އެއީ ލައިޝާ އެއްގޮތަކަށްވެސް ފެނިދާނެކަމަށް އުއްމީދުކުރިފަދަ ކަމެއް ނޫނެވެ. ވަރުޖިނާ އަމިއްލަ ދަރިއަކަށް ހަދައިގެން ގެންގުޅޭ ރަޢަދު އާއި ޒިއާމް ތިބީ ފައިތިލަ ގުޅުވާލައިގެންނެވެ. ރަޢަދުއަކީ ޒިއާމްގެ ހަގީގީ ކޮއްކޮ ނޫންކަމާއި ވަރުޖިނާމެން ދަރިއެއްގެ ގޮތުގައި ގެންގުޅުނު ކުއްޖެއްކަން ލައިޝާވެސް ދަނެއެވެ. ނަމަވެސް ރަޢަދުގެ އިސްކޮޅެއްލާފައި ހުއްޓަސް އެއީ ކުޑަކުއްޖެކެވެ. ޒިއާމް ކުޑަކުއްޖަކާއި އެކަހަލަ ސަމާސާކުރާއިރު ހިތަށް އެއްޗެކޭ ނާރަނީ ހެއްޔެވެ؟ ހާދަ ހެއްވައެވެ. މިފަދަ މޮޅު މީހުންގެ ދަރިންވެސް އުޅޭގޮތް މިފެނުނީއެވެ. ލައިޝާ އެ މަންޒަރު ފެނުނުކަމަކަށް ހަދައި ނުލިއެވެ. އޭނަ ބޯ އުފުއްލައިލިއިރު މޫނުމަތިން އެއްވެސް އަސަރެއް ނުދެއްކިއެވެ. ނަމަވެސް އޭރު އޭނަގެ ހިތުގައި ހައިޖާނެއް އުފެދިއްޖެއެވެ. ރަޢަދު މީހެއްގެ ފިރިއަކާއި އަޅައިގަތުމުން ލައިޝާ ފޫހިވީގޮތަށް އޭނަދެކެ ފޫހިވާނެ މީހުން ތިބޭނެއެވެ. އޭނަ މިއުޅެނީ ހަގީގަތުގައި ކަޔާންގެ ދަރިފުޅު މަންމައެއްގެ ލޯބިން މަހުރޫމް ކުރާށެވެ. އެއްގޮތުން ބަލާއިރު ކަޔާންއާއި ގުޅުމުގެ ހައްގުކަން ބޮޑީ އަފްރީން އާއި އެވެ. އެދެމީހުންގެ ދަރިއަކު ހުއްޓާ ލައިޝާ އެދޭތެރެއަށް ވަންނަން ޖެހޭނެބާވައެވެ. 

ލައިޝާ ކަޔާންގެ ގާތުން އޮޅުން ފިލުވައިލަން ބޭނުމީ ކަޔާންއާއި އަފްރީންގެ ގުޅުން އޮތީ ކިހާވަރަކަށް ކަމެވެ. ބައެއްފަހަރު އޮޅުމަކުން ހެދޭ ގޯހަކުންވެސް އެފަދަ ދެރަގޮތެއް މެދުވެރިވެދާނެއެވެ. ނޫނީ އެދެމީހުން ރައްޓެހިވެގެން ގިނަ ދުވަސްވާންދެން އުޅުނީހެއްޔެވެ؟ ކޮންމެވެސް އެކަކު ބޭވަފާތެރިވީ ހެއްޔެވެ؟ ކުށްވެރިއަކީ ކާކުހެއްޔެވެ؟ ކަޔާންގެ މާޒީ ދެނެގެންނަން ބޭނުން ނުވެފައި ހުރި ކުއްޖާ ކުއްލިއަކަށް ކަޔާން ދަސްކުރާ ހިތްވިއެވެ. ކަޔާންގެ ހަޔާތުގެ ހުރިހާ ސަފުހާއެއް ބަލައިލަން ހިތް އެދެން ފެށީ އިންތިހާއަށެވެ. 

ކެއުމުގެ ބާކީއޮތް ބައި ވޭތުވެގެން ދިޔައީ އޮމާންކޮށެވެ. ކެއުން ނިމިގެން ވަރުޖިނާ ލައިޝާ ގޮވައިގެން ދިޔައީ މަތީބައިގާވާ ގެސްޓް ރޫމަށެވެ. މިބައިގެ ކޮޓަރިތަކުގެ ބެލްކަނީ ތައްވަނީ ގުޅިފައެވެ. ވަރަށް ހިތްގައިމެވެ. މުށިތަކުގައިވާ ބޮޑެތި މާ ގަސްތަކުގައި ކުލަކުލައިގެ މާތައް ފޮޅިފައިވާއިރު ތަންވަނީ ހުވަނދު ލެވިފައެވެ. މިބަޔަކީ މެހުމާނުންނަށް އެކަނި ޚާއްސަކޮށްފައިވާ ފްލޯރ އެއްކަން އެނގުމުން ލައިޝާ ނުތަނަވަސްވާ ގޮތްވިއެވެ. އެކަނި އެއް ފްލޯރގައި އުޅެން އޭނަ އެހާ ހިތްހަމައެއް ނުޖެހެއެވެ. ލައިޝާ އެރޭ ނިދަން އުޅެ އުޅެ ނުނިދުނެވެ. އެހާ ހިތްގައިމު ކޮޓަރިއެއްގައި އޮވެވެސް ލޮލުގައި ނިދީގެ އަސަރުނެތީ އާ ތަނަކަށްވެފައި އެކަނި އޮންނަން ބިރުގަތީމަކަން ނޭގެއެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު އިވުމާއިއެކު ލައިޝާ ފުންމައިގެން ތެދުވެ ނަމާދު ކޮށްލައިގެން ދުޢާކުރިއެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް ލައިޝާ ދުޢާކުރީ ލޯބިވާ މީހުންނަށެވެ.

