ވިދުވަރުގެ އަލީން މުޅިތަން އަލިކޮށްލުމުން ދެޒުވާނުންގެ ނަޒަރުވެސް އުދަރެހާއި އަމާޒުވިއެވެ. އަނދިރީގައިވެސް އުޑުމައްޗަށް އެއްވަމުން ދިޔަ އަޅި ވިލާތައް ފާހަގަ ވިއެވެ. "ވާރޭ ވެހެން އުޅެނީ." ޒަކްވާންގެ ޖުމްލަ ނުނިމެނީސް ބާރުބާރަށް ގުގުރައިގަތެވެ. ރީމް ސިއްސައިގެން ގޮއްސައި ހިތާއި ދިމާލު މޭގައި އަތް އަޅައިލި އިރު ހުރީ ލޯ ބޮޑު ކޮށްލައި ގެންނެވެ. ރީމް އެވަރު ކަމަކާއިވެސް ބިރުގަނެފައި ހުރުމުން ޒަކްވާން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. "ލެޓްސް ގޯ އިންސައިޑް!" ޒަކްވާން އަނެއް ފަރާތަށް އެނބުރިފައި ހިނގައިގަތުމުން ފަހަތުން ރީމް ވެސް އެތެރެއަށް ވަނެވެ.
ވަޔާއެކު ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. ޒީނާ އަވަހަށް ދޮރުތައް ލައްޕާފައި އުއްބައްތިތައް ރޯކޮށްލި ފަހުން ފިނިވަމުން ދިޔަ މާހައުލު ނިކަން އަރާމެވެ. ގިނަ ކުދިން ބޭނުންވީ ލަސްވިއަސް ވާރޭ ހުއްޓަން ދެން މަޑު ކުރާށެވެ. އުޑުމައްޗަށް ބަލައިލީމައި ހީވަނީ ދާދި އަވަހަށް ވާރޭ ބޯކޮށްލަފާނެ ހެންނެވެ. އެކަމަކު ރީމްގެ ހިޔާލު ތަފާތެވެ. ގޭ މީހުންނަށް އަދި ޝައްކެއް ނުވިއަސް އެހާ ދަންވަންދެން ބޭރުގައި އުޅޭކަށް ހިތެއް ނުރުހުނެވެ. ރީމް ހުރީ ވާރޭ ނުހުއްޓަފާނެތީ އެކަމާއި ވެސް ޖެހިލުންވެފައެވެ. ޒީނާ ވަރަކަށް އާދޭސް ކުރީމައި ވެސް ދެކޮޅު ހަދާފައި ދަބަސް ހިފައިގެން ގޮސް ތިރިއަށް ފޭބި އިރު ޒަކްވާން ދުވެލާފައި ގޮސް ކާރަށް އަރަނީއެވެ. ޒަކްވާންއަށް ރީމް ފެނުނީ އަރާ އިށިން ފަހުންނެވެ. ރީމް އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރެ ޓެކްސީ ތަކަށް ހަނާ އަޅަމުން ދަނިކޮށް ކޮންމެ ޓެކްސީއެއް ވެސް ފަސްދީފައި ދަނީއެވެ. ޒަކްވާންއަށް ރީމް އެކަނިކޮށްލައިފައި ދާން ނުކެރިގެން ކާރު އަނބުރައިލައިފައި އައިސް ކައިރިއަށް މަޑުކޮށްލައިފިއެވެ. ހިނދުކޮޅެއް ވާން ދެން ރީމް ހުރީ ކަންތައް ކުރާނެ ގޮތެއް ނުނިންމިފައެވެ. ގިނައިރު އެގޮތަށް ހުންނަން ވެއްޖެއްޔާ މާބޮޑަށް ތެމޭނެކަން އިހްސާސް ވެފައި އޭނާ އެންމެ ފަހުން ކާރަށް އެރިއެވެ. ރީމް ޓިޝޫފޮށިން ޓިޝޫއެއް ދަމައިލައިފައި މޫނު ފުހެލިއެވެ. އެއިސްތަށިގަނޑު ވެސް ހިސާބަކަށް ތެމުނެވެ. ޒަކްވާން އިނދެފައި އެއްލި ކަޅިއަކުން ރީމްގެ ކޮނޑުގައި ވިދަމުން ދިޔަ ފެންތިކިތައް ފެނިގެން ފުންކޮށް ބަލައިލެވުނެވެ. އެކަނދުރާ އޮމާންވެފައި ދޮންކަމުން ހިތަށްވެސް އެނގުން ވެލިއެވެ.
