ލައިޝާ ކަޔާންގެ ފައިގާ އެގޮތަށް ޖެހުމުން ގަތްލަދެއްގެ ބޮޑުކަމުން ލައިޝާ ބާރަކަށް ތުންފަތުގައި ދަތްއަޅާލައިގެން ނުރޯން މަސައްކަތްކުރިއެވެ. ކަޔާން ހައިރާންވެފައި ހުރެ ލައިޝާގެ އަތުގައި ހިފާ ތެދުކޮށްލަމުން ހިމާޔަތް ދޭފަދަ ގޮތަކަށް ގަޔާއި ކާރިކޮށްލަން އުޅުނެވެ. ނަމަވެސް މަންމަގެ ރުޅިވެރި ނަޒަރުގެ ސަބަބުން ކަންބޮޑުވެފައިހުރި ލައިޝާ ކަޔާންގެ އަތް ނައްޓުވާލާފައި ދާން ހިނގައިގަތެވެ.

"ލައިޝާ މަޑުކޮށްބަލަ......." ކަޔާން ޒުލްމާއާއި ދިމާލަށް ބަލާލާކަށްވެސް ބޭނުމެއް ނުވިއެވެ. ލައިޝާގެ ފިޔަވަޅުތައް އަވަސްވިއެވެ. ކަޔާން ފަހަތުން އަންނަކަން އެނގުމުން ވެސް ހުއްޓާލާކަށް އޭނަ ނޫޅުނެވެ. 
"ލައިޝާ......" ކަޔާން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އޭރު ޒުލްމާވެސް ހަރުކޮށް ހިނގާލާފައި އައިސް ގޭގެ ގޭޓާއި އަރާހަމަވިއެވެ.
"ލައިޝާ ލައިޝާއޭ ކިޔާފައި ގޮވާނެކަމެއް ނެތޭ، އެއީ މަގޭ ދަރިއޭ، މަގޭ ދަރި ހައްލާލައިގެން ކީއްކުރާނަމޭ ހިތާ ތިއައީ، ކަލޭމެން ކުރާކަމެއް ކުރަން އެހެން އަންހެނަކު ހޯދާ، މި މުއްސަދިކަމާއި މޮޅު ކަން ދައްކައިގެން އެކުއްޖާއަށް ވަސްވާސްދިންވަރު ފެނިއްޖެ، އެހެން އަންހެނަކު ނުފެނުނީތަ؟ މާ މާތްވެގެން އުޅޭއިރު އަންހެންކުއްޖަކު ގަދަކަމުން ފޭރިގެން އައިސް ގެއެއްގައި ގެންގުޅުމަކީ ގާނޫނީ ކުށެއްކަން ނޭގޭތަ؟ އަހަރެންގެ ދަރިފުޅާއި ދުރުން އުޅޭތި، ކަލޭމެން ސަކަރާތްޖަހަން ތިމާމެންނާއި އެއްފެންވަރުގެ މީހެއް ހޯދާ، އަދި އެކުއްޖާ ހައްލާލައިގެން ގެނެސް ކުރިކަމެއްވެސް މަށަކަށް ނޭގޭ، ހަނދާންކުރާތި، އިނގިލިކުރިވެސް ޖައްސާލައިގެން ނުވާނެ......." ޒުލްމާ ކަޔާންއާއި ދިމާލަށް އިނގިލި ދިއްކޮށްލާފައި އިންޒާރު ކުރުމުންވެސް ކަޔާން ގޭޓުގައި އަތް އަޅުވާލިގޮތަށް ބަލަން ހުރީ އެ އަންހެންމީހާ ކާކުކަން ނޭގިގެން ދަސްކުރާ ފަދަ ނަޒަރަކުންނެވެ.

"އަހަރެންގެ ފުރާނަ ދިޔުމުގެ ކުރިން ތިކުރަން އުޅޭކަންތައް ކާމިޔާބެއް ނުވާނެ......" ޒުލްމާ ހީވީ ދެންމެ ދެންމެ ކަޔާންގެ ގަޔަށް އަތްލަފާނެހެންނެވެ. އެހާ ކާރިއަށް ޖެހިލާފައި ވާހަކަދެއްކިއިރު އެ ދެލޮލުން ކަޔާންއަށް ފެނުނީ އެކަނި ނަފްރަތެވެ. ލޮލުން އަލިފާނުގެ ކަނިތައް ބުރާހެން ހީވިއެވެ. އެހާ ބޮޑަށް މީހެއްގެ ނަފްރަތު ކަޔާންއަށް އިހުސާސްކުރެވިފައެއް ނުވެއެވެ. ކަޔާން އެވަރުންވެސް ހުރި ފިޔަވަޅު މަތިން ގުޑައެއްނުލިއެވެ. ކަޔާން ރޭބަން އައިނެއް އަޅައިގެން ހުރީ އޭނަގެ ސިފަ ރަގަޅަށް ޒުލްމާއަށް އެވަގުތު އެނގެން އިރާދައިގާ ނެތީމައެވެ. އެހެންނޫންނަމަ އެ ދިގު އެސްފިޔަތަކުން ޒުލްމާއަށް މާޒީގެ ކޮންމެވެސް ސަފުހާއެއް ހަނދާންވީހެވެ. އަދި ހިތުގައިވާ ޖަޒުބާތުތައް މިއަށްވުރެ ވަރުގަދަވީހެވެ. ޒުލްމާ އިތުރަށް އެއްޗެކޭ ނުބުނެ މަގުން ދިޔަ ކާރެއް ހުއްޓުވައިގެން ކާރަށް އެރިއެވެ. ރަޢަދު ހިނިއައިސްފައި ހުރެ އެހުރިހާ މަންޒަރެއް ފޯނުގައި ރައްކާކުރިއެވެ.

ކެންޒިއާގައި ހަވީރު ހިނގި ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ސިހިފައި ހުރީ ވަރުޖިނާއެވެ. ރަޢަދު ހީހީފައި އެންމެނަށް އެ ވީޑިއޯ ދައްކަމުން އުޅުނަސް ވަރުޖިނާ އަކަށް މަޖާކަމަކަށް ނުވިއެވެ. މިދުވަސްކޮޅު ހީވަނީ ހިތާމަތަކާއި އުދަގޫތައް މަތިމައްޗަށް ތަހައްމަލް ކުރަން ޖެހިފައިވާހެންނެވެ. މިހާ ބޮޑު ގެއެއްގައި އަރާމާއި އިއްޒަތުގެ އިންތިހާގައި އުޅޭއިރުވެސް ބޭނުންވާ ރޫހާނީ އުފަލާއި ހިތްހަމަޖެހުމެއް ނުލިބެއެވެ. ފުރާނަ ފަދަ ލޯބިވާ ކުޑަދަރިފުޅު ކެންޒީ ކޯމާއަކަށް ދިޔުންވެގެން ދިޔައީ ބަދުނަސީބުގެ ފެށުންކަމުގައެވެ. އެ ދަރިފުޅުގެ އަމިއްލަ ބާރެއް ނެތްކަމާއި ނިކަމެތިކަން ފެންނަ ކޮންމެ ފަހަރަކު ވަރުޖިނާގެ ލޮލަށް ކަރުނަތައް ޖަމާވެގަނެއެވެ. މަޔަކަށް ކުރާނެ ހިތި އަސަރުތައް އެހެން މީހަކަށް އިހުސާސް ނުކުރެވޭނެކަން ވަރުޖިނާ ދަނެއެވެ. ހެއްދެވި ފަރާތަށް ދުޢާކުރުމުގައި ވަރުޖިނާ ވަރުބައްޔެއް ނުވެއެވެ. ނަމާދުކޮށްގެން އެތައް އިރެއްވާންދެން އޭނަ ދުޢާކުރުމުގައި ދެމިހުރެއެވެ. ދެން ހުރީ ކަޔާންއެވެ. ރުޅިގަދަކަމުން ކުޑައިރުއްސުރެ ކަޔާން ކޮންޓްރޯލް ކުރުން އޮތީ އުނދަގޫ ކަމަކަށް ވެފައެވެ. ރުޅިގަދަވާހިނދު ޝައިތާނާ އެ ދަރިފުޅުގެ ބޮލަށް ސަވާރުވެ ކޮންމެފަދަ ނުބަޔެއްވެސް ހައްދަފާނެއެވެ. ނަފްސާނީ މާހިރުންގެ ލަފާ ހޯދިޔަސް އަދިވެސް އެކަމަށް އެދެވޭ ހައްލެއް ނުލިބެއެވެ. ކަޔާން ކުޑައިރުއްސުރެ ވަރުޖިނާމެންނަށް ބަލަން އުދަގޫ ކުއްޖަކަށްވެފައިވެއެވެ. ދެންހުރީ ލޮލުގެ ނޫރުކަމުގައިވާ ފުރަތަމަ ދަރިފުޅު ޒިއާމްއެވެ. އޭނަގެ ކައިވެނީގެ ހަޔާތްވަނީ ހަމަނުޖެހުމެއް ގެތެރޭގައެވެ. ވަރުޖިނާގެ ހިތާމައަކީ އެހާވަރުން ބަލާބޮޑުކުރި ލޯބި ދަރިންކޮޅަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގައި ނުކުޅެދިފައިވާތީއެވެ.

