ޒިއާމްގެ އަންހެނުން މާޔާ އާއި ކޮއްކޮ ރައަދު އަމިއްލަ ވާހަކައެއްގައި ތިއްބެވެ. ރައަދު ފޯނު ހުޅުވާލައިގެން އިނދެ ކޮންމެވެސް ފޮޓޯތަކެއް ދައްކަނީކަން ނޭގެއެވެ. ޒިއާމްގެ ޖުމްލައިން ކަޔާން ރުޅިގަދަވެގެން އެއްޗެކޭ ނުބުނަނީސް އަޒީޒުއްދީން ކޮންމެވެސް ސަމާސާ ޖަވާބެއްދެއްވައިގެން އެ ނުތަނަވަސްކަން ކަނޑާލަން މަސައްކަތްކުރެއްވިއެވެ.

"އަދިވެސް މަންމަގެ ބޯއިސް އިން ކުޑައިރެކޭ ތަފާތެއްނެތް. ދެން ބޮޑުވާންވެއްޖެއެއްނު، ދެކުދިން ކޮފީބޮއިގެން އަވަހަށް އޮފީހަށް ދާންވީ އިނގޭ........." ވަރުޖިނާ ކަޔާންގެ ކާރިއަށް އާވިއަރައަރާހުރި ކޮފީތަށްޓެއް ކާރިކޮށްލަދިނެވެ. ސްޓާރބަކްސް ކޮފީގެ ދެވިހިފާވަސް ނޭފަތުގައި ޖެހުމުން ކަޔާންގެ ސިކުނޑި ތާޒާވެލިހެން ހީވިއެވެ. 

"އާހް، އައިމް ނޮޓް ފީލިން ވެލް........." ކަޔާން ކޮފީތަށިން އެތިފޮދެއް ބޯލާފައި ނިތްކުރީގައި ފިރުމައިލިއެވެ. ދޭތެރެއަކުން ގަދަޔަށް ބޮލުގައި ރިއްސާތީ އުޅުމަކީ އާކަމެއް ނޫނެވެ. ކުޑައިރުއްސުރެން އޭނަގެ އެ މައްސަލަހުރެއެވެ.

"އޮފީހަށް ނުދާން ބަހަނާއެއް ދެއްކީތަ؟ "ޒިއާމް ބުމަ އަރުވާލިއެވެ.

ކަޔާން ޖަވާބެއްނުދީ ހިމޭނުން އިނދެ ކާންފެށިއެވެ. ކަޔާން އާއި ޒިއާމް ގެ މައްސަލަ ފެށުނީ އޮފީހުން ޒިއާމް އަށް ކަޔާން އާއި ލައިޝާ އެކީގައި ފެނުމަށްފަހުގައެވެ. އޭނަ މައިންބަފައިން ގާތު އެ ވާހަކަ ބުނީކަމުގައި ކަޔާން އަށް ހީކުރެވުނީ ގެއަށް އައިތަނާހެން އަދި މަންމަމެން ފެށި ވާހަކައަކުންނެވެ. އޭނަގެ ކައިވެނި ހަމަޖެހެމުންދާ ކަމަށާއި ކަޔާން އެކައިވެންޏަށް ގަބޫލުވާން ޖެހޭނެކަމުގައި މަންމަ ބުނީ އަމުރުވެރިގޮތަކަށެވެ. ކަޔާން ގެ ކައިވެނި ކުރެވޭނީ އެކަނި ޖުއާންގެ މަންމައާއި ކަމަށް ބުނެ އެ ވާހަކަތައް ސީރިޔަސްވެ ގޭތެރޭގައި ބޮޑު ހަގުރާމައެއް ހިނގީއެވެ. ކަޔާން ހުރިހާ ރުޅިއެއް އައީ ޒިއާމްދެކެއެވެ. ޒިއާމް މަންމަގެ ގާތުގައި އެ ވާހަކަދެއްކީ ކަމުގައި އޭނަ ނިންމިއެވެ.

އަޒީޒުއްދީން ކަޔާންގެ ގާތުން ކުންފުނީގެ ވާހަކަ އެއްސެވުމުން ކަޔާން ކޮންމެވެސް ވަރަކަށް ކެންޒިއާ ކުންފުނީގެ ވާހަކަތައް ބައްޕައާއި ހިއްސާކުރިއެވެ. ފްލޯޓިން ހޮޓެލްގެ ޕްރޮޖެކްޓް ފަށަން ކާރިވެފައިވާއިރު އެފަދަ އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހުރިގޮތާއި ބެހޭގޮތުން އަޒީޒުއްދީން ދެބެންނާއި މަޝްވަރާކުރެއްވިއެވެ. ސައި ނިމުމާއިއެކު ކަޔާން އޭނަގެ ކޮއްކޮ ކެންޒީއޮތް ކޮޓަރިއަށް ވަދެ ޚަބަރު ބަލައިލިއެވެ. ކެންޒީގެ މޫނު ކަޔާންއާއި މާބޮޑު ތަފާތެއް ނެތަސް އެނދުގައި އޮންނަތާ ދުވަސްވުމުގެ ސަބަބުން ހިކިކޮށް ދެއްކިޔަސް ކެންޒީގެ ރީތިކަން ފަނޑުވާގޮތެއް ނުވެއެވެ. މެޝިންތަކުގެ ބީޕް އަޑުން ކަޔާންއަށް ކޮންމެ ފަހަރަކު އުނދަގޫވެއެވެ. ފެންކަޅިވާގޮތްވެއެވެ. އެވަރުންވެސް އޭނަ ކެންޒީގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ވާހަކަދައްކަނީ އޭނަ އަށް އަޑުއިވޭނެކަމުގެ އުއްމީދާއިއެކުގައެވެ.

