"ކީވާ މަޑުކޮށްބަލަ، އައިމް ސޮރީ....." ކީވާ ކަންބޮޑުވެފައި ހުރެ ދުއްވައިގަތުމުން އައިދަން ގޮވާލިއެވެ. ކީވާ ނުބައިގޮތަކަށް މާނަ ނުނަގައިފިއްޔާ ކިތަންމެހާވެސް ރަނގަޅޭ އައިދަންގެ ހިތަށް އެރިއެވެ. އައިދަން ކޮޓަރިއަށް ވަދެ ޓީޝާޓެއް ބޮލުން ވައްޓައިލުމަށްފަހު ދިގު ސޯޓެއް ލައިގެން ބޭރަށް ނިކުމެގެންގޮސް އަނެއްކާ އެކޮޓަރީގެ ދޮރުގައި ދެތިންފަހަރު ޓަކި ޖަހާލައިފިއެވެ.

ކީވާ ދޮރު ހުޅުވައިލީ އިރުކޮޅެއް ފަހުން ދޫ ހެދުމެއް ލައިގެން ސްކާފް އޮޅާލައިގެންނެވެ. ކިތަންމެ ވަރަކަށް ފޮރުވިޔަސް އައިދަންއަށް އެ ބުޅި އިސްތަށިގަނޑު ނުފެންނަކަމަކަށް ނުވާނެއެވެ. އެގޮތަށް ހުރެ އޭނައަށް ކީވާ ނުފެނުނުނަމަ ހާދަ ރަނގަޅޭ ހިތަށް އެރި ޢަދަދެއް ނޭގެއެވެ. ކީވާ ލަދުގަންނާނެވަރު އައިދަންއަށް ވިސްނުނީއެވެ. އޭނައަށް ކީވާގެ ލަދުރަކިކަން މާ ކުރީއްސުރެ އެނގިފައިވާތީ އެކުއްޖާ އިތުރަށް ލަދުނުގަންނަވާ ވޭތޯ ބަލައެވެ.

"ކީވާ، އަހަރެން އަސްލު ނުބަލަމޭ، އެހެންވީމަ އެކަންތައް ހަނދާން ނައްތާލާފައި އާދޭ ކޮފީ އެއް ބޯލަން........." އައިދަން ކުޑަކޮށް ހީލައިގެން ހުރިއިރު އެ އަޅި ދެލޮލުގެ ރީތިކަން ކީވާއަށް ފާހަގަކުރެވުނެވެ.

"ވާހަކަދައްކަ ބަލަ......ކޮންކަމަކާ ލަދުގަންނަންވީ؟ އެއީ މަލާއިކަތެއްނޫން، އިންސާނެއް، އާދައިގެ އިންސާނެއް، ކީވާ އޭނައާއި ވާހަކަދައްކަން ބޭނުންވެފައިވާތާ ކޮން ދުވަހެއް، މިއީ ކިހާ ރީތި ފުރުސަތެއް...." ކީވާ ހިތާހިތުން އަމިއްލަ ނަފުސަށް ހިތްވަރުދިނެވެ. ލައިޝާ އަބަދުވެސް ބުނެއެވެ. ޕޮޒިޓިވްކޮށް ވިސްނުމަކީ އިންސާނާއަށް ހިތްވަރު ލިބި ކުރިއަށް ދާން އެޅިފައިވާ ހުރަސްތައް ގިރާކުރާ ކަމެކެވެ. ކީވާ ތަންކޮޅެއް ފިނޑިވަނީއެވެ. އަމިއްލަ ނަފުސަށް އިތުބާރުކޮށްފައި މި ކުރު ޙަޔާތުން ލިބެން ހުރި ކޮންމެ އުފަލެއް ހާސިލުކުރަން ހުއްދަގޮތުގައި ކުރާ ކޮންމެ މަސައްކަތެއް ކުރަންވާނެއެވެ. ކީވާ ކުޑަކޮށް ހިނިތުންވެލާފައި ކުރިއަށް ފިޔަވަޅެއް އެޅިތަނާ އަނެއްކާވެސް މުޅި ހިސާބުން ކަރަންޓު ކެނޑި އަނިދިރިކަން ސަރަހައްދު ވަށާލުމުން ކީވާ ސިހިއްޖެއެވެ. 

"ކަރަންޓު ނެތްކަން މާ ރަގަޅު، މާ ހިތްގައިމުވާނެ އުއްބައްތީގެ އަލީގައި ރޭގަނޑު ވޭތުކޮށްލަން، ގުދުރަތީގޮތުން އޭސީވެފައި މިއޮތީ އެހެންނު. އަހަރެމެންގެ އާތް އަވަރ ފާހަގަކޮށްލާނީ ދޯ........" އައިދަން ލައިޓަރުގެ އަލި އަޅުވައިލިއިރު ކީވާ ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތް ވަރަށް ލޯތްބެވެ.

"އާތު އަވަރ....." ކީވާ އަކަށް ވާހަކަ ކުރިއަށް ގެންދާނެގޮތެއް ނޭގުނެވެ.

