އައިދަން ޒުލްމާގެ ހިތް ހަމަޖައްސައިދޭން ވާހަކަދައްކަމުން ގެންގޮސް ގޮނޑިއެއްގައި ބައިންދާފައި ކުރުނބާ އެއްވެސް ގެނެސްދިނެވެ. އެއަށްފަހު އަވަސްވެގަތީ ބޭސް ގަންނަން ދާށެވެ. އޭނަވެސް ހުރީ އިންތިހާއަށް ހާސްވެފައެވެ. ނިތްކުރީގައި ވިދަމުންދާ ދާތައް އެކަމަށް ހެކިދިނެވެ. އައިދަން ބޭސް ކޮތަޅު ހިފައިގެން އައިސް ކީވާ އޮތް ކޮޓަރިއާއި އަރާ ހަމަވީއިރު ވިޝާންވެސް އެތަނުން ނުކުތް ވަގުތު ކަމުން ދެމީހުން މުޑި ޖެހުނެވެ. 

ދެމީހުންވެސް އެކަކު އަނެކަކުގެ މޫނަށް ތޫނު ނަޒަރަކުން ބަލައިލިއެވެ. އައިދަންގެ މޫނުން ކުޑަކޮށް ނުރުހުމުގެ އަސަރު ފެނިލިއެވެ. ވިޝާންގެ އަލިފާނުގެ ބެލުމުން އައިދަން އަންދާލަފާނެހެން ހީވިއެވެ. ދެ ދުޝްމަނުންގެ ކުރިމަތިލުމެކެވެ. ވިޝާން ލޮލުން ދިން އިންޒާރަށްފަހު އިތުރު އެއްޗެކޭ ނުބުނެ ބާރަށް ހިނގާލާފައި ގޮސް ނިވާވެލައިފިއެވެ.

ކީވާ ގެއަށް ފޮނުވާލުމަށްފަހު ވިޝާން ކީވާއާއި ބައްދަލުކުރަން އެގެއާއި ހިސާބަށް އަންނަން ފެށިއެވެ. ވިޝާން ހުންނަނީ ދޮރާށި ކައިރީގައެވެ. ރެސްޓޯރެންޓަކަށް ނޫނީ ހުޅުމާލެ ކަހަލަ ތަނަކަށް ގެންދާން އުޅުމުން ކީވާއަކަށް ވިޝާންގެ އެދުމަށް އިޖާބަދޭކަށް ނުކެރުނެވެ. އެކަމާއި ވިޝާން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް ކީވާގެ މަންމަވެސް އެކަމަށް ހުއްދައެއް ނުދޭނެއެވެ. ކީވާގެ ބަލިހާލު ހުރިގޮތުން އެފަދަ ހިތްވަރެއްވެސް ނެތީއެވެ. އެހެންނޫނަސް ކީވާގެ ހިތުގެ އަޑިން ވިޝާން އޭނަދެކެ ލޯބިވާ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ކީވާ އަމިއްލަ ނަފުސަށް އެއްގޮތަކަށްވެސް އިތުބާރު ނެތްތާގައި އަމިއްލަ ހިތާއިމެދުވެސް ޔަގީންކަމެއް ނެތެވެ. ވިޝާން ކިތަންމެ ރީއްޗަސް ހިތުގައި ގިނަވަގުތު ރަސްކަން ކުރާ ސޫރައަކީ އައިދަންއެވެ. އައިދަންގެ ރީތި ދެލޮލުގެ މަތިން ހަނދާން ނައްތާލަންވެސް އުނދަގުލީއެވެ.

ލައިޝާ "ކެންޒިއާ" އަށް ދިޔައީ ހަވީރު ސަޔަށެވެ. ކަޔާން އާއި އެކު ޓެރެސްގައި އެތައް އިރެއްވާންދެން ވާހަކަ ދައްކާލަން އިނުމަށްފަހު ލައިޝާ އެގޭގެ މަތީބަޔަށް ދިޔައީ ނަމާދު ކޮށްލާށެވެ. ގެއަށް ދާންވާ އިރަށް މަޣުރިބުގަޑި ފާއިތު ވެދާނެތީއެވެ. މަތީބައިގެ ކޮޓަރިއެއް އޭނަ ހުޅުވާލީ ފަހަރެއްގައިވެސް ލަދުވެތި މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. ވިޝާންއާއި ރައަދު ފެނުމުން ލައިޝާގެ މޫނު ރަތްވެގެން ދިޔުމާއިއެކު އަވަހަށް ފަހަތަށް ޖެހިލިއެވެ. އެދެމީހުން ލޯބީގައި އޮޔާލާފައިވާއިރު ދުނިޔޭގެ ހޭ ހުރިހެނެއް ހިޔެއްނުވެއެވެ. ލައިޝާ އަވަސް އަވަހަށް ތިރިއަށް އައި ގޮތަށް ކަޔާން ކާރީގައި ބުނެގެން ގެއަށް އައިއިރުވެސް ލޯމަތިން ފެނުނީ ރަޢަދުއެވެ. އެހާ މައުސޫމް ކުއްޖަކު އެފަދަ ގޮތަށް އުޅެދާނެ ކަމަކަށް ގަބޫލެއްވެސް ނުކުރެވެއެވެ. ވިޝާންގެ ހަގީގަތް އެނގުނީމަ ކީވާ ފަކީރު ހިތްހަލާކު ވެދާނެއެވެ. ވިޝާން މިގޮތަށް ގެންގުޅެނީ ކިތަން އަންހެންކުދިންނެއް ކަމެއްވެސް ނޭގެއެވެ. ވިޝާން ކީވާދެކެ ލޯބިވަނީއެއް ނޫނެވެ. އެއީ ދަޅައެކެވެ.

