އަފްރާޒު އެކޮޓަރިއަށް ވަނީ އޮޅުމަކުން ކަން ނޭގެއެވެ. އެތެރެއަށް ވަދެފައި ކުއްލިއަކަށް ދެ އަންހެން ކުދިން ފެނުމުން ހާސްކަމާއިއެކު ދެލޯ ބޮޑުކޮށްލައިފި އެވެ.
"ސޮރީ......" އަފްރާޒު ބުނެލިއެވެ.
"ޔޫ އާރ ނޮޓް، ގަސްތުގައި މިތަނަށް ވަދެފައި އަދި ސޮރީ އޭ އެބަބުނޭ، އަންހެންކުދިންގެ ރޫމަށް ވަންނަން ހަދައިގެން ބަލަން ނުޖެހޭތަންތަން ފެނިދާނެ އިނގޭ. އައުޓް....." ލައިޝާ ރުޅި އައިކަމަށް ހެދުނެވެ. ކީވާއަށް ލައިޝާގެ އެ އަމަލު ކަމުނުގޮސްގެން އެއްޗެކޭ ބުނަން އުޅުނެވެ. އަފްރާޒު ފާޑަކަށް ރަކިވެ މޫނު ރަތްކޮށްލައިގެން ހުރެ ނިކުމެގެން ދިޔުމުން ލައިޝާ ހޭންފެށިއެވެ.

"އެ ފަކީރު ލަދުން ހަލާކުނުވީ ކިރިޔާ......" ކީވާ ލޯ އަޅާލާފައި އާދައިގެ މަތިން ލައިޝާއަށް ތަގުރީރެއް ދިނެވެ. ކުދި ކަންތަކާއި ހިތުގައި ޖެހިއްޖެއްޔާ އެ ލަކުނު ދުވަހަކު ފިލައިގެން ނުދާނެ ކަމުގައި ބުނެލިއެވެ. ލައިޝާ ބުނީ އޭނަގެ ހިތުގައި އެއްޗެއް ނެތްކަމާއި އަފްރާޒުއާއި ދިމާކޮށްލަން ކިޔާލި އެއްޗެއް ކަމަށެވެ. ލައިޝާއަށްވެސް އެއީ ގޯސްކަމެއްކަން ވިސްނެނީ އެކަމެއް ހިނގާ ފަހުންނެވެ. އަފްރާޒު ފަހަރެއްގައި ނުބައިކޮށް ވިސްނައިގެން އޭނައާއި ދޭތެރޭގައި ހިތް ސަކަރާތްކޮށްގެން ހުރެއްޖެއްޔާ ދެރައެވެ.

ލައިޝާ އަމިއްލަ ސޫރަ ލޯގަނޑުން ފެނުމުން ލަދުގަންނަގޮތްވިއެވެ. މިހާ ވަރަށް ހެދިގެން ދިޔުމުން މީހުން ހިތަށް އަރާފާނެ އެއްޗެއް ނޭގެއެވެ. އެންމެ ފަހުން މޫނުގައިވާ މޭކަޕްތައް ފިލުވައިލުމަށްފަހު އެކަނި ލިޕްގްލޮސް ޖައްސާލައިގެން ލައިޝާ ބޭރަށް ނުކުމެއްޖެއެވެ.

ކެންޒީ ހޮޓެލްގެ އަލިތައް ދުރުދުރަށް ދާންދެން ފެންނައިރުވެސް ތަނުގެ ހައިބަތާއި ރީތިކަން ދައްކުވައިދެއެވެ. މޫދުކާރީގައި ހުރި ހޮޓެލަކަށްވާތީ ވަށައިގެން ފެންނަ މަންޒަރުތައް އެހާ ނަލައެވެ. ދަޢުވަތު ދެވިފައިވާ މެހުމާނުންގެ ތެރޭގައި ބޭރުގެ އިއްޒަތްތެރިންނާއި ކަމުވޮށިގެންވާ އެތައް ބަޔަކު ހިމެނެއެވެ. އެންމެންވެސް ތިބީ އަގުބޮޑު ހެދުންތަކާއި ގަހަނާގައި ވަރުގެ ކޮޅަށް ނަލަ ހެދިލައިގެންނެވެ. ދިގު އުއްބައްތިތަކުގެ އޮރެންޖް އަލީގެ ވިދުމުން ތަނުގެ ޝާހީކަން އިތުރުވެފައިވެއެވެ. ތަފާތުކޮށްލަން ވެގެން އުއްބައްތިތައް ޖަހާފައި ހުރީކަން ނޭގެއެވެ. ލައިޝާ އެކަނިމާ އެކަނި މޭޒެއްގެ ކާރީގައި އިށީދެލައިގެން އިންއިރު އެ ރީތި ދެލޯ ބޭޤަރާރުކަމާއިއެކު ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. 

