އެއީ އުމުރު ދުވަހުވެސް ދިމާވާނެ ކަމަށް ލައިޝާ ހީކުރި ޒުވާނެއް ނޫނެވެ. ލައިޝާ ޔަގީން ކުރީ އެ ފިރިހެންކުއްޖާ މިހާރު ދުނިޔެ އާއި ވަކިވެގެންގޮސްފައި ވާކަމުގައެވެ. ލައިޝާ ބާސްކެޓްބޯޅަ ޓީމަށް ނުނަގާ ރޮއްވާލާފައި އަބަދު އޭނަގެ ހިތުގައި ޖެއްސި ޒުވާން ރީތި ކޯޗް އެތައް އަހަރުތަކެއް ފަހުން ފެނުނީމަވެސް ލައިޝާއަށް ވަގުތުން އެނގިއްޖެއެވެ. ސިފަ ބަދަލުކޮށްލައިގެން އައިކަމުގައިވިޔަސް ލައިޝާއަށް އޮޅުވައެއް ނުލެވޭނެއެވެ. ކުރިން ދިގުކޮށްލާފައި އޮންނަ އިސްތަށިގަނޑު މިހާރު އޮތީ ކުރުކޮށް ކޮށާލާފައެވެ. އެ ދިގު އިސްކޮޅާއި ބާމަތި ފުޅާ، ފިރިހެންވަންތަ ހަށިގަނޑު މާބޮޑުތަފާތެއް ނެތަސް ކުރިއަށްވުރެ އަތުގެ މުލައްދަނޑި ވަރުގަދައެވެ. އެހެންމީހެއްގެ ދެލޮލުން ކަޔާން ސްކްރީން ކުރަމުންދާކަމުގެ ހިލަމެއްވެސް ނެތި އަތުގައިވާ ލައިޓަރުން ސިގްރެޓްރޯކޮށްލާފައި އެ ރީތި ތުންފަތުގައި ޖެއްސިއެވެ. އެ ސިގްރެޓް ތުންފަތުގައި ބީހިލުމުގެ ޝަރަފު ހޯދިކަމަށްޓަކައި ލައިޝާގެ ހިތް ހަސަދަވެރިވިއެވެ.

ނޫ ޖިންސަކާއި ކަޅުކުލައިގެ އަތްކުރު ޓީޝާޓެއްލައިގެން ނުރަސްމީކޮށް ހުރިއިރު ކަޔާންގެ އަތުގެ މުލައްދަނޑި ވަރުގަދަކަމާއެވެ. ޓޭންކުލައަކަށް ދާ ހަމުގެ އޮމާންކަމާއި މަސްތައް ޓޯންވެފައިވާވަރު އެހިސާބުންވެސް ލައިޝާ ދެނެގަތެވެ. އަދިވެސް އެ ފިރިހެންވަންތަ ކަމަށް ބަދަލެއް ނާދެއެވެ. ލައިގެން ހުރި ޓީޝާޓު ގަޔާއި ވަކިކޮށްފިއްޔާ އަދި ވަކިން ފުރިހަމަވާނެކަން ނޭގެއެވެ. ލައިޝާގެ ހިތް ހީވީ ފުންމާލަފާނެހެންނެވެ.

"މައިގޯޑް، ހަމަ ފެއިންޓްވެދާނެ، ކަޔާން....އަދިވެސް....އަހަންނަށް ގަބޫލެއްނުކުރެވޭ، ތިއީ ހަމަ ކަޔާން ސަރ ތަ؟ ކަޔާ...... އަހަންނަށް ހާދަ ހާޓްކުރިއޭ، އޭރު ހިތަކަށްނޭރިއެއްނު އަހަންނަކީވެސް އަންހެންކުއްޖެކޭ، އަހަރެންގެވެސް ވަނީ ހިތެކޭ، އެންމެ ފަހަރަކުވެސް އަހަންނަށް ބަލައިނުލާ، އަނގައިންވެސް ނުބުނާނެ އަމުރުކުރަން ނޫނީ، ޑޫ ދިސް ޑޫ ދެޓް، ކަޔާން ސަރ، އަހަރެންގެ ހަޔާތް ބަރުބާދު ކޮށްލީމަވެސް އަހަންނަށް ހޭޓް ނުކުރެވޭ، ކީއްވެތަ؟ އަހަރެން އެންމެ ލޯބިވާ ކުޅިވަރުން އަހަރެން ދުރުކުރުވީ ކަޔާން ސަރ އެއްނޫންތަ؟ މޮޅަށް ނުކިޔެވުނީވެސް އެހެންވީމަ، އެހެންނޫންނަމަ އަހަރެންވެސް މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔަކަށް ވާހިތްވި، މޮޅަށް ކިޔަވައިގެން ޑޮކްޓަރަކަށް ވާން އޭރު ނިންމިން، ނަމަވެސް......" ލައިޝާގެ ސިކުނޑިއަށް އެތަކެއްޗެއް އަރާ ފޭބިއެވެ. އޭރު ކޮންމެ ދުވަހަކު އޭނަ ޕްރެކްޓިސް ނިންމާލާފައި އައިސް ރޮއެވެ. 

ހަގީގަތުގައި އޭނަގެ ކުޅުން ދަށްވީ ކަޔާން ސަރ އައުމަށްފަހުގައެވެ. ކުރީ ބާސްކެޓްބޯޅަ ކޯޗްހުރިއިރު އޭނަ ގެ މޮޅުކަމުން ފާހަގަކޮށްލެވޭފަދަ ކުއްޖަކަށްވެފައިވެއެވެ. ނަމަވެސް ކަޔާންގެ ތޫނު ދެލޮލުގެ ބާރުކަން ނޭގެއެވެ. ކަޔާންއަށް ބަލަން ހަދައިގެން އޭނައަށް ދުވަހަކު ބޯޅަ ބާސްކެޓަށް ވައްޓައިލެވުނު ކަމަކަށް ނުވެއެވެ. އެކަނި ހުރެ ޕްރެކްޓިސްކޮށްފިއްޔާ އޭރުވެސް ރަނގަޅެވެ. ކަޔާން ހުރެގެން އެންމެ ބޯޅައެއްވެސް ދާގަނޑުގައި ތަތްކޮށްނުލެވުމުން ޓީމުން ބާކީކޮށްލީއެވެ. އެފަހުން ކިޔަވާހިތެއްވެސް ނުވީއެވެ.

