އަޒީޒުއްދީން ކެބިންއަށް ވެންނެވުމަށްފަހު ފުރަތަމަވެސް ކަޔާން ގެންގޮސްގެން ކޮންމެވެސް ވާހަކަތަކެއް ދެއްކެވިކަން ލައިޝާއަށް އެނގުނެވެ. ތަނުގެ އިސްވެރިޔާގެ ހައިބަތާއި ގަދަރު ފެނުމުން ލައިޝާއަކަށް އެހާ ތަފާތު އިހުސާސެއް ކުރެވި އެހެން މުވައްޒަފުން ފަދައިން ކަންބޮޑުވާގޮތެއް ނުވިއެވެ. ލައިޝާ އަށް އިތުރު މީހެއްގެ ރުހުން މުހިއްމެއް ނޫނެވެ. ލައިޝާ ދެކޭގޮތުން ކަޔާންގެ ރުހުން ލިބެނިކޮށް މިތަނުގައި ދާއިމީކޮށް ހުރުމަކީ މާ ބޮޑުކަމެއް ނޫނެވެ.

އަޒީޒުއްދީންގެ ކެބިން އިން ނިކުތްގޮތަށް ކަޔާން ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައި ހުރިކަން ލައިޝާއަށް އެނގުނީ އެ ރީތި މޫނުގައިވާ ކުލަވަރުންނެވެ. އަދި މަޑުކޮށްނުލާ ނިކުމެގެން ދިޔަތަން ފެނުމުން ލައިޝާގެ ހިތުގައި ބިރުވެރިކަމެއް ހިނގާލައިފިއެވެ. ކަޔާން އެގޮތަށް ނުރުހިގެން ދިޔުމަށްފަހު އޭނަގެ މުޅި ދުވަސް ބަރުބާދުވެދާނެތީ ލައިޝާ ކެތްނުކުރެވިގެން ހުރެ ކަޔާންގެ ފޯނަށް މެސެޖްކޮށްލައިފިއެވެ.

"ސަރ...އެވްރީތިން އޯލްރައިޓް؟ " ލައިޝާގެ ސުވާލަށް ޖަވާބެއް ނުލިބުނީމަ ލައިޝާ މޮޅިވެރިވެގެން ދުވަހުގެ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާން ފެށިއެވެ. ލައިޝާއަކީ އުފާވެރި މިޒާޖުގެ ކުއްޖަކަށްވެފައި ކުރާހިތުން ކުރާ ކަމަކަށްވިޔަސް ކަޔާން މިފަދަ ކޮންމެ ކަމަކަށް ނުފޫޒު ފޯރުވަނީއެވެ.

"ޕްލީޒް ސޭ ސަމްތިން....." ލައިޝާ އެގޮތަށް ފަހަރަކު މެސެޖެއް ފޮނުވާން ފަށާފައި ފަހުން ލަދުގަންނަގޮތްވިއެވެ. ކަޔާން އެންމެ ފަހަރަކު އެޕާޓްމެންޓަށް ދަޢުވަތު ދިނީމަ ކަޔާންގެ ހިތުގައި އެއްޗެއް ވާ ކަމަށް އަދި ޤަބޫލުކުރާކަށް ގާތެއް ނުވެއެވެ. ނަމަވެސް ލައިޝާގެ ހިތް ނަގާފައި ކަޔާންއަށް ދެއްކޭނެ ނަމައެވެ. ލައިޝާ އެންމެ ފަހުން އެކަނިވެގެން ތިރީ ބަޔަށް ދިޔައިރު އާފްރާއާއި ސަނާ ދައްކަންތިބި ވާހަކައަކީ އަޒީޒުއްދީނުގެ ވާހަކައެވެ. އެކުދިން ލައިޝާގެ ގާތު ބުނިގޮތުގައި ކަޔާންއަކީ ނަމެއްގައި ނަމަވެސް އަޒީޒުއްދީނުގެ ދަރިއެކެވެ. އެ ދެ ބަފައިންގެ ގުޅުން އެހާ ރަގަޅު ނޫންވީމަ އެކަމުގައި ސިއްރެއްވާކަމަށް އާފްރާ ބުނެލީ ވަށައިގެން ހޯދާލާފައެވެ.

"ވަޓް ޑޫ ޔޫ މީން..." ލައިޝާ ކައުންޓަރުގައި އަތް އަޅުވާލައިގެން ހުރިއިރު އެ ރީތި ދެލޮލުން ޝައުގުވެރިކަމެއް ފެނުނެވެ. ކަޔާން އާއި ބެހޭގޮތުން އެއްޗެއް ނޭގިފައި ހުއްޓާ މި ލިބުނު ޚަބަރަކުން އޭނަގެ ހިތުގެ ވިންދު ރޭހެއް ޖައްސުވާލައިފިއެވެ. އޭސީގެ ފިނިކަމުގައިވެސް ހޫނުވެ، ސިކުނޑިއަށް ވާންވެލިހެން ހީވިއެވެ. ކަޔާންއަކީ މުއްސަންޖެއްގެ ދަރިއެއްކަމަށް އޭނަ ގަބޫލެއް ނުކުރާނެއެވެ.

"މުއްސަދިވީ ވަރަކަށް ސިއްރުތައް ގިނަވާނެ ލައިޝް، އަޒީޒުއްދީނުގެ އަނބިކަނބަލުން ފަހަރެއްގައި ކާރުގެ ޑްރައިވަރާއި ގުޅުން ހިންގާފައި އޮވެދާނެ، އެހެންނޫނަސް އަޒީޒު އަބަދު އުޅުއްވަނީ އެތަންމިތާގައި ދަތުރުކުރެއްވުމުގައި ވީމަ އަހަންނަށް ހީވާ އެއްޗެއް ބުނެލީ، ނޫނީ ދަރިން ނުލިބިގެން ބޭރު ގައުމަކުން ދަރިއަކު އެޑޮޕްޓްކުރީ ކަމަށްވާނީ، ސަރ ބިޔަކަމާއި އިސްކޮޅު ދިގުކަމުން ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެއް ނު........." އާފްރާ ކިޔާދިނެވެ.

