ވަރުޖިނާ ޚިޔާލީ ދުނިޔެއެއްގައި އެހުރި ފިޔަވަޅުމަތީގައި ހުރެ ލައިޝާ ތަޅާމަރާލިޔަސް އެފަދަ ހިތްވަރެއް ކޮށްލާކަށް ނުކެރުނެވެ. ކަޔާން ގެނެސްފައިވާ އަންހެންކުއްޖަކާއި ދޭތެރޭގައި އެފަދަ އިހާނެތިކޮށް ކަންތައްކުރުމުގެ ހައްގެއް އޭނައަށް ލިބިގެންނުވާނެއެވެ. ލައިޝާގެ ފެންވަރަކީ މިއީއެވެ. ކަޔާންގެ "މިސްޓްރެސް" އެވެ. އެއަށްވުރެ މައްޗަށް އަރާކަށް ލާހިކެއް ނޫނެވެ. ވަރުޖިނާ ބާރަކަށްގޮސް އެނދާއި އަރާހަމަވެފައި ލައިޝާގެ އަތުގައި ހިފާ ތަޅުވައިގަތެވެ. ލައިޝާ ސިހިފައިވާފަދަ ގޮތަކަށް ދެލޯ ހުޅުވާލާފައި އެސްފިޔަ ޖަހާލާކަށްވެސް ނޭގުނެވެ. ވަރުޖިނާ އެނދުގެ ކާރީގައި ހުރިތަން ފެނިފައި ފުރަތަމަ ހީކުރީ ފެނުނު ބިރުވެރި ހުވަފެނެއް ކަމުގައެވެ.

"އޭ އަންހެންކުއްޖާ، ކަލޭގެ ބަލަދުވެރިއެއްވެސް ނެތީތަ؟ ހޮޓެލްތަކުގައި ރޭގަނޑު ނިދާލަން އަންނައިރު އެނގޭ މީހަކުވެސް ހަމަ ނެތްދޯ، އަހަރެން އަންގާނަން ކަލޭގެ މައިމީހާއަށް، ތިމާގެ އަންހެންދަރިން ނުބެލެހެއްޓޭތީ މީހުންގެ ރަގަޅު ފިރިހެންދަރިން ހަލާކުވެގެން ދަނީ، މަގޭ ކަޔާންއަކީ ކުރިން ތިހެން އުޅުނު މީހެއް ނޫން، ތިމީހަކު ހަދައިގެން އުޅޭ ޖާދޫއެއް އަހަންނަކަށް ނޭގޭ، ލައިޝާ ބުނަން ވާހަކައެއް، އަހަރެން އެންމެ ފަހުފަހަރަށް މިބުނަނީ، ކަޔާންގެ ހަޔާތުން ދުރަށް ދޭ، އަހަރެން މިހިރީ ކަލޭ ބޭނުންވަރަކަށް ފައިސާ ދޭން، ބްލޭންކް ޗެކެއްވެސް ދީފާނަން، ކަލޭ ބޭނުމިއްޔާ އެހެން ގައުމަކަށްވެސް ފޮނުވާދީފާނަން، އެކަމަކު އަހަރެންގެ ޅީދަރިއަކަށްވެގެން ކެންޒިއާއަށް ދުވަހަކު ވަދެވޭނެ މީހެއްނޫން ތިއީ، ވީމަ ތިމާގެ އަމިއްލަ ނަފުސާއިމެދު ވިސްނާލާ، ބަލިވެ އިނދެއްޖެއްޔާ ކަޔާންވެސް ހަވާލެއް ނުވާނެ، އެހެންވެ މިބުނަނީ ކަޔާންގެ ދިރިއުޅުމުން ދާށޭ، ކަޔާންގެ ކައިވެނި އޮތީ ހަމަޖެހި ނިމިފައި...." 

ވަރުޖިނާގެ ކޮންމެ ލަފުޒެއް ތުނޑުތޫނު ކަށިތަކެއްހެން ލައިޝާގެ ހިތަށް ހެރުނެވެ. ރަޖާގައި ހިފާ ދަމައިގަނެ މޫނާއި ހަމައިގާ ރަޖާ އޮތްއިރު ކިރިޔާ ލޯ ފެންނަކަމެވެ. އެބޮޑު ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން ހިތްވަރުކުރިއެވެ. އޭނަ އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ. ނަމަވެސް ހީވީ ނުފެންނަ އަތަކުން ދުލުގައި ހިފެހެއްޓިހެނެވެ. އެހެންނޫނަސް ކަޔާންގެ މަންމަގެ ގަދަރު ކުޑަވާފަދަ ގޮތަކަށް އެއްޗެކޭ ބުނެ ޒުވާބުކުރާކަށް ލައިޝާ ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ އަވަހަށް މިތަނުން ދުވެ ފިލުމަށެވެ. މި އާއިލާ މީހުން ވެގެން އޭނަގެ އުފާވެރިކަން މިހާ އަވަހަށް ނިގުޅައިގަންނަން އުޅެދާނެ ކަމަކަށް ހިތަކަށް ނާރައެވެ. މިހާ އަވަހަށް ބޭޒާރުވެދާނެ ކަމަކަށްވެސް ހިތަކަށް ނާރައެވެ. ލައިޝާ އަށް ހިރިލާކަށްވެސް ނުކެރުނެވެ. 

"ލައިޝާ، އަހަރެން މި ވާހަކަ ދެއްކިކަން ކަޔާންއަށް އެނގިގެން ނުވާނެ......" ވަރުޖިނާ އެއް އިނގިލި ދިއްކޮށްލާފައި އިންޒާރެއް ދިންއިރު އެ އަތުގެ އިނގިލިން އަލި އަރައިގެން ދިޔަހެން ހީވިއެވެ. އެހާވެސް އަތުގެ ކަށި އިގިނލީގައި އޮތް އަގޮޓީގެ ވިދުން ގަދައެވެ. 

މައިދައިތައިން އާއްމުކޮށް ޖިސްމާނީ ގޮތުން އަނިޔާއެއް ނުކުރާނެއެވެ. ނަމަވެސް އެމީހުންގެ ވިހަ ދުލުން ޒަޚަމްކޮށްލާއިރު ހިތަށް މާ ވޭން ލިބޭނެއެވެ. ވަރުޖިނާވެސް ތަފާތެއް ނެތެވެ. އަދި ޅީ ދަރިއަކަށްވެގެން ލައިޝާ އެގެއަށް ދިޔަނަމަ ކޮށްލާނެ ވަރެއް އެނގެނީއެއް ނޫނެވެ.

