"ލައިޝް، އަހަންނާއި ލިފްޓް ތެރެއިން އެ ފިރިހެންކުއްޖާ އާއި ދިމާވި......" ކީވާ ބުނެލިއެވެ. ވެއިޓަރު އައިސް ހުއްޓި ގެންނަންވީ އެއްޗެއް އެހިއިރު ލައިޝާ އިނީ އެހެން ދުނިޔެއެއްގައެވެ. ކީވާ އޯޑަރު ދޭން ހުއްޓާ ކަޔާން ތެދުވެގެން އައިގޮތަށް އެކުދިން ކައިރީގައި ހުރި ގޮނޑީގައި އިށީދެލީ ހުއްދަ ހޯދާފައި ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތިއެވެ. އޭރުވެސް ލައިޝާއަށް ބެލެމުންދިޔައީ ކަޔާންއާއި އެކުގައި ވި އަންހެންކުއްޖާ އަށެވެ. އެކުއްޖާ ވަރަށް ނޫންކަމަށް ހަދާލާފައި ދުރުން ފެންނަ ރީތި މަންޒަރުތައް ވީޑިއޯ ކުރުމުގައި އަވަދިނެތި އުޅޭއިރު ހީވަނީ ފޮޓޯގްރާފަރެއް ހެންނެވެ.

"ސަރ....." ލައިޝާ ކުއްލިއަކަށް ހުވަފެނަކުން ހޭލެވުނުފަދަ ގޮތަކަށް ކަޔާންގެ މޫނަށް ނަޒަރު ހުއްޓާލަމުން ދެއަތްތިލަ ގުޅުވާލިއިރު އެ ދޮންމޫނަށް ރަތްކުލަ ވެރިވާން ފަށައިފިއެވެ. ކީވާ އިނީ ލަދުން އިސްޖަހާލައިގެންނެވެ. ވީއިރު މިއީ ލައިޝާގެ އޮފީހުގެ ވެރިޔާކަން ނޭގެއެވެ. އަބަދުވެސް ލައިޝާގެ ނަސީބު ހަމަ ރަގަޅީއެވެ. ހުރިހާ ފިރިހެންކުދިންގެ ސަމާލުކަން ލިބެނީ ލައިޝާއަށެވެ. ހުރިހާ ރީތި ޒުވާނުން އަންނަނީ ލައިޝާގެ ހަޔާތަށެވެ. 

"އެއީ ކާކުތަ؟ "ލައިޝާ ސުވާލުކުރީ ހިތްހަމަނުޖެހިފައި ކަހަލަގޮތަކަށެވެ.
"ކޮއްކޮއެއް، ކޮއްކޮއަކަށް ނޭގޭ ލައިޝާއަކީ އަހަރެންގެ ޕީއޭކަމަށް، އެހެންވެ ބުނީ އެ ގާލްގެ ގާތަށް ގޮސް ވާހަކަ ދައްކައިފިއްޔާ ކޮންމެވެސް ކަމެއް ކުރާނަމޭ......" ވަރަށް ރީތި އަންހެންކުއްޖަކު އޭނައާއި ދިމާލަށް ކަޅިއަޅައިގެން އިންކަމަށް ކޮއްކޮ ބުނެލިގޮތަކުން ކަޔާން ހިނިއައެވެ. އެކުއްޖާއަކީ ލައިޝާއަށް ވުމުން ވަކިން ބޮޑަށް މަޖާވިއެވެ.

"ކޮއްކޮ...... އޯ ނުވެސް އެނގުނު.. އަޅުގަނޑު ހީކުރީ..........." ލައިޝާ މާނައެއްނެތް ލަފުޒުތަކަކުން އޭނަގެ ހާސްކަން ހާމަކުރިއެވެ. ދެން ހަމަޖެހުމުގެ ނޭވާއެއް ލާފައި ހިނިތުންވެލި ގޮތުން އޭނަ އުފާވިވަރު ބަލައިލި ކޮންމެ މީހަކަށް ހުރަހެއްނެތި ފެންނާނެއެވެ. އަންހެންކުދިންނާއި އެކީގައި ކަޔާން ފެންނާން ވެއްޖެއްޔާ އޭނަގެ ހިތަށް ވާވަރު ދެނެވޮޑިގެންވަނީ މާތް ﷲއެވެ. ކަޔާން އޭނަގެ ހިތަށް ހާދަ ވަރެއްކޮށްލައިފިއެވެ. ހިތަކީ އެހެން މީހުންނަށް ފެންނަން އޮންނަ އެއްޗަކަށް ނުވާކަމީ ނަސީބެކެވެ.

"މިއީ ކޮންކުއްޖެއްތަ؟ އިންޓްރޮޑިއުސްކޮށް ނުދެމެއްނު......" ކަޔާން ކީވާއަށް ސަމާލުކަން ދިނީމަ ކީވާ ލަދުން ބަލާނުލައި އެސްފިޔަތައް ތިރިކޮށްލައިގެން އިނީއެވެ.

"އަޅުގަނޑުގެ ސިސް ކީވާ....." ލައިޝާ ކީވާއަށް ކަޔާން ތަޢާރަފުކޮށްދިނެވެ.

