ކީވާފަދަ އަންހެންކުއްޖަކަށް އެފަދަ ކަމަކަށް ކެތްވާނީވެސް ކިހިނެއް ހެއްޔެވެ؟ ކީވާގެ ބޮލުގައި އަޅައިގެން ހުރި ރަޖާގަނޑު ތިރިއަށް ސޮއްސައިގެން ދިޔައިރު އިސްތަށިގަނޑު ނިވާކުރަން އަޅާފައި ހުރި ސްކާފް ފެނިފައި އެ މީހަކު ދުރަށް ޖެހިލައިފިއެވެ. ކީވާވެސް އެނބުރި ބަލައިލި އިރު ދެލޯބޮޑުކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. ކުރިމަތީގައި ހުރީ އޭނަ ހީކުރިހާ ބިރުވެރި މީހެއް ނޫނެވެ. ނުލަފާ ވައްތަރެއްވެސް ނުޖަހައެވެ. ޕާޓޭންފަދައިން އިސްތަށިގަނޑު ދިގުކޮށްލާފައެއް ނެތެވެ. ބެކްޕެކް އަޅުވާލައިގެން ހުރި އެ ޒުވާނާގެ މޫނުމަތިން ފެންނަނީ ހިތްހެޔޮކަމާއި ލާނެތްކަމުގެ އަސަރުތަކެވެ.

"އަހަރެން ހީކުރީ....." އެ ޒުވާނާ އެއްޗެކޭ ބުނަން އުޅުނުއިރު ވެސް ހުރީ ހިނިއަންނަ ގޮތްވެފައެވެ. އުއްބައްތީގެ އަލީގެ ތެރެއިން ކީވާއަށް އެޒުވާނާގެ އަޅިކުލައިގެ ރީތި ދެލޯ ފާހަގަވިއެވެ. އައިދަން އެންމެ ރީތިކޮށްލާ ސިފައަކީ އޭނަގެ ލޮލުގެ ކުލައެވެ. އޭނަގެ ބައްޕައަކީ ދިވެއްސެއް ކަމާއި މެދު ކީވާ ޝައްކުވިއެވެ.

"ތިއީ ކޮންކުއްޖެއްތަ؟ " އެ ޒުވާނާ އެހެން ސުވާލެއް ކޮށްލި އެވެ.
"ކީ....ކީވާ...." ކީވާގެ ހިތް ތެޅޭވަރުން ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ. ކަރުނުން ފުރިފައިވާ އެ ރީތި ދެލޮލުން ބަލަން ހުރީ ހައިރާންކުރުވަނިވި ފާޑަކަށެވެ.
"އައިމް ސަޕްރައިޒްޑް.....ވެލް..." އޭނަ އެއްޗެކޭ ބުނަން އުޅެފައި ހޭންފެށިއެވެ. ކީވާއަށް ވިސްނުނެވެ. މިވާނީ އައިދަން ކަމަށެވެ. ސަލްމާ އާއި ޒުބްދާ އައިދަން ގާތުގައި އެމީހުން އެވަރޓަންގައި ދިރިއުޅޭ ވާހަކަ ނުބުނަނީކަން ނޭގެއެވެ. 

"ހާދަވަރަކަށް ބިރުގަތީ، އަހަރެން މިއީ އެހާ ނުރައްކާތެރި މީހެއްނޫން އިނގޭ، ކޮބާ މިގޭ އެންމެން. އެކަނިތަ؟" އެ ޒުވާނާ ދެ ބުމަ އަރުވާލިއެވެ.
"ރެސްޓޯރެންޓްގައި....." ކީވާ ހުރީ އަދިވެސް ހަމަޔަކަށް ނޭޅިއެވެ. 
"އަހަންނަކީ އައިދަން.....އަސްލު ކާފަ ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވިކަން އެނގުނީމަ އަހަރެން އަންނަން އުޅުނީ، ލަންކާގައި ހުރީމަ ތަންކޮޅެއް ލަސްވީވެސް، ގެއަށް އަންނަމުން ކަޒިންއަކަށް ގުޅާލީމަ އޭނަ ބުނި އެވަރޓަންގައި އުޅޭނަމޭ، ދެމީހުން އެކީ ހޮސްޕިޓަލަށް ދާންވެގެން އުޅުނީ....އެހެންވެ އޭނަކަމަށް ހީކޮށް ހިފައިގަނެވުނީ.....އައިމް ސޮރީ........." އައިދަން ހިނިތުންވެލާފައި ވާހަކަދެއްކީ ވަރަށް ގާތްގޮތަކަށެވެ. އެއީ އައިދަންކަން އެނގުމުން ކީވާގެ ދުލުގައި ތަޅެއްލެވުނެވެ. އެހާ އެކުވެރިކޮށް ވާހަކަދެއްކީމަވެސް ކީވާ ހުރީ ކިޔަންވީ އެއްޗެއް ނޭގި ހިމޭންވެފައެވެ. އެހެންނޫނަސް އޭނަ ތަންދޮރު ބަލައިނުލާ ހަޅޭއްލެވުނީތީ ލަދުގަތެވެ.

"ކޮފީ ހަދަންތަ ތިއުޅެނީ....." އައިދަން ވެސްހުރީ މި ފިނިރޭގައި ކޮފީއަކަށް ބޭނުންވެފައެވެ. ކީވާ ކުޑަކޮށް ބޯ ޖަހައިލިއެވެ. ހީވީ ކުއްލި އަކަށް އޭނަ މަންމަންވިހެންނެވެ.

އެވަގުތު ޒުބްދާ އާއި ލައިޝާ އެތަނަށް އައީ ކާކުގެ ނަސީބު ދެރަކަމުންކަމެއް ނޭގުނެވެ. އެދެ ޒުވާނުންގެ ވާހަކަތަކުގެ ނިމުމުގެ ސިއްކަ ޖެހެންވެގެންކަން ނޭގެއެވެ.

"އައިދަން...... އަންގާވެސްނުލައި...ސަޕްރައިޒްވެއްޖެ..." ޒުބްދާ އަނގަމަތީގައި އަތްއަޅަމުން ދެލޯ ބޮޑުކޮށްލައިފިއެވެ. އައިދަންގެ ނަޒަރު ހުއްޓުނީ ޒުބްދާގެ ފަހަތުން ކަހަލަގޮތަކަށް ވަދެގެން އައި ރަތް ސްވެޓަރގައި ހުރި ރީތި އަންހެންކުއްޖާ އަށެވެ. އެކުއްޖާގެ އިސްތަށިގަނޑާއި މޫނުމަތީގައި ވާރޭގެ ތިކިތައްވިދައެވެ. އުއްބައްތީގެ އަލީގައި ރީތި އަންހެންކުދިން ފެންނަލެއް ވަކިން ރީތިތާއެވެ. މިގޭގައި އަންހެންކުދިން ހާދަ ގިނައެވެ. މަންމަ ބުނެވެސް ނުލާ މިގެއަށް ގެންގުޅޭ ދިވެހިކުދިން ގެނައީބާވައެވެ. ދެކުދިންގެ ގޮތުގައި ކޮންމެ ކުއްޖެއްވެސް އެހާ ރީއްޗެވެ.

"ސަޕްރައިޒެއްދޭން ވެގެންނޭ އައީ، ދޮންތަމެން ހާދަ އަންހެންކުދިން ގެންގުޅޭ ދުވަސްކޮޅެއް...." އައިދަން ހަށަންބަދެލައިގެން ހުރިއިރު ތުންފަތްމަތީގައި ހިނިތުންވުމުގެ އަސަރުވެއެވެ.

