"ވަޓް؟ ކެން ސުއިސައިޑް......" ކެންޒީ ޖުމްލަ ފުރިހަމަ ނުކުރީ އެކޮޅުން ބުނި އެއްޗަކުން ކަން ނޭގެއެވެ. ދެލޯ މަރާލިގޮތަށް ދިގު ދިގު އެސްފިޔަތައް ފޫދުއްވާލާފާ ކަރުނަ އޮހިގަތްތަން ފެނިފައި އަފްރީންގެ ހިތަށް އަސަރުކުރިއެވެ. 

"އޯ މައިގޯޑް..." އަފްރީންގެ ދެލޮލުގައިވެސް ކަރުނަތިކިތައް ވިދާ ބަބުޅަންފެށިއެވެ. އޭނައަށް ބޭއިޚުތިޔާރުގައި ކެންޒީ ގެ ގައިގައި ބައްދާލައިގެން ހުރެވުނުކަން ވިސްނި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ދުރަށް ޖެހިލިއެވެ. އެކޮޅުން ދައްކާ ވާހަކަތަކެއް ނީވުނަސް ކެންޒީގެ ހިތް ހަލާކުވެފައިވާކަން މޫނުމަތިން ފެނުނު ކުލަވަރު ތަކުން އެނގެއެވެ. ކަޔާން އަބަދުގެ އަބަދަށްޓަކައި އެމީހުންނާއި ވަކިވެގެން ދިޔައީއެވެ. މިއީ އެ އާއިލާއަށް ލިބިގެންދާނެ ކެތްނުކުރެވޭފަދަ ހިތާމައެކެވެ. ބޮޑުބޭބެގެ ދެމަފިރިން މޮޔަވެދާނެކަން ޔަގީނެވެ.

އަފްރީން އެވަގުތުކޮޅު ވިސްނާލިއެވެ. މިއަދުން ފެށިގެން އޭނަ ކެންޒީއާއި ވަކިވެގެނެއް ނުދާނެއެވެ. އަބަދުގެ އަބަދަށްޓަކައި އޭނަ ކެންޒީގެ އެކަނިވެރިކަން ފިލުވާދޭން ހުންނާނެއެވެ. އަފްރީން ދުރަށް ޖެހިލަމުން އޭނަގެ މަންމަގެ ފޯނަށް ގުޅަން އުޅެގަތެވެ. މަންމައަށް ކަޔާންގެ ހާލު އެނގޭނެކަން ޔަގީންވާތީއެވެ. އަމިއްލައަށް މަރުވާން ކަޔާން ޖެހޭނީ ކީއްވެކަން އެނގެން އޭނަ ބޭނުމެވެ. އަފްރީން މަޑުމަޑުންގޮސް ގަސްތަކުގެ ތެރެއަށް ވަދެ ގަހަކަށް ލެނގިލައިގެން ދުރަށް ބަލަން ހުރިއިރު ކަޔާންގެ ހަނދާންތައް އާވިއެވެ. ކަޔާންގެ ރަގަޅުކަމެވެ. ޖުއާންދެކެ ލޯބިވާ ވަރެވެ. ކެންޒީ ނެތުމުގެ އުނިކަން ފޫބައްދާ ދިނެވެ.

ކަޔާންއާއި ދިމާލަށް ސައިކޯ ފަދަ ނަމުން ގޮވުނު ހަނދާންތައް މިއަދު އަފްރީންގެ ހިތަށް ބަޔާން ނުކުރެވޭފަދަ އަސަރުކުރުވިއެވެ. ލޯބިވެރިޔާ ކަމުގައި ނުވިޔަސް އެއީ ބޮޑުދައިތަގެ ދަރިފުޅެވެ. ކެންޒީގެ ބޭބެއެވެ. އާއިލާއެވެ. މީހެއްގެ އަގު ވަޒަން ކުރެވޭނީ އެމީހަކު ނެތި ދިޔައިމައެވެ. ލޯބިވާވަރުވެސް އެނގޭނީ އެފަދަ ދުވަހެއް އައީމައެވެ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. އަފްރީން ނޭފަތް ދަމާލިއެވެ.

"އެމީހުން ކެންއަށް ރަގަޅަށް ފަރުވާކުރިނަމަ، އެނގޭނެ އެހާ ޑިޕްރެސްވެފައިކަން، އެމީހުންގެ ގާތުގައި ހުރެގެން ސުއިސައިޑް އެކުރީ، މޭ ގޯޑް ބްލެސް ހިމް......" އަފްރީންގެ ހަށިގަނޑުން ވާގިހުސްވެދާނެހެން ހީވުމުން ގަހުގެ ހިމާޔަތް ހޯދިއެވެ. އިރުކޮޅެއްފަހުން ކޮންމެވެސް މީހަކު ފަހަތުން އައިސް އޯގާތެރިކަމާއިއެކު އަފްރީންގެ ބޮލުގައި އަތް ބީއްސާލިއެވެ. އަފްރީން އިސްއުފުލާފައި ބަލައިލެވުނީ ކެންޒީގެ ރީތި މޫނަށެވެ.

ލައިޝާ ހުވަފެނެއް ފެނިގެން ހޭލެވުނުގޮތަށް އެރޭ ލޮލު ފިޔަ ޖަހައެއް ނުލެވުނެވެ. ކަޔާންއަށް ކޮންމެވެސް ގެއްލުމެއް ވެއްޖެކަމުގެ ވަރުގަދަ އިހުސާސެއް ކުރެވުނެވެ. ހުވަފެނުގައި ފެނުނީ ކަޔާން އަމިއްލައަށް މަރުވެގެން އުޅޭތަނެވެ. އޭނަ ހުވަފެނުގައި ރޮއިރޮއި ހަލާކުވާވަރުވިއެވެ. މަގޭ ކަޔާން މަރުވެއްޖެއޭ ކިޔަކިޔާފައި ރޮނިކޮށް ހޭލެވުނުއިރު ދެލޯ ފުރިފައިވަނީ ކަރުނުންނެވެ. ލައިޝާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ހަގީގަތާއި އެހާ އެއް ގޮތް ހުވަފެނެއް ފެނުނުމުން ހިތުގައި އެތައް ޝައްކަކާއި ވަހުމެއް ހިނގައިގަތެވެ. ލައިޝާ ހެނދުނު ހޭލިއިރު ބަނޑުގައި ރިއްސަމުން ދިޔައީ މާވަރަކަށެވެ. ޒުލްމާ ލައިޝާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައިމަވެސް ލައިޝާ އޮތީ ރޮއިރޮއިއެވެ. ޑޮކްޓަރު ދުރުވެ ލައިޝާ ބައްލަވާފައި ހިތްހަމަޖައްސައިދޭން ވާހަކަ ދެއްކެވިއެވެ.