"ވޭކް އަޕް ކެންޒީ. މާ ދުވަސްވެއްޖެ........." ކަޔާން ކެންޒީގެ އަތުގައި ހިފާފައި ކުޑަކޮށް ތަޅުވާލިއެވެ.
ކެންޒީގެ ދިގު އެސްފިޔަތައް ބަރުކަމުން ހުޅުވާލަން އުދަގޫވަނީކަން ނޭގެއެވެ. އެއްގޮތަކަށްވެސް ލޮލުގެ އެސްފިޔައިގެ ހަރަކާތެއްވެސް ނުފެނެއެވެ. ޑޮކްޓަރުން ނިންމާފައިވަނީ ކެންޒީ ކޯމާއިން ދުވަހަކު ހޭނުލާނެ ކަމުގައެވެ. "ވެޖެޓަބްލް" އެއްގެ ގޮތުގައި ކެންޒީ ސިފަކުރާ މީހުންދެކެ ކަޔާން އިންތިހާއަށް ރުޅިއާދެއެވެ. ޑޮކްޓަރުންދެކެ ނަފްރަތު ކުރާން އޭނަ ފެށިތާ ކޮން ދުވަހެއް ހެއްޔެވެ؟ ކެންޒީ ސަލާމަތް ކުރުމުގައި އެމީހުން ނުކުޅަދާނަވި ހިސާބުން އެމީހުންނާއިމެދު ކަޔާން ކުރި އިތުބާރު ގެއްލިއްޖެއެވެ. ގެއަށް ކެންޒީ ދެކެން އަންނަ ޑޮކްޓަރުންދެކެވެސް ކަޔާން ފޫހިވެއެވެ. އެމީހުން ދޭ ބޭހާއި ކުރާ ކަންތައްތަކުން ކެންޒީގެ ހާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެކަން އޭނަ ގަބޫލުކުރެއެވެ.

ކަޔާން ގޮސް ކާރާއި އަރާ ހަމަވިތަނާ އެތާހުރި ގަހެއްގެ ފަހަތުން ރަތްކުލައިގެ ޓޮޕަކާއި ލެގިންސްގައި ހުރި އަންހެންކުއްޖަކު ނުކުތެވެ. ކަޔާންއާއި ބަލާއިރު ތަންކޮޅެއް އިސްކޮޅުން ކުރުނަމަވެސް އެ ލޫޅާފަތި ހަށިގަނޑުގެ ވަނާތައް އެހާ ފުރިހަމައެވެ. ހެދުމުގެ ކުލައާއި ގުޅޭގޮތުން މޭކަޕްކޮށްލާފައި ހުރިއިރު ބުޅިއިސްތަށިކޮޅު އައްސާލާފައި އޮތުމުން ކަޔާންގެ ލޮލަށް ތަންކޮޅެއް ފަސޭހަވިއެވެ. ކަޔާން އަފްރީން ދެކެ އެންމެ ރުޅިއަންނަނީ އެ ބޯ ވިހުރުވާލައިގެން ހުންނަ ވަގުތުތަކުގައެވެ.

"ހޭ ހެންޑްސަމް، އަހަންނަށް ލިފްޓެއް ދެވިދާނެތަ؟ ކާރުގައި ބުރެއް ޖަހާލަން ގެންދިޔަސް އަހަރެން ކެންއަކަށް އުދަގުލެއްނުކުރާނަމޭ، މިހާ ދުވަސްވީއިރުވެސް ދުރުން މިއުޅެނީ....." އަފްރީން ހިނިތުންވެލުމުން ހުދު ދަތްތައް ވިދާލިހެން ހީވިއެވެ. ދެކޯތާފަތަށް އެޅިގެން ދިޔަ އަޑިކޮޅަކީ އަފްރީންގެ އެންމެ ރީތި ސިފައެވެ. ކަޔާންގެ ކަތި ނަޒަރު އަފްރީން އަށް ކަމުދިޔައެވެ.

"މޮޔަވީތަ؟ އަހަރެން އެބައުޅެންތަ މީހަކު ގޮވައިގެން ކާރު ދުއްވަންދާކަށް، މާ ރަގަޅުވާނެ އޭލިއަން އެއް އަރުވައިގެން ދިޔަސް......." ކަޔާން ދެވަނަފަހަރަށް އެ ނުރުހެވޭ އަންހެންކުއްޖާގެ މޫނަށް ބަލައިލާކަށް ބޭނުމެއްނުވިއެވެ. ބައެއްފަހަރު އަފްރީން ގެ ހިތަށް އަސަރުކުރިޔަސް ކަޔާންގެ މިޒާޖުދަސްވެ ހޭނިފައިވާތީ އަރައިރުންވުމަކީ މަޖާކަމަކަށް ވެއެވެ.

"ހިތާއި ދެކޮޅަށް ބުނާ އެއްޗެހިކަން އެނގޭ، އަހަރެން ނުގެންދެވޭތީ ހަމަ ދެރަވެސް ވާނެ، އެކަމަކު ތިމާގެ މޮޅުކަމާއި ބޮޑާކަމުން އެއްބަސްވާން ބޭނުންނުވަނީ، އައި ނޯ، އައި ނޯ، ކޮބާތަ އަހަރެމެންގެ ޖުއާން......" އަފްރީން ކާރުގެ ބޮނެޓްމަތީގައި އަރާ އިށީނީ ގަސްތުގައި ކަޔާންއަށް ޖެއްސުމެއްކޮށްލަން ވެގެން ކަން ނޭގެއެވެ.

"ޖުއާންއާއި ދުރުން އުޅޭށޭ ކިތައްފަހަރު ބުނާނީ، އޭނަގެ މަންމައެއް ނުހުރޭ........" ކަޔާން ރުޅި ފިނިކުރަން މަސައްކަތްކުރިއެވެ. ވަށައިގެންވާ މާހައުލުގެ ފިނިކަމުގެ ސަބަބުން ކަޔާންގެ މޫނަށް ރަތްކަމެއް ވެރިވެފައިވެއެވެ. ރޭގެ ވިއްސާރައިގެ ނިޝާން އަދިވެސް ދުނިޔެމަތިން ފިލައިގެން ނުދެއެވެ. ގަސްތަކުގެ ފަތްތައް ދޮވެވި ތާޒާވެފައިވާއިރު ބިންގަނޑުވަނީ ތެމިފައެވެ. ފަޒާގައި ތެތްކަން އެކުލެވިފައިވެއެވެ. އުޑުމަތީގައިވާ ބޯ ވިލާތަކުގެ ތެރޭގައި އިރު ފީކޯތް ކުޅެމުން ދޭތެރެއަކުން އަލިދޯދިތަކުން ދުނިޔެމަތި އުޖާލާކޮށްލައެވެ.

