"ފަތާލަން ކެރޭނެތަ؟ " ލައިޝާ ލަދުން އުޅޭތީ ކަޔާން އުޅުނީ ލައިޝާގެ ސިކުނޑިން މިރެއަކީ "ބޮޑު" ރެއެއްކަން އެއް ފަރާތް ކުރުވާށެވެ.
"ފަތާކަށް ނުދަންނަން......" ކަޔާންގެ ވާހަކައިން ލައިޝާ ހަގީގަތުގައިވެސް އޮޅުނެވެ.
"ރޭގަނޑު ފިނީގައި މޫދުގައި ފަތާލީމަ ކިހާ ބޮޑަށް ރިލެކްސްވާނެ، އެންމެ ރަގަޅު، ލައިޝްއަށް ނޭގެންޏާ އަހަރެން ފަތަން ދަސްކޮށްދޭނަން، އާދޭ........." ކަޔާން އަތް ދިއްކޮށްލާއިރަށް ލައިޝާ ދުވެފައި އައިސް އެއަތުގައި ހިފާލީ މައުސޫމްކޮށެވެ. ލަދުން ހުއްޓެއްކަމަކު އެއަތުގެ ހިމާޔަތަށް ބޭނުންވެ ކެތްތެރިކަން ކޮޅުންލާފައިވާ ކަހަލައެވެ. ކަޔާން މޫދަށް އެރެން އުޅުމުން ކަޔާންގެ ގައިގާ ހިފަހައްޓާލަމުން ލައިޝާ އެކަމާއި އެއްބަހެއް ނުވިއެވެ. ރޭގަނޑު މޫދަށް އެރެން ބިރުގަންނަ ކަމަށާއި ހީކަރުވާނެ ކަމަށް ބުނެލިއެވެ. 

ކަޔާން ސަފާރީގެ ބޮކިތައް ނިވާލާފައި އަނެއްކާ ޑެކަށް އައެވެ. ލައިޝާގެ އުނގުގައި ކަޔާންގެ ބޯ އަޅާލައިގެން އޮވެ ތަރިތަކުގެ ފަނޑު އަލީގައި އެގޮތަށް އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބިއިރު ލައިޝާގެ ހަނދާނަށް އައީ ޓައިޓޭނިކްއެވެ. ހާދަ ރޮމެންޓިކް ރެއެކެވެ.

ޑެކްމަތީގައި ދެމީހުންގެ ކުދި ކުދި ބީހިލުންތަކުން ހިތަށް ލިބުނު ބަޔާން ނުކުރެވޭފަދަ އުފާތަކަށްފަހު ދެ ޖިސްމުގައި އުތުރިއަރަމުންދިޔަ ޖަޒުބާތަކުގައި ބަންޑުންވާން އުޅޭކަހަލައެވެ. އެންމެފަހުން ކަޔާންގެ ސުއިޓަށް ލައިޝާ ގޮވައިގެން ވަންއިރު އެތަން އަލިކޮށްލާފައިވަނީ ރަތްކުލައިގެ އުއްބައްތިތަކުންނެވެ. ހުދު ކުލައިން ވާ އެނދުގައި ސަނދުވާތައް ވައްޓާލާފައިވާއިރު އިޝްގީކަމުގެ އިންތިހާއެވެ. ފައިދަށާއި އެނދުގައި އަޅާފައިވާ ޝީޓް ފޮރުވިފައި އޮތީ ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުންނެވެ. މިރެއަށްޓަކައި ކަޔާން ގަނެލާފައިވަނީ ކިތައްހާސް ރުފިޔާގެ ފިނިފެންމާ ކަމެއްވެސް ނޭގެއެވެ. މުޅިންވެސް ހުދާއި ރަތެވެ. ލުއި މިއުޒިކެއްގެ އަޑު ކަންފަތުގައި ޖެހުމުން ހީވީ ހިއްސުތައް ހޭލައްވާލި ހެންނެވެ. ކަޔާން ލައިޝާގެ އަތުގައި ހިފަހައްޓާލައިގެން ގޮސް އެނދުގައި ބައިންދާފައި ކުޑަކަކޫ ޖަހާލަމުން އަތްތިލައިގާ ބޮސްދިނެވެ. އެފިނި ތުންފަތުގެ ބީހިލުމުން ލައިޝާގެ މުޅި ވުޖޫދުގައި ހުޅުހިފިހެން ހީވިއެވެ.

"ލައިޝް، އަހަރެންގެ ކުޑަ ކުޑަ އެންޖެލް. އަހަރެން ކޮން ދުވަހެއް މިވަގުތަށް އިންތިޒާރު ކުރާތާ، މިއަތުގެ ތެރޭގައި ލައިޝްވާނެ ދުވަހަކަށް ކެތްތެރިކަމެއްނެތި ގަޑި ގުނަމުން މިއައީ، އައި ނީޑް ޔޫ......... " ކަޔާން ލައިޝާ ގެނެސް އުނގުގައި ބައިންދަމުން ކޯތާފަތުގައި ބޮޑުވާ އިނގިލި ޖައްސާލިއެވެ. އޭރު ލައިޝާގެ މޫނުވަނީ ރަތްވެ ވަށައިގެން އަނދަމުންދާ ބައްތިތައްހާ ރަތްވެފައެވެ. ރީތިކަމުގެ ހައްދެއްނެތެވެ. ހުޅު ކޮޅެއްހާ ލޯތްބެވެ. ކަޔާންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އެރީތިކަން މިލްކުކުރަން ފެންބޮވައިގެންފައި ވާތާ ކޮން ދުވަހެއްހެއްޔެވެ؟ ކެތްތެރިކަމުގެ ތަށި ފުރިގެން ބަންޑުންވެއްޖެއެވެ. 

އެރޭ ހަތަރުދަން ކަޔާންއާއި ލައިޝާ ހޭދަކުރީ އެ ރީތި ރޭގަނޑާއި ހިތްގައިމު މާހައުލުގައި އުފާ ކުރުމުގައެވެ. އެހެން ފިކުރެއް ޚިޔާލެއް ނެތިއެވެ. ދޭތެރެއަކުން ހުނުމުގެ އަޑު ފަޒާގައި ގުގުމާލައެވެ. ކުދި ރާޅުތަކުގެ ތެރޭގައި މަޑުމަޑުން ކިރިލަ ކިރިލާ އޮތް ސަފާރީގައި ދެމަފިރިން ވޭތުކޮށްލީ ހަނދާނުން ނުފިލާނެ ރެއެކެވެ.

