"އަހަންނަކީ ލައިޝާ......" ކައިރާ އަމިއްލައަށް ތައާރަފުވީ އޭނަގެ އައިޑީގައިވާ ގޮތަށް އަދި އާއްމުކޮށް ކިޔާ އުޅޭ ނަމުންނެވެ. މަންމަ އާއި ބައްޕަ ޚިޔާލު ތަފާތުވެގެން މަންމަ އާއި އާއިލާއިން "ކައިރާ" ގެ ނަން ހަރުކޮށްލާފައި އޮތަސް އޭނަގެ ނަމަކީ ހަގީގަތުގައި ލައިޝާ އުމަރު ޝަދީންއެވެ. މިފަހުން މަންމަވެސް ބޮޑަށް ބުރަވަނީ އާއްމުކޮށް އެނގިފައިވާ ނަމުން ކިޔުމަށެވެ. އަދި ޒުބްދާ ކައިރާގެ ނަމަށް ކުޑަ ޖޯކެއް ޖަހައިލިފަހުން ކީވާވެސް ހުރީ އެ ނަން ދެކެ އިންތިހާއަށް ފޫހިވެފައެވެ. މިރަށުމީހުން ދިވެހި ބޭސްކުރާއިރު ކައިރި ކިޔާ އެއްޗެއް ބޭނުންކުރާ ކަމަށާއި މިރަށުކުދިން ކައިރާއަށް އެނަން ކިޔާ ހަރުކޮށްލަފާނެކަމަށް ބުނުމުން ކީވާ އެވަގުތުން ފެށިގެން ކައިރާގެ އަސްލުނަން ބޭނުން ކުރަން ގަސްތުކުރިއެވެ.

އެ ދޮންކުއްޖާ އޭނަގެ ނަމަކީ ނުހާކަމަށް ބުނެލީ ފޮނިގޮތަކަށް ހީލަމުންނެވެ. ޒުބްދާވެސް ނުހާއަކީ އޭނަގެ ފަހަރިކަމާއި އަދި އެތަނުގެ ކޭޝިއަރެއްގެ ގޮތުގައި ބައެއްފަހަރު އޭނައަށް އެހީވާން އަންނަނީ ކަމަށް ބުނެ އެކުދިންނަށް ނުހާ ތައާރަފުކޮށްދިނީ ނިކަން ލޯބިންނެވެ.

"އެހެންވީމަ އަހަރެމެންވެސް ދެން ކިޔާނީ ލައިޝާ، ފަރިތަވާން ދުވަސްކޮޅެއް ނަގާފާނެ، އެކަމަކު ލައިޝާ އެ ނަން މަށަށް މާ ރީތި......." ޒުބްދާ ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތުން ފެށިގެން ލައިޝާގެ ނަން އާއިލާ ތެރޭގައިވެސް ބަދަލުވީއެވެ. ނުހާ ލައިޝާ އާއި އަނގަތަޅަން ފެށީ އެތައް ދުވަހެއްވެފައިވާ އެކުވެރިއެއް ފަދައިންނެވެ.

ޒުބްދާ ދިޔުމާއި އެކުހެން ނުހާ އެކުދިން ގާތުން އެދުނީ ކަސްޓަމަރުންނަށް ސާރވްކޮށް ދިނުމަށެވެ.

"މިކުދިން ވެއިޓަރުންނަށް ހަދާކަށް ނޫނޭ، މަވެސް ބައެއްފަހަރު އެ މަސައްކަތް ކުރަން، ދޮންބެ އާއި ދޮންބެ ދައްތަގެ ތަނަކަށްވީމަ ކުރަންޖެހޭ ކޮންމެ ކަމެއް ކޮށްދެނީ މާ ބޮޑު ކަމަކަށް ނަހަދާ، މިތަނުގައި މި ހުންނަނީ ތަފާތު ބާވަތްތަކުގެ އައިސްކްރީމް، ސްމޫތީސް އަދި ކޮފީ އާއި ހެދިކާ، އެހެންވީމަ މޭޒު ސާފުކޮށްލާ ހަދާކަށް މާ އުދަގުލެއްނުވާނެ، ކީވާ އެ ކަސްޓަމަރުންގެ އޯޑަރު ނަގަން ދޭ...." ނުހާ ވާހަކަދެއްކީ ކުޑަކޮށް އަމުރުވެރި ފާޑަކަށެވެ.

ކީވާ ޖެހިލުންވެފައި ހުރެ ކުރިއަށް ފިޔަވަޅެއް އެޅިއިރު ނިތްކުރިން ދާތިކިތައް ހިއްލާލައިފި އެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އެމީހުންނަކީ މާލޭގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުދިންތަކަކަށްވިޔަސް ކިޔަވައިގެން ތިބި ބަޔެކެވެ. ވެއިޓަރުކަން ކުރާހާ ހިސާބަށް ދާންޖެހިދާނެ ކަމަކަށް ކީވާ ގަބޫލެއްނުކުރެއެވެ. ނަމަވެސް ކީވާއަކީ މީހުން ބުނާގޮތަށް ހަދާ ރަނގަޅު ކުއްޖަކަށްވާތީ ލަދުން ހުރެވެސް އެމަސައްކަތް ކުރަންވެސް އެދިޔައީއެވެ. ލައިޝާ ވަގުތުން އެކަމާއި އިންކާރުކުރިއެވެ.

"ސޮރީ ނުހާ، އަހަރެން މަސައްކަތް ކުރަން ވަރަށް ލޭޒީވާނެ، އަހަންނަށް ވޯކް ކުރެވޭނީ ކައުންޓަރުގައި، ލާރި ކެނޑުން ކަހަލަ ކަންތައްތައް ވެދާނެ......" ލައިޝާ ހިތުގައިވާ އެއްޗެއް ބުނަން ފަހެއް ނުޖެހޭނެއެވެ.

ނުހާ މަޖަލަކަށް ހަދާފައި ދެލޯ އަޅާލިއެވެ. ނުހާ ކީވާއަށް ނަޒަރެއް ހުއްޓައިލިއިރު އެކުއްޖާ ވަރަށް ލަދުން ހުރެ އެތާ ތިބި ފިރިހެންކުދިންގެ ކާރިއަށް ނޯޓްފޮތްކޮޅަކާއި ގަލަމެއް ހިފައިގެން ހުރެ މަޑުމަޑުން އެއްޗެކޭ ބުނެލައިފިއެވެ. ހީވަނީ ލަދުން ވިރިގެން ފައިބަފާނެހެންނެވެ. ކީވާ ފެނުނީއްސުރެ ނުހާގެ ހިތުގައި ނޭގޭފަދަ ބިރުވެރިކަމެއް ހިނގާލިއެވެ. ކަޅުކޮށް ހުއްޓަސް އޮމާންކަމާއި، ރީތިކަމާއި، ކަސްރަތީ ހަށިގަނޑުގެ ސަބަބުން ފިރިހެނުންގެ ހިތްތައް ވިރުވައިލާނެކަން ޔަގީނެވެ. އޭނަ ވައްތަރީ އެމެރިކަން ކުއްޖަކާއެވެ. ނުހާ ކީވާގެ އަގު އެގޮތަށް ވައްޓާލަން ފުރަތަމަވެސް ނިންމި ސަބަބަކީ އެއީއެވެ. ވެއިޓަރަކަށްވިއްޔާ ގަދަރުހުރި ޒުވާނެއްގެ ހިތް އަތުލެވިދާނެހެއްޔެވެ؟ އައިދަންގެ ވެސް މެއެވެ. އެއީ އޭނަގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ވިޔަދޭނެ ކަމެއް ނޫނެވެ. 

"ވެއިޓަރަކަށް ހުރުމަކީ އެހާ ހަޑިކަމެއް ނޫން، އަހަރެންގެ ފްރެންޑެއް އުޅޭނެ އޮސްޓްރޭލިއާގެ މެކްޑޮނަލްޑް ރެސްޓޯރެންޓެއްގައި ވޯކްކުރަން، ކޮންމެ ގަޑިއަކަށް އެތައް ޑޮލަރެއް ޖެހޭ، އަހަރެމެންވެސް އެހެން ރަށެއްގައި ތިބޭއިރު ލާރި ހޯދަން ކޮންމެ ކަމެއްވެސް ކުރެވިދާނެ، އެހެންނޫނަސް ކިވީ ނުހުއްޓުވީ ކިވީގެ އެ ލަދުރަކިކަން ކަނޑުވާލާ މީހުންގެ ތެރެއަށް ނިކުމެވޭނެ އެއްގޮތަކީ މިއީކަން އެނގޭތީ......" ލައިޝާ ކީވާގެ މަސައްކަތަށް ބަލަން އިންއިރު ލާނެތް ހިނިތުންވުމެއް ތުންފަތްމަތީގައި ވިއެވެ.

