"އައުޗް، ކެންޒީވެސް ގަބޫލުކުރަނީ އަހަރެން މިއީ އެހާ ރުޅިގަދަ މީހެއްކަމަށްތަ؟ " ކަޔާން ލާނެތްކޮށް ހީލައިފިއެވެ. އޭނަ ރުޅިގަދަވާހަކަ އެންމެން ދައްކާނެއެވެ. ނަމަވެސް ލައިޝާ އޭނަގެ ހަޔާތަށް އައުމަށްފަހު އެ ނުލަފާބައި އެއްކޮށްނެތިގެން ހިގައްޖެއެވެ. އަމިއްލަ ނަފުސަށް އައި ބަދަލާއިމެދު ޚުދު އޭނަވެސް ހައިރާންވާހާ ބޮޑަށެވެ. އުފާވެރި ކައިވެންޏެއްގެ ސަބަބުން ހޯމޯންސްތަކަށް އައި ބަދަލެއް ހެއްޔެވެ؟ އެތާ ކައިރީގައި ހުރި ގޮނޑިއެއް ދަމާލައިގެން ގެނެސް ކެންޒީގެ ގާތުގައި އިށީދެ ފައިދަމާލައިގެން އިންއިރުވެސް އަތުގައި ހިފަހައްޓާލައިގެން އިނެވެ.

"ކެންގެ ބޮލުތެރެއަށް ޑެވިލް އެރުނީމަ ރުޅިގަދަވާކަން އެންމެނަށްވެސް އެނގޭ، އަސްލު މިވާހަކަ ބުނަން އަހަންނަށްވެސް ފަސޭހައެއް ނޫން ކެން، އަހަރެން މަރުވެގެން ދިޔަނަމަ އެ ސިއްރު އަބަދަށްޓަކައި ވަޅުލެވިގެން ދާނެ، އައިމް ސޮރީ، އަހަރެން......" ކެންޒީ ދެލޯ މަރާލިއެވެ.
"ސޮރީއޭ ނުބުނެބަލަ، އަހަންނަށް އެނގޭ، ކެންޒީ ހީކުރީ އަހަންނަށް އޮޅުވާލެވުނު ކަމަށްތަ؟ އަހަންނަށް އެނގުނު، ކެންޒީ އަފްރީންދެކެ ލޯބިވާ ވާހަކައެއްނު ބުނަން ތިއުޅެނީ، ޖުއާންއަކީ ކެންޒީގެ ދަރިއެކޭ ބުނަން ތިއުޅެނީ، ޑޯންޓް ވޮރީ، އަހަރެން ނެތިން އަފްރީންއާއި އިންނާކަށް، އެކައިވެނި ކުރުވަންވެގެން މަންމަމެން މަސައްކަތްކުރާތާ ވީ ދުވަހެއް ނޭގޭ، އަހަރެންވާނީ ރެފިއުސްކޮށްފައި...." ކަޔާން ކުޑަކޮށް ހިނިތުންވެލިއެވެ.
"މުޅިން ރަގަޅެއްނޫނޭ، އަހަރެންވަނީ ކެންއަށް ކަމެއް އޮޅުވާލާފައި....." ކެންޒީ ކޮންމެވެސް ވަރަކަށް ޖެހިލުންވާ ގޮތްވިއެވެ.
"ކޮންކަމެއްތަ؟ ކެންޒީ ބުނަން ތިއުޅެނީ ކީކޭ؟ އައި ޑޯންޓް އަންޑަސްޓޭންޑް....." ކަޔާން ހައިރާންވި ގޮތެއް މޫނު މައްޗަށް ގެނައެވެ.

"ކެންއަށް އެނގޭނެ އަހަންނާއި އަފްރީން އުޅުނުލެއް ފްރެންޑްކަން، އޭރުވެސް އަފްރީން ކެންއަށް ޕްރެއިޒްކުރޭ، ކެން މާ ރަގަޅޭވެސް ކިޔާނެ، ކެން ރުޅިގަދަބަޔެއް ހުއްޓަސް އަންހެންކުދިންނާއި ދުރުން އުޅޭތީ އޭނަ ވަރަށް ލައިކްވެޔޭވެސް ބުނި، އަހަންނާއި އޮތް ރިލޭޝަންޝިޕް ލޯބީގެ ގުޅުމަކަށް ބަދަލުކުރާކަށް އަފްރީން ބޭނުން ނުވާކަން އަހަންނަށް ވިސްނެން ފެށި، އެހެންވެ އަފްރީންގެ ލޯބި ހާސިލުކުރަން އަހަރެން ކުރީ ނުރައްކާތެރި ކަމެއް، އަހަރެން ކެންގެ ނަމުގައި އޭނައާއި ގުޅިގެން އުޅުނީ، އަހަރެން ކެންގެ ނަމުގައި ލޯބީގެ ކާޑުތައް ފޮނުވާ މެސެޖްވެސް ކުރިން، އެވަރުންވެސް އަފްރީންގެ މޮޔަކަމުން އެކަން ދެނެގަންނާކަށް ނޭގުނު، އޭރު ކެން އުޅުނީ ވަރަށް ބިޒީކޮށް، އެހެން އުޅެމުންގޮސް އަހަންނަށް ދާން ނުވާ ހިސާބަކަށް ދެވުނީ، އެފަހުން އަހަރެމެން ދުރުގައި އުޅޭކަށް ބޭނުމެއްނުވި، ލިބޭ ކޮންމެ ވަގުތެއް ހޭދަކުރީ އެކީގައި، އެހެން އުޅެނިކޮށް އަހަރެން ބަސްޓް ވެދާނެހެން ހީވި، އަހަރެން ހުރީ އަފްރީން ގާތުގައި ހަގީގަތް ކިޔާދޭން، އަދި އަވަހަށް މެރީކުރަންވެގެން އުޅުނިން......" ކެންޒީ ފުންނޭވަޔެއް ދޫކޮށްލިއެވެ. އެހާ އުދަގުލުން ވާހަކަދެއްކުނީމަ އިރުކޮޅަކަށް ނޭވާ ހަމަޔަކަށް އަޅުވާލަން ކެންޒީ ބޭނުންވިއެވެ. ކަޔާން ހައިރާންވި ވަރުން ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ސިކުނޑި ހުސްވެ ތަފާތު އުދަގުލެއް އިހުސާސްކުރަން ޖެހުނެވެ. ކެންޒީ އެފަދަ ކަމެއް ކޮށްފާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. "ޓްވިންސް" އިން އެފަދަ ގަނޑު ގަނެ މީހުންނަށް އޮޅުވާލާކަން އޭނަ ދަނެއެވެ. ނޭގުނީ ކެންޒީ އެފަދަ ކަމެއް ކޮށްފާނެކަމެވެ. އޭނަ ކަމަށް ހެދިގެން އަފްރީންއާއިއެކު ލޯބީގެ ކުޅިގަނޑެއް ކުޅެލާނެކަމެވެ.