ވަރުޖިނާ ކުދި ކަންތައްތަކުގައި އުޅުނުއިރު ތަބީއަތު އެހާ ރަގަޅެއް ނޫނެވެ. އަޒީޒުއްދީންއާއި އެކީގައި ފުރައިގެން ދެވުނުނަމަ ސިކުނޑި ތާޒާކޮށްލެވުނީސް ކަން ނޭގެއެވެ. ވަރުޖިނާ ރޭގަނޑު ކެއުމަށްފަހު ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ކަޔާން އުޅޭތަނެއް ބަލައިލަން ބޭނުންވިއެވެ. ހަވީރު ހިނގި ހާދިސާގެ ވާހަކަ ކަޔާންއާއި ހިއްސާކޮށްލަން ވަރުޖިނާ ބޭނުމެވެ. އެންމެން ރޭގަނޑު ކެއުމަށްފަހު އާދައިގެ މަތިން އެކީގައި ވަގުތުތައް ހޭދަކޮށްލައެވެ. މިރޭވެސް އެންމެން ބިލިއާޑް ކުޅެން އެއްވެފައި ތިބިއިރު ލަވާޒާ ކޮފީއާއި ޗޮކްލެޓް ތަބަކެއް އެތާ ހުރި މޭޒެއްގެ މަތީގައި ހުއްޓެވެ. ޒިއާމްގެ އަންހެނުން މާޔާ ލަވާޒާ ބޯންއިން އިރު އަނެއް އަތުގައިއޮތީ ވާހަކަ ފޮތެކެވެ. އެންމެނާއި ބައިވެރިވެލާން މާޔާ އަންނަނީ ނަމެއްގައެވެ. އަފްރީންއާއި އޭނަގެ ބޭބެ ވިޝާން މިރޭ އައުމުން އިތުރަށް ފޯރިގަދަވިއެވެ. އަފްރީން ނޫންކަމަށް ހަދައިގެން ކަޔާންއަށް ޖެއްސުންކޮށް ދިމާކުރާން ފެށީމަ ކަޔާން ފޫހިވާގޮތްވިއެވެ. ރައަދުއަތުން ވީޑިއޯ ބަލާފައިވެސް އަފްރީން ހޭންފެށިއެވެ. 

"ކެން ފޮނިވެގެން އުޅެނިކޮށް އެ އަންހެންމީހާ އެދިޔައީ ކެން ހަމަ ބިމަށް ތިރި ކުރުވާފައިދޯ، ގަޓް އެބަހުރި، އަންހެނަކު ކަޔާންގެ އީގޯ ކިލްކޮށްލީމަ މަށަށް މަޖާ މިވީ، ކެން ހަމަ ކިޔާނެ އެއްޗެއް ނޭގިފައި ހުރީދޯ، ކެންގެ ބޮލުގެ ތެރޭގައި އުޅޭ ޑީމަން ނޭރުނުކަން އެއީ އެމީހާގެ ނަސީބު، އެއީ ލައިޝާގެ މަންމަތަ؟ މޮޔައެއްތަ؟ އަހަންނަށް ހީވަނީ އެއީ އިނގުރައިދޫއިން ފިލައިގެން އުޅޭ މީހެއްހެން، ދޮންބެއަށް ސައިކޭޓްރީއާއި ބެހޭގޮތުން އެއްޗެއް އެނގޭތަ؟ ހިޔެއް ނުވޭތަ އެއީ ސައިކޯއެއްހެން؟ ލައިކް ކެން......" އަފްރީން ހީހީފައި ކިޔާލި އެއްޗަކުން ކަޔާން އައި ރުޅީގައި ބިލިއާޑް ދަނޑިގަނޑުން މޭޒުމަތީގައި ތަންކޮޅެއް ބާރަށް ޖެހިއެވެ. އެންމެން ނޭވާ ހިފަހައްޓާލިނަމަވެސް އަންހެންކުދިން ތިބީ ހެވިފައެވެ. ކަޔާންގެ ރީތިކަމާއި ފިރިހެންވަންތަކަން އިތުރުވަނީ އެ ރުޅިގަދަ ބައި ވުޖޫދަށް އައީމަކަން ނޭގެއެވެ. 

ކަޔާން އަތުން ގޯހެއް ހެދިދާނެތީ އެވަގުތު ބޭނުންވީ ސިކުނޑިއަށް ފިނިކޮށްލަން ބޭރަށް ނުކުތުމަށެވެ. އޭނަގޮސް ބެލްކަނީގައި އަތް އަޅުވާލިއިރު ވަރަށް ރީތިކޮށް މާލޭގެ އިމާރާތްތަކުގެ އަލި ފެނެއެވެ. ތިރިން ގަސްތައް ފެންނައިރު ހީވަނީ ގަސްތައް ސިއްރުތައް ބުނަމުންދާހެންނެވެ. އިރުކޮޅެއްފަހުން ހީވީ ރީތި ނަނާއެއް އަޅުވާހެންނެވެ. ކަޔާންގެ ޚިޔާލުތައް ގުޅުނީ ހިތުގެ މަލަކާ ކަމުގައިވާ ލައިޝާ އާއެވެ. އެ ޚިޔާލުތަކުން ހިތަށް ފޮނިކަމެއް ލިބި މޭގައި މަޑުމަޑުން އަތްކާއްތައިލެވުނެވެ. އޭނަގެ އެނދުގެ ހުސްކަން ފިލުވައިދޭން ލައިޝާއަންނަ ދުވަހަކަށް ހިތް ބޭނުންވިއެވެ. އަބަދު ގާތުގައި ހުންނާނެނަމައެވެ. ކަޔާން އެ ޚިޔާލުތަކުން ނުކުންނަން މަޖުބޫރުވީ އޭނަގެ މަންމަ ލަވާޒާ މަގެއް ހިފައިގެން އައިސް ކަޔާންގެ ގާތުގައި ހުއްޓުމުންނެވެ. ވަރުޖިނާ ވާހަކަފެށީ ދުރުންނެވެ. އެކި ވާހަކަތައް ދައްކަމުންގޮސް ލައިޝާގެ ވާހަކަ ފެށިއެވެ.