ކަޔާން ސިގްރެޓް ދަމާލިއިރު ކޮންމެވެސް ކަމަކާއި ހާސްވެފައި ހުރިކަން މޫނުމަތިން ފެނެއެވެ. ކަޔާން ވިސްނަނީ ކޮންކަމަކާއި ބާވައެވެ. އޭނަ މީހަކާއި ކައިވެނިކުރީ ހެއްޔެވެ؟ ކަޔާން އަކީ މާލެ މީހެއް ހެއްޔެވެ؟ ނޫނީ ރާއްޖެތެރޭ ޒުވާނެއްބާވައެވެ. އޭނަގެ އާއިލާއަކީ ކޮންބަޔެއް ހެއްޔެވެ؟ ކަޔާން މިހާރު އަދާކުރަނީ ކޮން ވަޒީފާއެއް ހެއްޔެވެ؟ އަނެއްކާ ކަޔާންއަކީ މުސްކުޅި ޓީޗަރުގެ ފިރިހެން ދަރިފުޅުހެއްޔެވެ؟ އެތައް ސުވާލުތައް އެނގެން ބޭނުންވެފައި ހުރިނަމަވެސް އެކަންތައް އޮޅުންފިލާނެ އެއްވެސް ގޮތެއްނެތެވެ. ސިއްރުވެރިކަމުގެ ހައްދެއް ނެތުން އެއީ ކަޔާންގެ ހުންނަ އަޅައިގަންނަގޮތް އިތުރުވާކަމެކެވެ. 

ވިއްސާރަ ދުވަހަކަށްވާތީ ރަތްވިލާތައް ލާން ފެށުމުން ކަޔާންގެ މޫނަށް އެޅިފައިވާ ރަތްކުލައިގެ ސަބަބުން ވަކިން ރީތިކަމަށް ދެއްކި ސިކުންތުކޮޅެއްދިޔައެވެ. ލައިޝާ ގެ ހިތް ހައްހަތާ ބޮޑަށް ކަޔާންގެ މައްޗަށް ލެނބިގެން ދިޔައެވެ. 

ކަޔާން ގެ ރީތި މޫނު އިޝްތިހާރު ކޮށްލައިގެން މާގިނައިރު ހުންނާކަށް ނޫޅުނެވެ. އޭނަގެ ހަވަނަ ހިއްސު އިންޒާރުދިނީކަން ނޭގެއެވެ. އަނެއް ފަރާތަށް އެނބުރުނު ގޮތަށް ގެއަށް ވަންނާން ދިޔައީ ފިރިހެންވަންތަ ހިނގުމެއްގައި ލައިޝާގެ ހިތްމަތީގައި ފައި އަޅަމުންނެވެ. މިއިން ޒަމާނެއްގައި ލައިޝާގެ ހިތުގެ ވިންދު އަވަސް ނުވާވަރަށް އަވަސްކުރުވާފައެވެ. 

"ލައިޝް...." ކީވާ ގޮވަންފެށުމުން ލައިޝާ އަވަހަށް ފާރާއި ދުރަށް ޖެހިލާފައި ޖޭމުގަހުން ޖޭމު ބިންނަން ފެށިއެވެ.

"ކިވީ، ބާރަށް ހަޅޭއްނުލަވަބަލަ... މިހިރަ ގޭގައި ޓީޗަރުންވެސް އުޅޭނެ. ދޮންޖޭމު ކާނަންތަ؟" ލައިޝާ ތުންފަތުގައި އިނގިލި ޖައްސައިލަމުން ކީވާއަށް ހިމޭންވާން އިޝާރާތްކުރިއެވެ.

"ނޫނޭ، ތިއީ ވާލުގެ ކެއުން..... ލައިޝް، އިރުއޮއްސުނީ، ސައި ބޯން ހިނގާބަލަ، ޒުބްދައްތަ އެބަހުރި ބަޖިޔާ ފޮނުވާފައި، އެހެންނޫނަސް އަހަރެންވެސް މިއަދު ވަރަށް ޓަޔަޑް، ފައިވެސް ކުޑަކޮށް ދުޅަ، އެހާ ގައި ހިރުވާ...... ނޭގިވެސް ކޮންމެވެސް އެއްޗަކަށް އެލާޖިކްވަނީކަން ނޭގޭ ދޯ، ކާހިތެއްވެސްނެތް........" ކީވާގެ މޫނުން ކޮންމެވެސް ވަރަކަށް ވަރުބަލިކަމުގެ އަސަރު ފެނުނެވެ. ކީވާ އެގޮތަށް ބަލިވެގެން އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟ ދޭތެރެއަކުން ބަނޑުގައި ނޫނީ ބޮލުގައި ރިއްސާތީ ބްރޫފެންފަދަ ބާރުގަދަ ބޭސްބޭނުން ކުރާތީ ލައިޝާ އެކަމާއި ދެކޮޅަށް ވާހަކަދައްކައެވެ. ތަދުވާ ބޭސް ގިނަ މުއްދަތަށް ބޭނުންކުރުމުން ކިޑްނީ ފެއިލްވެދާނެކަމަށް ބުންޏަސް ކީވާ އެވާހަކަ ގަބޫލުކުރާހެން ހިޔެއްނުވެއެވެ. ބޭސްކައިގެން ވޭން ކުޑަވަންޏާ ފަހުން ވެދާނެކަމަކަށް ވިސްނާނީ ކާކުހެއްޔެވެ؟ ކީވާވެސް އެއެއްޗެއްސަށް ދެވިހިފާފައިވަނީކަން ނޭގެއެވެ. ލައިޝާ ކީވާއާއި އަރައި ހަމަވީއިރު ދުވަނީ އެންޓަބެކްސްގެ މީރުވަހެވެ.

"ކިވީ ބުނާނެ ތަންތަނުން ގެންނަ ހެދިކާ ނުކާށޭ، އަޖިނޮމޮޓޯ މާ ގަދަޔަށް އަޅާފައި ހުރީމަ ކެންސަރު ޖެހޭނެއޭ، ރާއްޖޭގައި ކެންސަރު ގިނަވުމުގެ އެއް ސަބަބަކީ އަޖިނޮމޮޓޯ ކާތީ ނޫންތަ؟ "ލައިޝާ ދޮރުތަންޑު އެޅުވީ ހިތާއި ދެކޮޅަށެވެ. އެހެންނޫނަސް އިރުއޮއްސޭއިރު ގަސްތައް ގިނަތާކު އެކަނި ހުރުމަކީ ރައްކާތެރިކަމަކަށް ނުވާނެއެވެ. ނަމަވެސް ހިތް އެދެނީ ކަޔާންގެ ސޫރަ ދެކެލުމަށެވެ. އެސްފިޔަތަކުގައި ހަރުލާފައިވަނީ އެންމެ ތަސްވީރެކެވެ. ކަޔާން ސިގްރެޓްބޯން ހުރި މަންޒަރަށްވުރެ ހިތްގައިމު ތަސްވީރެއް އޭނަ ފިލްމަކުން އަދި ފޮޓޯއަކުންވެސް ދެކެފައެއްނުވެއެވެ. 

