"ކިވީއަކީ އަހަރެންގެ ފްރެންޑެއް، ކީއްވެ އެކަމުން އެހެން މީހަކަށް އުދަގޫވާންވީ؟ އަހަންނަށްވެސް ތިހެން ބުނެވިދާނެކަން ނޭގޭ، ކިވީގެ މައްޗައް ކޮން ހައްގެއް ހޭ އޮތީ...." އައިދަންވެސް ނާކާމިޔާބު ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ކީވާގެ ލޯބި އޭނަގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާން ހުޅު ހިފުވާލައިފިއެވެ. ދުވަހަކުވެސް މިވީހާތަނަށް މީހަކާއި ޗެލެންޖްކޮށް ތަޅައިގަންނަ ކަހަލަ ޚިޔާލެއް އައިދަން ގެންގުޅެފައެއް ނުވެއެވެ. ނަމަވެސް ވިޝާންދެކެ ހިތުގައި އުފެދެންފެށި ޖަޒުބާތަށް ދޭންވީ ނަމެއް އޭނައަކަށް ނޭގުނެވެ.

"ކަލޭ ތިއީ ކާކު؟ ސުވާލުކުރުމުގެ ހައްގެއްވެސް ނޯންނާނެ، އަހަރެމެން ދޭތެރެއަށް ވަންނަން ކަލޭ އުޅެންޏާ އެ ނިމުނީ، ކީވާގެ އެކުވެރިކަމެއްވެސް ނުލިބޭނެ، ދުރުން އުޅެބަލަ، ކަލެއާއި ދިމާލަށް އެއްޗެކޭ ނުބުނެ ހުންނަން އަހަރެން ވަރަށް ކެތްކޮށްފިން، އެންމެ ފަހުން ކީވާގެ ނުރުހުމުގައި ގަޔަށް އަތްލާ ހިސާބަށް ދިޔައީމަ އެއްޗެކޭ މިބުނީ........." ވިޝާން ހަޅޭއްލަވައިގަތެވެ. ކީވާ ހުރީ ދެލޯބޮޑުކޮށްގެންނެވެ. އޭނަ ގަހެއްގެ ހިމާޔަތް ހޯދީ އަނބުރައިގެންފާނެހެން ހީވެފައެވެ. ވިޝާންއާއި އައިދަން އޭނަގެ ސަބަބުން ތަޅައިގަންނަ ހިސާބަށް ދާކަށް ކީވާ ބޭނުމެއްނޫނެވެ. އައިދަން މުށްކެވިފައިވާ އަތް ޖީބަށް ޖަހާލާފައި ދިގުނޭވައެއް ލިއެވެ. ކީވާއަށް ބަލަހައްޓައިގެން ހުރެވުނީ އައިދަންގެ މޫނަށެވެ. ރުޅިވެރިކަން ނުދައްކަން މަސައްކަތްކުރިޔަސް ކޮލުގެ ކަށިގަނޑަށް ގެންނަ ހަރަކާތުން އެކަން އެނގެއެވެ.

"ކީވާ އަހަރެންގެ ގާތުގައި ތިހެން ނުބުނޭ، އަހަންނަކަށް ނޭގޭ ތިއީ ކީވާގެ ކާކުކަމެއް، ތިހާ ޚާއްސަމީހެއް ނަމަ ކީވާ މަގޭ ގާތު ބުނާނެހެން ހީވޭ......" އައިދަން ހަމަޖެހިލާފައި ބުންޏެވެ.

"ކިވީ، އޭނަ ގާތުގައި އަހަންނަކީ ކިހާވަރެއްގެ މީހެއްކަން ބުނެދީބަލަ....." ވިޝާން ކީވާގެ ކޮނޑުގައި ހިފާ ކާރިކޮށްލީ އަމިއްލަ ބާރާއި ހައްގު އޮތްމީހެއް ފަދައިންނެވެ. ކީވާހުރީ ދާންވީ ދިމާލެއް ނޭގިފައެވެ. ހާސްވެފައެވެ. އެތައް ޚިޔާލެއް އެއްފަހަރާ އޭނަގެ ސިކުނޑިތެރޭގައި އެނބުރެމުން ދިޔައެވެ. އެކެއްގެ ހިތަށްވެސް އޭނަގެ ސަބަބުން އަނިޔާއެއް ލިބޭކަށް ކީވާ ބޭނުމެއް ނުވިއެވެ. އައިދަން ހުރީ ކީވާގެ ޖަވާބަކަށް އިންތިޒާރުކުރާށެވެ.
"ކިވީ......" ކީވާ ހިމޭނުން ހުރީމަ ވިޝާން ކީވާގެ މޫނަށް ބަލާލިއެވެ.
"ޝޯން، އަހަރެން މިވަގުތު ބޭނުމީ އެކަނިވެލާން، ޕްލީޒް..." ކީވާ ވިޝާންގެ އަތްދުރަށް ޖައްސާލާފައި ދާން ހިނގައިގަތުމުން ވިޝާން ފަހަތުން ދިޔައީ އެނބުރި ބަލާލާފަ އައިދަންއަށް އިންޒާރެއް ދެމުންނެވެ.

"އަހަރެންގެ ގާލްއާއި އަޅައިގަނެގެން ނޫޅޭތި، ނޫނީ އައި ވިލް ކިލް ޔޫ...." ވިޝާންގެ އެ ރުޅިވެރި ނަޒަރުން އައިދަންގެ އަޒުމަކަށް ގުޑުމެއް ނޭރިއެވެ. އޭނަވެސް ކީވާ ހާސިލުކުރަން މަސައްކަތްކުރާނެއެވެ. އޭނަ ކީވާއަށް އިންތިޒާރުކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ އެހެންނޫނަސް ކީވާގެ ދެލޮލުން ކުރީދުވަހުވެސް އައިދަންއަށް ފެނުނީ ލޯބީގެ އަސަރުތަކެވެ. އެދެމީހުން އިރުއޮއްސެމުންދިޔަ ވަގުތު ގޮނޑުދޮށުގައި ހިގާލަން ދިޔަފަހުން އެންމެ ފަހަރަކުވެސް ކީވާގެ ހަނދާންތައް ހިތުން ފިލައިގެންދާ ގޮތެއް ނުވެއެވެ. އެރީތިކަން މިލްކުކުރަން ހިތް ހާދަ ބޭނުމެވެ.

