ލިފްޓުން ނިކުމެގެން އައި މީހަކީ ވިޝާންއެވެ. އޭނަ ފެނިފައި ލައިޝާ ހާސްވިއެވެ. ދެލޯ ބޮޑުކޮށްލަމުން އަނގަޔަށްވެސް ގޮތެއް ހަދާލައިފިއެވެ. ލައިޝާގެ އެ ހަރަކާތުން ހީވީ ސިއްރުކަމެއް ކުރަނިކޮށް ފަޅާއެރިހެންނެވެ. އެމޫނުމަތީގެ ޝުއޫރުތަކުން ވިޝާންގެ ހިތުގައިވާ ޝައްކު އިތުރުވިއެވެ.

"ގޭ މީހުންނަށް ނާންގާ ސިއްރުން ތިއައީ ކަޔާންއަށް ވިޒިޓްކޮށްލަން ދޯ، އަހަރެން މިހުރިހާ ދުވަހު ހީކުރީ ތިއީ ވަރަށް ރަގަޅުކުއްޖެއް ކަމަށް، އެހެނެއް ނުވި، ލައިޝް ބޮނޑިއެއް ބޮއިގެންތަ ހުއްޓާލާނީ؟ ކަޔާންއަކީވެސް އިންސާނެއް، އެންޖެލްއެއްނޫން، ތިގޮތަށް ފިރިހެނެއްގެ އެޕާޓްމެންޓަށް ވަދެގެން އުޅެނިކޮށް ގޯހެއް ހިނގާފާނެ...." ވިޝާން ހުރީ ލާނެތްގޮތަކަށް ހެވިފައެވެ.

"ވިޝާން، އަހަރެން އޮފީހަށް ދަމުން ސަރ ކާރިން އެއްޗެއް އަހާލަންވެގެން މިއައީ، ނުބައިކަމެއް ކުރާކަށް ނޫން....." ލައިޝާ ހީލީ ރަކިގޮތަކަށެވެ.

"ވަޓްއެވަރ....އެކަމަކު ބީ ކެއަރފުލް އިނގޭ، ލައިޝްއަށް ރަގަޅަކަށް އަހަރެން މިބުނީ...." ވިޝާން މާނަވީގޮތަކަށް ބުނެލައިފިއެވެ.

"މިބުނީނު، މިއީ އެކަނި ޕްރޮފެޝަނަލް ގުޅުމެކޭ، ތިހާ ނުބައިކޮށް ވިސްނާކަށް ނުވާނެ....." ލައިޝާ ވިޝާންއަށް ޔަގީންކޮށްދޭން މަސައްކަތްކުރިއެވެ.

"އައި ނޯ އައި ނޯ، ތަންތާ އިސް ވެރިންނާއި އަންހެންކުދިންގެ އޮންނަ ގުޅުން އަހަންނަށް ބުނެދޭން ލައިޝް ނޫޅެބަލަ، އެޕާޓްމެންޓް ލޮކްކޮށްލައިގެން ކަޔާން އާއި ލައިޝްވެސް ތިބެނީ އޮފީސް މަސައްކަތްތައް ނިންމާލަން ދޯ، ސަޅިގޮތެއް ތިއީ. ސަރ އޭ ކިޔާލީމަވެސް ތި ގުޅުން ޕްރޮފެޝަނަލް ވަރު އަހަންނަށް ޔަގީންކުރެވިއްޖެ، އިތުރަށް ކޮންވިންސް ނުކުރުވިޔަސް ވެދާނެ....." ވިޝާން އެއް ލޯމަރާލިއެވެ. ލައިޝާ މޮޔަކަމާއި ޅަކަމުން އަދި އިތުރަށް ކަންބޮޑުވިއެވެ. އޭނަ މަސައްކަތްކުރީ އެމީހުންގެ އެފަދަ އެއްވެސް ގުޅުމެއްނެތްކަން ވިޝާންއަށް އަންގައިދޭށެވެ. ލައިޝާ ހުރީ ހާސްވެފައެވެ. ކަޔާންއަށް ވުރެ ކުރިން މިއަދު އޭނަ އެޕާޓްމެންޓަށް މިއައީ ކަޔާން އަންނަންވާއިރަށް ސަޕްރައިޒެއް ދޭށެވެ.

ވިޝާން ދިޔުމުންވެސް ލައިޝާ ހުރީ އެޕާޓްމެންޓަށް ވަންނަ ހިތް ނުވެފައެވެ. ވިޝާންވެސް އޭނައަށް އިންޒާރު ދޭންފެށީ ހެއްޔެވެ؟ ކަޔާންއަކީ ގޯސްމީހެއް ނޫނެވެ. އޭނަދެކެ ލޯބިވާ މީހެކެވެ. އެބުނަނީ އަނެއްކާ އެ އާއިލާގެ މީހުންނަށް އެނގިއްޖެއްޔާ އެދެމީހުން ވަކިކުރުވަން މަސައްކަތް ކޮށްފާނެ ވާހަކަ ހެއްޔެވެ؟ މީހުން ވިސްނަފާނެގޮތެއް ލައިޝާގެ ޅަ ސިކުނޑިއަކަށް ރަގަޅަށް ނުނެގުނު ނަމަވެސް އެހާ މުއްސަދި އާއިލާއެއް ވީމަ އޭނައާއި ކަޔާންގެ ކައިވެންޏާއި ގަބޫލުނުވާނެކަން ލައިޝާއަށްވެސް އެނގެއެވެ. ކަޔާން އަމިއްލަ މައިންބަފައިންނަށް ސިއްރުކުރާނީ އެމީހުންގެ ހަގީގަތް އެނގޭނެތީއެވެ. އެކައިވެންޏާއި ދެކޮޅުވަރު ރަގަޅަށް އެނގޭތީއެވެ. ކަޔާން އޭނަ ދޫކޮށްލާފައި ހިނގައިދާނެ ބާވައެވެ. ދުރަށް ގޮސްދާނެ ހެއްޔެވެ؟ ވަރިކޮށްފާނެހެއްޔެވެ؟ ނޫނީ ދެއަންބަށް އެހެން މީހަކާއި އިނދެފާނެހެއްޔެވެ؟ ތަފާތު ބިރުވެރި ސުވާލުތަކުން ސިކުނޑި ގާނަން ހުރެފައިވެސް އެތެރެއަށް ވަންގޮތަށް ލައިޝާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ޚިޔާލުތަކާއި ދުރުވިއެވެ. ކަޔާން ގެއަށް އަންނަންވާއިރަށް ކާން ތައްޔާރުކޮށްލިއެވެ.

