އުފަންދުވަސް ފާހަގަކުރަން އޭނައަށް ސައިދޭން ކަޔާން ނިންމީހެއްޔެވެ؟ 

އެކޮޓަރިއަށް ވަންއިރު އޮފީސް އެންމެންހެން އެއްވެފައި ތިއްބެވެ. ކާކޮޓަރި ކުޑަކޮށް ޒީނަތްތެރި ކުރެވިފައިވާއިރު ބިތުގައި ހަރުކޮށްފައިވާ އަކުރުތައް ފެނުމާއިއެކު ލައިޝާ ހުރީ އެންމެ ފިޔަވަޅެއް ކުރިޔަށް އަޅައިލަން ނޭގިފައެވެ. އެ ރީތި ތުންފަތަށް ވެރިވި ހިނިތުންވުން ފުންވެގެން ދިޔުމާއިއެކު ދެލޮލުގެ ބެބުޅުން އެތައްތަން އިތުރުވެގެން ދިޔަގޮތުން މޫނުގެ އުޖާލާކަން ސާދާ ވިލޭރޭގެ ހަނދެއްހާ ފުރިހަމަވިއެވެ. ހެޕިބާތުޑޭގެ އަޑުން މުޅިތަން ގުގުމާލުމުން ލައިޝާ އެންމެނަށް ޝުކުރު އަދާކުރިއެވެ. އާފްރާ އާއި ސަނާ ދުވެފައި އައިސް ލައިޝާގެ ގައިގައި ބައްދާލާފައި އުޅުނީ އެހާ ލޯބިންނެވެ. އެންމެން އޭނަ ބާކީކޮށްލާފައި ކަމަށް ހެދުނީ މި ސަޕްރައިޒް ދޭންތާއެވެ. އުފަންދުވަހުގެ ރީތިކަމުން ލައިޝާ އެ ކޭކު ހަލާކުކޮށްލާ ހިތެއްނުވިއެވެ. ލައިޝާ ކޭކު ފެޅިއިރުވެސް މިސްވީ ކަޔާންގެ މަތިންނެވެ.

"ބިއުޓިފުލް، ހާދަ ރީއްޗޭ......" ލައިޝާ އަދިވެސް ހުރީ ކުޑަކުއްޖެއްހެން ހެވިލާފައެވެ. މިނޫނީ ދުވަހަކު އުފަންދުވަސް މިގޮތަށް ފާހަގަކުރެވިފައެއްނުވެއެވެ.

"ކަޔާން ސަރ ހުރިނަމަ......ޕާރފެކްޓްވާނެ..." ލައިޝާ ހިތާހިތުން ކިޔާލިއެވެ. ކޭކު ފެޅިއިރު އެ ތުންފަތްމަތީގައި ވި ހިނިތުންވުމުންވެސް އުފާވެރިކަން ހާމަކޮށްދެއެވެ. އޭރުވެސް އެ ޚިޔާލު ގުޅިފައިވަނީ އެކަނި ކަޔާންއާއެވެ. ކަޔާންއަށްޓަކައި ކޮންމެހެންވެސް ކޭކުކޮޅެއް ގެންގޮސްދޭން ޖެހޭނެއެވެ. އެންމެނާއިއެކު ލައިޝާ ސައިބޮއިގެން މަޖާކޮށްލާފައި މިދިން ސަޕްރައިޒަށްޓަކައި އެތައް ފަހަރަކު ޝުކުރުވެރިވިއެވެ. ކެބިންއަށް ދިޔައިރުވެސް ކަޔާން ނުދުރުވެއެވެ. ކަޔާން މިއަދު މާ ލަސްވަނީ ކީއްވެބާވައެވެ. އިންތިޒާރުގައި އިނދެ ވަރުބަލިވިފަހުން އެގާރަ ޖަހާއިރަށް ކަޔާން އައުމާއިއެކު އެންމެ ފުރަތަމަވެސް ލައިޝާ ސައި ތަބައް ގެންގޮސްދިނެވެ. މިއަދު އޭނަގެ އުފަން ދުވަސްކަމަށް ބުނެލާކަށް ނުކެރުނެވެ. އެހެން ބުނުމުގެ ހިތްވަރެއް އެއްގޮތަކަށްވެސް ނުލިބުނީއެވެ. އެހެންނޫނަސް ކަޔާންއަށް ދަޢުވަތު ނުދެނީހެއްޔެވެ؟ ނޫނީ ކަޔާން ދަޢުވަތު ޤަބޫލުނުކުރީހެއްޔެވެ؟ ކަޔާން ލައްވާ ސޮއިކުރުވަން ޖެހޭ ލިޔުންތައް ހިފައިގެން ކެބިނަށް ގޮސް އުޅުމުގެ ތެރޭގައި ކިތަންމެ ފަހަރަކު ކަޔާންއާއި ވާހަކަދެއްކުމަށް އެދި ހިތް ގޮވިއެވެ. އެހިތުގެ އަޑު ކަޔާންއަށް އިއްވާދޭނީ ކިހިނެއްހެއްޔެވެ؟ އެއްފަހަރު ހުވަފެނީ ގޮތަކަށް ބަލަން ހުއްޓާ ކުއްލިއަކަށް ހީވީ ވައްކަންކުރަނިކޮށް ފަޅާއެރިހެންނެވެ. ކަޔާން ލިޔުމަކަށް ބަލަން އިނދެފައި ކުއްލިއަކަށް އެ ރީތި ދެލޮލުން ބަލައިލިގޮތަކުން ލައިޝާ ލަދުން މޫނަށް އެތައްކުލަ ތަކެއްވެރިވިއެވެ.