"މިއީ މަންމަގެ ބެސްޓްފްރެންޑް ޒުލްމާދައްތަގެ ދަރިފުޅު ލައިޝާ...... ލައިޝާ، މިއީ އަހަރެންގެ ކޮއްކޮ އައިދަން، ކޮއްކޮ ހަނދާނެއްނެތްތަ ކުރިން ދުވަހަކު މަންމަ ބުނިއެއްނު ޒުލްމާދައްތަގެ ކުދިން މިގެއަށް އަންނަން އުޅޭ ވާހަކަ......." ޒުބްދާ ލައިޝާގެ އަތްގެންގޮސް އައިދަންގެ އަތާއި ގުޅުވާލިއިރު އެކައިވެނި އަވަސްކުރުވާ ހިތުން ޒުބްދާއަށްވެސް ކެތްވަނީއެއް ނޫނެވެ. ހާދަ ގުޅެއެވެ. އައިދަން އާއި ލައިޝާ ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާހެންނެވެ. ކުލައާއި އިސްކޮޅު އަދި މިޒާޖު މިހާ ގުޅޭ ދެމީހުން ދުނިޔޭގައިވާނެ ބާވައެވެ. މިރޭ ވިއްސާރަކަމުން އަވަހަށް ރެސްޓޯރެންޓް ބަންދުކޮށްފައި ގެއަށް އާދެވުނުކަމީ ނަސީބެކޭ ޒުބްދާ ބުނެލީ ހިނިއައިސްފައި ހުރެއެވެ. ކީވާ ކޮފީ ހަދަން މަޑުކޮށްނުލާ އެތަނުން ދާން ހިނގައިގަތީ އޭނަ ބާކީވާނެކަން އެނގޭތީއެވެ.

ލައިޝާ ކީވާއަށް ބަލާލާފައި ހިނިތުންވެލާފައި އެއްޗެކޭ ބުނެލާފައިވެސް އައިދަން އަލަށް އައި މެހުމާނަކަށްވީމަ އެހާ އަވަހަށް އެތެރެއަށް ވަދެގެން ހިނގައިދާކަށް ނުކެރުނެވެ. އެހެންނޫނަސް އައިދަން ފެނުނީމަ ލައިޝާއަށް ފުރަތަމަވެސް އިހުސާސް ކުރެވުނީ ރަގަޅު އެކުވެރިއަކަށް ވެދާނެކަމެވެ. އޭނަގެ މަންމަ އޮތީ ކުޑައިރުއްސުރެން ފިރިހެނުންނާއި ދުރުން އުޅެން ލައިޝާއަށް އިންޒާރުކޮށްފައެވެ. ލައިޝާ ކުޑައިރުވެސް މަންމަ އަންގާފައިވަނީ ލައިޝާގެ ގައިގައި އެއްވެސް މީހަކަށް އަތްލެވިގެން ނުވާނެކަމެވެ. އާއިލާ މީހަކަށްވެސް އަތްނުލެވޭނީ ކޮންތާކުކަން ބުނެދިނެވެ. ލައިޝާއަކީ ރީތި ކުއްޖެއްކަމާއި އެހެން މީހުން ލައިޝާގެ ފަހަތުން އުޅޭނެކަމަށް ބުނެ އެކަމުން ސަމާލުވުމަށް މަންމަ އެތައްފަހަރު ވިސްނައިދީފައި އޮތުމުން ލައިޝާ ސްކޫލްގައި އުޅުނުއިރުވެސް ފިރިހެންކުދިންނާއި ވާހަކަދައްކައެއް ނޫޅެއެވެ. އޭރު އެންމެން ހީކުރަނީ ލައިޝާ ރީތިކަމުން ފޮނިގޮތެއް ހުރީ ކަމަށެވެ. ނަމަވެސް ލައިޝާ އެކުވެރި އަންހެންކުދިންނަށް އެހާ ހެވެވެ. ލައިޝާއަށް ލޯބި ހުށަހަޅާކަށް ފިރިހެންކުދިންނަކަށް ނުކެރެއެވެ. ލައިޝާގެ ޚާއްސަކުއްޖެއް ހުންނަކަމަށްވެސް ހީކުރެވުނެވެ. ލައިޝާއާއި ދިމާވި ފިރިހެންކުދިންގެ ތެރެއިން އޭނަގެ ހިތުން މަގާމެއް ހޯދި މީހަކީ ބާސްކެޓްބޯޅަ ކޯޗަކަށް އައި ކަޔާން އެކަނިއެވެ. އެހެން ހުރިހާ ފިރިހެންކުދިންގެ ސަމާލުކަން ލިބިފައިވާ ލައިޝާއަކަށް ކަޔާންގެ ހިތެއް ނުހޯދުނެވެ.

އައިދަން ޒުބްދާ ގާތުގައި ބުނީ މިރޭ ކާފަ ގާތުގައި ހޮސްޕިޓަލުގައި ހުންނާނީ އޭނަ ކަމުގައެވެ. މަންމަ ބަލިވެއުޅޭއިރު މަންމަ އެތާ ބެހެއްޓުމަކީ އައިދަންއަށް ކެތްކުރެވޭނެކަމެއް ނޫނެވެ.

"އައިދަން ހޮސްޕިޓަލަށް ދާންވާނީ ކައިގެން، ދޮންތަ ސޫޕްތައްޔާރު ކޮށްލާނަން، އިހަށް ދެކުދިން ދޭބަލަ ސިޓިންރޫމަށް، އެކުވެރިވާން ވާނެއްނު........" ޒުބްދާ އުއްބައްތިތަކުން ގޭގެ އެތަންމިތަނަށް އަލިކުރުމުގައި އުޅުނުއިރު އެދެލޮލުން ފެންނަނީ އުފާވެރިކަމުގެ ވިދުވަރެވެ.

އައިދަން އާއި ލައިޝާ ސިޓިންރޫމަށް ނިކުތްތަނާހެން ވައިރޯޅިއަކާއިއެކު އުއްބައްތި ނިވި އަނދިރިކަމުގެ ތެރެއަށް ކޮޓަރި ގެނބިގެން ދިޔައެވެ. އައިދަން ވަގުތުން ލައިޝާގެ މޫނަށް ފޯނުން އަލިއަޅުވައިލި އިރު އެ ދޮންމޫނު ފެނުނީ އާދަޔާ ޚިލާފަށް ނަލަކޮށެވެ. އޭރު ލައިޝާގެ ހިޔަނި ނިކަން ބޮޑުކޮށް ސީލިންއަށާއި އެކީގައި އެޅިފައި ހުރިތަން ފެނުމުން "ގޯސްޓް" އޭ ކިޔާފައި އައިދަން އެ ހިޔަނި ލައިޝާއަށް ދައްކާލުމުން ލައިޝާ ހޭންފެށިއެވެ.

"ވަރަށް މަޖާކަމެއް، ހިޔަނި މިހާ ބޮޑުވެދާނެކަން މިއެނގުނީ އަލަށް...." ލައިޝާ ޅަކުއްޖެއްފަދައިން ފޯރިއާއިއެކު އެ ބޮޑު ހިޔަނިއަށް ބަލަންފެށިއެވެ.