އިރުގެ އަލިން މޫދު ޖަރީ ކުރަމުން ދިޔައިރު ދެ ޒުވާނުން ތިބީ ޑެކްމަތީގައި ކޮފީބޯށެވެ. ކަޔާން އެކަނި ސޯޓްލައިގެން އިންއިރު ޓޭންވެލާފައިވާ އެ ރީތި ހަށިގަނޑުގައި އިރުގެ ދޯދިތައް ބޮސްދިނެވެ. ލައިޝާގެ ނަޒަރު އެ މޫނުން ފެށިގެން ތަނަވަސް މޭމައްޗާއި ހަމަޔަށް ދަތުރުކުރިއިރު އެމޫނުވަނީ ރަތްވެފައެވެ. ލަދުވެތިކަމުގެ ރަތްކުލައެވެ. ރޭގައި ދެމަފިރިންގެ ދޭތެރޭގައި ހިނގާދިޔަ ކަންތައްތަކުގެ އަސަރު އަދިވެސް އެ ދޮންމޫނުން ފިލައިގެން ނުދަނީކަން ނޭގެއެވެ.

ކަޔާން އޮތީ ހުރިހާ ކަމެއް މޮޅަށް ޕްލޭންކޮށްލާފައެވެ. ދެރެއާއި ދުވާލު ސަފާރީގައި ހޭދަކުރީ އެހެން އިންސާނެއްގެ އެއްވެސް ހިލަމެއް ނެތިއެވެ. ދުނިޔޭގެ ހުރިހާ ހިތްހަމަޖެހުމަކާއި އުފަލެއް ދެމީހުން ހޯދަމުން ދިޔައިރު ލައިޝާވެސް އުޅުނީ ފޯނު ނިއްވާލައިގެންނެވެ. ދޭތެރެއަކުން ކަޔާން ލައިޝާ ގޮވައިގެން މޫދަށް އެރެން މަސައްކަތްކުރެއެވެ. ލައިޝާ ސަފާރީގެ ސިޑީގައި އެލުވިގަނެގެން ނޫނީ ސީބެޑްގައި އިންނައިރު ބައެއްފަހަރު ކަޔާން ލައިޝާ މޫދަށް ލާނެއެވެ. ލައިޝާ ބިރުކުޑަކޮށްލާފައި ފަތަން ދަސްކުރަން އުޅުނެވެ. ކަޔާންގެ ގޯނާތަކުން އެކަމެއްވެސް ވީއެއް ނޫނެވެ.

"ނޯޓީ ބޯއި..." ލައިޝާ ކަޔާންގެ މޭމަތީގައި ސަމާސާއަކަށް މަޑުމަޑުން ޖަހާލާފައި ސިޑިން އެރިއެވެ. ލައިޝާ އެއްގޮތަކަށްވެސް އޭނަގެ ކަޔާން އެހާ ރޮމެންޓިކް އަޅާލާ ބައިވެރިޔަކަށް ވެދާނެކަމަށް ހިޔެއްނުކުރެއެވެ. ކައިވެންޏަށްފަހު ދެދުވަސްވީއިރު މި ފެނުނީ ކަޔާންގެ އެހެން ފަރާތެކެވެ. އުފާވެރި ހިނިތުންވުންތަކާއި ލޯބި ހަރަކާތްތަކުން ލައިޝާގެ ހިތް ބަންޑުން ނުކުރާ އެންމެ ހިދުކޮޅެއްވެސް ނާދެއެވެ. އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެންދާން ލައިޝާ ބޭނުންނުވާ ވަގުތެއް ނުވެއެވެ. އެފުން ދެލޮލުގެ ތެރެއަށް ހާސްފަހަރު ގެނބިގެން ދިޔައެވެ. ލައިޝާ ދެކޭގޮތުން އޭނަހާ ނަސީބު ރަގަޅު ކުއްޖެއް ދުނިޔެއަކު ނެތެވެ. މާލެގޮސް ދެން ދިމާވެދާނެ އިމްތިހާނަކާއި ތޫފާން ތަކެއް އޭރު ލައިޝާގެ ޚިޔާލަކަށް ނާދެއެވެ. އޭނަގެ ހުރިހާ ހުވަފެންތަކެއް ސީދާވެއްޖެއެވެ. ހަވީރު ކަޔާން ގެނެސްދިން ހުދުކުލައިގެ ވެޑިން ހެދުމެއްލައިގެން ބީޗްގައި ފޮޓޯ ނެގުމުގެ ސެޝަންއެއް އޮތެވެ. ހަށިގަނޑަށް އެހާ ހެޔޮވަރުގެ ހެދުމެއް ކަޔާން ބޭރުން ގެނުވިގޮތެއްވެސް ނޭގުނެވެ. އެހެދުން ލުމުން އޭނަހީވީ ޝާހީ ރަސްދަރިކަނބަލެއް ހެންނެވެ. ހެދުމާއި އެކީގައި އެސްޖަހާފައިވާ ތާޖެއްވެސް އޮތެވެ. ކައިވެނި ޕާޓީއެއް ބޭއްވުމަކީ ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނެކެވެ. ނަމަވެސް ތަގުދީރުގައިވާ ގޮތުން ބައެއްފަހަރު އެ ނަސީބު ނުލިބި ހިނގައިދާނެއެވެ. ލައިޝާއަށް މިވަރުވެސް ފުދެއެވެ. ފޮޓޯ ނަގާދިނީ ޒައިފްއެވެ. ޒައިފް ބުނިހާގޮތަކަށް ފޮޓޯ ނަގަން ކަޔާންއާއި ލައިޝާ ޕޯސްކުރިއެވެ. ޒައިފް ބުނީ މި ފޮޓޯތައް ނެޓަށްވެސް ލާނެކަމުގައެވެ. މަޖައްލާއެއްގެ ބޭރު ސަފްހާގައި ޖަހާލަން ވިއްކާލާނެ ކަމުގައެވެ. އޭނައަކީ ސަމާސާ މީހަކަށްވާތީ ކަޔާން އެކަމާއި އެއްބައިވެގެން އަދި އުޅުނެވެ. ލައިޝާ ފުރަތަމަ ހުރީ ކަންބޮޑުވެފައެވެ. ނަމަވެސް ކަޔާން ލައިޝާ ގާތު ޒައިފް މަޖަލަކަށް ކިޔާ އެއްޗެއްސޭ ބުނުމުން ހަމަޖެހުނެވެ.

ރޭގަނޑު ދެމީހުންވެސް ފެންވަރާލައިގެން ޑެކްގައި ކޮފީ ބޯން ތިބިއިރު ލައިޝާ އޭނަގެ މާޒީގެ ވާހަކަތައް ފުރަތަމަ ފަހަރަށް ކަޔާންއަށް ކިޔައިދިނެވެ. ފިރިމީހާއަށް ވުމަށްފަހު އޭނަގެ ހަޔާތަކީ ހުޅުވިފައިވާ ސަފުހާތަކަކަށް ވާން ޖެހޭނެއެވެ.