"އަހަރެން ކިޔާހާ އެއްޗެއް ރިޕީޓްކުރަން އެނގޭދޯ...." އައިދަން އެއް ލޯ މަރާލުމުން ކީވާ ނުދެނެހުރިކަމަށް ހަދައިލީ ގަތްލަދެއްގެ ބޮޑުކަމުންނެވެ. އޭނައަކީ އެފަދަ ކަންތައްތަކަށް އާދަވެފައިވާ ކުއްޖެއް ނޫންވީމަ ވާހަކަދައްކަންވެސް ނޭގުނީއެވެ. އައިދަން އުއްބައްތިތައް ހޯދާލާފައި ރޯކުރަން ހުރިއިރު ކީވާ އުޅުނީ ކޮފީ ހެދުމުގައި އަވަދިނެތިއެވެ. އޭރު ވާރޭ ހިމޭންކަމާއި އެކުގައި ވެހެމުންދާ އަޑު މިއުޒިކެއް ފަދައިން ފަޒާގައި ހަރުލާފައިވެއެވެ.

"ކީވާ އަހަންނާއި ވާހަކަދެއްކީތީ ވަރަށް އުފާވެއްޖެ، އަފޫވެސް ހާދަވަރަކަށޭ ކީވާގެ ވާހަކަ މަގޭ ގާތުގައި ދައްކައި އުޅެނީ......." އައިދަން އެހެން ބުނުމާއި އެކު ކީވާ ކަންބޮޑުވިތަން ފެނުމުން އައިދަން ހޭންފެށިއެވެ.

"ގޯސް ވާހަކައެއް ނޫނޭ އަފޫ ބުނީ، ހީ ޕްރެއިޒް ޔޫ އެލޮޓް......" އައިދަން ކޮފީތަށި ތުބުގައި ޖަހައިލަމުން ހިނިތުންވެލިއެވެ.

"ބުނެބަލަ ފްރެންޑްވާނަންތަ، އަހަރެން ވަރަށް ދެރަވޭ ވާހަކަ ނުދައްކާތީ..... އަދިވެސް ތިއިންނަނީ ސައިލެންޓް މޯޑުގައި، ކޮންމެވެސް އެއްޗެކޭ ބުނެބަލަ، ކޮންމެވެސް ވާހަކައެއް ދައްކަބަލަ...." އައިދަން އެދުނެވެ.

"ކޮން ވާހަކައެއް ދައްކާނީ...." ކީވާ ރަކިވިއެވެ. އައިދަންގެ އަޅި ދެލޮލަށް އުއްބައްތީގެ އަލި އެޅިފައިވާއިރު ފެންނަލެއް ރީތިކަމުން އުމުރަށް ބަލަން އިނަސް މީހަކު ފޫއްސެއްނުވާނެއެވެ.

"އެނީތިން، ކީވާ އާއި ބެހޭގޮތުން ކޮންމެ ވާހަކައެއް ދެއްކިޔަސް އަޑުއަހަން މިއިނީ....." އައިދަން ވަރަށް މަސައްކަތުން ކީވާ ކޮންމެވެސް ވަރަކަށް ވާހަކަދެއްކުވުމުގައި ކާމިޔާބު ކުރިއެވެ. އެކި ސުވާލުތައް ކުރާން ފެށުމުން ކީވާ ކޮންމެވެސް ވަރަކަށް ހަމަޖެހި އައިދަންއާއި އެކުގައި ހޭދަކުރަން ފަސޭހަވިއެވެ. ނަމަވެސް އައިދަން އެންމެ ފަހުން އިއްވާލި ޚަބަރުން ކީވާގެ ހިތަށް ޒަލްޒަލާއެއް އައިހެން ހީވިއެވެ. އައިދަން ކީވާގެ ގާތުގައި ބުނީ އޭނައާއި ލައިޝާގެ ކައިވެނި ހަމަޖެހިފައިވާކަމުގައެވެ. ލައިޝާގެ ގާތުގައި އޭނަ އެ ވާހަކަ ނުދައްކަނީ އަދި ވަގުތު ނުޖެހިގެންނެވެ. ލައިޝާގެ ހިތް ނޭނގޭތީއެވެ. ބައެއްފަހަރު އެކުވެރިކަމުގެ ނިވަލުގައި ލޯބި ވުމަކީ އެކަށީގެންވާކަމެއް ކަމަށް ބުނެ އައިދަން ދެއްކި ވާހަކަތަކުން ކީވާ ޔަގީންކުރީ އައިދަން ލައިޝާދެކެ ލޯބިވާކަމުގައެވެ. އައިދަން އެހުންނަނީ ލައިޝާގެ ގާތުގައި އެވާހަކަ ބުނަން ނުކެރިފައެވެ.

ކީވާ ބުނާނީ ކީކޭހެއްޔެވެ؟ އޭނަގެ ހިތުން އައިދަންއަށް ޖާގައެއް ދެވިފައިވާތާ ދުވަސްކޮޅެއްވެއްޖެއެވެ. ނަމަވެސް މިވާން އުޅެނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ލޯބިވެވުނީ ކޮއްކޮގެ ލޯބިވެރިޔާ ދެކެއެވެ. ލައިޝާއަށް ފިނިފެންމާ ހަދިޔާކުރީވެސް އައިދަންކަން ނޭގެއެވެ. ލައިޝާގެ ބޮސްއަކީ އައިދަން ހެއްޔެވެ؟ ދެމީހުންވެސް އޮފީހެއްގައި މަސައްކަތްކުރާކަން ކީވާ ދަނެއެވެ. 

ކީވާ އިތުރު އެއްޗެކޭ ނުބުނެ ކޮފީތަށި ހުސްކޮށްނުލާ ސިންކަށް ބަންޑުންކޮށްލިއިރު ލޮލުން ކަރުނަ ހިލިއްޖެއެވެ. ކީވާ އޭރު ހުރީ ވަރަށް ވަރުބަލިވެ އޮށޯންނަން ބޭނުންވެފައެވެ. ކޮފީތަށި ބުއީމަ މެޔަށް ގޮތެއްވެ ހޮޑުލަވާފާނެހެން ހީވިއެވެ.