ލައިޝާ އޭނަ މޭޒުމަތީގައި ބޭއްވި "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ގެއްލިގެން ހޯދަހޯދާ ނުފެނުމުން ވަރަށް ދެރަވިއެވެ. ކަޔާން ދިން ހަދިޔާއަކަށް ވީތީ އެ ފޮތަކީ ލައިޝާއަށް ނިކަން ޚާއްސަވި ފޮތެކެވެ. އެ ފޮތުގެ އެހެން ކޮޕީއެއް ލިބިދާނެއެވެ. ނަމަވެސް ކަޔާންދިން ހަދިޔާއެއްވީމަ އެގޮތަށް ގެއްލިޔަދީގެން ނުވާނެއެވެ. މިގެއިން އެފޮތް ނަގާނީ ކާކުހެއްޔެވެ؟ ފޮތަކުން މީހަކު ކުރާނެކަމެއް އޮންނާނެ ހެއްޔެވެ؟ އެފޮތް ގެންދަން ޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ ލައިޝާ ހައިރާންވިއެވެ. އެހެން މީހެއްގެ ގާތުން އަހައިފިއްޔާ އެހެން މީހުންގެ ބޮލުގައި ވައްކަން އަޅުވަނީކަމަށް ނުވާނެ ގޮތަކީ ނެތްގޮތެކެވެ. ލައިޝާ ހިތުގައި ޖެހުނުވަރުން ކަޔާންގެ ގާތުގައި ޝަކުވާކުރިއެވެ.

"ނޯ ވޮރީސް، މިގޭގައި ލައިބްރަރީއެއް ހުންނާނެ، ލައިޝާ ބޭނުން ވަރަކަށް ވާހަކަ ކިޔައިލެވިދާނެ، އެހެންނޫނަސް އަހަރެން ލައިޝާ ބޭނުން ކޮންމެ ވާހަކައެއް ގެނެސްދީފާނަން...." ކަޔާން އަށް އެއީ ބޮޑުކަމަކަށް ނުވިއެވެ.

"އެކަމަކު އެފޮތް ހާދަ ބޭނުމޭ، އެއީ ކަޔާންގެ ފަރާތުން ލިބުނު ދެވަނަ ހަދިޔާ، ބޭނުން ޓްރެޝަރކުރަން......" ލައިޝާގެ ވާހަކައިން އޭނަ ކަޔާންދެކެ ލޯބިވާ މިންވަރު އަންދާޒާ ކުރެވުނެވެ. ހަދިޔާތަކުން އަންހެންކުއްޖެއްގެ ހިތް އަތުލާކަށް މިވީހާތަނަށް ކަޔާންއަށް ޖެހިފައެއް ނެތެވެ. އޭނަގެ ފަހަތުން ދުވާހާ އަންހެންކުދިންނަށް އޭނަގެ ރީތިކަމުން ފުދެއެވެ. އެ ރީތިކަމަށްޓަކައި ފިދާވާކުދިންގެ އުދަގޫތައް އޭނައަށް ނުޖެހެނީ އޭނަގެ ހުރި މިޒާޖުގެ ސަބަބުންނެވެ. ލައިޝާ ހާދަ ތަފާތެވެ. އޭނަގެ ފަރާތުން ލައިޝާއަށް ދިން އާދައިގެ އެއްޗެއް ދެކެވެސް ލައިޝާ ލޯބިވާވަރު އެނގުނީއެވެ.

ދެތިން ދުވަސް ކެންޒިއާގައި ހޭދަކުރެވުނުއިރު ލައިޝާއަށް އެންމެންގެ ފަރާތުން ފެނުނީ ހިތްހެޔޮ ކަމާއި އެކުވެރިކަމެވެ. އެކަކުވެސް އޭނަ އެގޭގައި ހުންނާތީ މައްސަލައަކަށް ނަހަދައެވެ. ލައިޝާ ސްކާފް އަޅައިގެން ހުންނާތީ ގޭތެރޭގައި ބުރުގާ އެޅުމުގެ މާނައެއްނެތް ކަމަށް ކިޔާފައި ވަރުޖިނާ ސްކާފް ބާލުވަން އުޅުނެވެ. ނަމަވެސް ލައިޝާ ދެކޭގޮތުން ދީނީ ކަންތައްތަކަށް އެހެން މީހުންނަށް ފާޑެއް ނުކިޔޭނެއެވެ. އެފަދަ ކުދިކަންތައް ތަކުގައި ޚިޔާލު ތަފާތުވުންތައް ހުއްޓަސް މުއްސަދި ބަޔަކާއި ބަލާފައި ހިތްތިރިކަމުގެ އިންތިހާއެވެ.

ލައިޝާ ޒިއާމްއާއި ރަޢަދު އާއި ބެހޭގޮތުން ރަޢަދުއާއި ސުވާލެއް ނުކުރެއެވެ. މީހުންގެ އަމިއްލަ ކަންތައްތަކަށް އެހާ ޝައުގުވެރިވެގެން ޒާތީ ސުވާލުތައް ކުރާކަށް ލައިޝާ ބޭނުމެއްނުވިއެވެ. ނަމަވެސް ލައިޝާއަށް ޒިއާމްއާއި ރަޢަދުގެ ފަރާތުން ފެނުނު ކަންތަކަށްފަހުގައި ކޮންމެވެސް ވަރަކަށް އެމީހުން އުޅޭގޮތް ބަލައިލެވެއެވެ. ރަޢަދު ފެންނަނީ އަބަދު ފޯނެއްގައި އިންނަތަނެވެ. މެސެޖްކުރަނީ ޒިއާމްއަށް ހެއްޔެވެ؟ ބައެއްފަހަރު އެދެމީހުން އެއްތަނެއްގައި ވާހަކަދައްކަން ތިބޭތަން ފެނުމުން ލައިޝާ ފޫހިވާގޮތްވެއެވެ. ބޭބެ ކޮއްކޮގެ ނަމުގައި އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވާފައި އުޅޭއިރު އެދެމީހުންގެ ހަގީގީ ގުޅުން އެކަކަށްވެސް އެގޭބާވައެވެ. ދެމީހުންނަށް އެކީގައި އުޅެން ހާދަ ފުރުސަތު ލިބޭނެއެވެ.

ލައިޝާ އޮފީހަށް ދާން ޖެހުނީ ކަޔާން ގެ ކާރުގައެވެ. އޮފީސްކުދިންގެ އަނގަތައް ބަންދުވި ނަމަވެސް ހިތުގައި ވާ ހަސަދަވެރިކަން އިންތިހާއަށް ބޮޑުވިއެވެ. ވެރިމީހާއާއި ލައިޝާއާއި ދޭތެރޭގައިވަނީ ކޮންކަހަލަ ގުޅުމެއްކަން ނޭގޭ މީހަކު މިހާރު އެތާގައި ވާނެހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް އެކަން ހުއްޓުވަން މަސައްކަތްކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަން އެކުދިންނަށް އެނގެއެވެ. އެންމެ ފަހުން އާފްރާއާއި ސަނާ ބޭނުންވީ ލައިޝާއާއި ގުޅިގެން އުޅޭށެވެ. ލައިޝާ މުއްސަންޖެއްގެ އަންބަކަށްވީމަ އެކުދިންނަށްވެސް ފަހުން ފައިދާ ކޮށްފާނެއެވެ.

