލޭ މީހަކަށް ކިޔައި ދޭނީ؟" އާރިން ކުއްލިއަކަށް ލުޖައިންގެ ކޮނޑުގައި ހިފާ ދުރުކޮށްލާފައި ލުއި ހީގަތުމަކާއެކު ދެފަރާތަށް ބޯ ހޫރުވާލީއެވެ. "ޔޫ ލެފްޓް މީ. ރިމެމްބަރި!" ލުޖައިން ވާހަކަދައްކަން އަނގަ ހުޅުވާލި ތަނާ އާރިން ލޮލާލޯ ސީދާކޮށްލި އިރު ހުރީ ސީރިއަސް ވެފައެވެ. ހީވީ ގަސްތުގައި ލުޖައިން ރޮއްވައިލަން ބުނެލި އެއްޗެއް ހެންނެވެ. މޫނުމައްޗަށް ހޫނު އެތިފަހަރެއް ދިޔަކަހަލަ އިހްސާސެއް ކުރެވުނެވެ. އެވަގުތު ލުޖައިންގެ ލޮލަށް ކަރުނަތައް ގިނަވެގެން އޮހިގަންނަން ތައްޔާރުވިއެވެ. އާރިން ކިތައްފަހަރު އޭނާއަށް ހެދުނު އެގޯސްމަތިން ހަނދާންކޮށްދޭނެ ބާވައޭ ހިތާއި ސުވާލު ކޮށްލެވުނެވެ. އޭނާއަކީ އިންސާނެކެވެ. މަލާއިކަތެއް ނޫނެވެ. ވީއިރު ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މުޅި އުމުރަށް އޭގެ ސަޒާ ލިބި ލިބި ހުންނަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ހަޤީޤަތުގައި ވެސް އޭނާއަށް ކުރެވުނީ މަޢާފު ހައްޤު ނޫން ކުށެއް ހެއްޔެވެ؟ ކޯތާފަތްމައްޗަށް އޮހިގަތް ކަރުނަތަކާއި އެކު ހިތްވެސް ޝަކުވާއިން ފުރިގެން އައެވެ. ލުޖައިންއަށް ތުންފިތްތައި ލުމާއެކު ދެއަތްތިލައިން މޫނު ފޮރުވާ ލެވިއްޖެއެވެ. އެގޮތަށް އާރިން ކުރިމަތީ ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު ހިތްވަރު ކުރެވޭނީ ކިހާ ވަރަކަށް ހެއްޔެވެ؟
"އިނގިލި ކުރިވެސް ޖައްސާނުލެވި އުޅެނިކޮށް މިހާރު ތިއޮތް ރޮވެނީ. ދެން ކިހިނެތް އަދަބު ދޭނީ." އާރިން މަލާމާތް ކޮށްލާފައި ނިކުމެގެން ދާން ފެށުމުން ލުޖައިން މިފަހަރު ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. މޫނުގައި އަތް އަޅައިގެން ހުއްޓަސް ލުޖައިންއަށް އިހްސާސްވީ އާރިން ވަނީ ކޮޓަރިއަށް ނޫންކަމެވެ. އަޑު އައީ އެޕާޓްމަންޓްގެ މައިދޮރާއި ދިމާއިންއެވެ. ލުޖައިން މޫނުން ދެއަތް ވަކިކޮށްލާފައި ރޮމުން ކޮޓަރި އާއި ދިމާއަށް ދަނިކޮށް ތިރިން ސައިކަލް ސްޓާޓްކޮށްލި އަޑު އަހާފައި ބެލްކަންޏަށް ގޮސް ތިރި ބަލައިލި އިރު އާރިން ސައިކަލު މަތީގައި އިނީ ބަލަހައްޓައި ގެންނެވެ. ލުޖައިންގެ ރުއިން ކުއްލި އަކަށް މެދުކެނޑިގެން ދިއުމާއެކު އަނެއްފަރާތަށް އެނބުރިފައި ބާރުބާރަށް ގޮސް ދޮރު ހުޅުވާފައި ސިޑިން ތިރިއަށް ދުއްވައިގަތެވެ. މަގުމައްޗަށް ނިކުމެފައި ލުޖައިން ބަލައިލުމުން އަރަން އަންނާށޭ އާރިން ބުނެލީ ބޮލުގެ އިޝާރާތުންނެވެ. ކުރިއަށް ފިޔަވަޅެއް އަޅާފައި އިރުކޮޅަކުން ލުޖައިން އިނީ އާރިން ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ސައިކަލު ފަހަތުގައި އެހަށިގަނޑުގައި ރީތިކޮށް ބައްދާލައިގެންނެވެ.