"އައިދަން، މިއުޅެނީ ކުޑަކޮށް ޓަޔަޑްވާތީ ނިދާލަންކަމަށް......" ކީވާ ކުޑަކޮށް ހިނިތުންވެލާފައި ބަލައިލީ އައިދަންގެ ހުއްދަހޯދުމަށެވެ.

"ހޭ ޔޫ ލުކް ޕޭލް، ކިހިނެއްވީތަ؟ ސީރިޔަސްކޮށް ކީވާ ބަލިވެފައި ތިހިރީ، ހިނގާ ޑޮކްޓަރަށް ދައްކާލަން...." ކީވާގެ ރަތްކުލަގަދަ ތުންފަތް ތަންކޮޅެއް ފަނޑުކޮށް ދައްކާތީ ކީވާ ބަލިހެން އައިދަންއަށްވެސް ހީވިއެވެ.

"މިރެއަކު ނޫން، އެހެން ފަހަރަކުން......ތޭންކްސް......" ކީވާ އައިދަންގެ ޖަވާބަކަށް މަޑުކުރުމެއްނެތި ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެފައި ކީވާ އެނދުގައި އޮށޯވެ ގަނޑުފެންކޮޅަކަށްވެފައިވާ އަތާއި ފައިގާ އަތްތިލަ ހާކާ ހޫނުކުރަން މަސައްކަތްކުރިއެވެ. އޭނައަކީ ލައިޝާހާ ފިންޏަށް ބަލިކުއްޖެއް ނޫނެވެ. ކިތަންމެ ވަރަކަށް ވާރޭ ވެހުނަސް ދުވަހަކު ފިނިވެގެން އުޅެފައެއް ނެތެވެ. ނަމަވެސް މިހާރު ހޫނުގަދަވިޔަސް ފެންވަރާއިރަށް ހީކަރުވައިގެން ރޫރޫއަޅައެވެ. އަނެއްކާ ތައިރޮއިޑް މައްސަލައެއް ބާވައެވެ. ނަމަވެސް އިސްތަށިގަނޑު ނިކަން ވަރުގަދައެވެ. އަނެއްކާ ކެންސަރުފަދަ ބޮޑު ބައްޔެއްޖެހުނީބާވައެވެ. ކޮންމެވެސް ސަބަބެއް ނުވާނަމަ މިހާބޮޑަށް ފިނިވެ ވަރުބަލިވާކަށް ނުޖެހޭނެއެވެ. ކީވާ ރަޖާ މުޅިގައިގާ އޮޅާލައިގެން ކުރުގެޅިލައިގެން އޮތްއިރު މެރިފައިވާ އެސްފިޔަތަކުގެ ތެރެއިން ފެނިލަނީ އައިދަންއެވެ.

"އައިދަން މަތިން ހަނދާން ނުކުރާތި، ތިއީ މޮޔަކަމެއް، އެއީ ލައިޝްގެ މީހެއް، ލައިޝް ގެ ބޯއިފްރެންޑް، ކީވާ ލަދުގަންނަން ޖެހޭނެ ތިހެން ހިތަށް އަރުވަންވިޔަސް، އެކުވެރިންވެއްޖެއްޔާ ތިގޮތަށް ސިއްރުން އެކުއްޖެއްގެ ލޯބިވެރިޔާގެ ޚިޔާލެއް ނުކުރާނެ...." ކީވާ އެގޮތްމިގޮތަށް އޭނަގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް ދެއަތަށް ފުރޮޅި ފުރޮޅި އޮތްއިރުވެސް އެނޫންކަމަކާއިމެދު ވިސްނޭ ކަމަކަށް ނުވިއެވެ.

ސަލްމާމެން ރިޒޯޓުން އެނބުރިއައިއިރު ލައިޝާ ހުރީ ވަރަށް ރީތިކޮށް ޓޭންވެލާފައި ދޮންކުލައިގެ ހަމަށް އަނެއްކާ ރަންކުލަ ވެރިވެފައެވެ. ލައިޝާ ބޮޑަށް ބޭނުންވަނީ އެކުލަ ހަމުގައި ހުރުމެވެ. އެހެން މީހުން އޭނައާއި ކީވާގެ ކުލަ އަޅާކިޔާތީ އުދަގޫވި ކިތަންމެ ފަހަރެއް ހަޔާތުގައި އައިސްފިއެވެ. ޚާއްސަކޮށް ތަންކޮޅެއް ކުޑައިރުގައެވެ. އޭރު އޭނަ އެހާވަރަށް ގެއިން ބޭރަށް އަތްވަށް ނިކުމެ ނޫޅޭތީ އޭނަ ދޮންކަމުން އެސްފީނާ ޖެހޭވަރުވާ ކަމަށް މަންމަވަނީ ބުނެފައެވެ. އަތްވަށް ހާމަވެފައި ހުންނަ އަތާއި ފަޔަށް ރަންކުލަ އެރިޔަސް ހެދުން ބާލާފައި ހުންނައިރު ލައިޝާ ދޮންކަމާއި އޮމާންކަމުން ހައިރާންވާހާވެއެވެ. 