"ނައިސް ޓު މީޓް ޔޫ......" ކަޔާން ކީވާއަށް ހިނިތުންވުމެއް ދިނުމުން ކީވާ ރަކިގޮތަކަށް ބަލާލާފައި ޖަވާބެއް ނުދިނެވެ. ކީވާ އެހާ ފިނޑިވެވުނީތީ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ލައިޝާގެ އެކުވެރިއެއްކަން އެނގުމަށްފަހުގައި ވެސް އޭނައަށް ކަޔާންއާއި ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. އެކަމަކު އޭނަ ބޭނުންވާފަދަ ހުރިހާ ސިފައެއް ކަޔާންގެ އެބަވެއެވެ. ނަމަވެސް މީހެއްގެ ފިރިއެއްކަން ހަނދާންވުމުން އެ އުއްމީދުތައްވެސް ވިއްސިވިހާލިވެގެން ހިގައްޖެއެވެ. އެންމެ ރުހޭފަދަ ޒުވާނަކަށް ފެނުނީ އައިދަންއެވެ. އައިދަންގެ ހިތުގައިވަނީ ލައިޝާކަން އެނގުމުން އެ ހަނދާންތައް އެއްފަރާތްކޮށްލަން އޭނަ ވަނީ މަސައްކަތް ފަށާފައެވެ. މުޅިންވެސް މި ވަނީ ނާކާމިޔާބެވެ.

"ސަރ، އަޅުގަޑުމެން ޝޮޕިންކޮށްލާފައި އަންނަމުން ޓަޔަޑް ވާތީ އެއްޗެއް ކާލަންވެގެން މިއައީ. ނަސީބެއް ދިމާވިކަން، ވަން މޯރ ތިންގް، އަޅުގަނޑުމެން ވަރަށް އަވަހަށް ދަތުރު ދާން ޕްލޭން އެބަކުރަން، ސަރ ބައިވެރިވެއްޖެއްޔާ ހާދަ އުފާވާނެއޭ......." ކީވާ އަނގައިން ނުބުނާނެކަން އެނގުމުން އެ ލަދުވެތިކަން ކަޔާންއަށް އިހުސާސްވެދާނެތީ ލައިޝާ އަވަސްއަވަހަށް ވާހަކަދައްކަން ފެށިއެވެ.

"ތިކަމާ ވިސްނާނަން...." ކަޔާން ގޮނޑިއަށް ލެނގިލައިގެން އިންއިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްގެ އަސަރުވެއެވެ.
"ކުދިން ބުނި ސަރ އެއްގޮތަކަށްވެސް އޮފީސް ކަމެއްގައި ބައިވެރިނުވާ ވާހަކަ، ޓްރިޕެއްގައި ނޫނީ ސަޔަކަށްވެސް ނާދެއޭ، އެހެންވެ އެކުދިން ހީކުރާނީ ތަންކޮޅެއް ފޮނީކަމަށް......" ލައިޝާ ބޭނުންވީ އެހެން ކުދިން ދެކޭގޮތް އަންގައިގެން ކަޔާންގެ ޚިޔާލު ބަދަލުކުރުވާށެވެ.

"އަހަރެން ސްވީޓްވީމަކަން ނޭގޭ، އެހެންނޫނަސް އަހަރެން ޖޮއިންކުރިތާ މާ ގިނަ ދުވަހެއް ނުވާނެ، އަހަރެންގެ ފްރެންޑްސް އިންނެއް އަދި އެތާގައި ނޫޅޭނެ، އެހެންވެކަން ނޭގޭ ބައިވެރިނުވެވެނީ......" ކަޔާން އޭރު ބަލަން އިނީ ތަންކޮޅެއް ދުރަށެވެ. ލައިޝާވެސް މޫނު އަނބުރާލާފައި މޫދާއި ދިމާލަށް ބަލައިލިއިރު ފެނުނީ އިރުއޮއްސެމުންދާ ރީތި މަންޒަރެވެ. އުޑުމަތީގައި އަލިފާން ރޯކޮށްލާފައިވާހެން ހީވިއެވެ. މޫދުގެ ސަތަހަ ފެންނަނީ ރިހި ވިރުވާ އަޅާފައިވާހެންނެވެ.

"މިފަހަރު ސަރ އަޅުގަނޑުމެންނާއި ބައިވެރިވެއްޖެއްޔާ މިރެކްލްއަކަށް ވާނީ......" ލައިޝާ އަނެއްކާވެސް ކަޔާންއަށް ސަމާލުކަން ދިނެވެ. އޭރު ކަޔާން އިނީ ފޯނާއި ކުޅޭށެވެ. އޭނަ އިރުއޮއްސެމުންދާ މަންޒަރު ކެމެރާގައި ރައްކާކުރަނީކަން ނޭގެއެވެ. ބައެއް އެހެން މީހުންވެސް ފޯނުތައް ދިއްކޮށްލައިގެން ތިބިގޮތުން އެ މަންޒަރާއި އެންމެން ގަޔާވެފައިވާވަރު ހާމަވެއެވެ.
"ތިއީ އިންސަލްޓެއްތަ ނޫނީ ކޮމްޕްލިމެންޓެއްތަ؟ "ކަޔާން ގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.
"އޯ މައިގޯޑް، ފެއިންޓްވެދާނެ ސަރ. ތިގޮތަށް ބަލަހައްޓައިގެން ނީދެބަލަ، ތި ހިނިތުންވުންތަކުން ހިތާއި ނުކުޅެބަލަ، އަހަރެންގެ ހިތަށް މި ވާވަރު އެނގޭނެނަމަ، ނޫނީ ހުރިހާ ކަމެއް އެނގިހުރެ ސަރ އެކަންތައް އިގްނޯ ކޮށްލައިގެން ހުންނަނީތަ؟ ޕްލީޒް ޖަވާބުދީބަލަ...." ލައިޝާއަށް އިރުކޮޅެއްވާންދެން ކަޔާންގެ ރީތި ދެލޮލަށް ބަލަންއިންއިރު ހިތާހިތުން އެތައް ވާހަކައެއް ދައްކައިފިއެވެ. އޭނަ ގެއްލިފައިއިނީ ހުވަފެނެއްގައިވާ ކުއްޖެއް ފަދައިންނެވެ.
"ވަޓް...." ކަޔާން ބުމަ އަރުވާލިއެވެ. 
"ނަތިން....." ލައިޝާ ރަކިވިވަރުން އެކަން ފޮރުވަން ހީގަތްއިރު އެ ރީތި ދެލޮލަށް ކަރުނަވެސް އަތުވެއްޖެއެވެ. ލަދުންގޮސް ހަމަ ރޮވުނީއެވެ. ކަޔާންއަކީ ރޮކެޓް ސައިންޓިސްޓެއް ނޫނަސް ހުރިހާ އެއްޗެއް އެވަގުތުކޮޅު ވިސްނޭނެއެވެ. ނަމަވެސް އެނގޭކަމަކަށް ހަދައިނުލާ ކަޔާން ވެއިޓަރަށް ގޮވާފައި ގެނެސް އޭނަ ބޭނުންވާ އެއްޗަކަށް އޯޑަރު ކުރިއެވެ. ލައިޝާއަށް ފާހަގަކުރެވުނީ އެތަނަށް ވަންނަ އަންހެންކުދިން އެދިމާލަށް ބަލާވަރެވެ. އޮޅިގެން އެނބުރިފައިވެސް އިރުއިރުކޮޅާ ކަޔާންއާއި ދިމާލަށް ބަލައިލަނީއެވެ. ހަގީގަތުގައި ފަހަތުން ފެންނައިރުވެސް ކަޔާން ހާދަ ރީއްޗެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ވަރުގަދަކަމުން ފިރިހެންވަންތަކަން އިތުރުކުރުވައެވެ.

