ކީވާގެ އަޑު ކަންފަތުގައި ޖެހުމުން ލައިޝާގެ ހިތުގެ ތެޅުން ހަމަޔަކަށް އެޅި ހިތަށް އުފާވެރިކަމެއް ލިބިއްޖެއެވެ. 
"އެކަނިތަ ތިހިރީ؟ އެހެން މީހެއްގެ ގާތުގައި އަހަރެމެންނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައްޗޭ ސިސް، އަހަންނަށް މީހަކު ތްރެޓްކުރުމުން އެޕާޓްމެންޓް ދޫކޮށްލާފައި މިތަނަށް އައީ....." ލައިޝާ ބުނާ އެއްޗެއް އަހާ ވަރަށްވުރެ ކީވާގެ ހާލު ދެރައެވެ. ކީވާ ހުރީ ކޮންމެވެސް ކަމަކާއި އިންތިހާއަށް ހާސްވެ ބިރުގެންފައެވެ.

"ލައިޝް، އަހަންނަށް ދިމާވެގެން މިއުޅެނީ ވަރަށް އެހެން ކަހަލަ ސިޗުއޭޝަނެއް، ހަމަ ކިރިޔާ ބޮޑު މިސްޓޭކެއް ނެހެދުނީ، އެހާ ބޮޑު ކަމެއް ނިންމަން ޖެހޭނީ ވަރަށް ވިސްނާފައިކަން އެނގުނީ ކަންފަތުން އަޑު އިވުނީމަ، އައި ލާންޑް އެ ލެސަން، އަހަރެން ހުރީ ސަލްމާދައްތަ ގޭގައި ނޫންކަން އެނގުނީމަ މަންމަވެސް ވަރަށް ރުޅިގަދަވެފައި ހުރީ، ފުރަތަމަ މަންމައާއި ވާހަކަދެއްކީމަވެސް ބުންޏޭ ސަލްމާދައްތަގެ ގެއަށް ދައްޗޭ، އަހަންނަށް އެގެއަށް ދާން ނުކެރުނީ، ލައިޝްއަށް އެނގެއެއްނު ސަލްމާދައްތަ އަހަރެންދެކެ ހޭޓްކުރާވަރު، އަހަރެން މިވަގުތު މިހިރީ ކޮލެޖްގައި، ނިމިގެން ދާނީ ކޮންތާކަށް؟ ލައިޝްމެންވެސް އަހަރެން އެކަނިކޮށްލާފައި ނުބުނެ ދިޔައީ....." ކީވާ އާއްމުކޮށް ވާހަކަ ނުދައްކާހާ ހަލުވިކޮށް އެއް ނޭވާއިން ހުރިހާ ވާހަކަތަކެއް އަމުނާލައިފިއެވެ.

"ކިވީ ތިގޮތަށް ނުވިސްނާ، މަންމަވެސް އެންމެ ލޯބިވާ ދަރިއަކީ ތިއީ، ކަންތައް ދިމާވިގޮތުން އަހަންނަށް އެވަގުތު މަންމަ ގޮވައިގެން ދާން މަޖުބޫރުވީ، ކިވީ މިގެއަށް އައިއްޔާ އަހަރެމެން ތިބިތަން ބަސްޓްވާކަށް މާގިނަ ވަގުތެއް ނުނަގާނެ، ކިވީ ޑައިލިސިސް ހަދަން މާލެ ދާން ޖެހޭނެ ވިއްޔަ ދޯ، އެކަމަކު އެހެނޭ ކިޔާފައި އަހަރެމެންގެ ލައިފަކުން ކިވީ ދުރަކަށް ނުލެވޭނެ، ހޫމް އައިޑިއާއެއް ލިބިއްޖެ....." ލައިޝާ އާއި ކީވާ ކޮންމެވެސް ކަމަކަށް އެއްބަސްވެފައި ފޯނު ބޭއްވިއެވެ.

ލައިޝާ ފެންވަރަން ހުއްޓާ ފުރާޅުގައި ވައިއަޅުވާ އަޑުއިވިފައި މޫސުން ގޯސްކަން އެނގުނެވެ. ހެނދުނުއްސުރެ އުޑުމަތި ވިލާތަކުން ފުރާލާފައި ވިޔަސް ރޭގަނޑަށް ތޫފާނުގެ ހަމަލާތައް އިތުރުވާން ފެށީއެވެ. ކޮޓަރިއަށް ވަންއިރު ދޮރުގައި ދަމާފައިވާ ފަރުދާތައް އެގޮތް މިގޮތަށް އުދުހޭތަން ފެނުނެވެ. ލައިޝާގެ ހަނދާނަށް އައީ ކަޔާންއެވެ. ކަޔާންއާއި އެކުގައި އުޅެވުނު އުފާވެރި ރީތި ދުވަސްތަކެވެ. އޭނައަށް ދުނިޔެއިން އެންމެ މުހިއްމުވާ އެއްޗަކީ ކަޔާންއާއި ބަނޑުގައި މިވާ ދަރިފުޅެވެ. ލައިޝާ ބަނޑުގައި އަތް ޖައްސާލާފައި ހިނިތުންވެލީ ކަޔާން ދަމުން ނިޝާނެއް ދޫކޮށްފައި ދިޔައީތީއެވެ.

"އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ޑެޑީ އަންނާނެ، ވަރަށް އަވަހަށް އަންނާނެ، އަހަރެމެން އެކަނިކޮށްލާފައި ފަހަރެއްގައިވެސް ދުރަކަށް ނުދާނެ..." ލައިޝާ އިސްތަށިގަނޑުގައި ފުނާ އަޅަމުން ނުކުތްއިރު މަންމަ ހުރީ މެދުގޯތީގައި ކުނި ކަހާށެވެ. އެއްފަރާތުގައި ވާ ބިޔަގަސްތަކުން ވެރެމުންދާ ފަތްތައް ނަގާވަރަކަށް ފަތްތައް ގިނަވަމުން ދިޔައެވެ. މަންމަ އެކުރަނީ ބޭކާރު މޮޔަ މަސައްކަތެއް ކަން އެނގޭއިރުވެސް ލައިޝާ އެއްޗެކޭ ނުބުނެ ހިމޭނުން ހުރީއެވެ. ޒުލްމާ އެނބުރި ބަލާލާފައި ދައްކަން ފެށީ އޭނަގެ ދެކުދިން ބަސްނާހާ ވާހަކައެވެ. އެހާ ރަގަޅަށް ތަރުބިއްޔަތު ދިނީމަވެސް ސިއްރުން ފިރިހެންކުދިންނާއި ރައްޓެހިވެގެން އުޅޭ ވާހަކައެވެ. ލައިޝާގެ ހިތުގައި ބިރުވެރިކަމުގެ ފިނި ރާޅެއް ޖަހާލައިފިއެވެ. އޭނަ ބަނޑު ބޮޑުކަން ފަޅާއެރުމުގެ ކުރިން ކަޔާން އެނބުރި އައުމަށް އެދި ދުޢާކުރެވުނެވެ. އެހެން ނޫނީ މަންމަ އޭނަ ގެއިން ބޭރަށް ލާނެކަމީ ޝައްކެއް ނެތްކަމެކެވެ. ލައިޝާ ދިފާޢުގައި އެއްޗެކޭ ނުބުނެ މަންމަގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ.

