އެމީހަކަށްވެސް ލިބުނު ހައިރާން ކަމަކާއި ސިހުން ސިކުންތުކޮޅެއްގެ ތެރޭގައި ނަފްރަތަށް ބަދަލުވިއެވެ. ދޮރުމަތީގައި ހުރީ ޒިއާމް ފިޔަވާ ދެވަނަމީހެއް ނޫނެވެ. ޒިއާމްގެ ލޮލުގައިވި އިންޒާރު ލައިޝާ މުޅިން ސިއްސުވާލައިފިއެވެ. ލައިޝާގެ ޅަހިތަށް ބިރުވެރިކަންވަދެ ރޫރޫ އަޅައިގެން ދިޔައެވެ. ކަޔާންގެ ހަވަނަ ހިއްސު މަސައްކަތްކުރީކަން ނޭގެއެވެ. ކުއްލިއަކަށް އެނބުރި ބަލާލިއިރު ޒިއާމްވެސް ފަހަތަށް ފިޔަވަޅެއް އަޅާ ނިވާވެލައިފިއެވެ. ލައިޝާއަކީ އެހާ ފަސޭހައިން ރޮވޭ ކުއްޖަށް ނުވިޔަސް ގަތް ލަދެއްގެ ބޮޑުކަމުން ކަރުނަތައް ލޮލުގައި ގިނަވެގެން ތިރިއަށް ދެމިގަންނަން މާ ގިނައިރުތަކެއް ނުވިއެވެ. މޫނަށް ފެން ވިއްސަން ހުއްޓާ ކަޔާން ފަހަތުން އައުމުން ލައިޝާއަށް ލޯގަނޑުން ފެންނަން ހުރި ކަޔާންގެ ސޫރައަށް ބަލާލެވުނެވެ. އެ ރީތި މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. 

"އޭ ރޮނީތަ؟ ކިހިނެއްވީތަ؟ ޑިޑް އައި ހާޓް ޔޫ ނޭގިވެސް، ބުނެބަލަ ލައިޝް، ކިހިނެތްތަވީ؟ ތިގޮތަށް ރުއީމަ އަހަރެން ދެރަވާނެވަރު ލައިޝްއަށް ރަގަޅަށް އެނގޭނެ....... " ކަޔާންގެ އުފާވެރިކަން ވަގުތުން ގެއްލި ކަންބޮޑުވިއެވެ. ލައިޝާ އޭނައާއި ދިމާލަށް އަނބުރާލަމުން މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.
"ކަމެއްނުވޭ، އަވަހަށް ގެއަށް ދެވިދާނެތަ؟ ހާދަ ވިއްސާރައޭ......" ލައިޝާ އެސްފިޔަތައް ތިރިކޮށްލިއެވެ.
"އަހަންނަށް އެނގޭ، ކޮންމެވެސް ކަމެއް ވެއްޖެ، ލައިޝް ތިހިރީ އަޕްސެޓްވެފައިކަން އެނގޭ، ކީއްވެ އަހަރެން ނުހުއްޓުވީ، އަހަންނަށްވެސް އެނގޭ މިއީ އޮފީސްކަމާއި ކެތްކުރަން ޖެހޭކަން، ސޮރީ އިނގޭ ލައިޝް، ދެން އެހެނެއް ނުވާނެ، އައި ޕްރޮމިސް، އެހެންނޫނަސް އޮފީސްދޮރު ތަޅުލައިގެން އަހަރެމެން ތިބީ، އެހެންވީމަ އެކަމާއި ހާސްނުވެބަލަ ބޭބީ....." ކަޔާން އަތް ފޯރުވާފައި ލައިޝާގެ ތުނި ސްކާފް ނަގާދިން އިރު ލައިޝާ ހުރީ ކަރުނަތައް ހިފަހައްޓާލައިގެންނެވެ. 

"އިޓްސް އޯކޭ ހަނީ، ސޮރީ ނުބުނެބަލަ، އިޓްސް ނޮޓް ޔޯރ ފޯލްޓް، ކެން ބޭނުން ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ބޭނުންކަމެއް ކުރިޔަސް ހުއްޓުވާކަށް އަހަރެން ބޭނުމެއްނޫން، ކެން ބޭނުން ކޮންމެ ގޮތަކަށް ވާންޖެހޭކަމަށް އަހަރެން ގަބޫލުކުރަން، އެކަމަކު ކުޑަކޮށް ކަންބޮޑުވީ، ހާސްވީ، މީހަކަށް ފެނިއްޖެއްޔާ ކުށްވެރިވާނެވަރު ހިތަށް އެރީ، އެހެން މީހަކަށް އަންޑަސްޓޭންޑެއް ނުވާނެ، އަހަރެމެންގެ ގުޅުން އެހެން މީހަކަށް ނޭގޭނެތީ އެކަމާއި ފިކުރުކުރެވުނީ......." ލައިޝާ ކަޔާންގެ ގައިގައި ބައްދާލަމުން އެ ތަނަވަސް މޭމަތީގައި މޫނު ޖައްސާލިއެވެ. ކަޔާންއަކީ އޭނަގެ ލޯބިވާ ފިރިމީހާއެވެ. ނަމަވެސް އެކަން އެނގެނީ ކާކަށްހެއްޔެވެ؟ ދުނިޔެއަށްވަނީ ސިއްރުވެފައެވެ. އެދެމީހުންގެ ދޭތެރޭގައި މިއަދު އެހިނގި ކަންތައް ބޭޒާރު އެވީ އެންމެ ނުވާންވީ އެއް ފަރާތަށެވެ. ޒިއާމްއަށް ރީއްޗަށް އެނގޭނެއެވެ. ފިނި ދުވަހެއްގައި އޮފީސް ތަޅުލައިގެން ކަޔާން ގަމީސްނުލާ ހުރީމަ އެކަމުން ދޭހަވާނީ އެހެން ކޮންކަމެއް ހެއްޔެވެ؟ ދާހިއްލާލާފައި ހުރީމަ ޒިއާމްއަށް ނޭގޭނެ ހެއްޔެވެ؟ ތަންކޮޅެއްކުރިން ޒިއާމްއަށް އާދެވުނުނަމަ އޭނަ ލަދުން މަރުވާނެއެވެ. އެކަމަކު ޒިއާމް އެގަޑީގައި އޮފީހަށް އައި ބޭނުމަކީވެސް ކޮބާ ހެއްޔެވެ؟