ސައިމޭޒު ދޮށަށް އެހެން އެންމެން ހަމަވީއިރު އަދި ތިއާއެއް ނެތެވެ. ބަންދު ދުވަސްތަކުގައި އެންމެން އެއްކޮށް ސައިބޯން ޝަކީބާ ގިނަ ގިނައިން ހަނދާން ކޮށްދެއެވެ. "ކޮބާތަ ތިއާ؟ ނުހޭލަނީތަ؟" އީތަންގެ ހިތުގައި އޮތް ސުވާލު ނިކުރީ ޒާހިދުގެ އަނގައިންނެވެ. ތިއާ ކުރިއްސުރެ އެހާ ރުޅިގަދަވެފައި ހުއްޓާ އީތަން ޒޯއީގެ ކޮޓަރިން ނިކުތްތަން ފެނިގެން މައްސަލަ އޮތީ ނުހަނު ހޫނުވެފައެވެ. އީތަން ވާހަކަދައްކަން ފެށީމައި ބާރަށް ރޮއިގެންފައި ކޮޓަރި އާއި ދިމާއަށް ދުއްވައިގަތުމުން އިތުރަށް ހުއްޓުވަން ނުކެރުނީ އެހެން މީހަކަށް ހޭލެވިގެން އެދެމީހުންނަށް ޝައްކު ކޮށްފާނެތީއެވެ. އެކަމަކު އެވަގުތުން ފެށިގެން އީތަން އިންތިޒާރު އެކުރަނީ ތިއާ އާއި އެކަނި ވާހަކަ ދައްކައިލެވޭނެ ވަގުތަކަށެވެ. ރޭ އޭނާއަށް ނިދުނީވެސް ހާދަ ކުޑަކޮށެވެ. "އީތަން. ފަށާބަލަ!" ޒޯއީ ކުއްލިއަކަށް މޭޒުމަތީ އޮތް އީތަންގެ އަތުގައި ހިފައިލިއެވެ. އިއްތިފާޤުން ތިއާ ދޮރުން ވަނީ ހަމަ އެވަގުތުއެވެ. އީތަންއަށް އަތްދަމައި ގަނެވުނެވެ. އެކަމަކު ނަސީބު ދެރަކަމުން މިފަހަރުވެސް ޒޯއީގެ މަޤްސަދު ހާސިލްވިއެވެ. ތިއާއަށް އެމަންޒަރު ފެނިގެން ހަމަ އެހުރި ފިޔަވަޅު މަތީ ހުރެފައި އަނެއްފަރާތަށް އެނބުރި ދުއްވައި ގެންފިއެވެ. އީތަންގެ ބުޑު ގޮނޑިން ހިއްލައިލާފައިވެސް އެހެން މީހުންގެ ކަޅިމަތި ފެނިގެން އަނެއްކާ ހަމަޖެހިލިއެވެ. ޒާހިދު މަޑު ހީލުމަކާއެކު ފުރޮޅުލީ ގޮނޑީގައި ތިއާ ފަހަތުން ދާން ފެށުމުން ޝަކީބާ އެމަންޒަރު ބަލަން އިނީ ހިތްހަމަޖެހިފައެވެ.