"ބޮތްކެއްވެސް ދިއްލާނެކަމެއް ނެތެއްނު. ނަސީބެއްނު އެހެން މީހުންނަށް ނުފެންނަކަން........" ލައިޝާ އެކަނި ބިކިނީގައި ކޮޓަރީގައި ހުއްޓާ ފެނިގެން ކީވާ ދިމާކޮށްލިއެވެ.

"ހެހެ، އެހާވެސް ދިއްލިފައިތަ؟ "ލައިޝާ އިސްތަށިކޮޅު ހުޅިއެއް ޖަހާލައިގެން ހުރެ އެނދުގައި އިށީދެ ފައިގައި ކްރީމްލާން ފެށިއެވެ.

"ރޭ އައިދަން މަގޭ ގާތުގައި ލައިޝްގެ ވާހަކަދެއްކި، އަވަހަށް މެރީކުރަންވީނު....." ކީވާ ވާހަކަދެއްކީ ހިތާއި ދެކޮޅަށެވެ. ލައިޝާގެ ބަދަލުގައި އައިދަން އޭނަދެކެ ލޯބިވާނެނަމައޭ ހިތަށް އަރާވަރުން ކީވާވަނީ ކަންބޮޑުވެފައެވެ. އެއީ ކީވާ އަމިއްލަ އިޚުތިޔާރުގައި ކުރާކަމެއް ނަމަ އޭނަ އައިދަން ގެ ނަންވެސް ހިތަކަށް ނާރުވާނެއެވެ. ލައިޝާގެ ހައްގަކަށް އަރާކަށް ކީވާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އެހެންނޫނަސް އައިދަން އާއި ގުޅެނީ ލައިޝާއާއެވެ. އޭނަފަދަ ކަޅު ކުއްޖަކާއި އިންނާނީ ކާކުހެއްޔެވެ؟ އެކަކަށްވެސް އޭނަ ކަމަކު ނުދާނެއެވެ.

"ހޫމް...ތިކަމާއި މިވިސްނަނީ.........." ލައިޝާ އޭރުވެސް އިނީ އެހެން ޚިޔާލެއްގައެވެ. އޮފީހަށް ދާހިތުން ކެތްކުރެވެނީއެއް ނޫނެވެ. އޭނަގެ ހިތްވަނީ އޮފީހުގައެވެ. އެހިތުގެ ހަމަޖެހުންވަނީ އޮފީހުގައެވެ. ކަޔާންގެ ނަން ހިތުން ފިލައިގެންދާ އެންމެ އިރެއް ނާދެއެވެ. އަބަދުހެން ލޮލުގެ ސްކްރީނުގައި ވަނީ އެ ރީތި މޫނެވެ. ހުވަފެނުގައި އެނޫން މީހަކު ނުފެނެއެވެ. ހޭލާހުންނައިރު މުޅި ހަތަރުދަން ވޭތުވެގެންދަނީ އެ ހަނދާންތަކުގައެވެ. އެވަގުތުވެސް އޭނަގެ ސިކުނޑިވަނީ ކަޔާންއަށް ގޮސްހުސްވެފައެވެ. ކީވާ ކިޔާ އެއްޗެއް ލައިޝާއަށް ނީވުނީ އެހެންވީމައެވެ.

ކީވާގެ ހިތަށް ވީ އުދަގުލެއްގެ ބޮޑުކަމުން އިތުރަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބިހުރެ އެނދުގައި އޮށޯތީ ވަރުދެރަގޮތަކަށެވެ.

"ލައިޝް، އަހަރެން ވަރަށް ގަދަޔަށް ބޮލުގައި ރިއްސަނީ....." ކީވާ ރަޖާގެ ދަށަށް ވަދެ ފިލައިފިއެވެ.

"މަސާޖްކޮށްލަ ދޭނަން...ކިވީ މާ ބޮޑަށް ކަންތަކާއި ވިސްނަނީއޭ، ރޯދަމަސް އަންނަންވާއިރަށް ކިވީ ޑޮކްޓަރަށް ދައްކައިގެން ފިޓްނުވަންޏާ ރޯދަ ހިފާނީ ކިހިނެއްތަ؟ ކިވީ ހައްތާ ވީކްވަނީ........ކިތައް ކިލޯ ލުއިވެއްޖެ...." ލައިޝާ ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްލުމަށްފަހު ކީވާގެ ގާތުގައި އިށީދެ ބޯ މަސާޖްކޮށްލަދޭންފެށިއެވެ.

ކީވާ ޑޮކްޓަރަށް ދެއްކިއިރު ލޭމަތިކަމަށް ޑޮކްޓަރު ބުނުމުން ލައިޝާއަށް ހައިރާންކަމެއް ލިބުނެވެ. އެހާ ޅައިރު ލޭގެ ޕްރެޝަރ މަތިވާން ޖެހިދާނެހެއްޔެވެ؟ ލައިޝާ ސުވާލުތައް ކުރުމުން ޑޮކްޓަރ ވިދާޅުވީ ޓެސްޓްތައް ހަދައިގެން އައުމުން އޭނައަށް ޝައްކުވާ ބަލި ބުނެދޭނެކަމުގައެވެ. ޓެސްޓްތައް ހެއްދުމަކީ ލައިޝާއަށް ކުރެވުނުކަމަކަށް ނުވިއެވެ. ކީވާ އެއްގޮތަކަށްވެސް ޓެސްޓްހަދަން ލޭނަގާކަށް އެއްބަހެއް ނުވިއެވެ. ލައިޝާ އާދޭސްކޮށްކޮށް ހުއްޓާ ކީވާ ހޮސްޕިޓަލުން ނިކުމެގެން ދާން ހިނގައިގަތުމުން ލައިޝާ ފަހަތުން އައީ މަޖުބޫރުވެގެންނެވެ.