"ކިވީ، ކީއްވެ އެއްޗެކޭ ނުބުނީ؟ ކީއްވެ އަހަރެންދެކެ ލޯބިވާ ވާހަކަ ނުބުނީ؟ "ވިޝާން ކީވާއާއި އެކީގައި ހިނގަމުން ދިޔައިރު އޭނަ ހުރީ ކޮންމެވެސް ވަރަކަށް ނުރުހުންވެފައެވެ.
"އަހަންނަށް ޝޯންއާއި މެދު ޔަގީންކަމެއް ނެތީމަ އަހަރެން ބޭނުމީ ބްރޭކްއަޕް ވާން......." ކީވާ ފުންނޭވަޔެއް ލިއެވެ. ނޭފަތުގައި ހަރުލާފައިވަނީ ވިޝާން ބޭނުންކޮށްފައި ހުރި އަގުބޮޑު ސެންޓުގެ ވަހެވެ. ރީތި ފިރިހެނެވެ. އަތްދިގު ގަމީހަކާއި ފަޓްލޫނެއްގައި ހުރިއިރު ޝަޚުސިއްޔަތު ވަރުގަދައެވެ. އަތުކުރީގައި އަޅާފައިވާ އަގުބޮޑުގަޑިން ފެށިގެން އަންގައިދެނީ އޭނަގެ މުއްސަދިކަމާއި ހައިބަތެވެ. ނަމަވެސް އޭނަގެ ރީތިކަން ފަނޑުވެގެންދަނީ އޭނަގެ އުޅުމުގެ ސަބަބުންނެވެ. ސިއްރުވެރި ދިރިއުޅުމުގެ ސަބަބުންނެވެ. ރައަދުފަދައިން ވިޝާންގެ ތަންމަތި ފަޅުފިލުވާދީފައިވަނީ ކިތައްކުދިންނެއް ކަމެއްވެސް ކީވާއަކަށް ނޭގެއެވެ.

"ވަޓް...." ވިޝާންއަށް ހީވީ މީހަކު ގޮށްމުށްކަވާފައި މޭގައި އެތިފަހަރެއް ޖެހިހެންނެވެ. ހިތަށް ތަދުވެ ނޭވާ ހިފަހައްޓާލަން މަޖުބޫރުވި ހިނދުކޮޅެކެވެ.
"އަހަރެމެން ވަކިވެއްޖެއްޔާ މާ ރަގަޅުކަން ނޭގޭ..." ކީވާ މޭގައި އަތްއަޅުވާލިގޮތުން ހީވީ ހީކަރުވައިގެންފައި ހުރިހެންނެވެ.
"ކީއްވެ؟ އަހަންނަށް ޓްރަސްޓް ނުކުރަނީތަ؟ ކިވީ، ރަގަޅަށް ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ..." ވިޝާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. 
"ޝޯން ޗީޓްކުރާތީ...." ކީވާ ހިތުގައިވާ ހާ އެއްޗެއް ގޮވާލަން ބޭނުންވިއެވެ. ހަގީގަތަކީ އޭނަ ފެށުނީއްސުރެން އައިދަންދެކެ ލޯބިވާކަމެވެ. ވިޝާންއާއި މެދު އިހުތިރާމާއި ޤަދަރު އޮތަސް އެއީ މުޅިން އެހެން އިހުސާސެކެވެ.
"ތީގެ މާނައަކީ ކޮބާ..." ވިޝާން ބުމަ ގޮށްޖަހައިލިއެވެ.
"ކުރީ ރޭ ރައަދުއާއި ޝޯން ދެއްކި ވާހަކަތައް އަޑުއަހަން އަހަރެން ހުރީ، ރައަދުއާއި އެކީގައި ސްލީޕްކުރިކަން އެނގުނު އެރޭ، އަހަރެން އެގޭގައި ހުންނަން ބޭނުންނުވީވެސް އެ ހަގީގަތް އަހަންނަށް އެނގުނީމަ، އެހެން ގާލްއަކަށް ލަނޑެއްދީފައި އަހަންނަށް ހިތްހަމަޖެހިގެނެއް ނޫޅެވޭނެ، ޝޯން އެއީ ދޮގެކޭ ބުނެބަލަ، ރައަދުއާއިއެކު އެފަދަ ގުޅުމެއްނެތޭ ބުނެބަލަ..." ކީވާ ހިނގަމުން ވާހަކަދައްކަން ފެށުމުން ނޭވާ ކުރުވާގޮތް ވާތީ ހުއްޓުނެވެ. އެ މޫނަށް އިރުގެ އަލިކަން އެޅުމުން ވަކިން އޮމާންކަމަށް ދައްކައެވެ. ވިޝާންގެ ހަށިގަނޑުގައި ވިންދުޖަހާލިއެވެ. ހިތަށް ކެތްނުވާވަރުވިއެވެ.

"އާނ، އެއީ އެންމެ ރެއެއްގައި، އެކްސިޑެންޓަލީ އަހަންނަށް ކުރެވުނު ކަމެއް، އަހަންނާއި ރާދު ތިބުނާފަދަ ލޯބީގެ އެއްވެސް ގުޅުމެއްނެތް، އެރެއިން ފެށިގެން އަހަރެން ރާދުއާއި ކާރިއެއް ނުވަން، ޓްރަސްޓްމީ ކިވީ، އަހަރެން ކިވީއަށް ޕްރޮޕޯސްކުރިފަހުން ތިނޫން އަންހެންކުއްޖަކާއި ގުޅުމެއް ނުބާއްވަން، އަހަރެން ނެތިން ކިވީއަށް މަކަރުހަދާކަށް، މުޅިއުމުރަށް ތެދުވެރިވެ ވަފާތެރިވާން ބޭނުމީ، އަހަރެން އަންފެއިތްފުލް ކަމަށް ކިވީ ހީކުރީތަ؟ ކިވީ ދެކެ އަހަރެން ވަރަށް ވަރަށް ލޯބިވޭ، ގަބޫލުކުރޭ، އަހަރެން ކިވީގެ އަތުގައި އަނގޮޓި އަޅުވާދިން ދުވަސް އެއީ އަހަރެންގެ ހިތް އެކަށް ކިވީއަށް ހަދިޔާކުރި ދުވަސް، ހަޔާތުގައި ލޯބިވެވުނު ހަމަ އެކަނި ކުއްޖަކީ ތިއީ......" ވިޝާންގެ ހިތަށް އަސަރުކުރިވަރުން އެ ކަޅު ދެލޮލުގައި ކަރުނަ ތިކިތައް ބަބުޅަން ފެށިތަން ކީވާއަށް ފެނުނެވެ. ކީވާއަށްވެސް ފިރިހެނަކު އެގޮތަށް ރޯތަން ފެނުމުން އުދަގޫވިއެވެ.