"އަހަރެން ހަނދާނެއް ނުނެތޭ، އޭރު ލައިޝްއަކީ ކުޑަކުއްޖެއް، އަހަންނަށް އޭރުވެސް ލައިޝް ފާހަގަވި، ނަމަވެސް އޭރަކު ހިތަކަށް ނާރާ ލޯބިވެވިދާނެއޭ، އަދި މަގޭ ހަޔާތުގެ ބައިވެރިޔާއަށް އެކުޑަކުއްޖާ ވެގެން އަންނާނެއޭ، ތަގުދީރުގައި ރޭވިފައިވާގޮތް ނިކަން ދެކެބަލަ، އެންމެފަހުން އަހަންނަށް ލައިޝް ލިބުނީ، އައިމް ސޮރީ އައި ހާޓް ޔޫ، ހިތަކަށް ނާރާ އަހަރެންގެ ސަބަބުން ލައިޝް ބޮޑު ހިތާމައެއް ކުރަން ޖެހިދާނެއޭ، އަދި އަހަރެން މިހިރީ އެކަމުގެ އަގު އަދާކޮށްދޭން، މިރީތި ދެލޮލުން ދެނެއް ކަރުނައެއް ނާންނާނެ، އަހަރެންގެ ސަބަބުން ދެން ލައިޝް ކަރުނަ އޮއްސާކަށް ނުޖެހޭނެ..." ކަޔާން ލައިޝާއަށް ބަލަން އިނީ ލޯބީގެ ނަޒަރަކުންނެވެ. ލައިޝާ އަށް ކަޔާންގެ ގައިގާ އަތްނުލާ އިނދެވޭ އެންމެ ސިކުންތުކޮޅެއް ނާދެއެވެ. އޭރުވެސް އިނދެވުނީ ކަޔާންގެ އަތުގެ އިނގިލިތަކާއި ކުޅެލަކުޅެލައެވެ.

އޭރު ތަރިތައްވެސް އެދެމަފިރިންގެ އުފާތަކުގައި ބައިވެރިވެ ހިނިތުންވާހެން ހީވިއެވެ. ރީތި ރެއެކެވެ. ދެމީހުން އެކަކު ކޮނޑުގައި އަނެކަކު ބޯ އަޅާލައިގެން އުޑުގައިވާ ގުނާ އަދަދުނުކުރެވޭހާ ރީތި ތަރިތައް ހެކިކޮށް ވަކިނުވާން ވަޢުދުވަމުން ދިރިއުޅުން ކުރިޔަށް ގެންދާނޭގޮތް ޕްލޭންކުރަން އެކި ވާހަކައިގާ ތިއްބާ ޒައިފްއާއި ފަޅުވެރިންވެސް ދަތުރަށް ތައްޔާރުވެގެން ސަފާރީއަށް އަންނަ ޚަބަރުދިނެވެ.

"މާލެ ދިޔައިމަ ވަރަށް ފޫހިވާނެކަން ޔަގީން، އަހަރެމެންނަށް އެކީގައި އުޅެވޭނެ ދުވަހެއް އަންނާނެނަމަ...." ކަޔާން ގެ ޚިޔާލަށް ވެރިވީ ކެންޒީއެވެ. ކެންޒީ ކޯމާއިން ހޭއަރައިފިއްޔާ ހުރިހާކަމެއް ރަގަޅުވެދާނެއެވެ.

"ވަރަށް އުދަގޫވާނެ އެންމެ މިނިޓަކަށްވެސް ކެންއާއި ވަކިން އުޅެން، އޮފީހުން ދިމާވާނެއްނު....." ލައިޝާ ގެ ޚިޔާލު ދަތުރުކުރީ ކުރިއަށް އޮތް ދުވަސްތައް ހޭދަކުރާނެ ގޮތަކާއި މެދުގައެވެ. ލައިޝާ ގެ ފޯނު ނިއްވާލާފައި އޮތުމުން ކަޔާން އެކަމާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ހަގީގަތަކީ ލައިޝާ ކަޔާންއަށް ހަޔާތުގެ ބަޔެއް ފޮރުވާ ކަމެވެ. އޭނައަށް އުދަގޫކުރާ މީހާ ސިއްރުކުރަން މަޖުބޫރުވެފައިވާ ކަމެވެ. އެނގިއްޖެއްޔާ ކަޔާންގެ ރުޅި މައިތިރިއެއް ނުވާނެއެވެ. ކަޔާން ހީކުރީވެސް ލައިޝާގެ ފޯނު ގައި މައްސަލައެއް ހުރީކަމަށެވެ. މާލެ ގޮސްފައި އެންމެ ފުރަތަމަވެސް ކަޔާން އެކްސްޕީރިއާ ޒެޑް ޓޫ އެއް ގަނެދިނުމުން ލައިޝާ އެހެން ސިމެއްވެސް ނެގިއެވެ. އެ ފޯނު އޭނަ ޚާއްސަ ކުރާނީ އެކަނި ކަޔާންއާއި ވާހަކަ ދައްކާށެވެ. އަނެއް ފޯނަށް އެ ނުދަންނަ މީހާ މެސެޖްކޮށްކޮށް ހުރެދާނެތާއެވެ. އެ ސިމް ބޭނުން ނުކުރަންޏާ އަނެއްކާ ކޮންމެވެސް ގޮތަކުން މިނަމްބަރު ހޯދައިގެން އުދަގޫކުރަން ފަށާފާނެއެވެ.

މާލެ ގޮސްފައި ލައިޝާ ޖެހުނީ ކަޔާން ހޯދަދިން އެޕާޓްމެންޓަކަށް ބަދަލުވާށެވެ. އެއީ ދެކޮޓަރީގެ އެޕާޓްމެންޓެކެވެ. ޒުލްމާއާއި ކީވާއަށް އެޕާޓްމެންޓްގެ ހަގީގަތް އެނގިފައެއްނެތެވެ. ލައިޝާ ބުނީ އެހިސާބުގައި އުޅޭ ޕާޓޭންގެ ސަބަބުން އެހެންތަނެއް ހޯދަން މަޖުބޫރުވީ ކަމުގައެވެ. އޭނަ ފަހުން ދައްކާގޮތަށް އެކުވެރިއެއްގެ ފަރާތުން ލޯނެއް ނެގީކަމުގަ އެވެ. ޒުލްމާހުރީ އުފާވެފައެވެ. ދަރިފުޅު ރަގަޅު ވަޒީފާއަކަށް ގޮސްގެން ލާރި ލިބުނީމަ ފައިދާތަކެއް ވެސް ލިބެންފެށީއެވެ. ދެރައީ ސަލްމާއާއި ވަކިވާން ޖެހުނުކަމެވެ. އައިދަން އާއި ސަލްމާ އަދި އަފްރާޒު ވެސް މިގެއަށް ގެންނަ ވާހަކަ ދައްކާއިރަށް ލައިޝާ އެކަމާއި ފާޅުގައި ދެކޮޅުހެދިއެވެ. އެހެން ހެދީ ކޮންމެހެން ހިތް ނުބައިވެގެނެއް ނޫނެވެ. އެއީ ކަޔާން ބޭނުންވާނެ ގޮތެއް ނޫންކަން ލައިޝާއަށް އެނގޭތީއެވެ. ކަޔާން ބުނާހާގޮތަށް ހަދަން މިއަދު އޭނައަށް ޖެހިފައިވާތީއެވެ. ލައިޝާގެ ވާހަކައިން ޒުލްމާ ހުރީ ހިތްހަމަނުޖެހިފައެވެ. އެމީހުން ބޯ ހިޔާވަހިކަމެއް ނެތްއިރު ސަލްމާމެން ވެދިން އިހުސާންތެރިކަން ހަނދާންކުރަން ލައިޝާއަށް އެންގިއެވެ.

