އެވަގުތު ޖެހިގެން ހުރި ގޭގެ ކޮޓަރީގައި ހުރި ސަލްމާވެސް އެދިމާލަށް ބަލާލައިފިއެވެ. ދެލޯ ތަންމިނަށް ބޮޑުކޮށްލަމުން އަދިވެސް ކުޑަދޮރު ކައިރިއަށް ޖެހިލާފައި އޭނަ ބަލާލީ ލައިޝާކަން ޔަގީންކުރަން ކަން ނޭގެއެވެ. ލައިޝާ ބާރަކަށް ހިނގާލާފައިގޮސް ޓެރެސްގެ ދޮރު ލައްޕާލާފައި އެތެރެއަށް ވަނެވެ. ސަލްމާއަށް ފެނުނުކަމެއް އޭނަގެ މަންމައަށް ސިއްރު ނުވާނެކަމަކީ އިރު ފެންނަ ފަދައިން ޔަގީންކަމެކެވެ.

"މަންމައަށް މިކަންތައް ފަޅާއަރައިފިއްޔާ ތަޅައިގަންނާނެ، ކުރީދުވަހުވެސް ސަލްމާދައްތަ ދެއްކި ވާހަކައެއްގައި ބުނީ އެކުވެރިއެއްގެ ދަރިއަކު ނަހަލާލަށް ބަލިވެއިން ވާހަކަ، މަންމަ ބުނީ މަންމަގެ ދަރިއަކު އެކަހަލަ ކަމެއް ކޮށްފިއްޔާ ގެއިން ބޭރަށް ލާކަށް ފަހެއް ނުޖެހޭނަމޭ، މާފެއްވެސް ނުކުރާނަމޭ......" ލައިޝާ ސޯފާގައި އެ ލޫޅާފަތި ހަށިގަނޑު ދަމާލައިފިއެވެ.

"އެއީ އައިދަންގެ މަންމަ ދޯ، ފާޑަކަށޭ ބަލާލީ......" ކަޔާން ލައިޝާގެ ފައި އުނގުގައި ބާއްވައިގެން އިށީދެފައި ހީލިއެވެ. ކަޔާން ދެން ދިނީ ލައިޝާ އުފާވި ޚަބަރެކެވެ. އޭނައަށް ކޮލެޖުން ޖާގަ ލިބުނީއެވެ. ޑިގްރީއަށް ކިޔެވުމުގެ ފުރުސަތަށް ހިތް އެދޭތާ ކޮން ދުވަހެއް ހެއްޔެވެ؟ އެހެންނޫނަސް ކަޔާން އޭނަގެ ޓީޗަރަކަށް ނޭގޭ އެއްޗެހި ބުނެދޭން ހުންނާނެކަން ލައިޝާއަށް އެނގެއެވެ. ލައިޝާ އެކަމާއި އުޅެއުޅެފައި ގަސްތުކުރީ ހަވީރު ގެއަށް ދާށެވެ. މަންމައަށް އެނގިފައިވާ މިންވަރު ދެނެގަންނަން ލައިޝާ ބޭނުންވިއެވެ. ގެއަށް ގޮސް ދޮރު ހުޅުވާލިއިރު ނަސީބަކުން މިއަދު ގޭތެރެ އޮތީ ތަންކޮޅެއް ހިމޭންކޮށެވެ. ކީވާ ވީ ކޮންމެވެސް އާއިލާއަކަށް ފޮޓޯ ނަގައިދޭން ގޮސްފައެވެ.

"ކޮންތާކު އުޅެފައި ލައިޝާ ތިއައީ؟ " ޒުލްމާ ކޮޓަރިން ނުކުމެގެން އައިއިރު މޫނު ބަނަވެފައިވި ތަން ފެނުމުން ލައިޝާގެ ހިތް ތެޅިލިއެވެ. އޭނަ ހުރީ ކިޔަންވާ އެއްޗެއް ނޭގިފައެވެ. ދޮގުހަދައިގެން ސަލާމަތްވާނެ ގޮތެއް ނެތެވެ. ސަލްމާއަށް އޭނައާއި ކަޔާން ފެނިފައިވަނީ އާދައިގެ ގޮތަކަށް ނޫނެވެ. އަމިއްލަ ގެއެއްގައި ދެމަފިރިން އުޅޭފަދައަކުން އޭނަ ހެދުން ހިއްކަން އަޅުވަން ހުއްޓައެވެ. ލައިޝާ އެއްޗެކޭ ބުނަން އަނގަ ހުޅުވުމުގެ ކުރިން ކަންކަށި މައްޗަށް އަރައިގެން ދިޔަ ބާރު އެތިފަހަރަކުން ހީވީ ކަށިތައް ފުނޑު ފުނޑުވެގެން ދިޔަހެންނެވެ. ދިލަތަދެއް އިހުސާސްކުރެވުނެވެ. ލައިޝާ ކެތްކުރިއެވެ.

"ލައިޝާ ބުނޭ، އަހަރެން ގާތުގައި ދޮގު ހަދާފައި ގޮސް ފިރިހެނަކާއި އެކީގައި ތި އުޅެނީ؟ " ޒުލްމާ ހުރީ މޮޔަވާ ވަރުވެފައެވެ. އޭނަ އެހާ ރަގަޅަށް ތަރުބިއްޔަތު ދިން ކުއްޖަކު އެގޮތަށް އޭނައަށް އޮޅުވާލާފައި ހިލޭ ފިރިހެނެއްގެ ގާތަށް ގޮސްފާނެ ކަމަކަށް ޒުލްމާ ހިޔެއް ނުކުރެއެވެ.

"ނޫން މަންމާ، އަހަރެން ގޯސްގޮތަކަށް ނޫޅެން، އަހަރެން ހުވާކޮށްފައި މިބުނީ، ސަލްމާ ދައްތަ ހުންނަނީ އަހަރެންގެ ވާހަކަ ހިފައިގެން މަންމަ ކާރިއަށް އަންނަން ކަމެއް ނުފެނިފައިހެން ހީވަނީ، ސަލްމާދައްތަ ކިތަންމެ ވަރެއްވިޔަސް އަހަރެން ނީންނާނަން އައިދަން އަކާއި........" ލައިޝާ ކުޑަކޮށް ރުޅި އަންނަގޮތްވިއެވެ.

"ލައިޝާ...." ޒުލްމާ ހަޅޭއްލަވައިގަތެވެ.

ލައިޝާ އަޑުއިވޭކަމަށްވެސް ހަދާނުލާ ކޮޓަރިއަށް ވަދެ އެނދަށް ވެއްޓިގަތްގޮތަށް އިރުކޮޅެއްވާންދެން އޮތެވެ. އޭނަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ކަޔާން އާއި އެކުގައި އެޕާޓްމެންޓްގައި އެހެންމީހެއްގެ އުދަގުލެއްނެތި ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟ ވިސްނަ ވިސްނާ ބޯ ގޮވާވަރުވިއެވެ. މި ކައިވެނި ސިއްރުކުރަން ހަދައިގެން މަންމައާއި އަރައިރުންވާން ޖެހިއްޖެއެވެ. އެންމެފަހުން ލައިޝާ ކަޔާންއަށް ގުޅައިފިއެވެ. ލައިޝާ އިރުކޮޅެއްވާންދެން ކަޔާންއާއި ވާހަކަ ދެއްކުމަށްފަހު ބޭރަށް ނުކުތްއިރު ލައިޝާގެ މޫނު އިރު ފަދައިން ވިދައެވެ.