"ޝޯން، އެކަމަކު ވަޓް އެބައުޓް ރާދު، އޭނަވެސް ޝޯންދެކެ...." ކީވާ އެއްޗެކޭ ބުނަންއުޅުނެވެ. އެގޮތް މާރަގަޅުވާނެއެވެ. ވިޝާންއާއި ރައަދު ހުރިހާގޮތަކުންވެސް ގުޅެއެވެ. އާއިލީގޮތުންވެސް މެއެވެ. އެދެލޯބިވެރިން ގުޅިއްޖެއްޔާ މަސްލަހަތުވެސް ރަގަޅުވާނެއެވެ. ވިޝާން އެވަރު ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ އޭނައާއި އައިދަން މާ ބޮޑަށްވެސް ގުޅެއެވެ. އައިދަންގެ މަންމަ އެކަން ގަބޫލުނުކުރިޔަސް އެދެމީހުންގެ ފެންވަރުގައި މާ ބޮޑު ތަފާތެއް ނެތެވެ.
"ރާދު، ރާދު، އޭނަ މިތާކަށް ވައްދާކަށް ނުޖެހޭ، އަހަރެންގެ ފީލިންގްސްތައް ކޮބާ؟ އަހަރެން ބޭނުންވާ ގޮތަކަށް ވާކަށް ނުޖެހޭތަ؟ އަހަރެން ރާދުދެކެ ލޯތްބެއް ނުވޭ، އަހަރެމެން ކުރިކަމެއް ކުރީ ރާދުވެސް ބޭނުން ވެގެން، ރަގަޅު ކުއްޖެއްނަމަ އޭނަވެސް އަހަރެން ހުއްޓުވާނެ، އަހަންނަށް ކިހިނެއް އެނގޭނީ ރާދު އެހެންމީހުންނާއި އެކީގައި އެގޮތަށް ދެން ނޫޅޭނެކަން، ވީއިރު ރާދުގެ ވާހަކަ މިތާ ދެއްކުމުގެ މާނައެއްނެތް، ކިވީ ބޭނުންވަނީ ކޮން ކަމެއްތަ؟ އަހަންނާއި އިންނާނަމޭ ބުނެފައި ދާންވީ ސަބަބަކީ ކޮބާ، ބުނޭ، ކިހިނެއް އަހަރެން ހަދަންވީ..." ވިޝާން ރުޅިއަންނަ ގޮތްވިއެވެ. އެ ސީރިޔަސްކަން ފެނިފައި ކީވާ ބިރު ގަންނަގޮތްވިއެވެ. ތަންކޮޅެއް ދުރަށް ބަލައިލެވުނީ އައިދަން އެމީހުންގެ ފަހަތުން އަންނާނެކަމުގެ އުއްމީދުގައެވެ. އައިދަން އެހާ އަވަހަށް ދޫކޮށްލާފައި ދިޔައީހެއްޔެވެ؟ އައިދަން ގޯސްވަނީ އެތަންކޮޅުންނެވެ. އޭނަގެ ލޯތްބަށްޓަކައި ހަގުރާމަކުރާކަށް ނޫޅެއެވެ. ކީވާގެ ޝަކުވާއަކީ އެއީއެވެ.

"ކިވީ ބޭނުމީ އަހަންނާއި ރުޅިވާންތަ؟ " ވިޝާންގެ ދެލޮލުން އެހެން ކުލައެއް ފެންނާން ފެށިއެވެ.
"ނޫން އެހެނެއް ނޫން..." ކީވާ ކަންބޮޑުވިއެވެ.
"ވީއިރު ރާދު އޭ ކިޔައިގެން ވާހަކަ ނުދައްކަބަލަ، ކިވީ، އަހަރެން ކިވީއާއި ރައްޓެހިވެ އިންނަން އެހީ މަޖަލަކަށް ނޫން، ކިވީ ހިތަށް އަރާއިރަށް ނޫނެކޭ ކިޔާފައި އަހަންނާއި ވަކިވެގެން ދެވުނަކަ ނުދޭނަން، ޕާސްޓްގައި އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން ޗޭންޖްވީ ކިވީގެ ސަބަބުން...." ވިޝާން އޭނަ ކީވާދެކެ ވާ ލޯބީގެ ވާހަކަ ދައްކަމުން ދިޔައިރު ކީވާ ހުރީ ގޮތްހުސްވެފައި އެވާހަކަ އަޑުއަހާށެވެ. ވިޝާން ބޭނުންވީ ކައިވެނި އަވަސްކުރުމެވެ. އައިދަން ކީވާގެ ފަހަތުން އުޅޭތަން ފެނިފައި ކުރިއަށްވުރެ މާ ބޮޑަށް އެހިތުގައި އެ އަޒުމް ވަރުގަދަވިއެވެ. ކޮންމެގޮތެއް ހަދާފައިވެސް ކީވާ އޭނަގެ އަންހެނުންނަށް ހަދަން މަޖުބޫރުވެއްޖެއެވެ. އެހެންނޫނީ އޭނައަށް ކީވާ ގެއްލިދާނެއެވެ.