ވަރުޖިނާ އެތަނުން ނުކުތުމާއިއެކު ބިރުގެންފައިވާ ކުޑަ ފުއްލާއެއްފަދައިން ލައިޝާ ދުއްވައިގަތީ ފާޚާނާއާއި ދިމާލަށެވެ. އެތެރެއަށް ވަންގޮތަށް ރޮމުން ދޮރު ކާރިއަށް ތިރިވެވުނީ ހިތަށް ކެތް ނުވެގެންނެވެ. އޭނައަކީ އެހާ ފިނޑިކުއްޖެއް ނޫނެވެ. ލޮލުން ކަރުނަ އަންނަނީ އެކަނި ކަޔާންގެ ހައްގުގައެވެ. އެ ލޯތްބަށްޓަކައެވެ. އެހާވަރަށް ހިތުގައި ޖެހި ރޮވުނީ އެހެންވީމައެވެ. ކަކުލުގައި މޫނު ޖައްސާލައިގެން އޮވެ ރޮއި ގިސްލަމުން ދަނިކޮށް ކަޔާން މަޑުމަޑުން ޓަކިދީފައި ދޮރު ހުޅުވަން އެދުނެވެ. ކަޔާންގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ލައިޝާގެ ރުއިމުގެ އަޑު މެދު ކެނޑެން ސިކުންތުކޮޅެއްވެސް ނުނަގައެވެ. ލައިޝާ އަވަހަށް ކަރުނަތައް ފޮހެލާފައި އުޅެގަތީ މޫނު ދޮންނާށެވެ. ކަޔާންއަށް ކަރުނަތައް ފެނިއްޖެއްޔާ ސުވާލުކުރާނެއެވެ. އޭނަ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ އެ ނުފޫޒުގަދަ މަންމަ އޭނައަށް އިންޒާރު ދިންވާހަކަ ބުނަންވީހެއްޔެވެ؟ އޭރުން ވެދާނެގޮތެއް ލަފާކޮށްލާކަށް ލައިޝާއަކަށް ނޭގުނެވެ. ކަންތައް ފޮރުވަން ބޭނުންވީ އެހެންވީމައެވެ.

"ބޭބީ އާރ ޔޫ އޯލްރައިޓް، މާލަހުން ދޮރުހުޅުވަންޏާ އަހަންނަކަށް ކެތެއްނުވާނެ އިނގޭ....." ކަޔާން ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ.
"ވަން މިނިޓް، އަތުގައި ހުރި ސައިބޯނި ފިލުވައިލަނީއޭ ހަނީ..." ލައިޝާ އަޑު އެއްވަރަކަށް ހިފެހެއްޓިއެވެ.
ލައިޝާ އަކީ ހިތްވަރުގަދަ އަންހެންކުއްޖެކެވެ. ބައެއްފަހަރު ހިތުގެ ޝުއޫރުތައް ފޮރުވުމުގައި ކާމިޔާބުކުރުމަކީ އޭނައަށް އެހާ އުދަގޫކަމެއް ނޫނެވެ. ރޮއިރޮއިފާވެސް އޭނަ ކަރުނަތައް ދިރުވާލުމުގައި ކާމިޔާބު ކޮށްލައިފިއެވެ. މޫނު ދޮވެލުމުން ފެނުނީ ތާޒާކޮށެވެ. ދޮރު ހުޅުވާލިއިރު ލައިޝާ ހުރީ ހެވިފައެވެ. ރޮއިފަހުރިކަމުގެ އެއްވެސް ނިޝާނެއް މޫނުމަތީގައި ނެތެވެ. 

ލައިޝާ ގެވެހި އަންހެންކުއްޖަކަށް ވީތީ ޒުލްމާއަށް ނިކަން ފަސޭހައެވެ. ތަންކޮޅެއް ކުރިން ލައިޝާ ކަންނެތްކަމުން ސައިތަށްޓެއް ހަދާލަންވެސް ބުރަވާނެއެވެ. މިހާރު އަތްމަތި އަވަސްކަމުން ޒުލްމާއަކަށް ދޫނުކުރެއެވެ. ޒުލްމާއަށް ސައި ހަދާ މޭޒުމަތި ތައްޔާރުކުރާނީވެސް ލައިޝާއެވެ. ލައިޝާ ގޭގައި ހުރިއްޔާ ޒުލްމާއާއި ކީވާ ބަދިގެއަށް ވަންނާކަށް ނުޖައްސައެވެ. ފަތިހު ތެދުވާގޮތަށް މެންދުރަށް ކައްކާފައި ގޭތެރެ ސާފުކޮށް މޮޕްކޮށްލާ މީރުވަސް ދުއްވާލާފައި ނޫނީ ލައިޝާ އޮފީހަކަށް ނުދާނެއެވެ. ލައިޝާފަދަ އަންހެންކުއްޖަކު ކޮންމެ މައިދައިތައަކުވެސް ބޭނުންވާނެ ކަމަށް ޒުލްމާ ޔަގީންކުރިއެވެ. ޒުލްމާގެ އުއްމީދަކީ ކިޔަވައިގެން ހުރި ރަގަޅު ހަޔާތުގެ ބައިވެރިޔަކު ލައިޝާއަށް މިންވަރުކުރެއްވުމެވެ.

ހެނދުނު ހޭލި ގޮތަށް ލައިޝާ އެނދުން ތެދުވާހިތް ނުވެފައި ބެއާ އާއި ބައްދާލައިގެން އޮތްއިރު ހީވަނީ ރޭ ވަރަކަށް ރޮއިފަ އޮތްހެނެވެ. ކީވާވެސް އޮތީ ޑައިލިސިސް އަށް ދާން ޖެހޭ ދުވަސް ކަމަށްވާތީ މޫޑު ޚަރާބުވެފައެވެ. 

"ލައި، އޮފީސް ބަންދު ދުވަހަކީތަ؟ " ކީވާ ބާލީސް އެއްފަރާތަށް ޖައްސާލާފައި އެނދުން ފޭބިއެވެ. ފިނިގަދަކަމުން ތަށިމުށީގައި ފައި ޖައްސާލާފައި ހީކަރުވާގޮތްވިއެވެ.

