ލައިޝާ ކަޔާންގެ ސޫޓުގައި މޫނު ފޮރުވައިލާފައި އެކުރެވުނު ކަންތައް ރޭކާލުމާއި އެކު ލަދުންހުރެ އަވަސްއަވަހަށް ފަހަތަށް އެއް ފިޔަވަޅު އެޅިއެވެ. ލައިޝާ އިސް އުފުލާލިއިރު އެ ދެލޮލުގައި ހުރީ ބޮޑެތި ކަރުނަ ތިކިތަކެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔުމާއިއެކުގައި ކަޔާންގެ ރީތި ދެލޮލުން ލައިޝާއަށް ފެނުނީ ތަފާތު ކުލައެކެވެ. މޫނުގެ ސީރިޔަސްކަން ކެނޑި ފީޗަރސްތައް މަޑުވެފައިވެއެވެ. ލޯބިވާ މީހަކާއި ދިމާލަށް ބަލާނީ އެ ނަޒަރުންނެވެ. ކަޔާން ދިއްކޮށްލި ޓިޝޫގައި ހިފަމުން ލައިޝާގޮސްވަނީ ވޮޝްރޫމަށެވެ.

ލައިޝާގެ ޚަބަރެއް ނުވެ މާ ގިނައިރުވާން ފެށުމުން ކަޔާން ގޮސް ދޮރުމައްޗަށް އެރިއިރު ލައިޝާ ހުރީ މޫނު ދޮންނާށެވެ.
"އައިމް ސޮރީ، އަހަރެން ބުނި އެއްޗަކުން ހާޓްވިކަމަށްވާނަމަ ސޮރީ. އައި ކެން އަންޑަސްޓޭންޑް. އެކަނި ބަލިވީމައެއް ނޫން އޮފީހަށް ނާދެވޭނީ، ކޮންމެ ކުއްޖަކަށްވެސް ޕާސަނަލް ކަމެއް ދިމާވެދާނެ، ކޮންމެހެން ރުޅިއައިސްގެން ބުނި އެއްޗެއް ނޫނޭ އެއީ، ލައިޝާ ނެތީމަ މިސްވި ވަރުން........." ކަޔާންއަށް އެހިސާބަށް ބުނެވޭއިރަށް ލައިޝާއަށް އަދި މާ ބޮޑަށް ރޮވުނީއެވެ. މޫނުގައި އަތްއަޅައިގެން ގިސްލާން ފެށިގޮތަކުން ކަޔާންއަށް ކަމެއް ގޯސްވެއްޖެކަން ރޭކާލިއެވެ. އޭނަ ކުރިއަށް ޖެހިލާފައި ލައިޝާގެ ކޮނޑުގައި އަތް ޖައްސާލުމާއިއެކު ލައިޝާއަށް ކަޔާންގެ މޭގައި މޫނު ފޮރުވައިލެވުނީ ބޭ އިޚުތިޔާރުގައެވެ. ދެރަވެ ހިތުގައި ޖެހިފައިވާ ވަގުތެއްގައި ލޯބިވާ މީހެއްގެ ހަމްދަރުދީ ލިބުމުން ވާނީ އެފަދަ ގޮތެކެވެ.

ކަޔާން ހުރީ ލައިޝާގެ ގައިގާ އިތުރަށް އިނގިލި ކުރި ޖައްސައިލަން ބިރުގެންފައެވެ. މި މަލެއްފަދަ ނާޒުކް ކުއްޖާގެ ހިތް ހަލާކުކޮށްލާކަށް ނުކެރޭނެއެވެ. އޭނަގެ މާޒީ އެނގިއްޖެއްޔާ ލައިޝާ އޭނައާއި މެދު ވިސްނާނެގޮތެއް އެނގެނީއެއް ނޫނެވެ. އަމިއްލަ ނަފުސަށް އިތުބާރުނެތްއިރު ރަގަޅުކުއްޖެއްގެ ހަޔާތަށް ވަނުމަކީ އޭނަ ކުރާނެކަމެއް ނޫނެވެ. އެފަދަ ދުވަހެއް އައީމަ އޭނައަށް އެނގޭނެއެވެ. ކަޔާން އަތްތިރިކޮށްލި ސަބަބަކީ އެއީއެވެ.

އިރުކޮޅެއް ވާންދެން އެތަނުގެ ހިމޭންކަން ނައްތާލީ އެކަނި ލައިޝާގެ ގިސްލުމުގެ ވޭނީ އަޑުންނެވެ. ލައިޝާގެ ހިތްފުރެންދެން ރޯލާފައި ކަޔާންގެ މޭމަތިން މޫނު ނެގިއިރު ކަޔާންގެ ސޫޓުން ތަންގަނޑެއްވަނީ ތެމިފައެވެ. މިގޮތަށް އަންހެންކުއްޖަކު އޭނަގެ ކުރިމަތީގައި ރޮނިކޮށް ފެނިފައިވަނީ އެންމެ ފަހަރަކުއެވެ.

"ސޮރީ، އައި އޯވަރރިއެކްޓެޑް...." ލައިޝާގެ މޫނު އެކީގައި ރަތްވެފައިވާއިރު ރީތިކަމުން ކަޔާންހުރީ އެސްފިޔަޖަހައިލަން ނޭގިފައެވެ.

"ނޫން ލައިޝާ، އަހަންނަށް އެނގިއްޖެ ރޮނީ ކީއްވެކަން، އަހަރެން ގާތުގައި ނުބުންޏަސް ހުރިހާ ކަމެއް އެނގިއްޖެ..... ލައިޝާ، އަމިއްލައަށް އަހަރެންގެ ގާތުގައި ސީދަލަށް ނުބުނެ ސިއްރުކުރަނީ ކީއްވެތަ؟ އަހަރެން ހިތަށް އަރާ........." ކަޔާން ގެ ޖުމްލަ މެދުކަނޑާލައިފިއެވެ. ލައިޝާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއިރު ސިންކު ގައި ބުރަކަށި ޖެހި ކުޑަކޮށް ތަދުވާގޮތްވިއެވެ. ރުއިމުގެ ސަބަބުން މޫނު އެކީގައި ރަތްވެފައިވާއިރު ލަދުވެތިކަން އިތުރަށް އެ މޫނުގެ ސިފަތައް ރީތިކޮށްލައިފިއެވެ. ލައިޝާ އަނގަމަތީގައި އަތްއެޅީ ދެލޯ ބޮޑުކޮށްލަމުންނެވެ.