"ތިގޮތަށް ރުއިމުން ދަރިފުޅަށް އޭގެ އަސަރުކުރާނެ، ހިތްވަރުކުރަން ވާނެއެއްނު ދޯ، ޑޮކްޓަރ ކާރީ ބުނެދީބަލަ، ކަމަކާ ވިސްނަނީ ތަ؟ އެހާ ތަދުވާހެނެއް ހިޔެއްނުވޭ، އެހެން މައްސަލައެއް އުޅެނީތަ؟ ޝެއަރކޮށްބަލަ........" ޑޮކްޓަރު އޯގާތެރިކަމާއިއެކު ލައިޝާއާއި ވާހަކަދެއްކިއެވެ.

"ކުރިން ލައިޝާ މިހެނެއްނުވާނެ، ވަރަށް ހިތްވަރުގަދަ ކުއްޖެއް، ނޭގޭ މިކުއްޖާއަށް ވެގެން އުޅޭގޮތެއް..." ޒުލްމާއިނީ ފިކުރުބޮޑުވެފައެވެ. އޭނަގެ ހިތްވެސް ދަރިފުޅަށްޓަކައި ހަމްދަރުދީން ފުރިފައިވެއެވެ. ލައިޝާގެ ބަލީގެ އަސްލަކީ ކަޔާންގެ ވަކިވުންކަން އޭނައަށް ނޭގެނީއެއް ނޫނެވެ. ކަޔާންގެ މަންމަ ހަގީގަތް ކިޔައިދިނުމުން ކަޔާން ވަކިވެގެން ދިޔައީއެވެ. އެވާހަކަ ލައިޝާއަށް ކިޔައިދޭނެ ހިތްވަރެއް ޒުލްމާގެ ނެތެވެ.

"ކޮބާ ދަރިފުޅުގެ ބައްޕަ..." ޑޮކްޓަރ ސުވާލުކުރެއްވިއެވެ. އެހެން އަހާލުމުން ލައިޝާގެ ހިތް ކުދިކުދިވެގެން ދިޔަހެން ހީވިއެވެ. މޫނުގައި އަތްއަޅާލިއިރު އިނގިލިތަކުގެ ދޭތެރެއިން ކޯދުލާފައި ކަރުނަ އަންނަން ފެށިއެވެ. ކަޔާންގެ ވަކިވުން އޭނަގެ ހިތަށް ދުވަހަކު އަސަރުނުކުރާވަރަށް އަސަރުކުރުވައިފިއެވެ.

"ނުރޮއި......." ޑޮކްޓަރ ލައިޝާއަށް ހިތްވަރުދިނެވެ.
"ލައިޝާ، އެއްޗެއް ކާލަންވީނު، ނުކައި ހުންނަން ހަދައިގެން ހައްތަހާ ވަރުދެރަވާނީ، ބަނޑުގައިވާ ދަރިފުޅު ބޭނުން ނުވަނީތަ؟ " ޒުލްމާގެ ޖުމްލައިން ލައިޝާ ބިރުގަންނަގޮތްވިއެވެ. ކަޔާންގެ ހުރި ހަމަ އެކަނި ހަނދާން އޭނަގެ ސަބަބުން ނެތިއްޖެއްޔާ ދިރިހުރުމުގެ މާ ބޮޑު އުއްމީދެއް ނޯންނާނެއެވެ. ލައިޝާ ތެދުވެ މަންމަ ގެނެސްދިން ކުރުބާ ފަނިތަށި ގަދަކަމުން ބޯލިއެވެ. 
"ގުޑް ގާލް..." ޑޮކްޓަރ ހިނިތުންވެލެއްވިއެވެ.

ވަރުޖިނާމެން އެމެރިކާއަށް ދިޔައީ ރައަދު ރަންދާ މެންނާއި ހަވާލުކޮށްފައެވެ. ރައަދު ސްކޫލް މެދުކެނޑިދާނެތީ އެގޭގައި ބެހެއްޓީއެވެ. އެއީ ވިޝާންގެ ބޮލުގެ ރިހުމަކަށްވިއެވެ. އާއިލާގައި ބޮޑު ހިތާމައެއް ކުރިމަތިވެގެން އުޅޭއިރު ރައަދު ހިތަށް އެއްޗެއް އަރާހެނެއް ހިޔެއްނުވެއެވެ. އޭނަ ވިޝާން ފެނުނިއްޔާ ގަސްތުގައި ކޮންމެވެސް އުދަގުލެއްކޮށް ޖެއްސުން ކުރާނެއެވެ. ކުޑަކުއްޖަކު އެގޮތަށް ލަދުކުޑަކޮށްލާފައި ބެހޭތީ ވިޝާން ހުންނަނީ ލަދުގަންނަވަން އެއްޗެކޭ ނުކިޔަންވެގެންނެވެ. އެކަމަކު މަންމަ ހީވަނީ އެދެމީހުން ތަތްކުރުވަން އުޅޭހެންނެވެ. ވިޝާން ގާތު ރައަދު ސްކޫލަށް ގެންދަން ބުނާނެއެވެ. ބަލާދާން އަންގާނެއެވެ. ވިޝާން ބުނާނީ އެއީ ބޮޑުކުއްޖެއް ކަމަށާއި އެކަނި ހިނގާފައިވެސް ގެއަށް އާދެވިދާނެ ކަމުގައެވެ. ރަންދާ ބުނާނީ މިޒަމާނުގައި މަގުމަތީގައި އުޅޭ މީހުންނަށް އިތުބާރުނުކުރެވޭ ކަމުގައެވެ. އެއީ ތެދެއްކަން ވިޝާންއަށް އެނގޭއިރުވެސް އޭނައަށް ނޭގުނީ ރައަދު އޭނަގެ ޒިންމާއަށް ވާން ޖެހުނު ސަބަބެވެ. އަފްރީންގެ ހިމާޔަތުގައި އޭނަ ހުރެދާނެއެވެ. ކޮއްކޮގެ ހަށި ފާރަވެރިޔަކަށް ހުރުމަކީ އޭނަގެ ވާޖިބެކެވެ. އަފްރީންގެ ހަޔާތުގެ ބައިވެރިޔަކު ލިބެންދެން ކޮއްކޮއަށް ރައްކާތެރިކަން ދޭން ޖެހޭކަމަށް އޭނަ ގަބޫލުކުރެއެވެ.

ވިޝާން ހެނދުނު އޮތީ ކަންނެތްވެފައެވެ. ކަޅުރޭގަނޑެއްފަދަ އިސްތަށިގަނޑު ހޭވިފައިވާއިރު ރަޖާ ކުޑަކޮށް ތިރިއަށް ކެހިފައިވާތީ އެ ތަނަވަސްމޭމަތި ވަނީ ހާމަޔަށެވެ. އޭރުވެސް ޚިޔާލުގައިވަނީ ކީވާއެވެ. އޭނައާއި ގާތުގައި ވުމަށް އެދި އާދޭސްކުރާއިރުވެސް ކީވާ އެކަން ގަބޫލުނުކުރަން އުޅެނީ ކީއްވެހެއްޔެވެ؟ މިހާރު ކީވާ ބޭނުންވަނީ ކައިވެނި ފަސްކުރާށެވެ. ކީވާގެ މަންމަ އެއްގޮތަކަށްވެސް އެކައިވެންޏާއި ގަބޫލުކަމަކަށް ނުވަނީއެވެ. 