ލައިޝާގެ ހިތަށް އަސަރުކުރިއެވެ. ކީވާ ގާތުގައި ލޮލަށް ފެނުނު ކަންތައް ކިޔައިދިނުމުން ކީވާއަށް ވެދާނެގޮތަކާއި މެދުގައެވެ. ކީވާގެ ބަލިކަމާއި އަމިއްލަ ނަފުސަށް އިތުބާރު ނުކުރާވަރު އެންމެ ރަގަޅަށް އެނގެނީވެސް ލައިޝާ އަށެވެ. ލައިޝާ ގެއަށް ވަންއިރު ކީވާވެސް ނަމާދުކުރި ގޮތަށް މުސައްލަ މަތީގައި ޤުރުއާން ކިޔަވަން އިނެވެ. ބަލިކަމުން މާދަމާ ވަންދެން ދުނިޔޭގައި ހުރެދާނެ ކަމަކަށްވެސް ކީވާ އެހާ ގަބޫލެއް ނުކުރެއެވެ. ހުރިހާ ސުންނަތް ނަމާދުކޮށް އަބަދުހެން ޤުރުއާން ކިޔެވުމުގައި ކީވާ ވަގުތު ހޭދަކުރާ ސަބަބަކީ އެއީއެވެ.

ލައިޝާ މަންމަ ކޮޓަރިން ނިކުތް ދަނޑިވަޅު ބަލާލާފައި ކީވާ ގާތުން ޚަބަރު އަހައިލިއެވެ. ދެމީހުންގެ ގުޅުން ކިހާ ސީރިޔަސްވެއްޖެ ކަން ދެނެގަންނަން ލައިޝާ ސުވާލުކުރަން ފެށިއެވެ.

"ލައިޝް، އަހަންނަށް ނޭގޭ ވިޝާންގެ ހިތެއް، އެކަމަކު އޭނަ ވަރަށް ހެޔޮ، އަހަންނަށް ލެޕެއްވެސް ގަނެފި، އަގުބޮޑު ފޯނެއްވެސް ގަނެދީފި، އެހާ ބައިވަރު ވާހަކަ ފޮތްތައް ގަނެދީފި، ލޯބިވާ ވާހަކަ ސީދާ ނުބުންޏަސް އެނގޭ އޭނަ ވަރަށް ކެއަރ ކުރާކަން، އަހަރެން ބޭނުމެއް ނޫން އެހެން ފަރާތަކާއި ގުޅޭކަށް......." ކީވާ އޮތީ އުފާވެފައެވެ. އެ ރީތި ދެލޮލުގެ ވިދުވަރުގަދަ ކަމުން އެކަމަށް ހެކިދެއެވެ.

"ކިވީ އޭނަ ދެކެ ލޯބިވޭތަ؟ " ލައިޝާ ޔަގީންކުރަން ބޭނުންވިއެވެ.
"ހޫމް..." ކީވާ ކުޑަކޮށް ހީލިއެވެ.
"ކިވީ އަހަރެން މިހެން މިބުނީ އޭނަ ރިޗް މީހަކަށްވާތީ، އެމީހުންނަށް އިތުބާރު ކުރާކަށް ނުވާނެ، ކޮންމެފަދަ ދެރަގޮތެއްވެސް ހަދާފާނެ، ވަރަށް ވިސްނައިގެން އުޅެއްޗޭ....." ލައިޝާ ވިޝާންގެ ވާހަކަ ރަގަޅަށް ކިޔާދޭން ހިތަށް އަރާފައިވެސް ބުނާކަށް ނުކެރުނެވެ.

"ލައިޝް ވެސް ތިއުޅެނީ ރާއްޖެއަށް މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއަކާއި ރައްޓެހިވެގެން، ލައިޝް ބިރެއް ނުގަނޭތަ؟ އިތުބާރުކުރެވޭތަ؟ " ކީވާ ހަނދާންކޮށްލަ ދިނެވެ.
"އަހަންނަށް އެނގޭ، ހާޓްވެދާނެކަންވެސް އެނގޭ، އަހަރެމެން ރައްޓެހިވެގެން އުޅުނަސް އަދި ނޭގޭ ވެދާނެގޮތެއް، އެހެންވެ އަހަރެންވެސް ބިރުގަނޭ........" ލައިޝާގެ ހިތުގައިވާ އެއްޗެއް ތެދަށް ބުނެލިއެވެ. ކަޔާން ލޯބިވެގެން އުޅޭއިރުވެސް މިޒާޖު ހުންނަގޮތް ތަފާތެވެ. ކައިވެނި ކުރާކަށް ބޭނުމެއް ނުވެއެވެ. ލައިޝާ ބޭނުމީ މިހާރުވެސް ދިރިއުޅުމެއް ފަށާށެވެ. ކަޔާން ގެއްލިދާނެތީ އޭނަ ބިރުގަނެއެވެ. އެހެންނޫނަސް އެންމެން ކަޔާން "ސައިކޯ" އަކަށް ހަދާފައިވާއިރު ހާދަ ހިތްދަތި ވެއެވެ. އެކަމާ ނުވިސްނަން ހުއްޓަސް ޚިޔާލުކުރެވެއެވެ. ކަޔާންއަކީ ނަފްސާނީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ކަމަކަށް އޭނަގެ ހިތެއް ގަބޫލެއް ނުކުރެއެވެ. ރުޅިގަދަ ކޮންމެ މީހަކީ މޮޔައެއް ހެއްޔެވެ؟ އެހެންނޫނަސް މިހާރަކަށް އައިސް ކަޔާންގެ މަންމަ މާ ހެޔޮއެދިގެން އުޅޭތީ އެކަމާއިވެސް ލައިޝާ ބިރުގަނެއެވެ. އެހާ މުއްސަދިން ކޮންމެފަދަ ރޭވުމެއްވެސް ރާވަފާނެއެވެ. އޭނަފަދަ ޕޮޒިޓިވްކޮށް ކަންތަކާއި ދެކޭ ކުއްޖަކުވެސް މިހާރު މިވަނީ ބަލިކަށިކުރާ ވަރުވެފައެވެ.