ޒިއާމް އާއި އެޗް އާރ މެނޭޖަރ ކޮފީ ބޯން ރެސްޓޯރެންޓެއްގެ މަތީބައިގާ ތިބިއިރު އެތާތިބި އަންހެންކުދިންގެ ނަޒަރު އެދިމާލަށް ހުއްޓިފައިވެއެވެ. ދެ ޒުވާނުންވެސް ސްމާޓްވެފައި އަޅައިގަންނަގޮތް ހުރީއެވެ.

"ހަމަ ތެދެއްތަ؟ އަހަރެން ހިތަށް އެރިއޭ....." ޒިއާމް ބުމަ އަރުވާލިއެވެ.
"އާފްރާ ހައްލާލައިގެން އަހަރެން އަހާލީމަ ވަރަށް ވަރަކުން ބުނީ ލައިޝާ ކަޔާންއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައޭ، ލައިޝާ ކަޔާންގެ ކެބިންގައި ހުރެފައި ދިޔައިރު ތަންކޮޅެއް ތުންފަތް ރަތްވީމަ އާފްރާ އެގޮތަށް ވިސްނިގެން އަމިއްލައަށް ހަދައިގަތް ވާހަކައެކޯ، އަންހެންކުދިންނަކީ ކޮމްޕްލިކޭޓެޑް ބަޔެކޭ، އެންމެ ގާތް އެކުވެރިޔާ ދެކެވެސް ޖޭވެދާނެ، އެހެންވެ ލައިޝާއާއި ބެހޭގޮތުން އެކަހަލަ ވާހަކައެއް ފެތުރީ........" މެނޭޖަރ އިނީ މަޖާވެފައެވެ.
"ކެން ލައިޝާދެކެ ރުޅިއަތުވެދާނެތީ އޭރުވެސް އަހަރެން ކެންގެ ގާތުގައި އެ ވާހަކަ ނުބުނަމޭ، މަގޭ ހިތަށްވެސް އަރާ ލައިޝާއަކީ ބަސްއަހާ ކުއްޖެކޭ، އައި ލައިކް ހާރ އެލޮޓް، ނޭގޭ ކީއްވެކަމެއް، އަބަދު ލޯބިކޮށް ހެވިލާފައި ހުރީމަ ހިތްހަމަޖެހޭ......." ޒިއާމް މޭޒުމަތީގައި ތަޅާލަ ތަޅާލާ އިންއިރު ލައިޝާއާއިމެދު ވިސްނެންފެށިއެވެ. ލައިޝާގެ މޫނަށް ބަލާލާފައިވެސް މާތް ވައްތަރު ޖަހައެވެ. އެމީހުންހާ މުއްސަދިވުން ކޮންމެހެން ލާޒިމެއް ނޫނެވެ. ކަޔާން ލައިޝާއާއި ގުޅެން ޒިއާމް އެހާ ބޭނުން ނުވީ އެންމެ ސަބަބަކާއި ހުރެއެވެ. ޖުއާންއަށް ދޮންމަންމައެއް ހޯދަދޭން ބޭނުން ނުވީއެވެ. އަފްރީންގެ ކުށަކާއި ނުލައި އެކުއްޖާއާއި އެކު އުޅެލާފައި ދަރިއަކު ދީފައި ކަޔާން ދުރަށް ދުވުމަކީ އިންސާފެއް ހެއްޔެވެ؟ އަފްރީން އެހުންނަނީ ކަޔާން ނޫން މީހަކާއި ކައިވެނި ނުކުރަން ނިންމައިގެންނެވެ. 

ލައިޝާ ހަވީރު ހިނގާލަން ދިޔައީ ރަޢަދު އެތައް ވަރަށް ކިޔައިގެންނެވެ. ލައިޝާ ފުރަތަމަ ފަހަރަށް ތަންކޮޅެއް ގަޔަށް ފިޓް ހެދުމެއްލައިގެން ކުޑަކޮށް މޭކަޕްވެސް ކޮށްލިއެވެ. ލައިޝާ ރީތިވާން ބޭނުމީ އެކަނި ކަޔާންއަށްޓަކައެވެ. ކަޔާންއަށް ފެނިލުމަށްޓަކައެވެ. މޫނު މޮއިސްޗަރައިޒް ކޮށްލުމުން އޮމާންކަން ދެގުނަ އިތުރެވެ. އެހާ ވިދުންގަދައެވެ. ދެކުދިންގޮސް ޕާކެއްގައި މެގްނަމް ކާން ތިއްބާ އައިދަން ފެނުމުން ލައިޝާ ކުޑަކޮށް ހާސްވިއެވެ. އައިދަންވެސް ހުންނާނީ އޭނަދެކެ ރުޅިއައިސްފައިކަން ނޭގެއެވެ. އަޅިކުލައިގެ ޓީޝާޓަކާއި ނޫ ޖިންސެއްލައިގެން ހުރިއިރު ވަރަށް ހިތްގައިމެވެ. ކަން ހިނގީ ލައިޝާ ހީކުރިގޮތަކަށް ނޫނެވެ. އޭނަ ފެނުމުން އައިދަން ހީލާފައި ސީދާއައީ ލައިޝާ ގާތަށެވެ.

"ހޭއި ލައިޝް....." އައިދަން އިށީނީ އެކުދިން ގާތުގައި ބެންޗުގައެވެ. ރަޢަދު ފާޑަކަށް ކަޅި އަޅާލައިފިއެވެ. އޭނަ އިނީ ހިތްހަމަނުޖެހިފައިކަން އެނގުމުން ލައިޝާ ވަކިން ނުތަނަވަސްވިއެވެ.
"މަންމަ ހުރީ އަހަރެންދެކެ ވަރަށް ރުޅިއައިސްފައި ދޯ، އަހަރެން ނުދާކަށް ނޫނޭ، ކިވީ ނެތީމަ ފޫހިވާވަރުން ހިތަށް އެރީ ދުވަސްކޮޅަކަށް އެހެން ގެއަކަށް ދާނީއޭ، ރަޢަދުމެން ތިބީމަ ފޫހިފިލާ..." ލައިޝާ ވާހަކަ ދެއްކިއެވެ. ރަޢަދު އެބައަންނަމޭ ކިޔާފައި ތަންކޮޅެއް ދުރަށް ގޮސް ގަސްތަކާއި ނިވާވެލައިފިއެވެ. ލައިޝާ އިނީ ތެދުވެގެން ދާން ނުކެރިފައެވެ. ކޮންމެގޮތެއްވިޔަސް އައިދަންއަކީ އޭނަގެ އެކުވެރިއެއްގެ ގޮތުގައި ދެކޭ ޒުވާނެކެވެ. އެހާ ހިތްހެޔޮވެފައި ކަންތައްތަކުގައި އެހީތެރިވެދީ ހަދާ ޒުވާނަކަށްވާއިރު އަނގައިން ބުނެލުމަކީ ގޯސްކަމެއް ހެއްޔެވެ؟

