ހޭވަނިވުމާއެކު ލަސްލަހުން އެސްފިޔަތައް ދުރުކޮށްލިއެވެ. ހަމައެހެންމެ އެހާ އަވަހަށް އެއްއަތުން ހިޔާއަޅައިލީ އިރުގެ ދޯދިތައް ތޫނު ތީރުތަކެއް ފަދައިން އައިސް އެރީތި ލޮލަށް އުދަނގޫ ކުރަމުން ދިއުމުންނެވެ. ކަޅުކަލަ ގަދަވެފައި ނުހަނު ބޮޑު ދެލޮލެވެ. ހުޅުވާފައިވާ ކުޑަ ދޮރު ކައިރީ ދަމާފައިވާ ފޮތިގަނޑު ވަޔާއި ދެކޮޅަށް ހެލެމުން ދިޔައިރު ބޭރުގައި ހުރި ފޭރުގަހެއްގައި ކޮވެއްޔެއް އިނދެގެން ގޮވަނީއެވެ. ކަންފަތަށް މާމުއިގެ ފައްވާރާއެއް އޮހެމުންދިޔަހެން ލުޖައިން އަށް ހީވިއެވެ. ނިދީގެ އަސަރު އެކުލެވިފައި ވިއަސް އެފިޔާތޮށި ކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދޮރު ހުޅުވީ މަންމަކަން ލުޖައިން އަށް ޔަގީނެވެ.
ފަތިސް ނަމާދަށް ތެދުވެފައި ދެން ނިދާ ކުއްޖާ ހެނދުނަށް ލަހުން ހޭލާނެތީ މަންމަ ކުރާ ކަންތަކެވެ. ކުޑަ ދޮރު ކޮޓަރީގެ އިރުމަތީ ހުރެފައި އަރައިގެން އަންނައިރުގެ ދޯދިތަކުން ލުޖައިންގެ ނިދި ހަލާކު ކޮށްލުމުގައި ކޮންމެ ދުވަހަކުވެސް ކާމިޔާބު ކުރެއެވެ. ކަންނެތް ގޮތަކަށް ތެދުވެ އިށީނުމާއެކު ހޭވިފައިވާ އިސްތަށިތައް މޫނުމައްޗަށް ފައިބައިގަތެވެ. ލޯބިވަރަށް ކޮލެއް ހުރެފައި ވަށް މޫނާއި ހަށިގަނޑުވެސް ދޮންކަމުން ބުދެއްފަދައެވެ. ބާރަ އަހަރުގައިވެސް ރީތިކަމުން ކުޑަ ޕަރީއެއް ކަހަލަ ކުއްޖެކެވެ. ލުޖައިން އާ ފުރެމުން އިސްތަށިތައް އެއްފަރާތް ކޮށްލާފައި ކޮޓަރިން ނިކުމެގެން ގިފިއްޔަށް ވަންނަން ދިޔައިރު އެތެރެއިން ބައްޕަ ކެއްސާއަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައެވެ.
މަންމަ އުޅޭނީ މިއަދުވެސް ބައްޕަގެ ހިދުމަތުގައެވެ. ލުޖައިން އަށް ތަންދޮރު ވަކިވާން ފެށިއިރުން ފެށިގެންވެސް ބަދަލެއް ނާންނަ ޓައިމްޓޭބަލް އާއި އެއްގޮތަށެވެ. މަންމަ އެންމެ ޒުވާން ދުވަސްތައް ގުނަމުންދާއިރު ބައްޕަގެ އުމުރުން ފަސްދޮޅަހާއި ގާތްވެ ދުވަސްތައް ހޭދަވަނީ މުސްކުޅީގައި ބަލީގައި އެނދުގައެވެ. އެޒަމާނުގައި މަތީ މަގާމުތަކުގައި ތިބޭ މީހުންނާއި ގަދަކަމުން ކައިވެނި ކުރުވާ އުސޫލުން ކުރެވިގެންދިޔަ ކައިވެންޏެކެވެ. ޒުބޭރު ކުރިން ވެސް ހަތަރު ކައިވެންޏެއްކޮށް އެކިބަނޑަށް އަށްކުދިން ލިބިފައިވެއެވެ. ނަޒްރާ އެއީ އެންމެ ހަނގު އަންބެވެ. ދޮށްޓަށް ހުރި ޝާމިސް އާއި ލުޖައިން ލިބޭ އިރަށް ޒުބޭރު ބަލިއެނދުގައި އޮށޯންނަން ޖެހުމުން ނަޒްރާގެ ހަޔާތް ވޭތުވެގެން އެދަނީ ޒުބޭރުގެ ޚިދުމަތުގައެވެ. ރެއެއް ދުވާލެއްނެތި ސައުވީސްގަޑިއިރެވެ. ޒުބޭރުގެ އަތޮޅުވެރި ކަމުގައި ތަނަވަސް ދިރިއުޅުމެއް އުޅެފައިވިއަސް އެމަޤާމުން ދުރުވިފަހުން އެއީ މާ ފޯރާ އާއިލާއަކަށް ނުވެއެވެ. ޒުބޭރު ގިނަ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކޮށްފައިވާތީވެ ޕެންޝަނަށް ލިބޭ ފައިސާއިން އެމީހުން ފުއްދާލަނީއެވެ. ނަޒްރާ ކޮންމެ ހާލެއްގައި އުޅުނަސް ޗުއްޕު ނުބުނާނެއެވެ.