"އެކަމަކު ދެން ހެދިކާ ނުކައި ކީއްކުރާނީ، އަމިއްލައަށް އެއްޗެހި ގަނެގެން ހަދާކަށް ނުކެރޭނެ ސަލްމާދައްތަ ހުއްދަ ނުދެންޏާ، ދުޢާކުރީމަ ބަލިތަކުން ރައްކާތެރިވާނެ، މިބުނީ ނުރައްކާތެރި ބަލިތަކުން......." ކީވާ އާއި ލައިޝާ އެކީ ގައި ކަހަލަގޮތަކަށް ކާކޮޓަރި އާއި ދިމާލަށް ދިޔައިރު ލައިޝާ އިތުރު ވާހަކައެއް ނުދައްކައެވެ. ލައިޝާއަކީ އާއްމުކޮށް އަނގަގަދަ ކުއްޖަކަށްވާތީ އެގޮތަށް މަޑުން ހުރުމުން ލައިޝާ އަކާއި ނުގުޅެއެވެ. އެއީ ކީވާ އުޅޭގޮތެވެ. ކީވާ ބަސްމަދުކަމުން އެހެން މީހުންނަށް އުދަގޫވާ ފަހަރުވެސް އާދެއެވެ. ލައިޝާ ސައިބޯން އިންއިރުވެސް އިރުއިރުކޮޅާ ޚިޔާލަކަށް ގެއްލިދެއެވެ. އޭނަ މިވަގުތު ބޭނުންވަނީ އެކަނި ތަނެއްގައި ހިމޭނުން އޮވެލައި ޚިޔާލުކުރުމަށެވެ. 

"ޑޭ ޑްރީމިންތަ......." އެންމެފަހުން ކީވާ އަހާލައިފިއެވެ.
"ނޫނޭ........." ލައިޝާ ތުންފިތާލާފައި ހީލުމުން މޫނުން މައުސޫމްގޮތެއް ފާޅުވިއެވެ.
"ކޮންމެވެސް ކަމަކާއި ވިސްނާހެން ހީވޭ، ޖޮބެއް ނުލިބުނީމަވެސް ދެން ފޫހިއެއްނު ލައިޝް، ސަރުކާރު ތަނަކުން ޓްރައިކުރަންވީނު، ނޫނީ ކޮލެޖަށްވަދޭ، މިޒަމާނުގައި ޑިގްރީއެއް ނެތިއްޔާ ކިޔެވުނުކަމަކަށް ނުވާނެ....." ކީވާ ކިތަންމެ ވަރަކަށް ވިސްނައިދިނަސް ލައިޝާ ބުނާނީ ކިޔަވާހިތް ނުވާކަމުގައެވެ. ގްރޭޑް ހަތަކާއި ހަމަޔަށް އޭ ސްޓާރ ނަގަމުން އައިކުއްޖެއް އެފަހުން ކިޔަވާހިތްނުވާންވީ ސަބަބެއް ޚުދު ލައިޝާގެ ހިތަކަށްވެސް ނުވިސްނެއެވެ. ކަޔާންއާއި ގުޅުމެއް ހުރިނަމަވެސް އެހެން އެއްބަސްވާ ހިތެއް ނެތެވެ. 

ލައިޝާ އާއި ކީވާ މިރޭވެސް އާދައިގެ މަތިން މަޣުރިބަށްފަހު ގުރުއާން ކިޔެވިއެވެ. އިޝާ ގަޑި ޖެހުމުން ނަމާދުކޮށްލައިގެން ކެއުމަށްފަހު ޕިންކްބްރީއަށް ދާން ތައްޔާރުވާންފެށިއެވެ. ލައިޝާ ޖެހުނުގޮތަށް އެނދުގައި އޮށޯވެލައިގެން މާ މަޑުމަޑުން އޮންނާތީ ކީވާ ސުވާލުކުރިއެވެ.

"ކިވީ، އަހަރެން މިއޮތީ ޖިންނި އަވަލާފައި...." ލައިޝާ ދޫނެރެލިއެވެ.
"ސަމާސާނުކުރޭ....." ކީވާ ކަންބޮޑުވިއެވެ.
"މީހަކު އެއްޗެކޭ ބުނެލާއިރަށް ކިވީ ފުރުޓް ނިކަން ސީރިޔަސްވާނެ، މިހާވަރަށް ގުރުއާން ކިޔަވައި ނަމާދު ކުރާއިރު އެއްޗެއްސަށް ކާރިވެވޭނެތަ؟ އެކަމަކު މިރޭ ހިތަށް އަރަނީ ޕިންކްބެރީއަކަށް ނުދާނަމޭ، ވަރަށް ޓަޔަޑް..... " ލައިޝާ ބާލީހުގައި ބައްދައިލިއެވެ.

"ނޫނޭ، މިރޭ ނުހާގެ ތިމާގެ ކުއްޖެއްގެ ވެޑިންއަށް އޭނަ ދާތީ ކޮންމެހެންވެސް ކޭޝިއަރެއް ބޭނުންވާނެ..... ކަންނެތްނުވެ ތެދުވެބަލަ، އަހަރެންވެސް ބޮލުގައި ރިއްސާތީ މިއުޅެނީ އެކަމަކު ދާނަން........." ކީވާ އާދޭސް ކުރަން ފެށުމުން ލައިޝާ ނުދާންހުރެފައިވެސް މޫނުދޮވެލިއެވެ. ފިނިކަމުން ލައިޝާ ސްވެޓަރ ފޮތިން ފަހާފައި އޮތް ތަންކޮޅެއް ދޫ ހެދުމެއްލައިގެން ކަޅުކުލައިގެ ސްކިނީއެއްލައިފިއެވެ. ފުނާ ނޭޅިޔަސް އިސްތަށިގަނޑު ފަންކަމުން އޮންނަނީ ނިކަން ރީތިކޮށެވެ. ބްލޯޑްރައި ކޮށްލާފައިވާހެންނެވެ. ނަމަވެސް ލައިޝާ ބޮލުގައި ފުނާ ޖައްސައިލިއެވެ. އާދައިގެމަތިން ދަބަސް ކޮނޑުގައި އަޅުވާލާފައި ލޯޝަންކޮޅެއް އަތަށް ލައިގެން ނިކުންނާން ހިނގައިގަތްއިރު އަށެއްޖަހަން ތިންމިނިޓަށް ވެއްޖެއެވެ. ގަޑިއަށް ތަންތަނަށް ދިޔުމާއި މީހުންގެ އިތުބާރު ހޯދުމަކީ އީވާ ފަރުވާ ބަހައްޓާކަމެކެވެ.