"ފިނޑި ކުއްޖާގަނޑެއް، އަހަރެން މިހާ ލޯބިވާއިރުވެސް، އޭނަގެ މަންމަ ގަބޫލުނުވިޔަސް ދެން އަންނަން ވެއްޖެއެއްނު................" ވިޝާންގެ ލޯ ތެމުނެވެ.
"ހޭ ހޭލެވުނީތަ؟ ގުޑް މޯނިން ލަވް، ޔޫ ލުކް އެކްސްޓްރީމްލީ ހެންޑްސަމް، ބެޑް ހެއަރ ވަކިން ހިތްގައިމު، އަދި މިތަން ފިނިކަމުންގޮސް ހީވީ ހަމަ އެންޓާޓިކާގައި ފައި އެޅުނުހެން، އަހަރެން ގަނޑުވެދާނެ......" ރައަދު ފަރި ނަޒަރަކުން ވިޝާންއަށް ބަލާލާފައި އެހެން ބުނެލިއެވެ. ދެން މަޑުމަޑު ރާގެއް އަޅުވާލާފައި އައިސް ވިޝާންގެ އެނދުކާރީގައި ތަބައް ބަހައްޓައިފިއެވެ. އާވިއަރައަރާހުރި ކޮފީގެ ދެވިހިފާ މީރުވަހުން ކޮޓަރީގައި ހިފާފައިވާ ހިތްގައިމު ވަސް ފަނޑުކޮށްލައިފިއެވެ.

"ހެދުން ނުލާ ހުރެފައި ފިނިވަނީ އޭ ކިޔާނެ ކަމެއްނެތް، ގެޓް އައުޓް........." ވިޝާން ނުރުހުންވެފައި ރައަދުއަށް ކަޅިއަޅާލައިފިއެވެ. އޭރު ރައަދު ހުރީ ލާނެތް ނަޒަރަކުން ބަލާށެވެ. ވިޝާންގެ ބަރު އަޑު އެކަނިވެސް ރައަދުގެ ހިއްސުތަކާއި ކުޅެލިއެވެ. ތުނި ޕެޓީގައި ހުރިއިރު ޕެޓީގެ ގޮށްތައް ނައްޓާލާފައި ހުރުމުން އެތެރެއިން ލާފައި ހުރި އެތީގެ ބޮޑުބައިވަނީ ހާމަޔަށެވެ. ފަށުވި ސޯޓެއްގައިހުރިއިރު ފިރިހެނެއްގެ ހިތްތަކާއި ކުޅެލާނެއެވެ. ރީތި ހަށިގަނޑެއް ދެއްވާފައިހުރި އަންހެންކުއްޖެކެވެ. ވިޝާންގެ ބަލިފަޔަކީ އެއީއެވެ. ޚާއްސަކޮށް ހެނދުނު ގަޑީގައި އަންހެންކުއްޖަކު މިގޮތަށް ކޮޓަރިއަށް އައުމުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރުގެއްލި އީމާންތެރިކަން ވިއްސިވިހާލިވެގެން ދާގޮތްވިއެވެ. ވިޝާންއަށް ރައަދުއާއި ހަތަރުކަޅި ހަމަކުރިގޮތަށް ބަލަން އޮވެވުނީއެވެ. އޭނައާއި ރައަދު ކޮންމެ ކަމެއް ކުރިޔަސް ކީވާއަށް އެނގޭނެ ގޮތެއްނެތެވެ. ފިރިހެނެއް ވެއްޖެއްޔާ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާނެއެވެ. ވިޝާންގެ ވިސްނުން އެހެން ދިމާލަކަށް ދާންފެށިއެވެ.

"ޗެކިން މީ އައުޓް؟ " ރައަދު ހުރީ ދައުވަތެއް ނުލިބިފައެވެ. ވިޝާންގެ ބައިވެރިޔަކަށް ވެވޭނެ އެކަނި ގޮތަކީ މިއީކަމަށް ރައަދު ހީކުރިއެވެ. ވިޝާން އޭނަދެކެ ލޯބިވާނީ ހުރިހާ އެއްޗެއް ހަދިޔާކުރީމައެވެ. ރައަދު މިހިރީ ހިތާއި ފުރާނަ ކީއްކުރަން ހަށިގަނޑުވެސް އެއްވެސް އަގެއްނެތި ހަދިޔާކުރާށެވެ. ކީވާ ބަލިކޮށްލަން އޭނަވަނީ ނިންމާފައެވެ.
"މި ރޫމަށް އައީ ކޮފީދޭކަށް ނޫން ދޯ ރާދު، އަހަންނަށް އެނގޭ، ތިއީ ވަރަށް ނޯޓީ ގާލްއެއް، ފިރިހެނުން ކޮޓަރިއަށް އައީމަ ލިބޭނެ އަދަބު ނޭގޭތަ؟ " ވިޝާން ސަމާސާކުރިއެވެ.
"ކޮން ޕަނިޝްމެންޓެއް ދޭނީ..." ރައަދު ހީގަތެވެ.
"ކަމް ހިއަރ، އޭރުން އެނގިދާނެ ދޭނެ ޕަނިޝްމެންޓެއް، އެހެންނޫނަސް ފިނިވެގެނެއްނު ތިއުޅެނީ، ހީވެސް ފިލާނެ......." ވިޝާން ކަންނެތްގޮތަކަށް އެއް އަތް ދިއްކޮށްލައިފިއެވެ.
"ތިއުޅެނީ ހަމަ އެރޭގޮތަށް....." ރައަދު އެއްޗެކޭ ބުނަން އުޅެފައިވެސް އެ ފިރިހެންވަންތަ އަތުގައި ހިފާލައިފިއެވެ. އެއާއިއެކު ހަށިގަނޑުން ހީބިހި ހިލުވާލީ ފިނިވެގެންކަމެއް ނޫނީ އެއަތުގެ ބީހިލުމުންކަމެއް ނޭގެއެވެ.
"އާން، އަހަރެން ބުނާ ކޮންމެ ގަޑިއެއްގައި މި ރޫމަށް ދެން އަންނަން ޖެހޭނެ، ރާދު އަހަންނަށް ބޭނުންވާވަރު އަހަންނަށް އެބަ ފެނޭ، އަހަރެން ތި ރޫމަކަށް ނުދަން، އަމިއްލައަށް މިތަނަށް އައީމަ އަހަންނެއް ނޫން ކުށްވެރިވާނީ، އެރޭ ރިޕީޓްކުރުވާހިތުން މަގޭ ގާތަށް އައިސްފަ އަދި ނޫނެކޭ ބުނާއަޑު އަހަރެން އަހާނެކަމަށްތަ؟ " ވިޝާން ހީލިއެވެ.