"މަންމަ ބޭނުންވި ކަންތައް ނުވީމަ ހިތްހަމަނުޖެހިފައި މަންމަ ހުރީ، ނަމަވެސް އަހަރެމެންނަކަށް ނެތެއްނު މެރީ ކުރެވެން، ލައިޝްގެ އެބަހުރި ބޯއިފްރެންޑެއް، އަހަރެންވެސް ލައިކްވާ ކުއްޖެއް ހުރޭ، މަންމަމެންގެ ޚިޔާލު ހުންނަ ގޮތުން އެކަހަލަ ކަންތައް އަންޑަސްޓޭންޑް ނުވާނެ، ކުރީ ޒަމާނުގައި އެރެންޖް މެރިޖްކުރުވާތީކަން ނޭގޭ...." އައިދަން އެއް އަތް ބެންޗުގެ އަތްގަނޑުގައި އަޅުވާލައިގެން އިންއިރު ދެކޭމީހަކަށް ހީވާނީ ލައިޝާގެ ކޮނޑުގައި އަތް އަޅުވާލައިގެން އިންހެންނެވެ. ލައިޝާ ލެނގިލައިފިއްޔާ ބޯ އަޅާލެވޭނީ އައިދަންގެ އަތްމަތީގައެވެ.
"ކާކުތަ؟ އޮފީސްކުއްޖަކާއިތަ އައިދަން މެރީ ކުރަނީ؟" ލައިޝާ ހިނިތުންވެލިއެވެ.
"ނޫނޭ، މެރީކުރާ ހިސާބަށް ދާނީ ރައްޓެހިވީމައެއް ނު ލައިޝް، އަދި ލައިކްވިޔަސް ވާނެގޮތެއް ނޭގޭ، އެހެންވެ ބޭނުމެއްނުވޭ އެކަން އިތުރު މީހަކަށް އަންގާކަށް، އަދި ނޭގޭ އެކުއްޖާ އަހަންނާއިމެދު ދެކޭ ގޮތެއްވެސް، ހީވަނީ އަހަރެންދެކެ ހޭޓްކުރާހެން، ލަދުރަކިކަމުން އަނގައިން ބުނުން ފަސޭހައެއް ނޫން......" އައިދަންގެ ވާހަކަތަކުން ލައިޝާއަށް އެހެން އެއްޗެއް ހީވާން ފަށައިފިއެވެ.
"ކީވާ ދޯ......." ލައިޝާ ދެލޯ ބޮޑުކޮށްލުމުން އައިދަން ހޭންފެށިއެވެ.
"ބުނެބަލަ އައިދަން....." ލައިޝާގެ ހިތް އަވަސްވެލިއެވެ. 
"ހެހެ، ލައިޝް ކީއްވެ ކިވީގެ ނަން ތިބުނީ، ކިޑްނީ ފެއިލްވެފައިވާ ކުއްޖަކު ދެކެ މީހަކު މިގޮތަށް ލައިކް ވެވިދާނެހެން ހީވޭތަ؟ ބަލިކުދިން ދެކެ މީހުން ވާނީ ސިމްޕަތީ، އަހަރެންވެސް އެގޮތަށް އޭނަ ބަލިކަން އެނގުނުފަހުން ސިމްޕަތީވޭ، ވަރަށް ދެރަވޭ ކިވީ ފެނުނީމަ، އަދި އިންޑިއާއަށް ފުރީމަ ހިތަށް އަރާ ދެން ވާނީ ކިހިނެއް ބާވައޭ، ކިވީ އަހަރެމެންނަށް ނުފެނި މަރުވެދާނެއޭ، ފަހުން ވިސްނުނީ އެއީ ސިމްޕަތީވެގެން ވާކަމެއް ނޫންކަން، ލޯބިކަން، އައިމް އިން ލަވް ވިތް ހާރ....... " އައިދަން ދުރުދުރުން ވާހަކަފެށިއެވެ.

"އަހަރެން ވަރަށް އުފާވެއްޖެ، އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ......" ލައިޝާ ހިނިތުންވެލިއެވެ.
"ލައިޝް، އަހަރެން ހަގީގަތުގައި ކިވީދެކެ ވަރަށް ލޯބިވޭ، އެކަން ޔަގީންވީ ކިވީ ފުރިފަހުން، އަހަންނަށް އެނގޭ ލައިޝްއަށް އަންޑަސްޓޭންޑް ވާނެކަން، އެހެން މީހަކަށް ކިޔައިދޭން ދަތިވާތީ ލައިޝް ކާރީގައި މިބުނީ އެކަނި މި ކަމާއި ވިސްނަމުންގޮސް ބޯ ހަލާކުވާވަރުވީމަ، އަހަންނަށް އެނގޭ މި ލޯބި މިއީ ފަސޭހަކަމަކަށް ނުވާނެކަން، އެނގެއެއްނު އަހަރެންގެ މަންމަގެ ވިސްނުން ހުންނަގޮތް، މަންމަ އޮތީ އަހަންނަށް އެކަން އަންގާފައި، އެހެންނޫނަސް ލައިޝް ބުނެބަލަ، އަހަންނަށް ކިވީދެކެ ލޯބިވުމަކީ އަހަރެންގެ ބަދުނަސީބުތަ؟ ކިވީ އެހާ ބަލިއިރު އަހަންނަށް ލިބޭނީ ކޮން އުފަލެއް؟ އެކަމަކު އަހަންނަށް ލޯބިވެވިއްޖެ.........." އައިދަންގެ ވާހަކަތަކުން ލައިޝާގެ ހިތް އުފަލުން ނަށާލިއެވެ. އައިދަންއަކީ ކީވާގެ ނަސީބެވެ. މަރުވަމުންދާ ކުއްޖަކަށްވެސް ލޯބި މުހިއްމު ވެދާނެއެވެ. ކީވާގެ ހިތުގައި އައިދަންއާއި މެދުގައި އޮތީ ކޮން އިހުސާސެއް ހެއްޔެވެ؟ ފަހަރެއްގައި ލައިޝާއަށް ސިއްރުން ކީވާވެސް އައިދަން ދެކެ ލޯބި ވާން ފެށީކަން ނޭގެއެވެ.

