"މަންމަގެ ސަބަބުން ކެންވެސް މިގެއިން ދިޔައީ، އަޅުގަނޑަށް މިހާރު ހުރިހާކަމެއް އޮޅުން ފިލައިފި....." ރައަދު ޕިއްޒާ ފޮތްޗެއް ނެގިއެވެ. ބައްޕަ ގާތުގައި އެވާހަކަ ދައްކަންވީ ހެއްޔެވެ؟ ދެ ޚިޔާލެއްގައި ހުރެފައި ރައަދު ޕިއްޒާ ފޮތީގައި ވިރާފައި ހުރި ޗީޒް ހޮވައިގެން ކާންފެށިއެވެ. މަންމަގެ ހަރުކަށިކަމުން އޭނަވަނީ ދެރަވެފައެވެ. ފިރިހެންކުއްޖަކާއި ވާހަކަދައްކާލައިގެން ކަމަކުނުދެއެވެ. އޭނަގެ އުމުރު ކުއްޖަކާއި އަނގައިން ބުނެލުންވެސް ވަނީ ފާފައަކަށެވެ. ވިޝާން އޭނައާއި ދޭތެރޭ ކަންތައްކުރިގޮތް ހިތަށް އެރިޔަސް އޭނަ ހިތްހަލާކުވާ ވަރުވިއެވެ. އޭނައަށްޓަކައި މަންމަމެންނަށް ކޮށްދެވުނީ ކޮންކަމެއް ހެއްޔެވެ؟

"ބައްޕާ، މިއީ ސިކްރެޓެއް، ޕްލީޒް ޑޯންޓް ޓެލް މަމް، ނޫނީ މަންމަ އަޅުގަނޑު ގެއިން ބޭރަށް ލާނެ...." ރައަދު އަޒީޒުއްދީންއަށް އިތުބާރުކޮށްފައި ހަގީގަތް ކިޔައިދިނެވެ. އޭނަ ފިލާހުރެގެން ހުރިހާ ވާހަކަތައް އަޑުއެހިކަމަށް ބުނިއިރު ރައަދު އިނީ ކުޑަކޮށް ހިނިއަންނަ ގޮތްވެފައެވެ. ބައްޕަ ތައުރީފު ކުރައްވާނެއެވެ. އޭނަ ވަކި ސީއައިއޭ އެޖެންޓަކަށްވުރެ ދެރަހެއްޔެވެ؟ އަޒީޒުއްދީން ކޮފީގައި އަތް ނުލައްވައެވެ. ރައަދުގެ ވާހަކަ އަޑުއަހާ ނިމެން އުޅެނިކޮށް ކެންޒީއާއި އަފްރީން ކޮންމެވެސް ސަކަރާތެއް ޖަހަމުން އެތަނަށް ވަދެފައި ބައްޕަ ފެނުމުން އިހުތިރާމްކުރުމުގެ ގޮތުން ހިމޭންވިއެވެ. އެހެން ދުވަސްތަކުގައި ކެންޒީ ފެނިއްޖެއްޔާ އަޒީޒުއްދީން ސަމާސާއެއް ކޮށްލައްވާފައި ނޫނީ އެތަނަކުން ނުދުރުވާނެއެވެ. ނަމަވެސް މިވަގުތު އަޒީޒުއްދީން ރުޅިދުރުވެފައި ހުންނެވިވަރުން ބާރަކަށް ހިންގަވާލާފައި އެތަނުން ދުރުވިތަން ފެނިފައި ކެންޒީ ސުވާލުގެ ނަޒަރަކުން ރައަދުއަށް ބަލާލިއެވެ.

"އެއްގޮތަކަށްވެސް ނޭގޭ ބްރަދަރ، ޑެޑީ ބޭޑް މޫޑެއްގައި އިންނެވި ރެއެއް......." ރައަދު މައުސޫމްގޮތަކަށް ދެލޯ ބޮޑުކޮށްލިއިރުވެސް ލާނެތް ހިންޏެއް ތުންފަތުގައި ވިއެވެ. ރައަދު ހޫނު ޗޮކްލެޓް ބުއިމެއް ހިފައިގެން އެތަނުން ނުކުތީ ކެންޒީގެ އިތުރު ސުވާލުތަކާއި ކުރިމަތިވެދާނެތީއެވެ.

ވަރުޖިނާ ނިދަން ތައްޔާރުވެލައިގެން ފަށުވި ހެދުމެއްގައި ހުރިއިރު ޝާހީ ރަނިކަނބަލެއް ފަދައެވެ. އިސްތަށިގަނޑު މައްޗަށް ނަގާފައި ހުޅިއެއް ޖަހާލާފައިވާއިރު އެ ދިގު ކަނދުރާވަނީ ހާމަޔަށެވެ. ކޮޓަރީގައި ރަސްކަން ކުރަމުންދާ ފަނޑުއަލީ ގައިވެސް އޭނަގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ވަރުޖިނާ ދުވާލު ހަތަރުދަމު ކަޔާން ގެއަށް ނައިސްގެން އުޅެއުޅެފައި މިހާރު ހުރީ ތަންކޮޅެއް ހަމަޖެހިލައިގެންނެވެ. އަޒީޒުއްދީން ފެނުމުން ވަރުޖިނާ ހިނިތުންވެލާފައި އެއްޗެކޭ ބުނަންވެގެން އުޅުނެވެ.