ކެންޒީގެ ފައިގާ ވަރުނުޖެހޭތީ ކެންޒީ ދެރަވެ ކަސްރަތުކުރުވަން އަންނަ މީހާގެ ކާރީގައި އެކަން އަވަސްކޮށްދޭން އެދުނެވެ. އޭނަ ބުނީ އެކަމަށް ދުވަސްނަގާނެ ކަމުގައެވެ. އެހެން އެކުވެރިން އުފަލާއި މަޖަލުގައި އުޅޭއިރު އެކަންތައް ދެކެން ކެންޒީ އިންނަނީ މޮޅިވެރިވެލާފައެވެ. ޓީވީއިން ސާފްކުރާތަން ތަނާއި ކުޅިވަރުކުޅޭ މަންޒަރު ފެނުނީމަ ހަޔާތުގައި ބޮޑު ބަޔެއް އުނިވެފައިވާކަން އޭނަ ދަނެއެވެ. މޫދަށް އެރިލާ ހެދުމަކީ ކެންޒީ އެންމެ ކުރާހިތްވާ ކަންތަކެވެ. މުޅި ހަޔާތް ހީވާގި ކަމާއިއެކުގައި ވޭތުކޮށްފައިވާ ޒުވާނަކަށް މިފަދަ ހާދިސާއެއް ކުރިމަތިވުމުން ކުރާނެ ހިތާމަ އެފަދަކަމެއް ކުރިމަތިވެފައިވާ މީހަކަށް ނޫނީ އިހުސާސެއް ނުކުރެވޭނެއެވެ. އެރީތި ކަސްރަތީ ހަށިގަނޑު ނިކަމެތިވެ ބާރު ކެނޑިފައިވާތީ ކެންޒީ އަމިއްލަ ނަފުސަށް ހަމްދަރުދީވެއެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް ކެންޒީ އެދެނީ އޭނައަށް އަފްރީން ލިބުމެވެ. ޖުއާންއަށް މަންމައެކޭ އެއްވަރަށް ބައްޕައެއްގެ ލޯބި ލިބި އާއިލާއެއްގެ ގޮތުގައި އުޅެވެން އޮތީ އަފްރީން އެއްބަސް ކުރުވައިގެންނެވެ.

"އަފްރީން، ހުރިހާ ކަމެއް އެނގުނީމަ އަދިވެސް ތިބުނަނީ އަހަންނާއިއެކު ނޫޅޭނަމޭތަ؟ " ކެންޒީ އަފްރީންއާއި ދިމާވެފައި ސުވާލުކުރިއެވެ.
"މަކަރުވެރިއަކަށް އަހަރެން އިތުބާރެއް ނުކުރާނަން..." އަފްރީން ލޯ އަޅާލިއެވެ. ހިތާހިތުން ކެންޒީދެކެ ރުހޭއިރުވެސް އޭނަ އެކަމަށް އެއްބަސްވާކަށް ބޭނުމެއް ނޫނެވެ. ހަގީގަތަކީ އޭނަ ކުރިއްސުރެން ކަޔާންއަށް ވުރެ ކެންޒީއަށް އެދުނުކަމެވެ. ކަޔާންކަމަށް ހީކުރެވުނަސް އޭނަ ރުހުނީ ހަމަ ކެންޒީއާއެވެ.
"ހެހެ، ޔަގީނުންވެސް ކެން ނީންނާނެ، ދެން ކާކަށްޓަކައި އިންތިޒާރުކުރަނީ، މީހަކާއި ނީދެހުރެ މުސްކުޅިވެދާނެ، އެއްވެސް ފީލިންގްސްއެއް ހަމަ ނުހުންނަނީތަ؟ " ކެންޒީ އަފްރީން ރުޅިއަރުވާލިއެވެ.
"އާނ، އަހަރެން ނޫޅެން ކަޔާންއަކާއި އިންނާކަށް، އަހަންނަށްވެސް އޮޅުމެއްގެ ތެރޭގައި އެކަން ކުރަން އުޅެވުނީ ޖުއާންގެ ބައްޕައަކީ އެއީކަމަށް ހީކުރެވުނީމަ، ދެން އަހަރެންގެ ޕާސަނަލް ކަންތައްތަކާ ނުބެހި ހުރެބަލަ...." އަފްރީން ކެންޒީއާއި ހަތަރުކަޅި ހަމަކުރުމާއިއެކު މޫނުގެ ކުލަ ރަތްވާގޮތްވިއެވެ. ކެންޒީގެ ތޫނު ނަޒަރުން އަބަދުވެސް އޭނަގެ ހިތާއި ކުޅެލައެވެ. އަފްރީން ރަކިވިއެވެ. ގަސްތުގައި ގޮތްގޮތަށް ބަލަނީ އޭނަގެ ހިތަށް ގޯނާ ކުރާށެވެ. 

"އަހަންނަށް އެނގޭ އަފްރީން އަހަންނަށް ބޭނުންވާކަން، އެރޭތަކުގެ މަތިން ހަނދާންނައްތާ ނުލެވޭނެކަން، ނޫންތަ؟ އެޑްމިޓް އިޓް. ޔޫ ނީޑް މީ، ތި ދެލޮލަށް ބަލާލީމަ އަހަންނަށް ހުރިހާ އެއްޗެއް އެނގޭ......." ކެންޒީ ބުމަ އަރުވާލިއެވެ.
"ނު...ނޫން...އަހަ...." އަފްރީން އަޅައަޅައިގެންފާ ކިޔަން އުޅުނެވެ.
"ބުނީމެއްނު، ކިހާވަރެއްވި..." ކެންޒީ ހޭންފެށިއެވެ. އަފްރީން ބޭނުންވީ ކެންޒީގެ މޫނުމަތީގައި އެތިފަހަރެއް ޖަހާފައި އެމޫނުގައިވާ ހިނިތުންވުން ނެތިކޮށްލާށެވެ. އޭނައަށް މަލާމާތްކުރުމުގެ ހިތްވަރު ކެންޒީއަށް ލިބުނު ގޮތެއްވެސް ނޭގެއެވެ. ވަރެއްގެ ފިރިހެނެކެވެ. ނަމަވެސް ކެންޒީ ބުނަނީ މުޅިއަކުން ދޮގެއް ނޫނެވެ. އޭނަ އެހާ ރީތި ވަގުތުތަކެއް ހޭދަކޮށްލީ ކެންޒީއާއި އެކުގައި ކަން އެނގުމަށްފަހު އެ ދުވަސްތަކާއިމެދު ވިސްނެން ފެށުނުތާ ކޮންދުވަހެއް ހެއްޔެވެ؟ ކަޔާން ފެނުމުން މާޒީ ހަނދާން ނުވީ އެއީ ކަޔާންއަށް ނުވީމަކަން ޔަގީނެވެ. އަފްރީންހުރީ އިތުރު އެއްޗެއް ބުނަން ހަދައިގެން ބޭޒާރުވެދާނެތީ އަނގަޔަށް ގޮތެއް ހަދާލައިގެން ކެންޒީއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެގޮތަށް އަފްރީން އާއި ސަކަރާތް ޖަހައިލެވުނީމަ ހާދަ މަޖާވެއެވެ.

