އޭރު ވިޝާންގެ ކާރު ލައިޝާ އާއި އަރާހަމަކޮށްލީ އެވެ. ތިރިކޮށްފައިވާ ބިއްލޫރިގަނޑުގެ ތެރެއިން ވިޝާންގެ ހިނިތުންވެފައިވާ މޫނު ފެނުމުން ލައިޝާގެ ހިތަށް ނުތަނަވަސްކަން ވެރިވީ ކީއްވެކަމެއް ނޭގުނެވެ. ވަޔާއިއެކު ވިހުރެމުންދިޔަ ބޯ އިސްތަށިގަނޑާއި ދެތިން ދުވަހުގެ ތުނބުޅީގެ ސަބަބުން ފިރިހެންވަންތަ ކަން އިތުރުވެފައިވިއެވެ. އެހެން ލާފައި ދިޔަހާ ކުދިންގެ އަމާޒުފަތްގަނޑަކަށް ވިޝާން ވި ސަބަބަކީ އެއީއެވެ.

"މާ ހެނދުނު ހެނދުނަކާ ޖޮގިންއަށްތަ ތި ދަނީ، ވަޔާއިއެކު އެހެން ޕްލެނެޓަކަށް ގެންގޮއްސިއްޔާ ކަޔާންގެ ހާޓްބްރޭކް ވެދާނެ، އަރާބަލަ ކާރަށް، ތި ދާން އުޅޭ ތަނަކަށް ގެންގޮސްދީފާނަން........." ވިޝާން ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ. ލައިޝާ ދެ ފިކުރެއްގައި ހުރެފައިވެސް ކާރަށް އެރީ ވަޔާއިއެކު ވާރޭގެ ތިކިތައް ވިއްސަން ފެށިތަން ފެނިފައެވެ. އިސާހިތަކު ވާރޭ އޭނަ ތެންމާލަފާނެއެވެ. އެހެންނޫނަސް ވިޝާންގެ ކައިރިން ކަޔާން ހުރިތަނެއް އޮޅުން ފިލުވައިލާ ހިތުން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ލައިޝާ އަހަން އުޅެގަތީމަވެސް ވިޝާން ދެނެހުރިކަމަކަށް ހަދާނުލިއެވެ. ކަޔާންގެ ޚަބަރެއް ނުވާކަމަށް ބުނެލިއެވެ. ލައިޝާ ބުނި މަންޒިލަށް ވިޝާން ގެންގޮސްދިނެވެ. އެއީ ލައިޝާއަށް ކުރެވުނު މޮޔަކަމެކެވެ. އޭނަ ވިސްނާލުމެއްނެތި ކަޔާން އުޅޭ އެޕާޓްމެންޓަށް ވަންނާން ކަމަށްގޮސްފައި ދޮރު ހުޅުވާލައިފިއެވެ. 

"އަހަރެންވެސް ކޮފީއެއް ބޯލާހިތުން މިއައީ، ފްރީޒްވަނީ ވިއްޔަ...." ކުއްލިއަކަށް އޭނަގެ ފަހަތުން ވިޝާންގެ އަޑު އިވުނެވެ. ލައިޝާ ގެ އަނގައިން ކުޑަ ހަޅޭކެއްގެ އަޑު ބޭރުވިއެވެ. ވިޝާން އެގޮތަށް އޭނަގެ ފަހަތުން އެޕާޓްމެންޓާއި ހަމަޔަށް އައިސްދާނެ ކަމަކަށް ލައިޝާ ހިޔެއްނުކުރެއެވެ. ވިޝާންގެ މަގުސަދަކީ ކޮބާބާވައެވެ. އެހެންނޫނަސް އެވަގުތު ވިޝާން އެތެރެއަށް ނުވައްދަން އޭނަ އަށް ގަދަހެދޭކަށް ނެތެވެ. ބޮޑު ސިންގާ ފިރިހެނަކު ނެރެލާނެ ބާރެއް އޭނަގެ ގަޔަކު ނުވެއެވެ.

ލައިޝާ ނުތަނަވަސްވިވަރު ހާމަކޮށްލުމެއް ނެތި އޭނަ ހުރީ ހިނިތުންވެލައި ގެންނެވެ. ވިޝާންއަށް ކޮފީ ހަދާދިނެވެ. އޭރު ވިޝާން ޓީވީ ރެކް ކާރީގައި އެތާހުރި ތަސްވީރުތަކަށް ބަލަން ހުރިއިރު ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ވިއެވެ. ކަޔާންއާއި ލައިޝާގެ ތަސްވީރުތަކުގެ ސަބަބުން އެދެމީހުންގެ އޮތް ގާތްގުޅުން ހާމަވެއެވެ. ނަމަވެސް ވިޝާންއަކަށް އޭރު އެއީ ދެމަފިރިންކަމެއް ވިސްނައިގަންނާކަށް ނޭގުނެވެ.