ކަޔާން އޮފީސް ތަޅުލާފައި ހުރި ވާހަކަ ލައިޝާ ގާތު ހަމަޖެހިލައިގެން ހުރެ ބުނެލިއިރު ޒިއާމްގެ މަތިން ހަނދާން ނެތީހެއްޔެވެ؟ އޭނަގެ ބޭބެއަތުގައި އޮފީސް ތަޅުދަނޑި އޮންނާނެކަން ވިސްނާނުލީ ހެއްޔެވެ؟ ކަޔާންގެ ރުޅިގަދަ ބައި ކުރިން ލައިޝާއަށް ފެނިފައިވާތީ އެވާހަކަ ބުނާކަށް ނުކެރުނެވެ. ލައިޝާ ބޭނުންވީ އަވަހަށް ގެއަށް ދިޔުމަށެވެ.

ޒިއާމް އާއި ރައަދު ސަމާސާކޮށް އެކީގައި އުޅޭތަން ފެނުމުން އާއިލާ އެހެން މީހުންނަށް އެގުޅުން އޮޅިފައި ވިނަމަވެސް މާޔާއަށް އެއީ ބޭބެ ކޮއްކޮއެއްގެ ލޯބި ނޫންކަން ރަގަޅަށް އެނގެއެވެ. ކުރިން އޭނަ ހުރީ ޒިއާމް ދިޔަޔަސް ހެޔޮކަމަށް ނިންމައިގެންނެވެ. ފަހުން އެއްޗެއް ދަސްވީ އަފްރީން ކައިރިންނެވެ. ކަޔާންދެކެ ލޯބިނުވާއިރުވެސް އަފްރީން ކަޔާންގެ ފަހަތުގައި އަޅުވާލީ އެހެންވީމައެވެ. އޭނަ ފަދަ ރީތި އަންހެންކުއްޖަކު ލިބެން ހުއްޓާ ދެލޯ މަރާލާފައި އެހެން އަންހެންކުއްޖަކު ހޯދީމައެވެ. އެއީ އަފްރީންއަށް ލިބުނު ނާކާމިޔާބަކަށް ވާން ނޭދުނީމައެވެ. ރައަދުއާއި ވާދަކޮށްގެން ކުރި އަތުލާން މާޔާ ނިންމި ސަބަބަކީވެސް އެއީއެވެ. ޒިއާމްގެ އަނބިމީހާ ދޫކޮށްލާފައި އެހެން އަންހެންކުއްޖެއްގެ ފަހަތުން ދާނީ މާޔާގެ އުނިކަމެއް ހުރީމަ ނޫނީ އެހެން މައްސަލައެއްހުރެގެން ކަމަށް އެންމެން ގަބޫލުކޮށްފާނެއެވެ. އޭނަގެ މަދީ ކޮންކަމެއް ހެއްޔެވެ؟ އޭނައާއި ބަލާއިރު ރައަދު މޮޅީ ކޮންކަމަކަށް ހެއްޔެވެ؟ ފުރަތަމަވެސް މާޔާ ކުރިކަމަކީ އެދެމީހުން ނިދާއިރު ދޭތެރޭގައި ހުރަހަކަށް ޖަހާފައި ހުންނަ ބާލީހުގެ ފަރުދާ ނައްތާލީއެވެ. ޒިއާމް އަންނަންވާއިރަށް ވީހާވެސް ކުރު ހެދުންކޮޅު ތަކުގައި ރީތިވެލައިގެން ހުންނަން ފެށީއެވެ. އެ ރީތިކަމުގެ ދަލުގައި ޖެހިގެން ޒިއާމް އިސްނަގާނެ ކަމަށް އޭނަ ހީކުރިއެވެ. އެކަމެއް ނުވިއެވެ.