"ސަރ އަޅު...އަޅުގަނޑު........" ލައިޝާ އަޅައަޅައިގެންފައި އެއްޗެކޭ ކިޔަން އުޅުނެވެ.

"ޑޯންޓް ކްރައި. އަހަރެން ބޭނުމެއްނޫން ތިގޮތަށް ލައިޝާ ރޮއްވާކަށް، މިތަނުގައި މާ ޕާސަނަލްވާން ވެއްޖެއްޔާ އެހެން މީހުންނަށް އެނގިދާނެ، އެހެންވީމަ ރީތިވެލައިގެން ބޭރަށް އާދޭ. ވަރަށް މަސައްކަތްވެސް އެބަހުރި ދޯ...." ކަޔާން ދެން ކޮށްލިކަމަކުން ލައިޝާއަށް ލިބުނީ ޝޮކެކެވެ. ގުދުވެލާފައި އޭނަގެ ލޮލުގައި ބޮސްދިނީއެވެ. އެ ރީތި ތުންފަތް ޖެހުމުން ހީލިކަރުވައިގަންނަ ކަހަލަ ގޮތެއްވެ ދެލޯ މަރައިލެވުނީ ފުރަތަމަ ފަހަރަށް އެފަދަ އިހުސާސްތަކެއް ކުރެވުމުން ލިބުނު އަރާމެއްގެ ބޮޑުކަމުންނެވެ. ހީވީ ހޭލާ ހުއްޓާ ހުވަފެނެއް ފެނުނުހެންނެވެ. ލައިޝާ ދެލޯ މަރާލައިގެން އިރުކޮޅަކު ހުރުމަށްފަހު ލަސްލަހުން އެ ބޯ އެސްފިޔަތައް ދުރުކޮށްލިއިރު އެތަނުގައި ހުރީ އޭނަ އެކަންޏެވެ. ކަޔާން ދިޔަތާ ކިތަންމެ އިރެކެވެ. ލައިޝާ މޫނު ދޮންނާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އެހެން މީހުންނަށް ރޮއިފަ ހުރިކަން އެނގިދާނެތީ އަނެއް ލޮލާއި މޫނު ގެ ބަޔެއް ތެތް ޓިޝޫއަކުން ފޮހެލުމަށްފަހު ސެންޓު ޖަހައިލިއެވެ.

"ކަޔާންއަށް އަހަރެންގެ ހިތް އެނގުނީކަން ނޭގޭ، ދެ މާނަ އެކުލެވޭގޮތަށް ވާހަކަދެއްކި ސަބަބަކީ ކަޔާންއަށް ރަނގަޅަށް އެނގުނީމަ، އަހަރެން ލޯބިވާވަރު އިހުސާސްކުރެވޭނެ، އިގްނޯރކޮށްލާފައި ކިތަންމެ ދުވަހު ހުރެވިއްޖެ، އަހަރެން މިހާރު ޖެހިލުމެއް ނުވޭ، އަހަރެން އަމިއްލައަށް މިހެން ހުރެ ރުޔަކަސް ކަޔާން އަށް އެނގުނުކަމަކަށް ނަހަދާނެ، އަހަރެން ކަޔާންއަށް އަންގާނަން، އަހަރެން މިވާ ސާފު ތެދުވެރި ލޯބި ކަޔާން ގާތު ބުނެދޭނަން........" ލައިޝާ ނުކުމެގެން އައިއިރު ތުންފަތް މަތީގައި ރަކި ހިނިތުންވުމެއް ވިއެވެ. ކަޔާންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށްފަހު އޭނަ ފައިލްތައް ހުޅުވާލައިގެން މަސައްކަތުގައި އިންއިރު ހިތް އަވަސްވެފައިވެއެވެ. އެހެން އިންނައިރު ކަޔާންގެ ރީތި ފުން ދެލޮލުން އޭނަ ސްކްރީން ކުރާހެންވެސް ހީވިއެވެ. އެހެންނޫންނަމަ ކުއްލިއަކަށް ގައިން ހީބިހި ހަލުވާލަން ވީ ކީއްވެހެއްޔެވެ؟ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހެންވީ ކީއްވެހެއްޔެވެ؟ ހިނގާ ދިޔަ ޙާދިސާއަށްފަހު ލައިޝާ އިނީ ވަރަށް ލަދުގެންފައެވެ. މާ ގަދަކޮށްލާފައި ކެރޭ ކުއްޖަކަށް ހެދިގެން އުޅޭއިރުވެސް ލޯބިވާ ފަރާތުގެ ކުރިމަތީގައި މިގޮތަށް އިސްޖަހައިލާ ލަދުގަންނާނީ ކިހާ ޚާއްސަވީމަހެއްޔެވެ؟

ދެމީހުންގެ މަސައްކަތް މެދުކެނޑުނީ ހުއްދަހޯދުމެއްނެތި ޒުވާނަކު އެތަނަށް ވަދެގެން އައުމުންނެވެ. ލައިޝާއަށް ކޮޅަށް ތެދުވެވިފައި ބަލައިލެވުނީ ރީތި ޒުވާނެއްގެ މޫނަށެވެ. ބަލާބެލުމަށް އިސްކޮޅާއި ސޫރައިގާ ކަޔާންއާއި މާ ބޮޑު ތަފާތެއްނެތަސް ދެ ޒުވާނުންގެ އެއްގޮތް ސިފައަކަށް އެންމެ ބޮޑަށް އަޅައިގަތީ ދިގުކަމުން ނިމުމެއްނުވެއޭ ބުނެވޭފަދަ އެސްފިޔަތަކެވެ. ކޮންމެ އަންހެންކުއްޖަކު އެ ފަދަ އެސްފިޔަތަކެއް ލިބުމަށް އެދޭނެއެވެ. ކަޔާންއަށްވުރެ ޒިއާމްގެ ލޮލުގެ އެސްފިޔަތައް ދިގުވެފައި ނަލައެވެ.