ލައިޝާ އާއެކޭ ބުނެލާފައި ކީވާގެ މޫނަށް ބަލާލުމާއިއެކު އަމިއްލަ ހާލަތު ހަނދާން ނެތިއްޖެއެވެ. ކީވާ މިފަހަކަށް އައިސް ޝަކުވާ މަދުވިޔަސް އެކުއްޖާ ދެރަވާނެވަރާއި އަޅާނެ ވޭން އިހުސާސްކުރެވުނެވެ. ދުނިޔެމަތީގައި ހިތާމަކުރަން ޖެހޭ އެކަނި އިންސާނަކީ އޭނައެއް ނޫނެވެ. ކޮންމެ އިންސާނެއްގެވެސް މައްސަލަތަކެއް ހުންނާނެއެވެ. ހިތާމަތަކާއި ޚިޔާލުތައް ހުންނާނެއެވެ. ލައިޝާ ކީވާގެ ގާތުން އެކި ވާހަކަތައް އަހަމުންގޮސް ވިޝާންގެ ޚަބަރުވެސް އަހާލިއެވެ. އެނަން އިވުމުން ކީވާގެ މޫނުމަތި ކުޑަކޮށް އުޖާލާވިއެވެ. ކީވާ ރީތިވާ މޭޒުކާރީގައި އިށީދެ އިސްތަށިގަނޑުގައި ވާ ވޫލްކޮޅު ނައްޓާލައިފިއެވެ.

"ވިޝާން ނިއު ޔިއަރ ނައިޓްގައި ގުޅައިގެން ވަރަށް ވާހަކަދެއްކި، ޑޭޓަކަށް ދާން ކިޔާވަރުން ހިތަށް އަރާ ދާނީއޭ، އަބަދު މިހެން އިންނަން ޖެހޭތީ ދެރަވޭ، ކޮލެޖްކުދިން ބޯއިފްރެންޑުންނާއި އެކު އުޅޭތަން ފެނުނީމަ އަހަރެންވެސް ބޭނުންވޭ، އަހަރެންވެސް ބޭނުންވޭ ކެއަރ ކުރާނެ މީހެއް، ސްޕެޝަލް މީހެއް......" ކީވާ ގެ މޫނަށް ފައިބައިގަތް އިސްތަށިގަނޑުން ބުޅި އިސްތަށިކޮޅެއް އަތުގެ އިނގިއްޔަކަށް އޮޅާލަމުން ހުވަފެނީ ގޮތަކަށް ބުނެލިއެވެ.

"ކިވީ ހަމަ ބޭނުމީ ވިޝާންތަ؟ އައިދަން ކިހިނެއްވާނެ...." ލައިޝާއަށް ކެތްނުކުރެވިގެން އަހާލެވުނެވެ.
"ނޫން......" ކީވާ އަވަސްއަވަހަށް ބުނެލިއެވެ.
"އެއީ ކީއްވެތަ؟ ވިޝާންއަށް ވުރެ އައިދަން ހާސްބައި ރަގަޅު...." ލައިޝާ ވިސްނާދޭން މަސައްކަތްކުރިއެވެ.
"ލައި އަކަށް އަންޑަސްޓޭންޑެއް ނުވާނެ، ސަލްމާދައްތަ ދުވަހަކު އަހަރެމެން ގުޅެން ގަބޫލެއްނުވާނެ، އައިދަން އޭނަގެ މަންމަދެކެ ބިރުގަނޭ، އެހެންވީމަ އަހަރެން އެކަހަލަ ޚިޔާލެއް ކޮށްލާކަށްވެސް ބޭނުމެއްނޫން، އަހަންނާއި ވިޝާންވެސް ނުގުޅޭކަން އެނގޭ، މީހުން މަލާމާތްކުރާނެކަން އެނގޭ، ހީވާނީ އިރުކޭތަ ހިފާފައިހެން....." ކީވާގެ އަބަދުގެ ޝަކުވާއަކީ އެއީއެވެ. އޭނަ ލައިޝާ ފަދައިން ދޮން ނުވީމައެވެ. 

"ކިވީ ލޯބިވާމީހަކާއި އެކު އުޅެންވީ، ދުނިޔޭގެ އެއްވެސްކަމެއް ފަސޭހައެއް ނުވާނެ، އަނދިރިކަމުގެ ތެރެއިން އަލިކަން ހޯދަން މަސައްކަތް ކުރީމަ ފެންނާނީދޯ......" ލައިޝާ ވިޝާންއަށް އިތުބާރެއް ނުކުރެއެވެ. ވިޝާންއާއި ރައަދު އެކީގައި ފެނުނު ފަހުން އެ އިތުބާރު އަލުން ހޯދުމަކީ ވިޝާންއަށް ދެން ފަސޭހަކަމަކަށް ނުވާނެއެވެ.

ދެމީހުން އެކި ވާހަކަތަކެއްގައި ތިބެފައި ކީވާ ގޮވައިގެން ލައިޝާ އެދުވަހު ޑައިލިސިސް ހަދާތަނަށް ދިޔައެވެ. ވިޝާންއާއި ދިމާވިއެވެ. ވިޝާން ލައިޝާއަށް ހިނިތުންވުމެއް ދީފައި އަނގައިން ބުނާކަށް ނޫޅެ ދިޔައީއެވެ. ވިޝާން އެހެރީ އޭނަދެކެ ރުޅިއައިސްފައިހެއްޔެވެ؟ އޭނައަކީ ގޯސްކުއްޖެއް ކަމަށް ނިންމައިގެން ކަން ނޭގެއެވެ. ހަގީގަތް އެނގޭނެނަމައެވެ. އޭނައަކީ ވިޝާންގެ ފަހަރިއެއްކަން އެނގޭނެ ނަމައެވެ.