"ޔޫ އޯކޭ؟" ޒަކްވާން ކާރު ދުއްވާލައިފައި އެދެމެދުގައި އޮތް ހިމޭން ކަމުން އުދަނގޫ ވެގެން އަހައިލެވުނެވެ. ރީމް ހޫމ އަޅުވާލައިފައި އިރުކޮޅެއް ވާންދެން ބަލަން އިނެވެ. ފެނުގެ އަސަރު ކޮށްފައިވާ ބައެއް އިސްތަށިތައް ޒަކްވާންގެ ނިއްކުރި މައްޗަށް އެލިފައި އޮތްއިރު ބަލައިލަން ވަރަށް ހިތްގައިމެވެ. އަރިމަތީން ފެންނަ އިރު އާރިން އާއި ވައްތަރު ގޮތެއް ހުންނަކަން ރީމްއަށް ފުރަތަމަ ފަހަރަށް ފާހަގަވިއެވެ. ޒަކްވާން ސެޓު އޮންކޮށްލި ފަހުންވެސް ރީމްގެ ނަޒަރު ދޭތެރެ އަކުން އެމޫނަށް ހުއްޓައި ލެވެނީ އިޚުތިޔާރަކު ނޫނެވެ. މިވީ މަދު ވަގުތުކޮޅު ތެރޭގައި ކޮންމެވެސް ބަދަލެއް އަތުވެއްޖެއެވެ.
"ސޯ... ސޯ ވަޓް؟" ރީމް ފެށި ޖުމްލަ މެދުކަނޑައިލައިފައި ޒަކްވާން އަހައިލައިފިއެވެ. "ވެދާނެ މީ އަހަރެން ކުރަން އެންމެ އެކަށީގެން ނުވާ ސުވާލަކަށް ވެސް. އެކަމަކު ދެމީހުންގެ ސިޓުއޭޝަން އެއްގޮތްވީމަ ހަމަ އަހާލާ ހިތްވީ... ހިތަށް އަރަނީ ޒަކްވާންގެ ޕްލޭން އަކީ ކޮބައިބާއޭ. އައި މީން މޫވްއޮން ކުރާކަށް ނުވިސްނަންތަ؟" ރީމް ޖެހިލުންވެ އިނދެފައި ބުނެލިއެވެ. "ސިޓުއޭޝަން އެއްގޮތްވެފަ ކޮބާ؟ ރީމް ގިވްއަޕް ކޮށްލައިގެނެއްނު ތި އިންނަނީ. އެކަމަކު އަހަރެން މޫވްއޮން ކުރުމުގެ ހިޔާލެއް ނުގެންގުޅެން. މާނައަކީ އާރީ އަތުން ލުޖައިން ޖަހައިގަތުމެއް ނޫން. އެކަމަކު ހޯޕް ކުރުމާއި ވެއިޓް ކުރުމަކު ނެތެއްނު ގޯހެއް. އެހެންނޫނަސް ކާކަށް ފިއުޗަރ ގައި ވާނެ ގޮތް އެނގެނީ." ޒަކްވާން ހަމަޖެހިލައިފައި ހިތުގައި އޮތް ގޮތަށް ކިޔައިދިނެވެ. ރީމް ހަމައެކަނި ހިނިތުންވެލައިފައި އިތުރަށް ރައްދެއް ނުދެއެވެ. ރީމް އެދިގެން ޒަކްވާން ކާރު މަޑުކުރީ ގޭޓާއި ތަންކޮޅެއް ދުރަށެވެ.
ޒަކްވާން ކާރު ތެރެއިން ވާރޭކޯޓެއް ނަގައި ދިނުމުން ރީމް އެގަޔަށް މަހައިލި އިރު ބޮޑުކަމުން ވެސް ހިނިއައެވެ. ރީމް އަދި އިސްކޮޅުން ދިގަސް ޒަކްވާންގެ ބިޔަށް ހަށިގަނޑަށް ފިޓްވާ އެއްޗެއް އޭނާއަށް ފިޓްވާނީ ކޮން ގޮތަކުން ހެއްޔެވެ؟ ރީމް ކޯޓު ބާލަން އުޅެން ފެށުމުން ޒަކްވާން ނިކަން ވަރަށް އާދޭސްކޮށްގެން އެންމެފަހުން ފޭބީ ކޯޓުގައި ހުރެގެންނެވެ. ދުވެލާފައި ގޮސް ސިއްރު ސިއްރުން ގޭޓު ހުޅުވާލައި އެތެރެއަށް ވަދެގެން ދިޔަ އިރު ނަސީބަކުން ގޭގެ މައިދޮރު ހުރީ ތަޅު ނުލައެވެ. ރީމް ކޮޓަރިއަށް ވަދެ އެތެރެއިން ތަޅުލާފައި ފުރަތަމަވެސް ވާރޭ ކޯޓު ހިއްކާލައިގެން ގެނެސް ކޮނޑެއްގައި އަޅުވައިލިއެވެ. ހެދުން ބަދަލު ކޮށްގެން ނިދަން އޮށޯވެފައި ބަލައިލި އިރު ޒަކްވާން އަދިވެސް އޮންލައިންގައި ހުރުމުން "ގުޑްނައިޓް" ކިޔާލައިފައި ޖަވާބަކަށް ވެސް އިންތިޒާރު ކުރުމަކައި ނުލައި ލޯ މަރައިލިއެވެ. ރީމްއަށް ނިދި ޖެހުނު ތަނުން ހުވަފެނުގައި ވެސް ފެންނަން ފެށީ ޒަކްވާންއެވެ. ޒީނާމެން ގޭގައި ޒަކްވާން އާއި ދެމެދު ދެކެވުނު ވާހަކަތަކެވެ.