ކަޔާންއާއި ލައިޝާ ކެބިން އިން ފެނުމުން ވަގުތުން ގެއަށް އައިއިރު ޒިއާމް ހުރީ އަލިފާންވެފައެވެ. ކައިގެން އެހެން ދުވަހު ސިޓިންރޫމްގައި އާއިލާ މެމްބަރުންނާއި އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ޒިއާމްގެ އާދައެކެވެ. އެރޭ ކަޔާންދެކެ ހިތްހަމަނުޖެހިފައި ވާވަރުން މަޑުކޮށްނުލާ ކޮޓަރިއަށް ވަނެވެ. އޭރުވެސް ޒިއާމްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފެނެއެވެ. ފިނިގަދަ ރެއަކަށްވުމުން ކޮންމެވެސް ވަރަކަށް ރުޅި މައިތިރިވި ނަމަވެސް އަދިވެސް ހިތަށް އަރަނީ ލައިޝާގެ ނުބައިކަމެވެ. މަންމަމެންގެ ވާހަކަތަކުގައި ދޮގެއްނުވެއެވެ. އެކަހަލަ އަންހެން ކުދިންގެ އަޚުލާގު ހާދަ ދަށެވެ. ބުރުގާގެ ނިވަލުގައި ފިލާހުރެ ލައިޝާ އުޅޭލެއް ހިތަށް އަރާފައި މޫނުމަތީގައި ބޮނޑިއެއް އަޅާލަންވެސް ބޭނުންވިއެވެ. ދެރަވަނީ އެކަން ނުކުރެވި އާދެވުނީމައެވެ. ޒިއާމް އޮފީހަށް ދިޔައީ ހަނދާންނެތިގެން ފޯނު ބާއްވާފައި އާދެވުނީމައެވެ. ކޮއްކޮއާއި ލައިޝާ އޮފީހުގައި ތިބެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އޮފީސް ތަޅުލައިގެން ކެބިންނޫން ތަނެއްގައި ނޫނީ އެގޮތަށް އުޅެން ނޭގުނީ ހެއްޔެވެ؟ ކުރަން ދިޔަ ކަންތައްވެސް ނުކޮށް އޭނަ އަނބުރާލާފައި އައީއެވެ.

ޒިއާމް ގަމީސް ކޮނޑުގައި އަޅުވާލާފައި ނިދަން ތައްޔާރުވެގެން އެނދުގައި އިށީދެ އިސްތަށިގަނޑުގައި އަތްހިންގާލިއެވެ.

"މިއުޅެނީ ފިނިވާތީ، ހަގްކޮށްލެވިދާނެތަ ޕްލީސް...." މާޔާ ކުޑަކޮށް ތެދުވެލާފައި ޒިއާމްގެ އަތުގައި ހިފާލިއެވެ. ޒިއާމް ގަބޫލުކުރުން ދަތިވެފައި ބަލާލިއެވެ. އެރީތި ދިގު އެސްފިޔަތަކުން ފްރޭމް ކުރެވިފައިވާ ދެލޮލުގެ ފުންކަން ފުރަތަމަ ފަހަރަށް މާޔާ ފާހަގަކުރިއެވެ. ކުރިން އެދެލޮލުގެ ފުރިހަމަކަން ނޭގުނީ ކީއްވެބާވައެވެ. މާޔާ ލަދުގަންނަގޮތްވިއެވެ. އެހެން ބުނެވުނުކަމުގެ މޮޔަހީވިއެވެ. ޒިއާމްއާއި ދޭތެރޭގައި އޭނަ ކަންތައްކޮށްފައިވަނީ ގޭގައި ގެންގުޅޭ ނޯކަރަކަށްވެސް ނަހަދާނެ ގޮތަކަށެވެ. މޫނުމަތީގައި ހެދުންތަކުން ޖަހާ ފައިވާނުން ބޮލުގައި ޖެހި ހަނދާން އޭނަ އެބަހުއްޓެވެ.

"އަހަރެންގެ ފިރިމީހާ ވީމަ އެވަރުކަމަކަށް އެދެވިދާނެއްނު....." މާޔާ ހީލީ ގަތް ލަދު ފޮރުވުމަށެވެ.
"ފިރިމީހާ ކަމަށް ގަބޫލުކުރަންތަ؟ " ޒިއާމް ބުމަ އަރުވާލިއެވެ.
"ކުރަން މަޖުބޫރުވީ، އެހެން ނޫނީ ހިންދީ ސީރީޒްތަކުގައި އުޅޭހެން ދެތިން ހަތަރު އަހަރުވާއިރުވެސް ގުޅުމެއްނެތި ދެތާ ނިދަން ޖެހޭނީ، ކިހާ ފޭކް، ހިތަށް އެރި ޒިއާމްވެސް މިއީ ހާދަ ކެތްތެރި ހަޒްބެންޑެކޭ، ބައެއްފަހަރު ހިތަށް އަރާ ގޭއި އެއް ކަމަށްވެސް ވެދާނެއޭ، ހޯމޯންތައް މަސައްކަތް ނުކުރަނީއޭ، އެހެންވެ ހިތަށް އެރީ....." މާޔާ ލާނެތް ނަޒަރަކުން ބަލާލިއެވެ.
"ޔަގީންކޮށްލަންވެގެން ތަ ހަގްކޮށްދޭށޭ ތިބުނީ......" ޒިއާމް ހީލިއެވެ. އެއީ ޒިއާމް އާއި މާޔާގެ ގުޅުން ރަގަޅުވާން އެޅުނު ފުރަތަމަ ފިޔަވަޅަށް ވެގެން ދިޔައެވެ. އެދޭތެރޭގައިވާ ގަނޑުފެން ވިރިގެން ދާން ފެށުމުން އެކީގައި އުޅެން ފަސޭހަވެ ލޯބި އުފެދިދާނެކަމަށް ޒިއާމްއަށްވެސް ގަބޫލުކުރެވުނެވެ. ފިނި ވިއްސާރަ ރެއެއްގައި ބައިވެރިޔެއްގެ އަތުތެރޭގައި ހޭދަކުރުމުގެ ނަސީބު އެރޭ ދެމަފިރިންނަށްވެސް ލިބުނެވެ. ބޯވާރޭގެ ތިކިތައް އެތަންމިތާ ޖެހޭ އަޑުން ފަޒާގައި މިއުޒިކް ކުޅެވެމުން ދިޔައިރު މާޔާވެސް ޒިއާމްގެ މޭގައި ބޯއަޅާލައިގެން ހިތްހަމަޖެހުމާއިއެކު އޮތްއިރު ތުންފަތުގައި ހިނިތުންވުމުގެ އަސަރުވެއެވެ. އިރާދަކުރެއްވިއްޔާ ރައަދުއަށް ކާމިޔާބެއް ނުވާނެއެވެ. މީހެއްގެ ފިރިއެއްގެ ފަހަތުން އުޅުމަކީ ރީތިކަމެއް ނޫންކަން އެމޮޔަކުއްޖާއަށް ވިސްނިދާނެއެވެ.

