"އެވްރީތިން އޯލްރައިޓް؟'" ތިއާގެ ދޮން ނިއްކުރީގައި މުތީތަކެއް ފަދައިން ހަރުލައިގެން ދިޔަ ދާ ތިކިތައް ފެނިގެން ރަފާލް އަހައިލިއެވެ. "ޔަޕް. އެކަމަކު ވަރަށް އަވަހަށް ދާން ޖެހިއްޖެ." ތިއާ ދެއްކުމުގެ ހިނިތުންވުމަކާއި އެކު މޯބައިލް ޖިންސްގެ ޖީބަށް ކޮށްޕައިލައިފައި ބާރުބާރަށް ސިޑިއާއި ދިމާއަށް ދިޔައެވެ. ތިއާ ގޮސް ގޭޓާއި ހަމަވި އިރު އާރިން ލެމްބޯގިނީގައި އައިސް ވަންނަން ދިމާ ކުރަނީ އެވެ. ތިއާ އެއްފަރާތަކަށް ޖެހިލި ތަނާ އާރިންއަށް ފެނިގެން ދޮރު ހުޅުވާލައިފައި ނިކުތެވެ. "ތިއާ ބޭބީ. ރައިޑެއް ދެންތަ؟" އާރިން ބޮލުގައި އޮތް ތޮފި ނަގާފައި ކާރުގައި ލަތްގަނެލީ ނިކަން ސަޅިކޮށެވެ. އެވަގުތު ތިއާ ފާޑަކަށް ތުން އަނބުރައިލާފައި ނިކުމެގެން ގޮސް އެރީ މަގުގެ އަނެއްފަރާތުގައި އޮތް ކާރަށެވެ. އާރިން މަޑުމަޑުން ހީލަމުން ކާރުގައި ގަރާޖާއި ދިމާއަށް ދިޔައެވެ.

ބަދިގެ ތެރޭގައި ލުޖައިން ހަރަކާތްތެރި ވަމުން ދިޔައިރު ނާހިދާ ދޭތެރެ އަކުން ވަދެ ކަންތައް ހިނގާ ނުހިނގާ ގޮތް ބަލައިލައެވެ. ނޯކަރުން ތަކަށް އަތްގާތް ކޮށްދޭން އުޅެފައި ލުޖައިން އަމިއްލައަށް ވެސް އެއް އައިޓަމް ތައްޔާރު ކުރިއެވެ. ނާހިދާ އޭނާ އެގެއަށް އަދި ދެވަނަ ދުވަހު ގޮވާ ގެނެސް ބަދިގެއަށް ވައްދާފައި މަސައްކަތް ކުރަން ބުނެލީ އަމުރުވެރި ކޮށެވެ. އެކަމަކު މާބޮޑަށް ހަޅޭއްލަވައި ދެރަކުރާ ގޮތަށް މުޙާތަބެއް ނުކުރެއެވެ. އެއީވެސް ނަސީބޭ ލުޖައިން ހިތަށް އެރިއެވެ. އާރިން އެކެއްގެ ހުއްދަވެސް ނުހޯދައި އެގޮތަށް އޭނާ ގެނެސް އެގޭގައި ގެންގުޅޭތީ އެންމެން ހިތްހަމަ ނުޖެހިފަ ހުންނަކަން ދުލުން ނުބުންޏަސް މޫނުން ހާމަވެއެވެ. އެކަމަކު ނާހިދާވެސް އަދި މިވީހާތަނަށް ނުބައި މައިދައިތަމެން އުޅޭހެން އާރިން ނެތްގަޑީގައި ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އަންހެން ކުއްޖަކު ކައިރީ މަސައްކަތެއް ކުރަން އަދި ބުންޏަސް ލުޖައިންގެ ނަޒަރުގައި އެއީ ގޯހެއް ނޫނެވެ. ލުޖައިން މީގެ ކުރިންވެސް ބަދިގެއަށް ނުވަންނަނީ ނާހިދާމެން ހިތްހަމަނުޖެހިދާނެ ކަމަށް ހީވެގެންނެވެ. އެކަމަކު މިހާރު މިވީގޮތުން ހުސްވަގުތު ތަކުގައި ގިނަ ގިނައިން ބަދިގެއަށް ވަދެ ނޯކަރުންނާއި އެހީވާން ލުޖައިން ނިންމިއެވެ. 

ކައްކަން އުޅޭ ދެމީހުންވެސް ނިކަން ގުޅެއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލުޖައިންއަށް އެނގުނީ އެދެމީހުންވެސް ހުންނަނީ އެކަކު އަނެކަކަށް ހިތް ކިޔައިފައި ކަމެވެ. ރަޝާދު މެލޭޝިޔާ މީހަކަށްވެފައި ފާޝާ ލަންކާ ކުއްޖަކަށް ވުމުން ދެމީހުން ވާހަކަދައްކާ އުޅެނީ ކޮށި ދިވެހި ބަހުންނެވެ. އުމުރުގައި ހައަހަރުގެ ތަފާތެއް ހުއްޓަސް ފެންނަ ފެނުމަށްވެސް ނިކަން ގުޅެއެވެ. އެގޭގައި ނޯކަރުންގެ ވަޒީފާގައި އުޅެނީވެސް ރީތި މީހުންނެވެ. ލުޖައިންއަށް އެންމެ މަޖަލީ އެދެމީހުން ބަސްމޮށުން ތެރިކަމާއި ނުލައި ލޮލާއި އިޝާރާތުން އެދައްކާ ކުލަތަކުންނެވެ. އެފަދަ ކޮންމެ ވަގުތެއްގައިވެސް ލުޖައިންގެ ޅަހިތުގައި ރަސްކަން ކޮށްލަނީ އާރިންގެ ރީތި ހިޔާލުތަކެވެ. އާރިންވެސް އެގޮތަށް އިޝްޤީކޮށް އުޅޭނެ ނަމައޭ ހިތަށް އަރައެވެ. އެދުވަހަކުން އޭނާ އުފަލުން އަބަދު އުޅޭނީ ވައިގެ ތެރޭގައި އުދުހިލާފައެވެ.