"އެއީ ތެދެއްތަ؟ ކަޔާން ގާތުގައި ލައިޝާއަކީ ކޮއްކޮއެކޭ ބުނިންތަ؟ " އަޒީޒުއްދީން ސީދާ މައުޟޫއަށް ދިޔައެވެ.
"ކާކު...ކާކު ކިޔައިގެން....." ވަރުޖިނާގެ އަރުތެރެ ހިކިއްޖެއެވެ. ތަނަށް ވެރިވެފައިވާ ފިނިކަމުގައިވެސް އޭނަގެ ނިތުން ފިނި ދަލެއް ހިއްލާފައިފިއެވެ. ބިރުވެރިކަން ހިތުތެރޭގައި ވަކި ހިއްޕާލިއެވެ.
"އިތުރު ވާހަކައެއް ބޭނުމެއްނޫން، ތެދަށް ބުނަންވީ ވަރުޖިނާ، ޔެސް އޯރ ނޯ؟ " އަޒީޒުއްދީން ތަންކޮޅެއް ބާރަށް ވާހަކަދެއްކެވިއެވެ. މިނޫނީ މިހާ ހަރުކަށިކޮށް އޭނަގެ މުޅި އުމުރުގައިވެސް ވާހަކަ ދައްކަވާފައެއް ނުވެއެވެ.
"ޔެސް، އެކަމަކު....." ވަރުޖިނާގެ ދެލޮލަށް ކަރުނަ އައެވެ. ވަރުޖިނާގެ ޖުމްލަ މެދުކެނޑިގެން ދިޔައީ މޫނަށް އެރި ހޫނު އެތިފަހަރަކުންނެވެ. އެފަދަ ހަމަލާއެއް އަތުވެދާނެކަމަށް އެއްވެސް ވަރަކަށް ވިސްނާފައި ނެތުމުން އާދައިގެ ވަރަކަށް ޖެއްސެވި އެތިފަހަރުންވެސް ވަރުޖިނާ ފަހަތަށް ވެއްޓިގެން ދިޔަގޮތަށް ގޮސް އިށީދެވެނީ އެނދުގައެވެ. އެކީގައި އެތައް ޒަމާނެއް ވޭތުވިއިރުވެސް އަޒީޒުއްދީން އޭނަގެ ގައިގާ މަލެއްގެ ފިޔައަކުންވެސް ޖަހާލާފައެއް ނުވެއެވެ. ދުވަހަކު ރުޅިން އެއްޗެކޭ ބުނެފައެއް ނެތެވެ. އުޅުނީ އެހާ ލޯބިންނެވެ.

"ވަރުޖިނާ ތިއީ ކޮންކަހަލަ މަޔެއްތަ؟ ތިމާގެ ދަރިފުޅަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލި މީހަކު އަހަންނެއް ނުދެކެން، ކަޔާންގެ ހަޔާތް ބަރުބާދުވެ ދިރިއުޅުން ހަލާކުވެގެން ދިޔުމުގެ ޒިންމާ ނަގަން ޖެހޭނީ ވަރުޖިނާ، ކަޔާންފަދަ ޑިޕްރެޝަން މައްސަލަތައް ހުރިކުއްޖަކާއި ދޭތެރޭގައި ވަރުޖިނާ ތިހެން ކަންތައް ކޮށްފާނެކަމަށް އަހަރެން ހިޔެއްނުކުރަން، އެއީ ދޮންދަރިއެއްތަ؟ ބަލަ އެއީ ވަރުޖިނާގެ އަމިއްލަ ބަނޑުގައި އަޅާ ވިހޭ ދަރިއެކޭ، އެކުއްޖާއަށް ކޮންފަދަ އަނިޔާއެއް ތިދިނީ، ކަޔާން އުޅުނު ހާލު އަދިވެސް އަހަރެންގެ ލޮލަށް ސިފަވޭ، އެކުއްޖާގެ އަތް ބަނދެފައި ހައްޔަރުކޮށްފައި އޮތީ ލައިކް އެ ވައިލްޑް އެނިމަލް، އެއަތް ފާރުވެ ހަލާކުވާ ވަރުކޮށްފައި އޮތީ، އެހެން ހިތަށް އެރިޔަސް ލޮލަށް ކަރުނަ އާދޭ، ވަރުޖިނާ އަހަރެން ދުވަހަކުވެސް މާފެއް ނުދޭނަން......." އަޒީޒުއްދީންގެ ކޮންމެ ޖުމްލައެއް އޭނަގެ ހިތަށް ތޫނު ކަށިތަކެއްހެން ހެރުނެވެ. ހިތަށް ކެތްނުވެގެން ގިސްލަގިސްލާފައި ވަރުޖިނާ ރޯންފެށިއެވެ. އޭނަގެ ކަރުނަތަކުން އަޒީޒުއްދީންގެ ހިތް ފުށްކޮޅެއްފަދައިން މަޑުވާނެކަމަށް ހީކުރެވުނެވެ. ބާލީހުގައި މޫނު ފޮރުވުމުން ހުރިހާ ކަރުނައެއް ބާލީހަށް ވަންނަން ފެށިއެވެ.

"މިގޭގައި ހުރުމުގެ ހުއްދައެއް މިވަގުތުން ފެށިގެން ވަރުޖިނާއަކަށް ނެތް، ކަޔާންގެ އަންހެނުންނަށް މިގެއަށް ނުވަދެވެންޏާ ވަރުޖިނާވެސް މިގެއިން ދޭ، ވަރުޖިނާއަށް އޮތް ހައްގެއް އެކުއްޖާއަށްވެސް އޮންނާނެ........" އަޒީޒުއްދީން އެފަދަ ބަހެއް ބުނެފާނެ ކަމަކަށް ވަރުޖިނާ ހިޔެއްނުކުރެއެވެ. އޭނައާއި ލައިޝާ އެއްވަރުކުރީއެވެ. އެއީ ކޮންފަދަ ނިކަމެތިކަމެއް ހެއްޔެވެ؟ އޭނައަކީ ކަޔާންގެ މަންމައެވެ. މިގޭ ވެރިމީހާއެވެ. ލައިޝާއަށް އެ މަގާމު ލިބޭނީ ކޮންގޮތަކުން ހެއްޔެވެ؟ ވަރުޖިނާއަށް ލިބުނު ޝޮކަކުން ކަރުނަތަކަށްވެސް ނިމުމެއް އައެވެ. ހީވީ ލޮލުގައި ވާ ކަރުނަތައްވެސް ގަނޑުވިހެންނެވެ. އޭނަ ބާލީހުން ބޯ ހިއްލާލިއިރު އަޒީޒުއްދީން ކޮޓަރިން ނުކުންނަވައިފިއެވެ. މިބޮޑު ގޭގައި އެތައް ކޮޓަރިއެއް ހުރުމުން އަޒީޒުއްދީން ކޮންމެ ތަނެއްގައިވެސް ނިދިކުރައްވަފާނެއެވެ. އަޒީޒުއްދީން މިކަމުގައި އެހާ ހަރުކަށި ފިޔަވަޅެއް ޚިޔާރުކުރާންވީ ސަބަބެއް ވަރުޖިނާއަކަށް ނުވިސްނުނެވެ. އެ ޚަބަރު އަޒީޒުއްދީންގެ ކަންފަތާއި ހަމަޔަށް ކަޔާން ގެނެސްދިނީ ކޮންއިރަކުން ހެއްޔެވެ؟ އަޒީޒުއްދީން ކަޔާންއަށް ގުޅުއްވާފައި ގެއަށް އަންނަން މަޖުބޫރުކުރެއްވީމަ ކަޔާން ބައްޕަ ގާތުގައި ހަގީގަތް ހާމަކުރީއެވެ. އެނޫންގޮތަކަށް އެ ވާހަކަ އިވެންވީ ސަބަބެއް ވަރުޖިނާއަކަށް ނުވިސްނުނެވެ. ދެން އޮތީ ޒިއާމްއާއި ހަމަޔަށް އެ ޚަބަރު ނުބައިގޮތަކަށް ނުއިވެނީސް ޒިއާމްއަށް އޭނަގެ ދުލުން ކިޔާދިނުމެވެ.

