"ވެލް......" ލައިޝާ ހުރީ މިތަނަށް ވަދެވުނުކަމުގެ މޮޔަ ހީވެފައެވެ.
"ކީވާ، ކޮއްކޮއަށް އޮޅުވާލާކަށް ނުވާނެ، އަހަރެމެންނަކީ މޯރ ދޭން ފްރެންޑްސް، އެހެންނޫންނަމަ އަހަރެން ހުރިހާ ޓައިމްއެއް ކީވާ ގާތުގައި ހޭދަކުރުމުގެ ބޭނުމަކީ ކޮބާތަ؟ މަގޭ އޮފް ޑޭގައި ވެސް މިތާ މިހިރީ، ހީވަނީ ކިހިނެއްތަ؟ " ވިޝާން އެއް ލޯ މަރައިލިއެވެ. ކީވާ ގެ ހިތުގެ ވިންދު އަވަސްވެލިއެވެ. ހަގީގަތުގައިވެސް ވިޝާން އެހެން ގޮތަކަށް އޭނައާއި ދޭތެރޭގައި ދެކެނީހެއްޔެވެ؟ އޭނަ ހީކުރިގޮތުގައި އޭނަ މަރުވެގެންދާނީވެސް އެއްވެސް މީހެއްގެ ފަރާތުން ލޯބީގެ އެންމެ ޖުމްލައެއް ނީވިކަމުގައެވެ. ފިލްމްތަކާއި ވާހަކައިގައި އެބުނާފަދަ ލޯބީގެ ފޮނި އެންމެ ތަޖުރިބާއެއްވެސް ނުކުރެވި ކަމަށެވެ. އަދިވެސް ޔަގީނެއް ނޫނެވެ. ވިޝާން ސަމާސާކޮށްލީއެވެ. އެހެންނޫނަސް އޭނައާއި ވިޝާން އާއި ދޭތެރޭގައި ހާދަ ފަރަގެއް އެބަހުއްޓެވެ. ވިޝާން ހާދަ ސްމާޓެވެ. އޭނަގެ ކަޅުކަމުން ހީވަނީ އިރު ކޭތަ ހިފާފައިވާހެންނެވެ. ކީވާ ރަކިގޮތަކަށް ހުނެވެ.

"ތިބުނީ ރައްޓެހިވެގެން ނޭ އުޅެނީ، ތިއީ ކިވީގެ ބޯއިފްރެންޑްތަ؟" ލައިޝާ ދެލޯބޮޑުވިއެވެ.
"އޮފްކޯސް، އަނެއްކާ މައްސަލައެއްތަ؟ ލައިޝް، ތިއީ ކުޑަކުއްޖެއްނޫން، އަހަރެންގެ ފަހަރިއަކަށްވެސް ވާން އުޅޭ ކުއްޖެއް، މޯރ ލައިކް އެ ފްރެންޑް އިން ލޯ... އެހެންވީމަ ދެން އެހާ ކަންތައް ބޮޑުނުވެބަލަ، އަހަރެން ނޫޅެން ކީވާއަށް ދެރައެއް ދޭކަށް، ބޭނުންވަނީ ކީވާ އުފަލުގައި ބަހައްޓަދޭން، އަހަރެން ކީވާއަށް ކަމެއް ކުރާކަށް ނޫޅެމޭ......" ވިޝާން އެނދުގައި އުޅަބޮށި ޖައްސާލައިގެން އިނދެފައި ލައިޝާއާއި ދިމާލަށް ބަލައިލީ ހިނިއައިސްފައެވެ.

"ނޫނޭ، ހަމަ ސަޕްރައިޒްވީ...... " ލައިޝާ ގެ ތުންފަތުގައި ހިނިތުންވުމުގެ އަސަރެއްނެތެވެ. ވިޝާންއަކީ ކީވާ އަށް ދާއިމީ އުފަލެއް ހޯދަދެވޭނެ ފިރިހެނެއްކަމާއި މެދު ލައިޝާ ޝައްކެވެ.
"މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟ އަހަރެމެން ވަރަށް މުހިއްމު ވާހަކައެއްގައި ތިއްބާ އިންޓްރަޕްޓްކޮށްލީ ތި...... " ވިޝާން ގަސްތުގައި ލައިޝާ ރުޅިއަރުވާލާ ހިތްވިއެވެ. ވިޝާންގެ އެ ޖުމްލައަކީ ލައިޝާގެ މޫނުގައި ޖެހި އެތިފަހަރެއް ހެން ހީވިއެވެ. ހާދަ ފޮނި ފިރިހެނެކެވެ. ތިމާއަށް ތިމާ ފެނިފައިވަނީ ކަން ނޭގެއެވެ. ޅަ އަންހެންކުދިން ތިމާގެ ރީތިކަމުގެ ދަލުގައި ޖައްސާލައިގެން އެކުދިންގެ ވިސްނުމާއި ކުޅެލާ މީހެކެވެ. އެއްފަހަރާ ރައްޓެހިވެގެން އުޅެނީ ކިތަން އަންހެންކުދިންނާއި ކަން ދެނެވޮޑިގެންވަނީ އެންމެ ފަރާތެކެވެ.

"މިއަދު ބަންދު، ކިވީ، ހުރިހާކަމެއް ރަގަޅުތަ؟ އެއްވެސް އެއްޗެއް ބޭނުންތަ؟ " ލައިޝާ ހުރީ އެނދާއި ކާރިނުވެ ތަންކޮޅެއް ދުރުގައެވެ. ވިޝާންގެ ސަބަބުން ލައިޝާ ހުރީ ހިތް ނުތަނަވަސްވެފައެވެ. ފޫހިވާގޮތްވިއެވެ. ވިޝާންއާއި ކީވާގެ ހަގީގަތް އެގޭ ދުވަހަކުން އައިދަންގެ ހިތަށް ވާނީ ކިހިނެއްހެއްޔެވެ؟ ނޫނީ ވިޝާން ކީވާއަށް ތެދުވެރިވާނެ ހެއްޔެވެ؟ އަފްރީންފަދަ ފޮނި ފަހަރިއަކާއި އެކީގައި އެގޭގައި އުޅެން ވެއްޖެއްޔާ ކީވާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނެއެވެ. އޭނަ ކީވާއަށް ވިސްނައިދޭން ބޭނުންވިއެވެ. ޖަޒުބާތުގައި ޖެހިގެން ނުބައި މީހަކު ހޮވައިފިއްޔާ އަބަދަށްޓަކައި ހިތާމަކުރަން ޖެހިދާނެއެވެ.