"ކެން، މަންމައަށް އެނގޭ މިއަދުގެ ހާދިސާގެ ސަބަބުން ކެން ވިސްނާވަރު، ލައިޝާގެ މަންމަ އެކިޔާލި އެއްޗަކާއިމެދު ކެން ވިސްނާނެކަމެއްނެތް، ޑެސްޓިނީގައި ވާކަމެއް އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެ، އެކަމެއް ލައިޝާގެ މީހަކަށްވެސް ނުހުއްޓުވޭނެ......" ވަރުޖިނާ ހުއްޓުނީ ކަޔާން އާއި ދާދި ގާތުގައެވެ. ކަޔާން ހިނިތުންވެލަމުން މަންމައާއި ދިމާލަށް ބަލަން ހުއްޓެވެ.

"ކެން، މަންމަ އަށް ހެވޭ ދަރިފުޅު ލައިޝާއާއި ގުޅުނަސް، ލައިޝާ ޖުއާންއަށް ދެރަގޮތެއް ހަދާފާނެއޭ މަންމަ ނުބުނާނަން، މައްސަލައަކީ ލައިޝާގެ މަންމަގެ އަލިފާން ކަހަލަ ރުޅި، މަންމަ ވަރަށް ފޫހިވި އެގޮތަށް ލައިޝާގެ ގައިގާ ތަޅައިގެން އުޅެގަތް ގޮތަކުން، ބޮޑު އަންހެންކުއްޖެއްގެ ގަޔަށް މަންމައަކުވެސް އެގޮތަށް އަތްލުމަކީ ރަގަޅުކަމެއް ނޫން، މިހާރު ލައިޝާ ހާސިލުކުރުން އޮތީ ކެންގެ އަތްމަތީގައި، ކެން ދޫނުކޮށް ހިފަހައްޓައިފިއްޔާ ލައިޝާގެ މަންމައަށް ވަކި ކުރެވޭނެކަމެއް އޮންނާނެތަ؟ ކެން ޖެހޭނީ ހިތްވަރުކުރަން...." ވަރުޖިނާގެ ވާހަކަތައް ހުރީ ލައިޝާ ހާސިލުކުރަން ހިތްވަރުދޭފަދަ ގޮތަކަށެވެ.

"ޑޯންޓް ވޮރީ މަމް، ހުރިހާކަމެއް ދާނީ ރަގަޅަށް...." ކަޔާން ގެ ހިތުގައިވި ހުރިހާ އެއްޗެއް އޭނަ ހާމަޔައެއް ނުކުރެއެވެ. ލައިޝާ އޭނަދެކެ ލޯބިވާވަރު އެނގެނީ ކަޔާންއަށެވެ. ލައިޝާ ހުރިހާ އެއްޗެއް ދޫކޮށްލާފައިވެސް އޭނަގެ ގާތަށް އަންނާނެއެވެ. ލައިޝާގެ ލޯބި ކަޔާންއަށް ޔަގީންކޮށްދޭން މިއީވެސް ފުރުސަތެކެވެ. ލޯބިވާކަމުގެ ހެއްކެއްގެ ގޮތުން ފަރުބަދަ ކަނޑާވާހަކަ އޭނަވަނީ އަޑުއަހާފައެވެ. 

ވަރުޖިނާގެ ހިތުގައިވަނީ މިހާރު ކޮންމެގޮތެއް ހަދާފައިވެސް ކަޔާން އާއި ލައިޝާ ގުޅުވުމެވެ. ޒުލްމާ އެއުޅެނީ ޒާތީ ހަސަދައެއް ފިލުވައިލަންކަން ވަރުޖިނާއަށް އެނގެއެވެ. އެއް ޒަމާނެއްގައި އެދެމީހުންގެ އޮތް ދުޝްމަންކަމެއްގެ ސަބަބުން ދަރިންގެ ލޯތްބަށް ހުރަސް އަޅާންޖެހޭނެ ހެއްޔެވެ؟ ކަޔާންއާއި ލައިޝާ ކައިވެނިކުރިޔަސް ޒުލްމާއަށް އެގެއަކުން ޖާގައެއް ނެތެވެ. އެ އާއިލާއާއި ގުޅި އެކުވެރިވުމުގެ އެއްވެސް ވިސްނުމެއް ވަރުޖިނާގެ ނެތެވެ. އެހެންނޫނަސް ޒުލްމާ ދުވަހަކުވެސް އޭނައަށް މާފު ނުކުރާނެކަމީ ވަރުޖިނާއަށް ޔަގީންވާ ކަމެކެވެ.

"މަންމަވެސް އެއް އިރެއްގައި އަފްރީންއާއި ދަރިފުޅު ގުޅުވަން މަސައްކަތްކުރިން، ނަމަވެސް ޒިއާގެ މައްސަލާގައި މިއެނގުނީ އެރެންޖް މެރިޖް އެހާ ވޯކް ނުކުރާނެކަން، މަންމައާއި ބައްޕަފަދައިން މިގޭތެރެއިންވެސް ރޯމިއޯ ޖޫލިއެޓް ފެންނަން މަންމަ ބޭނުމީ، އެހެންވާނީ ލަވް މެރިޖަކަށް ފުރުސަތު ދިނީމަ، މަންމަ އެ ޝަރުތު އުވާލައިފިން، އެކަމަކު މާދަން ލައިޝާ މެންދުރު ކެއުމަށް މިގެއަށް ގެންނަންވާނެ، ލައިޝާވެސް މިގޭ ކުއްޖެއް، ބޭނުން އިރަކު އައިސް ހަދާށޭ ބުނޭ....." ވަރުޖިނާ ގެ ވާހަކަތަކުން ކަޔާންގެ ހިތަށް ލިބުނީ ބުނަން ނޭގޭފަދަ ފިނިކަމެކެވެ.

"ތޭންކް ގޯޑް ތިހާ އަންޑަސްޓޭންޑިން މަންމައެއް ލިބުނުކަމަށްޓަކައި...." ކަޔާން މަންމަގެ ގައިގާ ކުޑަގޮތަކަށް ބައްދާލިއެވެ.

މަންމަ އެގޮތަށް އެންމެންގެ ތެރޭގައި އޭނަ ލަދުގަންނަވާލުން ހިތާހިތުން ކުށްވެރިކޮށް މަންމަދެކެ އިރުކޮޅަކަށް ރުޅިއާދެވުނެވެ. ބާރަކަށް ހީލާފައި ގެއަށް އާދެވުނުއިރު ލައިޝާގެ ވިސްނުން ހުރީ ބަދަލުވެފައެވެ. މަންމަގެ މިޒާޖުގެ ގޮތުން އެގޮތަށް ރުޅި ފިލުވައިލާނެކަން އެންމެ ބޮޑަށް ދަންނަން ޖެހޭނީ ލައިޝާއެވެ. ހިލޭ ބަޔެއްގެ ގާތަށް އެގޮތަށް ދާން މަންމަގެ ހުއްދަ ނޯންނާނެކަން އެނގިހުރެ އޭނަ މަންމައަށް އޮޅުވާލީއެވެ. އެލިބުނީ އެކަމުގެ ސަޒާއެވެ. މިފަދަ ކިތަންމެ އަނިޔާއެއް ލިބުނަސް އޭނަ ކަޔާންދެކެ ވާ ލޯބި ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ. ކަޔާން ހާސިލުކުރުމަށް އެހެން ގޮތްގޮތް ހުންނާނެއެވެ. ކަޔާން ގާތުގައި އޭނަ މަންމަގެ މިޒާޖު ކިޔައިދިނުމުން ކަޔާންއަށް ވިސްނޭނެއެވެ. އެހެންނޫނަސް މިފަދަ މައްސަލައެއް ޖެހުނީމަ އެކަމާއި ވިސްނައި ހިތާމަކުރުމުގެ މާނައަކީ ކޮބާހެއްޔެވެ؟ ދިރިއުޅުމަކީ އަޑިގުޑަންތަކުން ފުރިފައިވާ މަގެކެވެ. އަޑިގަޑުން އަރައިގަނެވޭކަން ޔަގީންކޮށް މަސައްކަތްކުރުމުން ނޫނީ ބޭނުންވާ މަންޒިލަކަށް ނުފޯރޭނެއެވެ.

