"އަހަރެން ބޭނުން މިތަނުން ދާން......." ލައިޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ސްޓޭ.......ޕްލީޒް..." ކަޔާން ހިތްދަތިގޮތަކަށް ވައަތުން ކަނައަތު އުޅަބޮށީގައި ހިފަހައްޓާލަމުން ކަނާތުން ބޮލުގައި ހިފެހެއްޓިގޮތުން އޭނަ ދެރަވީވަރު އެނގުނެވެ.
"ކީއްވެ އަހަރެން މަޑުކުރަންވީ؟ ކަޔާން ދެންމެ އުޅުނު ގޮތުން އަހަރެން ބިރުން ހަލާކުވި، ރުޅިގަދަވެގެންގޮސް ވާނުވާ ނޭގޭ ހިސާބަށް ދާއިރު ކަޔާންއަކަށް ނޭގޭ ހާޓް ކުރެވޭވަރު، އަހަރެންގެ ހިތަށް ލިބުނު ގެއްލުމާއިމެދު އެންމެ ފަހަރަކުވެސް ވިސްނައެއް ނުލާނެކަން އެނގޭ، މިހާރު ތިހެން އުޅެންޏާ ފަހުން ކަޔާން އަހަންނާއި ދޭތެރޭ ކަންތައް ކުރާނެގޮތެއް ނޭގޭ، ކަޔާން އަހަރެން ބޭނުންވަނީ ދުރަށް ދާން، ވީހާވެސް ދުރަކަށް ދާން........" ލައިޝާ ބޭނުންވީ ގަދަކޮށްލާށެވެ. ކިތަންމެ ވަރަށް ލޯބިވިޔަސް ކަޔާންގެ އެ ރުޅި މައިތިރިކުރަން އޭނަ އެގޮތަށް ވާހަކަ ދައްކަން ޖެހޭނެއެވެ. ނޫނީ މިއީ އެންމެ ރަގަޅުގޮތްބާވައެވެ. ކަޔާންއަށް ބޭނުންވަނީ ލޯބިހެއްޔެވެ؟ އޭނައަށް އެހެން ދިމާވީ ލިބުނު ލޯބި މަދުވީމަހެއްޔެވެ؟ 

ކަޔާން ބޮލުން އަތް ނައްޓާލާފައި ހިނގައިގަތީ ބެލްކަނީއާއި ދިމާލަށެވެ. ލައިޝާގެ ހިތަށް ފިނިވިއެވެ. ކަޔާން ބެލްކަނީން ފުންމާލަފާނެހެން ހީވެފައި ލައިޝާއަށް ދުވެފައި ކަހަލަ ގޮތަކަށްގޮސް ކަޔާންއާއި އަރާ ހަމަވިއިރު އޭނަ ރެއިލިންގައި އަތް ވިއްދާލައިގެން މާ ދުރަށް ބަލަން ހުއްޓެވެ.