އެރޭވެސް ދެމީހުން ކައި ނިމުނުއިރަށް ލައިޝާ އުޅެގަތީ ކޮޓަރިއަށް ގޮސް ޖޭސްމިން އުއްބައްތިއެއް ދިއްލާށެވެ. އުއްބައްތި އަނދަން ފެށުމުން ތަނުގައި ހިފާލި މީރުވަސް ދެގުނަ އިތުރުވިއެވެ. ފާރުގައި ހިޔަނިތައް ނަށަން ފެށިއެވެ. ރަތްކުލައިގެ ކުރު ނައިޓީކޮޅެއް ލައިގެން ހުރިއިރު އެ ދޮންހަށިގަނޑަށް މަޑުރަތްކުލައެއް ވެރިވެފައިވިއެވެ. ދޮރުމައްޗަށް އެރި ކަޔާންއަށް އިރުކޮޅެއްވާންދެން ލައިޝާގެ ހަރަކާތްތަކަށް ބަލަން ހުރެވުނެވެ. އެ ހޫރެއްފަދަ ރީތިކަމުން ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވިއެވެ. ކަޔާން ފަހަތުން އައިސް ލައިޝާގެ ކަނދުރާމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން ތުންފަތް ޖައްސާލިއެވެ. އަދި ލައިޝާގެ މޭމަތީގައި ކަޔާން އަޅުވާލި ފިރިހެންވަންތަ އަތްތިލައިގާ ލައިޝާއަށް ހިފަހައްޓާލެވުނެވެ. 

"ލައިޝް...." ކަޔާންގެ ޖަޒުބާތުން ފުރިފައިވާ އިޝްގީ އަޑުން އެކަނިވެސް ލައިޝާގެ ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ.
"ހޫމް......" ލައިޝާއަށް ބުނެވުނެވެ.
"އަހަންނަށް ތިކުއްޖާ ކޮށްލާވަރު ބަލާލަބަލަ މަގޭ ސްވީޓް ސްވީޓް އެންޖެލް، އެހެން އަންހެންކުއްޖަކަށް ދުވަހަކުވެސް އަހަރެންގެ ހިތަށް ގޮތެއް ހަދާނުލެވޭ، އަސްލުވެސް، އަހަރެން މޮޔަވެދާނެ......." ކަޔާން ލައިޝާގެ ލުނބޮޔާއި ލެވެންޑަރގެ މީރުވަސް އެކުލެވޭ އިސްތަށިގަނޑުގެ ތެރޭގައި މޫނު ފޮރުވާލައިފިއެވެ. އޭރު ދެހިތުގެ ތެޅުން އިންތިހާއަށް އަވަސްވެފައި ވެއެވެ. އެދޭތެރޭގައިވާ ލަދުވެތިކަމުގެ ފަރުދާ އުފުލައިލެވުނުތާ އެތައް ދުވަހެއްވެފައިވާއިރުވެސް ކޮންމެ ވަގުތެއް ވެގެންދަނީ އާ ތަޖުރިބާއަކަށެވެ. އާ އިހުސާސްތަކެއް ކުރެވޭ ވަގުތަކަށެވެ.

ކަޔާން އާއި ލައިޝާ އެތައް އިރެއްވާންދެން ލޯބީގެ ދުނިޔެއަކަށް ގެއްލިފައި ތިއްބެވެ. އެއީ އެދެމަފިރިންގެ އަމިއްލަ ދުނިޔެއެވެ. އެހެން އިންސާނެއްގެ ހިލަމެއްނުވެ އެކަނިމާއެކަނިއެވެ. މި އެކަނިވެރި ވަގުތުތަކުން ލައިޝާގެ ހިތަށް އެލިބޭ ފޮނި އިހުސާސްތަކާއި ލިބޭ އަރާމަކުން ފުރާނަވެސް އުދުހިގެންދާހާވެއެވެ. ލައިޝާ އާދައިގެ ގޮތެއްގައި ވޭތުކުރި ހަޔާތަށް ކަޔާން އައުމަށްފަހު އުފާވެރިކަންވަނީ އިންތިހާއަށް ގޮސްފައެވެ. ހިތުގެ ދުއާއަކީ އަބަދަށްޓަކައި މިއުފާވެރިކަން ދެމިގެން ދިޔުމެވެ. 