"ވީކަމެއް ވެގެން ހިނގައްޖެ، އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް، ކެންޒީ މިއީ ވަރަށް ނޯޓީ ބޯއިއެއްތާ....." ކަޔާން ސަމާސާގޮތަކަށް ހެމުން ބުނެލިއެވެ. ކެންޒީ ގެ ފަރާތުން ހަގީގަތް އެނގުމުން ޔަގީނުންވެސް ސިކުނޑިން ބޮޑު ބުރައެއް ލުއިވެ އުފާވެރިކަން އިހުސާސްކުރެވުނެވެ. އަފްރީންއަކީ އޭނަގެ ޒިންމާއަކަށްވާނެ އެއްވެސް ގޮތެއް ދެން ނެތެވެ.

"ކެންއަށް އެނގޭތަ؟ އަދި އަހަރެން ކެން ކަމަށް ހެދިގެން އަފްރީންއާއިއެކުގައި އުޅެމުންގޮސް އެއްދުވަހު ކެންޒީއަށް ވެގެންގޮސް އަފްރީން ވަރަކަށް ރުޅިއަރުވާލިން، ޖެއްސުންފަށެއްކޮށްލިން އަފްރީން ބުނި ދުވަހަކު މަށަށް މާފެއް ނުކުރާނަމޭ، ލަދެއްވެސް ނުގަނޭހޭ ބޭބެގެ ގާލްފްރެންޑްގެ ގަޔަށް އަތްލާން، ގޮސް މަރުވިއްޔާ މާ ރަގަޅޭ، އެވަގުތު ހިތަށް އައިހާ އެއްޗެއް އަފްރީން ކިޔާލި، އަހަރެންވެސް ބުނިން އައި ވިލް ނެވަރ އެވަރ ޓޯކް ޓު ޔޫ އޭ ، މާފެއް ނުކުރާނަމޭ، އަފްރީންއަކަށް ނޭގޭ ދެމީހުންގެ ނަމުގައި މިއުޅެނީ އެކަކުކަން، އެހެންވެ އެދުވަހު އަފްރީން ރުޅިގަދަވެގެން ހުރީ މޮޔަވާވަރުވެފައި، އަހަރެމެން ދެމީހުން ފައިޓްކޮށްފައި އައި ދުވަހު އަހަރެން އެކްސިޑެންޓްވީ، އަހަރެން މަރުވިނަމަ އަހަންނާއިއެކު އެ ސިއްރުވެސް ކަށްވަޅަށް ދާނެ، ފޮގިވް މީ ކެން....." ކެންޒީ އިނީ ދެރަވެފައެވެ.

ކަޔާންއަށް ހުރިހާ ހަގީގަތެއް ހާމަވިއެވެ. އަފްރީންއާއި ދޭތެރޭގައި އޭނަ އެހާ ހިތް ގޯސްވީ މުޅިން އެހެން ގޮތަކަށް ހީކުރެވިގެންނެވެ. އެ ނަފްރަތުގެ އަސްލަކަށްވެސްވީ ކެންޒީއެވެ. އޭނަ ހީކުރީ ކެންޒީއާއި އެކު އުޅެމުންގޮސް އޭނަ ކޯމާއަކަށް ދިޔައިމަ ބިރުން ކަޔާންގެ ބޮލުގައި ދަރިފުޅު އަޅުވަން އުޅުނީކަމުގައެވެ. ކެންޒީއަށް ބޭވަފާތެރިވީ ކަމުގައެވެ. އަފްރީންއަށް އޮޅިފައިވެދާނެ ކަމަކަށް ކަޔާން ފަހަރެއްގައިވެސް ހީކޮށްފައެއް ނުވެއެވެ. މުޅި ތިންއަހަރު ނަފްރަތުގެ އަނދިރިކަމުގެ ތެރެއަށް ކަޔާން ގެނބިގެން ދިޔައީ ކުރެވުނު ކުށްހީއެއްގެ ސަބަބުންނެވެ.

ކަޔާން ކެންޒީއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ކަޔާންއަށް ހީވީ ހަމަ ލޯގަނޑުން އޭނަގެ ސޫރައާއި ދިމާލަށް ބަލައިލެވުނު ހެންނެވެ. އެއްވެސް ތަފާތެއް ނެތެވެ. 