އެއީ ވިޝާންއާއި ރައަދުގެ ގުޅުން އެހެން މިސްރާބަކަށް ދިޔަ ދުވަހެވެ. ފަހުން އެކަމާއި ވިޝާން ހިތާމަކުރިއެވެ. ބައެއްފަހަރު ރީތި އަންހެންކުދިންގެ ސަބަބުން އީމާންތެރިންގެ ހިތްބަލިކަށިވެއޭ ބުނާ ސަބަބަކީ އެއީއެވެ. ހަވާނަފުސަށް ގެއްލި ހެއްލިގެންދާން ނަގަނީ މަދު ވަގުތުކޮޅެކެވެ. ގިނަފަހަރަށް ތިމާ ލޯބިވާ މީހާއަށް ބޭވަފާތެރިވެވެނީވެސް ވަގުތީ އުފަލަށްޓަކާ ހިނދުކޮޅަކަށްވެސް ހަށިގަނޑު ގަންބާލެވޭތީއެވެ. ވަގުތުކޮޅެއްގެ އަރާމާއި ލައްޒަތަށްޓަކައި މުސްތަގުބަލް ހަލާކުގެތެރެއަށް އެއްލައިލެވެނީއެވެ. ވިޝާން އެއްގޮތަކަށްވެސް ރައަދު ގެ ރޭވުމެއްވާކަމަށް ނުދެނެހުއްޓެވެ. ކީވާއަށް އެދެމީހުންގެ ގުޅުން އެނގިދާނެކަމަކަށް ވިޝާން ހިޔެއްނުކުރެއެވެ.
ކީވާ ކޮލެޖުން ނިކުމެގެން ހިނގައިގަތްތަނާހެން މީހަކު ފަހަތުން އަންނަހެން ހީވެގެން އެނބުރި ބަލާލައިފިއެވެ.

"ހޭއި ކީވާ، އަހަރެން މިއައީ ވާހަކައެއް ބުނެލަން...." ރައަދު ހުރީ ރަތްކުލައިގެ ސްވެޓަރ ކޮޅަކާއި ބާރު ސްކިނީއެއްގައެވެ. މޫނަށް ކުޑަ ރަތްކަމެއްވެރިވެފައިވެއެވެ. ތުންފަތް ރަތްކަމާއި ރީތިކަމުން ކީވާއަށްވެސް ބަލަން ހުރެވުނެވެ. މާ ގިނަ ގަހަނާތަކެއް ނެތަސް ކަރުގައި ތަންކޮޅެއް ދިގުކޮށް އަޅާފައިވާ ފަށެއް އޮތެވެ. ހާދަ ރީތި ސްޓައިލިޝް ކުއްޖެކެވެ. އެހާ ޅައެވެ. އޭނައަށްވުރެ ވިޝާންއާއި ރައަދު ހާސްބައި ގުޅެއެވެ.
"ބުނެބަލަ...." ކީވާ ހިނިތުންވެލިއެވެ.
"ކީވާ އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟ ފަހަރެއްގައި މި އެދެނީ ވަރަށް ބޮޑުކަމަކުކަން ނޭގޭ، އަހަރެން މިއީ އަނެއްހެން ސެލްފިޝްމީހެއް ނޫން، އެކަމަކު އަހަރެން މިދުނިޔެއިން އެންމެ ބޭނުންވާ އެއްޗެއް ނުލިބިގެން ކީވާގެ ގާތަށް އަންނަން މިޖެހުނީ....." ރައަދު ހުރީ ކޮންމެވެސް ވަރަކަށް އުދަގޫވެފައެވެ. ކީވާއަށް ވިސްނެން ފެށިއެވެ. ވިޝާންއާއި ކީވާގެ އޮތް ގުޅުން އޭނައަށް ނޭގެނީއެއް ނޫނެވެ. އެކަން ގަބޫލުކުރަން ބޭނުން ނުވަނީ ވިޝާންއެވެ.
"ބުނީމައެއް ނު އެނގޭނީ...." ކީވާ އާއި ރައަދު ހިގަމުން ދިޔައީ އެއްވަރަކަށެވެ.

"އަހަންނަށް އެނގޭ ވިޝާން ކީވާއާއި ރައްޓެހިވެގެން އުޅޭކަން، އަހަރެންވެސް ވަރަށް ލޯބިވޭ ވިޝާންދެކެ، އެނޫން މީހެއް ދެން ބޭނުމެއްވެސް ނޫން، ކީވާ ބުނެބަލަ، ކީވާ ބޭނުންވާނެތަ ކީވާއާއި ރައްޓެހިވެގެން އުޅެމުން އޭނަ އަހަރެންނާއިއެކު ސްލީޕްކުރަން......" ރައަދު އުމުރުން ހަގުވިޔަސް ކޮންމެ ފަދަ ވާހަކައެއް ދައްކާކަށްވެސް ޖެހިލުމެއްނުވެއެވެ. މުއްސަދިވީމަ ވާގޮތްހެއްޔެވެ؟ ކީވާ ލަދުގަންނަގޮތްވިއެވެ. ޔަގީނުންވެސް އޭނައަށް އެފަދަގޮތަކަށް އުޅޭކަށް ލާހިކެއް ނޫނެވެ. ލައިޝާވެސް އެއް ޒަމާނެއްގައި ކަޔާންއާއިއެކު އުޅޭކަން އެނގުމުން އޭނައަށް ޝޮކެއް ލިބުނެވެ. ލައިޝާގެ ރަގަޅުކަން ވިސްނުނީ މާ ފަހުންނެވެ. ލައިޝާ އެހުރިހާ ކަމެއްކުރީ ސިއްރު ކައިވެންޏެއްގައެވެ. އެއީ މައްސަލައެއް ނޫނެވެ.

"ނޫން، ކިހިނެއްވީތަ؟ " ކީވާ އެނގުނުކަމަކަށް ނެހެދިއެވެ.
"މި ވީޑިއޯ ބަލާލަބަލަ....." ރައަދު އޭނަގެ ފޯނު ހުޅުވާލާފައި ވީޑިއޯ ބައި ހުޅުވާލަދިނެވެ. އެ ވީޑިއޯ އޭނަ ނެގިކަމެއް ވިޝާންއަކަށްވެސް ނޭގޭނެއެވެ. ވިޝާން ނިދަން އޮތްވާ އޭނަވަނީ އެތަނަށް ވަދެ ފޯނު ޖައްސާފައެވެ. އިރުކޮޅަކުން ކޮފީ ހަދައިގެން އައިސްއޭނަ ވިޝާންއާއިއެކު ހޭދަކުރި ވަގުތުތައް އެހެރީ ފެންނާށެވެ. ދެއްކި ވާހަކަތައްވެސް ސާފުވާވަރަށް އެބަހުއްޓެވެ. ކީވާ ހައިރާންވިއެވެ. ވިޝާން އުޅެނީ މިހާ ކުރީގައިހެއްޔެވެ؟ އޭނަ ގާތުގައި ހެދީ ދޮގެވެ. ވިޝާން ރައަދުއާއިއެކު އެ ބާއްވާ ގުޅުން އޭނައަށް ސިއްރުކޮށް އޭނަ އޮޅުވާލީއެވެ. ވިޝާންފަދަ ކާމިޔާބު ހުރިހާ ފިރިހެނުންގެ އުޅުން ހުންނާނީ މިހެން ހެއްޔެވެ؟ ގިނަ މީހުންގެ ހަގީގަތް އޮންނާނީ ފޮރުވިފައެވެ.
ކީވާ ކުޑަތަންކޮޅެއް ބަލާފައި ލަދުން އަވަހަށް ފޯނު ރައަދު އަތަށް ދިނެވެ.

