ޒިއާމް އިރުކޮޅެއްވާންދެން އެކުވެރިޔަކާއި ވާހަކަދައްކަން ހުރިއިރު ލައިޝާމެންނަށް ބެލިއެވެ. ލައިޝާގެ ކާރިއަށް ގޮސް ވާހަކަ ދައްކާލަން ހިތަށް އަރާފައިވެސް ޒިއާމް ޚިޔާލު ބަދަލުކޮށްލިއެވެ. ލައިޝާ އެހެން ޒުވާނަކާއި އެކީގައި އުޅޭތަން ފެނުމުން އޭނަ ނުތަނަވަސްވެ އުދަގޫވާންވީ ސަބަބެއް ނެތެވެ. އެއީ ޒިއާމްގެ ކާކުހެއްޔެވެ؟ ޒިއާމްގެ ޕީއޭއަށްވިޔަސް އަދި ލައިޝާގެ ލޯބިވެރިޔާ ގާތުގައި ހުއްޓާ ގޮސް ވާހަކަ ދައްކާކަށް ނުޖެހޭނެއެވެ. އެއީ ކޮންކަހަލަ ފިރިހެނެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ. އޭނަގެ ކޮއްކޮ ކަޔާން އާއި ލައިޝާގެ އޮތީވެސް ކޮންކަހަލަ ގުޅުމެއްކަމެއް އޭނައަކަށް ޔަގީނެއްނުވެއެވެ. ވީއިރު އޭނަގެ ޚިޔާލު ބޮޑުވާންވީ ކޮންކަމެއް ހެއްޔެވެ؟ ލައިޝާ އުޅޭނެ ގޮތަކަށް އުޅެދާނެ ނޫންހެއްޔެވެ؟ ކަޔާންގެ ހިތަށް އަނިޔާއެއް ލިބޭކަށް ޒިއާމް ނޭދޭތީކަން ނޭގެއެވެ. ގައިމު އެކަމާއި ނުވިސްނަން ހުއްޓަސް އެއްޗެހިތަކެއް ހިތަށް އަރައެވެ. އަދި ދެރަގޮތެއް ވާން އުޅޭކަމަށް ސިކުނޑީގެ ކަނަކުން އިންޒާރު ކުރިއެވެ.

ކީވާގެ އަނިޔާވެރި ބައްޕަގެ ގެވެށި އަނިޔާއާއި ރަހުމްކުޑަކަން އަދިވެސް ހިތުން ފިލައިގެނެއް ނުދެއެވެ. މަންމަ ދަރިން ދޫކޮށްލާފައި ދާން ޖެހުނު ސަބަބަކީ އެ އަނިޔާތަކަށް ކެތްނުވުމެވެ. އެގޮތަށް މަންމަ ވަކިވުމުން ނިކަމެތިވެ ބިކަ ހާލުގައި ޖެހުނީ ދަރިންކޮޅެވެ. މަންމަ އެގެއިން ދިޔަ ދުވަހު ބައްޕަ މަސައްކަތުން އައިގޮތަށް އޭނަ އާއި ބެހެން އުޅުމުން ސަލާމަތަށް އައީ އޭނަގެ ބޭބެ އިވާންއެވެ. އިވާން ރުޅިއައިސްގެން ދަނޑިބުރި އަކުން ބައްޕަގެ ގައިގާ ޖަހަން މަސައްކަތްކުރިއެވެ. ނަމަވެސް އޭރު އަތުގެ މުލައްދަނޑީގެ ބާރުގަދައީ އެކުދިންގެ ބައްޕަގެ އެވެ. ބޮޑު ސިންގާ ފިރިހެނެއްގެ ކާރީގައި ކުޑަކުއްޖަކަށް ދެއްކޭނީ ކޮން ގަދައެއްހެއްޔެވެ؟ ބައްޕަ ދިހައަހަރުގެ އިވާންގެ ގައިގާ ތަޅާތަޅާ ބިންމައްޗަށް ދަމާލީ އޭނަގެ ލޮލުގެ ކުރިމަތީގައެވެ. އޭނަ ބޭބެ ސަލާމަތް ކުރަން ރޮއި އާދޭސްކުރަނިކޮށެވެ. ސިއްހީ މަރުކަޒަށް އިވާން ގެންދިޔަތާ ތިންވަނައަށްވީ ދުވަހު ކީވާއަށް އިވުނީ އިވާންގެ މަރުގެ ޚަބަރެވެ. އެ ޚަބަރު ލިބުމަށްފަހު ހަފްތާއެއް ވާންދެން ކީވާއަށް އަނގައިން ނުބުނެވުނެވެ. އަދި އެދުވަސްކޮޅު ކީވާއަކަށް ނުނިދުނެވެ. ލޯ މަރާލާއިރަށް ފެންނަނީ ލެޔާއި ތަތްތެޅިފައި ހުންނަ ބޭބެއެވެ. ކީވާ ހަޅޭއްލަވައިގެންފާ ތެދުވެ ބާރުބާރަށް ރޮއިގަނެއެވެ. ކުޑަ ކުޑަ ކީވާގެ ލޮލުން ކަރުނަ ނުހިކެއެވެ. ކީވާގެ މަންމައަކީ އެހާ ވަރުގަދަ އަންހެނެކެވެ. ދުވަހަކުވެސް އިވާންއާއި ކީވާއަށް މަންމަގެ ފަރާތުން ލޯބި ލިބިފައެއްނެތެވެ. އަބަދު އެއްޗެހި ކިޔުމާއި އެކުދިންގެ ގައިގާ ތެޅުން ނޫންކަމެއް ނޯވެއެވެ. އިވާން މަރުވުމުން ކީވާ އާއިމެދު މަންމަ ހަމްދަރުދީއެއްނުވިއެވެ. ދުވަސްކޮޅެއް ވާންދެން އޭނަ ބެލެހެއްޓީ މުސްކުޅި މާމައެވެ. ކީވާގެ ހިތުން މައިންބަފައިންގެ ލޯބި މުޅިން ފިލައިގެން ދިޔައީ އެވެ. އެތަނުން ސަލާމަތްވުމަށް އެދި ކީވާ ހެއްދެވިފަރާތަށް މެދުކެނޑުމެއްނެތި ދުޢާކުރިއެވެ.