"އަ....އައިމް...ސޮރީ..." ލައިޝާ ތުންފަތުގައި ދަތްއަޅައިލިވަރުން ތުންފަތުން ލޭއޮހިގެންދާނެހެން ހީވިއެވެ. 
"ކޮންކަމަކާ ތަ؟ މީގައި މިސްޓޭކެއް އިނީމަތަ......އިޓްސް އޯކޭ، އެކަމަކު މިތަންކޮޅު ކަރެކްޝަން ހަދާލާ...... " ކަޔާން އެނގުނުކަމަކަށް ނެހެދިނަމަވެސް އެ ދެލޮލުގައި ނަށަނަށާހުރި ލާނެތްކަން ލައިޝާއަށް ފެނުނެވެ.
"ކޮންތަނެއްތޯ...." ލައިޝާ ކާރިއަށް ޖެހިލަން އުޅުނު ވަގުތު ފައި އަރިއަޅާލައިގެން ކަޔާންގެ ކޮނޑުމައްޗަށް ވެއްޓި އޭނަގެ ތުންފަތް ޖެހުނީ ކަޔާންގެ ކޯތާފަތުގައެވެ. އެ ހިނގި ކުޑަ އެކްސިޑެންޓުން ކަޔާންގެ ހިތަށް ލޮޅުމެއް އެރިކަމެއް ލައިޝާއަކަށް ބުނާކަށް ނޭގުނެވެ. ނަމަވެސް ކަޔާން އެވަރުންވެސް މޫނުމަތީގެ ޝުޢޫރު ތަފާތެއް ނުކުރެއެވެ. އިހުސާސްތައް ފޮރުވައިލަން އޭގެ ދެވަނައެއް ނުވާފަދައެވެ. ނަމަވެސް ތުންފަތުގައި ދަތްއަޅާލީ ކޯންޗެއް ފޮރުވާކަށް ކަމެއް ނޭގެއެވެ. ލައިޝާ ތެދުވެ ކަޔާންގެ މޫނަށް ހިޔާއެޅި އިސްތަށިގަނޑު ރީތިކޮށްލާ ތެދުވެ ހިންދެމިލަމުން " ސޮ...ސޮރީ...." އޭ ބުނެލިއިރު އެހިތުގައި ހީވީ ކުޑަވަރެއްގެ ތޫފާނެއް އުފެދުނުހެންނެވެ. 