އޭސީގެ ފިނިކަމުން ސަލާމަތްވާން ރަޖާގެ ދަށުގައި އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ވާހަކަ ދައްކަން ތިބިއިރު ލައިޝާ ވިޝާންއާއި މިއަދު ދިމާވި ވާހަކަވެސް ބުނެލިއެވެ. ކަޔާން މިރޭވެސް ވައުދުކުރުވިއެވެ. އޭނަ ނާންގަނީސް އެއްވެސް އިންސާނެއްގެ ކާރީގައި އެމީހުންގެ ކައިވެންޏާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުބުނެ ސިއްރުކުރުމަށެވެ. އެސިއްރު ފާޅުކުރުމުގެ ވަގުތު ޖެހުނީމަ އެކަން ނިންމާނީ ކަޔާންކަމަށް ދެމީހުންވެސް އެއްބަސްވިއެވެ. ކަޔާންއާއިއެކު ވަގުތު ވޭތުވެގެންދާލެއް އަވަސްކަމުން ލައިޝާ ދެރަވިއެވެ. އައިތާ ސިކުންތެއް ވީހެންވެސް ހިޔެއްނުވެއެވެ. ދެތިންގަޑިއިރު ވޭތުވެގެންދަނީ ހާދަ ހަލުވިކޮށެވެ. ކޮންމެ ރެއަކު ގެއަށް ދިޔުމުގެ ބަދަލުގައި މިއީ ދާއިމީ މަންޒިލްކަމަށް ވާނެނަމައެވެ.

ދެމީހުން ކޮންމެ ރެއަކު ވަކިވާއިރު ލައިޝާގެ ހިތް ރޮއެވެ. ހިތަށް ލިބިފައިވާ އުފާވެރިކަން ކޮންމެވެސް ވަރަކަށް ފަނޑުވެގެން ދެއެވެ. އެކަނި އެނދުގައި އޮންނައިރު ލައިޝާ އެތައް އިރެއްވާންދެން ނުނިދިފައި ކަޔާންއަށް މެސެޖްކުރަން އޮވެއެވެ. ހިތަށް ކިރިޔާވެސް ފިނިކަމެއް ލިބި އެކަނިވެރިކަން ފިލުވައިދޭ ބައިވެރިޔާއަކީ ކަޔާންދިން ފޯނާއި ބެއާއެވެ.

ލައިޝާ ބާޒާރުކޮށްލަން ވެގެން ދިޔައީ މަންމައާއި ކީވާ ގޮވައިގެންނެވެ. އޭނަ ހުރީ ކަޅުކުލައިގެ އަތްދިގު ކުރުތާއެއްގައެވެ. އެފަދަ ހެދުންތަކުގައި ލައިޝާ ފެންނަނީ މާތްކުއްޖެއްގެ ގޮތުގައެވެ. އެ ދޮންމޫނުގެ ރީތިކަން ކުރިއަށްވުރެ އިތުރުވެފައިވެއެވެ. ލައިޝާ ގެއަށް ބޭނުންވާ ސާމާނުތަކުން ވަށިގަނޑުތައް ފުރަމުން ދިޔައެވެ. ޒުލްމާހުރީ ހެވި ދިއްލިފައެވެ. އެހެން ބަޔެއްގެ އެހީތެރިކަން ނެތި ޒުވާން ދެ އަންހެންދަރިން ގޮވައިގެން އުޅެވެން ފެށީމަ މިނިވަންކަމެއް ލިބިފައިވާހެން ހީވިއެވެ. ލައިޝާ ބުނާހެން އަމިއްލައަށް އުޅުމުން ބޮލަށް ފަސޭހަވާނެއެވެ. އެންމެންގެ މޫނަށް ނުތަނަވަސްކަން ވެރިވީ ކުއްލިއަކަށް އެތަނަށް ވަން ޝަދީން ފެނުމުންނެވެ. ލައިޝާ ފެނުމުން ޝަދީން ސީދާ އެދިމާލަށް އައެވެ.

"ލައިޝާ، ދަރިފުޅާ، ހާދަ ސާމާނެކޭ ތި ގަންނަނީ؟ ކޮބާތަ ފިރިމީހާ؟ " ޝަދީންގެ ސުވާލުން ލައިޝާ ގެ މޫނުގެ ކުލަވަރު ބަދަލުވެ ހާސްވާގޮތްވިއެވެ. ހަމަޖެހިލަންވެގެން އޭނަ ޖެހުނީ ހޮލީވުޑް މީހެއްފަދައިން އެކްޓްކުރާށެވެ.
"ބައްޕާ، އޭރު ކައިވެނިކުރަން ފޯމު ހުށަހަޅާފައި ކެންސަލްކޮށްލީ....." ލައިޝާ ހިނިތުންވުމުގެ ތެރޭގައި ހަގީގަތް ފޮރުވިއެވެ. 
"އެވީ ކިހިނެއް؟ އެސޮރު މަކަރުހެދީތަ؟ މިޒަމާނު މީހުނަށް އިތުބާރުކުރާކަށް ނުވާނެ، އަޅާނުލާ، އަދި ލައިޝާ މީހަކާއި އިންނަވަރަށް ބޮޑެއް ނުވޭ. ޒުލްމާ، ހާލު ރަގަޅުތަ؟ "ޝަދީން ކުރީގެ އަނބިމީހާއާއިވެސް ވާހަކަދެއްކީ ރީތިކޮށްލުމަށެވެ. ލައިޝާ ހުރީ ހާސްވެފައެވެ. ބައްޕަގެ ގާތު އެގޮތަށް ދޮގުހަދަން ވީމަ ނިކަން އުދަގޫވިއެވެ. މިހާ މާތް ގުޅުމެއް ދޮގެއްގެ މައްޗަށް ބިނާކޮށްގެން ރަގަޅުގޮތެއް ވެދާނެހެއްޔެވެ؟ އެހެންނޫނަސް އެއީ މުޅިއަކުން ދޮގެއްނޫނެވެ. މާލޭ ކޯޓަށް ލީ ފޯމު އެމީހުންވަނީ ކެންސަލް ކުރުވާފައެވެ. 