ވަރުޖިނާ ޒިއާމް ގޮވައިގެން ގޮސް ޓެރެސްގައި ހުރި ސޯފާއެއެއްގައި އިށީދެ ލެޕް ހުޅުވާލައިފިއެވެ. އެތަނަށް ފަނޑު އަލިކަމެއް ފާއްދާލާފައިވެއެވެ. ފިނި ހިފާލާފައިވާތީ ވަރުޖިނާ އިނީ ޝޯލްއެއް އޮޅާލައިގެންނެވެ. އެވަރުންވެސް ރޫރޫއަޅަނީ ފިނިކަމާއި އެއްވަރަށް ހިތަށް ލިބެމުން ދިޔަ ދަތިކަމަކުންނެވެ. މަންމަ ޒިއާމްއާއި ހިއްސާކުރަން ޖެހޭ ޚާއްސަ ވާހަކައެއް އޮތްކަމަށް ބުނެފައިވެއެވެ. ޒިއާމް އިނީ މަންމަ މިދައްކަން އުޅޭ ވާހަކައެއް ނޭގިގެން ކަންބޮޑުވެފައެވެ. އެހެންނޫނަސް ބައްޕައާއި މަންމަ މިރޭ ހަމަނުޖެހުމެއް ހިނގައިގެން ބައްޕަ ނިދިކުރައްވަން އެހެން ކޮޓަރިއަކަށް ދިޔަތަން ޒިއާމްގެ ލޮލުން ވަނީ ދެކެފައެވެ. ރޭގަނޑު އެގާރަ ޖެހިއިރު މަންމަ ގުޅައިގެން އޭނަ މިތަނަށް ގެނެސްގެން ދައްކަން މިއުޅޭ ވާހަކައެއް ނޭގިގެން ޒިއާމް އިނީ ކަންބޮޑުވެފައެވެ. ފަނޑު އަލީގެ ތެރޭގައިވެސް އޭނައަށް މަންމަ ގަދަޔަށް ރޮއިފާހުރިކަންވެސް އެނގުނެވެ. މަންމަ ގޫގުލް ހުޅުވާލާފައި ސަރޮގެސީ ޖަހައިގެން ލިންކްތަކެއް ހުޅުވާލައިފިއެވެ. މަންމަ އޭގެއިން ބައެއް ތަންތަންކޮޅު ފާހަގަކޮށްފައި ކިޔާދޭންފެށިއެވެ. ސަރޮގެޓް މަންމައަކާއި ދަރިއެއްގެ އޮންނަ އެކަނި ގުޅުމަކީ އެ މަންމަ ދަރިފުޅު ނުވަ މަސް ވާންދެން ބަނޑުގައި ބޭއްވިކަމެވެ. ދަރިފުޅުގެ ޑީންއެންއޭ އަދި ލޭވެސް މެޗްވާނީ ބައިލޮޖިކަލް މަންމައާއި ބައްޕަގެ ކަމުގައި ވަރުޖިނާ ބުނެދިނެވެ.

"ޕްލެސެންޓާއިން ދަރިފުޅަށް ލިބޭނީ ނިއުޓްރިޝަން އަދި އޮކްސިޖަން، މަންމަގެ ލެއާއި ދަރިފުޅުގެ ލޭ އެއްގޮތަކަށްވެސް މިންގްލްއެއް ނުވާނެ، އެހެންވެ މަންމަ އެއިޑްސް ޖެހުނަސް ބަނޑުގައިވާ ގިނަކުދިންނަށް އެއިޑްސް ނުޖެހެނީ، މަންމަ ބުނަން މިއުޅޭ ވާހަކައަކީ ސަރޮގެޓްއަކީ ހަމައެކަނި ދަރިން ނުލިބޭ މައިން ދަރިން ހޯދަން އެތައް ލައްކަ ރުފިޔާ ދީފައި ހޯދާ މީހެކޭ، ދަރިއަކާއި ސަރޮގެޓް މަންމައަކާއި އެއްވެސް ގުޅުމެއް އަނެއްހެން ނުވާނެ...." ވަރުޖިނާ އޭރުވެސް އިނީ ލެޕަށް ބަލަހައްޓައިގެންނެވެ. މި ވާހަކަ ޒިއާމް ގާތުގައި ބުނަންވީމަ އޭނަގެ ހިތް ކުދިކުދިވަނީއެވެ. ޒިއާމްއަށް އޭނައާއި ޒުލްމާއާއި ގުޅުމެއް ނެތްވަރު އަންގާދޭން އޭނަ މިވަނީ ވަރަށް ދުރަށް ގޮސްފައެވެ. ގޫގުލް ހުޅުވައިގެން ޒިއާމްއަށް އަންގާދޭން ބޭނުންވީ ސަރޮގެޓް މަންމައަކީ މުހިއްމު މީހެއް ނޫންކަމެވެ. ޒިއާމް އިނީ ހައިރާންވެފައެވެ. މަންމަ ރޭގަނޑު ދަންގަޑިއެއްގައި ނުނިދިގެން މިތަނަށް ގެނެސް މިވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާކަމެއް ވިސްނަ ވިސްނާ ނޭގުނެވެ. 

ޒިއާމް މަންމަ ހުޅުވާލަދިން އާޓިކަލްތަކެއް ކިޔާލިއެވެ. މަހުގެ ޒަރީއާއިން ދަރިފުޅާއި މަންމަގެ ގުޅުން އޮތްގޮތް ކިޔާފައިވެސް ޤުދުރަތުގެ ކުޅަދުންވަންތަކަމާއިމެދު ވިސްނާލަން ޖެހުނެވެ. އިންސާނާގެ ކޮންމެ ގުނަވަނެއް އުފައްދަވާފައިވަނީ ހާދަ ފުރިހަމަކޮށެވެ. ކޮންމެ ގުނަވަނެއް އަދާކުރާ ދައުރުންވެސް ދައްކުވާދެނީ އިންސާނާ ހެއްދެވިފަރާތުގެ މަތިވެރިކަމެވެ. 