އެ ތޫފާން އޭނަގެންގޮސް އެއްލައިލާނީ ކޮން އައްސޭރިއަކަށް ކަން ޔަގީންނުވިޔަސް އޭނަ ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވިއެވެ. އަމިއްލަ ހިތުގައި އުފެދިފައިވާ އެ ޖަޛުބާތުތަކަށް ދޭނެނަމެއް އޭނައަށް އެނގުނީ ކަޔާން އިރުކޮޅަކުން އިސްއުފުލައިލުމާއިއެކު ދެމީހުންގެ ހަތަރުކަޅިހަމަވެ އިރުކޮޅެއްވާންދެން ކިޔާނެ އެއްޗެއް ނޭގި ހިމޭންކަން ވެރިވުމުންނެވެ. އެމިނިޓްކޮޅު ތެރޭގައި ދެލޮލުން އެތައް ވާހަކަތަކެއް ދެކެވިއްޖެއެވެ. ލައިޝާއަށް މިއަދު އޭނަގެ ހިތުގައިވާ ކަޔާންއަށްޓަކައި އުފެދިފައިވާ އިޙުސާސްތަކަކީ ލޯބިކަން ޔަޤީންވުމުން ނިކަންބޮޑަށް ބިރުގަނެއްޖެއެވެ. މަންމަ ވަނީ އެހެން މީހަކާއި ކައިވެނި ހަމަޖައްސާފައިކަން ހަނދާންވެފައި ހިތަށް ތަދުވެ ލޮލުން ކަރުނަހިލޭގޮތްވިއެވެ.

"ލައިޝާ ހުރިހާކަމެއް ރަނގަޅުތަ؟ " ކަޔާން ދެބުމަ އަރުވާލާފައި ގޮނޑީގައި ހަމަޖެހިލިއެވެ. ކަޔާންގެ ރީތި ދެލޮލުގެ ހުރިހާ ސަމާލުކަމެއް އޭނައަށް ހުއްޓުމަކީ ލައިޝާ ބޭނުންވާގޮތެއް ނޫނެވެ. އެދެލޯ ސިޙުރެއްފަދައެވެ. އެ ތޫނު ދެލޮލުން އޭނަގެ ހިތަށް ހަދާލާގޮތް ކަޔާންއަށް އެއްވެސް ވަރަކަށް ރޭކާލާނަމަ މިހެނެއް ނުބަލާނެއެވެ. އެ ދެލޮލުގެ ފުންކަމުގެ ތެރެއަށް އަބަދަށްޓަކައި ގެނބިގެންދިޔުމަށް ލައިޝާ ބޭނުންވިއެވެ. އަދިވެސް ނޭފަތުގައި ހަރުލާފައި ވަނީ ކަޔާންގެ ކަށިގަނޑުގެ މީރުވަހެވެ. އުމުރުދުވަހުވެސް މޫނު ދޮންނާކަށް އޭނަ ބޭނުމެއްނޫނެވެ. ކަޔާންގެ ގައިގާ އެ ބީހިލެވުނުގޮތް ދުވަހަކު ހަނދާނުން ފިލައިގެން ނުދާނެއެވެ. ފިލްމެއްގެ ހައިލައިޓް ފަދައިން އިރުއިރުކޮޅާ އެ މަންޒަރު ލޮލުގެ ކުރިމަތީގައި އެނބުރެމުންދާނެކަން މިހާރުއްސުރެން ލައިޝާއަށް ޔަގީންވެއްޖެއެވެ.

މިއީ ލޯބީގެ ވާހަކައެއްގެ ފެށުންހެއްޔެވެ؟ މި ލޯބީގެ ވާހަކައިގާ ކުރިއަށް ހުރި ސަފުހާތައް ހުޅުވައިލަން ޖެހިލުންވިޔަސް މިއަދު ލައިޝާ ބޭނުމީ އެ ވާހަކަ ކުރިއަށް ގެންދިޔުމެވެ. ލައިލާ މަޖުނޫނު، ރޯމިއޯ ޖޫލިއަޓްފަދައިން ހިތާމަވެރި ނިމުމެއް ނަޔަސް އުފާވެރި ކުލަތަކުން އެ ސަފުހާތައް ފަވައިލަން އޭނަ ބޭނުންވިއެވެ.

"ލައްބަ...." ލައިޝާ އަނދައަނދާހުރި މޫނުގައި އަތްކާއްތާލަން އުޅެފައިވެސް އަތްތިރިކޮށްލައިފިއެވެ.