"ކެންޒީއަށް އެނގޭތަ؟ އަފްރީން ޕްރެގްކަން ފެމިލީއަށް އެނގިގެން އަހާލިހާ އިރުން ބުނި ދަރިފުޅުގެ ބައްޕައަކީ އަހަންނޭ، އެންމެން އުޅުނީ މެރީކުރުވަންވެގެން، އަހަރެން ރެފިއުސްކުރިން، އޭރުވެސް ހިތަށް އެރި އަފްރީން ބަލިވެއިނީ ކެންޒީގެ ކުއްޖަކަށްވެސް ވެދާނެއޭ، ޖުއާން ލިބުމަށްފަހު އަހަރެން ދެކެން ދިޔައީ އަހަންނަށް ކުރެވުނު ޝައްކެއް ޔަގީންކުރަންވެގެން، ޖުއާންގެ ދިގު އެސްފިޔަތައް ފެނުމާއިއެކު އަހަންނަށް އެގުނު ހީވޯޒް ޔޯރ ކިޑްކަން، ކެންޒީގެ ސިއްރު ފޮރުވަދޭންވެގެން އަހަރެން ޖުއާންގެ ބައްޕަކަމަށް އެއްބަސްވީ......" ކަޔާން އާއި ކެންޒީ އެކަކު އަނެކަކަށް އެ ވާހަކަދައްކާފައި ކެންޒީ އެތައްފަހަރަކު މާފަށް އެދުނެވެ. އޭނައަށްޓަކައި ކަޔާން އެވީ ގުރުބާނީގެ އަގު އަދާކުރާނެގޮތެއްވެސް ކެންޒީއަކަށް ނޭގުނެވެ. އަނެއްކޮޅުން ކެންޒީގެ އެކްސިޑެންޓް ހިނގިގޮތާއިމެދު ކަޔާންވެސް މާފަށް އެދުނެވެ.

"ހަގީގަތް އެނގުމަށްފަހުގައިވެސް އަހަރެން ނެތިން އަފްރީންއާއި މެރީކުރާކަށް، އަހަންނަކީ ޑިސްއޭބްލްޑް މީހެއް، ކެން އަހަންނަށް ކަމެއްކޮށްދީފާނަންތަ؟ އަފްރީންއާއި މެރީކޮށްފާނަންތަ؟ " ކެންޒީ އެންމެ ފަހުން އަހާލިއެވެ.
"ސޮރީ ކެންޒީ، އަހަންނަކަށް ތިކަން ކުރެވޭކަށް ނެތް......" ކަޔާން ބޯ ހޫރާލިއެވެ.
"ވައި ނޮޓް..." ކެންޒީގެ މޫނުމަތިން މާޔޫސްކަން ފެނިލިއެވެ.
"އަހަރެން މިވަނީ އަހަރެން ލޯބިވާ އަންހެންކުއްޖާ ހަޔާތުގެ ބައިވެރިޔަކަށް ހަދާފައި، އައިމް މެރީޑް ކެންޒީ، އަދި އެހެން އެއްވެސް މީހަކަށް މި ސިއްރެއް ނޭގޭނެ...." ކަޔާން އެ ކައިވެނީގެ ވާހަކަތައް ކޮއްކޮއަށް ކިޔައިދިނުމުން ކެންޒީ އިނީ މަޖާވެފައެވެ. ހިނިތުންވެލަމުން ކަޔާންއަށް މަރުހަބާ ކިޔާލާފައި ކަޔާންއާއި ކުޑަކޮށް ބައްދާލައިފިއެވެ. ކަޔާން އެދުނީ އަފްރީންގެ ގާތުގައި ހަގީގަތް ހާމަކޮށްދިނުމަށެވެ. ކެންޒީ ދެކޮޅު ހެދިއެވެ. އޭނަގެ ބަލިކަމާއިހުރެ އަފްރީން މިއަދު އޭނަ ގަބޫލުނުކޮށް ނޫނެކޭ ބުނެފާނެތީ އަދި އެކަން ސިއްރުކޮށް ދިނުމަށް އާދޭހާއި އެކު ކަޔާން ގާތުގައި އެދުނެވެ. ކޮންމެވެސް ދުވަކުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވި އުޅެވުނު ދުވަހަކުން ފަހަރެއްގައި އޭނަ އަފްރީންއަށް ހަގީގަތް ހާމަކޮށްދީފާނެއެވެ. ކެންޒީ އެހާވަރުން އެދުނީތީ ކެންޒީ ބޭނުންވާ ދުވަހަކާއި ހަމަޔަށް އެ ސިއްރު އެންމެނަށް ފޮރުވައިދޭން ކަޔާން ވައުދުވިއެވެ.

ކަޔާން ލަވައެއްގެ ރާގެއް އަޅުވާލާފައި ކަޅުކުލައިގެ ފަޓްލޫނުގެ ޖީބަށް އަތްޖަހާލައިގެން ހުރެ ކުރިއަށް ފިޔަވަޅުތައް އަޅަމުންދިޔައެވެ. ލައިގެން ހުރި އަތްދިގު ގަމީހާއި ޓައީގެ ސަބަބުން މީހާގެ ޝަޚުސިއްޔަތު އެހާ ވަރުގަދަކަމަށް ދައްކައެވެ. ފިރިހެންވަންތަކަމުގެ ނަމޫނާއެކެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް އެ ރީތި ދެލޮލަށް ޖަމާވެފައިވާހެން ހީވިއެވެ. އެހާވެސް ލޮލުގެ ވިދުންގަދައެވެ. ލައިޝާއާއިއެކީގައި އޮފީހަށް ވަންނަން ދިޔައިރު އަންހެންކުދިން ސިއްރު ނަޒަރަކުން ބެލިއެވެ. ލައިޝާހުރީ ކޮންމެވެސް ވަރަކަށް ވަރުބަލިވާގޮތްވެފައެވެ. އާއްމުކޮށް ހެނދުނު އެގަޑީގައި އުފާވެރި މޫޑެއްގައި ހުންނަކުއްޖާގެ ތުންފަތުގައި ހިނިތުންވުމެއް ނެތެވެ. ރޭ ނުވެސް ނުދިނީއެވެ. އެތައް އިރެއްވާންދެން އޭނަ ކަޔާންގެ ތަސްވީރުތަކަށް ބަލަން އިނެވެ. ކަޔާން ގެނެސްދިން އެސް އެސް ޑީ ގައިވާ ކޮންމެ ފޮޓޯއެއް އޭނަ ރަގަޅަށް ބަލާ ދަސްކުރިއެވެ. ބަލާ ބަލާ ފޫހިވުމެއްނެތި ބެލިއެވެ. ލައިޝާ ކެބިންއަށް ވަދެފައި މޭޒުގައި ބޯ އަޅައިލިއެވެ.