ލައިޝާގެ ނަޒަރު ޑައިލިސިސް މެޝިނާއި ދިމާލަށް ހުއްޓުނުއިރު އޭގައި ގުޅާފައިވާ ހޮޅިތަކުގެ ތެރެއިން ލޭ ދައުރުވާތަން ފެނިފައި މޫނު ހުދުވިއެވެ. ނިތްކުރީގައި ކުދި މުތީތައްފަދައިން ދާތިކިތައް ފާޅުވިއެވެ. ހިތް އަވަސްވެލިއެވެ. މިވީހާތަނަށް އޭނަ ޑައިލިސިސް ހަދާއިރު މިތަނަށް ވަދެފައެއް ނުވެއެވެ. ހާސްވެ އަނބުރައިގަންނަގޮތްވީ އެ މަންޒަރު ފެނުނީމައެވެ.

"ލައިޝް، ސްވީޓީ އިރުކޮޅަކަށް ބޭރުގައި މަޑުކޮށްލަދީފާނަންތަ؟ ނޫނީ ފެއިންޓްވެދާނެ...." ވިޝާން ގެ އެ ޖުމްލައާއިއެކު ލައިޝާ އަވަހަށް އެނބުރިލާފައި ބާރަކަށް ގޮސް އެތަނުން ހާމަ ހިސާބަކަށް ނުކުތެވެ. ދުނިޔޭގެ ތާޒާ ވައި ލިބުމުން ލައިޝާގެ މޫނުގައިވި ކުލަ ކެނޑި ކޮންމެވެސް ވަރަކަށް ހާސްކަން ފިލައިފިއެވެ. ޑައިލިސިސް ހަދާތަނަށް ވަނުމަކީ ލައިޝާ ބޭނުންވިކަމެއް ނޫނެވެ. އޭނައަކީ ކަންތަކާއި ޕޮޒިޓިވްކޮށް ވިސްނާ ކުއްޖަކަށްވިޔަސް މިފަދަ ބިރުވެރި މަންޒަރުތައް ފެނުނީމަ އެހެން އަންހެންކުދިން ފަދައިން ކޮންމެވެސް ވަރަކަށް ފިނޑިވާގޮތްވިއެވެ. ތަބީއީގޮތުންވެސް އަންހެންކުދިން ގައިގާ ލައްވާފައިވާ ސިފައަކަށް ވާތީއެވެ. ކުރަފި، ބިޗޫފަދަ އެއްޗެހި ފެނިއްޖެއްޔާވެސް ލައިޝާ ފަކުރުން ހަލާކުވާވަރުވެއެވެ. 

މިއަދު ލައިޝާ މިތަނަށް އައީ އައިދަން އެދުނީތީއެވެ. އައިދަން ބޮލުގައި ރިއްސާތީ ހޮސްޕިޓަލަށް ނާދެވޭނެކަމަށް އޭނަވަނީ ބުނެފައެވެ. އައިދަންއަށް ވިޝާންއާއި ކީވާގެ ގުޅުމެއް އޮތްކަން އެނގުނީހެއްޔެވެ؟ ލައިޝާގެ ހިތަށް ބުނަން ނޭގޭފަދަ އުދަގޫތަކެއްވިއެވެ. ކީވާ ހަމަ ރަގަޅަށްވެސް ވިޝާންއާއި ގުޅުނީ ހެއްޔެވެ؟ ރަޢަދުއާއި ވިޝާންގެ ވާހަކަ ކީވާގެ ގާތުގައި ބުނަންވީ ބާވައެވެ.

އާޓިފިޝަލް ބީޗްގެ ދިގު ގޮނޑިއެއްގައި އެކަނިމާ އެކަނި އައިދަން އިށީދެލައިގެން އިންއިރު އެ ރީތި ދެލޮލުން ފެންނަނީ ވޭނީ އަސަރުތަކެވެ. އޭނަގެ ހަޔާތުގެ ސަފުހާތައް އޭނަ ބޭނުންވާފަދަ ގޮތަކަށް ލިޔެވޭކަށް ނެތެވެ. އެއްކޮޅުން މަންމަގެ ނުފޫޒެވެ. ތަކުރާރުކޮށް މަންމަ އަންގަނީ ކީވާއާއި ވާހަކަ ނުދެއްކުމަށެވެ. ކީވާއަށް ޒިޔާރަތް ނުކުރުމަށެވެ. ދުވަހަކުވެސް އޭނަގެ ޅީދަރިއަކަށްވެގެން ހަރާމް ދަރިއަކަށް އެގެއަށް ނާދެވޭ ކަމުގައި މަންމަވަނީ ބުނެފައެވެ. އެހެންނޫނަސް ލޯބީގެ ނަސީބެއް އޭނައަކަށް ދުވަހަކު ލިބޭނެކަމެއް ނޭގެއެވެ. އޭނަގެ ހިތުގެ ރާނީ ވަނީ އެހެން ފިރިހެނަކަށް ހިތް ކިޔާފައެވެ. އައިދަންގެ ބޮލުގައި ރިއްސާން ފެށުމުން އޭނަ ކަނދުރާގައި ފިރުމާލިއެވެ.