ކެންޒީ ގެއަށް ގެނައި ދުވަހަކީ ކެންޒިއާގެ އެންމެނަށް ބުނަން ނޭގޭފަދަ އުފަލެއް ލިބުނު ދުވަހެކެވެ. ފުރޮޅުލީ ގޮނޑިއެއްގައި ނުކުޅެދޭ ޒުވާނެއްގެ ގޮތުގައި އިންނަމަވެސް އެންމެން ކެންޒީދެކެ ލޯބިވާ ވަރު އެ އުފާވެރި ހިނިތުންވުންތަކުން އެކަނިވެސް ރަމްޒުކޮށްދެއެވެ. ތިރީބައިގެ ކޮޓަރިއެއް ކެންޒީއަށްޓަކައި ވަރަށް ރީތިކޮށް ހަދާފައިވެއެވެ. އެންމެން ކެންޒީވަށާލައިގެން ތިއްބާ ކަޔާންގެ ދަރިފުޅު ޖުއާން ގޮވައިގެން އެތަނަށް އައީ ޒިއާމްއެވެ. ކަޔާންގެ ދަރިއެއް ހުންނަ ވާހަކަ މަންމަމެން ބުންޏަސް އަދި މިފެނުނީ އަލަށެވެ.

"ޑެޑީ....." ޖުއާން އެނދުކާރީގައި ބެހެއްޓުމުން ކެންޒީގެ މޫނުގައި އެ ކުޑައަތުން ފިރުމައިލިއެވެ. ޖުއާން ހައިރާންވީ ކަޔާން ގާތުގައި ހުއްޓުނީމައެވެ.

"ޓޫ ޑެޑީސް..." ޖުއާން ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ކިޔާލިއެވެ. ކަޔާން ސަމާސާއަކަށް ހަދާލާފައި ކެންޒީއަކީ ޑެޑީކަމަށާއި އޭނައަކީ އަންކަލްކަމަށް ބުނެފައި ޖުއާން އުފުލާލިގޮތަށް ކެންޒީގެ އުނގުގައި ޖުއާން ބޭންދިއެވެ. ޖުއާން ކެންޒީގެ މޫނުގައި ބޮސްދިނެވެ. އެތައް ފަހަރަކުއެވެ. އެ މަންޒަރުބަލަން އެންމެން ތިބީ މަޖާވެފައެވެ. ޖުއާން ތުއްތުކަމުން ކަޔާންއާއި ކެންޒީ ވަކިކުރާކަށް ނޭގުނީއެވެ. ކެންޒީގެ ހަށިގަނޑު ކިތަންމެ ނިކަމެތިކޮށް ދެއްކިޔަސް މޫނުމަތި އެއްވެސް ތަފާތެއްނެތެވެ. ހީވަނީ އެކަކު ފެންނަހެންނެވެ.

ކަޔާން ކެންޒީ ގާތުގައި ޖުއާންގެ މަންމައަކީ އަފްރީންކަމަށް ބުނެލުމުން ކޮންމެވެސް އެއްޗެއް ވިސްނާލިހެން ހީވިއެވެ. ނޫނީ ކެންޒީ އަފްރީންގެ މަތިން ހަނދާނެއް ނުވީހެއްޔެވެ؟ ކަޔާން އޭނަގެ ކޮއްކޮގެ މޫނަށް ބަލަން އިނީ ވިސްނުންތެރި ކަމާއި އެކުގައެވެ. އަފްރީން މިދުވަސްކޮޅު ނެތީމަ ގޭތެރެ އޮންނަނީ ފަޅުވެފައެވެ. ބައެއްފަހަރު އަރައިރުންވެ އުދަގޫކުރާނެ މީހަކު ހުރުމުން ފޫހިފިލާކަން ނޭގެއެވެ. އަފްރީންއަކީ ވަރެއްގެ އަންހެންކުއްޖެކެވެ. މިދުވަސްކޮޅުވީ ބާޒާރުކޮށްލަން ޕެރިހުގައެވެ. އެކަނިމާ އެކަނި ދަތުރުކުރުމަކީ އަފްރީންއަށް މާ ބޮޑުކަމެއް ނޫނެވެ. އެހާ މިނިވަންކޮށް އުޅެން އޭނަ ދޫކޮށްލާފައިވާތީ ކަޔާން ބައެއްފަހަރު ހައިރާންވެއެވެ.

ކަޔާންގެ ވަރުގަދަ ފަން އިސްތަށިގަނޑު ނިކަން ތުނިކޮށް ކޮށާލާފައި އޮތްތަން ފެނިފައި ލައިޝާއަށް ހީވީ އެހެން މީހަކު ފެނުނު ހެންނެވެ. އެ އާ ސްޓައިލް ވަރަށް ހިތްގައިމެވެ. ވަކިން ފިރިހެންވަންތަ ކަމަށް ދެއްކިއެވެ. ލައިޝާ ސުވާލު ކޮށްލީ އެހާވަރަށް ތުނިކޮށްލި ސަބަބަކާއި މެދުގައެވެ. ކަޔާން ބުނީ އެހެން ހެދީ ޖުއާންއަށް "ޓްވިންސް" އިން ނަކީ ކޮން ބަޔެއްކަން ދަސްކޮށްދޭން ކަމުގައެވެ. ޖުއާންގެ ބައްޕައާއި ބޮޑުބޭބެ ވައްތަރު ކަމުން ޖުއާން ހުރީ މަޖާވެފައި ކަމަށާއި މިހާރު ކަޔާންއަށް އަންކަލް ކިޔަން ފަށައިފި ކަމަށް ކަޔާން ބުނެލިއެވެ. އެގޮތަށް ހެދީމަ އަފްރީން ރުޅިއަންނާނެވަރު ކަޔާންއަށް ރަގަޅަށް އެނގެއެވެ. ކެންޒީގެ ބޮލުގައި ދަރިފުޅު އަޅުވާފައި ކަޔާން އެއްފަރާތްވާން އުޅެނީއޭވެސް އެ އަންހެންކުއްޖާ ބުނެފާނެއެވެ.

ނިދާކޮޓަރީގައި ހުރި އުއްބައްތީގެ ސަބަބުން މަޑު އޮރެންޖްކުލައެއް އެތަނަށް ވެރިވެފައިވެއެވެ. ވިރެމުންދާ އުއްބައްތީގެ ވަހުން މަރުވަމުންދާ ފުރާނައަކަށްވެސް ދިރުން ލިބޭހާވިއެވެ. ކަޔާން ފާޚާނާއިން ނުކުމެގެން އައިއިރު އެރީތި ހަށިގަނޑަށް އުއްބައްތީގެ އަލި އެޅިފައިވާއިރު ރީތިކަމުން ލައިޝާއަށް ބަލަން އޮވެވުނެވެ. ލައިޝާގެ މޫނުމަތިން މިރޭ ފެންނަނީ ކަމަކާއި ވިސްނާފަދަ ކުލަވަރެކެވެ. 