"ކެން ތިހާ ވިސްނޭއިރު ހަމަ ތިހެން ބުނާނީ؟ މަންމަ އެއް ނެތި ދަރިއަކު ދުނިޔެއަށް އުފަންވާނެގޮތެއް ނުވިސްނޭ، ބައްޕައަކާއި ނުލައި އާދަމް އާއި އީސާ ފަދަ ރަސޫލުން ދުނިޔެއަށް ފޮނުއްވި. އެހެންވީމަ ޔޯ ލޮޖިކް އިޒް އިންވެލިޑް....." އަފްރީންގެ ވާހަކަތަކުން ކަޔާންގެ ރުޅިއަރުވައިލެވުނީމަ ކަޔާން ވަކިން ރީތިވާކަމުގައި އަފްރީން އަށް ހީކުރެވެއެވެ. ފިރިހެނުންގެ ރީތިކަން އިތުރުވަނީ ރުޅިއައީމައެވެ. ނޫނީ ކަޔާންއަށް ޚާއްސަ ސިފައަކީ ހެއްޔެވެ؟ ކަޔާންގެ ނުރުހެވޭ ސިފަތަކާއިއެކުގައިވެސް އަންހެންކުދިން ހިތްކިޔާނެވަރު އަފްރީން ދަނެއެވެ. ކަޔާންގެ މާޒީގެ އަނދިރި ސިއްރުތައް އެންމެ ރަގަޅަށް އެނގޭ އެކަކީ އަފްރީންއެވެ. ކުދި ކަންތަކާއި ރުޅިގަދަވެގެން ގެ ވައްޓާލަން ފަސްނުޖެހޭ ފިރިހެނެކެވެ. ސިގްރެޓް ބޯންހުއްޓާ ފެނިގެން އޭނަގޮސް ވަރުޖިނާ ކާރީގައި ކުޓުވި ދުވަހު ކަޔާން އޭނަގެ މޫނުމަތީގައި ޖެހި ދުވަސްމަތިންވެސް އޭނަ ހަނދާން އެބަވެއެވެ. އެދުވަހު ޒިއާމް ނެތްނަމަ އޭނަ މަރާލާނެކަން ނޭގެއެވެ. ބުމަ ފަޅައިގެންގޮސް ލޭގަނޑު އޮހިގަތުމުން އަފްރީން ބިރުން އަނބުރައިނުގަތީ ކިރިޔާއެވެ. އޭނަ އެދުވަހު ރޮއި ރޮއި ހަލާކުވާވަރުވިއެވެ. ދުވަހަކު ކަޔާންއަށް މާފެއް ނުކުރާނަމޭ އޭނަ ބުނިކަމުގައި ވިޔަސް ކަޔާންގެ ރީތިކަމުން ވަކިވާކަށް ހިތް ނޭދުނެވެ.

"އެހެންވެ ދޯ އެބޯޓްކުރުވަން އުޅުނީ...." ކަޔާން އަފްރީން ގެ ހިތުގެ ޒަޚަމްތަކުގައި ލޮނު މިރުސްއެޅިއެވެ. މާޒީ ހަނދާންކޮށްދީގެން ހިތަށް ތަދުކުރުވިއެވެ.

"އޭރު އަހަރެން މޮޔައީ. ކުޑައީ، ފާފައެއްކަން ނޭގުނީ......." އަފްރީން ބަލަން އިނީ އެ ކަތި ނަޒަރުންނެވެ. ފިރިހެންކުދިން ހިތް އަޅައިގަންނާނެ ހުރިހާ ސިފަތަކެއް އެކުއްޖާގެ އެބަހުއްޓެވެ. އަފްރީން އެ ރީތި ފައިތިލައިގާ ދެއަތުން ހިފަހައްޓާލައިގެން އިންއިރު ކަޔާންގެ ސަމާލުކަން ހިނދުކޮޅަކަށްނަމަވެސް އެ އޮމާން ފަޔަށް ހުއްޓުނެވެ.

"އަދި ނޭކެޑްކޮށް މަގުމައްޗަށް ނުކުތީމަ މާ ރީތިވާނެ، ތިވެސް ހަމަ ނޭގި ކުރާކަމެއްތަ؟ ފާފަވެރި ނުވާނީތަ؟ އަދިވެސް ކުޑަތަ؟ މަންމައަކަށްވީމަ މާ ޅަ ވާ ހިތުން ތިއުޅެނީ...... " ކަޔާން މަލާމާތްކުރިއެވެ.
"ހެހެ، ކެން ދެލޯ މަރާލައިގެން ހުރެބަލަ، އޭރުން ފާފަވެރިއެއް ނުވާނެ. ކެން ތިއީ ކިހާވަރެއްގެ ފިރިހެނެއްކަން އެނގިއްޖެއްޔާ ގާލްސްއިން ބިރުން ދުވެ ފިލާނެ، އެހެންވީމަ އަހަރެންލައްވާ ގޯހެއް ނަހަދާ އެއްބަސްވޭ، މެރީ މީ، އަހަންނަށް އެކަނި ކެން މެނޭޖް ކުރެވޭނީ، ނޫނީ އެންމެން ގާތުގައި ބުނާނަން ކެންގެ ހަގީގަތް. ކާކު ސައިކޯޕާތަކާއި އިންނާނީ........." އަފްރީން ބޮނެޓްމަތިން ފޭބިއެވެ.
ކަޔާން ނުލަފާ އެއްޗެކޭ ބުނެލާފައި ކާރަށް އަރާ ދޮރުފަތް ބަންލާފައި ޖެހިއެވެ. އަދި ދަތްކުނޑި ވިކާލާފައި ކާރު ދުއްވާލިގޮތަކުން އަފްރީންގެ ގައިގާ ނުޖެހުނީ އަފްރީން އެއްފަރާތަކަށް ދުއްވައިގަތުމުންނެވެ.