"ބޭބީ ވަޓް ހެޕެންޑް، ކަމެއްވީތަ؟ " ކަޔާން ގެ މޫނުގެ ކުލަ ފަނޑުވިއެވެ.
"ކުޑަކޮށް ހޮޑުލަވާގޮތްވީ، ވެދާނެ ރޭ ނުކައްކައި ހުރެފައި ރޮށްޓާއި ރިހަ ގަނެގެން ކާލީމަކަމަށް، ނޫނީ ތަންކޮޅެއް ގޭގައި މަސައްކަތް ބުރަވީކަމަށް، އިއްޔެ ގެއަށް ގޮސްފައި ހެދުމާއި ބެޑްޝީޓް އެއްޗެހި ދޮވެލީ......." ލައިޝާ މަޑުމަޑުން ބުނެލިއެވެ.
" ގޭގައި ކީވާއާއި މަންމަ އުޅެއެއްނު، އެމީހުން ހެލްޕް ނުވަނީތަ؟ " ކަޔާން ހިތްހަމަނުޖެހިފައި ހުރެ ބުނެލާފައި ލައިޝާގެ ފަހަތުން އައިސް ދާދި ކާރީގައި ހުއްޓުނެވެ.
"ދެކުދިންވެސް ބައްޔޭ....." ލައިޝާއަށް ބުނެލެވުނެވެ. ކަޔާން ލައިޝާގެ ކަނދުރާގައި އަތްޖައްސާލިއެވެ. މަސާޖްކޮށްދޭންފެށިއެވެ. އެއަތުގެ އެންމެ ބީހިލުމަކުންވެސް ބޮލުގެ ރިހުން ކުޑަވެ އަރާމުވިހެން ހީވިއެވެ. އެހެންނޫނަސް އެގޮތަށް ބޮލާއި ކުޅުމުން ސިކުނޑިން ސިގްނަލެއް ދެނީ ބާވައެވެ. އަރާމުގެ ހިއްސުތަކަށް އަސަރު ކުރުވަނީކަން ނޭގެއެވެ. ވަގުތުން ދެލޯމަރައިލެވި ނިދިއަންނަގޮތްވިއެވެ.

"ކެން މީހަކަށް ފެނިއްޖެއްޔާ ބުނާނީ ކީކޭތަ؟ "ލައިޝާ ކަންނެތް އަޑަކުން ބުނެލިއެވެ.
"އަހަރެން ހިލޭ މީހެއްގެ ގައިގައެއް ނޫނޭ އަތްލަނީ، އެހެން މީހުންނަށް ކޮން އުނދަގުލެއް ވާކަށް، މިތާ އެހެން އަންހެން ސްޓާފުން އުޅޭއިރު އެމީހުންނަށް ބަލާވެސް ނުލަން، އެހެންވީމަ މަގޭ ޒާތީ ކަންތައްތަކާ އެމީހުންވެސް ނުބެހޭނެ. މިހާރު ލުއިތަ؟ "ކަޔާން އަހާލައިފިއެވެ. ކަޔާން ލައިޝާގެ ނިތްކުރީގައިވެސް ފިރުމާލަދިނެވެ. ލައިޝާ ކަޔާންގެ އަތްތިލައިގާ ބޮސްދިނެވެ. ލޯބިވާވާހަކަ ބުނެލިއެވެ. އެވަގުތު އެހެންލާފައި ދިޔަ މީހަކަށް އެކެބިންތެރެއިން ފެނުނު މަންޒަރަކުން ޝޮކެއް ލިބޭނެކަން ޔަގީނެވެ. ކަޔާން އޭނަގެ ޕީއޭއާއި ގުޅުން އޮތްވަރު ރީއްޗަށް ފެނިއްޖެއެވެ.

ކަޔާން ކާރު ޕާކްކޮށްލާފައި ޖުއާން އެއްއަތުން ލުއިކޮށް އުފުލާލާފައި ކޮނޑުމަތީގައި ބޭއްވިއިރު ޖުއާންގެ އަތުގައި އޮތީ އޭނަގެ ފެވެރިޓް ބުދު "ޓޮމީ" އެވެ. އެބުދާއި ނުލައި ޖުއާންއަށް ފިޔަވަޅެއް އެޅޭކަމުގައި ނުވެއެވެ. އޭރު އަފްރީން ވެސް ގަސްތަކުގެ ތެރެއިން ނުކުމެގެން އައީއެވެ. އޭނަ ހުރީ ޖޮގިން ހެދުމުގައެވެ.

"ޝުގަރ، މަންމީ ކާރިއަށް ޖޮގިން ކުރަން ދޭބަލަ...." ކަޔާންގެ އެ ޖުމްލައާއިއެކު ޖުއާން އަފްރީންއާއި ދިމާލަށް ދިއްކޮށްލައިފިއެވެ. އަފްރީން އެ މަންޒަރު ފެނިފައި ހައިރާންވެ އަންތަރީސްވިއެވެ. ކަޔާން އޭނަގެ ގާތުގައި މި ނޫނީ ޖުއާންލައްވާ މަންމީ ކިޔުއްވިކަމެއް ނޭގެއެވެ. ކަޔާން އެހާ ރީތިކޮށް ހިނިތުންވެލުމުން އަފްރީންއަށް ހީވީ މަސްނޫއީ ހިނިތުންވުމެއްކަމުގައެވެ.