"އީވާއަކީ ލައިޝް ގެ ސިސްތަ؟ "އައިދަން އަހާލައިފިއެވެ.
"އީވާއެއް ނޫން، ކީވާ......އަހަރެން ލޯބިން ކިޔަނީ ކިވީ. ހޫމް ޝީޒް މައި ސިސް....." ލައިޝާ ބުނެދިނެވެ. އައިދަން އާއި ލައިޝާ ވާހަކަދެއްކީ ގާތް އެކުވެރިން ފަދައިން ހިނިތުންވެލާފައި ތިބެގެންނެވެ. އައިދަންފަދަ ހިތްހެޔޮ ޒުވާނަކާއި ލައިޝާ މިދިމާވީ އަލަށެވެ. އެހެންނޫނަސް އެއްގެއެއްގައި އުޅޭއިރު އެކުވެރިކަން ނުބާއްވާ ކުރާނެ މާ ބޮޑުކަމެއް ނޯންނާނެއެވެ. ލައިޝާ އައިދަން ގާތުގައި ތަންތަން ބަލައިލަން ދާ ވާހަކަދެއްކިއެވެ. އީދިގަލި ކިޅި، ކޯއްޓެފަދަ ތަންތަނަށް ދާންވެގެން ވާހަކަދެކެވުނެވެ. އައިދަންގެ ގަރާޖުގައި ބައިސްކަލެއް ހުންނަކަން އެނގުމުން ބައިސްކަލް ދުއްވާން ދަސްކޮށްދޭން ލައިޝާ އެދުނެވެ. ސޫޕް ތައްޔާރުވެގެން ތިންމީހުން ކެއީ އެކުވެރި މާހައުލެއްގައެވެ. ކީވާއަށް ޒުބްދާ ދައުވަތު ދިނީމަ ކޮންމެވެސް ބަހަނާއެއް ދައްކާފައި އަންނާކަށް ނޫޅުނެވެ.

ބައިގަޑިއެއްހާއިރުވީފަހުން އައިދަން ބަލާ އޭނަގެ ދެބެންގެ ދެދަރި ޒުވާނެއްކަމަށްވާ ނިޔާލް އައެވެ. ލަސްވީތީ އޭނަ މާފަށް އެދުނެވެ. އައިދަން ނިޔާލްގެ ކޮނޑުގައި އެތިފަހަރެއް އަޅާފައި ބުނީ މާފުނުލިބޭނެ ކަމުގައެވެ. އޭނައަށް ނިޔާލްގެ ސަބަބުން މިރޭ ވަރަށް ބޮޑު ލަނޑެއް ލިބިއްޖެކަމުގައެވެ. ނިޔާލް އަހާ އަހާ ވީގޮތެއް ނުބުނެ އައިދަން ހުރީ ހިނިއަންނަގޮތްވެފައެވެ. އޭނައަށް އޮޅިގެންގޮސް ރީތި އަންހެންކުއްޖެއްގެ ގައިގާ ބައްދައިގަނެވި އެކުއްޖާ ހަވަރު އެއްނުކުރިކަން އެއީ ނަސީބެކެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައިރު ލައިޝާއަށް ކަޔާން ގެ އެއްވެސް ޚަބަރެއްނުވިއެވެ. އައިދަންއާއި ލައިޝާގެ އެކުވެރިކަން ބަދަހިވަމުން އައިއިރު އައިދަން ކީވާއާއި ވާހަކަދައްކަން ކުރި މަސައްކަތްވީ ބޭކާރެވެ. އެހެންނޫނަސް މިހާރަކަށް އައިސް ކީވާ ހުންނަނީ އަބަދު ބޮލުގައި ރިއްސާ ވަރުބަލިވާގޮތްވެފައެވެ. ބޭސްކައިކައި ރަގަޅުނުވެގެން ލައިޝާ އާދޭސްކޮށްގެން އެންމެ ފަހުން ޑޮކްޓަރަށް ދައްކަން ދިޔައެވެ. ޑޮކްޓަރު ޓެސްޓްހަދަން ދިނުމުން ކީވާ ބިރުން އަނބުރާލާފައި އައީ ގެއަށެވެ. އޭނަގެ ފުރާނަ ހުރެގެން ގަޔަށް ކަށްޓެއް ހަރާލާކަށް އެއްބަހެއް ނުވެވޭނެއެވެ.

"ފިނޑި ކުއްޖާގަނޑު......." ލައިޝާ ހީހީފައި ކިޔާލިއެވެ. ކީވާ ދުވަހަކުވެސް ބައްޔެއް ނުވިއްޔާ ރަގަޅެވެ. އިންޖެކްޝަނެއް ޖަހަންވެއްޖެއްޔާ އެކުއްޖާގެ ގައިގާ ހިފަހައްޓާފައި ނޫނީ އެކަމެއް ނުކުރެވޭނެކަން ނޭގެއެވެ. މަންމަ ބުނާގޮތުން ވިއްޔާ ކުޑައިރުއްސުރެން ކީވާ ގިނަގިނައިން ބަލިވެގެން ހޮސްޕިޓަލަށް ގެންދާން ޖެހެއެވެ. އަބަދުހެން ބޭސްކާންދޭން ޖެހެއެވެ. މަންމައަށް އެކަން ކުރެވެނީ ނިކަން އުދަގުލުންނެވެ. ކުޑައިރުއްސުރެ ކީވާއަކީ ހޮސްޕިޓަލާއި ރުޅިކުއްޖެކެވެ. އަދިވެސް ކީވާގެ ހިތުން އެ ބިރު ނުފިލައިގެން އުޅެނީކަން ނޭގެއެވެ.

ޖެހިގެން އައި ދުވަހު ގަރާޖުގައި ހުރި ބައިސްކަލެއް ނެރެގެން ލައިޝާ ބައިސްކަލް ދުއްވަންވެގެން އުޅުނުއިރު އެ މަންޒަރު ބަލާފައި ހޭން އައިދަން ހުއްޓެވެ. ބައިސްކަލްގެ މަޑި ތިރިކަމުން ލައިޝާއަށް ފައި ޖައްސައިލެވޭތީ ކޮންމެ ފަހަރަކު އަރިއަޅާލަން އުޅުމުން އޭނަ ފައި ބިންމަތީގައި ޖައްސާލަނީއެވެ. އައިދަން ގާތުގައި ހުރެ ހަދަންވާގޮތް ބުނެދިނެވެ.

"ލައިޝް ބައިކް ދުއްވަން ދަސްކުރީމަ ދެން ސައިކަލް ދުއްވާނަ ދަސްކޮށްދޭނަން އިނގޭ، މިޒަމާނުގައި އަންހެންކުދިންވެސް ބައިކް ނުދުއްވައޭ......" އައިދަން ލައިޝާއާއި ދިމާލަށް ބަލަން ހުރެ ވާހަކަދައްކަނިކޮށް ލައިޝާ އެއްލި ކަޅިއަކުން ފެނުނީ ކަޔާން "ރެއިންލޮޖް" ދޮރުމައްޗަށް ނިކުތްތަނެވެ. ސިގްރެޓް ބޮމުން އައިއިރު އެ ކަޅުކުލަގަދަ ބުމަވަނީ ގޮށްޖެހިފައެވެ. އޭނައާއި އައިދަން އެކީގައި ފެނުނީމަ ކަޔާން ހިތްހަމަނުޖެހުނީ ކަހަލައެވެ. ދެމީހުންގެ ނަޒަރު ބައްދަލުވުމާއިއެކު ލައިޝާ އަށް ވީނުވީއެއްވެސް ނޭގުނެވެ. ބައިސްކަލާއިއެކީގައި ގޮސް މަގުގެ އެއްފަރާތުގައި އޮތް ވިނަގަނޑު މައްޗަށް ގުޅައަކަށް ޖެހިއްޖެއެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ލައިޝާ ފުންމައިގެން ތެދުވެ ބަލައިލިއިރު ކަޔާން ފެންނާކަށް ނެތެވެ. އެހާ ހަލުވިކޮށް އެފިރިހެނާ އެރީ ހަވާއަށްކަމެއް ނޫނީ ވަނީ ބިމަށްކަމެއް ނޭގުނެވެ.