ދޮރުމަތިން ފިޔަވަޅުގެ އަޑު އިވިގެން ލުޖައިން ބަލައިލި އިރު އާރިން ވަންނަނީއެވެ. އާރިން ޕޮލިސް ޔުނީފޯމާއެކު ތޮފި އަޅާލައިފައި ހުންނަ އިރު އެހާ ޝަހުސިއްޔަތު ވަރުގަދަކޮށް ހުރެފައި ރީތިކަމުން ވެސް ލުޖައިން މޮޔަވާވަރު ވިއެވެ. އޭނާ ކުޑައިރުއްސުރެ ޕޮލިހުން ދެކެ ބިރުން އުޅެފައި އާރިން އެގޮތުގައި ފެންނަން ފެށުމުން މިހާރު އެޔުނީފޯމް ދެކެވެސް ލޯބި ވެވިއްޖެއެވެ. މީހުން ބުނަނީ ތެދުވާހަކައެކެވެ. ލޯބި އިންސާނާގެ ދިރިއުޅުމަށް ހީނުކުރާ އެތައް ބަދަލެއް ގެނެއެވެ. ލޯބިނުކުރާ އެތައް އެއްޗެއް ދިރިއުޅުމުގެ އެންމެ މުހިންމު ބައިތަކު ތެރެއަށްވެސް ގެނެސްލައެވެ. އާރިން ކޮފީއަށް ލޯބި ކުރާވަރު އެނގިގެން ލުޖައިން މިހާރު މަދު މަދުން ކޮފީ ބޯން ފަރިތަކޮށްގެން އެންމެ މީރު ބުއިންތަކުގެ ލިސްޓް ކުރިއަށް ކޮފީވެސް ލައިފިއެވެ. އާރިންއަށް މީރު ކާއެއްޗެހީގެ ލިސްޓް ފާޝާ ކައިރިން އޮޅުން ފިލުވައިގެން އެއެއްޗެހި ތައްޔާރު ކުރާނެ ގޮތް ދަސްކުރަން ފެށީ ދާދި ފަހަކުންނެވެ. 

ބޮލުގައި އޮތް ތޮފި މޭޒުމަތީ ބާއްވާފައި އާރިން ފްރިޖުން ފެންފުޅިއެއް ނަގާ އެތިފޮދެއް ބޯލިއެވެ. އާރިން ފެންފުޅި އަނބުރައި ފްރިޖަށް ލައިފައި ބަލައިލި އިރު ލުޖައިން ގެއްލިފައި ހުރެގެން ފެންޖަގު ނަގައި އުނދުންމަތީ ހުރި ކެކިކެކި ހުރި ތެއްޔަށް އަޅައިލަން ތައްޔާރު ވަނީ އެވެ. "މިއަދު ލަންޗް ގަޑީގަ ސޫޕްތަ؟" އާރިން ލާނެތް ހީލުމަކާއި އެހެން ބުނެލުމުން ލުޖައިންއަށް ހޭވެރިކަން ވެގެން ބަލައިލައިފައި އަވަހަށް އެސްފިޔަތައް ތިރިކޮށްލިއެވެ. އެމޫނު ރަތްކުލައަކަށް ބަދަލުވެ މައުސޫމުކަން އިތުރުވެގެން ދިޔަތަން ފެނިގެން އާރިންއަށް ދުރަކު ނުހުރެވުނެވެ. ލުޖައިން ކުރިއަށް ވުރެވެސް ބޮޑަށް މޯޅިވެގެން ދިޔައީ އާރިން އައިސް ކައިރިއަށް ހުއްޓުނު ފަހުންނެވެ. ލައިގެން ހުރި ރަތް ހެދުމުގެ ކުލަ އާއި އެމޫނު އެއްކުލަ ވެއްޖެއެވެ. ހުޅުވާފައި ހުރި ކުޑަ ދޮރުން ވައިރޯޅިވެސް ވަނީ ހަމަ އެވަގުތުއެވެ. އެރޯޅީގެ އެހީގައި ލުޖައިންގެ ހުޅިގަނޑާއި ވަކިވެފައިވާ އިސްތަށި ކޮޅެއް ތިރިއަށް އެލިގެން ކޯތާފަތުގައި ބޮސްދޭން ފެށިތަން ފެނިގެން އާރިން ރަނގަޅަށްވެސް ހަސަދަވާގޮތް ވިއެވެ. 

އެއިސްތަށި ކޮޅު އެއްފަރާތް ކޮށްލަން އާރިންގެ އިނގިލިތައް ހަރަކާތް ކޮށްލި ވަގުތު ލުޖައިންގެ އޮމާން ކޯތާފަތުގައި ބީހެވި ދެޖިސްމަށް ކަރަންޓް އައިފަދައެވެ. ލުޖައިން ތެޅިގަތީނުން އަތުގައި ހުރި ފެންޖަގު ދޫކޮށްލައިފިއެވެ. އެވަގުތު އާރިން ހުޝިޔާރުވެފައި އެޖަގު ނުހިފިނަމަ ވެއްޓި ކުދި ކުދި ވާނީ ގޭ އެންމެންގެ ސަމާލުކަމަށް ގެނުވާފައެވެ. "ކެއަރފުލް! ބޭބީ." އާރިން ޖަގު ބަހައްޓާފައި ލުޖައިންގެ ލޮލާއި ލޯ ގުޅުވައިލީ ސިހުރުވެރި ގޮތަކަށެވެ. "މިއައީ ކުޑަވަރެއްގެ ރިކުއެސްޓް އަކާއިގެން. ކޮށްދޭނަންތަ؟" އާރިން އެހާ މަޑުމައިތިރި ނުވިނަމަވެސް ލުޖައިންނަށް ދެކޮޅު ނުހެދުނީހެވެ. "އޯކޭ." ލުޖައިންގެ އަޑު ނިކުތީ ނިކަން އުދަނގުލުންނެވެ. ލުޖައިންއަށް ހުރެވުނީ ނޭވާވެސް ނުލައެވެ. "ނައު ބްރީތް." އާރިންއަށް އެކަން ފާހަގަވެގެން ލުޖައިންގެ ކޮލުގައި ކޮށްޓައިލައިފައި މަޑުމަޑުން ހީލައިފިއެވެ. 