ކީވާ ވިލިމާލެއަށް އައުމާއެކު ދެކުދިން އެދިމާލުން އަތިރިމައްޗަށް ފޭބިއެވެ. ކީވާ އުޅުނީ ކެމެރާ ހިފައިގެން ފޮޓޯތައް ނެގުމުގައި އަވަދިނެތިއެވެ. ކިތަންމެ ބަޔެއްގެ ލޮލުގައި ހޫރުންފަދަ ދެ އަންހެންކުދިން އަޅައިގަތެވެ. ދެކުދިން އެތާ ތިއްބާ ވާރޭ ކަނިޖަހަން ފެށުމުން ގެއާއި ދިމާލަށް ދުއްވައިގަތެވެ. ވާރޭ ވެހޭ މަންޒަރު ބަލަން ދެކުދިން ޖައްސާލީ ކުޑަ ފެންޑާގައި ހުރި ދިގު ގޮނޑިއެއްގައެވެ. ވާރޭގެ ބަރު ތިކިތަކުން ގަސްތަކުގެ ފަތްތަކާއި މާތައް ތެމެމުންދާއިރު ހާދަ ނަލައެވެ. ކީވާ އިންސްޓަގްރާމަށް ލާން ފޮޓޯތައް ނަގަންފެށިއެވެ. އާޓިސްޓަކަށް އަދި ފޮޓޯނަގާކުއްޖަކަށް ވުމުން އޭނަ މިފަދަ ކޮންމެ މަންޒަރެއް ރައްކާކުރަން ބޭނުންވެއެވެ. މާލެއަށްވުރެ އެތައްގުނަ ހިތްފަސޭހަ ތަނެކެވެ. 

ދިޔަދޮވިން ކަރުނައިގެ މުތީތަކެއްހެން ފޮދުޖަހަމުން ދިޔަ ވާރޭގެ ތިކިތަކުން އަތްތިލަ ތެންމާލައިގެން ފިނިކޮށްލިއިރު ލައިޝާގެ ޚިޔާލަށް ފެންނަނީ ކަޔާންއެވެ. އޭނަގެ ކަޔާން މާލެ އަންނާނެ ދުވަހަކަށް އިންތިޒާރުކުރުން ނޫންގޮތެއް މިއަދު އޭނައަކަށް ނެތެވެ.

"ކިވީ، ދެން ކިޔާދީބަލަ، ކޮންފަދަ ބޮޑުކަމެއް ދިމާވެގެން ތިއުޅެނީ؟ " އެންމެފަހުން ލައިޝާ އަހާލައިފިއެވެ. ކީވާ ވިޝާންގެ ބޭވަފާތެރިކަން ހާމަކުރުމުން ލައިޝާ ހައިރާނެއް ނުވިއެވެ. ވިޝާން ރަޢަދުއާއި އެކު އުޅުނުގޮތް ލައިޝާގެ ލޮލުން ދެކެފައިވާތީއެވެ. ކީވާ ވިލިމާލެއަށް އައީ ވިޝާން ޑިއުޓީއަށް ގޮސްފައި ހުއްޓާ އަންގާވެސް ނުލައި ސިއްރުންނެވެ. ވިޝާންއަކަށް ނުފިލޭނެކަން ކީވާއަށް ނޭގެނީއެއް ނޫނެވެ. ޑައިލިސިސް ހަދަން ދާން ޖެހޭނީ އޭނަ ގާތަށެވެ. ބަލިކުއްޖަކަށް ވުމުން ގަދަކޮށްލާފައި ދުރަށް ދެވޭނީ ކިހިނެއްހެއްޔެވެ؟ އެހެންނޫނަސް އޭނަ ކޮލެޖަށް ގެންގޮސްދިނީވެސް ވިޝާންއެވެ. އެގަޑީގައިވެސް ކީވާ އިނީ ހިނިތުންވެލައިގެންނެވެ. އޭނައަށް ވިޝާންގެ ބޭވަފާތެރިކަމާއި މަކަރުވެރިކަން އެނގިފައިވާ ކަމަކަށް ނެހެދިއެވެ. ދިމާލަށް އެއްޗެކޭ ބުނެފިއްޔާ ވިޝާން ކަންތައް ކޮށްފާނެގޮތް ކީވާއަށް ޚިޔާލުކުރެވުނީތީއެވެ. 

"ވިޝާން ގާތުގައި ބުނޭ މަންމައަށް އެނގުނީޔޭ ވިޝާންގެ ގޭގައި އުޅޭކަން، އެހެންވެ މަންމަ ރުޅިގަދަވެގެންގޮސް ކިވީ ދަމާ ގެނެސް ކާރަކަށް ލައިގެން މިރަށަށް ގެނައީއޭ ބުނޭ، ކައިވެނީގެ ކުރިން އެކަނި މީޓްކުރަން މަނާކުރިކަން އޭނައަށް އަންގާ....." ލައިޝާ ޚިޔާލެއް ދިނެވެ.
"ގުޑް އައިޑިއާއެއް، އެކަމަކު އަހަރެން ވިޝާންއަކާއި މެރީއެއް ނުކުރާނަން...." ކީވާ އިނީ ފޯނާއި ކުޅޭށެވެ.
"ތި އަނގޮޓި ނުނަގާނަންތަ؟ "ލައިޝާ ހިނިތުންވެލިއެވެ.
"ވިޝާންއަށް އަދި އެނގޭކަށް ބޭނުމެއް ނޫން، އޭނަގެ ނުފޫޒު ގަދަކަމުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ....." ކީވާއާއި ލައިޝާވެސް އެކަން ގަބޫލުކުރެއެވެ. ވިޝާންއަކީ އާދައިގެ ޒުވާނެއްނޫނެވެ. ނުފޫޒުގަދަ މުއްސަދި އާއިލާއެކެވެ. އެމީހުން ބޭނުންވާ ކަމެއް ހާސިލުކުރުމަށްޓަކައި ކީވާމެން ކޮންމެފަދަ އަނދަވަޅަކަށްވެސް ވައްޓާލަފާނެއެވެ. ލައިޝާގެ ހަޔާތާއި ކުޅެލީވެސް އެ އާއިލާއިންނެވެ. އޭނަ ކަޔާންގެ ދަރިއަކަށް ބަލިވެއިންކަން އެނގިއްޖެއްޔާ އެމީހުން އޭނަ މަރާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. ނިކަމެތި އަންހެންކުއްޖެއްގެ ބަނޑުން ޝާހީ ކުއްޖަކު ދުނިޔެއަށް އުފަންވުން ވާނީ ވަރުޖިނާމެން ލަދުގަންނާނެ ކަމަކަށެވެ. ލައިޝާ އެ ވާހަކަ ކީވާގެ ގާތުގައި ބުނާކަށް ނޫޅުނެވެ. ކައިވެނީގެ ވާހަކަ ސިއްރުކުރަން އޭނަ ލައްވާ ކަޔާން ކުރުވި ވައުދު އޭނަ ހަނދާނެއް ނުނެތޭނެއެވެ.