ކުޑަކުދިންގެ ހިޔާގައި ކީވާ ހޭދަކުރި ދުވަސްކޮޅުވެސް ހިތި ތަޖުރިބާތަކެއް ކުރެވުނެވެ. ޒުލްމާ އޭނަގެ ހަޔާތަށް އައުން ވެގެން ދިޔައީ ކީވާގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ދުވަހަކަށެވެ. މަޔެއްގެ ލޯތްބާއި އެކު ކޮއްކޮއެއް ލިބުމުން ކީވާ މާޒީ ހަނދާން ނައްތާލަން މަސައްކަތްކުރިއެވެ. ނަމަވެސް ކީވާ އޭރުވެފައިވަނީ އިންތިހާ ދަރަޖައިގެ ފިނޑި ބަލިކަށި ކުއްޖަކަށެވެ. ކިރިޔާ އަޑެއް އިވިޔަސް ސިއްސައިގެން ގޮސްފައި ރޮއިގަނެވެއެވެ. ފިރިހެނަކު ފެނިލިއްޔާ ކީވާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. އެކުއްޖާ ކޮންމެވެސް ތަނަކަށްވަދެ ފިލާނެއެވެ. ނަފްސާނީ މާހިރަކަށް ކީވާ ދައްކައިގެން ބޭސްދޭން ފެށުމުން ކޮންމެވެސް ވަރެއްގެ ލުޔެއްލިބި އޭނަގެ ސިކުނޑި ހަމަޔަކަށް އެޅުނެވެ. މިއަދާއި ހަމަޔަށްވެސް ކީވާގެ ހަނދާނުން ފިލައިގެން ނުދާ މީހަކީ އެކަނި އިވާންއެވެ. އިވާންގެ މަރުގެ ބަދަލު ހިފިގެން ނޫނީ އެހިތަށް ހަމަޖެހުމެއް ނުލިބޭނީކަން ނޭގެއެވެ. އެހުރިހާކަމެއްގެ އަސްލަކީ މަސްތުވާ އެއްޗެހިކަން ކީވާއަށް ރޭކާލީ އަދި ކިރިޔާއެވެ. އޭނަގެ ބައްޕަގެ ރަހުމް ކުޑަ ނުލަފާ މީހަކަށް ވުމުގެ އަސްލަކީ ޑްރަގެވެ.

ކީވާ ގެ އަތަށް ކެނިއުލާ ޖެހުނީ ނަރުހުން ވަރަށް ހިތްވަރުދީގެން މަސައްކަތުންނެވެ. ކުޑަކުއްޖަކު ވެސް އެހާވަރަށް ރޮއި ބިރުން އުޅޭނެކަމެއް ނޭގެއެވެ. ކީވާ ތަދަށް ކެތްނުކުރެވިގެން ތެޅިފޮޅުނެވެ. އެމަސައްކަތް ނިންމާފައި އެމީހުން އިންޖެކްޝަންތައް ޖެހުމުން ފަހުން ބަސްއަހައިގެން އޮތްއިރުވެސް ކީވާގެ ބޮޑުދެލޮލުގައިވަނީ ވޭނީ ކަރުނަތަކެވެ. އެތައް އަހަރުތަކެއް ފަހުން ލޯބިވާ ބޭބެގެ މަތިން ހަނދާންވިއެވެ. އެއީ އަދި ކީވާ ލައިޝާއަށްވެސް ކިޔާނުދޭ ސިއްރެކެވެ. އޭނައަށް އެދުވަހު ފެނުނު މަންޒަރުތައް އޮތީ ދުނިޔެއަށް ސިއްރުވެފައެވެ. ބައްޕަ އެންމެން ގާތު ބުނިގޮތުން ވަކަރުތަކެއްގެ ދަށުގައި އިވާން ތާށިވެ ފުރާނައަށް ގެއްލުންވީއެވެ. ހުރިހާވެސް ކަމަކީ އޭނަގެ ސުންޕާކަން ހެއްޔެވެ؟ އޭނަގެ ދިރިއުޅުމުގައި ދުވަހަކުވެސް އުފަލާއި ނަސީބު މިންވަރު ކުރައްވާފައި ނެތީހެއްޔެވެ؟ އެއްވެސް އުފަލެއް ލިބެން ނެތީކަން ނޭގެއެވެ. ކީވާ ތުންފަތުގައި ދަތްއަޅާލައިގެން އޮތްވާ އައިދަން އާއި ލައިޝާ ވަނުމުން ކަރުނަތައް އޮހިގަތެވެ.

"ލައިޝް، އައިމް ސްކެއާޑް، އަހަރެން މަރުވާނީކަން ނޭގޭ...." ކީވާ ގެ ދެލޮލުގައި ވިދާ ބޮޑެތި ކަރުނަތަކުން ޔަގީނުންވެސް އައިދަންއަށް އަސަރުކުރީ މާ ވަރަކަށެވެ. ދުވަހަކު އަންހެންކުއްޖަކު ރޮއިގެން އައިދަންގެ ހިތަށް މިފަދަގޮތެއް ނުވެއެވެ. އިސްޖަހައިލެވުނީ އެމަންޒަރު ދެކެން ބޭނުން ނުވެގެންނެވެ.