"ޑައިލިސިސް ހަދަންފެށީމަ އަދި ކިވީ ވަރަށް މާޔޫސްވާނެ، ހަފްތާއަކު ދެތިންފަހަރު ހަތަރުގަޑިއިރަށް ލޭ ސާފުކުރުވަން އޮތުމަކީ ކިހާވަރެއްގެ ހިތްދަތިކަމެއްކަން އެނގޭނީ އެ ކަންތައް ތަޖުރިބާކުރެވުނު މީހަކަށް، އަހަންނަށް މިހާރުއްސުރެ އެނގޭ ކިވީއަށް ކުރާނެ އަސަރު...." އައިދަން ފުން ނޭވަޔެއްލިއެވެ.
"ލުކް އައިދަން، އިފް ޔޫ ލަވް ހާރ ދެން ކިވީގެ އެ ނެގެޓިވިޓީ ބަދަލު ކޮށްލަދީފާނަންތަ؟ ކިވީ ޕޮޒިޓިވްކޮށް ވިސްނާން ފެށުމުން އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅުވާނެ، މިއަދު އައިދަންގެ ގާތުގައި ބުނަން ބޭނުމީ އެންމެ ވާހަކައެއް، ކިވީ އެވަނީ ވަރަށް ޑެލިކޭޓް ސިޗުއޭޝަނެއްގައި ކަން އައިދަންއަށްވެސް އެނގޭނެ، ލޯބިވަންޏާ ޑޯންޓް ބްރޭކް ހާރ ހާޓް...." ލައިޝާ އެދުނެވެ.

އައިދަން އާއި ލައިޝާ މުޅިންވެސް ދެއްކީ ކީވާގެ ވާހަކައެވެ. ވަގުތު ވޭތުވެގެން ދިޔަ ގޮތެއް ނޭގި އިރުއޮއްސި ރަތްވިލާ ލާން ފެށުމުން ލައިޝާވެސް ގެއަށް ދާންކަމަށް ޕާކުން ނިކުމެ ފޯނަށް ބަލާލިއިރު ކަޔާންގެ މިސްކޯލު ތަކެއް ހުއްޓެވެ. ރަޢަދުވެސް އޭނަ ދޫކޮށްލާފައި އެގޮތަށް ދިޔައީމަ ލައިޝާ ހުރީ ހިތްހަމަނުޖެހިފައެވެ. ރަޢަދު ގޮސް ކަޔާންގެ ގާތުގައި ކުޓުވައިފިއްޔާ ރުޅިގަދަވެގެން މައްސަލަ ޖައްސާނެކަން ޔަގީނެވެ.

ލައިޝާ މަޑުމަޑުން ހިނގާލާފައިގޮސް ފެންޑާއަށް އެރިތަނާ ރަޢަދު ޓައިޓަކާއި ބާރު ޓޮޕެއްލައިގެން އޭގެ މަތިން ތަންކޮޅެއް ދޫ ކޯޓެއްލައިގެން ހުރެ ފެންޑާއަށް ނުކުތެވެ. ވިހުރުވާލާފައިވާ އިސްތަށިގަނޑު ރީތިކަމުން ލައިޝާގެ ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ. އެހެންނޫނަސް މިހާރަކަށް އައިސް ރަޢަދު ފެންނަނީ ތަންކޮޅެއް ރީތިކޮށް ހެދުން އަޅާތަނެވެ. ކުރު އެއްޗެހި ލައިގެން އުޅޭތަނެއް ނުފެނެއެވެ. ހަނދާނަށް އައީ ޒިއާމްގެ ފަޔަށް ރައަދު ފައި އަރުވާލައިގެން އިންތަނެވެ. އެ މަންޒަރު ސިކުނޑިން ބޭރުކޮށްލަން އުޅުނަސް އެކަމެއް ނުވިއެވެ.

"ލައިޝް ކަމެއް ކޮށްދީފާނަންތަ؟ މަންމަމެން ގާތު ނުބުނައްޗޭ އަހަރެން ލައިޝާ އެކަނި ދޫކޮށްލާފައި ޕާކުން އައި ވާހަކަ، ސްޕެޝަލީ ކެން ގާތުގައި، އަހަރެންވެސް ނުބުނާނަމޭ ލައިޝް އެހެން ބޯއިއަކާއި ބައްދަލުކުރި ވާހަކަ......ޕްލީޒް ޕްލީޒް އެހެންނޫނީ ވަރަށް މައްސަލަ ގޯސްވެދާނެ......" ރަޢަދު ގެ މޫނުމަތީގައި ހުރީ ކަންބޮޑުވުމުގެ ކުލަވަރެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ވިސްނާހެންނެވެ.
"ކީއްވެތަ؟ " ލައިޝާ ހައިރާންވިއެވެ. 
"ނަތިން، އެހެންނޫނީ މަންމަމެން ހިތަށް އަރާފާނެ އަހަރެން ލައިޝް އާއި އެކީގައި ހިނގަންގޮސްފައި ބިޓުންނާއި ސެޓްކުރުވަނީއޭ......" ރަޢަދު އެއް ލޯ މަރައިލިއެވެ.
"އޯކޭ...." ލައިޝާ އެއްބަސްވުމުން ރައަދު ހީލާފައި ސިޑިން އަރައިގެން ހިނގައްޖެއެވެ.
ހަގީގަތުގައި ލައިޝާއަށް ނުވިސްނުނީ ރަޢަދު ޕާކުން ދިޔަގޮތަށް އެކުވެރި އަންހެންކުދިންކޮޅަކާއިއެކު ހުޅުމާލެއަށް ދިޔަކަމެވެ. އެކަން ފަޅާއަރާފާނެތީ ރަޢަދު ހުރީ ބިރުންނެވެ. ނަމަވެސް އޭނަވަނީ ކަޔާންއަށް ފޯނުން ގުޅާފައި ލައިޝާ އައިދަންއާއި ޕާކުން ބައްދަލުކުރި ވާހަކަ އަންގާފައެވެ. އޭނަ އޮތީ މާ ކުރީއްސުރެ ޕާކަށް ހަވީރުދާނެ ވާހަކަ ލައިޝާ ގާތުގައި ބުނެފައިކަމަށާއި ލައިޝާ އެ ޒުވާނަކަށް އެތަނަށް އަންނަން ދައުވަތުދިނީމަ ނޫނީ އެފަދަ އިއްތިފާގެއް ނުހިގާނެކަމަށް ރަޢަދު ޔަގީންކުރިއެވެ. ކަޔާންއަށް އެކަން އެނގުނީ އޭނަގެ ފަރާތުންކަން ނާންގަން ކަޔާން ލައްވާ ރަޢަދު ވައުދުކުރުވިއެވެ.