"މިރޭ ވަރުބަލިވެފައިތަ؟ " ކަޔާން ކުއިލްޓްގެ ތެރެއިން ބޭރަށް ފެންނަން އޮތް ލައިޝާގެ ދޮން ދެފައިގާ ހިފަހައްޓާލާފައި ފައިތިލައިގާ އެފިނި ތުންފަތް ޖައްސާލައިފިއެވެ. ލައިޝާ ހީލިކަރުވާ ގޮތްވިއެވެ. ކުޑަކޮށް ހީގަނެފައި ފައި ދަމައިގަންނަން އުޅުނެވެ. ކަޔާންގެ އެ ސަމާސާތަކުން ހީހީ އުޅެފައި ލައިޝާ ކުރި ސުވާލަކުން ކަޔާންގެ ތަބީއަތު މުޅީން ޚަރާބުވިއެވެ. މިފަދަ ވަގުތެއްގައި އަފްރީންގެ ނަން ގަނެގެން ވާނެކަމަކަށް ކަޔާން ނުދެކެއެވެ. އެހެންނޫނަސް އަފްރީންއާއިއެކު އޭނަ އުޅުނު ގޮތާއިމެދު ސުވާލުކުރީމަ ކަޔާން އައިރުޅީގައި އެ މޫނު ރަތްވެގެން ދިޔަހެން ހީވިއެވެ. ވަގުތުން ބުމަގޮށްޖަހާލާފައި ތެދުވުނުގޮތުން ލައިޝާ ކަންބޮޑުވިއެވެ. އަފްރީން ދެކެ ކަޔާން އެހާ ރުޅިއަންނަންވީ ސަބަބަކީ ކޮބާހެއްޔެވެ؟ އެ ނަފްރަތުގެ އަސްލަކީ ކޮބާހެއްޔެވެ؟ ލައިޝާގާތު އެ ވާހަކަ ނުބުނެވެންވީ ކީއްވެހެއްޔެވެ؟ އެ ވާހަކަ ދެއްކުމުން ރުޅިއަންނަންޖެހޭ ބާވައެވެ. ހައްތަހާވެސް ސުވާލުތަކެވެ.

"ސޮރީ ހަނީ، އައިމް ސޮރީ، އަހަރެން އެހެން ބުނީ ކެން ރުޅި އަންނާނެ ކަމަކަށް ނޫން، އަބަދު ހިތަށް އެހެން އަރާވަރުން...." ލައިޝާގެ ދެލޮލުން އެވަގުތު ފެނުނު މޮޅިވެރިކަމަކުން ކަޔާންގެ ހިތަށް އަސަރުކުރިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ކަޔާންގެ ހިތް އެވަގުތު އެދުނީ ހުރިހާ ވާހަކައެއް އޭނަގެ ލޯބިވާ ހަޔާތުގެ ބައިވެރިޔާއާއި ހިއްސާކުރުމަށެވެ. އޭނަ އަފްރީންދެކެ އެހާ ނަފްރަތުކުރާ ސަބަބު އެންގުމަށެވެ. ނަމަވެސް އެ ސިއްރަކީ އޭނައަށް ޚާއްސަވެފައިވާ ސިއްރެއް އެކަނި ނޫންކަން ހިތަށް އަރާފައި ކަޔާން ހިމޭންވިއެވެ. އޭނަ ޖިންސްލުމަށްފަހު ޓީޝާޓް ބޮލުން ވައްޓާލައިފިއެވެ. ލައިޝާވެސް އެއްޗެކޭ ނުބުނެ ފާޚާނާއަށްވަދެ މޫނު ދޮވެލާ ހަދަން ހުރިއިރު އެތައް އެއްޗެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. ކަޔާން އޭނަގެ ފިރިމީހާއަށް ވިޔަސް ކޮންމެވެސް ކަމެއް އޭނައަށް ފޮރުވާކަން އެނގެއެވެ. އެއީ ކޮންކަމެއްކަން ދެނެގަންނަ ހިތުން ކެތްމަދުވާވަރުވިއެވެ. ނަމަވެސް ކަޔާންއާއި ޝަކުވާ ކުރެވޭނެ ހެއްޔެވެ؟ އޭނަ އަމިއްލައަށްވެސް ވަނީ ކަޔާންއަށް ކަންތަކެއް ފޮރުވާފައެވެ.

ލައިޝާ ކިތަންމެ ވަރަކަށް ހިތަށް ވިސްނައިދޭން މަސައްކަތްކުރިޔަސް މިރޭ ރުއިން ހުއްޓައެއް ނުލެވުނެވެ. އަފްރީންދެކެ ހިތުގައިވާ ހަސަދައިގެ އަލިފާންކޮޅު ބޮޑުވަމުން އައިސް މޭޒުމަތީގައި ހުރި އުއްބައްތި ފަދައިން އަނދަންފެށިއެވެ. އެހެންނޫނަސް ވަރުޖިނާގެ ނުފޫޒުގަދަކަން ހިތަށް އަރާފަޔާއި އޭނަ ދެއްކި ވާހަކަތައް ހަނދާންވެފައި ލައިޝާއަށް ރޮވުނީއެވެ. ފާޚާނާއިން ނުކުތްއިރު ކަޔާން އިނީ ސޯފާގައި އިށީދެލައިގެން ފޯނާއި ކުޅޭށެވެ. ލައިޝާ އެދިމާލަށް ބަލާވެސް ނުލައި ގޮސް ބޭރަށް ނުކުމް ފްރިޖް ހުޅުވާލައިގެން ނެގި ގަނޑުފެނުން ދުޅަވެފައިވާ ދެލޯ ބޮނޑިތާން ކުރަންފެށިއެވެ.

"ލައިޝް ތިގޮތަށް ނުރޮއިބަލަ...." ކަޔާން ދޮރުމައްޗަށް ނުކުމެފައި ބުނެލިއެވެ. ދެރަވެފައިއިން ވަގުތެއްގައި މީހަކު ހަމްދަރުދީގެ އެންމެ ލަފުޒެއް ބުނެލިޔަސް ފަޅަފަޅައިގެން ދާނެއެވެ. ލައިޝާއަށް ވީ އެވަރެވެ. ކަރުނަތައް ކޮންޓްރޯލް ކުރެވުނު ތަނާހެން ކަޔާން އެބުނި އެއްޗަކުން އަދި ބާރަށް ރޮމުން ސޯފާގައި މޫނު ޖެހިއެވެ. ކުދި ކުޝަންއެއްގައި މޫނު ފޮރުވާލިތަނާހެން ކަޔާން ފަހަތުން އައިސް ލައިޝާގެ ބަނޑުދަށަށް އަތްލައްވާފައި ނެގިއެވެ. ކަޔާން ލައިޝާ އުނގުގައި ބޭންދުމުން ކަޔާންގެ ޓީޝާޓުގައި މޫނު ޖެއްސިގޮތަށް އިރުކޮޅެއްވާންދެން ރުޔެވެ. 