ލުޖައިން މޫނުދޮވެ ދަތް އުނގުޅާ ހަދާލައިގެން ނިކުމެފައި ސައިބޯން ވެގެން ކާގެއަށް ވަންނަން ދަނިކޮށް ހުއްޓެން މަޖުބޫރު ކުރީ ކުރިންވެސް އިވުނު ކެއްސުމުގެ އަޑެވެ. އަޑު އަންނަނީ ކާގެއިންނެވެ. ލުޖައިން ދޮރާއި ކައިރިވެލާފައި ސިއްރުން ކަޅިއެއް އެއްލިއެވެ. ފުރޮޅުލީ ގޮނޑީގައި ބައްޕަ ބައިންދައިގެން މަންމަ ބައްޕައަށް ސައިދެނީއެވެ. ލުޖައިން ދޮރުން ބޯދިއްކޮށްލާފައި މަންމައަށް ގޮވައިލުމުން ނަޒްރާ އެނބުރި ބަލައިލައިފައި ދެން އައީ ތައްޓަކަށް މަސްހުނި އަޅައި އަނެއް އަތުން ދެރޮށި ހިފައިގެންނެވެ. ލުޖައިންއަށް އެއެއްޗެހި ފޯރުކޮށްލުމުން އަވަހަށް ގޮސް ގޭގެ ބިތްދޮށް ފަރާތަށް ނިކުތެވެ. ހަނދާން ހުންނަން ފެށީއްސުރެ ބައްޕަ ކުރާ ނަފްރަތަކުން އެއް މޭޒުދޮށުގައި ސައިބުމަކީ ވެސް ލުޖައިންއަށް މަނާކަމެކެވެ.
ބިޔަ ފޭރުގަސް ތަކަށް އިރުގެ ރަންކުލަ އެޅިފައިވާއިރު ކުރެހުމެއްހާ ނަލައެވެ. ބިންގަނޑަށް ކޮކާ އަވި އެޅިފައިވާތީ އިތުރަށް ހިތްގައިމެވެ. މީހެއްގެ އެހީއެއްނެތި ހެދިފައިވާ އެކިވަރުގެ ކުދި ގަސްތަކުގައި ކުދި ރީނދޫ މާތަކެއް ފޮޅިފައި ހުއްޓެވެ. ލުޖައިން ހިނގާފައި ދިޔައިރު ބިންގަނޑުގައި ދުވެފައިވާ ވެލެއްގައި ކުދި ކުދި ހުދު މާތަކެއް ފޮޅިފައި ހުއްޓާ ފެނުމުން އެމާތަކަށް ފައިން އެރިދާނެތީ ނިކަން ސަމާލުވެގެން ގޮސް އަރިއަށް އޮތް ގަސްބުޑެއްގައި އިށީންދެލިއެވެ. މާމެލާމެއްޔަށް އެޅަ ހިތުން ދެވިފައި ވަނީ ހާއްސަ މަގާމެކެވެ. ނިކަމެއްޗަކަށް ވީތީވެ ރީތިހާ ގަސްތައް ގަނެގެން އިންދާ ހައްދަން ނުލިބުނު ކަމުގައިވިއަސް ފޯރާ މިންވަރުން މާމެލީގެ ބާވަތްތައް ގޭގެ ކުރިމަތީގައި ހައްދާފައި ހުރެއެވެ. ރަށު އޮފީހުގައި އުޅޭ ޕިޔޯނު އެތަން ސާފުކޮށްފައި ގަސްތައް އުކާލަން އުޅޭ ކޮންމެ ދުވަހަކު އެމީހާ ކައިރީ އެދުމުން އެތަނުން ބޭނުންވަރަކަށް ކުދި ގަސްތައް ލިބެއެވެ. ދޮރުމަތީ ހުންނަ ފިނިފެންމަލުގެ ކުޑަ ބަގީޗާއަކީ ވެސް ޕިޔޯނު އެއްދުވަހަކު އުކާލަން ގެންދިޔަ ފިނިފެންމާ އޮފިތަކުން ކުރިއެއް ގެނެސް ޖަހައިގެން ލުޖައިން ހެއްދި ބަގީޗާއެކެވެ.