ކަޔާން ކާރުން ފޭބިގޮތަށް ބާރަކަށް ހިނގާލާފައި އައިއިރު ލައިޝާ ހުރީ ކަޔާންގެ އިންތިޒާރުގައި ފެންޑާގައެވެ. ކަޔާންގެ މޫނުމަތިން ނުރުހުމުގެ ކުލަ ފެނުމުން ލައިޝާގެ ހިތް ތެޅިލިއެވެ. އައިދަން އޮތީ އޭނަގެ ގާތުގައި އެވާހަކަ އެއްވެސް މީހެއްގެ ކާރީގައި ނުކިޔަން ވަޢުދުކުރުވާފައެވެ.
"ކަޔާން....." ލައިޝާ ކަންބޮޑުވެފައިވާފަދަ ގޮތަކަށް ގޮވާލިއެވެ.
"ކޮންތާކު އުޅެލާފައި ތިއައީ؟ އަހަރެން އެހާވަރަށް ގުޅިއިރު ފޯނު ނުނެގުނީ ކީއްވެތަ؟ " ކަޔާން އަހާލިއެވެ.
"ސޮރީ ކަޔާން، ފޯނު ސައިލެންޓަށް ލެވިފައި އޮތީމަ ނޭގުނީ، ޕާކަށޭ ދިޔައީ....." ލައިޝާ ގެ ހިތުގެ ހިނގުން ތަންކޮޅެއް ބާރުވިއެވެ. ކަޔާންއަށް އޭނައާއި އައިދަން ވާހަކަދެއްކިކަން އެނގިފައި އޮވެދާނެކަމަކަށް ލައިޝާ ގަބޫލެއްނުކުރެއެވެ. އެގޮތަށް އެކަނިވެރި ތަނެއްގައި ފިރިހެނަކާއި ވާހަކަދައްކަން އިނުމަކީ ރަގަޅުކަމެއް ނޫންކަން އަމިއްލަ ޟަމީރު ގަބޫލުކުރެއެވެ. ނަމަވެސް އެފަދަ ހާލަތެއް ދިމާވުމުން އޭނަވެސް ގޮތްހުސްވީއެވެ. އެހެންނޫނަސް މިހާރު ލައިޝާ އައިދަންއާއި މެދު ދެކެނީ އެކަނި އެކުވެރިއެއްގެ ހައިސިއްޔަތަކުންނޫނެވެ. އެއީ ބޭބެއެއްގެ މަގާމުގައި ހުރި ޒުވާނެކެވެ.

"މާރީތި ހެދުމެއް ލައިގެން ސެންޓު ޖަހާލައިގެން ތިދިޔައީ އެހެންވީމަތަ؟ " ކަޔާން ތަންކޮޅެއް ބާރަށް ލައިޝާގެ އަތުގައި ހިފާ ގާތަށް ދަމާލައިފިއެވެ. އަމިއްލަ ބާރުވެސް އިހުސާސް ނުކުރެވެނީކަން ނޭގެއެވެ. ލައިޝާގެ އަތުގެ މުލައްދަނޑިއަށް ތަދުވިވަރުން އޫއި އޭ ކިޔާލިއިރު ލޮލުން ފެންއަންނަ ގޮތްވިއެވެ.
"ބުނޭ، އެކީގައި ދިޔައީ ކާކުތަ؟ ހަމަ ގަޑި ކިޔާފައި ޕާކަށްވެސް ދިޔައީ، އެއީ ކާކުހޭ؟ ކިތައް ފަހަރު ބުނާނީ އެމީހާއާއި ވާހަކަ ނުދައްކާށޭ......" ކަޔާން ތަންކޮޅެއް ބާރަށް އެހެން ބުނެލާފައި ލައިޝާގެ އަތުން ދޫކޮށްލައިފިއެވެ. ލައިޝާ ހުރީ ހިމޭންވެފައެވެ. ކިޔާނެއެއްޗެއް ނޭގިފައެވެ.
"ލައިޝާ، ކިހިނެއްވެފައި ތިހިރީ، އަހަރެން ކިޔާ އެއްޗެއް އަޑުނީވޭތަ؟" ކަޔާން ވާހަކަ ދައްކަނިކޮށް އެތަނަށް ރައަދު ނުކުމެގެން އައީ ކޮފީތަށްޓެއް ހިފައިގެންނެވެ.
"ކެން، ކޮފީ ބުއީމަ ސިކުނޑި ރިލެކްސްވެދާނެ، ކެން ރުޅިގަދަވާވަގުތު އަހަރެން ޖެހެނީ ހެޑްސެޓް އަޅައިގެން ހުންނާން....." ރައަދު އެ ކޮފީތަށި ދިއްކޮށްލުމުން އަދި ކަޔާންގެ ރުޅިވަކިން ގަދަވެ ހީވީ އަލިފާނަށް ޕެޓްރޯލް އެޅިހެންނެވެ. އެކޮފީތަށީގައި އަތުންޖެހިގޮތަށް ވިއްސައިގެންގޮސް ތަނބުގައި ޖެހިފައި ތަށި ތެޅުނު އަޑު އެތަނުގައި ގުގުމާލިއެވެ. ރައަދު ގަންނާ ކުރެއްވި ބިރުން ކަންފަތުގައި އަތްއަޅާފައި ދުއްވައިގަތްއިރު ލައިޝާ އަށްވެސް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. ލައިޝާ ހުރީ ހުސްފަޔާއި ކަމަށް ވާތީ އޭނައަށް އެރުނީ ތެޅުނު ބިއްލޫރިތަކުގެ މައްޗަށެވެ. ލައިޝާގެ ފަޔަށް ހެރުނީ ބޮޑު ބިއްލޫރިގަނޑެއް ކަމަށްވާތީ ލޭގަނޑު އޮހިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. އެ މަންޒަރު ފެނުމުން ކަޔާންގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ ކުލަވަރެވެ. ވިދާލި ވިދުވަރެއްހެން ދުވެފައިގޮސް ލައިޝާގެ މެދުހަށީގައި ހިފާލިގޮތަށް އުފުލައިލާފައި ސޯފާއެއްގައި ބޭންދިއެވެ.