"އަވަހަށް އަންނައްޗޭ! އައިލް ބީ ވެއިޓިން." އާރިން ދުރަށް ޖެހިލާފައި ދޮރާއި ދިމާއަށް ދަމުން އަދި އެއްފަހަރު އެނބުރި ބަލައިލިއެވެ. ލުޖައިން އެހުރި ގޮތަށް ބުދެއްހެން ބަލަން ހުރުމުން އާރިން ދިޔައީ އެއްމިޔަކަނުން ހީލަމުން އެއްލޯވެސް މަރައިލައިފައެވެ. "އަނެއްކާ އާރީ އެދެން އެއުޅެނީ ކޮންކަމެއްބާ؟" ލުޖައިންއަށް ވިސްނައި ލެވުނީ މާފަހުންނެވެ. އެކަނި ހުރެވެސް އަނގައަށް ގޮތެއް ހަދައިލެވިއްޖެއެވެ. އާއެކޭ ބުނެ ބަހައްޓާފައި ދާތަނުން ކޮށްނުދެވޭވަރުގެ ކަމެއް އާރިން އެދެފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ލުޖައިން ވިސްނައިލިއެވެ. އެކަމަކު މިހާރު އާރިންގެ ކަންތައް ހުންނަ ގޮތަށް ބަލާފައި ގޯހެއް ހަދަން އުޅޭނެ ވައްތަރެއް ނުޖަހައެވެ.

ހިޔާލު ތަކެއްގައި ހުރެގެން ކައްކައި ނިންމާފައި ލުޖައިން ކޮޓަރިއަށް ދިޔައެވެ. އާރިންގެ ކައިރިއަށް ދާން އޭނާ ބޭނުންވީ ރީތިވެލައިގެންނެވެ. ލުޖައިން ފެންވަރަން ވަދެފައިވެސް އާރިންއަށް ލަސްވެދާނެތީ ކަންބޮޑުވިއެވެ. އެހެންވެ އަވަހަށް ފެންވަރާލައިގެން ނިކުމެ ތައްޔާރު ވެލައިފިއެވެ.

އޮފީސް ދޮރުމައްޗަށް ކާރު މަޑު ކުރުވާފައި ތިއާ ފޭބިއެވެ. ތިއާގެ ފިނިވެފައިވާ ދެއަތްތިލައިގައި މަޑު ތުރު ތުރެއް އުފެދި މުޅި ހަށިގަނޑަށް ފެތުރޭކަށް ސިކުންތު ކޮޅެއްވެސް ނުނެގިއެވެ. ތިއާ ޑްރައިވަރ ފޮނުވާލައިފައި ހަލުވި ފިޔަވަޅު ތަކެއްގައި އޮފީސް ތެރެއަށް ވަދެގެން ދިޔައީ އެހެން މީހަކަށް ބަލައިލުމެއް ނެތިއެވެ. އީތަންގެ ކެބިން އާއި ހަމަވީއިރު އެތެރޭގައި އެކަކުވެސް ނެތެވެ. ތިއާ އީތަންގެ ފޯނަށް ގުޅައިލަމުން ދޮރު ހުޅުވާލާފައި ވަންތަނާ ފޯން ރިންގްވީ މޭޒުމަތިންނެވެ. ތިއާއަށް ޔަޤީންވިއެވެ. އީތަން ވާނީ އެއޮފީހުގެ ކޮންމެވެސް ތަނެއްގައެވެ. ތިއާ ގަދަކަމުން އަމިއްލަ ނަފްސް މައިތިރި ކުރުވާފައި އީތަންގެ ގޮނޑީގައި އިށީންދެ ކުޑަ ދޮރާއި ދިމާއަށް އަނބުރާލައިފިއެވެ. އިރުކޮޅަކުން ތެދުވެފައި ގޮސް ފޮތިގަނޑު ކަހާލުމުން އިރުގެ ދޯދިތައް އައިސް އެމޫނަށް އެޅުނެވެ. ތިއާ ދެލޯ މަރައި ތަގުޅިކޮށްލަމުން ބިއްލޫރިގަނޑުގައި ނިއްކުރި ޖައްސައިލި ތަނާ އެސްފިޔަތައް ފޫދުއްވާލައިފައި ކަރުނަތައް އޮހިގެންފިއެވެ. އަވަސްއަވަހަށް ކަނާއަތުން އަނގަމަތީ ހިފަހައްޓައި ނުލެވުނު ނަމަ އަޑު ބޭރުވީހެވެ. 