"މައި ބްރަދަރ ޒިއާ......" ކަޔާން ލައިޝާ އާއި ޒިއާމް އެކަކު އަނެކަކަށް ތައާރަފުކޮށްދިނެވެ.
"އަހަރެންގެވެސް ޕީއޭއަކަށް މިވީ ހާދަ ލިޓްލް ގާލްއެކޭ، އެކަމަކު ނޭގޭ ބުނާކަށް ވަރަށް ކޭޕަބްލް ވާނެއޭ ހިތަށް އަރައިފި، ކެން ގެ ޗޮއިސް ގޯހެއް ނުވާނެ، ނައިސް ޓު މީޓް ޔޫ......." ޒިއާމް ލައިޝާގެ އަތުގައި ހިފާ ސަލާމްކޮށްލި ވަގުތު ލައިޝާގެ ހިތް ކުރިއަށްވުރެ އަވަސްވިއެވެ. ލައިޝާއަށް ހައިރާންކަމާއިއެކު ބަލަން ހުރެވުނީ ރީތި އެސްފިޔަތަކުން ފްރޭމްކުރެވިފައިވާ ދެލޮލަށެވެ. އާފްރާމެން އެ ދެލޮލަށް ތައުރީފުކުރީ ކީއްވެކަން ލައިޝާއަށް އެނގުނީ ހަމަ ލޮލަށް ފެނުމުންނެވެ. ޒިއާމް އެހާވަރުން ލައިޝާއާއި ވާހަކަދައްކާކަށް ނޫޅުނަސް ލައިޝާއަށް ޝައުގުވެރިކަން ހުރިވަރު އެނގުނީ އެދުވަހު ދެން އޮތްބައިގާ އޭނަ މާ ގިނައިން ލައިޝާ އެ ކެބިންއަށް ގެންދާން ފެށުމުންނެވެ. ފުރަތަމަ ފަހަރަށް ދިޔައިރު ލައިޝާ ކުޑަކޮށް ޖެހިލުންވެފައި ހުރީމަ " ޑޯންޓް ވޮރީ، އައި ވިލް ނޮޓް އީޓް ޔޫ" އޭ ބުނެލިގޮތުން ލައިޝާ ހިނި އައެވެ. ޒިއާމްގެ ސަމާސާގައި ގޯސް ވާހަކަތަކަށް ވުރެ ބޮޑަށް މަޖާގޮތްގަނޑު ހުރިކަން ފާހަގަވިއެވެ. އަބަދު ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ހުރެފައި އުފާވެރި ޒުވާނެއްކަމަށް ފެނުމަކީ އެހެން މީހުންގެ ހިތްތަކަށް ލިބޭނެ ހަމަޖެހުމެކެވެ. އުފާވެރިކަމާއި ހިނިތުންވުންތަކުން އެހެންމީހުންނަށް އުފާވެރިކަން ފޯރުކޮށްދޭނެއެވެ. ޒިއާމް ކޮންމެ މުވައްޒަފަކާއި ދިމާވިޔަސް ހީލާފައި ސަލާމްކޮށްލާނެއެވެ. އެންމެން އޭނައަށް އިހުތިރާމްކޮށް ލޯބިވެސްވޭމެއެވެ. 

ލައިޝާ ކެބިންއަށް ވަންގޮތަށް ބިއްލޫރި ޕާޓިޝަންތަކުން ބޭރަށް ބެލީ ކަޔާން ފެންނާނެކަމަށެވެ. އޮފީހުގައި ލައިޝާ އެންމެ ގަޔާވާ އެއްކަމަކީ ކަޔާންގެ މޫނު ފެނުމެވެ. ކޮންމެ ދުވަހަކު ކަޔާންގެ ކުރިމަތީގައި އިނދެ މަސައްކަތްކުރާ ވަގުތުތަކުގައި އޭނައަށް އިނދެވެނީ ދުނިޔެމަތީގެ ސުވަރުގޭގައި ކަމުގައި ހީކުރެވެއެވެ. މިއަދުގެ ޙާދިސާއަށްފަހު އަދި ވަކިންބޮޑަށް ހުރެވެނީ ކަޔާންގެ ފަރާތުން އިޝާރާތެއް ނުލިބިފައެވެ. ކުޑަ އިޝާރާތެއް ވިޔަސް އެ އަތުގެ ތެރެއަށް އަބަދުގެ އަބަދަށްޓަކައި ލައިޝާއަށް ވަދެވޭނެއެވެ. ލައިޝާ އޮފީހުގައި ހުރެފައި ކުދިންނާއި ބައިވެރިވެގެން މެންދުރަށް ޕިއްޒާ ގެނުވިއެވެ. ނަމާދުކޮށްލައިގެން ކައިގެން ނިކުތްތަނުން އާފްރާމެން ދަތުރުދާން ލިސްޓު ލައިޝާއާއި ހަވާލުކުރިއެވެ. އާފްރާމެން ކަޔާން ބައިވެރިކޮށްލަދޭން އެދުނެވެ.

ލައިޝާ ކެބިންއަށް ވަންއިރު ކަޔާން އިނީ ފޯނެއްގައެވެ. ލައިޝާ ވަންއިރު ވަރަށް ގަދަޔަށް ރުޅިއައިސްފައި ކަޔާން އެމީހަކާއި ދިމާލަށް "ޝަޓްއަޕް...." އޭ ބުނުމުން ލައިޝާ ސިހޭގޮތްވިއެވެ. ކަޔާންއަށް ލައިޝާ ފެނުމުން ވަގުތުން ނިތްކުރީގައި ވާ ރޫތައް ފިލައި ހިނިތުންވެލެވުނެވެ. ލައިޝާ ރޯދައަށް ކުދިން ދަތުރުދާ ވާހަކަ ބުނުމުން ލިސްޓަށް ބަލާލާފައި އެއްހާސް ރުފިޔާ ދޭނެކަމަށް ބުނުމުން ލައިޝާގެ ދެލޯ ވިދާލިއެވެ.

"ގާލްސްއިން ކޮންމެހެންވެސް ބޭނުން ސަރ މި ދަތުރު ގެންދަން....." ލައިޝާ ޝުކުރު އަދާކުރަމުން ހިނިތުންވެލިއެވެ.