"މިއޮތް ގުޅަނީ ވިޝާން، އާންސަރ ކުރަންވީތަ، އަހަރެން ޓޯކް ކުރާހިތެއްވެސް ނުވޭ......." ކީވާ ލޮލަށް ގޮތެއް ހަދައިލިއެވެ.
"ނޫން، ނޫން، އަދި ވާހަކަ ދައްކަންވާނެ....." ދައްކަންވީ ވާހަކަތައް ލައިޝާ ކީވާއަށް ހަނދާންކޮށްދިނެވެ. ކީވާ ފޯނު ނަގާފައި އޭނަގެ މަންމަ އޭނަ ދަމާ ނެރެގެން އެގެއިން ގެނައީކަމަށް ބުނެ މާފަށް އެދުނެވެ. ޑައިލިސިސް ހަދަން މާލެ ދިޔައިމަ ފެންނާނެ ކަމަށް ބުނެފައި ކީވާ ހީފައި އުޅުނު ގޮތުން ލައިޝާ ބުނީ ކީވާއަށް އެވޯޑެއް ހައްގު ކަމުގައެވެ. ފިލްމު ކުޅެން އެންޖެލީނާ ޖޮލީ މެންނަކަށް ވުރެ ކީވާވެސް ދެރަނޫން ކަމަށް ބުނެލިއެވެ. އިރުކޮޅެއް ފަހުން ވިޝާން ލައިޝާއަށްވެސް ގުޅާލައިފިއެވެ. ލައިޝާ އޭނައަށް މަކަރު ހެދީތީ ވިޝާން ރުޅިއަންނާނެ ކަމަށް ލައިޝާ ހީކުރިއެވެ. އެހެނެއް ނުވިއެވެ. ވިޝާން ވާހަކަދެއްކީ ރީތިކޮށެވެ.

"އަހަންނަށް އަންޑަސްޓޭންޑްވޭ، ކީވާ ހާ ބަލިކުއްޖަކު ދޫކޮށްލާފައި ލައިޝާމެން ދުރަށް ނުދާނެކަން އެނގޭ، އަހަންނަށް ހެޔޮ ކީވާ ތިރަށުގައި ހުއްޓަސް، އެކަމަކު މާލެ ނާންނާތި އިނގޭ، ކަޔާންއަށް ފެނިގެން ނުވާނެ، ލައިޝާގެ ކުށެއްނެތްކަން ކަޔާންއަށް އަންގަން މަސައްކަތްކުރާނެ ދުވަހަކީ ކަޔާންގެ ފުރާނަ މިދުނިޔެއާއި ވަކިވެގެން ދާނެ ދުވަސް، ކެންޒީއަށް ވީގޮތް އެނގެއެއްނު، އަހަންނަށް ގޯހެއް ހަދަން މަޖުބޫރުނުކުރާތި......" ވިޝާންގެ ވާހަކަތަކުން ލައިޝާގެ ހިތުގައި އިންތިހާއަށް ނަފްރަތު އުފެދުނެވެ. ނަމަވެސް އޭނަ އެކަމެއް ނުދައްކާ ވިޝާންގެ ޝަރުތުތަކަށް އެއްބަސްވިއެވެ.

ލައިޝާ ފޯނު ބާއްވާފައި ހިނިތުންވެލިއެވެ. މާލެ ދާނީ ލައިޝާ އެއްނޫނެވެ. ކަޅުހެދުމުން ނިވާވެގެން ފޮރުވިގެން ހުރި އަންހެންކުއްޖެކެވެ. އެކުއްޖާ ކޮލެޖަށްވެސް ދާނެއެވެ. ކަޔާން ފެނޭތޯ ހޯދާނެއެވެ. އަންހެންކުދިންނަކީ ފިނޑި ނިކަމެތި ބަޔެއްކަމަށް ވިޝާން ނުދެކޭށެވެ. ހިޖާބުގައި ހުރި ވަރު ވިޝާންއަށް އެނގިގެން ދާނެއެވެ.

ކީވާ ވިލިމާލެއަށް އައިފަހުން އައިދަން އުޅެންފެށީ ދުރުދުރުންނެވެ. އެމީހުންގެ ހާލު ބަލައިލަން ކޮންމެ ދުވަހަކު އައިސް އުޅުނުމީހާ ވަޒީފާ ބުރަކަމުން ނާދެވެނީކަމަށް ބުނަން ފެށިއެވެ. ލައިޝާއަށް ވިސްނުނެވެ. އައިދަން ކީވާއާއި ކުރިމަތިލާން ބޭނުން ނުވަނީއެވެ. އައިދަން އަދިވެސް ކީވާދެކެ ލޯބިވަނީކަން ނޭގެއެވެ.