"ސްވީޓްހާރޓް! ކީއްތިކުރަނީ މިތާގަ؟" އެއިވުނީ އީތަންގެ އަޑެވެ. ތިއާ ބާރަށް ރޮވިދާނެތީ އަނގަމަތީން އަތް ނުނަގަން ހުއްޓާ އީތަން އައިސް ފުރަގަހަށް ހުއްޓިފައި ތިއާގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރާލައިފިއެވެ. "ހޭއި! ރޮނީތަ؟ ވަޓްސް ރޯންގް؟" އީތަންގެ މެއަށް ކަށިތަކެއް ހަރައިލެވުނު ކަހަލައެވެ. އީތަންއަށް އެމޫނުގައި ހިފައިލެވުނީ ނޭވާ ހިފަހައްޓައިލައިފައެވެ. "އަހަރެންގެ ފޯން... ބަލާބަ." ތިއާ ގަދަކަމުން ޖަވާބު ދީފައި ކުރިއަށްވުރެވެސް ބާރަށް އަނގަމަތީ ހިފަހައްޓައިލިއެވެ. އީތަން އެނބުރި ބަލައިލައިފައި އިރުކޮޅަކުން ފޯނާއި ދިމާއަށް ގޮސް ހުއްޓުނު އިރު ހިތް ތެޅެމުން ދިޔައީ ބިރުގަންނަހާ ބާރަށެވެ. ވެގެން އުޅޭގޮތް ނޭނގިވެސް ތިއާގެ ކަރުނަތަކުން އީތަން ބިރުގަނެއްޖެއެވެ. 

އީތަން ހިނދު ކޮޅަކަށް ބަސް ހުސްވިއެވެ. ފޯނަށް ބަލަން ހުރެގެން އަނެއް އަތުން އިސްތަށިގަނޑަށް އިނގިލިތައް މަހައިލެވުނެވެ. ވާހަކަދައްކަން އުޅެފައިވެސް އެއްޗެއް ނުބުނެވިގެން އީތަން ފަޓްލޫނު ޖީބަށް ދެއަތް ޖަހައިލަމުން ގޮސް ހުއްޓި ބިއްލޫރި ގަނޑަށް ދެލޯ ހުއްޓައިލިއެވެ. "ޒޯއީ ރަފާލް އާއި މެރީކުރަން ތައްޔާރުވީ އީތަން ރިޖެކްޓްކުރީމަ ބަލި ގަބޫލު ކޮށްގެނެއް ނޫން. ރަފާލްގެ ވީކްނެސް އެނގިގެން އަނެއް ގޭމް ޖައްސަން އެތައްޔާރު ވަނީ. އަހަރެން ރަފާލް ކައިރީ ކިޔާނަމޭ ބުނީމަ އަނގަ ބަންދުކޮށްލަން ފޮނުވި އެމްއެމްއެސް އެއް ތީ. އީތަން. ޒޯއީގެ ހިޔަނި ދުވަހަކުވެސް އަހަރެން ފަހަތުން ނުނައްޓާނެ. ޝީ ވޯން ލެޓް މީ ބީ ހެޕީ." ތިއާ އީތަންގެ މޭގައި މޫނު ފޮރުވައިލާފައި ރޮވިފައިވާ އަޑަކުން ކިޔައިދިނެވެ. "ޒޯއީ ހަމަ އެހާ ދަށު ދަރަޖައަކަށް ވެއްޓުނީތަ؟ ހައު ކުޑް ޝީ؟" އީތަންއަށް ބުނެލެވުނެވެ. 

ތިއާގެ ފަރާތުން ޒޯއީގެ ފަތިފުށް އަހާފައި ވީ ނަމަވެސް އީތަންއަށް އަދި ކިރިޔާ ލޮލަށް ފެނުނީއެވެ. ރިސޯޓަށް ގޮސް އުޅުނު އިރު ޒޯއީ އެވަރަކުން އޭނާ ހިފަހައްޓަން އުޅެފައި ދިޔަ ދިނީ ކީއްވެކަން އަދި ކިރިޔާ މި އެނގުނީއެވެ. ޒޯއީ ކޮޓަރި ބަހާފައި އެތާ އުޅޭ މީހުންނާއި ގުޅިގެން ކެމެރާ ހަރު ކުރާނީ އެގޮތަށް އެދެމީހުން މުށުތެރެއަށްލައި ފިއްތާލަން ގަސްތުކޮށްގެންނެވެ. މިއަދު ތިއާގެ އަނގަ ބަންދުކުރަން އެކަނި ބުނެފައި އަދި މާދަމާ އެދެމީހުން ވަކިވާ ހިސާބަށް ވެސް ޒޯއީ ކަންތައްގަނޑު ގެންދާނެ ކަމަށް އީތަންއަށް ގަބޫލު ކުރެވުނެވެ. ރުޅި އައުމުގެ ބަދަލުގައި އީތަން ހިތަށް ކުރީ ތަފާތު އަސަރެކެވެ. އީތަންގެ މުޅި ހަޔާތުގައި ޒޯއީއަށް އެހާ އިތުބާރު ކޮށްފައި މިއަދު މިވީ ކިހިނެތް ހެއްޔެވެ؟ ހުރިހާވެސް މައްސަލަ އަކީ ޒޯއީ އެދެމެދުގައި އޮތް ރަހުމަތްތެރި ކަމަށް "ލޯބި" މިނަން ދިނުމެވެ.