"މިހިރީ ކޮފީ......" ލައިޝާ މޭޒުމަތީގައި އާވި އަރައަރާހުރި ކޮފީއެއް ބަހައްޓާފައި ބެލްކަނީގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. އޭރު ފަޒާވަނީ ވާރޭގެ މިލިއަން ތިކިތަކުން ފުސްކޮށްލާފައެވެ. ކޮންފަދަ ފުރިހަމަ މަންޒަރެއްހެއްޔެވެ؟ އެތާހުރިއިރުވެސް ކޮފީގެ ދެވިހިފާފަދަ މީރުވަސް ނޭފަތާއި ހަމަޔަށް ފޯރާ ސިކުނޑި އިތުރަށް ތާޒާކުރުވިއެވެ.

"ލައިޝާ، އަހަރެން ފަހަތުން އައީ ކޮންމެހެން ކޮފީއެއް ހޯދާކަށް ނޫން، ލައިޝާ ގާތު ކަމަކު އެދެން...." ވިޝާންގެ ޖުމްލައިން ލައިޝާ އެނބުރި ބަލައިލީ ސިހިފައެވެ.
"ކޮންކަމެއްތަ؟ " ލައިޝާ އަހާލައިފިއެވެ.
"މިއޮތީ ބްލޭންކް ޗެކެއް، ބޭނުންވަރެއްގެ އަދަދެއް ނަގައިގެން ދުރަށް އެހެން ގައުމަކަށް ދޭ، ކަޔާންގެ ދިރިއުޅުމުން ދާންވީ......." ވިޝާން ދިއްކޮށްލި ޗެކާއި ދިމާލަށް ލައިޝާ ބަލާލިގޮތުން ހީވީ ބިރުވެރި އެއްޗަކާއި ދިމާލަށް ބަލަން ހުރިހެންނެވެ. އޭނަ އެހާ ދަށް ފެންވަރަކަށް ވެއްޓިގަންނާނެ ކަމަށް ވިޝާން ހީކުރަންޏާ އެއީ އޮޅުމެކެވެ. އޭނަ ކަޔާންދެކެ ލޯބިވީ ފައިސާއަށްޓަކައެއް ނޫނެވެ. ފައިސާއިން އޭނަގެ ލޯބި ގަނެވިދާނެކަމަށް ހީވަންޏާ އެއީ ކުށްހީއެކެވެ.

"އަހަރެން ފައިސާއެއް ބޭނުމެއްނޫން...." ލައިޝާ ބުމަގޮށްޖަހައިލިއެވެ.
"ގަދަކަމުންވެސް ހަވާލުކުރާނަން، ގެންދަން ޖެހޭނީ، އެހެންނޫނީ މަގުމަތީގައި ބިކަ ހާލުގައި އުޅެންތަ ބޭނުމީ، އަތުގައި އެއްޗެއް ނެތި ލައިޝާ އުޅޭނީ ކިހިނެއްތަ؟" ވިޝާންގެ އަސްލު ކުލަ ދައްކާލުމުން ލައިޝާ ހައިރާނެއް ނުވިއެވެ. ރައަދު ގޮވައިގެން ކޮޓަރީގައި އޮތްވާ ފެނުނު ދުވަހުން ފެށިގެން ވިޝާންއަކީ ކިހާ ފެންވަރެއްގެ މީހެއްކަން ލައިޝާ ދަނެއެވެ. އެކަން ނޭގުނީ ކީވާއަށެވެ.
"ލައިޝާ، އައިމް ސޮރީ، އެކަމަކު ދެން ކަޔާން ލައިޝާ އަކަށް ނުގުޅާނެ......" ވިޝާން ދިނީ ބިރުވެރި ޚަބަރެކެވެ.