ލައިޝާގެ އިންތިޒާރު ނިމުމަކަށް އައީ އަޒީޒުއްދީނުގެ އާއިލާ ދޮރުން ވަންތަން ފެނުމުންނެވެ. ފިރިހެންވެރިން ސޫޓުގައި ތިބިއިރު އަންހެންކުދިން ލައިގެން ތިބި އަގުބޮޑު ހެދުންތަކުގެ ސަބަބުންނާއި ރީތިކަމުން ހުރިހާ ލޯތައް އެދިމާލަށް ހުއްޓުނެވެ. ޚާއްސަކޮށް ކަޔާންގެ ރީތިކަން ފެނިލާ ކޮންމެ ފަހަރަކު ލައިޝާގެ ހިތަށް ވާގޮތް ބުނެދޭނެ އިބާރާތެއް އޭނަގެ ވިސްނުމަކަށް ނާދެއެވެ. އެހާ ރީތި ފިރިހެނެއް އޭނަ މާލެއިން ދެކެފައެއްނުވެއެވެ. އެއިން ކޮންމެ ފިޔަވަޅެއް އަޅަނީ އޭނަގެ ހިތްމަތީގައެވެ. ޒިއާމް ގެ ގާތުގައި ޖައްސާލާފައި ހުރީ އަންހެނުންކަމުގައި ލައިޝާ ނިންމިއެވެ. ސީހައުސް އިން ފެނުނު ކަޔާންގެ ކޮއްކޮ ހުރީ ޖުއާންގެ އަތުގައި ހިފާލައިގެންނެވެ. ލައިޝާގެ ހިތް ތެޅިލީ ކަޔާންގެ ފަހަތުން އައި ލޫޅާފަތި މޮޑެލްއެއްފަދަ އަންހެންކުއްޖާގެ ސަބަބުންނެވެ. އެއީ އަފްރީން ހެއްޔެވެ؟ ހާދަ ރީތި ކުއްޖެކެވެ. އެތަނަށް އައިސްފައިވާ އެހެން އަންހެންކުދިންގެ ތެރެއިން އެކުއްޖާ ފެންނަނީ ހިލަތަކެއްގެ ތެރޭގައިވާ ހުދު ޖަވާހިރެއް ފަދައިންނެވެ. ކަޔާންއާއި އެކު ވިޝާން ހުރުމުން އެ އާއިލާއާއި ވަރަށް ގާތް ޒުވާނެއްކަން ލައިޝާއަށް ޔަގީންވިއެވެ. ކަޔާންއާއި ނަޒަރު ބައްދަލުވުމާއިއެކު ލައިޝާ އިސްޖަހައިލީ މާޔޫސީގޮތަކަށެވެ.

ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތު ފުރިހަމަކުރުމަށްފަހު އަޒީޒުއްދީނު އެންމެނާއި ވާހަކަދައްކަވަން ހުންނެވިއިރު އަދި މިރޭ އެންމެނާއި ހިއްސާކޮށްލަން ބޭނުންވެލައްވާ އުފަލެއް ވާކަމަށް ބުނުއްވުމުން މެހުމާނުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ.

"އަޅުގަނޑުގެ ދަރިފުޅު ކަޔާންއާއި އަފްރީންގެ ކާވެނީގެ ހަފްލާ މި ހޮޓެލުގައި ވަރަށް އަވަހަށް ބޭއްވޭނެ، ތިހުރިހާ ބޭފުޅުން އެ ޕާޓީގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއްކަން ޔަގީން. މިރޭ ދެން އޮތީ މިދެކުދިންގެ އެންގޭޖްމެންޓް....." އަޒީޒުއްދީނު އޭނަގެ ގާތުގައި ހުރި ކަޔާންގެ އަތުގައި ހިފައިގެން ގޮސް އަފްރީނުގެ އަތާއި ގުޅުވާލެއްވިއެވެ. އެންމެންގެ ތަރުހީބުގެ އަތްތިލަ ބަނޑިން ހޯލުތެރެ ގުގުމާލިއިރު ލައިޝާ އިނީ ބުދެއްފަދައިން ގަނޑުވެފައެވެ. 

ދަނޑިވަޅު ބަލާލާފައި ވަރުޖިނާ ކުޑަ މަޚުމާ ފޮށްޓެއް ކަޔާންގެ އަތަށް ދިއްކޮށްލަމުން އަނގޮޓި އަޅައިދޭން އެދުނީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. ހައިރާންވެ އަންތަރީސްވެފައި ހުރި ކަޔާންގެ މޫނުގެ ކުލަވަރު ފަނޑުވެގެން ދިޔަތަން ސިކުންތުކޮޅަކަށް ލައިޝާއަށް ފެނިލިއެވެ. ކަޔާން ވަރަށް އަވަހަށް ހަމަޖެހިލަމުން ހުދު ހުދު ދަތްތައް ފެނިލާވަރަށް ހީލައިފިއެވެ. އަދި އޭނަ އަފްރީންގެ ނާޒުކް އިނގިލިތަކުގައި ހިފައިލަމުން އަނގޮޓި އަޅުވާލަދިނީ ލައިޝާގެ ހިތް ކުދިކުދި ކޮށްލަމުންނެވެ. ލައިޝާ އިސްޖަހައިލީ އެ މަންޒަރު ދެކެން ކެތްނުވެގެންނެވެ. ހީވީ ހިތް ކުދިކުދިވެގެން ފައިބައިގަތްހެންނެވެ. ކަޔާން އޭނަ އެހާވަރުން ގެނައީ މި ނުރުހެވޭ މަންޒަރުން އޭނަގެ ހިތް ހަލާކުކޮށްލަން ބާވައެވެ. 