"ނޫން ކިވީ، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ، ކޮންމެ ކަމަކީވެސް ދިމާވާ ޓެސްޓެއް، ނުރޮއި ކިވީ...." ލައިޝާ ކީވާގެ ކޯތާފަތް ފޮހެލަދިނެވެ. ލައިޝާ ބުނިގޮތުން ކީވާ ދުވަސްކޮޅަކަށް އިންޑިއާއަށް ދާން ޖެހެއެވެ. ޑޮކްޓަރު ހޮސްޕިޓަލުން ދޫކޮށްލުމުން ޕާސްޕޯޓް ހަދާ ބޭރަށް ފުރަން ތައްޔާރުވާން ޖެހޭނެއެވެ. މިވަގުތަށް ކީވާގެ ގަޔަށް ލޭއަޅައިގެން އިހަށް އެހެން ކަންތައް ފަސްކޮށްލާނެކަމަށް ޑޮކްޓަރުވަނީ ބުނުއްވާފައެވެ. ކިޑްނީ ޑައިލިސިސް ހަދަން ފެށުމުގެ ކުރިން ވެސްކިއުލަރ ސާޖަނުން ލައްވާ "ފިސްޓިއުލާ" އެއް ހަދަންޖެހޭނެ ކަމަށް ބުނުމުން ލައިޝާ ހުރީ ބޯގޮވާފައެވެ. މެޑިކަލް ޓާމްތައް އޭނައަކަށް އެއްވެސް ވަރަކަށް ނޭގެއެވެ. ފިސްޓިއުލާއަކީ ކޯންޗެއްކަމެއްވެސް ނޭގުނެވެ. ޖެހޭނީ އޮޅުން ފިލުވާށެވެ. ނަމަވެސް އެމީހުން ބުނާ ކޮންމެކަމެއް މިވަގުތު ކުރަން ޖެހޭނެކަން ލައިޝާއަށް އެނގެއެވެ. ޚާއްސަކޮށް ކިޑްނީ ފެއިލްވެފައިވާ އިރު ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އެމީހުން ބުނާކޮންމެ ގޮތެއް ހަދަން އޭނަވެސް ވެވޭވަރަކުން ކީވާއަށް މަޖުބޫރު ކުރުވާނެއެވެ. މާލޭގައި ވެސްކިއުލަރ ސާޖަން އެއް ނެތުމުން ކޮންމެހެން ބޭރަށް ދާން ޖެހުނީމަ އެހެންގޮތެއް ނެތެވެ. ކިތަންމެ ބޮޑު ޚަރަދެއް ކުރާން ޖެހުނަސް އޭނަގެ އަތުގައި ހުރި ހުރިހާ އެއްޗެއް ހޭދަކޮށްލައިގެން ކީވާ ބޭރަށް ގެންދަން ލައިޝާ ނިންމިއެވެ.

ކަޔާންގެ އިންތިޒާރުގައި ލައިޝާ އެޕާޓްމެންޓް ކާރީގައި ހުއްޓާ ކަޔާން އަންނަތަން ފެނުމުން ލައިޝާ ހީލިގޮތުން ހީވީ ދުނިޔޭގެ ހުރިހާ އުފާތަކެއް ފަސްބަޔަށް އެޅުނުހެންނެވެ. ކަޔާން ހުރީ ކަޅުކުލައިގެ ފަޓުލޫނަކާއި ފިއުޝާ ކުލައިގެ ގަމީހެއްގައެވެ. އެކުލައަކީ އަންހެންކުދިންނާއި އެކަނި ގުޅޭކުލައެއް ނޫންކަން ހާމަކޮށްދެނީ ރީތި ޒުވާނަކު އެކުލައިގެ ގަމީހެއްގައި ހުރިތަން ފެނުނީމައެވެ. ހާދަ ސްމާޓެވެ. ދެމީހުން އެކީގައި އެޕާޓްމެންޓަށް ވަދެ ކަޔާން ޓައީއަށް ދޫކޮށްލިއެވެ. 

"ލައިޝާގެ ސިސް މިހާރު ކިހިނެއްތަ؟ " ކަޔާން ފްރިޖް ހުޅުވާލާފައި ކޯކްތަށްޓަކަށް ގަނޑުފެން އަޅާލިއެވެ. މިއަދު ކަޔާން ހުރީ މާ ހޫނުވެފައިކަން ނޭގެއެވެ. ވިއްސާރަ ދުވަސްކޮޅަކަށްފަހު މިއަދު ތަންކޮޅެއް ހޫނުގަދަ ދުވަހެކެވެ. ކީވާގެ ގަޔަށް ދެ ޕޮއިންޓް ލޭ އެޅުމުން މިހާރު ތަންކޮޅެއް ރަގަޅުކަމަށް ބުނެލިއެވެ. އެއް ޕޮއިންޓް ލޭ ދިންމީހަކީ އައިދަންއެވެ. އައިދަންގެ ވާހަކަ ދައްކަން ފަށައިފިއްޔާ ކަޔާން ރުޅިއަތުވެދާނެތީ އެވާހަކަ ފަށާކަށް އޭނައަކަށް ނުކެރުނެވެ.

"އެއްޗެހި ބަދަލުކޮށްލައިގެން އަންނާނަން.....ޓޫ މިނިޓްސް އިނގޭ...." ކަޔާން ގޮސް ވަނީ ބެޑްރޫމަށެވެ. އިރުކޮޅަކުން ލައިޝާގެ ނޭފަތުގައި ސިގްރެޓްވަސް ޖެހުނުހެން ހީވިއެވެ. ޔަގީންނުވެ ހުރެފައި ކެތްނުވެގެން ލައިޝާ މަޑުމަޑު ދޫލަމަތީގައި ހިނގަމުންގޮސް ދޮރުމައްޗަށް އެރިއެވެ. އޭރު ކަޔާން ފާޚާނާއިން ނުކުމެގެން އަންނަނީއެވެ. ރަސްމީހެދުން ހަށިގަނޑާއި ވަކިކޮށްލާފައި ދިގު ސޯޓަކާއި އަޅި ޓީޝާޓެއްލައިގެން ހުރިއިރު ވަރަށް ހިތްގައިމެވެ. ތުނބުގައި ސިގްރެޓް ހުރިތަން ފެނުމުން ލައިޝާގެ މޫނުގެ ކުލަ ފަނޑުވިއެވެ. އެއީ ދުނިޔެއިން ލައިޝާ އެންމެ ދެކެން ބޭނުން ނުވާ އެއް މަންޒަރަށްވި ނަމަވެސް އެކަން އެހާފަސޭހައިން ހުއްޓުވޭނެ ކަމާއިމެދު ޝައްކުވިއެވެ.