ކައިވެނީގެ ހަޔާތުން ލިބޭނެ ހުރިހާ އުފާތަކެއްހެން ކަޔާންއަށް އެންމެ ފުރިހަމަ ގޮތެއްގައި ލިބެމުންދާން ފެށުމުން އޭނަ ހުންނަނީ ކުރިއަށްވުރެ ހަމަޖެހި އުފާވެރި މިޒާޖެއްގައެވެ. ގަވާއިދުން ޖިމަށް ދިޔުންވެސް އާދަކުރިއެވެ. ކުރިއަށްވުރެ ހަށިގަނޑު ރީތިވެލާ ފުރިހަމަވިއެވެ. މޫނުމަތި ތާޒާކަމުން ފެންނަ ކޮންމެ މީހަކު އެނބުރިފައި ބަލާލަން މަޖުބޫރު ކުރުވައެވެ. އޮފީހުން އަންނަގޮތަށް އޭނަ ކެންޒީ އަދި ޖުއާންއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލައެވެ. ކަޔާން އެންމެ ރެއަކުވެސް ގެއަކުން ނުކައެވެ. އިޝާ ނަމާދަށްފަހު ބޭރަށް ދާގޮތަށް ކަޔާން ގެއަށް ވަދެލަނީ ބާރަ އެކެއް ޖަހާއިރުއެވެ. އެހެން އުޅޭތީ ވަރުޖިނާ ހުންނަނީ ޝައްކެއްގެ މަތީގައެވެ. އަޒީޒުއްދީންއާއި ޝަކުވާކުރެވޭ ގޮތްވެސް ވިއެވެ. އަޒީޒުއްދީން ޔަގީންކަން ދެއްވަނީ ދަރިފުޅު ކަތި ފިޔަވަޅެއް ނާޅާނެ ކަމުގައެވެ. އެކުވެރިންނާއިއެކު ބޭރަށް ދިޔުމުން ކަޔާންގެ ހުންނަ ކޫސަނި ރުޅިގަނޑު ފިލާ މީހާ ހަމަޔަކަށް އެޅިދާނެކަމަށްވެސް އަޒީޒުއްދީން ބުނުއްވިއެވެ. ކަޔާން އާގޮތަކަށް ދިރިއުޅުން ބައްޓަން ކުރަން ފެށިފަހުން އޭނަގެ މިޒާޖަށް ކިތަންމެހާވެސް ބަދަލުތަކެއް އައިސް ކުރިއަށްވުރެ ހަރުދަނާވިއެވެ. އޭރު ފްލޯޓިން ހޮޓެލްގެ މަސައްކަތްތައްވަނީ ގާތްގަނޑަކަށް ނިމިފައެވެ. އެކަންތައްތައްވެސް ކަޔާންގެ ފުރިހަމަ ބެލުމުގެ ދަށުން ކުރެވެމުންދާއިރު ކޮންމެ ކަމެއްވެސް ރާވާފައިވަނީ ހީނުކުރާހާ ރަގަޅަށެވެ.

ކަޔާން އޮފީސް ނިންމާލާފައި ގެއަށް އައީ ލައިޝާ ގެއަށް ގެންގޮސްދީފައެވެ. ކަޅުބިއްލޫރި ޖަހާފައިވާ ކާރުތެރޭގައި އެމީހުން އުޅުނުލެއް ގާތްކަން އެހެން މީހަކަށް ނުފެންނާނެއެވެ. ކަޔާން އިނީ ހިތްހަމަޖެހިފައެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ކާރުން ފޭބިއިރު ތުންފަތް މަތީގައި ފަނޑު ހިނިތުންވުމެއްގެ އަސަރު ފެންނަން ހުއްޓެވެ. ވަރުޖިނާ ބެލްކަނީގައި އެމަންޒަރު ބަލަން ހުއްޓެވެ. ކަޔާންގެ ހިނިތުންވުން ދާއިމީ ވުމަށް އެދި ދުޢާކުރަމުން މާޝާﷲ އޭ ހިތާހިތުން ބުނެލިއެވެ. ކަޔާންގެ އެ އުފާވެރިކަން ގުޅިފައިވަނީ ކާކާކަން އެނގޭނަމަ ވަރުޖިނާގެ ހިނިތުންވުންތައް އެއްކޮށް ނެތިގެން ދިޔައީސްކަން ނޭގެއެވެ.

"ދަރިފުޅާ، އާންޓީމެން ދަރިފުޅު އެގެއަށް ނުދާތީ އެކަމާ ދެރަވެ އެ ވާހަކަ ދައްކާ، ކަޔާންއަށް ޚާއްސަކޮށް ޑިނަރއެއް ދޭންވެސް އެބަ އުޅޭ، ކޮންމެހެންވެސް ދާންވާނެ އިނގޭ، ރަންދާ އާންޓީގެ ފެވެރިޓް ނެފިއުއަކީ ތިއީ އޭ އަބަދު ކިޔައެއްނު....." ވަރުޖިނާ ހަނދާންކޮށްލަދިނެވެ. ރަންދާ އާންޓީއަށް ކަޔާން ޚާއްސަވެފައިވާ ސަބަބު މާރަގަޅަށްވެސް ކަޔާން ދަނެއެވެ.