"ބޭބީ، އަހަރެން މިއުޅެނީ އެންމެން ގާތުގައި ޖުއާންއަކީ މަގޭ ދަރިއެކޭ ބުނަންވެގެން، އެހެންނޫނީ ކެންއަށް ޕްރެޝަރ ކުރިމަތިކުރާނެ ބޭބީއާއި މެރީކުރަން، އެހެންނޫނަސް އެންމެނަށް ހަގީގަތް އެންގުމުގެ ވަގުތު މިޖެހުނީ، ބުނެބަލަ، މިހާރު އަހަރެންގެ ބޭނުމެއް ނެތީ އަހަރެން ނުކުޅެދޭ މީހަކަށްވީމަތަ؟ "ކެންޒީ އަހާލިއެވެ.
"ނޫން، ކެންޒީ އެއްވެސް މީހެއްގެ ގާތު ނުކިޔާތި، ޕްލީޒް އައި ބެގްޔޫ...." އަފްރީން އާދޭސްކުރިއެވެ. އޭނައަށް އެހާބޮޑަށް އޮޅިފައިވާކަން އެނގިއްޖެއްޔާ އެންމެން ހާދަ މަލާމާތް ކުރާނެއެވެ. ލަދުންގޮސް މީހުންގެ ތެރެއަށް ނިކުމެ އުޅޭނެ ހިތްވަރެއްވެސް އޭނަގެ ނުހުންނާނެއެވެ. ކެންޒީއަށް އަފްރީންގެ ބަލިފައި އެނގުނީމަ އަދި ވަކިން އުފާވެ ހިނިތުންވެލިއެވެ.
"ވީއިރު އަހަރެން ބުނާގޮތަށް ހަދާ، އަހަރެން ތިކަން ސިއްރުކުރާނީ ބޭބީ އަހަންނަށް ކަމެއްކޮށް ދިނީމަ..." ކެންޒީ އެއް ލޯ މަރާލިއެވެ.
"ކޮންކަމެއްތަ؟ އަހަރެންގެ ގާތުގައި ނުބުނާތި އެކަން ކޮށްދޭށޭ، އެނޫން ކޮންމެކަމެއްވެސް ކުރެވިދާނެ..." އަފްރީން ރުޅިއައިސްގެން ދެލޯ އަޅާލިއެވެ. ކެންޒީ އަށް މަޖާވިވަރުން ހޭންފެށިއެވެ.
"ނުލަފާ ފިރިހެނާގަނޑު ވަރަށް ރުޅިއާދޭ، އަހަންނަށް މަލާމާތްކޮށްފައި ހޭންތަ އެނގެނީ........" އަފްރީން ހިތާއި ދެކޮޅަށް ބުނެލިއެވެ.
"ހިތުގައިވާ އެއްޗެއް ނޫނެއްނު ތި ކިޔަނީ، އަހަންނަށް މައިންޑް ރީޑްކުރަން އެނގޭ، ބޭބީ އަހަރެންދެކެ ހޭޓް ކުރާނަމަ ތިގޮތަށް އަހަންނާއި ވާހަކަ ދައްކާކަށް ނުހުންނާނެ، ނޫނީ އާ ވައްތަރެއްގެ ހޭޓްކުރުމެއްތަ؟ " ކެންޒީ އިނީ މަޖާވެފައެވެ. އަފްރީން ފުންނޭވަޔެއް ދޫކޮށްލާފައިވެސް ދުރަށް ދާކަށް ނޫޅުނެވެ. ކެންޒީއާއި މި ގޮތަށް ޒުވާބުކޮށް އަރައިރުންވެލީމަ ހިތަށް ފޮނި މީރުކަމެއް އިހުސާސް ކުރެވެއެވެ. އެހެން އެއްވެސް ފިރިހެނެއްގެ ފަރާތުން މިފަދަ ހިތްހަމަޖެހުމެއް އޭނައަށް ލިބިފައެއް ނެތެވެ. ކޮންމެގޮތަކުން ބެލިޔަސް ހަގީގަތްވާނީ ހަގީގަތަށެވެ. ޖުއާންގެ ބައްޕައަކީ ކެންޒީކަން ޔަގީންވުމަށްފަހު އެ ހަގީގަތަށްވެސް އޭނައަކަށް ދެން ނުފިލޭނެއެވެ.