ބައެއްފަހަރު އަފްރީން އާއި ވާހަކަދައްކަނީ ޖުއާންގެ މަންމައަށް ވީތީއެވެ. އަފްރީންގެ ޚިޔާލު ބަދަލުވެގެން އެހެން މީހަކާއި ގުޅިދާނެ ދުވަހެއް ފެންނާނެކަމަށް އޭނަ އުއްމީދުކުރެއެވެ. ދުވަހަކު އޭނަގެ ހިތުން އަފްރީންއަށް ޖާގައެއް ނުލިބޭނެއެވެ. އަފްރީން އޭނަދެކެ ލޯބިވާކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ދެމީހުންގެ މި ގާތްކަމަކީ އެކަނި މަޖުބޫރީއެވެ. އޭނަ އަފްރީން އާއި ދުރުން އުޅެން މަސައްކަތްކުރިޔަސް ކާމިޔާބުވާގޮތެއްވެސް ނުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަފްރީންގެ ބޭބެ ވިޝާންއަކީ އޭނަގެ އެންމެ ގާތްއެކުވެރިޔާއެވެ. ކޮއްކޮއާއި ޖެހުނު މައްސަލާގައި ވިޝާން އޭނައާއި ގުޅުން ކަނޑައެއްނުލިއެވެ. އެހެންނޫނަސް އާއިލާގެ ގޮތުން ގުޅިފައިވާއިރު ދުރުން އުޅެވޭނެގޮތެއް ނެތެވެ. އަފްރީން އޭނަގެ ހަޔާތަށް މިފަދަ ގޮތެއްގައި އައިކަން އެއީ އޭނަގެ ބަދުނަސީބެވެ. އެވަރުންވެސް އޭނަ ހުރީ ގޮތުގައެވެ. އަފްރީން އާއި ކާވެނިކުރަން ހަތަރުފަރާތުން މަޖުބޫރުކުރިއިރު އޭނަ ބުނީ ނީންނާނެކަމުގައެވެ. ދަރިފުޅާއި ހަވާލުވިނަމަވެސް އޭނަ އަފްރީން އާއި ކައިވެނިކުރަން އިންކާރުކުރިއެވެ. ތިން އަހަރުފަހުން އަނެއްކާ މަންމަމެންގެ ފަރާތުން ފިއްތުންތައް ކުރިމަތިވާން ފަށައިފިއެވެ. މިހާރު ފާޑަކަށް އޭނަ ބްލެކްމެއިލް ކުރަންވެސް އަފްރީން ފެށީއެވެ. ނުލަފާ އަންހެންކުއްޖެކެވެ.

ކަޔާން ލަވަ އަޑުއަހާލަން އިނދެ ކާރުދުއްވަމުން ދިޔައިރު ޚިޔާލަށް އަންނަނީ ރީތި އެންމެ މޫނެކެވެ. ހަނދެއްފަދަ ލޯބި ލައިޝާއެވެ. އެ އުފާވެރި ހިނިތުންވުންތަކެވެ. ފަން އިސްތަށިގަނޑެވެ. ތޫނު ދެލޮލެވެ. 

"އަހަރެން ޖެހޭނެ މަންމަ މެންނަށް ލައިޝާ ދައްކާލަން ގެންދަން، ފަހަރެއްގައި މަންމަ ގަބޫލުވެދާނެ، އަހަރެންގެ ގާލްފްރެންޑެއް ހުރިކަން އެނގުނީމަ ފަހަރެއްގައި އަފްރީން އާއި އަހަރެން ގުޅުވާކަށް މަންމަ ނޫޅޭނެ...." ކަޔާން ވިސްނަމުން ދިޔައީ ލައިޝާއާއި އަފްރީންގެ ތަފާތާއި މެދުގައެވެ.

އަފްރީން ފެނިއްޖެއްޔާ ކަޔާންގެ މޫޑު ގޯސްވެ މުޅިދުވަސް ޚަރާބުވާކަމުގައި ބުނެފައިވާތީ އަފްރީން ހުންނަނީ ކަޔާންއަށް ނުފެންނަން ހިތް ނިޔަތްގަނެގެންނެވެ. ނަމަވެސް ދަރިފުޅު ދެކެލާހިތުން ދުރުން އުޅެވިދާނެ ހެއްޔެވެ؟ އެހެންނޫނަސް ވަރުޖިނާ ހުންނަނީ އަފްރީން ޅީދަރިއަކަށް ހަދާހިތުން ކެތްނުލަވާފައެވެ. އަފްރީން ގެ މަންމައާއި ވަރުޖިނާގެ ހުވަފެނަކީ އެއީއެވެ. ކަޔާން އެއްބަސްވިނަމަ އެ ކައިވެނިކުރެވުނުތާ ކޮންދުވަހެއް ހެއްޔެވެ؟ ބައެއްފަހަރު އަފްރީން މިގޮތަށް ސަކަރާތް ޖަހާފައި ހީ އުޅުނުނަމަވެސް ހިތުގެ ކަނަކުން އަމިއްލަ ނަފުސް ކުށްވެރިކުރާ ފަހަރު އާދެއެވެ. ކަޔާން އޭނަދެކެ ނަފްރަތުކުރާއިރު މިގޮތަށް ކަޔާންގެ ދިރިއުޅުމަށް މަޖުބޫރުކޮށްގެން ވަންނަން ވެދާނެހެއްޔެވެ؟ ތިން އަހަރުކުރިން ކަޔާންގެ ސަބަބުން އޭނަގެ އަގު އެންމެންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ވެއްޓުނެވެ. ކަޔާން އޭނަގެ އަބުރު ސަލާމަތްކޮށްދިން ނަމައެވެ. ޖުއާންއަށްޓަކައި އޭނައާއި ކާވެނިކުރި ނަމައެވެ. ނަމަވެސް މުއްސަދި އަންހެންކުއްޖަކަށްވީމަ އެހާވަރަކަށް އެކަމުގެ އަގު ދައްކާކަށް ނުޖެހުނެވެ. މުޖުތަމަޢުގައި ބާކީވެ ދަށްމީހެއްގެ ގޮތުގައި ދެކޭނެ ބަޔަކު ނެތެވެ. ދުވަސްކޮޅަކުން ކުރީގެ މަޝްހޫރުކަމާއި މޮޅުކަން ހާސިލުވެ އެކުވެރިން ގެ ރުހުމާއި ލޯބި ކުރިއެކޭ އެއްފަދައިން ލިބެންފެށިއެވެ. ނަހަލާލަށް ދަރިއަކު ވިހޭކަން ދެނެހުރި މީހަކު ނެތެވެ. އެންމެން އެކަން ހަނދާން ނައްތާލައިފިއެވެ.