"ސޮރީ ސޮރީ، އައިމް ރިއަލީ ސޮރީ ބޭބީ......ތަދުވެއްޖެތަ؟ ތަދުކޮށްލެވުނީ ދޯ.......ގަސްތުގައެއް ނޫނޭ.. " ކަޔާން އެތައް ފަހަރު މާފަށް އެދެމުން ލައިޝާގެ ފައިތިލައިގާ ހިފަހައްޓާފައި ބަލައިލިއެވެ. ކަޔާން ދެން ކުރިކަމަކުން ލައިޝާ ސިހުނެވެ. ލައިޝާގެ ފައިތިލައިގާ ބޮސްދީފައި މާފަށް އެދުމުން ހައިރާންކަން ފިލާ ލޮލުގައި ކަރުނަ ބޮނޑިވެގަތެވެ.

"ތަދެއް ނުވޭ. އިޓްސް އޯކޭ....." ލައިޝާ ތިރީ ތުންފަތުގައި ދަތްއަޅައިލަމުން ކަޔާންގެ އިސްތަށިގަނޑުގައި މަޑުމަޑުން އަތް ބީއްސާލިއެވެ. އެ ޒަޚަމްއިން ލިބުނު ވޭނަށްވުރެ ހިތުގައި އަޅާ ވޭން ބޮޑުކަން ކަޔާންއަށް ނޭގުނީ ހެއްޔެވެ؟ ލައިޝާގެ ރީތި ދެލޮލުން ފެނުނީ ޝަކުވާއެވެ. ނަމަވެސް ދުލުން އެކަން ހާމަޔެއް ނުކުރިއެވެ. އެގޮތަށް ލައިޝާ ބަލަން އިނުމުން ކަޔާންއަށް ވަރަށް އަސަރުކުރިއެވެ. ކަޔާން ލައިޝާގެ ގާތުގައި އިށީދެފައި ލައިޝާ ގެނެސް މޭގައި ޖައްސައިލާފައި ނުރޯން އެދުނެވެ. އޭނަ ހިތްހަމަނުޖެހުނީ މިއަދު އައިދަން އާއެކީގައި ޕާކްގައި އުޅުނީތީ ކަމަށާއި އެއީ އޭނަ ދެކެން ބޭނުން ނުވާ މަންޒަރެއް ކަމުގައި ބުނެލިއެވެ. އިރުކޮޅެއްފަހުން ކަޔާން އާއި ލައިޝާ ހަމަޔަކަށް އެޅުނެވެ. ކަޔާން ފަސްޓް އެއިޑް ބޮކްސް ފޮށި ގެނެސް ލައިޝާގެ ފައިގާ ބޭސްއަޅާލަ ދިނެވެ. އެފަހުން ކަޔާން ގާތުގައި ލައިޝާ އައިދަންގެ ވާހަކަދެއްކިއެވެ. އެމީހުންގެ ވާހަކައިގެ މައުޟޫއަކީ ކީވާގެ ބަލިކަމުގައި ބުނެދިނެވެ. އައިދަން ކީވާއާއި އަނގައިން ބުނަން އެގޭ މަންމަ ދެކޮޅުހަދާތީ އެކަމާއި އައިދަން ދެރަވެގެން އެވާހަކަ ދެއްކީ ކަމަށާއި އައިދަންއަށް ޕާކަށް އާދެވުނީ އިއްތިފާގުން ކަމަށް ބުނެލިއެވެ. ކަޔާން ލައިޝާގެ ވާހަކަތައް ގަބޫލު ކުރިއެވެ.

ޖެހިގެން އައި ދުވަހު ލައިޝާ އޮފީހަށް ނުގޮސް މަޑުކޮށްލަން ކަޔާން އެދުނެވެ. ލައިޝާއަށް އެފަދަ އަނިޔާއެއް ކުރެވުނީތީ ކަޔާން ހުރީ އިންތިހާއަށް ދެރަވެފައެވެ. ލައިޝާ އަރާމުކުރަން އަންގާފައި ދިޔަސް ކަމެއް ނެތި ކޮޓަރީގައި އޮންނަ ހިތްނުވެގެން ލައިޝާ ބޭރަށް ނުކުތެވެ. ވަރުޖިނާ ސިޓިންރޫމްގައި އިނގިރޭސި ސީރީސްއެއް ބަލަން އިންއިރު ލައިގެން އިނީ ޓީޝާޓަކާއި ޖިންސެކެވެ. ކަޔާންގެ މަންމަ ޒުވާންވެފައި ނަލަކަމުން ލައިޝާގެ ހިތް ތައުރީފުކުރިއެވެ. އެހާ ޒަމާނީގޮތެއް ހުރެއެވެ.

"ލައިޝް، ފައި ކިހިނެއްތަ؟ ރާދު ބުނި ބިއްލޫރިކޮޅެއް ހެރުނު ވާހަކަ، ޑޮކްޓަރަށް ނުދައްކާ ހުއްޓާ އިންފެކްޓް ވެއްޖެއްޔާ މާ ދެރަ....." ވަރުޖިނާ ލައިޝާ ގާތުގައި ސޯފާގައި އިށީންނަން ބުނެލާފައި ގާތްކޮށް ވާހަކަދެއްކިއެވެ.
"ޑްރެސިން އަޅާފައި މިހިރީ......" ލައިޝާ ކުޝަން އުނގުގައި ބާއްވާލައިގެން އިށީދެއްޖެއެވެ.
"ލައިޝް ސީރިއަލް ތައް ބަލަންތަ؟ " ވަރުޖިނާ ވާހަކަ ދައްކަނީ އެއް އުމުރުގެ ކުއްޖެއް ހެންނެވެ.
"ލައްބަ، އަޅުގަނޑުވެސް ކޮންމެވެސް ވަރަކަށް ބަލާ އުޅެން......" ލައިޝާ ވަހަކަދެއްކީ އިހުތިރާމްއާއި އެކުގައެވެ.
"އެންމެ ބޮޑު މައްސަލައަކީ އެފްބީއާއި ސީރިއަލްތަކަށް ދެވި ހިފާވަރުން މި ޒަމާނު ކުދިންނަށް އެހެންކަމެއް ނުކުރެވޭކަން، އެހެންވެ ރާދުއަށްވެސް އަންގާފައި އޮންނާނީ ވަކި ގަޑިއެއްގައި ނޫނީ ނެޓަށް ނުވަންނާން، އަންހެންކުއްޖެއް ހުރީމަ ތަންކޮޅެއް ބަލައިގެން އުޅެންވާނެތީ އެވަރު ވިސްނަން، ގަވާއިދުން ނަމާދުކޮށް ދީނީ ކަންތައްތަކަށް ފަރުވާތެރިވެގެން މިގޭގައި އުޅެވޭނީ، މިސާލަކަށް ދެނަމާދު ދޭތެރޭގައި ޓީވީ ބެލުން މިގޭގައި މަނާ، ލައިޝާ، ލައިޝާގެ އާއިލާއާއި ބެހޭގޮތުން އަދި އެއްވެސް ވާހަކައެއް ކިޔައި ނުދެމެއްނު، އެއާއިލާގައި ދީނީ ކަންތަކަށް ކިހާވަރެއްގެ ސަމާލުކަމެއް ދޭތަ؟ " ވަރުޖިނާ ލައިޝާއާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު ލައިޝާގެ ރީތިކަމުން ހިތަށް ފިނިކަމެއް ލިބުނެވެ. ހަގީގަތުގައިވެސް އޭނަގެ ދަރިފުޅު ކަޔާންފަދަ ފުރިހަމަ ޒުވާނަކަށް ބޭނުންވަނީ މިފަދަ މައުސޫމް ރީތި އަންހެންކުއްޖެކެވެ. ނިކަމެތި މީހަކަށް ރަގަޅު ކުއްޖެއް ލިބިދާނެއެވެ. ގޮނޑުން ހޮވިޔަސް ޖަވާހިރެއް ވާނީ ޖަވާހިރަކަށެވެ. އެހެންނޫނަސް އޭނަކޮށްފައިވާ ހިތި ތަޖުރިބާއެއްގެ ސަބަބުން ދެވަނަ ދަރިފުޅުގެ ހަޔާތުގައި އަލިފާން ޖަހާހިތެއް އޭނަ ނެތެވެ.