"ބުނަން ލައިޝާ، އަހަރެން އަބަދުވެސް ކަޔާންދެކެ ރުޅިއާދޭ، އަހަރެންގެ ކޮއްކޮއަށް އޭނަ ހެދި ގޮތުގެ ބަދަލު ހިފޭނެ ދުވަހަކަށް އިންތިޒާރު ކުރާތާ ކޮން ދުވަހެއްތަ؟ އޭނަގެ މައްޗަށް އަހަރެން ރަހުމް ކުރާނެ އެއްވެސް ގޮތެއް ނެތް، އަހަރެން ބުނާގޮތަށް ހަދާ، ނޫނީ ހަމަ ތެދެއް މިބުނީ ލައިޝާއަށް ފެންނާނީ ކަޔާންގެ ފުރާނަނެތް މަސްގަނޑު، ގެނޭ ތި ފޯނު، ރީއްޗަށް މިބުނީ، އެއްވެސް ގޮތަކަށް ކަޔާންއަށް ލައިޝާއާއި ކޮންޓެކްޓް ކުރެވިގެން ނުވާނެ، އަހަރެން ހުންނާނެ އެހެން ރަށަކުން ގެއެއް ހޯދާފައި، އެގެއަށް ދާން ތައްޔާރުވޭ، އަހަރެން ބުނަންދެން އެގެއިން ބޭރަށް ނުކުމެގެން ނުވާނެ، އެއީ ދުވަސްކޮޅަކަށް ޕްރިޒަންގެ ގޮތުގައި ބަލާ، ޕްރިޒަން ބްރޭކް ކުޅެން ހިތަށް ނާރުވާތި، އަހަރެން ލައިޝާ އުޅޭހާ ގޮތެއް ގާތުން ބަލާނަން........." ވިޝާން ހިލަހިތެއްގެ ވެރިޔެއްފަދައިން އަމުރުކުރަމުން ދިޔައިރު ލައިޝާ އިނީ ގަނޑުވެފައެވެ. ކިޔާނެ އެއްޗެއް ނޭގިފައެވެ.

ވިޝާންގެ ވާހަކަތަކުގެ ކޮންމެ ލަފުޒެއް ލައިޝާގެ ސިކުނޑިއަށް ހޮނުއަޅާލާ ފިއްސާލިހެން ހީވިއެވެ. ހިތްވަރުގަދަކަމުން ނޫންނަމަ އެހުރި ތަނަށް އޭނަ ތިރިވީސްކަން ޔަގީނެވެ. ކަރުތެރެ ހިކި ވާހަކަ ދައްކާލާނެ ހިތްވަރެއްވެސް ނުލިބުނެވެ. ވިޝާން އެހާ ރަހުމް ކުޑަ މީހަކަށްވީ ކޮން އިރަކުން ހެއްޔެވެ؟ މިއީ ކަޔާންގެ އެކުވެރިއަކަށް ހެދިގެން ހުރެ ކަޔާން މަރާލަން އުޅޭ ދުޝްމިނެއްކަން ހިތަށް އަރާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނައާއި ކަޔާން މިގޮތަށް ވަކިކުރުމަށްވުރެ އޭނަގެ ކަރުގައި ހިފާ އެއްފަހަރާ މަރާލިޔަސް ހިތަށް ފަސޭހަވާނެކަން ނޭގެއެވެ.

ލައިޝާ އަށް ހީވީ ކުއްލިއަކަށް އޭނަގެ ހަޔާތް ބިރުވެރި ފިލްމަކަށް ބަދަލުވިހެންނެވެ. ދުނިޔެމައްޗަށް ވެރިވެފައިވާ މާޔޫސްކަމާއި ކަޅުކަން އޭނަގެ ދުވަސް ރަމްޒުކޮށްދޭހެން ހީވިއެވެ. 
ވިޝާން އިންޒާރުތަކެއް ދީފައި އެތަނުން ނުކުމެގެން ދިޔައީ ޗެކް މޭޒު މައްޗަށް ޖަހާލާފައެވެ. ލައިޝާއާއި މަންމަ ދަތުރަށް ތައްޔާރުވާން އަންގާފައެވެ. އޭނަ އަނބުރައިގަންނަ ގޮތްވިއެވެ. ކަރުނަތައް މައިތިރިކުރާނެ ގޮތެއް ނޭގުނެވެ. ގޭތެރޭގައި އެކަނި އިނީމަ ހާސްވާން ފެށިހެން ހީވެގެން ބެލްކަނީގެ ދޮރުތައް ކަހާލާފަ ބޭރަށް ނިކުމެގެންގޮސް ފާރު ކާރިއަށް ތިރިވެ މޫނުގައި އަތްއެޅިގޮތަށް ރޮއިގަނެވިއްޖެއެވެ.

އެތައް އިރެއްވާންދެން އެތަނުން ތެދުވާނެ ހިތްވަރެއްނެތި އިނުމަށްފަހު ލައިޝާގެ ޒަމީރު އޭނައަށް ހިތްވަރުދިނެވެ. މިހާ ފިނޑިވެގެން ލޯބި ކާމިޔާބެއް ނުވާނެއެވެ. އެހެންނޫނަސް އެމީހުން ކިތަންމެ އަނިޔާވެރިވިޔަސް ދެމީހަކު ގުޅެން ލިޔުއްވާފައިވާނަމަ އެކަން ބަދަލެއްނުވާނެއެވެ. ކޮންމެވެސް ދުވަހަކުން އޭނަ ބޭވަފާތެރިވީ ނޫންކަން ކަޔާންއަށް އެނގޭނެއެވެ. ކަޔާންގެ ލޯތްބަށްޓަކައި އެންމެ ފަހު ނޭވަޔާއި ޖެހެންދެން އޭނަ ހުރިކަން ކަޔާންއަށް އެނގޭނެ ދުވަހެއް އަންނާނެއެވެ. މިދުނިޔޭގައި ނުވިޔަސް އާޚިރަތުގައި ނަމަވެސް އަނިޔާވެރިންނަށް އެކަމުގެ ސަޒާ ލިބޭނެއެވެ. މުއްސަދިކަމުގެ ނުފޫޒު ބޭނުންކޮށްގެން މިގޮތަށް ލޯބިވެރިން ދުރުކުރުވާ މީހުން މަދެއްނޫނެވެ.