ލައިޝާ ގެއަށް ދިޔަފަހުންވެސް މަންމަގެ ފަރާތުން އެތަކެއް ތަގުރީރެއް އަޑުއަހަން ޖެހުނެވެ. ލައިޝާ އިނީ ކެތްކޮށްލައިގެންނެވެ. މަންމައަކީ ބަލިމީހެއްކަން ދެނެގެން އޭނަ މަންމަގެ ހައްގުގައި ޗުއްޕުވެސް ބުނެނުލިއެވެ. އެހުރިހާކަމެއް ހަނދާން ނައްތާލާފައި އޭނަ ފާޚާނާއަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރާލައިގެން ނުކުތްއިރު ލައިޝާގެ ދޮންމޫނު ތާޒާވެ، އޭނަހުރީ އުފާވެރި މޫޑުގައެވެ. މަންމަ ސައި ތައްޔާރުކުރަން ހުއްޓާ ގޮސްފައި ކާން ހުރީ ކޯންޗެއްހޭ ކިޔައިގެން އާދައިގެ މަތިން ވާހަކަ ދައްކަން ފެށިއެވެ. ޒުލްމާ ދަރުފުޅުދެކެ އެންމެ ލޯބިވާ ސިފައަކީ އެއީއެވެ. ޒުލްމާ ކިތަންމެ އެއްޗެއް ކިޔަސް ޖެހިޔަސް ލައިޝާ އިރުކޮޅެއް ނުވަނީސް އޭނައާއި ވާހަކަދައްކަން ފަށާނެއެވެ. ރުޅިމޫނު ދައްކާލައިގެން ނުހުންނާނެއެވެ. ޒުލްމާގެ ހިތަށް ތަދުވީ އެހެންވީމައެވެ. ދަރިންގެ ގައިގާ ޖަހަނީ ލޯބިނުވާތީއެއް ނޫނެވެ. އަނިޔާކުރެވޭނީވެސް ގާތްމީހުންނަށެވެ.

ލައިޝާ އިންތިޒާރު ކުރީ އޮފީހަށް ދާނެ ގަޑިއަށެވެ. އޭނަ މުޅި ރޭނގަޑު ހޭދަކުރީ އަލިވިލޭނެ އިރަކަށެވެ. ދަންވަރު ތެދުވެ ބަލާލާއިރު އެއްކަލަ މީހާ މެސެޖްކޮށްފައި ހުއްޓާ ނުފެންނަ ވަގުތެއް ނާދެއެވެ. ލައިޝާ ކޮންމެ ފަހަރަކު ހައިރާންވެއެވެ. މިހާ ކުޅަދާނަ މީހަކީ ކާކުބާވައެވެ. އެއްވެސް މަސައްކަތެއްވެސް ނެތް މީހެއް ހެއްޔެވެ؟ ލައިޝާދެކެ މިހާ ލޯބިވާ މީހަކު ފިލައިގެން އުޅެންވީ ސަބަބެއް އޭނަގެ ވިސްނުމަކަށް ނާދެއެވެ. ފަތިހު ތެދުވެގެން އޭނަ އަވަސްވެގަތީ އޮފީހަށް ދާށެވެ. މެރޫންކުލައިގެ ހެދުމަކާއި ކަޅު ސްކިނީއެއް ލައިގެން އިސްތަށިގަނޑު މައްޗަށް އައްސާލައިގެން ދަބަސް ކޮނޑުގައި އަޅުވާލައިގެން އޭނަ އޮފީހަށް ދިޔުމުން އާފްރާމެން އޭނައާއި ވާހަކަދެއްކީ ހިތްހެޔޮކަމާއި އެކުގައެވެ.

ލައިޝާ ކެބިންގައި އިންދާ ކަޔާން ވަންތަން ފެނުމުން ލަދުގަންނަގޮތްވިއެވެ. ކަޔާންގެ ކުރިމައްޗަށް ދާން ޖެހިލުންވިއެވެ. ކަޔާން ހުންނާނީ ރުޅިއައިސްފައިބާވައެވެ. ގުޅާނުލީ ކީއްވެހެއްޔެވެ؟ ކަޔާންގެ މަންމަ ބުނި ޝަރުތު ލައިޝާ އުވާލީމަ ކަޔާން އަފްރީންއާއި ކައިވެނިކުރަން މަޖުބޫރުކޮށްފާނެ ހެއްޔެވެ؟ ލައިޝާއަށް ކަޔާން ގުޅާލާފައި އެތަނަށް އަންނަން ބުނީ އަމުރުވެރި ރާގެއްގައެވެ.

"ލައިޝާ ތިހިރީ ވަރަށް ކުށްވެރިވެފައި، އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ޕީއޭއަކަށް ދެން ލައިޝާ ބަހައްޓަން....." ކަޔާން ފާޑަކަށް ބުނެލީމަ ލައިޝާގެ މޫނު ހުދުވިއެވެ. އެހުރިހާ އިރެއްވާންދެން އޭނަގެ ތުންފަތްމަތީގައި ވި ހިނިތުންވުން ގެއްލިގެންދާން ސިކުންތުކޮޅެއްވެސް ނުނަގައެވެ. ދެލޮލުގައި ކަރުނަތިކިތައް ވިދާލައިފިއެވެ. ކަޔާން އެއްގޮތަކަށްވެސް ލައިޝާ އެހާ ފިނޑިވެދާނެކަމަކަށް ހިޔެއް ނުކުރެއެވެ. ކަޔާން ކޮށްލި ސަމާސާއަކުން ލައިޝާގެ ހިތަށް އަނިޔާއެއް ދެވުނުކަން އެނގުމުން ކަޔާން ކަންބޮޑުވެފައިވާ ގޮތަކަށް ހީލިއެވެ.

"އައި ވޯޒް ޖަސްޓް ކިޑިންއޭ ލައިޝާ، ތިހާ ހިތްބަލިކަށި ކުއްޖަކަށް މަގޭ ބްރޭވް ގާރލް ވީ ކޮންއިރަކުންތަ؟ ސަމާސާއެއް ކޮށްލެވޭކަށްވެސް ނޯންނާނެތަ ލައިޝާ.... " ކަޔާން މޭޒުމަތީގައި އުޅަބޮށި ޖައްސާލަމުން ދެއަތްތިލަ ގުޅުވާލައިގެން އިނދެ ލައިޝާގެ މޫނަށް ބަލަން އިނެވެ.