ލައިޝާގެ ހިތް ބޭނުންވީ ވަގުތުން އެތަނުން ދުވެ ފިލުމަށެވެ. ދުވަމުން ދުވަމުންގޮސް ހުސްކަމުގެ ތެރެއަށް ގެއްލިގެން ދިޔުމަށެވެ. އެ ނޫންގޮތަކަށް ދެން އެ ހިތަށް ހަމަޖެހުމެއް ލިބޭނެހެއްޔެވެ؟ ލޮލުގައި ގިނަވާންފެށި ކަރުނަތައް ދިރުވާލުމުގައި ލައިޝާ ކާމިޔާބުކުރިއެވެ. ހިތްވަރުގަދަ އަންހެންކުއްޖެއް ކަމުގައި ވާތީ ހިތް ކުދިކުދިވެގެން ދިޔަސް ބޭރުފުށުން އެކަމެއް ނުދައްކާ ލައިޝާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ. ވޭޓަރުންތައް ތަބައް ހިފައިގެން ކޮޅުކޮޅުމައްޗަށް ހިނގަމުންދާއިރު އަޒީޒުއްދީން އޭނަގެ ވިޔަފާރީގެ ބައިވެރިންނަށް ދެދަރިން ތައާރަފުކޮށްދެމުން ދިޔައީ ފަޚުރުވެރިކަމާއިއެކުގައެވެ. މިހާރު މިއީ ކެންޒިއާގެ އާ މޫނުތަކެވެ. ކަޔާން ގެ އެ ފުރިހަމަ ހިނިތުންވުންތަކުން ހިތްތަކަށް އުފާވެރިކަން ގެނެސްދިނެވެ. އެކަންތަކުން ނިމުމުން ކަޔާން ވަރަށް ހަމަޖެހިލާފައި ހުރެ ސީދާ ލައިޝާ އިން މޭޒާއި ދިމާލަށް މިސްރާބު ޖެހިތަން ފެނިފައި ލައިޝާގެ ހިތް ތެޅިގަތެވެ. ލައިޝާއަށް ވަށައިގެން ހޯދާލެވުނުއިރު އަފްރީން ހުރީ އޭނައާއި ދިމާލަށް ކަޅިއަޅާލައިގެންނެވެ. އެތާގައި ތިބި އެހެން އަންހެންކުދިންވެސް ބަލަން ތިބީ ހައިރާންކަމުގެ ނަޒަރަކުންނެވެ. ސާދާ އަންހެންކުއްޖެއްގެ ގާތަށް ކަޔާން ދިޔުމުން އެހެން އަންހެންކުދިންގެ އިއްޒަތަށް އުނިކަމެއް ލިބުނީފަދައެވެ.

"ކަ...ކަޔާން...." ލައިޝާ ކަންބޮޑުވެ ތުންފަތުގައި ދަތް އަޅާލީ ކަޔާން ގޮނޑި ދަމާލައިގެން އޭނަގެ ކުރިމަތީގައި އިށީނުމުންނެވެ. މޭޒުމަތީގައި ހުރި އުއްބައްތީގެ އަލި ކަޔާންގެ މޫނަށް އެޅި އޮރެންޖްކުލަ އަރާފައިވާއިރު ބަލާބަލާ ފޫހިވާވަރެއް ނޫނެވެ. 

"ހަމަޖެހިބަލަ ލައިޝާ، ތިއީ އަހަރެންގެ މެހުމާނެއް، މިތަނަށް އަހަރެން އިންވައިޓްކޮށްގެން ގެނައި އެކަނި ގާލްއަކީ ތިއީ، އަހަރެންގެ ޓައިމް އެހެން މީހުންނަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ދީފިން، މިހާރު އަހަރެން ލައިޝާ އެންޓަރޓެއިން ކޮށްދޭން އައީމަ ހާސްވަނީ ކީއްވެތަ؟ " ކަޔާންގެ އަތުގައި ހުރި ދިގު ތަނޑިއެއްލާފައިވާ ތުނި ބިއްލޫރިތަށީގައި ހުރި ނޫކުލައިގެ ބުއިމެއްގެ ތެރޭގައި ގަނޑުފެންކޮޅުތައް ވިދާތަން ފެނެއެވެ.

"ކޮންގްރޭޓްސް ކަޔާން......" ލައިޝާ ހިތާމަވެރިގޮތަކަށް ހިނިތުންވެލިއެވެ. ކަޔާންގެ އަތުގައި އޮތް ބޭންޑެއްފަދަ އަނގޮޓިއާއި ދިމާލަށް ބަލައިލެވުމުން ލައިޝާގެ ހިތަށް އަސަރުކުރިއެވެ. އަންހެންކުއްޖަކަށް މިހާވަރުގަދަ ލަނޑެއް ލިބޭނެކަމެއް ނޭގެއެވެ. ލޯބިވެރިޔާ އެހެން ކުއްޖަކާއި އެންގޭޖްވިތަން ބަލައިލަން މަޖުބޫރުވުމަކީ އަނިޔާއެކެވެ.

"އޮފިޝަލްކޮށް އެންގޭޖްކޮށްގެން ބައްޕަމެން އަހަންނަށް އެދިނީ ސަރޕްރައިޒެއްކަން އެނގޭތަ؟ އައި ނެވަރ އެކްސްޕެކްޓެޑް ދެޓް، އެންމެނަށް އެނގޭނެ އެހާ ފަސޭހައިން އަހަރެން އެ ކައިވެންޏާއި ގަބޫލުނުވާނެކަން، އެހެންވެ މިގޮތަށް އިއްވާލީ އަހަންނަށް މަޖުބޫރުކުރުވަން. ބައްޕަގެ އިއްޒަތަށްޓަކައި އަހަރެން މައިތިރިވެގެން ހުންނާނެކަން މަންމަމެންނަށް ރަގަޅަށް އެނގޭނެ......." ކަޔާން އެނބުރިލާފައި އޭނަގެ މަންމަމެން ތިބި ދިމާލަށް ބަލައިލިއިރު މަންމަގެ ނުރުހުމުގެ ނަޒަރު އޭނައާއި އަމާޒުވިއެވެ.