ކީވާއާއި ލައިޝާ އެރޭގެ މަސައްކަތް ނިންމާލުމަށްފަހު އެނބުރިގެއަށް އައީ އައިސްކްރީމް ބޮއިގެން ވަރަށް މަޖާވެލާފައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވަޒީފާއެއް އަދާކުރެވުނުކަމުގެ ހިތްހަމަޖެހުން ލިބިގަންނަމުންނެވެ. އެހެންނޫނަސް އެހާ ހިތްފަސޭހަ މާހައުލެއްގައި އައިސްކްރީމްފަދަ މީރު އެއްޗެހި ސާވްކުރުމަކީ ކީވާއަށްވެސް ފަހުން ލިބުނު ހަމަޖެހުމެކެވެ. ކުރީކޮޅު ކަސްޓަމަރުންނާއި ކުރިމަތިލާންވީމަ ލަދުން ހުރިކަމުގައިވިޔަސް މީހުންގެ ފަރާތުން ފެނުނު ހިތްހެޔޮކަމުގެ ސަބަބުން ކީވާގެ ހިތް ހަމަޔަކަށް އެޅި އެމަސައްކަތާއި ގަޔާވިއެވެ.

ޖެހިގެން އައިދުވަހު ކީވާ ކެމްޕަސްއަށް ދާންފެށިއެވެ. ލައިޝާ ވަޒީފާއަށް ދާން އިންޓަވިއުއަކަށް ދިޔައިރު އޭނަ ހުރީ ހޮވޭނެކަން މުޅިން ޔަގީންކޮށްލައިގެންނެވެ. ދެތިންތަނަށް ސިޓީ ލާފައި ލައިޝާ މިހިރީ ޖަވާބެއް ނައިސްގެން އިންތިޒާރުގައި ދުވަސްތައް ގުނާލަ ގުނާލައެވެ. ކޮންމެވެސް ތަނަކުން ލައްވާލާނެ ކަމަށް އޭނަ ގަބޫލުކުރެއެވެ. އަޒުމްކަނޑައަޅާފައި ދުޢާކޮށްލުމުން ހިތަށް ރޫހާނީ ފިނިކަމެއް ލިބިދެއެވެ. އޭނަ ކުޑައިރުއްސުރެ ދަސްކޮށްލާފައިވަނީ ކަންތަކާއި ޕޮޒިޓިވްކޮށް ވިސްނުމަށެވެ. ބައެއްފަހަރު ނާކާމިޔާބާއި ކުރިމަތިލިޔަސް ޔަގީންކަން އޮތުމަކީ ކާމިޔާބުގެ އެއް ސިއްރެވެ. މަށަށް ނުވާނެއޭ ކިޔަންޏާ ނަސީބުވެސް އެމީހަކާއި ބައިވެރިއެއް ނުވާނެއެވެ. ކިތަންމެ ޕޮޒިޓިވްކޮށް ވިސްނިޔަސް ބައެއްކަންތައް ލައިޝާ އުއްމީދު ނުކުރާގޮތަކަށް ވެގެން ދެއެވެ. އެކަންތައް އެއީ މިންވަރުގައިވާގޮތް ކަމަށް ނިންމާފައި ލައިޝާ ހަމްދުކުރެއެވެ.

އައިދަންގެ "ރެއިން ލޮޖް" ގެ ކުއްޔަށް ހިފައިގެން އައީ އުމުރުން ދެބައިވެފައި ހުރި ޓީޗަރެއްކަން އެނގުމުން ލައިޝާމެން ކުޑަކޮށް މާޔޫސްވިއެވެ. ލައިޝާމެން އުއްމީދުކުރި ފަދައިން ހިތްތައް ކަތިލާލާފަދަ ރީތި ޕްރޮފެސަރެއް ނޫނެވެ. އެހެންނޫންނަމަ އައްޑޫފަދަ އިޝްގީ މާހައުލެއްގައި ލޯބިވެރިޔަކު ހޯދައިގެން ހާދަ ސަކަރާތެއް ޖަހައިލެވިދާނެއެވެ. ބަލައިލާ ކޮންމެ ދިމާލަކުން ފެންނަނީ އެކަމަށް އެކަށީގެންވާފަދަ ފަޅު ތަންތަނެވެ. ޖަންގަލީފަދަ ގަސްތަކުން ފޮރުވިފައިވާ ޖަގަހަތަކެވެ. އެފަދަ އެކަނިވެރި ތަނެއްގައި ލޯބިވާމީހަކާއި އެކު ބައްދަލުކޮށްލުމަކީ ރީތި ހަނދާނަކަށްވާނެއެވެ.

"ބައެއްފަހަރު ހިތަށް އަރާ އެއްޗެހި، އަހަންނަށްވެސް ނައިންޓީންވީމަ ދެން އެކަހަލަ ޚިޔާލު ކުރެވޭނެތާ، މާ ކުރީގެ މީހެއް މަތިން ހަނދާންކޮށްގެން އޭނައަށް ވެއިޓްކުރުމަކީ މާނައެއް ނެތްކަމެއް، އެހެންނޫނަސް ހީ ވޯޒް ސޯ ކްރުއެލް، ހާޓްބްރޭކަރ އެއް، އަހަރެން އެހާވަރަށް އާދޭސް ކުރީމަވެސް އަހަރެން ބާސްކެޓްބޯޅަ ކުޅެން ނުނަގާ ޓީމުން ބާކީކޮށްލީ، އެދުވަހު އަހަރެން ގެއަށްގޮސް ރުއިވަރު އޭނައަށް ފެނުނުނަމަ....." ލައިޝާ އިރުކޮޅެއްވާންދެން މާޒީގެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުއްޓާ ސަލްމާ މާ ބާރަކަށް ގޮވަން ފެށުމުން އޭނަ ދުވެފައި ނިކުތުމުން މަސައްކަތަކާއި ހަވާލުކުރިއެވެ.

އެވަރޓަންގެ ހައިބަތާއި ރީތިކަން އެންމެ ބޮޑަށް އިތުރުވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކުގައެވެ. ވަށައިގެން ފެންނަ އެތައް ސަތޭކަ ގަސްތަކުގެ ތެރޭގައި މެދުގައި ވާ އެ ކިއްލާފަދަ ގޭގެ ރީތިކަން ފެންނަ ކޮންމެ ފަހަރަކު ކީވާ އާޝޯޚުވާވަރުވެއެވެ. ގޭޓުން އެތެރޭގައި އަތުރާފައި ހުރި ވަށިތަކުގައިވާ މެރޫންކުލައިގެ ބެގޯނިއާ، އެލުވާފައިވާ އެސްޕެރެގަސް، ހުދު އޯކިޑް، ކޮކާ އަދި ބްލީޑިންހާޓްފަދަ ގަސްތަކުގެ ވާދަވެރިކަމެއް އުފެދިފައިވެއެވެ. ވަށިތަކުގައި ޖަހާފައިވާ ފާން ގަސްތަކަށް ދާންދެން ވަރުގަދަކަމާއިއެކު ހެދިފައިވާއިރު ލޮލަށް ފިނިކަމެއް ގެނެސްދެއެވެ. 

ލައިޝާ ފެންޑާގެ ތަބަކަށް ލެނގިލައިގެން ފޯނާއި ކުޅެލަން ހުރިއިރު އެ ރަންކުލަ އަރާ އޮމާން މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. އިސްކޮޅާއި ރޫފަ އެކަށީގެންވާ ވަރަކަށް ހުރެފައި ހަށިގަނޑުގެ ރީތިކަމުން ލައިޝާ ލައިގެން ހުރި ރަތްކުލައިގެ ޓޮޕްކޮޅާއި ނޫ ޖިންސްގައި އޭނަ ފެންނަލެއް ވަރަށް ހިތްގައިމެވެ. ވައިރޯޅިތައް އެ ފަން އިސްތަށިގަނޑު ވިހުރުވައިލުމުން ބައެއްފަހަރު މޫނަށް ފައިބައިގަނެ ލޮލަށް ވަންނަގޮތްވުމުން އެ ނާޒުކް އަތުން މަޑުމަޑުން އެއްފަރާތްކޮށްލައެވެ. އޭރުވެސް އެ ރީތި ތުންފަތްމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. 