"ޑޯން ވޮރީ ޑާރލިން. އަހަރެން އެއްވެސް ކަމެއް ގޯސްވިޔަ ނުދޭނަން." އީތަން ތިއާގެ އިސްތަށިގަނޑުގައި ފިރުމައި ލަމުން ހިތްވަރު ދިނެވެ. "ދެން އަހަރެން ކިހިނެއް ހަދާނީ؟ ޒޯއީ އަހަރެމެންގެ ޕްރައިވެޓް މޯމެންޓްތައް މަންމަ އާއި ބައްޕަގެ ކުރިމައްޗަށް ގެންގޮއްސިއްޔާ ދުވަސްދިޔައީ. ޒޯއީ ފަހަކަށް ނުޖެހޭނެ މިފޮޓޯ އިންޓަނެޓަށް ލާކަށްވެސް. އީތަން އަހަރެންގެ ރެޕިއުޓޭޝަން ވެއްޔާ މޮޑެވޭނެ. އެންމެން މަލާމާތް ކުރާނެ. މަގެއް މައްޗަށް ނިކުންނާކަށް މީހަކަށް މޫނު ދައްކައިލާކަށް ނުކެރޭނެ." ތިއާގެ ކަރުނަތަކުން އީތަންގެ ގަމީސް ތެމެމުން ދިޔައެވެ. އަނެއްކޮޅުން އޭނާ ކަންބޮޑުވެފައި ހުރީ އިތުރު މީހަކަށް އެމަންޒަރު ފެނިދާނެތީއެވެ. އެހެންވެއްޖެނަމަ ޝަކީބާގެ ކަންފަތާއި ހަމައަށް ފޯރާކަށް މާގިނަ ވަގުތެއް ނުނަގާނެއެވެ. "ތިއާ. ލިސަން ޓު މީ. ޓޭކް އަ ޑީޕް ބްރެތް. ރިލޭކްސް. އެން ގޯ ހޯމް. މިކަމާއި އެއްގޮތަކަށް ވެސް ވިސްނާނެ ކަމެއް. އަހަރެން ހުރިހާ ކަމެއް ރަނގަޅު ކޮށްދޭނަން. ޓްރަސްޓް މީ." އީތަންގެ ތިއާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލަމުން ކަރުނުން ފުރިފައިވާ ރީތިލޮލަށް ބަލަމުން ވާހަކަ ދެއްކިއެވެ. ތިއާ އެއްޗެއް ބުނަން އުޅެފައިވެސް ބޯ ޖަހައިލިއެވެ. ތިއާއަށް ނުވިސްނުނީ އީތަން އޭނާގެ ގަދަރާއި އިއްޒަތް ސަލާމަތް ކުރުމަށް ޓަކައި ކޮންމެފަދަ ޤުރުބާނެއް ވާން ވެސް ފަސް ނުޖެހޭނެ ކަމެވެ. 

ދެކޮޅު ހޯދާލައިފައި ލުޖައިން ގޮސް އާރިން ކޮޓަރި ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. "ވަދޭ އެތެރެއަށް!" އާރިން ގޮވާލި އަޑު އިވުނެވެ. ލުޖައިން ފުން ނޭވައެއްލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިލާފައި ދޮރު ހުޅުވައިލިއެވެ. ލުޖައިންއަށް ފުރަތަމަ އާރިންއެއް ނުފެނުނެވެ. ހިސާބަކަށް ޖެހިލުންވެފައި ހުރުމުން ވަށައިގެން ހޯދައިލާކަށްވެސް ނުކެރުނެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާފައި ކުދި ފިޔަވަޅު ތަކެއްގައި ވަދެގެން ދަނިކޮށް އާރިން ފެނުނީ ބެލްކަނީގައި ފުރަގަސްދީގެން ހުއްޓައެވެ. "ތި އައީތަ؟" އާރިން އެބުރި ބަލައިލީ ވެސް ހާދަ ސަޅިކޮށެވެ. ލުޖައިންގެ ހިތް އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. ވަގުތުން ހަތަރެސްފައި ފިނިވެ ފިޔަވަޅުތައް ގަނޑުވާގޮތް ވިއެވެ. އެވަގުތު އާރިން އެނބުރިފައި އެދިމާއަށް އަންނަމުން ގަމީހުގެ ފުރަތަމަ ދެ ގޮށް ނައްޓައި ލުމާއެކުވެސް ލުޖައިން ސިހިއްޖެއެވެ. 

"ވަޓް ހެޕެން؟" އާރިންގެ މޭމަތީގައި އޮތް ބޭސްގަނޑު ފެނިގެން ލުޖައިންގެ ދެފަޔަށް ލިބުނީ އާދަޔާ ހިލާފް ބާރެކެވެ. އޭނާ މާބާރަކަށް ދުއްވައި ގަތުމުން ކޮންޓްރޯލް ނުވެގެން އާރިންގެ މޭގައި ރަނގަޅަށްވެސް ޖެހިގަނެވިއްޖެއެވެ. "އައުޗް!" އާރިން އަނގައަށް ގޮތެއް ހަދައިލިއެވެ. "ސޮރީ." ލުޖައިން ދެރަވެގެން އިސްޖަހައިލި އިރު ފެންކަޅި ވެއްޖެއެވެ. "ނޯ ވޮރީސް ބޭބް. ތިއައީ ބޭސް އަޅައިދޭށެއްނު." ލުޖައިން މޮޅިވިތަން ފެނިގެން އާރިން ހީލައިފައި އެއަތުގައި ހިފާލައިގެން ގޮސް ސޯފާ އާއި ދިމާއަށް ގެންދިޔައެވެ. "އާރީ ކީއްވެތަ ތި ޖޮބް ދޫކޮށްނުލަނީ. ޕޮލިހުންނަށް މިދުވަސްވަރު ކިހާބޮޑެތި ގެއްލުން ތަކަކާއި ކުރިމަތިލާން ޖެހެނީ. ރަފާލްބެ ކައިރީ ބުނަނިކޮށް އަދިވެސް އާރީ ދޮންބައްޕަގެ ބިޒްނެސްގައި ހިއްސާ ވެވޭނެ ގޮތް ހަމަޖައްސައިދޭނެ." ލުޖައިންގެ ވާހަކަ ހުރިގޮތުން އާރިންއަށް ހެވުނެވެ. "ތިހާ ނެގެޓިވްކޮށް ނުވިސްނަބަލަ ލޫލޫ. ކޮންމެވެސް އެއްބަޔަކު ތިބެންޖެހޭނެ އެއްނު ރައްޔިތުން ރައްކާތެރި ކުރަން. އެހެންނޫނީ ލޫލޫމެންނަށް ކަމެއް ދިމާވާ ދުވަހަކުން ކާކު ސަލާމަތް ކުރާނީ؟ އެހެންނޫނަސް މީ އަހަރެން ޕޮލިހަކަށްވީމަ ލިބުނު ޒަޚަމެއް ނޫން. މަސައްކަތަށް ނިކުތުމުގެ ކުރިން އޮފީސް ތެރޭގައި އުޅުނު އިރު ދިމާވި ކުޑަ އެކްސިޑެންޓަކުން ވީ ގޮތެއް." އާރިން ލުޖައިން ގެންގޮސް ބައިންދާފައި ގަމީސް ބާލައި ޓައިލްސް މައްޗަށް ދޫކޮށްލި ތަނުން ލުޖައިން އިނީ އަނެއްކާވެސް ރަކިވާގޮތްވެފައެވެ. 