"ކަޔާން....." ލައިޝާ ގޮވާލިއެވެ.
"އަހަރެން ނޫޅެމޭ މިތަނުން ފުންމާލާކަށް...." ލައިޝާގެ ހިތުގައި އޮތް އެއްޗެއް ކަޔާންއަށް ވިސްނުނީކަން ނޭގެއެވެ.
"ކާމް ޑައުން ކަޔާން، ކޮންކަމަކާ ތަ ތިހާ ރުޅިގަދަވަނީ؟ އެނގޭތަ އަހަރެން މިހެދުން ގަތީ އެކަނި ކަޔާންއަށް ޓަކައި ކަން، މިގެއަށް އަންނާން ވެގެންނޭ އެ ހެދުން ލީވެސް، ދުވަހަކު މޭކަޕްކުރީއެއް ނޫން، އެކަމަކު އަލަށް މޭކަޕްކޮށް މިހާ ގަދަޔަށް އަނދުން އެޅީ، އެކަމަކު......އެކަމަކު....ކަޔާން، ގަބޫލުކުރޭ، އަހަރެން ކަޔާން ބޭނުމިއްޔާ މޫނުބުރުގާވެސް އަޅާފާނަން، ކަޔާންގެ މީހަކަށް ވުމަށްފަހުގައި އަހަރެން މިހިރީ ބުނި ކޮންމެ ގޮތަކަށް ހަދަން، އެގޮތަށް ޝައްކުނުކޮށްބަލަ............." ލައިޝާ ލޮލުން ކަރުނަތިއްކެއް ފޮހެލިއެވެ.
"އައިމް ސޮރީ ބޭބީ، އަހަރެން ހާޓްކުރާކަށް ކުރިކަމެއް ނޫނޭ އެއީ، އަހަރެން ދުވަހަކުވެސް ލައިޝާއަށް އަނިޔާއެއް ނުކުރާނަން، ހެދުން ދަމައިގަނެވުނީތީ ވަރަށް ބޮޑަށް ސޮރީ، އަހަރެންނަށް ކެތްނުވީ، އައިދަންއާއި އެކީގައި ހިނގާލާފައި އައިތަން ފެނުނީމަ އަހަންނަށް އުދަގޫވީ ވަރުން، ހީކުރެވުނީ ލައިޝާ އެހާ ރީތިވީ އޭނައަށް ދައްކަން ވެގެން ކަމަށް، އެ ޚިޔާލު އަހަރެންގެ ސިކުނޑި މުޅިން އެފުށް މިފުށަށް ޖަހާލި، ޕްލީޒް ލައިޝާ، އަހަންނަށްޓަކައި އެވަރު ކުޑަކަމެއް ކޮށް ނުދެވޭނެތަ؟ އައިދަން އާއި ވާހަކަ ނުދައްކަފާނަންތަ؟ ޕްލީޒް.......އިޓްސް ކިލިން މީ....." ކަޔާން އާއި ލައިޝާގެ ހަތަރުކަޅި ހަމަވިއެވެ.
"އޯކޭ....." އިރުކޮޅަކަށް ކަޔާންގެ ލޮލަށް ބަލަން ހުރުމަށްފަހު ލައިޝާ އިސްޖަހައިލިއެވެ. އައިދަން ދެކެ ކަޔާން އެހާ ރުޅިއަންނާންވީ ކީއްވެހެއްޔެވެ؟ އެވަރަށް އޭނަ ބުނީމަވެސް ކަޔާން އެހެރީ ޝައްކެއްގެ މަތީގައެވެ. ނޫނީ ލައިޝާ އެހެން ފިރިހެނަކާއި ވާހަކަ ދައްކާތަން ދެކެން ކަޔާންއަށް ކެތްނުކުރެވެނީއެވެ. 
"ވަން މިނިޓް......" ކަޔާން ބޭރަށް ދިޔުމުން ލައިޝާ ފާޚާނާއަށް ވަދެފައި މޫނުދޮވެލާފައި ރީތިވެލިއެވެ. އެހެން ނޫނީ އެންމެންހެ ސުވާލު ކުރިމަތިވާނެއެވެ. ދިހަވަރަކަށް މިނިޓް ފަހުން އައީ ކަޔާންއައީ ކްރޮޕްޖެކެޓެއް ހިފައިގެންނެވެ. އެއީ ރަޢަދުގެ ހެދުމެއްކަމަށް ކަޔާން ބުނުމުން ލައިޝާ އެ ޖެކެޓް ލައިފިއެވެ. ކަޔާން އިރާލާފައި އޮތް ހެދުން ނަގާފައި އަލަމާރިތެރެއަށް ލީތަން ފެނުމުން ލައިޝާ އެއްޗެކޭ ނުބުނެ ބަލަން ހުރީއެވެ.
"ހިނގާ ސައިބޯން...." ކަޔާން މަސައްކަތްކުރީ ލައިޝާގެ މޫނަށް ނުބަލާށެވެ.

ކެންޒިއާގެ އެންމެންހެން ހަވީރު ސައިގާ ބައިވެރިވިއެވެ. ހަވީރަށް އެންމެން ރީތިވެލާ ނަލަހެދިލައިގެން ތިބިއިރު ކާކޮޓަރިތެރޭގައި ހިފާފައިވާ ލުއި މީރުވަހުން ހިތްފުރޭހާ ވެއެވެ. އެންމެން އަބަދު ރީތިވެލާ މީރުވަސް ދުއްވާލައިގެން ތިބުމަކީ ލައިޝާ އެންމެ ރުހޭ ސިފައެވެ. ވަރުޖިނާ ކަޔާންއާއި ވާހަކަދެއްކީ އެހެން ދުވަހަށްވުރެ ލޯބިންކަން ލައިޝާ ފާހަގަކުރިއެވެ. އަނެއްކާ ލޯބިންގޮސް ކަޔާން ހަލާކުކޮށްލާފައިވަނީ ހެއްޔެވެ؟ އެއީވެސް ބައެއް މައިންބަފައިން ނޭގުމުގެ ތެރޭގައި ކޮށްލާކަމެކެވެ. ވަރުޖިނާ ލައިޝާ ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. އޭނަ ޕެރިހުން ގަނެފައިވާ ހެދުންތަކެއް ދައްކާލުމަށެވެ. އޭގެ ތެރޭގައި ނައިޓީ އަދި އެތެރެއިން ލާ އެއްޗެހިވެސް ހުއްޓެވެ. އަގުބޮޑު ބްރޭންޑެޑް އެއްޗެހި ފެނުމުން ލައިޝާ ހުރީ އަތްލާންވެސް ނުކެރިފައެވެ. ވަރުޖިނާ ބުނީ މާޔާ، ރައަދު އަދި އަފްރީން އާއި ލައިޝާއަށް ގެނެސްފައިވާ އެއްޗެހި ކަމުގައެވެ. އަފްރީންގެ ނަން އިވުމުން ލައިޝާގެ ހިތަށް ނުބައި ގޮތެއް ވި ނަމަވެސް ލޮލުގައިވާ ވިދުވަރަކަށް ބަދަލެއް ނައެވެ. ލައިޝާ އެންމެ ހެދުމެއް ނެގި ނަމަވެސް ވަރުޖިނާ ދޫނުކޮށް ބޮޑު ކޮތަޅެއް ފުރެންދެން ހެދުން ދިނެވެ. 