"ޒިއާ، މަންމަ ބުނަން މިއުޅެނީ އެވާހަކަ، މަންމައަށް ދަރިއަކު ނުލިބިގެން އެންމެފަހުން ސަރޮގެޓް މީހެއްގެ އެހީ ހޯދަން ޖެހުނީ....." ވަރުޖިނާގެ ޖުމްލައިން ޒިއާމް އިނީ ކިޔާނެ އެއްޗެއް ނޭގިފައެވެ.
"ކެންއާއި ކެންޒީވެސްތަ؟" ޒިއާމް އަހާލިއެވެ.
"މަންމަގެ މައްސަލައެއް ހުރިކަމަށް ބުނެގެން ފުރަތަމަ ސަރޮގެޓެއް ބޭނުންކުރަން ޖެހުނީ، ޑޮކްޓަރުން އެހެން ބުނެފައި އޮތްވާ ޓްވިންސްއަށް ޕްރެގްނެންޓްވީމަ މަންމައަށްވެސް ޝޮކެއް ލިބުނު، ގަބޫލުކުރަން ދަތިވި، މިރެކްލްސްތައް މިހާރުވެސް ފެންނަކަން ޔަގީންވީ އެފަހަރު......" ވަރުޖިނާ ހުރިހާ ވާހަކަތަކެއް ޒިއާމްއަށް ކިޔާދިނެވެ. ޒިއާމް އިނީ އޭނަ ވިހޭ މަންމަ އޮޅުން ފިލުވަން ބޭނުންވެފައެވެ. މަންމަ އެހާވަރަށް އެމީހަކާއި ގުޅުމެއް ނުވާނެކަމަށް ބުނެދިނުމުން އެ ސުވާލުކުރާނެ ހިތްވަރެއް ޒިއާމްއަކަށް ނުލިބުނެވެ. ނަމަވެސް ވަރުޖިނާ ހުރީ މިރޭ ހުރިހާ ވާހަކައެއް ޒިއާމްއާއި ހިއްސާކުރާހިތުންނެވެ. ވަރުޖިނާ ޒިއާމް ސުވާލުކުރުމަކާއި ނުލާ ޒިއާމްގެ ސަރޮގެޓް މަންމަގެ ނަން ބުނެދިނެވެ. ޒިއާމްއިނީ ހުއްޓުން އަރާގޮތްވެފައެވެ. ވީއިރު ލައިޝާވާނީ އޭނަގެ ކޮއްކޮއަކަށް ތާއެވެ. ލައިޝާއާއި ދޭތެރޭގައި ކަންތައްކުރެވުނު ގޮތް ހިތަށް އަރާފައި ޒިއާމްގެ ހިތަށް އުދަގޫތަކެއްވިއެވެ. ފިނިވެފައިވާ އަތްތިލަ އުގުޅާލިއިރު ލޮލުގެ ކުރިމަތީގައި އެތައް ހަނދާންތަކެއް ފެނިލިއެވެ.

"ކެންއަށް މަންމަ އޮޅުވާލަން ޖެހުނީ ކެންއާއި އެ ނުލަފާ އަންހެންކުއްޖާ ދުރުކުރަން، ކެންއަށް ދެރައެއް ދޭކަށް ނޫން އެގޮތަށް މަންމަ ބުނީ، އެކަމަކު ބައްޕައަކަށް އެކަން އަންޑަސްޓޭންޑްކޮށް ދޭންވެގެން ވާހަކަދައްކާނެ ފުރުސަތެއް ނުދެއްވި، ކުށްވެރިވީ މަންމަ..........." ވަރުޖިނާ ޒިއާމް ގާތުގައި އެ ވާހަކަ ދައްކަމުންގޮސް މޫނުގައި ދެއަތް އެޅިއެވެ. ބައްޕަ ގާތު ކަޔާން އެ ވާހަކަ ދައްކައިގެން އޭނަ މިގެއިން ނެރެލައްވައިފި ކަމަށެވެ. ޒިއާމް މަންމަ ގެނެސް މޭގައި ޖައްސާލަމުން ހިތްވަރުދިނެވެ. ބައްޕަ ރުޅިދުރުވިގޮތަށް އިރުކޮޅަކުން ހަމަޔަކަށް އެޅޭނެ ކަމަށާއި މަންމަ މިގެއިން ދާން ނުޖެހޭނެ ކަމުގައެވެ. ޒިއާމްވެސް މަންމައާއި ވަކިވެގެން ނުދާނެ ކަމުގައެވެ. އޭނަގެ މަންމަގެ ގޮތުގައި އަބަދުވެސް ހުންނާނީ ވަރުޖިނާ ކަމުގައެވެ. އެ ޖުމްލަ އޭނަ ބުނެލީ މަންމަ ރުއްސާލާށެވެ. ނަމަވެސް އޭރު ޒިއާމްގެ ހިތުގައިވަނީ އޭނައާއި ޒުލްމާއާއި ދޭތެރޭގައި އޮތް ގުޅުން ދެނެގަތުމެވެ. ކޮންމެގޮތެއްވިޔަސް ބަނޑުގައި ނުވަމަސްވާންދެން ބޭއްވި މީހާއާއި ގުޅުމެއް ނުވާންވީ ކީއްވެހެއްޔެވެ؟ ޒިއާމް ދުނިޔެއަށް ގެނެސްދިން މީހަކީ އެއީއެވެ. ޝުކުރުވެރިވުން ހައްގު ނުވާނެހެއްޔެވެ؟ ނަމަވެސް މަންމަ އެކަމާއި އަސަރުކޮށްގެން ރޮނިކޮށް ހިތުގައިވާ އެއްޗެއް އޭނަ ނުބުނާނެއެވެ.