"ހެހެ. ކުރީކޮޅު އަނިޔާވާނެ، އެއީ މައްސަލައެއްނޫން......" އައިދަން ހުރީ މަޖާވެލާފައެވެ. ކުޑަކޮށް އަވިދޭދުވަހަކަށް ވާތީ ލައިޝާގެ މޫނުގައި ދާތިކިތައް ވިދައެވެ. އޭނަ ބައިސްކަލާއިގެން އުޅޭތާ ދެތިންގަޑިއިރު ވީއިރުވެސް ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. ކުރަން ފެށިކަމެއް ދަސްނުވަނީސް ހުއްޓާލާން ބޭނުންނުވާ ޒާތުގެ ކުއްޖަކީއެވެ. ލައިޝާގެ ފަޔަށް ކުޑަކޮށް ތަދުވެލާފައި ހުރިނަމަވެސް އޭނަ އެކަމާއި އަޅާނުލައި އެ ފޯރީގައި އެތައް އިރެއްވާންދެން އުޅުނީއެވެ. އެހެންނޫނަސް ކަޔާން ފެނުމަށްފަހު އޭނަގެ ހިތަށް ވީގޮތަކުން އިތުރަށް ކަމެއްކުރާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެންމެ ފަހުން ލައިޝާ އެކަން ހުއްޓާލާފައި ގެއަށްވަންއިރު ހީވަނީ ކަޔާންގެ ނުރުހުންވެފައިވާ ދެލޯ އޭނައަށް އަމާޒުވެފައިވާހެންނެވެ. ކަޔާން އޭނަދެކެ ރުޅިއައި ސަބަބަކީ ކޮބާހެއްޔެވެ؟ 

ބައިސްކަލަށްވުރެ ލައިޝާ ދުއްވަން ބޭނުމީ ކާރެވެ. އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި އޭނަ ހުރިހާ އެއްޗެއްވެސް ދުއްވާނެއެވެ. އައިދަންފަދަ އެކުވެރިއަކު ލިބުމަށްފަހު ނުވާނީ ކޮންކަމެއް ހެއްޔެވެ؟ އައްޑޫގެ މަގުތަކުގައި އެފަދަ އެއްޗެހި ދުއްވުމަކީ ފެންފޮދެއް ބޯލުން ހާ ފަސޭހަކަމެކޭ އައިދަން ވަނީ ބުނެފައެވެ. އައްޑޫ ލިންކްރޯޑްގައި ކަޔާން އާއި އެކުގައި ދުއްވާލުމަކީ ލައިޝާގެ ހުވަފެނެކެވެ. ކޮންމެ ޚިޔާލެއްކުރިޔަސް އެ ޚިޔާލުތައް ވަކި ހިސާބަކުން ކަޔާން އާއި ގުޅައިލެވެން ފެށުމުން ލައިޝާ ކަންބޮޑުވާގޮތްވިއެވެ. ކަޔާން އަނެއްކާ އޭނަގެ ދިރިއުޅުމަށް އައިސް ނޭގޭފަދަ ގޮތަކަށް ގޯނާކުރަން ފެށީހެއްޔެވެ؟

އެވަރޓަންގެ ވަލަށްވަދެ ކަޔާން އުޅޭނޫޅޭގޮތް ބެލުމުގައި އުޅެނިކޮށް ނަސީބު ރަގަޅުކަމުން ލައިޝާއަށް ކަޔާން ދެތިންދުވަހު ފެނުނެވެ. ދެދުވަހު ފެނުނީ ފޯނެއްގައި ހުއްޓައެވެ. އެއިން ކޮންމެފަހަރަކު ލައިޝާއަށް ކަޔާން ފެނުނީ މާތް ރަގަޅު ޒުވާނެއްގެ ގޮތުގައެވެ. މީހުންނާއި ވާހަކަދައްކާއިރު އެހުންނަނީ ހިތްދަމައިގަންނަ ފަދަ މަޑުމައިތިރި ގޮތެކެވެ.

އައިދަން އެންމެ ފުރަތަމަވެސް ރޭވި ޕްރޮގްރާމަކީ ހަންކެޑެ ކިޔާތަނަކަށް ދިޔުމެވެ. އެދަތުރުގައި އައިދަންގެ ދައްތަމެންނާއި ކުދިން އަދި އާއިލާގެ ވަރަށް ގިނަ މެމްބަރުން ބައިވެރިވިއެވެ. ޕިކަޕްގައި ފަނަރަވަރަކަށް މިނިޓުން ކުރެވުނު ދަތުރު ނިކަން ފޯރިގަދައެވެ. ކީވާ ހުރީ ނުދަންނަ މީހުންނާއި އެކީގައި ދަތުރު ދާންޖެހުނީމަ ލަދުގެންފައެވެ. މީހަކު ސުވާލެއްކޮށްފިއްޔާ ޖަވާބުދިނަސް އޭނަ އުޅުނީ އެކަނިމާއެކަނި ދުރުންނެވެ. އަންހެންކުދިން ހީކުރީ ކީވާ ހަމަ ފޮނީކަމަށެވެ. އެހެންވެ ސިއްރުން އެވާހަކަދައްކައި މަލާމާތްކޮށްހެދިއެވެ. ލައިޝާ ހީވަނީ އެތައް ދުވަހަކުއްސުރެން އެންމެނާއި އެކީގައި އުޅެފައިވާހެންނެވެ. އޭނަ މަޖާވެލާފައި ފަތަން ނޭގޭއިރުވެސް ހަންކެޑެ ބްރިޖް ދަށުގައި އޮންނަ މޫދުގެ އެންމެ ފުންހިސާބަށް ސީބެޑްގައި ދިޔައެވެ. ކީވާ ހުރީ ބިރުގެންފައެވެ. ލައިޝާއަށް ކަމެއްވެދާނެތީ ފުންތަނަކަށް ނުދާން އެވަރަށް އެންގީމަވެސް އެކުއްޖާއަށް އަޑުއިވުނުކަމަކަށް ނުވިއެވެ. ނުވީތާކަށް ހަންކެޑެ ބްރިޖްމަތިން މޫދަށް ޑައިވްވެސް ޖެހިއެވެ. 

"ލައިޝް، ތިއުޅެނީ އަމިއްލައަށް މަރުވާންތަ؟ ފަތާކަށް އެނގެނީއެއްނޫން އެކަމަކު އެކަމެއް ނުވިސްނާ، ސިކުނޑީގެ ބަދަލުގައި ކޯންޗެއްތަ އޮތީ....." ދެވަނަފަހަރަށް ލައިޝާ ފުންމާލަން ތައްޔާރުވަނިކޮށް ކީވާ ކާރިއަށް ހުއްޓިފައި ދަތްތައް ވިކައިލިއެވެ. އޭރު އެދިމާލުން މޫދުގައި އައިދަން މައްޗަށް ބަލަހައްޓައިގެން އޮތެވެ. އެކަނި ނޫކުލައިގެ ސޯޓެއްލައިގެން އެ ޓޭން ހަށިގަނޑު އިޝްތިހާރުކޮށްލައިގެން އޮތްއިރު އަންހެންކުދިންގެ ހިތުގެ ވިންދު އަވަސްކުރުވާނެކަން ގައިމެވެ.