ދެކުދިން އެކީގައި ކަހަލަގޮތަކަށް ވަދެފައި ދޮރު ހުޅުވާލިއިރަށް މިރޭ އަންނާނެ ބަޔަކު އެހާ ނެތްކަން ފާހަގަކުރެވުނެވެ. ވިއްސާރަ ރެއަކަށް ވާތީ އެންމެން ގޭގައި ހީފިލުވައިލަން ތިބެން ބޭނުންވަނީކަން ނޭގެއެވެ. މި ދުވަސްކޮޅު ބޮޑަށް ހިނގަނީވެސް ކޮފީއެވެ. ލައިޝާ ރިސެޕްޝަނު ބައިގެ ދޮރުހުޅުވާލުމާއިއެކު އެއްލިކަޅިއަކުން އޭނައަށް ފެނުނު މީހެއްގެ ސަބަބުން ތަންކޮޅެއް ބާރަށް ކައުންޓަރުގައި ހިފައިލެވުނީ ހަށިގަނޑު ސަމާލުކުރުމަށެވެ. އެއީ ކަޔާން ފިޔަވާ ދެވަނަ އިންސާނެއްނޫނެވެ. ކަޔާން ވަރަށް ހަމަޖެހިލާފައި އެތެރެއަށްވަދެގެން ދިޔައިރު ރިސެޕްޝަނާއި ދިމާލަށް ކަޔާން ބަލައެއްނުލައެވެ.

"ފޮނި......އޯމައިގޯޑް، އަހަރެން ކީއްވެ އޭނަ ފެނުނީމަ މިގޮތަށްވަނީ، ހިތް އަވަސްވާން ޖެހުނީ ކީއްވެތަ؟ ހީ ރުއިންޑް މައި ލައިފް...." ލައިޝާ ހީވަނީ ގަދަކަމުން އޭނަގެ ސިކުނޑިއަށް އެކަން ހަނދާންކޮށްދޭން މަސައްކަތް ކުރާހެންނެވެ. ލައިޝާ ހިންދިރުވާލާފައި ލަވަސެޓާއި ދިމާލަށް ދިޔައެވެ.

"ދިވެހި ލަވައެއްޖަހާބަލަ....." ކީވާ އެދުނެވެ.
ލައިޝާއަށް އެއަޑުއިވުނުހެނެއް ހިޔެއްނުވެއެވެ. ތުރުތުރުއަޅާ އިނގިލިތަކުން ސީޑީއެއް ނަގާފައި ލައްވާލިގޮތަށް ތަނުގައިވާ ހިމޭންކަން މުގުރިގެން ދިޔައީ ރިޗަޑް މާކްސްގެ "ރައިޓް ހިއަރ ވެއިޓިން ފޯރ ޔޫ " އެ ރީތި ލަވައިންނެވެ. ލައިޝާ ސިއްރު ނަޒަރަކުން ބަލައިލިއިރު ކަޔާން ގޮސް އިށީދެލީ އެންމެ ކަނުގައިވާ މޭޒުގައެވެ. ކަޔާން އިނީ އަނެއްފަރާތަށް އެނބުރިގެން ކަމަށްވާތީ ފެންނަނީ އޭނަގެ ފުޅާ ބައިމައްޗާއި އޮމާން ކަނދުރާއެވެ. ދެތިން މޭޒުގައި މީހުން އިށީދެލައިގެން ތިބިތަން ފެނުނެވެ. ކީވާ އޯޑަރު ނަގަން ދިޔުމުން ލައިޝާއަށް ކަޅިޖަހާނުލައި ބެލެމުންދިޔައީ ކަޔާން އުޅޭގޮތަށެވެ. އޭނައާއި ބެހޭގޮތުން މިވަރަށް ވިސްނޭތީ ބިރުގަންނަ ހިސާބަށް ދިޔައެވެ. ކަޔާންއަށް އޭނަ އެނގޭނެބާވައެވެ. ވަކިކުރަން ނޭނގި ހިގައިދާނެއެވެ. އޭރު ލައިޝާގެ އިސްކޮޅުން ދާދިކުރުވެފައި ހިކިކަމުން އިލޮށްޓެއްވަރުވެއެވެ.

ކީވާ ސްމޫތީސް ތަބައް ހިފައިގެން އަންނަނިކޮށް ލައިޝާ ނުދެނެހުރިކަމަށް ހަދާލައިގެން ހުރެ ގޮސް ކީވާގެ ގައިގާ ޖެހިގަތީ ގަސްތުގައެވެ. ކީވާގެ ހެދުމަށާއި އެކީގައި ސްމޫތީސް ބުރައިގެން ދިޔުމުން ލައިޝާ ކަންބޮޑުވީކަމަށް ހެދުނެވެ.

"ސޮރީ، ސޮރީ....... ނަސީބެއްނު ހޫނު އެއްޗަކަށްނުވިކަން..... އަވަހަށް ދޭ ހެދުން ބަދަލުކޮށްލައިގެން އަންނަން...... އައި ކެން މެނޭޖް ފަސް މިނިޓަށް........." ލައިޝާ ކީވާގެ ބުރަކަށީގައި މަޑުމަޑުން އަތްޖައްސާލާފައި އަވަހަށް އުޅެގަތީ އެތާތިބިމީހުންނަށް ސާރވްކުރުމަށެވެ. އޭނަ ގަސްތުގައި އެކްސިޑެންޓްކޮށްލީ އަމިއްލަ ބޭނުމެއް އޮވެގެންކަން ކީވާއަށް އަންގާކަށް ލައިޝާ ބޭނުމެއްނުވިއެވެ. ލައިޝާ ކަޔާން އޯޑަރުކުރި ކޮފީއާއި ސަބްމެރިން ހިފައިގެންގޮސް މޭޒުކާރީގައި ހުއްޓުނެވެ.

"ސަރ މި...މިހިރީ ކޮފީ....." ލައިޝާ އެހާވަރުން ހަމަޖެހެން މަސައްކަތް ކުރީމަވެސް އަޅައަޅައިގެންފައި ބުނެވުނެވެ. 
"ތެންކިއު....." ކަޔާންގެ ފިރިހެންވަންތަ އަޑު އިވުމުން ލައިޝާގެ ބަނޑުގައި ކުދިކޮކާތައް ފިޔަޖަހައިލިހެން ހީވިއެވެ. އޭނަ ފިނިވާންފެށިއެވެ. މަޑުމަޑުން އިވެމުންދާ ލަވައިގެ އަސަރުގައި ޖެހިފައި ހުރެ އޮރެންޖް ހިތްގައިމު އަލީގައި އޭނަ ކަޅިޖަހައިނުލާ ކަޔާންގެ މޫނަށް ބަލަން ހުރި މިނިޓްކޮޅުގެ ތެރޭގައި ކަޔާން އިސްއުފުލައިލަން ހިތަކަށްވެސް ނޭރިއެވެ. އޭނައާއި ކާރީގައި ހުރީ އިންސިއެއްކަމެއް އޭލިއެންއެއްކަން އެނގޭނެހެނެއްވެސް ހިޔެއްނުވެއެވެ. 