"ތަންކޮޅެއް ބަލައިގެން އުޅުނިއްޔާ ރަނގަޅުވާނީ....." ކަޔާން އެބުނި އެއްޗެއްގެ ފޮރުވިފައިވާ މާނައެއްވާކަން ލައިޝާގެ ޅަ ސިކުނޑި ދެނެގަތެވެ. އެކުރީ އިންޒާރެއް ހެއްޔެވެ؟ އިތުރަށް އޮޅުން ފިލުވަން އުޅެފައިވެސް އެނގޭކަށް ލައިޝާ ބޭނުމެއްނުވިއެވެ. ބަލައިގެން އުޅޭކަށް އޭނަ ބޭނުމެއްނުވީއެވެ. ގިނަގިނައިން އެކްސިޑެންޓް ހިނގިޔަދޭށެވެ. ލޯބިވީފަދައިން ހުރިހާ ކަމެއް ވާން އޭނަ މިވަނީ ދޫކޮށްލާފައެވެ. ހިތަށް އަނިޔާއެއް ލިބުނަސް އޭނަ އެހާ ފަސޭހައިން އެކަން ހުއްޓައެއް ނުލާނެއެވެ. ކަޔާންގެ ފަރާތުން ކުޑަ އިޝާރާތެއް ލިބޭއިރަށް ހުރިހާ އެއްޗެއް ދޫކޮށްލާފައި އޭނަ ކަޔާންގެ ގާތަށް ދާނެއެވެ. އެހެން މީހުންނާއި ސަކަރާތް ޖަހާލާފަދައިން އެއްޗެކޭ ބުނަން އުޅެލާފައިވެސް ލައިޝާއަށް ރަކިގޮތަކަށް ހިނިތުންވުން ފިޔަވާ ހަމަ މަންމަނެއް ފަދައިން ހުރެވުނީއެވެ. ކަޔާންގެ ކާރިއަށް އާދެވުމުން މިގޮތަށް ބަސްހުއްޓި، ލަދުގަންނާން ވެއްޖެއްޔާ ދުވަހަކު ހިތުގައިވާހާ އެއްޗެއް ކަޔާންގެ ކުރިމަތީގައި ބަންޑުން ޖަހައިލާނެ ހިތްވަރެއް ނުލިބޭނެއެވެ.

"ވަރަށް ޓްރައިކުރަން.....އެކަމަކު......" ލައިޝާ އެސްފިޔަތައް ލަސްލަހުން ޖަހައިލިއެވެ.

"ރިއަލީ؟ " ކަޔާން ތަންކޮޅެއް ފުންކޮށް ލައިޝާއަށް ބަލައިލުމުން ލައިޝާގެ ގައިން ހީބިހިނެގިއެވެ. ކަޔާންގެ ހިތުގައި އޭނައާއިމެދު ވަނީ ކޯންޗެއް ހެއްޔެވެ؟ އެވަގުތު ކޮންމެވެސް މީހެއްގެ ފޯނެއް އައުމުން ކަޔާންގެ އުފާވެރި މޫޑު މުޅިން ގޯސްވެ ވަގުތުން ބުމަގޮށްޖަހާލި ނަމަވެސް އަދިވެސް އެ ރީތި މޫނުމަތިން ރުޅިވެރިކަމެއް ނުފެނެއެވެ. އަމިއްލަ ނަފުސް ކޮންޓްރޯލްކުރަން ދަންނަނީ ކަން ނޭގެއެވެ. ޔަގީނުންވެސް މުށްކެވިފައިވާ އަތުގެ ސަބަބުން ލައިޝާއަށް ކަޔާން ރުޅިއައިސްފައިވާވަރު ކޮންމެވެސް ވަރަކަށް ދެނެގަނެވުނެވެ. ކަޔާން ފޯނު ބާއްވާފައި ތެދުވިގޮތަކުން އަތުން ޖެހިފައި މޭޒުމަތީގައި ހުރި ވާސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ލައިޝާއާއި ދެމީހުން އެކީގައި ވާސްގައި ހިފަން އުޅުމުން ކަޔާންއަށް ވާސްގައި ހިފެހެއްޓުނީ ލައިޝާގެ އަތާއިއެކުގައެވެ. ކަޔާން އަވަހަށް އަތްދޫކޮށްލިގޮތުން ހީވަނީ ކުށެއްކުރެވުނީ ހެންނެވެ. 