"ކަޔާން ސަރ އޭނަގެ ބައްޕައާއި ގުޅުމެއް ނޯވެއޭ ތިބުނީ ކީއްވެތަ؟ " އޭރުވެސް ލައިޝާއަށް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެނީ އެންމެ މީހެއްގެ މެސެޖަށް ނައިސްގެންނެވެ. އެހާ އިންތިޒާރުގައި ހުއްޓާ އެހެން މީހެއްގެ މެސެޖެއް އައުމުން ލައިޝާގެ ބުމަ ކާރިކޮށްލެވެއެވެ.

"ސަރ އޭނަގެ ބައްޕައާއި އެހާ ގުޅުމެއް ނޯންނަކަން އަހަރެމެންނަށް އެނގޭ، އެހެންނޫނަސް ސަރ ޖޮއިންވީ ދާދި ފަހުން. ޔޫ ނޯ ވަޓް، އަހަރެމެންގެ ސީއީއޯއަކަށް އަޒީޒުގެ ދޮށީ ދަރިފުޅު ވަރަށް އަވަހަށް ވާނެކަމަށް އެބަކިޔާ، އަޒީޒު ރިޓަޔަރ ކޮށްލައްވަނީ އަބިކަނބަލުންނަށް ވަގުތު ދެއްވަން ނޫންކަމެއްވެސް ނޭގޭ، ކަޔާން ސަރ ފޮނިކަމުން މަ އެންމެ ރުޅި އަންނަނީ، ލައިޝްއަށް ހާޓްވެދާނެތީ ރަނގަޅަކަށް ބުނާ އެއްޗެއް މިއީ، ކަޔާން ސަރގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ނުކުރާތި، އެނގޭތަ؟ އަހަރެމެން ގާރލްސްއިންނާއި އޭނަ ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނާނެ، އަދި މި އޮފީސް ކޮމޮން އޭރިއާއަކަށްވެސް އޭނަ ނުވަންނާނެ، މިބުނީ އަހަރެމެންނާއިއެކީ ސަޔަށް ޓީ ރޫމަށް ވަދެއްޖެއްޔާ ކީއްތަވާނީ، ފޮނި މީހަކީ ކަން ނޭގޭ. އަހަރެމެންނާއި ގާތްވެލީމަ އޭނަގެ މޮޅުކަން ކިލަބުވެދާނެތީ........." ބޮޑު އައިނެއް އަޅާފައި ހުންނަ ސަނާ އެ ވާހަކަތައް ދެއްކީ ލައިޝާއަށް ކޮންމެހެން އެހާ ހެޔޮއެދިގެނެއް ނޫނެވެ. ކަޔާން އެމީހުންނާއި ބައިވެރި ނުވުމުގެ އަމިއްލަ ސަބަބެއް އޮވެދާނެކަން އެކުދިން ގަބޫލުކުރާއިރު ލައިޝާގެ ހިތަށް ވައްދައިދޭން ބޭނުންވީ އަދި އެހެން އެއްޗެކެވެ.

"އަހަރެން ކަމަކަށް އެކްސްޕެކްޓް ކުރަނީއެއް ނޫނޭ....." ލައިޝާ ކަންބޮޑުވެފައިވާ ގޮތަކަށް ހީލިއެވެ.

"އަހަރެމެންނަށް އެނގޭ ލައިޝްވެސް ތިހުންނަނީ އޭނަ ފެނުނު ފަހުން ހިތްކިޔާފައިކަން، އެހާ އޮބްވިއަސް ކޮށް އެނގޭއިރު ލައިޝްވެސް ދޮގު ނަހަދާ. ހީޒް އައުޓް އޮފް ޔޯރ ލީގް ލައިޝް. މަގޭ ބަހެއް އަޑު އަހަންޏާ ސްޓޭ އެވޭ...." ސަނާ ލޮލަށް ގޮތެއް ހަދައިލިއެވެ. އެވަރުންވެސް ސަނާމެން އަންހެންކުދިންގެ ހިތުގައި ލައިޝާއާއިމެދު ހަސަދަވެރިކަން އުފެދި އެކަން ވިޔަނުދީ ހިތްވަރު ބަލިކޮށްލަން ދައްކާ ވާހަކައެއްކަން ލައިޝާގެ ސާފު ހިތަކަށް ނުވިސްނުނެވެ.

"އެމްޑީ ޕާސަނަލްކަމެއްގައި ނުގުޅާތަ؟ ހުރެފައި ހަމަ ބުނެލާނެ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް ހަދާށޭ، ޑިނަރއަކަށް ޓްރޭޑަރސް ތަނަކުން މޭޒެއް ބުކްކުރުވަންވެސް ބުނެދާނެ، އެ މީހުންގެ ފެމިލީ ރިޒޯޓަކަށް ދާން ބުކިން ހަދަން ލައިޝްއާއި ހަވާލުކުރާނީ، އެހެންގޮސް އެންމެ ފަހުން އަމުރުކުރާނެ އެކީގައި ނިދާލަން އަންނަން، ނުކުރާތި، އެއްގޮތަކަށްވެސް އެމީހުންގެ އަމިއްލަ ކަންތައްކޮށްދޭނެ ކަމެއްނެތޭ......" އާފްރާވެސް ބައިވެރިވެލިއެވެ. 