"ކޮއްކޮ އެކަނި އިންނަންވީމަ ކިހާ ފޫހިވާނެ....." ލައިޝާ ދައްކާނެ ވާހަކައެއް ނޭގިގެން ވިސްނާލާފައި ބުނެލައިފިއެވެ. އެހެން މީހުންނާއި އަނގަތަޅާގޮތަށް ކަޔާން އައުމުން އޭނައަށް ވާހަކަ ނުދެއްކި ހިމޭންވަނީ ކީއްވެބާވައެވެ. ލައިޝާ މަޑު ތުންފަތުގައި ދަތްއަޅައިލިއެވެ.

"ފޯނާއި އައިޕެޑް އޮތީމަ ކޮއްކޮ ފޫއްސެއް ނުވާނެ......" ކަޔާން އާއި ލައިޝާ އެކަހަލަ ކުދި ވާހަކަތަކެއް ދައްކަމުން ދިޔައިރު ކަޔާން ކިތަންމެ ތަސްވީރެއް ނަގައިފިއެވެ. އެއިން ކޮންމެ ތަސްވީރެއްގައި ލައިޝާ ހިމެނިފައިވާކަމެއް އޭރު ލައިޝާއަކަށް ނޭގެއެވެ. އުޑުމަތި ފެހި ވައިލެޓް، ރަތް އަދި އޮރެންޖް ކުލައިން ފެވެމުންދާލެއް ރީތިކަމުން ހިތްތައް އާޝޯޚުކުރުވާ ވަރުވެއެވެ. ފްރާންސްގެ ޕެރިހުގެ ސެން ކޯރުގެ ހިތްގައިމު މަންޒަރެއް މިތަނުންވެސް ސިފަވާފަދައެވެ. ދުއްވަމުންދާ ފެރީތަކާއި ލޯންޗުގެ ސަބަބުން އެ ކޯރުގެ ތަސައްވަރު ހިތަށް ގެނެވެއެވެ. 

ކީވާ އިނީ ލަދުންނާއި ބާކީވެފައިވާކަމުގެ އިހުސާސުން ނިކަން ހިތްދަތިވެފައެވެ. ލައިޝާވެސް ދޭތެރެއަކުން ކީވާ އެމީހުންގެ ވާހަކައިގާ ބައިވެރިވާން މަސައްކަތްކުރިއެވެ. ކަޔާން އެއްފަހަރު މަސައްކަތް ކޮށްލާފައި ހުއްޓާލިގޮތަށް ކީވާއާއި އަޅައެއްނުލީ ކީވާގެ މިޒާޖުން ކޮންމެވެސް އެއްޗެއް އެނގުމުންނެވެ. ކީވާއަކީ ނުދަންނަ މީހުންނާއި އަނގަތަޅާ ވައްތަރެއްނޫނެވެ. ކަޔާން ހެދިގޮތުން އޭނަ ވިސްނި އެއްޗެއްގެ ހަގީގަތް ނޭގި އިން ކީވާގެ ހިތުގެ ހާލު ބޮޑުވިއެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ހައްތަހާ ކުޑަވިއެވެ. އެއްވެސް މީހަކު އޭނައާއި ނުރުހެނީކަމަށް ގަބޫލުކުރެވިއްޖެއެވެ. އެހެން ނޫންނަމަ ލައިޝާގެ އެކުވެރިން އޭނައާއިމެދު ފަރުވާކުޑަކޮށެއް ނުލާނެއެވެ. 

ކަޔާންއާއި އެކީގައި ކެއުމުގެ ޝަރަފު ލިބުމުން ލައިޝާގެ ޅަހިތަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން އެކަން ފޮރުވާކަށް އޭނަ ބޭނުމެއް ނުވެއެވެ. އަބަދުހެން އިނީ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިފައެވެ.