"ސަރ ދުރުވަނީތޯ؟ "ލައިޝާއަށް އަހައިލެވުނެވެ. 
"އާން، އަހަރެން ކިރިޔާ ހަނދާންނެތުނީ، މިއަދު ލައިޝާގެ ބާތްޑޭ ދޯ، އަހަރެންވެސް ކުޑަ ހަދިޔާއެއް ގެނައިމޭ....." ކަޔާން އުފަންދުވަހުގެ ތަހުނިޔާ ކިޔާލާފައި ވަތްގަނޑު ހުޅުވާލާފައި ދިއްކޮށްލި ޕާރުސަލް އޮތީ ނިކަން ރީތިކޮށް ހަދާލާފައެވެ. އޭގައި ހިފިއިރު ކަޔާންގެ އިނގިލިތައް ލައިޝާގެ އަތުގައި ބީހިލުމުން ނާރުތަކަށް ކުރި އަސަރު ބުނެދޭނެ ގޮތެއްވެސް ނޭގެއެވެ. ކަރަންޓުގެ ރާޅެއް ދުވެލިހެން ހީވިއެވެ. ލޯބީގެ މަޑު ހޫނުކަމެއް މުޅިހަށިގަނޑުގައި ދަތުރުކޮށް ހިތަށް ނޭގޭފަދަ އުފަލެއް ގެނެސްދިނެވެ.

"ތެންކިއު ސަރ........" ލައިޝާގެ ހިތް އުފަލުން އާސްމާނުގައި އުދުހިގަތެވެ.

"އަދި ކޮފީއަކަށްވެސް ގެންދާނަން ކޮންމެވެސް ދުވަހަކުން....." ކަޔާން ހީލާފައި އެބުނެލި އެއްޗެއް ލައިޝާއަށް ގަބޫލުކުރުން ދަތިވިއެވެ. ނަމަވެސް އެއީ އޮފީހެއްގެ ވެރިޔަކާއި ޕީއޭއާއި ދޭތެރޭގައި އޮންނަ ގާތްގުޅުމުގެ ގޮތުން ދެއްކި ވާހަކައަކަށް ވެދާނެއެވެ. ނޫނީ ރިއަލް ޑޭޓެއްހެއްޔެވެ؟ ލައިޝާ ހުރީ ނިކަން ވަރަކަށް ހެވިފައެވެ. ކޮޓަރިއަށް ވަންގޮތަށް އޭނަ ނަށާލަން ބޭނުންވިއެވެ. އުފަލުން އޭނަ މޮޔަވަނީއެވެ. މިވާހަކަ ކޮންމެވެސް މީހެއްގެ ގާތުގައި ހިއްސާކުރަން އޭނަ ކޮންމެހެންވެސް ބޭނުމެވެ. ކީވާ ބުނާނީ ކީކޭހެއްޔެވެ؟ އެހާ ސިއްރުވެރި ޒުވާނަކާއި އެކީގައި ލޯބީގެ ގުޅުމެއް ބާއްވަން ވާނެހެއްޔެވެ؟ ކަޔާންއާއި ބެހޭގޮތުން ކުޑަމިންވަރެއް ނޭގޭކަން ހިތަށް އަރާފައި ލައިޝާ ކަންބޮޑުވިއެވެ. އެއީ މީހެއްގެ ފިރިޔަކަށްވެދާނެއެވެ. ލޯބިކުދިން ކޮޅެއްގެ ބައްޕައަކަށް ވެދާނެއެވެ. އެހެން ހިތަށް އަރާފައި ލައިޝާގެ ހިތް ބިރުން ހުއްޓިދާނެހެން ހީވިއެވެ. އެކަން އޮޅުން ފިލާނީ ކިހިނެއް ހެއްޔެވެ؟

ގެއަށް އައުމަށްފަހުވެސް ލައިޝާގެ ފައި ބިންމަތީގައި ހަރުނުލާހެން ހީވިއެވެ. އޮފީސްކުދިން ދީފައި ހުރި ޕާރުސަލްތައް ކަނޑާލިއިރުވެސް ކަޔާންދިން ޕާރުސަލަށް ގޮތެއް ހަދާލާކަށް ނުކެރުނެވެ. ރީތިކަމުން ބޮސްދެވުނީ ކިތައް ފަހަރުކަމެއް ނޭގެއެވެ. ހީވަނީ އެ ޕާރުސަލްގައި ކަޔާންގެ ސެންޓުވަސް ހިފާލާފައިވާހެންނެވެ. އަލަމާރީގެ ވައްގަނޑެއްގައި އެ ޕާރުސަލް ފޮރުވާފައި ލައިޝާ އުޅުނީ ލަވައެއް ކިޔާލަމުންނެވެ.