ކީވާ އިލޮށިފަތި ހިފައިގެން މެދުގޯތިތެރޭގައި ކުނިފޮހެން އޮތެވެ. ޖަންބުގަހުންނާއި އެހެން ގަސްތަކުން ފައިބަމުންދާ ފަތްތަކުން ރަތްކުލައިގެ ގާފޮޅުމަތި އޮތީ ފުރިފައެވެ. ޚަރީފުމޫސުމް އައިސްފައިވާ ރަށެއްފަދައިން ޖެހިލާ ކޮންމެ ވައިރޯޅި އަކާއި އެކު ދޮންވެފައިވާ ފަތްތައް އެތަން މިތަނަށް އުދުއްސާލައެވެ. ބައެއްފަހަރު ކީވާއަށް ބެލެނީ އެއްފަރާތުގައިވާ ގަރާޖުގައި އޮތް ނޫކުލައިގެ ކާރަށާއި ސައިކަލަށެވެ. އެއީ އައިދަންގެ އެއްޗެހިކަން ނޭގެއެވެ. އައިދަން ރަށަށް އައި ދުވަހަކުން އެކުދިން ގޮވައިގެން ތަންތަން ދައްކާލަން ގެންދާނެއެވެ.

"މިވަރުން ފަތްތައް ނެގޭނެތަ؟ މިގެއަށް އޯޓަމް އައިސްފައި މިއޮތީ..... "ކީވާ އަށް މަޖާވިއެވެ.

"ގަހަށް އަރާފައި ދޮންފަތްތައް މަ ވައްޓާ ލަދެންތަ؟ އަހަންނަށް ކުރެވޭނީ އެ ފަދަ މަސައްކަތް، ސަލްމާދައްތަ ޖައްސުވާ މަސައްކަތް ނިކަން ފޫހި، އެނީވޭސް ނަސީބެއް ކިވީ ތިކަން ކޮށްލަދިންކަން، ހުރިހާ ކްރެޑިޓެއް ލިބޭނީ އަހަންނަށް.....އަވަސް އަވަސް ޕްލީޒް ޑާލިން، ސަލްމާދައްތަ ފެންވަރައި ނަމާދުކޮށްލާކަށް މާގިނައިރެއް ނުނަގާނެ......" ލައިޝާ ޖަންބުގަހުގެ ތިރި ގޮފިގަޑެއްގައި އެލިގަންނަމުން ގަސް ހަލުވައިލުމުން ކޮންމެވެސް ވަރަކަށް ފަތްތައް ފައިބައިގަތެވެ. ލައިޝާ ބައެއްފަހަރު އުޅެނީ އުމުރަށްވުރެވެސް ކުޑަކުއްޖެއްހެންނެވެ. ހަރުވާ ފަހަރު ސީރިޔަސްވާން އެނގެއެވެ. އެ މިޒާޖު ކީވާ ނިކަން ރަގަޅަށް ދަނެއެވެ. މީހުން ކުރިމަތީގައި އެކުއްޖާ ދައްކައިލާ ޗާމިން ބަޔަކުން މީހުންގެ ހިތްތައް ލޯބިން ފުރުވައިލައެވެ. ލޮލުގައި ހުންނަ ތޫނުފިލިކަމާއި، ވިދުންގަދަކަމުންނާއި އެ ހިނިތުންވުމުން ކޮންމެ މީހެއްގެ ހިތް ދަމައިގަންނާނެއެވެ.

ކީވާ ކުނި ނަގައި ދިނުމުން ޗޮކްލެޓެއްދޭން ވައުދުވުމުން ކީވާ ތުންފިތާލިއެވެ.

"އަހަރެން އެއްޗެއް ބޭނުންވެގެންނެއް ނޫނޭ ލައިޝާ ބުނީމަ ކަންތައްކޮށްދެނީ، ކޮންމެހެން ޗޮކްލެޓް ދޭން އުޅޭނެ ކަމެއްނެތް، ޔޫ އާރ މައި ސިސް، އެހެންނޫނަސް ލައިޝާގެ ހުންނަ ވީކްނެސް ސަލްމާ ދައްތައަށް ފޮރުވަން ބޭނުންވާތީ، ތި ކުއްޖާގަނޑުގެ މޮޔަކަމުން މިއީ އަމިއްލަ ގެއެއްކަމަށް ހީކުރިޔަސް މިޒަމާނުގައި ގާތްތިމާގެ މީހުންވެސް ތިހާ ހެޔޮއެއްނޫން، އެހެންނޫނަސް ސަލްމާދައްތައަކީ އަހަރެމެންގެ މަންމަގެ އެކުވެރިއެއް، ތިމާގެ މީހެއްވެސް ނޫން.......ވިސްނާލަބަލަ...." ކީވާ ވާހަކަދައްކަމުން ފުނިޖަހާފައިވާ ކުނިތައް ގޯންޏަކަށް ލައިފިއެވެ. ލައިޝާ ހިނިއައިސްފައި ލާނެތް ގޮތަކަށް ބަލަން ހުރީއެވެ. އެފަދަގުޅުން ތަކާއި މީހުން ދެކޭނެ ގޮތް ލައިޝާ އަކަށް މުހިއްމެއް ނޫނެވެ. ނަމަވެސް މަންމަ ސަލްމާދައްތައަށް ކަމޭހިތަން އަންގާފައި އޮތީމަ އޭނަ ހުންނަނީ ބުނާކޮންމެ ކަމެއް ކޮށްދޭށެވެ. މަސައްކަތްކުރަން ފޫހިވާކުއްޖަކަށްވާތީ އޭނަ ކީވާލައްވާ އެކަންތައް ކުރުވާފައި ސަލްމާގެ ލޮލުގައި އަނދުން އަޅުވައިލަނީއެވެ.

"އަހަރެންވެސް އެހީވާނަމޭ، އެކަނި ކުނިތައް ނައްތާލުމުގެ ބައި މަށަށް އޮންނާނީ..." ލައިޝާ ގޯނި ހުސްކޮށްލާފައި ލައިޓަރުން ހިކި ބޮނބިކޮޅެއްގައި ރޯކުރަން ބޭކާރު މަސައްކަތްކުރިއެވެ.

"ނުވާނެ މިކަމެއް، އަހަރެން އަންނާނަން ކަރުދާސްތަކެއް ފެނޭތޯ ބަލާލާފައި...." ލައިޝާ ކުޑަކުއްޖެއްފަދައިން ދުވެލާފައި ގެއަށްވަންތަނާ އިރުކޮޅެއްނުވަނީސް ބޮޑު ނޫސްބޮނޑިއެއް ހިފައިގެން އައީ މީހެއްގެ ހުއްދަ ހޯދުމެއްނެތިއެވެ. ކީވާ ބިރުގަތީ އަލިފާންގަނޑު ބޮޑުވެގެންގޮސް ކާރީގައި ހުރި ގަހަކަށް ހޫނުކަމުގެ އަސަރުކޮށް ފަތްތައް މިލަންފެށިތަން ފެނިފައެވެ. ޖެހެމުންދާ ވައިރޯޅިތައް އަލިފާންގަނޑު އިތުރަށް ބޮޑުކުރުމުގައި އެހީއަކަށްވިއެވެ. ލައިޝާ މަޖާވެލާފައި ހީފައި އުޅުނުއިރު ކީވާގެ ހިތް އޮތީ ތެޅިލަތެޅިލައެވެ. ސަލްމާ ރުޅިއަންނާނެ ބާވައެވެ. ނަސީބަކުން އެހެންމީހަކު ނާންނަނީސް ދެކުދިން ކުރިކަމެއް ނިންމާލާފައި ގެއަށްވަދެވޭވަރުވިއެވެ. ފެންވަރާ ރީތިވާން ތިބިއިރު ކީވާ ދެރަވެފައިހުރެ މުޅިންވެސް ދެއްކީ އެހެން މީހުން އޭނައާއި ދޭތެރޭ ދެރަކޮށް ކަންތައްކުރާ ވާހަކައެވެ. ލައިޝާ ވިސްނައިދިނީ ތަފާތުކޮށެވެ. ކީވާ މަޑުން ހުންނާތީ އެހެންމީހުންނަށް ހީވެފައި އޮންނާނީ މާލޭކުއްޖެއްވީމަ ފޮނިކަމުން އަނގައިން ނުބުނަނީ ކަމަށެވެ. އެހެންވެ އެހެންމީހުން ކަންކަމު ބުނަން ޖެހިލުންވަނީއެވެ. އެހެންނޫނަސް ލައިޝާ ޔަގީންކުރިގޮތުން އޭނަގެ މަންމަ ކީވާގެ ހަގީގަތް ސަލްމާއާއިވެސް ހިއްސާއެއް ނުކުރާނެއެވެ.