ކަޔާންގެ ކޮއްކޮ އިންތަނުން ތެދުވެގެން އައިސް އެމީހުންނާއި ބައިވެރިވާކަށް ނޫޅުނެވެ. ކާން އިންއިރުވެސް އޭނަ އިނީ ކަޔާން ބުނިހެން އައިޕެޑް ހުޅުވާލައިގެން ކޮންމެވެސް އެއްޗެއް ބަލާށެވެ. ލައިޝާމެން ކެއުމުން ބިލް ދެއްކީ ކަޔާންއެވެ. އެއަށްފަހު ތެދުވެގެން ކޮއްކޮ ކާރިއަށް ދިޔުމުން ލައިޝާ ތެދުވެގެން ދާން ހިނގައިގަތްއިރު ލިބިފައިވާ ފޯރިއަކާއި ޖޯޝެއްގެ ބޮޑުކަމުން ލައިޝާގެ ފައި ތުރުތުރުއަޅައެވެ. ބޭރަށް ނިކުތްގޮތަށް ކީވާގެ ގައިގާ ހިފައިގަންނަން ބޭނުންވިއެވެ. ވާހަކަދެއްކިއިރު އުފަލުން އަޑު ހިމަވިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟

"އެއީ އޭ އަހަރެމެންގެ އޮފީސް ވެރިޔާ. ހެންޑްސަމްއެއް ނޫންތަ؟ " ލައިޝާ މިހުރިހާ ދުވަހު ހުރީ އެވަރަށްވެސް ކީވާގެ ގާތުގައި އެ ވާހަކަ ނުބުނާށެވެ.
"ހޫމް، އެނގިއްޖެ، ޔޫ އާރ އިން ލަވް ދޯ...." ކީވާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ކަނޑުން އަންނަ ތެތް ވައިރޯޅިތައް ހުރަހެއްނެތި ހަމުގައި ބީހެން ފެށުމުން ކީވާ ހީކަރުވާގޮތްވިއެވެ.
"ކިވީ..ކިހިނެއް އެނގުނީ؟" ލައިޝާ ދެލޯބޮޑުކޮށްލިއެވެ.
"ލައިޝް ގެ މޫނުމަތިން ހުރިހާ ކަމެއް އެބަ އެގޭ، ދެން ފޮރުވަން ނޫޅެ އެއްބަސްވޭ......" ކީވާ ބޭނުންވީ ރަގަޅަށް ހަގީގަތް އެނގުމެވެ.
"ތެދަށް ބުނަންޏާ އަހަރެންގެ ހިތުގައި ކަޔާންއަށްޓަކައި މިވާ ފީލިންގްސްތަކަށް ދޭނެ ނަމެއް ނޭގޭ، ކިވީއަށް އެނގޭތަ؟ ދުނިޔޭގައި ކޯ އިންސިޑެންސްތައް މިހާ ގިނައިން ހިނގާފާނެކަމަކަށް ގަބޫލުކުރާނީ ކާކުތަ؟ ނަމަވެސް އަހަރެންގެ ހަޔާތަށް ކަޔާން އައިގޮތް ބުނެފިއްޔާ ކިވީ ހައިރާންވާނެ، ޑެސްޓިނީގައި އޮތީމަ ދެން މިގޮތަށް ކޮންމެ ފަހަރަކު އެތަންމިތަނުން މި ދިމާވަނީ، ނޭގޭ އަދި ކުރިއަށް އޮތީ ކިހާވަރެއްގެ ތޫފާނެއްކަން......" ލައިޝާ ކުރިއަށް ހިނގަމުން ދިޔައިރު ކީވާއަށް މާޒީގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި އޭނަގެ މަންމައާއި ސަލްމާ ކޮށްފައިވާ ވަޢުދެއްގެ ސަބަބުން ހިތަށް ކުރާ ބާރު ކީވާއާއި ހިއްސާކުރިއެވެ.

"ލައިޝްއަށް ކަޔާން މެރީޑްކަމާއި ދަރިއެއް ހުރިކަން ނޭގެނީތަ؟ " ކީވާ ގެ އެ ވާހަކައިން ލައިޝާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ކުއްލިއަކަށް ބަލައިނުލާ އެނބުރެން ހަދައިގެން ބާރަށް އައި ސައިކަލެއްގައި ލައިޝާ ނުޖެހުނީ ކިރިޔާއެވެ.
"ވަޓް....." ލައިޝާ ދެލޯ ބޮޑުކޮށްލިއެވެ.
"ކަޔާންގެ ދަރިފުޅާއިއެކީގައި އުޅެނިކޮށް އަހަރެން ދެކުނިން......." ކީވާ އެ ހާދިސާ ކިޔައިދިނުމުން ލައިޝާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެވަރުންވެސް އޭނަ އެ ވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެވާނީ ކަޔާންގެ ކޮއްކޮގެ ކުއްޖެއްކަމުގައެވެ. ނަމަވެސް ކަޔާން އަންހެންކުއްޖަކާއި ހީފައި ވާހަކަދައްކަން ކާރުކައިރީގައި ހުރުމާއި، އެޕާޓްމެންޓުން ކުޅޭ އެއްޗެއް ފެނިފައިވާތީ ކީވާގެ ވާހަކަތަކުގައި ހަގީގަތެއްވެދާނެކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް ހިތް އެކަމާއި އެއްބަސްވާކަށް ބޭނުމެއްނުވީއެވެ. އޭނަ އެކަން ދެނެހުރިކަމަކަށް ހަދައިނުލާނެއެވެ. ކަޔާންގެ ދިރިއުޅުމާއި ބެހޭގޮތުން އިތުރު އެއްޗެއް އެނގޭކަށް އޭނަ ބޭނުމެއްނޫނެވެ.

"ލައިޝް، އަހަރެން ބިރުގަންނަނީ ލައިޝްއަށް ހާޓްވެދާނެތީ، އެހާ ޕޮޕިއުލަރ ރިޗް މީހަކު ހުހަށް ނުހުންނާނެ، ފަހަރެއްގައި އެތައް އަންހެންކުދިންނާއި ގުޅުން އޮންނަ މީހަކަށް އޭނަ ވެދާނެ. ލައިޝްއަށްވުރެ މެޗުއަރހެންވެސް ހީވޭ، އުމުރުން ކިހާ ވަރެއްވާނެތަ؟ އަހަންނަށް ފެންނަނީ ތިކަން ހުއްޓާލަން. އަސްލުވެސް ލައިޝްއަށްވުރެ މާ ބޮޑު މީހަކާއި ގުޅުނީމަ ހަމަ ދެރަގޮތެއްވެދާނެ....." ކީވާ ވިސްނައިދޭން މަސައްކަތްކުރިއެވެ. 