"އެކަނި ބޭސްގަނޑު ޗޭންޖް ކުރަން ވަރަށް އުދަނގޫ. ލޯގަނޑަށް ބަލަން ޖެހެނީ. އެހެންވެ ލޫލޫ ކައިރީ ރިކުއެސްޓް ކުރީ. ޕްލަސް ތިރީތި އިނގިލި ތަކުން ބީހިލީމަވެސް ހީލްވާނެ." އާރިން ސޯފާގައި ދިގުދިގަށް އޮށޯވެލަމުން އެގޮތަށް މުހާތަބު ކުރުމުން ލުޖައިންގެ މޫނު ލޭކޮޅަކަށްވިއެވެ. އެވަރަށް އުފާވެސްވިއެވެ. އާރިންގެ މިސިފަ އޭނާއަށް ފޮރުވައިގެން އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟ "މިސްޑް ދިސް ވާޝަން އޮފް ޔޫ...." ލުޖައިން ހިތާއި ހިތުން ބުނެލިއެވެ. 

"ފަސްޓް އެއިޑް ބޮކްސް ވީ އެހެރަ ޑްރޯވަރގައި." ލުޖައިންގެ އެވަރަށް ލަދުގަނެފައި އިނުމުން އާރިންވެސް މިފަހަރު ހަމްދަރްދީވިއެވެ. ލުޖައިން އަވަހަށް ތެދުވެފައި ފަސްޓް އެއިޑް ބޮކްސް ހޯދާލައިގެން އައިސް ބޭސްގަނޑު ނައްޓައިލާފައި ސާފު ކުރަން ތައްޔާރުވިއެވެ. ކޮޓްން ބޯލްއެއް ނަގައި ސާފުކުރަން ބޭނުންކުރާ ލިކްއިޑަކުން ތެންމާލައިފައި ފާރުގަނޑުގައި ޖައްސައިލުމުން އާރިން ތެޅިގަނެފައި އަޑެއްވެސް ލައްވައިލިއެވެ. "ލުޖައިން ހަތަރުކަޅި ހަމަކޮށްލާފައި ހިތަށް އެރި އެއްޗަކުން ތުންފަތުގައި ދަތް އަޅައިލެވުނެވެ. "ފުމެލަދީބަލަ." އާރިން ބުނެލީ ލުޖައިން ހިތުގައި އޮތް ގޮތަށެވެ. އެހެންވެ ފުރަތަވެސް ދެލޯ ބޮޑުކޮށްލެވުނީ އެވެ. "ޕްލީޒް!" ލުޖައިން ކަންބޮޑުވެފައި އިންދާ އާރިން އަނެއްކާ ބުނެލިއެވެ. "އޯކޭ. އެކަމަކު ލޯމަރަން ޖެހޭނެ." ލުޖައިން ޝަރުތު ކަނޑައެޅުމުން އާރިންއަށް ހިނިތުންވެލެވުނެވެ. ލުޖައިން އަދިވެސް ހާދަ މައުސޫމޭ ހިތަށް އެރިއެވެ. އަދި އެހަރަ ގަންނަ ލަދަކުން ހައްތަހާ ބޮޑަށް ލުޖައިން ގެނެސް އަތުތެރެއަށް ލާން އާރިންގެ ހިތް އެދެއެވެ. 

"އޯލްރައިޓް." އާރިން ލޯ މަރައިފިއެވެ. ލުޖައިން ބަލަން އިނދެފައި ފުރަތަމަ ޓެސްޓަކަށް އާރިން ލޯމަތީ ދެކޮޅަށް އަތް ހިންގައިލިއެވެ. 