"ނޫން މަންމާ، އައިދަންއަކީ ކުޑަކުއްޖެއް ނޫން، ތަނެއްގެ އިސްވެރިޔެއް، އޭނައަށްވެސް ރަގަޅު ތަނަކަށް ދެވިދާނެ، އައިދަންގެ އެކުވެރިއަކު ދީފައި ހުރިތަނެއް ވީމަ އައިދަން އެތަން ދޫކޮށްލާކަށް ބޭނުމެއްވެސް ނުވާނެ، ވަކިން އުޅުނީމަ މައްސަލަތައް ޖެހުންވެސް ކުޑަވާނެ މަންމާ...." ލައިޝާ ވަގުތުން ބުނެލިއެވެ.

ލައިޝާ މާލެއައި ދުވަހު ޓޭންވެލާފައިވާ ވަރާއި މޫނުގައިވާ އުފާވެރިކަމުން ކީވާ ވަރަށް ދިމާކުރިއެވެ. ލައިޝާގެ ރީތިކަމުގެ ތެރެއިން ވަރުބަލިކަންވެސް ކީވާއަށް ފާހަގަކުރެވުނެވެ.

"މާ ބުރަކޮށް މަސައްކަތެއްގައި އުޅެފައިތަ ލައިޝް ތިއައީ.....ޔޫ ލުކް ބިޓް މެޗުއަރ އެންޑް......ޓަޔަޑް..." ކީވާ ލައިޝާގެ މޫނަށް ބަލަން ފެށުމުން ލައިޝާ ކަންބޮޑުވެފައިވާގޮތަކަށް ހީލިއެވެ.

"އަބަދުހެން އަހަރެމެން އުޅުނީ މޫދުގައި...." ލައިޝާ ހުއްޓުނީ ލޯގަނޑު ކާރީގައެވެ. މޭކަޕުން އޭނަ މެޗުއަރ ކޮށް ދައްކަނީކަން ނޭގެއެވެ.

"ލައިޝް ފޯނު ނުޖައްސާވިއްޔަ، އާފްރާއަށް ގުޅާލީމަވެސް ބުނާނީ މޫދުގަޔޭ، ވަރަށް ޓޭންވެފައި ލައިޝް ތިހިރީ، ވަރަށް ރީތި........" ކީވާގެ ހިތް ތައުރީފުކުރިއެވެ.

"ތެންކިއު ޑާލިން ސިސް، ދެން ކިވީގެ ހާލު ބުނެބަލަ، ކޮބާ ވިޝާން....." ލައިޝާ އަހަން ފެށުމުން ކީވާ ވާހަކަ ދެއްކިގޮތުން ހީވީ އޭނަވެސް ވިޝާންއަށް އިތުބާރު ނުކުރާހެންނެވެ. ކީވާ ހުރީ އެ ވާހަކަ ނުދައްކާށެވެ. ނަމަވެސް އެ ވާހަކަ ލައިޝާއަށް ކިޔައިދިނުމަކުން ގެއްލުމެއް ނެތެވެ. އޭނަ ޑައިލިސިސް ހަދަން ދިޔަ ދުވަހެއްގައި ފެނުނު މަންޒަރު ހިތަކުން ނުފިލާނެއެވެ. އެތާ ހުންނަ ލޯބި ނަރުސްކުއްޖަކާއި ވިޝާން ތިބީ އުދަގޫވާހާ ކާރީގައެވެ. އެކުއްޖާ ހުރީ ވަރަކަށް ތުއިވެލާފައެވެ. ކީވާ ވަނުމުން ރުޅިއައިކަން އެނގުނެވެ. ކީވާ ނުފެންނަކަމަށް ހެދިޔަސް އެދުވަހު ހިތް ހަލާކުވާވަރުވިއެވެ. ހިތާހިތުން ރުޔެވެ. ނަމަވެސް އޭނަގެ ލޮލުން ކަރުނަ ނައީ ކީއްވެކަމެއް ނޭގުނެވެ. ކުރިއްސުރެން އޭނައާއި ވިޝާން ގުޅޭކަމަށް ހިތް ގަބޫލު ނުކުރީއެވެ. މިއީ ދުވަސްކޮޅެއްގެ އުފާތައްކަން ހިތަށް ވިސްނާދީފައި ވަނީއެވެ. އޭނަ ފަދަ ބަލިކުއްޖަކުދެކެ ވިޝާން ލޯބިވުމުގެ މާނައެއްވެސް ނުފެނުނީއެވެ.

ވިޝާންވެސް ކީވާދެކެ ފޫހިވާން ފެށީކަން ކީވާއަށް ޔަގީންވިއެވެ. އެކަނި ދޮރުމަތީގައި ބައްދަލުކޮށްލުމަކުން އޭނައަށް ނުފުދޭނެއެވެ. ވިޝާން ކިތަންމެ ފަހަރަކު އޭނަ ގާތުގައި ރެސްޓޯރެންޓަކަށް ދާން ނޫނީ ދުއްވާލަން ދާން ކިޔާނެއެވެ. ކީވާ ޖެހެނީ ކޮންމެވެސް ބަހަނާއެއް ދައްކާށެވެ. ކީވާ ހިތަށް އަރައެވެ. މިހާ ފޫހި މީހެއް ދުނިޔޭގައިވެސް ނުވާނެއެވެ. އަބަދު ޝަކުވާ ކުރުމެވެ. މަޖާކޮށްލާކަށް ނުކެރެއެވެ. ތޮށްޓެއްގެ ތެރެއަށް އެރެވިފައި ނިކުންނާކަށް ނޭގުނެވެ. ވިޝާން އެގެއަށް އައުން މަދުވާން ފެށިއެވެ. މި ހަފްތާ ތެރޭގައި އެންމެ ރެއަކު އައިފަހުން ގުޅާލަނީ މަދުންނެވެ. އެކަނި ހާލު ބަލާލާށެވެ. ހީވާގޮތުން ލޯބިވެރިއަކުން އަނެއްކާ ޑޮކްޓަރެއްގެ ހައިސިއްޔަތަށް ބަދަލުވީއެވެ. އެހެންނޫނަސް ކީވާއަށް ވިޝާން ދިން ފޮތްތަކާއި ދެއްކި ވާހަކަތަކުން އޭނައަށްވަނީ ދިރިއުޅުމުގައި ކުރިއަށް ދާން ހިތްވަރު ލިބިފައެވެ. އަދި ޓީވީ އިން ޚަބަރު ބަލަން އިންނައިރު އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވާ ޝަހީދުން ފެނިފައިވެސް ކީވާއަށް ފިލާވަޅު ލިބުނެވެ. ކޮންމެ ވަގުތަކުވެސް ކޮންމެ އިންސާނަކުވެސް ދުނިޔެ ދޫކޮށްދާން ޖެހިދާނެއެވެ. އެމީހެއްގެ އަޖަލު ޖެހުމުން ލަހެއް ފަހެއް ނެތެވެ. ކީވާވެސް ކެތްކުރާނެއެވެ.