ލައިޝާ ކަޔާން ނުފެނިގެން ހޯދަމުން ދިޔައިރު ކަޔާން ހުރީ ޓެރެސްގައި ސިގްރެޓެއް ބޯށެވެ. ލައިޝާ ފަހަތުން ގޮސް ކަޔާންގެ އަތާއި އެކީގައި ހިފުމުން ކަޔާން ސިހިފައި ލައިޝާގެ ނާޒުކް އަތް ނައްޓުވާލިއެވެ.
"ކަޔާން......ތިއީ ކޮންކަމެއްތަ؟ " ލައިޝާ ބޯ ހޫރާލިއެވެ.
"އަހަރެން ބުނީ ޓްރައި ކުރާނަމޭ، ބައެއްފަހަރު ސިގްރެޓް ތުނބުގައި ޖަހާލިޔަސް އަހަންނަށް ހިތްހަމަޖެހުން ލިބޭ......." ކަޔާން ލައިޝާގެ ފުށްގަނޑެއްފަދަ މަޑު އަތުގައި ހިފަހައްޓާލުމުން ހިތް ކުރިއަށް ވުރެ އަވަސްވެލިއެވެ.
"އެކަނި ސިގްރެޓުން ހިތްހަމަޖައްސާލަން ކެން އުޅޭތީ ވާހާ ކަންތަކޭ، ލައިޝްމެން ދީނީ ކުދިން ވީމަ ކެންމެން އުޅެން ޖެހޭނީ ތިގޮތަށް، ބަލާލައިގެން ނިންމާލާފައި ސިގްރެޓް ބޯންވާނީ...." ކުއްލިއަކަށް ވިޝާން އަންނަތަން ފެނިފައި ކަޔާން ލައިޝާގެ އަތުން ދޫކޮށްލައިފިއެވެ. ވިޝާން ބުނެލި އެއްޗެއް ލައިޝާއަށް ރަގަޅަށް ފަހުމްވިއެވެ. ލައިޝާގެ މޫނަށް ރަތްކުލަ ވެރިވެގެންދާން އިރުކޮޅެއްވެސް ނުނަގައެވެ. ކަޔާންވެސް ވިޝާންއާއި ދިމާލަށް ބަލައިލީ ކުޑަކޮށް ހިނިއައިސްފައި ހުރެއެވެ.

"ލައިޝާ އެކަނިތަ؟ އަހަންނަކީވެސް ވިޝާންހެން އަންހެނުން ފަހަތުން ދުވާ މީހެއް ނޫނޭ......." ކަޔާން ރެއިލިންގައި ބުރަކަށި ޖައްސާލައިގެން ހުއްޓިލައިގެން ހުރިއިރު ޖެހެމުންދާ ވައިރޯޅިތައް އެ ރީތި ފަން އިސްތަށިގަނޑާއި ކުޅެމުންދިޔައެވެ. ލުއި ވައިރޯޅިތައް ސިއްރުން އެކުރާ ސަމާސާތައް ފޮރުވާނުލެވޭހާ އިސްތަށިގަނޑު ފަންވެފައި ވަރުގަދައެވެ.