ކީވާއަކީ ހަގީގަތުގައި ލައިޝާގެ މަންމަ ޒުލްމާ ކުޑަކުދިންގެ ހިޔާއިން ގެނެސް ބަލަމުންދާ އަންހެންކުއްޖެކެވެ. އުމުރުން ހަތްއަހަރު ވީއްސުރެން ޒުލްމާ އެކުއްޖާ ގެންގުޅުމުގެ ސަބަބުން އަމިއްލަ ދަރިއެއްފަދައިން ލޯތްބާއި ކުލުނުޖެހިފައިވެއެވެ. އަދި ލައިޝާ ވެސް ކީވާއާއިމެދު ދެކެނީ އެއްބަނޑު އެއްބަފާކުއްޖެއްގެ ގޮތުގައެވެ. އެ ކުޑަ އާއިލާގެ ލޯތްބާއި އަޅައިލުން ލިބުނަސް ކީވާއަށް އޭނައަކީ ޒުލްމާމެންނާއި ލޭގެ ގޮތުން ގުޅުންނެތް ކުއްޖެއްކަން އެނގޭތީ އަބަދު އެކަމާއި ވިސްނައެވެ. އުފަން މަންމަމެން އޭނަ ދޫކޮށްލީތީ އެކަމާއި ހިތާމަކުރެއެވެ. ކުޑައިރު ދިމާވެފައި ހުރިކަންތައްތަކުގެ ސަބަބުން ކީވާ ހުރީ އަމިއްލަ ނަފުސަށް އިތުބާރު ގެއްލިފައެވެ. ލައިޝާ ފަދައިން ދޮންނުވީތީ އެހެންމީހުން އޭނަދެކެ ރުޅިއަންނަކަމަށް ހީކުރެވިފައިވެއެވެ. ކުލައިގެ ސަބަބުން މީހުން ތަފާތުކޮށް ދެކޭކަމަށް އޭނަ ގަބޫލުކުރާތާ ކޮން ދުވަހެއްހެއްޔެވެ؟ ހަމުގެ ކުލައަލި ކުރާފަދަ ކްރީމްއެއްޗެހި ގަނެގެން މޫނުގައި ލާން ހިތަށް އަރާފައިވެސް އެކަންވަނީ ނުކުރެވިފައެވެ. ކީވާގެ މިޒާޖު ބައްޓަންވަމުން އައިގޮތުން ބަސްމަދު މީހުންނާއި އެހާ ފަސޭހައިން އެކުވެރިނުވާ ޒާތުގެ ކުއްޖަކަށްވީމަ ބޮޑަށް މީހުންގެ ތެރޭގައި މަގުބޫލުވަމުން އައީ ލައިޝާއެވެ. އެކުދިންގެ މަންމަ ޒުލްމާ އެހެންމީހަކާއި ކައިވެނި ކޮށްގެން އެހެން ގެއަކަށް ދާންޖެހުނީ ވަރަށް ފަހުންނެވެ. ޒުލްމާ ވިސްނީ ދޮންބައްޕައެއްގެ ގާތުގައި ތިބުމަށްވުރެ އެކުވެރިއެއްގެ ގާތުން ލިބޭނެ ހިމާޔަތް ބޮޑުވާނެ ކަމުގައެވެ. އެހެންނޫނަސް ސަލްމާވަނީ ލައިޝާ އޭނަގެ ޅީދަރިއަކަށް ހަދަން ނިންމާފައެވެ. ޒުލްމާ ކުދިންކޮޅު ސަލްމާގެ ގާތަށް ފޮނުވައިލީ އަޅައިލުމާއި ހިމާޔަތް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަމާއިއެކުގައެވެ.

ހަވީރު ސައިބޯން ދެކުދިން ނުކުތްއިރު ސަލްމާގެ މޫނު ހީވަނީ ރަތްކަމުން އަނގުރު އަލިފާންގަނޑެއް ހެންނެވެ. ދެލޯ ކުޑަކޮށްލާފައި ލައިޝާ އާއި ދިމާލަށް ބަލާލިގޮތުން ލައިޝާ ހައިރާންވެ ރުޅިއަންނަ ގޮތްވިއެވެ. އޭނަގެ މަންމަވެސް ކަމަކާއިނުލައި މިގޮތަށް ރުޅިއިސްކުރީމަ ލައިޝާ ރުޅިގަދަވެ މަންމައާއި ޒުވާބުކުރާ ހަނދާން އާ ވިއެވެ. ކުޑަވެލައިގެން ބިރުން ރޫރޫއަޅާނީ އަބަދުވެސް ކީވާއެވެ.

"އަހަރެންގެ ހުއްދަ ނުހޯދާ އަލިފާން ރޯކޮށްލައިގެން ބަޓަރކަޕް ގަސް އަންދާލައިފިއެއްނު.... މަ ނުބުނަން ކުނި އަންދާށެކޭ، ހަފްތާއަކު އެއްފަހަރު ކުނިއުކާ ޕިކަޕް މިގެއަށް އަންނާނެ، އަމިއްލައަށް ފެނިގެން ކަންތައް ކުރަން ހަދައިގެން އެންމެފަހުން މިގެވެސް ހުޅުޖަހާނެ..." ސަލްމާ ހުރީ އެތެރެ އެތެރެއިން އަނދަ އަނދައެވެ.

"ކުނިތައް އަންދާލީ އަޅުގަނޑު.....މާފު..." ކީވާ ހިތްވަރުކޮށްލާފައި އާދައިގެމަތިން ކައިރާގެ ދިފާއަށް އައެވެ.

"ކަލޭ ދޯ. މަގޭ ހިތަށް އެރިއޭ، އަހަންނަށް އެނގޭ ކީވާ ހުންނަނީ ޖެއްސުން ކުރާނެގޮތެއް ނޭގިފައިކަން، ތިހާ ގަމާރު މީހުންނަށް މީހުންނާއިއެކު އުޅޭކަށް ނޭގޭނެ......" ސަލްމާ ކީވާއަށް ނަޒަރު ހިންގައިލީ ފޫހިކަމާއިއެކުގައެވެ. ސަލްމާ ދެތިން ހަތަރު ޖުމްލަ ބުނެލިއިރު ލައިޝާ އިނީ އިސްޖަހާލައިގެން ކޮފީތަށި ބޯށެވެ. ސަލްމާ ކުށެއްނެތް ކުއްޖަކާއި ދިމާލަށް އެގޮތަށް ބަވާލީމަ ދެރަވީވަރަށްވުރެ ބޮޑަށް ލައިޝާގެ ހިތަށް އަސަރުކުރީ ކީވާ އޭނަ ދިފާއު ކުރިގޮތުންނެވެ. ހާދަ ރަގަޅެވެ. ކޮންމެ ފަހަރަކުވެސް އެއްބަނޑު އެއްބަފާ ކުއްޖެއްފަދައިން ކީވާ އޭނަ އެފަދަ ކޮންމެ އޮޅުންބޮޅުން ގަނޑަކުން ސަލާމަތްކޮށްދެއެވެ. ލައިޝާގެ ހިތް ޝުކުރުން ފުރުނުއިރު ހިތުގައިވާ ލޯބި ކުރިއަށް ވުރެ ބޮޑުވިއެވެ.

ސަލްމާ އެތަނުން ނިކުތުމާއިއެކު ލައިޝާ ތެދުވެގެންގޮސް ކީވާގެ ގައިގާ ކުޑަކޮށް ބައްދާލުމުން ކީވާ ނުރުހުނުކަމަށް ހެދިފައި ލައިޝާ ދުރަށް ޖައްސައިލިއެވެ.