ލުޖައިން ސައިން ނިމިގެން ހިޔާލެއްގައި އިންދާ ކަރުކެހިލި އަޑަށް އެނބުރި ބަލައިލިހާއިރުން ފާޑަކަށް ރަކިވިއެވެ. އާރިން ހުރީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ. އާރިންގެ ބައްޕައަކީ މާލޭ މީހަކަށް ވުމުން ދިރިއުޅުން އެކޮޅުގައި އޮތަސް ޗުއްޓީއަށް ގިނަ ގިނައިން ރަށަށް އާދެއެވެ. ސޯޅަ އަހަރުގައިވެސް އާރިން ސްޓައިލިޝް ކަމުން އެންމެންގެ ލޮލުގައި އަޅައިގަނެއެވެ. އަބަދު ހުންނަނީ ފެންވަރާ ރީތި ވެލައިގެން ސްމާޓް ކޮށެވެ. ލައި އުޅެނީ އެންމެ ފެޝަން އެއްޗެއްސެވެ. ޒުވާންވަމުން އައި ވަރަކަށް އާރިންގެ ރީތިކަން އިތުރުވެ ޒުވާން ހިތްތަކަށް އެއީ ސިހުރެއްކަމުގައި ވެފައިވެއެވެ. ލުޖައިންގެ ޅަ ހިތުގައި އެންމެ ފުރަތަމަ ނޭނގޭ ވިންދެއް ޖަހަން ފެށީ އާރިން ފެނިގެންނެވެ. ޝާމިސް އަހަރެއްހާ ދުވަސްކުރިން ކިޔަވަން މާލެ ބަދަލުވިގޮތަށް އާރިން އާއި ގުޅުން ބަދަހިވެފައިވާތީވެ، ޗުއްޓީ އަށް އާރިން އައިސް އުޅޭއިރު ގިނަ ގިނައިން އެގެއަށް އާދެއެވެ.
"ހާދަ ތިމާވެއްޓާއި ފްރެންޑްލީ ކުއްޖެކޭ ދޯ." އާރިން ލުޖައިން ތެދުވެގެން އަންނަތަން ބަލަން ހުރެފައި ޖިންސްގެ ޖީބަށް އެއް އަތް ޖަހައިލިއެވެ. ލުޖައިން އެއްޗެއް ނުބުނި ނަމަވެސް ހުރީ ކުޑަކޮށް ހިނިތުންވެފައެވެ. ދެކުދީން އެއްކޮށް ބަދިގެ ފަރާތަށް ދިޔައިރު ޝާމިސް ފާޑެއްގެ މެގަޒިންތަކެއް ހިފައިގެން ނިކުންނަނީއެވެ. ރަނގަޅަށްވިއްޔާ އާރިން އާއި އެކު ކޮންމެވެސް ކަންތައްގަނޑެއް ހިންގައިލާ ދުވަހެކެވެ. ޝާމިސް ދެކެ މަންމަ އާއި ބައްޕަ އެވާ ލޯއްބަކުން މަނާ ހަމަ އެއްކަމެއް ނޯވެއެވެ. ގެއިން ބޭރަށް ނުނިކުމެވިފައި އިންނަނީ ލުޖައިން އެވެ. އަންހެން ކުއްޖަކަށް ވުމުން މާބޮޑަށް ރައްކާތެރި ކުރަން ބައްޕަ ބޭނުން ވަނީ ކަންނޭނގެއެވެ. އެކަމަކު ހަމައެކަނި ބޭނުން ވުމަކުން އެކަން އެގޮތަށް ނުހިންގާނެއެވެ. ލުޖައިން ކުޑަ ކަމުންނާއި އެޒަމާނުގައި އެފަދަ ކަންތައް އެއީ ލަދުވެތިކަމަކަށް ވާތީވެ ހާމަ ނުކުރެވިފައި އޮތް ސިއްރު، ފަސްގަނޑު ތެރޭގައި ވަންހަނާވެފައި އޮންނަތާ ހަތަރު އަހަރުވީއެވެ. ގެއަށް އައިސް އުޅޭ ޅިޔަނެއްގެ ފަރާތުން ޖިންސީ ގޯނާތަކަކާއި ކުރިމަތިލާން ޖެހުނު ވާހަކަ ލުޖައިން އެކަކު ކައިރީވެސް ނުބުނެއެވެ. އަދިވެސް އެހަނދާން ތަކުން އެޅަހިތް ރޫރޫ އަޅައެވެ. ރޭގަނޑުގެ ނިދި ނުލިބިފައި ކޮޓަރިތެރޭގައި އެތަކެއް ރޭ ހޭދަކޮށްލައެވެ. ބައްޕަ އެހާ ދުރުކޮށްލައިގެން އުޅޭއިރު މަންމަވެސް އެކަމަށް ފިޔަވަޅެއް ނާޅައެވެ. އެހާ ޅައުމުރުގައިވެސް ދިރިއުޅުންދެކެ ލުޖައިން ހުންނަނީ ފޫހިވެފައެވެ. އެކަކުވެސް އޭނަދެކެ ލޯބި ނުވަނީ ކީއްވެކަމާއި މެދު ޝަކުވާކޮށްފައި ސިއްރުން ކަރުނަ އޮހޮރުވައެވެ.