ބޭރަށް ގޮއްސައި އައިއިރު ރަފާލް ލައިގެން ހުރި ގަމީސް ހުރީ ހިސާބަކަށް ތެމިފައެވެ. ރަފާލް ކޮޓަރިއަށް ވަދެފައި ޒޯއީ ބޮކި ދިއްލައިގެން ނިދަން އޮތްވާ ފެނުމުން މަޑު މަޑުން ގޮސް އަލަމާރި ހުޅުވައިލިއެވެ. ގަމީސް ކޮނޑެއްގައި އަޅުވާފައި އެނބުރިލީ އިރު ޒޯއީ އެނދުގައި އިށީންދެލައިގެން އިނުމުން ސުވާލު އުފެދުނެވެ. "ވަޓް ހެޕެންޑް؟" ރަފާލް އައިސް މަގަތުގައި އިށީންދެފައި މަޑުމައިތިރި ކަމާއެކު ސުވާލު ކޮށްލިއެވެ. "ކޭންޓް ސްލީޕް." ޒޯއީ ދެލޮލުން ރަފާލްއަށް ކަރުނައިގެ އަސަރު ފައުޅުވިއެވެ. "އެއީ؟" ރަފާލް އިނީ އޮޅުންފިލުވަން ނުހަނު ބޭނުންވެފައެވެ. "އަހަރެންގެ އަނގައިން މިފަދަ ބަސްތަކެއް ބޭރުވާން ފެށީމަ ރަފާލްއަށް ގަބޫލުވެސް ނުކުރެވިދާނެ... އެކަމަކު ތެދެއް މިބުނަނީ ބެކް އެޓް އިންގްލެންޑް... އަހަރެން ވަރަށް ހަނދާންވި އެންމެން މަތިން. ވަރަށް އެކަނިވެރިވި. މީހުން ބުނެއެއްނު އެއްޗެއްގެ މުހިންމުކަން އެނގޭނީ ގެއްލުނީމައޭ. ރަފާލް އައި މިސްޑްމައި ފޭމްލީ އެން އެވްރީވަން އެލްސް. އެކަމަކު ބަލާބަ ނައު އައެމް ހިއަރ. އެކަމަކުވެސް ކިހާ ދުރެއްގައި ހުންނަން މިޖެހެނީ. މަންމަ ދުވަހަކުވެސް އަހަރެން އެގެއަށް ވަންނާކަށް ގަބޫލެއް ނުވާނެ." ޒޯއީ ކުރެހިފައިވާ އަޑަކުން ދެއްކި ވާހަކަތައް އަހަން ރަފާލް އިނީ ހަޤީޤަތުގައިވެސް ހައިރާންވެފައެވެ. ތިހުރިހާ ވާހަކައެއް އަންނަނީ ކޮންތާކުން ހެއްޔޭ އަހައިލަން ވެސް ހިތަށް އެރިއެވެ. އެވާހަކަތަކުން ރަފާލްއަށް އެއްކަމެއް ސާފުވިއެވެ. ޒޯއީ ވަކިވެގެން ދިއުމަށްފަހުވެސް މިއޮތްހާ ދުވަހު ދިރިއުޅުނީ އިންގްލެންޑްގައި ކަމެވެ.