"ކީވާ، ވިޝާން ގާތު ނުބުނައްޗޭ މި އެއްޗެއް ފެނުނު ވާހަކަ، ހީ ވިލް ކިލްމީ، ހަމަ ރަގަޅަށް މިބުނީ، ވިޝާން ބޭނުންވާނީ ހުރިހާ ގާލްސްއިން އޭނައާއި އެކީގައި އުޅުމަށްހެން ހީވޭ، އަހަރެން އެހާވަރަށް ލޯބިވާއިރު އޭނަ އެކަން ގަބޫލެއްނުކުރޭ، އެކަމާ ވަރަށް ދެރަވޭ، ކީވާ ލޯބިވޭތަ؟ " ރައަދު ފޯނާއި ކުޅެމުން މައުސޫމްގޮތަކަށް އަހާލައިފިއެވެ. ބައެއްފަހަރު ކީވާދެކެ ހިތުގައި ހަސަދައިގެ އަލިފާން ގަނޑު ރޯވެގަނެއެވެ. ކީވާގެ ރީތިކަމުން ރައަދު ބިރުގަންނަގޮތްވިއެވެ. ހަރުދަނާ މާތްގޮތެއް ހުރި މަޑުމައިތިރި އަންހެންކުއްޖެކެވެ.
"ރައަދު، ހާސްނުވޭ، އިރާދަކުރެއްވިޔާ ވިޝާންވާނީ އެކަނި ރައަދުގެ މީހަކަށް، އަހަންނަކީ ކިޑްނީގެ ބަލިމީހެއް، އަހަރެން އެއްގޮތަކަށްވެސް މެރީ ކުރާކަށް ޚިޔާލެއްނުކުރަން، އެހެންނޫނަސް ތި ފެނުމަށްފަހު އަހަރެން ނެތިން ވިޝާންއާއި ލޯބީގެ ގުޅުމެއް ބާއްވަން، އިޓްސް އޯވަރ....." ކީވާ ތުންފަތުގައި ދަތްއަޅާލިއެވެ.
"ސޮރީ ކީވާ...." ރައަދު ހީކުރީ ކީވާގެ ހިތް ހަލާކުވާނެކަމުގައެވެ.

ކީވާ ވިޝާންއަށް އެދުވަހު ގުޅާފައި އެދެމީހުންގެ ގުޅުން އެހިސާބުން ނިމުނީ ކަމަށާއި އޭނަގެ މަންމައާއި ދެކޮޅަށް ވިޝާންއާއި ވާހަކަދައްކަންވެސް ބޭނުން ނުވާކަމުގައި ބުނެލިއެވެ. ވިޝާން ހުރީ ޝޮކެއްގައެވެ. ގަބޫލުނުކުރެވިފައެވެ. ވިޝާންގެ ލޯބީގައި އެގޮތަށް ކީވާ ކޮޅުފައިން ޖަހާފާނެ ދުވަހެއް އަންނާނެ ކަމަކަށް އޭނަ ހީކޮށްފައެއް ނެތެވެ. ހިތަށް އަސަރުކޮށް ދެރަވިވަރުން އެރޭ ވިޝާން އެކަނިމާއެކަނި އޮވެ ކަރުނަ އޮއްސިއެވެ. އޭނަ ފަދަ ފިރިހެނަކު އަންހެންކުއްޖަކު ވަކިވުމުން އެގޮތަށް ރޮއިފާނެކަމަށް މީހަކު ގަބޫލެއް ނުކުރާނެއެވެ. ވިޝާންވެސް އަމިއްލަ ނަފުސާއިމެދު ސަހަރޯހީވިއެވެ.

ތިން އަހަރު ފަސް
ކީވާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު ޒުލްމާ އެނދުގެ މަގަތުގައި އިށީދެލައިގެން އިނެވެ. އެދެލޮލުން ފައިބަމުންދާ ކަރުނަތައް އިރުއިރުކޮޅާ ފޮހެން މަޖުބޫރުވެއެވެ. ޑޮކްޓަރު ބުނެފައިވަނީ ޑައިލިސިސް ހަދަމުންގޮސް އިތުރު މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި ވަރަށް އަވަހަށް އާ ކިޑްނީއެއް ނުލިބުނިއްޔާ ކީވާގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގައެވެ. އަދި މިހާރު އިންފެކްޝަނެއްގެ ސަބަބުން ކީވާގެ ހާލުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކީވާއަށްވެސް އޭނަ ބަލިވަރު އިހުސާސްކުރެވެއެވެ. އެހެންވެ ގިނަ ވަގުތު އޮންނަނީ ފޯނުން ޤުރުއާން ކިޔަވާށެވެ.

ކިޑްނީ ހޯދުމަށްޓަކައި ލާރި އެއްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޒުލްމާއަށް ވީވަރަކުން އެކި ފަރާތްތަކާއި ވާހަކަދައްކާ ކިޑްނީއެއް ހޯދަން މަސައްކަތްކުރެއެވެ. ހުރިހާ ފަރާތަކުން ދިރިއުޅުން ދަތިވެ މާޔޫސްވުމުގެ ސަބަބުން އުމުރުން ވީދުވަހަށް ވުރެ މާ މުސްކުޅިކޮށް ޒުލްމާ ދައްކައެވެ. ލޮލު ކާރީގައި ކަޅު ދާއިރާއެއް ފާޅުވާން ހުއްޓެވެ.

"މަންމާ، ދެރަނުވޭ، މަރުވިޔަސް މިއަދު ދުނިޔެއިން ދާނީ އުފަލުން، މިހާ ދުވަހަށް ދުނިޔޭގައި ހުރުމުގެ ނަސީބު ލިބުނުކަމާއިމެދުވެސް ހެއްދެވި ފަރާތަށް ޝުކުރުވެރިވަން، މަންމަގެ ލޯބި ލިބުނުކަމީވެސް އަހަރެންގެ ނަސީބު........." ކީވާގެ ވިދާ ދެލޮލުގެ ރީތިކަން ފަނޑެއްނުވެއެވެ. އަދިވެސް އެ ރީތިކަމެވެ. ނަމަވެސް މޫނުމަތިވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ. ތުންފަތް ހިކިފައިވެއެވެ. އެތައް ދުވަހެއްވާންދެން ބަލިވެއުޅުމުގެ އަސަރުކަން ނޭގެއެވެ.