އެއީ ރަމަޟާން މަހެއް ފެށިގެން އައި ދުވަސްވަރެވެ. ރަށުގައި ޒުވާން ކުދިންގެ މެދުގައި ގަނޑުފިއްލާ ކުޅުމުގެ ޕްރޮގްރާމް ފެށިގެން ދަނީ ތަރާވީސްދަމުގައެވެ. ކޮށްޓެއްގައި ހައްޔަރުވެފައި އިން ދޫންޏެއްފަދަ ލުޖައިންގެ ހިތްވެސް އެކުޅިވަރުގައި ބައިވެރިވާން އެދެންފެށީ ކައިރި ގެއެއްގައި އުޅޭ އެއުމުރުގެ ކުއްޖަކު އައިސް އެވާހަކަ ކިޔަންފެށީމައެވެ. ލުޖައިން ވިސްނާލިއެވެ. ބައްޕައަށް ކާންދީފައި މަންމަވެސް އެވަގުތު ތަރާވީސް ކުރާނެއެއެވެ. ޝާމިސްގެ ހުއްދަ ލިބިއްޖެއްޔާ ބޭރަށް ނިކުމެ މަޖާކޮށްލަން ރަނގަޅު ފުރުސަތެކެވެ. ހީކުރިވަރަށް ވުރެ ފަސޭހައިން ޝާމިސް ހުއްދަދިނެވެ. ޚުދު ޝާމިސް ވެސް އެކުޅިވަރުގައި ބައިވެރި ވާތީ އެއީ ކަމަކަށް ނުހެދިއެވެ.
ރޭގަނޑުގެ އެވަގުތު ރަށުތެރެ އޮންނަނީ އަނދިރިކޮށެވެ. އެދުވަސްވަރު މަގުތަކުގައި ހޮޅިބުރި ޖަހާފައި ނުހުންނާތީވެ ގޭގޭގައި ދިއްލާފައިވާ ހޮޅިބުރިތަކުން މަގުމައްޗަށް ފޭދިފައިވާ ފަނޑު އަލިކަން ނޫނީ ނުވެއެވެ. ގަސްކަރަ ބޯވެފައި ފެހި ރަށެއް ވީމައި ގިނައީ އަނދިރި ސަރަހައްދުތަކެވެ. އެރޭގެ ޕްރޮގްރާމް އޮތީ އާރިންމެން ގޭގައި ކަން ލުޖައިންއަށް އެނގުނީ އެހިސާބަށް ދެވުނުފަހުންނެވެ. އަތިރި މައްޗާއި ކައިރިކަމުން ރާޅުތަކުގެ އަޑު އިވެއެވެ. ލުޖައިން ގޮސް ކުދިންތަކުގެ މެދުގައި ހުރެފައި ބަލައިލިއިރު އާރިން ހުރީ ބަލަހައްޓައިގެންނެވެ. އެހިސާބަށް އެޅިފައިވާ ފަނޑު އަލީގައިވެސް އެލޮލުގައިވި ވިދުވަރު ލުޖައިންއަށް ތަފާތުވިއެވެ. އާރިންގެ އެބެލުމުގައި މިރޭ ޔަގީނުންވެސް އެހެން ކަހަލަ އަސަރުތަކެއް ވާކަމުގައި ހިތް އެންގިއެވެ.
ކުޅުން ފެށިގެން ދިއުމުން ގޭގެ ވަށައިގެން ކުދިންތައް ދުވަން ފެށިއެވެ. ދުރުން ހަޅޭއްލަވައިގަންނަ އަޑާއި ހީ ސަކަރާތްޖަހާ އަޑު އިރުއިރުކޮޅާ އިވެއެވެ. ލުޖައިން ޝާމިސް ފަހަތުން އަޅުވާލައިގެން އުޅެނިކޮށް ހެދިނެހެދިއެއް ނޭނގި ޝާމިސް ގެއްލިއްޖެއެވެ. އަނދިރީގެ ތެރޭގައި އެކަނިވުމުން ފާޑަކަށް ޖެހިލުންވެފައި ހުއްޓާ ކޮންމެވެސް މީހަކު އަތުހިފާ ބާރުކޮށްލިއެވެ. ހަޅޭއްލަވައި ގަނެވުނަސް އަޑު ބޭރުވުމުގެ ކުރީން އާރިން ލުޖައިންގެ އަނގަމަތީ އަތް އަޅާފައި ހިފަހައްޓައިލިއެވެ. އާރިން އަތްނެގި ފަހުންވެސް ލުޖައިންއަށް ހުރެވުނީ އަނގައިން ނުބުނެވިފައެވެ. އަތުގައި އާރިން ހިފާލައިގެން ހުރި ހިސާބުން ގޮތްނޭނގޭ ކަރަންޓެއް އުފެދިގެން ހަށިގަނޑުގެ އެކިހިސާބަށް ތީރުތައް ފޮނުވަން ފަށައިފިއެވެ. އެންމެ ބިރުގަތީ މީހަކަށް ފެނިދާނެތީއެވެ. "އާރީ!" އާރިން ލުޖައިން ގޮވައިގެން ހައްތަހާ އަނދިރިއަށް ދާން ފެށުމުން ބިރުން ގޮވައިލެވުނެވެ. "ބިރުނުގަނެބަލަ ޕްރިންސެސް. އަހަރެން ނޫޅެން ކަމެއް ކުރާކަށް." އާރިން ވައިއަޑުން އެހެން ބުނެލާފައި އެތާހުރި ގަސްތަކަކާއި ކައިރިވީފަހުން ލުޖައިންގެ އަތުން ދޫކޮށްލިއެވެ. އެހިސާބުން ލުޖައިންއަށް ހުރެވުނީ އަނެއް އަތުން އާރިން ހިފަހައްޓާލި ތަނުގައި ފިރުމާލަ ފިރުމާލައެވެ. "މަށާއި ރައްޓެހިވާން ކެރިދާނެތަ؟" އާރިން ޖެހިލުމެއްނެތި އަހައިލިއެވެ. ލުޖައިންގެ ޅަ ހިތް ތެޅިގަތީ ނުހަނު ބާރަށެވެ. މުޅިކުއްޖާ ފިނިވެގެން ގަނޑުފެންކޮޅަކަށް ވިއެވެ. ހިންދިރުވައިނުލެވިފައި ހުއްޓާ އާރިން ދެއަތް އުފުލައިލައިފައި ކޮނޑުގައި ފިރުމާލުމުން ނުބައި ސިގްނަލެއް ލިބިގެން ބިރުގަތެވެ. ކުޑައިރު ހިތި ހަނދާންތައް ހިތަށް ވެރިވެގަތުމުން އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ.