ލައިޝާ ހުދުކުލައިގެ ކުރުތާއަކާއި ކަޅުކުލައިގެ ޝޯލްއެއް އެޅިއެވެ. ކީވާއަށްވެސް ލައިޝާގެ ހެދުމަށް ގެންނަ ބަދަލުވަނީ ފާހަގަވާން ފަށާފައެވެ.

"އަހަރެން ހީކުރީ ކަޔާންއަކީ ސްޓައިލިޝް މީހެއްކަމަށް، އެހެނެއް ނުވިއެއްނު، އޭނަ ބުނެގެންތަ ހެދުން މާ ބޮޑަށް ދިގުވާންފެށީ....." ކީވާ ހުރީ ކޮލެޖަށް ދާން ތައްޔާރުވާށެވެ.
"އާނ ކިވީ، ކުރީދުވަހު އަހަރެން ލައިގެން ދިޔަ ޔެލޯ ޓޮޕްގެ ސަބަބުން ބޮޑު މައްސަލަގަނޑަކަށްވީ، ބައެއް ފިރިހެނުން ބޭނުންވާނީ ގާލްފްރެންޑް ނޫނީ ވައިފް އިޝްތިހާރުކުރަން، މޭކަޕްކޮށްގެން ގެންދަން، ތިމާގެ ފްރެންޑުންނަށް ފޮނި ދައްކާލެވޭނީ އޭރުންހެން ހީވަނީ، އެކަމަކު ކަޔާން ވަރަށް ތަފާތު، އޭނަ ބޭނުމެއްނުވޭ އަހަރެން ރީތިކޮށް ހެދުން އަޅައިގެން އެހެން ފިރިހެނަކަށް ފެނިލަން، އައިމް ޕްރައުޑް އޮފް ހިމް....." ލައިޝާ ތައުރީފުކުރިއެވެ. އޭނަވަނީ އެ ހާދިސާގެ އެއްބައި ކީވާއަށް ފޮރުވާފައެވެ. ލައިޝާގެ ހެދުން ކަފާލިކަން އެނގިއްޖެއްޔާ ކީވާ ކަޔާންދެކެ ނަފްރަތުކުރަން ފަށާފާނެއެވެ. ކަޔާން އުޅޭގޮތުން ބައެއްފަހަރު އޭނަވެސް ބިރު ގަނެއެވެ. ކަޔާންގެ ނަފްސާނީ މައްސަލަ ދޭތެރެއަކުން އޭނަގެ ސިކުނޑީގައި ވިކާލައެވެ. 

"ކަޔާންގެ ދަރިއެއް ހުރީމަ ބިރެއްނުގަނޭތަ؟ އެކުއްޖާގެ މަންމަ ދުވަހަކުވެސް ކަޔާންގެ ފަހަތުން ނައްޓާ ނުލާނެހެން މަށަށް ހީވޭ......" ކީވާ ކުއްލިއަކަށް ބުނެލި ވާހަކައަކުން ލައިޝާގެ ހިތް ތެޅިލިއެވެ.
"ވިޝާންގެ ކޮއްކޮ އަފްރީން ވާހަކަ ދޯ، އަހަންނަށް އެނގޭ، އަފްރީން ހިލޭމީހަކަށް ވިނަމަ އަހަރެމެން ދޭތެރެއަށް ވަންނާކަށް އެގޭގައެއް ނުހުރެވޭނެ، އަފްރީން ފެމިލީ ވީމަ އެނގޭ މަށަށް ޖެއްސުންކުރަން އުޅޭނެކަން، ޝީ ހޭޓްސް މީ ކިވީ، އެހެންވެ އެގެއަށް ދާން ކޮންމެވެސް ވަރަކަށް ޖެހިލުންވޭ، އަހަރެން މެރީކުރިއްޔާ އެގޭގައި އެއްނޫން ހުންނާނީ، ކަޔާންގެ އެޕާޓްމެންޓުގައި އަހަރެމެންނަށް ދިރިއުޅެވިދާނެ....." ލައިޝާ ބުނެލިއެވެ. 