"ގާތަށް އާދެބަލަ، އޭރުން ބޭނުންވަނީ ކޮންކަމެއްކަން ބުނާނަން........" ކެންޒީ އެދުނެވެ.
"ތިއީ ބްލެކްމެއިލް...." އަފްރީންގެ ނިތްކުރީގައި ދާތިކިތައް ވިދަންފެށިއެވެ.
"ދެމީހުން ޑީލެއް ހެދީމަ އެކަމަށް ތެދުވެރިވާން ޖެހޭނެ، އަހަރެން ބުނާ ކަންތައްކޮށް ދެންޏާ އަހަރެން އެ ސިއްރު ފޮރުވަދޭނަން، ބޭބީ ބުނާ ދުވަހަކާއި ޖެހެންދެން، ކަމް ހިއަރ ނައު، މާބޮޑުކަމެއް ކުރާކަށް ނޫޅެމޭ........." ކެންޒީ އަތް ދިއްކޮށްލިއެވެ. އަފްރީން ޖެހިލުންވެފައި ހުރެ އެ އަތުގައި ކިރިޔާ ބީހިލުމާއިއެކު ކެންޒީ ގާތަށް ދަމާލިއެވެ. އަފްރީން ޖެހުނީ ކެންޒީގެ އުނގުގައެވެ. ކެންޒީ ކުރިކަމަކުން އަފްރީންގެ ނޭވާ ހުސްވިއެވެ. ކެންޒީގެ ނޭވާގެ މީރުވަހުން އަފްރީން ދުރުކޮށްލާކަށް ބޭނުން ނުވިޔަސް ގަދަހަދާފައި އެއަތުގެ ތެރެއިން ނުކުންނާން އުޅުނެވެ. ބޭރުފުށުންނެވެ. ކެންޒީއަށް އެކަން އެނގުނެވެ. ދެރައީ ކެންޒީގެ ބަލި ހާލެވެ. އޭނަ އަފްރީންއާއި ކައިވެނިކުރިޔަސް އަފްރީންއަށް ކާވެނީގެ އުފަލެއް ނުދެވޭނެތީއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯތްބަށް އެއްބަސްވާކަށްވެސް ދެމީހުންވެސް ބޭނުން ނުވަނީއެވެ. ކެންޒީއާއި އަފްރީން އެހާ ގާތްކޮށް އުޅުނުތަން އެހެން ބަޔަކަށް ފެނި އެތައް ސުވާލުމާކްތަކެއް ހިތުތެރޭގައި ޖެހުނެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް ހަގީގަތަކީ އެއީއެވެ.

ކަޔާން ލައިޝާ ފެންވަރުވާލަދީފައި ފުނާއަޅުވާދިނެވެ. ތާޒާފެނުން ފެންވަރާލުމުން ލިބުނު އަރާމާއިއެކު ކަޔާންގެ އުނގުގައި ބޯއަޅާލައިގެން އޮންނަން ލިބުމުން ލައިޝާގެ ދެލޯ މެރޭގޮތްވިއެވެ. ކަޔާންގެ އޯގާތެރިކަމާއި ލޯބީގެ ސަބަބުން ދަރިފުޅު ވިހަންދެންވެސް އެބުރައިގެ އެއްކޮޅުގައި ކަޔާން ހިފާނެކަމުގެ ޔަގީންކަން ލިބުނީއެވެ. ލައިޝާ ހެއްދެވިފަރާތަށް އެތައްފަހަރު ހަމްދުކުރިއެވެ. މިފަދަ ލޯބިވާ ފިރިޔަކު ލިބުނުކަމީ ކޮންމެ އަންހެންކުއްޖަކަށް މިންވަރު ކުރައްވާނެ ނަސީބެއް ނޫނެވެ. އެ އޯގާތެރި އަތުގެ ތެރޭގައި ކޮންމެ ރެއަކު ނިދާލުމުގެ ނަސީބުވެސް މިވަނީ މިންވަރުކުރައްވާފައެވެ. އަމިއްލަ ނަފުސަށް އެސްފީނާޖެހިދާނެތީ ލައިޝާވެސް ބިރުގަތެވެ.
"ކޯންޗެއްތަ ތި ވިސްނަނީ؟ "ކަޔާން ލައިޝާގެ ތުންފަތުގައި އިނގިލި ބީއްސާލުމުން ހިނިތުންވެލިއެވެ.
"ކެން ގެއްލިދާނެތީ....." ލައިޝާއަށް ބުނެވުނެވެ.
"އަހަންނެއް ނުގެއްލޭނެ، މަރުވި ދުވަހަކުން ނޫނީ، އެހެންނޫނަސް މިއުޅެނީ ކެންޒިއާއަށް ރަސްމީކޮށް ލައިޝް ގެންދާންކަމަށް، އަހަރެންގެ ލައިޝް ހުންނާނީ މަގޭ ގޭގައި، މަގޭ ގާތުގައި، ހުރިހާ ކަމަކަށްވުރެ އަހަންނަށް ލައިޝް މުހިއްމު، އަހަންނަށް އެނގޭ ކުރީކޮޅު ކުޑަކޮށް ޑިފިކަލްޓްވާނެކަން، މަންމަގެ މިޒާޖު ތަންކޮޅެއް ތަފާތުވާނެ، އެކަމަކު އަހަރެންގެ ލައިޝްގެ ރަގަޅުކަން ފެނުނީމަ މަންމައަށްވެސް އެނގޭނެ މިއީކަން އަހަރެންގެ ނަސީބަކީ، ލައިޝްއާއި ނުލައި މިހާރު އަހަންނަކަށް ދިރިއެއް ނޫޅެވޭނެ، އެހާވެސް ލޯބިވޭ، އައި ލަވް ޔޫ، އައި ލަވްޔޫ މޯރ ދޭން އެނީތިންގް ބޭބީ........." ކަޔާން ގެ ފުންކަނޑެއްފަދަ ތޫނުދެލޮލުގައިވާ ލޯބީގެ އަސަރުތަކުން ލައިޝާގެ ހިތަށް އަޖައިބެއްފަދަ ފޮނި އިހުސާސެއް ކުރެވުނެވެ. އެދެލޮލަށް ބަލާލާ ކޮންމެ ފަހަރަކު އެލޮލަށް ގެނބިގެންދާފަދަ ގޮތެއްވިއެވެ. އެއިން ކޮންމެ ލަފުޒެއް ލައިޝާގެ ކަންފަތަށް ވިރުވާ އަޅާލި މިއުޒިކެއްފަދަވިއެވެ.