"އެއްވެސް އެއްޗެކޭ ކިޔައިގެން ނުވާނެ، ސޮރީއޭވެސް ނުބުނާތި، މާފެއް ނުދޭނަން، އަހަރެން ބުނާގޮތަށް ނެހެދީމަ ހުރިހާ މައްސަލަތަކެއް ޖެހުނީ....." ކީވާ ސައިވެސް ނުބޮއި ބާރުބާރަށް ހިނގާލާފައި ނިކުމެގެން ދިޔުމުން ލައިޝާ ފަހަތަކުން ނުދެއެވެ. އެ ކޫސަނި ރުޅި އިރުކޮޅަކުން ފިލައި އަނގައިން ބުނާނެކަން ލައިޝާއަށް އެނގެއެވެ. ކީވާ ގޮސް ކުޑަދޮރު ކާރީގައި އިށީދެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ބޭރަށް ބަލަންފެށިއެވެ. ދޮރު ހުޅުވާލަން އުޅެފައިވެސް ޚިޔާލު ބަދަލުވީ މަދިރި ފައުޖެއް ގެއަށް ވަންނަން ތައްޔާރަށް ތިބޭނެކަން ހަނދާންވެފައެވެ. މަދިރި އާއި ވާލުގެ ހާއްޔަކަށް ނުވާނެނަމަ މިރަށްވެސް ބޭރުތަނެއްހާ ހިތްފަސޭހަވާނެއެވެ. ބަގީޗާއާއި ވަލުތެރޭގައި ނަން ހުސްކޮށްލާފައި ތަފާތުވައްތަރުގެ ގަސްތައް ހެދި މަލާއި، މޭވާއިން ބަރާވެފައިވެއެވެ. ވިނަގަނޑު ހައްދާފައި އޮތީމަ ވަކިން ހިތްގައިމެވެ. ކޮންމެގެއެއްގެ އިން ވަކިކުރަން ފާރު ރާނާފައިވާގޮތުން މިރަށުގެ ކޮންމެ ގެއެއްފެންނަނީ ކިއްލާއެއް ހެންނެވެ. މިގޭގެ އިމުގެ ތެރޭގައި ތިން ފާރު ރާނާ އެކިބައިތައް ވަކިކޮށްލާފައިވާތީ ހީވަނީ އެހެންކަމެއް ހެންނެވެ. އޮޅު އޮންނަ ބަޔާއި އަދި އެގޭ ވަޅުކޮޓަރިން ނިކުމެވޭ ބައިވެސް އޮންނަނީ ފާރަކުން ވަކިކޮށްލާފައެވެ. އެ ފާރުތައް ނައްތާލާފިއްޔާ ޔޫރަޕްގެ ވިލެޖެއްފަދަ ރީތިކަމެއް ލިބިގެންދާނެއެވެ. މިރަށުގެ ކޮންމެ ގެއެއްގައި މި އޮންނަނީ ރީތިކޮށް ގަސްތައް އިންދާފައެވެ. ކޯއްޓެފަދަ ތަންތަން ކުދި ޖަންގަލިތަކުގެ ގޮތުގައި ބެލެވިދާނެއެވެ.

ކީވާގެ ޚިޔާލު އެހެން ދިމާލަށް ދާން އިރުގަނޑެއްވެސް ނުނަގައެވެ. ސަލްމާ އޭނަދެކެ އެވަރަށް ނަފްރަތުކުރާތީ ބައެއްފަހަރު ހާދަ ދެރަވެއެވެ. މަންމަގެ ގާތަށް ދެވޭނެނަމައެވެ. މަންމަ ފިޔަވާ އެއްވެސް މީހަކު އޭނަދެކެ ލޯބިނުވާނީ ކަންނޭގެއެވެ. އޭނަގެ ބަދުނަސީބު ކަމާއި މެދު ވިސްނަން އިނދެފައި ކީވާގެ ކަޅު ފުންލޮލުގައި ގިނަވެގަތް ކަރުނަތައް އޭނަ ފޮހެލައިފިއެވެ. ހިތްވަރު ކުރަންޖެހޭނެ އެވެ. މަންމައާއި ލައިޝާ އަކީ އޭނަގެ ދުނިޔެއެވެ. އެފަދަ އާއިލާއެއް ލިބުނުކަމަށްޓަކައި އޭނަ ހަމްދުކުރަންވާނެއެވެ. ހަޔާތުގައި ދިމާވާ ކުދި ކަންތަކާއި ކުރިމަތިލެވޭނީ ހިތްވަރުކޮށްލައިގެންނެވެ.

ކީވާއާއި ލައިޝާގެ ދިރިއުޅުން ވޭތުވެގެންދާން ފެށީ އާދައިގެ ގޮތަކަށެވެ. މިރަށަށް އައިފަހުން މާ ޝައުގުވެރިވާ ކަހަލަ ކަމެއް ނުހިނގައެވެ. ހީކުރިފަދައިން ރީތި ފިރިހެންކުއްޖަކާއި ދިމަލެއްނުވިއެވެ. އެންމެން ރަށުން ފައިބައިގެންގޮސް މާލޭގައި އުޅޭތީކަން ނޭގެއެވެ. ކޮންމެދުވަހެއްގެ ތާވަލް ދަނީ ދާދި އެއް ގޮތަކަށެވެ. ކީވާ ހެދުނު ކެމްޕަސްއަށް ދިޔުމަށްފަހު ރޭގަނޑު ދަނީ ޕިންކްބެރީއަށެވެ. ލައިޝާ ވަޒީފާއަށް އެދި ދެތިންތަނަށް ސިޓީ ފޮނުވައިގެން އަދި ކާމިޔާބުވާ ގޮތެއްނުވެއެވެ. ލިބޭ ހުސްވަގުތުތަކުގައި ލައިޝާ އާއި އެކީގައި ކީވާ ބަދިގެއަށް ވަދެލައެވެ. ލައިޝާ މަސައްކަތެއް ނުކުރާއިރުވެސް ނަންވާނީ އޭނަ އެވެ. ސަލްމާ ހީކުރަނީ އެހާ މީރުކޮށް ކައްކަނީ ލައިޝާ ކަމަށެވެ. ކީވާ އުޅޭތީ ސަލްމާ ބަދިގެއާއި ހަމަޔަކަށް ނުވަދެއެވެ. އެހެންނޫނަސް މިދުވަސްކޮޅު ހަމީދު ތަންކޮޅެއް ބަލިކަމުން ސަލްމާ ގިނަވަގުތު ހޭދަކުރަނީ އެކޮޓަރީގައެވެ. ސަލްމާ ކަމަކު ބޭރަށް ނިކުމެލިޔަސް ހަމީދު އިރުއިރުކޮޅާ "ކަނބުލޮ" އަށް ގޮވާނެއެވެ. ހަމީދު އެހާ ލޯބިން ކަނބުލޯ އޭ ކިޔާފައި ގޮވައިލާ ކޮންމެ ވަގުތަކު ކީވާއަށް ނުބައި އިހުސާސް ތަކެއް ކުރެވެއެވެ. ބައްޕައެއްގެ ލޯބި އޭނައަށް ލިބޭނެނަމައެވެ. އެފަދަ ނަސީބެއް ދުވަހަކު ނުލިބޭނެކަން އެނގޭއިރުވެސް އެފަދަ ކަންތައްތަކަށް ޓަކައި ހިތް ތެޅިފޮޅެނީ ކީއްވެ ހެއްޔެވެ؟

ލައިޝާ އާއި ކީވާ ޕިންކްބެރީގައި މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. އައިދަންވެސް ރަށަށް ނާދެވިގެން އުޅެނީ ކޮންމެވެސް މުހިއްމު ކަމެއް ދިމާވެގެންކަމަށް ސަލްމާވަނީ ބުނެފައެވެ. ދެކުދިން ފޫހިވެގެން ހަލާކުވާވަރުވެއެވެ. އެންމެ ކުޑަވެގެން ވައިފައި ލިބޭނެގޮތް ހަދާފައި އެ ފިރިހެނާ ފުރައިގެން ދިޔަނަމަ އެކުދިންނަށް މިހާ ފޫހިކަން އިހުސާސް ކުރާކަށް ނުޖެހުނީހެވެ. މޮޑެމެއް ގަންނަން އުޅެފައިވެސް އަގުބޮޑުކަމުން އެ ޚިޔާލު ދޫކޮށްލަން މަޖުބޫރުވީއެވެ. މިހާރު އޮތީ ނެޓަށް ވަނުންފަދަ ކަމަކަށްޓަކައި ވެސް އައިދަންއަށް އިންތިޒާރުކުރުމެވެ.