"ކަޔާން އެކަނި އެ އެޕާޓްމެންޓެއްގައި ހުރުމުގެ ސިއްރަކީ ކޮބާތަ؟ "ކީވާ ސުވާލުކުރިއެވެ.
"ވެދާނެ އަފްރީން ގެ އުދަގޫ ބޮޑުކަމުން ކަމަށްވެސް....." ލައިޝާ ގަހަނާ އަޅާ ފޮށިން ނެގި ޕިންތަކުން ޝޯލް ހަރުކުރަން ފެށިއެވެ.
"ވަރަށް ޓަފްވާނެ، އަހަންނަށް އެނގޭ، ދޮންކުއްޖަކު ހުރުމަކީ ދިރިއުޅުން އެންމެ އުދަގޫކޮށްލާނެ އެއްކަންތަކޭ މަންމަ ބުނާއަޑު ލައިޝް ނާހަންތަ؟ އެއީ ދެމަފިރިން ދޭތެރޭގައި މައްސަލަ ޖެހޭ އެއް ސަބަބު، ކޮންމެހެން ލައިޝް އާއި ކަޔާންގެ ގުޅުން ކަނޑާލަން ބާރު އަޅަނީއެއް ނޫން، އެކަމަކު ތިކަން ކުރުމުގެ ކުރިން މަންމައަށް ހުރިހާ ވާހަކައެއް ކިޔާދީ......" ކީވާ ވިސްނައިދޭން މަސައްކަތް ކުރިއެވެ. ކީވާ އަށްވާ ގޮތަކީ ކަޔާންއަށް އިތުބާރު ނުކުރެވެނީއެވެ. ވަކި އެޕާޓްމެންޓެއްގައި ދިރިއުޅޭ ސަބަބަކާއި މެދުވެސް ޝައްކު ކުރެވެނީއެވެ. އެހާ މުއްސަދި ޒުވާނަކު މަޑުން ނުހުންނާނެ އެވެ. ރޭގަނޑު އެތަނަށް ޒިޔާރަތް ކުރަނީ ކިތައް އަފްރީން ކަމެއްވެސް ނޭގެއެވެ.

"ވެލް، އަދި ނޫޅެމޭ އިންނާކަށް، އެހެންނޫނަސް މަންމައަށް ކަޔާންގެ ކުއްޖެއް ހުންނަކަން އެނގޭ، މަންމަ ވަރަށް ކޫލް ދުވަސްކޮޅެއް، މަންމަ ހުރިހާ ރިޗްމީހުންދެކެ ރުޅިއެއް ނާދޭ........" ލައިޝާ މޭޒުމަތީގައި ހުރި ކޮފީތަށި ތުނބުގައި ޖަހާލިގޮތަށް ދަމާލުމުން ދޫ ނުފިހުނީ ކިރިޔާއެވެ.

"އެހާ އަވަސް އަރުވާލާކަށް ނުވެސް ވާނެ، ކަޔާން އާއި ފެމިލީ ރަގަޅަށް ދަސްކުރައްޗޭ ލައިޝް......" ކީވާ ނުކުމެގެން ދިޔުމުން ލައިޝާ ކުޑަދޮރު ކާރީގައި ބޭރަށް ބަލަން ހުރިއިރު ވިސްނެމުން ދިޔައީ ކީވާ ދެއްކި ވާހަކަތަކާއި މެދުގައެވެ. އޭނަ ކަޔާންއަށް އިތުބާރު ނުކުރަނީއެއް ނޫނެވެ. ދެރަވަނީ އެންމެ ކަމަކާއި ހެދިއެވެ. އޭނައަށްވުރެ ކުރިން އަފްރީން ކަޔާން މިލްކު ކުރީމައެވެ. އެދޭތެރޭގައި އޮންނާނެ ގާތްކަން ޚިޔާލަށް ނުގެންނާން ހުއްޓަސް ލައިޝާގެ ސިކުނޑިއަށް އުދަގޫކުރިއެވެ. އެ އުދަގޫ ދެނިވި ޚިޔާލުތައް ސިކުނޑިން ނެރެލަން ވެގެން އޭނަ ދެލޯމަރާލިއެވެ.

ކެންޒިއާގެ ކާކޮޓަރިތެރޭގައި މެންދުރު ކާއެއްޗަށް އިންސާފުކުރެވެމުން ދިޔައިރު މާހައުލު ނިކަން އުފާވެރިއެވެ. އެއާއިލާގެ މެމްބަރުންގެ އިތުރުން ވަރުޖިނާގެ ކޮއްކޮ ނަތާޝާވެސް އެދުވަހު ކެއުމުގައި ބައިވެރިވިއެވެ. ނަތާޝާ އޮސްޓްރޭލިއާގައި ދިރިއުޅުނަސް ދޭތެރެއަކުން އާއިލާގެ މެމްބަރުންގާތަށް މާލެއަށް ޒިޔާރަތްކޮށްލައެވެ. މިއީވެސް އެފަދަ ދަތުރެކެވެ. ވަރުޖިނާއަށްވުރެ ރީތިވެފައި ސްޓައިލިޝް އަންހެނެކެވެ. ލުއި މޭކަޕަކާއި މަދު ގަހަނާތަކެއް ބޭނުންކޮށްފައި ހުއްޓަސް ރީތިކަން ފަނޑެއް ނުވެއެވެ. ނަތާޝާ ކަޔާން ގާތުގައި ކިޔަމުން ދިޔައީ އޭނަ މާލޭގައި ހުއްޓާ އަވަހަށް ކައިވެނީގެ ޕާޓީ ދިނުމަށެވެ.