"އެހާ ފަސޭހައިން ގިވް އަޕް ކުރާން ވާނެތަ؟ އަހަރެން ކޮންމެ އަގެއް ދީފައިވެސް ކީވާ ބޭނުން، އަހަންނަށް ކާމިޔާބުކުރެވޭނީ ކިހިނެއްތަ؟ މަންމަ ރުއްސާނީ ކިހިނެއްތަ؟ މިހާ އަވަހަށް ނާކާމިޔާބު ގަބޫލުކުރާކަށް ނުވާނެކަން ނޭގޭ، އަހަންނަކަށް ކެތެއް ނުކުރެވޭނެ ކީވާ އެ ފިރިހެނާއާއި އެކީގައި ފެންނާކަށް، އަހަރެން ލޯބިވާވަރު ކީވާއަށް ޔަގީންކޮށްދޭނީ ކިހިނެއްތަ؟" އައިދަން ގެ ސިކުނޑީގައި އެތައް ކަންތަކެއް ހިނގަން ފެށުމުން ތެދުވެ އެތާއޮތް ގާކޮޅެއްގައި ފައިން ޖަހާލައިފިއެވެ. އެ ގާކޮޅު މައްޗަށް އަރައިގެން ދިޔަގޮތަށް މޫދުގައި ޖެހިފައި ލޮނުގަނޑު ވިއްސައިގެން ދިޔަތަން ފެނުނެވެ. މީހެއްގެ ގައިގާ ނުޖެހުނުކަމީ ނަސީބެކެވެ. އައިދަން ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު އޭނަ ލައިގެން ހުރި ހުދުކުލައިގެ ގަމީހުގައި ވައި އަޅުވާލާއިރު ހަށިގަނޑުގެ ކަސްރަތީކަން ހުރަހެއްނެތި ފެނެއެވެ. އެތާ ތިބި އަންހެންކުދިން އޭނައަށް ބެލީ ޝައުގުވެރިކަމާއި އެކުގައެވެ. އެ އަޅި ދެލޮލުގެ ކުލަވެސް ވަގުތާއި ހާލަތާއި ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ކުލަ ބަދަލުވެފައިވާހެން ހީވިއެވެ.

"އެހެން ކުއްޖަކަށްޓަކައި ދެން މިހިތުން ޖާގައެއް ނުދެވޭނެ، މީހަކާއި ނީދެ އުމުރު ވޭތުކޮށްލާން ޖެހުނަސް އެހެން އަންހެންކުއްޖަކަށް އަހަރެންގެ ހަޔާތުގެ ފަޅުކަމެއް ފިލުވައެއް ނުދެވޭނެ، އަހަރެން އިންނާނީ ކީވާއާއި........" އައިދަން ސައިކަލާއި ދިމާލަށް ހިނގައިގަތްއިރު ހިތާހިތުން އަޒުމްތަކެއް ކަނޑައެޅިއެވެ. ނަމަވެސް އޭނަ ހުރީ އިންތިހާއަށް ދެރަވެފައެވެ. އެހާ ކާމިޔާބު މީހަކާއި ވާދަ ކޮށްގެން ކުރިއަތުލުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށް އޭނަގެ ސިކުނޑީގެ ކަނަކުން ސިގްނަލް ދިނީ ކިތައް ފަހަރުކަމެއްވެސް ނޭގެއެވެ.

ޒިއާމް އާއި މާޔާ ގެ މަޖުބޫރީ ކައިވެންޏަށްފަހު ދެމީހުންވެސް ކުރީކޮޅު ތިބެނީ ދެބީރައްޓެހިން ފަދައިންނެވެ. އެކަމަކު މާޔާއަކީވެސް މުއްސަންޖެއްގެ ދަރިއަކަށްވާތީއާއި އޭނަގެ ނުގަބޫލުގައި ކުއްލިއަކަށް މައިންބަފައިން ނިންމި ނިންމުމަކަށްވާތީ މާޔާ ބޭނުންވީ ގަދަކޮށްލާށެވެ. ޒިއާމްގެ ކޮޓަރީގައި ދިރިއުޅުމަކީ މަޖޫބުރުވެފައިވާ ކަމަކަށް ވާތީ އޭނަ އެނދުގައި ނުނިދާ އެހެން ތަނެއް ޚިޔާރުކުރާކަށް ނޫޅުނެވެ. އެހެން ތަނަކަށް ދަންޏާ ދާން ޖެހޭނީ ޒިއާމްއެވެ. ޒިއާމްވެސް އެހެން ބޭނުމެއްނުވިއެވެ. މާސްޓަރ ބެޑްރޫމަށްވެފައި ކިންގްސައިޒް އެނދުގެ ސަބަބުން އެނދުގެ ދެކޮޅުގައި ދެމީހުން ތިބެން ޖާގައޮތެވެ. އެވަރުންވެސް މާޔާ އޮންނަނީ މެދުގައި އެތައް ބާލީހެއް މަތިމައްޗަށް ޖަހާލައިގެންނެވެ. ކުއިލްޓު ތެރޭގައި ފޮރުވިގެން އޮންނައިރު މޫނުގެ ތަންކޮޅެއްވެސް ދައްކާނުލައެވެ. އެހެން އޮތުމުން ބައެއްފަހަރު ނޭވާ ހާސްވާހެން ހީވެއެވެ. ކްލޮޒިޓްގައިވެސް މާޔާގެ ހެދުން އަޅުވަން ހުންނަނީ ވަކި ހަދާފައެވެ.

ޒިއާމް ރަޢަދުއާއި ގުޅުމެއް އޮތްކަން މާޔާއަށް އެނގުނީ ކައިވެންޏަށް އެތައް މަހެއްވީފަހުންނެވެ. އެކަން ޔަގީންވީމަވެސް އެކަމާއި މާޔާ ދެރައެއް ނުވިއެވެ. ހިތާހިތުން އުފާކުރީއެވެ. އޭނަ މިނިވަންވާން އުޅެނީތާއެވެ. އޭރުން ޔަގީނުންވެސް އޭނަގެ މައިންބަފައިން ގާތުގައި ކުށްވެރިވާނީ އޭނައެއް ނޫނެވެ. ޒިއާމްއެވެ. އޭނަ މިހިރީ ތެދުވެރިއެއްގެ ގޮތުގައެވެ. ފިރިމީހާއަށް ބޭވަފާތެރިވާކަށް މާޔާގެ ޚިޔާލުގައެއް ނެތެވެ.