"ކަޔާން، ސިގްރެޓް ބޮންތަ؟ " ލައިޝާ ކުޑަކޮށް ކެއްސަންފެށިއެވެ.
"އެލާޖިކްތަ؟ އިހަށް ބޭރަށް ދޭބަލަ......" ކަޔާން ކުޑަކޮށް ހީލާފައި ފާރަށް ލެނގިލައިގެން ހުއްޓުނެވެ.
"ނޫނޭ ކަޔާން، ކަޔާންއަށް ވީ ގެއްލުމެއްކަން ނޭގޭ އަހަންނަށްވެސް ވާނީ، އެކަމަކު އަހަރެން ކަމަކު އެދެފިއްޔާ ކޮށްދޭނަންތަ؟ ސިގްރެޓް ނުބޯށޭ ބުނެފިއްޔާ ހުއްޓާލަދޭނަންތަ؟ ޕްލީޒް.." ލައިޝާ ތުންފަތުގައި ދަތްއަޅާލިއެވެ. 
"ޓްރައިކޮށްފާނަން، ޕްރޮމިސްއެއް ނުކުރެވޭނެ..." ކަޔާން ސިގްރެޓް އެއްލާލިއެވެ. ލައިޝާ ހުރީ ބަސްހުއްޓިފައެވެ. އިސްޖަހާލައިގެން އަތުގެ އިނގިލިތަކާއި ކުޅެންހުރިއިރު އެ މޮޅިވެރި މޫނުގައިވި ހިތްދަތިކަމަކުން ކަޔާންގެ ހިތަށް ބުނަން ނޭގޭފަދަ އުދަގޫތަކެއްވިއެވެ. އަތުގެތެރެއަށް ގެނެސް އެ މޫނުގައިވި ހިތާމަތައް އެއްފަހަރާ ފިލުވައިލަދޭން ކަޔާން ބޭނުންވިއެވެ. ކަޔާން އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ.

"އަހަރެން ދުރުން އުޅެން ބޭނުންވި ސަބަބަކީ މިއީ، އަހަރެންގެ ފަރާތުން ފެންނަ ކޮންމެ ކަމަކަށް ކެތްނުކުރެވޭނެހެން ހީވާތީ......." ކަޔާން އަހާލިއެވެ.
"ކަޔާން، އަހަރެން ބުނީމެއްނު، އަހަންނަށް ހެޔޮ ތިއީ މޮންސްޓަރ އަކަށް ވިޔަސް......" ލައިޝާ ގެ ރީތި ދެލޮލުން ފެނުނީ ލޯބީގެ އަސަރުތަކެވެ.
"ޔަގީންތަ؟ އާރ ޔޫ ޝުއަރ؟ " ކަޔާން އެއްބުމަ އަރުވާލީ ގަބޫލުނުކުރާފަދަ ގޮތަކަށެވެ. މިވަރުގެ ލޯތްބެއް އޭނައަށް ހައްގުކަމާއިމެދު ސުވާލު އުފެދުނެވެ. އަންހެންކުދިން އޭނައާއި ހެދި އުޅުނަސް ލައިޝާ ހެނެއް ނޫޅެއެވެ. އެހެން އަންހެންކުދިން ނަކަށް އޭނަގެ ރުޅި ތަހައްމަލު ކުރެވޭނެ ކަމެއްވެސް ނޭގެއެވެ. ލައިޝާ ތަފާތެވެ. މި ކުޑަކުއްޖާގެ ހިތުގައި އޭނައަށްޓަކައި ލޯބި ނޫން އެހެން އެއްޗެއް ނެތެވެ.

ލައިޝާ ކުރިއަށް ޖެހިލާފައި ކަޔާންގެ އަތުގައި ހިފާލީ ހިތަށް ކެތްނުވެގެންނެވެ. ގަނޑުފެން ކޮޅަކަށް ވެފައިވާ ދެއަތުގެ އިނގިލިތައް ލާމެހިގެން ދާން ސިކުންތުކޮޅެއްވެސް ނުނަގައެވެ.
"އަހަރެން ބޭނުން އެހެން ވާހަކައެއް ބުނަން، އަހަރެމެން މިގޮތަށް ގުޅިގެން އުޅުނަސް އެހާ ފަސޭހައިން އެހެން މީހުން މިކަމާއި ގަބޫލުވާނެހެން ހިޔެއްނުވޭ، އަހަރެންގެ ފެމިލީ ވަރަށް ދެކޮޅުވާނެ، މަންމަމެން ބޭނުންވަނީ އަހަރެން އަފްރީންއާއި މެރީކުރަން، އެއީ މަގޭ ޚިޔާލެއްނޫން، އަހަރެން ބޭނުންވާ ގޮތެއްވެސް ނޫން، ނަމަވެސް އެހާ މަޖުބޫރުކުރޭ، އަހަންނަށް ވަރަށް އުދަގޫވާނެ މަންމަމެންނާއި ވަކިވާން، އަދި......." ކަޔާން ލައިޝާގެ އަތުން ދޫކޮށްލާފައިގޮސް ޑްރެސިން ޓޭބަލްގައި އަތްވިއްދާލައިގެން ހުއްޓުނެވެ. އޭނަ ވިސްނަނީ ކޯންޗެއްބާވައެވެ. ޚިޔާލުކުރަނީ ކޮންކަމަކާއި ބާވައެވެ. އެރީތި ދެލޮލުން ހިތާމަވެރިކަމުގެ އަސަރުފެނެއެވެ.

"ކަޔާން، އަހަރެން ހާދަހާ ލޯބިވެޔޭ، ކަޔާންއާއި ވަކިން ދެނެއް ނޫޅެވޭނެ، ދުވަހަކު އަހަރެން ދޫކޮށްލާފައި ނުދާތި ޕްލީޒް...." ލައިޝާ ހީވީ ރޮވިދާނެހެންނެވެ.
"އަހަރެމެންނަށް އެކީގައި މިގޮތަށް އުޅެވިދާނެ، އެކަމަކު......ލައިޝާ އަހަންނަށް އަދި މެރީކުރެވޭކަށްނެތް، ސޮރީ......އުމުރު ދުވަހު މީހަކާއި ނީންނަން އަހަރެންވަނީ ނިންމާފައިކަން އެނގޭތަ؟ ލައިޝާ މެރީނުކޮށް އެކީގައި އުޅެން ބޭނުންވާ ކަމުގައިވާނަމަ އޯކޭ. އެ ޝަރުތުގެ މަތިން އަހަންނާއި އެކީގައި އުޅެވިދާނެ، ދެން ނާހާތި އެގޮތަށް ނިންމީ ކީއްވެގެންހޭ، އެ ސަބަބު އަހަންނަށް ބުނެވޭކަށްނެތް، ލައިޝާއަށް އަބަދަށް އަހަރެންގެ ގާލްފްރެންޑްގެ ގޮތުގައި ހުރެވެންޏާ އަހަރެންގެ މައްސަލައެއްނެތް............" ކަޔާންގެ އެ ޖުމްލައިން ލައިޝާގެ ހިތަށް ކުރި އަސަރަކުން ކުއްލި ހުއްޓުމެއް ލިބުނެވެ.
"އޯ........ " ލައިޝާ އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ކަޔާންގެ ލޮލުން ކަރުނައިގެ އަސަރު ފެނުނުހެން ހީވިއެވެ. ކަޔާން ފޮރުވަނީ ކޮންކަމެއް ބާވައެވެ. އެ ސިއްރުވެރިކަން ހައްތަހާ ބޮޑަށް ލައިޝާގެ ހިތުން ޖާގަ ހޯދިއެވެ. ހައްތަހާ ބޮޑަށް ހިތުގައިވާ ލޯބި ފުންވިއެވެ. ކަންތައް ފޮރުވައިގެން ހުރުމަކީވެސް އަޅައިގަންނަގޮތް އިތުރުވާ ކަމެކެވެ. އެ މޫނުގެ ރީތިކަން ބެލިބެލިހެން އިތުރުވަނީއެވެ. ކަޔާން ހިނިތުންވެލަމުން ލައިޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު ކަޔާން ހުރީ ރީތިވާ މޭޒަށް ކުޑަގޮތަކަށް ލެނގިލައިގެންނެވެ. 