ގެއަށް އައިގޮތަށް އެރޭ ލައިޝާ އޮތީ އަރާމުކުރާށެވެ. ވަރަށް ގިނައިރުވާންދެން ކަޔާން ލައިޝާއަށް ގުޅައިގެން އޮތެވެ. އެހެން މީހުން ރޮމެންޓިކްވަނީ ކައިވެނީގެ ކުރިންނެވެ. ކައިވެންޏަށްފަހު އެބައިތައް މަޑުމަޑުން ނެތިގެން ހިނގައިދާނެއެވެ. ކަޔާން ތަފާތެވެ. އެބައި ފެށީ ކައިވެނީގެ ފަހުންނެވެ. މިއީ ލައިޝާ ބޭނުންވިފަދަ އިޝްގީ ބައިވެރިޔެކެވެ. 

ޖެހިގެން އައިދުވަހު ލައިޝާ ހުރީ އޮފީހަށް ދާހިތުން ކެތްނުލަވާފައެވެ. ކަޔާން އޭނަ ވަޒީފާއަށް ދިޔުމާއި ދެކޮޅު ނެހެދީވެސް ދެމީހުންނަށް އެކީގައި ވަގުތުތައް ހޭދަކުރެވެން އޮތް އެއް ވަސީލަތަކީ އެއީ ކަމަށްވާތީއެވެ. ކަޔާން އޮފީހަށް އަންނަ ގަޑި އަވަސްކުރިއެވެ. އޮފީހަށް އައީވެސް ލައިޝާ އެދިގެން ސައި ނުބޮއެވެ. ލައިޝާ އަތުން ހަދާދޭ ކޮފީ މާ މީރުވާނެތީއެވެ. އެއަތުން ތައްޔާރުކުރާ އެއްޗެހިކާން ކަޔާން ބޭނުންވާތީއެވެ. ކަޔާން އޮފީހާއި ދާދިކާރިން އެޕާޓްމެންޓެއް ހޯދަދިނީވެސް ލައިޝާއަށް ފަސޭހައަކަށެވެ. ހިނގާލާފައި އާދެވޭނީވެސް އޭރުންނެވެ. އެގޭގެ ސެކިއުރިޓީއާއި މެދުވެސް ކަޔާން ވިސްނިއެވެ. ލައިޝާއަކީ ތިމާގެ އަނބިމީހާއަށް ވުމުން ކުރިއަށްވުރެ ބޮޑަށް ވިސްނަން ކަޔާންއަށް ޖެހިފައިވިއެވެ. ލައިޝާ އައީ ކަޔާންއަށް ދޭން އޮމްލެޓާއި ސެންޑްވިޗް ހަދައިގެންނެވެ. ކަޔާންގެ ކެބިންއަށް ވަނުމުން ކަޔާން ހިނިތުންވެލާފައި "މޯނިން މައި ބިއުޓިފުލް ވައިފް" އޭ ބުނެލާފައި ތެދުވެ ބައްދާލަމުން މޫނުގައި ބޮސްދިނެވެ.

"ކެން، މީހަކަށް ފެނިއްޖެއްޔާ....." ލައިޝާ ހާސްވިއެވެ.
"ތިއީ އަހަރެންގެ ވައިފްކަން ނޭގުނަސް މަގޭ ލޯބިވެރިޔާކަން ނުދަންނަނީ ކާކު؟ " ކަޔާން ހީލަމުން ލައިޝާގެ ކޯތާފަތުގައި ފިރުމާލިއެވެ.
"ލައިޝް، ސީރިޔަސްލީ ރޭގައި ނުނިދުނު، ބޭބީ އައި މިސްޑް ޔޫ ސޯ މަޗް، އަހަރެމެންނަށް މި ލިބުނީ ކޮންފަދަ މަޖުބޫރީ ދިރިއުޅުމެއް، މެރީކޮށްގެންވެސް ނިދަން މިޖެހުނީ ދެތާގައި ވިއްޔަ، އަހަންނަށް އަސްލު ވަރަށް އުދަގޫވޭ، މަންމަ އެއްބަސްކުރުވާނެ ގޮތެއް ހޯދަން ވަރަށް ޚިޔާލު އެބަކުރަން....." ކަޔާން ލައިޝާގެ އަތްތިލައިގާ ބޮސްދިނެވެ. ލައިޝާގެ ހިތަށް ލިބުނު އުފާތައް ބަޔާންކޮށެއް ނުދެވޭނެއެވެ. ހިތަށް ލިބުނު ފިނިކަމުން ހަށިގަނޑުވެސް ގަނޑުފެން ކޮޅަކަށްވިއެވެ. ކަޔާން އޭނަދެކެ ލޯބިވާވަރު އެކަނި އެ ލަފުޒުތަކުންވެސް ޔަގީންކުރެވިއްޖެއެވެ.