"ކަޔާން، އެންމެ ކަމެއްގައި ނޫނީ ތިހެން ރޮއްވާލާކަށް ނުކެރޭނެ، އެކަނި ކަޔާން ގެއްލިދާނެތީ ބިރުގަންނަނީ، މި ޖޮބުން ވަކިވެދާނެތީ، އެކަނި މުހިއްމުވަނީ ކަޔާންގެ ގާތުގައި އަބަދު ފެންނަ ހިސާބުގައި ހުރުން، މިނޫނަސް ދުނިޔޭގައި ބައިވަރު ވަޒީފާ އެބަތިބި، ޖޮބެއް ލިބިދާނެ، ނަމަވެސް މި ކޮމްޕެނީގައި ފުރަތަމަ ދުވަހުންފެށިގެން މަސައްކަތްކުރަން ބޭނުންވާ ސަބަބަކީ އެކަނި މިއީ، ކަޔާން އާއިއެކު ވޯކް ކުރެވޭތީ، ފިނޑިވަނީ އެކަނި ލޯބީގައި، އިއްޔެ ހިނގިކަންތަކުގެ ސަބަބުންވެސް ޑިސްކަރޭޖެއް ނުވަން، އެނގޭ މަންމަ އެގޮތަށް ރުޅިއަޔަސް ފަހުން ހުރިހާކަމެއް ރަގަޅުވެދާނެކަން، ދުވަހަކު އަހަރެން ދޫކޮށްނުލާތި ޕްލީޒް، ހެޔޮ ސާވެންޓެއްގެ ގޮތުގައިވެސް، އަބަދު ބޭނުންވަނީ ކޮންމެ ހާލެއްގައިވެސް ކަޔާންއާއިއެކީގައި އުޅެން........." ލައިޝާ ކަރުނައިގެ ތެރޭން ހިނިތުންވެލިއެވެ. އެ ރީތި ދެލޮލުގެ ވިދުމާއި އެ ލޮލުން ކަޔާންގެ ގާތުގައި ކިތަންމެ ވާހަކައެއް ލައިޝާ ދައްކައިފިއެވެ.

"އަހަންނަށް ހާދަ އިތުބާރެކޭ ތިކުރަނީ...." ކަޔާން އެއް ލޯ ކުޑަކޮށްލިއެވެ.
"ނުކުރާންވީތަ؟ " ލައިޝާ ދެލޯ ބޮޑުކޮށްލިއެވެ.
"އަހަންނަކަށް ނޭގޭ. އައިމް ނޮޓް ޕާފެކްޓް، ލައިޝާ ހީނުކުރާކަހަލަ މީހަކަށް އަހަރެން ވެއްޖެއްޔާ....." ކަޔާން މާނަވީގޮތަކަށް ބުނެލިއެވެ.
"އިންސާނަކު ފުރިހަމައެއް ނުވާނެ، ހުރިހާ އުނި ސިފަތަކާއި އެކުގައިވެސް ލޯބިވެވިދާނެ..... މިހިރީ އެކަން ކަޔާންއަށް ޕްރޫވްކޮށްދޭން، އެކަމަކު މިއަދު އަހާލަން ބޭނުން އެންމެ ވާހަކައެއް އޮތީ......" ލައިޝާ އެނގެން ބޭނުންވީ އެކަނި އަފްރީންއާއި ކަޔާންގެ އޮތް ގުޅުމެވެ. އަފްރީން އެހާވަރުން ކަޔާންގެ ފަހަތުން އުޅޭތީ އެގޮތް ބަލައިލަންވީއެވެ. އަފްރީން ކެންޒިއާއިން ފެންނާތީ ލައިޝާގެ ހިތުގައި އަފްރީންއާއިމެދު ކުޑަނަމަވެސް ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ.
"އަހަރެމެންގެ ގުޅުމެއް ދުވަހަކުވެސް އޮތްތަ؟ " އެވާހަކަ ފެށުމުން ކަޔާންގެ މޫނުމަތީގައިވާ ކުލަ ފަނޑުވެ ކުޑަކޮށް ބުމަ ގޮށްޖެހުނެވެ.
"ގުޅުމެއްނެތި ދަރިއެއް ނުލިބޭނެއްނު ކަޔާން، ވަން ނައިޓް ސްޓޭންޑްތަ؟ ނޫނީ......." ލައިޝާގެ ވާހަކަތަކުން ކަޔާން އިނީ ކެތްކޮށްލައިގެންނެވެ.
"އެހެން ހީކޮށްލާ، އަހަރެން ބޭނުމެއްނޫން އެ ވާހަކަދައްކަން...." ކަޔާން ސާފުކޮށް ބުނެދިނެވެ. ހަގީގަތުގައިވެސް އެ ވާހަކަ ދައްކަން ފެށުމާއިއެކު ބައެއްފަހަރު ކަޔާން އަންނަ ރުޅިއެއްގެ ސަބަބުން ކެތްނުކުރެވޭ ވަރުވެއެވެ. ލައިޝާގެ އަތުގައި އޭނަގެ ޖަޒުބާތުތަކާއި ކުޅެލާ ރިމޯޓެއްއޮތް ފަދައެވެ. އޮޅިގެންވެސް ނުބައި ބަޓްންއަކަށް ފިތިއްޖެއްޔާ ލައިޝާ ބޭނުން ނުވާ ނަތީޖާއެއް ފެނިދާނެއެވެ.

"ޕްލީޒް ކަޔާން، އެކަން އެނގެން ވަރަށް ބޭނުން...." ލައިޝާގެ އެ ޖުމްލައާއިއެކު ކަޔާން އަތުން މޭޒުމަތީގައި ޖަހައިލުމުން ލައިޝާ ސިހިގެންދިޔައެވެ.
"ލައިޝާ، ބުނެފީމެއްނު ހުއްޓާލާށޭ...އަޑެއް ނީވޭތަ؟" ކަޔާން އެހާގަދަޔަށް ރުޅިއައިކަން އެނގުމުން ލައިޝާ އިސްޖަހައިލީ މޮޅިވެރިކޮށެވެ. އެ މަންޒަރު ފެނުމުން ކަޔާންގެ ރުޅިފިނިވެ އެހެން އަސަރުތަކުގެ ތެރެއަށް ހިތް ގެނބިގެން ދިޔައެވެ. އޭނަގެ ސިކުނޑިއަށް ބާރު ނުފޯރުވެނީ ކީއްވެހެއްޔެވެ؟ ކަޔާން އިންތަނުން ތެދުވެގެންއައިސް ލައިޝާގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލާފައި އެކަމާ މާފަށް އެދުނެވެ. އެވާހަކަ ދައްކާނީ އޭނަ ހަމަޖެހިގެން ހުރި ގަޑިއެއްގައި ކަމަށާއި ކޮންމެވެސް ދުވަހަކުން ލައިޝާއަށް ހަގީގަތް ސާފުވާނެކަމަށް އޭނަ ބުނެލީ މަޑުމައިތިރި ކަމާއިއެކުގައެވެ. ލައިޝާ އިނީ އެއްޗެކޭ ކިޔަންވެސް ބިރުގެންފައެވެ. ކަޔާންގެ ދެ މީހަކު ވާހެން ހީވާފަހަރު އާދެއެވެ. ކުދި ކުދި ކަންތަކާއި މިހާ ގަދަޔަށް ރުޅިއަންނަ މީހަކު ކަމަކާއި ދިމާވެއްޖެއްޔާ މީހަކު މަރާލާކަށްވެސް ފަހެއް ނުޖެހޭނެކަން ގައިމެވެ. ކަޔާން ދެން ބުނީ މިއަދު މެންދުރު ކެއުމަށް ކެންޒިއާއަށް ދާން މަންމަ ދައުވަތު ދީފައިވާ ވާހަކައެވެ. ލައިޝާ މިއަދު އެގެއަށް ދާހިތް ނުވިޔަސް ދެކޮޅު ހަދާކަށް ނުކެރުނެވެ.