"ތެދެއް ދަރިފުޅާ، މާ ލަސްނުކޮށް އެކަންވެސް ނިންމާލަބަލަ، މަންމަމެން މިހާރު އެހާ ދެކެން ބޭނުންވާ ދުވަހެއްނެތް....." ވަރުޖިނާ ކަޔާންގެ މޫނަށް ބަލާލިއެވެ. ކަޔާން އިނީ ހީލަ ހީލައެވެ.
"އެއީ އެހާ ފަސޭހަކަމެއްތަ؟ "ކަޔާން ގެ ސުވާލުން ނަތާޝާ ހޭންފެށިއެވެ.
"ކެން މާބޮޑުކަމެއް ކުރާކަށް ނުޖެހޭނެ، ކެންގެ ގާރލްއަށް ޕްރޮޕޯސްކޮށްލާފައި ފޯމުގައި ސޮއިކޮށްލީމަ އެހެން ބައިތައް ހިންގަން މީހުން ތިބޭނެ، އާންޓީމެން ގާތުގައި މެރީކުރާނެ ޑޭޓެއް ބުނޭ........" ނަތާޝާ އެވަރުން ނުވެގެން ޕްރޮޕޯސްކުރަންވީ ގޮތްތައްވެސް ކަޔާންއަށް ކިޔައިދޭން ފެށިއެވެ.
"އަދި އާންޓީއާއި ލައިޝާ ބައްދަލެއްވެސް ނުވޭ...." ނަތާޝާ އެއްލޯމަރާލިއެވެ. 
"އެއީ ވަރަށް ރީތި އަންހެންކުއްޖެއް، ހީވަނީ ކެންއަށްޓަކައި ހައްދަވާފައިވާ ކުއްޖެއްހެން......" ވަރުޖިނާ ބުނެދިނެވެ.
"އަފްރީންއަށް ވުރެވެސް ރީތިތަ؟ އެހެންވިއްޔާ ތިކަން އަވަހަށް ނިންމާލަންވީ........" ނަތާޝާމެން ވާހަކަދައްކަން ތިބިއިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތް ހެން ހީވިއެވެ. ކޮޓަރީގެ ފްރެންޗްގޮތަށް ހަދާފައިވާ ދިގު ދޮރުތަކުގެ ފަރުދާތައް ކަހާލާފައި ހުރުމުން މޫސުމް ގޯސްވަމުންދާކަން އެނގުނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ގަދަ އަލިކަން ކުއްލިއަކަށް ފަނޑުކޮށްލައިފިއެވެ. ކަޅު ވިލާތަކުން އުޑުމަތި ބައްދާލަން މާގިނައިރެއް ނުނެގިއެވެ. ޖެހި ގުގުރިއަކާއިއެކު ހީވީ ކަންފަތް ބައްވެދާނެހެންނެވެ. ގަސްތަކުގެ ގޮފިތައްވެސް ހޫރެންފެށުމުން ވައި ގަދަވިވަރުވެސް ހާމަވިއެވެ. ނަތާޝާ އޭނަގެ ދައްތަމެންނާއިއެކު ހޫނު ކޮފީއެއް ބޯލުމަށްފަހު ބޭރަށް ނުކުތީ މީހަކު ފޯނެއް ކޮށްގެންނެވެ.

ގަދަ ވިއްސާރައެއްގެ ހަމަލާއާއި މާލެ ކުރިމަތިލަމުންދާއިރު އެއަށްވުރެ ބޮޑު ތޫފާނެއް ބޯމަތިވަމުން އަންނަކަމެއް އެކަކަށްވެސް ރޭކާނުލައެވެ. ކަޔާން ހުރީ ބެލްކަނީގައި ސިގްރެޓެއް ތުނބުގައި ޖަހާލައިގެންނެވެ. އޭނަހުރީ ހާސްވެފައެވެ. ވިއްސާރަވީމަ ކެންޒީގެ ފުއްޕާމޭގެ މައްސަލަތައް ހައްތަހާ ބޮޑުވެދާނެކަމުގެ ބިރުއެބައޮތެވެ. ކެންޒީގެ ހާލު އެންމެ ރަގަޅެއްނޫނެވެ. ގެއަށް ފޮނުވާލާފައިވެސް އަނެއްކާ އެއޮތީ ހޮސްޕިޓަލުގައި ބާއްވާފައެވެ. އެތާ އޮންނަން ޖެހޭ މީހަކީ ކެންޒީއެއް ނޫނެވެ. ޚުދު އޭނައެވެ. އޭނަ ހިތާމަކުރަނީ އެކަމާއެވެ. ދެރަވެ ހިތާމަކުރަނީ ކެންޒީގެ ދިރިއުޅުން އޭނަ އުޅެމުންދާތީއެވެ. އޭނަ މިގޮތަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލުކުރާއިރު އެކަމާއި އަމިއްލަ ނަފުސް ކުށްވެރިކުރެވެން ޖެހޭނެއެވެ. ދުނިޔޭގެ އެއްވެސް އުފަލެއް އޭނައަށް ހައްގެއް ނޫނެވެ. އޭނައަށް އަދަބު ލިބެން ޖެހޭނެއެވެ. ނަމަވެސް އެއީ ކެންޒީ ބޭނުންވާނެ ގޮތް ހެއްޔެވެ؟ ވިސްނަ ވިސްނާ އެ ސުވާލަށް ޖަވާބެއް ނުހޯދުނެވެ. ކަޔާން ލައިޝާއަށް ގުޅީ ހިތަށް ކެތްނުވެގެންނެވެ. 