ދެމަފިރިން މަސައްކަތްކުރީ އެކީގައެވެ. ގިނަވަގުތު ދެކެވުނީ އަމިއްލަ ވާހަކަތަކެވެ. ޒިއާމްވެސް އޮފީހަށް މާ ހެދުނަކާ ވަދެފައި ޝައްކުގެ ނަޒަރަކުން ބަލާލިނަމަވެސް އޭނަގެ ކޮއްކޮ ސިއްރުން އެފަދަކަމެއް ކޮށްލާނެކަމަކަށް ހިތަކަށް ނާރައެވެ. ކަޔާންއަކީ ކައިވެނީގެ ވާހަކަދެއްކިޔަސް ބިރުން އެތަނަކުން ދުރަށް ދުވި ޒުވާނާއެވެ. އަންހެންކުއްޖަކަށް އެ ހިތާއި ހަމަޔަށް ފޯރާ އެހިތް މަޑުފުށްކޮޅަކަށް ހަދާލާނެކަމަކަށް ޒިއާމްވެސް ހިޔެއްނުކުރެއެވެ. އެކައިވެނި ކެންސަލް ކުރެވުމުން ޒިއާމް ދެރަވިއެވެ. ލައިޝާއަށްޓަކައި ހަމްދަރުދީވިއެވެ. ލައިޝާފަދަ ކުއްޖަކުވެސް ހާދަ ހުވަފެންތަކެއް ދެކޭނެއެވެ. ކެންޒިއާ ކުންފުނީގެ ވެރިޔާގެ ދަރިއަކާއި އިންނަން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އެންމެ ފަހު ވަގުތު އެކައިވެނި ކެންސަލް ކުރާން ޖެހުނު ސަބަބުން މަންމަވަނީ ޒިއާމްއަށް ކިޔާދީފައެވެ. ރަންދާ ބޮޑުދައިތައާއި މާމަގެ ނުފޫޒު ގަދަކަމުން މަންމަގެ ވިސްނުމާއި ކުޅެލައިފިއެވެ. މަންމަގެ ޚިޔާލުވެސް އަނބުރާލައިފިއެވެ.

ކަޔާން ސައި ބޯންއިންތަން ފެނުމުން ޒިއާމްގެ ހިތުގައި ޝައްކުތަކެއް ހިނގައިގަތެވެ. މަންމަ ބުނާގޮތުން ވިއްޔާ ރާއްޖެތެރޭގެ މީހުން ފަންޑިތައިގެ ކަންތަކަށް ނިކަން މޮޅުވާނެއެވެ. ކޮއްކޮއަށް ފަންޑިތަ ހަދަންވެސް ލައިޝާ ބޭނުން ވެދާނެއެވެ. އެހާވަރުން ހެދުނު ނާސްތާ ގެނެސްދޭނީ ދެން ކޮން ބޭނުމަކު ހެއްޔެވެ؟ ނޫނެކެވެ. މާކުރީއްސުރެން ލައިޝާ އެގާރަގަޑީގެ ކޮފީ ކަޔާންއަށް ގެނެސްދީ އެ ކެބިން ރީތިކުރާނެއެވެ. ތާޒާ މާތައް ބަހައްޓާދޭނެއެވެ. ލައިޝާގެ ރަގަޅުކަމާއިމެދު އޭނަގެ ހިތް ތައުރީފުކުރާފަހަރުވެސް އާދެއެވެ.

ލައިޝާ އިރުއޮއްސެންވާއިރަށް މާ މީރުކޮށް ޕާސްތާ ހަދާލައިގެން ބޭރަށް ދާން ތައްޔާރުވެގެން ނިކުތްއިރު ޒުލްމާއާއި ކީވާ ތިބީ ޓީވީ ބަލާށެވެ. ޒުލްމާ ސުވާލުކުރަން ފެށުމުން ލައިޝާ ބުނީ ކޮންމެ ރެއަކު އޭނަ އޮފީހަށް ދާން ޖެހޭނެކަމުގައެވެ. އިތުރުގަޑި ލިބިގެން ނޫނީ ޚަރަދުތައް ދެކޮޅުޖައްސަން ޒުލްމާ ގަބޫލުކޮށްފިއެވެ. އާފްރާމެންވެސް ދާނެކަމަށާއި އޭނައަށް އިތުބާރުކުރަން ލައިޝާ އެދުނެވެ. ކީވާ ހައިރާންވީ ލައިޝާ އަމިއްލައަށް ވާވަރަށްވުރެ ދެގުނަ އިތުރަށް ޕާސްތާ ގެންދިޔައީމައެވެ. އާފްރާމެންނަށް ދޭހާ ވަރަށް ލައިޝާގެ އަތުގައި ފައިސާ ހުރީހެއްޔެވެ؟ އެވަރަށް ބޭކާރު ޚަރަދުތައް ކުރާކަށް ނުވެސްވާނެއެވެ.

ލައިޝާ އެޕާޓްމެންޓްގެ ދޮރުގައި ޓަކިދިނުމާއިއެކު ކަޔާން ދޮރު ހުޅުވާލާފައި ލައިޝާ ބިމުން ހިއްލާލިއިރު އެހިތުގެ ކެތްތެރިކަން ކުޑަވެފައިވާވަރު ލައިޝާވެސް ދެނެގަތެވެ. ހަތަރުދަމު އެކީގައި އޮފީހުގައި އުޅޭއިރުވެސް ދެމީހުންނަށް މިފަދަ އެކަނިވެރިވެލާނެ ފުރުސަތެއް ނުލިބި ދިގު އިންތިޒާރެއް ކުރަން ޖެހިފައިވިއެވެ.

"ޕާސްތާ ހޫނުކޮށް ހުއްޓާ ކެއީމައޭ މީރުވާނީ ހަނީ....." ލައިޝާ ކަޔާންގެ ބޯ އިސްތަށިގަނޑުގައި އަތްހިންގާލިއެވެ. ކަޔާން ބުނީ ކާނީ ފަހުން ކަމުގައެވެ. މައިކްރޯ ވޭވް އަވަން އީޖާދުކުރިމީހާއަށް ލައިޝާވެސް ހިތާހިތުން ސާބަސްދިނެވެ. ކަޔާން ޑްރޯވަރ ހުޅުވާލާފައި ޕެކެޓެއް ނެގިއެވެ.

"ޒައިފް މަޖަލަށް ހަދާފައި މީގެ ބައިވަރެއް ދިންކަންވެސް ހަމަ ރަގަޅޭ ދޯ، އެހެންނޫންނަމަ އޭނަ ބުނާހެން އަހަރެމެން ބަސްޓްވާކަށް މާ ގިނަ ދުވަހެއް ނުނަގާނެ...." ކަޔާން ލައިޝާގެ ތުނި ބަނޑުގައި އަތްކާއްތާލަމުން ހިނިތުންވެލިއެވެ.