"ދޮންބެ...." ލައިޝާގެ އެ ލަފުޒު ޒިއާމްގެ ކަންފަތް ކައިރީގައި ސިއްރުން ކިޔާލިހެންހީވިއެވެ. އެންމެ ފަހުން ބައްދަލުވި އިރު ލައިޝާ އުޅުނުގޮތުން ހީވަނީ ޒިއާމްއާއި ދޭތެރޭ އެހެން ނަޒަރަކުން ދެކޭހެންނެވެ. ކުރިންވެސް ކަޔާންގެ ދޮންބެކަން އެނގޭއިރުވެސް ލައިޝާ ކިޔާއުޅުނީ ސަރއެވެ. ނަމަވެސް އެރޭ ލައިޝާ އުޅުނީ ތަފާތުކޮށެވެ. އޭނައަށް ދިން ނަޒަރުގައިވެސް އެހެން ގޮތެއް ހުއްޓެވެ. ތަފާތު ނަޒަރެކެވެ. ލައިޝާއަށް ހަގީގަތް އެނގުނީ ހެއްޔެވެ؟ ކަޔާން ކިޔާދިނީކަމަށް ވެދާނެއެވެ.

އެރޭ ޒިއާމް އަކަށްވެސް ރަގަޅަށް ނުނިދުނެވެ. މާޔާއާއި ދަރިފުޅު އަރާމުކޮށް ނިދާލާފައި ތިބިއިރު އެދެމައިންނަށް ބަލަހައްޓައިގެން އޮތްއިރު އޭނަގެ ޚިޔާލަށް އަންނަނީ ޒުލްމާއާއި ލައިޝާއެވެ. ލައިޝާ އޭނައަށް ކުރި އާދޭހެވެ. ކަޔާން ހުރިތަނެއް ބުނެދިނުމަށް އެދި އާދޭސްކުރިވަރެވެ. ލައިޝާއާއި ދަރިފުޅަށް އޭނައަށް އެހީނުވެވުނެވެ. ހާދަ ދެރައެވެ. ހަގީގަތް ކުރިން އެނގުނުނަމައެވެ.

"ކެން، މާދަން ހިނގާބަލަ މެންދުރު ކާން ކެންޒީ ހޮޓަލަށް، ލައިޝްއާއި އައިކަންވެސް ގެންނަންވާނެ....." ޒިއާމް މެސެޖްކޮށްލިއެވެ.
"ލައިގެ މަންމަ ގެނައިއްޔާ އޯކޭ ވާނެތަ؟ ނޫނީ މަންމަ އެކަނި ގޭގައި އިންނާނީ..." އިރުކޮޅަކުން ކަޔާން މެސެޖްކުރިއެވެ.
"މައްސަލައެއްނެތް، ކީވާ ކޮބާތަ؟ " ޒިއާމް އަހާލިއެވެ.
"ކިވީ އައިސީޔޫގައި، ދެން ރޫމަކަށް ބަދަލުކުރާވަރު ވެފައި....." ކަޔާން ބުނެދިނެވެ. ދެ މީހުން އިރުކޮޅެއް ވާންދެން ވާހަކަދެއްކިއިރު ޒިއާމް އެ އާއިލާގެ ޚަބަރު ދުރުދުރުން އޮޅުން ފިލުވިއެވެ. ކީވާ ބޭރަށް ނުގެންގޮސްގެން އުޅެނީ ލާރީގެ ގޮތުން ދަތިވެގެންކަން ދެނެގަންނަންވެސް އޭނަ ބޭނުންވިއެވެ. މިރޭ ޒިއާމް އެހާވަރުން އެ އާއިލާގެ ޚަބަރު އަހަން ފެށުމުން ކަޔާންއަށް ޝައްކުވިއެވެ. ކެންޒީ ޒިއާމް ގާތުގައި ބުނީ ހެއްޔެވެ؟ ކެންޒީއަކީ ބޮޑު ލާނެތްގަނޑެކެވެ. ނަމަވެސް އޭނަ ސިއްރުކުރަން ބުނެފައި ވާ ވާހަކައެއް ދޮންބެއާ ވިޔަސް ހިއްސާ ކުރާނެކަމެއް ނޭގެއެވެ.

ކީވާ ގެ ހާލު ކޮންމެވެސް ވަރަކަށް ރަގަޅުވުމުން ކޮޓަރިއަށް ބަދަލުކުރިއެވެ. ކީވާ ބޭނުންވަނީ ގެއަށް ދާށެވެ. އެހެން އޮންނަންވުމުން އޭނަ މާ ބަލިވެ އަވަހަށް ފުރާނަ ހުސްވެދާނެހެން ހީވިއެވެ. އެހެން އޮތްވާ ވާރޭވެހިގަތް އަޑު އިވުމުން ކީވާ އައިދަންގެ އަތުގައި ހިފާލިއެވެ. ވާރޭގެ ބޮޑެތި ތިކިތައް ފުރާޅުގައި ބޮސްދޭ އަޑުއިވެން ފެށުމުން ކީވާ ބޭނުންވީ ކުޑަދޮރު ކައިރިއަށް އެ މަންޒަރުދެކެން ދާށެވެ.
"އައި ލަވް ރެއިން، ހަމަ ޕިކްއެއް ނަގާލާ ހިތްވަނީ..." ކީވާ އެހެން ކިޔަން ފެށުމުން އައިދަން ކީވާ ތެދުކޮށްގެން އަތުލަފިކޮށްގެން ގެންދިޔައެވެ. ކީވާއަށް ކިރިޔާ ކޮޅަށް ހުރެވޭކަމެވެ.
"ކިވީ ބަލިނުވާނެތަ؟ މިއީ މަނާކަމަކަށް ނުވާނެތަ؟ " އައިދަން ހުރީ ކީވާގެ ހާލު ބޮޑުވެދާނެތީ ބިރުގެންފައެވެ.
"ނަތިން ވިލް ހެޕެން، ކަމެއްވިޔަސް އަހަރެން ކުށްވެރިވާނީ..." ކީވާ ދޮރުކާރީ ބޭރަށް ބަލަން ހުރިއިރު އެ ދެލޮލުގެ ވިދުވަރުގަދައެވެ. ތުރުތުރުއަޅާ އަތުން ފޯނު ނަގާ ދިއްކޮށްލިއެވެ. ބަލިކަމުން ކޮޅަށް ނުހުރެވޭއިރުވެސް ފޮޓޯނަގާ ކުއްޖަކަށްވުމުން އެކަމަށް އެހެރީ ދެވިހިފާފައެވެ. ކުއްލިއަކަށް ކީވާ އަރިއަޅާލާ ކަހަލަ ގޮތެއްވުމުން އައިދަން ބިރުވެރިކަމާއިއެކު ކީވާ އަތްދަނޑިމައްޗަށް އުފުލާލީ ވިޝާންއައިސް އެކޮޓަރިއަށް ވަން ވަގުތެވެ. ކީވާގެ ދެލޯ އޮތީ މެރިފައެވެ.