ވިއްސާރަ ތޫފާނީ ރެއެއްގެ އިންޒާރުތައް ދެމުން ދިޔައިރު ވިޝާން ޓީވީ ހުޅުވާލައިގެން ޗެނެލްތައް ބަދަލުކުރަން އިނެވެ. އަތުގައި ހުރީ އާވި އަރައަރާހުރި ކޮފީއެކެވެ. އަފްރީން ދެފައި ވަށްކޮށްލައިގެން ސޯފާއަށް އަރާ ވާހަކަ ފޮތަކަށް ގެއްލިފައި އިނެވެ. މި ވިއްސާރައިގައި ރައަދު މިގެއަށް އަތުވެދާނެކަމަކަށް އެކަކުވެސް ހިޔެއްނުކުރެއެވެ. ކުއްލިއަކަށް ތެމިގެން ހުރި ކުއްޖާ ވަންގޮތަށް ދުވެލާފައި އައެވެ. އޭނަ ފުންމައިގެން ވިޝާންގެ އުނގަށް އެރިއިރު ވިޝާންގެ އަތުގައި ކޮފީއެއް ހުރިކަމެއްވެސް ނޭގުނެވެ. ވިސްނާނުލައި އިން ވިޝާންގެ އަތުން ކޮފީތަށި ސޯފާއަށް ބަންޑުންވިތަން ފެނިފައި އަފްރީން ފެށީ ހޭށެވެ. ރައަދު އާއި ވިޝާން ގުޅޭކަމަށް އަފްރީން ގަބޫލުކުރެއެވެ. ނަމަވެސް ރައަދުގެ ހުންނަ ޅަގޮތަކުން ބައެއްފަހަރު ވިޝާންގެ ބޮލަށް އުދަގޫވާނެކަން އޭނަ ދަނެއެވެ. ކީވާ ތަފާތެވެ. މާތްކުއްޖެކެވެ. ހަރުދަނާ ވިސްނުންތޫނު ކުއްޖެއްހެންވެސް ހީވެއެވެ.

"މޮޔަ ކުއްޖާ ގަނޑު......" ވިޝާން ބުމަގޮށް ޖަހާލާފައި ތެދުވުނުގޮތަށް ރައަދު ނަގާފައި އަނެއް ސޯފާއަށް އެއްލާލިއެވެ. ރައަދު ހައިރާންވެ ދެލޯބޮޑުކޮށްލި އިރު އެ ދެލޮލުން މޮޅިވެރިގޮތެއްވެސް ފެނުނެވެ. ވިޝާންގެ ހިތް މަޑުވާން އުޅުނެވެ. އޭނަ ކީވާއާއި ކައިވެނިކުރަން ނިންމާފައި ވިޔަސް އެއީ އެހާ އަވަހަށް ކުރެވޭނެ ކަމެއް ނޫނެވެ. ކީވާގެ މިޒާޖު ހުންނަ ގޮތުން އެކުއްޖާގެ ފަރާތުން މީހަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ރައަދު އަކީ ވިޝާން ގެންގުޅޭ ބުދެއްފަދަ ކުއްޖެކެވެ. ބޭނުން އިރަކުން އޭނަގެ ގާތަށް އަންނާނެއެވެ. ވީއިރު ރައަދު ދެރަކޮށްލައިގެން ކަމަކު ނުދާނެއެވެ. ވިޝާން ވިސްނާލާފާ ސިޑިން މައްޗަށް އަރައިގެން ދަމުން ބަލާލީ ދައުވަތުދޭފަދަ ނަޒަރަކުންނެވެ. އަދި އަނގަޔަށް ހަދާލިގޮތުން އެބުނީ ސޮރީކަން ރައަދު ދެނެގަތެވެ.