ޒިއާމްގެ ރުޅިއަށް ފަރުވާލެއްނެތި ކަޔާން ލައިޝާއާއި ސިއްރުން ބައްދަލުކުރެއެވެ. ލައިޝާ އޮފީސް ނިންމާލާފައި ކަޔާންގެ އެޕާޓްމެންޓަށްގޮސް ވާހަކަދައްކާލަން އިނދެއެވެ. ނަމަވެސް ކަޔާންގެ މިޒާޖުހުންނަގޮތުން ހަފްތާއެއްވީއިރުވެސް ލައިޝާދެކެ ލޯބިވާ ވާހަކައެއް ނުބުނެއެވެ. ކަޔާން ފޮރުވައިގެން އުޅެނީ ކޮންފަދަ ކަންތައްގަނޑެއްކަމެއްވެސް ލައިޝާއަކަށް އެނގިފައެއްނެތެވެ. ކަޔާންއަކަށްވެސް އޭނަގެ މަންމަމެން ކަޔާން އާއި އަފްރީންގެ ކައިވެންޏަށް ތައްޔާރުތައް ކުރަމުންދާކަމެއް އޭރަކު ނޭގެއެވެ. ނުވީތާކަށް އޭނައަށް ނާންގާ ކާޑުތައް ހައްދައި އަފްރީންގެ ހެދުމަށް އޯޑަރު ދީފިއެވެ. އެވަރަށް ތައްޔާރުކުރުމުން މައިންބަފައިންގެ އިއްޒަތަށްޓަކައި ކަޔާން އެކައިވެންޏާއި ދެކޮޅު ނަހަދާ އެއްބަސްވާނެކަމުގައި ވަރުޖިނާ ޔަގީންކުރިއެވެ.

ލައިޝާ މިއަދުވެސް ކަޔާންގެ އެޕާޓްމެންޓަށް އައީ އޮފީސް ނިންމާލުމަށްފަހުގައެވެ. ކަޔާން ފޯނު ނުނަގާތީ ޓަކިދޭން ނުކެރިފައި ހުއްޓާ ޒުވާނަކު ލިފްޓުން ފައިބައިގެން އަންނަތަން ފެނުނެވެ. ލައިޝާ ދޮރުމަތީގައި ހުރިތަން ފެނުމުން އެ ޒުވާނަކު ކުޑަކޮށް ހައިރާންވެފައި ލައިޝާއަކީ ކާކުކަން ނޭގިގެން އޮޅުންފިލުވަން އުޅުނެވެ.

"ކަޔާންގެ ފްރެންޑެއް...." ލައިޝާ ދޮގުހަދަން ނުކެރިފައި ހުރެފައި ބުނެލީ ތުންފަތުގައި ދަތްއަޅާލަމުންނެވެ. އެ ޒުވާނާ އަމިއްލައަށް ތަޢާރަފުވެލީ އޭނައަކީ ކަޔާންގެ އެކުވެރިއެއްކަމަށްވާ ވިޝާންއޭ ބުނެލަމުންނެވެ. ކަޔާންގެ އެކުވެރިންނާއި ވާހަކަދައްކާކަށް ލައިޝާ އެހާ ބޭނުމެއް ނޫނެވެ. ފިރިހެނުންނާއި ވާހަކަދެއްކުމަކީ ކަޔާން ރުހޭކަމެއްނޫނެވެ. އެންމެ ގާތް އެކުވެރިންނާއިވެސް އޭނަ ބައްދަލުނުކުރުވާ ސަބަބަކީ އެއީ ނޫންހެއްޔެވެ؟ އެމީހުންނަށް އޭނައާއި ކަޔާން ގެ ގުޅުމެއް އޮތްކަމެއް ރޭކާނުލާނެއެވެ. އެހެންނޫނަސް މިގުޅުމަށް ދޭނެ ނަމެއް ލައިޝާއަކަށް ނޭގެއެވެ. އެކުވެރިކަން ފިޔަވާ ކަޔާންގެ ފަރާތުން އެހެން ކަމެއް ނުފެނެއެވެ. ޒިއާމްދެކެ ބިރުން ކަޔާން ހިއްސުތަކުގައި ގަނޑުފެން އެޅީކަން ނޭގެއެވެ.

"ކެންގެ ފްރެންޑެއްވީމަ އަހަންނާއި އެކުވެރިވެވުނީ ދޯ....." ވިޝާން ހިނިތުންވެލީ ނިކަން އޯގާތެރިކޮށެވެ. ކަޔާންއެކޭ އެއްފަދައިން ދިގު އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެއް ވިޝާންއަށް ލިބިފައިވެއެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން މާތްގޮތެއް ހުއްޓެވެ. ޚާއްސަކޮށް ހިނިތުންވެލާއިރު ކުފިދަތްތައް ފެންނަގޮތް ވަރަށް ހިތްގައިމެވެ. މިއީ އޭނަގެ ބޭބެއަކަށް ވެދާނެހެއްޔެވެ؟ އޭނަ ފަދައިން ވިޝާންގެ ކުފިދަތްތައް ހުރުމުން ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގައިގެން ތަންކޮޅެއް ފުންކޮށް ވިޝާންއަށް ބަލަން ފެށުމުން ވިޝާން ލަދުގަތްކަމަށް ހެދުނެވެ. 

"ތިހާވަރަށް ބަލަންޏާ މަށަށް އެސްފީނާ ޖެހިދާނެ އިނގޭ....." ކަޔާން ފަހަތުން އައިސް އެމީހުން ތިބި ހިސާބާއި އަރާހަމަވީއިރު ވިޝާން އެބުނި ޖުމްލަ ރީއްޗަށް އިވޭނެއެވެ. ލައިޝާއާއި ވިޝާން އެކީގައި ތިބިތަން ފެނުމުން ކަޔާންއަށް ކުޑަކޮށް ނަމަވެސް އުދަގޫވާގޮތެއް ވެ ބުމަ ކާރިކޮށްލެވުނެވެ. އެހެންނޫނަސް ވިޝާން އެހެން ބުނަންވީ ސަބަބަކާއިމެދު އޭނަ ހުރީ ވިސްނާށެވެ. ލައިޝާ ފެންނަ ކޮންމެ ފިރިހެނަކާއި ފްލާޓް ކުރަނީހެއްޔެވެ؟ ހަގީގަތުގައިވެސް ރީތި މީހެއް ފެނިއްޖެއްޔާ ލައިޝާ އެމީހަކަށް ދެވަނަ ފަހަރަށް ބަލައިލާކަން ކަޔާން ދަނެއެވެ. އޭގެ ހަގީގަތް ނޭގިހުރެ ކަޔާންގެ ހިތުގައި ޝައްކު އުފެދުން އިތުރުވިއެވެ.

"ލައިޝާވެސް އެބަހުރިންތަ؟ އަނެއްކާ މިބަޔަށް ބަދަލުވީތަ؟ " ކަޔާން އުޅުނީ އޮޅުވައިލާށެވެ. އޭނަ ދޮރު ހުޅުވާލާފައި ލައިޝާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ.