"ވެލް... ޒޯއީ އެގޮތާއި ގަބޫލިއްޔާ އަހަރެން ހިނގައިދާނަން ގޮވައިގެން... އަހަރެން އެދެފިއްޔާ ޒޯއީގެ ވާހަކަތައް އަހަން މަންމަ ފަހަރެއްގައި އެއްބަސްވެދާނެ. އެކަމަކު އަހަރެންނަށް ކޮށްދެވޭނީ އެވަރު..." ރަފާލް ވިސްނައިލައިފައި ބުނެލިއެވެ. "ޕްލީޒް!" ޒޯއީ ގެ ދެލޯ ވިދައިގަތެވެ. އުންމީދުގެ މުޅިން އާ ހުޅުކޮޅެއް އެދެލޮލުގައި ދިއްލިގެން ދިޔައެވެ. ރަފާލްއަށް މަންމަ ޤަދަރު ކުރާ ވަރު އޭނާއަށް ރަނގަޅަށް އެނގެއެވެ. ރަފާލް ބުނެފިއްޔާ މަންމަ އޭނާއަށް ފުރުސަތެއް ދީފާނެއެވެ. "އޯކޭ." ރަފާލް ތެދުވެފައި ލެޕްޓޮޕް ހިފައިގެން ގޮސް އިށީންދެލީ ސޯފާގައެވެ. ޒޯއީ ހިތްހަމަޖެހިފައި ދިގު ދިގަށް އޮށޯވެލައިގެން ރަޖާގަނޑު ތެރޭ ފޮރުވުނެވެ. ފުރާޅުގައި ބޮސްދެމުން ދިޔަ ވާރޭތިކިތަކުގެ އަޑުން މާހައުލު މަސްތު ކުރުވަމުން ދިޔައެވެ. ކުޑަ ދޮރުގެ ފޮތިގަނޑު ކަހާލައިފައި ހުރުމުން ވާރޭ ވެހޭ މަންޒަރު ރީތިކޮށް ފެނެއެވެ. ރަފާލް ލެޕްޓޮޕްއިން މަސައްކަތެއް ކުރަން އިނދެފައި ދޭތެއަކުން އެވާރެއަށް ނަޒަރު ހުއްޓައިލައެވެ.
ޒޯއީ އެނދުގައި ދެފަރާތަށް ފުރޮޅޭތީ އަދިވެސް ނުނިދިގެން އުޅޭކަން އޭނާ ދެނެގަތެވެ. އިރުގަނޑެއް ފަހުން ޒޯއީ ރަޖާގަނޑު ހިއްލައިލައިފައި ރަފާލްއަށް ގޮވައިލިއެވެ. "އަހަރެން މިތާ އޮތީމައިތަ ސޯފާގައި ތިއިންނަނީ؟" ޒޯއީގެ ހިތަށް އުދަނގޫ ކުރަމުން ދިޔައީ ކޮންކަމެއްކަން އެނގުމުން ރަފާލް ގާތަށް ލާނެތް ހިނިއަންނަން އުޅެފައިވެސް އަވަހަށް ސީރިއަސް ކުލަވަރު މޫނަށް ގެނައެވެ. "ކީއްވެ ނުކެރޭންވީ؟ އަހަރެންގެ ކޮޓަރި. އަހަރެންގެ ބެޑް..." "އެން ޔޯ ވައިފް." ރަފާލް ވާހަކަ ދައްކަމުން ދަނިކޮށް ޒޯއީ ކުއްލިއަކަށް އިތުރުކޮށްލުމުން ރަފާލް ކުއްލި އަކަށް ހިމޭންވިއެވެ. ހަތަރުކަޅި ބައްދަލުވެފައި އިރުކޮޅަކުން ރަފާލް އިސްޖަހައިލުމުން ޒޯއީގެ ހިތަށް ތަދުވެލިއެވެ. ރަފާލް އެގޮތަށް އޭނާ ބާކީ ކޮށްލައިގެން އުޅޭހާ ހިނދަކު ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކުގައި އެންމެ ހަފްތާއެއް ހޭދަ ކުރި ކަމުގައިވިއަސް ފިލައިގެން ދިޔަފަހުން ޒޯއީ އެންމެ ބޮޑަށް ހަނދާންވީ އެކަކީ ރަފާލް ކަމާއިމެދަކު ދެކޮޅު ހެދޭކަށް ނެތެވެ. ނޭނގުމުގެ ތެރޭގައި ރަފާލް އޭނާގެ ހިތާއި ސިކުނޑިއަށް ވެރިވެފައި ވަނީ އަޖައިބެއްފަދަ ގޮތަކަށެވެ. ޒޯއީގެ ހިތް އަދިވެސް އީތަންއަށް ޓަކައި ފިދާވާން ތައްޔާރުވެފައި ވާކަމަށް ގަބޫލު ކުރެވޭއިރު ރަފާލްއަށް ޓަކައި އެހިތުގައި އޮތް އިހްސާސްތަކަށް ދޭނެ ނަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ރަފާލްގެ ރަނގަޅު ކަމުން މަތިވެރި ޤަދަރެއް ދެވެނީ ނޫންކަމެއް ވެސް ނޭނގެއެވެ.