ކެންޒިއާގެ މެންދުރު ކެއުން ވަރަށް ފުރިހަމައެވެ. އެތައް ވައްތަރެއްގެ ސާމާނުން މޭޒުމަތި ފަޅުފިލުވާލާފައިވިއެވެ. ލައިޝާ އާދައިގެ މަތިން ބޮޑަށް ކާހިތްވީ ފޮނި އެއްޗެއްސެވެ. ހުރިހާ އެންމެން ކާން ތިބިއިރު މާޔާ އިނީ އާދައިގެ މަތިން ވާހަކަފޮތެއް ހިފާލައިގެންނެވެ. ވާހަކަކިޔަން މާ ވަރު ހުންނަ ކުއްޖަކީ ކަން ނޭގެއެވެ. ގިނަފަހަރު އޭނަ އިންނަނީ އަމިއްލަ ދުނިޔެއެއްގައެވެ. ކުޑަކޮށް ފޮނިގޮތެއް ހުންނަނީކަން ނޭގެއެވެ. އެހެންނޫނަސް ޒިއާމްއާއި މާޔާ ވާހަކަ ނުދައްކާކަންވެސް ލައިޝާ މިއަދު ފާހަގަކުރިއެވެ. ކޮންމެވެސް އެހެން ދެމީހެއްގެ ވާހަކައިގާ ބައިވެރިވެގެން ބުނެލާ އެއްޗެއް ނޫނީ މާޔާ ޒިއާމްއާއި ސީދާ ވާހަކަނުދައްކައެވެ. އެހެންވާނެތާއެވެ. ޒިއާމްއަކީ ކެހިވެރިއެކެވެ. ބޭވަފާތެރިއެކެވެ. 

"ދުނިޔޭގައި ބިޓްރެއިލްގެ ކަންތައް މިހާ ކުރީގައި އުޅެނީ ކީއްވެތަ؟، ޒިއާމްއާއި ރައަދުގެ ގުޅުން އެނގުނީމަ މާޔާ ދެރަވީކަމަށް ވާނީ، އަހަންނަށް އެފަދަ ކަމެއް ދިމާވެއްޖެއްޔާ މޮޔަވެދާނެކަން ނޭގޭ، މިހާރުވެސް މިއުޅެނީ ކަޔާން އާއި އަފްރީން އެއް ޒަމާނެއްގައި ގުޅުމެއް އޮތީމަ އެކަމާއިމެދުވެސް ކަންބޮޑުވާތީ، ސަބަބަކީ އެގޮތަށް ރިލޭޝަނެއް އޮތިއްޔާ ބައެއްފަހަރު ކޮންމެވެސް ޒަމާނެއްގައި އެ ފްލޭމް ވިލް ރިކިންޑްލް، އަހަންނަށް އަފްރީން ފެނުނީމަ ދެން ވަރަށް އުދަގޫވާނެ....." ލައިޝާ ގެ ޚިޔާލު އެކި ދިމާލަށް ދިޔައެވެ. އެންމެ ފަހުން ގެއްލިފައި އިނދެފައި ކަހަލަ ގޮތަކަށް ޒިއާމްގެ މޫނަށް ބަލަހައްޓައިގެން އިންދާ ޒިއާމްއާއި ލައިޝާގެ ހަތަރުކަޅި ހަމަވިއެވެ. ލައިޝާ ކުޑަކޮށް ރަކިވިއެވެ. ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރިހެންނެވެ. ޒިއާމް މިހާރު ވިސްނާނީ ނުބައިގޮތަކަށް ކަންނޭގެއެވެ.

ލައިޝާ އެހެން މީހުންގެ ދިރިއުޅުމަށް ޝައުގު އުފެދެން ފެށި ސަބަބަކާއިމެދު ވިސްނައިލެވުނެވެ. ޒިއާމް އާއި މާޔާގެ ގުޅުމާއިމެދު އޭނަ ކަންބޮޑުވާންޖެހޭ ހެއްޔެވެ؟ އެއީ އެމީހުންގެ އަމިއްލަ ކަމެކެވެ.

ޒިއާމް މޫނު ދޮވެލައިގެން ތުވާލިން ފެންހިއްކާލުމަށްފަހު ތުވާލި އެނދުމައްޗަށް އެއްލާލީ އޮޅުމަކުންނެވެ. އެއްގޮތަކަށްވެސް މާޔާ މާ ވަރަކުން ޕާޓީއަށް ދާން ތައްޔާރުކޮށްފައި އެނދުމަތީގައި ބާއްވާފައިވާ ހެދުމުގެ މައްޗަށް އެއްލައިލެވޭނެކަމަކަށް ނޫނެވެ. މާޔާ ޑްރެސިންޓޭބަލް ކާރީގައި އަތުގެ އިނގިލީގައި ކިއުޓެކްސް ޖައްސަން އިނދެލާފައި ލޮލުގެ ކޮޅުން އެމަންޒަރު ފެނުމުން ގަބޫލުނުކުރެވިފައި އިނދެފައި ބަލާލިއެވެ. އޭނަ ނިންމީ ޒިއާމް ގަސްތުގައި ކުރި ޖެއްސުމެއްކަމަށެވެ. އެދިޔަގޮތަށް ވޯކިން ކްލޮޒިޓަށް ވަދެފައި އޭނަގެ އެތައް ހެދުމެއް އަތަށްލައިގެން އައިގޮތަށް ޒިއާމްގެ ބޮލަށް ޖަހާލުމުން ޒިއާމް ސިހުނެވެ.

"އަހަރެން މަޑުން ހުންނާތީ ކުރާނެ ޖެއްސުމެއް ނުފެނުނީތަ؟ ހާދަ ރުޅިގަދަވެޔޭ، ޑެޑީމެންގެ އުފަލަށްޓަކައި އަހަރެން މި މެރިޖް ވޯކްއައުޓް ކުރާނެކަމުގެ އުއްމީދުގައި މަޑުން މިހުންނަނީ، ބަޓް.......އަހަރެން މޮޔަވާވަރުވޭ......ފޫހި ފިރިހެނެކޭ......." މާޔާ ހީވަނީ މޮޔަވެފައިވާ ކުއްޖެއްހެންނެވެ. ޒިއާމް އަކަށް އޭރުވެސް ވެގެން އުޅޭގޮތެއް ރޭކާނުލައެވެ. މާޔާ ރުޅިގަދަވެފައި ހުރެ އަމިއްލަ ހެދުންތައް ދަމަ ދަމާފައި ގެނެސް ކޮޓަރީގެ މާބްލް ތަޅުންމައްޗަށް އުކަނީއެވެ. މިފަދަ މޮޔަކަމެއް މާޔާގެ ފަރާތުން ފެނިދާނެ ކަމަށް ޒިއާމް ހިޔެއްނުކުރެއެވެ. މިވީހާތަނަށް މާޔާގެ ރުޅިގަދަ ބައި ވަނީ ފޮރުވާލެވިފައެވެ. އެހެންނޫނަސް އެދެމީހުންގެ ކައިވެންޏަށް އަހަރެއްވީއިރުވެސް އެދެމަފިރިން އުޅެފައިވަނީ ބީރައްޓެހިން ފަދައިންނެވެ. އެއްވުންތަކާއި ޕާޓީތަކަށް ދާއިރު ދެމަފިރިންގެ ގޮތުގައި ފެނިލަނީ އެކަނި ޕަބްލިކަށް އެމީހުންގެ ހަގީގީ ގުޅުން ވަންހަނާކޮށްފައި މަތި އޮމާންކޮށްލުމަށެވެ.