"މަންމާ، އަހަރެން އޮފީސް ދަތުރެއްގައި ލަންޑަނަށް ދާން މިއުޅެނީ...." ލައިޝާގެ ވާހަކަ އިވުމުން ޒުލްމާ ޓީވީގެ ވޮލިއުމް ދަށްކޮށްލާފައި ހައިރާންވިފަދަ ގޮތަކަށް ބަލާލައިފިއެވެ. ހަގީގަތުގައި ލައިޝާއަށް އެފަދަ ތަނަކަށް ދިޔުމުގެ ނަސީބު ލިބިއްޖެއްޔާ އޭނަ އެކަމާއި ދެކޮޅެއް ނަހަދާނެއެވެ. ލައިޝާގެ ވަޒީފާގެ ކުރިއެރުން ލިބެން ޒުލްމާ ދުޢާކުރެއެވެ. ދެ އަންހެންދަރިން ތިބުމުން ޒުލްމާ ކަންބޮޑުވަނީ އެންމެ ކަމަކާއިއެވެ. އެކުދިން ނުބައި ގޯޅިއެއް އަޅާފާނެތީއެވެ.

"ކޮން ބަޔެއް ދަނީ؟ އެހާ ދުރަށް އެކަނި ދެވޭތަ؟ " ޒުލްމާ ތަންކޮޅެއް މައިތިރިވެލައިފިއެވެ. އޭނަގެ ދަރިފުޅު ދެކެ ރުޅިއައިސްގެން މާ ގިނައިރުވާންދެން ނުހުރެވޭނެއެވެ.

"އޮފީސް އެހެން ކުއްޖަކާއ ިއެކުގައި ދަނީ، މަންމާ އެކަމާ ނުވިސްނާ، މަންމަ ދިން ނަސޭހަތް އަބަދު ހަނދާނުގައި ހުރޭ، އަހަރެން އެކަންތައް ހަނދާން ނައްތައެއް ނުލާނަން، ނިކަމެތިވިޔަސް އަބުރާއި އިއްޒަތް ހިފަހައްޓަން މަންމަ ބުނަމެއްނު، މަންމަ ދެރަވާކަށް ނުޖެހޭނެ...." ލައިޝާގެ ވާހަކަތަކުން ޒުލްމާގެ ހިތަށް ފިނިކަމެއް ލިބި އިރުކޮޅަކުން އިނީ ވަރަށް ހެވިލާފައި ލައިޝާއާއި ވާހަކަ ދައްކާށެވެ.

ކަޔާން ލައިޝާ ގޮވައިގެން ޔޫރަޕް ދަތުރެއްގައި ފުރަން ނިންމިކަމީ ލައިޝާގެ ހިތަށް ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބުނުކަމެކެވެ. މިހާރު އެތަނަށް ފިނި މޫސުންކަމަށް ވާތީ ކަޔާން ދާން ގަސްތުކުރީ އެޕްރީލްގައެވެ. ޗެރީ ބްލޮސޮމް އަދި ޓިއުލިޕް ފަދަ ރީތި މާމެލާމެއްޔާއި ހެދި މޮޔަވެފައި ހުންނަ ކުއްޖާގެ ހިތަށް އެންމެ އުފާވެރިކަން ލިބޭނީ އެދުވަސްވަރު ދެވުނީމަކަން ކަޔާންއަށް އެނގުނެވެ. ޒުލްމާ ގާތުގައި ލައިޝާ ހެދީ ދޮގެއްނޫނެވެ. ދުވަސްކޮޅަކަށް އަދި މާލޭގައި އުޅުނަސް އެމީހުން ފުރަން ޕްލޭންކޮށްފައިވާއިރު މަންމަ ގާތުގައި އެކަހަލަ ދޮގެއް ހަދާފައި ކަޔާންއާއި އެކު ގޮސް އެޕާޓްމެންޓްގައި އުޅެވިދާނެއެވެ. ދެރައީ ދެތިން މަސްވާންދެން މަންމައަށް ފެނިނުލާ އުޅެން ޖެހުނީމައެވެ. ނަމަވެސް ބައެއްފަހަރު މަސްލަހަތަށްޓަކައި އެފަދަ ކުދި ދޮގުތައް ހަދަން ލައިޝާއަށް މަޖުބޫރުވީއެވެ. ކަޔާންގެ ކާޑުގައި ހުރި ރުފިޔާތަކުން ބޮޑު ޚަރަދުތައް ކުރަމުންދާއިރު ހުސްވެދާނެ ކަމަކަށް ކަޔާންގެ ފަރުވާލެއްނެތެވެ. ކަޔާން އެހެން އެޕާޓްމެންޓެއް ހޯދައިގެން އެތަނަށް ބަދަލުވިއެވެ.

ކަޔާންއާއި ލައިޝާ ދުނިޔޭގެ ލޯތަކަށް ސިއްރުން އެކަނިމާ އެކަނި އެތަނުގައި އުޅެމުންދާއިރު ކޮންމެ ދުވަހެއް ވެގެން ދިޔައީ ހިތުގައި ރަން އަކުރުން ލިޔެވޭފަދަ ހަނދާންތަކަކާއި އެކުގައެވެ. ބައެއްފަހަރު ސަފާރީގައި ބުރު ޖަހާލަން ގޮސްލައެވެ. ލައިޝާ އަތުގައި އޮންނަ ކަޅު ހެދުން ލައިގެން މޫނު އަޅައިގެން ބޭރަށް ނުކުމެ އުޅޭއިރު އޭނައަކީ ކާކުކަން އެހެން މީހަކަށް ނޭގޭނެއެވެ. އެހެދުމުގެ ނިވަލުގައި ލައިޝާއަށް ލިބުނީ އަޖައިބެއްފަދަ މިނިވަންކަމެކެވެ. އޭނަ ސަލްމާމެންގެ ކާރިއަށްވެސް ދެއެވެ. އަފްރާޒު އުޅޭގޮތްވެސް ދެކެލައެވެ. އަފްރާޒު ހައްތަހާ ފަލަވެ، މީހާ ހަލާކުވާން އުޅެނީއެވެ. އެވަރުންވެސް އަޅާލާނެ މީހެއް ނެތެވެ. އޭރު ލައިޝާއަށް އަންނަ މެސެޖްތައްވެސް ވަނީ މުޅީންހެން ހުއްޓިފައެވެ. ބައެއްފަހަރު ލައިޝާއަށް އެއީ އަފްރާޒު ކަމުގައި ހީވާން އުޅުނެވެ.

ކަޔާން އާއި ލައިޝާ ދުރުގައި ތިބެ ހިނގާލާފައިގޮސް ސުޕަރމާކެޓަށް ވަދެ ގެއަށް ބޭނުންވާ އެއްޗެހި ގަންނަން ފެށިއެވެ. ލައިޝާ ވަށިގަނޑު ފުރެންދެން ކުކުޅުފަޔާއި ސޮސެޖް އަދި ތަރުކާރީ އެއްޗެހި އަޅަމުން ދަނިކޮށް އެތަނަށް ވަދެގެން އައީ އަފްރީން އާއި ވަރުޖިނާ އަދި ރަންދާއެވެ. ކަޔާން އެމީހުންނަށް ނުފެނި ބޭރަށް ނުކުތްތަން ލައިޝާއަށް ފެނުނެވެ. އޭނައަށް ވަށިތައް ދޫކޮށްލާފައި އެހާ ފަސޭހައިން ނުކުމެވޭކަށްވެސް ނެތެވެ. ކަންބޮޑުވީ އޭނަ ކަޔާންއާއި އެކުގައި މިހާ އުފާވެރިކޮށް ދިރިއުޅޭކަން އެނގި އޭގެ ސިއްރު ހޯދަން އެމީހުން މަސައްކަތް ކޮށްފާނެތީއެވެ. ހަގީގަތް އެނގުމުން އެ މުއްސަދި ނުފޫޒުގަދަ މަންމަ ހަދާނެގޮތެއް އެނގެނީއެއް ނޫނެވެ.