މާޔާ ކޮރިޑޯއިން ހިނގާލާފައި ދަނިކޮށް ޒިއާމްއަށް އެބަޔަށް ދެވުނީ މާޔާ ހުރިކަމަކަށް ނޫނެވެ.
"ކިހިނެއްވަނީތަ؟ އަހަރެންގެ ފަހަތުން އަންނާކަށް ނުޖެހޭ، ދާންވީނު ގާލްފްރެންޑް ކާރިއަށް، އަހަންނަށް ހެވޭ ދެއަންބަށް މީހަކާއި އިނަސް...." ކެތްނުކުރެވިގެން މާޔާ އަންގާލީ އޭނައަށް ޒިއާމްގެ ސިއްރުތައް އެނގޭކަމެވެ. ޒިއާމް ހުރީ އަނގައިން ނުބުނާށެވެ. ތާކުން ތާކު ނުޖެހޭ ކަމަކާއި ޒުވާބުކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
"އަހަންނަށް ހެވޭ، ސަބަބަކީ އަހަރެން މިހެން ހުރެ މުސްކުޅިވިޔަސް އަހަރެންގެ ގައިގާ ޒިއާމް އަކަށް އަތެއްނުލެވޭނެ. އައި ވުޑް ރާދަރ ޑައި އެ ވާރޖިން، އެކަމަކު ޒިއާމްހެން އަހަރެން ބިޓްރޭއި އެއް ނުކުރާނަން، މީހެއް ވިއްޔާ ގޮތެއް ހުންނަންވާނެ، ޒިއާމް ތިއީ އެންމެނަށް މިސާލަކަށްވެގެން ހުރި އެންމެން ތައުރީފްކުރާ މޮޅު މީހާ، އެކަމަކު ސިއްރުން ރަޢަދުއާއި އެކީގައި އުޅެނީ ކިހިނެއް ކަމެއްވެސް ނޭގޭ......." މާޔާ އިތުރަށް ބުނެދިނެވެ. ކަޅުކުލައިގެ ޓައިޓަކާއި ބާރު ޓޮޕެއްލައިގެން ހުރިއިރު ވަނާތަކުގެ ފުރިހަމަކަން ހާމަޔަށް ފެންނަން ހުއްޓެވެ. އެ ބޮޑު ދެލޮލުގެ ތޫނުކަން އިތުރުކޮށްދެނީ އަނދުނުންނެވެ. މާޔާ އެންމެ ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަނީ އެ ރީތި ދެލޯކަން ނޭގެއެވެ.

"ސީރިޔަސްކޮށް އަހަރެން ބޭނުމެއްނޫން މާޔާގެ ގައިގާ އިނގިލިކުރި ޖައްސާލާކަށްވެސް، އަހަރެން ނޫޅެން މޮޔަވެގެނެއް، އެހެންވީމަ އެކަމާއިމެދު ހާސްވާނެކަމެއްނެތް......." ޒިއާމް ފަރުވާކުޑަ ނަޒަރަކުން މާޔާގެ މޫނަށް ބަލާލައިފިއެވެ.
"އިގޯ ބޮޑުކަމުން ހީވަނީކަން ނޭގޭ ކޮންމެ ކޮންމެ އަންހެންކުއްޖަކު ތިމާގެ ފައިތިލަ މައްޗަށް ވެއްޓޭނެކަމަށް، އަހަރެންގެ ހިތުގައި އެއްވެސް ފީލިންގްސް އެއް ނުވޭ، ސޯ އައި ޑޯންޓް ކެއަރ....." މާޔާ ހަރުކޮށް ހިނގާލާފައި ގޮސް އެބައިގެ ކޮޓަރިއަކަށް ވަދެ ނިވާވެލިއެވެ. ޒިއާމް އެހާ ސިއްރުން ކުރާކަމެއް ފަޅާއެރިގޮތަކާއިމެދު ވިސްނާލާފައި ޒިއާމް ކޮންމެވެސް ވަރަކަށް ހާސްވިއެވެ. އެހެން މީހުންނަށް އެ ވާހަކަ އެނގޭކަށް އޭނަ ބޭނުމެއްނޫނެވެ. އެ ލޯބީގެ އަސްލަކީ ރަޢަދުގެ ކްރަޝްއެވެ. އޭނަގެ ފަހަތުން އުޅެ މެސެޖްކުރަމުންގޮސް ހިތަށް ވެރިވެގަތްލެއް ހާދަ ފަސޭހައެވެ. ރަޢަދުގެ ޅަކަމާއިމެދު ވެސް އޭރު ޒިއާމްއަކަށް ވިސްނައެއް ނުލެވުނެވެ. އޭނަވެސް ހުރީ އެފަދަ ގާތްކަމަކަށް ބޭނުންވެފައެވެ. އަންހެންކުއްޖަކުގެ ހިފެހެއްޓުމެއްނެތް ލޯބިން އޭނަ ފެންވަރުވަން ތައްޔާރަށް ހުރިއިރު ޒިއާމްއަށް ދުރަށް ދުވޭނެހެއްޔެވެ؟ ނަމަވެސް މާޔާ ގެ ވާހަކަތައް އިވުމުން ޒިއާމް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އެބުނާހެން ޒިއާމްވެސް ހިމެނުނީ ބޭވަފާތެރިންގެ ތެރޭގައެވެ. ދެމަފިރިންގެ ދޭތެރޭގައި ގުޅުމެއް ނެތަސް އެހެން އަންހެނުން ހޯދަން ދާން ޖެހޭނީ ދޫކޮށްލާފައެވެ. އެހެންނޫންނަމަ ވަފާތެރި ފިރިއަކަށްވާނީ ކިހިނެއްހެއްޔެވެ؟ އެފަދަ ބަދުނާމެއް ލިބުމުން ޒިއާމްގެ ފިރިހެންވަންތަކަމަށްވެސް ހުތުރު އެރިހެން ހީވިއެވެ.