ރައަދު މަތީ ބަޔާއި ހަމަޔަށް ފޯރިއިރު ވާރޭ ބޯކޮށްލައިފިއެވެ. ބެލްކަނީއިން ދަމުން ގަސްތަކުގެ ތެރެއަށް ނަޒަރު ހުއްޓާލިއިރު ގަސްތަކުގެ ގޮފިތައް ހޫރެމުންދާތަން ފެނުނެވެ. އެއްވެސް ހިމާޔަތެއްނެތި ހާމަޔަށް ވާ ގަސްތަކަށް ވައިގެ ބާރު ހަމަލާތައް ހުއްޓުމެއްނެތި ދެމުން ދަނީއެވެ. ވާރޭގެ ބޯ ތިކިތައް ނާޒުކް ފަތްތަކަށް ގޯނާކުރަނީއެވެ. ހާދަ ޗާލެވެ. ރީތި މަންޒަރެކެވެ. ރައަދު ވިއްސާރައިގެ ރީތިކަން ފޯނުގައި ރައްކާކުރަން ގެއްލިފައި ހުއްޓެވެ. ކުއްލިއަކަށް ވިޝާން ފަހަތުން އައިގޮތަށް ރައަދުގެ މެދުހަށީގައި ހިފާފައި އުފުލާލިއެވެ. އޭރު ވިޝާންގެ މޫނުވަނީ ރައަދުގެ ކޯތާފަތުގައި ޖެހި ބާރުވެފައެވެ. އެބާރުގަދަ އަތުގެ ތެރޭގައި ފިތިގެން ދިޔަގޮތަކުން ރައަދުއަށް ހީފިލާ އަރާމުވިއެވެ. ވިޝާންއާއި ރައަދު ޓެރެސްއަށް އަރާ ވާރެޔާ ތެމިލުމަށްފަހު ދެމީހުން ތެތް އެއްޗެހި ބަދަލުކުރަން ވަނީ ކޮޓަރިއަށެވެ. އެއީ މިފަދަ ރެއެއްގައި ވިޝާންއަށް ހެދުނު ގޯހެކެވެ. ޝައިތާނާ ވިޝާންގެ ސިކުނޑިއަށް ސަވާރުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ކުރެވުނު ބޮޑު ކަންތައް ވިޝާންއަށް ރޭކާލީ މާ ފަހުންނެވެ. ރައަދު ކަންބޮޑުވެގެން ރުޔެވެ. ވިޝާން ވިސްނައިދިނީ އެއީ މާބޮޑުކަމެއް ނޫންކަމަށެވެ. މިޒަމާނުގައި އެހެން ނޫޅޭ އަންހެންކުއްޖަކު މަދުވާނެކަމަށް ބުނެ ރައަދު އޮޅުވާލަން ވިޝާން މަސައްކަތްކުރިއެވެ. ކޮންމެގޮތެއް ވިޔަސް އޭނަ ކައިވެނި ކުރާނީ ރައަދު އަކާއި ނޫނެވެ. ހަޔާތުގެ ބައިވެރިޔެއްގެ ހުންނަންވީ ސިފައެއް ރައަދުގެ ނެތެވެ. އޭނަ ބޭނުމީ ކީވާފަދަ އަންބެކެވެ. އެހެންނޫނަސް އޭނަގެ ހިތުގައި ވާ ކީވާގެ ލޯބި ވަރުގަދަވަމުންގޮސް އެހެންމީހަކަށް ދޭނެ ޖާގައެއްނެތެވެ. 

ޒިއާމް ދެއަންބަށް ރައަދުއާއި ކައިވެނިކޮށްފާނެއެވެ. ޒިއާމް ދެކެ ރައަދު "ކްރަޝް" އެއްވެގެން ފަހަތުން އުޅޭކަން ވިޝާން ދަނެއެވެ. ޒިއާމް އެހާ ރަގަޅު ޒުވާނަކަށްވެސް މަޑުން ނުހުރެވެއެވެ. އޭނަ ރައަދުއާއި ކޮންމެވެސް ވަރަކަށް ގުޅުން ބާއްވައެވެ. ވީއިރު ކައިވެނި ނުކުރެވެން ވީ ކީއްވެހެއްޔެވެ؟ ނަމަވެސް މިވީގޮތުން އޭނަ ކީވާއަށް ބޭވަފާތެރިވެވުނީ ކަމުގައިވެސް ހީކުރެވުނެވެ.

ވިޝާންއަށް ކުރެވުނު ފާފައާއި ކުށް ފޮރުވަންވެގެން ޖެހިގެން އައި ދުވަހު އޭނަ ފިހާރައަކަށްވަދެ ރޫބީ އަނގޮޓިއެއް ގަނެލިއެވެ. އަވަހަށް ކީވާއަށް ކައިވެނި ހުށަހަޅައިގެން އޭނަގެ މީހަކަށް ހަދަން ވިޝާން ބޭނުމެވެ. އޭރުން ފަހަރެއްގައި ވާގޮތަކުން އޭނައާއި ރައަދުގެ ގުޅުން އެނގުނަސް އެހާ ފަސޭހައިން ދުރަށްދާކަށް ކީވާއަކަށް ނުކެރޭނެއެވެ. ކީވާ ޑައިލިސިސް ހަދަން ދިޔައިރު އެ ކޮޓަރިތެރޭގައި ހުރީ އުއްބައްތިތަކާއި ރަތްފިނިފެންމާތަކުން ބަރާކޮށްފައެވެ. ހިލިއަމް ފުއްޕާހަން ތަކުގައި ލޯބީގެ އެކި ކުރު ފޮނި ލަފުޒުތައް ވެއެވެ. ކީވާ ހުރީ ހިނގައިގަންނަން ނޭގި އަނގައިގައި އަތްއެޅިފައެވެ. ވިޝާން ކީވާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.