"އަހަންނަށް އެނގޭ ޓެސްޓޮސްޓެރޯން އިންޖެކްޝަނެއް ޖަހައިގެންކަން ރަގަޅުވާނީ، އަހަރެމެން ކިހާ ބަސްއަހާ، ބައްޕަ ބުނުއްވީމަ ތިކަހަލަ އެއްޗެއްގައި އަތްނުލަން، ފޮބިޑްން އެއްޗެއްސަކާއި އަހަރެމެން ކާރިއެއް ނުވާނަން....." ވިޝާން ލައިޝާއާއި ދިމާލަށް ބަލާލީ ލާނެތްގޮތަކަށެވެ.
"އެކަމެއް ނޭގޭ، ނޭގޭ ކިތައް ޕޭޝަންޓުންނާއި ކަން ފްލާޓް ކުރަނީ....." ކަޔާންގެ ޖުމްލައިން ވިޝާންއަށް އެއްޗެއް ވިސްނުނެވެ. ލައިޝާ އޮންނާނީ އެވާހަކަ ކަޔާން ގާތުގައި ބުނެފައެވެ.
"ލައިޝް ހުރިހާ ރިޕޯޓެއް ކިޔާދެނީތަ؟ އަހަންނާއި ކީވާ ރައްޓެހިވީމަ ލައިޝް ހުންނަނީ ވަރަކަށް ރުޅިއައިސްފައޭ..... " ވިޝާން ލައިޝާއަށް ބަލާލިއެވެ.
"ނޫން، އިޓްސް ނަން އޮފް މައި ބިޒިނަސް...." ލައިޝާ ރުޅިއަންނަ ގޮތްވިއެވެ. ވިޝާންގެ ހަގީގަތުގައިވެސް ފޮނިގޮތެއް އެބަހުއްޓެވެ. ރީތިކަމާއި ސްމާޓްކަމުން ތިމާ ފެންވަރުގެ މީހަކު ދުނިޔޭގައި ނެތީކަމަށް ހީކުރަނީހެއްޔެވެ؟ އެހެންނޫނަސް ވިޝާންއާއި ރަޢަދު ގަސްތަކުގެ ތެރެއިން ފެނުނު ފަހުން ވިޝާންގެ ގަދަރުވަނީ ގެއްލިފައެވެ. ރައަދުއަށް އެންމެ ސޯޅަ އަހަރެވެ. އޭނަ ބެލޭނީ ކުޑަކުއްޖެއްގެ ގޮތުގައެވެ. ހަފޫޓްގެ އިސްކޮޅު ލާފައިތިބޭ ބޮޑެތި ފިރިހެނުން ކުޑަކުދިން ވާ ވައްދަން ޖެހޭކަމަކަށް ލައިޝާ ގަބޫލެއްނުކުރެއެވެ.

"އިޓް އިޒް...." ވިޝާން ހީވަނީ ލައިޝާ ރުޅިއަރުވަން މަސައްކަތްކުރާހެންނެވެ.
ލައިޝާ ޖަދަލުކުރާކަށް ނޫޅުނެވެ. އެހެންނޫނަސް ވިޝާންއަކީ ކަޔާންގެ އެންމެ ގާތް އެކުވެރިޔާއަށް ވާހިނދު އޭނަ އިހުތިރާމްކުރަން ޖެހޭނެއެވެ. ވިސްނާނުލައި އެފަދަ އެއްޗެއް ބުނެވުނީތީ އޭނަ ހިތާމަކުރިއެވެ. އައިދަން ބުނިހެން ކީވާފަދަ ބަލިކުއްޖަކަށް އުފަލާއި ހަމަޖެހުން ބޭނުންވެއެވެ. ކީވާ ވިޝާންއާއި ރުހޭކަމަށް ވަންޏާ އޭނަ އެދޭތެރެއަށް ވަނުމަކީ އިންސާފެއް ނޫނެވެ. ކީވާއަކީ ކުޑަކުއްޖެއް ނޫނެވެ. އެހެންނޫނަސް ކޮންމެ އިންސާނެއްގެ ބަލިކަށި ކަމެއް ވެއެވެ. ވިޝާންގެ ބަލިފަޔަކީ އަންހެންކުދިންނެވެ. އެގޮތަށް މީހުން ކަޔާންދެކެ ރުޅިއަންނާނެ ސިފައެއް ކަޔާންގެ ވެއެވެ. ރުޅިގަދަކަމެވެ. އެސިފަ ފެނިއްޖެއްޔާ ކީވާވެސް އޭނައާއި ކަޔާންގެ ގުޅުމަށް އެއްބަހެއް ނުވާނެއެވެ.