"މިހާރު ހިތަށް އަރާ ބައްޕަ ރޫމުން ނެރެން ކުރިން މަސައްކަތް ކުރެވުނު ނަމައޭ. އެކްސިޑެންޓްގެ ފަހުން އެއްފަހަރަކު އަހަރެން ގޮސް ބޭރަށް ނިކުންނަން ހިނގާށޭ ބުނީމަ ބައްޕަ ރުޅިއައިސްގެން ހަޅޭއްލަވައިގަތް ބާރުކަމުން މުޅި ކޮޓަރި ގުޑައިގެން ދިޔަހެން ހީވި. އެފަހުން އަހަރެން މަހެއް ވާންދެން އެތަނަށް ނުވަދެހުރިން. ބައްޕަ އާއި ވާހަކަދައްކަން އުޅޭ ކޮންމެ ފަހަރަކުވެސް އެދުވަސް ހަނދާން ވަނީ. އެންމެ ފަހަރަކުވެސް ހިތަކަށް ނާރާ ބައްޕަ ބަދަލުވެދާނެއެކޭ." ޒޯއީ ދެއްކި ވާހަކަތައް އަހަން އިނަސް އީތަންގެ ހިތުގައި އޮތީ ތިއާއެވެ. "ދެން ވެދިޔަތަނާމެދު ވިސްނާނެ ކަމެއް ނެތް ޒޯއީ. ކޮންމެކަމެއްވެސް ވާނީ އެންމެ ރަނގަޅަށް." ޝަކީބާ ޒޯއީއަށް ބުނެލިއެވެ. "ހޭއި އީތަން. ހިނގާ މިރޭ ރިސޯޓަކަށް ޖައްސައިލަން. ލައިކް އޯލްޑް ޓައިމްސް. ބާބެކިއު ހަދާލާ މަޖާކޮށްނުލާތާ ކިހާ ދުވަހެއް މިހާރު." ޒޯއީ ހިމޭނުން އިނދެލާފައި ކުއްލިއަކަށް ބުނެލިއެވެ. އީތަން އޭރު ޖޫސްތަށި ހުއްކޮށްލާފައި މޭޒުމަތީ ބަހައްޓަނީއެވެ. "ސޮރީ ޒޯ. އަހަރެން ނެތް މޫޑެއް." އީތަން ދެކޮޅުހަދާފައި ނިކުމެގެން ދިއުމުން ޒޯއީ މޫނަށް ރަތްކުލަ އަރައިގެން ދިޔައެވެ. އީތަން ދުވަހެއްގައި ވެސް އޭނާގެ އެދުމެއްގައި ކޮޅުފައިން ނުޖަހާނެ ކަމަށް ހީކޮށްގެން ހުއްޓާ އެދުވަސް ވެސް އައީއެވެ. އެއީ ހަމަ އެކުޑަ ކުޑަ ތިއާގެ ސަބަބުން ހެއްޔެވެ؟ ޒޯއީ ކުއްލިއަކަށް ކެއުން ހުއްޓާލައިފައި ތަށި ދުރަށް ޖައްސައިލުމުން މޭޒުވެސް ގުޑައިގެން ދިޔައެވެ. ޝަކީބާ ހައިރާންވެފައި އިސް އުފުލައިލި އިރު ޒޯއީ ވެސް ތެދުވެގެން ދަނީއެވެ.
ޒޯއީ ކުރީގެ ހިޔާލު ދޫކޮށްލާފައި އާއިލީ ދަތުރަކަށް ބަދަލު ކޮށްލީ ހިތުގައި އެތައް ކަމެއް ރާވައި ހަމަޖައްސަމުންނެވެ. ޒޯއީ އާއި އީތަންގެ އިތުރުން އެދަތުރު ވީ ޝަކީބާގެ އުންމީދު ތަކާއިވެސް ނުހަނު ބޮޑަށް ގުޅިލައި މެހިގެން ދިޔަ ދަތުރަކަށެވެ. ހަވީރު ފުރަން ހަމަޖެހިގެން މެންދުރު ފަސްވީ އިރު އެމީހުން ދަތުރަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހަމަކޮށްފިއެވެ. ހަތަރެއް ޖެހިއިރު އެމީހުން ތިބީ ލޯންޗްގައެވެ. އަރަންވެގެން އުޅުނު އިރު އީތަން ހުރިހާ އެންމެންގެ އަތުގައި ހިފައި އަރަން އެހީތެރިވެދީފައި ތިއާ އާއި ޖެހުނު އިރަށް ޒޯއީ ބިރުގަނެއޭ ކިޔައިގެން އީތަންގެ އަތުގައި ހިފައިގެން ގެންގޮސް ބައިންދައިފިއެވެ. ތިއާ އެރީ ކެޕްޓަން އަތުގައި ހިފައިގެންނެވެ. ވައިކަފާފައި ރިސޯޓާއި ދިމާއަށް އެލޯންޗް ދަތުރު ކުރަމުން