"ބޭބެ ކައިރީ އަހާ. ބޭބެ ގަބޫލިއްޔާ އޯކޭ." ބުނެވުނު އެއްޗަކާއިމެދު ޚުދު ލުޖައިންވެސް ހައިރާން ވެއްޖެއެވެ. އެހެން އެބުނީ ހަމަ އޭނާ ހެއްޔެވެ؟ އޭނާއަށް އާރިންގެ ދައުވަތު ގަބޫލު ކުރެވުނީ ހެއްޔެވެ؟ އެހެންނުވާންވީ ސަބަބެއް ނެތެވެ. އާރިން އޭނާގެ ހިތުގެ ދޮރުފަތުގައި ޓަކި ޖަހައިލީ އެހެން މީހެއްގެ އޯގާތެރިކަމަށް އޭނާ ކިހާ ބޭނުންވެފައި ވަނިކޮށް ހެއްޔެވެ؟
ގެއަށްދިޔަ މަގުމަތީގައި ލުޖައިން ވިސްނިއެވެ. މާކުރިއްސުރެ އޭނާގެ ހިތް އާރިންއަށް އެދޭ ކަމާއި މެދު ޝައްކެއް ނެތެވެ. އެކަމަކު އެހާ ފަސޭހައިން އެދައުވަތު ގަބޫލު ކުރެވުނު ކަމަށްޓަކައި އަދިވެސް ހައިރާން ވަނީ އެވެ. އާރިން އަކީ އޭރުވެސް ހިތްވަރުގަދަ ޒުވާނެކެވެ. ކުރަން ނިންމައިފި ކަމެއް ކޮށްފައި ނޫނީ ހުއްޓައިނުލައެވެ. ޝާމިސްގެ ރުހުން ހޯދައިގެން އާރިން އެގެއަށް ދިޔައީ ދާދި އަވަހަށެވެ. ލުޖައިން ކާގޭގައި އެކަނި އިނދެ ކާލައިގެން ނިކުތް އިރު އާރިން ވަދެގެން އަންނަނީއެވެ. ޝާމިސް އެދިޔައީ އެމީހުނަށް ފުރުސަތު ދީފައި ކަމަށް ވެދާނެއެވެ. ނަސީބަކުން މަންމަވެސް ނެތް ވަގުތެކެވެ. ލުޖައިން ދެކޮޅު ހޯދާލައިފައި ގޭގެ ބިތްދޮށް ފަރާތަށް ދާން ފެށުމުން އާރިން ފަހަތުން ދިޔައެވެ. އާރިން ގަސްބުޑުގައި އިށީންދެލުމުން ލުޖައިން ހުރީ ކޮޅަށެވެ. އިށީންނާނެ ތަން އޮތަސް އާރިންގެ ކައިރީ ޖެހިފިތިފައި އިންނަން ނުކެރުނީއެވެ.
"މި ދެން ރައްޓެހި ވެވުނީ ދޯ؟" އާރިން ލުއި ހީލުމަކާއެކު ވާހަކަ ދައްކަން ފެށިއެވެ. ލުޖައިން ހިމޭނުން ހުރެގެން ހިނިތުންވިއެވެ. އަނދިރީގެ ތެރެއިން ވެސް އާރިން ފެންނަލެއް ހިތްގައިމުކަމުން އަޖައިބުވެފައި ހަމަ ބެލެނީއެވެ. ރަށުގެ ހުރިހާ އަންހެން ކުދިން އަޅައިގެންފައި ހުންނަ ރީތި ޒުވާނާ ކުއްލިއަކަށް އޭނާގެ މިލްކަކަށްވީ ކިހިނެތް ހެއްޔެވެ؟ ގަބޫލު ކުރަން އަދިވެސް ދައްޗެވެ. "އަހަރެން އަދި ޝަރުތެއް އެބައޮތް." ލުޖައިން މާކުރިއްސުރެ ބުނަން ނިންމާފައި އޮތް ވާހަކަ ބުނަން ތައްޔާރުވިއެވެ. އާރިން ކުޑަކޮށް ފަހަތަށް ވާގޮތަށް ހަށިގަނޑު އަރިކޮށްލާފައި ރުއްބުނޑުގައި ދެއަތް ވިއްދާލިއެވެ. "އަހަރެންނާއި ރައްޓެހިވެގެން އުޅެމުން ނުވާނެ ސިގިރޭޓް ބޮއިގެނެއް." ލުޖައިންގެ ޖުމްލަ އަހާފައި އާރިން ފެށީ ހޭށެވެ."ސީރިއަސް ކޮށޭ މިބުނީ. އަހަރެން ބޭނުމެއް ނޫން އާރިން ސިގިރޭޓް ބޯކަށް. ބައްޕަވެސް ފުއްޕާމޭ ހަލާކުވެ އެހާ ބަލިހާލުގައި އޮންނަން ޖެހެނީ ކުރިން މާގިނައިން ސިގިރޭޓް ބުއީމަ." ލުޖައިން ސަބަބު ހާމަ ކުރިއެވެ. އޯކޭ. ނުބޯނަން." އާރިން ކަޅި ހުއްޓާލައިގެން އެމޫނަށް ބަލައިލިއެވެ. އެރީތި ކުޑަ ޕަރީއެއް ކަހަލަ އަންހެންކުއްޖާ އޭނާއަށް އަޅާލާ މިންވަރު ހާމަވުމުން ކުރިއަށްވުރެވެސް ބޮޑަށް ގަޔާވެވުނެވެ.