"ފޮނި ފިރިހެނާ، ސްޓިލް ޗޭންޖެއްނުވޭ...... ސޭމް..ހަމަ ސޭމް....އެހާ ފޮނިއިރުވެސް އަހަރެންގެ ބަސްނާހާ ހިތް ކަޔާންދެކެ ރުޅިނާންނަނީ ކީއްވެތަ؟ ހިތް އެދެނީ......" ލައިޝާ ދަތްތައް ވިކައިގެންފައި ފެންތަށްޓަށް ޖަގުން ފެންއަޅަންފެށިއެވެ. އޭރު އިނގިލިތައްވެސް ތުރުތުރުލައެވެ. އޭނަ ޚިޔާލީ ދުނިޔޭގައި ހުރެ ފެންޖަގު ކަޔާންގެ ބޮލަށް އޮއްސާލައިފިއެވެ. 
"އެހެން އެއްޗެއް ބޭނުންވެލައްވާތޯ......" ލައިޝާއަށް ހަމަ ކެތްނުކުރެވިގެން ވާހަކަ ދެއްކުނެވެ.
"ނޫނޭ......ތޭންކްސް....." ކަޔާން އެވަރުންވެސް މޫނަށް ބަލާކަށް ނޫޅުނެވެ. އެއްއަތް ލުއިގޮތަކަށް މޭޒުމަތީގައި އޮތްއިރު ވައަތުގައިވަނީ ގަޑިއެކެވެ. ތަންކޮޅެއް ރަސްމީ ވަޒީފާއެއްގައި ގަދަރުވެރިކޮށް އުޅޭކަމުގެ ނިޝާނެއްކަން ނޭގެއެވެ. ކުރިން ކަޔާންގެ ކަރުގައި އަޅާފައި އޮންނަ ފަށެއްވެސް ނެތެވެ. ޑޮކްޓަރެއް ނޫނީ ތަނެއްގެ އިސްވެރިޔެއްބާވައެވެ. ނޫނީ ޓީޗަރެއްހެއްޔެވެ؟ ލައިޝާ ޖެހިގެން ހުރި މޭޒަށް އައިސްކްރީމް ހިފައިގެން ދިޔައިރުވެސް ސިއްރުސިއްރުން ބެލުނީ ކަޔާންއިން ދިމާލަށެވެ. އޭނަ އައިސްކްރީމް ސާރވްކުރި އަންހެންކުދިންގެ ސަމާލުކަންވެސް އެދިމާލަށް ހުއްޓިފައިވާތީ ލައިޝާގެ ހިތަށް އުދަގޫތަކެއްވިއެވެ. އެހެން އަންހެންކުދިން ބެލުމުގެ ހައްގު ނޯންނަންވީ ކީއްވެހެއްޔެވެ؟ ކަޔާންއަކީ އޭނަގެ މިލްކެއް ނޫނެވެ. އޭނައާއި އެއްވެސް ގުޅުމެއް ހުރިމީހެއް ނޫނެވެ.

ބޯކޮށް ވާރޭ ވެހިގަތުމުން ހީވީ އެ ކުޑަރެސްޓޯރެންޓްގެ ފުރާޅަށް ކުދިއޮށްތަކުގެ ހަމަލާއެއް އައިހެންނެވެ. ހަވީރުވީއްސުރެން އުޑުމަތި އޮތީ ބޯވިލާތަކުގެ ބައްދާލާފައެވެ. ނަމަވެސް މިހާ ވިއްސާރަ ރެއަކަށް ވެދާނެ ކަމަކަށް ލައިޝާ ހިޔެއް ނުކުރެއެވެ. އަދި މި ވިއްސާރަ ރޭގައި އޭނަގެ ކަޔާން ސަރއާއި އެކުގައި މިގޮތަށް ރެސްޓޯރެންޓެއްގެ ތެރޭގައި ތިބެވިދާނެކަމަކަށް ހީކުރާނީ ކިހިނެއް ހެއްޔެވެ؟ މިހާރު އެތާގައި އިނީ އޭނައާއި ކަޔާން އެކަނިއެވެ. މިއީ ގުދުރަތުގެ ސަމާސާއެއް ހެއްޔެވެ؟ އުމުރު ދުވަހުވެސް މިގޮތަށް އެހެން މީހަކާއިއެކީގައި އެކަނި ވުމަށް އެދޭ އިންސާނާއާއި އޭނަ އެކަނިމާއެކަނި މި ވިއްސާރަ ތޫފާނީ ރޭގައި މިތާ އެކަނިއެވެ. ކަޔާން ލަސްލަހުން ސަބްމެރިންކާން އިންއިރު އެހާ ކުރިއަކަށް ނުދެއެވެ. ލައިޝާ ބޯ އަރިކޮށްލާފައިވެސް ކަޔާންގެ ހަރަކާތްތަކަށް ފާރަލިއެވެ.

"ލައިޝް، އަހަންނަކަށް ނުދެވޭނެ، މިއުޅެނީ ނިކަން ގަދަޔަށް ބޮލުގައި ރިއްސާތީ، މީހުން ގިނަތަ؟" ކީވާ ފޯނުން ވާހަކަދެއްކިއިރު އަޑުގައިވެސް ވަރުބަލިގޮތެއް ހުއްޓެވެ.

"ނޫން، މިތަން ހަމަ ފަޅަށް މިއޮތީ...." ވާރޭގެ އަޑުގަދަކަމުން ކީވާ ކިޔާއެއްޗެއް އިވެނީ ކިރިޔާއެވެ.
"އިފް އެނީތިން ކޯލް މީ އިނގޭ ލައިޝް، ޒުބްދައްތަވެސް ތިތަނަށް ދާން އެބައުޅޭ....." ކީވާ ފޯނު ބޭއްވިތަނާހެން ލައިޝާ ބިލް ހަދައިގެންގޮސް ކަޔާންގެ މޭޒުމަތީގައި ބޭއްވިއެވެ. ކަޔާން ކައިފާ އިނީ ސަބްމެރިންގެ އެއްބަޔެވެ. ބޮޑު ފިރިހެނަކަށް ސަބްމެރިންއެއް ހުސްކޮށްނުލެވުމަކީ މައްސަލައެކެވެ. ކަޔާން ފިކުރުބޮޑުވެފައިވާކަމެއް ނޭނގިގެން އަހައިލާހިތުން ކެތްތެރިކަންކޮޅުން ލައިގެން ދާންފެށިއެވެ. ލައިޝާ އެއްޗެކޭ ބުނަން އަނގަހުޅުވާލީމަ އަޑު ބޭރެއްނުވިއެވެ. ކަޔާން ބިލްދައްކާލާފައި ނިކުމެގެން ދާން ހިނގައިގަތީ ލައިޝާއާއި ދިމާލަށް ބަލައިލުމެއްނެތިއެވެ. ލައިޝާ ހުރީ ގަނޑުވެފައެވެ. އޭނަ މޭޒު ސާފުކުރުމަށްފަހު ކަޔާން ކައިފާ ބާކީ ހުރިތަކެތި ހިފައިގެން ބަދިގެ ފަރާތަށް ވަދެ ސިންކަށް އޮއްސާލަން އުޅެފައިވެސް އެހެން ހަދާކަށް ނުކެރުނެވެ. ކަޔާން ކައިފާ ހުރި އެއްޗެއް އޭނަ އެއްލައެއް ނުލާނެއެވެ. މިފަދަ ފުރުސަތެއް ދެން ލިބިދާނެކަމެއްވެސް ނޭގެއެވެ. އޭނަ ސަބްމެރިންގެ ބާކީ އޮތްބައި އަނގައިގާ ޖެހިއިރު ހުރެވުނީ އެބައިގެ ދޮރުމަތީގައެވެ. 