ނުފެނުނަސް އާރިންއަށް އިހްސާސްވިއެވެ. ލުޖައިންގެ މޫނާއި އިސްތަށިގަނޑުގެ މީރުވަސް އާރިންގެ ހިއްސުތަކާއި ކުޅެން ފެށީ އޮބި ކުރަން އުދަނގޫވާ މިންވަރަށެވެ. އެވަގުތު ލުޖައިން ފާރުގަނޑު ސާފުކުރަމުން އަނގައިން ބޭރުކުރަމުން ދިޔަ ފިނިވައިތައްވެސް އެހަށިގަނޑުގައި ބީހިފައި ހިއްސުތައް ހަލަބޮލި ކުރުވިއެވެ. ފުރުސަތު ލިބުމުން ލުޖައިންވެސް މިފަހަރު އެމޫނަށް ބަލައިލިއެވެ. ކައިރިން ފެންނަ އިރު އަދި މާ ރީއްޗެވެ. ލުޖައިންގެ އިނގިލިތަކަށް ލަސްކަމެއް އައިސް އާރިންގެ މޫނަށް ހުރިހާ ސަމާލުކަމެއް ހުއްޓުނެވެ. އާމީ ކަޓެއްގައި ވެސް އިސްތަށިގަނޑު ފަންވެފައި ވަރުގަދަކަން އެނގެއެވެ. ތަނަވަސް ނިއްކުރި އާއި އެހާމެ ވަރުގަދަ ދެބުމައެވެ. ލުޖައިންއަށް އެމޫނަކުން އައިބެއް ނުފެނުނެވެ. އެންމެ އެކަށީގެންވާ ރީތި ނޭފަތަކާއި ސަޅި ތުންފަތެކެވެ. އެތުންފަތުގެ ބީހިލުން އޭނާއަށް ވެސް ނަސީބު މިންވަރު ކުރެވި ދުވަހެއް އައެވެ. އެހަނދާން އާވެފައި ލުޖައިންގެ ހުރިހާ ސަމާލުކަމެއް އާރިންގެ ތުންފަތަށް ހުއްޓިއްޖެއެވެ. ނޭނގުމުގެ ތެރޭގައި ލުޖައިންއަށް އާރިންގެ މޫނާއި ނުހަނު ކައިރިއަށް އާދެވިއްޖެއެވެ. އެކެއްގެ ހޫނު ނޭވާ އެއްވެސް ހުރަހެއްނެތި އަނެކެއްގެ މޫނަށް އެޅޭހާ ކައިރިއަށެވެ. 

އެވަގުތު ވައިރޯޅިވެސް ޖެހިލީ ލުޖައިން އާއި އެއްކޮޅަށެވެ. އާރިން ސިހިފައި ލޯ ހުޅުވައިލި އިރު ލުޖައިންގެ އިސްތަށިގަނޑު ވަޔާއެކު އެމޫނަށް ފެތުރިގަތުމުން އެހެންތަނެއް ފެންނަވަރެއް ނުވިއެވެ. ދުރުކުރަން އުޅުމުގެ ބަދަލުގައި އާރިންއަށް ވެސް ދެވުނީ އެއްބާރު ލުމެވެ. އެބާރުގަދަ ދެއަތުގެ ތެރެއަށް ލުޖައިން ގެނެސް ލައިގެން ސޯފާގައި ރީތިކޮށް ހަމަޖެހިލެވުނެވެ. އިރުގަނޑެއް ފަހުން ނޭވާ ހުސްވެ އެނޫން ގޮތެއް ނެތިގެން ލުޖައިން ބޯ ހިއްލައިލި އިރު އަދިވެސް ލޮލުގައި ވީ މަސްތު ކަމެވެ. އެކަމަކު ހަމަ ސިކުންތެއްވެސް ނުވަނީސް ލުޖައިން ލަދުގަނެގެން ދުވެ ފިލަން ތައްޔާރުވިއެވެ. 

"ލޫލޫ!" ދޮރާއި ހިސާބަށް ނުދެވެނީސް އާރިންގެ އަޑު ލުޖައިން ފައިގައި ކަސްތޮޅު އަޅުވައިފިއެވެ. "މަސައްކަތް ނުނިމެއެއްނު." ލުޖައިން އެނބުރި ބަލައިނުލުމުން އާރިން އެންމެފަހުން ބުނެލިއެވެ. ވިސްނަން ހުރެލާފައި ލުޖައިން އަނެއްކާ ގޮސް އާރިންގެ މަގަތުގައި އިށީން ނަމަވެސް މިފަހަރު ހުރީ ހަރަކާތްތައް އަވަސްކޮށްލައިފައެވެ. އާރިންގެ މޫނަށް ބަލައިވެސް ނުލިއެވެ. "ލޫލޫ. އަހަރެން ގޮތެއް ނިންމައިފިން." ލުޖައިން މަސައްކަތް ނިންމާފައި އާރިން ބުނެލި އެއްޗަކުން ހަތަރުކަޅި ހަމަކޮށްލެވުނެވެ. "އަހަންނަށް އިނގޭ ލޫލޫއަށް އަޅައިލާނެ އެކަކުވެސް ނެތްކަން. އެކަމަކު އެހެންވެ އެއްނޫން އަހަރެން މި ނިންމީ އޮފިޝިއަލީ ލޫލޫ އަހަރެންގެ ގާރލްފްރެންޑް އަކަށް ހަދަން. ލޫލޫއަށް އެއިޓީން ވާއިރަށް މެރީ ވެސް ކުރާނަން." ލުޖައިންއަށް ލޯބޮޑުކޮށްލެވުނެވެ. އާރިންގެ މޫނުން އޭނާއަށް ފެނުނީ ސީރިއަސް ކަމެވެ. 

"އަހަރެން ލޫލޫއަށް މާފުކޮށްފިން. ދެން ބޭނުމެއް ނޫން ދުރުގަ އުޅޭކަށް. ބިރުގަނޭ ލޫލޫ ގެއްލިދާނެތީ. އެން އައި ޕްރޮމިސް. ދެން ދުވަހަކުވެސް ތިލޮލުން ކަރުނަ އައުމުގެ ސަބަބަކަށް އަހަރެން ނުވާނަން." އާރިންގެ ޖުމްލަތައް ނިމުނު އިރު ލުޖައިން ލޮލުން ކަރުނަ އަތުވެއްޖެއެވެ. "އޯވ ފުރަތަމަވެސް ޕްރޮމިސް އުވާލެވުނީ ދޯ." އާރިން އެހެން ބުނެލިގޮތުން ލުޖައިންއަށް ހެވުނެވެ. އެރީތި ލޮލުގައި ޑައިމަންޑް ތަކެއްހެން ކަރުނަތައް ވިދައިގަތް އިރު ލޭ ކުލަ އަރާފައިވާ ތުންފަތުގައި ވީ ތައުރީފްކޮށް ކޮޅުންނުލާވަރުގެ ރީތި ހިނިތުން ވުމެކެވެ. ލުޖައިންއަށް ހީވީ މުޅި ދުނިޔޭގައިވާ ހުރިހާ އުފަލެއް އޭނާގެ އުނގުތެރެއަށް ޖަމާވި ހެންނެވެ. އާރިން މުޅިން ބަދަލުނުވާކަން އިގެނީ ލުޖައިންގެ ލަފާ އަހާނުލައި މިފަހަރުވެސް އަމިއްލަ ނިންމުން އިއްވީމައެވެ. އެކަމަކު އެއީވެސް އޭނާދެކެ ވާ ލޯބީގެ ހެއްކެކެވެ. ލަފާ އަހައިގެން އޭނާ ދެކޮޅުހަދާނެ ފުރުސަތު ދޭން އާރިން މިއަދު ބޭނުން ނުވަނީއެވެ. އެއަށްވުރެ މާބޮޑަށް އާރިން އެވަނީ ލުޖައިން އަމިއްލަ ކުރަން ބޭނުންވެފައެވެ. 