"ލައިޝް މާ ހެވިލާފައި ކޮންކަމެއްތަ؟ " ކީވާ ދޮރުން ބޯ ދިއްކޮށްލިއިރު ލައިޝާ ކުޑަދޮރު ހުޅުވާލައިގެން އޮފިއެލޭ ގަހެއްގެ ފަތްތަކާއި ކުޅެން ހުރީ ހުވަފެނީ ދުނިޔެއެއްގައެވެ. 

"އަހަރެން ރުއީމަތަ ކިވީއަށް ރަގަޅީ......" ލައިޝާ ހިނގާލާފައި އައިއިރު ލޫޅާފަތިކަމުން ހީވީ ޕަރީއެއް ވައިގެތެރޭގައި އުޅެލާހެންނެވެ. ކޮންމެ ހަރަކާތެއްގައި ފަރި އަންހެންވަންތަ ގޮތެއް ހުރެއެވެ.

"ނޫނޭ، ލައިޝްގެ ހިނިތުންވުން ކޮންޓޭޖިއަސް...." ކީވާގެ ހުދުދަތްތައް ފެންނަވަރަށް ހީލައިފިއެވެ. ދެކުދިން ކޫސަނި ވާހަކަތަކުގައި ތިބެގެން ރޭގަނޑަށް ކައްކަންފެށިއެވެ. އަފްރާޒު އާއި އައިދަން ގޭގައި ނޫޅޭތީ ދެކުދިންނަށް މިނިވަންކަމާއި އެކުގައި އުޅެލެވުނެވެ. ސަލްމާ އާއި ޒުލްމާ ކޮޓަރީގައި ކޮންމެވެސް ވާހަކައެއް ދައްކަން ތިބެ ބާރުބާރަށް ހިނިގަނޑު ޖަހައިލާއިރު ހީވަނީ ޅަ ދުވަސްއައިސްގެން އުޅޭހެންނެވެ. މަންމަގެ އުފާވެރިކަމުން ދެކުދިން ތިބީ އުފާވެފައެވެ.

އައިދަން މޫދުން އަރައިގެން އައިއިރު އަފްރާޒު އިނީ ހިލަގޮނޑިއެއްގައި ޕޮޕްކޯން ކޮތަޅެއް ކާށެވެ. އަފްރާޒު ލައްވާ ކަސްރަތުކުރުވަން މަސައްކަތްކުރަމުން ގޮސް އައިދަން މާޔޫސްވާ ހިސާބަށް ދިޔައިރު އަފްރާޒު އެކަހަލަ ޚިޔާލެއްނުކުރެއެވެ. އަފްރާޒު ގެ ހޮބީއަކަށް ކެއުމާއި ޓީވީ ބެލުން ނޫންކަމެއް ނޯންނާތީ އެ ކަންތައް ބަދަލުކުރަން އެންމެ ގާތްމީހަކަށް ހުރީވެސް އައިދަންއެވެ. ބައެއްފަހަރު އަފްރާޒުގެ އެ ނުބައި އާދަތަކުގެ ފަހަތުގައި ކޮންމެވެސް ސަބަބެއްވެދާނެ ކަމަށް ހިތަށް އަރާ އަހާ އަހާވެސް ނުބުނެއެވެ. އަފްރާޒު ފޮރުވަނީ ކޮންކަމެއްބާވައެވެ.