ލައިޝާ ކިތަންމެ ގިނަ ފަހަރު ކަޔާން ގެ ރީތި ސޫރަދެކޭ ހިތުން "ކެންޒިއާ" ގެ ކާރިން ބުރުޖެހިއެވެ. މައްސަރެއްހާ ދުވަސްވާންދެން އޭނަ އެތައްފަހަރަކު އެގެ ކާރިން ހިނގިއެވެ. އެތައް ފަހަރަކުއެވެ. ވޭތުވެގެން ދާ ކޮންމެ ދުވަހެއް އޭނަގެ ހިތަށް މާޔޫސްކަން ގެނެސްދިނެވެ. ނަމަވެސް އުއްމީދު ކަނޑާނުލާ ލައިޝާ ޖެހިގެން އަންނަދުވަހު އެގެ ކާރިއަށް ދިޔައެވެ. ކަޔާންގެ އާއިލާގެ މީހެއްހާ ހިސާބުވެސް ފެނިނުލައެވެ. އެންމެން އެމެރިކާއަށް ހިޖުރަކުރީހެއްޔެވެ؟ ކޮންމެ ދުވަހަކު ލައިޝާ އިތުރު ހިތްވަރާއި އުއްމީދާއެކު އޭނަގެ ލޯބިވާ ކަޔާންއަށްޓަކައި އެ މަސައްކަތްކުރިއެވެ. ދެލޯ ބޭގަރާރުވާވަރުވިއެވެ. އަބަދުހެން ދުޢާކުރެވުނެވެ. ލައިޝާ ކޮލެޖަށް ދިޔުމުގެ ކުރިން އަދި ނިމުނީމަވެސް އަންނަނީ އެ ގެ ހުންނަ ހިސާބަށެވެ. އެއީ އޭނަގެ ކޮންމެ ދުވަހެއްގެ ވާޖިބެވެ. އެ އާދަ ހުއްޓާލަން މަޖުބޫރުކުރުވީ އޭނަ ބަލިވާން ފެށީމައެވެ. މޭނުބައިކުރުމާއި ހޮޑުލެވުން އަދި އަނބުރައިގަންނަގޮތް ނުވާ އެންމެ ދުވަހެއްވެސް ވާކަމަކަށް ނުވިއެވެ. ވިލިމާލެއިން ފެރީއަށް އަރަނީ ގޭގައި އެހާވަރަށް އޯކަށް ދަމާފައި ކަރަންފޫ އަނގަޔަށް ލައިގެންނެވެ. ފެރީއަށް އަރާފައި އޭނަ އިންނަނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެ ހާލުގައި އުޅެމުންވެސް އޭނަ ހިތްވަރުކުރިއެވެ. ކަޔާންއާއި ދަރިފުޅުގެ ހައްގުގައެވެ. އެހެން މީހުންނަށް އެ ސިއްރު ފޮރުވުމަށެވެ.

ކަޔާން އެމެރިކާއަށް ކުރި ދަތުރުގައި އޭނަގެ ފޯނު ވަނީ ގެއްލިފައެވެ. ކުރީރޭވެސް ނުނިދާ ހޭލާހުރުމުގެ ސަބަބުން އޭނަ ޑިޕާޗަރހޯލްގެ ސީޓެއްގައި ޖައްސާލިގޮތަށް ނިދުނީއެވެ. ހޭލެވުނީމަވެސް ފޯނުމަތިން ހަނދާނެއްނެތެވެ. ފޯނު ގެއްލިގެން އޭނަ އުޅެގަތީ ފްލައިޓަށް އަރާފައި މާ ފަހުންނެވެ. އާއިލާގެ މީހުންނަށް އެކަން އެނގުނު ކަމަކަށް ނުވިއެވެ. ކަޔާން ކަންބޮޑުވީ އެކަނި ލައިޝާއާއި އޭނަގެ ފޮޓޯތައް ހުންނާނެތީއެވެ. ނަސީބަކުން ޕާސްވޯޑް ޖަހާފައި ހުރީމަ އެހެން މީހަކަށް ފޮޓޯތައް ފެނިދާނެކަމުގެ ބިރެއް ނެތެވެ. އެންމެ ދެރަވީ ލައިޝާގެ ނަމްބަރު އޭނަ ހަނދާނެއް ނެތީމައެވެ. ލައިޝާއަށް އެހެން ނަމްބަރެއް ހޯދައިދިންއިރު ރީތި ނަމްބަރެއް ނަގާކަށް ކަޔާން ސަމާލުކަމެއް ނުދެއެވެ. އެއީ ވަގުތީ ނަމްބަރެކެވެ. އަދި އެނަމްބަރު އޭނަ ފޯނުގައި ރައްކާކުރީ ޚާއްސަ ނަމެއް ދީފައެވެ. އެހެންވުމުގެ ސަބަބުން ނަމްބަރާއިމެދު ވިސްނާލާނެ ފުރުސަތެއް ނުލިބުނެވެ. 

ކަޔާން ސޯޝަލް މީޑިއާއަށް އެހާ ފޯރިއެއް ނުހުރެއެވެ. ޓްވިޓަރ އަދި އެފްބީ އެކައުންޓެއް އިންނައިރު އެއަށް ލައިޝާ އެޑްކުރާކަށް ނޫޅުނެވެ. ލައިޝާ އިންނަނީވެސް ކޮންމެވެސް އެހެން ނަމެއްގައިކަމަށް ލައިޝާ ވަނީ ބުނެފައެވެ. އެހެންނޫނަސް ޒައިފް އަނބިމީހާއާއިއެކު އޮސްޓްރޭލިއާއަށް ހިޖުރަކުރިކަމީ ކަޔާންގެ ބަދު ނަސީބުކަން ނޭގެއެވެ. ލައިޝާގެ ހާލު އަހައިލަން ގުޅަން ހުރި މީހަކީވެސް އެއީއެވެ. 

"ލައިޝްއަށް އަންޑަސްޓޭންޑްވާނެ، އަހަރެން އަންނަންދެން ލައިޝް އިންތިޒާރުކުރާނެ، އެނގޭނެ އަހަރެން ލޯބިވާވަރު، އަހަރެން ލައިޝްއާއި ވަކިވެގެން ނުދާނެކަން، ކުޑަކޮށް ކެތްކޮށްލަން ޖެހޭނީ، އެންމެ ދިހަ ދުވަސްވަރު ވާނީ........" ކަޔާން ހަމަޖެހިލަން މަސައްކަތްކުރިއެވެ. ދަތުރުމަތީގައި ގުޅާނުލެވުމަކީ އެކަށީގެންވާ ކަމެއްތާއެވެ. ލައިޝާއާއިމެދު ކަޔާން ފުރިހަމަޔަށް އިތުބާރު އެބައޮތެވެ. ދިހަ އަހަރުވާންދެން އޭނަ ދުރުގައި ހުރެފައި އަޔަސް އެހެން ފިރިހެނެއްގެ ކާރިއަށް އޭނަގެ އަނބިމީހާ ނުދާނެއެވެ.

އެމެރިކާއަށް ގޮސްފައި ކެންޒީގެ ބޮލުގެ އޮޕަރޭޝަނެއް ކުރެވުނެވެ. ކެންޒީއަށް ކިރިޔާ ރަގަޅުވުމާއިއެކު ކަޔާން އެނބުރި މާލެދާން ގަސްތުކުރިއެވެ. ވަރުޖިނާ އެދުނީ ދުވަސްކޮޅަކަށް މަޑުކޮށްލުމަށެވެ. ކަޔާން ނެތިއްޔާ ކެންޒީ އެކަމާއި ވިސްނާނެކަމުގައެވެ. ބަލިހާލު ބޮޑުވެދާނެކަމުގައެވެ. ކޮއްކޮއަށްޓަކައި މައްސަރެއްހާ ދުވަހު މަޑުކޮށްލިޔަސް ލައިޝާ ނުގެއްލޭނެ ކަމުގައެވެ. ކަޔާން ހައިރާންވީ މަންމަ ގެ ވިސްނުން ރަގަޅުކަމުންނެވެ. އޭނަ މާލެ ދާން އުޅެނީ ލައިޝާއަށްޓަކައިކަން މަންމަ ވިސްނައިގަތް ކަމަށްޓަކައި ކަޔާން ޝުކުރުކުރިއެވެ.