"ބައްޕަ ވަރަށް ކޫލްވާނެ، އެކަމަކު މަންމަދެކެ ލޯބިވެލައްވާލެއް ބޮޑުކަމުން މަންމަ ރުހޭގޮތަކަށް ގެންދަންވެގެން އެކަން ކުރެއްވީކަން އަހަންނަށް ޔަގީން، ލައިޝާއަށް އެނގޭތަ؟ އަހަރެމެން ދެމީހުން ގުޅިއްޖެއްޔާ ގެއިން ބޭރަށް ލާކަށް މަންމަ ފަހެއް ނުޖެހޭނެ، މިހާރުވެސް އެ މަންޒަރު ފެންނަހެން ހީވޭ، އެހެންވެ އަހަރެން ބުނީ ލައިޝާ ބްރޭވްކުއްޖަކަށް ވާށޭ......" ކަޔާންގެ ވާހަކަތަކުން ލައިޝާގެ ހިތަށް އަސަރުކުރާގޮތްވިއެވެ.

"ކަޔާން، އަހަރެން ގެއަށް ދާން ބޭނުން...." ލައިޝާ ކޮޅަށް ތެދުވުމުން ކަޔާން ހިތްހަމަނުޖެހޭގޮތްވިއެވެ.
"ނޫން، ލައިޝާ، އަދި ދާކަށް ނުވޭ........" ކަޔާން ތެދުވަމުން ސީރިޔަސް ރާގަކަށް ވާހަކަދެއްކިއެވެ.
"ކަޔާންއަށް އަހަރެން ހިފެހެއްޓުމުގެ ހައްގެއް ލިބިގެނެއް ނުވޭ....." ލައިޝާ އެއްފިޔަވަޅު ކުރިއަށް އެޅިއިރަށް ކަޔާން ހުރީ ކުރިބައްދައިގެން ލައިޝާގެ ކުރިމަތީގައެވެ. ކަޔާން އޭނަގެ ގައިގާ އިނގިލިކުރި ޖައްސާނުލިޔަސް ލައިޝާއަކަށް ކުރިއަށް ދާކަށް ނުކެރުނެވެ. އަތްނުލާވެސް އޭނައަށް ނުފޫޒު ފޯރުވުމަކީ ކަޔާންއަށް އުދަގޫކަމެއް ނޫނެވެ.

"ލައިޝާ، އެތައްބަޔެއްގެ ލޯތައް މިދިމާލަށް ހުއްޓިފައިވާތަން އެބަފެނެއެއްނު، އަހަންނާއިއެކު ގޮސް މަންމަމެންނަށް އިންޓްރޮޑިއުސްވެލާފައި ނޫނީ މިތަނުން ނުކުތުމަކީ އިމްޕޮސިބްލްކަމެއް، އަހަރެން އިންވައިޓް ކުރިގޮތަށް ބޭރަށް ދާނީ މަގޭ ހުއްދަ ލިބިގެން އިނގޭ، ނޫނީ އެންމެންގެ ތެރޭގައި ލައިޝާ ލަދުގަންނާން ޖެހޭފަދަ ކަމެއް އަހަންނަށް ކުރެވިދާނެ. އެފަދަ ކަމަކަށް އަހަންނަށް މަޖުބޫރު ނުކުރޭ....ޕްލީޒް....." ކަޔާންގެ ރާގުގައި ހުރިގޮތަކުން ލައިޝާއަކަށް ކަޔާން ކޮށްޕާލާފައި ދާކަށް ނުކެރުނެވެ. ޕަބްލިކް ތަނެއްގައި ފިލްމެއް ކުޅެލާކަށް ނުކެރޭނެއެވެ. ކަޔާން ގެ ޖެހިލުންކުޑަކަމުން އޭނަ ކޮންފަދަކަމެއްކޮށްލަންވެސް ފަހެއް ނުޖެހޭނެކަން އެ ލޮލުގައިވި ގޮތަކުން ލައިޝާ ދެނެގަތެވެ. 

"އޯކޭ...." ލައިޝާ ހަމަޖެހެން މަސައްކަތްކުރިއެވެ. ކަޔާންގެ މަންމަމެންނަށް އޭނައަކީ ކަޔާންގެ ޕާސަނަލް އެސިސްޓެންޓްކަން އެންގުމަކުން ގޯހެއް ނެތެވެ. އެމީހުންނަށް އޭނަގެ މަގާމު އެނގުމުން ފަހަރެއްގައި އެ ނުރުހުމުގެ ނަޒަރުތަކުން އޭނަ ސަލާމަތްވެދާނެއެވެ. އެހެންނޫނަސް މިފަދަ މުއްސަދި ބަޔެއްގެ ކާރިއަށް އަންނަން ޅީ ދަރިއެއްގެ ގޮތުގައި އަންނަން ވެއްޖެއްޔާ ފިލްމުތަކުން ފެންނަހެން އޭނައަށް ހާދަ ވަރަކަށް އުނދަގޫކުރާނެއެވެ. ބައެއްފަހަރު މުއްސަނދިންގެ މި ހުންނަ ފޮނިކަމާއި ބޮޑާކަންދެކެ ލައިޝާ ރުޅިއާދެއެވެ. އޭނަގެ ލޯބިވެރިޔާ ތަންކޮޅެއް އާދައިގެ މީހަކަށްވިނަމައެވެ. މުއްސަދި ގެއެއްގައި އުޅެން ވެއްޖެއްޔާ އޭނަގެ މަންމައަށް ޖެހުނު ހާލު ޖެހިދާނެއެވެ. 