ޒިއާމް މާޔާއަށް ބަލަން ހުރީ ދަސްކުރާފަދަ ނަޒަރަކުންނެވެ. ހައިރާންވެފައެވެ. އަންހެންކުދިން ދަސްވާނީ ކިހިނެއްހެއްޔެވެ؟ އުމުރު ދުވަހުންވެސް ދަސްވާނެކަމެއް ނޭގެއެވެ. އޭނަ އެއްޗެކޭ ނުބުނެ ދާން ހިނގައިގަތީމަ މާޔާ ވަކިން ބޮޑަށް ރުޅިގަދަވިއެވެ.

"އަދި މާ ޗާމިން މީހަކަށް ވާންވެގެންތަ އަނގައިން ނުބުނެ ތިދަނީ، މާ މާތްވާން ވެގެންތަ؟ ހޭޓް ޔޫ...." މާޔާ ދަތްތަކަށް ބާރުލާފައި ބުނުމާއިއެކުގައި ޒިއާމްގެ ބޮލުގެ ފުއްކިބައިގާ ޖެހުނީ ފައިވާނަކުންކަން ނޭގެއެވެ. އެވަރުންވެސް ޒިއާމް ކެތްކުރިއެވެ. އެނބުރި ބަލައިލުމަކާއި ނުލައި ބޭރަށް ނުކުތްއިރު ޒިއާމްގެ ހިތުގައި މާޔާއާއި މެދު އޮތް ފޫހިކަން ވަކިން ބޮޑުވިއެވެ. އެއް ބޯޓެއްގައި ދަތުރުކުރާ މުސާފިރުންނަށް ވިޔަސް ދެމީހުންގެ މަންޒިލް ތަފާތެވެ. ޒިއާމް އާއި މާޔާއާއި ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް ލޯތްބެއް ނެތެވެ. ވީއިރު އެ ދިރިއުޅުމުން ދެމީހުންކުރެ އެކަކަށްވެސް ހާސިލުކުރެވުނު އުފަލެއް ނެތެވެ.

ލައިޝާ އޮފީސް ނިންމާލާފައި ގެއަށް އައުމުން ލިބުނީ ސަރޕްރައިޒެކެވެ. ކީވާ ލައިޝާއަށް ނާންގާ ގެއަށް އައިސްފައި އިންތަން ފެނުމުން ލައިޝާ އުފަލުން ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. ކީވާ ހީވަނީ އެތައް ދުވަހެއްވާންދެން ތަންމަތީގައި އޮވެފައި އައި ކުއްޖެއްހެންނެވެ. މޫނުމަތިން ވަރުބަލިކަމާއި ނުތަނަވަސްކަން ފެނެއެވެ. ދެލޮލުގައި ހުންނަ ވިދުން ފަނޑުވެފައިވެއެވެ. ހިތާމަކުރަމުންގޮސް ކީވާ ހަލާކުވެ ނިމިގެން ދަނީއެވެ. ލައިޝާ ދުވެފައިގޮސް ކީވާގެ އަތުގައި ހިފާލިއެވެ. އެއާއިއެކު ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. އޭނަ ހަޅޭއްލަވައިގެންފާ އަތް ދަމައިގަތުމުން ކީވާ ހުރީ ހޭން ނޭގިފައެވެ. 

"ވަޓް ހެޕެންޑް...." ކީވާ އިސް އޮބައިލިއެވެ.
"ކިވީ އަތް......ވައިބްރޭޓްވީ ކޮންތާކުންތަ؟ ބިރުން ހަލާކު ނުވީ ހަމަ ކިރިޔާ....." ލައިޝާ ދެލޯ ބޮޑުކޮށްލިއެވެ. ކީވާގެ އަތުކުރީގައި ދުޅަވެފައިވާ ތަންގަނޑެއް ހުރިތަން ފެނުމުން ލައިޝާ ސުވާލުކުރިއެވެ. ކީވާ އެ އޮޕަރޭޝަންގެ ކަންތައް އޮޅުން ފިލުވާދިނެވެ. ޑައިލިސިސް ހަދަންވެގެން އާޓްރީ އަކާއި ވެއިން އެއް ގުޅުވާފައި އެވަނީ ފިސްޓިއުލާއެއް ހަދާފައެވެ. އެކަމަކު އެންމެ މަދުވެގެންވެސް ތިންމަސް ފަހުން ނޫނީ ފިސްޓިއުލާ ބޭނުން ނުކުރެވޭނެތީ އަނެއް އަތުގައި ގްރާފްޓް ހަދައިގެން އިންޑިއާއިން ވަނީ ޑައިލިސިސް ހަދަން ފަށާފައެވެ. ޑައިލިސިސް ހެދިއިރު ވަރުބަލިވެ ހާސްވެގެންގޮސް ކީވާ ވަރަށް ރުޔެވެ. އޭނަގެ ކަރުނަތައް ފޮހެދޭނެ އެކަކުވެސް ނެތެވެ. ކީވާގެ ހިތްވަރު މުޅިން ބަލިވެ ކުރިއަށްވުރެ މާޔޫސްވެފައިވެއެވެ. އޭނަ ރަގަޅުވެދާނެކަމުގެ އެއްވެސް އުއްމީދެއް މިހާރު ނެތެވެ. ހިތާމައާއި މާޔޫސްކަން ސާލެއް ފަދައިން އޭނަ ވަށާލައިގެން ފިއްތަމުން ދަނީއެވެ. މަރުވެދާނެކަމުގެ ބިރު ތާއަބަދުހެން ކީވާގެ ސިކުނޑީގައި ސިގްނަލްދެނީއެވެ.

"ކިޑްނީ ޓްރާންސްޕްލާންޓް ހެދީމަ ޑައިލިސިސް އިން ސަލާމަތްވެ ކިވީ މުޅިން ރަގަޅުވެދާނެ، އެހެންވީމަ ބީ ސްޓްރޯންގް......" ލައިޝާ ކީވާއަށް ހިތްވަރު ދިނެވެ.
"ކިޑްނީ ދޭނީ ކާކުތަ؟ އެކަކުވެސް ދޭނެހެން ހިޔެއްނުވޭ..." ކީވާ ތުންފަތުގައި ދަތްއަޅާލިއެވެ.
"މަވެސް ދީފާނަން، ހަމަ ތެދެއް ކިވީ މާ ބޮޑަށް ހާސްވަނީ، ޗިއަރ އަޕް ކިވީ..." ލައިޝާ ކީވާގެ ކޯތާފަތުގައި ޖަހައިލިއެވެ. ލައިޝާ މަޖާވެލާފައި އުޅުނެއްކަމަކު ކީވާ އަބަދު އިންނަނީ ގެއްލިފައެވެ. ލައިޝާ ވާހަކަދައްކާއިރު ކުއްލިއަކަށް ސިހިފައި އެބުނި އެއްޗެއް އޮޅުން ފިލުވަން ސުވާލުކުރާފަހަރު އާދެއެވެ. އެކަމުންވެސް އެނގެނީ ކީވާ ގެއްލިފައި ހުންނަ ވަރެވެ. 