ކަޔާންއަށް މާލެ އާދެވުނީ މައްސަރެއްހާ ދުވަސްފަހުންނެވެ. ކަޔާން ހުރީ ލައިޝާ ދެކެލާ ހިތުން ކެތްނުލަވާފައެވެ. އޭނަ ލައިޝާއަށް ދޭން ގަތް ހަދިޔާތައް ހިފައިގެން އެމީހުން ދިރިއުޅުނު އެޕާޓްމެންޓަށް ދިޔައިރު އެތަނުގައި ދިރިއުޅެނީ އެހެން ބަޔެކެވެ. ކަޔާންއަށް ލިބުނީ ޝޮކެކެވެ. އެދުވަހު އޭނަ މޮޔައެއްހެން މާލޭތެރޭގައި ކާރުގައި ބުރު ޖެހިއެވެ. ލައިޝާ ނޫނީ ކީވާ ނަމަވެސް ފެނުމަށް އެދި އޭނަ މާލޭގެ އެތަންމިތަން ހޯދިއެވެ. ކޮންމެ އަންހެންކުއްޖަކާއި ދިމާލަށް ބަލައިލެވުނީ ލައިޝާއަށް ވެދާނެކަމުގެ އުއްމީދުގައެވެ. ގެއަށް އާދެވުނުއިރު ލިބިފައިވާ މާޔޫސީކަން ރުޅިވެރިކަން ޚިޔާރުކޮށްފިއެވެ.

އިރުއޮއްސުމަށްފަހު "ކެންޒިއާ" ގެ ސިޓިންރޫމަށް ވެރިވެފައިވާ މަޑު ރީދޫކުލައިގެ އައްޔާއި ފިނިކަމުގެ ސަބަބުން އަރާމުކޮށް ވާހަކަދައްކާލަން ތިބޭފަދަ މާހައުލަކަށްވެފައިވެއެވެ. ގަނބައިގެންދާފަދަ މަޑު ސޯފާތަކުގައި އެންމެން އިށީދެލައިގެން ތިބެ ކޮންމެވެސް ވާހަކައެއް ދައްކާފައި ހޭންތިބިއިރު މުޅިންވެސް އުފާވެރި މޫނުތަކެވެ. ކެންޒީއަށް އަދިވެސް ރަގަޅަށް ހިނގާ ވާހަކަދައްކައި އުޅެވޭކަމަކަށް ނުވެއެވެ. އުމުރުދުވަހުވެސް ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހިދާނެކަމުގެ ބިރު ހީވިޔަސް ކެންޒީ އެކަމެއް ނުދައްކައެވެ. އޭނަގެ ބޭނުމަކީ އެހެން މީހުން އުފާކޮށްލަދިނުމެވެ. އެހެން މީހުންނަށްޓަކައި ހޭން ކެންޒީއަށް މަޖުބޫރެވެ. ކެންޒީ ގެ އަތުގައި ފިރުމާލަ ފިރުމާލާ އޭނަގެ މަންމަ ވަރުޖިނާ އިނެވެ. ކަޔާން ދޮރުމައްޗަށް އެރިތަން ފެނުމުން އެމީހުންނާއި ބައިވެރިވާން އެދި ވަރުޖިނާ ގޮވާލިއެވެ.

"މަންމާ، އަޅުގަނޑު އައީ އެންމެނާއި ބައިވެރިވާކަށް ނޫން، ޖަވާބު ބޭނުންވާ ސުވާލުތަކެއް ހުރީމަ، ޒިއާމްވެސް މިކަމުގައި ބައިވެރިވާކަން ޔަގީން، އަޅުގަނޑު ހިފާފައި ހުރި އެޕާޓްމެންޓަށް ތިންމަހު ކުލި ދައްކާފައި ހުއްޓާ ކުއްލިއަކަށް އެހެން ބަޔަކަށް އެތަނުގައި އުޅެވެންވީ ސަބަބެއްނެތް، އަދި އަޅުގަނޑުގެ ފޯނު ގެއްލުމުގައި ކޮންމެވެސް ކަހަލަ ގޯހެއްވާކަން މިއެނގުނީ މިހާރު......" ކަޔާން ރުޅިގަދަވެގެންގޮސް ހީވަނީ ސިކުނޑި ފިހިދާނެހެންނެވެ. އެންމެން އޭނައަށް މަލާމާތްކޮށްފައި ހެމުންދާހެން ވެސް ހީވިއެވެ. ބޮލުގެ ތެރޭގައި ނޭގޭ ހަގުރާމައެއް ކުރެވި ސިކުނޑި ފަޅައިގެން ދާން އުޅެނީއެވެ.

"އާން ލިޓްލް ބްރަދަރ، ފޯނު ނެގީ އަހަރެން، އެއީ ސަމާސާއަކަށް، މަގޭ ރޫމްގައި ފޯނު އޮންނާނެ، ސޮރީ...." ޒިއާމް ފަރުވާކުޑަގޮތަކަށް ބުނެލައިފިއެވެ. އެ ފޯނު ގެއްލުމުން ކަޔާން ވިސްނާނެ ވަރާއި ހިތަށް ކުރި އަސަރު އެހެން މީހަކަށް އިހުސާސެއް ނުކުރެވުނެވެ. ކަޔާން ޒިއާމްގެ މޫނަށް ބަލަން ހުރީ އަލިފާނުގެ ނަޒަރަކުންނެވެ. ހީވީ ގޮސް ޒިއާމްގެ ގައިގާ ތަޅައިގެންފާނެހެންނެވެ. ކަޔާން އެހާ ރުޅިއައިސްފައި ހުރިތަން ފެނުމުން ގޯހެއް ހަދާފާނެކަމުގެ ބިރުން ވަރުޖިނާ އަވަހަށް ފުންމައިގެން ތެދުވެގެން ގޮސްފައި ކަޔާންގެ އަތުގައި ހިފާލައިފިއެވެ.