ކަޔާން ލައިޝާ އާއި އެއްހަމައެއްގައި ހިނގާލާފައިގޮސް އޭނަގެ މަންމަ، އަފްރީނު، މާޔާ އަދި ދެތިން އަންހެންވެރިން ތިބިތަނާ އަރާހަމަވިއެވެ. ވަރުޖިނާ ލައިޝާއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ހީވީ އެލޮލުން ލައިޝާ އެކްސްރޭކޮށްލި ހެންނެވެ. އެއް ފަހަރުން ދަސްކުރަން އުޅެގަތްހެންނެވެ. މިހާ ޝާހީ މޮޅުބަޔަކާއި ބައްދަލުކުރަން ޖެހުމުން ލައިޝާއަށް އުނދަގޫގޮތްތަކެއް އިހުސާސްކުރެވުނެވެ.

"މިއީ ކާކުތަ؟ ޑޫ އައި ނޯ ހާރ؟ " ވަރުޖިނާ ގަދަކަމުން ހިނިތުންވެލިޔަސް އެ ހިނިތުންވުން ލޮލަކާއި ހަމަޔަށް ނުފޯރާކަން ޔަގީނެވެ. އަޑުގައި ހޫނުކަމެއް ނެތެވެ. އޭނަ ހުރީ ހަގީގަތުގައި ވަރަށް ގަދަޔަށް ރުޅިއައިސްފައެވެ. އެތައް މެހުމާނުންގެ ތެރޭގައި އާދައިގެ ހައިސިއްޔަތެއް ނެތް އަންހެންކުއްޖަކާއިއެކު އުޅޭގޮތުން ކަޔާންގެ އަގު ވެއްޓިދާނެކަން ނޭގޭހެއްޔެވެ؟ މިކުއްޖާ ލާފައި ހުރި ހެދުމުންވެސް މީހާގެ ފެންވަރު އެބައެނގެއެވެ. 

"މަމް، ޝީޒް މައި ގާލްފްރެންޑް......." ކަޔާން ބޮމެއް ގޮއްވާލިޔަސް އެމީހުންގެ މޫނުމަތިން އެފަދަ ކުލަވަރެއް ނުފެންނާކަން ޔަގީނެވެ. އަފްރީން ހީވީ އަނބުރައިގެންފާނެ ހެންނެވެ. ވަރުޖިނާ ތުންފިތާލިއިރު މޫނު ރަތްވެ އަލިފާންކޮޅަކަށް ވެއްޖެއެވެ. އެންމެންގެ މޫނުތަކުން ފެނުނު ކުލަވަރަށްވުރެ ލައިޝާ ގަތްލަދު ބޮޑެވެ. ވަގުތުން ވައިގެތެރެއަށް ތަހައްލަލުވެގެން ދާނެނަމައޭ ހިތަށް އެރިއެވެ. ކަޔާން އެހާ ޖެހިލުންކުޑަވެދާނެ ކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ލަދުގަތްވަރަށް ހިތަށް ފޮނި އުފާތަކެއްވެސް ލިބުނެވެ. ކަޔާން އޭނަގެ މަންމަމެންނަށް "ގާލްފްރެންޑް" ގެ ގޮތުގައި ތަޢާރަފުކޮށްދިނުމުން ލަދުން މޫނު ރަތްވެފައިވެސް ލައިޝާއަށް ހެވިއްޖެއެވެ. އެއީ ލިބުނު ޝަރަފަކަށްވިއެވެ. އުފާވިވަރުން ޚިޔާލީ ދުނިޔޭގައި ހުރެ އޭނަ އުފަލުން ނަށާލާފައި ކަޔާންގެ ގައިގާ ބައްދާވެސް ލައިފިއެވެ. ޕާސަނަލް އެސިސްޓެންޓްގެ ބަދަލުގައި ރައްޓެހިވެގެން އުޅޭ ކުއްޖާއޭ ކަޔާން ބުނާނީ ހިތުގައި ކޮންމެވެސް އެއްޗެއް އޮތީމަކަން ޔަގީނެވެ. ލައިޝާގެ ތުންފަތަށްވެރިވި ހިނިތުންވުން ފުންވިއެވެ. 

"ދަރިފުޅާ، އާރ ޔޫ އޯލްރައިޓް؟ ކޯންޗެއްތަ ތިއީ؟ ތި ޑްރިންކަށް އެއްޗެއް މިކްސްކޮށްފައި ހުރިހެން މަންމައަށް ހީވޭ....." ވަރުޖިނާ ވަރުގަދަ ބަހުގެ ހަމަލާއެއް ދިނެވެ.
"މަންމާ، އައިމް ފައިން، އަޅުގަނޑު ބޭނުން އެކަނި ވާހަކައެއް ދައްކާލަން......" ކަޔާން އަށް މަންމަގެ އެ ބަހުގެ މާނަ ކިތަންމެ ރަގަޅަށްވެސް އޮޅުން ފިލިއެވެ. އޭނަ ހުރީ މޮޔަވެފައެއް ނޫނެވެ. ހަމަހޭގައެވެ. މަންމަމެން ލައިޝާއާއި ދޭތެރެގައި އެހާ ދަށް ނަޒަރަކުން ދެކެންވީ ސަބަބެއް ކަޔާންއަކަށް ނޭގެއެވެ. މަންމަމެންގެ ނުފޫޒު ކިތަންމެ ވަރުގަދަވިޔަސް ދިރިއުޅުމުގެ އެހާ މުހިއްމު ކަމެއްގައި އޭނައަކަށް މަންމަމެންނާއި އެއްބަހެއް ނުވެވޭނެއެވެ. ނަމަވެސް މަންމަ ނުރުހޭ އަންހެންކުއްޖަކު އެގެއަށް ގެންދިޔުމަކީ މިވީހާތަނަށް ކުރެވިފައިވާ ކަމެއް ނޫނެވެ. ޒިއާމްގެ ޙަޔާތަށް އައި އެއްވެސް އަންހެންކުއްޖަކަށް ކެންޒިއާއިން ޖާގައެއް ނުލިބުނެވެ. އެންމެ ފަހުން ޒިއާމްއަށް ޖެހުނީ މަންމަމެން ދެއްކި އަންހެންކުއްޖަކާއި އިންނާށެވެ. މުއްސަދިވެފައި ބަލާލަން ރީތިވީމަ މަންމަމެންނަށް ކަމުދާނެއެވެ. ލޯބި މުހިއްމެއް ނުވާނެއެވެ. ވަރުޖިނާ ކަޔާން އާއިއެކުގައި ހޮޓެލްގެ ސްވިމިންޕޫލް އޮތް ދިމާލަށް ނުކުތެވެ. މިރޭ ވަރުޖިނާ ހީކުރިފަދައިން ވިއްސާރަ ރެއަކަށް ނުވިއެވެ. އުޑުމަތީގައި އެތައް ހާސްތަރިތައް ފިޔަޖަހާއިރު ރީތިކަމުގެ ނަމޫނާއެއްފަދައެވެ. 