"އަހަންނަނީ ކަޔާން ސަރގެ ޕީއޭ ވީމަ ބުނި ކޮންމެކަމެއް ކޮށްދޭން ބޭނުން، އެކީގައި ނިދާލަން އަންނާށޭ ކަޔާން ނުބުނާނެ، އެހާ ޓްރަސްޓްކުރަން...." ލައިޝާގެ ހިތުގައި ހިނގާލި ޚިޔާލުތައް އެހެން މީހަކަށް ނާންގާ އެކަނި ހީލީއެވެ.

"ސީރިޔަސްކޮށް މި ބުނީ. ތަންތާ ބޮޑެތި މީހުންނާއިމެދު ވަރަށް ވިސްނަންވާނެ. އެމީހުން ލައިޝްކަހަލަ ކުދިންގެ ފަރާތުން އެޑްވާންޓޭޖް ނަގާނެ......" ސަނާ އާއި އާފްރާގެ ވާހަކަތައް ހުރިގޮތުން ކަޔާން އާއި ބެހޭ މާބޮޑު އެއްޗެއް އޮޅުން ފިލުވާކަށް ނުކެރުނެވެ. އެކުދިން ކަޔާންއާއި މެދު ދެކެނީ ބޮޑާ ވެރިއެއްގެ ގޮތުގައެވެ. އެމީހުން ކުރާ ކަންތަކުގައި ދަޢުވަތު ދިނަސް އުފަން ދުވަސްތަކުގައި ބައިވެރިވުމާއި، ދަތުރުތަކަށް ތަރުހީބެއް ނުދެއެވެ. ލައިޝާ އެވަރުން ހިތްވަރުދޫކޮށްލާފައި ނުވީކަމަށް ގަބޫލުކުރާހިތެއް ނުވިއެވެ. އާފްރާއާއި ސަނާ ރޯދައަށް ދަތުރު ދާ ވާހަކައާއި މާހެފުމުގެ ޕްރޮގްރާމެއް ބާއްވާ ވާހަކަ ދައްކާއިރަށް ހިތުން ވަޢުދުވީ މިފަހަރު ކޮންމެ ގޮތެއް ހަދާފައިވެސް ކަޔާން އެކަމުގައި ބައިވެރިކުރުމެވެ. ކަޔާންއާއިމެދު އޮފީސް މުވައްޒަފުން ދެކޭގޮތް ބަދަލުކުރަން އޭނަ އެވަގުތު އަޒުމް ކަނޑައެޅިއެވެ.

ލައިޝާ ގެއަށް ދިޔަ ފަހުންވެސް އިރުއިރުކޮޅާ ފޯނަށް ބަލައިލެވުނީ ކަޔާންގެ ޖަވާބެއް ލިބިދާނެކަމުގެ އިންތިޒާރުގައެވެ. އިންތިޒާރު ދިގުވެ އެ ރީތި ދެލޯ ބޭޤަރާރުކަމުގެ އިންތިހާއަށް ދިޔަނަމަވެސް އޭނަ އުއްމީދުގެ ވާފަށުން ދޫކޮށެއް ނުލިއެވެ. ކަޔާންއަށް އޭނަގެ މެސެޖް ފެނިފައި ޖަވާބުނުދީ ހުންނާނެ ކަމުގައި ޤަބޫލުކުރާކަށް ލައިޝާގެ ޒަމީރު އެއްބަހެއް ނުވިއެވެ. ލައިޝާ ކީވާއާއި ބައިވެރިވެގެން ކޮޓަރި ތަރުތީބުކޮށްލާފައި ކެއްކުމުގައި އުޅުނުއިރު އޭނަ ކަމަކާއި ވިސްނާކަން އަންގައެއް ނުލައެވެ.

ލައިޝާގެ އުފާވެރިކަން ކަޔާން އާއި ގުޅިފައިވިނމަވެސް ބައެއްފަހަރު ދިރިއުޅުމަކީ ބޭނުންވާހާ ގޮތަކަށް ލިޔެވޭނެ ސަފުހާތަކަކަށް ނުވެ ވެސް ހިނގައިދާނެއެވެ. ލައިޝާގެ އުމުރުން ޅަކަމާއި ހުރެ އެހާ އަވަހަށް މީހަކާއި އިންނަން ޚިޔާލުނުކުރިޔަސް އޭނަގެ މަންމަވަނީ މާ ކުރީއްސުރެން ބޮޑުކަމެއް ނިންމާފައެވެ. ލައިޝާ ޔަގީންކުރީ ކޮންމެވެސް ސަބަބަކާއިހުރެ އެ ކައިވެނި ކެންސަލްވާނެ ކަމުގައެވެ. އައިދަން ނޫނެކޭ ބުނެފިއްޔާ އަދި ކިހާ ބޮލަށް ފަސޭހަވާނެ ހެއްޔެވެ؟ އޭނަ ގެ ގާތުގައި އައިދަން އެ ވާހަކަ ނުދައްކާ ކީވާގެ ގާތުގައި ބުނާނީ އައިދަންގެ ހިތުގައި އިހުސާސްތަކެއް ވާތީ ކަން ނޭގެއެވެ. ލައިޝާ އެކިގޮތްގޮތަށް ވިސްނަން އޮތުމަށްފަހު ގަސްތުކުރީ މިކަންތައް މާ ދުރަށް ނުދަނީސް އައިދަންގެ ގާތުގައި ހިތް ހުޅުވައިލުމަށެވެ. އޭނަގެ ހިތުގައި މާ ކުރީއްސުރެ އެހެން ފިރިހެންކުއްޖެއް ރަސްކަން ކުރަން ފަށާފައިވާ ކަމުގައި ބުނެދޭނީއެވެ. ދެރައީ މިގޭތެރެއިން ވަގުތެއް ހޯދަން ފަސޭހަ ނުވާތީއެވެ. ހީވަނީ ކޮފީއަކަށް ތަނަކަށް ގޮސްގެން ނޫނީ އޭނަ ބޭނުންވާ ވާހަކަތަކެއް ނުދެއްކޭނެ ހެންނެވެ. ބޭރަށް ދާ ވާހަކަ ބުނެފިއްޔާ އައިދަންގެ ހިތުގައި އުއްމީދު އާ ވުން ނޫންކަމެއް ނުވާނެއެވެ.