"އިނގޭ މިވަރު ބޮޑު ނިންމުމެއް ނިންމާއިރު ލޫލޫގެ ރުހުންވެސް ބޭނުންވާނެކަން. އެކަމަކުވެސް އަހަރެން ހަމަ ބޭނުމެއް ނުވޭ ލޫލޫ ކައިރީ ގަބޫލުތޯ އަހާކަށް. އަހަންނަށް ހީވަނީ ލޫލޫއަށް މިނިންމުން އެންމެ ރަނގަޅު ވާނެހެން." އާރިން މިފަހަރުވެސް ވާހަކަދެއްކީ ލުޖައިން އަޖައިބު ކޮށްލާފައެވެ. އާރިންއަށް ހާދަ ރަނގަޅަކަށް އޭނާ ދަސްވެއްޖެއެވެ. ހިތުގައި އޮންނަ ގޮތްވެސް އެހެރަ ބުނެލަނީއެވެ. ލުޖައިންއަށް އަނގައިން ނުބުނެވިގެން ތަކުރާރުކޮށް ބޯ ޖަހައިލީ ކަރުނަ ފުހެމުންނެވެ. އެވަގުތު އަނެއްކާވެސް އާރިންގެ ރީތި ތުންފަތުގެ ހަދިޔާއެއް ލިބުނެވެ. "މީ އަހަރެމެންގެ ތާޑް ކިސް. އެކަމަކު އަދިވެސް ފަސްޓް ޑޭޓްއަކަށް ނުދެވެ އެއްނު." އާރިން ލުޖައިން ދުރުކޮށްލާފައި ތެދުވިތަނުން މޯބައިލް ރިންގްވެގެން އެދިމާއަށް ދިޔައެވެ. "ގަޑިއެއް މެސެޖް ކޮށްލާނަން." ލުޖައިން ނިކުންނަން ދާން ފެށުމުން އާރިން ގޮވައިލިއެވެ. 

"ބަލާ އަންނަންވީމަ އަހަރެން ގުޅާނަން." ނާހިދާ ކާރުން ފައިބާފައި ޑްރައިވަރަށް ބުނެލިއެވެ. ޑްރައިވަރ ކާރު އަނބުރާލިތަން ބަލަން ހުރެފައި އޭނާ މަގު ހުރަސްކޮށްފައި ގޮސް ވަނީ އެންމެ ކައިރީގައި އޮތް ގޯޅިގަނޑަށެވެ. އެންމެ ކައިރިއަށް ހުރި ދޮރާއި ދިމާލު މަތީގައި ހަރުކޮށްފައިވާ ނަންބޯޑް ކިޔާލައިފައި ނާހިދާ އަތްދަބަހުގައިވާ ކަރުދާސްކޮޅެއް ނަގައިގެން ދިމާވޭތޯ ބަލައިލިއެވެ. ކަރުދާސްކޮޅުގައިވާ އެޑްރެހާއި ކުރިމަތީގައިވާ އެޑްރެސް އެއީ އެކައްޗެކެވެ. އެކަމަކު ނޯޓްގައިވާ ގޮތަށް އެދޮރުން މީހެއްގެ އިޝާރާތް ނުލިބުނީ ކީއްވެ ހެއްޔެވެ؟ ނާހިދާ ވިސްނަން ހުއްޓައި ދޮރު ހުޅުވާލާފައި އަންހެނަކު ބޯދިއްކޮށްލިއެވެ. "ނާހިދާތަ؟" އަންހެންމީހާ ބަލަން ހުރީ ސީދާ ނާހިދާ އަށެވެ. ނާހިދާ ބޯ ޖަހައިލުމާއެކު އެތެރެއަށް ވަންނަން އިޝާރާތްކޮށްފައި އެމީހާ ވަދެގެން ދިޔައެވެ. ނާހިދާ އެދޮރުން ވަންއިރު އަންހެންމީހާ ގޮސް ދުރުގައި ހުރި ކޮޓަރިއަކަށް ވަންނަނީއެވެ. ދާންވީ އެއަންހެންމީހާގެ ފަހަތުންބާއޭ ހިތަށް އަރާފައިވެސް ނާހިދާ ހުއްޓުނެވެ. އެވަގުތު ކައިރިއަށް ހުރި ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އައެވެ. ބޭއިޚުތިޔާރުގައި ނާހިދާގެ ނަޒަރު އެދިމާއަށް ދަތުރު ކުރިއެވެ. އެވަގުތު މުޅިމީހާ ހުދުވެގެން ދިޔައެވެ. ޒާހިދު ހުރީ އެކޮޓަރީގެ ދޮރުކަނީގައި އަތް އަޅުވާލައިގެން ދެފައި މައްޗަށް ކޮޅަށެވެ.

ކޮމެންޓް 0