އަންހެންކުދިންނަކީ ދަސްކުރަން އުދަގޫ، ސިއްރުން ފުރިފައިވާ ބަޔެކެވެ. ޒިއާމް ޖިންސްގެ ޖީބަށް މުށްކެވިފައިވާ އަތްޖަހައިލިއެވެ. ރުޅިއަންނާންވީ ކާކުދެކެ ކަމެއްވެސް ނޭގުނެވެ.

ލައިޝާ ކަޔާންއާއި ދޭތެރޭގައި ވިސްނުމަށްފަހު ކޮންމެވެސް ވަރަކަށް ނެޓަށް ވަދެ ނަފްސާނީ މައްސަލަތަކާއި ބެހޭގޮތުން މައުލޫމާތު އެއްކުރަން ފެށިއެވެ. އެ ބައިތައް ކިޔަވަން ފެށުމުން އެކަމަށް ޝައުގުވެރިވެސްވިއެވެ.

ކޮންމެ އިންސާނަކީވެސް ޕާސަނަލިޓީ ޑިސްއޯޑަރ އެއް ނޫނީ ސައިކޮލޮޖިކަލް އިޝޫއެއް ހުންނާނެ މީހެކެވެ. ކޮންމެ ގުޅުމެއްގައި މައްސަލަތަކެއް އުފެދުމާއި ރުޅިގަދަ ދެއްކުމަކީ އޭގެ މިސާލެކެވެ. އެފަދަ މާހިރެއް ނޫނީ ޑޮކްޓަރަކަށް މީހަކު ދައްކަން ޖެހެނީ ދިރިއުޅުމުގައި އޭގެ އަސަރު ވަރަށް ބޮޑަށް ކުރަން ފެށީމައެވެ. ސްކޫލަށް ނޫނީ އޮފީހާއި އަމިއްލަ ޒާތީ ދިރިއުޅުން އުދަގޫ ނޫނީ ނުރައްކަލަށް ހުށަހަޅާ ހިސާބަށް މައްސަލަ ދިޔައީމައެވެ. ކަޔާންވެސް ނަފްސާނީ މައްސަލައެއް ހުރީ ހެއްޔެވެ؟ ކަޔާން އެހެން ވާން ޖެހުނީ ކީއްވެހެއްޔެވެ؟ ކަޔާން މޮޔައަކަށްވިޔަސް ލައިޝާގެ ލޯތްބަށް އުނިކަމެއް ނާންނާނެއެވެ. ދުވަސްވަމުންދާ ވަރަކަށް ލައިޝާގެ ހިތުގައިވާ ލޯބި އިތުރުވުން ނޫންކަމެއް ނުވެއެވެ.

ކަޔާންގެ މައްސަލައެއް ހުރިކަން ހަނދާން ނައްތާލާފައި ލައިޝާ އުޅެމުން ދިޔައީ އުފާވެރިކޮށެވެ. އާދައިގެ މަތިން ހިނިތުންވުންތަކުގެ ނިވަލުގައި އޭނަގެ ހުރިހާ އުދަގޫތަކެއް ފޮރުވައިގެން ހުރެ މަސައްކަތް ކުރަމުން ދިޔައެވެ. އާއިލާއަށްޓަކައި ލިބޭ ހުރިހާ އެއްޗަކުން ޚަރަދުކުރިއެވެ. އަމިއްލައަށް މީރު އެއްޗެހި ނުކައި ހުރެ މަންމައާއި ކިވާއަށް ރަގަޅު ކާއެއްޗެހި ހޯދައިދިނެވެ. ފްރިޖުން މޭވާ ހުސްވާ ދުވަހެއް ނުވެއެވެ. ނަމަވެސް މަހުގެ މެދަކާއި ހަމަޔަށް އައިއިރު އަތުގައިވާ ފައިސާ މުޅިންހެން ހުސްވާއަތަށް އެޅުމުން ލައިޝާ ކަންބޮޑުވިއެވެ. އުމުރުދުވަހުވެސް މީހެއްގެ ގާތުގައި ކަމަކު ނުކިޔަން ލައިޝާ އަމިއްލަ ނަފުސަށްވެފައިވާ ވައުދުމަތިން ހަނދާންވިއެވެ. އޭނަ ކޮންމެ ފަދަ ހާލެއްގައިވެސް އުޅެފާނެއެވެ. ނަމަވެސް މަންމައާއި ކީވާއަށްޓަކައި ކޮންމެހެންވެސް ފައިސާ މުހިއްމެވެ. ހަޔާތުގެ ބައިވެރިޔާއަށް ވާން ހުރި ޒުވާނާ ކާރީގައި ބުނުމަށްވެސް ލައިޝާ ފަސްޖެހުނެވެ. ހަދާނެގޮތެއް ނޭގިފައި ލައިޝާ ވިސްނާން އިންއިރު ކިޔެވުމާއި ބެހޭގޮތުންވެސް ވިސްނިއެވެ. ކީވާގެ ކޮލެޖް ފީވެސް ދައްކަން ޖެހެނީ އޭނައެވެ.

އެވަރަށް ކަންތަކާއި ވިސްނާފައި ފައިސާ ބޭކާރު ގޮތުގައި ޚަރަދު ނުކުރާން ހުއްޓާ ލައިޝާ ފިހާރައަކަށް ވަންތަނުން ފެނުނު ރީދޫކުލައިގެ ތުނި ހެދުމެއް ލޮލުގައި އަޅައިގަތުމުން ލައިޝާ އެހެދުމުގައި އަތްކާއްތާލިއެވެ. މޭމަތީގައި ކަޅުކުލައިގެ ބޮޑެތި ގޮށްތަކެއް އަޅާފައިވާއިރު ހީވަނީ ލައިޝާގެ ހަށިގަނޑުން މިން ނަގައިގެން ފަހާފައިވާ ހެދުމެއްހެންނެވެ. ތުނިވީމަ އެތެރެއިން ބޮޑީސޫޓެއް ލައިގެން މިހެދުން ލެވިދާނެއެވެ. ދުއިސައްތަ ރުފިޔާއަކީ ލައިޝާއާއި ބަލާއިރު ބޮޑު އަގެކެވެ. ނަމަވެސް މިހެދުން އަޅައިގެން ކަޔާންއަށް ފެނިލާހިތްވީވަރުން ވިސްނާނުލައި އެހެދުން ގަނެލައިފިއެވެ.