"ދަރިފުޅާ، މައިތިރިވެބަލަ، ރުޅި ފިނިކޮށްބަލަ، ތިކިޔާ އެއްޗެއް މަންމައަށް ރަގަޅަށް އެނގޭ، ލައިޝާ މާލޭގައި ނޫޅެނީތަ؟ މަންމަ ދަރިފުޅާއި ލައިޝާ ވަކިކުރުވާކަށް ނޫޅެމޭ، މަންމަވެސް އަމިއްލަ ދަރިއެއްގެ އުފަލަށް ހުރަސް އަޅާނެތަ؟ މަންމަ ބުނާހާ އެއްޗަކީ މީހުން މަލާމާތްކުރާނެއޭ، ދަރިފުޅުމެންނާއި ބަލާއިރު ލައިޝާ ނުވޭ އެކައްޗަކަށްވެސް، އެހެނޭ ކިޔާފައި މިގެއަށް ނުވެއްދިޔަސް ލައިޝާ އުޅެނީ ކަޔާންއާއި އެކުގައިކަން މަންމައަށް އެނގޭ، ވީއިރު މަންމަމެން އެކަން ހުއްޓުވާކަށް ނޫޅެން، ލައިޝާ ނުއެއް ގެއްލޭނެ، ލައިޝާ ދުރަކަށް ނުދާނެ، އަދި އޭނަ ފެންނާނެ...." ވަރުޖިނާ ކަޔާންގެ މޫނުގައި ފިރުމާލިއެވެ.

"ދަރިފުޅާ، ދޮންބެ އަދި މަންމަވެސް ހެޔޮއެދޭކަން ގަބޫލުކުރަންވާނެ، ކުރާކޮންމެ ކަމެއް ކުރާނީ ދަރިފުޅަށް އެންމެ ރަގަޅުގޮތެއް ބަލާފައި، އެހެންވީމަ ދަރިފުޅު ތިވިސްނާގޮތް ބަދަލުކުރޭ، އަބަދު ރުޅިއައިސްގެން އާއިލާ މީހުންނާއި ވަކިން އުޅޭކަށް ނުވާނެ...." ވަރުޖިނާގެ ވާހަކަތައް އޮމާނެވެ. ފަރުދާގެ ނިވަލުގައި ތިބެ އެމީހުން ކުރުވާ ކަންތައް ކަޔާންއަށް ވަނީ ވަންހަނާވެފައެވެ. ޝައްކުވިޔަސް އާއިލާ މީހުންނަށް ވީމަ ކަޔާން ކެތްކުރަނީއެވެ.

ކަޔާން މިއަދުވެސް ލައިޝާ އުޅޭ ކޮލެޖް ކައިރިއަށް ދިޔައެވެ. ކެތްނުކުރެވިގެން ކެންޒިއާ އޮފީހަށް ގޮސް އާފްރާއާއިވެސް ސުވާލުކުރިއެވެ. އާފްރާއަށްވެސް ލައިޝާ އުޅޭ ތަނެއްގެ މައުލޫމާތެއް ލިބިފަކާ ނެތެވެ. ހުރިހާ ދިމާލަކުން ނާކާމިޔާބުގެ ހިތިރަހަ ތަޖުރިބާ ކުރެވުނެވެ. އެހެންނޫނަސް މިއޮތް ކުޑަ މާލެއިން ލައިޝާ ނުފެންނަން ވީ ސަބަބަކީ ކޮބާހެއްޔެވެ؟ އޭނަ ލައިޝާ ހޯދާނެއެވެ. މުޅި ދުނިޔެ ފުރޮޅާނެއެވެ. އެންމެ ފަހު ނޭވައާއި ޖެހެންދެން އޭނަގެ ލައިޝާ ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލާނެއެވެ. ކަޔާން މަގުމަތީގައި ދުއްވަ ދުއްވާފައި އެންމެފަހުން ގެއަށް އައިއިރު އިރުއޮއްސި އަނދިރިކަން ވެރިވާން ފަށައިފިއެވެ. އޭނަ މިއަދު ގިނަވަގުތު ހޭދަކުރީ ނުކައި ނުބޮއެވެ. އެންމެފަހުން ބަނޑުހައިކަމުގެ އިހުސާސްތައް ކުރެވިގެން ފްރިޖުން ނެގި ރެޑްބުލްދަޅެއް ހިފައިގެން ގޮސް ޓެރެސްއަށް އެރިގޮތަށް ސޯފާއަކަށް ވެއްޓިގަނެވުނީއެވެ. އަނދިރިކަން ގަދަވަމުންގޮސް އެހިސާބު އެއްކޮށް ކަޅުކޮށްލާ ކަޔާން ހިޔަންޏެއްހެން ފެންނާން ފެށިއެވެ. ބޮކި ދިއްލާން ތެދުވާނެ ހިތްވަރެއްވެސް ނުކުރެވުނެވެ. ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. އެހެން އޮވެ އަތުގައި އޮތް ފޯނުން ލައިޝާގެ ނަމްބަރަށް ރީޑައަލް ކުރެވުނު އަދަދެއް ނޭގެއެވެ. ކަޔާންގެ ކާޑު ލައިޝާއަށް ދީފައިވާ ކަމުގެ ހަނދާނެއްވެސް އޭރު ކަޔާންގެ ނެތެވެ. އޭނަގެ ވިސްނުން މާރަގަޅެއް ނޫނީކަން ނޭގެއެވެ.

އެންމެފަހުން ކަރުނުން އެ ދިގު އެސްފިޔަތައް ތެމެން ފެށީމަ ކަޔާން ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލައިފިއެވެ. ކަޔާންއަށް މީހެއްގެ ފިޔަވަޅުގެ އަޑުއިވުނެވެ. ބޮކި ދިއްލާލިކަން އެނގުނެވެ. އެއީ ވިޝާންކަން އެނގުމުންވެސް ކަޔާން އަނގައިން ބުނާކަށް ނޫޅުނެވެ. އެހެންމީހެއްގެ ގާތުގައި ހިތް ބަންޑުން ޖަހާލިޔަސް މިކަމުގައި އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބޭނެކަން އޭނައަށް ޔަގީނެވެ. އޭނައާއި ލައިޝާގެ ގުޅުމާއިމެދު އެންމެ ހިތްހަމަނުޖެހޭ އެކަކީ ވިޝާންއެވެ.

"ކެން، އަންހެނެއްފަދައިން ކަރުނަ އޮއްސަނީތަ؟ އަހަންނަށް އެނގެނީ އެންމެ ކަމެއް، ލައިޝާމެން އާއިލާ މާލެ ދޫކޮށްލާފައި ހިނގައްޖެކަން، ކީވާވެސް........." ވިޝާން ކީވާއާއި ބައްދަލުވާކަން ސިއްރުކުރިއެވެ. ތަންކޮޅެއް ކުރިން އައިދަންއާއި ލައިޝާއާއި ދެމީހުން އެކީގައި ދަނިކޮށް ފެނުނުކަމަށާއި އެދެމީހުން ގެ ގުޅުމެއް އޮންނަނީ ހެއްޔޭވެސް އަހާލިއެވެ. ކަޔާން އިނީ ހިމޭނުންނެވެ. އޭނަ އެއްގޮތަކަށްވެސް ވިޝާންގެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. ލޮލަށް ފެނުނަސް ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އޭނަގެ ލައިޝާ އޭނައަށް ބޭވަފާތެރިއެއް ނުވާނެއެވެ.