"ހުރިހާ އަންހެންކުދިން އެވަރުން އަހަރެން ގެންދަނީ ކިޑްނެޕްކޮށްލަންތަ؟ އެންމެނަށް މަށެއް ނުލިބޭނެ....." ކަޔާން ކޮށްލީ ސަމާސާއެކެވެ.

"އެއްކުއްޖަކަށް ލިބޭނެއްނު....." ލައިޝާގެ ހިތް ތެޅިލިއެވެ.

"ދުނިޔެއަށް އައުމުގެ ކުރިންވެސް އެކަން އޮންނާނީ ހަމަޖެހިފައި.... އަހަންނަކަށްވެސް އެކަން ޗޭންޖެއް ނުކުރެވޭނެ. ނަމަވެސް ވަރަށް އަންލަކީ ކުއްޖަކަށްވާނެ އިނގޭ....." ކަޔާން ލާނެތް ހިނިތުންވުމަކާއި އެކުގައި ބުނެލި ގޮތަކުން ލައިޝާ ކަންބޮޑުވިއެވެ. ކަޔާން އޭނައަށް އިންޒާރެއް ދިނީބާވައެވެ. އެބުނަން އުޅޭ އެއްޗެއް ސާފުކޮށް ބުނާނެނަމައެވެ. ކަޔާންއަކީ ގޯސް ފިރިހެން ކުއްޖެއްހެން ހިޔެއްނުވެއެވެ. ކުއްލިއަކަށް އެވަރޓަންގައި އުޅުނުއިރު ކަޔާން ސިގްރެޓެއް ބޯން ހުރި މަންޒަރު ލައިޝާގެ ލޮލުގެ ކުރިމަތީގައި ފްލޭޝްއެއްހެން ފެނިލިއެވެ.

"އަޅުގަނޑު ހީކުރީ އެންމެ ނަސީބު ރަގަޅުކުއްޖާއަށް ވާނެކަމަށް..." ލައިޝާ ކުޑަކޮށް ލޯ ބޮޑުކޮށްލިއެވެ. 

"ޔޫ އާރ ރޯންގް....." ކަޔާން މާނަވީގޮތަކަށް ބުނެލިއެވެ.

"އެއީ ކީއްވެތަ؟ " ލައިޝާ ހިތްވަރުކޮށްލާފައި އެހިއެވެ.

"ޓައިމް ވިލް ޓެލް.....އެހެންނޫނަސް ލައިޝާވެސް އަހަންނަށް ވަރަށް ގިނަ ކަންތައް ފޮރުވައިގެން ތިހުންނަނީ، އޭރު ރުއި ސަބަބުވެސް ބުނެ ނުދެމެއްނު...." ކަޔާން އެއްބުމަ އަރުވާލިއެވެ.

"ސަރ އަށް ސަބަބު އެގެޔޭ ބުނުއްވީމަ، ސަރ އަށް ކޮންކަމެއް އެނގިލެއްވީ....." ލައިޝާ ފުންނޭވަޔެއް ދޫކޮށްލިއެވެ. މިހާ ގިނައިން މި ކެބިންއަށް އަންނައިރުވެސް އަދި މިހާ ޒާތީ ވާހަކައެއް މިދެކެވުނީ އަލަށެވެ.

"ލައިޝާ އަކަށްނު ބޮޑަށް އެނގޭނީ، އެނގޭއިރު އަދި މަގޭ ކާރިން ތިއެހީ؟ ލައިޝާ ކިޔާދީބަލަ، ކީއްވެ؟ ކީއްވެ އަހަރެން އެހާ ކުޑަ އެއްޗެއް ބުނީމަ ރޮވުނީ، އެހާ ފިނޑި ކުއްޖެއް ނޫނެއްނު ތިއީ، އަނެއްކާ އަހަރެން މިވާހަކަ ދެއްކީމަ ރޯން ނުފަށާތި، މަގޭވެސް އޮންނަނީ ހިތެކޭ، އަދިވެސް ހިތަށް ފިނިވިގޮތަށް ރަގަޅެއްނުވޭ....." ކަޔާން ގެ ވާހަކައިން ލައިޝާގެ ހިތަށް ލިބުނު ފޮނި މީރުކަން ބާނިތަކެއްގެ ސިފައިގާ މުޅި ހަށިގަނޑުގައި ހިނގާލައިފިއެވެ. ލައިޝާ އިނީ ބުނަންވީ އެއްޗެއް ނޭގި ގެއްލިފައެވެ. ކަޔާން ދަތްދޮޅީގައި އަތްއަޅުވާލައިގެން އިނދެ ބަލަން ފެށުމުން ވަކިންބޮޑަށް އެ ދޮންމޫނު ރަތްވިއެވެ. 

"ލައިޝާ، ފަހަރެއްގައި އަހަންނަށް ދަތުރު ނުދެވި ހިގައިދާނެ....." ކަޔާން ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް ފޯނަށް ބަލާލައިފިއެވެ.

"ވަޓް......" ލައިޝާއަށް ލިބުނީ ޝޮކެކެވެ.

"ސެމިނަރއަކަށް ދާން ޖެހޭ، އިޓްސް އިމްޕޯޓެންޓް، އަހަންނަށް އަދި ލައިޝާ ގާތުގައި ނުބުނެވި އޮތީ، އެހެންނޫނަސް އެންމެން އެކީގައި ދިޔައިމަ ކޮން މަޖަލެއްވާނީ؟ ޒިއާ ގޮސްދާނެ އޭރުން ގާލްސްއިން މާ ހެޕީވާނެ......" ކަޔާން ދިން ޚަބަރަކުން މޫޑު މުޅިން ޚަރާބުވިއެވެ. އެހާވަރުން އޭނަ ދަތުރު ދާން ނިންމީ ކަޔާން ދާނެކަމުގެ އުއްމީދާއެކު ދަތުރުގައި ވާނެގޮތް ޚިޔާލުވެސް ކޮށްލާފައެވެ. މިވީގޮތުން ގޭގައި އަފްރާޒުއާއި އަރައިރުންވާން އޮތަސް މާ ރަގަޅުވާނެއެވެ. ލައިޝާވެސް އެވަގުތުކޮޅު ދަތުރު ނުދާން ނިންމިއެވެ.
"އަޅުގަނޑަށް އެނގޭ ދަތުރު ނުދާނެކަން....." ލައިޝާ އިސްޖަހައިލިއެވެ.
"މައިންޑް ރީޑްކުރާ ކުއްޖެއްތާ..." ކަޔާން ހޭންފެށިއެވެ.
"އެހެނެއް ނޫން......" ލައިޝާ ތުންފިތާލިއެވެ.
"އާން، ލައިޝާ އާއި އެކީގައި ނުދާންވެގެންނޭ....." ކަޔާން ހޭންފެށިއެވެ.
"ރިއަލީ....." ލައިޝާ މައުސޫމްގޮތަކަށް ދެލޯ ބޮޑުކޮށްލިއިރު ފެންކަޅިވެއްޖެއެވެ.