"ތިއީ މަންމަގެ އެންމެ ބަސްއަހާ ރަގަޅު ކުއްޖާ، މަންމަ ގެ ކިޑްނީ ދެވޭނެނަމަ، މަންމަގެ ފުރާނަ ދީގެން ނަމަވެސް ކީވާ ރަގަޅުކުރަން މަންމަ ބޭނުން........" ޒުލްމާ ކިތަންމެ ވަރަކަށް ހިތަށް ވިސްނައިދިނަސް ލޮލުން އޮހޭ ކަރުނަތަކަށް ބަދަލެއް ނާދެއެވެ. ކީވާއޮތީ ހިތްވަރުކޮށްލައިގެންނެވެ. މަންމަ ހިތާމަކުރާތަން ފެނުމުން އޭނަގެ ލޮލުގައިވެސް ގިނަވެގަތް ބޮޑެތި ކަރުނަތިކިތައް ލޮލުގައި ހަރުލާފައި ހުއްޓެވެ.

"މަންމާ، ކޮންމެކަމެއްވާނީވެސް ރަގަޅަށް، މިހާ ވޭނުގައި ވަރަށް ދުވަސްވެއްޖެ، ފަހަރެއްގައި ދެން އެންމެ ރަގަޅީ މިގޮތްކަން ނޭގޭ، މަންމަ ދެރަނުވައްޗޭ، އަހަރެން ދިޔަސް ދާނީ އުފަލުން....." ކީވާ އޭނަގެ މަންމަގެ އަތަށް ފިތާލިއެވެ. އެ މަޑު މަޑު އަތްތިލައިގާ ބާރެއްނެތްކަން ޒުލްމާއަށް އިހުސާސްކުރެވުނެވެ.

އޭނަގެ އުފަން މައިމީހާ ކަމުގައި ނުވިޔަސް އުފަން މަންމައަކަށްވުރެ ޒުލްމާ މާ ހެވެވެ. އެކަމުން ކީވާގެ ހިތަށް އަސަރުކުރިއެވެ. އޭނަވެސް ދުނިޔެ ދޫކޮށްލާފައި ދާކަށް ބޭނުމެއްނޫނެވެ. މަންމައާއި ލައިޝާގެ ހައްގުގައެވެ. އެހެންނޫންނަމަ މިހާރު މި ދުނިޔޭގައި ކީވާއަށްޓަކައި އިތުރު އުފަލެއްނުވެއެވެ. ކީވާގެ ދެލޯ މެރެން ފެށިއެވެ. ހަށިގަނޑުގައި ވަރުދެރަވުމުގެ ސަބަބުން ގިނަވަގުތު އޮވެވެނީ ދެލޯ މަރާލައިގެންނެވެ. ބައެއްފަހަރު ހީވަނީ އެހެން އޮވެފައި ދެން އޭނަގެ ފުރާނަ ނިމިގެންދާނީ ހެންނެވެ. ކީވާ އަބަދުހެން ދުއާކުރެއެވެ. ސުވަރުގޭގެ މާތް ނިއުމަތް ދެއްވުމަށެވެ. ދެބަދޭތެރޭގައި އޮވެފައި ކަހަލަ ގޮތަކަށް އޭނައަށް ދެލޯ ހުޅުވާލެވުނީ އައިދަންގެ ރީތި އަޑު ކަންފަތުގައި ޖެހިފައެވެ. މަރުވެގެން ސުވަރުގެއަށް ދެވުނީ ބާވައެވެ. ފިނިވާހެން ހީވިއެވެ. ހިތަށް އުފާވެރިކަމެއް ލިބުނެވެ.

"ކިވީ ނިދާފައިތަ ދައްތާ..." އައިދަންގެ އަޑު ސާފުކޮށް ކީވާއަށް އިވުނެވެ.
"ބަލިކަމުން އެހެން އޮންނަނީ، އައިދަން މަންމަ ކިހިނެއްތަ؟ ޚަބަރެއްވެސް ނުވެ ހާދަ އަހަރުތަކެއް ވެއްޖެ....." ޒުލްމާ ޝަކުވާކުރިއެވެ.
"މަންމަވެސް މާލެއަތުވެއްޖެ، އިރާދަކުރެއްވިއްޔާ މުޅިން ރަގަޅު....." އައިދަން ދިނީ ކުރު ޖަވާބެކެވެ. އެމީހުން މިހާ ދުވަސްވީއިރު މާލެއަށް ނައި ސަބަބެއް އައިދަން ނުބުނުމުން ޒުލްމާ އިތުރު ސުވާލެއްނުކުރެއެވެ. ކީވާ ޔަގީންކުރީ އައިދަން މިހާރު މީހަކާއި އިނދެގެން ކުއްޖަކުވެސް ހުންނާނެކަމަށެވެ. އޭނައާއި ވަކިވެގެން އައިދަން ދިޔުމަށްފަހު ކީވާވަނީ އައިދަންގެ ހަނދާން ހިތުން ފޮހެލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ކާމިޔާބެއްނުވިއެވެ. ކީވާދެކެ ލޯބިނުވާކަން އައިދަންވެސް ސާބިތުކޮށްދިނީއެވެ. އެކަނިމާ އެކަނި ބަލި ހާލުގައި އޭނަ ހާދަ ގިނަ ދުވަސް ވޭތުކޮށްފިއެވެ. ފަހަރެއްގައި އޭނަ މިހާ ބަލިވީ ހިތާމަ ކުރަމުން ގޮސްކަން ނޭގެއެވެ. މިއަދު އައިދަން އަންނަންވީ ކީއްކުރަން ހެއްޔެވެ؟ އޭނަ މަރުވުމުން މޫނު ދެކެލަން އައިނަމަ މާ ރަގަޅު ވީސްކަން ނޭގެއެވެ.

"ދަރިފުޅާ، ދައްތަ އަންނާނަން ބޭރަށް ޖެހިލާފައި، ކީވާ އެކަނި ބާއްވަން ނުކެރިގެން މިހިރީ މިތަނުން ދުރަށް ނުގޮސް، އަންނާނަން ފިހާރައަކަށް ވަދެލާފައި، އައިދަން މަޑުކޮށްލަ ދޭނަން ދޯ، މިއޮތީ ކީވާގެ އައިޑީ، ބޭނުމެއްޖެހުނަސް އޮންނާނެއްނު......" ޒުލްމާ އައިދަންއަށް އިތުބާރުކުރުމުގެ ހައްދެއް ނެތެވެ. ކީވާ ނިދަން އޮތްވާ ހިލޭ ފިރިހެނަކާއި ހަވާލުކޮށްލާފައި އެދިޔައީއެވެ.