"ކަޔާން، މަންމަ މިހިރީ ވަރަށް ހިތްހަމަނުޖެހިފައި، ބައްޕަ އެންމެންގެ ކުރިމަތީގައި ވެޑިން އިއުލާންކުރެއްވީމަ އަދި ކަޔާން އެހެން އަންހެންކުއްޖަކާއިއެކު އުޅުނީމަ ބައްޕައަށް އިހުތިރާމް ނުކުރާކަމަށް މަންމަ ދެކުނީ، ކަޔާންއަށް ކިހިނެއްވެފައި ތިހިރީ؟ ތާކުން އަންހެނަކު ފެންނައިރަށް ޖެހޭތަ އެމީހަކު ގާލްފްރެންޑަށް ހަދަން، އެކުއްޖާގެ ހައިސިއްޔަތަކީ ކޮބާތަ؟ އެއީ ކާކުގެ ދަރިއެއްތަ؟ ކަޔާންއާއި އެކަށީގެންވާވަރު މީހެއްނޫންކަން އަޅާފައި ހުރި ހެދުމަށް އެކަނި ބަލާލިޔަސް އެނގޭނެ، ކަޔާން ތިކުރީ ވަރަށް ވިޔާނުދާ އަމަލެއް، ބައްޕަ ހުންނަވާނީ ނިކަން ރުޅިދުރުވެފައިކަން އެނގޭ، މާފުދެވޭ ޒާތުގެ އަމަލެއް ނޫން ކަޔާން ތިކުރީ......" ވަރުޖިނާ ހުރީ ރުންކުރުވެފައެވެ.

"ސޮރީ މަންމާ، އަޅުގަޑު ކޮންމެހެން މަންމަމެން ދެރަކޮށްލާކަށް ކުރިކަމެއް ނޫން މިއީ، ބައްޕަމެން އަޅުގަނޑަށް ސަޕްރައިޒެއް ދޭންވެގެން ވެޑިން އިއުލާންކުރިއިރު އެންމެ ފަހަރަކުވެސް އަޅުގަނޑު އެކަމާއި ނުރުހޭކަން ވިސްނަވާނުލައްވާ، އަޅުގަނޑަކަށް ނެތް އެކައިވެނި ކުރެވޭކަށް، ލައިޝާ ނޫން އަންހެންކުއްޖެއް ހަޔާތަށް ނުގެންނާނެކަމަށް މިވަނީ ވައުދުވެފައި......." ކަޔާން ގޮތްދޫނުކުރާފަދަ ގޮތަކަށް ވާހަކަދައްކަން ފެށުމުން ވަރުޖިނާ ވިސްނުމުގެ ބޭނުންކުރިއެވެ.

"އެންމެ ރަގަޅު، އެކަމަކު މަންމަގެ ޝަރުތެއް އެބައޮތް......" ވަރުޖިނާ ލަސްލަހުން ބުނެލިއެވެ. ކަޔާން ފަރުވާތެރިކަމާއި އެކުގައި އަޑުއަހަން ހުއްޓެވެ. މަންމަ ބުނި ޝަރުތުތަކާއި ލައިޝާ ގަބޫލުވާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން ކަޔާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ކަޔާން އޭނަގެ މަންމައާއެކީގައި އެތަނުން ދިޔުމަށްފަހު ލައިޝާ ހުރީ ބާކީވެފައެވެ. މާޔާމެންވެސް ލައިޝާއާއި ވާހަކަދައްކަން ނޫޅެ އަމިއްލަ ވާހަކަތަކުގައި ތިބީއެވެ. އަފްރީނުގެ ދެލޮލުން ތީރުތައް އުކަން ފެށުމުން ކެތްނުކުރެވިގެން ލައިޝާ މަޑުމަޑުންގޮސް ހޮޓެލުން ބޭރަށް ނުކުތެވެ. އެހިސާބަށް ރާޅުބީއްސާ އަޑު ރީއްޗަށް އިވެއެވެ. އެކަނިމާ އެކަނި ދުރަށްގޮސްގެން އުޅެނިކޮށް ދެރަގޮތެއް މެދުވެރިވެދާނެކަން ނޭގެއެވެ. މާލެއަށް ދާން އުޅޭ ބަޔަކާއި އެކީގައި ނޫނީ ފެރީ ޓާމިނަލަށް ދިޔުން ބުއްދިވެރިއެއް ނޫނެވެ. އެހެންނޫނަސް މިހާ އަވަހަށް އުއްމީދު ކަނޑާލާފައި ފިލަން ދުވަންޏާ ނަސީބުވެސް އެހީވާނެކަމެއް ނޭގެއެވެ. އެންމެ ފަހު ނޭވަޔާއި ހަމަޔަށް އޭނަ ލޯބިވެރިޔާ ހާސިލުކުރަން މަސައްކަތްކުރާނެއެވެ.