"ކިވީ، އިޓްސް ފަން، މިއުޅެނީ އާރމްބޭންޑް ނާޅާ ފުންމައިލަންވެގެން، ބިރުނުގަނެބަލަ، އެއިޑެން އަހަރެން ނަގާނަމޭ ބުނީމަ އަހަންނަށް ވަރަށް ޔަގީންކަން އޮތީމައޭ މި ފުންމާލަނީ. އޭނަ އަހަރެން ގެނބުނަކަ ނުދޭނެ......ވީޑިއޯ ކޮށްބަލަ.....ޕްލީޒް..." ލައިޝާ ގެ ޓީޝާޓާއި ޓައިޓްކޮޅު ގަޔާއި ތަތްލާފައިވާއިރު ކުޑަކުއްޖެއްގެ ފޯރިއާއި ޖޯޝުހުއްޓެވެ. ދެލޮލުގެ ވިދުވަރު އެހާ ގަދައެވެ. ކީވާ ހުރީ ތުންފިތާލައިގެންނެވެ. އައިދަންއަކީ ކުޅަދާނަ ފެތުންތެރިއަކަށްވިޔަސް އަދި ފަތަން ނުދަންނަކުއްޖަކު ސަލާމަތްކުރުން ފަސޭހަ ނުވެ ހިނގައިދާނެއެވެ. ފުންމާލާތަނުން ލައިޝާގެ ގައިގާ ނުހިފެހެއްޓިއްޖެއްޔާ ދެން ވާނެގޮތެއް ޚިޔާލުކޮށްލިޔަސް އޭނަގެ ގައިން ހީބިހިނަގައިގަނެއެވެ.

"ލައިޝް، މިއީ އަހަރެން ލައިޝްއާއި އެކު އަންނާނެ އެންމެ ފަހު ދަތުރު..." ކީވާ އިންޒާރުކުރިއެވެ. އެވަގުތު އެހެންލާފައި އައި ކަޅުކާރެއް މަޑުސްޕީޑެއްގައި ދަމުން އޭގެތެރޭގައި އިން ޒުވާނާ ލައިޝާއާއި ދިމާލަށް ވަރަށް ރަގަޅަށް ބަލައިލިކަމެއް ލައިޝާ އަކަށް ނޭގުނެވެ. ލައިޝާ ކީވާއާއި ދިމާލަށް އެނބުރި ހީލަމުން ކޮންމެވެސް އެއްޗެކޭ ކިޔާފައި ކުއްލިއަކަށް ފުންމާލައިފިއެވެ. ފެންގަނޑުގައި ޖެހުމާއިއެކު އައިދަން ވަޢުދުވިފަދައިން މަޑުމަޑުން ލައިޝާއާއި ދިމާލަށް އަތްދިއްކޮށްލާފައި ކިރިޔާ އެއަތުގައި ހިފުނުކަމެވެ. ކުޑަކޮށްވެސް ލަސްވިނަމަ ލައިޝާ ބިރުން ތެޅިގަންނާނެކަން ކީވާއަށް ޔަގީނެވެ. ކީވާ ހީކުރީ އައިދަން ލައިޝާ އާއި ގައިގޯޅިވާނެ ކަމުގައެވެ. ލައިޝާ ނަގާނަމޭ ބުނީމަ ކީވާ ޔަގީންކުރީ އައިދަން އެހެން ނިޔަތެއްގައި ދެއްކި ވާހަކައެއްކަމެވެ. އައިދަން ލައިޝާ ގެ އަތުގައި ހިފައިގެން މަޑުމަޑުން ހާވަމުންގޮސް ލައިޝާގެ އިސްކޮޅުޖެހޭ ހިސާބަށް ގެންދިޔައެވެ.

ކީވާ އަޖައިބުވަނީ އޭނައަށް އައިދަން އާއި ލައިޝާ އެކީގައި އުޅޭތަން ފެނުމުން ހިތަށް ބާރުކުރާތީއެވެ. ކޮއްކޮއާއި ހަސަދަވެރިވާކަށް ކީވާ ބޭނުމެއްނޫނެވެ. ނަމަވެސް އައިދަންއާއި ލައިޝާ އެހާ އެކުވެރިކޮށް އުޅޭތަން ފެނުނީމަ ހިތަށް ތޫނު ކަށިތަކެއް ހެރޭހެން ހީވެއެވެ. އޭނައަށް އެހާ މަޖާކޮށް ނޫޅެވެނީ ކީއްވެހެއްޔެވެ؟ އައިދަން އޭނައާއި އެހާ ދުރުން އުޅެނީ ކީއްވެހެއްޔެވެ؟ ހިތަށް ތަދުވެގެންގޮސް ބައެއްފަހަރު ލޮލަށް ކަރުނަ އަންނަން އުޅުނީމަ ކީވާ ގަދަކަމުން ކަރުނަތައް ދިރުވައިލުމުގައި ކާމިޔާބުކުރެއެވެ. މި ދަތުރުވެސް ވީ ކީވާގެ ހިތަށް އިތުރު ހިތްދަތިކަމެއް ގެނެސްދިން ދުވަހަކަށެވެ. އައިދަން ހުރިހާ ވަގުތެއްހެން ހޭދަކުރީ ލައިޝާއާއި އެކުގައެވެ. ލައިޝާއަށް ފެންމަތީގައި އޮންނަން އައިދަން ދަސްކޮށްދިނެވެ. އެކީގައި ބޯޅަކުޅެހެދިއެވެ. ކާންވެގެން ގޮނޑުދޮށުގައި އިށީދެލައިގެން ތިބީވެސް ދެލޯބިވެރިންހެން ގާތުގައެވެ. ޒުބްދާ އިނީ އެމަންޒަރު ފެނުމުން ހިނިއައިސް ހަލާކުވާވަރުވެފައެވެ. އެ ޚަބަރު ލިބުމުން މަންމަ އުފަލުން އުދުއްސައިގަންނާނެއެވެ. 

ކީވާ އާއި ލައިޝާ އެކީގައި އުޅެބޮޑުވިޔަސް ދެކުދިން ވިސްނާގޮތް އިންތިހާއަށް ތަފާތެވެ. ލައިޝާ ކޮންމެކަމެއް ޕޮޒިޓިވްކޮށް ނަގާތީ ކޮންމެ ފަދަތަނަކަށް ދިޔަސް އުފާވެރިކޮށް އުޅެވެނީއެވެ. އަބަދު ހިނިތުންވުންތަކުން އެހެން މީހުންވެސް އުފާކުރުވައެވެ. ކީވާ ހުންނަނީ އަބަދުހެން ދެރަވެ ފިކުރުބޮޑުވެފައެވެ. ކޮންމެވެސް ނުބައިކަމެއްވާން އުޅެނީކަމަށް ހިތަށް އަރާވަރުން ހިތަށް މާބޮޑު ހަމަޖެހުމެއް ނުލިބެއެވެ. ލޯ ތަޅުވާންފެށީމަ ކީވާ ދެކެނީ މީހެއްގެ މަރުގެ ޚަބަރު ލިބެނީކަމަށެވެ. ލޯގަނޑެއް ތެޅުނަސް، ބުޅަލެއް ކުރި ކަނޑާލިޔަސް ކީވާ ބިރުން އަވަދިވާވަރުވެއެވެ. ސުޕަރސްޓިޝަސް ވެފައިވާވަރުން އެފަދަ ކޮންމެކަމަކަށް ކީވާ ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.