"ކަލޭ މޮޔަވީތަ؟ ކީވާއަށް ކީއްކުރަން ތިއުޅެނީ....." ވިޝާން ދަތްކުނޑިވިކާލާފައި އައިދަންގެ ޓީޝާޓުގައި ހިފާ ދަމައިގަންނަން އުޅުނެވެ. އައިދަން އެވަގުތު ހުރީ ކީވާގެ ހާލާއިމެދު ކަންބޮޑުވެފައިކަމުން ވިޝާންގެ އެ އަމަލަށް ފަރުވާލެއްނެތި ކީވާ އެނދުގައި ބޭއްވިއެވެ. ކީވާގެ މޫނުގައި ދެއަތުން ހިފާފައި ކީވާއަށް ގޮވަންފެށިއެވެ. ވިޝާން ފަހަތުން އައިގޮތަށް އައިދަން ދުރަށް ކޮށްޕާލައިފިއެވެ.
"ކީޕް ޔޯރ ހޭންޑްސް އޮފް ހާރ، އަދި މާ ލޯބިވާކަމަށް ހެދިގެން ނޭގޭ މިތަނަށްވަދެ އެކުއްޖާއަށް ކީއްކުރަން ކަމެއްވެސް އުޅެނީ، ސިކުއިރިޓީއަށް ނުގުޅަނީސް މިތަނުން ނުކުމޭ......" ވިޝާން ހަޅޭއްލަވައިގަތެވެ. ވިޝާން ކީވާގެ މޫނުގައި އޮކްސިޖަން މާސްކް އަޅާލާފައި ދެންވެސް އެނބުރުނީ އައިދަންއާއި ދިމާލަށެވެ.
"ވިޝާންއަށް ހީވަނީތަ ލޯތްބަކީ ގަދަކަމުން ފޭރިގަނެވޭނެ އެއްޗެއްހެން، އެއީ ވިޝާންގެ ޕޭޝަންޓް، އެކަމަކު ކިވީ އެއީ އަހަރެންގެ ލޯބި، އަހަރެންގެ މުޅި ދިރިއުޅުން..........." އައިދަންގެ އަޅިދެލޮލުން ބަލާލީ ނުރުހުމާއި އެކުގައެވެ. ހީވީ ދެންމެ ދެންމެ ވިޝާންގެ މޫނަށް އެތިފަހަރެއް ވީއްލަފާނެހެންނެވެ. ނަމަވެސް އައިދަން ކެތްކުރިއެވެ. މުށްކެވިފައިވާ އަތް ޖީބަށް ޖަހާލިއެވެ. އެރީތިދެލޮލުން ރުޅިވެރިކަމަށް ވުރެ ބޮޑަށް އެވަގުތުވެސް ފެނުނީ ހާސްކަމެވެ. ކީވާއާއި ދިމާލަށް ބަލާލެވުނެވެ. ކީވާ އޭރުވެސް އޮތީ އޮތްގޮތަށެވެ. އެކުއްޖާއަށް ވީ ކީއްބާވައެވެ.

"އެންމެ ފަހު ފަހަރަށް މި ބުނަނީ، ޑޯންޓް މެސް ވިތް މީ ނޫނީ ކަލޭގެ ދިރިއުޅުން ބަރުބާދުކޮށްލާނަން، މިސްޓަރ އައިދަން، ތިއީ ކިވީގެ ފިރިމީހާއެއް ނޫން، މާ ގަދަކޮށްލާފައި ނޫޅޭތި، އަހަރެން އަބަދަކަށް ކެތެއްނުކުރާނަން......." ވިޝާން އެއް އިނގިލި ދިއްކޮށްލިއެވެ. ދެމީހުންގެ ދޭތެރޭގައި އިތުރު ޒުވާބެއް ނުހިނގީ އެވަގުތު ނަރުސް ކުދިންތަކެއް ވަނުމުންނެވެ. އައިދަން އެތަނުން ދުރަށް ދާން ބުނީމަވެސް ހުރި ފިޔަވަޅު މަތިން ގުނޑައެއް ނުލިއެވެ. ކީވާއާއި ދުރަށް ދާކަށް އައިދަން ބޭނުމެއް ނޫނެވެ. ފުރުސަތެއް ލިބުނީމަ އައިދަންގޮސް ކީވާގެ މޫނުގައި ފިރުމާލަ ފިރުމާލާ އިން އިރު ލޮލުގައި ކަރުނައިގެ ތިކިތައް ބަބުޅާ ތަން ފެނުނެވެ. އޭނަގެ ސަބަބުން ކީވާގެ ހާލު ބޮޑުވީބާ ވައެވެ. އަނެއްކާ އައިސީޔޫ އަށް ލާން ޖެހިދާނެ ބާވައެވެ.

ޒުލްމާ އެދުވަހު ވިލިމާލެއަކަށް ނުދެއެވެ. ލައިޝާ ގުޅާފައި އެދުނީމަވެސް އޭނަ ބުނީ މިއަދު ކީވާގެ ގާތުގައި ހުންނަން މަޖުބޫރުކަމުގައެވެ. އެންމެން އެކީގައި ހުޅުމާލޭގައި ހުންނަ ކެންޒީ ހޮޓެލްއަށް ކާން ދާން އުޅުނީމަ އެކަން ކާމިޔާބެއްނުވިއެވެ. ޒިއާމް ލައިޝާއާއި ވާހަކަ ނުދެއްކި ކަމުގައިވިޔަސް ލައިޝާ އަނގަގަދަކަމުން ޒިއާމްއަށް މަޖާވިއެވެ. އެކަމަކު އޭނަ އިނީ ހަގީގަތް ނޭގޭ ކަމަށް ހެދިގެންނެވެ. ކަޔާންމެންވެސް ތިބީ އެގޮތުގައެވެ. 