ލައިޝާ ގަނެގެން އައި ހެދުމާއި ކަޅު ޖިންސަކާއިއެކު ގުޅޭ ސްކާފެއް އަޅާލީ ކެންޒިއާއަށް ދާންވެގެންނެވެ. ކުރިން އެހާ ރީތިވާން އިސްކަން ނުދެވުނަސް އޭނަ ޒީނަތްތެރިކަން ދައްކަން ބޭނުންވާ މީހަކު މިހާރު އެބަހުއްޓެވެ. އަނދުނުން ލޯ ފަވައިލުމުން އެ ރީތި ދެލޮލުގެ ވިދުވަރު އެތައް ގުނަ އިތުރުވިއެވެ. ތުންފަތުގައި ރަތްކުލައިގެ ލިޕްސްޓިކް ޖައްސައިލެވުނީވެސް އަލަށެވެ. އޭނަ ފެނުމުން ކަޔާންގެ ހިތަށް ފިނިކަމެއް ލިބެންވާނެއެވެ.

ލައިޝާ އެގެއަށް ދާން ނުކުތީ ފޮނި އުއްމީދެއްގައި ހުރެގެންނެވެ. މަގުމަތިން އައިދަންއާއި ދިމާވެގެން ދެމީހުން ދިޔައީ ކީވާގެ ވާހަކަ ދައްކަމުންނެވެ. ކެތްނުކުރެވިގެން ވިޝާންއާއި ކީވާގެ ވާހަކަ އިސްވެ ދެއްކީ ލައިޝާއެވެ.

"ލައިޝް، މަށަށް ކަމެއްކޮށްދީފާނަންތަ؟ މިވަގުތަށް ކީވާ އެކުރާ ކަމެއް ހުއްޓުވަން އެއްޗެކޭ ނުބުނޭ، އަދި އަހަރެން ލޯބިވާ ވާހަކަވެސް އިހަށް ސިއްރުކޮށްދީ......" އައިދަން އާއި ލައިޝާ އެކީގައި ޕޭވްމެންޓް މަތިން ދިޔައިރު ދެކޭ މީހުންނަށް ހީވާނީ ދެމަފިރިން ނޫނީ ދެލޯބިވެރިންހެންނެވެ. ބައެއްފަހަރު ކިރިޔާ ގައިގާ ޖެހޭހާ ކާރިވެވުނެވެ.

"ކީއްވެތަ؟ " ލައިޝާ ހައިރާންވެފައި އައިދަން ގެ މޫނަށް ބަލަން އުޅުނެވެ. އައިދަން ކަޅު އަވިއައިނަކުން ދެލޯ ފޮރުވައިގެން ހުރުމުން އެހިތުގެ ޝުއޫރުތައް ފޮރުވިފައިވެއެވެ.

"ކީވާ އުފާވާ އެއްވެސް ކަމަކަށް ހުރަސް އަޅާކަށް ނުވާނެ ލައިޝް، ކީވާ އަބަދު ދެރަވެފައި ހުންނަތަން ފެނުނީމަ.....ވެލް، އިޓް ހާރޓްސް، ވިޝާންއާއި ވާހަކަ ދައްކާއިރު ކީވާ އުފާވާވަރު އަހަރެން ދެކުނިން...." އައިދަން ފުން ނޭވަޔެއްލިއެވެ.

"ކިވީއަށް ވިޝާން ކާކުކަން ނޭގެނީ، ރަގަޅު ފެމިލީއެއްގެ ކިޔަވައިގެން ހުރި ކުއްޖެއް، ސްމާޓް، އެކަމަކު އޭނަ ފްލާޓްކުރާތަން ފެނުނީ އަހަރެންގެ ދެލޮލުން، ތިމާގެ ރީތިކަން ފެނިފައި ހުރި ފިރިހެނެއް، ހީވަނީ ޕްލޭބޯއި އެއްހެން..." ލައިޝާ ހީވާގޮތް ބުނެލިއެވެ.
"ވަޓްއެވަރ، އޭނަ ނުލަފާ މީހަކަށްވިޔަސް ކީވާއަށް ގެއްލުމެއް ނުދެވޭނެ، ޑައިލިސިސް ހަދާ ތަނުގައި ނަރުސްކުދިން ތިބޭ، ކޮންމެ ބަޔެއްގައި ދެމީހަކު އޮންނަގޮތަށް އެތަން ހަދާފައި ހުންނަނީ، އެހެންވީމަ ވިޝާންއާއި ކީވާ އެކަނި މީޓެއްނުވާނެ، ކޮލެޖަށް ދާގަޑީގައިވެސް ހިޔެއްނުވޭ އެހެން ތަނަކަށް ދާނެ ވަރު ކީވާގެ ހުންނަހެން، ވިޝާންއަށް ކުރެވޭނެ ކަމަކީ އެގޮތަށް ކީވާ ފޫހިފިލުވާދޭން އެތާ އިނުން، ފަހަރެއްގައި ކީވާގެ ދިރިއުޅުމާއި ދޭތެރޭ ދެކޭގޮތް ބަދަލުނުވާނެކަމެއްވެސް ނޭގެއެއްނު، ވިޝާންއަކީ ޑޮކްޓަރެއް ވީމަ ބަލިމީހުންނަށް ހިތްވަރުދޭން އެނގޭނެ، ކީވާ ޕޮޒިޓިވް ކުއްޖަކަށްވި ދުވަހަކުން ފަހަރެއްގައި........" އައިދަން އޭނަ ވިސްނާގޮތް ހާމަކޮށްދިނެވެ.