ލައިޝާ އެވާހަކަ ދައްކަން ބޭނުންނުވިކަން އެނގުނީ މާ ބާރަށް ހިނގާލާފައި ދާން ފެށުމުންނެވެ. އެގޮތަށް ލައިޝާ ދުވަހަކު އަމަލު ބަހައްޓާފައެއް ނުވެއެވެ. ލައިޝާގެ ހިތަށް ކޮށްފައިވާ އަސަރު ކީވާއަށް އެނގުނީ ކޮޓަރިއަށް ވަންގޮތަށް ބާލީހުގައި މޫނު ޖަހައިގެން ލައިޝާ އޮވެ ރުއިވަރު ފެނުމުންނެވެ. ކީވާ ޓިޝޫ ޕެކެޓެއް ދިއްކޮށްލާފައި އެނދުގެ އަނެއްފަރާތުގައި އިށީދެލައިގެން އިނީ ކިޔާނެ އެއްޗެއް ނޭގިފައެވެ.

"ކިވީ، އަހަރެން ކިވީގެ ކާރީގައި މި ކިޔައިދިން ވާހަކަތަކުން އެނގޭނެ އަހަރެން ކަޔާން ފެނުނީއްސުރެ އޭނައަށް އެޑްމަޔަރ ކުރިވަރު، ކަޔާން ފެނުނީއްސުރެ އަހަންނަށް އެ ޗާމިންކަމުން ހިތް ދެވިއްޖެ، އެ ނޫން މީހަކު ލޮލަކަށް ނުފެނޭ، އެ ނޫން އެއްވެސް މީހެއްގެ ރީތިކަމުން ހިތަށް އެއްޗެކޭ ނާރާ، ކިވީއަކަށް ނޭގޭނެ މިހެން އުފަލުން ހީހީ ހުއްޓަސް އަހަރެން މިހާރު ކަޔާން ދެކެ ވަރަށް ލޯބިވޭ، އަހަރެންގެ ހުރިހާވެސް އުފަލަކީ އެއީ، އަހަންނަށް އެނޫން މީހަކާއި އެކީގައި ދިރިއުޅުމެއް ނުފެށޭނެ، ކަޔާންއާއި ދެ އަންބަށް ކީއްކުރަން ހަތަރު އަންބަށްވެސް އަހަރެން މިހިރީ އިންނަން ތައްޔާރަށް. ކަޔާންގެ ދަރިފުޅުގެ ދޮންމަންމައަކަށް ވުމަކީ އަހަންނަށް ލިބޭނެ އުފަލެއް........ކިވީ ބުނެބަލަ، އަހަރެން ދެން ކިހިނެއް ހަދާނީ މަންމައަށް ވިސްނައިދީބަލަ ޕްލީޒް، އަހަންނަށް ކަޔާން ނުލިބުނަސް އެހެން މީހަކާއި ނީންނާނަމޭ މަންމަ ގާތުގައި ބުނެދީ ކިވީ. އެހެންނޫންނަމަ އިޓް ވިލް ކިލް މީ........." ލައިޝާ ޓިޝޫއިން ކަރުނަތައް ފޮހެލާފައި ހިތުގެ އިހުސާސްތައް ކީވާއަށް ކިޔައިދިނުމުން ކީވާގެ ދެލޮލަށް ކަރުނަ އައެވެ.

"ކަޔާންއަށް ތިހުރިހާ ކަމެއް އެނގޭތަ؟ " ކީވާ ގެ ސުވާލުން ލައިޝާ އިސްއުފުލާލައިފިއެވެ. އެ ރީތި ދެލޯދުޅަވެ، ކަރުނައިގެ މުތީތަކުން ބަބުޅަމުން ދިޔައެވެ. ނޭފަތާއިއެކު މޫނު ރަތްވެފައިވާއިރު ލައިޝާ ފެންނަލެއް ވަކިން ނަލައެވެ. ރީތިކުދިން ދެރަވެ ރުޅިއައިމަ ވަކިން ރީއްޗޭ ބުނެވޭފަދަ މިސާލެކެވެ.