ކަޔާން ފަތިސް ނަމާދަށް މިސްކިތަށްގޮސްފައި އެނބުރި އައި މަގުމަތީގައި އޭނަގެ މަންމަ ގުޅައިގެން ވާހަކަދެއްކިއެވެ. ބައްޕަ ގާތު ކަޔާން އެވާހަކަދެއްކީތީ މަންމަ ހިތުގައި ޖެހިފައިވާވަރު ބަޔާންކޮށްދިނެވެ. ކަޔާން ހައިރާންވިއެވެ. އޭނަ އެހާވަރުން ސިއްރަކަށް ދެއްކި ވާހަކަ ކެންޒީ ދައްކަފާނެ ހެއްޔެވެ؟ ކަޔާން މަންމައަށް ޔަގީންކޮށްދިނީ އެކަމުގައި އޭނަގެ އަތެއް ނުވާކަމުގައެވެ. ނަމަވެސް ކޮއްކޮއަށް ކުރި އިތުބާރު ގެއްލުވާލާކަށް ކަޔާން ބޭނުމެއްނޫނެވެ. މަންމަ ރޮއިފާ އެދުނީ ކަޔާންގެ ދަރިފުޅު ގޮވައިގެން ގެއަށް އައުމަށެވެ. އެހެންނޫނީ ބައްޕަ އޭނަ ގެއަށް ވަނުމުގެ ހުއްދަ ނުދެއްވާނެ ކަމުގައެވެ. ކަޔާންގެ ސިކުނޑިއަށް ބާރުކުރަން ފެށިއެވެ. އެންމެ ފަހަރަކުވެސް ލައިޝާ ގޮވައިގެން އަންނާށޭ މަންމަ ބުނިނަމައެވެ.

ކަޔާން ސިގްރެޓެއް ރޯކޮށްލައިގެން ފެންޑާގެ ފިނިފެންމާގަސްތަކުގެ ކާރީ ހުރި ގޮނޑިއެއްގައި ޖައްސާލިއިރު ދުރު ފެންނަނީ ފުސްގަނޑެއްހެންނެވެ.
"ކެން....." ލައިޝާ ކަޔާންއަށް ގޮވާލަމުން ފަހަތުން އައިސް ބައްދާލައިފިއެވެ. ފިނިގަދަކަމުން ގަނޑުވާވަރުވެފައި ހުރެވެސް ކަޔާންގެ ހަށިގަނޑުގެ ހޫނުކަން ލިބުމުން އަރާމުވިއެވެ. ކަޔާން ސިގްރެޓް ބޯންއިންތަން ފެނުމުން ލައިޝާގެ ހިތަށް އުދަގޫވިއެވެ. އެކަން ހުއްޓުވަން ވާހަކަދެއްކިއެވެ. ކަޔާންގެ އަތުން ސިގްރެޓް އަތުލާފައި ގަސްތަކުގެ ތެރެއަށް އެއްލާލައިފިއެވެ.
"ކެން ދެރަވަނީ ކީއްވެކަން އަހަންނަށް އެނގޭ، އެކަމަކު ކެންގެ ހިތްހަމަޖައްސާދޭން އަހަރެން މިހިރީ ކޮންމެފަދަ ގުރުބާނީއެއްވާންވެސް ތައްޔާރަށޭ، ހެޔޮ ކެން މަންމަމެން ގާތަށް ދިޔަސް، އަހަރެން ކެންއަށް ތެދުވެރިވެގެން އަބަދަށް މިހެން ހުރެދޭނަން، ކެން ތިގޮތަށް ދެރަވެފައި އިނީމަ އަހަންނަށް ކެތްނުކުރެވޭ..." ލައިޝާ ކަޔާންގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.
"ހުއްޓާލާ ލައި، އަހަރެން ދެން ދުވަހަކުވެސް ލައިއާއި ވަކިވެގެން ނުދާނަން....." ކަޔާން ލައިޝާ އަތުތެރެއަށް ލަމުން ހިނިތުންވެލިއެވެ. ސިކުނޑީގެ ކަނަކުން ނުބައި އިންޒާރުތަކެއް ދިންނަމަވެސް އޭނަގެ ދުޢާއަކީ ހުރިހާކަމެއް ރަގަޅުވުމެވެ. ކެތްތެރިކަން ދެއްވުމެވެ. މަންމައަށް ހެޔޮވިސްނުން ދެއްވުމެވެ. ކަޔާންގެ ހުވަފެނަކީ އާއިލާއެއްގެ ގޮތުގައި އެންމެން އެކީގައި އުޅޭނެ ދުވަހެއް ދެއްކެވުމެވެ. ކޮފީ ބޮއިގެން ވާހަކަދައްކާލަން އެތައް އިރެއްވާންދެން ތިބެފައި ނާސްތާ ތައްޔާރުކުރީވެސް ދެމަފިރިން އެކީގައެވެ. ކީވާ އިންޑިއާއަށް ގެންދަންވެގެން ހުރިހާ ތައްޔާރީތަކެއް ވަމުންދާއިރު އެމީހުންވެސް އަވަސްކޮށްލާފައި ހޮސްޕިޓަލަށް ދާން ބޭނުމެވެ. ކީވާއާއިއެކުގައި ޒުލްމާގެ އިތުރުން ސަލްމާވެސް ދާކަން އެނގުމުން ލައިޝާހުރީ ހައިރާންވެފައެވެ. ސަލްމާދައްތަ މިފަހަކަށް އައިސް ކުއްލިއަކަށް ކީވާދެކެ މާ ލޯބިން އުޅޭކަން އޭނަވެސް ދަނެއެވެ. ގިނަގިނައިން ހޮސްޕިޓަލަށް ޒިޔާރާތްކުރުމާއި މީރު އެއްޗެހި ހަދައިގެން ގެންގޮސްދެއެވެ. ތައުރީފުގެ ބަހެއްނޫނީ އެދުލުން ބޭރުވާއަޑެއް ނީވެއެވެ.
ކީވާމެންގެ ހުޅުލެއަށް ދާން ނައްޓާލިއިރުވެސް ނިކަން ބޯކޮށް ވާރޭވެހެއެވެ. ބޯވިލާތަކުގެ ސިލްސިލާ ލޮލުކޮޅަށް ދާންދެންފެނެއެވެ. ވައިބާރުކަމުން ދޭތެރެއަކުން ހީވަނީ ފެރީ ބަންޑުން ޖަހާލާފާނެހެންނެވެ. 