"ދުވަހަކު މެރީނުކުރާނީތަ؟ ހަމަ ޔަގީންތަ؟ " ލައިޝާ ހުރީ ހައިރާންވެފައެވެ. ލައިޝާ ކަޔާންގެ އަތުގައި ބޮސްދިނެވެ.
"ހެހެ، އަހަރެން މިއީ ވަރަށް ފޫހިމީހެކޭ ތަ ހިތަށް އެރީ......." ކަޔާން ހީލިއެވެ.
"ނޫނޭ، ވަރަށް އެޓްރެކްޓިވް..ބަޓް އާރ ޔޫ ގޭއި؟ " ލައިޝާއަށް ދެލޯ ބޮޑުކޮށްލަމުން އަހާލެވުނީ ބޭއިޚުތިޔާރުގައެވެ.
"ވަޓް....." ކަޔާން ހޭން ފެށުމުން އެ ސުވާލުކުރެވުނުކަމުގެ މޮޔަހީވެ ލައިޝާގެ މޫނުރަތްވިއެވެ. އޭނަ ކޮންމެވެސް އެއްޗެހިތަކެއް ކިޔައިގެން އޮޅުވާލަން އުޅުނެވެ. ލަދުން އިސްޖަހައިލިއެވެ. އެއީވެސް މީހުން ކުރާވަރުގެ ސުވާލުހެއްޔެވެ؟ ކަޔާން ރުޅިނައިއްޔާ ރަގަޅެވެ. އެވަރުގެ ބޮޑު އިލްޒާމެއް އަޅުވާކަށް އޭނަވެސް ނުޖެހޭނެއެވެ.
"އަހަރެން އެކަހަލަ މީހަކާއި ވައްތަރީތަ؟ އަހަރެންގެ ހޯމޯންސްތައް ބަރާބަރު، އެހެންނޫންނަމަ އަހަރެން ލައިޝާއެއް ނޫނެއްނު މި ތަނަށް ގެންނާނީ....." ކަޔާން އިނީ މަޖާވެފައެވެ. ބަލަހައްޓައިގެން އިނީ ލާނެތް ނަޒަރަކުންނެވެ. އެހެން އިންއިރު އޭނަ ވިސްނަނީ ކޯންޗެއްކަމެއް ނޭގިގެން ލައިޝާ މޮޔަވާވަރުވިއެވެ. އެ ސިކުނޑިއަށް ފީނޭނެ ނަމައެވެ. އެ ރީތި ދެލޮލުގެ ފުންކަމުން އަޑި އެނގެނީއެއް ނޫނެވެ. ކަޔާންގެ ގައިގާ ހިފާ ތަޅުވައިގަންނަން ލައިޝާ ބޭނުންވިއެވެ. ސިއްރުވެރިކަމުގެ އިންތިހާއެވެ.

"ސޮރީ، އެހެން ބުނީ މީން ކޮށްފައެއްނޫން، ކަޔާން އެހާ ބަދުނަސީބު މީހެކޭ ހިތަކަށް ނާރާ، އަހަންނަށް ވިސްނިއްޖެ، އެންމެ ފަރާތަކުން ލޯބިވީމަ ހިތް ހަލާކުވުން ނޫންކަމެއް ނުވާނެ، އަހަންނަށް އެންމެ ކުރިންވެސް އެނގޭ އަހަންނަށް ކަޔާން ނުލިބޭނެކަން، ކަޔާން މެރީނުކުރާނަމޭ ބުނީ ލޯބިނުވާތީ، އެކަމަކު އަހަރެން ހުރެދާނަން އުމުރަށްވެސް މިގޮތުގައި. ނުލިބުނަސް އަބަދަށް މިގޮތަށް ހުންނާނީ..އަހަރެންވެސް މެރީ ނުކުރާނަން، އަހަރެން ޕްރޮމިސް މިކުރަނީ ކަޔާން ނޫން މީހަކާއި ނީންނާނަން، އައި ސްވެއަރ އިން ދަ ނޭމް އޮފް........" ލައިޝާ ގެ ލޮލުން އޮހިގަތް ކަރުނަތައް އޮމާން ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ.
"އިނަފް....." ކަޔާންގެ ހިތަށް ވަރަށް ފުން އަސަރެއްކުރިއެވެ. ލައިޝާގެ ލޯބި ކަޔާންގެ ހިތުގައި ދުވަހަކު މީހަކު ބީހިނުލާ ވަރަށް ބީހިލައިފިއެވެ. އެވަރަށް އެ ލޯބި އިހުސާސްކޮށްދީފިއެވެ.