"ލަންޗަށް ދެވިދާނެ މަންމާ، ޑިނަރއަކަށް އުދަގޫވާނެ...." ކަޔާން ވިސްނާލިއެވެ. ކަޔާންއަށް އެނގެއެވެ. އެންމެ ރެއަކު ލައިޝާއާއިއެކީގައި ނުކައި ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. ލައިޝާއަށް ވިސްނޭނެއެވެ. ޝަކުވާއެއް ނުކުރާނެއެވެ. ނަމަވެސް އޭނަގެ ލޯބިވާ އަނބިމީހާއާއި އެކު ހޭދަކޮށްލަން ލިބޭ އެކަނިވެރި ވަގުތުތައް ދެން އެހެން ފަރާތަކަށް ޚާއްސަކޮށްލާ ހިތެއް ނުވިއެވެ. 

ކަޔާން ހަވީރު ސައިބޮއިގެން ކެންޒީގެ ހާލުދެކެލަން ޒިއާމްއާއި އެކީގައި ހޮސްޕިޓަލަށް ދިޔައެވެ. ދެބެން ވާހަކަދައްކަމުންގޮސް ކެންޒީއޮތް ކޮޓަރިއަށް ވަނެވެ. މިވީހާތަނަށް ޖުއާން އެކޮޓަރިއަށް ގެނައުން ކަޔާންވަނީ މަނާކޮށްފައެވެ. ކެންޒީ ފެނިގެން ޖުއާންގެ ޅަ ސިކުނޑިއަށް ވެދާނެގޮތަކާއިމެދު ކަޔާން ވިސްނާފައިވާތީއެވެ. އޭނައަށް ކަޔާންއާއި ކެންޒީ ވަކިކުރުން ފަސޭހައެއް ނުވާނެއެވެ. ޖުއާންއަށް އެނދުގައި އޮތް ކެންޒީވެސް ފެންނާނީ ބައްޕަގެ ގޮތުގައެވެ. 

ކަޔާންމެން ވަންތަނާހެން ކެންޒީ އުދަގޫގޮތަކަށް ތެޅިފޮޅިގެން އަތަށް ގުޅާފައިވާ އައިވީ ދަމައިގަންނަން އުޅުނެވެ.
"ކެންޒީ....." ކަޔާން ބިރުންގޮސް ބާރަކަށް ހަޅޭއްލަވައިގެންފާ ކެންޒީގެ ގައިގާ ހިފައިގަންނަން އުޅުނެވެ.
"ކާމް ޑައުން......." ޒިއާމް ކަޔާން ގެ ކޮނޑުގައި ހިފަހައްޓާފައި ކެންޒީއާއި ވަކިކުރުވިއެވެ. އޭރު ނަރުހުންނާއި ޑޮކްޓަރެއްވެސް އެތަނަށް އެއްވެ ކެންޒީއަށް ފަރުވާދިނުމާއިގެން އަވަދިނެތި އުޅެގަތެވެ. ޑޮކްޓަރު އިންޖެކްޝަނެއް ޖެހުމުން ކެންޒީ މައިތިރިވިއެވެ. ކަޔާން ހުރީ ބިރުގެންފައެވެ. ހިތަށް ނުބައިގޮތެއްވިއެވެ. އެވީ ކިހިނެއްހެއްޔެވެ؟ ކެންޒީއަށް ފިޓްޖެހި ހާލު އިތުރަށް ގޯސްވީހެއްޔެވެ؟ ޑޮކްޓަރުންނަށް އިތުބާރު ނުކުރާތީ އެމީހުންނާއި ސުވާލުކުރާކަށްވެސް ކަޔާން ބޭނުމެއްނުވިއެވެ. ކަޔާން ދެކޭގޮތުގައި އެމީހުންނަށް ލިބިފައިވާ އިލްމު ބޭކާރެވެ. އެހެންނޫންނަމަ ކެންޒީ އެހާލުގައި މިހާ ގިނަދުވަސް ނުވީސް ހެއްޔެވެ؟ ކަޔާން އިތުބާރުނުކުރާތީ އެމީހުންނާއިމެދު ވިސްނެނީ އެންމެ ނުބައިކޮށެވެ. ހަގީގަތަކީ ޑޮކްޓަރުންނަށްވެސް ކުރެވޭނީ މަސައްކަތެވެ. ޝިފާދެއްވާނީ އެންމެ ފަރާތަކުންނެވެ. 

ޖެހިގެން އައި ދުވަހު ކަޔާން ކެންޒީއަށް ގޮވާލީ އާދައިގެ މަތިން ކެންޒީއާއި ވާހަކަދައްކާލުމަށެވެ. ކަޔާން ހައިރާންވިއެވެ. ކެންޒީ ދެލޯ ހުޅުވާލާފައި ކަޔާންއާއި ހަތަރުކަޅި ހަމަކޮށްލީއެވެ. "ކެން" ގެ ނަމުން އުދަގޫ ގޮތަކަށް ނަމަވެސް ގޮވާލުމުން ކަޔާންގެ ގައިން ހީބިހިނެގީ ކުރި އަސަރަކުންނެވެ. ދެލޯ ފެންކަޅިވިއެވެ. ޒިއާމްއާއި ކަޔާންއަށް ލިބުނީ ބަޔާން ނުކުރެވޭފަދަ އުފަލެކެވެ. ހެއްދެވިފަރާތަށް ޝުކުރު އަދާކުރެވުނެވެ.