ލައިޝާ ހިނިތުންވެލިއެވެ.
"ލައްބަ ޑޮކްޓަރ ވިޝާން، ޝީޒް މައި ސިސް، އެހެންވީމަ ނަން އޮފް މައި ބިޒިނަސް އޭ ބުނީ ސަމާސާއަކަށް، ކީވާގެ ކޮންމެ ކަމަކާއި ކެއަރ ކުރެވޭނެ، އެކަމަކު ހިތަށް އަރަނީ އާރ ޔޫ ގައިސް ސީރިޔަސް؟ " ލައިޝާ އަހާލީ މައުސޫމް ހިނިތުންވުމަކާއި އެކުގައެވެ.
"ސީރިޔަސްވާންވީ އެހާ އަވަހަށްތަ؟ ރިލޭޝަންޝިޕަށްވެސް ވަގުތު ބޭނުންވާނެ، ސްޓެޕް ބައި ސްޓެޕް ދާނީ، ލައިޝް، ފުންމައިގެން އެންމެ މައްޗަކަށް ނޭރޭނެ ދޯ، އެއީ ރަގަޅުގޮތަކަށް ނުވާނެ....." ވިޝާންގެ ވާހަކައިން ހީވަނީ ކީވާދެކެ ލޯބިވާ ޒުވާނެއް ހެންނެވެ. ވަގުތު ދާ ވަރަކަށް އެކަން އެނގެމުން ޔަގީންވަމުން ދާނެއެވެ. ލައިޝާގެ ހިތަށް އުނދަގޫ ގޮތެއްވިއެވެ. ވިޝާންދެކެ ކީވާ ލޯބިވަންޏާ އައިދަންގެ ހިތަށް ވާނީ ކިހިނެއް ހެއްޔެވެ؟ އައިދަން ހާދަ ދެރަވާނެއެވެ. އައިދަންފަދަ ރަގަޅު ޒުވާނެއްގެ ހިތް ޒަޚަމްވާ ތަން ދެކެން ލައިޝާ ނޭދެއެވެ. ހިތް ބޭނުންނުވިޔަސް ތަގުދީރުގައިވާ ގޮތެއް އޭނައަށް ބަދަލެއް ނުކުރެވޭނެ އެވެ. ލޯބިވާ މީހާ ނުލިބި ދުނިޔެއިން ނެތިގެން ދާ ކިތައް ބަދުނަސީބު އިންސާނުން ދުނިޔޭގައި ލައްވާފައި ވޭ ހެއްޔެވެ؟

ލައިޝާ އެދުވަހު ގެއަށް އައިގޮތަށް އަނެއްކާ ވިސްނީ އިތުރު ފައިސާ ހޯދާނެ ގޮތަކާއިމެދުގައެވެ. އެހެން އުޅެނިކޮށް އާފްރާ ބުނީ އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ އާދައިގެ ކެފޭއެއް ހިންގާ ކަމަށާއި އެތަނުން ލައިޝާއަށް ރޭގަނޑު ކޭޝިއަރެއްގެ ވަޒީފާ ހޯދަދީފާނެކަމުގައެވެ. ލައިޝާ ހުރީ އެފަދަ ކަމަކަށް ބޭނުންވެފައިކަމުން އާފްރާގެ އެ ހުށަހެޅުން ވަގުތުން ގަބޫލުކުރިއެވެ. އައްޑޫގައިވެސް އޭނަވަނީ އެފަދަ މަގާމެއް ފުރާފައެވެ. ވީމަ ރޭގަނޑު އެކަނިގޮސްގެން ދެހާސް ރުފިޔާ ލިބޭކަމަށް ވަންޏާ އެއީވެސް ބޮޑު އެއްޗެކެވެ. ލައިޝާ އެ ކެފޭއަށް ގޮސްފައި އެ ތަން ފެނުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއީ ކުޑަ ތަނަކަށްވެފައި ކަޔާންމެން ފަދަ މުއްސަދިން ވަންނާނެ ތަނެއް ނޫނެވެ. ކަޔާންއަށް އެނގިއްޖެއްޔާ ލައިޝާ ކުށްވެރިކުރާނެއެވެ. ފައިސާ ހޯދަން ކަޔާންގެ ގާތުގައި ނުބުނެގެން މައްސަލަ ޖައްސާނެއެވެ.