"އަހަރެންގެ ހިތުގައިވާ އެއްޗެއް އަދި ނުވެސް ބުނަމެއްނު، ކީއްވެ ޖަޖް ތިކުރީ؟ " ކަޔާން އިސްޖަހާލީ އެކަރުނަތައް ނުދެކެންވެގެންނެވެ.
"ހިތުގައިވާ އެއްޗެއް މާ ރަގަޅަށްވެސް އެނގިއްޖެ، ޔޫ ޑޯންޓް ލަވް މީ...." ލައިޝާ ކޯތާފަތް ފޮހެލިއެވެ.
"ނޫނޭ، އަހަންނަށް މަޖުބޫރީއެއް ދިމާވެދާނެއްނު...." ކަޔާން ފުންނޭވަޔެއްލިއެވެ.
"މަޖުބޫރީއެއް އޮތިއްޔާ ބުނެދެވިދާނެއްނު. ހެޔޮތަ އަހަރެންގެ ހިތް ހަލާކުވިޔަސް؟ " ލައިޝާ ހުރީ ގޮތްހުސްވެފައެވެ. އެތައް ދުވަހެއްވާންދެން އޭނަ އިންތިޒާރުކުރީ މިފަދަ ދުވަހެއް ދެކޭނެ ކަމަކަށްނޫނެވެ. 
"ލައިޝާ ދެރަކުރާކަށް ރޮއްވާކަށް ބޭނުމެއްނޫނޭ ކުރިންވެސް އަހަރެން ބުނީމެއްނު، އަހަރެން ދުރުން މިއުޅެނީ ލައިޝާއަށް ހާޓްވެދާނެތީ، މެރީނުކުރެވޭނެތީ، ޓްރައި ޓު އަންޑަސްޓޭންޑް ޕްލީޒް، އެނގޭތަ؟ އަހަރެން ލޯބިނުވެޔޭ ބުނާއިރު އަދި މިވީހާތަނަށް އަހަރެންގެ އެޕާޓްމެންޓަށް އެހެން ގާލްއެއް ނުގެންނަން، ޑޭޓަކަށް ނުދަން، ލައިޝާއަށް އެކަނި އަހަންނާއި މިހާ ވަރަށް ކާރިއަށް ދެވުނީ، ވީއިރު އަހަރެން ލޯބިނުވެޔޭ ބުނުމުގެ ހައްގެއް ލައިޝާއަކަށް ނޯންނާނެ ދޯ، ލައިޝާ، އަހަރެންގެ ލައިފަށް ތި ނޫން އަންހެން ކުއްޖެއް ނާންނާނެ....." ކަޔާން ލައިޝާގެ ނިތްކުރީގައި ބޮސްދިނެވެ. ލައިޝާހުރީ ގަބޫލުކުރަން ދަތިގޮތަކަށް ކަޔާންގެ މޫނަށް ބަލާށެވެ. އެބުނީ ހަމަތެދެއްހެއްޔެވެ؟ ކަޔާން އަބަދަށް ވަފާތެރިކަންމަތީގައި ހުންނާނެ ބާވައެވެ. ކައިވެނި ނުކުރަން އުޅެނީ މީހަކަށް ވައުދެއް ވެފައި އޮތީމަހެއްޔެވެ؟ 

ކަޔާންއާއި އެކުގައި އެޕާޓްމެންޓްގައި އެތައް ދުވަހެއް ހޭދަކޮށްފައިވާތީ އޭނަގެ ރަގަޅުކަން ފެނި ލައިޝާ އިންތިހާއަށް އިތުބާރުކުރެއެވެ. މިއުޑު ހިޔާދަށުގައި މިކަހަލަ ފިރިހެނުން އުޅޭނެބާވައޭ ހަމަ ހިތަށްއަރައެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނަގާކަށް ކަޔާން ނޫޅެއެވެ. ކަޔާންގެ ރީތިކަމަށް ހިތް ދީވާނާވެފައިވާއިރު ކަޔާން ބޭނުންވާ ކޮންމެކަމެއް ކުރުމަކީ އޭނައަށް މާ އުދަގޫކަމަކަށް ނުވާނެއެވެ. ލައިޝާގެ ވިސްނުމާއި ކުޅެލުމަކީ ކަޔާންއަށް އެހާ ފަސޭހަވާނެ ކަމެއްކަން އޭނައަށް ހަމަ ރަގަޅަށް އެނގޭނެއެވެ. މިއަދުވެސް ދެމީހުން އެކީގައި ކޮފީހަދައިގެން ބޯން އުޅުމުގެ ތެރޭގައި ކަޔާން ކުޑަ ސަކަރާތެއް ޖަހަން ހަދައިގެން ލައިޝާގެ ގަޔަށް ކޮފީބަންޑުންވެ ހެދުން ބަދަލުކުރާން ޖެހުނެވެ. ކަޔާން ބުނީ ލައިޝާގެ ހެދުން ހިކެންދެން އޭނަގެ ގަމީހެއް ލައިގެން އުޅުމަށެވެ. އޮޓޯމެޝިނަކުން ދޮންނާކަށް މާގިނަ ވަގުތެއް ނުނަގާނެއެވެ. ލައިޝާ ތެތްއެއްޗެހި ބަދަލުކުރާން ވަދެފައި ފެންވަރާލިއެވެ. އެންމެފަހުން ނިމިގެން ކަޔާންގެ ގަމީސް ލުމުން ލައިޝާއަށް ފޮނި ފޮނި އިހުސާސްތަކެއް ކުރެވުނެވެ. ކޮޓްން ގަމީހުގެ މަޑުކަމާއި އޮމާންކަން ހަށިގަނޑުގައި ބީހިލުމުން ކަޔާން ފިރުމާލާހެން ހީވިއެވެ. ލައިޝާ އުފަލުން މޮޔަވާވަރުވިއެވެ. ގަމީހާއިއެކުގައި މޭގައި ބައްދައިލެވުނެވެ. އެންމެފަހުން ލައިޝާ ގަސްތުކުރީ ކަޔާންގެ ބުރުހުން ދަތްއުގުޅާލާށެވެ. އެކަނިހުރެވެސް ހޭންފެށިއެވެ.