ރޭގަނޑު އެގާރަޖެހުމުން ކަޔާން ކާރުގައި ލައިޝާ އެޕާޓްމެންޓާއި ހަމަޔަށް ގެންގޮސްދިނެވެ. ކަޔާން ގެއަށް ވަންނާން އައިއިރު ނަސީބަކުން ގޭތެރެ އޮތީ ހިމޭންކޮށެވެ. ފުރަތަމަވެސް ޖުއާންގެ ގާތަށްގޮސް ދަރިފުޅު ނިދާފައި އޮތްވާ މޫނުކޮޅުގައި ބޮސްދިނެވެ. ދެން ކޮންމެ ރެއެއްގައިހެން އޭނަ ޖެހޭނީ މިގޮތަށް ކޮންމެވެސް އެއްޗެކޭ ކިޔާފައި ބޭރަށް ދާށެވެ. އޮފީހަށް ނޫނީ އެކުވެރިންނާއިއެކު މަސްބާނަން ނޫނީ އެހެންތަނަކަށް ދާން ނުޖެހޭނެ ރެއެއް ނާންނާނެއެވެ. އަމިއްލަ ކޮޓަރިއަށް ވަންއިރު އޭނަ ހުރީ ވަރުބަލިވެފައެވެ. ދެލޯ ބަރުވެގެން ކޮޅަށް ހުރެވުނީއެއް ނޫނެވެ. ފަތިހު ހޭލައިގެން ގާތުގައި ލައިޝާ ނެތީމަ ދެރަވިއެވެ. އެފަދަ ދުވަހެއް އަވަހަށް އަންނާނެނަމައެވެ. ބޭނުންވާ ވަގުތުވެސް ތިމާގެ އަނބިމީހާ ގާތުގައި ނެތުމުން ހާދަ ދެރަވެ އަސަރުކުރެއެވެ. ނަމަވެސް އޭނަ ކެތްކުރަން ޖެހޭނެއެވެ. އެހެންނޫނީ ކެންޒިއާއަށް ޒަލްޒަލާއެއް އައިސްދާނެއެވެ. މަންމަމެންނަށް އެނގޭއިރަށް އެދެމީހުން ވަކިކުރުވަން ކޮންމެ ފަދަ މަސައްކަތެއްވެސް ކުރުވަފާނެއެވެ.

ލައިޝާ ގެ ދުވަސްތައް އަބަދުވެސް އޮންނަނީ އެއް ގަވާއިދަކަށް ބެހިފައެވެ. ހެދުނު ނާސްތާ ތައްޔާރުކޮށްގެން އޮފީހަށް ދާކުއްޖާ ގެއަށް ވަދެލާފައި ނަމާދުކޮށް ހަދާލައިގެން އަނެއްކާ ރޭގަނޑަށް މީރުކޮށް އެއްޗެއް ތައްޔާރުކުރެއެވެ. ކޮންމެ ރެއަކު އޮފީސް ހުޅުވާށޭ ކިޔާފައި މާ ރީތިވެގެން މީރުވަސް ދުވާ ސެންޓް ޖަހާލައިގެން ދާން ފެށުމުން ކީވާގެ އިތުރުން ޒުލްމާއަށްވެސް ޝައްކުވިއެވެ. ލައިޝާގެ މޭޒުމަތީގައި މީރުވަސްދުވާ ސެންޓްތަކާއި ރީތިވާ ސާމާނު ގިނަވާންފެށި ސަބަބެއްވެސް އޮންނަން ވާނެއެވެ. މުޅިންވެސް އަގުބޮޑު ބްރޭންޑްގެ އެއްޗެއްސެވެ. ޒުލްމާއަށް އެނގެއެވެ. ލައިޝާ ރައްޓެހިވެގެން އުޅޭ މުއްސަދި ފިރިހެންކުއްޖާގެ ފަރާތުން ލިބޭހާ އިނާމުތަކެވެ. ޒުލްމާވެސް އެއްޗެކޭ ނުބުނެ ތަތް ބައްދައިގެން އިންނާންފެށީ ލިބޭ ފަސޭހަތަކަކަށްޓަކައެވެ. އޭނަގެ ދަރިފުޅަށް އޭނަ އިތުބާރުކުރެއެވެ. ގޯހެއް ނަހަދާނެކަން ޒުލްމާ ދަނެއެވެ. ގަވާއިދުން ނަމާދުކޮށް ޤުރުއާން ކިޔަވާ ކުއްޖަކު ނުބައިކަމަކާއި ކާރިއެއް ނުވާނެއެވެ. ޒުލްމާ އެހެންވެ ސުވާލެއްވެސް ކޮށްލާކަށް ނޫޅުނެވެ. އެހެން ހަދާންވީ ކީއްވެހެއްޔެވެ؟ ފަތި ޓީވީއިން ހުރިހާ ޗެނެލްތަކެއް ފެނެއެވެ. އަރާމުކޮށް އޮށޯވެލާނެ ސޯފާތަކާއި މަޑު ރަގްތަކެވެ. ބަދިގޭގެ ސާމާނުތައް އެހާ އަލެވެ. ކާއެއްޗެހިވެސް މޮޅުވެ ރަގަޅުވާންފެށިއެވެ. ޝަކުވާކުރާކަށް ތަނެއް ނެތެވެ.

މިހާރު އަބަދުހެން ލޯބީގެ މެސެޖްތަކުން ލައިޝާގެ ހިތް އުފާކޮށްދޭނެއެވެ. އެހާ ގިނަގިނައިން ގުޅާނެއެވެ. ރަތްފިނިފެންމާ، ޗޮކްލެޓް ފަދަ ތަކެތި ކޮންމެ ދުވަހަކުހެން ހަދިޔާކުރާނެއެވެ. އެންމެ ފަހަށް ދިން ބޮޑު ޓެޑީ ބެއަރއަކީ ކަޔާން ނެތްވަގުތު އޭނަގެ ހަނދާނަކަށް ރޭގަނޑު ބައްދާލައިގެން އޮންނަން ދިން އެއްޗެއްކަމަށް ބުނުމުން ލައިޝާ އެ ބެއަރ ބޭއްވީ އެނދުގައެވެ. ބާލީހުގައި ބައްދާލުމުގެ ބަދަލުގައި ބޭނުންކުރީ ޓެޑީއެވެ.