ފުރަތަމަ އެ ކުޑަ ރެސްޓޯރެންޓްގައި މަސައްކަތްކުރި ރޭގައި ލައިޝާއަށް ފާހަގަކުރެވުނީ ތަނުގެ ޚިދުމަތް ރަގަޅުކަމާއި ކަސްޓަމަރުން ވަންނަ ލެއް ގިނަކަމެވެ. އައްޑޫ ފަދައިން މީހަކު ނުވެފައި އެންމެ ވަގުތުކޮޅަކަށްވެސް ނެތެވެ. އެންމެ މޭޒެއްވެސް ހުހަކަށް ނެތެވެ. ބައެއްފަހަރު ވެއިޓަރުން މާ އަވަދިނެތި އުޅޭތީ ލައިޝާ އެހީވާން ދަނީ ހިތުން ރުހުމުންނެވެ. މުއްސަދި ލޯބިވެރިޔަކު ހުއްޓަސް ލައިޝާގެ ހިތް ބަދަލެއްނުވެއެވެ.

ލައިޝާގެ ފޯނު ރިންގުވާން ފެށުމުން ލައިޝާ ފުރަތަމަ ހީކުރީ ކަޔާން ކަމަށެވެ. އަޖައިބުވަނީ އެހެން މީހުންގެ ލޯބިވެރިން ހަދާގޮތަށް ކަޔާން ހަތަރު ދަމު ފޯނުގައި ހުންނާން ބޭނުން ނުވާތީއެވެ. ކަޔާން އޭނަދެކެ ލޯބިނުވަނީ ހެއްޔެވެ؟ ލޯބީގެ ވާހަކަތައް ނުދައްކަނީ ކީއްވެހެއްޔެވެ؟ އެހެން ކުދިންނަށް އެނގޭނެނަމަ ބުނާނީ އޭނަގެ ހުންނަނީ އަންރޮމެންޓިކް ބައިވެރިޔެއްކަމަށެވެ. ލައިޝާ ފޯނުގެ ސްކްރީނަށް ބަލާލިއިރު އެއީ ކީވާއެވެ.

"ލައިޝް، ވަރަށް ދެރަކަމެއްވެއްޖެ، ލައިޝްގެ ލެޕް ވެއްޓި ސްކްރީން ތަޅައިގެން ގޮސްފި.....އައިމް ސޮރީ، އައިމް ސޯ ސޮރީ....." ކީވާ ހީވަނީ ރޮއިގެންފާނެހެންނެވެ.
"އިޓްސް އޯކޭ.....މައްސަލައެއް ނޫނޭ، އަހަރެން މިއީ އެހާ ލެޕް ޔޫޒްކުރާ މީހެއްވެސް ނޫނެއްނު...." ލައިޝާ ހަމަޖެހެން މަސައްކަތްކުރިއެވެ. އެދިނީ ހަގީގަތުގައި ލައިޝާއަށް ހިތާމަވެރި ޚަބަރެކެވެ. އޭނަވެސް ނެޓަށް ވަންނާން ބޭނުމެވެ. ޚާއްސަކޮށް މި ދުވަސްކޮޅު ކަޔާންގެ ބައްޔާއި ބެހޭގޮތުން ގިނަ ކަންތައް އެނގި އޭނައާއި ޑީލް ކުރާނެގޮތް ދަސްކުރާން ލައިޝާ ބޭނުންވެފައިވާ ދުވަސްކޮޅެކެވެ.
"ލައިޝް، އެވެސް އަހަރެންގެ ސުންޕާކަން، އަހަރެން މި ދުވަސްކޮޅު ބޭނުން ޗެޓްކޮށްލަންވެސް، އެކަމަކު....." ކީވާގެ ވާހަކަ ހުރިގޮތުން ލައިޝާ ހައިރާންވިއެވެ.
"ޕްލީޒް ޕްލީޒް ކިވީ ކިތައްފަހަރު ބުނާނީ ތިގޮތަށް ވާހަކަ ނުދައްކާށޭ، ތިއީ ސުންޕާ ކުއްޖެއް ނޫން، ކިވީ އަމިއްލައަށް ތިހެން ނުކިޔަބަ، އޭރުން ކިވީހާ ނަސީބު ރަގަޅު ކުއްޖެއް ދުނިޔޭގައި ނުހުންނާނެ، ކިވީ ރިލެކްސް، އަދިވެސް ލެޕެއް ލިބިދާނެ، އެކަމާއި ހާސްނުވޭ، ސެކަންޑް ހޭންޑް އެއްޗެއް ދަރަންޏަކަށްވެސް ހޯދިދާނެ، ތަންކޮޅެއް ބިޒީވެއްޖެ އިނގޭ ބާއްވަނީ......" ލައިޝާ ފޯނު ބޭއްވިއެވެ. އޭނަ މިތާގައި މަސައްކަތް ކުރާކަން މަންމަމެންނަކަށް ވެސް ރޭކާ ނުލާނެއެވެ. އެކަން ދަންނާނީ އެކަނި އާފްރާއާއި އެތަނަށް އަންނަ މީހުންނެވެ.