"ނޫނޭ ސަމާސާ އަކަށޭ، އެހެންނޫނަސް ލައިޝާއާއި އެކީގައި ދަތުރު ނުދިޔަސް އަބަދުހެން މަގޭ ކުރިމަތީގައި އިންނަންވެސް އަހަންނަށް މަޖުބޫރުކުރެވިދާނެ ދޯ، މިހާރުވެސް ކޮންއިރެއް ތިހެން މަގޭ ކާރީގައި އިންނަތާ، ދަތުރު ދިޔައިމަ މާ މީހުން ގިނަވާނެ، އަހަރެމެންނަށް އެކީގައި އެހާ ވަގުތު ނުލިބި ހިނގައިދާނެ، ވީއިރު އެހާވަރުން ލައިޝާ އަހަރެން ގެންދަން ތިއުޅެނީ ކީއްވެތަ؟ އަހަރެންގެ އެޕާޓްމެންޓަށް އަންނަންވީނު......." ކަޔާންގެ ދައުވަތުން ލައިޝާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.
"އެންމެން ދަތުރުދާ ދުވަހަކު ތިގެއަށް ދާންވީތަ؟ " ލައިޝާގެ މޫނު ރަތްވިއެވެ.
"ބޭނުން ދުވަހަކުން އަންނަންވީ، ނަމަވެސް އައުމުގެ ކުރިން އަހަންނަށް ގުޅާލަންވާނެ. އަހަރެން ރަށުގައި ނެތި މަގޭ ގޯސްޓް އެގޭގައި ހުއްޓާ ނުދާތި........" ކަޔާން ގެ ސަމާސާއިން ލައިޝާއަށް ހީގަނެވިއްޖެއެވެ. ކަޔާން މުވައްޒަފުންގެ ކާރީގައި ސީރިޔަސްކަން ދައްކައިގެން ހުއްޓަސް ލާނެތް ބަޔެއް އެބަހުއްޓެވެ.

"ގޯސްޓްދެކެ ބިރެއްނުގަނޭ......" ލައިޝާ ހުނުން މަތަކުރިއިރު މޫނު ރަތްވެއްޖެއެވެ. 
"ގްރޭޓް، އަހަރެން ވަރަށް ލައިކްވޭ ތިކަހަލަ ބްރޭވް އަންހެންކުދިން ދެކެ........." ކަޔާން ލައިޝާއަށް ބަލަން އިނީ ދަސްކުރާފަދަ ގޮތަކަށެވެ. ލައިޝާގެ ލޮލަށް ކަރުނަ އައީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ދެމީހުންނަށް އިރުކޮޅެއްވާންދެން އެކަކު އަނެކަކުގެ ލޮލަށް ބަލަން ތިބިއިރު ހިމޭންކަމުގެ ބަސްމޮށުމުން ކިތަންމެ ވާހަކައެއް ދެކެވިއްޖެއެވެ. ލޯބިވާ ވާހަކަ ނުބުންޏަސް ދެމީހުންގެ އަމަލު ހުރީ އެފަދަ ގޮތަކަށެވެ. އަތްނުލިޔަސް ދުރުން އުޅުނަސް ލޯބިވެވިދާނެއެވެ. އިތުރަށް ވާހަކަ ނުދެއްކުނީ މެނޭޖަރެއް ކަޔާން އާއި ބައްދަލުކުރަން އައުމުންނެވެ. 

ލައިޝާ އެތަނުން ނުކުތްއިރު ހީވަނީ އުފަލުން ފަތެއްފަދައިން އުދުހެވޭހެންނެވެ. އޭރު ކުޑަކޮށް ވިއްސާރަވެލައިފިއެވެ. ވާރޭވެހޭ އަޑު ލައިޝާއަށް އިވުނީ މިއުޒިކެއްފަދައިންނެވެ. މޮޔައެއްފަދައިން އެކަނި އިނދެވެސް ހެވެނީއެވެ.

އާ ފެށުމަކުން ލޯބީގެ ބާބެއް ފެށުނީކަމަށް ލައިޝާ ޔަގީންކުރިއެވެ. ގެއަށް ދިޔަގޮތަށް ވިސްނީ ކަޔާންއާއި ބައްދަލުކުރަން ދާއިރު ލާނެ ހެދުމަކާއި މެދުގައެވެ. ކީވާއަށް އެ ޚަބަރުދިނުމުން ކީވާވެސް ހުރީ އުފާވެފައެވެ. ކީވާ ބުނީ ލައިޝާ ރަތްހެދުމެއް ލީމަ ރީތިވާނެކަމުގައެވެ. އެއީ ލޯބީގެ ކުލައެއްކަމަށް ބުނުމުން ލައިޝާ ބާރަކަށް ހޭންފެށިއެވެ. މިއިން ޒަމާނެއްގައި ލައިޝާ މިގޮތަށް އުފާވެ ހީހަދާފައެއް ނުވެއެވެ. އުފަލުން ދެފައި އެއްތާކު ހަރުނުލައެވެ. އެހެން އުޅެމުން ދެކުދިން ބޭރަށް ނުކުތްއިރު ސަލްމާއާއި ޒުލްމާ އުޅެނީ އައްޑޫއިން ލިބުނު ފޮށިގަނޑެއް ކަނޑާލައިގެންނެވެ. އެންމެ ގާތުގައި އިން އަފްޒަލު ބޮނޑިއެއް ނަގައިގެން އަނގައިގާ ޖެހިތަން ފެނިފައި ލައިޝާ ލޯ އަޅާލިއެވެ. ދަހިކުއްޖާގަނޑު ފެނުނަސް އޭނަގެ މޫޑު ގޯސްވެދެއެވެ. ކަޔާންދިން ޗޮކްލެޓް ކާލީތީ ދުވަހަކު މާފެއް ނުދޭނެއެވެ.