"އަހަންނަށް ދެން ކިވީއާއި ދުރަކުން ނޫޅެވޭނެ، އެހާވެސް ބޮޑަށް އަހަންނަށް ލޯބިވެވިއްޖެ، ވަރަށް ވަރަށް ލޯބިވޭ، އަހަންނަށް ކިވީއާއި އަޅާލެވޭނީ އަހަންނާއި ގާތުގައި ވީމަ، އަހަންނަށް ކުރިންވާނީ ގޯސްތައް ހެދިފައި، އެކަން ދެން ރިޕީޓެއްނުވާނެ، އަހަރެން ބޭނުމީ ކިވީއާއި އެކުގައި އަހަރެންގެ މުޅި ހަޔާތް ވޭތުކޮށްލަން، އަބަދަށްޓަކައި އަހަންނާއި އެކުގައި ކިވީ ވުމަކީ އަހަރެންގެ އުއްމީދު، ކިވީ، މެރީ މީ....." ވިޝާން ގެ ރީތި ދެލޮލަށް ބަލާލުމުން ކީވާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އެހާ ލޯބިން ކައިވެންޏަށް އެދުމުން ދެކޮޅު ހަދަން ކެރޭނެ ހެއްޔެވެ؟

"ޔެސް، އައި ވިލް.........." ކީވާއަށް މަޑުމަޑުން ބުނެލެވުނެވެ. އެނޫން ގޮތެއް މިއަދަކު ކީވާއަށް ނެތެވެ. ވިޝާންގެ މަޖުބޫރުކުރުމުގެ ސަބަބުންނާއި ވިޝާންގެ ހިތުގައި ޖެހޭފަދަ ގޮތަކަށް ހަދަން ބޭނުންނުވާތީ ކީވާ ހުރީ އެފަދަ ކޮންމެ ކަމަކަށް އެއްބަސްވާށެވެ. ކީވާގެ ހިތުގައި އުފެދުނު އައިދަންގެ ލޯބި ހިތުން ފިލުވައިލަންވެސް އޭނައަށްވަނީ ޖެހިފައެވެ.

ކީވާގެ އަތުގެ ކަށި އިނގިލީގައި އަނގޮޓި އަޅުވާދިނުމަށްފަހު އެ އަތްތިލައިގައި ވިޝާން ބޮސްދިނެވެ. އެތައްފަހަރު ލޯބިވާ ވާހަކަ ބުނެލިއެވެ. ކީވާގެ ރީތި ދެލޯ އުފަލުންގޮސް ވިދާލިއެވެ. 

ކެންޒީ ވާރޭވެހޭ މަންޒަރުބަލަން އިންއިރު އަމިއްލަ ހާލަތާއި މެދު ފޫހިވާގޮތްވިއެވެ. މިހެން އިންނަން ވުމުން އޭނަ ޝަކުވާކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ ފިޒިއޯތެރަޕިސްޓް ލައްވާ ދެއިރު ކަސްރަތުކޮށް ތެޔޮދަމާ ނުކުރާކަށްކަމެއް ނެތެވެ. އަމިއްލަ ބާރެއްނެތި ނިކަމެތިކަމާއިއެކު ގޮނޑިއެއްގައި އިނުމަކީ ކެންޒީއަށް ކެތްކުރެވޭނެކަމެއް ހެއްޔެވެ؟ މަސައްކަތެއް ނުކޮށް މިހެން އިންނަންވީމަ ބޭކާރުމީހެކޭ ހިތަށް އަރަން ފަށައިފިއެވެ. އޭނަގެ މިޒާޖު ހުންނަގޮތުން އެހާމަޑުން އިންނަ ޓައިޕެއް ނޫނެވެ. އެކްސިޑެންޓްގެ ކުރިން އޭނަ އުޅުނީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެކެވެ. ޖިމަށް ގަވައިދުންގޮސް ސާފްކުރުންފަދަ ކަންތަކަށް އެހާ ފޯރި ހުއްޓެވެ. ކެތްނުކުރެވިގެން އެންމެ ފަހުން ގޮނޑިން ތެދުވާން އުޅުމުން އަރިއަޅާލާގޮތްވިއެވެ.

"ޑޭމިޓް، އަހަރެން ނުވެއެއްނު ފިރިހެނަކަށްވެސް، ހިނގޭނެ ޓްރައި ކުރީމަ، ނުވާންވީ ކީއްވެތަ؟ ވިލްޕަވަރ ބޭނުންވާނީ........" ކެންޒީ އަމިއްލަ ނަފުސަށް ހިތްވަރުދެމުން ވާހަކަދެއްކިތަނާ ގެއަށް ވަދެގެން އައި އަފްރީން ފެނުނެވެ. ކަޅު ސްކިނީ އަކާއި ބާރު ޓޮޕެއްލައިގެން ހުރިއިރު ރީތިކަމުން އާޝޯޚުނުވާވަރެއް ނޫނެވެ. ކެންޒީ އިނީ އެސްފިޔަޖަހާލަން ނޭގިފައެވެ. އަފްރީން ބަލާވެސް ނުލައި އޭނައާއި ކައިރިން ލާފައި ދިޔައިރު ހިތަށް ކެތްވީއެއް ނޫނެވެ. މާޒީގެ ހަނދާންތައް ހިތަށް އުދަގޫކުރުވިއެވެ. އެރީތި ހަށިގަނޑުގައި ބޮސްދޭން ބޭނުންވިއެވެ. އަފްރީން ބޭނުންކޮށްފައި ހުރި ލުއި ސެންޓްވަސް ކެންޒީގެ ސިކުނޑި ތާޒާކުރުވިއެވެ. ކެންޒީ ހިނިތުންވެލާފައި އަފްރީންއަށް މެސެޖެއްކޮށްލިއެވެ. އަފްރީންލައިގެން ހުރި ހެދުމުގެ ރީތިކަމާއި ސެންޓްވަހަށް ތައުރީފުކުރިއެވެ.