ލައިޝާ އަލުން ހަފުލާގައި ބައިވެރިވިޔަސް ދެން އޮތްބައި ވޭތުވެގެން ދިޔައީ ލައިޝާ އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. ފަހުން ކަޔާންގެ ހިލަމެއްނުވިއެވެ. ކަޔާން ޕާޓީ ދޫކޮށްލާފައި ދިޔައީ ނޫންކަމެއްވެސް ނޭގެއެވެ. ރަހަރަގަޅު ކަމުން އެހެން ދުވަހު ނުކާހާ ގިނައިން ލައިޝާ ކެއެވެ. ގިނައިން ކެވުނީ ފޮނި އެއްޗެއްސެވެ. ތަފާތު ވައްތަރުގެ ފޮނި އެއްޗެއްސާއި މޭވާ ކައިގެން ބަނޑު ފުރުނެވެ. ހާސްވުމުން އަބަދުވެސް ލައިޝާ ފޮނި އެއްޗެއްސަށް ދެވިހިފާގޮތްވެއެވެ. ލައިޝާ ހުރިހާ ވަގުތެއްގައިވެސް އަފްރީންމެންނަށް ނުފެންނަ ހިސާބުގައި އުޅެން މަސައްކަތްކުރިއެވެ. އޭނަ ހުރީ ފޮޓޯވެސް ނަގާ ހިތުންނެވެ. މިހާ ރީތި ހަތްތަރީގެ ހޮޓެލްއެއްގައި ފައި ޖައްސާލުމުގެ ޝަރަފު ލިބުނީމަ ލައިޝާ އެކަމުގެ ހަނދާންތައް ރައްކާކުރަން ބޭނުންވީއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

އެރޭ ގެއަށް އައިސް ކޮޓަރީގައި އެކަނިވުމުން ލައިޝާ ކަރުނަ އޮއްސީ އެންމެނަށް ސިއްރުންނެވެ. ކަޔާން އޭނަގެ ހަޔާތަށް ދުވަހަކުވެސް ނާންނާނެކަމުގެ ބިރު މިރޭ ހީވިއެވެ. އެ މުއްސަދިކަން ހަމަ ލޮލުން ފެނުމުން ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދުނެވެ. އޭނައާއި ކަޔާން އެކަށީގެންވާކަމާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. އެ އާއިލާގެ އިއްޒަތާއި މޮޅުކަން އެނގުމަށްފަހު ހިތަށް ވެރިވި ނުތަނަވަސްކަން ދުވަހަކު ފިލާނެކަމެއް ނޭގެއެވެ.

ކީވާ ފުރަންވެގެން ލައިޝާގެ އަތުގައި ރައްކާކޮށްފައިވާހާ ފައިސާއެއް ދިނެވެ. ލައިޝާ ދަތުރުގައި ބައިވެރިވާން އުޅުނީމަ މަންމަ ހުއްދައެއް ނުދިނެވެ. އެހެންނޫނަސް މަންމަވެސް މިހާރު ހުރީ ޗެކަޕް ހަދާލަން ދާން ޖެހިފައެވެ. ހިނގާބިގާވެ އުޅެން ފެށިފަހުން މަންމަގެ ކުރީގެ ހީވާގިކަން އަނބުރާ އަންނަން ފެށީއެވެ. ކީވާއަށް އެހީވާނެ ހަކަތައާއި ބާރު މަންމަގެ ގައިގާ އެބަހުރިކަމަށް އެންގިއެވެ. މަންމަ އެންގީ އެކޮޅުން އެހީވާނެ މީހުން ތިބޭނެކަމުގައެވެ. ޒުބްދާވެސް ހުރީ އެމީހުން ނައިސްގެން އިންތިޒާރުގައެވެ. ލައިޝާ އޮފީހަށް ވަންތާ މާ ގިނަދުވަސްތަކެއް ނުވެ ޗުއްޓީ ނަގަންވެއްޖެއްޔާ ފަހަރެއްގައި ނާގާބިލުމީހަކަށް ވެ އޮފީހުން ކަނޑާލަފާނެކަމުގައި މަންމަ ބުނުމުން ލައިޝާ އެ ވާހަކަ ގަބޫލުކުރިއެވެ. އެހެންނޫނަސް ޑޮކްޓަރުވަނީ ކީވާގެ އޮޕްރޭޝަނަކީ މާ ބޮޑުކަމެއް ނޫންކަމަށް ބުނެފައެވެ. ކީވާ ބިރުން އުޅެންޏާ ކުޑަކޮށް ނިންދަވާލާފައި އެ އޮޕަރޭޝަން ކުރެވިދާނެއެވެ. ޑައިލިސިސް ހަދަން ފެށޭނީ ފިސްޓިއުލާ މެޗުއަރ ވުމަށްފަހުގައި ތިން މަސްވަރަކަށް ދުވަސް ފަހުންނެވެ. އެހާތަނަށް ކީވާ އުޅެން ޖެހޭނީ ކެއުމަށާއި އެހެން ކަންތަކަށް ވަރަށް ބަލައިގެންނެވެ.