ދިޔައިރު އީތަންގެ ނަޒަރު ހިނދުކޮޅަކަށް ވެސް ތިއާގެ މޫނުން ނުނެއްޓެއެވެ. ތިއާ ކަޅުކުލައިގެ ހޫޑީ އަކާއި ހުދު ޖިންސެއްގައި ކަނޑުގެ ލޮނުގަނޑަށް ބަލަން އިނދެގެން މޫނުމައްޗަށް ފައިބާ އިސްތަށިތައް އިރުއިރުކޮޅާ ކަންފަތް ކައިރިއަށް ލައްވައިލައެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލައިފައި ހުރުމުން ވަކިން މައުސޫމު ގޮތެއް ހުއްޓެވެ. ޒޯއީ އެވަގުތު ވެސް ފައިގެ ބޮޑުބައެއް ހާމަވާގޮތަށް ކުރު ސޯޓުކޮޅަކާއި އެއްފަރާތު ކޮނޑު އެއްކޮށް ހާމަވާ ގޮތަށް ކައްޗަށް ކަރު އިންނަ ބެޓްވިންގް ޓޮޕްކޮޅެއްގައި އަދި އިސްތަށިގަނޑުވެސް މައްޗަށް ޖަހާފައި އިނދެގެން އީތަންގެ ހިތާއި ހަމައަށް ވާސިލްވާން ބޭކާރު މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. ޝަކީބާ އާއި ޒާހިދު ހިޔާގަނޑުތެރޭގައި ތިބުމުން ޒޯއީއަށް ބިރެއް ނެތެވެ. ޒޯއީ ޓެބްލެޓުން އެފްބީއަށް ވަދެ އިނދެގެން އިރުއިރުކޮޅާ ހީގެންފައި އީތަންގެ ހަށިގަނޑުގައި ކޭއްތި ގަނެއެވެ.
ޒޯއީމެނަށް ދެވުނު އިރު މެނޭޖަރާއި މަތީ ފަންތީގެ އިތުރު ދެ ސްޓާފަކު އެމީހުންގެ އިސްތިޤްބާލުގައި ފާލަންމަތީގައި ތިއްބެވެ. ތިއާއަށް ދޮންވެލިގަނޑު ފެނިފައި އެވަގުތުވެސް ނަށައިލަން ބޭނުންވިއެވެ. ޒޯއީމެން އަބަދު ރިސޯޓްތަކަށް އައިސް މަޖާ ނަގާއިރު ފަހަރެއްގައިވެސް އޭނާއެއް ނުގެނެއެވެ. މާލޭގައި އުޅެ ބޮޑުވުމުން ރީތި މޫދާއި ދޮންވެލި ގޮނޑުދޮށްތަކުން ހަޤީޤީ އުފަލެއް ތިއާއަށް ހާސިލްވެފައެއް ނެތެވެ. ބައެއްފަހަރު ސުހާމެން ބާއްވާ އާއިލީ ޕިކްނިކް ތަކުގައި ވިލިގިއްޔަށް ގޮސް މޫދަށް އެރިލައި ވެލިގަނޑުގައި ބަކަތަޅައި އުޅެވިފައި ހުންނާނެއެވެ. މެނޭޖަރު ކުރިއަށް ޖެހިލާފައި ޒޯއީ އާއި ސަލާމް ކުރިއެވެ. އެއަށްފަހު ދެންތިބި ދެ ސްޓާފުން އެމީހުންގެ ލަގޭޖްއާއި ހަވާލު ވެއްޖެއެވެ. ރޫމް ހުންނާނީ ވަރަށް ކައިރީގައި ކަމަށް ބުނުމުން އެންމެންވެސް ބޭނުންވީ އެރީތި ވެލިގަނޑުމަތީ ހިނގާލައިފައި ކުރިއަށް ދާށެވެ. ޒާހިދު ގޮނޑިން ނަގާފައި ސްޓާފުން ދުއްވަން ހުންނަ ޓްރެކްޓަރ ފާޑުޖަހާ އެއްގަމު އުޅަނދެއްގައި ޝަކީބާ އާއި ދެމީހުން މެނޭޖަރ ފިޔަވައި ދެންތިބި ދެ ސްޓާފުން ނާއެކު ދަތުރު ފެށުމުން ދެންތިބި ހަތަރު މީހުން ހިނގާލާފައި ކުރިއަށް ދިޔައެވެ. ޒޯއީ އީތަންގެ މުލައްދަނޑީގައި ހިފައިގެން ހީވަނީ އީތަން އަނބިމީހާ ހެންނެވެ. ތިއާ ފައިވާން އަތަށް ނަގައިގެން އަޅާ ކޮންމެ ފިޔަވަޅަކަށް ބަލަމުން ޒޯއީމެނަށް މާބޮޑު ސަމާލުކަމެއް ނުދީ ކުރިއަށް ދިޔައެވެ.