"ކީވާ ވަރަށް މީރުކޮށް ކާން ހަދާނެ، ދޮންބެ ކީއްވެ ކީވާއާއި ވާހަކަ ނުދައްކަނީ؟ އަޅުގަނޑު ބުނީމެއްނު ކީވާ މާ ރަގަޅޭ....." އަފްރާޒު ވަނީ ލައިޝާ ކުށްވެރިކޮށްލާފައި އައިދަން ގާތުގައި ޝަކުވާކޮށްލާފައެވެ. ކީވާ އޭނަގެ ހެދުންތައް ދޮވެ، އިސްތިރިކޮށްދީ، ކައްކައި ހަދާދިނީ ދައްތައެއްފަދައިން އޯގާތެރިކޮށްކަމަށް އަފްރާޒު ބުނެ އެތައް ވަރަކަށް ތައުރީފުކުރިއެވެ.

"އަފޫދެކެ ލޯބިވާ ކުއްޖަކަށް ވިޔަސް ދޮންބެއަކަށް ކަމެއްކޮށްނުދޭ....." އައިދަން ހިނިތުންވެލިއެވެ. އެވަގުތު އެތާ ތިބި އެތައް އަންހެންކުދިންނެއްގެ ސަމާލުކަން އައިދަންގެ ރީތި ހަށިގަނޑަށް ހުއްޓިފައިވާކަމެއް އޭނައަކަށް އެނގުނަސް އެކަމާއި އަޅައެއްނުލައެވެ. އައިދަންއާއި އެކު ތަންތަނަށް ދާންވީމަ އަފްރާޒު ލަދުގަންނަނީ އެހެންވީމައެވެ. އަފްރާޒުއަކީ އައިދަންގެ ކޮއްކޮއެކޭ ބުންޏަސް ބައެއް މީހުން ގަބޫލު ނުކުރުމުން އަފްރާޒުގެ މޫނުގެ ކުލަ އޮއްސޭ ގޮތްވާ ކިތަންމެ ފަހަރެއް އައިސްފިއެވެ.

"ކީވާ ކަޅުވީމަތަ؟ ދޮންބެއަށް ކަޅުކުދިން ކަމުނުދަނީތަ؟ " އަފްރާޒު ދުވަހަކުވެސް އޭނަގެ ބޭބެ ގާތުގައި އެފަދަ ގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. 

"އޭރުން މީހުން ބުނާނެ ހަނދު ކޭތަ ހިފާފައޭ، އަފޫ ބުނެބަލަ އެހެން ނުބުނާނެތަ؟ " އައިދަން ކުރީ ސަމާސާއެކެވެ. އަފްރާޒު އެކަން ނެގީ ސީރިޔަސްކޮށެވެ. 

"އެކުއްޖާ ބުރުގާވެސް އަޅާ......" އަފްރާޒު ކީވާގެ ރަގަޅު އެހެން ކަމެއް ދެއްކިއެވެ.

"އެވާނީ ކީވާ ތަލަވެފައި ހުރީކަމަށޭ......ސީރިޔަސްކޮށް މިބުނީ އަފޫ....." އައިދަން ކޮނޑުގައި އަޅުވާފައި އޮތް ތެތް ޓީޝާޓު ބޮލުން ވައްޓައިލާފައިގޮސް ސައިކަލަށް އެރިއިރު އަރިމަތީ ލޯގަނޑުންވެސް އޭނަ ބަލަމުން ދިޔައީ އަފްރާޒުގެ މޫނަށެވެ. އަފްރާޒު ކީވާއަށް ތާއީދުކުރާތީ އައިދަންއަށް ވެފައިވަނީ މަޖާކަމަކަށެވެ.

އަފްރާޒު ވިސްނަމުން ދިޔައީ އައިދަން އާއި ކީވާ ގުޅުވާނެ ގޮތަކާއިމެދުގައެވެ. އަފްރާޒު ހީކުރާގޮތުން ލައިޝާ އުޅެނީ މާ ފޮނިވެގެން އައިދަންއާއި ގާތްވާން ވެގެންނެވެ. އައިދަން ފެނުމުން ހީލާފައި ކޮންމެވެސް އެއްޗެކޭ ބުނާގޮތުން އަފްރާޒު ހުންނަނީ ރުޅިގަދަވެފައެވެ. އެކަން ނިމުމަކަށް ގެންނާން އަފްރާޒު ބޭނުމެވެ. އޭނަގެ ފަހަރިއަކަށް ލައިޝާ ހަދާކަށް އަފްރާޒު ބޭނުމެއް ނޫނެވެ.