ލައިޝާ ދެލޯ ފޮރުވަންވެގެން އަނެއް ފަރާތަށް އެނބުރުނެވެ. ޗޮކްލެޓް ހަރުގަނޑުން ޗޮކްލެޓްތަކަށް ބަލަންފެށިއެވެ.

"މިއޮތް ހޫނުދުވަހު އެހެރަ މަންޖެވެސް އެހެރީ މަތިމައްޗަށް ކަޅު އެއްޗެހީގައި، ކޯންޗެއް ފޮރުވަން ވެގެންތަ؟ ހޫނެއް ނުވޭ ބާވައޭ ހިތަށް އަރާ، ކަޅު ކަޅު ހަންޑިއަކާއި ވައްތަރުވާން އުޅޭ، ބައެއްމީހުން މިގޮތަށް ހެދުން އަޅަނީ ކޮންމެހެން ދީނީ ވެގެނެއް ނޫން، ކަންތައް ފޮރުވަންވެގެންވެސް ހެދުން ލާފާނެ، އިހަށްދުވަހު ވެއިލްއެއް އަޅައިގެން ލަންޑަންގައި ވައްކަންކުރި ފިރިހެނެއްވެސް ބަސްޓްވިއެއްނު...." ރަންދާ ގެ ވާހަކަތައް ލައިޝާއަށް ރީއްޗަށް އިވުނެވެ. ކޮންމެ ކަމެއްގައިވެސް ނާޖާއިޒު ފައިދާ ނަގަން ބޭނުން މީހަކަށް އެކަން ކުރެވިދާނެއެވެ. އެއީ ހެދުމަކާއި ބެހޭކަމެއް ނޫނެވެ.

"ހެހެ، އިންޓްރެސްޓިން، އަޅުގަނޑު މިގޮތަށް ހެދުން އަޅާތީ މިހާރުވެސް މީހުން ހީވަނީ ކާލަފާނެހެން، މަންމަ ތިހެން ބުނީމަ ހިތަށް އަރަނީ އަޅުގަނޑުވެސް ދެން ޝޮޕިންކޮށްލަން ވެއިލްއެއް ގަންނަންވީއޭ، އެހެންނޫނަސް އެކުއްޖާ އެގޮތަށް ހުރީމަ މިސްޓީރިއަސްކަން......" އަފްރީން ކޮންމެވެސް ވަރަކަށް ގަޔާވިއެވެ. ރީތި ކުދިން ކަޅުހެދުން ލިޔަސް ހަށިގަނޑުގެ ރީތިކަން ހާމަވާހެންވެސް ހީވެއެވެ. މި ކަޅުހެދުމުގައި ހުރި އަންހެންކުއްޖާގެ ގައިގާ އަޅައިގަންނަގޮތެއް އެބަހުއްޓެވެ. ހުއްޓިލައިގެން ހުރީ މޮޑެލްއެއްހެންނެވެ. އޭނަ ކަޅުހެދުން ލީމަ ހުންނާނީ މިގޮތަށް ބާވައެވެ. އިރާން ތަންތާ އަންހެންކުދިން ކަޅުހެދުން ލާކަންއޭނަ ދަނެއެވެ. އެހެދުމުގެ ތެރެއިން މޭކަޕްކޮށްލާފައި ސްޓައިލިޝްހެދުން ލާފައިވާއިރު ހުޅަނގު މީހުންނަކަށް ދޫނުކުރާނެއެވެ.

މީހުން ހެދުން އަޅާގޮތަކީ އެމީހެއްގެ މިނިވަންކަމެވެ. ކަޅުހެދުން ލިޔަސް ނިވާކަންކުޑަ ހެދުން ލައިގެން އުޅުނަސް އެހެން މީހުންނަށް އެއްޗެހި ކިޔާނެ ޖާގައެއްނެތެވެ. ދީނުގައި ހެދުން އަޅަން ވަކިމިންގަނޑެއް ކަނޑައަޅާފައިވެއެވެ. އެކަން ގަބޫލުކުރުމާއި ނުކުރުމަކީ އެމީހެއްގެ ޒިންމާއެކެވެ. ނަސީބަކުން އެދުވަހު ކަޅުހެދުމުގައި ހުރީ ލައިޝާކަން އެމީހުންނަކަށް ރޭކާނުލިއެވެ. އެހެން ނޫންނަމަ ކަޅުހެދުން އަޅައިގެން މާލޭތެރޭގައި މިނިވަންކޮށް އުޅުމުގެ ދުވަސްތައް ނެތިގެންދާނެ އެވެ.

ކަޔާންއާއި ލައިޝާ ކާރަށް އަރާ ދުއްވާލަމުން ލައިޝާ އެމީހުން ދެއްކި ވާހަކަތައް ކިޔައިދިނެވެ. އަވިއައިނު ނާޅާ ދެން ބޭރަށް ނުކުންނާކަށް ލައިޝާއަށް ލާހިކެއްނޫނެވެ. ގެއަށް ވަންގޮތަށް ހޫނުވެފައި ހުރި ލައިޝާ އަވަހަށް ކަޅުހެދުން ބޭލުމުން އެދޮން ހަށިގަނޑުގެ ރީތިކަން ވިދާލިއެވެ. ފަށުވި ސޯޓްކޮޅަކާއި ޓޮޕެއްލައިގެން ހުރިއިރު އެދޮން އަތާއި ދިގު ދެ ފައި އޮމާންކަމުން ވީޓް އިޝްތިހާރެއް ފަދައެވެ.

"އަސްލު ކަޅުހެދުމުގައި އުޅެން ކިހާ އަރާމު، މިގޮތަށް ސޯޓްލައިގެން އުޅެލާފައި ބޭރަށް ނިކުންނާންވީމަ މަތިން ހެދުންލައިގެން ނުކުމެގެން ދާންވީ، ހެޔޮ ހެދުނު އެނދުން ތެދުވާގޮތަށް މޫނު ނުދޮވެ ބޭރަށް ދާންޖެހުނަސް...." ލައިޝާ ހިނިއައިސްފައި ހުރެ ކޮތަޅުތަކުގައިވާ އެއްޗެހި ފްރިޖަށްލާން ފެށިއެވެ. ކަޔާން ގެ ކުދި ގޯނާއިން ބައެއްފަހަރު ހީލިކަރުވައިގެން ލައިޝާ ހަޅޭއްލަވައިގެންފައި ކަޔާންގެ އަތުގައި ހިފާ ހުއްޓުވަން އުޅެއެވެ. ލައިޝާ ހުންނަނީ އުފަލުން ފޮޅިފައެވެ. ކުރިއަށްވުރެ މޫނު ތާޒާވެ، ދިރުން ހުރެއެވެ. ދުނިޔޭގެ ހުރިހާ އުފާތައް އުނގަށް އެޅިފައިވާއިރު އަބަދު ހުނުން ނޫންކަމެއް އޮންނާނެ ހެއްޔެވެ؟ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދިޔުމުގެ ސިއްރަކީ އެއީއެވެ.