ސަލްމާ އާއި ޒުލްމާ މިފަހަކަށް އައިސް ޓީވީ ފިލްމުތައް މާ ފޯރިއަކާއިއެކީގައި ބަލަން ފެށުމުން އަފްރާޒު އިންނަނީ ނިކަން ފޫހިވެ އެކަނިވެރިވެފައެވެ. މިދުވަސްކޮޅު އޭނަ ކުރިއަށްވުރެ މާ ގިނައިން ކާން ފެށިއެވެ. އަބަދު ފްރިޖް ހުޅުވާލައިގެން ކޮންމެވެސް އެއްޗެއް ހިފައިގެން ގޮސް އޭނައަށް ޚާއްސަ ސޯފާގައި އައިޕެޑް ހިފައިގެން އިދެ ގޭމެއް ކުޅެލުން ކަހަލަ ކޮންމެވެސް ކަމެއްގައި އިންނާތީ ކީވާ ދެރަވެއެވެ. މަންމަމެން އަފްރާޒުއަށްވެސް ފުރުސަތެއް ދޭންވާނެތާއެވެ. ނަމަވެސް ކީވާގެ ހިތް ހަމްދަރުދީއިން ފުރޭއިރުވެސް އޭނައަކަށް މަންމަ ގާތުގައި އެކަހަލަ އާދައިގެ ރިކުއެސްޓެއް ކޮށްލާކަށްވެސް ނުކެރެއެވެ. އޭނަގެ ފިނޑިކަމުން އަމިއްލަ ނަފުސަށް މަލާމާތްކުރެއެވެ. އެންމެ ކުޑަވެގެން އަފްރާޒު އާއި އަނގައިން ބުނަންވެސް އޭނަ ޖެހިލުންވެއެވެ. އަމިއްލަ ނަފުސްގެ އިތުބާރު ހޯދާނީ ކިހިނެއްހެއްޔެވެ؟

ލައިޝާ މާވިއްކާ ފިހާރައަކަށް ވަދެލާފައި ރަތް ފިނިފެންމާތަކެއް ގަނެލައިގެން ނުކުތުމާއެކު ފެނުނު މަންޒަރަކުން ހުއްޓުން އަރާގޮތްވިއެވެ. ކަޔާން ހުރީ ދޮންދޮން ސްޓައިލިޝް އަންހެންކުއްޖަކާއި ވާހަކަދައްކަން ކާރުގެ ބޮނެޓަށް ލެނގިލައިގެންނެވެ. ކަޔާން ހުރީ ނުރަސްމީކޮށް ޓީޝާޓަކާއި ޖިންސެއް ލައިގެންނެވެ. އެ އަންހެންކުއްޖާ ކޮންމެވެސް އެއްޗެކޭ ކިޔާފައި ކަޔާންގެ އަތުގެ މުލައްދަނޑީގައި މާ ގާތްގޮތަކަށް ހިފައިލުމުން ލައިޝާގެ ހިތުގައި ގޮށްމުށުންޖެހި ފަދަ އިހުސާސެއް ކުރެވުނެވެ. ލައިޝާ ކުރަންވީ ހިތާމަކަމެއް ނޫނީ އުފާކަމެއް ނޭގުނެވެ. ޔަޤީނުންވެސް ހިތުގައި ރުޅިވެރިކަމުގެ އަލިފާން އަނދަން ފެށީ ކެތްނުކުރެވޭހާ ބޮޑަށެވެ.

"ޑޭމް ލަކީ، ކަޔާން ސަރ ގެ ވައިފްކަމަށް ވާނީ...." ލައިޝާގެ ސިކުނޑި ބުނެދިން އެއްޗަކުން ހިތާހިތުން ހަޅޭއްލަވައިގަނެވިފައި ބޮލުގައި ހިފަހައްޓައިލެވުނީ މޮޅިވެރިކަމާއިއެކުގައެވެ. ލައިޝާ ބަލަން ހުއްޓާ އެ އަންހެންކުއްޖާ ހިނިގަނޑެއް ޖަހާލާފައި ކަޔާންގެ މޭގައި ލޯބިން ޖަހާލާފައި ފަރި ހިނގުމެއްގައިގޮސް ވަނީ ކުރިމަތީގައި ހުރި ގެއަކަށެވެ. 

އިންސާނުންގެ ހަވަނަ ހިއްސު މަސައްކަތްކުރެއޭ ބުނާ އަޑު އިވުނަސް މިވީހާތަނަށް ލައިޝާ އެކަން ޤަބޫލުކޮށްފައެއް ނެތެވެ. ނަމަވެސް ކަޔާން އެނބުރިފައި ސީދާ އޭނަގެ ދެލޮލަށް ބަލައިލުމުން ލައިޝާގެ ގައިން ހީބިހި ނަގާ ރީއްޗަށް ރަކިވިއެވެ. ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި އެ އިހުސާސްތައް ނެތިގެން ދިޔަގޮތެއް ނޭގުނެވެ. އެވަގުތު ލައިޝާގެ ސިކުނޑި މަސައްކަތްކުރީ އޭނަ ހައިރާންވާފަދަ ގޮތަކަށެވެ. 