ކީވާ ޑައިލިސިސް ހަދަން ގެންދިޔައީ ޒުލްމާއެވެ. އައިދަން އޮފީހުގައި އުޅެފައި މިހާރު ގެއަށް ނާންނަތާ ހޮސްޕިޓަލަށްވެސް ނުދަނީ އޭނަގެ މަންމަގެ ހުއްދަ ނެތީމައެވެ. މަންމައަށް އެކަން އެނގިގެން އައިދަންއަށް ގަދަޔަށް އަމުރުކޮށްފައިވަނީ ކީވާއާއި އެއްވެސް ގުޅުމެއް ނުބޭއްވުމަށެވެ. ކީވާ ޑައިލިސިސް ހަދަން ފެށިތަނާ ގަދަޔަށް ހުންއައިސް ހީކަރުވަން ފެށުމުން ވަގުތުން އެކަން ހުއްޓާލާފައި ނަރުސްކުއްޖާ ކީވާގެ ގައިމަތީގައި ބޮޑު ރަޖާގަނޑެއް އަޅާލައިފިއެވެ.

"އަހަރެން ބިރުގަނޭ....." ކީވާ ކުރުގެޅިލައިގެން ދެލޯ މަރާލައިގެން އޮތްއިރު ބޯ އެސްފިޔަތަކުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. ޑައިލިސިސް ހަދާއިރު މިގޮތަށް އިތުރު މައްސަލަ ޖެހި މީހާ މަރުވެދާނެއޭ ބުނާތީ އޭނަ ބިރުގަންނަނީއެވެ. އޭނަ ގެ އުމުރު އެހާ ދިގުވާނެކަމެއް ނޭގެއެވެ. އޭނައަކީ ކުޑަދުވަސްކޮޅެއްގެ މެހުމާނެކެވެ. ބަޔަށް ހުށަހެޅިފައިވާ އުއްބައްތިއެއްގައިވާ ހުޅުކޮޅެކެވެ. އުއްމީދެއްނެތް ޚިޔާލެއްގައި އޮތްވާ ފިނިއަތަކުން އަތުގައި ހިފާލުމުން ކީވާ ދެލޯ ހުޅުވާލިއިރު ވިޝާން ހުރިތަން ފެނުމުން އަދި މާބޮޑަށް އަސަރުކުރިއެވެ. ވިޝާން ކަޅުކުލައިގެ ގަމީހާއި ނޫޖިންސާއިއެކު ކޯޓު ލާފައި ހުރުމުން ހާދަ ފިރިހެންވަންތައެވެ.

"ކިވީ، ނުރޮއި، އެއްވެސް ކަމެއް ނޫނޭ މިއީ، އަދި ކަންބޮޑުވާން ކާރިއެއްވެސް ނުވެއެއްނު، ވީ އާރ ހިއަރ ޓު ހެލްޕް ޔޫ، އައިވީ އެންޓިބައޮޓިކް ފަށާއިރަށް ރަގަޅުވާނެ ގޯޑް ވިލިން............" ވިޝާން ނަރުސް ކުއްޖަކަށް އެންގީ ބްލަޑް ކަލްޗަރ ހަދަން ލޭ ނެގުމަށެވެ.
"އަޅުގަނޑު މަރުވަނީ ތަ؟ " ކީވާ ގެ ހިތް އޭރު އިންތިހާއަށް އަވަސްވެފައިވެއެވެ.
"އަހަރެންވެސް މި ވަގުތުވެސް މަރުވެދާނެ، ކީވާ އަށް އެނގޭތަ؟ މިއަދުވެސް ގާލްއެއް މަރުވި، ސްކާފް އަޅަންވެގެން ޕިން އަނގަޔަށް ލީގޮތަށް ދިރުވާލެވުނީ، އެކަމަކު ކީވާހެން ޑައިލިސިސް ހަދާތާ ތިރީސް އަހަރުވެފައިވާ މީހަކުވެސް ދުނިޔޭގައި އެބަހުރި، އެހެންވީމަ ތިގޮތަށް ނުވިސްނާ މައި ގާލް......" ވިޝާން ކީވާގެ އަތުގައި ހިފަހައްޓާލިގޮތަށް ދޫކޮށްލާކަށް ނޫޅުނެވެ.
"އެނގޭ، އެކަމަކު....." ކީވާ އަދިވެސް ބޮޑަށް ރަޖާތެރޭގައި ކުރު ގެޅިލިއެވެ.