އައިދަން އޮފީސް ނިންމާލާފައި އައިއިރު މޫނުމަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަމުގެ އަސަރު ފެނުނުކަމުގައި ވިޔަސް މޫނުމަތިން ތާޒާކަމެއް ހުއްޓެވެ. އޮފީސް ސޫޓުގައި އޭނަ ފެންނަލެއް ވަރަށް ފުރިހަމައެވެ. އައިދަން ގެއަށް އައީ ތަންކޮޅެއް ލަހުން ކަމަށްވާތީ މިގަޑީގައި ނަސީބަކުން ކީވާ ހުރީ ކޮލެޖަށް ދާން ތައްޔާރުވާށެވެ. މަންމަމެންވެސް ވީ އެތެރޭގައެވެ. ކަންނެތްކަމުން ބިސްގަނޑެއްހެން މޮޑެވިފައި އޮންނަ ފިރިހެނާވެސް ފެންނާކަށް ނެތެވެ.

ލައިޝާ ފެނުނީމަ އައިދަން ބަލައިލީ އެރީތި ދެލޮލުން ތަންކޮޅެއް ފުންކޮށެވެ. ހީވީ އަލަށް ލައިޝާ ފެނިގެން ބަލައިލިހެންނެވެ. ލައިޝާއަށް އެކަން ފާހަގަކުރެވުނެވެ. މިފަހަކަށް އައިސް އައިދަންގެ މިޒާޖަށް ހިމޭންކަމެއް ވެރިވެ ލައިޝާއާއިމެދު އެހެން ގޮތަކަށް ދެކެން ފެށީ ލައިޝާވެސް ތަންކޮޅެއް ދުރުން އުޅޭތީކަމަށް ވެދާނެއެވެ. 

"ކިހިނެއްތަ..." ލައިޝާ ކާ މޭޒު ކާރީގައި ހުރި ގޮނޑިއަށް އެއްފައި އަރުވާލައިގެން އިނދެ ތަށްޓަކުން ބިސްކޯދު ކާންފެށިއެވެ. އޭރު އޭނަ ވިސްނަނީ އަވަހަށް އެ ވާހަކަ ފަށާނެގޮތަކާއި މެދުގައެވެ. އެކި ގޮތްގޮތަށް ވިސްނުމުގައި އެ ވާހަކަ ފަށާނެގޮތް ކަނޑަ އެޅިޔަސް އައިދަން ފެނުނީމަ އެ ވާހަކަދައްކަން އޭނައަކަށް އެހާ ފަސޭހައެއްނުވިއެވެ. އައިދަން ގެ ހިތް އޮތްގޮތް އޮޅުން ފިލާފައި ނެތަސް ބައެއްފަހަރު އައިދަން އޭނައާއި ރުހެއޭ ހިތަށް އަރާފަހަރު މަދެއްނޫނެވެ.

"ހޫމް......" އައިދަން ޓައީ ދޫކޮށްލާފައި ފްރިޖް ހުޅުވާލައިގެން ފެންތަށްޓެއް ދަމާލައިފިއެވެ.

"ތިއީ މީހުން ޖަވާބު ދޭ ގޮތްތަ؟ ބުނެބަލަ އައިދަން، އޮފީހެއްގެ ޖެނެރަލް މެނޭޖަރަކަށް ވީމަ އައިދަންވެސް މިހާރު ޕްރޮފެޝަނަލް ކަމުން ވާހަކަ ދައްކާކަށްވެސް ނުކެރޭ. އެކަމަކު ތިކަހަލަ މަގާމެއްގައި ތިބީމަ ވަރަށް އަންހެންކުދިން ވާނެ ދޯ......" ލައިޝާ ސަމާސާގޮތަކަށް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ނޫނޭ ލައިޝް. މަށަކީ ބިޓުން ވާނެ މީހެއް ނޫނޭ. އެހެންވީމައެއްނު ހުސްހަށިބަޔަށް މި ހުންނަނީ...." އައިދަން ހީލާފައި އެއް ލޯ މަރާލާފައި ސޯޑާ ފުޅިއެއް ނެގިއެވެ.

"އަންހެންކުދިން ބަލައިނުލަނީ ގްރޭ ދެލޯ ހުރީމަ ކަމަށް ވާނީ.....އައިމް ޑެޑް ޝުއަރ، ކަޅު ލެންސެއް ލެއްވީމަ އަންހެންކުދިން ވަރަށް ޓެމްޕްޓް ވާނެ........" ލައިޝާ ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.