ސަލްމާ އެ މީހުން އުޅޭ ބަޔަށް އައިސްފަ ކީވާގެ ގާތުން ހާލު އަހާ ނުލިތާގައި ކީވާއާއި އަނގައިން ބުނާކަށްވެސް ނޫޅުނެވެ. ލައިޝާހުރީ ހިތްހަމަނުޖެހިފައެވެ. ކީވާ އެހާ ބަލިއިރު އައިދަން ގޮވާލަން ނައީވެސް ސަލްމާގެ ނުފޫޒު ގަދަކަމުންކަން ނޭގެއެވެ. އަފްރާޒުވެސް މިހާރު ފެނިލަނީ މަދުންނެވެ. ކުރިއަށް ވުރެ އޭނަ ފަލަވެ ހިނގަން އުދަގުލެވެ. މަދުފަހަރެއްގައި ލައިޝާ އާއި ދިމާވެގެން ގޮވާލިޔަސް އަފްރާޒު އަޑުއިވުނުކަމަކަށް ނަހަދާނެއެވެ.

ޖެހިގެން އައިދުވަހު ކީވާ ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ދިޔައެވެ. ކީވާ އެނދުގައި އޮށޯތްގޮތަށް މޮޅިވެރިގޮތަކަށް އޮތެވެ. އަތްފައި ހަރަކާތެއް ނުކޮށް ބުދެއްހެން އޮތީއެވެ. ޓީވީ ޖައްސާލާފައި ހުއްޓަސް އެއަކަށް އެންމެ ފަހަރުވެސް ނަޒަރު ހުއްޓައެއް ނުލިއެވެ. އެހެންއޮތްވާ އައިދަން ޒިޔާރަތްކުރުމުން ކީވާ އޮތީ ލަދުގެންފައެވެ. މިހާ ބަލިއިރު އޭނަ އެއްވެސް މީހަކަށް ފެންނާކަށް ބޭނުމެއްނޫނެވެ. އައިދަން ކުރި ސުވާލަކަށް ޖަވާބު ދިނުން ފިޔަވާ ހީލާކަށްވެސް ކީވާއަކަށް ނުކެރުނެވެ. އައިދަންއަށް އެތަނަށް ވަދެވުނީ އެހީތެރިއެއްގެ ހައިސިއްޔަތުން ބޯނެ އެއްޗެއް ހިފައިގެންނެވެ.

"ތެންކިއު...." ކީވާ މަޑުމަޑުން ބުނެލިއެވެ.
ކީވާ ބީރައްޓެހިކަމުން ގިނައިރުވަންދެން އެތާގައި ހުންނަން ނުކެރިގެން އައިދަން ބޭރަށް ނުކުތްތަނާހެން އެތަނަށް ވަނީ ކޯޓުލައިގެން ހުރި ޒުވާން ޑޮކްޓަރެކެވެ. އިސްކޮޅުން ދިގުވެފައި ސްމާޓްކަމުން އެތާ ތިބި ނަރުހުންގެ ހިތްވެސް އަވަސްވެލިއެވެ. އޭނަ ސީދާ އައީ ކީވާއާއި ދިމާލަށެވެ.

"ކިވީ، ޑޫ ޔޫ ރިމެމްބަރ މީ؟ އަހަންނަކީ ޑޮކްޓަރ ވިޝާން...." ވިޝާން އެނދުގެ ކާރީގައި ހުއްޓިލާފައި ވާހަކަފޮތެއް ދިއްކޮށްލިއެވެ. ކީވާ ކަނައަތުން އެ ފޮތުގައި ހިފިއެވެ. މި ޒުވާން ޑޮކްޓަރަކީ ކީވާ ކިޑްނީ ފެއިލްވެގެން އެޑްމިޓްކުރުމުގެ ތެރޭގައި އެއްފަހަރު ކީވާއާއި ވާހަކަދެއްކި ޒުވާނެކެވެ. ނަމަވެސް އެންމެ ދުވަހަކުއެވެ. އޭނަ ކީވާގެ މަތިން ހަނދާންހުރީ ކީއްވެހެއްޔެވެ؟ އެ ރީތި ސޫރަ ހަނދާން ނައްތާލެވޭނީ ކާކަށް ހެއްޔެވެ؟ ކީވާ ކުޑަކޮށް ހިނިތުންވެލަން މަސައްކަތްކުރަމުން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލައިފިއެވެ.

"ތިހާ ދެރަވެފައި އޮންނާކަށް ނުވާނެ، ލެޕެއް ގެނެސްދެންތަ؟ އޭޒް ޔޫ ނޯ ޑައިލިސިސް ހަދަން ހަތަރު ގަޑިއިރު ނަގާނެ، އެހެންވީމަ ތި އޭޖްގެ އެހެން ކުދިންވެސް ނެޓަށް ވަދެލާ ވާހަކަފޮތެއް ކިޔާލާހަދާ، ކީއްވެ ކީވާއަށް އެކަންތައް ނުވާންވީ؟ އޭރުން ބަލިވެސް ރަގަޅުވެދާނެ، ޝިފާ ދެއްވަނީ ޑޮކްޓަރުން ތްރޫކޮށް އެންމެ ފަރާތަކުންކަން ކީވާއަށް އެނގޭނެ، އެހެންވީމަ ދުޢާކޮށްފައި ޓްރަސްޓް އިން ގޯޑް، ކީވާގެ ބަލިވެސް ރަގަޅުވެދާނެ......ތިއީ ރީތިކުއްޖެއް، އެހާ ޔަންގް، އެހެންވީމަ އެހެން ބަލި މީހުންނަށް އިންސްޕްރޭޝަންއަކަށް ވާންވާނެ......" ވިޝާންގެ ވާހަކައިގައި އެހެރަ ގޮތަކުން ކީވާގެ މާޔޫސްވެފައިވާ ހިތަށް ކުޑަ ދިރުމެއް ލިބުނެވެ. އެ އަޑުގައި ހުރި ޖާދޫގައި ޖެހިފައި އެ މޫނަށް ބަލަން އޮތް ކީވާގެ ދެލޮލުގައި ފަނޑު ވިދުވަރެއް އުފެދުނެވެ. ވިޝާން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އެތަނަށް އެހެން ޒުވާނަކު ވަނުމުން ވިޝާން ބަލައިލީ އާދައިގެ ގޮތަކަށެވެ.

އައިދަންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. މިއީ ކާކުހެއްޔެވެ؟ 
"ކީވާ، މިހާރު ގޮސްލާނަން އިނގޭ، ވާހަކަ ކިޔާފައި އަހަންނަށް ޚުލާސާއެއް ކިޔައިދޭންވާނެ...." ދެކޯތާފަތަށް އެޅުނު އަޑިކޮޅާއިއެކު ފުރިހަމަ ހިނިތުންވުމެއް ހަދިޔާކޮށްލާފައި އެ ޒުވާނާ ދާން ހިނގައިގަތުމުން އައިދަން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނައަށް ކީވާގެ ހިތާއި ހަމަޔަށް ނުފޯރިގެން އުޅެނިކޮށް އެ ޒުވާނާ ކާމިޔާބު ކުރީހެއްޔެވެ؟ އެއީ އާދައިގެ މީހެއް ނޫންކަން މޫނަށް ބަލާފައިވެސް އެނގެއެވެ. އެހެންނޫނަސް ޑޮކްޓަރެކެވެ. އެފަދަ މީހަކާއި ވާދަކޮށްގެން ކުރިއަތުލެވިދާނެހެއްޔެވެ؟

ކޮމެންޓް 0