"ކެންޒީ، އަހަރެން ބުނީމެއްނު ވާހަކަ ނުދައްކާނަމޭ...." އަފްރީން ޖަވާބު ދިނެވެ.
"މެސެޖްކުރުމާއި ވާހަކަދެއްކުން ހާސްބައި ތަފާތު، އައި ސްޓިލް ރިމެމްބަރ، އަހަރެމެން ގެ ދޭތެރޭގައި ހިނގިކަންތައް........" ކެންޒީ ލިޔުނެވެ.
"ކެންޒީ، ސީރިޔަސްލީ ލަދުގެ ކަންފުޅެއްވެސް ނަހައްދަވާތަ؟ ތިހާ ބަލިވީމަވެސް މައިތިރިވާން ވެއްޖެ އެއްނު، އަހަންނަކީ ކަޔާންގެ މީހެއްކަން އަދިވެސް ނޭގޭތަ؟ ޖުއާންއަކީ ހެކި......" އަފްރީން ގެ ޖަވާބު އައެވެ.
"ކަޔާން އަހަރެން ކުރާ ކަމަކާއި އެއްޗެއް ނުބުނާނެ، އަހަރެން މި ގޮނޑީގައި މިއަދު އިންކަމީ ތިކުއްޖާގެ ނަސީބު..." ކެންޒީ ސަމާސާއެއް ކޮށްލިއެވެ.
"ތިބުނީ ކީކޭތަ؟ "އަފްރީން ހައިރާންވިއެވެ.
"އަހަރެންނަކަށް ދުރުން ނުހުރެވޭނެ، އެހާ އެޓްރެކްޓިވް، ހިތަށް އެރި ހަގްކޮށްލާނަމޭ، އަދި ކިތަންމެ ކަމެއްކޮށްލަން ބޭނުންވި، އައި އަންޑްރެސްޑް ޔޫ އިން މައި އިމޭޖިނޭޝަން ހެހެ......" ކެންޒީ އަފްރީން ރުޅިއަރުވާލިއެވެ.

"ޑާޓީ މައިންޑެއްގެ ވެރި ފިރިހެނެއް، ހިތަށް އަރާ ގޮނޑިން ވެއްޓިއްޖެއްޔާ ރަގަޅޭ...." އަފްރީން އަނދަން ފެށިއެވެ.
"ކާމްޑައުން ލަވް، ބަދު ދުއާކޮށްގެން އަހަންނަށް ނުބައިކަންތައް ކުރަނިކޮށް ބޮނޑިއެއް ލިބިދާނެ، އަހަރެން ކޯމާއަކަށް ފޮނުވާލީވެސް ތިކުއްޖާ، އެދުވަހު ބުނީމެއްނު އެކްސިޑެންޓެއް ވެއްޖެއްޔާ ރަގަޅޭ، މިހާރު ގޮނޑިން ވައްޓާލަންވީ، ހަމަ ތެދެއް މިބުނީ، އަހަންނަށް ކިރިޔާވެސް ބާރެއް ލިބޭދުވަހަކުން ރަގަޅު އަދަބެއް ދޭނަން، މަގޭ ރިވެންޖް ވަރަށް ސްވީޓްވާނެ......." ކެންޒީ އިނީ ހީލަ ހީލައެވެ. އަފްރީންގެ މޫނު މިހާރު ހުންނާނެގޮތް ހިތަށް ގެނެވުނެވެ. އެ ބުޅި އިސްތަށިގަނޑު އޮތީމަ ހާދަ ރީއްޗެވެ. ރުޅިއައިމަ ވަކިން ލޯބިގޮތެއް ހުރެއެވެ. އަފްރީން އޭނަދެކެ ނަފްރަތު ކުރިޔަސް ކޮންމެވެސް ޒަމާނެއްގައި އަފްރީންއަށް ހަގީގަތް އެނގި އޭނަދެކެ ލޯބިވާނެކަމަށް ކެންޒީ އުއްމީދުކުރެއެވެ.

މިއަދު ކެންޒީ އޭނަގެ ބޭބެ ކަޔާންގެ ގާތުގައި އެދިފައިވަނީ ޖުއާން އަފްރީންއާއި ހަވާލުކޮށްދިނުމަށެވެ. ޖުއާން މަންމައާއި ދުރުކުރާކަށް ކަޔާންވެސް މިހާރު ބޭނުމެއް ނުވެއެވެ. އެހާ ބޮޑަށް ޖުއާން އަށް ހިމާޔަތްދީ ރައްކާތެރިކުރަން އުޅެވުނީ ކެންޒީ މިދުނިޔެއަށް އަލުން ނޭވާނުލާނެކަމަށް ހީކުރެވިފައި އޮތީމައެވެ. ކެންޒީގެ ހުރި އެކަނި ހަނދާނަށް ޖުއާން ވީމައެވެ.

"އިން ޔޯރ ޑްރީމްސް..." އަފްރީން ކެންޒީގެ ކުރިމައްޗަށް އަންނާކަށް ބޭނުމެއްނުވިއެވެ. 
"އޯކޭ، ވެއިޓް އެންޑް ސީ، އަހަރެން އަބަދު މިހެން ނީންނާނަން ގޯޑް ވިލިން، އަހަރެން އެދުވަހު ފެށިކަންތައް އަހަރެން ނިންމާނަން، އަހަންނަކީ ވަރަށް ޑިޓާމިންޑް މީހެއްކަން ބޭބީއަށް އެނގޭނެ، އައި ސްވިއަރ، ކޮންމެވެސް ދުވަހަކުން ތިކުއްޖާ މަގޭ ގާތު ނިދަން އޮންނާނެ......." ކެންޒީ މެސެޖްކުރިއެވެ. އަފްރީންއާއި އެގޮތަށް ވާހަކަދައްކަން ފެށުމުން ކެންޒީ އިނީ މަޖާވެފައެވެ. ފޫހިފިލާގޮތްވެސްވިއެވެ. ދޭތެރެއަކުން އަފްރީންއަށް މެސެޖްކޮށްލައިގެން އުދަގޫކޮށްލާނީއެވެ. 
"ގޯޓު ހެލް ޑެވިލް....." އަފްރީން ރުޅިއައިވަރު ކެންޒީއަށް އެ ޖުމްލައިން އެނގުނެވެ.