"ކުރިން ތިކަހަލަ އައިޑިއާ ދޭނެ ފްރެންޑެއްވެސް ނުހުރޭ، ލައިޝް، ސޯޑާ ބޯނަންތަ؟" އައިދަން ފުޅި ހަލުވާލާފައި ދިއްކޮށްލުމުން ލައިޝާ ހިފާލުމާއިއެކު ވޫސްލާފައި އަރައިގެން އައި ކޯކް ލައިޝާގެ މޫނަށާއި ގަޔަށް ބަންޑުން ވުމުން އެހެން ކުދިން ފަދައިން ލައިޝާ ހަޅޭއްލަވައިގަންނާކަށް ނޫޅުނެވެ. އެވަގުތު ކީވާވެސް ތައްޔާރުވެލައިގެން ނުކުތްއިރު ފެނުނީ ދެމީހުން ހެވިލާފައި ސަކަރާތް ޖަހަން ތިބި މަންޒަރެވެ. މިއިން ޒަމާނެއްގައި މިފަދަ ކަމެއް ނުފެނި ހުރެފައި ދެމީހުން އަނެއްކާ މާ ގާތްވެގެން އުޅޭތަން ފެނުމުން ކީވާގެ ބަލިކަށި ހިތަށް ނަގައި ނުގަނެވުނަސް ލައިޝާގެ މޫނަށް ބަލައިލަމުން ހީލައިފިއެވެ.

"ކިވީ މި އައިދަން އަހަންނަށް ދިން ލަނޑެއް ދެކިބަލަ، އަހަރެން ޖެހޭނެ ދޯ ރިވެންޖް ނަގަން، އެހެންނޫނަސް ގްރޭ ލޮލަށް ވުރެ ކަޅު ލޯ ރީއްޗޭ ބުނީމަ އައިދަން ގަބޫލެއް ނުކުރި، ކިވީ ސީރިޔަސްކޮށް ބުނޭ. ކޮންކުލައެއްތަ ރީތީ...." ލައިޝާގެ ވާހަކަތަކުން ކީވާ ލަދުން އޮޅޭވަރުވިއެވެ. ލައިޝާ އާއި އައިދަންގެ ވާހަކައަކަށް އޭނަ ލާންވީ ސަބަބެއް ހިތަކަށް ނުގެނެވުނެވެ. އެހެންނޫނަސް އައިދަންގެ ލޮލުގެ ރީތިކަމުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. އޭނަ އެ ލޮލަށްޓަކައި ފިދާވާތާ ކޮން ދުވަހެއް ހެއްޔެވެ؟ ދުލުން ބަސްހުސްވެ އެހާ ބޮޑަށް ފިނިވީ އެހެންވީމައެވެ.

"ނޭގޭ......" ކީވާ ކުރު ޖަވާބެއް ދީފައި ހިނގައިގަތުމުން އައިދަން އިރުކޮޅެއް ވާންދެން ކީވާއަށް ބަލަހައްޓައިގެން ހުރެފައި ހޭންފެށުމުން ލައިޝާ ސުވާލުގެ ނަޒަރަކުން ބަލާލައިފިއެވެ. "ކަޅު" ކޮންމެވެސް އެއްޗެކޭ ބުނިހެން ހީވިއެވެ. ކީވާ ބާރަކަށް ގޮސް ލިފްޓާއި ދިމާލަށް ފިޔަވަޅުތައް އަޅަމުން ދިޔައިރު އޭނަގެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ދެރަވެގެންގޮސް ހަލާކުނުވީ ހަމަ ކިރިޔާއެވެ. އައިދަން އޭނައަށް މަލާމާތްކޮށްފައި ހޭންފެށިކަމަށް އޭނަ ގަބޫލުކޮށް ނިންމާލައިފިއެވެ. އައިދަން އޭނައަށް ނިސްބަތްކޮށްފައި ބުނި އެއްޗެއް ލައިޝާގެ ގާތުން ފަހުން އޮޅުން ފިލުވާނީއެވެ. ލައިޝާ ގެ ގާތުން އެހިޔަސް އޭނަގެ ހިތުގައި ޖެހިދާނެތީ ބުނާނެކަމެއްވެސް ނޭގެއެވެ. އެންމެ ރަނގަޅެވެ. ހެވެވެ. އައިދަން ކޮންމެ އެއްޗެއް ކިޔަސް އޭނައަށް ވާނީ ކޮން އުދަގުލެއްހެއްޔެވެ؟ އެހެނެއްވެސް ނޫނެވެ. ހަގީގަތަކީ އޭނައަކީ އެގެއަށް ބީރައްޓެހި މެހުމާނެކެވެ. އައިދަން އާއި ލައިޝާގެ ކައިވެނި ހަމަޖެހިފައި އޮތީމަ ލައިޝާއަށް އެގެއާއި އައިދަންގެ މައްޗަށް ހައްގުތަކެއް އޮތަސް އޭނައާއި އެގެއާއި ހުރީ ކޮން ގުޅުމެއްހެއްޔެވެ؟ އަމިއްލަ އެޕާޓްމެންޓެއް ހޯދައިގެން ދާންވީއެވެ. އޭރުން މީހުން ކިޔާކަށް އެއްޗެއް ނޯންނާނެއެވެ. 