އެދުވަސްކޮޅު ލައިޝާ ހުންނަނީ މަންމަގެ ޚަބަރެއްނުވެގެން ނުތަނަވަސްވެފައެވެ. ސަލްމާ ބުނަނީ މަންމަމެން ޝިމްލާ ހިސާބުގައި އުޅޭތީ ރޭންޖް ނުލިބެނީ ކަމުގައެވެ. ލައިޝާ ދޭތެރެއަކުން މަންމަގެ ފޯނަށް ގުޅައެވެ. އެހެން އުޅެނިކޮށް ޚަބަރު ލިބުނީ މަންމަމެން ވޯޓަރފޯލް ބަލަން ދިޔަގޮތަށް ޚަބަރެއް ނުވެގެން އުޅޭ ވާހަކައެވެ. އެ ޚަބަރުލިބުމުން ކީވާ ސަކަރާތްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ. ލައިޝާ ރުއީ ސިއްރުން ކޮޓަރީގައި އިނދެގެންނެވެ. އެހެންމީހުންނަށް ކަރުނަތައް ދެއްކުމަކީ ލައިޝާ ކުރާހިތްވާކަމެއް ނޫނެވެ. ހިތްވަރުގަދަ ކޮށްލާފައި ލައިޝާ ކީވާގާތުގައިވެސް ބުނީ ރަގަޅުގޮތަކަށް ވިސްނުމަށެވެ. މަންމައަށް ހެޔޮ ދުޢާކުރުމަށެވެ. ލައިޝާ އެހެން ބުނިކަމުގައިވިޔަސް ކީވާ އެކަން ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ފަރުބަދަމަތީގެ ފައްވާރާތަކުން އޮޔާދާމީހުން ސަލާމަތްވުމަކީ މުއުޖިޒާތެކެވެ.

ދިރިއުޅުން ކިތަންމެ އޮމާންކޮށް ދަމުންވެސް ކުއްލިއަކަށް އިނގިލާބެއް އައުމަކީ ނުވާނެކަމަކަށް ބަލާކަށް ނުވާނެއެވެ. ސަލްމާމެންގެ އުފާވެރި ދިރިއުޅުމަށްވެސް އެފަދަ ބަނަ ދުވަސްތަކެއް އައީ އެނގުމަކާއި ނުލައެވެ. މިވީހާތަނަށް ޒުބްދާގެ ފިރިމީހާ ލޯނުނަގައިގެން އުޅެނިކޮށް އެންމެ ފަހުން ދަރަނިވެރިވެ ސަލާމަތްނުވާ ހިސާބަށް ދިޔުމުން އޭނަ ރެސްޓޯރެންޓް ވިއްކާލައިފިއެވެ. އަދި އެދުވަސްކޮޅު ޒުބްދާގެ ދަރިއަކަށް ކެންސަރު ޖެހިގެން ލާރި ބޭނުންވެގެން އައިދަން އަމިއްލަ ގެ ކަމަށްވާ "ރެއިންލޮޖް"ވެސް ހަތަރުލައްކަ ރުފިޔާއަށް މާލޭ މީހަކަށް ވިއްކާލާފައި އޭނަގެ ލޯބިވާ ދޮންތައަށް އެ ފައިސާ ހަދިޔާކުރިއެވެ. ސަލްމާމެންނާއި ދިމާވި ކޮންމެކަމެއް އޭނަ ގުޅުވީ ކީވާގެ ސުންޕާކަމާއި އެވެ. އެކުއްޖާ އައުމަށްފަހު އެމީހުންގެ އުފާތައް ހީވީ އަލިފާނަށް ލެވުނުހެންނެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ. އެންމެފަހުން ހަމީދުގެ ހިތުގެ މައްސަލަ މާ ބޮޑުވާންފެށުމުން އައިދަން އޭނަގެ ކާފައާއި މަންމަ ގޮވައިގެން އިންޑިއާއަށް ފުރިއިރު ލައިޝާމެންވެސް މާލޭގައި ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސައިދިނެވެ. ތިންކޮޓަރީގެ އެޕާޓްމެންޓެއް ހިފާފައި ލައިޝާއާއި ކީވާއަށް އެއްކޮޓަރި ދިނީ ސަލްމާމެން މާލެއަޔަސް އަނެއް ދެ ބައިގާ އުޅޭގޮތަށެވެ. ކާފަ އެހާ ބަލއިރު ރަށަށް ގެންދިޔުމުގެ ބަދަލުގައި މާލޭގައި މަޑުކުރުވަން އައިދަންވަނީ ނިންމާފައެވެ.

އެހެންމީހުންނަށް ބުރައަކަށް ވެގެން ތިބުމުގެ ބަދަލުގައި ދެކުދިންވެސް ވަޒީފާ ހޯދަން އެތަން މިތަނަށް ސިޓީލައިފިއެވެ. އޭރުން އެޕާޓްމެންޓްގެ ކުލިދައްކައި އަމިއްލައަށް ކައިބޮއި އުޅެވޭނެތާއެވެ. ކީވާގެ ލޮލުން އަބަދުހެން ފެންނަނީ ވަރުބަލިކަމާއި ހިތާމައިގެ އަސަރުތަކެވެ. ލައިޝާގެ މަންމައަށް އެފަދަ ހިތާމަވެރި ހާދިސާއެއް ދިމާވުމަށްފަހު އޭނަ މުޅިން ބަދަލުވެ ހަރު އަންހެންކުއްޖަކަށްވެ ދިރިއުޅުމުގެ ޒިންމާނަގާފަދަ ރަގަޅުކުއްޖަކަށްވިއެވެ. ކީވާލައްވާ ހުރިހާ މަސައްކަތެއް ކުރުވުމުގެ ބަދަލުގައި އަމިއްލައަށް ކަންތައް ދަސްކުރަންފެށިއެވެ. ކެއްކުމަކީ އެހާ ގަޔާވާކަމެއް ނޫންކަމުން އެ ފަދަކަންތައް ދަސްކުރަން ވަގުތުވެސް ނަގާނެކަން އޭނައަށް އެނގެއެވެ. އަދި މަންމަ ގެއްލުމުގެ ހިތާމަތައް ހިތުގައި ފޮރުވައިގެން ހުރެ ކީވާ ހަމަޔަށް އެޅުވުމުގައި ލައިޝާވަނީ ކޮންމެވެސް ވަރަކަށް ކާމިޔާބުކޮށްފައެވެ.

މާލެއައިތަނާހެން ލައިޝާގެ ބައްޕަ ޝަދީންވަނީ ލައިޝާއަށް އެހާ ހިތްދަތިވާކަހަލަ ޚަބަރެއްދީފައެވެ. ބައްޕަގެ ގެ ރަހުނެއްގެ ގޮތުގައި ބޭންކުގައި ބަހައްޓާފައި އެހެންބަޔަކުލައްވާ ގެއަޅުވަން ހަވާލުކުރިގޮތަށް އެމީހުން ބަނގުރޫޓުވީއެވެ. ކަނޑައެޅި މުއްދަތަށް ލާރި ނުދެއްކުމުން ޝަދީންގެ ގެވަނީ ނީލަންކިޔާ ހިސާބުގައެވެ. އެއީ ލައިޝާ އެހާ ފަރުވާލެއްނެތް ކަމަކަށްވިޔަސް އޭނަގެވެސް މުސްތަގުބަލުގެ އެއް އުއްމީދެވެ. ބައްޕަގެ ގެއިން އެންމެ ކޮޓަރިއެއްހާ މިންވަރުލިބުނަސް މާލެއިން ބޯހިޔާވަހިކަމެއް ލިބިދާނެއެވެ. ނަމަވެސް އެގެ ނީލަން ކިޔައިފިއްޔާ އުއްމީދުގެ ހުޅުކޮޅު ނިވެގެންދާނެއެވެ. އޭނަ ހާލުގައި ޖެހިދާނެއެވެ. ބައްޕައަށް އެހާ ލާރިދޭނެ މީހަކުހުރިނަމައެވެ. ޝަދީން އެވާހަކަ އަސަރާއިއެކު ކިޔައިދިނުމުން ލައިޝާ ދެރަވިއެވެ. ބައްޕައަށްޓަކައި އޭނަ ދުޢާކުރީ ހުރިހާކަމެއް ރަގަޅުވުމަށެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެއެވެ. ލައިޝާ އެއްގޮތަކަށްވެސް އުއްމީދު ކަނޑާލާކަށް ބޭނުމެއްނޫނެވެ. އެގެ ނީލަމަށް ލާން ޖެހިއްޖެ ދުވަހެއްގައި އެގެ ގަންނާނެ މީހަކީވެސް ނަސީބުވެރިޔެކެވެ. ލާރި ހުރިއްޔާ ނުވާނީ ކޮންކަމެއްހެއްޔެވެ؟ އެފަދަ ކިތަންމެ ގެ ގަނެލެވިދާނެ މަހުޖަނުން ރާއްޖޭގައި އެބައުޅެއެވެ.