ކަޔާން ޖުއާން ގެނެސް އަފްރީންއާއި ހަވާލުކުރުމުން އޭނަގެ މިނިވަންކަމަށް ކޮންމެވެސް ވަރެއްގެ ހުރަހެއް އެޅުނެވެ. ދަރިފުޅު ބެލުމުގެ ޒިންމާ ހީކުރިވަރަށްވުރެ ބޮޑުވިއެވެ. ޖުއާން އެހާ ހަލަންޏެވެ. އެކުއްޖާ ބެލުން އޭނައަށް ބޮޑު ބުރައަކަށްވިއެވެ. ކަޔާން ގެ ގާތުގައި ދަރިފުޅު ހޯދަން އެވަރަށް ނުކިޔުނު ނަމަ އެވެ. އަފްރީން ޖުއާންދެކެ ލޯބި ނުވަނީއެއް ނޫނެވެ. ހަލަނި ސިޔާސަ ފިރިހެންކުއްޖަކު ބަލަންވެއްޖެއްޔާ އަމިއްލަ ކަމެއްގައި ނުވެސް އިނދެވެނީއެވެ. އަފްރީން ޖުއާން ގޮވައިގެން ކެންޒިއާއަށް އައުން ގިނަވާންފެށިއެވެ. ކޮންމެވެސް ތަނަކަށް ދިޔުމުގެ ބަހަނާގައި ރައަދު ނޫނީ މާޔާއާއި ދަރިފުޅު ހަވާލުކޮށްލާފައި އަފްރީން ގެއިން ބޭރުގައި ވަގުތު ހޭދަކުރުން ގިނަވާން ފެށިއެވެ. ރައަދުއަކަށްވެސް ޖުއާން ބެލުން ފަސޭހައެއް ނޫނެވެ. އޭނަ އެހާ ކަންނެތް ވާނެއެވެ. އެހެންނޫނަސް މިހާރަކަށް އައިސް ލޯބީގެ ދީވާނާކަން އެ ޅަހިތަށް ވަދެ އޭނަ އިންނަނީ އަބަދު ހުވަފެނީ ދުނިޔެއަކަށް ގެއްލިފައެވެ.

އަފްރީން ސޯފާގައި އޮށޯތް ގޮތަށް އޭނައަށް ނިދުނީ ވަރުބަލިވެފައި ހުރިވަރުންނެވެ. ނަސީބަކުން ޖުއާންގެ ދެފަރާތު މާމަމެންނާއި އެކުގައި ޖުއާން ވީ ޝޮޕިންއަށް ގޮސްފައެވެ. ކެންޒީ ގޮނޑި ދުއްވާފައި ސިޓިންރޫމަށް ނުކުމެފައި އަފްރީން ނިދަން އޮތުމުން އިރުކޮޅެއްވާންދެން ބަލަން އިނދެވުނެވެ.

"ވަޓް ދަ ހެލް...." އަފްރީން ކުއްލިއަކަށް ތެދުވެ ކެންޒީއާއި ދިމާލަށް ކަޅިއަޅައިގަތެވެ.
"ނިދަން އޮތީމަ ވަކިން ރީތި، އަހަރެން ސެލްފީއެއްވެސް ނަގައިފިން، ކިސްކޮށްލާފައި........" ކެންޒީ އަފްރީން ރުޅިއަރުވާލަން ބުނެލިއެވެ.
"ޝަޓަޕް، ޖަސްޓް ޝަޓަޕް...." އަފްރީން ހީކުރީ ހަގީގަތެއްކަމަށެވެ. ހާސްވިވަރުން ގޮސް އަނގަޔަށް ގޮތެއް ހަދާލާފައި އިރުކޮޅެއްވާންދެން ކެންޒީގެ ދެލޮލަށް ބަލަން އިނދެވުނެވެ. ކެންޒީ އެހާ ދަށް ފެންވަރަކަށް ހަމަ ވެއްޓިގެންފާނެ ހެއްޔެވެ؟ ހިޔެއްނުވެއެވެ. އަފްރީންއާއި ކަޔާންގެ އޮތް ގުޅުން ކެންޒީއަށް ރަގަޅަށް އެނގޭއިރު އެފަދަ ދަށު އަމަލެއް ހިންގާފައި ފޮނިކަނޑަން ޖެހޭކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ހިތުގައި އެތައް އެއްޗެއް ފުނިޖެހުނު އިރުވެސް އޭނަ އިނީ ހިމޭނުންނެވެ. ބަސްހުއްޓިފައެވެ.

"ރުޅިގަދަވިވަރުން ޝޮކަކަށް ދިޔައީތަ ލަވް...." ކެންޒީ އިނީ ފޯނާއި ކުޅޭށެވެ.
"ތިއީ ތިއީ.....ބީސްޓެއް، މީހުން ނިދާފައި ތިއްބާ ޖެހޭތަ ގަޔަށް އަތްލާން، އައި ހޭޓް ޔޫ............" އަފްރީން ކެންޒީގެ އަތުގައިވާ ފޯނު ދަމައިގަންނަންވެގެން ކުރިއަށް ޖެހިލިއެވެ. ކެންޒީގެ އަތުގެ ބާރު އެހާ ގަދަވެދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ކެންޒީ އަފްރީން އަތުގައި ހިފާ ދަމާލިގޮތަކުން ގޮސް އޭނަގެ އުނގުގައި ޖެހުނެވެ. އަފްރީން ބޭނުން ނުވިޔަސް މޫނުޖެހުނީ އެތަނަވަސް މޭމަތީގައެވެ. އެ ގާތްކަމުން ކެންޒީގެ ހިތަށް އަސަރު ކުރިއިރު އަފްރީންގެ އައީ ރުޅިއެވެ. ބައެއްފަހަރު އެ ރުޅި ފިނިވާންވެސް އުޅުނެވެ. ކެންޒީގެ ރީތި ދެލޮލަށް އެހާ ގާތުން ބަލާފައި ފިނިވެ ހިތްވެސް ތެޅިލިއެވެ.

"އަހަންނަށް ރަގަޅަށް އެނގޭ ތިއީ ދޮގެއްކަން، އަހަރެން ދެކެ ތިކުއްޖާގަނޑު ލޯބިވެސް ވޭ، ބީސްޓް ކިޔާއިރުވެސް އެނގޭ އަހަރެންހާ ހެންޑްސަމް މީހެއް ދުނިޔެއަކު ނުވާކަން، އެޑްމިޓް ނުވިޔަސް ހެވޭ، އަހަންނަށް އެނގޭ...." ކެންޒީ އަފްރީންގެ މޫނުގައި އަތް ބީއްސާލިއެވެ. އަފްރީން އަތްފޮޅުވާލާފައި މާޗްކޮށްލާފައި ދިޔައީ ކެންޒީގެ އެ ހަރަކާތްތަކާއި ގަޔާވެވިދާނެތީ ގަތްބިރަކުންނެވެ. ކެންޒީގެ ފައިގާ ވަރެއް ނެތަސް އެއީ ރީތި ފިރިހެނެވެ. އެހާ އަޅައިގަންނަގޮތެއް މޫނުގައިވެއެވެ. ފިރިހެންވަންތަކަމުގެ ނަމޫނާއެކެވެ.