"ކަޔާންގެ ސިފައިގާ ހުރި ޖިންނިއެއްތަ؟ ހިޔެއްނުވޭ ތިހާ ސްވީޓްކޮށް އަހަންނާއި ވާހަކަދައްކާނެހެން، އަހަންނަށް އެނގޭ ތިހާ ރީތިކޮށްހަދައިގެން އަހަރެން ހައްދަން ނޫނީ މޮޔަކޮށްލަން ތިއުޅެނީ، ބުނޭ، ކޮންކަމެއް ހިތުގައި އޮތީ، އިންޓެންޝަނެއްނެތި ތިހާ ރީތިކޮށް ވާހަކަދައްކަން އެނގޭ ފިރިހެނެއްނޫން ތިއީ......" އަފްރީން ހަށަން ބަދެލިއެވެ.

"އަފްރީން ތިހިރީ އަހަރެން ރޭޕްކޮށްފިއޭ ކިޔައިގެން މަންމަމެންގާތު ދޮގު ހަދާފައި ދޯ......" ކަޔާން ދެއްކީ އެހެން ވާހަކައެކެވެ.
"އަހަރެން އާންޓީމެނަށް ހަގީގަތް ކިޔައިދިނިން، އެކަމަކު އަހަންނެއް ނުބުނާނަން ސޮރީއެކޭ، ޔޫ އާރ އެ ޑީމަން....." އަފްރީން ޅަގޮތަކަށް ދޫނެރެލާފައި ވައްތަރެއް ޖައްސާލިއެވެ. އޭރު ޖުއާން ބޯޅައެއް ހިފައިގެން ކުޅުމުގައި އުޅެއެވެ. ކަޔާން ހީލާފައި އެތެރެއަށް ވަދެގެން ދާން ހިނގައިގަތެވެ. ކަޔާން އެވަރުންވެސް މިއަދު ރުޅިއެއްނައެވެ. އެމީހުންގެ އާއިލާ ކުޑައިރުއްސުރެން އެކީގައި އުޅުނުއިރު އެންމެންނަށް އެންމެން ދަސްވެފައިވެއެވެ. އަފްރީންގެ ބުޅިއިސްތަށިގަނޑުގެ ސަބަބުން އަބަދުވެސް ކަޔާން އަފްރީން ރުޅިއަރުވާލަން ހަންޑިކުއްޖެކޭ އޭރު ކިޔާނެއެވެ. ޅަކަންތައްކުރަމުން އުޅޭތީ ކަޔާން އަބަދުވެސް އަފްރީންއާއި ދުރުގައި އުޅެން މަސައްކަތްކުރިއެވެ. ޒުވާން އުމުރުގައި އަފްރީން ބޮޑަށް ގުޅިގެން އުޅުނީ ކެންޒީއާއެވެ. އޭރު ކަޔާން ފުދޭވަރަކަށް ސީރިޔަސްއެވެ. އަންހެންކުދިންނާއި އެހާ ދުރުހެލިވާނެއެވެ. އެކަނި އަންހެންކުދިންނެއްވެސް ނޫނެވެ. އޭނަގެ މިޒާޖު ހުރިގޮތުން އެކުވެރިން ގުނާލެވިދާނެއެވެ.

ކަޔާންގެ ހަރަކާތް ހުރިގޮތުން އަފްރީން ފާޑަކަށް ދެލޯ ކުޑަކޮށްލައިގެން ވިސްނަން ހުއްޓެވެ. ނަފްރަތަކީ ލޯބީގެ ފެށުމެވެ. ކަޔާން އޭނަދެކެ ލޯބިވާން ފެށީހެއްޔެވެ؟ ޔަގީނެވެ. އެފިރިހެނާގެ ހިލަހިތް މަޑުވީއެވެ. އޭނަ ހާދަ ބާރުގަދައެވެ. އަފްރީން އެކަނިހުރެވެސް ހޭންފެށިއެވެ. އެތާހުރި ތަނބުގައި ބައްދާލާފައި މޫނު ޖައްސާލައިގެން ހުރިއިރު ހިތަށް އަރަނީ ކަޔާން އޭނަދެކެ ލޯބިވެއްޖެއްޔާ ވާނެގޮތެކެވެ. ހާދަ މަޖާވާނެއެވެ. އަސްލު އޭނަ މިހާރަކު ކަޔާންދެކެ ލޯތްބެއް ނުވެއެވެ. ކަޔާން ފޮނިކަމާއި ސީރިޔަސްކަމުން އޭނަ ފޫހިވެސް ވެއެވެ. މައްސަލައަކީ ހަމަ އެކަނި ލައިޝާއެވެ. ލައިޝާއާއި ވާދަކުރަންވެގެން އޭނަ ކަޔާންގެ ފަހަތުން އުޅުނަސް ހިތް ކަޔާންއަކަށް ނޭދެއެވެ. އެހާ ސީރިޔަސްމީހަކާއި އެކީގައި ހަޔާތުގެ ދަތުރުފަށައިފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ކަޔާންފަދައިން އެންމެފަހުން މޮޔައިންގެ މަރުކަޒެއްގައި ބާކީ އޮތް ދުވަސްތައް ހޭދަކުރަން ޖެހިދާނެއެވެ. ކަޔާން އަށް އޭނަވެސް ދުނިޔޭގެ ދެކޮޅު ދައްކާލާނެއެވެ. ދެފައިގާ ހިފާ އާދޭސްކޮށްގެން ނޫނީ އެއްބަހެއްނުވާނެއެވެ.