އެންމެ ފަހުވަގުތު ޒޯއީ ކުށްވެރި ކުރީ އަމިއްލަ ނަފްސެވެ. އެނަފްސަށް އަޑު ލައިގެންފައި ލަދުވެތިކަމާއެކު ތުންފަތުގައި ދަތް އަޅައިލައިގެން އަނެއްކާ މޫނުގައި ރަޖާ އެޅިއެވެ. އަނދިރީގެ ތެރޭގައި ލޯ ހުޅުވައިގެން އޮތްވާ ކަރުނަ އަންނަން ފެށީ އިޚުތިޔާރެއް ނެތިއެވެ. އިރުކޮޅަކުން ރަފާލް ލެޕްޓޮޕް ބައިންދާފައި އައިސް މަގަތުގައި އޮށޯތް ކަން އިހްސާސް ވެގެން ނޭފަތް ދަމައިލާކަށްވެސް ނުކެރުނެވެ. ޒޯއީ ނިދާފައި ކަމަށް ހެދިގެން އިރުގަނޑެއް ވާންދެން އޮތެވެ. ރަފާލް އޮށޯތް ގޮތަށް އަރިއަކަށް ވެސް ޖެހިނުލައި އެހާ އިރު ހޭދަވުމުން ނިދީކަމަށް އޭނާ ނިންމިއެވެ. ނިކަން ސިއްރު ސިއްރުން ރަޖާ ތިރިކޮށްލައިފައި ބަލައިލި ތަނުން މެއަށް ފިނިވެގެން ދިޔައެވެ. ރަފާލް ހަމައެކަނި ޖިންސެއްގައި ބޯދަށަށް ދެއަތް ލައްވާލައިގެން ދިގު ދިގަށް އޮތްއިރު ހާމަވެފައިވާ އެރީތި ހަށިގަނޑު ފުރިހަމަކަމުން ޒޯއީއަށް ބަލަން އޮވެވުނެވެ. ޒޯއީ އެހަށިގަނޑު އެކީއެކަށް އަރިކޮށްލައިގެން އޮވެފައި މޫނުދޮށަށް ދެއަތްތިލަ ލައްވައިލިއެވެ. އިޚުތިޔާރެއް ނެތިވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެސްފިޔަޖަހާލަން އެނގުނީ ވެސް ލޮލުން ފެން އައީމައެވެ. މަޑުމަޑުން އެސްފިޔަތައް މެރެމުން ގޮސް ނިދި ޖެހުނު އިރުވެސް ޒޯއީ އޮތީ ފޫހިކަމެއް ނެތި އެމޫނަށް ބަލާށެވެ.
ހެނދުނު ހޭލެވިގެން ފުރަތަމަ ވެސް ބަލައިލެވުނީ ރަފާލް ކޮބައިތޯއެވެ. ގަޑި ބަލައިލައިފައި ޒޯއީއަށް ތުން ހަދައިލެވުނެވެ. ރަފާލް އޭނާ ބަހައްޓާފައި އޮފީހަށް ދިޔަ ކަމަށްޓަކައި ވެސް ޝަކުވާ ކުރެވުނެވެ. ދެން އޭނާ މުޅި ދުވަހު ކުރާނީ ވެސް ވަކި ކީއް ހެއްޔެވެ؟ ޒޯއީ ވިސްނަން އިނދެފައި އިރުކޮޅަކުން ފެންވަރަން ވަދެ ފުރަތަމަ ވެސް ހޮޑު ލައިލައި ހަލާކުވިއެވެ. ދަތް އުނގުޅަން ވެގެން ބުރުސް އަނގައަށް ލުމާއެކު ކޮންމެ ދުވަހަކު އެކަން ފެށޭނެއެވެ. ބަލިވެއިންކަން އެނގުނު ފަހުން މިވީ ދުވަސްކޮޅު ތެރޭގައި އޭނާ ދަތްއުނގުޅާ ބޭސްވެސް ބަދަލު ކުރި އަދަދެއް ނޭނގެއެވެ. އެކަމަކު ކޮންމެ ބޭހެއް ބޭނުން ކުރިއަސް ހޮޑު ނުލެވޭވަރެއް އަދި ނުވެއެވެ. ވަރުބަލިވެގެން ބިލިގާގައި އޭނާ އިރުކޮޅެއް ވާންދެން އިނެވެ. ތެދުވެވޭ ވަރު ވުމުން ފެންވަރާލައިގެން ނިކުމެފައި އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަނެވުނީއެވެ. ވަރުބަލި ކަމުން ބޭރަށް ނިކުމެލާނެ ހިތްވަރެއް އޭނާގެ ނެތެވެ. ތެމިފައިވާ އިސްތަށިގަނޑު ބާލީސް މައްޗަށް ފެތުރިފައި ބާލީސް ވެސް ތެންމާލައިފިއެވެ. ރަފާލް ނެތިއްޔާ އޭނާގެ ހާލު ބަލައިލަން އަންނާނެ މީހަކުވެސް ވާނެ ކަމެއް ނޭނގެއެވެ.