ޖެހިޖެހިގެން ހުރި ދެކޮޓަރިން ޒޯއީ އާއި ތިއާއަށް ދެކޮޓަރި ހަމަޖައްސާފައި މަންމަމެންނަށް ޒޯއީ ހަމަޖެއްސީ ދުރުގައި ހުރި ހާއްސަ ކޮޓަރިއެކެވެ. ކޮޓަރިއަށް ސާމާނު ވައްދާފައި އެންމެން ސައިބޯން ދިޔައެވެ. އެމީހުން ސައިބޯން ތިބީ ސްވިމިން ޕޫލެއްގެ ކައިރީގައި ހުރި ކުކުޅު ބިސް ބުރަށް ދާ ބޮޑު މޭޒެއް ދޮށުގައެވެ. ޕޫލްގެ އެއްފަރާތުގައި އެތައް ބައިވަރު ކުދި ޕޮޓްތަކެއްގައި ހުދާއި ރަތުގެ މާއަޅާ ގަސްތަކެއް ހައްދާފައިވެއެވެ. އީތަން އެވަގުތުވެސް ހިތާމަވެރިވެފައި އިނީ ތިއާ އޮޅިގެންވެސް އެމޫނަށް ބަލައިނުލާތީއެވެ. އެންމެން ސައިބޯން ފަށައިގެން ކުރިއަށް ދަނިކޮށް ތިއާ ތެދުވެފައި ތަބަކަކަށް ކޮފީ ތަށްޓާއި ވަތު ތައްޓަކަށް ޕިއްޒާ ފޮއްޗެއްލައިގެން ތަބަކުގައި ބަހައްޓާފައި ހިފައިގެން ގޮސް އިށީންދެލީ ޕޫލަށް ދެފައި ބާލައިގެން ކައިރިފަށުގައެވެ.
ކުލާހަށް ވަދެފައި ލުޖައިން ގޮނޑީގައި ހަމަޖެހިލިއެވެ. އެކަމަކު ލުޖައިންގެ ހިތާއި ސިކުނޑި ވީ އެހެން ތަނެއްގައެވެ. އާރިން ރޭގައި އޭނާ ގޮވައިގެން ދުއްވާލަން ގޮއްސައި ދެއްކި ވާހަކަތަކަށްފަހު މިނިޓަކަށް ވެސް ލުޖައިންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އަބަދު އެހިޔާލުން ލުޖައިންގެ ދެލޯ ހުންނަނީ ފެންކަޅިވެފައެވެ. ކިތަންމެ ފަހަރަކު އެހެން އިނދެލާފައި ބާރަށް ރޮއިގަނެވެއެވެ. ކުލާހަށް ނާންނަން ހިތަށް އަރާފައިވެސް އޭނާ އެވަރަކުން އައީ ކިއެވުމަށް ބުރޫ އަރަން ބޭނުން ނުވާތީއެވެ. ފުރަތަމަ ކުލާސް ނަގަން ޓީޗަރ ކުލާހަށް ވަދެފައި ބޯޑުގައި ނޯޓް ލިއެފައި ފޮތަށް ނަގަން ޖެއްސުމުން ލުޖައިން ޑެސްކުގައި އުޅަބޮށި ވިއްދާލައިގެން އިނދެ ހިޔާލު ކުރަން ފެށީ އަލުން އަނެއްކާވެސް ރޭގެ ހާދިސާ މަތިންނެވެ.