"އަހަންނަށްވެސް ކެންޒީއާއި ގަޔާވެވުނީކަން ނޭގޭ، އެފިރިހެނާ އުދަގޫކުރާވަރުން އަހަންނަށް އަބަދު އެ މޫނު ހަނދާންވާން ފަށައިފި، ލޯބިވެވިއްޖެއްޔާ ކޮންފަދަ ހުތުރުކަމެއް، ކުރިން ބޭބެއާއި އެކުގައި އުޅެފައި އަދި ކެންޒީ، އޭނަވެސް އެހެން އުޅެން ޖެހޭތަ؟ އަސްލުވެސް އޭނަ ކިސްކުރީތަ؟ ކެންޒީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ، އެ ސެލްފީ އަހަންނަށް ދައްކާނެނަމަ، އައި ވިލް ޖަސްޓް ގްރޭބް ދަ ފޯން......." އަފްރީން ކޮފީ ހަދަން ހުރިއިރު ހިތާހިތުން ވާހަކަދެއްކިއެވެ.

ޒިއާމް ކާރު މަޑުކޮށްލީ ދެބައި އުމުރުގެ މީހަކު ކާރުގެ ކުރިމައްޗަށް އެރުމުންނެވެ. އޭނަ ހުޝިޔާރުކަމާއިއެކު ބްރޭކް ހިފާނުލިނަމަ އެމީހާ އޮންނާނީ ކާރު ދަށުވެފައެވެ. ބައެއްމީހުން ބަލާނުލާ ހިނގާތީ ހައިރާންވާން ޖެހެއެވެ. އެހެންނޫނަސް ފެހި އަލި ހުއްޓާ އެހެންމީހުން ހުރަސްކުރިއިރު އޭނައަށް ދާން ނޭގުނީ ކީއްވެ ހެއްޔެވެ؟ ޒިއާމް އެ އަންހެންމީހާ އާއި ދިމާލަށް ދެވަނަ ފަހަރަށްވެސް ބަލައިލިއެވެ. ދަންނަ ގޮތެއް މޫނުގައި ހުއްޓެވެ. އެނގިއްޖެއެވެ. އެވާނީ ލައިޝާގެ މަންމަ ކަމަށެވެ.

"ލައިޝާ މަންމައާއި ވައްތަރުގޮތެއް އެބަހުރި......." ޒިއާމް އެ އަންހެންމީހާ އާއިމެދު ވިސްނައިލިއެވެ. އެ މީހާ ހީވަނީ ކޮންމެވެސް ކަމަކާއި މާ ބޮޑަށް ވިސްނާހެންނެވެ. ލައިޝާ އޮފީހުން ކަނޑާލީމަ އެއާއިލާއަށް ފައިސާ ލިބޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެމީހުން އުޅޭ ހާލު ބަލައިލަން އެވަގުތު ޒިއާމްގެ ހިތް އެދުނީ ކީއްވެކަމެއް ނޭގެއެވެ. ފަހަތުން ގޮސް މާފަށް އެދެން ވިސްނާފައިވެސް ޒިއާމް ޚިޔާލު ބަދަލުކުރިއެވެ. ނަމަވެސް އެ އަންހެން މީހާގެ މާޔޫސީ ދެލޯ އިރުއިރުކޮޅާ ޒިއާމްގެ ހިތަށް އުދަގޫ ކުރާން ފެށިއެވެ.

ވިޝާންއާއި ކީވާ ދެ ލޯބިވެރިންގެ ގޮތުގައި އުޅެމުންދާތަން ފެނިފައި ރަންދާ ހުންނަނީ މޮޔަވާވަރުވެފައެވެ. ވިޝާން ކީވާއާއި އޮތް ގުޅުމުގެ ސީރިޔަސްކަން އެނގުނުފަހުން ރަންދާ އަބަދުހެން ހުންނަނީ ވިޝާންގެ ހިތް ބަދަލުކުރަން ފުރުސަތަކަށް ބަލަބަލައެވެ. ތިމާގެ އަދި އެކުވެރިންގެ ރީތި އަންހެންދަރިންތައް ގިނަގިނައިން ގެއަށް ގެނެސް ވިޝާންއާއި ގާތްކުރުވަން މަސައްކަތްކުރެއެވެ. ކުދި ޕާޓީތައް ބާއްވަން އެތައް ޚަރަދުތަކެއް ކޮށްފިއެވެ. ވިޝާން އެކުދިންނާއި ވާހަކަދައްކާ ސަމާސާކޮށް ހެދިޔަސް ވަކި ކުއްޖެއް ޚާއްސައެއް ނުކުރެއެވެ. ވަކިކުއްޖަކަށް ހިތްކިޔާފަދަ ގޮތެއް ނެތެވެ. އެތައް އަންހެންކުދިންގެ ސަމާލުކަމާއި ލޯބި ލިބެމުންދާއިރު ވެސް ވިޝާންގެ ހިތުގައި ވި ކީވާގެ ލޯތްބަށް ފަނޑުކަމެއް ނައެވެ. ކީވާ އޭނަގެ އަންބަކަށް ވުމަކީ ވިޝާންގެ ހުވަފެނެވެ. އެދެމީހުންގެ ލޯބީގެ ސަފުހާ ތައް އުކަމުންދާއިރު މުސްތަގުބަލްގައި ދިމާވެދާނެ ކަންތައް ގަނޑެއްގެ ޚިޔާލެއް ނެތެވެ.

ކަޔާންއާއި ލައިޝާ ގެ ކައިވެނީގެ ސިއްރު ފާޅުނުވެ އެޕްރީލް ޖެހުނެވެ. ކަޔާން ލައިޝާ ގޮވައިގެން ލަންޑަން، ޒިއުރިކް، ޕެރިސް، ވެނިސް އަދި ނެދަރލޭންޑްސް އަށް ޒިޔާރަތް ކުރިއެވެ. އެއީ ލައިޝާ ދެކެމުން އައި ހުވަފެނެކެވެ. ހުރިހާ ތަނަކަށް އެއްފަހަރާ ޒިޔާރަތް ކުރުމުގެ އުފާ ލިބިދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ނަމަވެސް ތަގުދީރުގެ ދީލަތިކަން ދެކެބަލާށެވެ. އިންސާނަކަށް ލިބެން ހުރި ނިއުމަތަކަށް އެހެން މީހަކަށް ހުރަހެއް ނޭޅޭނެއެވެ. ކޮންމެ ރެއެއް ކަޔާންގެ އަތުތެރޭގައި ހަމަޖެހިލައިގެން ނިދާލެވުނެވެ. ބޭނުންވަރަކަށް ތަސްވީރުތައް ނެގުނެވެ. މީރުކޮށް ކައިގެން މޮޅު ހޮޓެލްތަކުގައި ތިބެ މުއްސަދިކަމުގެ ރާހަތު އެންމެ ފުރިހަމަ ގޮތުގައި ލިބުނެވެ. ލައިޝާ އޭނަގެ މަންމައަށް ގުޅާފައި މާލެ އަންނައިރު ގެންނަންވީ ކޮން ހަދިޔާއެއް ހެއްޔޭވެސް އަހައިލިއެވެ. ކީވާ ހުރީ ޝައްކެއްގެ މަތީގައެވެ. ލައިޝާ ދިރިއުޅެނީ ކަޔާންއާއި އެކުގައި ބާވައެވެ. ޔޫރަޕަށް ދިޔައީވެސް ކަޔާންއާއި އެކުގައި ކަން ނޭގެއެވެ. ކީވާ ގާތުގައި ލައިޝާ ދޮގުހަދާފާނެ ހެއްޔެވެ؟ އޮފީސް ދަތުރެއްގައި އެފަދަ ތަނަކަށް ދާން ޖެހޭހެއްޔެވެ؟ ލައިޝާގެ ނަސީބު ހަމަ ރަގަޅީއެވެ. ކީވާއަށްވެސް އެފަދަ ހުށަހެޅުންތައް ލިބުނެވެ. އޭނަ ޑައިލިސިސް ހަދަން ނުޖެހޭނަމަ މިހާރު އެފަދަ ރީތި ތަންތަން ބަލާލަން ދެވުނީހެވެ.