ރަންދާއާއި ކޮއްކޮމެން ބާޒާރުކޮށްލަން ބޭރުގައުމަކަށް ފުރަންއައީވެސް އިއްތިފާގުން އެދުވަހުއެވެ. އެންމެންވެސް ހުޅުލޭ އެއަރޕޯޓުން އެއްތަންވިއެވެ. ކެންޒީއާއި އަފްރީން ލައިޝާމެންނާއި ވާހަކަދައްކާލަން ކާރިވެލިތަން ފެނިފައި ރަންދާގެ މޫނު ބަނަކަމުން ވަށައިގެންވާ މާހައުލާ އެއްފަދަވިއެވެ. އޭނަގެ ކޮއްކޮމެންވެސް ތިބީ ތުން ފިތާލައިގެންނެވެ. ނަމަވެސް ފެންވަރުގެ ގޮތުން ހާސްބައި ތަފާތު އެދެ އާއިލާގެ ގުޅުން ކަނޑާލުމަކީ އެކަކަށްވެސް ފަސޭހަކަމެއް ނޫނެވެ. އައިކަން ދުނިޔޭގައި ހުއްޓާ އެކަމެއް ނުވާނެކަން އެވަގުތު ރަންދާ ދެނެގަތެވެ. އަފްރީން އައިކަން އުރާލައިގެން އައިސް މަންމަމެންނަށް ތައާރަފުކޮށްދިނެވެ. ރަންދާ މަސްނޫއީ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްގެން ހުރެ އައިކަންއާއި ވާހަކަދެއްކިއެވެ. އައިކަން ލާނެތްކަމާއި ސަކަކަމުން އެމީހުންގެ ހިތް އަތުލާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ.
"ޖުއާންއާއި އެއްވެސް ތަފާތެއްނެތް....." ނަތާޝާވެސް އައިކަންގެ ކޯތާފަތުން ދޮނެއް ނެގިއެވެ.

ވައިގެ ބާރު ހަމަލާތަކުގެ ސަބަބުން ފްލައިޓަށް ނާރަންވެގެން ކީވާ އުޅުނުނަމަވެސް ފަހުން ހިތްވަރުކުރިއެވެ. ބިރުގަންނަންވީ ކޮންކަމަކާހެއްޔެވެ؟ އޭނަ މަރާއި ހަނގުރާމަ ކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ މިހާލުގައި އޭނަ އުޅެނިކޮށް ސިއްހަތު ރަގަޅު އެތައް ބަޔަކު ވަނީ މިދުނިޔެއާއި ވަކިވެގެންގޮސްފައެވެ. އެހެންނޫނަސް އޭނައަށް މިހުރިހާ ދުވަހު ލިބުނު ފިލާވަޅާއި ކެތްތެރިކަން އިމްތިހާނު ކުރަންވީ ވަގުތެއް ލިބުނީމަ ފިނޑިވާންވީ ހެއްޔެވެ؟ ހެއްދެވިފަރާތަށް އޭނަ އިތުބާރުކުރަން ޖެހޭނެއެވެ. ސިކުނޑީގައިވި ޝައިތާނީ ހުރިހާކަމެއް ފިލުވާލިތާ އެތައް ދުވަހެއްވުމުން އޭނަ ބިރުގަންނަންވީ ކޯނޗެއް ދެކެހެއްޔެވެ؟ އޭނަ ބިރުގަންނާނީ އެކަނި މާތް ﷲ ދެކެއެވެ. ފްލައިޓަށް އަރާފައިވެސް ދަތުރު ދުޢާކުރުމަށްފަހު ވަކީލުކުރާނީ އެންމެ ފަރާތަކަށެވެ.

އިރުއޮއްސެމުންދިޔައިރު އުޑުމަތީގައި ހީވަނީ ހުޅުދާންކޮށްލާފައިވާހެންނެވެ. ޖަހާލާ ގުގުރިއާއިއެކު ކަންފަތް ބައްވެދާހާވެއެވެ. ވިދުވަރުގެ އަލިގަދަކަމުން ދެލޯ ތަރަތަރަޖަހައިގެން ދެއެވެ. ވާރޭގެ ބޮޑެތި ތިކިތަކުން މާލޭގެ ފަޒާ ފުސްކޮށްލާފައިވާއިރު މަގުތައްވަނީ ފަޅުވެފައެވެ. ގިނަބަޔަކު މި މޫސުމުގައި ގޭތެރޭގައި އުޅެން ލޯބިކުރަނީކަން ނޭގެއެވެ. ފެންބޮޑުވެފައިވާ މަގެއްގައި ފެންގަނޑު ތެރޭގައި ހިނގަމުންދިޔައިރު ރައަދު ހުރީ ދެއަތް މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. ހީކަރުވައިގެން ދަތްދޮޅިއަށްދާންދެން ތުރުތުރުއަޅައެވެ. ލައިގެން ހުރި ރީދޫކުލައިގެ ޓޮޕްކޮޅާއި ކަޅު ޖިންސް ގަޔާއި ތަތްލަވާފައި ވުމުން މަގުން ދާހާ ބަޔެއްގެ ލޮލުގައި އަޅައިގަތެވެ. ހީވީ ފެނުޕަރީއެއް ފެންނަހެންނެވެ.

"މަންމަ އަހަރެން ގެއިން ނެރެލީ، މަންމަ އެހާ ރުޅިއަންނާންވީ ސަބަބެއްވެސް ނޭގޭ، ބައްޕަކާރީ އެވާހަކަ ދެއްކިކަމަށް އެއްބަސްވީމަ މަންމަ ތަޅައިގަތީމަ ވަރަށް ތަދުވެއްޖެ، އަހަރެންފަދަ އަންހެންކުއްޖަކު މި ދުނިޔޭގައިވާނެ ކަމެއް ނޭގޭ، މަންމަ އެހާ ރުޅިގަދައީ ކީއްވެތަ؟ އަހަރެން ދެން ދާނީ ކޮންތާކަށްތަ؟ އާންޓީމެންވެސް ފުރީ، އެގޭގައި ހުންނާނީ ވިޝާން އެކަނި، އެގެއަށް ދިޔައިމަ ވާނެގޮތް އަހަންނަށް އެނގޭ..... " ރައަދު ހިތާހިތުން ވާހަކަދެއްކިއެވެ.
"ކާރަށް އަރާ...." ދަންނަ އަޑެއް އިވުމުން ރައަދު ބަލައިލިއެވެ.
"ކާރު ތެމިދާނެއްނު....." ރައަދު ކަޅިއަޅާލިއެވެ.
"ގަދަކަމުން އަރުވަންވީތަ؟ " އެ ޖަވާބުން ރައަދު ގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. 

ކޮމެންޓް 0