ލައިޝާ މޫނު ދޮވެލާ ހަދައިގެން ކުޑަކޮށް އަނދުން އަޅާލުމުން އޭނަ ރޮއިފަހުރިކަން މީހަކަށް ދެނެގަންނާކަށް ނޭގޭނެއެވެ. ލައިޝާ ފާމަސީއަކަށް ވަދެ ކިޓެއް ގަނެލައިގެން އަނެއްކާ އެޕާޓްމެންޓަށް އައިއިރު އޭނަގެ ހިތް އޮތީ ތެޅިލަ ތެޅިލައެވެ. ޕޮޒިޓިވްވާނެ ބާވައެވެ. ކަޔާން ހުރިނަމައެވެ. އޭރުން ކޮންމެގޮތެއްވިޔަސް އޭނައަށް ހިތްވަރު ދޭނެ މީހެއް ކައިރީގައި ހުންނާނެއެވެ. ލައިޝާ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިޔަސް ލޮލުގައި ކަރުނަގިނަވިއެވެ.

"ނުރޮއި ލައިޝް، އަހަރެމެންގެ ދަރިފުޅަށްޓަކައި ހިތްވަރުކުރަންވާނެ އިނގޭ ބްރޭވް ގާލް........." ކަޔާންގެ އަސަރުގަދަ އަޑުން އޭނަގެ ކަންފަތްދޮށުގައި ކިޔާލިހެން ހީވިއެވެ. ލައިޝާ ތެޅިގެން ދިޔައެވެ. ހަމަ ރަގަޅަށްވެސް އޭނަ މޮޔަވީހެއްޔެވެ؟ ނޫނީ ވިޝާން ކަޔާން މަރާލީބާވައެވެ. ކަޔާން މި ދުނިޔޭގައި ނެތީހެއްޔެވެ؟ އެހާ ސާފުކޮށް ކަޔާން އެހެން ބުނެލިހެން ހީވީ ކީއްވެހެއްޔެވެ؟ ކަޔާން ދުނިޔޭގައި ހުރިނަމަ އޭނަގެ ލޯބިވާ ކަޔާން ނުގުޅާ ނުހުންނާނެއެވެ. 

ލައިޝާ ތެޅިތެޅިވާ ހިތަކާއިއެކު ސްޓްރިޕްކޮޅަށް ބަލާލިއިރު ރީތިކޮށް ދެ ރޮގު އެހެރީ ފެންނާށެވެ. ޕޮޒިޓިވްވީއެވެ.
"ކެން އައިމް ޕްރެގް......" ލައިޝާ ކަޔާން ނެތްކަމާއި ވިޝާންގެ އިންޒާރުތައްވެސް ހަނދާން ނެތުނު ހިނދުކޮޅެކެވެ. ވީ އުފަލެއްގެ ބޮޑުކަމުން ހިތާމައެއް ކުރިމަތި ނުވާފަދައެވެ. ހިތް އާސްމާނުގައި ބުރެއްޖަހައިލުމަށްފަހު އިރުކޮޅެއްގެތެރޭގައި ހަމަ ބިމަށް ތިރިވިއެވެ. ލައިޝާގެ ހުނުން މެދުކެނޑި ހިތާމައިގެ އިހުސާސްތައް އޭނަ ވަށާލިއެވެ. މަޑުމަޑުން ސޯފާގައި އޮށޯވެލިގޮތަށް ބާލީހުން މޫނުފޮރުވައިގެން އޮތްއިރު އޭނަގެ ސިކުނޑި ގަނޑުވެފައިވާހެން ހީވިއެވެ.