އަފްރީން ލަވައެއް ކިޔަމުން ގޮސް ބޮޑުކޮޓަރިއަށް ވަންއިރު ކެންޒީ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. ކެންޒީބަލައިލި ގޮތަކުން އަފްރީން ކުޑަކޮށްރަކިވިއެވެ. ކެންޒީގެ ރީތި ރީތި ދެލޮލުން އެ ބަލާލާއިރު ހުންނަ އަސަރަކުން ހިތަށް ގޮތެއްވެސް ވެއެވެ. އޭނަގެ ދަރިފުޅުގެ ބައްޕަ އެހާ ކުލުނުން ފުރިފައިވާ ގޮތަކަށް ބަލައިނުލަނީ ކީއްވެހެއްޔެވެ؟ ނަމަވެސް ކެންޒީ ވަގުތުން ދުރުބަލައިލިގޮތުން ކެންޒީ އަދިވެސް އޭނައަށް މާފުނުކުރާކަން އަފްރީން ދެނެގަތެވެ. އަފްރީންވެސް ކެންޒީއަކާއި އަނގައިން ނުބުނާނެއެވެ. އެކްސިޑެންޓްވުމުގެ ކުރިން އެދެމީހުން ކުރި ޒުވާބާއި ކިޔާލި އެއްޗެހި ތިންއަހަރުވިޔަސް އަފްރީންގެ ހިތަކުން ނުފިލާނެއެވެ. އަފްރީން އެތާ ކެންޒީއޮތްކަން އެނގުނުކަމަށް ހަދާނުލައި އަނެއްކާ ނުކުތީ ބޭރަށެވެ.

އަޒީޒުއްދީން ގެއަށް ވަންނަވާ ކޮންމެ ފަހަރަކު ވަރުޖިނާ އެދެނީ ކަޔާން ކުރާ ކަންތައް ހުއްޓުވުމަށެވެ. ކަޔާން އެނުލަފާ އަންހެންކުއްޖާ ގާތަށް ދާތީ އެކަމާއި ވަރުޖިނާއަށް ކެތްނުކުރެވިގެންގޮސް ސިކުނޑި ފަޅައިގެން ހިނގައިދާނެކަމުގައި ކޮންމެ ފަހަރަކު ކިޔައެވެ. އަޒީޒުއްދީން ވަރުޖިނާދެކެ ލޯބިވެވައްލާވަރު ބޮޑުކަމުން އެކަންތައްތަކާއި އަޅާނުލައްވާ ހުންނެވުން ފަސޭހައެއް ނޫނެވެ. ލޯބިވާ އަނބިމީހާ އުފަލުގައި ބަހައްޓަން އޭނަ ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރެވެ. ވަރުޖިނާ ދެރަވެގެންގޮސް ހަލާކުވާވަރުވެއެވެ. އެހެންނޫނަސް ދީނުގައި އެފަދަ ކަންތައް ހުއްދައެއް ނުވާނެއެވެ. ކަޔާން އެއަންހެންކުއްޖާ ގޮވައިގެން ގޮސް އެޕާޓްމެންޓްގައި އުޅޭކަން އެކިގޮތްގޮތުން ވަރުޖިނާއަށް ވަނީ ޔަގީންކުރެވިފައެވެ. ކަޔާންގެ އެނދުގައި އެ އަންހެންކުއްޖާ އޮތްތަން ފެނިފައިވާކަމަށްވެސް ވަރުޖިނާ އަޒީޒުއްދީންގެ ގާތުގައި ބުނެލިއެވެ. އެހެން އުޅެނިކޮށް އެކުއްޖާ ނަހަލާލު ދަރިއެއް ވިހައިގެން ކަޔާންގެ ބޮލުގައި އަޅުވައިފިއްޔާ އެމީހުންގެ އާއިލާގެ ރީތިނަންވެސް ބަދުނާމުވާނެއެވެ. އަޒީޒުއްދީން އެކަމާއި ބާރުއަޅުއްވައިފިއްޔާ ކަޔާން ޖެހޭނީ އަފްރީންއާއި އިންނާށެވެ.

އިޝާ ނަމާދަށްފަހު އަޒީޒުއްދީންގެ ދެމަފިރިން ސިޓިންރޫމަށް ނުކުތްއިރު ޒިއާމްއާއި ރައަދު ސޯފާގައި ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. ރައަދު ހީވަނީ ޒިއާމްގެ އުނގަށް އަރާފާނެހެންނެވެ. އެކަމާއި އެއްވެސް މީހަކު ނުބައި ޝައްކެއްނުކުރެއެވެ. ރައަދުއަކީ ޒިއާމްގެ ކޮއްކޮއެވެ. ވީއިރު ޒިއާމްފަދަ ރަގަޅު ޒުވާނަކު ފަހަރެއްގައިވެސް ގޯހެއް ނަހަދާނެއެވެ. މަންމަމެން ފެނުމުން ރައަދު ނޯޓްފޮތް ހުޅުވާލައިގެން އުޅެގަތްގޮތުން ހީވަނީ އެއްޗެއް ނޭގިގެން އޮޅުން ފިލުވާހެންނެވެ. ދެމަފިރިން ޚަބަރު ބަލައިލަން ސޯފާގައި އިށީންތަނާހެން ކަޔާންވެސް ނަމާދުކޮށްލައިގެން އައިސް ގެއަށްވަނެވެ. 