"އައި ލަވް ޔޫ މޯރ ހަނީ، އަބަދުގެ އަބަދަށްޓަކައި މިހާ ކާރީގައި ވާން ބޭނުމީ، ދުވަހަކުވެސް އަހަންނާއި ވަކިނުވައްޗޭ ޕްލީޒް، ނޫނީ އަހަރެން މަރުވެދާނެ......." ލައިޝާ އެއޮތްގޮތަށް އޮވެ ކަޔާންގެ މޫނުގައި ހިފާފައި ގާތަށް ދަމާލިއެވެ. އެމޫނުގައި ހިފާފައިވާ އާފްޓަރޝޭވްގެ ފިރިހެންވަންތަ ވަހުން ސިކުނޑިއަށް އިތުރު ތާޒާކަމެއް ގެނެސްދިނެވެ. ކަޔާންގެ ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވިއެވެ. ލައިޝާގެ ރީތިކަމަކީ ސިހުރެއްފަދައެވެ.

ރޭގަނޑު ކޮޓަރިއަށް ވެރިވެފައިވާ މަޑު އޮރެންޖް އަލީގައި ކަޔާންއާއި ލައިޝާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ރޭގަނޑު ކެއުމަށްފަހު ދެމަފިރިންވެސް ނިދަން ތައްޔާރުވެ އެނދުގައި ތިބިއިރު ލޮލުގައި ނިދީގެ އަސަރެއްނެތެވެ. ކުދި ކުދި ވާހަކަ ތަކެއްގައި ތިބޭތާ އިރުކޮޅަކަށްފަހު ލައިޝާ ކަމެއް ހަނދާންވިއެވެ. ކޮންމެހެންވެސް ކަޔާންއާއި ހިއްސާކުރަން އޭނަގެ ހިތް އެދުނެވެ. އެހެންނޫނީ އެދޭތެރޭގައި ވާ ސިއްރުތަކުގެ ސަބަބުން ލައިޝާއަށް ކުށްވެރި އިހުސާސް ކުރެވޭނެއެވެ. ފިރިމީހާއަށް ފޮރުވަންވީ ސިއްރެއް އޭނަގެ ނެތެވެ. އެއަށްވުރެ މާ ބޮޑަށް އިތުބާރުކުރެވިއްޖެއެވެ.

"މަންމަ ހުންނާނީ ހިތްހަމަނުޖެހިފައި، ކެންގާތުގައި މިއަދު ބޭނުން ވާހަކައެއް ބުނެލަން، އަހަރެންގެ މަންމަގެ ޕާސްޓްގައި ހިނގާފައިވާ ޑާކް ހާދިސާއެއް، އަހަރެންގެ ހުރޭ ބޭބެއެއް، އެއީ ކާކުކަމެއް ކޮންތާކު އުޅޭ މީހެއްކަމެއްވެސް ނޭގޭ، މަންމަ ބުނާގޮތުން އެއީވެސް ވަރަށް ރިޗް ފެމިލީއެއް...." ލައިޝާ އެ ވާހަކަތައް ކިޔާދޭން ފެށުމުން ކަޔާންއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. އޭނަގެ ޚާންދާނުގެ މީހަކަށްވެދާނެބާވައޭ ހިތަށް އެރިއެވެ. މަންމައާއި ޒުލްމާއާއި ދޭތެރޭގައި އޮތް ހަމަނުޖެހުންތަކާއި އެކު އޭނަ ފެނިފައި ޒުލްމާ އަނބުރައިގަތުން މިއަދާއި ހަމަޔަށްވެސް ކަޔާން ޝައްކުގެ ފުން ކަނޑަކަށް ގަންބާލާފައިވެއެވެ. ޔަގީނުންވެސް އެމީހަކީ ކަޔާންކަމުގައި ވާނަމަ މަންމައަށް ނޭގިއެއް ނުހުންނާނެއެވެ. މަންމަ އެއްގޮތަކަށްވެސް އެކަމާއި އަޅާނުލާ ހިމޭނުން ހުންނާނެހެން ހިޔެއްނުވެއެވެ.

"އަހަރެން ޓްރައި ކުރާނަން އެމީހަކު ހޯދަން، ޓްރަސްޓް މީ ލައިޝް، ލައިޝްގެ ބޭބެ ދުނިޔޭގައި ހުރެއްޖެއްޔާ އެމީހަކު ގެނެސްދޭނަން، އެދުވަހަކުން ކިހާ އުފާވާނެ ދޯ..." ކަޔާން ވައުދުވިއެވެ.
"ޕްލީޒް ޓްރައި ކެން، އެއީ ހާދަ ދެކެން ބޭނުންވާ ދުވަހެކޭ، އަބަދުވެސް ހިތަށް އަރާ ރަގަޅު ބޭބެއެއް ލިބޭނެނަމައޭ، އައިދަންއަކީ ބޭބެއޭ ހިތަށް އަރާފަހަރުވެސް އާދޭ، އަނެއްކާ އެހެން ނުވާނެތަ؟ ސަލްމާދައްތަ އަކާއި އެކުއްޖާ ވައްތަރެއް ނޫން، ސަލްމާދައްތައާއި މީހަކު ހަވާލުކުރި ކުއްޖަކަށްވެސް ވެދާނެ، މަންމަގެ ސަރަގޭސީއަށް މަކަރު ހަދާފައި އަނިޔާވެރި ވި މީހުންނަށް އަހަރެން ދުވަހަކު ފޮގިވްއެއް ނުކުރާނަން، އެކަން އެނގޭދުވަހަކުން އެމީހުން އެންޑް އަޕް ވާނީ ޖަލަށް ކަން ނޭގޭ........" ލައިޝާ ވިސްނާލިއެވެ. އޭނަ ބޭނުމީ އައިދަން ފަދަ ބޭބެއެކެވެ. އެފަދަ އޯގާތެރި ހިތްހެޔޮ މީހެކެވެ. އިރާދަކުރެއްވިއްޔާ ދެން ލަހެއްނުވެ އޭނަގެ ބޭބެއާއި ހަމަޔަށް ވާސިލުވާނެއެވެ. މަންމަގެ ހިތްވެސް އެކަމަށް ހާދަ ވަރަކަށް އެދޭނެއެވެ. ހާދަ އިންތިޒާރެއް ކުރާނެއެވެ.