"ނޭގޭ......" ކަޔާންގެ ހިތުގެ އެއްވެސް އިހުސާސެއް މިވީހާ ތަނަށް ލައިޝާއަށް ފާޅުކޮށްފައެއް ނުވެއެވެ.
"ލައިޝް. އަހަންނަކަށް ނޭގޭ ބުނާނެ އެއްވެސް އެއްޗެއް، ދެރަވަނީ އެކަނި ލައިޝްއަށް ހާޓްވެދާނެތީ، ކަޔާން މެރީޑްކަމަށް ވެއްޖެއްޔާ އޭނަ ހޯދުން އެހާ ފަސޭހަ ނުވެ ހިގައިދާނެ، އެހެން ކުދިންނާއި ފްލާޓްކުރިޔަސް ބައެއް ފިރިހެނުން އަންހެނުންނަށް ވަފާތެރިވެދާނެ، އަނެއްކާ ލައިޝް ބުނާގޮތުން ވިއްޔާ އެއީ ކެންޒިއާ ކޮމްޕެނީގެ ޗެއަރމަންގެ ދަރިފުޅު، އެއީ މާލޭގެ އެންމެ މުއްސަދި އެއްފަރާތްކަމުގައިވާއިރު ފަހަރެއްގައި އެ ފެމިލީއިން ލައިޝް އެކްސެޕްޓް ނުކޮށް ހިގައިދާނެ، މިހެން ބުނާއިރު އެނގޭ ލައިޝް އަބަދު ވިސްނަނީ ޕޮޒިޓިވްކޮށް ކަމާއި ކޮންމެ ކަމެއް ކާމިޔާބު ކުރަން މަސައްކަތްކުރާނެކަން، އެހެންވީމަ ނުބުނާނަން ތިކަން ހުއްޓާލާށޭ، އިރާދަކުރެއްވިއްޔާ ލައިޝްއަށް ކަޔާން ލިބޭނެ، ދެން ނުރޮއި ހުއްޓާލާ، މަންމައަށް އެނގިއްޖެއްޔާ ސުވާލު ކުރާނެ، އަހަރެން ބިރުގަނޭ މަންމަ ގާތު ދޮގުހަދަން....." ކީވާ ލައިޝާގެ ކޯތާފަތް ފޮހެލަދިނެވެ. 
"ކިވީ، އައިދަންއާއި އިންނަން މަންމަމެން މަޖުބޫރުކޮށްފިއްޔާ އަހަރެން މިގެއިން އަބަދުގެ އަބަދަށްޓަކައި ގޮސްދާނަން، އަހަރެން މަންމަ ދެކެ ލޯބިވިޔަސް ދިރިއުޅުން ހަލާކުކޮށެއް ނުލެވޭނެ، އައިދަން އަކީ ވަރަށް ރަގަޅު ފްރެންޑެއް، ކަޔާން އަހަރެންގެ ލައިފަށް ނައިނަމަ އައިދަން މަގޭ ޗޮއިސްކަމުގައިވާނެ. ކަޔާން މެރީޑް މީހަކަށްވިޔަސް އަދި ދަރިން ތިއްބަސް ދެން މިހިތުން އެހެން މީހަކަށް ޖާގައެއް ނުލިބޭނެ، އަހަރެންގެ ހިތަކީ އެކަނި ކަޔާންގެ އެއްޗެއް........" ލައިޝާ ދިން ޔަގީންކަމަކުން ކީވާގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބިގެން ދިޔައީ ކީއްވެކަމެއް ނޭގުނެވެ. ހިތުގައި އުއްމީދުގެ ހުޅުކޮޅު ފިޔަޖަހާލައިފިއެވެ.

ދެކުދިން ވަރަށް ގިނައިރުވާންދެން އެ ކަމާއި ބެހޭގޮތުން ވާހަކަދައްކަން ތިއްބެވެ. ލައިޝާއާއި ކީވާގެ ގުޅުން ކުރިއަށް ވުރެ ބަދަހިވެ އެދޭތެރޭގައިވާ ލޯބި މާ ވަރުގަދަވިއެވެ. ކީވާ ގެ ގާތުގައި ލައިޝާ ހުރިހާ ވާހަކަތަކެއް ކިޔައިދިނަސް ކީވާގެ ހިތް ހުޅުވާލާކަށް ނުކެރުނެވެ. އައިދަންއާއި މެދުގައި ހިތުގައިވާ ލޯބި އޭނަ ބޭނުމީ އަމިއްލަ ހިތަށްވެސް ސިއްރުކުރުމަށެވެ. އޭނަ ލައިޝާގެ ގާތުގައި ވާހަކަދެއްކި ގޮތުން ލައިޝާ ހީކުރީ ކީވާ އައިދަންދެކެ ފޫހިވަނީ ކަމުގައެވެ. އެދުވަހު ކަޅުމީހެކޭ ކިޔައިގެން އައިދަން އެއްޗެހި ކިޔާފައިވާތީ އެކަން ކުށްވެރިކުރުމުން ލައިޝާ ހޭންފެށިއެވެ.

"އެހެންވެ ބުނަނީ ކުށްހީއަކީ ފާފައެކޭ، އައިދަން ބުނި އެއްޗެއް އެނގޭތަ؟ ބުނީ ތަންކޮޅެއް ކަޅުވިޔަސް ކީވާ ހާ ރީތި ކުއްޖެއް މާލެއިން ނުދެކެމޭ......" ލައިޝާގެ އެ ޖުމްލައިން ކީވާ ދިޔައީ ސިއްސައިގެންނެވެ.

"އޭނަ ނުބުނާނެ ތިހެން...." ކީވާ ލަދުގަތްވަރުން ރަކިގޮތަކަށް ހީލެވިއްޖެއެވެ.
"ހޫމް އައިދަން ބުނީ ކަޅުކަމުން ބަބުރުކުއްޖެއްހެންނޭ ހީވަނީ، ނައު ހެޕީތަ؟ " ލައިޝާ ލާނެތްގޮތަކަށް ހީލާފައި ތެދުވެގެންގޮސް ތުވާލިނެގިއެވެ. މިގަޑީގައި ފެންވަރާލާ ތާޒާވެލާން އޭނަ ބޭނުމެވެ. މާ ގަދަޔަށް ރުއިމުގެ ސަބަބުން ވަރުބަލިވެ އުދަގޫގޮތްތަކެއް އެބަވެއެވެ. ކީވާއާއި އެ ވާހަކަ ހިއްސާކޮށްލީމަ ސިކުނޑިން އެތައް ޓަނެއްގެ ބުރަދަން ލުއިވެއްޖެއެވެ. އެހެންނޫންނަމަ މިރޭ ވާނެގޮތެއްވެސް ނޭގެއެވެ. ކޮންމެ ދުވަހަކު ވާހަކަތައް ހިއްސާކުރާނެ ބެސްޓްފްރެންޑެއް ހުރީމަ ހިތާމަތައް ލުއިވާނެއެވެ.