ލައިޝާ ހެނދުނު ހޭލެވުނުއިރު ކުޑަދޮރުގެ ފަރުދާތައް ކަހާލާފައިވާތީ ދޮރުކާރީގައި ހުރި އޮފިއެލޭ ބޮޑުގަސް ރީއްޗަށް ފެނެއެވެ. އެފަތްތަކުގެ ދޭތެރެއިން އިރުގެ ދޯދިތައް ފުރާނާލާފައި ކޮޓަރިތެރެއަށް ފަތުރާފައިވެއެވެ. ލައިޝާ ގަޑިބަލައިލިއިރު ހެދުނު ހަތެއްޖަހައިފިއެވެ. ގަޑިއަށް އޮފީހަށް ތައްޔާރުވާންޖެހޭނެތީ ލައިޝާ އަވަހަށް ފެންވަރާލައިގެން ތައްޔާރުވާންހުރިއިރު އޭނަގެ ހިތްވަނީ އިންތިހާއަށް އަވަސްވެފައެވެ. މިފަދަ ރަސްމީ ވަޒީފާއަކަށް އަލަށް ދާންވުމުންނާއި އާ މީހުންނާއި ބައްދަލުވާން ޖެހުމުން މިހެން ނުވާންވީ ކީއްވެހެއްޔެވެ؟ ލައިޝާ ތައްޔާރުވެލީ އާދައިގެ ގޮތަކަށެވެ. އޮފީހަށް ދާ ހެދުން މާ ގޮތްބޮޑުވެއްޖެއްޔާ މައްސަލަޖެހިދާނެކަން ނޭގެއެވެ. ކަކުލުން މައްޗަށް އޮތް ހެދުމަކާއި ކަޅުކުލައިގެ ސްކިނީއެއްލާފައި އިސްތަށިގަނޑު މައްޗަށް އައްސާލާފައިއޮތްއިރު އެހާ ރީއްޗެވެ.

"ލައިޝް، ބަލަ ކުޅިވަރުން ލިބިފައިހުރި ސެޓްފިކެޓް އެއްޗެހިވެސް ގެންދާންޖެހޭތަ؟" ކީވާ މޭޒުމަތީގައި އޮތް ފައިލް ބަލައިލިއިރު އުފަންދުވަހުގެ ސެޓްފިކެޓުން ފަށައިގެން ނެތް އެއްޗެއް ނެތެވެ.

"އެތަނުން ގުޅާފައި ބުނީ އަދި ހުރިހާ އެއްޗެހި ގެންނާށޭ، އެމީހުންނަށްދިން ކޮޕީތައް ގެއްލުނީކަން ނޭގޭ، ކިހާ ފަރުވާކުޑަ، ޑަބަލް ވޯކްކުރަން މިޖެހުނީ، އަލުން ހުރިހާ އެއްޗެއްގެ ކޮޕީހަދައިގެން ދާން ޖެހުނީމަ ވަރަށް ފޫހި، އަހަރެން ދިޔައިމަ ހުރިހާކަމެއް ޗޭންޖްކުރާނަން......" ލައިޝާ ހިނިތުންވެލާފައި ސެންޓްފުޅިން ސެންޓު ޖަހައިލުމުން މުޅިތަނުގައި ލުއި މީރުވަހެއް ހިފާލައިފިއެވެ.

"ލައިޝް ދިޔައިމަ އަހަރެން ވަރަށް ލޯންލީވާނެ، އަހަންނަށް ޖޮބެއް ނުލިބޭނެކަން ޔަގީން........"ކީވާ ސައިތަށި ގިރަންފެށިއެވެ. ތިންކޮޓަރިން ނިކުމެވެނީ އެގޭގެ ސިޓިންރޫމާއި ބަދިގެފަދައިން ބޭނުންކުރާ ބަޔަށެވެ. އެވަރޓަންފަދައިން ކާކޮޓަރި އަދި ބަދިގެ ވަކިން ހުރީމަ ހިތްފަސޭހަވަރު ކީވާ އަދި ލައިޝާ ވަނީ ތަޖުރިބާކޮށްފައެވެ.

"އެއްކަލަ ކިވީ.......ޕްލީޒް ނޯ ނެގެޓިވް ތިންކިން. ކިވީގެ އިސްކޮޅު އެބަހުރި، ކެބިން ކްރޫއަކަށް ވެވިދާނެ......." ލައިޝާ ހަށަން ބަދެލިއެވެ. ކިތަންމެ ވަރަށް ވިސްނައިދިނަސް ކީވާގެ އެ ވިސްނުން ބަދަލުނުކުރެވޭނީބާވައެވެ.

"ނޫން ނޫން ނުކެރޭނެ...." ކީވާ ވަގުތުން ދެކޮޅުހެދިއެވެ.
"ކިވީއާއި ގުޅޭ ޖޮބެއް ބުނަންތަ؟ "ލައިޝާ ސީރިޔަސްވިއެވެ.
"ބުނެބަލަ..." ކީވާ ޝައުގުވެރި ނަޒަރަކުން ލައިޝާގެ މޫނަށް ބަލައިލިއެވެ.
"ހައުސްވައިފް އަކަށް ވާނީ، އެއަށްވުރެ ކިވީއާއި ގުޅޭނެ ޖޮބެއްނެތް...." ލައިޝާ އެހެން ބުނުމުން ކީވާ ނުރުހުންވީ ކަމަށް ހެދިފައި އެކަމާއި ދެކޮޅުހެދިއެވެ. ލައިޝާ ސައިބޮއިގެން އަވަހަށް ދާންވެގެން ގަޑިބަލައިލި އިރު ބާކީ ހުރީ އެންމެ ފަނަރަވަރަކަށް މިނިޓެވެ. ލައިޝާ އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލައިގެން ފައިލު ހިފައިގެން ނިކުމެގެން ދުއްވައިގަތުމާއިއެކު ގޮސް މީހެއްގެގައިގާ އަޅައިގަތްގޮތަށް ދެމީހުންގެ އަތުގައިވާ ފައިލް ތަޅުންމައްޗަށް ވެއްޓި ކަރުދާސްތައް އުދުހިގަތްތަން ފެނުމުން ލައިޝާ އަށް ފުރަތަމަވެސް ބަލައިލެވުނީ އެމީހާގެ ފަޔަށެވެ. ދެމީހުންނަށް ގުދުވެވުނީވެސް އެކީގައިކަމަށްވާތީ ބޯ ބާރަކަށް ޖެހުމުން "ސޮރީ" އޭ ބުނަމުން ލައިޝާ އަށް އިސްއުފުލައިލެވިއްޖެއެވެ. ދާދިކާރިން ބަލައިލެވުނީ ކަޔާންގެ ދެލޮލަށެވެ. އެއާއިއެކު ލައިޝާއަށް ހީވީ ހިތުގެ ހިގުން ހުއްޓުނުހެންނެވެ.