ލައިޝާ އާއި ކީވާއަށް އެކުދިންގެ މަންމަ ޒުލްމާ ގުޅާ ކޮންމެ ފަހަރަކު ރަގަޅަށް އުޅެން ހަނދާންކޮށްދެއެވެ. އެންމެ ނަމާދެއް ވައްޓައިނުލާ ކުރަން ބުނާތީ އެކުދިންގެ ހިތުގައި އެކަން ހަރުލާފައިހުރެއެވެ. ކަންނެތްކަމުން ލޯ ހުޅުވައިނުލެވުނަސް ފޯނު އެލާމްކޮށްގެން ފަތިހު ތެދުވެ ނަމާދު ކުރަނީ އެކަނި މަންމަ ބުނާތީއެއްނޫނެވެ. ނަމާދުނުކޮށް ނިދަން ތިބެން މިހާރު ބިރުވެސްގަންނަނީ އެވެ. ދީނީކަންތަކަށް ބާރު އަޅާތީ އެކުދިންގެ ހިތްތަކުގައި ދީނީ ލޯބި އަށަގެންފައިވެއެވެ.

ދީނީ ކަންތަކަށް ލޯބި ކުރިޔަސް ލައިޝާ ނިކަން ސްޓައިލިޝްކޮށް ހެދުން އަޅާހިތްވެއެވެ. ރީތި ހެދުމާއި ގަހަނާ އަޅަން ބޭނުންވެއެވެ. ޚާއްސަކޮށް ލައިޝާ ހުންނަނީ ކުލަކުލައިގެ ސްޓޯންތަކަށް ދެވިހިފާފައެވެ. ހެދުމަކާއި ގުޅޭގޮތުން މަސްނޫއީ އެހެއް ނަމަވެސް ޖަހާފައިވާ ފަށެއް އޮތީމަ ލައިޝާގެ ހިތް އުފާވެއެވެ. ހެދުމާއި ފައިވާން އަދި ސެންޓްފަދަ ތަކެތި ގަންނަހިތުން ލައިޝާއަށް ހުރެވެނީއެއް ނޫނެވެ. ފިހާރައަކަށް ވަދެއްޖެއްޔާ ހިތްތައް ދަހިކުރުވާފަދަ ރީތި އެއްޗެހިފެނެއެވެ. އަންހެންކުއްޖަކަށްވީމަ ގުދުރަތީގޮތުން އެފަދަ ތަކެއްޗަށް ހިތް ޖެހެނީކަންނޭގެއެވެ. ލައިޝާއަށް އަގުބޮޑު ސެންޓު ނުގަނެވުނު ނަމަވެސް އާދައިގެ މީރުވަސްދުވާ ސެންޓުފުޅިއެއް ގަނެފައި ބަހައްޓައެވެ. އޭނަ ހުންނަހިތްވަނީ އަބަދު މީރުވަސް ދުއްވާލައިގެންނެވެ. ދަބަހުގައި ރީތިވާ ސާމާނު އަބަދުހެން ގެންގުޅެއެވެ. މުސާރަ ލިބުނީމަ މަންމައަށް އެއްބައި ދީފައި ޚަރަދުކުރެވޭނީ މުޅިންވެސް އެފަދަ އެއްޗެއްސަށް ކަން ނޭގެއެވެ.

މިއަދު ލައިޝާ ކީވާ ގޮވައިގެން ސެލޫންއަށް އައީ ފޭޝަލް ހައްދަންވެގެންނޭ ކިޔާފައެވެ. ނަމަވެސް އެތަނަށްވަދެފައި އިސްތަށިގަނޑުގައި ރީތި ކުލައެއް ޖައްސާލާހިތްވީ ވަރުން ލައިޝާ އެކަމަށް ޚަރަދުކުރާކަށް ފަހެއްނުޖެހުނެވެ. ބައްޕަ ދެއްވާފައި ހުރި ލާރި ހުސްވާއިރަށް މުސާރަ ލިބޭނެއިރު ހާސްވާންވީ ކީއްވެ ހެއްޔެވެ؟ ލިބޭ ލާރިން އިސްރާފު ކުރަނީއެއް ނޫނެވެ. ޒީނަތްތެރިވުމަކީ އަންހެންކުދިން ކޮންމެހެން ކުރަން ޖެހޭނެކަމެކެވެ. ލައިޝާ ކީވާގެ ބޮލަށް އެރިގެން ކީވާގެ އިސްތަށިގަނޑުގައި މެރޫންކުލަ ޖެއްސުވިއެވެ. ލައިޝާ ހޮވީ ރަންކުލައިން ހައިލައިޓް ކުރުވާށެވެ. އެކަމުން ނިމިގެން މޫނުބަލާ ލޯގަނޑުން ސޫރަ ފެނުމާއިއެކު ލައިޝާ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. އެ ކުލަ އޭނަގެ މޫނާއި ހާދަ ގުޅެއެވެ. ހީވަނީ ޓޫރިސްޓްކުއްޖެއް ހެންނެވެ. ހާދަ ބަދަލުވެއްޖެއެވެ.

"ސަލްމާދައްތަ ގެއިން ބޭރަށް ނުލައިފިއްޔާ ވެދާނެ، ލައިޝާ ގެ ކަންތަކޭ.... މަ ލައްވާ މޮޔަކަންތައް ކުރުވަން ނިކަން މޮޅުވާނެ......" ކީވާހުރީ ކަންބޮޑުވެފައެވެ.

"މޫނު ބުރުގާ އަޅާނީ....." ލައިޝާ އެހެން ބުނީ މަޖަލަކަށެވެ.
"މްމް...ހޫމް ތިހެން ބުނީމަ އައިޑިއާއެއް ލިބުނީ، އަހަރެމެން ޝޯލް އަޅާނީ. މަންމަވެސް ބުނެއެއްނު ބުރުގާ އަޅަންވީ ނޫންހޭ، މިހާރު ފެޝަނަކަށް ހަދައިގެންވެސް ގިނަކުދިން އަޅާ، ކީއްވެ އަހަރެމެން ނާޅަންވީ. ބާކީހުރި ލާރިކޮޅުން ޝޯލް ގަންނާނީ....." ކީވާގެ ޚިޔާލު ލައިޝާއަށް އެހާ ކަމަކު ނުދިޔައެވެ. ނަމަވެސް އޭނަ ކީވާއާއި އެކީގައި "ސިލްކް" ކިޔާ ފޮތި ފިހާރަ އަކަށް ވަދެ ޝޯލްބަލަން ފެށިއެވެ. ތަފާތުކުލަކުލައިގެ ރީތި ޝޯލްތައް ފެނުމުން ލައިޝާގެ ހިތުގައި އެކަމުގެ ޝައުގުވެރިކަން އުފެދުނެވެ. ބޮލުގައި ކުލަ ޖެއްސުންވެގެން ދިޔައީ ކީވާ ބުރުގާއަޅަން ޖެހުނު ސަބަބަކަށް ވިނަމަވެސް އެއީ ދެކުދިން ކުރިއްސުރެން ވިސްނާފައި އޮތްކަމެކެވެ. ކުރިކަމެއް ފޮރުވަން އެޅުމުން ނިޔަތް ރަގަޅުނުވާނެތީ ނާޅަން ހުރެފައި ދެކުދިން ޝޯލްގަނެގެން ގެއަށްގޮސްފައި ޝޯލްއެޅިއެވެ. ޝޯލްއަޅަން ގަޑިއެއްހާއިރު ނެގިނަމަވެސް ފަހުން ރަގަޅުވާނެއެވެ. ދީނީގޮތުން ވާޖިބުކަމެއް ފުރިހަމަ ކުރެވުމުން ކީވާއަށް އިތުރު ހިތްހަމަޖެހުމެއް އިހުސާސް ކުރެވުނެވެ. އެކިގޮތްގޮތަށް ޝޯލް އަޅަން ކޮޓަރީގައި ތިބިއިރު ދެކުދިން ރީތިކަމުން ހީވަނީ އަރަބި މޮޑެލްކުދިން ހެންނެވެ. ބުރުގާ އިޝްތިހާރަކަށް އެހާ އެކަށީގެންވާ މޫނުތަކެއް ނުފެންނާނެއެވެ. އެންމެ ފަހުވަގުތު ލައިޝާ ނިންމީ އަދި ތަންކޮޅެއްފަހުން ޝޯލް އަޅަން ފެށުމަށެވެ.