"އަހަރެން ބަލާދަންތަ؟ ހަމަ އެކަނިވާތީ މިއުޅެނީ...... " ކަޔާން ބެލްކަނީގެ ރެއިލިންގައި ބުރަކަށި ޖައްސާލައިގެން ހުރިއިރު އޭނަ ލައިގެން ހުރީ ގޭގައި ލައިއުޅޭ ފަދަ ޖިންސަކާއި ދިގު ސޯޓެކެވެ. އެއްވެސް ރަސްމީ ކަމެއް ނެތެވެ. ޓޭންވެލާފައި މޫނާއި ހެދުމުގެ ކުލަ ގުޅެއެވެ.
"މަންމަ ވަރަށް ރުޅިގަދަވެފައި ހުރި ދުވަހެއް...." ލައިޝާ ބުނެލިއެވެ.
"ވަޓް ހެޕެންޑް...." ކަޔާން ގެ ނަޒަރު ހުއްޓުނީ އަޅިކުލައިގެ އުދަރެހަށެވެ.
"ގޭގައި ކަރަންޓް ކަނޑާލާފައި އޮތީ، ބިލް ދައްކަން ހަނދާން ނެތުނީ......" ލައިޝާ ހީލިއެވެ.
"އޯ، އެކަން ކޮށްދޭނެ ފިރިހެނެއްވެސް ނެތީތަ؟ އަހަރެން ހީކުރީ ދެކޮޓަރީގައި އެއްކޮށްކަމަށް ކަރަންޓްލާފައި އޮތީ، ބިލްދައްކަން ޖެހެނީ އަނެއްބައިގާ އުޅޭ ފިރިހެނާކަމަށް، އެވަރުވެސް ކޮށްލަނުދެވޭތަ؟ އެކަމަކު ލައިޝާއަށް އެވަރު މީހެއްނުވެސް ހުރޭ، ތިއީ އުޅެން ހެޔޮވާވަރުގެ ތަނެއްނޫން، އެހާ ޕާޓޭންވެސް ގިނަ، އަހަރެންގެ އެޕާޓްމެންޓަށް ބަދަލުވާންވީނު، ފްރީކޮށް ދީފާނަން، އަހަރެން މިއަހަނީވެސް ކީއްވެތަ؟ ލައިޝާ އަންނަންޖެހޭނީ، އަހަރެން ބޭނުމެއްނޫން އަހަރެންގެ ގާރލް ތިހާ ފެންވަރެއް ނެތްތާގައި އުޅޭކަށް....." ކަޔާން ސީރިޔަސްވެލިއެވެ.

"އަހަންނަށް އެފޯޑެއް ނުވާނެ...." ލައިޝާ އަވަސްއަވަހަށް ބުނެލިއެވެ.
"ފުރަތަމަވެސް މިބުނީ ފްރީކޮށްނޭ، ލައިޝާ އަޑުއަހަނީ އެއްބައި...." ކަޔާން ހޭންފެށިއެވެ. އޭނައަށް ލައިޝާ ދަހެވެ. ލައިޝާ އެހާ ފަސޭހައިން އޭނަގެ އަތުން އެއްޗެއް އަތުނުލާނެއެވެ.
"ތިކަމާއި މި ވިސްނަނީ، ކަޔާން ކިހާ ތާކު ތިހިރީ، އިންތިޒާރުގައި މިހިރީ..." ލައިޝާ އެދުނީ އަވަހަށް ބަލާ އައުމަށެވެ.
ކެންޒިއާއަށް ގޮސްފައި ކަޔާން ބޭނުންވީ ވާރެއާއި ތެމިލާށެވެ. ދެމީހުން ހީހީފައި ޓެރެސްގައި އުޅުނުއިރު ދުނިޔޭގެ އެހެން ކަމެއް މަތިން ހަނދާނެއްނެތެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ލައިޝާގެ މޫނުގައި ހަރުލާފައިވާއިރު ދުނިޔެހުސްވާންދެންވެސް ބަލަހައްޓައިގެން ހުރެވިދާނެއޭ ކަޔާންގެ ހިތަށް އެރިއެވެ. އެންމެފަހުން ވާރޭ ތުނިކޮށްލިއިރު ލައިޝާ ހުރީ ހީކަރުވައިގަނެގެން ރޫރޫއަޅާގޮތްވެ މޭގައި ދެއަތުން ބައްދާލައިގެންނެވެ.

"ޔޫ ލުކް ބިއުޓިފުލް....." ކަޔާން ލައިޝާގެ ކޮލުގައި ބޮޑުވާ އިނގިލި ޖައްސާލީ މަޑުމަޑުންނެވެ. ވާރޭގެތެރޭގައިވެސް ލައިޝާގެ ހުދުވެފައިވާ މޫނަށް ރަތްކުލައެއް ފާއްދާލައިފިއެވެ. ކަޔާން ދެވަނަ ސިކުންތުކޮޅުގެ ތެރޭގައި ލައިޝާ ގެނެސް އެއަތުގެ ތެރެއަށް ލާ ބާރުކޮށްލައިފިއެވެ. އުއްބައްތިއެއްފަދައިން ވިރިގެންދާން ލައިޝާ ބޭނުންވިއެވެ. އެއަތުގެ ހޫނުކަމުން ވަގުތުން ހީފިލިއެވެ. މިނިޓްކޮޅަކަށް އެގޮތަށް ބައްދާލައިގެން ތިބުމަށްފަހު ކަޔާން ލައިޝާގެ އަތުގެ މުލައްދަނޑީގައި ހިފާފައި ކުޑަކޮށް ދުރުކޮށްލަމުން ފެށީ ލައިޝާގެ ރީތިކަމުގެ ވާހަކައެވެ. ދުރުގައި އުޅެން ދަތިވާވާހަކައެވެ. އިތުރަށް އެންމެ ދުވަހަކަށްވެސް ވަކިން އުޅެން ބޭނުންނުވާކަމުގައެވެ.