"އައި ހޭޓް އަފްރީން...." ލައިޝާ ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ.
"އަހަންނަށް ނޭގޭ ލައިޝް އަމިއްލައަކަށް އެހެން އަންހެންކުދިންގެ ވާހަކަދައްކަ ދައްކާފައި ތިގޮތަށް ރޯންވީ ސަބަބެއް، އަހަންނަކީ ލައިޝްގެ މީހެއް، އަހަރެންގެ ހިތަކީ ލައިޝްގެ، އެހެން މީހެއް މިދޭތެރެއަށް ވައްދަންވީ ކީއްވެތަ؟ ހިތަށް އަރާއިރަށް ތިގޮތަށް ރޯންޖެހޭތަ؟ ކުރީ ޒަމާނެއްގައި ހިނގާފައިވާކަމެއްގެ ވާހަކަ ދެއްކުމުގެ މާނައެއްނެތޭ ލައިޝް، އަހަންނަށް ޓްރަސްޓްކޮށްބަލަ، އަހަރެން ހަމަހޭގައި ހުރެގެން ލައިޝް ނޫން އެއްވެސް އަންހެންކުއްޖެއްގެ ގައިގާ އަތްލާފައެއް ނުވާނެ، ގޯހެއް ހިނގިނަމަ އަހަރެން ހަމަ ހޭގައި ހުރެގެން ނޫން އެކަމެއް ކުރީ، ނޫނީ ހުވަފެނުގައި، އަހަރެން ހުވާކޮށްފައި މި ބުނީ، ލައިޝްގެ ފަރާތުން ނޫނީ އަހަރެން މިވީހާތަނަށް ދުވަހަކު އެއްވެސް އުފަލެއް އަރާމެއް ހޯދާފައެއް ނުވާނެ........." ކަޔާން ޔަގީންކަން ދިނެވެ. ލައިޝާ ބޭނުންވީ ކަޔާންގެ ވާހަކަތައް ގަބޫލުކުރާށެވެ. ލައިޝާ ކަޔާންގެ ރީތި ދެލޮލަށް ބަލަން އިނެވެ. އެ ރީތި ދެލޮލުގެ އެންމެ ފުނަށް ފީނިޔަސް ލައިޝާއަށް ތެދުވެރިކަން ނޫން އެހެން އެއްޗެއް ނުފެނުނެވެ.

"އަފްރީން ބުނި ކެން އާއި ދެމީހުން އެތައްފަހަރު އެކީގައި ސްލީޕްކުރީމޭ، އަދި ލަވް ނޯޓްސްތަކާއި އެއްޗެހި އެކްސްޗޭންޖްކުރި ވާހަކަ....." ލައިޝާ ކަޔާން ލައްވާ ތެދުބުނުވަން ބޭނުންވިއެވެ.
"އެހެން ބުނީމަ ބޭބީ ޖެލަސްވީކަން އަހަންނަށް އެނގޭ......" ކަޔާން ރުޅިއަންނަން އުޅުނަސް ލައިޝާގެ މޫނަށް ބަލައިލުމުން ރުޅިފިނިވިއެވެ. ހޭން ފެށިއެވެ.
"އާނ، އަހަރެން ބޭނުމެއްނުވޭ އެހެން އަންހެންކުއްޖަކު މަގޭ ކަޔާންއަށް ބަލައިލަންވެސް، އެހެންވެ ދެރަވީ، އޭނަ ހީކުރަނީ ތިއީ އޭނަގެ ހައްގެއްކަމަށް، އެއީ އިންސާފެއް ނޫން، އަދި ތެދެއްވެސް ނޫން......." ލައިޝާ ނޭފަތް ދަމާފައި ވާހަކަދެއްކިއެވެ. ލައިޝާ އެހުރިހާ ވާހަކައެއް ދައްކާއިރުވެސް އަފްރީން އަދި ވަރުޖިނާއަށްވެސް ކަޔާން ގެ މައްޗަށް ހައްގުތަކެއް އޮތްކަން ގަބޫލުކުރެވުނެވެ. އެއްޒަމާނެއްގައި އަފްރީންގެ މީހަކަށް ކަޔާންވިއެވެ. މާޒީ ބަދަލެއް ނުކުރެވޭނެއެވެ. ނުފޮހެވޭނެއެވެ. ހަޔާތުގައި "ޑިލީޓް" ފިތެއް އިންނަމަ މާޒީ ނިއުޅުވާލާފައި އޭނަ އެންމެ ކުރިންވެސް ފޮހެލާނީ އަފްރީންގެ ސަފުހާތަކެވެ. ނަމަވެސް އެއީ ވާނެކަމެއް ނޫނެވެ. މުސްތަހީލު ކަމެކެވެ. އެ ކަމާއިމެދު ވިސްނަން ހަދައިގެން ހިތަށް ލިވޭ ވޭން ހާދަ ބޮޑެވެ. ހިތަށް ތަސައްލީއެއް ލިބޭނެގޮތެއްވެސް ނޭގެއެވެ. 