"ކަޔާން، މިރޭ ކާން ޖެހޭނީ ގެއިން، އިޝާއަށްފަހު ގެއަށް ވަންނަގޮތަށް ގެއިން ބޭރަށް ނުކުމެވިގެން ނުވާނެ، ވަރަށް ގިނަދުވަސްވާންދެން މަންމަ އެއްޗެކޭ ނުބުނެ ކެތްކޮށްފިން...." ވަރުޖިނާ ސޯފާއަށް ތިރިވާން އުޅެފައިވެސް ކަޔާން ފެނުމުން ކޮޅަށް ތެދުވެ ހިންދެމިލައިފިއެވެ. 
"ކަޔާން ދަރިފުޅާ، ކޮންމެރެއަކު އެކުވެރިއެއްގެ ގާތަށޭ ކިޔާފައި އަންހެންކުއްޖެއް ގޮވައިގެން އުޅޭ ވާހަކަ މީހުން ދައްކަން ފަށައިފި....." އަޒީޒުއްދީން ބުނުއްވިއެވެ.
"ބައްޕާ، އަޅުގަނޑު....." ކަޔާން އެއްޗެކޭ ބުނަން އުޅެނިކޮށް ވަރުޖިނާ އެވާހަކަ މެދުކަނޑާލައިފިއެވެ.
"މަންމަ ނުބުނަންތަ އެ އަންހެންކުއްޖާއާއި ގުޅުމެއް ބާއްވައިގެން ނުވާނެއޭ، ހެވޭ ކަޔާން ބޭނުން ނެތިއްޔާ އަފްރީންއާއި ކައިވެނި ނުކުރިޔަސް، އެކަމަކު މަންމަމެންގެ ފުރާނަ ހުއްޓާ ލާހިކެއްނޫން ކަޔާންއަށް އެކުއްޖާ މިގެއަށް ވައްދާކަށް، އެނުލަފާ ކުއްޖާ ސިހުރު ހަދައިގެން ކާން ދޭން ފެށީމަ ކަޔާންއަށް މިގެއިން ކެވޭކަމަކަށް ނުވި......" ވަރުޖިނާގެ ރުޅިގަދަވާން ފެށުމަކީ ރަގަޅު ސިގްނަލެއް ނޫނެވެ. ކަޔާންވަނީ މަންމަގެ ފަރާތުން އެ ސިނގު ރުޅިގަނޑު ވާރުތަކޮށްފައެވެ. ދެމީހުން ރުޅިގަދަވެއްޖެއްޔާ ގެ ބޮލަށް ވައްޓާލަފާނެއެވެ.

"މަންމާ، އަޅުގަނޑަކަށް ނޭގޭ މަންމަމެން ތިހާ ރުޅިއަންނަންވީ ސަބަބެއް، އަޅުގަނޑު އޮތީ ބުނެފައި އަފްރީންއަކާއި ނީންނާނަމޭ، ދެން އަންހެންކުއްޖަކާއި ވާހަކަދެއްކުމުގެ ހައްގެއްވެސް އޮވެގެން ނުވާނެތަ؟ އެހެންނޫނަސް މަންމަވެސް ތިގޮތަށް ލައިޝާގެ ވާހަކަ ދައްކާ އަޑު އަހާކަށް އަޅުގަނޑަކަށް ކެތެއް ނުވާނެ، ލައިޝާއަކީ ރަގަޅުކުއްޖެއް، ސިހުރުވެރިއެއްނޫން........." ކަޔާން ހިތްހަމަނުޖެހޭގޮތްވި ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކައެވެ. އޭނަ ހުރީ ކެތްތެރިވެލައިގެންނެވެ. މިވަރުގެ ބަހެއްވެސް މަންމައާއި ދިމާލަށް ނުބުނަން އޭނަ މަސައްކަތްކުރެއެވެ. މިއަދު ކެތްނުވީއެވެ. ލައިޝާފަދަ މާތް ކުއްޖަކާއިމެދު މަންމަ ކަމަކު ހިތަށް އެރި އެއްޗެއް ކިޔައިގެން ނުވާނެއެވެ. އަޒީޒުއްދީންއަށް ކަޔާންގެ އެ ޖުމްލައިން އުދަގޫވިއެވެ. ވަރުޖިނާއާއި ދިމާލަށް އެފަދަ ބަހެއްވިޔަސް ދަރިޔަކު ބުނާއަޑު އައްސަވަން އޭނަ ހިމޭނުން ނުހުންނަވާނެއެވެ. ތެދުވިގޮތަށް ބޭ އިޚުތިޔާރުގައި ކަޔާންގެ މޫނަށް އެތިފަހަރެއް ވީއްލާލެވުނީ އެހެންވެއެވެ. މައިމީހާގެ ކުރިމަތީގައި ޗުއްޕުވެސް ބުނެވިގެން ނުވާނެއެވެ.

"މަންމައާއި ތިގޮތަށް އަދަބުކުޑަކޮށް ވާހަކަ ނުދައްކާތި، ހަމަ މިހާރު މާފަށް އެދޭ...." އަޒީޒުއްދީން ހަރުކަށިކަމާއެކު ކަޔާންއަށް އަމުރުކުރެއްވިއެވެ. ކަޔާން އަދިވެސް ކުޑަކުއްޖެއްގެ ގޮތުގައި ބައްޕަ ދެކެލައްވަނީއެވެ. ކަޔާންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.

"ސޮރީ....." ކަޔާން އެހެން ބުނެލާފައި ސިޑިން އަރައިގެން ދިޔައީއެވެ. ރޯންފެށީ ވަރުޖިނާއެވެ. ހީވީ ކަޔާންގެ ބަދަލުގައި އޭނަގެ މޫނުމަތީގައި އެތިފަހަރެއް ޖެހެވުނުހެންނެވެ. އަންހެންކުއްޖަކަށްޓަކައި ކަޔާން ތިމާގެ މަންމައާއި ދިމާލަށް އެގޮތަށް ވާހަކަ ދެއްކީމަ ވަރުޖިނާގެ ހިތަށް ބުނަން ނޭގޭފަދަ އަސަރެއް ކޮށްފިއެވެ. ހިތް ކުދިކުދިވެގެން ފައިބައިގަތްހެން ހީވިއެވެ. ހިތުގައި އަތްއަޅާލެވުނީ އެހެންވީމައެވެ. އެހެންނޫނަސް ދަރިފުޅުގެ ލޮލުން ކަރުނަ އަންނަތަން ދެކޭކަށް ވަރުޖިނާ ނޭދެއެވެ. އެ ސުންޕާ އަންހެންކުއްޖާގެ ނުބައިކަމާއެވެ. ވަރުޖިނާގެ ހުރިހާ ރުޅިއެއް އަމާޒުވީ ލައިޝާއަށެވެ. ހިތުގައި އެވަގުތު އުފެދިގަތް ނަފްރަތުގެ އަސަރު ސިކުނޑިއާއި ހަމަޔަށްވެސް ފޯރިއެވެ.