"ސަރ، ސަރ......." ލައިޝާ ދުވަމުންގޮސް ކަޔާންގެ ގާތަށް ހުއްޓުނުއިރު ހެވިލާފައި ހުރިވަރުން ހީވަނީ މާބޮޑަށް ކަމަކާ އުފާވެފައި ހުރިހެންނެވެ.

"އެއީ.....އެކްސްތަ؟ " ލައިޝާ ޔަޤީންކުރަން އަހައިލިއެވެ. ޖަވާބެއް ނުލިބޭނެކަން ޔަޤީންވެހުރެވެސް ހިތް ބޭނުންވަނީ އެގޮތްކަމަށް ވާތީ އޭނަ ނިންމިގޮތަކީ އެއީއެވެ.

"ކާރަށް އަރާ......." ކަޔާން ދޮރުފަތް ހުޅުވާލާފައި އެހެން ބުނުމާއިއެކު ލައިޝާ ހީވީ އެފަދަ ދަޢުވަތެއް ނުލިބިގެން ކެތްމަދުވެފައިވާހެންނެވެ. އަވަހަށް އެތެރެއަށް ދެމިގެން ސީޓުގައި ހަމަޖެހިލިއިރު ހީވަނީ ހުވަފެނީ ދުނިޔެއެއްގައި އުޅެވޭހެންނެވެ. މިހާ މަތީ މަޤާމެއް ލިބުނީތީ ހެއްދެވި ފަރާތަށް އޭނަ ޙަމްދުކުރިއެވެ. ދުނިޔެއިން އޭނަ ބޭނުންވާ އެކަނި އުފަލަކީ ކަޔާންއަށް ވެފައިވާއިރު ހިތަށް މި ލިބުނީ ބުނަން ނޭގޭފަދަ ފިނިކަމެކެވެ. 

ކަޔާން ކާރަށް އެރުމާއިއެކު ނިކަން ހިތްގައިމު ސެންޓެއްގެ މީރުވަސް ނޭފަތުގައި ޖެހިލިއެވެ. އަރްމާނީ ކޯޑުބާވައެވެ. ނޫނީ ވަން މިލިއަން ބާވައެވެ. ބްލެކް އެކްސެސްވެސް އޭނައަށް ކަމުދެއެވެ. ސެންޓު ފިހާރަތަކަށްވަދެ އޭނަ އެންމެ ކުރާހިތްވާ ކަމަކީ ސެންޓުތަކުގެ ވަސް ބެލުމެވެ. ލައިޝާގެ ވިދުންގަދަ ދެލޮލުން ކަޔާންގެ މޫނަށް ބަލާލާފައި މާނަވީގޮތަކަށް ހިނިތުންވެލިތަން ކަޔާންއަށް ފެނުނަސް އޭނަ އެކަން ފާހަގަކުރިކަމެއް ނޭގެއެވެ. ކަޔާން ލަވައެއް ޖައްސައިލުމުން ހީވީ އޭނަގެ ހިތުގެ އަޑު ނުސީދާކޮށް ލައިޝާއަށް އިއްވާލަދިންހެންނެވެ. ދެމީހުން ހިމޭންކަމާއި އެކުގައި އަނދިރި ގޯޅިތަކުން ދުއްވާފައި ދިޔައިރު ލައިޝާގެ ހިތުގެ ތެޅުން އެއްފަހަރުވެސް މަޑުޖެހިނުލައެވެ. ކަޔާން ކާރު ޕާކުކޮށްލާފައި އެކީގައި ލިފްޓުން މައްޗަށް އެރިގޮތަށް ކަޔާންގެ އެޕާޓްމެންޓަށް ދާން ދަޢުވަތު ދިނެވެ.

ކަޔާންގެ އެޕާޓްމެންޓް ހުރީ މިތަނުގައިކަން ކުރިން ލައިޝާއަށް އެނގުނުނަމައެވެ. އޭރުން ކޮންމެވެސް ބަހަނާއެއްގައި އޭނަ ހުންނާނީ އަބަދު ކަޔާންއަށް ފާރަލައިގެން ދޮރުކާރީގައެވެ. ކަޔާންގެ އެޕާޓްމެންޓު ތަންކޮޅެއް ތަނަވަސްވެފައި އަރާމެވެ. ސިޓިންރޫމްގައިވާ ލެދަރ ސޯފާގެ ކުރިމަތީގައި އަޅާފައިވާ މަޑު ރަގްތަކާއި، ޓީވީއިން ތަނުގެ ޒީނަތްތެރިކަން އިތުރުކުރުވައެވެ. ބިއްލޫރި މޭޒުމަތީގައިހުރި ބިއްލޫރި ވާސްގައި މާ ކޯންޏެއް މޯޅިވެފައިވާތަން ފެނުމުން އެއީ ކަޔާންގެ "އަންހެންކުއްޖާ" ގެނެސްދީފައިވާ އެއްޗެއްކަން ޔަޤީންކޮށްފައި ލައިޝާގެ ހިތުގައި ހަސަދައިގެ އަލިފާންކޮޅެއް ރޯވިއެވެ. އެ ޔޫރަޕް ކުއްޖެއްފަދަ ދޮން އަންހެންކުއްޖާ ގެ ދޮން މޫނު ބިރުވެރި ހުވަފެނެއްފަދައިން އޭނަގެ ސިކުނޑި ގާނާ އެއްޗަކަށް ވެއްޖެއެވެ. ލައިޝާ އެ މާކޮޅު ޖަހައިގެންފައި ޑަސްބިނަށް ލީ ހިތާހިތުން ދަތްކުނޑި ވިކާލައިގެން ހުރެއެވެ. ނަމަވެސް އެވަގުތުވެސް ލައިޝާ ހުރީ ނިކަން ޅަކޮށް ހެވިލާފައެވެ.