"ކޮންގްރާ ކިޔަންވެގެން އައީކަން ނޭގެއެއްނު...." ވިޝާން އެތެރެއަށް ވަދެ ފްރިޖު ހުޅުވާލާފައި ކޯކެއް ނަގައިގެން ބޯންފެށިއެވެ. 
"ވަޓް...." ކަޔާން ލޯ ހަނިކޮށްލިއެވެ.
"އަހަރެން ތިގެއަށް ދިޔައިމަ އާންޓީ ބުނި ކެންގެ ވެޑިންއަށް ތައްޔާރުކުރަނީއޭ، ކެންއަށް ސަރޕްރައިޒެއްދޭން ވެގެންނޭ އުޅެނީ، މަގޭ ކާރީގައި އާންޓީމެން ބުނީމަ އަހަރެން ހިތަށް އެރި ކެން ސަޕްރައިޒެއް ބޭނުން ނުވާނެއޭ، ޔޫ ހޭޓް ސަޕްރައިޒެސް ރައިޓް؟ އެހެންވެ މިބުނެލީ، އެންމެފަހުން ޖުއާންއަށް ރަގަޅަކަށް ކަންތައް ތިދިމާވީ، ޖުއާންވެސް ބޭނުންވާނެ ޕޭރެންޓުން އެކީގައި ލައިފެއް ފަށާތަން ދެކެން. ކެން، އައިމް ހެޕީ ފޯރ ޔޫ...." ވިޝާން ކަޔާންގެ ކޮނޑުގައި ޖަހާލުމުން ކަޔާން ބޭނުންވީ ވިޝާން ކޮށްޕާލާށެވެ. އެދިން ޚަބަރަކުން އޭނަގެ ހިތުގައި ރުޅިވެރިކަމުގެ އޮއޮވަރެއް ހިނގާލައިފިއެވެ. ނަމަވެސް ލައިޝާ ހުރުމުން އިންތިހާއަށް ކެތްކުރިއެވެ.

"އަހަރެން ނޫޅެން އަދި މީހަކާއި އިންނާކަށް.. މަންމަމެން ޝޯން ހައްދާލީ ކަމަށްވާނީ، އަދި އެވާހަކަ ގަބޫލުކޮށްގެންތަ ތިއައީ....ބައްޕަގެ އާ ލަގްޒަރީ ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން އުޅޭތީ ޝޯންގާތު މަންމަމެން އެއްޗެކޭ ކިޔާލީކަމަށްވާނީ، އަހަންނަށް ނޭގި އަހަރެންގެ ކައިވެންޏެއް ނުކުރެވޭނެ ދޯ، ލައިޝާ ކޮޅަށް ނުހުރެ އިށީދޭ، އަދި މިދެމީހުން އިންޓްރޮޑިއުސް ކޮށެއް ނުދެވޭ ދޯ....." ކަޔާން ހީލާފައި ލައިޝާ ތައާރަފުކޮށްދިނީ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. އޭނަގެ ޕާސަނަލް އެސިސްޓެންޓް ކަމަކަށް ނުބުންޏެވެ.

ވިޝާން ޓީވީ ހުޅުވާލައިގެން އިންއިރު ސިއްރު ނަޒަރަކުން ލައިޝާއާއި ދިމާލަށް ބަލައިލިއެވެ. ލައިޝާ ހާދަ ރީއްޗެވެ. މާލެއިން އާއްމުކޮށް ރީތިކުދިން ފެންނައިރުވެސް ލައިޝާގެ ޚާއްސަގޮތެއް އެބަހުއްޓެވެ. އެހާ ރީތިއިރުވެސް މޭކަޕެއްނެތި ސާދާކޮށް ހުރުމާއި ފޮނިބޮޑާކަމެއްނެތި އަބަދު ހެވިފައި ހުންނާތީކަން ނޭގެއެވެ. ތުންފަތްމަތީގައި އަބަދުހުންނަނީ ލޯބި ހިނިތުންވުމެކެވެ. ކަޔާން ސިއްރުން ކޮށްއުޅޭ ކަންތައްގަނޑު ބޭޒާރުވީމަ ދެމީހުން އޭނައަށް ރީއްޗަށް އޮޅުވާލައިފިއެވެ. ދެލޯބިވެރިން ނޫންނަމަ އެގޮތަށް ބައްދަލުކުރާނެކަމަކަށް ވިޝާން ގަބޫލެއްނުކުރެއެވެ. ވިޝާން ހިނިއައެވެ. ކަޔާން އެންމެ ގާތް އެކުވެރިޔާ ގޮތުގައި ހުރެ އޭނައަށް ލައިޝާ ފޮރުވަން ހާދަ މަސައްކަތްކޮށްފިއެވެ. އޭނަގެ ހިތް އަތުން ވީއްލިދާނެތީ ހެއްޔެވެ؟ ލޯބިވުމަކީ ކޮބާކަމެއް ވިޝާންއަކަށް ނޭގެއެވެ. ނަމަވެސް ލައިޝާ ޚާއްސަވެއްޖެއެވެ. އެތައް ސަތޭކަ ކުދިންނެއްގެ ތެރެއިން ލައިޝާގެ ރީތިކަން އޭނަގެ ހިތަށް ގޯނާއެއްކޮށްލައިފިއެވެ.

ލައިޝާ މާގިނައިރުވާންދެން އިންނާކަށް ނޫޅުނެވެ. ކަޔާންދިން އެޕްލްސޮޑާތަށި އެއްނޭވައިން ދަމާލުމަށްފަހު ލައިޝާ ތަނަކަށް ދާންޖެހޭކަމުގެ ބަހަނާ ދައްކާލާފައި ނުކުމެގެން ދިޔުމުން ވިޝާން ފެށީމުޅިން އެހެން ވާހަކައެކެވެ. ލައިޝާއޭ ކިޔައިގެން ދިމާކުރާނެކަމަށް ކަޔާން ހީކުރިޔަސް ކަންތައް ހިނގީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. އެހެންނޫނަސް ކަޔާންގެ ތަބީއަތުވަނީ އިންތިހާއަށް ގޯސްވެފައެވެ. ކެތްނުކުރެވިގެން ގެއަށް ދިޔަގޮތަށް އޭނަ މަންމަ ނުފެނިގެން ހޯދާލިއިރު މަންމައާއި ޒިއާމް ކޮންމެވެސް މަޖާ ވާހަކައެއް ދައްކާފައި ހޭން ޓެރެސްގައި ތިއްބެވެ. ކަޔާންފެނުމުން އެމީހުން މައުޟޫ ބަދަލުކުރިކަން ކަޔާންއަށް ރަގަޅަށް ވިސްނުނެވެ.