އެކަމަކު ކަން ވީ އެހެނެއް ނޫނެވެ. ރަފާލް އޮފީހަށް ދިއުމުގެ ކުރީން ނާހިދާ ކައިރީގައި ޒޯއީގެ ހާލު ބަލަން ހަވާލު ކުރިއެވެ. އެހެންނޫން ނަމަވެސް ނާހިދާ ހުރީ ޒޯއީ ރަނގަޅަށް ބަލަހައްޓަން ނިންމައިގެންނެވެ. އެންމެން ދިޔަފަހުން ނާހިދާ އަމިއްލައަށް އެކޮޓަރިއަށް އައިސް ވަދެފައި ޒޯއީ ބާތްރޯބް އާއެކު އެނދުމައްޗަށް ދެމިފައި އޮތުމުން ހަޅޭއްލަވައި ގަނެވުނެވެ. އެއަޑަށް ފާޝާ ވެސް ދުވަމުން އަތުވެއްޖެއެވެ. ނާހިދާ ހާސްވިވަރުން ފުރަތަމަވެސް ރަފާލް އަށް ގުޅިއެވެ. ރަފާލް މަސައްކަތް ދޫކޮށްލައިފައި އަވަސް އަވަހަށް އައެވެ. ނާހިދާ އެނދުގެ މަގަތުގައި އިނދެފައި ރަފާލް ފެނިގެން ތެދުވެއްޖެއެވެ. ރަފާލް ކަރުގައި އޮތް ޓައީ ދޫކޮށްލައިފައި އައިސް ޒޯއީގެ މަގަތުގައި އިށީންދެ އަތުގައި ހިފައިލުމުން ތެޅިގަނެވުނެވެ. ރަފާލް މުށަށް އައިސް ކިއުބްއެއްލައި ބޮނޑިކޮށްލިއަސް އެހާ ފިނިވާނެ ކަމެއް ނޭނގެއެވެ.
"ޒޯ! ލޯ ހުޅުވަބަލަ!" ރަފާލް ޒޯއީގެ މޫނުގައި ފިރުމައިލައިފައި އެމޫނަށް ފެތުރިފައިވާ އިސްތަށި ކޮޅެއް އެއްފަރާތް ކޮށްލަދިނެވެ. ޒޯއީ ގަދަކަމުން ލޯ ހުޅުވައިލަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ކަރުނަ އަތުވެއްޖެއެވެ. ޅަކުއްޖެއްހެން ތުންފިއްތައިލި ގޮތުން ރަފާލް ހިތަށް އެތައް ހާސް ކަށިތަކެއް ހަރައިލެވުނު ފަދައެވެ. ލޮލުގައި ރަނގަޅަށް ވެސް ކަރުނަ ހިނގައިލިއެވެ. "ޕްލީޒް ޑޯން ކްރައި ބޭބީ. އަހަރެން އެއްވެސް ކަމެއް ވިޔަކަ ނުދޭނަން." ރަފާލް ޒޯއީގެ އަތްތިލަ މުށުތެރޭގައި ފިއްތައިލައިފައި ނަގައި ތުންފަތް ޖައްސައިލަމުން އަސަރާއެކު ވާހަކަދެއްކިއެވެ. ޒޯއީ ހެދުން ލައްވައި ތައްޔާރު ކުރަން ބުނެފައި ރަފާލް ނިކުމެ ފޯންކުރީ ތިއާ އަށެވެ. ޒޯއީ ހޮސްޕިޓަލަށް ގެންދާ ވާހަކަ ޝަކީބާއަށް އަންގާ ދިނުމަށް ރަފާލް އެދުނެވެ.
ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ހެދިފަހުން ޒޯއީ ލޭވެސް މަދުކަން އެނގުނެވެ. އަނެއްކޮޅުން ޕްރެޝަރ އެހާ ދަށެވެ. ޒޯއީ ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައި އައި ވީއެއް ގުޅިފަހުން ނާހިދާވެސް ގެއަށް ދާން ނިކުތެވެ. އައިވީ ހުސްވީމައި ދޫކޮށްލާނެ ވާހަކަ ޑޮކްޓަރ ބުނުމުން ރަފާލް ބޭނުންވީ އެތާގައި ހުންނަ މީހަކީ އޭނާ ކަމުގައި ވުމަށެވެ. ނާހިދާ ވެސް ދެކޮޅެއް ނުހަދައެވެ. ރީމް ހުރެލާފައި ކުލާހަށް ދާން ނިކުތްފަހުން ޝަހީމު ވެސް އައެވެ. ޒޯއީ ލަދުން ލޯވެސް މެރިއެވެ. ޝަހީމު ކައިރީގައި ގޮޑިއެއް ކައިރި ކޮށްލައިގެން އިނދެފައި ރަފާލް ކައިރިން ކަންތައްތައް އޮޅުން ފިލުވިއިރު އޭނާ އޮތީ ނުތަނަވަސްވެފައެވެ. ޝަހީމު ނިކުމެގެން ދާނީ ކޮންއިރަކުން ބާއޭ ހިތަށް އަރައިފައެވެ.