ލައިޝާ އޮފީހަށް ވަދެފައި ކަޔާންގެ ފޯނަށް ގުޅާލިއިރު ފޯނު އޮތީ ނިއްވާލާފައެވެ. އަދިވެސް ކަޔާން ނިދާލާފައި އޮތީކަން ނޭގެއެވެ. ލައިޝާ އެހެން އުޅެލާފައި ސައިކޮޓަރިއަށް ދިޔައިރު ހުރިހާ އާފްރާމެން ތިބީ މެންގޯސްޓީން ކާށެވެ. އެއީ ލައިޝާ ދުވަހަކު ރަހަބަލާލި އެއްޗެއް ނޫނެވެ. އަލަށް މެންގޯސްޓީނެއް ކާލެވުމުން މީރުވީވަރުން ކަޔާންއަށް ނުދީ ހިތްހަމައެއް ނުޖެހުނެވެ. ލައިޝާ ދެތިން މެންގޯސްޓީން ޓިޝޫއަކަށް ލައިގެން ކަޔާންއަށް ހަދިޔާކުރަން ނިންމިއެވެ.

"ފަހުން ކާންވެގެންނޭ....." ލައިޝާ ހޭންފެށީ އާފްރާ އެއް ލޯ މަރައިލުމުންނެވެ.

"އެނގެޔޭ، އެކަމަކު މާ ރޮމެންޓިކްވާނެ ސްޓްރޯބެރީ ގެންދިޔައިމަ....." އާފްރާ ހީވަނީ ލޯބީގެ ތަޖުރިބާކާރެއް ހެންނެވެ.
"އާފްރާ ތިކިޔާ އެއްޗެއް ނޭގޭ..." ލައިޝާ އުޅުނީ ނުދެނެހުރިކަމަށް ހަދާށެވެ. ލައިޝާ ދައްކާ ވާހަކަ އެމީހުންގެ ކަންފަތަށް އިވެނީ އެހެން ގޮތަކަށް ކަމަށް ވެދާނެއެވެ. ދެކުދިންވެގެން އެ ވާހަކަ އެހެންމީހުންގެ ގާތުގައި ހީހީފައި ކިޔާއިރު ހަދަހަދައިގެން ދެއްކެންވީ ސަބަބެއް އެނޫނީ ނެތެވެ.
"މިއަށް ދިވެހި ބަހުން ކިޔަނީ މަބުސްތާނު ތަ؟ "ސަނާ އަހާލައިފިއެވެ.
"މަށަކަށް ނޭގޭ، އަހަރެމެން އިނގިރޭސިކުދިންނަކަށް ދިވެހިން ބޭނުންކުރާ ނަންތައް ނޭގޭނެ ދޯ...." އާފްރާ ހިނިގަނޑެއް ޖަހާލައިފިއެވެ.
ލައިޝާ ކަޔާންގެ ކެބިންއަށް ވަނުމުން ކަޔާން ފުރަތަމަ ނިކަން ސީރިޔަސްވެ ބޮސްއެއް ފަދައިން މަސައްކަތްކުރަން ފެށިއެވެ. އެހާ ލޯބިން މެންގޯސްޓީން ދިނީމަ ބުނީ ކާނީ ފަހުން ކަމަށާއި މޫޑެއްނެތް ކަމުގައެވެ. ލައިޝާގެ ކެތްތެރިކަން އިމްތިހާނު ކުރަނީކަން ނޭގެއެވެ. އެންމެފަހުން ލައިޝާ ރުޅިއަންނަން ފެށިއެވެ.

"ސަރ އަޅުގަނޑު ބޮލުގައި ރިއްސަން ފަށައިފި...." ލައިޝާ ސީރިޔަސްވެލިއެވެ.
"މަސާޖްކޮށްލަ ދޭންވީތަ؟ އެންމެ ޓަޗްއަކުން ލުއިވެދާނެ....... " ކަޔާން ހީލާފައި ފައިލް ލައްޕާލުމުން ލައިޝާ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. އެދެލޮލަށް ބަލައިލުމާއިއެކު ލައިޝާގެ ހިތަށްވާގޮތް ބުނެދޭކަށް ނޭގެއެވެ. ކޮންފަދަ ރީތި ދެލޯހެއްޔެވެ؟ އެލޮލުގެ ތެރެއަށް ގެނބިގެން ދާން ހިތް އެދެއެވެ. 
"ބައެއްފަހަރު ނޭގޭ ކަޔާން ހަދާގޮތުން ވިސްނަންވީ ކޯނޗެއްކަމެއްވެސް، ގާލްފްރެންޑް ކިޔާފައި މަންމަމެނަށް ދައްކާލާފައި އިރުކޮޅަކުން ސްޓްރޭންޖަރއަކަށް ހަދާލީމަ މޮޔަވާވަރުވޭ........" ލައިޝާ ރަކިނުވާންވެގެން ދުރަށް ބަލަންފެށިއެވެ.

"އަހަރެން ބުނީމެއްނު އޮފީހުގައި އުޅެންވާނީ މަގޭ ޕީއޭ ގެ ގޮތުގައޭ...." ކަޔާން ސަމާސާކޮށްލިއެވެ. ލައިޝާގެ މޫނުގެ އޮމާންކަމާއި ރީތިކަމުން ކަޔާންއަށް އިރުކޮޅެއްވާންދެން ގެއްލިފައި އިންދާ ލައިޝާއަށްވެސް ބަލައިލެވިއްޖެއެވެ. ދެހިތުގައި ވިންދު ޖަހަން ފެށީ އެކީގައެވެ. އިރުކޮޅެއްވާންދެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުމަށްފަހު އެ ހިމޭންކަން މުގުރާލީ ކަޔާންއެވެ.
"އައި ހޭވް ސަމްތިން ޓު ޓެލް ޔޫ....." ކަޔާން ގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ކޮމެންޓް 0