"އަހަރެން ބޭނުންވަނީ ލައިޝް އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށްވެގެން އަބަދަށްޓަކައި އަހަންނާއިއެކުގައި އުޅެން އަންނާން، ވިލް ޔޫ މެރީ މީ....." ކަޔާން އެހެންބުނުމުން ލައިޝާއަށް ލިބުނު ހައިރާންކަމުގައި އަނގަ ހުޅުވުނެވެ. ދޭނެ ޖަވާބެއް ނޭގިފައި އިރުކޮޅެއްވާންދެން ކަޔާންގެ ރީތި ދެލޮލަށް ބަލަން ހުރެވުނެވެ. އެއީ ލައިޝާވެސް ބޭނުންވާގޮތެވެ. މަރުވާންދެން ކަޔާންގެ ހަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި ހުރުމެވެ. އެހިތުގައި ކަޔާން ފިޔަވާ އެހެން މީހެއްގެ ލޯބި ދުވަހަކުވެސް ނުވާނެއެވެ. ލައިޝާގެ ހިތަށް ބަޔާންނުކުރެވޭފަދަ އުފަލެއް ލިބުނެވެ. ހިތަށް ލިބުނު ފިނިކަން މުޅި ހަށިގަނޑަށް ވެރިވެގަތެވެ. އޭރު އަނެއްކާވެސް ވާރޭގެ މުތީތައް އޮހިގެންފިއެވެ. އެ ވާރެޔާއި އެކުވާންފެށީ ލައިޝާގެ ލޮލުގައިވި އުފާވެރިކަމުގެ ކަރުނައެވެ.

"ޔެސް....." ލައިޝާއަށް ބުނެވުނީ މަޑުންނެވެ. ލައިޝާގެ ދިގު އެސްފިޔަތައް ތެމިފައިވާއިރު ރީތިކަމުގެ އިންތިހާއެވެ. އެވަގުތު ލައިޝާއަށް ފެނުނީ ކަޔާންގެ ސޯޓުގެ ޖީބުން ނެގި ކުޑަ މަޚުމާފޮށްޓެކެވެ. އެފޮށި ހުޅުވާލިއިރު އޮތީ ހުދުރަނުގެ އަނގޮޓިއެކެވެ. ހުދު ޖަވާހިރުގެ ދަޅަ އެކިފަރާތްފަރާތަށް އެޅިގެންދިޔައެވެ. ކަޔާން އެ އަނގޮޓި ލައިޝާގެ ކަށި އިނގިލީގައި އަޅުވާލިއެވެ. ކަޔާން އެ އަތްތިލައިގާ އެ ފިނި ތުންފަތުން ބޮސްދިނެވެ.

"ވަރަށް ލޯބިވޭ ކަޔާން، ވަރަށް ވަރަށް ލޯބިވޭ، އަބަދު އަހަންނާއިއެކު މިގޮތަށް ވައްޗޭ...." ލައިޝާއަށް ބުނެވުނެވެ.
ކަޔާން ލައިޝާ ގެއަށް ލާން ގޮސްފައި ކާރުގެ ދޮރުހުޅުވާލަދިނެވެ. ލައިޝާ އެތެރެއަށް ފިޔަވަޅެއް އެޅިއެވެ. މަގާއި އެންމެ ކާރީގައިހުރި ގޭގެ ސިޑި ކާރީގައި ހުރި ބޯދިގުކޮށްލާފައި ހުރި ޒުވާން ކުއްޖަކު ކުއްލިއަކަށް ލައިޝާގެ އަތުގައި ހިފާގާތަށް ދަމައިގަތެވެ. ލައިޝާގެ ކަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު ފަޒާގެތެރެއަށް އަރައިގެން ދިޔައެވެ. އެ މަންޒަރު ފެނިފައި ކަޔާންގެ ލޭ ކެކިގަތެވެ. އެދިޔަ ބާރުމިނުގައި ގޮސްފައި އެކުއްޖާގެ އަނގަމައްޗަށް ގޮށްމުށުން ދިން ހަމަލާއަކުން ފަހަތަށް ވިއްސައިގެން ގޮސްފައި ސިޑިމަތީގައި ބޯ ޖެހުނެވެ. އެވަރުންވެސް ކަޔާންގެ ރުޅި މައިތިރިއެއްނުވިއެވެ. އެކުއްޖާ ތެދުވާން އުޅުމުން އަތް އަނބުރާލިއެވެ. އަތުގެ އިނގިލިތައް ބިންދާނުލާ ކަމެއްވެސް ނޭގެއެވެ. ދެވަނަ އެތިފަހަރުން އޭނަ ސިޑިމައްޗަށް ދަމާލައިފިއެވެ. ބުމަމަތިފަޅައިގެން އޮހިގަތް ލޭގަނޑު ފެނިފައި ލައިޝާ އުޅެގަތީ ކަޔާން ހުއްޓުވުމަށެވެ. އެ ޒުވާނާ ކުކުރާލަން އޮތްއިރު އެއްވެސް ބާރެއްނެތި ކަރުކަނޑާލާފައި އެއްލާލާފައި އޮތް މަހެއްފަދައެވެ. ލައިޝާ ކަޔާންގެ އަތުގައި ހިފައިގެން އެނބުރިއައިސް ކާރަށް އެރުވިއެވެ. އޭރުވެސް ލައިޝާއިނީ ސިހިފައެވެ. މޫނު ހުދުވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާދަވަރަކަށް ހިތްތެޅިލިއެވެ. ލައިޝާ އިނީ އެހާވެސް ބިރުގެންފައެވެ. ވާރޭވެހޭތީ އެ މިނިޓްކޮޅުތެރޭގައި އެތަނުން މީހެއްގެ ހިލަން ނުވިކަމީ ކަޔާންގެ ނަސީބެވެ. އޭނަ ކަޔާންގެ ގާތުގައި ދެއްކީ ފުލުހުން ކަޔާން ގެންގޮސްފާނެތީ އެ ވާހަކައެވެ. މާރާމާރީ ހިންގުމަކީ ކުށެކެވެ. ޕާޓޭން ކަޔާންއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކަޔާންބުނީ އެމީހުން ނިކަން ފިނޑިވާނެކަމުގައެވެ. އޭނައަށްވުރެ ގަދަނުވެވޭނެ ކަމުގައެވެ. އެހެންނޫނަސް ކަޔާން އޭރު ވިސްނަމުން ދިޔައީ ކޮންމެގޮތެއް ހަދާފައިވެސް ލައިޝާ ގެއަށް ގެނައުމަށެވެ. ކެންޒިއާގެ ހަތަރުފާރުން އެތެރޭގައި ނޫނީ ލައިޝާއަށް ހިމާޔަތެއް ލިބިދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ލޮލުން އެ މަންޒަރު ފެނުނީމަ ކަޔާންވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ. އެއްވެސް މީހަކު އެގޮތަށް ލައިޝާގެ އަތުގައި ހިފާލުމަކީވެސް އޭނައަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވެއެވެ.