ކަޔާން ކެންޒިއާއަށް އައިއިރު އޭނަގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ތުންފަތްމަތީގައި ނުފިލާ ފަނޑު ހިނިތުންވުމެއް ވިއެވެ. ދުނިޔޭގައިވާ އެންމެ އުފާވެރި އިންސާނާކަމުގައި ހީކުރެވިދާފަދަ އުފަލެއް އޭނައަށް ލިބިފައިވަނީއެވެ. ގެއަށް އައިއިރު އޭނަ ގެ މަގުސަދަކަށް ވެފައިވަނީ މަންމަ ކާރީގައި ލައިޝާ ގެއަށް ގެނައުމުގެ ހުއްދައަށް އެދުމަށެވެ. މާމަ ދަރިއެއް ލިބެން އުޅޭ ޚަބަރު ލިބުމުން މަންމައަށް އަސަރުކުރާނެއެވެ. މަންމަ ޖުއާންއާއިގެން އުޅޭވަރު ކަޔާންއަށްވަނީ ފެނިފައެވެ. މާމަ ދަރިފުޅަށްޓަކައި ގުރުބާންވާ މަންމައެކެވެ.

ކަޔާން ޑިޒައިނަރ ސިޑިން މައްޗަށް އަރައިގެން ދިޔައިރު އޭނަގެ މަންމަ ބެލްކަނީގެ ސޯފާއެއްގައި ވާހަކަފޮތެއް ކިޔާލަން އިނެވެ. މިހާރަކަށް އައިސް މަންމަ މާ ގިނަގިނައިން ވާހަކަ ކިޔާއުޅޭ ދުވަސްވަރެކެވެ. ފޮތްބަލާ އައިނު އަޅައިގެން އިންއިރު ގޭތެރޭގައިވާ ފިނިކަމުން ސަލާމަތްވާން ޝޯލްއެއް ގައިގާ އޮޅާލާފައިވެއެވެ. އެ އުމުރުގައިވެސް މަންމަ ހެދުން އަޅާލެއް ސްޓައިލިޝްކަމުން އަފްރީންމެންނަކަށް ދުލެއް ނުކުރެއެވެ.

"ކަޔާން، ދަރިފުޅާ، މަންމަ ނުގުޅިގެން އުޅޭތާ ކޮންއިރެއްތަ؟ ހައު ވޯޒް ޔޯރ ޑޭ...... " ވަރުޖިނާ ވާހަކަފޮތް ލައްޕާލަމުން ހިނިތުންވެލިއެވެ. ކަޔާން އައިސް އިށީނީ ސޯފާގައި ހުރި ހުސްތަނުގައެވެ.
"ގްރޭޓް، ފޯނު ޗާޖްހުސްވެގެން ނިވިފައި އޮތީ...." ކަޔާން ދެފައި ދަމާލައިގެން އިށީދެލާފައި ވާހަކަފަށާނެ ގޮތަކާއިމެދު ވިސްނާލިއެވެ. މަންމައަށް އެ ޚަބަރު ދޭންވީ ކޮންގޮތަކުން ހެއްޔެވެ؟ ނޫނީ އެންމެން އެއްވާ ގަޑިއަކަށް އިންތިޒާރު ކުރަންވީ ބާވައެވެ. މަންމަ އުފާވާނެކަން ޔަގީނެވެ.
"ދަރިފުޅު ޖޮބަށް ދާން ފަށަންވީއެއްނު ދޯ، ދޮންބެ އަބަދު ދައްކާ ވާހަކައަކީ ކެން ނެތީމަ އޮފީސް ހިންގަން ދަތިވާ ވާހަކަ، އަލުން ޖޮބަށްދާން ފަށާބަލަ، ފްލޯޓިން ހޮޓެލްގެ މަސައްކަތްތައްވެސް އެއޮތީ ހުއްޓިފައި، މިއީ އަދި މާލޭ އެހެން ބަޔަކު ކުރަން ފެށިކަމެއްނޫން، މީހުންގެ ތަރުހީބު ލިބޭނެ ރަގަޅު އިންވެސްޓެއް، އެހެންވީމަ ދަރިފުޅު ވިޔަފާރީގައި ބައިވެރިވުން މުހިއްމު...." ވަރުޖިނާ ދެން ދެއްކީ މަންމައާއި އާއިލާމީހުން އުމްރާ ދަތުރަކު ދާން އުޅޭ ވާހަކައެވެ. ކެންޒީއަށްޓަކައި ހަޔާތުގެ ބައިވެރިޔެއް ހޯދަންވެސް މަންމަ މަސައްކަތްކުރާ ވާހަކަ ބުނެލިއެވެ. ކެންޒީއަށް މިހާރު މުހިއްމުވަނީ ގާތުގައި ހުރެގެން ހިތްވަރުދޭނެ ބައިވެރިޔެކެވެ. ކެންޒީއާއި ވީވަރު ބަލާފައި އޭނަގެ ވާހަކަދެއްކުން ވަރަށް ބޮޑުތަން ރަގަޅުވެ މީހެއްގެ އެހީއާއި ނުލައި ހިނގާ އުޅެވޭވަރުވެއްޖެއެވެ.

"ދަރިފުޅާ، މަންމަގެ ޕާސްޓާއި ބެހޭގޮތުން މަންމަ ދަރިފުޅަށް ކިޔާނުދޭ ވާހަކައެއް އެބައިން...." ވަރުޖިނާގެ އެ ޖުމްލައިން ކަޔާންގެ ސަމާލުކަން އަތުލިއެވެ. ކަޔާން ކުޑަކޮށް ބޯ އަރިކޮށްލާފައި މަންމައަށް ބަލައިލީ އޭނަގެ ފުރިހަމަ ސަމާލުކަން މަންމައަށް ދޭފަދަ ގޮތަކަށެވެ. ވަރުޖިނާ އުނގުގައިވާ ކުޝަންއާއި ކުޅެލަން އިނދެ އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. ކަޔާންގެ ގާތުގައި ބުނަންވީ ކިހާވަރަކަށް ހެއްޔެވެ؟

ކޮމެންޓް 0