"ކައިރާ، މިހިރީ ކައިރާގެ ވެސް އެއްޗިއްސޭ........" ސަލްމާ އަނބުކޮތަޅެއް ދިއްކޮށްލުމުން ލައިޝާ އޭގައި ހިފީ ހިނިތުންވެލަމުންނެވެ. ކީވާ އެތާގައި މަޑުކޮށްނުލާ ފްރިޖް ހުޅުވާލައިގެން ފެންފުޅިއެއް ބޯލުމަށްފަހު އަނެއްކާ ކޮޓަރިއަށް ވަނެވެ. އިރުކޮޅެއްފަހުން ލައިޝާ ކޮތަޅުތަކެއް ހިފައިގެން ވަނެވެ. ކީވާގެ ހިތަށް އަސަރުކުރިޔަސް ސަލްމާއާއި ދޭތެރޭގައި ހިތުގައި ބުރަކަމެއް ނުބާއްވާ ލައިޝާ ދިން އެއްޗެއް ވިއްޔާ ގަދަކަމުންވެސް ކެއެވެ. ސަލްމާއާއި ޒުލްމާ އެކަނިވުމުން ޒުލްމާ ބުނެލި އެއްޗަކުން ސަލްމާގެ ގައިން ހުޅުހިފިހެން ހީވިއެވެ.

"ލައިޝާއަށްވުރެ އައިދަންއާއި ކީވާ މާ ގުޅޭ، އަހަރެންގެ އަމިއްލަ ދަރިއަކަށްވިޔަސް ބުނާނީ ހަގީގަތް، ކީވާ މާ ބަސްއަހާ، އަދި މާ ގެވެހިވާނެ، އެހެންނޫނަސް ލައިޝާ އަހަރެން ބުނާގޮތަކަށް ނަހަދާނެހެންވެސް ހީވޭ...." ޒުލްމާ ސަލްމާއަށް ވިސްނައިދޭ ރާގަކަށް ވާހަކަދެއްކިއެވެ.

"އަހަރެންގެ ހަށިގަނޑުގައި ފުރާނަ ހުއްޓާ އައިދަން ކީވާއަކާއި ނީންނާނެ، ކުޑަކުދިންގެ ހިޔާއަށް ގެންގޮސްފައިވާކުދިންގެ ހަގީގަތަކީ ކޮބާތަ؟ ޒުލްއަށް ޔަގީންތަ އެއީ ހަލާލުދަރިއެއްކަން؟ ބައްޕަ ކަށަވަރުވޭތަ؟ އައިދަންއަކީ މަގޭ ހުރި އެންމެ ފިރިހެން ދަރި، އަހަރެން ދުވަހަކު ތިކަމާއި އެއްބަހެއް ނުވާނަން، ކައިރާ ގަބޫލު ނުވެއްޖެއްޔާ އައިދަން އަށް އެހެން ކުއްޖެއް ހޯދާނީ، އެކަމަކު އެ ކަޅު ބަބުރުކުއްޖާ އަކާއި މަގޭ އައިދަން ނީންނާނެ...." ސަލްމާއަށް ކަޅު ކުދިން ރީއްޗެއް ނޫނެވެ. އަދި ބުޅި އިސްތަށިގަނޑަކީ ސަލްމާ ދެކޭގޮތުން އެންމެ ހުތުރު ސިފައެވެ. ޒުލްމާ އިނީ ދެރަވެފައެވެ. ސަލްމާގެ ވިސްނުން އެގޮތަށް ހުރީތީ ހިތާމަކުރިއެވެ. ކީވާގެ މައިންބަފައިން ކޮންމެ ފަދަ ގޮތަކަށް އުޅުނަސް އޭނަ ކީވާ ތަރުބިއްޔަތުކޮށްފައި ވަނީ ހާދަ ރަގަޅަށެވެ. ކީވާދެކެ ޒުލްމާ އަމިއްލަ ދަރިއެއްފަދައިން ލޯބިވެއެވެ. ވީއިރު ކީވާގެ މުސްތަގުބަލާއިމެދު އޭނަ ވިސްނާވަރަށް ވިސްނާނީ ކާކުހެއްޔެވެ؟ އެ ދަރިފުޅަށްޓަކައި ހަޔާތުގެ ބައިވެރިޔެއް ހޯދަދިނުންވެސް ޒުލްމާއަށް ވާޖިބެވެ.

ރޯދަމަސް ކާރިވަމުން އަންނާތީ ދަތުރު ރޭވުމާއި މާހެފުން އަދި ގޭގައި ކުލަލުންފަދަ ކަންތައް ފޯރިއާއިއެކު ހިނގަމުން ދާއިރު ލައިޝާއާއި ކީވާވެސް ގަސްތުކުރީ ގެ ދޮވެ ޕެއިންޓްކޮށްލާ ފޮތިތައް އާކުރުމަށެވެ. ނަމަވެސް އެކަމަށް ހިގާނެ ޚަރަދު ބޮޑުކަމުން ބޭނުންހާކަމެއް ފުރިހަމަ ނުކުރެވޭނެކަން އެނގެއެވެ. ލައިޝާ އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން ލެޕްޓޮޕް ހިފާލައިގެންއިންއިރު ކީވާ ހުރީ އަލަމާރި ސާފުކުރާށެވެ.

"ލައިޝް، ކަޔާން ޗޮކްލެޓް ދޭވާހަކަ މަގޭގާތުގައި ނުބުނަމެއްނު......" ކީވާ ވަތްގަނޑަކުން ފެނުނު ޗޮކްލެޓެއް ލައިޝާއަތަށް ދިނެވެ.