ރޭގަނޑު ނިދަން އޮވެފައި ލައިޝާ ކުއްލިއަކަށް ހަޅޭއްލަވައިގެންފަ ތެދުވުނު އިރު އޭނަގެ މޫނުމަތިވަނީ ހުދުވެފައެވެ. ލައިޝާއަށް ވީގޮތްފެނި ހިތް ފިނިވެފައި އިން ކީވާ އެކި ސުވާލުތައް ކުރަންފެށިއެވެ.

"ހީވީ ނައިޓްމެއަރއެއް ފެނުނީހެން، އެހާ ހަނދާނެއްނެތް، އައި ސްކްރީމްޑް ދޯ........." ލައިޝާގެ ހިތް އޭރުވެސް ނިކަން ބާރަކަށް ތެޅެއެވެ. 

މިގޭގައި ދެނަމާދު ދޭތެރޭގައި ބަގަރާ ސޫރަތްނުޖަހާތީ ފާޑުފާޑުގެ ހުވަފެންތައް ފެންނަނީކަމަށް ކީވާ ނިންމިއެވެ. މާދަމާރެއިން ފެށިގެން އޭނަ ގަވާއިދުން ބަގަރާ ސޫރަތް ކިޔަވާނެއެވެ. ކީވާ އަށް އެރޭ ބާކީއޮތް ވަގުތުތަކުގައި ނިދުމުގެ ފޮނިކަން ހާސިލެއްނުވިއެވެ. ދެފަރާތަށް ފުރޮޅިފުރޮޅިއޮތްއިރު ވިސްނެމުންދިޔައީ ލައިޝާއަށް ފެނުނު ހުވަފެނާއި ދޭތެރޭގައެވެ. ދެރަގޮތެއްވާން އުޅެނީބާވައެވެ. ކޮންމެވެސް ކަމެއް ވާން އުޅެނީކަން ނޭގެއެވެ. ލައިޝާ ނިކަން ފަރުވާކުޑަވާނެއެވެ. މިގޭ ވަޅުކޮޓަރިއަށް ލައިޝާ ނުވަންނަކަން އެއީ ނަސީބެކެވެ. އެތަން ހުންނަނީ ކިހިނެއްކަމެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. ކުޑައިރުއްސުރެ އޭނައަށް ވަޅާއި ބެހޭގޮތުން ފާޑު ފާޑުގެ ހުވަފެންތައް ފެނެއެވެ. އޭނަ ވަޅުތެރެއަށް ލާތަނެވެ. ކުޑައިރުގެ ހާދިސާތައް ހިތަށް އަރުވާފައި ބައެއްފަހަރު އޭނަގެ ގައިން ހީބިހިހަލުވާލައެވެ. އޭނަ ކުޑައިރު ބަސްނާހަންޏާ އަދަބެއްގެ ގޮތުން ބައްޕަ އޭނަގެންގޮސް ވަޅަށްލާފައި ބަހައްޓައެވެ. ނަސީބަކުން އެ ވަޅުގައި ހުންނަނީ ކުޑަފެންކޮޅެކެވެ. ބައެއްފަހަރު ގިފިއްޔަށްލާފައި ތަޅުލާފައި އެތައް އިރެއްވާންދެން ބަހައްޓާނެއެވެ. އޭނަ ރޮއިރޮއި ހަލާކުވާއިރުވެސް މަންމަ އެހީވާކަށް ނާންނާނެއެވެ. ހިތްކުދިކުދިވެދާނެހެން ހީވާފަހަރު އާދެއެވެ. ތަހައްމަލުކުރަން ޖެހުނު އަނިޔާތަކު ގެ ސަބަބުން އޭނަގެ ޅައިރުގެ އުފާވެރިކަން ނިގުޅައިގަނެވުނުއިރު އޭނަގެ މައިންބަފައިންގެ ހިތަށް އެއްޗެކޭ ނޭރީ ކީއްވެބާވައެވެ. އޭނަދެކެ އެމީހުން އެއްވެސް ވަރަކަށް ލޯބިނުވީ ކީއްވެބާވައެވެ. އެހާވެސް ބަސްނާހާ ކުއްޖަކީހެއްޔެވެ؟

ހެނދުނު މޭޒުމަތި ތައްޔާރުކުރަން ކީވާ އަވަދިނެތި އުޅެނިކޮށް ސަލްމާ އެތަނަށް ވަނުމުން ކީވާ މަސައްކަތް ހުއްޓާލަން އުޅުނެވެ. އާއްމުކޮށް ސަލްމާ ތެދުވެ ސައިގެ ކަންތަކާއި އުޅެގަންނާނީ އަށެއްޖެހީމައެވެ. ސަލްމާއަށްވުރެ ކުރިން ބަދިގެއަށްވަދެ ކީވާ ސައި ތައްޔާރުކޮށް މެންދުރަށް ކައްކަންވެގެން ފިޔާއެއްޗެހި ކޮށާލާ ތައްޔާރު ކޮށްލައެވެ. އޭރުން މެންދުރު ގެއަށް އަންނަގޮތަށް ކައްކައިލެވޭނެއެވެ. ސަލްމާއަކަށް އަދިވެސް ކައްކައި ހަދަނީ ކީވާކަން ރޭކާނުލާނެއެވެ. ކީވާ ތުނި ސްކާފެއް އަޅައިގެން ހުރުމުން ސަލްމާ ސުވާލެއްކޮށްލަން އުޅެފައިވެސް އެކަން ފެނުނުކަމަކަށް ނެހެދިއެވެ.

"ކައިރާ ނުތެދުވާ ދުވަހަކީތަ؟ "ސަލްމާ އެންމެ ފުރަތަމަވެސް އުޅެގަތީ ހަމީދުއަށް ކާން ހަދާށެވެ. ސަލްމާ ހަމީދުއަށް ނާސްތާ ގެންދަނީ ތަބަކެއްގައެވެ. ބައްޕައަކަށް ރަނގަޅަށް ޚިދުމަތްކޮށްދޭ އަންހެންދަރިއެކެވެ. ދެރައީ ރުޅިގަދަ އަންހެނަކަށްވީމައެވެ. ކީވާ ހިތާހިތުން ސަލްމާއަށް ކުދި ކިޔާލާފައި އަމިއްލަ ނަފުސަށް އެއްޗެހި ގޮވިއެވެ. މީހުންނާއިމެދު ނުބައިކޮށް ވިސްނަން ޝައިތާނާ މަގުފަހިކުރާތީ ފޫހިވިއެވެ. އެގޮތަށް މީހުންނާއިމެދު ވިސްނާކަށް ކީވާ ބޭނުމެއްނޫނެވެ.

އެދުވަހު ލައިޝާ ފެނުމުން ޒުބްދާއާއި ނުހާ ހީވީ މޮޔަވިހެންނެވެ. ލައިޝާ ރީތިކަމުން އެސްފީނާޖެހިދާނެއޭ ކިޔައިގެން ދިމާކުރިވަރުން ލައިޝާ ލަދުގަންނަވަރުވިއެވެ. އެމެރިކަން މޮޑެލް އެޖެންސީއަކަށް ދާން ރަގަޅުވާނެއޭ ކިޔައިގެން އުޅުނެވެ. ކީވާ ޝޯލްއަޅައިގެން އައުމުން އެމީހުންނަކަށް އެކަން ފާހަގައެއް ނުކުރެވުނެވެ. ކީވާ ޝޯލްއަޅައިގެން ހުރިއިރު މާތްގޮތެއް ހުރެފައި މާ ރީތިކަމަށް ދައްކާއިރުވެސް އެކަމާއި ބެހޭގޮތުން އެއްޗެކޭ ނުބުނެއެވެ. ފޮރުވިފައިވާ ރީތިކަން ފެންނާނީ ކާކަށްހެއްޔެވެ؟