ލައިޝާ އޭނަގެ ބައްޕައާއި މަންމަގެ ނަން ބުނުމާއިއެކު ވަރުޖިނާގެ މޫނުގެ ކުލަ ފަނޑުވެއްޖެއެވެ. ތުންފަތްމަތީގައިވާ ހިނިތުންވުން ގެއްލި ހިތަށް ނުބައި ގޮތެއްވެއްޖެއެވެ.
"އެބައަންނަން އިނގޭ ލައިޝާ...." ވަރުޖިނާ ބިއްލޫރި މޭޒުމަތީގައިވާ ފޯނު ހިފައިގެން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ލައިޝާ އިސްތަށިގަނޑު ނިވާކޮށްލާފައިވާ ސްކާފް ނެގީ މިގަޑީގައި ގޭގައި ފިރިހެނަކު ނޫޅޭތީއެވެ. އަންހެންވެރިންނަށް އިސްތަށިގަނޑު ފެނުމުން އޮތީ ކޮން މައްސަލައެއްހެއްޔެވެ؟ ލައިޝާ ސީރިއަލްގެ މަންޒަރުތަކަށް ގެއްލިފައި އިންއިރު ބައެއްފަހަރު ހެވެއެވެ. އިރުކޮޅަކުން ރައަދުވެސް އައިސް ސޯފާއަކަށް ވެއްޓިގަތެވެ. އަދި ލައިޝާގެ ސްކާފް ނަގައިގެން އަމިއްލައަށް ބޮލުގައި އަޅާފައި ރީތިހެއްޔޭ ކިޔާފައި ސުވާލު ގިނަކުރަނިކޮށް މީހަކު ބެލްޖެހުމުން ދުއްވައިގަތީ ދޮރު ހުޅުވާށެވެ. ލައިޝާ ރަޢަދު އަތުން ސްކާފް އަތުލައިގަންނަން އުޅުނީ ފިރިހެނެއްކަމަށް ހީކޮށެވެ. ނަމަވެސް ރަޢަދު ހުޅުވާލި ދޮރުން އޭނަގެ މަންމަ ޒުލްމާ ވަންތަން ފެނިފައި ލައިޝާ ހުރީ ހައިރާންވެފައި ދެލޯބޮޑުކޮށްގެންނެވެ. އޭރު ޓީވީގެ ސްކްރީނުން ފެންނަނީ މާ އެދެވޭ މަންޒަރެއްނޫނެވެ. ޒުލްމާ އެއަރޕޯޓުން އައިގޮތަށް މިގެއަށް އައިއިރު އޭނަ ރުޅިގަދަވެގެން ސިކުނޑި ފިހިދާނެހެން ހީވިއެވެ. އަދި މިގެއަށް ވަންއިރު ފެނުނީ ލައިޝާ ސްކާފް ނާޅާހުރި ތަނެވެ. ބަލަން އިން ފިލްމެއްގެ ސަބަބުން ލަދުގަތީ ޒުލްމާއެވެ.

"މަންމާ....." ލައިޝާއަށް ކިޔާލެވުނެވެ.
"ލަދުކުޑަކުއްޖާ، އަހަރެން ގާތުގައި ދޮގުހަދާފައި ހިލޭ ފިރިހެނެއްގެ ކާރީގައި އުޅޭއިރު ތިމާގެ އަގު ވެއްޓިދާނެކަމެއް ނޭގުނު، އެމީހަކާއި ކައިވެނިކޮށްގެން އައިނަމަ މަށަށް މައްސަލައެއް ނެތޭ، ކޮންގޮތަކަށް ނޫޅެވިގެން ތިއުޅެނީ؟ ލަދުންގޮސް މީހުންގެ ތެރެއަށް ނިކުންނާކަށްވެސް އަހަންނަކަށް ނުކެރޭނެ......" ޒުލްމާގެ އަތުން ހޫނު އެތިފަހަރުތަކެއް ލައިޝާގެ މޫނާއި ބޮލަށް އަރަމުން ދިޔައިރު ރަޢަދު އިނީ ފޯނާއި ކުޅެން ފާޑަކަށް ހިނިއައިސްފައެވެ. އޭރު ސިޑިބަރީގެ ފުރަގަހުގައި ކޮންމެވެސް މީހަކު ނިވާވެގެން އެ މަންޒަރު ދެކެން ހުއްޓެވެ.
"ހަމަ މިހާރު ގެއަށް ދާން ހިނގާ...." ޒުލްމާ ލައިޝާގެ އަތުގައި ހިފާފައި ދަމާ ފެންޑާއާއި ދިމާލަށް ހޫރުވާލުމުން ލައިޝާ މީހެއްގެ ފައިގާ ޖެހިފައި މަތަވިއެވެ. 

ކޮމެންޓް 0