ދެމީހުން އެއްޗެކޭ ނުބުނެ ތިބެ އަވަހަށް އެމީހެއްގެ ލިޔުންތައް ހޮވަން ތިބިއިރު ލައިޝާގެ މޫނު ރަތްވެގެންގޮސް ހީވަނީ އަލިފާންގަނޑެއްހެންނެވެ. ހިތް އަވަސްވެގެން އިނގިލިތައްވެސް ތުރުތުރުލައެވެ. ލައިޝާ ލިޔުންތައް އެއްކޮށްލުމަށްފަހު ދުވަމުންގޮސް ލިފްޓަށް އެރިއިރު ހާސްވެފައިވާވަރުން ހީވީ ކޭޓޫ ފަރުބަދައަށް އަރާފައި އައިހެންނެވެ. މާނޭވާތައް ލެވެމުން ދިޔައިރު އޭނަ މޭގައި ފައިލް ޖައްސާލައިގެން ހުރެ ހިތް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. ގުދުރަތުގެ ސަމާސާ އާއި މެދު ހައިރާންވިއެވެ. ދެމީހަކު ބައްދަލުވާން ވެއްޖެއްޔާ ކޮންމެފަދަ ސަބަބެއްވެސް މެދުވެރިވެދާނެއެވެ. އަނެއްކާ ކަޔާންވެސް އުޅެނީ މި އެޕާޓްމެންޓްގައި ހެއްޔެވެ؟ އެހެންވެއްޖެއްޔާ ދެން ވާނީ ކިހިނެއްބާވައެވެ. ލައިޝާގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ. އިރުއެރުމާއިއެކުހެން ކަޔާން ފެނުނީތީ މުޅި ދުވަސް ރީތިވެގެންދާނެ ކަމަށް ނިންމިއެވެ.

ލައިޝާ އޮފީހަށްވަންއިރު އޭނަ ހުރީ ތަންކޮޅެއް ނޭވާ ހަމަޔަކަށް އެޅި ހިނިތުންވެލައިގެންނެވެ. ރިސެޕްޝަނުގައި ތިބި ދެއަންހެންކުދިން ވަރަށް އެކުވެރިކަމާއި އެކުގައި ލައިޝާއާއި ވާހަކަދެއްކި ނަމަވެސް އެކުދިން ލައިޝާއަށް ބަލަމުން ދިޔައީ ތަފާތު ނަޒަރަކުންނެވެ. މިހާ ރީތި އަންހެންކުއްޖަކު އައުމުން އެކުދިންގެ ހިތުގައި ކޮންމެވެސް ކަހަލަ ބިރުވެރިކަމެއް އުފެދުނެވެ. ނަމަވެސް ލައިޝާގެ ޅަކަމާއި، ކިޔެވުމުގެ ފެންވަރު އެހާ ރަގަޅުނޫންވީމަ ފަހަރެއްގައި އިސްވެރިޔާވެސް އެކަން ވިސްނަވާނެއެވެ. އޭނައާއި އެކަށީގެންވާ އަންހެންކުއްޖެއްގެ ގޮތުގައި ބަލައިގަންނާނެ ކަމެއް ނޭގެއެވެ. އޮފީސްތަންތަން ބަލައިލަން އެކުދިން ލައިޝާ ގޮވައިގެން ބުރެއް ޖަހާލިއެވެ. ވެރިމީހާގެ ކެބިންއަށް ވަދެފައި ލައިޝާ ގެ ގާތުގައި "ސަރ ދުރުވަންދެން އިންނާށޭ" ބުނުމުން ލައިޝާ ކަންބޮޑުވާންފެށިއެވެ.

"ފިރިހެނެއްތަ؟ "މިގޮތަށް އެކަނި ފިރިހެނަކާއިއެކު ކެބިންގައި އުޅެމުން އެމީހުން ނާޖާއިޒު ފައިދާ ނަގާ ވާހަކަ ދައްކާތީ ލައިޝާ ބިރުގަތީއެވެ. ލައިޝާ މައުސޫމްގޮތަކަށް ދެލޯ ބޮޑުކޮށްލާފައި އެކުދިން ގާތުގައި އެދުނީ އޭނަ ސަރ އާއި ވާހަކަދައްކާއިރު އެކުދިން އޭނަގެ ގާތުގައި މަޑުކޮށްލަދިނުމަށެވެ. އެކަނި ބަންދުތަނެއްގައި އިންނަން އިތުބާރު ކުރެވޭނީ ކާކަށް ހެއްޔެވެ؟

"ސަރ ވަރަށް ރަގަޅުވާނެ، އަންހެންކުދިންނާއި ދިމާލަށް ބަލައިލުންވެސް މަނާކަން ނޭގޭ، ހާސްނުވޭ. ލައިޝާ ހާދަ ބިރެކޭ ތިގަންނަނީ. ހީ ވިލް ނޮޓް އީޓް ޔޫ އިނގޭ..........." އާފްރާ ހީކުރީ ލައިޝާ ތުއިވަނީ ކަމުގައެވެ. އާފްރާ ރުޅިއައިނަމަވެސް އެކަން ދައްކައިނުލާ ވާހަކަދެއްކީ ސަމާސާ ގޮތަކަށެވެ.

"އެހެނެއްނޫނޭ، އަހަރެންގެ ފަރސްޓްޓައިމްވީމަ......." ލައިޝާ އޭނައަށް މިވާން ފެށިގޮތަކާއި މެދު ހައިރާންވިއެވެ. މިވީހާތަނަށް އޭނަ ހަޔާތުގެ ކޮންމެ ކަމަކާއި ކުރިމަތިލާފައިވަނީ ވަރަށް ކެރިގެންނެވެ. ލޯބިވާ މަންމަ ވީނުވީތަނެއް ނޭގިފައި، ބައްޕަގެ ގެދޮރު ގެއްލިގެންދިޔައިރުވެސް އޭނަ ހިތްވަރުކުރިއެވެ. މިހާ ޅައިރު އެކަނިމާއެކަނި ދުނިޔެއާއި ކުރިމަތިލާން ޖެހުނީމަވެސް އޭނަ ހުރީ ވަރުގަދަ އަޒުމަކާއިއެކު ކުރިއަށް ދާށެވެ. ނަމަވެސް އެންމެ ފަހުން ފިނޑިވާން ފެށީހެއްޔެވެ؟

"ހެހެ ކޮންމެ ކަމަކަށްވެސް ފަރސްޓް ޓައިމެއްވާނެ ދޯ، ކަނޑުވީމަވެސް އިރުކޮޅަކުން ބިރުކެނޑިދާނެ، ސަރ ކުޑަކޮށް ހަރުކަށިގޮތެއް ހުއްޓަސް ސްޓާފުންނަށް ހެޔޮވާނެ. ސްޕެޝަލީ ތިހާ ކުޑަކުއްޖެއްވީމަ އޭނަގެ ސިސްއެއްގެ ގޮތުގައި ބަލާނީ، އެކަމަކު ރަގަޅަށް ވޯކްކުރަންވާނެ އިނގޭ......." ސަނާ ކޮންމެވެސް ވަރަކަށް ލައިޝާއަށް ކިޔާދީފައި އެތަނުން ނުކުތުމުން ލައިޝާ އެކުދިން ދެއްކި ގޮނޑީގައި އިށީދެ ވެރިޔާއަށް އިންތިޒާކުރަން ފެށިއެވެ. ބައިގަޑިއެއްހާއިރު ފަހުންކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑުއިވިފައި ލައިޝާ ގޮނޑިން ތެދުވުމާއިއެކު ލިބުނު ހައިރާންކަމާއިއެކު ދެލޯބޮޑުކޮށްގެން ބަލަން ހުރެވުނީ މޮޔައެއް ފަދައިންނެވެ.

ކޮމެންޓް 0