"ވަޓް ހެޕެންޑް....." ކަޔާން ދޮރުމައްޗަށް އަރާފައި ހައިރާންވެގެން އަހާލައިފިއެވެ.
"މަޖާކަމެއް ކޮށްލީ....." ލައިޝާ އަނގަމަތީގައި އަތްއެޅިއެވެ.
"ބުނޭ، ނޫނީ...." ކަޔާން ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
"އެނގޭ ކަޔާންއަށް ކަމެއް ކުރާކަށް ނުކެރޭނެކަން..." ލައިޝާގެ ޔަގީންކަން އޮތެވެ.
"ތިހާ ޓްރަސްޓް ނުކުރޭ، އަހަންނަކީ މަލާއިކަތެއްނޫން އިނގޭ...." ކަޔާން އެއް ލޯ މަރާލުމުންވެސް ލައިޝާގެ ހިތުގައި ފޮނި ހީލިކެރުވުމެއް އުފެދުނެވެ.
"އެކަމެއް ނޭގޭ، ސެއިންޓެއް ވީމައެއް ނު މެރީ ނުކުރާނީ....." ލައިޝާއަށް ބުނެވުނެވެ.
"ޔޫ ގޮޓް އެ ޕޮއިންޓް، އަނެއްކާ އަހަރެންގެ ހަށިގަނޑުން ބަޔެއް މަދީކަމަށް ވާނީ، އެހެންނޫންނަމަ ފިރިހެނަކު ތިހާ ރީތި ކުއްޖަކު އެކަނި އެޕާޓްމެންޓެއްގައި ގޮވައިގެން އުޅޭއިރު ދުރުން ނޫޅޭނެ ދޯ. ލައިޝާ ތިހެން ކިޔަން ހަދައިގެން އަހަރެން މިހާ ބަސްއަހަނިކޮށް އެސްފީނާ ޖެހިދާނެ، އޭރުން ނުބުނާތި އަހަރެން ނުބުނެޔޭ..........." ކަޔާން މަޖާވެލާފައި ވާހަކަދެއްކި ނަމަވެސް ބައެއްފަހަރު ހިތަށް ތަދުވެއެވެ. މި ދިރިއުޅުން އޭނަ ޚިޔާރުކުރީ އަމިއްލައަށެވެ. އެހެން މީހެއްގެ ނުފޫޒެއް ނެތިއެވެ.

ކަޔާންގެ އެހުންނަ މިޒާޖު ދެނެގަތުމުގައި ލައިޝާ ނުކުޅަދާނަވިއެވެ. ބައެއްފަހަރު ލާނެތްކަމެއް ދެއްވާފައިވެއެވެ. ސަމާސާކޮށްފައި ހީނހަދާއިރު އޮފީހުން ފެންނަ ޕްރޮފެޝަނަލް ކަޔާންގެ އެއްވެސް ސިފައެއް ނުހުރެއެވެ. ދެތަނުގައި އުޅެނީ ދެމީހުންހެން ހީވާފަހަރު އާދެއެވެ. އެހެންނޫނަސް ގެއަށް އަންނަގޮތަށް ސޯޓާއި ޓީޝާޓުގައި އުޅޭއިރު މޫނުމަތި ތަންކޮޅެއް ޅަވެފައި އެދައްކައިގެން ހުންނަ ހަރު ސިފަތައް ދަނީ ކޮންތާކަށް ކަމެއްވެސް ނޭގެއެވެ. ހުރިހާ ސިފަތަކާއިއެކުގައިވެސް ލައިޝާގެ ހިތް ދެވުނީ އެކަނި ކަޔާންއަށެވެ. އެއީ ލައިޝާގެ ހިތުގެ ވެރިޔާއެވެ. އެނޫން މީހެއްދެކެ ދުވަހަކު ކޮޅުންވެސް އެހިތުގައި ލޯތްބެއް އުފެދޭނީއެއް ނޫނެވެ. ކަޔާންގެ ރީތިކަމުގެ ނިވަލުގައި ފޮރުވިފައިވާ ނުރުހެވޭ ސިފަތައްދެކެވެސް ލައިޝާއަކަށް ރުޅިއެއް ނާދެވުނެވެ. ތެދުވެރި ލޯތްބަކީ އެއީއެވެ. 

ކެންޒީގެ ނަރސް ކެންޒީ ފެންވަރުވާލާ ކާންދީ ފިޒިއޯތެރަޕީ ދިންއިރުވެސް ކަޔާންހުރީ އެތަނުގައި ބަލަހައްޓައިގެންނެވެ. ދެރަވެގެންގޮސް ހިތްހަލާކުވާފަދަ މަންޒަރެކެވެ. އަމިއްލަ އެއްވެސް ބާރެއްނެތި އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ލޯބިވާކޮއްކޮއަށްޓަކައި ހިތް ރުއީ ކިތައް ފަހަރު ކަމެއްވެސް ނޭގެއެވެ. އަދިވެސް އެ ބިރުވެރި ރޭ އޭނަގެ ސިކުނޑީގައި ފްލޭޝްވާ ފަހަރު ބޮލުގައި ދެއަތުން ހިފަހައްޓާލެވެއެވެ. އެތެރެއެތެރެއިން އަދިވެސް ހަޅޭއްލެވޭހެން ހީވެއެވެ. އެ ނައިޓްމެއަރ ތަކުރާރުކޮށް ފެންނަހަ ދުވަހަކު ކަޔާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ކަޔާން އިރުކޮޅަކަށް ދެލޯ މަރާލުމަށްފަހު އެ ޚިޔާލުތައް އެއްފަރާތްކޮށްލަމުން ކެންޒީގެ އަތުގައި ފިރުމާލިއެވެ. ކެންޒީގެ ފަންއިސްތަށިގަނޑު މިހާރު އޮންނަނީ އަބަދު ތުނިކޮށް ކޮށާލާފައެވެ. ކޯމާގައި އެހާ ދުވަސްވާމީހުންގެ ދަތްތައް ހަލާކުވާއިރު ނަސީބަކުން ކެންޒީގެ ސިފަތަކަށް މާ ބޮޑުބަދަލެއް ނާދެއެވެ. ފަރުވާތެރިކަމާއި އެކީގައި ބަލަހައްޓާވަރުން ކަން ނޭގެއެވެ. 