ޒުލްމާގެ ފިޔަވަޅުތަކުގެ އަޑު ކެނޑުމާއިއެކު ކެތްނުވެގެން ކީވާ ދެލޯ ހުޅުވާލުމާއިއެކު ކުރިމަތީގައި ހުރި އައިދަން ފެނިފައި ލަދުން މަރުވާވަރުވިއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްލައިގެން ހުރިއިރު މީގެ ދެތިން އަހަރުކުރިއާއި އަޅާބަލާއިރު މާ ފިރިހެންވަންތަވެފައި ދެލޮލުގައި އިތުރުބާރެއްވާހެން ހީވިއެވެ. ވާހަކަދައްކާ ރާގުވެސް ތަންކޮޅެއް އިނގިރޭސި ހެން ހީވިއެވެ. ކީވާއަށް އޮވެވުނީ ކަޅި ޖަހާނުލާ ބަލާށެވެ. ކިރިޔާވެސް އެސްފިޔަޖަހާލައިފިނަމަ ގެއްލިދާނެކަމުގެ ބިރުހީވިއެވެ.

"ކިވީ، ކިހިނެއްތަ؟ " އައިދަން ތުންފަތުގައި ދަތްއަޅާލިއެވެ. އޭނަ އެއްގޮތަކަށްވެސް ކީވާ މިހާލުގައި ވެދާނެކަމަކަށް ހިޔެއްނުކުރެއެވެ. ކީވާ ފެނުމުން ހިތަށް ކުރީ ބަޔާން ނުކުރެވޭފަދަ އަސަރުތަކެވެ. ފިރިހެނަކަށްވިނަމަވެސް ލޮލުން ކަރުނަ ހިލުނެވެ. އޭނަ ހީކުރީ ވިޝާންއާއި ކާވެނިކުރުމަށްފަހު ކިޑްނީ އެއް ލިބިގެން އުފަލުގައި ހަޔާތް ވޭތުކުރާނެކަމަށެވެ. ވިޝާންގެ އަންބެއްގެ ގޮތުގައި ހުންނާނެކަމުގައެވެ. އެހެނެއްނުވިއެވެ. ވިޝާންއާއި ކީވާގެ ގުޅުން ހީނަރުވެ އެ ގުޅުމުގައި ސިއްކަ ޖެހުނުތާ ކޮން ޒަމާނެއްހެއްޔެވެ؟ ވިޝާންވެސް ކީވާއަށް ބޭވަފާތެރިވީއެވެ. ނަމަވެސް ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނަ ކީވާއަށް ކުރަން ޖެހޭ ކޮންމެ ފަރުވާއެއް ކުރަން ގާތުގައި ހުރެއެވެ. 

"ގުޑް....ތޭންކްސް ފޯރ ކަމިން، މިބުނީ މަރުވުމުގެ ކުރިން....." ކީވާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.
"ތިކަހަލަ ވާހަކަ ނުދައްކާ، އިރާދަކުރެއްވިއްޔާ ރަގަޅުވާނެ، އަހަންނަށް ކިވީ މިހާ ބަލިކަން އެނގުނީ ލައިޝްއާއި ދިމާވީމަ، ލައިޝްގެ ފަރާތުން ވަރަށް ގިނަ ކަންތައް އޮޅުންފިލައިފި، އައިމް ސޮރީ އެގޮތަށް ދުރަށް ދެވުނީމަ، އެނގޭތަ؟ އަހަރެންގެ މަންމަ ވަރަށް ބޮޑަށް ބަލިވި، ކެންސަރު ޖެހުނީ، މަންމަ އަހަންނަށް އެންގީ ކީވާގެ ފަހަތުން އުޅެންޏާ ދުވަހަކު ހިތްހެޔޮނުކުރާނެ ކަމަށް، ޓްރީޓްމެންޓް ނުނަގާނެކަމަށް، އަހަންނަށް މަޖުބޫރުވީ......." އައިދަން ފެންކަޅިވިއެވެ.
"މަންމަ އެހެން ބުނާއިރު އައިދަން އަހަންނާ ބައްދަލުކުރަން ތިއައީ ކީއްވެތަ؟ " ކީވާ ކުޑަކޮށް ހިނިތުންވެލިއެވެ.
"ހުއްދަދިނީމަ، މަންމައަށް މިހާ ގިނަ ދުވަސްވީމަ އެނގޭނެ އަހަންނަށް ހެޕިނެސް ނުހޯދޭނެކަން، އަހަންނަށް ކީވާއާއި ނުލައި އުޅެން އުދަގޫވެފައިވާވަރު މަންމައަށް ވިސްނުނީ، އެހެންވެ މަންމަ ހުއްދަދިނީ، މަންމަ ބުނި އަހަންނަށް ރަގަޅު ކޮންމެ އަންހެންކުއްޖަކު މަންމައަށް ކަމުދާނެއޭ، އެހެންވެ ވަގުތުން މާލެއައީ، ކިވީ އަހަންނަށް އެހާ ދުވަސްވީއިރުވެސް ކިވީގެ މަތިން ހަނދާން ނައްތައެއް ނުލެވުނު، އަހަންނަށް ކިވީދެކެ ލޯބިވެވުނީ ވަރަށް ބޮޑަށް، ކިވީއާއި ނުލައި ދުނިޔޭގެ އެއްވެސް އުފަލެއް ނުލިބޭނެކަން އަހަންނަށް އެނގުނު، އައި މިސްޑް ޔޫ ސޯ މަޗް ކިވީ......." އައިދަން ހިތާމަވެރިގޮތަކަށް ހިނިތުންވެލަމުން ކީވާގެ އަތުގައި ފިރުމާލިއެވެ.
"އެކަމަކު މިހާރު ލަސްވެއްޖެ، އަހަންނަށް ފީލްވޭ....." ކީވާ މާޔޫސްވިއެވެ.
"ކިވީ، ނެގަޓިވްކޮށް އަނެއްކާ ވިސްނަން ފެށީ ކޮންއިރަކުންތަ؟ ރަހުމަތާއިމެދު އުއްމީދު ކަނޑާނުލާ، މިރެކްލްސް ޑޫ ހެޕެން، އިރާދަކުރެއްވިޔާ ކިވީއަށް ފަރުވާ ލިބޭނެ، ފައިސާއިން ވެވޭނެކަމަކަށް ވަންޏާ އެކަން ކުރެވޭނެ، ޑޮކްޓަރުން ތްރޫކޮށް ޝިފާދެއްވާ ފަރާތެއްވާކަން އަހަރެން ހަނދާން ނައްތައެއްނުލަން......" އައިދަން ޔަގީންކަން ދިނެވެ.