"މި ޗޮކްލެޓް... އަހަރެން ހީކުރީ މިގޭގައި އުޅޭ ދަހި ފިރިހެނާ މި ޗޮކްލެޓް ކާލީކަމަށް، އަހަރެން ޓޮއިލެޓަށް ވަދެފައި އައިއިރު މިފެންނާކަށް ނެތް، ރަގަޅަށްވިއްޔާ މި ބަލާލާފައި އަހަރެންގެ ފިޔަވަޅުގެ އަޑަށް އޭނަ ނިކުމެގެން ދާނީ، އަހަރެން ރުޅިއައިސްގެން އެއްޗެހި ކިޔާލީމަވެސް ޖަވާބެއް ނުދިން........" ލައިޝާ ދެލޯ ބޮޑުކޮށްލިއެވެ. ކަޔާން ދިން ޗޮކްލެޓް ޕާރުސަލާއި އެކީގައި އޮތުމުން އުފަލުން ތުންފަތުގައި ޖައްސައިލެވުނެވެ. ލައިޝާ ކީވާއަށް އެތިކޮޅެއް ދިނުމުން އޭގައި ހިފަން ކީވާ އިންކާރުކުރިއެވެ.

"ކަޔާން ދިން އެއްޗެއް އަހަރެން ކެއީމަ ކަމަކު ނުދާނެ. މަށަށް ހީވަނީ މިއީ އަދި މާލެއިން ނުފެންނަހާ އަގުބޮޑު ޗޮކްލެޓެއްހެން......" ކީވާ ކާރީގައި އިނދެ އޭގެ ބޭރަށް ބަލާލިއެވެ. " ޙަލާލު" ކަމަށް ޖަހާފައި ނެތިއްޔާ ކެއުން ހުއްދަނުވާނެކަން ލައިޝާއަށް ކީވާ ހަނދާންކޮށްދިނެވެ. ހަރާމް ކާ އެއްޗެހި ކައިގެން ކުރާ ދުޢާ އިޖާބަނުވާނެ ކަމުގައިވެސް ބުނެލިއެވެ. ލައިޝާ އެންމެ ބޭނުން ކަމަކާއި ދިމާވާ ވަގުތަކުން ހެއްދެވިފަރާތަށް އެދޭއިރު އެކަމެއް ނުވުމުން އޭރުން ޝަކުވާ ކުރެވޭނެ ހެއްޔެވެ؟

"ޗެކްކޮށްފައޭ ކާނީ..." ލައިޝާ އޭރު ވިސްނީ އަފްރާޒުއާއި މެދުގައެވެ. ކަންތައް ރަގަޅަށް އޮޅުން ފިލުވާލާފައި ނޫނީ މީހުންނާއި ދިމާލަށް އެއްޗެހި ކިޔުމުގެ ނުބައިކަން ތަޖުރިބާކުރެވިއްޖެއެވެ. ކޮންމެކަމެއް އަފްރާޒު ބޮލުގައި އަޅުވާލާކަށް ނުވެސް ޖެހޭނެއެވެ. އޭނަ ބޭއްވި ތަނުގައި ޗޮކްލެޓް ނެތަސް އަލަމާރި ރަގަޅަށް ފާސްކޮށްލެވުނުނަމައެވެ.

"ސޮރީ އަފޫ..." ލައިޝާ ހިތާހިތުން މާފަށް އެދުނެވެ.

ކީވާ ނޭވާލާން އުދަގޫވެގެން ޑޮކްޓަރަށް ދެއްކުމަށްފަހު ލައިޝާއާއި އެކީގައި ހޮސްޕިޓަލުން ނުކުތްއިރު އުޑުމަތި އޮތީ ތަންކޮޅެއް ބަނަކޮށެވެ. ކޮންމެ ވަގުތަކުވެސް އެ ކަޅު ވިލާތަކަށް ކެތްނުކުރެވިގެން ވާރޭ ވެހިގެންފާނެހެން ހީވެއެވެ. އަނދިރިކޮށް މާހައުލު އޮތުމުން ލައިޝާ ހުރީ ނިކަން ގަޔާވެފައެވެ. ސްވެޓަރުފޮތިން ފަހާފައިވާ އަތްދިގު ހެދުމެއްގައި އޭނަ ފެންނަނީ ނިކަން ރީތިކޮށެވެ. އިސްތަށިގަނޑު މައްޗަށް އައްސާފައިވާއިރު އެ މޫނުގެ ރީތިކަން ވަކިން ފާހަގަވެއެވެ. ކީވާ މުށިކުލައިގެ ކުރުތާއާއި ސްކާފްގައި ހުރިއިރު އޭނަގެ އެ ތަފާތު ރީތިކަމަށް ނަޒަރު ހުއްޓޭ މީހުން މަދެއްނޫނެވެ. މާ ބޮޑަށް ފިނިވާން ފެށުމުން ކީވާހުރީ މޭގައި އަތް ޖައްސާލާ ބާރުކޮށްލައިގެންނެވެ.

"ކިވީ މިއަދުވެސް ޑޮކްޓަރު މިއޮތީ ޓެސްޓްހަދަން ދީފައި. ޕްލީޒް ހިނގާބަލަ ސާމްޕްލް ދޭން......." ލައިޝާ އާދޭސްކުރީ ކިތައް ފަހަރުކަމެއްވެސް ނޭގެއެވެ.
"ލައިޝްއަށް އެނގޭނެ އަހަރެން ސިރިންޖަށް އެލާޖިކްވާކަން، އަހަރެން ފެއިންޓްވާނީ..." ކީވާ ދެކޮޅުހެދިއެވެ.
"ކިވީ ބިރުން އުޅޭތީއޭ، ޑޮކްޓަރ މިއޮތީ ބަލި ޝައްކުވެގެން ފާޑެއްގެ ނަމެއް ޖަހާފައި، މިއީ ކީކޭތަ؟ " ލައިޝާ ލެބޯޓްރީ ފޯމް ކީވާގެ އަތަށް ދިނެވެ.
"ކްއެރީ އަކަށްފަހު ސީ އާރް އެފް ޖަހާލާފައި މިއިނީ ޑޮކްޓަރަށްވެސް އަހަރެންނަށް ވާގޮތްތައް ރަގަޅަށް ނޭގޭތީކަމަށްވާނީ......... ގޯޑް އޮންލީ ނޯސް......" ކީވާ ބޯ ހޫރާލިއެވެ.