އެދުވަހު ކަޔާން ހުރީ އެ ޚަބަރު މަންމަމެންނަށް އިއްވާށެވެ. އޭނަ ބަލަމުން ދިޔައީ ރަގަޅު ދަނޑިވަޅަކަށެވެ. އެހެންނޫނަސް ލައިޝާގެ މަންމަމެންގެ ގާތުން ރަސްމީކޮށް ލައިޝާގެ ކައިވެންޏަށް އެދެން އޭނަގެ މަންމަމެންވެސް ފޮނުވާން ޖެހޭނެއެވެ. ކައިވެންޏަކީ އެހާ ފަސޭހައިން ދެ ލޯބިވެރިންނަށް ނިންމޭނެކަމެއް ނޫނެވެ. ބޮޑު ކަމެކެވެ. ކޯޓަށްގޮސްފައި އަދި ކައިވެނީގެ ރަސްމިއްޔާތު ބޭއްވި ބޮޑު ޕާޓީއަކުން ނޫނީ އެއާއިލާގެ ކައިވެންޏެއް ނުނިންމާނެއެވެ. ކަޔާންވަނީ އޭނަގެ ދޮންބެ ގެ ކައިވެނީގެ ކުލަގަދަ ހަފްލާ ދެކެފައެވެ.

ކަޔާން ފުރަތަމަވެސް އެ ވާހަކަ ދެއްކީ ޒިޔާމްއާއިއެވެ. ވީހާވެސް އަވަހަށް އޭނަ ކައިވެނި ކުރަން ނިންމައިފިކަމަށާއި ދެން ކަންތައް ކުރަން ޖެހޭނެގޮތް އޮޅުން ފިލުވިއެވެ. ޒިޔާމް ކޮއްކޮއަށްޓަކައި އުފާވިއެވެ. ކޮއްކޮއަށްޓަކައި އެފަދަ ދުވަހެއް ނައިސްގެން އޭނަ އިންތިޒާރުކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ ކަޔާންގެ އެކަނިވެރިކަމާއި ހިތާމަތައް ފިލުވައިދެވޭނީ ލޯބިވާ ބައިވެރިޔަކަށެވެ. ކަމެއް ދިމާވާނީ ބުނެފައެއް ނޫނެވެ. މީހަކު ތަދުބީރުކުރާގޮތަކަށް ދުނިޔޭގެ ގާނޫނު ނުހިގަފާނެއެވެ.

ޖެހިގެން އައިރޭ ކަޔާން އާއި ޒިޔާމް ކެންޒީގާތުގައި އުޅެލާފައި ކާރުގައި ގެއަށް އައިއިރުވެސް ފުދޭވަރަކަށް ވިއްސާރައެވެ. ކާރުގެ ވައިޕަރަށް ވާރޭގެ ތިކިތައް ފޮހުމުގައި ނުކުޅަދާނަވެފައިވެއެވެ. ކަޔާން ދައްކަމުން ދިޔައީ ކައިވެނީގެ ފޯމު ފުރާ ވާހަކައެވެ. ޒިޔާމްގެ ފޯނަށް މަންމަ ގުޅީ އެވަގުތުއެވެ. ޒިޔާމް ކުއްލިއަކަށް ހާސްވެފައި ވާހަކަދެއްކިގޮތުން ކަޔާންގެ ހިތަށްވެސް ނުބައިގޮތެއް ވެއްޖެއެވެ. ކޮންމެވެސް ކަހަލަ ބޮޑު ހާދިސާއެއް ހިނގައިފިކަން ކަޔާން ދެނެގަތެވެ. 

ކޮމެންޓް 0