އެއީވެސް އެފަދަ ރެއެކެވެ. ކަޔާންއާއި ލައިޝާ އެޕާޓްމެންޓްގެ ކޮޓަރީގައި އަމިއްލަ ދުނިޔެއެއްގައި ތިއްބާ މީހަކު ބެލްޖަހަން ފެށިއެވެ. ކަޔާން ފުރަތަމަ އުޅުނީ އަޅާނުލާށެވެ. ނަމަވެސް އާއިލާ މީހަކަށް ވެއްޖެއްޔާ އޭނަ ދޮރު ނުހުޅުވައިފިއްޔާ ޝައްކުކޮށްފާނެއެވެ. ލައިޝާ ގާތުގައި އޭނަ ބުނީ ފާޚާނާއަށްވަދެ ދޮރު ތަޅުލައިގެން ހުރުމަށެވެ. ކަޔާން ޓީޝާޓް ބޮލުން ވައްޓާލުމަށްފަހު ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލަމުންގޮސް ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ވިޝާންއާއި މިހުރާން ތިބިތަން ފެނުމުން ކަޔާން އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އޭނަގެ އެކުވެރިން ސިކުނޑި ރަގަޅުވާނެއެވެ. ކިރިޔާވެސް ޝައްކެއްވެއްޖެއްޔާ މިސިއްރު ދުވަސްކޮޅަކަށްވެސް ދެމިއެއް ނޯންނާނެއެވެ. އެކުވެރިން އެތެރެއަށްވަދެ އާދައިގެ މަތިން ފްރިޖް ހުޅުވާލާފައި ކާއެއްޗެއް ފެނޭތޯ ބެލިއެވެ. މާ ގިނައިރުވާން ފެށުމުން ކަޔާން ބުނީ އޭނަ ބޮލުގައި ރިއްސާތީ އަރާމުކޮށްލަން ބޭނުންކަމުގައެވެ. އެއީ ކަޔާން އަށް ހެދުނު ގޯހެކެވެ. ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލި ކަމުން އެމީހުން އެތަނަށް ވަދެ އުޅެފައި ޑްރޯވަރވެސް ހުޅުވާލިއެވެ. ސިގެރެޓެއް ނެތްހޭ ކިޔާފައެވެ. ކަޔާން ހާސްވިއެވެ. އޭގައި ހުރި ޕެކެޓްތައް ފެނުމާއިއެކު މި އެޕާޓްމެންޓަށް އަންހެންކުދިން ގެންނަނީކަން އެމީހުން ދެނެގަންނާނެއެވެ. އެހެނޭ ކިޔާފައި ދިމާނުކުރިޔަސް ކަޔާން އޮތީ ކަންބޮޑުވެފައެވެ. ނޫނެކެވެ. އެއީ ފިކުރުކުރާންވީވަރުގެ ކަމެއް ނޫނެވެ. އެއީވެސް ފިރިހެނުންނެވެ. އެމީހުންގެ ތަންމަތި ފަޅުފިލުވައިދޭންވެސް އަންހެންކުދިން ގެންނާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. ވީއިރު ކަޔާންގެ ޒާތީ ކަމަކާއި އޭނަ ޖައްސާންވީ މައްސަލައެއް ނޯންނާނެއެވެ.

އެރޭ ވަރަށް ބޯކޮށް ވާރޭ ވެހުނެވެ. ކަޔާން ބުނީ މިރޭ ދެމީހުން އެޕާޓްމެންޓްގައި މަޑުކޮށްލާނީ ކަމަށެވެ. އެކުވެރިން އޭނަ ގެނައީ ކޮންކުއްޖެއްކަން ބަލަން ފާރަލައިގެން ތިބެދާނެކަމަށް ހިތްބުނާވަރުން ނިކުންނަން ބޭނުންނުވީއެވެ. އެމީހުންގެ ނަޒަރުގައި ލައިޝާއަކީ ނާސި އަންހެންކުއްޖަކަށް ހަދާކަށް ކަޔާން ބޭނުމެއްނޫނެވެ. ހަގީގަތް މޮޅަށް ދެނެވޮޑިގަންނަވާ ފަރާތުން އެމީހުންކުރަނީ ފާފައެއް ނޫންކަން ދެނެވޮޑިގަތަސް ދުނިޔެއަކަށް އެކަމެއް ނޭގެއެވެ. ލައިޝާ މަންމައަށް ގުޅާފައި ބުނީ މިރޭ އާފްރާމެން ގޭގައި ތިއްބާ ވާރޭ ވެހިގަތީ ކަމަށާއި މިރޭ ކާރެއް ހޯދަން އުދަގޫވާނެ ކަމަށެވެ.

"ލައިޝާ، މަންމަ ބުނާކަށް އެއްޗެއް ނެތް، ފާފައަކަށް ނާރައްޗޭ...." ޒުލްމާ އެދުނެވެ.
"މަންމާ، އިރާދަކުރެއްވިއްޔާ ފަހަރެއްގައިވެސް ގޯހެއް ނަހަދާނަން....." ލައިޝާ ޔަގީންކަން ދިނެވެ. ލައިޝާ ވާހަކަދައްކަން އޮތްވާ ކަޔާން ފައިތިލައިގާ ބޮސްދިނުމުން ހީލިކަރުވައިގެން ހަޅޭއްވެސް ލަވައިގަނެވިއްޖެއެވެ.
"މި ކުއްޖާގެ ކަންތައް....ހަމަ އުދަގޫކުރާ ވަރެއް..." ލައިޝާ ކަންބޮޑުވެފައި އެހެން ބުނެލީ މަންމައަށް އޮޅުވާލާށެވެ.
"އާފްރާއަށް މަންމަގެ ސަލާމް......" ޒުލްމާ ބުނެލިއެވެ.

ލައިޝާ އެރޭ ކަޔާންގެ ގާތުގައި އޮންނާން ވުމުން ވަރަށް އުފާވިއެވެ. އެހާ ވިއްސާރަ ރެއެއްގައި ބައިވެރިއެއްގެ އަތުތެރޭގައިވުމުން އެލިބޭ ހިތްހަމަޖެހުން ބަޔާންކޮށްދޭނީވެސް ކިހިނެއްހެއްޔެވެ؟ އެ ބާރުގަދަ އަތުގެ ހިމާޔަތުގައި ބޮނޑިވެގެން އޮތްއިރު ހާދަ ހަމަޖެހުމެއް ލިބުނެވެ. ލައިޝާގެ ދުއާއަކީ ގިނަގިނައިން މިކަހަލަ ރޭތައް ހަޔާތަށް އައުމެވެ. އަބަދަށްޓަކައި އެ އަތުގެ ހިމާޔަތަށް ދިޔުމެވެ. ކަޔާންގެ މައިންބަފައިންގެ ރުހުން ލިބިގެން އެދެކުދިންނަށް އުފާވެރި ހަޔާތެއް ލިބުމެވެ. 

ކަޔާން ލައިޝާގެ އަތުކުރި ހުދުރަނުގެ ތުނި ގަޑިއަކާއި ކެވެލިކޮޅަކުން ފަޅުފިލުވާދިނެވެ. އެ ގަހަނާ ސެޓް ލިބުމުން ލައިޝާ ހުރީ ބިރުންނެވެ. މަންމަ ސުވާލު ކޮށްފާނެތީއެވެ. އެއީ އަގުބޮޑު އެއްޗެއްކަމާއި އޭނައަށް އެފަދަ އެއްޗެއް އަމިއްލައަށް ގަނެވޭނެ ފެންވަރު ނެތްކަން މަންމަގެ ތޫނު ސިކުނޑިން ދެނެގެންފާނެއެވެ. ކީވާވެސް އެ އެއްޗެހި ރީތިވެގެން އުޅުނެވެ. ކީވާއަށް އެނގުނެވެ. އެއީ ކަޔާންގެ ފަރާތުން ލިބުނު ހަދިޔާއެކެވެ.

ދެތިން ދުވަސްފަހުން ލައިޝާ އާދައިގެ މަތިން ކަޔާންގެ އެޕާޓްމެންޓަށްގޮސް ހަމަޖެހިލައިގެން ދޮރުމަތީގައި ހުއްޓާ މީހެއްގެ ހިލަންވިހެން ހީވެގެން ބަލާލައިފިއެވެ.

ކޮމެންޓް 0