"ހީޒް ގޯން." ރަފާލް ވާހަކަދެއްކި އަޑަށް ޒޯއީ ލޯ ހުޅުވައިލި އިރު ޝަހީމު ފެންނާކަށް ނެތެވެ. ޒޯއީ ނުބުންޏަސް އޭނާ އުޅުނު ގޮތުން ރަފާލް ދެނެގަތެވެ. ޒޯއީ ހަމަ އޮވެފައި ކުއްލި އަކަށް ލޯ މެރީ ޝަހީމު ވަނީމައެވެ. "ހައު ޔޫ ފީލިން ނައު؟" ހާލަތުގެ ނާޒުކްކަން ދިއުމުން ރަފާލް މިހާރު އިނީ ތަންކޮޅެއް ދުރުގައެވެ. ޒޯއީއަށްވެސް އެކަން ފާހަގަވިއެވެ. "ބެޓަރ." ޒޯއީ ޖަވާބު ދީފައި ބަލަން އޮތެވެ. "ޓެލްމީ ވަން ތިން... އެކޮޅުގައި އުޅުނު އިރުވެސް މިގޮތަށް ދިމާވޭތަ؟" ރަފާލް އަތުތެރޭގައި އޮތް ފޮތުން ނަޒަރު ވަކިކޮށްލައިފައި ބަލައިލިއެވެ. "ހޫމ..." ދެރަވެގެން ޒޯއީއަށް ވާހަކައެއް ނުދެއްކުނެވެ. އިންގްލެންޑްގައި އޭނާ އެކަނިމާއެކަނި އުޅުނު ހާލު ހަނދާންވެފައި ދާދި ފަސޭހައިން ރޮވިއްޖެއެވެ. ޒޯއީ އައިވީ ނުގުޅާ އޮތް އަތްތިލައިން މޫނު ފޮރުވައިލި އިރު ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފަށައިފިއެވެ. ރަފާލްއަށް ކުރެވުނު ކަމަކީ ތިރީ ތުންފަތުގައި ދަތް އަޅައިލުމެވެ. ހިތަށް އަނެއްކާވެސް ފުން އަސަރުތަކެއް ކޮށްލުމުން ލޯ ފެންކަޅިވިއެވެ. ޒޯއީ އެހާލުގައި ވެސް އޭނާގެ ދަރިފުޅު ހިމާޔަތް ކުރި ކަމަށްޓަކައި ޝުކުރު އަދާ ކުރާ ހިތް ރަފާލް ވިއެވެ.
"ޒޯ ހާދަ ހިތްވަރުގަދައޭ. އަސްލުވެސް އަހަރެން ހަމަ ހައިރާންވެއްޖެ. އެން އައެމް ސޯ ޕްރައުޑް އޮފް ޔޫ ގާރލް!" ރަފާލް ޒޯއީގެ ކަރުނަތައް ހުއްޓުވާލުމަށް ޓަކައި ބޭނުން ކުރި ނަމަވެސް އެބަސްތައް ނިކުތީ ހިތުންނެވެ. ޒޯއީއަށް ޓަކައި އޭނާ ހިތުގެ ފުނުން ފަޚުރުވެރިވިއެވެ.