މާލެ އައުމަށްފަހުގައި ލައިޝާ ކޮލެޖަށް ދާން ފެށިއެވެ. މަންމަގެ ގާތަށްވެސް އޭނަ ދޭތެރެއަކުން ޒިޔާރާތް ކުރާނެއެވެ. ލައިޝާ ބުނީ ކޮލެޖް ކާރިން އަންހެންކުއްޖަކާއިއެކު އޭނަ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅެމުންދާ ކަމުގައެވެ. ގޭގައި ހުރެގެން ރަގަޅަށް ނުކިޔެވޭކަމަށް ލައިޝާ ބުނެލިއެވެ. އެކުވެރި ކުދިންތަކާއިއެކު ގްރޫޕް ސްޓަޑީ ހެދޭނީވެސް އެގޮތަށް ވަކިން ތަނެއްގައި އުޅެގެންކަމުގައި ލައިޝާ މަންމައަށް ވިސްނައިދިނެވެ. އޭނަގެ މަންމަ ލައިޝާއަށް ކުރި އިތުބާރެއްގެ ސަބަބުން އެވާހަކަތައް ގަބޫލުކުރިއެވެ. ލައިޝާ އަމިއްލަ ޒަމީރު ކުށްވެރިކުރިއެވެ. މިއީ ރަގަޅުކަމެއް ބާވައޭވެސް ހިތަށް އެރިއެވެ. 

އެންމެންގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް ނައިސް އޮމާންކޮށް ވޭތުވަމުން ދިޔައެވެ. ނޮވެމްބަރ އެކެއްގައި ކަޔާންއާއި ލައިޝާގެ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރަން ދިޔައީ ސަފާރީއަށެވެ. ފުރަތަމަ ރޭގެ ހަނދާންތައް އާވި ރެއެކެވެ. އެރޭ ސަފާރީގައި ނިދާލުމަށްފަހު ޖެހިގެން އައި ދުވަސް ފަޅުރަށެއްގައި ހޭދަކުރިއެވެ. އެކަނިމާ އެކަނި އެހެންމީހެއްގެ ހިލަމެއް ނެތި ހިތަކަށް އެރަށް ލިބުނެވެ. ލައިޝާ ޓޫރިސްޓެއްހެން ބިކިނީގައި އުޅުނުއިރު އެ ރީތި ހަށިގަނޑު މޮޑެލްއަކަށް ދޫނުކުރެއެވެ. ކަޔާންގެ ފޯނުގައި ދެމީހުންގެ އެތައް ތަސްވީރެއް ރައްކާކުރިއެވެ. 

ރީތި ހަނދާންތަކުން ކަޔާންމެންގެ ހަޔާތުގެ ކޮންމެ ދުވަހެއް ކުލަ ޖެހެމުން އައެވެ. އުފަލާއި މިނިވަން ކަމާއިއެކު ދެމަފިރިންނަށް އަހަރެއް ވާންދެން އުޅެވުނީ އެއްވެސް ފަރާތެއްގެ އުދަގުލެއް ނެތިއެވެ. ބައެއްފަހަރު ވަރުގަދަ ކޮޅިގަނޑު އައުމުގެ ކުރިން ހިމޭންކޮށް އޮންނާނެއޭ ބުނަނީ ހަގީގަތެކެވެ. ކަޔާންއާއި ލައިޝާ ނުވިސްނާ ތިއްބާ ދިރިއުޅުމަށް ބޯމަތިވާން އުޅޭ ވިލާގަނޑު ހީނުކުރާހާ ވަރުގަދައެވެ. އެ ތޫފާނުގައި ޖެހި ގެނބިގެންދާނީ ކިތައް މީހުން ކަމެއް އޭރަކު ނޭގެއެވެ.

ކަޔާންގެ ކޮއްކޮ ކެންޒީ މާގަދަޔަށް ބޮލުގައި ރިއްސާފައި ވާނުވާ ނޭގޭވަރުވުމުން އަޒީޒުއްދީން ގަސްތުކުރެއްވީ ކެންޒީ ގޮވައިގެން ބޭރަށް ފުރުމަށެވެ. ކަޔާންއަށް ކޮއްކޮ ބަލި ޚަބަރު އެންގުމުން ވަރަށް ކަންތައް ބޮޑުވިއެވެ. އެހާ ބަލިވެގެން އޮޕަރޭޝަނަކަށް ބޭރަށް ގެންދާއިރު ކޮންމެހެންވެސް އޭނަ ދާންޖެހޭނެކަމަށް ކަޔާން ގަބޫލުކުރިއެވެ. ލޯބިވާ އަނބިމީހާ ދޫކޮށްލާފައި އެހާ ދުރަށް ދާން ބޭނުން ނުވިޔަސް ދާން މަޖުބޫރުވިއެވެ. ލައިޝާ ގޮވައިގެން ދާން ހިތަށް އަރާފައި އޭނަ އެޚިޔާލު ދޫކޮށްލީ އެކިގޮތްގޮތަށް ވިސްނާފައެވެ. މަންމަމެންނަށް ކިރިޔާ ޝައްކެއްވިޔަސް ކަންތަކާއި ލައިގަންނާނެއެވެ. ބީރައްޓެހި ގައުމެއްގައި މަންމަމެން އެކުއްޖާއަށް ދެރަގޮތެއް ހަދައިފިއްޔާ އޭނަގެ ހިތް ހަލާކުވެދާނެއެވެ. ކަޔާން ލައިޝާ ގާތު އެދުނީ ދުވަސްކޮޅަކަށް މަންމަމެން ގާތަށް ދިޔުމަށެވެ.

"ކެން، ހާދަ މިސްވާނެޔޭ، އެކަމަކު ކެންޒީ ބަލިވީމަ ދާންޖެހޭނެކަން އެނގޭ، ކެން ގުޅާނަން ދޯ...." ލައިޝާ ކަޔާންގެ މޫނަށް ބަލާލަމުން ގަދަކަމުން ހިނިތުންވާން އުޅުނެވެ. ނަމަވެސް ލައިޝާގެ ލޮލުގައި ވިދަން ފެށި ބޮޑެތި ކަރުނަ ތިކިތައް ކޯތާފަތް މަތިން އޮހިގަންނަން މާ ގިނައިރެއް ނުނެގިއެވެ. ކަޔާންއާއި ނުލައި ދުނިޔޭގައި އުޅުމަކީ ބޮޑު ވޭނަކަށްވާނެއެވެ. ކަޔާންއަކީ އޭނަގެ ހަށިގަނޑުގެ އެއްބަޔަށް ވެފައިވެއެވެ. ކަޔާން ކަރުނަތައް ފޮހެދެމުން ނުރޯށޭ ބުނެލީ އަސަރާއި އެކުގައެވެ. މިގޮތަށް ލައިޝާއާއި ވަކިވާން ޖެހިދާނެ ދުވަހެއް އައިސްދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.