ކަޔާން އެރޭ ބޭރަށް ދިޔުމުގެ ޚިޔާލު އެއްފަރާތްކޮށްލައިފިއެވެ. މައިންބަފައިންނާއި ދެކޮޅުހަދާފައި އެމީހުންގެ ކުރިމަތީގައި ނިކުމެގެންދާކަށް ބޭނުމެއްނުވީއެވެ. ރުޅިގަދަވެގެން ކެތްތެރިކަން ކޮޅުންލައިގެންދާވަރު ވިނަމަވެސް ކޮޓަރިއާއި ހަމަޔަށް ދާންދެން ކެތް ކުރިއެވެ. ކޮޓަރިއަށް ވަންގޮތަށް ހޫރާލި އަތުން މޭޒުމަތިން އެތައް އެއްޗެއް ބިންމައްޗަށް ވެއްޓި ތެޅުނު އަޑުފަށްގަނޑު ތަނުގެ ހިމޭންކަން ކަނޑުވާލިއެވެ. ކަޔާން ގެ ސިކުނޑި ފިނިވީ ފެންވަރާ ބަޔަށްވަދެ ފިނިފެންމާގަނޑު ދޮށުގައި ހުއްޓި ޝަވަރަށް ދޫކޮށްލުމަށް ފަހުގައެވެ. އޭރު ކަޔާން ވިސްނަމުން ދިޔައީ ހަދާނެގޮތަކާއި މެދުގައެވެ. ލައިޝާގެ ހަގީގަތް ފާޅުކޮށްފިއްޔާ މަންމަމެން ގެ މައްސަލަ ބޮޑުވާނެވަރު މިހާރު އޭނައަށް އަންދާޒާ ކުރެވިއްޖެއެވެ.

ކަޔާންއަށް އެރޭ ނާދެވުނަސް ލައިޝާ ޑޮކްޓަރަށް ދައްކާންވެގެން އެކަނިމާ އެކަނި ދިޔައެވެ. ޑޮކްޓަރު ބުނުއްވީ އިންފެކްޝަނެއް ހެދުނީ ކަމުގައެވެ. އެރޭ ބޭސްކެއުމަށްފަހު ހެދުނު ހޭލެވުނުއިރު މޭނުބައިކޮށް އަނބުރާގޮތްވުމުން ލައިޝާ ބިރުގަންނަގޮތް ވެއްޖެއެވެ. ހޭލެވުނުއިރު ވިއްސާރަ ވިލާތަކުން އުޑުމަތި އެކަށް ބައްދާލާފައިވާއިރު ހީވަނީ އިރު ނާރައިގެން އުޅޭހެންނެވެ. ތުނިކޮށް ވާރޭވެހޭގޮތުން ހީވަނީ އަވަހަކަށް ވާރޭ ހުއްޓާނުލާނެހެންނެވެ. އެހާ ފިނިކަން ގަދައެވެ. އެވަރުންވެސް ލައިޝާ އޮފީހަށް ނުގޮސް ހުންނަހިތެއް ނުވިއެވެ. ކަޔާން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާއިރަށް ލައިޝާ ދުވެލާފައިގޮސް ކާރަށް އެރިއިރު ކޮންމެވެސް ވަރަކަށް ތެމިއްޖެއެވެ. އެދޮން މޫނުމަތީގައި މުތީތައްހެން ވާރޭގެ ތިކިތައް ވިދާއިރު ނިކަން ނަލައެވެ. ކަޔާން ގުދުވެފައި ލައިޝާގެ ކޯތާފަތުގައި ވާ ވާރޭގެ ތިކިތަކުގައި ބޮސްދިނެވެ. 

"މޯނިން ބޭބީ، ކިހިނެއްތަ؟ ރޭ ހާދަ މިސްވިޔޭ...އަހަންނަށް ރަގަޅަކަށް ނުވެސް ނިދުނު، އޯ ގޯޑް މަގޭ މަޖުބޫރީކަން......." ކަޔާން އެކުޑަ އަތްތިލައަށް ފިތާލިއެވެ. އެ ކުޑަ ކުޑަ އާދައިންވެސް ލައިޝާގެ ހިތަށް އަސަރުކޮށްގެން ރޮވެން އުޅުނެވެ. އޭނަ މިހާ ބަލިއިރު ކަޔާން ގާތުގައި ވާން އަބަދު ބޭނުމެވެ. 
"އަހަރެންވެސް އެވަރަށް މިސްވި......." ލައިޝާ ކަޔާންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ކަޔާން ފެނުމުން ވަރުބަލިކަން ފިލާ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބިފައިވިއެވެ.
"ކެން، އަހަރެން މިއަދު ކުއްލިއަކަށް ހަނދާންވީ، އައި މިސްޑް މައި ޕީރިއެޑް....." ލައިޝާގެ އެ ޖުމްލައިން ކަޔާން ސިހުނުވަރުން ހުންގާނުގައި ބާރަކަށް ހިފަހައްޓާލެވުނެވެ.
"ވަޓް......" ކަޔާން ދެބުމަ ކާރިކޮށްލަމުން ލައިޝާގެ މޫނަށް ބަލާލައިފިއެވެ. 

ކޮމެންޓް 0