ކީވާ ފޮތްތައް މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރިއިރު ސިކުނޑީގެ ތެރޭގައި ހަގުރާމައެއް ކުރެވޭހެން ހީވެއެވެ. ލިފްޓް ލެއްޕުމުގެ ކުރިން ޒުވާނަކު ކުޑަ ފިރިހެންކުއްޖެއްގެ އަތުގައި ހިފާލައިގެން އައިސް ލިފްޓަށް ވަނުމުން ކީވާ އެސްފިޔަތައް ތިރިކޮށްލި ނަމަވެސް އެއީ ރީތި މީހެއްކަން އެނގުނެވެ. ފިރިހެންކުއްޖާ ޒުވާނާގެ ޖިންސްގައި ހިފާލައިގެން ހުރެ ނިކަން ލޯބިން އިނގިރޭސި ބަހުން ވާހަކަދައްކާލުމުން އެ ޒުވާނާ ޖަވާބުދިނީ އެހާ ލޯބިންނެވެ. އެ ދެބަފައިންގެ ގުޅުމުން ކީވާގެ ހިތަށް އިތުރަށް އަސަރުކޮށްފިއެވެ. ލޮލުގައި ވާ ކަރުނަތަކުގެ ތެރެއިންވެސް އެ ކުޑަފިރިހެންކުއްޖާގެ އިރެއްފަދަ މޫނަށް ބަލައިލެވިއްޖެއެވެ. ރީތިކަމުގެ މިސާލެއްފަދަ ފިރިހެންކުއްޖެކެވެ. އެހާ އުފާވެރި މޫނެކެވެ. ލިފްޓް ތިރިއަށް ދިޔުމާއިއެކު ޒުވާނާ އެ ކުއްޖާ ލުއިފަތެއްހެން އުފުލާލައިގެން ބާރަށް ހިނގާލާފައިގޮސް އެރީ ޕްރައިވެޓް ކާރަކަށެވެ. އެއީ ކޮންމެ ބަޔަކަށް ވި ކަމުގައިވިޔަސް އެ ޒުވާނާއާއި ދަރިފުޅު ކީވާގެ ހިތުގައި ފޮރުވިފައިވާ އިހުސާސްތަކެއް ހޭލައްވާލައިފިއެވެ. ބައެއްފަހަރު އެފަދަ ވަގުތުގައި އޭނަ ބައްޕައެއްގެ ލޯތްބަށް ބޭނުންވެއެވެ. ނޫނީ އެފަދަ ރަގަޅު ފިރިއެއްގެ އަންބަކަށްވެ ލޯބި އާއިލާއެއް ބިނާކުރަން ބޭނުންވެއެވެ. އެފަދަ ނަސީބެއް ދުވަހަކު މިންވަރު ކުރައްވާނެބާވައެވެ.

ކީވާ ކޮލެޖަށް ގޮސްފައި އައިގޮތަށް އުޅުނީ ގަދަޔަށް ބޮލުގައި ރިއްސާތީ ނުތެދުވެވިފައެވެ. ޚިޔާލުތައް މާ ބޮޑުވީމަ ކަމަށް ކީވާ ހީކުރިއެވެ. އެންމެ ފަހުން ސްކާފުން ބޯ އައްސާލުމުން ކުޑަކޮށް ލުއިވެ ނިދައިލެވޭވަރުވިއެވެ. ހެނދުނު ތެދުވެގެން ކީވާ ޖެހުނީ އަނެއްކާ ޑޮކްޓަރަށް ދައްކަން ދާށެވެ. މާބޮޑަށް ވަރުބަލިވެ ހޮޑުލަވާގޮތްވީއެވެ. ކީވާ ދެއްކީ ކެޝުއަލްޓީއަށް ކަމަށްވާތީ ޑޮކްޓަރު ބޭހެއް ދީފައި ޓެސްޓްތައް ހަދަން އެންގެވިއެވެ. އޭރު ކީވާއަކަށް އޭނަ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވަމުންދާ ކަމެއް ރޭކާ ނުލައެވެ. ޑޮކްޓަރު ޓެސްޓްތައް ހަދަން ދިނުމުން ކޮންމެ ފަހަރަކު ފިލައިގެން ދިޔުމަކީ ކީވާއަށް ކުރެވުނު މޮޔަކަމެކެވެ.

ކީވާ މާ ނުގަޑިއެއްގައި ނިދާފައި އޮތްތަން ފެނުމުން ލައިޝާއަށް ހީވީ ކީވާގެ ދުވަސް މާ އުދަގޫކޮށް ދިޔައީކަމުގައެވެ. އެހެންވެ ނުގޮވާން ކަމަށް ހުރެފައިވެސް ކީވާގެ ފައިގާ މަޑުމަޑުން ކޮށްޓާލިއެވެ. ކީވާ އޮތީ ގަދަ ނިދީގައެވެ. ލައިޝާ އަލަމާރި ހުޅުވާލާފައި ކަޔާން ދިން ހަދިޔާގައި ފިރުމާލާފައި އަނެއްކާ އެ ޕާރުސަލް ބާއްވަން އުޅުނެވެ. އެހާ ރީތިކޮށް ޕާރުސަލްކޮށްލާފައި އޮތުމުން ބާއްވަން އުޅެފައިވެސް އެންމެ ފަހުން ކެތްނުކުރެވިގެން ލައިޝާ ޕާރުސަލް ނިކަން ރީތިކޮށް ނިއުޅުވާލިއިރު އެއީ ސްވިސް ޗޮކްލެޓެކެވެ. 