ކީވާ އިނީ ލަދުންނެވެ. އައިދަންއާއި މެދު ނުބައިކޮށް ވިސްނުނީމައެވެ. އެހެންނޫނަސް އައިދަންގެ އެ ޖުމްލަ އޭނަގެ ސިކުނޑީގައި އަބަދުހެން ބުރުޖަހަމުން ދާންފެށިއެވެ. އައިދަން އެހެންބުނީ ރަގަޅަށްވެސް މާނަކޮށްފައި ހެއްޔެވެ؟ ނޫނީ މަލާމާތްކޮށްލަން ބުނި އެއްޗެއްހެއްޔެވެ؟ އޭނަހާ ރީތި ކުއްޖެއް މާލޭގައި ނުވާނެއޭ ބުނުމުން އެކަން ގަބޫލުކުރެވޭނީ ކިހިނެއްހެއްޔެވެ؟ ކީވާ ނިޔަފަތީގައި ދަތްއަޅައިގެން ވިސްނަން އިންއިރު ބައެއްފަހަރު ދެރަވެއެވެ. ހިތަށް އުފާވެރިކަމެއްވެސް ލިބެއެވެ. ހިތުގެ އިހުސާސްތައްވަނީ އެގޮތް މިގޮތަށް އޮޅިލާމެހިފައެވެ.

ފަތިހު ހޭލިގޮތަށް ކީވާ ނަމާދުކޮށްލައިގެން އިރުކޮޅެއްވާންދެން މުސައްލަ މަތީގައި ޤުރުއާން ކިޔަވަން އިނދެލާފައި ތެދުވެގެންގޮސް ނާސްތާ ހަދާ މޭޒުމަތި ތައްޔާރުކޮށްލުމަށްފަހު މަންމަގެ ކޮޓަރިއަށް ވަނެވެ. މަންމަ ގެ އިސްތަށިގަނޑުގައި ފުނާއަޅުވާ ނާސްތާ ކުރުމުގައި އެހީތެރިވެދޭން އިންއިރު ކީވާ ހުރީ ލައިޝާއާއި އައިދަންގެ ވާހަކަދައްކާހިތުން ކެތްނުކުރެވިފައެވެ. އެ ކައިވެނި އަވަހަށް ކެންސަލްކުރުވީމަ އޭނައަށް ފަހަރެއްގައި އެ ނަސީބު ލިބިދާނެކަން ނޭގެއެވެ. އެކަމަކު އެހާ އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެއެވެ. އެހެންނޫނަސް އައިދަން ލައިޝާދެކެ ލޯބިވާނަމަ އަދި އެ ކައިވެނިވުމަކީ އެކަށީގެންވާކަމެކެވެ. ކަޔާންއަކީ މީހެއްގެ ފިރިއަކަށްވާހިދު އެކަމުން ލައިޝާއަށް ހިތްދަތިކަން ލިބުން ނޫންކަމެއް ނުވާނެއެވެ. ކީވާގެ ޚިޔާލު އެގޮތްމިގޮތަށް ދަތުރުކުރާން ފެށުމުން އޭނަ ހިމޭންވިއެވެ.

ކެންޒިއާގެ ވެރިކަން އޭނަގެ ދެދަރިންނާއި ހަވާލުކުރުމަށްފަހު އަޒީޒުއްދީނު ހުންނަވާނީ ތަނުގެ ޗެއަރމަންގެ ގޮތުގައި އޭނަވަނީ ރަސްމީކޮށް އަންގަވާފައެވެ. ހުރިހާ ކަމެއް ކުރާނީ ޒިންމާދާރު ދެ ދަރިންކަމަށްވާ ޒިއާމް އާއި ކަޔާންއެވެ. ބައެއް ކުންފުނިތަކުގައި ވެރިންގެ ދަރިން އެހާ ހަރުދަނާވެފައި ކިޔަވައިގެން ތިބުމަކީ ބައްޕައިންނަށް ލިބޭ ފަޚުރެކެވެ. އަމިއްލަ ދަރިންނާއި ހަވާލުކުރުމުން ހިތަށް ލިބޭނެ ހަމަޖެހުމާއި ޔަގީންކަން ބޮޑުވާނެއެވެ. ޒިއާމް އާއި ކަޔާން އެހާ ހަރުދަނާވެފައި ހިންގުންތެރިވެފައި ތަން ކުރިއަރުވަން މަސައްކަތްކުރާނެ ދެބެންކަމާއިމެދު އަޒީޒުއްދީން ޝައްކެއް ނުކުރެއެވެ.
ތިން ދުވަސްވާންދެން ލައިޝާ ސަލާމުގައި ހުރީ ދެރަވަގެންގޮސް ކަޔާންގެ ކުރިމައްޗަށް ދާނެ ހިތްވަރެއް ނުލިބިގެންނެވެ. ކޮންމެ ދުވަހަކު ހެދުނު ތެދުވެ ތައްޔާރުވުމަށްފަހު، އެނދުގައި އޮވެ ރުއިމަށްފަހު ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހިތަށް ލިބެއެވެ. ލައިޝާ އެންމެ ފަހުން ކެތްތެރިވެލާފައި އޮފީހަށް ދިޔަދުވަހު އޭނަގެ ގާތުގައި އާފްރާއާއި ސަނާ ދެއްކީ އާ ސީއީއޯ ޒިއާމްގެ ރީތިކަމުގެ ވާހަކައެވެ. ކަޔާންއަށް ވުރެ ހިތްހެޔޮވެފައި އެކުވެރިކަމުގެ މިސާލެއްކަމެވެ. ހިނިތުންވުންތައް އެންމެނަށް ހަދިޔާކުރި ކަމަށާއި ފުރަތަމަ ނަޒަރުން ލޯބިވެވިއްޖެކަމުގައެވެ. އެކުދިން ބޭނުންވާފަދަ ވެރިޔެއް އެންމެ ފަހުން ލިބުނީކަމުގައެވެ. ހީވާގޮތުން އެންމެ ފެނިލުމަކުން ޒިއާމްވަނީ ހުރިހާ ކުދިންގެ ހިތްތަކުން ޖާގަ ހޯދާފައެވެ. ލައިޝާ ހުރީ އެބުނާ ޒިއާމް އެއް ދެކޭހިތުންނެވެ. އެހެންނޫނަސް އެމްޑީގެ އިތުރުން ސީއީއޯގެ ޕީއޭއަކީ އޭނަކަން އެނގޭތީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވާ ގޮތްވިއެވެ. އެންމެން ހިތްކިޔާ ޒުވާނެއްގެ ގާތުގައި އުޅެން ފެށުމުން އޭނަގެ ހިތަށް ސިހުރު ހަދައި ނުލާނެބާވައެވެ. ކަޔާންގެ މައްޗަށް ކާމިޔާބު ހޯދާނެ ވަރުގެ މީހަކު ހަޔާތަށް އައިސްދާނެބާވައެވެ. ކޮންމެގޮތެއްވިޔަސް ކަޔާންގެ އާއިލާއަށް ވީމަ ލައިޝާއަށް ޚާއްސަގޮތެއް ބެހެއްޓޭނެކަން ލައިޝާއަށް ޔަގީންވިއެވެ.