ކުޑައިރުގެ ހިތްދަތި ހާދިސާގެ ވާހަކަ ލުޖައިން ކިޔައި ދިނީ ދެމީހުނަށް އެއްވެސް ޖެހިލުމެއްނެތި އެކަކު އަނެކަކުގެ އިހްސާސްތައް ހިއްސާ ކުރަން ކެރޭ ހިސާބަށް ގުޅުން ބަދަހި ވުމުންނެވެ. އެއީ ލުޖައިން އެވާހަކަ ބުނި އެންމެ ފުރަތަމަވެސް ފަރާތެވެ. އާދައިގެ މަތިން ބިތްދޮށް ފަރާތުގައި އޮންނަ ހާއްސަ މަޤާމުގައި ތިބެފައި އާރިން ލުޖައިންގެ އަތުގައި ހިފައިލުމުން ލުޖައިން އަތްދަމައިގަތެވެ. ހީވީ ދިރޭ ސުއިއްޕެއް ނަމަވެސް އެއްޗެއް ކަށި ޖަހައިގެން ދަމައިގަތް ހެންނެވެ. ލުޖައިން އަށް ފުރަތަމަ ރައްޓެހިވާން ހުށައެޅިދުވަހުން ފެށިގެން ފާއިތުވި ދުވަސްތަކުގައި އާރިން ފާހަގަ ކުރި ކަންތަކުގެ ވާހަކަ ދެއްކީ އެހިސާބުންނެވެ. "ލޫލޫ އަހަރެންނަށް ކަމެއް ސިއްރުކުރަންތަ؟ އެހެން މިބުނީ އަހަރެން ތިއަތުގައި ހިފާލާ ކޮންމެފަހަރަކުވެސް އިނގޭ ވަރަށް ސިހޭކަން. އެންމެ ފުރަތަމަ ރައްޓެހިވާން އެހި ރޭވެސް ކޮނޑުގައި ހިފާލީމަ ވީގޮތް ދުށިން. އަނެއްކާ ކަމެއް ގޯސްކޮށް ހިނގަނީތަ؟ މީހަކު ލޫލޫއަށް ގޯނާ ކުރަނީތަ؟" އާރިން މާލޭގައި ހެދިބޮޑުވަމުން އަންނަ ޒުވާނަކަށް ވުމުން ލުޖައިން އަށްވުރެ ހޭލުންތެރިވެފައި ވިސްނުން ތޫނެވެ.
ލުޖައިންގެ ލޮލުން ކަރުނަ އައީ އިޙުތިޔާރަކު ނޫނެވެ. ލުޖައިން އެއުދާސްތައް ބޭރުކޮށްލަން ބޭނުންވެފައި ހުންނަތާ އެތަކެއް ދުވަސްފަހުން އާރިން އަމިއްލައަށް ހުޅުވާލަދިން ކޮންފަދަ ރަނގަޅު ފުރުސަތެއް ހެއްޔެވެ؟ ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު އެއްވެސް ފޮރުވުމެއްނެތި އެވާހަކަތައް ކިޔައިދޭން ފެށިއެވެ. އާރިންގެ ހިތަށް ކުރަމުން ދިޔަ އަސަރަކުން ދެއަތް މުށްކެވުނެވެ. ރުއްބުޑުގައި ގޮށްމުށުގެ އެތިފަހަރެއް އަޅާލައިފައި އެވަރުން ނުވެގެން ތެދުވެފައި ބިންގަނޑަށް ބޮނޑިބޭލިއެވެ. އާރިންގެ ފައިގެ ހަމަލާއިން ބިންގަނޑުގައި އެހާ ގަދައަށް ތަތްކޮށްފައިވާ ވެޔޮގަނޑެއް މުލުން ލުހިފައި މައްޗަށް އުދުހިގެން ދިޔައެވެ.