"އަހަރެން ބުނީމެއްނު ދުވަހަކު މި ލޮލުން ކަރުނަ އަޔަކަ ނުދޭނަމޭ، ސޮރީ ރޮއްވާލެވުނީމަ، އެކަމަކު އަހަންނަށްޓަކައި މިފަހަރު ކުޑަކޮށް ހިތްވަރުކޮށްލަންވާނެ، ވިލް ބީ ބެކް ސޫން ބޭބީ...." ކަޔާން ލައިޝާގެ ހިތް ހަމަޖައްސައިދޭން އެކި ވާހަކަތައް ދެއްކުމަށްފަހު ކަޔާންގެ ވިސާ ކާޑު ލައިޝާއާއި ހަވާލުކުރިއެވެ. ވިހި ހާސް ރުފިޔާ ދިނީ ގޭގެ ޚަރަދަށެވެ. ކަޔާން ޔަގީންކުރީ ދިހަ ވަރަކަށް ދުވަސްތެރޭގައި މާލެ އާދެވޭނެ ކަމަށެވެ. ލައިޝާގެ ހިތް ކުދިކުދިވި ނަމަވެސް އޭނަ ކަޔާން ހުއްޓުވާކަށް ބޭނުމެއް ނުވިއެވެ. ކަޔާންގެ ކޮއްކޮ އަވަހަށް ރަގަޅުވާން އެދި ދުޢާކުރެވުނެވެ.

ލައިޝާ އެނދުގައި އޮށޯވެލައިގެން މާ މޮޅިވެރިގޮތަކަށް އޮތްތަން ފެނުމުން ކީވާ ކުޑަކޮށް ދިމާކޮށްލިއެވެ. ކީވާ ބަލިއިރުވެސް މިހާރު ބަލީގެ އެއްވެސް އަސަރެއް މޫނަކުން ނުފެނެއެވެ. އޮމާން މޫނާއި ދެލޮލުގައިވާ ވިދުމުގެ ސަބަބުން ރީތިކަން ދެގުނައިތުރުވެފައި ވެއެވެ. 

"ލައިޝް ބުނެބަލަ، މިހުރިހާ ދުވަހު ކޮންތާކުތަ އުޅުނީ؟ " ކީވާ ފައިގާ ކްރީމް ލާން ފެށިއެވެ.
"ޖުޕިޓަރގައި...." ލައިޝާ ހިތާމައިން ހަލާކުވީއިރުވެސް ހީފައި ކިޔާލައިފިއެވެ.
"އެކަނިތަ؟ އަހަންނަށް ޝައްކުވޭ އިނގޭ ސިސް، ކީއްވެ އަހަރެން ގާތު ނުބުނަން ތިއުޅެނީ....." ކީވާ އެކިގޮތްގޮތަށް ސުވާލުކުރަން ފެށުމުން ލައިޝާ ކީވާއަށް އިތުބާރުކޮށްފައި އޭނަ ކަޔާންއާއި އެކީގައި ދިރިއުޅުނުކަމަށް ބުނެލިއެވެ. ސިއްރު ކުރީ ކަޔާންއަކީ ފިރިމީހާ ކަމެވެ. އެދެމީހުންގެ އޮތީ ކިހާ ގާތް ވަރުގަދަ ގުޅުމެއްކަން ފޮރުވަން ޖެހުމުން މިއަދު ލައިޝާއަށް އުދަގޫވިއެވެ. ކީވާ ގާތުގައި ބުނުމުގެ ހުއްދައަށް އޭނަ އެދެންވީކަން ނޭގެއެވެ. ކަޔާންގެ ހުއްދަނެތި އޭނަ އެއްވެސް ކަމެއް ނުކުރާނެކަން ކަޔާންއަށް ރަގަޅަށް އެނގޭނެއެވެ. ކީވާ ދެލޯ ބޮޑުކޮށްލައިގެން އަނގަޔަށް ހަދާލިގޮތަކުން އޭނަ ނުރުހުނުކަމާއި ހައިރާންވިވަރު ލައިޝާއަށް ވިސްނުނެވެ. ވާނީވެސް އެހެންނެވެ. ކީވާފަދަ ރަގަޅުކުއްޖަކަށް އެފަދަ ކަމެއް ގަބޫލުކުރުން ފަސޭހައެއް ނުވާނެއެވެ.

"ލައިޝް އަހަރެން ހީނުކުރަން ތިހާ މޮޔަވެދާނެކަމަށް، ހަމަރަގަޅަށްވެސް ކަޔާންއާއި އެކު ސްލީޕްކުރީތަ؟ ބިރެއް ނުގަނޭތަ؟ ލައިޝް ޕްރެގްވެއްޖެއްޔާ ވާނެގޮތެއް ވިސްނާލިންތަ؟ " ކީވާ ބުނެލި އެއްޗަކުން ލައިޝާ ސިހުނެވެ. މި މަހު އަދި އޭނަގެ ޕީރިއެޑް ނުޖެހެއެވެ. ލައިޝާ އަޅާނުލާ މިހިރީ ކުރީފަހަރަކު އެގޮތަށް ލަސްވެފައިވާތީއެވެ. ނަމަވެސް އެފަހުން ގަވާއިދުން ކޮންމެ މަހެއްގެ ހަތެއް ނުވަތަ އަށެއްގައި އޭނަ ހުންނަނީ ނަމާދު ޗުއްޓީގައެވެ. މިފަހަރު ލަސްވީ ކީއްވެހެއްޔެވެ؟

"ނުވާނެ، ވަރަށް ބަލައިގެންނޭ އުޅުނީ، ކޮންޓްރަސެޕްޝަން ހުންނަނީ ކަމަކުއޭ ކިވީ....." ލައިޝާއަށް ޔަގީނެއް ނޫނެވެ. ބައެއްފަހަރު ބަލައިގެން އުޅޭކަށް ހަނދާނެއް ނުހުރެއެވެ.
"ތައުބާވޭ، ތިގޮތުގައި ހުރެ މަރުވެއްޖެއްޔާ ލިބިދާނެ އަޒާބަކާއިމެދު ވިސްނާނުލަންތަ؟ ލައިޝް، މަންމައަށް ތިކަން އެނގިއްޖެއްޔާ ލައިޝް ގެއިން ބޭރަށްލާނެކަން ޔަގީން، މަންމައަށް ދޮގު ހަދާފައި އޮޅުވާލާފައި ކަޔާންގެ ގާތަށް ލައިޝް ގޮސްގެން ނުވާނެއްނު....." ކީވާ ހުރީ ހިތްހަމަނުޖެހިފައެވެ. އޭނަވެސް ވިޝާންއާއި ރައްޓެހިވެގެން އުޅޭއިރު މިވީހާތަނަށް ދުވަހަކުވެސް އެކަނި ކޮޓަރިއެއްގައި އުޅޭކަށް އެއްބަހެއްނުވެއެވެ. ގައިގާ އަތްލުން މަނަލެވެ. ވިޝާން އެވަރުންވެސް ކީވާއާއި ހެދި އުޅޭވަރުން ކީވާ ހައިރާންވެއެވެ. 