"އައި ތިންކް ހީ އިޒް ވޭކިންގް އަޕް....." ޒިއާމް ކަޔާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ނޫނީ ކެންޒީގެ ހާލު ކުއްލިއަކަށް ގޯސްވީހެއްޔެވެ؟ ބައެއްފަހަރު މީހާ މަރުވާންވީމަ ކޮންމެވެސް ވަރަކަށް ހާލު ރަގަޅުވެޔޭ ބުނާ އަޑުއިވެއެވެ. ޑޮކްޓަރުން އައިގޮތަށް އެމީހުންވެސް ވަރަށް ފޯރިއާއި ޖޯޝާއިއެކު ވާހަކަދައްކަން ފެށިއެވެ. ޑޮކްޓަރުން ނިންމީ ޒޮލްޕިޑެމްގެ ބައި ގުޅަ ދެ އިރު ދޭން ފަށާށެވެ. އެބޭސް ދިނުމުން ވާގޮތެއް އެނގިދާނެއެވެ. ޖެހިގެން އައި ދުވަހު ކެންޒީ އަށްގަޑިއިރު ހޭލާ އޮވެފައި ރޭގަނޑުވުމުން އަނެއްކާ ކޯމާއަކަށް ދިޔައީއެވެ. ޑޮކްޓަރު ޔަގީންކަން ދިނީ ކެންޒީ މަޑުމަޑުންގޮސް ރަގަޅުވާނެ ކަމުގައެވެ.

ކަޔާންއާއި ލައިޝާގެ ދިރިއުޅުމަށް ވަނީ ބަހާރު އައިސްފައެވެ. ލައިޝާ ކަޔާންއާއިއެކު އެޕާޓްމެންޓްގައި ހޭދަކުރާވަގުތު އުފަލުގެ ކޮޅެއްނެތެވެ. ގިނަފަހަރު ލައިޝާ ލާހިތްވަނީ ކަޔާންގެ ބްރޭންޑެޑް ކޮޓްން ގަމީސްތަކެވެ. އެ އިން ގަމީހެއް ލުމުން ގައިގެ ތަނެއްގައި ލައްވާނުލާތީ ވަކިން އަރާމެވެ. ބައެއްފަހަރު ކުރު ސޯޓްކޮޅެއް ނޫނީ ބީޗް ހެދުމެއްގައި ކޮންމެވެސް ކަމެއްގައި އުޅޭއިރު ކަޔާން ކުދިކުދި ގޯނާކޮށްލަން ގާތުގައި ހުރެއެވެ. ވަކި ތަނެއްގައި އެކަނި އުޅޭއިރު އެލިބިފައިވާ މިނިވަންކަމުން ބުނަން ނޭގޭހާ އުފާވެރި އިހުސާސެއްކުރުވައެވެ. ބައެއްފަހަރު ލައިޝާ ބޭނުން ރާގަކަށް ލަވަ ކިޔާލައެވެ. ނަށާލެވެއެވެ. އެ މަންޒަރު ދެކެން ހުންނަނީ އެކަނި އޭނަގެ ކަޔާންއެވެ.

ކަޔާން އެޕާޓްމެންޓަށް ވަންގޮތަށް ލައިޝާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ވަށައިގެން އެނބުރެމުންދިޔައިރު އެއަތުގެ ތެރޭގައި ލައިޝާ ގެންގުޅުނީ ބުދެއްހާ ލުއިއެއްޗެއްގެ ގޮތުގައެވެ. އުފަލުންގޮސް ކަޔާންއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭގުނެވެ. ކޮއްކޮ ކޯމާއިން ހޭއަރާތީ ކަޔާންއަށް ލިބިފައިވަނީ އެހާ ބޮޑު އުފަލެކެވެ. އޭނަ ބޭނުންވީ އެކަން ވީހާވެސް ކުލަގަދަކޮށް ލައިޝާއާއިއެކީގައި ފާހަގަކުރާށެވެ. ލައިޝާގެ ނޭވާކޮޅުންލުމުން ކަޔާން ލައިޝާ އެއަތުގެ ތެރޭގައި ބޮނޑިކޮށްލައިގެން ސޯފާގައި އިށީންގޮތަށް ކެންޒީގެ ހާލު ހުރިގޮތް ކިޔައިދިނެވެ.

"އަހަރެން ހަމަ މޮޔަނުވީ ކިރިޔާ، މީހުން ބުނެއުޅޭ އުފަލުން މޮޔަވެދާނެއޭ، މިއަދު އަހަންނަށްވެސް އެވީ އެކަހަލަގޮތެއް، ދުނިޔެއިން އެންމެ ދެކެން ބޭނުންވާ އެއްދުވަހަކީ ކެންޒީ ތެދުވެ އުޅޭތަން ދުށުން، އެތާ ތިބި ސޯ ކޯލްޑް ޑޮކްޓަރުން ބުނާގޮތުން ކެންޒީ ހޭލެވުނަސް އަދި ވާހަކަދައްކާ ހިނގާ ހަދަން ދުވަސް ނަގާނެ، އެހާ އަވަހަށް ރިކަވަރ ނުވާނެކަމަށް އެންގީ، ފިޒިއޯ އެއްޗެހި ވަރަށް މުހިއްމު، އެޓްލީސްޓް ވަރަށް އުފާވެއްޖެ ކެންޒީ އަހަންނަށް ގޮވާލީމަ......" ކަޔާން ގެ އަތުތެރޭގައި ލައިޝާ އިންއިރު އެއަތުގެ ބާރު އިހުސާސްކުރެވުނެވެ. އަބަދު އެގޮތަށް ބައްދާލައިގެން އިންނާނެނަމައެވެ. ކަޔާންގެ ހަށިގަނޑުގައި ހިފާލާފައިވާ މީރުވަސް ލައިޝާގެ ސިކުނޑިއަށް ދިރުން ގެނުވާދިނެވެ. އެހިތްގައިމު ވަސް މިހާރަކަށް އައިސް އަބަދުހެން ނޭފަތުގައި ހަރުލާފައިވާ ހެންވެސް ހީވެއެވެ. 