"އެކްސްކިއުޒްމީ....." ކުއްލި އަކަށް ކަޔާންގެ އަޑުއިވުމުން ލައިޝާއަށް އެނބުރިބަލައިލެވުނީ ބޮޑު ސަބްމެރިންގަނޑެއް އަނގައިގާ ޖަހާލައިގެން ހުރެއެވެ. ގަތްލަދުންގޮސް ލައިޝާގެ މޫނު ރަތްވެގެންދިޔުމާއިއެކު އޭނަގެ އަތުން ސަބްމެރިން ދޫނުވީ ކިރިޔާއެވެ. ބޭއިޚުތިޔާރުގައި ދޮރުލައްޕާލެވުނީ އަނގައިންވެސް ބުނުމަކާއި ނުލައެވެ. އުމުރުދުވަހުވެސް މިހާ ކަޑަކަމެއް ކުރެވޭނެކަމެއް ނޭގެއެވެ. ލައިޝާ ކާން ހުރީ ކަޔާން ކައިފާ ބާކީއޮތް ބައިކަމަށް ހިތަށް އަރައިފިއްޔާ ހާދަ މަލާމާތެއް ކުރާނެއެވެ. މިތާ އުޅޭކުދިން ދަހިކަމުން ކަސްޓަމަރުން ކައިފާ ބާކީ ހުންނަ އެއްޗެހިވެސް ކާލަނީކަމަށް ކިޔާނެއެވެ. މިރޭ އޭނަ ނިދަން އެނދަށް އަރާފައި އެކަނި އޮވެވެސް ހޭނެކަންނޭގެއެވެ. ލައިޝާއަށް ރަގަޅަށްވެސް ރޮވިއްޖެއެވެ. ލަދުންނާއި ވީދެރައިންގޮސް މޮޔަވާވަރުވިއެވެ. ކަޔާން ހަމަ ރަގަޅަށްވެސް އޭނަ ލައްވާ މި ކުރުވާކަންތައް މީހަކު ހައިރާން ނުވާނެ ހެއްޔެވެ؟ އޭނަ މޮޔަކޮށް އަވަދިކޮށްލައިފިއެވެ. ގެންގުޅޭ ޕަޕެޓެއްފަދައިން ކޮންމެ ފަދަ ކަމެއްވެސް ކުރުވަފާނެކަން ނޭގެއެވެ. ވަރިހަމައެވެ. އޭނަ ސިއްރުން ސަބްމެރިންކާން ހުރިކަން ފެނުނީތީ އަދި ފޮނިވާނެކަމެއް ނެތެވެ. ސިއްރުން ވަލަށް ވަދެ ސިގްރެޓް ބޯންހުރިކަން އޭނައަށްވެސް ދުނިޔެއަށް އަންގައިލެވިދާނެއެވެ. އޭރުވެސް ވާރޭ ހުއްޓާލާކަށް ނޫޅެއެވެ. ކުޑަދޮރުތައްވެސް ތެޅިލާއަޑާއި ވައިގެ ބޫންއަޑުން ރަށުގެ ހިމޭންކަން މުގުރަމުން ދިޔައެވެ.

"ލައިޝް......ލައިޝް....ދޮރު ތަޅުލައިގެން ތިތަނަށްވަދެ އޮވެ ކީއްކުރަނީތަ؟ " ފަސްވަރަކަށް މިނިޓްފަހުން ޒުބްދާގެއަޑު އިވުމުން ލައިޝާ ދޮރު ހުޅުވާލިއިރު ކަޔާން ފެންނާކަށްނެތެވެ.

"ދެންމެ އައި ކަސްޓަމަރެއް ބުނި ލައިޝް ނުބައިކޮށޭ ލާރި ކެނޑީ، އޭނަ ދިނީ ސަތޭކަ ރުފިޔާ، އެކަމަކު ލައިޝް މާރުކޮށްފައި ދިންއިރު ވިހި ރުފިޔާކަމަށް ހީކޮށް ފައްސަތޭކަ ދޯ ދިނީ، އޭނަ ކިހާ ރަނގަޅު، އެހެންމީހެއްނަމަ ދެން ނުދެނެހުރިކަމަށް ހަދާލާފައި ދާނީ، ލައިޝް ބަލާލައިގެން މަސައްކަތްކުރާތި. ކޮންމެ ކޮންމެ މީހަކު އެހާ އިހުސާންތެރިއެއް ނުވާނެ........" ޒުބްދާ ވާހަކަދެއްކީ ރުޅިއަކުންނޫނެވެ. ކީވާގެ އަތުން އެފަދަ ކަމެއް ހިނގިނަމަ މިރޭ ކީވާ ސަލާމަތްވާނެކަމެއް ނޭގެއެވެ. ވަގުތުން ވަޒީފާއިން ކަނޑާލާނެއެވެ. އެހެންނޫނަސް ޒުބްދާގެ މޫނު ހުރީ ރަތްވެފައެވެ. ކަޔާން ފެނުނީމަ ޒުބްދާވެސް ލަދުގަތީކަން ނޭގެއެވެ. އެފަހުން އޭނަވެސް އިނީ ހުވަފެނީވެފައިކަން ލައިޝާއަށް ފާހަގަވިއެވެ.