އިރުކޮޅަކުން ދޮރު ހުޅުވުނު އަޑު އައީ ދެމީހުންގެ ސަމާލުކަން އެދިމާއަށް އަނބުރާލައިފައެވެ. ރަފާލްއަށް ފެނުނީ ޒޯއީ އަތްތިލަ ތިރި ކޮށްލުމާއެކު މޫނަށް އެރި ކުލަވަރެވެ. ރަފާލް އެނބުރި ބަލައިލައިފައި ދޮރުމަތީ ތިބި ދެމީހުން ފެނިގެން ގޮނޑިން ތެދުވެއްޖެއެވެ. ޝަކީބާ އެތެރެއަށް ވަދެގެން އައީވެސް ސީރިއަސް މޫނަކައިގެންނެވެ. ފަހަތުގައި ތިއާ ހުރެގެން ޝައުޤުވެރި ކަމާއެކު ޒޯއީގެ މޫނަށް ބަލަމުން ދިޔައެވެ. "އެބަ އަންނަން." ރަފާލް އެމީހުންނަށް ފުރުސަތު ދީފައި ނިކުމެގެން ދާން ފެށުމުން ޒޯއީ ކަންބޮޑުވިއެވެ. ރަފާލް ކައިރީގައި ހުރުމުން މަންމަގެ ކުރިމަތީގައި އޭނާއަށް ހިމާޔަތްތެރިކަން އިހްސާސް ކުރެވޭނެއެވެ. "ކިހިނެއްތަ މިހާރު؟" ޝަކީބާ ޒޯއީގެ ކައިރިއަށް ޖެހިލާފައި މަޑުމަޑުން އަހާލައިފިއެވެ. ކިތަންމެ ހިތް ހަރުކޮށްގެން އުޅެފައިވެސް ބަލިހާލެއް ކުރިމަތިވިކަން އެނގުމުން ޝަކީބާއަށް ދުރުގައި ނުހުރެވުނީއެވެ.
"އައެމް ސޯ ސޮރީ މަންމާ." ޒޯއީ ޝަކީބާގެ އަތުގައި ހިފާލުމާއެކު ބާރަށް ރޯން ފަށައިފިއެވެ. އެތަން ފެނިގެން ތިއާވެސް ދެރަވިއެވެ. ޒޯއީ އަކީ އަބަދުވެސް ހިތްވަރު ގަދަ ކުއްޖެކެވެ. އެގޮތަށް ޒޯއީގެ ލޮލުން ކަރުނަ އައިތަން އޭނާ ދުށީވެސް މަދު ފަހަރަކުއެވެ. "ތި ވާހަކަ އަދި ފަހުންވެސް ދެއްކިދާނެ އެއްނު. މިވަގުތަށް ދަރިފުޅުގެ ހާލު ހުރިގޮތް މަންމައަށް ކިޔައިދީބަލަ. ޑޮކްޓަރ ކީކޭތަ ބުނީ؟ ބޭބީ ރަނގަޅު ދޯ." ޝަކީބާ އިށީންދެފައި ޒޯއީގެ ބަނޑާއި ދިމާލުގައި މަޑުމަޑުން ފިރުމާލި އިރު ލޮލުގައި ވިދުމެއް ވިއެވެ. ޒޯއީ ބަލިވެއިން ޚަބަރު ލިބިގެން ޝަކީބާ މޫނުމަތިން އުފާވެރިކަން ނުދައްކާ ހުރެފައި ކޮޓަރިއަށް ގޮސް އެކަނި ވުމުން އުފަލުން ކަރުނަ އެޅިއެވެ. އެދަރިފުޅު ޒޯއީގެ ހަޔާތް އަލުން އާބާދު ކޮށްދޭނެ ކަމުގައި އެވަގުތުވެސް ނިންމައިފިއެވެ. މަންމަގެ ވާހަކަ ހުރިގޮތުން ޒޯއީ ހައްތަހާ ކަންބޮޑުވިއެވެ. މަންމަ އެހާ ފަސޭހައިން ދޫނުކޮށްލާނެ ކަމާއި ކޮންމެވެސް ސިފައެއްގައި ރުޅިގަނޑު އަދި ބާލާނެކަން ވިސްނުނެވެ.
"ކޮންގްރާ ޒޯއީ. އައެމް ރިއަލީ ހެޕީ ފޯ ޔޫ.." ތިއާ އަނގައިން ނުބުނެ ހުރެފައި ފުރުސަތެއް ލިބުމުން ބުނެލިއެވެ. ޒޯއީ ބަލައިލި އިރު ތިއާ ހުރީ ނިކަން އުފާވެރިކޮށް ހިނިތުންވެފައެވެ. ޒޯއީ އެހިނިތުންވުމުގެ ޖަވާބުދީފައި އަތް އުފުލައިލީ ކައިރިއަށް އަންނާށޭ ބުނާފަދަ ގޮތަކަށެވެ. ތިއާއަށް ލިބުނު ހައިރާން ކަމާއެކު އައިސް ކައިރިއަށް ހުއްޓުމުން ޒޯއީ އެއަތުގައި ހިފައިލައިފައި "ތޭންކްސް" އޭ ބުނެލައިފިއެވެ. "ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ އެބަހުރި. އަހަރެން ގެއަށް ފޮނުވާލީމަ ކޮންމެވެސް ވަގުތަކުން ޖައްސާލައްޗޭ ޕްލީޒް!" ޒޯއީގެ ވާހަކަ ހުރިގޮތުން ތިއާ ސޮނި ވެއްޓޭވަރު ވިއެވެ. ތިއާ އުފަލުން އަވަސް އަވަހަށް އެއްބަސް ވިއެވެ.