ކަޔާން ވެސް މަންމަ ގާތުގައި ސޯފާގައި ޖައްސާލާފައި ކޮފީތަށްޓެއް ބޯންފެށިއެވެ. ޓެރެސްގެ ހިޔާކޮށްފައިވާ ބައިގާ މާބްލްޖަހާފައިވުމުން ތަޅުންމަތި ވަނީ ފިނިހިފާލާފައެވެ. ސޯފާތަކުގައި ކުދި ކުޝަންތަކާއި ކުއިލްޓްތައް ބަހައްޓާފައި ވަނީ ފިނިދުވަސްވަރު އެތާ އިންނަ މީހަކަށް ފަސޭހައަކަށެވެ. މުއްސަދިކަމުގެ ހުރިހާ ކުލަވަރެއް އެކަނި ޓެރެސްއިންވެސް ފެނެއެވެ. މިތަނުގައި އޭނައަށް ލައިޝާ ބައިންދައިގެން ތަރިތައް ބަލަން އިނދެވޭނެނަމައެވެ. ރޭގަނޑު އަނދިރީގައި ބޮކިތައް ނިވާލައިގެން އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާއިރު ވާނީ ކިހިނެއްހެއްޔެވެ؟ ދުވަހަކުވެސް އެހެން އަންހެންކުއްޖަކާއިމެދު މިގޮތަށް އޭނަ ވިސްނާފައެއްނެތެވެ. އެކަނި އެ ޚިޔާލުންވެސް ކަޔާންގެ ލޭގެ ހިނގުން އަވަސްކުރުވިއެވެ. 

ކަޔާން މަންމައާއި ސުވާލުކުރަން ފެށީ ވިޝާން ދެއްކި ވާހަކައާއި ބެހޭގޮތުންނެވެ. ވަރުޖިނާ ހީގަނެފައި ބުނީ އެއީ ވިޝާންއާއި ކުރި ސަމާސާއެއްކަމަށެވެ.

"މަންމާ، އަޅުގަނޑު އަފްރީންއަކާއި ނީންނާނަން، ދުނިޔެއިން އަންހެންކުދިން ހުސްވިޔަސް އެކަމެއް ނުކުރާނަން....." ކަޔާން އެންމެ ފަހުގެ ނިންމުން އިއްވާލުމުން ވަރުޖިނާގެ މޫނުގެ ކުލަ ފަނޑުވިއެވެ.

"ދަރިފުޅާ، އަފްރީންއާއި ދޭތެރޭގައި އެހާ ނިކަމެތިކޮށް ކަންތައް ކުރާކަށް ނުވާނެ، އެއީވެސް އަންހެންކުއްޖެއް، އޭނަގެވެސް ހިތެއްވާނެ، ދަރިފުޅަށްޓަކައި އަފްރީން އަދިވެސް އެހުންނަނީ މީހަކާއި ނީދެ. އެކުއްޖާ ދަރިފުޅުދެކެ ވާ ލޯބި އެއީ މުޅި އާއިލާ ދަންނަ ހަގީގަތެއް، އަފްރީންގެ ނެތީ ކޮންކަމެއްތަ؟ ލާރި އެބަހުރި، ރީތިކުއްޖެއް، ކިޔަވައިގެން ހުރީ، ދަރިފުޅުގެ ފަހަތުން ދުވާނެ އަންހެންކުދިން ތިބޭނެކަން މަންމައަށް އެނގޭ، ގިނަކުދިން ބޭނުންވާނީ މި މުދާގަނޑާއި މުއްސަދިކަމާއި ބޮޑުގެ. އެހެންވީމަ އެމީހަކާއި އެކަށީގެންވާ ފެންވަރުގެ ކުއްޖަކާއި އިންނަން މަންމަ މި ޚިޔާލުދެނީ. އަފްރީން ފަދަ ކުދިން ނޫނީ ތެދުވެރި ލޯތްބެއް ނުވާނެ، އެހެންކުދިން ލޯބިވާނީ މުދާގަޑު ދެކެ......." ވަރުޖިނާ ހުނުން ހުއްޓާލާފައި ތަންކޮޅެއް ސީރިޔަސްވެލިއެވެ.

"އޭނަ އަހަރެން ދެކެ ލޯބިވަންޏާ އަދިވެސް އިންތިޒާރުގައި ހުންނާށޭ މަންމަ ބުނަންވީނު......." ކަޔާން މޫޑު އޮފްވިއެވެ. އޭނަ މަގުގައި ހިފާލިލެއް ބާރުކަމުން ހީވީ އެވެސް ކުދިކުދިކޮށްލަފާނެ ހެންނެވެ. ފުރާނަހުރި އެއްޗެއްވާނަމަ އެއްޗެއްގެ ދިރުން ނެތިގެން ވާނެކަން ޔަގީނެވެ. ޒިއާމް އިނީ ހައިރާންވެފައި ބަލަހައްޓައިގެންނެވެ. އޭނަގެ ކޮއްކޮގެ މިޒާޖު ދަސްވާނީ ކޮންއިރަކުންހެއްޔެވެ؟ ބައެއްފަހަރު އަފްރީންއާއި ތަންކޮޅެއް ރީތިކޮށް ވާހަކަދައްކާތަން ފެނެއެވެ. އެހެންނޫނަސް އަފްރީންގެ އިއްފަތްތެރިކަން ނަގާލާފައި ކުޅޭބުދެއްގެ ގޮތުގައި ގެންގުޅެފައި ބޭނުންނެތީމަ އެއްލާލަންވީ އޭނަ ކުޑައިރު ގެންގުޅުނު ޓޯއިސްތައް ފަދައިން ހެއްޔެވެ؟ ބާވީމަ ކަމަކު ނުދަނީއެވެ. ލައިޝާ އުޅޭގޮތެއްވެސް ޒިއާމްއަކަށް އެހާ ކަމަކު ނުދެއެވެ. ލައިޝާ އަބަދު އިންނަނީ ކޮންމެވެސް މީހަކަށް މެސެޖްކޮށްލަ ކޮށްލައެވެ. އެކުއްޖާއަށް މަލާއި އެއްޗެހި ފޮނުވަނީ ޔަގީނުންވެސް ކަޔާންއެއް ނޫނެވެ. ކަޔާން އަކީ އެގޮތަށް އަންހެންކުދިންނަށް މާ ފޮނުވާ ވައްތަރެއް ނޫނެވެ. ލައިޝާ އަދި އިންނަނީ ވަރަށް ހެވިލާފައެވެ. އެހެންނޫނަސް އެތަނުގެ އަންހެންކުދިން ކިޔާގޮތުން ވިއްޔާ ކަޔާންއާއި ހެދި ލައިޝާ ހުންނަނީ މަރުދަންޖެހޭ ވަރުވެފައެވެ. މަތިންބައިން ޖެހިގެން ގޮސް ކަޔާންގެ މޫނުގައި ބޮސްދިނީވެސް މާ ވަރަކަށެވެ. އެކަމާއި ލައިޝާ ފޮނިކަނޑާފައި އެކުވެރިން ގާތު ކިޔައިގެން އުޅުނީ ރޯދަމަހުގެ ކުރިން ކަން ނޭގެއެވެ. ކަޔާންގެ އަގު ވައްޓާލަން ލައިޝާ އުޅުނީ ނޫންކަމެއްވެސް ނޭގެއެވެ. ޒިއާމްއަށް އެ ވާހަކަ އެނގުނީ އެތާ މެނޭޖަރެއްގެ ފަރާތުންނެވެ. ކަޔާންއަށް އެކަން އެނގޭ ހެއްޔެވެ؟ ނޫނީ ކަޔާންވެސް ގޭމެއް ކުޅެނީބާވައެވެ. ކޮންމެގޮތެއްވިޔަސް ޒިއާމް އޭނަގެ ކޮއްކޮ އެފަދަ އަންހެންކުއްޖެއްގެ މަޅީގައި ޖެހޭތަން ދެކޭކަށް ބޭނުމެއް ނޫނެވެ.