މެންދުރުކާން ސަލްމާގޮވުމުން ދެކުދިން ކާކޮޓަރިއަށް އައެވެ. މިއަދުވެސް މޭޒު ތައްޔާރުކުރީ ކީވާއެވެ. ސާފުތާހިރުކަމުގެ ހައްދެއްނެތްހާ އެތަން ރީއްޗެވެ. ސިންކު ދޮވެލާ ފްރިޖްވެސް އޮފް އަރުވާލާފައިވެއެވެ. ކީވާ ކޮންމެ މަސައްކަތެއްވެސް ކޮށްލަނީ ސަލްމާ ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅޭވަގުތު ބަލައިލާފައެވެ. ސަލްމާ ތައުރީފުކުރީ ލައިޝާއަށެވެ. ދިމާވިގޮތަކުން އެގަޑިއަށް ޒުބްދާވެސް އައެވެ. ބަތްތަށި އަޅައިގެން ޒުބްދާ ކާން އިށީދެލާފައި ލައިޝާ ގާތުގައި ވައިފައި ޕާސްވޯޑް ބުނެދިނެވެ. އެތައް ގިނަ އިނގިރޭސި އަކުރުތަކަކުން އަތުރާލާފައިވާ ދިގު ޕާސްވޯޑް އައިދަން ހަނދާންކުރަނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. އަޖައިބެއްކަހަލަ ފިރިހެންކުއްޖެކެވެ. ހިސާބަށް ވުރެ ހިތްއަލީކަން ނޭގެއެވެ. ލައިޝާ އެދިގެން ޒުބްދާ އޭނަގެ ފޯނުގައި އިން އައިދަން ގެ މެސެޖް ފޯވާޑްކޮށްލަދިނެވެ.

"އަދި އައިދަންގެ ފޮޓޯއެއްހާ މިންވަރުވެސް ކައިރާމެންނަކަށް ނުފެނޭދޯ...." ސަލްމާ ހިނިއައިސް ހަލާކުވެފައި އިނދެ ލައިޝާއަށް ބަލާލައިފިއެވެ. މިއަދު ސަލްމާގެ މޫޑު ނިކަން ރަގަޅު ދުވަހެކެވެ.

"ފޮޓޯދައްކާނެ ކަމެއްނެތް، އައިދަން ފެނުނީމަ ލައިޝްއަށް ސަޕްރައިޒެއް ލިބޭނެ، އެހެން ނޫނަސް ދެކުދިންގެ މިޒާޖު ހާދަ ގުޅެއޭ، އައިދަންވެސް އެހާ ލާނެތްވާނެ، އެހާ ހެޕީކޮށް އުޅޭނީ....." ޒުބްދާމެން ވާހަކަދައްކަމުން ދިޔައިރު މިއަދު ލައިޝާއަށްވެސް ފާހަގަކުރެވުނީ ކީވާ ބާކީކޮށްފައިވާ މިންވަރެވެ. އެއީ ހަމަ ކީވާ މަޑުން އިންނާތީހެއްޔެވެ؟ ނޫނީ މަންމަ އެއީ މަންމަގެ ދަރިއެއްނޫނޭ ސަލްމާ ގާތުގައި ބުނެފައިވަނީ ހެއްޔެވެ؟ އެކަމުން ވާނީ ކޮންކަމެއްހެއްޔެވެ؟ އައްޑޫމީހުންނަކީ މެހުމާންދާރީ އަދާކުރުމުގައި ކުރީގައި އުޅޭބަޔެއްގެ ގޮތުގައި އަޑުއަރާފައިވާބަޔެކެވެ. އެމީހުން ބިންމަތީގައި ނިދައިގެންވެސް މެހުމާނުން ބައިތިއްބާނީ ތަންމަތިތަކުގައެވެ. ކާންދޭނީ މީރުކޮށެވެ. މިގެއިން މިފަދަ ތަފާތެއް ފެންނަނީ ކީއްވެބާވައެވެ. ލައިޝާގެ މިޒާޖަށް މައިތިރިކަމެއް އައެވެ. އޭނަ ހެވިލާފައި އިނަސް ބަސްމަދުވިއެވެ. 

"ކައިރާ މަންމަ އާއި ދޮންބައްޕަ އިންޑިއާގައި ހަނީމޫން ހަދާފައި އައީމަ މިރަށަށް އަންނަން ޚާއްސަ ދައުވަތެއް ދޭނަން. އަހަރެމެން މިވަނީ މުހިއްމުކަމެއް ނިންމަން ތައްޔާރުކުރަމުން...." ސަލްމާ ޒުބްދާއަށް ބަލައިލަމުން ހީލީ މާނައިން ފުރިގެންވާގޮތަކަށެވެ. އެވަރުންވެސް ލައިޝާއަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. އޭނައަށް އަންގައިނުލައި އޭނަގެ ހަޔާތުގެ އެހާ މުހިއްމު ކަމެއް ނިންމަން އުޅޭއިރު އެހިތަށް ހިލަމެއް ނުވިއެވެ. އައިދަންގެ ހަޔާތުގެ ބައިވެރިޔަކަށް އޭނަ ހަދަން އެމީހުން ނިންމަމުންދާކަމެއް ލައިޝާއަށް އެވަރަށް ވާހަކަދެއްކިއިރު ނުވިސްނުނެވެ. އެކަން ފާހާގަކުރެވުނީ ކީވާއަށެވެ.

ކެއުން ނިންމާލާފައި ކޮޓަރިއަށްވަންގޮތަށް ލައިޝާވަނީ އެފްބީއަށެވެ. ލައިޝާގެ އެކުވެރިން ގިނަވެފައި އޭނަ ނެޓްބޭނުންކުރާލެއް ގިނަވާނެއެވެ. ކީވާ ނެޓަށް ވަންނަނީ ފުދޭވަރަކަށް މަދުންނެވެ. އެހެންނޫނަސް އެއީ ލައިޝާގެ ބައްޕަ ގެނެދެއްވާފައިވާ ލެޕެއްކަން ކީވާ ފަހަރެއްގައިވެސް ހަނދާންނައްތައެއް ނުލައެވެ.

ޒުލްމާ އިންޑިއާގައި ހުރެފައިވެސް ކޮންމެދުވަހަކު ދަރިންގެ ހާލުބަލައިލަން ގުޅައިލައެވެ. އާދައިގެމަތިން މިއަދުވެސް އެންމެ ކުރިން ވާހަކަދެއްކީ ކީވާ އާއިއެވެ. ލައިޝާއާއި ވާހަކަދައްކަމުންގޮސް މަންމަ ފެށިވާހަކައަކުން ލައިޝާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.

"ދަރިފުޅާ، މަންމަ ވަރަށް ބޮޑު ސިއްރެއް ބުނަން ބޭނުން، ކުރިން މަންމަ ހުރީ މި ސިއްރު ކަށްވަޅާއި ހަމަޔަށް ގެންދަން ނިންމައިގެން، ނަމަވެސް މިހާރު ވިސްނޭ އެއީ އެންމެ ރަގަޅުގޮތެއް ނޫންކަމާއި އެހެން ހަދައިފިއްޔާ ދަރިފުޅު ވަރަށް ގާތްމީހެއްގެ ލޯބިން މަހުރޫމްކުރެވިދާނެކަން، އަދި ހިޔެއްނުވޭ ވަގުތު ފާއިތުވީހެނެއް، ދަރިފުޅާ، މަންމަ އަށް މާފުކުރާތި، މަންމަ ބުނިކަމެއް ދަރިފުޅުކޮށްލައިފިއްޔާ ހުރިހާކަމެއް ހަމަޖެހިދާނެ، މަންމަ......." ޒުލްމާ ވާހަކަދައްކަން ހުއްޓާ ފޯނު ކެނޑުމުން ލައިޝާ ބިންމަތީގައި ދެފައި ތަޅާލާފައި ދުއްވައިގަތީ ފެންޑާއާއި ދިމާލަށެވެ. އިންޑިއާއިން އަންނަ ފޯނުގެ ސިގްނަލް ކެނޑުމަކީ އަލަށް ދިމާވާކަމެއްނޫނެވެ. މިއަދު ލައިޝާއަށް އެހާ މުހިއްމުވީ މަންމަ އެފެށި ވާހަކައަކުންނެވެ. މަންމަ މާފަށް އެދެންވީ ކޮންކަމަކާހެއްޔެވެ؟ އޭނަކުރަންވީ ކޮންކަމެއްހެއްޔެވެ؟ 

ކޮމެންޓް 0