ވިޝާން ކީވާގެ އަތުގައި ފިސްޓިއުލާ ހަދާފައި ހުރިތަނުގައި އިންފެކްޝަނެއް ހުރިތޯ ބަލަން ޗެކްކޮށްލިއެވެ. އަދި އޯގާތެރިކަމާއިއެކު ޑޮކްޓަރެއް އަދި ލޯބިވެރިޔާގެ ހައިސިއްޔަތުން ވާހަކަ ދައްކަމުންދިޔައިރު ކީވާ އޮތީ ފެންކަޅިވެފައި އެ ރީތި މޫނަށް ބަލަހައްޓައިގެންނެވެ. ވިޝާންގެ ވާހަކަތަކުން ހިތްވަރު ލިބިފައެވެ.

ނަރުސް ކުއްޖަކު ބޭރަށް ނުކުމެ ޒުލްމާ ގާތުގައި ކީވާގެ ހާލު ބަޔާންކޮށްދިނުމުން ޒުލްމާ ވަގުތުން ލައިޝާއަށް ގުޅަން މަސައްކަތްކުރިއެވެ. ލައިޝާގެ ފޯނު އޮތީ ނިއްވާލާފައެވެ. ދެތިންފަހަރު ގުޅުމުންވެސް ލިބުނީ އެ މެސެޖެވެ. ޒުލްމާ ހުރީ ހާސްވެ ފެންކަޅިވެފައެވެ. ކީވާފަދަ ރަގަޅު ދަރިއަކު އެގޮތަށް ބަލިވުމުން ޒުލްމާގެ ހިތެއް ނެތެވެ. ހިތްދަތިވެގެންގޮސް ނުރޯން ހުއްޓަސް ދެލޯ ކަރުނުން ފުރުނެވެ. އެހެންނޫނަސް ލައިޝާ ނެތި އޭނަ އެކަނި ބޭހާއި އެއްޗެހި ގަންނަން ދުވެ ދުވެ ހުއްޓާ ކީވާއަށް ކަމެއްވެއްޖެއްޔާ ހާދަ ދެރައެވެ. އެއްވެސް އެހީތެރިއަކު ނެތް ޔަތީމް އެ އަންހެންކުއްޖާގެ އެހެން ބަޔަކު ތިބީއެއް ނޫނެވެ. ޒުލްމާ އެންމެ ފަހުން އައިދަންގެ ނަމްބަރަށް ގުޅާލައިފިއެވެ.

"ހަމަ މިހާރު މިއަންނަނީ...." އައިދަންގެ ޖަވާބުން ޒުލްމާގެ ހިތަށް ލުޔެއް ލިބުނެވެ. އައިދަންއަކީ އޭނަ ބޭނުންވެ ނުލިބިފައިވާ ފިރިހެން ދަރިފުޅުފަދަ އިހުސާސެއް ކުރެވުނެވެ.
ފަނަރަވަރަކަށް މިނިޓް ތެރޭގައި އައިދަން އައިއިރު އޭނަ ހުރީ ރަސްމީކޮށެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ފަޓްލޫނެއްގައި ޓައީ އަޅާލާފައި ހުރިއިރު އޭނަގެ ޝަޚުސިއްޔަތުން އަސަރުނުކުރާ މީހަކާއި ދިމަލެއްނުވެއެވެ. އަވިއައިނު ނެގުމުން ފެނިގެން ދިޔަ އަޅިދެލޮލަކީ އަންހެންކުދިން ހިތް ހަލާކު ކުރާ ހަތިޔާރެކެވެ. އައިދަންގެ ބައްޕަ ނޫނީ މަންމައަކީ ރާއްޖެއިން ބޭރުމީހެއްކަމަށް އެންމެން ހީކުރާހާ އޭނަގެ ހަށިގަނޑާއި މޫނުމަތީގައި ބޭރު މީހެއް ފާޑު ޖަހައެވެ. އައިދަން އަށްފެނުނީ ޒުލްމާ ބޭސް ސިޓީ ހިފައިގެން އަންނަތަނެވެ.

"ދަރިފުޅާ، މިވަގުތު އާދެވުނުކަން ވަރަށް ރަގަޅު، ދައްތަވެސް މިއުޅެނީ އަނބުރައިގަންނަ ގޮތެއްވެގެން...." ޒުލްމާ އައިދަންގެ އަތުގައި ބާރަކަށް ހިފެހެއްޓިއެވެ.

ކޮމެންޓް 0