ލޯބިވާ މީހުންނާއި ގާތްމީހުން އުއްމީދު ކަނޑައެއްނުލާނެއެވެ. އެންމެފަހު ވަގުތާއި ޖެހެންދެންވެސް އެމީހުންނަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރާނެއެވެ. ނަމަވެސް ކީވާގެ ހަޔާތުގެ ހުޅުކޮޅު ވަޔަށް ހުށަހެޅިފައިވާ އުއްބައްތިއެއް ފަދައެވެ. ކޮންމެ ވަގުތަކުވެސް ނިވިދާނެއެވެ. ކީވާ އުފާވިއެވެ. އެންމެ ފަހު ވަގުތު ނަމަވެސް ލޯބިވެރިޔާ ފެނުމުގެ ނަސީބު މިންވަރު ކުރެއްވީތީއެވެ. އައިދަން އޭނަދެކެ ލޯބިވާވަރު އެނގުނީމަ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބިއްޖެއެވެ. އެންމެ ފަހުގެ ނޭވާތައްވެސް އުފަލާއިއެކު އޭނައަށް ދޫކުރެވިދާނެއެވެ. އެހެންނޫނަސް އޭނައަށްވަނީ ކަޔާން އަމިއްލައަށް މަރުވީކަމުގެ ޚަބަރު ވިޝާންގެ ފަރާތުން ލިބިފައެވެ. ލައިޝާގެ ހިތް ހަލާކުވެދާނެތީ ކީވާއެކަން ސިއްރުކުރިއެވެ. ކަޔާން އެނބުރި އަންނާނެކަމުގެ އުއްމީދުގައި ލައިޝާ އެގޮތަށް ހުރިޔަދިނަސް މާ ރަގަޅުވާނެއެވެ. އޭނަ އާއި ކަޔާން ދުނިޔެ ދޫކޮށްފައި ދިޔުމުން ހުރިހާ އާއިލާތަކަށް މާ ބޮޑަށްވެސް ހަމަޖެހުން އަންނާނެކަން ޔަގީނެވެ. އައިދަންއާއި ލައިޝާ ނުގުޅިގެން މަންމަމެން އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟ މާތް ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. ދުރަށް ދާންޖެހޭ މީހުން ދުރަށް ދަނީވެސް ސަބަބެއްނެތިއެއް ނޫނެވެ.

ވަރުޖިނާ ފްރިޖުގައި ހުރި އެޕްލްސައިޑަރ ފުޅިން ތަށްޓަކަށް އަޅާފައި ގަނޑުފެން ކޮޅެއް އަޅާލީ އަދި އިތުރަށް ފިނިކޮށްލުމަށެވެ. ލަސްލަހުން އެތިފޮދަކުން ކަރުތެރެ ތެންމާލުމުން އެބުއިމުގެ މީރުކަން ވަކިން ބޮޑަށް އަރުތެރޭގައި ލިއެވެ. އެތައް ޒަމާނެއްފަހުން ކެންޒިއާގެ އާއިލާ މީހުން މާލެއައިސް އެގޭތެރޭގެ ފަޅުކަން މިވަނީ ފިލާފައެވެ. ނަމަވެސް ވަރުޖިނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިނގާލާފައިވެއެވެ. އޭނަގެ ފިރިކަލުން އަޒީޒުއްދީންއަށް ހަގީގަތް އެނގިލައްވައިފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ މާލެއައުމުން މާޒީގެ ހިޔަނިތައް އަނެއްކާ އޭނަގެ ދިރިއުޅުމަށް ވެރިވެ ދިރިއުޅުން ބަނަކުރަން ފަށާފާނެއެވެ. ވަރުޖިނާ ބެލްކަނީގައި ހުރެ އުޑުމަތީގައި އެއްވަމުންދާ ވިލާތަކަށް ބަލަން ހުއްޓެވެ. އޭނަ މާލެ ނައިސް ވޭތޯ ކެނޑިނޭޅި މަސައްކަތްކުރި އެތައް ސަބަބުތަކުގެ ތެރޭގައި މޫސުން ހިމެނެއެވެ. ހިތަށް އަރާއިރަށް ވާރޭވެހިގެންފާނެއެވެ.

ވަރުޖިނާ ކާރު ނެރެގެން ދުއްވާލަން ދިޔައެވެ. މިދެތިން އަހަރުތެރޭގައި މާލެއަށް އެހާ ބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ. ހަމަ އެ އިމާރާތްތަކެވެ. ކުދި މަގުތަކެވެ. މީސްތައް ގިނަކަމުން ތޮއްޖެހިފައިވާ މާލެއެވެ. ވަރުޖިނާ ކާރު ދުއްވާފައިދިޔަލެއް މަޑުކަމުން ހިނގާފައި ދާ މީހަކުވެސް ކާރަށްވުރެ ކުރިއަރާނެކަން ޔަގީނެވެ. ފޮތް ވިއްކާ ފިހާރައެއް ފެނުމުން ވަރުޖިނާ އެތަނަށް ވަދެލީ ދިވެހިފޮތްކޮޅެއް ގަނެލުމަށެވެ. ދިވެހި ވާހަކައެއް ނުކިޔާތާ މާ ޒަމާންވެފައިވާތީ އެތަނަށްވެސް ވަދެލާ ހިތްވީއެވެ. ވަރުޖިނާ ސިޑިން އަރައިގެން މައްޗަށް ދިޔަތަނާ ފެނުނު ކުއްޖެއްގެ ސަބަބުން ދެލޯ ބޮޑުކޮށްފައި ބަލާލެވިއްޖެއެވެ. ހީވީ ޖުއާންގެ ކޮޕީއެއް ފެނުނުހެންނެވެ. ތަންކޮޅެއް ޅައީއެވެ. އުމުރުންވާނީ ދެއަހަރުކަން ނޭގެއެވެ. އެހާ ކުޑައިރުވެސް މޫނުމަތި ރީތިކަމުން ބޮޑުވެގެން އަންހެންކުދިންގެ ހިތްތައް ހަލާކުކޮށްލާނެކަމުގެ ހެކި ފެނެއެވެ.
"ހޭއި، ސްވީޓްހާރޓް، ވަޓްސް ޔޯރ ނޭމް....." ވަރުޖިނާ އެކުއްޖާގެ ގާތުގައި ހުއްޓުނެވެ. ހަރުގަނޑުގެ އަނެއްފަރާތުގައި އެކުއްޖާގެ ހަރަކާތްތަކަށް ފާރަވެރިވެގެން ހުރީ އެކުއްޖާގެ ބައްޕަކަން ނޭގެއެވެ. އެމީހަކު ވަގުތުން އެފަރާތަށް ނުކުތެވެ. ކުޑަކުއްޖާ ވަރުޖިނާގެ މޫނަށް ބަލާލާފައި ހީލިގޮތުން ކޯތާފަތަށް އެޅުނު އަޑިކޮޅުން ރީތިކަން އިތުރުވިއެވެ. ކަޔާންއާއި ތަފާތެއްނެތެވެ. ވަރުޖިނާގެ ގައިން ހީބިހިނެގިއެވެ.

ކޮމެންޓް 0