ހެނދުނު އިރުއަރައިގެން އައިއިރު އާދައިގެ މަތިން ޒުލްމާމެން ގެ ތެރެއިން ފެންނަނީ ހިތްހަމަޖެހޭފަދަ މަންޒަރުތަކެވެ. ފަތިސްނަމާދަށްފަހު ޒުލްމާ ޤުރުއާން ކިޔަވަން އިނދެފައި ކާކޮޓަރިއަށްވަންއިރު އޭނަގެ ދެކުދިންވެސް ނަމާދުކޮށްލައިގެން ބަދިގެއަށްވަދެ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި އުޅެއެވެ. ކީވާ ފެންހޫނުކުރަން ކަރަންޓު ޖަގު ގުޅައިގެން ހުރިއިރު ލައިޝާ ހުރީ ސެންޑްވިޗް ހަދާށެވެ. ލައިޝާ ބަދިގެއަށްވަނީ މާރީ ބިސްކޯދަކާއި ފާރޮށްޓެއް ކާލައިގެންނެވެ. އެވަރުންވެސް ހީވަނީ ހޮޑު އަންނަން އުޅޭހެންނެވެ. ކަރަންފުލެއް އަނގަޔަށް ލައިގެން ހުއްޓަސް އޭގެ އަސަރެއް ނުކުރެއެވެ. ގަދަކަމުން އޭނަ ކޮޅަށް ތެދުވަނީ މަންމައަށް ޝައްކެއްވެގެން ސުވާލުކުރަން ފަށާފާނެކަމުގެ ބިރު ހީވާތީއެވެ.

"މިހާ ކަނޑުގަދަ ދުވަހެއްގައި މަންމަ ހިތްހަމައެއް ނުޖެހޭ ދެކުދިން ފެރީއިން މާލެ ދާކަށް...." ޒުލްމާ ކާކޮޓަރީގެ ކުޑަދޮރެއް ހުޅުވާލާފައި ބޭރަށް ބަލައިލިއެވެ.

"ކޮލެޖަށް ގަވައިދުން ނުދަންޏާ އެޓެންޑެންސް ނުލިބި ޓެސްޓް ނެހެދޭނެ، ކަނޑުވެގެންވެސް ކޮލެޖަށް ދާން މަޖުބޫރޭ މަންމާ......" ކީވާ ބުނެލައިފިއެވެ. އޭނަ މަންމައަށްވެސް ސައި ހަދައިދޭންވެގެން ތިން މަގު ތައްޔާރުކޮށްލައިފިއެވެ.
"ހާދަ ވައިބާރޭ، މަންމަ މި އިންތިޒާރު ކުރަނީ ބްރިޖް އެޅޭނެ ދުވަހަކަށް، ފުރަތަމަ މާލެ އާއި ހުޅުމާލެ ދޯ ގުޅުވާލަން އެއުޅެނީ......" ޒުލްމާ ފްރިޖުން ބިސްނަގާފައި ބިސްގަނޑު އަޅަން އުޅެގަތްއިރު ލައިޝާ ހުރީ ތާޒާ ވައިކޮޅެއް ހޯދަން ކުޑަދޮރުކާރީގައެވެ. ބިހުގެ ވަސް ޖެހިފައި ލައިޝާ އޯކަށް ދަމައިގަތުމާއިއެކު ހޮޑު ލެވިއްޖެއެވެ. ހުރިތަނުން ގުޑާލާނެ ވަގުތެއްވެސް ނުވިއެވެ. ލައިޝާ އޯކަށް ދަމަމުން ކޮޓަރިއާއި ދިމާލަށް ދުއްވައިގަތުމުން ޒުލްމާހުރީ ދެލޯ ބޮޑުވެފައެވެ. އަމިއްލަ ދަރިއަކާއިމެދު އެފަދަ ޝައްކެއް ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ.

"ލައިޝް ހެދުނު އޯކަށް ދަމާފައި ހޮޑުލާތާ ވީކެއްވަރު ވެއްޖެ، ކެވޭ އެއްޗަކުން ކަމަށްވާނީ، ޑޮކްޓަރަށް ދައްކަން ގެންދާން އުޅުނީމަވެސް ލައިޝް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރި، ކުރީދުވަހު ކިޔާވަރުން ކުދި އަނބާއި އަނބިހިވެސް ގަނެދިނިން، ވެދާނެ ފުޑް ޕޮއިޒަނިން ކަމަށް......." ކީވާއަށް ލައިޝާއަށް ވެގެން އުޅޭގޮތެއް ނޭގިހުރެ އޭނަގެ މަންމަ ގާތުގައި ރީއްޗަށް ލައިޝާ ބޭޒާރުކޮށްލައިފިއެވެ. ޒުލްމާ ބިސްގަނޑު އަޅަން ނޫޅެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު މޫނު މަތި ބަނަކަމުން އަނދިރި ރޭގަނޑަކަށްވެއްޖެއެވެ. ރުޅިއާއި އެއްވަރަށް ހިތާމައާއި މޮޅިވެރިކަންވެސް އޭނަ އިހުސާސްކުރިއެވެ. އެހާ ލޯބިން ބަލާބޮޑުކުރި ދަރިފުޅު އެފަދަ ވިޔާނުދާ މަގެއް ޚިޔާރުކުރިއިރު އޭނައަށް ރޭކާނުލީ ކީއްވެހެއްޔެވެ؟ ކޮންމެ ދުވަހަކު ކަޅުހެދުމުގައި އޭނަ ބޭރަށް ދާ ސަބަބަކީ އެއީހެއްޔެވެ؟ މީހަކު މަރާލަން އުޅެނީއޭ ކިޔާފައި މާލެ ދޫކޮށްލާފައި އައުމުގެ ސަބަބަކީ މިއީހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އޭނަގެ ދަރިފުޅު އެހާ ނުބަޔެއް ނުވާނެއެވެ. އެހާ ދަށު ދަރަޖައަކަށް ވެއްޓިއެއް ނުގަންނާނެއެވެ. ކީވާ ބުނީ ތެދެކެވެ. ލައިޝާ އަށް ކޮންމެވެސް އެހެން ކަހަލަ ބައްޔެއް ޖެހުނީއެވެ.