"ސޮރީ......ހެހެ. މިރޭ އެކަނި އުޅެން ހަދައިގެން ބޯގޯސްކަންތައް ކުރެވުނީ......." އޭރުވެސް ލައިޝާގެ ކަރުތެރެ ހިކި ވާހަކަދައްކަން އުދަގޫވެފައިވާތީ ފެންފޮދެއް ބޯލަމުން ގޮސް ރިސެޕްޝަނުގައިވާ އުސް ސްޓޫލަށް އަރާ އިށީދެ ކޮމްޕިއުޓަރަށް ސަމާލުކަން ދިނެވެ. ކަޔާން އާއި ދިމާވާ ކޮންމެ ފަހަރަކު އަތުންފައިން އޭނަ ހަމަ ގޯސް ހަދަން ޖެހޭހެއްޔެވެ؟ ފައްސަތޭކަ ރުފިޔާވެސް ވަކިނުވާހިސާބަށް އޭނަގެ ހާލަތުދަނީ ކަޔާންގެ ސަބަބުން ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ކޮންމެ އިންސާނަކަށްވެސް އެފަދަ ގޯހެއްހެދިދާނެއެވެ. ނަމަވެސް ކަޔާންގެ ސަބަބުން އޭނަގެ ހިތަށް މިއަދާއި މިރޭ ލިބިފައިވާ ހައިޖާނުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ފާހަގަކޮށްލެވޭފަދަ ތާރީޚީ ދުވަހަކަށް މިއަދު ވެގެން ދާނެކަން ޔަގީނެވެ.

ސަލްމާ އޭނަގެ ބައްޕަ ގާތުގައި ހޮސްޕިޓަލުގައި އިންދާ އެކުވެރިއަކު ގުޅާފައި ބުނި ވާހަކައަކުން ސަލްމާ އިންތިހާއަށް ކަންބޮޑުވިއެވެ. ޒުލްމާއާއި އޭނަގެ ފިރިމީހާ ފަރުބަދަމަތީގެ ރަށަކަށް ވޯޓަރފޯލްއެއް ބަލައިލަން ދިޔަގޮތަށް ވީނުވީއެއް ނޭގި ގެއްލިގެން އުޅޭކަމަށާއި އަދިވެސް އެއްވެސް ބަޔަކު ފުލުހަށް ރިޕޯޓް ނުކުރާކަމުގައެވެ. އެކަން ލައިޝާއަށް އެނގިއްޖެއްޔާ އެ ފަކީރު ހިތްހަލާކުވެދާނެއެވެ. އެހެންނޫނަސް ޒުލްމާ އައިހާ އަވަހަކަށް އައިދަންއާއި ލައިޝާގެ ކައިވެނި ކުރުވަން އޭނަ މިހިރީ ތައްޔާރަށެވެ. މި ލިބުނު ޚަބަރަކުން ސަލްމާގެ ސިކުނޑިއަށް އިތުރު ބުރައަކަށްވިއެވެ. އަދި ލައިޝާގެ ގާތުގައި ނުބުނާނީއެވެ. އެކުއްޖާއަށް އެނގިއްޖެއްޔާ ހާދަ ދެރަވާނެއެވެ. މިހާރުއްސުރެން ސަލްމާގެ ހިތުގައި ލައިޝާއަށްޓަކައި ދަރިކުލުނު ޖެހިއްޖެއެވެ.

"އަދި ފުލުހުންނަށް ރިޕޯޓްކުރާނެ ކަމެއްނެތް، އެމީހުން ވަގުތުން ނޫސްތަކުގައި އިއުލާންކުރާނެ، ދަރިންގެ ހިތަށް ކިހާ އަސަރުކުރާނެ، އެހެންނޫނަސް ޒުލްމާމެންނަށް ކަމެއްވިހެން ހިޔެއްނުވޭ، ދެމަފިރިން އެކީގައި ދިޔައްޔާ ހިޔެއްނުވޭ ދެރަގޮތެއްވާނެހެން، އެހެންނޫނަސް ޒުލްމާއަކީ މޮޅު ފެތުންތެރިޔެއް، ފަހަރެއްގައިވާ ގޮތަކުން ވޯޓަރފޯލަށް ވެއްޓުނަސް އިރާދަކުރެއްވިއްޔާ އޭނަ ސަލާމަތްވާނެ......" ސަލްމާ އެކުވެރިޔާއަށް ވިސްނައިދިނީ އިހަށް އެ ވާހަކަ ސިއްރުކުރުމަށެވެ. އެކުވެރިޔާ ހުރީ އެކަނި މާއެކަނި އެމީހުން ކުއްޔަށް ހިފި ގޭގައި ހަދާނެގޮތް ހުސްވެފައިކަމަށް ބުންޏަސް އެމީހާއާއިމެދުވެސް ސަލްމާ ޝައްކުކުރިއެވެ. މިޒަމާނުގައި އެކުވެރިޔަކަށްވެސް އިތުބާރުކުރުން ހެވެއްނުވާނެއެވެ. ފިރިމީހާއާއި ހިތާވެގެން ލަނޑެއްދޭން ފަހެއްނުޖެހޭނެއެވެ. 

އެވަރޓަންގައި އެކަނި އޮންނާން ޖެހުމުން ކީވާ ބިރުންގޮސް މާބޮޑަށް ފިނިވާންފެށިއެވެ. ޒުބްދާ ޕިންކްބެރީއަށް ގޮސްލާފައި އަވަހަށް ގެއަށް އަންނާނެކަމަށް އޭނަ އުއްމީދުކުރިއެވެ. ގޭގައި އޮތް ކުޑަ ހިފައިގެން ޒުބްދާ ދިޔަކަން ކީވާއަށް އެނގުނީވެސް އިރުކޮޅެއްފަހުންނެވެ. މިހާ ބޯކޮށް ވާރޭވެހޭއިރު ދުވެލާފައި ދިޔަސް އެހިސާބަށް ފޯރާއިރަށް އޭނަ ތެމިދާނެއެވެ. އިތުރު ކުޑައެއް އޮތްނަމަ އޭނަ އެތަނަށް ގޮސްދާނެއެވެ. ގޭގައި އެކަނި އޮންނަން ހަދައިގެން ލަނޑެއްވެސް ލިބިދާނެއެވެ. ހާދަ ވިއްސާރައެވެ. ބޯ ވާރޭގެތެރެއިން ފުރާޅުމަތީގައި ގޮފިތަކުން ތެޅޭއަޑުވެސް އެކި މިއުޒިކް ބީޓްފަދައިން އިވެމުން ދިޔައެވެ. ދޮރުފަތްތައް ތެޅިލާއިރު ފާރުތައް ގުގުމާލާހެން ހީވެއެވެ. އެފަދަ ތޫފާނީ ކޮންމެ އަޑެއްވެސް އިވިލަނީ ހިތްގައިމު ގޮތަކަށެވެ. މިރޭ އޭނަ ފިނިވަނީ ހާދަ ވަރަކަށެވެ. އެކަނިވެރިކަމުގެ އިހުސާސްތައްވެސް އޭނަ ވަށާލާފައިވެއެވެ. ބްރޫފެން ދެގުޅަ ކާލެވުމުން ބޮލުގެ ރިހުން ކެނޑުނު ނަމަވެސް ފިނިކަމުން ރޫރޫއަޅައިގަތުމުން ބޮލާއިއެކު މުޅި ގައިގާ ރަޖާގަނޑެއް އޮޅާލައިގެން އޭނަ ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. ކާކޮޓަރިވެސް ހުންނަނީ ވަކިން ދޮރެއްލާފައި ވަދެވޭގޮތަށެވެ. ދޮރުހުޅުވާލާއިރަށް އޮންނަ ކޮރިޑޯއިން ގޮސް ބަދިގެއަށް ވަދެވެއެވެ. އެތަންވެސް އޮންނަނީ ތަށިމުށިޖަހާލާފައި ރަގަޅު ފެންވަރަކަށް ހަދާފައެވެ.