"މި ވާސްއާއި ގުޅެނީ ރެޑް ރޯސް..ކުރިން ހުރި މާތައް ވަރަށް އަގްލީ........" ލައިޝާ އެހެން ކިޔާލާފައި ބަލައިލިއިރު ކަޔާންހުރީ ފްރިޖް ހުޅުވާލައިގެން އެހެން ކަމެއްގައެވެ. އޭނަ ކުރާކަމަކާއި އަޅާލިހެން ހިޔެއްނުވެއެވެ. ހަގީގަތަކީ ލައިޝާ ކުރިހާ ކަމެއް އޭނަ މަޖާވެފައި ބެލިއެވެ. އެ އުޅުމާއިމެދު ކަޔާން ހުރީ ހައިރާންވެފައެވެ. ބައެއްފަހަރު ޒިންމާދާރުކަމާއި އެކުގައި މަސައްކަތްކުރާ ހަރުކުއްޖަކަށްވި ނަމަވެސް އުމުރުގެ ޅަކަން ފެންނަނީ މިފަދަ ވަގުތުތަކުގައެވެ.

ކަޔާން ލައިޝާއަށް ބޮޑު އައިސްކްރީމްތަށްޓެއް ގެނެސްދީފައި އަމިއްލައަށް ތައްޔާރުކުރީ ކޮފީއެކެވެ.

"މިއީ އަޅުގަނޑުގެ ފެވެރިޓް...." ލައިޝާ ޝުކުރު އަދާކުރަމުން ސަމުސަލުން އެތިކޮޅެއް އަނގަޔަށް ލުމުން ހީވީ އަނގައިގެ ތެރެއަށް ވިރިގެން ދިޔަހެނެވެ. ކަޔާން ލައިޝާގެ މޫނަށް ވިސްނުންތެރި ކަމާއިއެކު ބަލަން މޭޒަށް ލެނގިލައިގެން ހުރެ ހިނިތުންވެލާފައި ކޮފީތަށި ތުބުގައި ޖަހައިލިއެވެ. ލައިޝާ އިނީ އެސްފިޔަޖަހައިލަން ނޭގިފައެވެ. މިހާވަރުގެ ހިތްދަމައިގަންނަ ގޮތްހުރި ޒުވާނަކު ލައިޝާގެ ޙަޔާތުގައި ދެކެފައެއްނުވެއެވެ. ހާދަ ފިރިހެންވަންތައެވެ.

"ސަރ މިއޮތް ބޮޑު ގޭގައި އެކަނިތަ؟ " ލައިޝާ އެހެން ބުނުމާއިއެކު ލޮލުގައި އަޅައިގަތީ ރެކްމަތީގައި އޮތް ކުޅޭކާރެކެވެ. ކުޑަކުއްޖަކު އެގޭގައި ކުރިން އުޅުނުކަމުގެ ހެއްކެކެވެ. ލައިޝާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. 

"ހޫމް....." ކަޔާންއަށް ލައިޝާގެ ނަޒަރު އެވަގުތު ދަތުރުކުރީ ކޮންތަނަކަށްކަމާއި އަދި ލައިޝާގެ މޫނަށް ވެރިވި ކުލަވަރު ފެނިފައި އެތެރެއިން ހިނިއައެވެ. ހުރިހާ އަންހެންކުދިންވެސް އޭނަ ބޭނުންވަނީ ހެއްޔެވެ؟ ހަގީގަތް އެގިއްޖެއްޔާ އޭނަ ދެކެ ލޯބިވެ އެކީގައި އުޅެން ބޭނުންވާނީ ކާކުހެއްޔެވެ؟ ރީތި ފިރިހެނަކު ފެނިއްޖެއްޔާ އަންހެންކުދިން މޮޔަވެފައި ބަލަން ތިބެދާނެއެވެ. އެކީގައި ނިދާލަން ދަޢުވަތު ދިނަސް އުފަލުން ޤަބޫލުކުރާނެއެވެ. ލައިޝާ ސްކާފް ނޭޅިޔަސް ހެދުން އަޅާގޮތުން އެއީ ވިޔާނުދާކުއްޖެއްހެން ހިޔެއްނުވެއެވެ. އެހެންނޫނަސް ކަޔާން ފަހަރެއްގައިވެސް އަމިއްލަ ނަފުސްގެ ކޮންޓްރޯލް ދޫކޮށެއްނުލާނެއެވެ.

ކަޔާންގެ ފަރާތުން އެއްޗެއް އޮޅުން ފިލާނީ ލައިޝާގެ ވާހަކަތައް ހިއްސާކޮށްގެން ގުޅުން ބަދަހިވީވަރަކުން ކަމަށް ނިންމާފައި ލައިޝާ އެކި ވާހަކަތައް ދެއްކިއެވެ. ނަމަވެސް އޭނަ އެއްގޮތަކަށްވެސް ކަޔާން އޭނަ ބާސްކެޓްބޯޅަ ކޯޗަކަށް ހުރިކަން ހަނދާންހުރިކަމަކަށް ހަދައެއްނުލިއެވެ. ނަމަވެސް ލައިޝާ ކޮންމެވެސް ވަރަކަށް އެކުވެރިންނާއި އާއިލާގެ ވާހަކަތައް ޙިއްސާކުރިއެވެ. މަންމަ ދަރިއެއްފަދައިން ގެންގުޅޭ ކީވާއަކީ ލައިޝާގެ އެންމެ ގާތްއެކުވެރިޔާ ކަމަށްވެސް ކަޔާންގެ ގާތުގައި ބުނެދިނެވެ. އެވަރުންވެސް އަދި ކަޔާންގެ އެންމެ އެއްޗެއް އޮޅުން ފިލުވައިދޭކަށް ކަޔާން ނޫޅުނެވެ. އެކަމުން ލައިޝާއަށް ޔަޤީންވީ ކަޔާން ސިއްރުކުރާ ކޮންމެވެސް ކަންތައްގަނޑެއް އެބައޮތްކަމެވެ.