"ލޫލޫއަށް އިނގޭތަ ތީ ސިއްރު ކުރާކަހަލަ ކަންތަކެއް ނޫނޭ. މައްސަލަ ޖައްސައިގެން އެމީހަކަށް އަދަބު ދޭންޖެހޭ ކަންކަން ތިހުންނަނީ. ތިހެން ސިއްރުކުރާތީ ރެޔާއި ދުވާލު ލޫލޫ ފަދަ އެތައް ކުދިންނެއް އެފަދަ މީހުންގެ ވިކްޓިމްއަކަށް ވެގެން ދަނީ. މި މުޖްތަމަޢު ހަލާކުވެގެން މިދަނީ ސިއްރު ކުރާތީ. އަހަރެން ހަމަ މިހާރުވެސް ބޭނުން އެގެއަށް ގޮސް އޭނާގެ އަންހެނުންނަށް އަންގަން." އާރިން އައިއްސަ ހުރި ރުޅީގައި ދާން އުޅެން ފެށުމުން ލުޖައިން އަވަސް އަވަހަށް ތެދުވެފައި ހިފަހައްޓާލެވުނީ އާރިންގެ ޓީޝާޓުގައެވެ. "މިހާރު އެކަން ނިމިއްޖެއޭ އާރީ. ޕްލީޒް ގަބޫލު ކުރޭ. އެހެންނޫނަސް ދައްތަ ވަރަށް ދެރަވާނެ. އޭނަގެ ދެދަރިންވެސް ތިބޭ." ލުޖައިން ކަރުނަތަކާއެކު އާދޭސްކުރަން ފެށުމުން އާރިން އެވަގުތަށް މަޑުޖެހިލިއެވެ. "އެކަމަކު ލޫލޫއަށް އެނގޭތަ ތިގޮތަށް ކަންތައް ކުރީމަ އޭނައަށް އެހުޅުވާދެވެނީ އަނެއް ދޮރު. މާދަން ތިދައްތަގެ އެއްބަނޑު ކުއްޖަކަށް ނޫންކަމެއް ނޭނގެ އޭނަ ގޯނާ ކުރާނީ." އާރިން ލުޖައިންގެ އަތް ޓީޝާޓުން ނައްޓުވާލާފައި ދެކޮނޑުގައި ހިފާލިއެވެ. "އަހަރެން ރަނގަޅު ވަގުތެއް ހޯދައިފަ ދައްތަ ކައިރީ ބުނާނަން." އާރިން ހުއްޓައި ނުލައިފާނެހެން ހީވީމައި ލުޖައިން އެންމެފަހުން ބުނެލިއެވެ. "ލޫލޫ ޖެހޭނެ އަމިއްލަ ނަފްސަށް ޓްރަސްޓް ކުރަން. ވަރަށް ސްޓްރޯންގް ވާންޖެހޭނެ. މީގެފަހުން އޭނަ ނޫން އެހެން މީހަކުވެސް އެފަދަ ގޮތަކަށް އަތްލާން އުޅެފިއްޔާ ބާރަށް ހަޅޭއްލަވައި ގަންނާތި. އަދި ހަމަ އެއްވެސް ވަގުތެއް ވޭސްޓްނުކޮށް ގޭމީހަކު ކައިރީ ބުނަންވާނެ. ގޭމީހުން އެހީ ނުވިއްޔާ އަހަރެން ކައިރީ ބުނާތި. އަހަރެން އަބަދުވެސް ހުންނާނީ ލޫލޫ އާއި އެކު." އާރިންގެ ކޮންމެ ޖުމްލައެއް ލުޖައިންގެ ހިތުގެ ފުނަށް ފޯރައި ނުހަނު އަސަރު ކުރުވިއެވެ. އެކަނިވެރިވެފައި ހުއްޓާ އޭނާއަށް އެލިބުނީ ކޮންފަދަ ނަސީބެއް ހެއްޔެވެ؟ އެހާ ޅައުމުރުގައި ވެސް އާރިންގެ މައިންބަފައިން އޭނާ ތަރުބިއްޔަތު ކޮށްފައި ވަނީ ކިހާ ރަނގަޅަކަށް ހެއްޔެވެ؟
އެހަފްތާ ތެރޭގައި ދައްތަ ފޮނުވި ކުއްޖަކު ބަލާ އައިސްގެން ލުޖައިން ދިޔައިރު ޅިޔަނު ކަންތައް އޮތީ އެނގިފައެވެ. ދައްތަ މާފަށް އެދިފައި އެދުނީ ކޯޓަށް މައްސަލަ ނުގެންދިއުމަށެވެ. ޅިޔަނުވެސް ދައްތައަށް އެނގުނު ހިސާބުން ދެރަވެގެން މާފަށްވެސް އެދުނެވެ. ލުޖައިން އާއެކޭ ބުނެ އެއްބަސްވި ނަމަވެސް އެކަން ނުކުރާނެކަން އެނގޭތީވެ އާރިން އަމިއްލައަށް ގޮސް ދައްތަ އާއި ޅިޔަނު ހުއްޓައި ހުރިހާ ވާހަކައެއް ގޮވައިލީއެވެ. ފިސާރި ވަރުގަދަ ކުއްޖެކެވެ. ކުރަން އުޅެފި ކަމެއް ކާމިޔާބު ނުވަނީސް ހިލާ ހުއްޓައެއް ނުލާނެއެވެ.