ސަލްމާއާއި ޒުލްމާ އުފާކޮށްލަދޭން އައިދަން ރޭވި ޗުއްޓީ ދަތުރެއްގައި އެންމެން "ޕެރެޑައިސް އައިލެންޑް" ރިޒޯޓަށް ދިޔައިރު ކީވާ ދާކަށް ބޭނުމެއްނުވިއެވެ. އައިދަންއަށް އެ ދަތުރު ލިބުނީ އެތާ މެނޭޖަރަކާއި އެކުވެރިވެފައި ވާތީ އޭނަ ދިން ދަޢުވަތަކަށެވެ. އެ ދަތުރު ރޭވީ އައިދަން ކަމަށް އެނގުމުން ކީވާ ޢުޒުރެއް ދައްކާފައި ނުދިޔަނަމަވެސް އެހެން އެންމެން އެފަދަ ރީތި ފުރުސަތެއް ނަގާލާކަށް ބޭނުމެއްނުވިއެވެ. ލައިޝާވެސް ހުކުރު ދުވަސް ރިޒޯޓުގައި ހޭދަކޮށްލާ މޫދަށްއެރެން ކަމަށް ގަސްތުކޮށް ދިޔައިރު ކީވާ ގެންދަންވެގެން އުޅެ އުޅެ އެއްބަސްވާގޮތެއް ނުވިއެވެ. ކީވާ ބަހަނާތަކެއް ދައްކާވަރުން އެންމެ ފަހުން ލައިޝާ އެކަނިވެފައި ހުރެ ދިޔައީއެވެ.

ކީވާ ނިދަން އޮވެފައި ލަސްލަހުން ހޭލެވުނީ ލުއި ނާނާއެއް އަޅުވާފައި ވާރޭ ވެހޭއަޑަށެވެ. ދެލޯ ނުހުޅުވާން އޮވެފައިވެސް ކީވާ ލަސްލަހުން އެސްފިޔަތައް ދުރުކޮށްލުމާއިއެކު ހީވީ ކަށްވަޅުގައި އޮވެވުނުހެންނެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނުފެނުމުން ކީވާ ސްވިޗްތަކަށް ފިތާލާފައި ބޮކި ނުދިއްލުނީމަ މުޅި ހިސާބުގައިވެސް ކަރަންޓު ނެތީކަން ޔަގީންވެ އިންތިހާއަށް ބިރުގަނެއެވެ. ކަރަންޓު ބޯޑަށް ކަމެއްވީކަމަށް ހީކޮށް އެ ބަލައިލަން ދާންކަމަށް ގަސްތުކޮށް ކީވާ ނިކުންނަން ދިޔައެވެ. ކީވާ އަނދިރީގައި އަތް ކާއްތަމުންގޮސް ދޮރު ހުޅުވައިލާފައި ކުރިއަށް ހިނގައިގަންނަން އުޅުމުން އަތްޖެހުނީ މީހެއްގެ މޫނުމަތީގައެވެ.

"އައިދަން......." ކީވާއަށް އަނދިރީގެ ތެރެއިންވެސް އައިދަން ވަކިކުރަން އެނގުނީކަން ނޭގެއެވެ. އައިދަން ދަތުރު ގޮސްފައި އެނބުރި އައީ ކީއްވެހެއްޔެވެ؟ ކަރަންޓުގެ އަލިކަން އެނބުރިއައުމުން ކީވާ ލަދުން ހަލާކުވާވަރުވިއެވެ. އޭރު އޭނަ ލައިގެން ހުރީ ލޭސްފޮތީގެ ކުރު ނިދާ ހެދުންކޮޅެކެވެ. އަތް ކެނޑި ނައިޓީއަކަށް ވުމުން އެއޮމާން ހަށިގަނޑުގެ ބޮޑުބައިވަނީ ހާމަޔަށެވެ. އައިދަންވެސް ހުރީ އެކަނި ބޮކްސަރ އެއްގައެވެ. ދެމީހުންވެސް ނިދަން ތިބިގޮތަށް ނިކުމެވިފައިވާތީ ރަކިވެ ފިލަން ދުވަން ބޭނުންވީ ކީވާއެވެ.

ކޮމެންޓް 0