ކެންޒީ ކުޑަކޮށް ހުންހުރީމަ ޑޮކްޓަރު ގެނެސް ދައްކާލުމުން އެމީހުން ބަގީޗާތެރެއަށް ގެންގޮސްގެން ދެއްކި ވާހަކަތަކުން ކަޔާން ގެ ހިތަށް އަސަރުކުރިވަރަށް ރުޅިވެސް އާދެވުނެވެ. ޑޮކްޓަރުގެ ގައިގާ ޖަހަން އަތްވެސް އުފުލައިލެވުނެވެ. ޒިއާމް ވިސްނިގެން ކޮނޑުގައި ހިފަހައްޓާލިއެވެ.
"ވަރަށް އުއްމީދުކުޑަ، ނިއުމޯނިއާ ޖެހިއްޖެއްޔާ ކުޑް ބީ ދަ ބިގިނިން އޮފް ދަ އެންޑް....." ޑޮކްޓަރު ގެ ނާއުއްމީދީ ވާހަކަތައް އަޑުއަހަން ނުކުރެވިގެން އަނެއްކާ ކަޔާން ވަނީ ކެންޒީ އޮތް ކޮޓަރިއަށެވެ. ކެންޒީ މި ހާލުގައި އޮތުމަށްވުރެ އެދުވަހު މަރުވިނަމަ މާ ރަގަޅުވީސްކަން ނޭގެއެވެ. ނަމަވެސް ހެއްދެވިފަރާތުން ކޮންމެ ކަމަކަށް ވަކި ވަގުތެއް ކަނޑައަޅުއްވާފައެވެ. ކެންޒީގެ ނިމުން ހުރީ މިގޮތުގައި ކަމަށްވާނަމަ އިންސާނުންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ދިރުއްވުމާއި މަރުގެންނެވުމަކީ އެންމެ ފަރާތެއްގެ ބާރުގައިވާ ކަމެކެވެ. ކަޔާން ގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ކެތްނުވެގެން އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތުމުން އޭނަ އެނދުގެ މަގަތުގައި ބޯ ޖައްސާލިއެވެ.

"ކެން، ނުރޮއި، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ، ކެންޒީ ބޭނުމެއްނުވާނެ ތި މަންޒަރު ދެކޭކަށް...ކެންޒީއަށްޓަކައިވެސް ހިތްވަރުކުރަންވާނެ ދޯ........" ޒިއާމް ކަޔާންގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ކަޔާން އަށް ވިސްނައިދިނަސް ގަބޫލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އިރުކޮޅެއްފަހުން ކަޔާން އެތަނުން ނުކުތުމުން ކެންޒީއާއި ޒިއާމް އެކަނިވިއެވެ.

"ކެންޒީ، ދޮންބެއަށް އެނގޭ މިދައްކާ ވާހަކަތައް ކެންޒީއަށް އިވިދާނެކަން، ކެންޒީ އެކްސިޑެންޓްވީމަ ކަޔާން މުޅިން ބޯގޮވާފައި އެހެރީ، އަމިއްލައަށް ހަލާކުގެ މަގު ޚިޔާރުކުރީ، އޭނަގެ ސިކުނޑީގައިވާ ޑީމަންސްތައް ނެރެވޭނީ ކެންޒީ ހުރީމަކަން ނޭގޭ، ކެންޒީ ވީ ނީޑް ޔޫ. ނޫނީ ކަޔާންވެސް ގެއްލިދާނެ، ކެންޒީ ތި ދިޔައީ ފެމިލީގެ އުފާވެރިކަން ހިފައިގެން، އެކަކަށްވެސް ހަގީގީ ހިތްހަމަޖެހުމެއް ނުލިބޭ، ލަވް ޔޫ ސޯ މަޗް ލިޓްލް ބްރޯ.........." ޒިއާމް ދައްކާ ވާހަކަތަކުން އަސަރުކޮށްގެން ދެލޯ ހުޅުވާލާނެކަމުގައި ޒިއާމް ހީކުރިއެވެ. ނަމަވެސް ކެންޒީ ގެ ދިގު އެސްފިޔަތައްވަނީ މަރާލެވިފައެވެ. ޒިއާމް ދައްކާ ވާހަކަތައް އިވުނުކަމުގެ ހިލަމެއްނެތެވެ. ކެންޒީ އޮތީ ހުވަފެނީ އާލަމެއްގައެވެ. ނޫނީ ދުވަހަކު ހޭނުލާނެބާވައެވެ. ފާއިތުވެގެން ދާ ކޮންމެ ދުވަހަކީ ކެންޒީ އެމީހުންނާއި ދުރަށް ދާ ދުވަހެއްކަން ޒިއާމްމެންނަށް އެނގެއެވެ. މުއުޖިޒާތަކުން ހޭލިނަމަވެސް ކެންޒީވާނީ ނުކުޅެދޭ ޒުވާނަކަށެވެ. އުފާވެރި ލާނެތް ކުއްޖާ ވަނީ އެމީހުންނަށް މާ ކުރިން އަލްވަދާއު ކިޔާފައެވެ. ކެންޒީ ގޮނޑިއެއްގައި މުޅި އުމުރު ހޭދަކޮށްލަން ބޭނުންވާނެ ބާވައެވެ. އެފަދަ ހާލެއްގައި ދުނިޔޭގައި އޮތުމަށްވުރެ މަރުވުން ކެންޒީއަށް މާރަގަޅުވެދާނެއެވެ. 

ޒިއާމް ކެންޒީގެ މޫނަށް ބަލަންހުރީ އެތައް އަސަރުތަކަކާއިއެކު ފެންކަޅިވެފައެވެ. އޭނަގެ ހިތަށް މިވަރުވާއިރު އަދި ކަޔާންއަށް ކިހާވަރެއް ވާނެހެއްޔެވެ؟

ލައިޝާ ޕާޓީއަށްދާން ތައްޔާރުވާން ހުރިއިރު ކީވާ އިނީ އެނދުގެ މަގަތުގައި އިށީދެލައިގެން ލައިޝާގެ ލެޕުން ކޮންމެވެސް އެއްޗެއް ބަލާށެވެ. މި ޕާޓީއަށް ގޮސްގެން ލައިޝާއާއި ދިމާވެދާނެކަމުގެ ހިލަމެއްނުވެ ހުރެ ތައްޔާރުވަމުން ދިޔައިރު އެ ދޮންމޫނުގައިވަނީ މައުސޫމްގޮތެކެވެ. ކަޔާންއާއިމެދު ޚިޔާލު ކޮށްލެވުމުންވެސް އެމޫނަށް ފިނިފެންމާކުލަ ފާއްދާލައިފިއެވެ.

"ވާއު، ޔޫ ލުކް ބިއުޓިފުލް، ހަމަ ޕަރީއެއްހެން ހީވަނީ..." ކީވާ ތައުރީފުކުރިއެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރުމައްޗަށް އެރިއެވެ.

ކޮމެންޓް 0