"އަހަރެން ކިހިނެއްތަ ހަދާނީ ކެން، ކެން އަވަހަށް އާދެބަލަ، އަހަންނަށް އެހީވެބަލަ، މިހިރީ ދާނެ އެއްވެސް ދިމާލެއްނޭގި ހަދާނެގޮތް ހުސްވެފައި، އަހަރެމެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަސް ކެންއާއި ޝެއަރކުރަން ހާދަ ބޭނުމޭ، ކުރިއަށްވާނެ ގޮތެއް ލަފާކޮށްލަން އަހަންނަށް ދަތި، ކެން ހުރި ތަނެއްވެސް އަހަންނަކަށް ނޭގޭ، ގުޅާނުލި ސަބަބެއް ނޭގޭ، ކެން ބުނާފަދައިން އަހަރެމެންނަށް މިވަނީ މަޖުބޫރުވެފައި، ދުރުގައި އުޅެން މި ދިމާވީ އިމްތިހާނެއްކަން ނޭގޭ، ކެންގެ ފުރާނައަށްޓަކައި މިވަގުތު ދުރަށް މިދަނީ، ކޮންމެ ތަނެއްގައި ހުއްޓަސް އަހަރެންގެ ހިތާއި ފުރާނަ އަދި ހަށިގަނޑަކީ އެކަނި ކެންގެ މިލްކެއް، އެހެން އެއްވެސް ފިރިހެނަކަށް ދެން މިހިތަކުން ޖާގައެއް ނުލިބޭނެ، ތިއީ އެންމެ ކުރީގެ އަދި އެންމެ ފަހުގެވެސް ލޯބި، ވަރަށް ވަރަށް ލޯބިވޭ......" ލައިޝާ ހިތާހިތުން ކަޔާންއާއި ވާހަކަ ދެއްކުމަށްފަހު ތެދުވެގެން ގެއަށް ދާން ހިނގައިގަތެވެ.

ލައިޝާ ގެއަށް އައިއިރު ކީވާ ފެންނާކަށް ނެތެވެ. ކީވާ ދާނީ ކޮލެޖަށެވެ. ކޮލެޖުން ނިމިގެން އައިސްފައި އޭނަ ދާނީ ޑައިލިސިސްއަށެވެ. ކީވާ ކޮލެޖުން ނިމިގެން އަންނަންވާއިރަށް ލައިޝާ މިގެ ދޫކޮށްލާފައި ފުރަން ދާން ވިޝާންވަނީ އަންގާފައެވެ. ޒުލްމާ ގާތުގައި ދައްކަންވީ ވާހަކަ ވިޝާންވަނީ ބުނެދީފައެވެ. އޭނަގެ މަންމަ ޓީވީއިން ސީރީސް އެއް ބަލަން އިންއިރު ކުރިމަތިވާން އުޅޭ ކަންތައްގަނޑެއް ރޭކާނުލައި ހީ ހީ އިނެވެ.

"މަންމާ، މިވަގުތު ފުރަންދާން މަޖުބޫރުވެއްޖެ، މަންމަވެސް ގޮވައިގެން ސިއްރުން މިދާ ތަނަކަށް ދާން އަހަންނަށް މަޖުބޫރު، އެހެންނޫނީ އަހަރެންގެ ފުރާނަ ސަލާމަތެއް ނުވާނެ، ކީވާއަށްވެސް އަންގާނުލައި ދާން މިޖެހުނީ....." ލައިޝާ ހެދުންތައް ހިފައިގެން އައިސް ސޯފާމަތީގައި ބަހައްޓައިގެން ހުރެ ފަށްޖަހާފައި ދަބަހަކަށް ލާންފެށިއެވެ.

"ލައިޝާ ތި ކިޔަނީ ކީކޭތަ؟ ކީވާއަކީ ބަލިކުއްޖެއް، އޭނަ ދޫކޮށްލާފައި ލައިޝާ ކޮންތާކަށް ދާން ތި އުޅެނީ.... " ޒުލްމާ އެއްގޮތަކަށްވެސް މި ހިތްފަސޭހަ ދިރިއުޅުމާއި ވަކިވާކަށް ބޭނުމެއް ނޫނެވެ.
"އަހަންނަށް ތިކަން އެނގޭ، މަންމަ އަށް ހެޔޮތަ އަހަރެން މަރާލިޔަސް، އަހަރެން މާލޭގައި ހުރެއްޖެއްޔާ މަރާލާނެ ވާހަކަ މީހަކު ބުނެފި، މަންމާ، ފަހުން ހުރިހާ ވާހަކައެއް ކިޔާދޭނަން، އެހެންނޫނަސް މިގެ ހުސްކުރަން އެބަޖެހޭ، ކީވާއަށް ހުރެވިދާނެ ސަލްމާ ދައްތަ ގާތުގައި، ޕްލީޒް ދަތުރަށް ތައްޔާރުވެބަލަ...." ލައިޝާގެ އަޑުގައިވި ގޮތަކުން ޒުލްމާ އިތުރު ވާހަކައެއް ނުދައްކާ ތައްޔާރުވާން ފެށިއެވެ. ލައިޝާ ރައްޓެހިވެގެން އުޅޭ ފިރިހެންކުއްޖާގެ ފަރާތު މީހަކު އިންޒާރެއް ދިނީކަން ނޭގެއެވެ. 