"ކޮފީއެއް ބޯލީމަ ހީފިލައި އަރާމުވެދާނެކަން ނޭގޭ....." ކީވާ ގޭސްއުނދުނުން ފެން ޖަގެއް ހޫނުކުރަން އުޅެނިކޮށް ގެއިން ކަރަންޓުކެނޑުމުން ގަތްބިރުން މުޅިގައިން ހީބިހި ހަލުވާލައިފިއެވެ. ހިތަށް ނުބައިގޮތެއްވިއެވެ. ގޭސްއުނދުނުގެ ފަނޑު ހުޅުކޮޅުން ކުޑަކޮށް އަލިވާކަން އެއީ ނަސީބެކެވެ. ކީވާ ކަބަޑް ހުޅުވާލާފައި ބޮޑު އުއްބައްތިއެއް ރޯކޮށްލުމުން އެތަނުގައި ހިޔަނިތައް ނަށަންފެށިއެވެ. ނަމަވެސް އަންނަ ވައިރޯޅިއާއިއެކު އެ ހުޅުކޮޅުތައްވެސް ނިވިދާނެކަމުގެ ބިރުހީވެފައި އެ ބޮޑު ބޮޑު ދެލޯ އެއަށްވުރެ ބޮޑުކޮށްލައިގެން ހުރީ މޭގައި އަތް އަޅާ ބާރުކޮށްލައިގެންނެވެ. އުއްބައްތީގެ އަލީގައި ކީވާގެ ތުންފަތުގެ ރަތްކަން ވަކިން ގަދަކަމަށް ދައްކައެވެ. ކީވާ ހިރިލާންވެސް ނޭގި އުނދުނާއި ދިމާލަށް ބަލަން ހުއްޓާ ކޮންމެވެސް މީހަކު ފަހަތުން އައިސް އޭނަގެ ގައިގާ ހިފައިގަތީ ކަށިތައް ފުނޑުފުނޑުވާހާ ބާރަކަށެވެ.

ކީވާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތީމަ އެމީހަކަށް ހައިރާންކަމެއް ލިބުނުހެން ހީވިއެވެ. ކީވާގެ ނަސީބުދެރަކަމުން ބޯވާރޭގެ ތެރޭގައި އެއަޑުގެނބި އެހެން މީހަކަށް އިވޭނެކަމެއް ނޭގެއެވެ. އެހެންނޫނަސް އެގެ ހުންނަނީ ގޯތީގެ މެދުގައި ކަމަށްވެފައި ވަށައިގެން އޮތީ ބިޔަގަސްތަކެވެ. އެމީހަކު ކީވާގެ އަނގަމަތީގައި އަތްއެޅުމުން ކީވާގެ ހިތަށް ލިބުނު ބިރުވެރިކަމުގައި މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ. އެއީ އަތުގެ މުލައްދަނޑި ވަރުގަދަ ފިރިހެނެއްކަން އެނގުނީ އެމީހާގެ ހަށިގަނޑުގައި ކީވާގެ ލޫޅާފަތި ހަށިގަނޑު ޖެހުނީމައާއި އެ ފިރިހެންވަންތަ އަތް އުއްބައްތީގެ އަލީގައި ކީވާއަށް ރީއްޗަށް ފެންނަން ހުރީމައެވެ.

ކީވާގެ ދެލޮލުން ކަރުނަތައް އޮހިގަތްގޮތަށް އެމީހެއްގެ އަތްތިލައަށް ފައިބަންފެށިއެވެ. ރޮއިރޮއިހުރެ ކީވާ މާތް ﷲ އަށް ދުޢާކުރީ މި ނުލަފާ މީހާގެ ފަރާތުން ސަލާމަތް ކޮށްދެއްވުމަށެވެ. ޒުބްދާއާއި ލައިޝާ ރެސްޓޯރެންޓް ބަންދުކޮށްލާފައި އަންނާނީ އެގާރަ ޖަހާއިރުކަމަށްވާތީ އެކުދިން އަންނަންވާއިރަށް ކީވާއަށް މި މީހާ ހަދާލާނެގޮތެއްވެސް ނޭގެއެވެ.

"ޕްލީޒް، ޕްލީޒް ޕްލީޒް އަހަ...އަހަރެން ދޫ..ކޮށްލާ......" އެމީހާ ކީވާގެ އަނގަމަތިން އަތްނެގީ ކޯންޗެއް ވިސްނާފައިކަމެއްވެސް ނޭގެއެވެ. އެއީ ކީވާއަށް އާދޭސްކުރަން ލިބުނު ފުރުސަތެކެވެ. ކީވާ އާދޭހާއިއެކު އެދެމުން ދިޔައިރު ރޮއިރޮއި ހަލާކުވާވަރުވިއެވެ. ހީވީ ގައިން ވަރުހުސްވެގެން އެބާރުގަދަ އަތުގެ ތެރެއަށް ދެމިދާނެހެންނެވެ. އަބަދުވެސް ކަންތަކާއި ބިރުން އުޅޭކުއްޖަކަށް މިރޭ މިދިމާވީ ދިރިއުޅުމުގައި ލިބުނު ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާކަން ނޭގެއެވެ. ހިލަހިތެއްގެ ވެރިޔަކު ނޫނީ ހަމްދަރުވީވާނެއެވެ. އެމީހަކު ހައިރާންވާހާވަރަކަށް އެ ކުޑަ ވަގުތުކޮޅު ކީވާ އޭނަގެ ބިރާއި ނިކަމެތިކަން ރަގަޅަށް ހާމަކޮށްދީފިއެވެ. އެހެންނޫނަސް އެފަދަ ވަގުތެއްގައި ހިތްވަރުކޮށްލާފައި ގަދަކޮށްލެވޭނީ ކިތައް އަންހެންކުދިންނަށް ހެއްޔެވެ؟ 

ކޮމެންޓް 0