"ވަރަށް ވަރަށް އުފާވެއްޖެ، ބޭނުން ކެންޒީ ބަލާލަން ދާން....." ލައިޝާވަނީ ކަޔާން ގާތުގައި އެކަމަށް އެތައް ފަހަރަކު އެދިފައެވެ. މިއަދު އެހެން މީހުންނަށް ނޭގުނަސް ލައިޝާއަކީ ކެންޒީގެ ފަހަރިއެވެ. ވީއިރު ކަޔާންގެ އެއްމާބަނޑު ކޮއްކޮ ދެކެލާން ނުގޮސް ހުންނަންވާނެއެކޭ ލައިޝާގެ ހިތެއް ނުބުނެއެވެ. ދާހިތްވަނީ އެހާ ބޮޑަށެވެ. ކަޔާންއާއި ތަފާތެއްނެތް ޒުވާނަކު ދުނިޔޭގައި ހުރުމުން ބަލާހިތްވާނެތާއެވެ.

ކެންޒީ ކޯމާއިން ހޭއެރުމުން ކެންޒިއާގައި އާއިލާ މީހުންނަށް ކެއުމެއް ދެވުނެވެ. ކަޔާން ހުރީ ލައިޝާ ގެންދާ ހިތުންނެވެ. ނަމަވެސް އެހެން މީހުންގެ ހިތުގައި ޝައްކު އުފެދިދާނެތީ އެފަދަ ކަމެއް ނުކޮށް މަޑުކޮށްލީއެވެ. ބިރަކުން ނޫނެވެ. މައިންބަފައިންނަށް ކުރާ ގަދަރެއްގެ ބޮޑުކަމުންނެވެ. އެމީހުންގެ އުފާތަކަށްވެސް ހުރަސް އަޅަން ހިތްނޭދޭތީއެވެ. އެރޭ ކަޔާންހުރީ ނިކަން ހަމަޖެހިލާފައެވެ. އުފާވެފައެވެ. އެންމެނާއި ހީ ސަމާސާކުރަމުން ދާތަން ފެނުމުން އެހެން މީހުން ހީކުރީ ކަޔާންގެ ތަބީއަތަށް އައި ބޮޑު ބަދަލަކީ ކެންޒީ ކަމަށެވެ. އޭގެ ކުރިއްސުރެން ކަޔާން އުފާވެރި ޒުވާނަކަށް ވެފައިވާކަން ދަންނަނީ އޭނަގެ މަންމަމެންނެވެ. 

ކެންޒީ މަޑުމަޑުން ރަގަޅުވަމުން އަޔަސް އޭނައަށް ވާހަކަދެއްކެނީ ވަރަށް އުދަގުލުންނެވެ. ހުއްޓަ ހުއްޓާފައެވެ. ވިސްނާފައެވެ. ރޭގަނޑު އޮންނަނީ އެހެން ދުނިޔެއެއްގައެވެ. ފިޒިއޮތެރަޕިސްޓުން ކެންޒީ ކޮޅަށް ނަގަންވެސް މަސައްކަތްކުރެއެވެ. ނަމަވެސް އެކަމަށް އަދި ވަރަށް ދުވަސް ނަގާނެކަން އެނގުނެވެ. ކެންޒީއަށް އިނދެވޭނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ފަހަރެއްގައި މުޅި އުމުރަށްވެސް އެގޮތުގައި އިންނަން ޖެހިދާނެއެވެ.

އާ އަހަރު ފެށުނު ރޭ ކަޔާން ލައިޝާ ގޮވައިގެން ދިޔައީ ހުޅުމާލެއަށެވެ. ބީޗްގައި ހޭދަކުރި ވަގުތުތަކަށްފަހު "ކެންޒީ ހޮޓެލް"ގައި އޭނަ ހިފާފައިވާ ކޮޓަރިއަށް އައެވެ. ދެމީހުންގެ ކައިވެންޏަށް ދެމަސް ފުރުނީއެވެ. ކަޔާން މެންގެ ކައިވެނި ކުރެވުނީ ނޮވެމްބަރ އެކެއްގައެވެ. އެކަން ފާހަގަ ކުރަންވެގެން ކުޑަ ކޭކެއް ފެޅުން އޮތެވެ. އެކަކު އަނެކަކުގެ އަނގައިގާ ކޭކުކޮޅު ލައްވާދީފައި ކެއުމަށްފަހު ދެ ޒުވާނުން ޓެރެސްގައި ހަނދުގެ ރީތިކަން ދެކެން ތިއްބެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން ލިއްބާދިން ފިނިކަން ހޫނުއާތްވަށް ބަދަލުކުރީ ދެމީހުންގެ ފިތިފައިވާ ހަށިގަނޑުގެ ހޫނުންނެވެ. އެންމެފަހުން ދެމަފިރިން އެކީގައި ކޮޓަރިއަށް ވަންގޮތަށް އެކަކު އަނެކަކުގެ އަތުތެރެއަށް ވަދެވުނީ ދަގަތްފާނަށް ދަގަނޑު ދަމާފަދައިންނެވެ.