އޮފީސް ތެރޭގައި ބުރާސްފަތި ދުވަހު ހިނގި ހާދިސާއަށްފަހު ޖެހިގެން އައި ދެދުވަހު ލައިޝާ އޮފީހަކަށް ނުދެއެވެ. އެދެދުވަހުވެސް ލައިޝާ އުޅުނީ ކީވާއާއި އެކީގައި ފޮޓޯ ނެގުމުގައެވެ. ކީވާގެ ސަބަބުން ލައިޝާއަށްވެސް ގިނަ އެކުވެރިންތަކެއް ލިބުނެވެ. ޕާޓީތަކަށް ދާނެ ފުރުސަތު ލިބުނެވެ. އެދެދުވަހުވެސް ލައިޝާ ހުރީ އޮފީސްމަތިން ހަނދާންނައްތާލައި ގެންނެވެ. ނަމަވެސް ކަޔާންއާއި އެކީގައި އޭނަ ވަގުތު ހޭދަކުރެއެވެ. ކަޔާންގެ ރީތި މޫނު ފެނިއްޖެއްޔާ ލައިޝާގެ މުޅި ދުވަސް އުފާވެރިކަންމަތީގައި ހޭދަކުރެވެއެވެ. އާދީއްތަދުވަހު އާދައިގެ މަތިން ހެދުނު ތެދުވެގެން ކަޔާންއަށް ދޭން ނާސްތާ ޕެކްކޮށްލައިގެން ލައިޝާ ހުރީ ކަޔާންގެ އިންތިޒާރުގައެވެ. އަދިވެސް ވިއްސާރަ މުޅިން އަލިވާގޮތެއް ނުވެއެވެ. ހަތަރުފަރާތުން ވިލާތައް އުޑުމަތި ބައްދަމުންގޮސް އިސާހިތަކު ކަޅުކޮށްލައިފިއެވެ. ލައިޝާ ވާރޭ މޫސުންދެކެ އަބަދުވެސް ލޯބިވެއެވެ. އޮފީސް ފިނިވާނެކަން އެނގޭތީ މިއަދު އޭނަހުރީވެސް ސްވެޓަރ ފޮތިން ފަހާފައިއޮތް ހެދުމެއްލައިގެން ތަންކޮޅެއް ކެހެރި ފާޑެއްގެ ޝޯލްއެއް އަޅައިގެންނެވެ. މަގުން ދިޔަ އެންމެންގެ ނަޒަރު އެރީތި އަންހެންކުއްޖާއަށް ހުއްޓުނެވެ.

"މޯނިން ބޭބީ، މިއަދު ފިނިކަމުން ހޭނުލެވުނީ، އަހަންނަށް ދެވޭނީ އަދި ތަންކޮޅެއްފަހުން، މަޑުކޮށްލާ އިނގޭ...." ކަޔާން މެސެޖްކުރުމުން ފޯނަށް ބަލަން ހުރެފައި ލައިޝާ ހީލިއެވެ. އޭނަ ގޮސް އިންނާނީ އޮފީހުގައެވެ. ކުރަން ޖެހޭ މަސައްކަތް ކޮށްލާފައި ކެބިން ރީތިކޮށްލާ ހަދާލާނީއެވެ. އޮފީސް މިހާ ކައިރީގައި ހުރުމުން މާބޮޑު މައްސަލައަކަށް ނުވާނެއެވެ. ލައިޝާ ހަމަޖެހިލައިގެންގޮސް އޮފީހަށް ވަދެފައި ކެބިންއަށް ވަންތަނާ ޒިއާމް ގުޅާފައި އައުމަށް އެދުނެވެ. ލައިޝާ އެކެބިންއަށް ވަންނަން ދިޔައިރު އޭނަގެ ހިތް އަވަސްވެފައިވެއެވެ. ޒިއާމްގެ ކުރިމައްޗަށް ދާން އޭނަ ޖެހިލުންވިއެވެ. ޒިއާމް ލެދަރ ގޮނޑިއަށް ލެނގިލައިގެން އިންއިރު އެދެލޮލުން ފެނުނީ ސީރިޔަސްކަމުގެ އިންތިހާއެވެ.

"އިށީދޭ...." ޒިއާމް އަމުރުކުރިއެވެ. ލައިޝާ ޖެހިލުންވެފައި ހުރެ މޭޒުގެ އަނެއް ފަޅީގައި ހުރި ގޮނޑީގައި އިށީނުމުން ޒިއާމް ދިއްކޮށްލީ ސިޓީއެކެވެ. އޭރު ލައިޝާގެ ހިތް ހީވީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ. ލައިޝާ ގެ އަތްފައިވެސް ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ. ފުން ނޭވަޔެއް ލާފައި މީހާ ހަމަޔަށް އެޅެން މަސައްކަތްކުރަމުން ލައިޝާ އެ ސިޓީ ހުޅުވާލައިފިއެވެ.

ކޮމެންޓް 0