ޒުލްމާ ހުރީ އެ ދާ ތަނަކަށް ގޮސްފައި ކީވާގެ ނަމްބަރަށް ގުޅަން ނިންމައިގެންނެވެ. ކީވާގެ ހާލު ބަލާނުލައި ޒުލްމާ އަކަށް ދުރުން ނޫޅެވޭނެއެވެ. ލައިޝާގެ ލޮލުގައި ވިދަވިދާ ހުރި ކަރުނަތައް ފެނުމުން ޒުލްމާގެ ހިތް މަޑުވެ އަވަސްވެގެން ދަތުރަށް ހަދާ ކުޑައިރުކޮޅެއްގެ ތެރޭގައި ދެމައިން ތިބީ ޓެކްސީއެއް ހޯދަން ނިކުމެއެވެ. ލައިޝާ ދޭތެރެއަކުން އެ ތުނި ބަނޑުގައި ފިރުމައިލާފައި މާދުރަށް ބަލަހައްޓައިގެން ހުރިއިރު ދެލޮލުގައިވަނީ ހިތްކުދިކުދިވާ ފަދަ އަސަރެކެވެ. ކަޔާން މާލެއައުމަށްފަހު އޭނަ ހޯދަން އުޅޭނެވަރުވެސް އިހުސާސްކުރެވި ހިތް ކުދިކުދިވެގެން ފައިބަނީއެވެ. ކީވާއަށް ވަދާއުގެ ސަލާމް ކޮށްނުލައި އޭނަ ފިލައިގެން ދިޔުމުން ކީވާ ދެރަވާނެވަރުވެސް އެނގެއެވެ. ކީވާގެ ހަޔާތުގެ ބައިވެރިޔަކަށްވާން އުޅޭ ފިރިހެނާގެ ފަތިފުށް އެނގޭނެނަމަ ކީވާ އޭނައާއިއެކު ސިކުންތުކޮޅަކަށްވެސް ނޫޅޭނެއެވެ.

"އަހަރެން އުޅުނިން އެއީ ކިހާވަރެއްގެ މީހެއްކަން ލައިޝްއަށް ވިސްނައިދޭން، ޔޫ ޑިޑްންޓް ބިލީވް މީ، ކިވީއަށް ދެރަގޮތެއްވާން އެއްގޮތަކަށްވެސް ނޭދެން، އަހަރެން ކިވީ ދޫކޮށްލާފައި ދިޔަސް އަބަދަށް ލޯބިވާނަން....." ލައިޝާ އެންމެ ފަހު ފަހަރަށް ގެއާއި ދިމާލަށް ބަލާލުމަށްފަހު ޓެކްސީއަށް އެރިއެވެ.

ކީވާ އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު ކޮޓަރިތައް ފަޅަށް ހުރުމުން ހީކުރީ މަންމައާއި ލައިޝާ ކޮންމެވެސް ކަމަކު ބޭރަށް ދިޔައީކަމަށެވެ. މަދުން ނަމަވެސް އެގޮތަށް ދިމާވާތީ ކީވާ އެހާ ހާސްވާގޮތެއް ނުވިއެވެ. މަންމަގެ ފޯނަށް ގުޅިއިރު ރިންގްވެއެވެ. ލައިޝާގެ ފޯނުއޮތީ ނިވާލާފައެވެ. ކީވާ ޑައިލިސިސް ހަދާ ދުވަހު މަންމަ ބަލިކޮށް އުޅުނަސް އޭނައާއިއެކު ހޮސްޕިޓަލަށް ދާތީ މިއަދު ކީވާ މަންމަ މަތިން ހަނދާންވިއެވެ. މަންމަ އޭނަ ޑައިލިސިސް ހަދާ ދުވަސްކަން ހަނދާން ނެތުނީކަމަށް ވެދާނެއެވެ. އެހެންނޫނަސް ސަލްމާއަކީ ޗާލާކީ އަންހެނެކެވެ. ކީވާ އާއިއެކު ދެވުނަ ނުދޭންވެގެން ގަޑިއަށް މަންމަ ގޮވައިގެން ކޮންމެވެސް ސިޔާސީ ކަމަކާއި ނުކުތީކަމަށް ވެދާނެއެވެ. ކީވާ ޑައިލިސިސް ހަދާތަނަށް ވަންއިރު އާދައިގެ މަތިން ވިޝާން އޭނަގެ އިންތިޒާރުގައި ހުއްޓެވެ.