"ހަނީ، އަހަންނަށް އެންމެ ކަމެއްކޮށްދީބަލަ...." ލައިޝާ ކުއްލިއަކަށް އަހާލިއެވެ.
"އެންމެކަމެއް ނޫން، ލައިޝް ބޭނުންވާހާ ކަމެއް ކޮށްދޭން އަހަރެން މިހިރީ......." ކަޔާން ހީލިއެވެ.
"އެހެން އަންހެންކުއްޖަކާއި ދުވަހަކު ގުޅުމެއް ނުބާއްވަން ޕްރޮމިސްކޮށްދޭންވީ، ޕްލީޒް....." ލައިޝާ ކަޔާންގެ އަތްތިލައިގާ ހިފާލިއެވެ. ކަޔާން ހަނދާންކޮށްދިނީ ކައިވެނިކުރި ރޭ ސަފާރީގައި ތަރިތަކުގެ ދުނިޔޭގައި ދެމީހުން ކުރި ވައުދުތަކެވެ. ދުވަހަކު ވަކިނުވާން ކުރި އަހުދުތަކެވެ. އެ ވައުދު މަތީގައި މަރުވާންދެން ހުންނާނެކަމަށް އޭނަވަނީ ބުނެފައެވެ.
"އެހެނެއްނޫން، މާތް ﷲ ގަންދީ ހުވާކޮށްދީބަލަ، އަހަރެން ދޫކޮށްލާފައި ދުވަހަކު ނުދާނަމޭ ބުނެބަލަ، އަހަރެން ވަރަށް ބިރުގަނޭ، އަހަންނަކަށް ނޭގޭ، ހަމަ ހިތަށް އަރަނީ ކަޔާން ގެއްލިދާނެއޭ، ކޮންމެވެސް ބަޔަކު މަކަރެއް ހަދާފާނެހެން، އަހަރެމެން ކިތަންމެ ސިއްރުން އުޅުނަސް މިގުޅުން ބޭޒާރުވެއްޖެއްޔާ ކިތަންމެ މީހުން އަހަރެމެން ދުރުކުރުވަން މަސައްކަތް ކުރާނެކަން ޔަގީން........" ލައިޝާ އިނީ ނުތަނަވަސްވެފައެވެ. ކަޔާން ބުނީ ލައިޝާ އޭނައަށް އިތުބާރު ނުކުރަނީ ކަމުގައެވެ. އެހެން ކިޔާފައިވެސް ލައިޝާ ހިތްހަމަޖައްސައިދޭން ކަޔާން އެގޮތަށް ވައުދުވިއެވެ.

ކަޔާންއާއި ލައިޝާ އާއިލާއަށް ސިއްރުން ކުރި ކައިވެންޏަށްފަހު ކޮންމެ ދުވަހަކު ބައްދަލުކޮށް ހަދާއިރު އެދެމީހުން އުޅޭގޮތަކުން އެންމެން ހީކުރަނީ ދެލޯބިވެރިން ކަމަށެވެ. އޮފީހުގައިވެސް ލައިޝާ ހީވަނީ ކަޔާންގެ ހިޔަނިހެންނެވެ. އެހާގާތްކޮށް އެދެމީހުން އުޅޭތީ ޒިއާމްވެސް ހުންނަނީ ބޮލަށް އުދަގޫވެފައެވެ. ލައިޝާ ޕީއޭކަމުން ވަކިކުރަން ޒިއާމް ވިސްނަން ފެށިއެވެ. ނަމަވެސް ލައިޝާގެ މަސައްކަތް ފުރިހަމަކަމާއި ވަގުތަށް ހުރުމަތްތެރިކޮށް ހިތާތީ ދައްކާކަށް އުޒުރެއްވެސް ނެތެވެ. ކުދި ކުށަކާއިހުރެ ވަކިކޮށްފިއްޔާ ކަޔާން ރުޅިގަދަވެގެން ކޮށްފާނެކަމެއް އެނގެނީއެއް ނޫނެވެ. ކޮއްކޮ ކުރާ ވިޔާނުދާކަންތައް ހުއްޓުވަން ޒިއާމްއަށް ކުރެވޭނެމާ ބޮޑުކަމެއް ނެތެވެ. އޭރު ވަރުޖިނާއާއި އާއިލާއިންވެސް ރާވަމުންދިޔައީ އަފްރީން ޕެރިހުން އައުމާއިއެކު ކަޔާންއާއި ދެކުދިންގެ ކައިވެނި ހަމަޖެއްސުމަށެވެ. އަޒީޒުއްދީން ގާތުގައި ވަރުޖިނާ އެދިފައިވަނީ އޮޅުވާލައިގެން ނަމަވެސް އެކަން ކުރުވުމުގައި އެހީތެރިވުމަށެވެ. އެންގޭޖްމެންޓް ފަދައިންނެވެ. އެންމެންގެ ތެރޭގައި ކައިވެނި އިއުލާންކޮށްފިއްޔާ ބައްޕަގެ ގަދަރަށްޓަކައިވެސް ކަޔާން ހިމޭނުން ހުންނާނެކަން ވަރުޖިނާއަށް ޔަގީނެވެ. ވަރުޖިނާގެ މޮޔަކަމުން ލައިޝާފަދަ ނިކަމެތި އަންހެންކުއްޖަކަށް ގެއިން މަގާމެއް ނުދެވުނީ ހަމަކިރިޔާއެވެ. ކޮއްކޮމެން ބުނާހެން ލައިޝާކޮށްދޭ ޚިދުމަތްތައް ގެންގުޅޭ އަންހެންކުއްޖަކުވެސް ކޮށްދީފާނެއެވެ. އެހެނޭ ކިޔާފައި ކަޔާންފަދަ ހުރިހާގޮތަކުން ފުރިހަމަ ޒުވާނަކާއި އެ އަންހެންކުއްޖާ އެކަށީގެންވާނީ ކޮންގޮތަކުން ހެއްޔެވެ؟ އެންމެންގެ މަލާމާތް އާއިލާއަށް ރައްދުވާނެއެވެ.

ކީވާ ބަލާ ކޮލެޖަށް ވިޝާން އައީ ކާރުގައެވެ. ވިޝާން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން އިންއިރު އެހެން ދިޔަހާ އަންހެންކުދިންގެ ނަޒަރު ވިޝާންއަށް ހުއްޓިފައިވިއެވެ. ވިޝާން ދެނެހުރި ކަމަކަށް ހަދާނުލައި ފޯނާއި ކުޅެން އިންދާ ކީވާ އައުމުން ހިނިތުންވެލިއެވެ. އެހެންކުދިން މާޔޫސްވިއެވެ. ކީވާގެ ނަސީބާއިމެދު ހުރިހާ އަންހެންކުދިން ހަސަދަވެރިވާނެކަން ޔަގީނެވެ. ކީވާގެ ހިތަށް ކުޑަ ކުޑަ ފިނިކަމެއް ލިބުނެވެ. ވިޝާން ބޮޑު ގެއެއްގެ ކައިރިއަށް ކާރު މަޑުކޮށްލުމުން ކީވާ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. އަފްރީން ހުރީ ފްރާންސްގައެވެ. މަންމަވެސް ވީ ރިޒޯޓެއްގައެވެ. އެއިން އެއްވެސް ވާހަކައެއް ނުބުނެ ވިޝާން އެގެއަށް ކީވާ ވެއްދީ މަންމަ މެންނާއި ބައްދަލުކުރުމުގެ ނަމުގައެވެ. ކީވާ އެގެއަށްވަނީ ވިޝާން ރުޅިއައިސްދާނެތީ އެކަމާއި ބިރުންނެވެ. ވިޝާން ރުއްސަން ކީވާ ބޭނުންވިއެވެ. އެހެންނޫންނަމަ އޭނަދެކެ މިގޮތަށް ލޯބިވާނީ ކާކުހެއްޔެވެ؟ ވިޝާން ނޫން އެއްވެސް މީހަކު ބަލިކުއްޖަކާއި ރައްޓެހިވާކަށް ބޭނުމެއް ނުވާނެއެވެ. 