"ޔޫ އާރ ލައިކް އެން އެންޖެލް، އަމިއްލަ ނަފުސަށްވުރެ ތިމާ ލޯބިވާ ކުއްޖާގެ އުފަލަށް އިސްކަން ދޭނީ ކާކުތަ؟ " ލައިޝާ ހިނިތުންވެލާފައި އައިދަން ގެ މޫނަށް ބަލާލިއެވެ.
"އައި ބިލީވް އިން ލަވް، ކޮންމެވެސް ދުވަހަކުން އަހަރެންގެ ތެދުވެރި ލޯބީގެ އަގު ކީވާ ވަޒަން ކުރާނެ ދުވަހެއް އަތުވެދާނެ، ލައިޝް، ބަލައްޗޭ، އަހަރެން ވެއިޓް ކުރާނަން......" އައިދަން ހުނުމަކާއިއެކު ބުނެލިއެވެ.

އާދައިގެ މަތިން ކެންޒިއާ ފެނުމުންވެސް ލައިޝާއަށް ހީވީ އަރާމު ހޫނުކަމެއް ހަށިގަނޑު ވަށާލިހެންނެވެ. މިގެއަކީ އަމިއްލަ ތަނެއް ކަމުގައިވެސް ހީކުރެވުނެވެ. ލައިޝާ ކަޔާންގެ ފޯނަށް ގުޅުމުން ކަޔާން ފެންޑާއަށް ނުކުތެވެ. ލައިޝާ އެހާ ރީތިވެލައިގެން ހުރުމުން އެކަން ފާހަގަކުރެވުނުހެނެއް ހިޔެއްނުވެއެވެ. އޭގެ ބަދަލުގައި ހީވީ ކޮންމެވެސް ކަމަކާއި ނުރުހުންވެ ބުމަ ގޮށްޖަހާލައިގެން ހުރިހެނެވެ. ލައިޝާގެ މޫނު ފަދައިން ހިތްވެސް މިލައިގެން ދިޔަހެން ހީވިއެވެ. ކަޔާންގެ މޫޑު ޚަރާބުވެފައި ހުރީ ކީއްވެހެއްޔެވެ؟ ކަޔާން ހުރީ ފެންވަރާ ތާޒާވެލައިގެންނެވެ. އިސްތަށިގަނޑު އޮތީ ކުޑަކޮށް ތެތްކޮށެވެ.

"އާރ ޔޫ އޯލްރައިޓް؟ " ލައިޝާއަށް ހިފައިލެވުނީ ކަޔާންގެ އަތުގައެވެ.
"އަހަރެން މިއީ ބަލިމީހެއް ނޫނޭ، އަބަދު ރަގަޅު ހެއްޔޭ އަހަން، މަންމަ ކަމަށް ލައިޝާ ހެދެން ވެއްޖެއްޔާ...." ކަޔާން ލައިޝާގެ އަތް ދުރުކޮށްލާކަށް ނޫޅުނަސް ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައިވާފަދަ ގޮތަކަށެވެ.
"ކަޔާން.......އަހަ...އަހަރެން......" ލައިޝާ އެއްޗެކޭ ބުނަން އުޅެފައިވެސް ތުންފަތުގައި ދަތްއަޅައިލީ ކަޔާން ރުޅިއަތުވެދާނެފަދަ އެއްޗެކޭ ބުނެވިދާނެކަމުގެ ބިރު ހީވެފައެވެ. ކަޔާންގެ މައްސަލައެއް ހުރިކަން އެނގޭއިރު އޭނަ ވިސްނާކަށް ނުޖެހޭހެއްޔެވެ؟ އަމިއްލަ ނަފުސަށް ގެއްލުމެއް ނުދޭން ވައުދުވެފައިވިޔަސް ރުޅިގަދަވާ ވަގުތު އެއްޗެއް އެ ސިކުނޑިއަށް ވަންނާނެހެއްޔެވެ؟ ކަޔާން ލައިޝާގެ އަތުގައި ހިފައިގެން ސިޑިން އަރައިގެން ދިޔައިރު ލައިޝާގެ ހިތް އާދަޔާ ޚިލާފު ބާރަށްތެޅެން ފެށިއެވެ.

ކަޔާން ހުޅުވާލީ ލައިޝާ ކުރިން އެގޭގައި ހުރި ކޮޓަރީގެ ދޮރެވެ. ކްރީމާއި ރަން ކުލައިގެ ފަރުނިޗަރުން ޒީނަތްތެރިވެފައިވާ އެ ތަނުގެ ތެރެއަށް ވަނުމުން ލައިޝާ ހުރީ ކުރިއަށް ފިޔަވަޅެއް އަޅާން ނުކެރިފައެވެ. ކަޔާން އެތަނަށް އޭނަ ގެނައުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟

"އިށީދެބަލަ......" ކަޔާން ލައިޝާގެ އަތުގައި ހިފައި އެނދާއި ކާރިއަށް ޖައްސައިލިގޮތަކުން ލައިޝާއަށް ހަށިގަނޑު ބެލެންސްނުކުރެވި އެނދުގައި އިށީދެވިއްޖެއެވެ. ކަޔާން ޑްރޯވަރތައް ދަމާފައި ނެގި ފިޔޮހި ހިފައިގެން އެނބުރުނުތަން ފެނިފައި ލައިޝާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. މުޅި ހަށިގަނޑު އެކީގައި ހުރިތަނަށް ގަނޑުވެގެން ދިޔަފަދަ އިހުސާސްތަކެއް ކުރެވުނެވެ. އަނގަމަތީގައި އަތްއެޅުނުއިރަށް ކަޔާން އެއައިގޮތަށް އައިސް ހެދުމުގެ ކަރުވާޅުގައި ފިޔޮހި ޖައްސާލިގޮތަށް ހެދުން ހަށިގަނޑާއި ވަކިވެގެން ދާން ނެގީ ކުޑަ ސިކުންތުކޮޅެކެވެ. އޭނަ އެހާ އަގުބޮޑުކޮށް ގަތް ހެދުން ގުޅައަކަށް މާބްލް މަތީގައި ޖެހުނުގޮތަށް ކަޔާން ފައިދަށުވީ އޭނަގެ ހިތް ފަދައިންނެވެ. އެތެރެއިން ބޮޑީސޫޓްލައިގެން ހުރެވުނުކަމީ ލައިޝާގެ ނަސީބެވެ. އެހެންނޫންނަމަ ލަދުން އިސްއުފުލާ ބަލައިލަން ނުކެރުނީހެވެ. ލައިޝާގެ ކަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ކަޔާން ފިޔޮހި ފާރާއި ދިމާލަށް އަމާޒުކޮށްލާފައި ފޮނުވާލި ބާރުމިނުގައި ފަތުއަޑު ކިޔާފައިގޮސް ފާރުގައި ޖެހުނުނަމަވެސް ފިޔޮހި ހަރުނުލާ ތޫނު އަޑަކާއިއެކު މާބްލް ތަޅުންމަތީގައި ޖެހިފައި އެތަނަށް ހިމޭންކަމެއް ފެތުރިގެން ދިޔައެވެ. 