ލައިޝާ ގަޔަށް ދޫ ހެދުމަކާއި ކަޅު ސްކިނީ އެއްލައިގެން އެއްވެސް މޭކަޕެއްނެތި ހުރިއިރުވެސް ރީތިކަމުގެ މިސާލެއްފަދައެވެ. އޮމާން މޫނު އެހާ ތާޒާއެވެ. އާދައިގެ މަތިން ކަޔާންގެ ކެބިން ރީތިކޮށްލާފައި އައިސް ފުނިޖެހިފައިވާ މަސައްކަތުގައި މަޝްޣޫލުވެގެން އިންދާ ކަޔާން އައިސްފައި ގުޅާލާފައި އަންނަން ބުނުމުން އެ ކެބިންއަށް ވަންއިރު އޭނަގެ ހިތް ތެޅޭވަރުން ހީވީ ފުންމާލަފާނެހެންނެވެ.

"މޯނިން ސަރ...." ލައިޝާ ކުޑަ ހިނިތުންވުމަކަށްފަހު މޭޒުކާރީގައި ހުއްޓިލައިގެން ހުރިއިރު ކަޔާންއާއި ދިމާލަށް ބަލައިލާކަށް ނޫޅުނެވެ.
"ލައިޝާ، ކިހިނެއްވީ؟ ހުން އައީތަ؟ " ކަޔާން އޮޅުން ފިލުވައިލަން ބޭނުންވިއެވެ. އެ ރީތި މޫނުމަތިން މިއަދު އެހާ ގާތްކަމެއް ނުފެނުނުކަން ލައިޝާ ފާހަގަކުރިއެވެ. ކުރީ ދުވަހު ރެސްޓޯރެންޓުން ދިމާވެފައި ވާހަކަދެއްކީ ހާދަ ގާތްކޮށެވެ.
"އަ......ނޫ...ނޫން.....ބަލިވީއެއް ނޫން...." ލައިޝާ ގެ މޫނަށް ރަތްކުލަ ވެރިވާންފެށިއެވެ.

"ބަލިނުވާކަމަށް ވަންޏާ މިހާ އަވަހަށް ސަލާމުގައި ހުންނަން ޖެހޭތަ؟ ފަރުވާކުޑަކުރަންޏާ އަހަންނަށް ވަރަށް އުދަގޫވާނެ އިނގޭ......" ކަޔާން ބުމަގޮށް ޖަހައިލިއެވެ. އޭނައަށް ހަގީގަތުގައި އެންމެ އުދަގޫވީ މިދެތިން ދުވަހު ލައިޝާގެ މަތިން ހަނދާންވިވަރުންނެވެ. އޮފީސް އެހެން އެއްވެސް މީހެއްގެ ފަރާތުން ނުލިބޭހާ އަޅާލުން ލިބިފައި އެކަންތަކާއި ވަކިވާން ޖެހުނީމަ ކެތްނުކުރެވުނީއެވެ. ލައިޝާހާ މީރުކޮށް އެހެން މީހަކަށް ކޮފީ ހަދަން ނޭގެނީއެވެ. ލައިޝާގެ ތާޒާ މޫނު ފެނުނީމަ މުޅި ދުވަސް އުފާވެރިވާކަމުގައި ކަޔާންއަށް އިހުސާސްކުރެވިފައިވެއެވެ.

އޭނަ ސަލާމުގައި ހުންނަން ޖެހުނީ ކަޔާންގެ ސަބަބުންނެވެ. ކަޔާންދެކެ ވެވުނު ވަރުގަދަ ލޯތްބެއްގެ ސަބަބުންނެވެ. އެވާހަކަ ކަޔާން ގާތުގައި ބުނަންވީހެއްޔެވެ؟ ކަޔާން އޭނަދެކެ ރުޅިއައިކަން އިހުސާސްކުރެވި، ހިތުގައި ޖެހުނުވަރުން ލައިޝާގެ ކަރުނަތައް ހިފަހައްޓައެއްނުލެވުނެވެ. ލައިޝާގެ ދެލޮލުގައި މުތީތަކެއް ފަދައިން ވިދަންފެށި ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމެން ފެށިތަން ފެނިފައި ކަޔާންގެ މޫނުމަތިން ނުތަނަވަސްކަން ފެނިލިއެވެ. 

"އިޓްސް އޯކޭ، ނުރޮއި........" ކަޔާން ތެދުވެގެން އައިސް ޓިޝޫއެއް ދިއްކޮށްލުމުން ލައިޝާ އުޅުނީ އެނބުރިފައި ދުއްވައިގަންނާށެވެ. ނަމަވެސް ކަޔާން ލައިޝާގެ އަތުގެ މުލައްދަނޑީގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރައިލި ގޮތަކުން ލައިޝާގެ މޫނު ޖެހުނީ ކަޔާންގެ މޭމަތީގައެވެ. 

ކޮމެންޓް 0