"އެކަނި އުޅޭދުވަހެއްތަ ބިއުޓިފުލް...." ވިޝާން ކީވާގެ ކޮނޑުގައި އަތް ބާއްވާލަމުން ގަޔާއި ކާރިކޮށްލިއެވެ. ކީވާގެ ރީތިކަމާއި ހެދުންއަޅާލެއް ރީތިކަމުން މީހަކު އާޝޯޚުނުވާވަރެއް ނޫނެވެ. ކީވާ ފެނުމުން ވިޝާންގެ ހިތް ތެޅިލާގޮތާއި އަތްފައި ފިނިވާވަރުން ހިތުގައިވާ ލޯބީގެ ތެދުވެރިކަން އަމިއްލައަށްވެސް އިހުސާސްކުރެވެއެވެ. ކީވާ އޭނަގެ ހަޔާތަށް ގެންނަން ނިންމި ތާރީޚު ކާރިވަނީއެވެ. ޖެނުއަރީއަށް އޭނަ އިންތިޒާރުކުރާވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

"މަންމަމެން މިއަދު ބޭރަށް ދިޔައީކަން ނޭގޭ، ގެ އޮތީ ފަޅަށް...." ކީވާ އެނދުގެ މަގަތުގައި އިށީނުމުން ވިޝާން އަތުގައި ފިރުމާލިއެވެ.
"އޭލިއަންއިން ތަކެއް މަންމަމެން އެބްޑަކްޓް ކުރީކަމަށް ތިވާނީ...." ވިޝާންގެ ދެލޮލުގައިވި ލާނެތްކަން ކީވާ މާނަކުރީ އެހެން ގޮތަކަށެވެ. ވިޝާންގެ މިޒާޖުގެ ގޮތުން ކޮންމެ ފަދަ ބޮޑުކަމެއް ވިޔަސް ލާނެތް އެއްޗެކޭ ބުނެލާފައި މީހުން ހެއްވަން އުޅެދާނެއެވެ. އަބަދު އުފާވެރި މިޒާޖުގެ ޒުވާނަކަށްވުމުން އޭނައާއިއެކުގައި އުޅޭ މީހުންނަށްވެސް އެކަމުގެ އަސަރުކުރުވައެވެ. ކީވާގެ ޑައިލިސިސް ނިމެންދެން އެކި ވާހަކަތަކުގައި ތިބުމަށްފަހު ކީވާ އަނެއްކާވެސް މަންމަގެ ފޯނަށް ގުޅިއެވެ. 

"ކީވާ، މަންމަމެން ކުއްލިއަކަށް މާމަގެ ރަށަށް ފުރަން ޖެހުނީ، އެހެންނޫނަސް ތި އެޕާޓްމެންޓް ހުސްކުރަން ވެރިފަރާތުން އަންގާފައި އޮތީ، ކީވާ ސަލްމާގެ ގާތުގައި ހުރޭ، މަންމަ ބުނެގެންނޭ ބުނީމަ ސަލްމާ އެއްބަސްވާނެ، ކީވާ ޑައިލިސިސް ހަދަނިކޮށް މަންމަމެންނާއި އެކު ރާއްޖެތެރެއަށް ނުދެވޭނެތީ ނުގެންގޮސް މިދަނީ، އެހެން މީހެއްގެ ގާތު ނުކިޔާތި، އެރަށުން ބޮޑު ހާދިސާއެއް ހިނގައިގެން މަންމަ ކޮންމެހެން ދާން ޖެހުނީ، ސަލްމާދައްތަ ގާތުގައިވެސް ބުނޭ މާމަގާތަށޭ ދިޔައީ، ދުވަސްކޮޅަކަށް ފޯނުން ނުގުޅި ހިނގައިދާނެއޭ....." ޒުލްމާ ވާހަކަދެއްކިއިރު އަޑުގަދަކަމުން އެތިބީ ބޯޓެއްގެ ތެރޭގައި ކަމަށް ކީވާ ހީކުރިއެވެ. ކީވާ މަންމަ ކިޔާ އެއްޗަކަށް އާން ހޫން ކިޔާލަ ކިޔާލާ ހުރެފައި ފޯނުކަނޑާލިއިރު ތުންފަތްމަތީގައިވާ ހިނިތުންވުން ފިލައިގެނެއް ނުދެއެވެ. މަންމަމެން ކުއްލި ދަތުރެއްގައި ފުރަން ޖެހުނަސް އެންމެ ރަގަޅެވެ. ހާސްވަނީ އެކަނިވާނެ ވަރުންނެވެ.