ލައިޝާ ސިއްސައިގެން ދިޔައީ މަންމަ ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަންތަން ފެނިފައެވެ.
"ލައިޝާ، މިއަދު މާލެ ދާނެކަމެއްނެތް، ތައްޔާރުވެގެން ހިނގާ ޑޮކްޓަރަށް ދައްކަން ދާން....." ޒުލްމާ އަޑު ކޮންޓްރޯލް ކުރަން މަސައްކަތްކުރިއެވެ.
"މަންމާ، މިހާރު ރަގަޅޭ، ބޯށި ހަދައިގެން ކެއިފަހުން މިހެން ވާން ފެށީ........." ލައިޝާގެ މޫނު ހީވަނީ ކަފަކޮޅެއްހެންނެވެ.
"އިތުރު ވާހަކަ ނުދައްކާ މަ ބުނާގޮތަށް ހަދާ، ސައިބޮއިގެން ވަގުތުން ދާންވީ، އަހަރެން ނޫޅެން ލައިޝާ ބުނާގޮތަށް ކަންތައް ކުރާކަށް...." ޒުލްމާ ރުޅިގަދަވިޔަސް ކެތްތެރިވިއެވެ. ލައިޝާގާތުން ސީދާ އަހާލަން އުޅެފައިވެސް އޭނަ ސުވާލުނުކުރީ ހަގީގަތަކަށް ވެދާނެތީއެވެ. އެއީ ތެދަކަށްވެއްޖެއްޔާ އޭނަ މަރުވިޔަސް މާ ހިތަށް ފަސޭހަވާނެއެވެ. އޭނަ މިރަށަށް އައިފަހުން އަވަށްޓެރިންނާއި ގުޅިގެން މިއުޅެނީ ހާދަ ހިތްހަމަޖެހިގެންނެވެ. ހަވީރު އެދިމާލުން މޫދު ކާރީގައި ވައިޖައްސާލަން ތިބެގެން އަންހެންވެރިން އެއްތަންވެ ވާހަކައްކާލަން ތިބޭއިރު ވަގުތު ދާގޮތެއްވެސް ނޭގެއެވެ.

"ލައިޝާ، ވީގޮތެއް ރަގަޅަށް ބުނޭ، އެހެންނޫނީ އިލޮށިފަތި ހުސްވަންދެން ތަޅައިގަންނާނަން.........." ޒުލްމާ ބުމަ ކާރިކޮށްލައިފިއެވެ. އެވަގުތު ކޮންމެވެސް މީހަކު މާ ބާރަކަށް ދޮރުގައި ތަޅައިގަތެވެ. ހީވީ ދޮރު ވައްޓާލަން އެމީހަކު އުޅޭހެންނެވެ. ކީވާވެސް ސިހިފައި ދުވެފައި އައިސް ކޮޓަރިއަށްވަދެ ޝޯލް ނެގިއެވެ. ޒުލްމާ ދޮރުހުޅުވަން ދާން ހިނގައިގަތެވެ. މިގަޑީގައި އެގޮތަށް އައިސް އުދަގޫކުރާނީ ކާކުބާވައެވެ. ޖެހިލުމެއްނެތި ދޮރުގައި ތަޅައިގަތް ގޮތުން ޒުލްމާއަށް އެހެން ގޮތަކަށް ހީކުރެވުނެވެ. 

"ކިވީ، އަހަރެން ވަރަށް ބިރުގަނޭ...." ލައިޝާ ކުއްލިއަކަށް ބުނެލައިފިއެވެ.
"ކިހިނެއްވީތަ؟ ހާދަ ބަލިހެން ހީވޭ، އެނދުގައި އޮށޯވެބަލަ، ބޮލުގައި ރިއްސަނީތަ؟ ގެނޭ މަސާޖްކޮށްލަ ދޭނަން، އޭރުން ފަހަރެއްގައި ކޮލެޖަށް ދާގަޑި ޖެހޭއިރަށް ރަގަޅު ވެދާނެ، ކޮލެޖްގެ އެންމެ ދުވަހެއް މިސްވިޔަސް ވަރަށް ބޮޑު އެއްޗެއް ގެއްލޭނެ ދޯ، އަދި ލައިޝް ޑިގްރީ ނަގަން އެހާ ބޭނުންވާއިރު....." ކީވާ ލައިޝާގެ އަތުގައި ހިފާފައި އެނދުގައި ބޭންދިއެވެ.
"ކިވީ، ބޮލުގައި ރިއްސަނީ އެއް ނޫން، އައިމް ޕްރެގް ކިވީ...." ލައިޝާގެ އެ ޖުމްލައިން ކީވާ ސިހުނުވަރުން އަނގަމަތީގައި އަތް އެޅުނެވެ. ހީވީ ހިތްވެސް އިރުކޮޅަކަށް ހުއްޓުނުހެންނެވެ.
"ޕްރެގްއޭ، ކީކޭ ތިކިޔަނީ؟ ލައިޝްއަށް ނޭގޭތަ މަންމަ ރުޅި އަންނާނެވަރު....." ކީވާ އަވަހަށް ދޮރު ލައްޕާލައިފިއެވެ. ވާރޭ އޮއްސައިގަތުމުން ބޭރުން އައިސް ދޮރުގައި ތަޅައިގަތް މީހަކީ ކާކުކަމެއް ނޭގުނެވެ.
"އަހަންނަށް އެނގޭ މިއީ ގަބޫލުކުރެވޭވަރުގެ ކަމެއްނޫންކަން، އެކަމަކު މިއީ މިސްޓޭކެއް ކަމަށް ގަބޫލުކުރާކަށް ބޭނުމެއްނުވޭ، އަހަންނާއި ކަޔާން ދުރުކުރަން އެންމެން މަސައްކަތްކުރީ، އެކަމަކު އެމީހުންނަށް ނޭގުނީ އެމީހުން ކަޔާންއާއި އަހަރެން ކިތަންމެ ވަރަކަށް ދުރުކުރަން މަސައްކަތްކުރިޔަސް އަހަރެންގެ ބަނޑުގައި ކަޔާންގެ ހަނދާނެއް ވާކަން، އަހަރެމެންގެ ލޯބީގެ ނިޝާނެއް ދުނިޔެއަށް އަންނަން އުޅޭކަން، މަންމަ ހުރީ ޝައްކުވެފައި، ކިވީ، އަހަރެން ހަދާނެ ގޮތެއް ބުނެދީބަލަ.........." ލައިޝާ ބާލީހުގައި މޫނު ފޮރުވިއެވެ.

ފަނަރަވަރަކަށް މިނިޓްފަހުން ޒުލްމާ ދޮރު ހުޅުވާލާފައި އެތެރެއަށްވަދެ ލައިޝާއާއި ދިމާލަށް ބުނެލި ޖުމްލައަކުން ލައިޝާގެ އިތުރުން ކީވާއަށްވެސް ލިބުނީ ޝޮކެކެވެ.
"ކީކޭތަ މަންމާ.." ދެކުދިންނަށް އެއްފަހަރާ ކިޔާލެވުނެވެ.

ކޮމެންޓް 0