ލައިޝާ އެނބުރުނީ އަނެއްފަރާތަށެވެ. ކަޔާން ދިން ބެއަރގައި ބައްދާލައިގެން އޮތްއިރު ލޮލުގައި ކަރުނަ ހިނގާލިއެވެ. ކަޔާން މަތިން ހަނދާންވަނީ ހާދަ ބޮޑަށެވެ. ކެތްކުރާވަރަކަށް ހަމަ ރޮވެނީއެވެ. މިވަރުން ދިހަ ދުވަހަށްވެސް ކެތްވާނެހެއްޔެވެ؟ އެހެންނޫނަސް މިފަހަރު މި ދިމާވި މައްސަލައަކާއި މެދުވެސް އޭނަ ހާސްވެއްޖެއެވެ. ކިޓެއް ގަންނަން ދާކަށް ނުކެރޭނެއެވެ. މީހަކަށް އެނގިއްޖެއްޔާ ވާނެގޮތެއް ނޭގެއެވެ. ލައިޝާ އަމިއްލަ ނަފުސަށް އަޑުލިއެވެ. އޭނައަކީ އެހާ ފިނޑި މީހެއް ހެއްޔެވެ؟ ކަޔާންގެ ލޯބީގެ ސަބަބުން ހިތްވަރުގަދަވާންވީމަ ފިނޑިވެ ފަހަތަށް ޖެހޭނެ ކަމެއް ނެތެވެ. 

ލައިޝާ ކިޓެއް ގަނެލަން ދާންވެގެން ކަޅުހެދުން ލައިގެން ކޮޓަރިން ނުކުތްއިރު ޒުލްމާއާއި ސަލްމާ ތިބީ ސިޓިންރޫމްގައެވެ. ރޭގަނޑު އެގަޑީގައި ބޭރުގައި ދިއްލާފައިވާ އޮރެންޖް ބޮކިތަކުގެ ސަބަބުން އެގެ ތަންކޮޅެއް ފަޅުކަމަށް ޒުލްމާ ކިޔާތާ ކޮން ދުވަހެއްހެއްޔެވެ؟ ޒުލްމާ ބޭނުމީ އަލިގަދަ ބައްތިތައް ދިއްލާށެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވުނުހެން ހީވެގެން ޒުލްމާ އެނބުރި ބަލާލިއިރު ދޮރުމަތީގައި ކަޅު އެއްޗެހީގައި ފޮރުވިގެން ހުރި މީހަކު ފެނުމުން ހަޅޭއްލަވައިގަނެވިއްޖެއެވެ. ސަލްމާވެސް އެނބުރި ބަލާލާފައި ދެމީހުން ގައިގާ ހިފައިގަތެވެ.

"މަންމާ، މިއީ އަހަންނޭ...." ލައިޝާއަށް ހެވިއްޖެއެވެ.
"ކީކޭ، ލައިޝާތަ؟ ކޮންއިރަކު ހިޖާބު އެޅީ....." ޒުލްމާ ބުމަ ކާރިކޮށްލައިފިއެވެ.
"ދުވަސްކޮޅެއްވެއްޖެ، މަންމާ އަންނާނަން ފިހާރައަކަށް ވަދެލާފައި......" ލައިޝާ މަންމަމެންނަށް ޔަގީންކޮށްދޭންވެގެން މޫނުގައި އޮތް ފޮތިކޮޅު ނައްޓާލާފައި ހީލިއެވެ. ކިތަންމެ ހެވިލާފައި ހުއްޓަސް އެ ރީތި ދެލޯ ދުޅަވެ ރަތްވެފައިވެއެވެ. ލައިޝާ ސޯފާގެ ކުރިމަތީގައި ހުރި ވަށްމޭޒުމަތީގައިވާ ފޯއްތަބަކުން ކަރަންފުލެއް އަނގަޔަށް ލައިގެން ހަފަންފެށިއެވެ.
"އުނހު ދާނެކަމެއްނެތް، ލައިޝާއަކީ ތިހެން ރޭގަނޑު ބޭރަށް ނުކުމެ އުޅޭކުއްޖެއް ނޫނެއްނު، ގަންނަންވީ އެއްޗެއް މަންމަ ގާތުގައި ބުނޭ، ލައިޝާ ނިދަން ވަދޭ....." ޒުލްމާ ހުރީ ލައިޝާގެ ކަންތަކަށް ނިކަން ފާރަވެ ބަލަހައްޓަން ނިންމައިގެންނެވެ. ފަރުވާކުޑަކޮށްލަން ހަދައިގެން ބޮނޑިއެއް ލިބިއްޖެއްޔާ އޭނައަށް މީހުންގެ ތެރެއަށް ނުކުމެ އުޅޭކަށް ނުކެރޭނެއެވެ. ސަލްމާގެ ސަބަބުން އޭނަގެ އެކުވެރިންތައް ގިނަވެ މީހުންގެ އިހުތިރާމް ލިބޭފަދަ އަންހެނަކަށް ވެއްޖެއެވެ. 
"މަންމާ.....އެކަމަކު އެއީ ގާލީ އެއްޗެކޭ..." ލައިޝާ ތުން އޫކޮށްލިއެވެ.
"ހެވޭ، ކޮޓަރިއަށް ދޭ، ތިހެދުންވެސް ބާލާ، ތިއަޅާވަރަކަށް ލައިޝާ އަދި ދީންވެރިއެއްނުވޭ، ފަތިސް ނަމާދަށްވެސް ދަމާ ތެދުކުރަން ޖެހެނީ...." ޒުލްމާ ލައިޝާއަށް އަޑުލާން ފެށުމުން ލައިޝާ ކޮޓަރިތެރެއަށް ދެމިގަތެވެ. ލައިޝާ ހެނދުނުވަންދެން އިންތިޒާރުކުރާނީ ކިހިނެއްހެއްޔެވެ؟ ހިތް ތެޅެނީއެވެ. ފިނިވަނީއެވެ. ބައެއްފަހަރު ހިތަށް އުފާވެރިކަމެއްވެސް ލިބެއެވެ. ބަލިވެއިނިއްޔާ ފަހަރެއްގައި ކަޔާން އޭނަގެ އާއިލާއަށް އެމީހުން ކައިވެނިކޮށްގެން އުޅޭކަން އަންގަފާނެއެވެ. އޭރުން އެމީހުން ކަޔާންއާއި ދިމާލަށް ހަޅޭއްލަވާފައިވެސް ވަކި ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ލައިޝާ އިރުއިރުކޮޅާ ފޯނަށް ބަލައިލައެވެ. ކަޔާން ނުގުޅަނީ ކީއްވެހެއްޔެވެ؟ ލައިޝާ އެނދުގައި ފުރޮޅި ފުރޮޅި އޮތްއިރު ދޭތެރެއަކުން ލޮލަށް ކަރުނަ އާދެއެވެ. އިރުއިރުކޮޅާ ލޯ ފޮހެލަން ޖެހެއެވެ.

ހެނދުނު ސަޔަށްފަހު ލައިޝާ އަވަހަށް ގެއިން ބޭރަށް ނުކުތެވެ. ޑިސެމްބަރު މަހުގެ ވިއްސާރަ ދުވަހެކެވެ. މާލެއަށްވެސް ފިނި މޫސުން އައިސްފައިވާހެން ހީވެއެވެ. އުޑުމަތި ބަނަވެފައި ފަޒާގައި ތެތް ފިނިކަމެއް ހިފާލާފައިވެއެވެ. ގަސްތައް ގިނަމަގެއްކަމުން ޖެހޭވައިރޯޅިއާއިއެކު ލައިޝާގެ ޝޯލްވެސް އުދުހިގެން ހިނގައިދާނެހެން ހީވިއެވެ.
"ހޭއި ލައިޝް...." ދަންނަ އަޑެއް އިވުމުން ލައިޝާ އެނބުރި ބަލާލިއެވެ.

ކޮމެންޓް 0