"ކާކުތަ؟ "ވިޝާން އަހާލައިފިއެވެ.
"މަންމަ....." ކީވާ މަޑުމަޑުން ބުނެލިއެވެ.
"ކީކޭތަ މަންމަ ބުނީ..." ވިޝާން އާއި ދެމީހުން އެކީގައި ކާރަށް އަރާފައި ވިޝާން ކީވާގެ މޫނަށް ބަލައިލީ އަސަރުގަދަ ނަޒަރަކުންނެވެ.
"ޔޫޝުއަލް ވާހަކަތައް، މިއުޅެނީ ދުވަސްކޮޅަކަށް ސަލްމާދައްތަމެން ގެއަށް ބަދަލުވާން...." ކީވާ ކުޑަ ހިނިތުންވުމަކާއިއެކު ބުނެލިއެވެ.
"އެއީ ކީއްވެތަ؟ "ވިޝާން ހައިރާންވި ގޮތަކަށް ބުމަ އަރުވާލިއެވެ.
"އެގެ ހުސްކުރަން އެގޭގެ ވެރިން އަންގައިފި...." ކީވާ ވިސްނާލާފައި ލަސްލަހުން ބުނެލިއެވެ.
"ގޮސްގެން ނުވާނެ ތިބުނާ މީހުންގެ ގާތަށް، އަހަރެމެންގެ ގޭގައި ހުންނާނެ ގެސްޓް ރޫމެއް، ދުވަސްކޮޅަށް އަހަރެމެންގެ ގެއަށް ބަދަލުވާންވީނު ލަވް....." ވިޝާން އެކިގޮތްގޮތަށް ވާހަކަދައްކައިގެން ކީވާއަށް މަޖުބޫރުކުރިއެވެ. ވިޝާން ކީވާ ގޮވައިގެން އެޕާޓްމެންޓަށްވަދެ އޭނަގެ އަތުން ކީވާގެ ހެދުންތައް ޕެކްކޮށްލަދޭން ފެށިއެވެ.
"އަންހެންކުދިން ގެ ޕާސަނަލް އެއްޗެހިވެސް ހުންނާނެއްނު ޝޯން....." ކީވާ ސަމާސާގޮތަކަށް އެހެން ބުނެފައި ބައެއްކުދި ކުދި ސާމާނު އަމިއްލައަށް ނަގާފައި ދަބަހަށް ލިއެވެ. ކީވާ ބުރަ މަސައްކަތްކޮށްގެން ނުވާނެކަމަށް ބުނެ ގަދަކަމުން އެނދުގައި ބާއްވާފައި ހުރިހާ އެއްޗެއް ޕެކްކުރުމުގައި އުޅުނުއިރު ކީވާއަށް އޮވެވުނީ ޝުކުރުވެރި ކަމާއިއެކު ބަލާށެވެ. ބަރު ދަބަސްތައް ދެއަތުން އުފުލައިލިއިރު ވިޝާންގެ އަތުގެ މުލައްދަނޑި ރީތިކަމާއި ވަރުގަދަކަން ކީވާ ފާހަގަކުރިއެވެ. ރީތި ފިރިހެނެކެވެ. މިހާ ގިނަ ދުވަސްވާންދެން އެކީގައި އުޅުނުއިރު ވެސް ވިޝާން ދުވަހަކުވެސް އެކަނިވެރިކަމުގެ ފައިދާ ނަގަން ނޫޅޭތީ އޭނަދެކެ ވިޝާންވަނީ ތެދުވެރި ލޯތްބެއްކަމުގައި ކީވާ ގަބޫލުކުރިއެވެ. ދެމީހުންގެ ދޭތެރޭގައި އޮންނަ ލޯތްބާއި އެކުވެރިކަން ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އައިސް މިހާރު ކައިވެންޏާއި ހިސާބަށް ދާ ދުވަސް ކާރިވެއްޖެއެވެ.

ވިޝާން ކީވާ އެގެއަށް ގެނައުމުން ރަންދާއަށް ޝޮކެއް ލިބުނު ނަމަވެސް އޭނަ މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރެ ކީވާގެ ގައިގާ ބައްދާލާފައި ނިތްކުރީގައި ބޮސްދިނެވެ.
"ހާދަ ރީތި ކުއްޖެކޭ......" ރަންދާ ފުޅާ ހިނިތުންވުމެއް ދިނެވެ.
"މެރީކުރާ ދުވަސް ކާރިވާތީ ގެއަށް ގެނައީއޭ މަންމާ...." މަންމަގެ ފަރާތުން ފެނުނު މެހުމާންދާރީގެ ސަބަބުން ވިޝާން ހުރީ ހިތްހަމަޖެހި އުފާވެފައެވެ.
"އާވް މަމް އީޒް ސޯ ހެޕީ، ކޮންފަދަ ރީތި ޅީދަރިއެއް މަންމައަށް މިލިބުނީ، ހިނގާ މިގޭގެ ތަންތަން ދައްކާލާ ގެއަށް އަހުލުވެރިވާން ޖެހޭނެއްނު، ކިވީއަކީވެސް މަންމަގެ ދަރިއެކޭ ދޯ، ޝޯން މަންމަ ގާތުގައި ބުނެބަލަ، ކޮން ޑޭޓެއްތަ؟ " ރަންދާ އެކްޓް ކުރަން ކުޅަދާނަކަމުން އޮސްކާ އެވޯޑް ދެވޭހާވެއެވެ.

ކޮމެންޓް 0