"އަހަންނަކީ ޗޮކްލެޓް އެޑިކްޓެއްކަން ސަރއަށް އެނގުނީ ކިހިނެއްތަ؟ އިންތާ އިނދެ މީގެ ހަތަރު ފަސް ޗޮކްލެޓް ވެސް ކައިލެވިދާނެ ކަން ނޭގޭ......."ލައިޝާ ޅަގޮތަކަށް ހެވިލާފައި ހުރެ ޗޮކްލެޓްގައި ފިރުމާލަން ހުރެފައި ނަމާދު ގަޑި ގޮސްދާނެތީ ވުޟޫކޮށްލަން ވަނީ ފާޚާނާއަށެވެ. އިރުކޮޅަކުން ލައިޝާ ނަމާދުކޮށް ނިމިގެން ހަމަޖެހިލައިގެން ޗޮކްލެޓްކާން ބަލައިލިއިރު ޗޮކްލެޓް ނެތުމުން ލައިޝާ ރުޅިގަދަވެގެން ވަގުތުން ދުމެއްޖެހިހެން ކޮޓަރިން ނިކުމެގެން ސީދާ ދިޔައީ އަފްރާޒުއާއި ހަގުރާމަކުރާށެވެ. އަފްރާޒުގެ ކޮޓަރީގައި ތަޅަން ފެށުމުން ހުޅުވާލުމާއިއެކު ލައިޝާ ސުވާލުކުރުމެއް ނެތި އަފްރާޒު އޭނަގެ އެއްޗެހި ވަގަށް ނަގާތީ ދެން މިގޭގައި ނުހުންނާނެކަމަށް ބުނުމުން އަފްރާޒު ހުރީ އެސްފިޔަޖަހައިނުލާ ބަލާށެވެ. ވާހަކަ ނުދައްކާ މަންމަން ކުއްޖެއްހެން އެއްވެސް ބަހެއް އަނގައިން ބުނުމަކާއި ނުލައި އޭނަ ކޮޓަރިއަށް ވަންއިރު އަފްރާޒު ބަދަލު ހިފާލާނެކަމެއް ލައިޝާ ހިޔެއްނުކުރެއެވެ.

ލައިޝާއަށް އޭނަގެ މަންމަ ގޮވާފައި ގެންދިޔުމަށްފަހު ކޮޓަރި ތަޅުލާފައި އައިސް އިށީންނަން އެދުމުން ލައިޝާ އިނީ ނުތަނަވަސްވެފައެވެ. މަންމަ އޭނަގެ ގާތުގައި ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ލައިޝާއަށް މާ ކުރީއްސުރެ އެނގިއްޖެއެވެ. އެކަމަށް އެހާ ފަސޭހައިން އޭނަ އެއްބަހެއްނުވާނެއެވެ. ކަރުނައިން އޭނަ މަންމައަށް ސިހުރު ހަދާފާނެއެވެ. އޭނަ ލޯބިނުވާ މީހަކާއި ކައިވެނިކުރުމަށްވުރެ މަރުވުން ހިތަށް ފަސޭހަވާނެއެވެ. 

"ލައިޝާ ފިރިހެނުންނާއި އެކީގައި އެޕާޓްމެންޓަށް ދާން ފަށައިފިވާހަކަ މިގޭ އަފްރާޒު ބުނި، ދޮގު ނަހަދާ މަންމަ ގާތު ހަގީގަތް ބުނޭ....." ޒުލްމާ އިނީ ތުން ފިތާލައިގެންނެވެ. ލައިޝާ ހައިރާންވެ އަންތަރީސްވާވަރުވިއެވެ. އަފްރާޒު އޭނަ ހީކުރިވަރަށް ވުރެ އަންހެންވެފައި ވާހަކަ އުފުލަން ކުޅަދާނައެވެ. މިވީގޮތުން ދޮގު ހެދޭކަށް ނެތެވެ. އަފްރާޒު ޖާސޫސީ މީހެއްހެން އޭނަގެ ބޯކޮޅު ބަލައިގެން ފާރަލާކަން ޔަގީންވުމުން އަފްރާޒުއާއި މެދުގައި ހިތުގައި އޮތް ފޫހިކަން ވަކިން ބޮޑުވިއެވެ. ލައިޝާ މަންމަ ގާތުގައި ބުނީ އެއީ އޮފީހުގެ ވެރިޔާ ކަމަށާއި އެފަދަ އެއްވެސް ގުޅުމެއް ނެތްކަމުގައެވެ. މަގުމަތިން ދިމާވެގެން ކާރުގައި ލިފްޓެއް ދިނުމަށްފަހު އައިސްކްރީމް ބޮއިގެން އޭނަ ގެއަށް އައީކަމުގައެވެ.

"ތަންތާ ވެރިން އަންހެންކުދިން މަޅީގައި ޖައްސާގޮތް ތިހިރީ، މަންމަ އެހާވަރަށް ވާހަކަތައް ކިޔައިދިނުމުން ލައިޝާއަށް އެއްވެސް އެއްޗެއް ހަމަ ނުވިސްނެނީތަ؟ ލައިޝާގެ ފަރާތުން މިކަހަލަ ކަމެއް ފެނިގެން ނުވާނެ، އަހަރެން މިހާރު ބޭނުމީ އައިދަންއާއި ލައިޝާގެ ކައިވެނި އަވަސްކުރަން، އެހެންނޫނަސް މި އެޕާޓްމެންޓަކީ އަހަރެމެންގެ ތަނެއްނޫން، ސަލްމާމެންގެ އިހުސާންތެރިކަމުގެ ސަބަބުން އަހަރެމެން ގެންގުޅޭއިރު އެމީހުން ބުނާގޮތަށް ހަދާދިނިއްޔާ ރަގަޅުވާނީ......" ޒުލްމާގެ ވާހަކައިން ލައިޝާ ގެ ހިތަށް ބިރުވެރިކަމެއް ވަނެވެ.

"މަންމާ، ޑޯންޓް ވޮރީ، އަހަރެން މިތާ އުޅޭނީ އެމީހުންގެ އެހީގައެއްނޫން، އަހަރެންވެސް މިގޭގެ ޚަރަދުތައް ބަލަހައްޓާނަން، އެހެން ނުވަންޏާ ދެން އަހަރެމެން ވަކިން ތަނަކަށް ދާނީ......" ލައިޝާ ހިނިތުންވެލިއެވެ.