ޗުއްޓީ ނިމުމުގެ ކުރިން އާރިން ސިގިރޭޓް ބުއިކަން އެނގިގެން ލުޖައިން އަމިއްލައަށް ރުޅިވެއްޖެއެވެ. އެދުވަހު އައިސް މާފަށް އެދިފައި ދެން ދުވަހަކު ނުބޯން އެއްބަސްވެގެން އަނެއްކާ ގުޅުނެވެ. މާގިނަ ދުވަހެއް ނުވެ ކިޔެވުން ފެށޭތީވެ އާރިން ދާންޖެހޭ ދުވަސް އަތުވެއްޖެއެވެ. އެހިސާބުން ދެން ބޮޑަށް އޮތީ ސިޓީގެ ދައުރެވެ. ޝާމިސް އާއި އަދިވެސް އެކުވެރި އެހެން ކުއްޖެއްގެ އެހީގައި ބަދަލު ކުރެވެންފެށި ސިޓީ ތަކަކީ އެދެމެދުގައި އޮތް ގުޅުން ކުރިއަށް ގެންދިޔަ މެދުވެރިޔާއެވެ. އެގުޅުމަށް ހަތަރު އަހަރުވާން ކައިރިވެފައި ހުއްޓާ އެއްދުވަހަކު ލުޖައިންއަށް ސިޓީއެއް ލިބިއްޖެއެވެ. އޯލެވެލް އިމްތިހާނަކަށް ދާން ތައްޔާރުވެގެން ނިކުންނަނި ކޮށެވެ. ގަޑި ބަލާލައިފައި ވަގުތުކޮޅެއް އޮތުމުން ލުޖައިން އަވަހަށް ކޮޓަރިއަށް ގޮއްސައި ސިޓީ ކަނޑައިގެން ކިޔާލި ހިސާބުން ޝޮކެއް ލިބިގެން ދިޔައެވެ.
އާރިންއަށް ލޭގެ ކެންސަރު ޖެހުނު ވާހަކަ ލިޔެފައި އެއޮތީ ސަމާސާ އަކަށޭ ބުނެ ހިތަށް ވިސްނައިދޭން ލުޖައިން މަސައްކަތް ކުރީ ޓެސްޓަށްދިޔަ މަގުމަތީގައެވެ. ކުލާހަށް ވަންނަން ދިޔަ އިރު ކަރުނަ ހިފަހައްޓައި ލެވުނީ ވެސް ކިރިޔާއެވެ. ޓެސްޓަށް ދޭންވާ ސަމާލުކަމެއް ނުދެވުނެވެ. ނިމިގެން އެނބުރި އައިސް ގެއަށް ވަންއިރު ބައްޕަ ނިޔާވެގެން އުޅެއެވެ. ހަތަރު އުދަރެސް ފެނު ޖެހުނުހެން ލުޖައިންއަށް ހީވިއެވެ. ޔުނީފޯމް ވެސް ނުބާލައި އާރިން އާއި ބައްދަލުވާން ތިބޭ ތަނުގައި ގޮސް އިނދެވުނީ ރޮއިގަންނަންވެސް ނޭނގިފައެވެ. ބައިންދާފައި އިން ބުދެއްފަދައިންނެވެ.
ބައްޕަ ނިޔާވުމުން އިތުރަށް އެއާއިލާ ބިކަވެގެން ދިޔައެވެ. ޕެންޝަންގެ ފައިސާ އައުމުގެ މަގު ބަންދުވުމުން ކާނެ އެއްޗެއް ގެއަކު ނެތެވެ. ކަރަންޓް ބިލް ނުދައްކައިގެން ގެއިން ކަރަންޓް ވެސް ކަނޑާލައިފިއެވެ. އެނާޒުކް ވަގުތުގައި އެހީގެ އަތެއް ފޯރުކޮށްދިނީ ނަޒްރާގެ މަންމަ ފަރާތު އާއިލާ މީހެކެވެ. ޝަކީބާ ލުޖައިންގެ ޒިންމާ އަމިއްލަ ބޮލުގައި އަޅައި ކިޔަވަން މާލެ ގެންދަން ނިންމި ހިސާބުން އެޅަހިތުގައި މުޅިން އާ އުންމީދެއް ހޭލައިގެންފިއެވެ. އެހެން ކަމެއް ނުކުރެވުނަސް ކިޔަވައި މޮޅުމީހަކަށް ވުމުގެ އުންމީދެވެ.
ބޯޓުން ފައިބައިފައި ވަށައިގެންވާ މާހައުލަށް ލުޖައިން ބަލައިލީ ބީރައްޓެހި ލޮލަކުންނެވެ. އެތަނަށް އެއްވެފައިވާ އެތައް ބައެއްގެ ލޯތައް އެމޫނަށް އަމާޒުވަމުން ދިޔަތަން ފެނިގެން ރަކިވާ ގޮތްވެއްޖެ އެވެ. އެވަގުތު ބާރު ސްޕީޑްގައި އައިސް އެއްފަރާތަކަށް މަޑުކޮށްލި ކަޅު ކާރަކުން ފޭބި ޒުވާނާ އައީ މީހުންތައް ފަޅާފައި ސީދާ ލުޖައިން އާއި ދިމާއަށެވެ.