"ހެހެ ކިވީއަށް ސީ އަކާއި އެފް ރިޕޯޓެއް ލިބުނީ........." ލައިޝާއަކަށް އޭގެ މާނައެއް ނުވިސްނުމުން ކޮށްލީ ސަމާސާއެކެވެ. ޑޮކްޓަރު އެމީހުންގެ ގާތުގައި ބުނެނުދިނީ ކީއްވެހެއްޔެވެ؟ ލައިޝާ އެ ނަން ސިކުނޑިއަށް ނެގީ ފަހުން ގެއަށްގޮސް ގޫގުލްކޮށްލުމުގެ ބޭނުމުގައެވެ. ޑޮކްޓަރުވަނީ ކީވާގެ ގައިން ލޭމަދުވާ ވާހަކަ ބުނެފައެވެ. ވީއިރު ލޭމަދުވުމަށް މެޑިކަލް ޓާމަކީ އެއީކަމަށް ވެދާނެއެވެ. ދެކުދިންވެސް ބިޒިނަސް ކިޔަވާތީ އެފަދަ ޓާމްތައް އެހާ އެނގޭކަމަކަށްނުވިއެވެ.
"އައިމް ސްކެއާޑް...." ކީވާ ބުނެލިއެވެ.
"ބިރުނުގަނޭ ކިވީ، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ، ޑޮކްޓަރުންނަށް ބަލި ނޭގުނިއްޔާ ވާނީ އަހަރެމެން އައްޑޫއަށް ދިޔަދަތުރުގައި އެ ހޯންޓިޑް ގޭގައި ހުންނަ ޖިންނި އަވަލީ ކަމަށޭ. ހާދަ ބިއުޓިފުލް މެމެރީސްތަކެކޭ ދޯ، އަދި ސަލްމާދައްތަ އެބަ ކިޔާ އެންމެން އެރަށަށް ޗުއްޓީއެއްގައި ދާ ވާހަކަ. މަޖާވާނެދޯ، އަނެއްކާ މަށަށް އެންމެ ސަޅިވި ތަންކޮޅަކީ ކެންޒިއާއިން އައިދަންގެ ގެ ގަނެލީމަ. އޭގެ މާނައަކީ ކަޔާންވެސް ދޭތެރެއަކުން އައްޑޫއަށް ދާނެޔޭ......" ލައިޝާ އައްޑޫ ދަތުރުގެ ހަނދާންތައް އާކުރިއެވެ. ލިންކު ރޯޑްގައި ކަޔާންއާއި އެކީގައި ކާރު ދުއްވާލުމާއި އެ ފަޅުމަގުތަކުގައި ބައިސްކަލް ދުއްވުމަކީ އަދިވެސް ލައިޝާ ދެކޭ ހުވަފެނެކެވެ. މިރަށަށްވުރެ އެ މާހައުލު މާ ރޮމެންޓިކްއެވެ. ދަންވަރު ހަނދު އަރާފައި ހުއްޓާ ކޮންވެންޝަން ސެންޓަރު ކާރީގައި ދެމީހުން އެކީގައި ތިބޭތަން ލައިޝާ ގެ ޚިޔާލީ ލޯގަނޑަށް ކިތަންމެ ފަހަރަކު އަރައިފިއެވެ.

ދެކުދިން އެކީގައި ގޭޓާއި އަރާ ހަމަވީއިރަށް ފެނުނު މަންޒަރަކުން ލައިޝާ އަނބުރައިނުގަތީ ކިރިޔާއެވެ. ހުރި ތަނަށް ފިޔަވަޅު ގަނޑުވިއެވެ. އޭނައަށް ފެނުނީ މަގުގެ އަނެއްފަރާތުން ކަޔާން ކުޑަ ފިރިހެންކުއްޖަކު ކޮނޑަށްލައިގެންގޮސް ކާރަށް އެރިތަނެވެ.

"ލައިޝް...." ކީވާ ކުއްލިއަކަށް ލައިޝާގެ އަތުގައި ހިފާ ދަމައިގެންފާ ގޭޓުން ވަންނަން އައި ކާރުގެ ދަށުވިޔަނުދީ ލައިޝާ ސަލާމަތްކުރިއެވެ. ލޮލުން ފެނުނީމަވެސް ހިތް އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ކަޔާންގެ ކާރިން އެކަން އޮޅުން ފިލުވަން އަހާނެ ހިތްވަރެއްވެސް ނެތެވެ. އެއީ ކަޔާންގެ ދަރިއަކަށް ވެއްޖެއްޔާ ލައިޝާގެ ހިތް ހަލާކުވާނެއެވެ. ކަޔާންއަކީ މީހެއްގެ ޙައްޤެއްކަން އެނގޭ ދުވަހަކުން އޭނަ މޮޔަވެގެން ގެންދާނީ ގުރައިދޫއަށެވެ. ނޫނީ ސަހަރާއަށެވެ. ބައެއްކަންތައް އަނދިރީގައި ބޭއްވިޔަދޭށެވެ.

ގެއަށް ވަންގޮތަށް ލައިޝާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެންމެ ފަހުން އޭނަ ސިއްރުސިއްރުން ނިކުމެގެންގޮސް ކަޔާންގެ އެޕާޓްމެންޓްގެ ބެލް ޖަހައިލިއިރު ހިތް ހީވަނީ ހުއްޓިދާނެހެންނެވެ. ގަނޑުފެންކޮޅެއްފަދައިން ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހައިލަމުން އޭނަ އިންތިޒާރުގައި ހުރިއިރު މޫނުމަތިން ޅަކަމާއި އެކު މޮޅިވެރިކަމެއް ފެންނަން ހުއްޓެވެ. މިގޮތަށް ކަޔާންއަށް ގުޅާފައި ހުއްދަ ނުހޯދާ އައުމުން ކަޔާން ރުޅިއަތުވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ކަޔާންގެ އަންހެނުން ގޭގައި ހުރެއްޖެއްޔާ އޭނަ ނޮޅާލަން ފަހެއް ނުޖެހޭނެއެވެ. 

ކޮމެންޓް 0