އިރުއެރިއިރު ދެމަފިރިން ތިބީ ގަދަ ނިދީގައެވެ. ކަޔާން ދެލޯ ގަދަކަމުން ހުޅުވާލީ ރިސެޕްޝަނުން ގުޅަންފެށީމައެވެ. ކަޔާންއާއި ބައްދަލުކޮށްލަން އެކުވެރިއަކު އައިސްފައި ހުރިކަމަށް ބުނުމުން ކަޔާން ތެދުވެގެންގޮސް މޫނު ދޮވެލާ ހަދައިގެން ބޭރަށް ދާން ގަސްތުކުރިއެވެ. ކަޔާންއާއިއެކު ލައިޝާ މިރޭ މިކޮޓަރީގައި ނިދިކަން އެހެން މީހަކަށް އެނގުނަސް އޭނަގެ މާބޮޑު ފަރުވާލެއްވެސް ނެތެވެ. އާއިލާގެ މީހުންނަށް އެނގުނަސް އެމީހުން މާބޮޑުކަމަކަށް ނަހަދާނެއެވެ. ލައިޝާއަކީ ނާސި އަންހެންކުއްޖެއްކަމަށް ހަދާފައި އެމީހުން ތިބޭނީއެވެ. ކައިވެނިކޮށްގެން އުޅޭކަން އެނގިއްޖެއްޔާ ދެން ވާނެގޮތެއް ނޭގެއެވެ. މަންމަމެންގެ ބިރުވެރި ހުވަފެނަކަށްވާނީ އެކަން ފަޅާއަރައިފިއްޔާއެވެ. ކަޔާން މިހިރީ އެކަން ފޮރުވަން ކުރެވެން އޮތްހާ މަސައްކަތެއް ކުރާށެވެ. ކަޔާން ތައްޔާރުވެލުމަށްފަހު ގުދުވެލާފައި ލައިޝާގެ ރީތި މޫނުގައި ބޮސްދެމުން އިނގިލިތަކުން ފިރުމާލިއެވެ. އެ ކުޑަ އަދާއިންވެސް އޭނަ ލައިޝާދެކެ ލޯބިވާ މިންވަރު ހާމަކޮށްދިނެވެ.

ކަޔާން ކޮޓަރިން ނުކުމެގެންގޮސް ލިފްޓަށް އެރިތަން ބަލަން ހުރެފައި ވަރުޖިނާ ބާރަކަށްގޮސް އޭނަގެ އަތުގައިވާ ތަޅުދަނޑިން ކަޔާންގެ ކޮޓަރި ހުޅުވާލައިފިއެވެ. ހޮޓެލުގެ އެންމެ ހިތްފަސޭހަ އެއް ކޮޓަރިތެރޭގައިވާ ކިންގްސައިޒް އެނދުމަތީގައި އަރާމުކޮށް ނިދާލާފައި ލައިޝާ އޮތެވެ. ކުއިލްޓުން ހަށިގަނޑު ނިވާކޮށްލައިގެން އޮތްއިރު އެދޮން މޫނު ރީތިކަމުން ހޫރެއްފަދައެވެ. އިސްތަށިގަނޑު އޮތީ ބާލީސްމަތީ ފަތުރާލާފައެވެ. އޭނަގެ ފިރިހެންދަރިފުޅު ހައްލާލަން ތިމާގެ އަބުރުވެސް ވިއްކާލީއެވެ. ހާދަގޮތްކުޑަ އަންހެނެކެވެ. ވަރުޖިނާ ބޭނުންވީ އެދިޔަގޮތަށްގޮސް ލައިޝާ ދަމާ ހޫރުވާލާށެވެ. ރަންދާއަށް މި ޚަބަރު ލިބުނުގޮތެއް ނޭގެއެވެ. ކަޔާން ލައިޝާ އެޕާޓްމެންޓަށް ގެންދާކަން ކޮންމެވެސް ގޮތަކުން އެނގިގެން ރަންދާ ހުރީ އެކަމާ ހިތްހަމަނުޖެހިފައެވެ. ޝަކުވާއާއިގެން އޭނަގެ ދޮންތަ ގާތަށް ރަންދާ އައިތާ އަދި މިވީ ތިން ދުވަހެވެ. ވަރުޖިނާ ބޭނުންވީ އަމިއްލަ ލޮލުން ދެކެލާށެވެ. ލައިޝާގެ މައުސޫމްކަމުން އެވާހަކަ ގަބޫލުކުރަން ފަސޭހައެއްނުވީއެވެ.

"ލައިޝާ ލަދެއްވެސް ނުގަނޭތަ؟ މޮޔަވީތަ؟ އަހަރެންގެ ދަރިފުޅު ނޫން މީހަކު ކަލެއަށް ނުފެނުނީދޯ...... " ވަރުޖިނާ ދަތްތަކަށް ބާރުލާފައި ކިޔާލައިފިއެވެ. ވަރުޖިނާ އެއް ފިޔަވަޅުކުރިއަށް ޖެހިލިއިރު ރުޅިގަދަވެގެންގޮސް މޫނުމަތި އަނގުރު އަލިފާންކޮޅެއްހެން ރަތްވިއެވެ. ވަރުޖިނާގެ ޒުވާން ދުވަސްވަރު ރުޅިގަދަވެގަތީމަ އޭނަގެ މައިންބަފައިންނަށްވެސް އޭނަ ކޮންޓްރޯލް ކުރުމަކީ ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެއްޗެއް ހަލާކުކޮށްލާފައި ނޫނީ އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ދެވިގެން ނޫނީ ވަރުޖިނާގެ ރުޅި މައިތިރިއެއް ނުވާނެއެވެ. ވާނުވާ ނޭގޭވަރަށް އޭނަގެ ރުޅިގަނޑު ގަދަވާ ދުވަސްތައް މަދެއްނޫނެވެ.

ވަރުޖިނާ ބާރުބާރަކަށް ލައިޝާއާއި ދިމާލަށް ގޮސްފައި ލައިޝާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ގައި ނިވާކޮށްލައިގެން އޮތް ބޯ ރަޖާވެސް ދަމައިގަތެވެ. ގޮތެއްނުބަލާ އެކުއްޖާގެ ގައިގާ ތަޅައިގަތެވެ. ގައިން ލޭ އޮހޮރުވާލައިފިއެވެ.

ކޮމެންޓް 0