"މިކަހަލަ ހެދުން ނުލާށޭ އަހަރެން ބުނަންވީ ކިތައް ދުވަހުތަ؟ ހަމަ މޮޔަވާވަރުވޭ، އަހަރެން ރުޅި އަރުވާނެ ގޮތެއް ނުފެނިގެންތަ ލައިޝާ އުޅެނީ، ތިއަށް ވުރެ ރީތިވާނެ އެއްޗެއް ނުލާ މަގުމަތީގައި ނުކުމެގެން އުޅުނަސް، މީހުންނަށް ދައްކަންވެގެން ހިނގާލާފައި މިގެއަށް އައީ، އަހަރެން ގާތުގައި ބުނެލިނަމަ ކާރުގައި ބަލާ ދާނަން، އެވަރުވެސް ނުކެރުނު ކޮށްލާކަށް........ " ކަޔާންގެ ރީތި ދެލޮލުން ރުޅީގެ އަސަރު ފެނުނު ވަރުން ލައިޝާ ހުރީ ބިރުގެންފައެވެ. ކަރުނައިގެ އަސަރު އެކުލެވޭ ދެލޮލުން ބިރުވެރިކަމާއިއެކު ލައިޝާ ކަޔާންއާއި ދިމާލަށް ބަލަން ހުރެފައި ކުއްލިއަކަށް ދާން ހިނގައިގަތުމުން ކަޔާން ކުރި ބެއްދިއެވެ.

"ކީއްވެ މަޑުން ތިހިރީ، ކެޓް ގޮޓް ޔޯރ ޓަންގް...." ކަޔާން ތަންކޮޅެއް މައިތިރިވެލާފައި ސަމާސާކުރަން އުޅުނެވެ.
"އައިމް ނޮޓް ޔޯރ ވައިފް ކަޔާން، އަހަރެން ބޭނުން ހެދުމެއް ލެވިދާނެ، ބޭނުން ކަމެއް ކުރެވިދާނެ، އެހެންނޫނަސް ކަޔާން ތިއުޅޭގޮތަކުން މީހަކު މިގޭގައި މަޑުކުރަން ބޭނުންވާނެތަ؟ ހަމަ ހޭގައެއް ނޫން ކަޔާން ތިހިރީ، އަހަރެންގެ ގަޔަށް ވަޅި ނަހަރާނެކަމުގެ ޔަގީންކަން ދެން އޮންނާނެތަ؟ ބުނެބަލަ ކަޔާން....." ލައިޝާ ކަޔާންގެ މޫނަށް ބަލައިލިއިރު އެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅާތަން ފެނުމުން ކަޔާންގެ ހިތަށް އަސަރުކުރިއެވެ. އެމަންޒަރު ނުދެކެންވެގެން އިސްޖަހައިލެވުނެވެ. އެހެންނޫނަސް އައިދަންއާއި ލޯބީގެ ގުޅުމެއްނެތް ވާހަކަ ލައިޝާވަނީ ކުރިން ބުނެފައެވެ. އެދެމީހުން އެކީގައި ހިނގާލާފައި އަޔަސް އެއީ ކަޔާންދެކެ ލޯބިނުވާތީއެއް ނޫނެވެ. ކީވާގެ ލޯބިވެރިޔާވާނީ ލައިޝާގެ ބޭބެއަކަށްތާއެވެ. ލައިޝާގެ ލޯތްބާއިމެދު ޝައްކުކުރުމަކީ ހެދުނު ގޯހެކެވެ. އަދި ލައިޝާ ލައިގެން ހުރި ހެދުން ކަފައިލުމަކީ މާފު ނުދެވޭވަރުގެ ކުށެކެވެ. 

ކަޔާން ވިދާލި ވިދުވަރެއްހާ ހަލުވިކޮށްގޮސް ދޮރު ލައްޕާލާފައި ތަންޑު އަޅުވައިލިއިރު ލައިޝާ ދޮރާއި އަރާހަމަވެފައި ކަޔާންގެ ބުރަކަށީގައި ދެއަތުން ތަޅައިގަންނަން ބޭނުންވިއެވެ. ނަމަވެސް ޝައިތާނާގެ ވަސްވާހަށް ހެއްލޭވަރަށްވުރެ ލައިޝާގެ ސިކުނޑީގެ ބާރު މާގަދައެވެ. އޭނަ އިންތިހާއަށް ކެތްކުރަމުން އަތުގެ ނުފުށުން ދެލޯ ފޮހެލައިފިއެވެ. އަދި ދޮރުގެ ތަޅުގައި ދެތިންފަހަރު ހިފާ ހުޅުވަން މަސައްކަތްކުރަމުން ދިޔައިރު ސިކުނޑި މަސައްކަތްކުރަމުން ދިޔައީ އޭގެ އެންމެ ހަލުވި މިނުގައެވެ.

ކޮމެންޓް 0