"ލައިޝާ ޖެހޭނީ މަ ބުނާގޮތަށް ހަދަން، ނޫނީ އަހަންނަކީ މަންމަ ނޫންކަމަށް ހަދާފައި މިތަނުން ދާނީ......" ޒުލްމާ ރުޅިގަދަވެފައި ހަޅޭއްލަވައިގަތެވެ. ވާގިދޫވުމަށްފަހު މީހާގެ މިޒާޖާއި ޖަޒުބާތުތަކަށް ބަދަލު އަންނާނެކަމާއި އާއިލާއާއި އެކުވެރިން އެކަން ދަނެގެން އެމީހެއްގެ އިހުސާސްތަކަށް ގަދަރުކުރާށެވެ. ކިތަންމެ ރުޅިގަދަވިޔަސް އެހެންމީހުން އެކަމަށް ކެތްކުރަން ޖެހޭނެއެވެ.

ލައިޝާ އިތުރު އެއްޗެކޭ ނުބުނެ ބޭނުންވީ އެއްފަރާތްވެލާށެވެ. މިވަގުތު އޭނަ ބޭނުމީ އެކަނިވެރިކަމެވެ. ނަމަވެސް އެންމެން ކައިވެންޏެއް ކުރުވަން ހުއްޓުމެއްނެތި މަސައްކަތްކުރިޔަސް އުޑުގައި އެކަން ލިޔުއްވާފައި ނެތްނަމަ އެކަން ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ރައްޓެހިވެގެން ލޯބިން އެތައް ދުވަހަކު އުޅެފައި ލޯބިވެރިން ވަކިވެފައި އެބަ ހުއްޓެވެ. ލައިޝާ އުއްމީދުކުރާނީ ރަގަޅުގޮތެއް ވުމަށެވެ. އޭނައާއި މަންމަ މައްސަލަ ނުޖެހި މި ކައިވެނި ކެންސަލް ވުމަށް ދުޢާކުރުން ފިޔަވާ ލައިޝާއަށް ކުރެވޭކަށް މާ ބޮޑުކަމެއް ނެތެވެ. މަންމަގެ މާޒީގެ ހިތްދަތި ވާހަކަ ހިއްސާކޮށްފައިވުމުން މަންމަގެ ހިތުގައި ޖައްސާކަށް ލައިޝާއަކަށް ނުކެރޭނެއެވެ.

ލައިޝާއާއި ކީވާ ކުޑަކޮށް ބާޒާރުކޮށްލައިގެން އަންނަނިކޮށް ކަޔާން އާއި އަންހެންކުއްޖަކު އެކީގައި ގޮސް ސީހައުސް ރެސްޓޯރެންޓަށް ވަންތަން ފެނުމުން ލައިޝާ ޚިޔާލުކުރީ ފަހަތުން ދިޔުމަށެވެ. އޭރު ހަޔެއްޖަހަން ކާރިވެއްޖެއެވެ. ދެކުދިން ތިބީ އިރުއޮއްސެންވާއިރަށް ގެއަށް ވަދެލާން ބޭނުންވެފައި ކަމުގައިވިޔަސް ލައިޝާ ކުއްލިއަކަށް ފިނި އެއްޗެއް ބޯހިތްވުމުން ކީވާވެސް ލައިޝާއާއި ސިޑިން އަރަން ފެށިއެވެ. އޭރު ލުއި މިއުޒިކެއް ކުޅެވެމުންދާ އަޑު އިވެއެވެ. ލައިޝާ ކީވާގެ އަތުގައި ހިފައިގެން ގޮސް ޖައްސާލީ މޫދާއި ދިމާލަށް ހުރި މޭޒުގައެވެ. ކަޔާން އިށީދެލައިގެން އިންގޮތުން ލައިޝާއަށް ފެންނަނީ ކަޔާންގެ ފުރަގަހެވެ. އަންހެންކުއްޖާ އެއްފަޅިން ފެންނައިރު ވަރަށް ލޯތްބެވެ. ހީހީފައި އެކުއްޖާ ވާހަކަދައްކާއިރު ކަޔާންއަށް ވުރެ ބޮޑަށް އޭނަގެ ޝައުގު ގުޅިފައިވަނީ މޫދާއި ހުޅުލެއަށެވެ. 

"ރެޑް ވެލްވެޓް ކޭކަކާއި ޗިކަން ރޯލްސް ކާހިތްވަނީ......" ލައިޝާ މެނޫގެ ގަނޑުތައް އުކާލަން އިންއިރު ހިތާހިތުން ދަތްކުނޑި ވިކެއެވެ. އެ އަންހެންކުއްޖާ ދަމާ ނެރެފައި މޫދަށް ހޫރާލާފައި އެ މަގާމު އަތުލާން ހިތް އެންގިއެވެ. ދެ އަންހެންކުދިންގެ ނަޒަރު ބައްދަލުވުމުން ލައިޝާއަށް ދެލޯ އަޅައިލެވުނީ ބޭ އިޚުތިޔާރުގައެވެ. އެ އަންހެންކުއްޖާ ކަޔާންގެ ގާތުގައި ކޮންމެވެސް އެއްޗެކޭ ބުނެފައި ހޭންފެށުމުން ކަޔާން ކުއްލިއަކަށް އެނބުރި ބަލައިލުމުން ލައިޝާ ދިޔައީ ސިއްސައިގެންނެވެ. ލައިޝާގެ މޫނަށް ވެރިވި ކުލަވަރު ފެނިފައި ކީވާ އެނބުރި ފަހަތަށް ބަލައިލީ އެއްގޮތަކަށްވެސް ލިފްޓުން ދިމާވި ޒުވާނާގެ ރީތި މޫނު ފެނިދާނެ ކަމަކަށް ނޫނެވެ. އިށީދެގެން އިންއިރުވެސް އެ ހަށިގަނޑުގެ ތެދުކަމާއި ސްމާޓްވަރު ހާމަކޮށްދެއެވެ.

ކޮމެންޓް 0