"ތިހާ ލަދުން ނުހުރެ ކޮފީއެއް ބޯން ހިނގާ، މިއީ ކިވީގެ ވެސް ގެއޭ....." ވިޝާން ކީވާގެ އަތުގައި ހިފައިގެން އެތެރެއަށް ދާން އުޅެގަތެވެ.
މަންމަ ނާންނާނެތަ؟ " ކީވާ ސުވާލުކުރިއެވެ. އޭރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ އަގުބޮޑު ފަރުނީޗަރުތަކަށެވެ. ފާރުގައިވާ މޮޅު ކުރެހުންތަކަށެވެ. މައްޗަށް އަރައިގެންދާ ފުޅާ ސިޑީގެ ޑިޒައިންވެސް ހާދަ ނަލައެވެ. ޗާންދަލިޔާގެ ހުވަފެނީ އަލިތަކުން އެ ރަންކުލައިގެ ގެ ޝާހީ ގަނޑުވަރެއް ފަދަ ގެ އުޖާލާވެފައިވެއެވެ. ކީވާގެ ހަޔާތުގައި މިފަދަ ގެއަކަށް މިވަދެވުނީ އަލަށެވެ. އެހެންވެ ކޮންމެ އެއްޗަކަށް ހިތާހިތުން ތައުރީފުކުރެވުނެވެ.

"މަންމަ އަންނާނެ އިރުކޮޅަކުން، ރިލެކްސް ކިވީ، ނަތިން ވިލް ހެޕެން، މިއީ ޕްރިޒަން އެއް ނޫން، ޓޯޗަރ ޗެމްބަރ އެއްނޫން، އަހަރެމެންގެ ހެވަން......" ވިޝާން ކީވާގެ އޮމާން މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. މި އޮމާންކަމާއި ރީތިކަން އަދި މައުސޫމްކަން ވިޝާންގެ ހިތަށް އުދަގޫ ކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ ރީތި އަންހެންކުދިންތައް ހިތަކަށް ލިބިފައިވާއިރުވެސް އޭނަ ކީވާ ހާސިލުކުރަން ބޭނުންވާ ސަބަބެއް އޭނައަކަށްވެސް ނޭގެއެވެ. ކީވާ ވިޝާންގެ ފަހަތުންގޮސް ބަދިގެއަށް ވަނެވެ. ބަދިގޭގައިވެސް މާބްލްޖަހާފައި އޭސީކޮށްލާފައިވާއިރު ހާދަ ހިތްގައިމެވެ. ކައުންޓަރުތައް އެހާ ނަލައެވެ. ސާފުތާހިރުކަމުގެ ދެވަނައެއްނެތެވެ. މި ބަދިގެ ދުވަހަކު ބޭނުން ނުކުރާތަނެއް ފަދައެވެ.

"އަހަރެން ކޮފީ ހަދާދީފާނަން..." ކީވާ ވިޝާން އަތުން މަގާއި ސަމުސާ އަތުލިއެވެ.
"ވަރަށް ގެވެހި ކުއްޖަކަށްވާނެ ދޯ..." ވިޝާން ފަހަތުން އައިސް ކީވާގެ ދެފަރާތުން ކައުންޓަރު މަތީގައި އަތްއަޅުވާލުމުން ކީވާ ހާސްވެގެން މަރުވާވަރުވިއެވެ.
"އަހަރެންގެ އަތް، ޕްލީޒް ބީ ކެއަރފުލް..." ކީވާ އުދަގުލުން ބުނެލިއެވެ. އެވަގުތު ވިޝާންގެ ފޯނު ރިންގްވާން ފެށުމުން އޭނަ ފޯނު ހިފައިގެން ދުރަށް ދާން ހިނގައިގަތެވެ. މި ބޮޑު ގޭގައި އެކަނި އެންމެ ހިނދުކޮޅަކަށްވެސް ހުންނާން ނުކެރޭނެތީ ކީވާވެސް ހިނގައިގަތީ ވިޝާންގެ ފަހަތުންނެވެ. ވިޝާން އެ މީހަކާއި ވާހަކަދައްކަމުން ދިޔައީ ވަރަށް ގާތްގޮތަކަށެވެ.
"އަހަރެން މިހިރީ ޕޭޝަންޓަކާއި އެކީގައި، ނިމިގެން އަހަރެން ބަލާދާނަމޭ، ކެތްކޮށްބަލަ ލަވް، މަންމަމެންވެސް ރަށަކުނެތް، އަހަރެމެން ދެމީހުން ބޭނުން ގޮތަކަށް އުޅެލެވޭނެ، ލަވް ޔޫ ސްވީޓްހާޓް........." ވިޝާން ވާހަކަ ދެއްކިއިރު ކީވާ ހުރީ ފަހަތު ޖައްސާލާފައެވެ. ކުއްލިއަކަށް ކީވާ އެނބުރުނު ގޮތަކުން އެތާހުރި ޕޮޓެއްގައި ފައި ޖެހިފައި އޭނަ ވެއްޓެން ދިޔުމުން ހަޅޭއްލަވައިގަނެވިއްޖެއެވެ. ވިޝާން އެނބުރި ބަލާލާފައި ފޯނު ކަނޑާލައިފިއެވެ. އޭނަ ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ. ހީވީ ޖާސޫސްކުރަން ފަހަތުން އައީތީ ކީވާ ކުށްވެރިވިހެންނެވެ. 

ކޮމެންޓް 0