ކަޔާންއަށް ފޯނެއް އައުމުން ލައިޝާ ވަރަށް ބޮޑަށަ ދެރަވިއެވެ. އެ އުފާވެރި ވަގުތު ކުރުކޮށްލާފައި ކަޔާން ދާން ޖެހުނީމައެވެ. އެ ފޯނަކީ އަންހެންކުއްޖެއްގެ ފޯނުކަން އެނގޭތީ އޭނަވަނީ އިންތިހާއަށް ބިރުގެންފައެވެ. ކަޔާންގެ ފޯނު ރިންގުވިއިރު " އެލްސާ" އެނަން އެރިތަން ލައިޝާވަނީ ދެކެފައެވެ. އެނަންދެކެ ލައިޝާ ރުޅިއަތުވެއްޖެއެވެ. 

"ހޭޓް ޔޫ. ކޮންމެ މީހަކަށްވިޔަސް ހާދަ ވަރަށް ޖޭވެއްޖެ...." ލައިޝާ ތުންކޮޅު އޫކޮށްލައިގެން ހުރެ ގޮސް އަމިއްލަ އެޕާޓްމެންޓަށްވަދެ މަޑުމަޑުން ދޮރުފަތަށް އެތިފަހަރެއް ވީއްލައިލުމުން އަތަށް ތަދުވެގެން އައުޗް އޭ ބުނެލެވިއްޖެއެވެ. ހިތުގައި އުފެދެމުންދާ އިހުސާސްތައް އެހެން މީހެއްގެ ގާތުގައި ނުބުނެ ހުންނަންވެއްޖެއްޔާ އޭނަގެ ސިކުނޑި ފަޅައިގެން ހިނގައިދާނެއެވެ.

ކެންޒިއާގެ ސީއީއޯ އަޒީޒުއްދީންއަކީ ޝަޚުސިއްޔަތު ވަރުގަދަ ރީތި މީހެކެވެ. ވަރުގަދަ އިސްތަށިގަނޑުން ނުރައިގެ އަސަރު ފެންނަނީ ކުޑަކޮށްކަމަށްވާތީ އުމުރަށްވުރެ އެތައްތަނެއް ހަނގުކޮށްދައްކައެވެ. އަޒީޒުއްދީންގެ އަންހެނުން ވަރުޖިނާދެކެ އޭނަ އިންތިހާއަށް ލޯބިވެލައްވައެވެ. ވަރުޖިނާއަށްޓަކައި ތާޖުމެހެލް ފަދަތަނެއް ބިނާކޮށްދެއްވަން އޭނަ ހުންނަނީ ތައްޔާރަށެވެ. ނަމަވެސް އަދި އެ ހުވަފެން ފުރިހަމައެއް ނުކުރެވެއެވެ. ލޯބިވާ އަންހެނުންނާއި ދަރިންނަކީ އަޒީޒުއްދީނުގެ ހުރިހާ އުފަލެއްވެސް މެއެވެ. ކެންޒިއާ އެނަން އޭނަ ދެއްވާފައިވަނީ ދަރިންނާއި ގުޅުވައިގެންނެވެ. އޭނަގެ މުއްސަދިކަމުގެ ސަބަބުން މަޝްހޫރުވެފައިވާއިރުވެސް އަޒީޒުއްދީން އުޅެނީ މީޑިއާތަކަށް ފިލައިގެންނެވެ. ނަމަވެސް އެހެން މުއްސަދިންފަދައިން ކޮންމެވެސް ވަރަކަށް އޭނަ ސިޔާސީކަންތަކަށް ޝައުގުވެރިކަން ދެއްވައެވެ. އެފަދަ މީހުންނާއި އެކީގައި ބައެއްތަންތަނުން ފެނިލައެވެ.

އަޒީޒުއްދީނު ކެންޒިއާ ގެ މައި އޮފީހަށް ވެންނެވިއިރު އެތާގައި ޕީއޭއަކަށް ހުރި ކުޑަ އަންހެންކުއްޖާ ފެނުމުން އަޒީޒުއްދީނުއަށް ލިބިލެއްވި ހައިރާންކަމުގައި ދެވަނަ ފަހަރަށް ބައްލަވާލެވިއެވެ. އޭނަ އެތަނަށް ދުރުވީ އެއްވެސް މީހަކަށް އަންގަވާވެސް ނުލައްވައެވެ. ސީއީއޯއަކަށް ވެފައި ގިނަގިނައިން ރާއްޖެއިން ބޭރަށް ދުރުވަން ޖެހޭތީ އޭނަ ބައެއްފަހަރު މިގޮތަށް މުވައްޒަފުންނަށް ސަޕްރައިޒް ދެއްވައެވެ. 

ކޮމެންޓް 0