"ދަރިފުޅާ ރުޅިނާދެބަލަ، މަންމަ ދަރިފުޅަށް ރަގަޅަކަށޭ މިވާހަކަ މިބުނަނީ، އެކީގައި އުޅެން ފެށީމަ ދަރިފުޅަށްވެސް އަފްރީން ކަމުނުދާނެކަމެއް ނޭގެއެއްނުން، ވިޝާން މިއަދު ނާދޭތަ؟ ހަވީރު ގަދަޔަށް ސައި ހަދަންކަމަށް މިއުޅެނީ، މި ވިއްސާރަވެސް އަލިވާކަށް ނޫޅޭ، މަންމަ ކަންބޮޑުވަނީ ހޮޓެލް ހުޅުވާ ދުވަހަކަށް ވާރޭ ވެހިދާނެތީ......" ވަރުޖިނާ މައުޟޫ ބަދަލުކޮށްލަމުން ބަނަވަމުން އަންނަ އުދަރެހާއި ދިމާލަށް ބަލައިލިއެވެ. މިހާރަކަށް އައިސް މޫސުމް ރީތިކޮށް އޮންނަތަނެއް މަދުން ނޫނީ ނުފެނެއެވެ. އަޅިވިލާތައް އުޑުމަތީގައި ދަތުރުކުރަމުންދަނީ ހަލުވިކަމާއިއެކުގައެވެ. ކޮންމެ އިރަކުވެސް ވާރޭވެހިގެންފާނެއެވެ.

"އިންޑޯރ ރަސްމިއްޔާތެއް ވީމަ މަންމަ އެކަމާއި ވިސްނަވާނެކަމެއްނެތޭ، ހުރިހާކަމެއް ރަގަޅުވާނެ..." ޒިއާމް ބުނެލިއެވެ.
"ގޯޑްވިލިން އޭ ކިޔާފައި ވާހަކަދައްކާށޭ މަންމަބުނަމެއްނު...." ވަރުޖިނާ ހަނދާންކޮށްލަދިނެވެ.
"ސޮރީ މަމް، އަނގައިން ނުބުންޏަސް ހިތުގައި އެހެން އޮވޭ، މިދުނިޔެމަތީގެ ކޮންމެކަމެއް ހިނގާނީ އިރާދައިގާވާ ގޮތެއްގެ މަތިންކަން އެނގޭ....." ޒިއާމް ކުޑަކޮށް ހިނިތުންވެލިއެވެ. ވަރުޖިނާ ޒަމާނީކޮށް އުޅުނަސް އޭނަގެ ދަރިންނަށް ދީން ދަސްކޮށްދީ ދީނަށް އުޅެން ބާރުއަޅައެވެ. ފަތިސްނަމާދަށް ހޭއްލަވައެވެ. އީދުފަދަ ދުވަސްތައް ވަރުޖިނާ ގޭގައި ކުލަގަދަކޮށް ފާހަގަކުރެއެވެ. ރަމަޟާންމަހު އަޅުކަންތައް ބަރާބަރަށް އަދާކުރެއެވެ. ނަމަވެސް ވަރުޖިނާ ދެކޭގޮތުގައި ބައެއް މީހުން އުޅެނީ ހައްދުން ބޭރުވެގެންނެވެ. ވަރުޖިނާގެ ދައްތައެއްގެ އާއިލާއާއި އޭނައާއި އަބަދު ވާ އަރައިރުމަކީ އެއީއެވެ. ވަރުޖިނާމެން ގޭގައި ޓީވީ ބަލާ ޕާޓީ ބާއްވައި އުޅޭތީ ދައްތަގެ ފިރިމީހާ ކުދިން ކެންޒިއާއަށް ފޮނުވާން ދެކޮޅުހަދައެވެ. އޭނަ ސިފަކުރާގޮތުން އެގެއަކީ ޝައިތާނީ ހާއްޔެކެވެ. ވަރުޖިނާ ހުންނަނީ ހައިރާންވެ އަންތަރީސްވެފައެވެ. މަންމައާއި ދޮންބެގެ ވާހަކައިގާ ކަޔާން ބައިވެރިވީ ކުޑަކޮށެވެ. ކަޔާންގެ ޚިޔާލުހުރީ އެހެން ދިމާލެއްގައެވެ.

ލައިޝާއާއި ކީވާ ބާޒާރުކޮށްލަން ނުކުތްއިރު ވާރޭ ހުއްޓާލައިފިއެވެ. ދެކުދިން މަޖީދީމަގުގެ އެކި ފިހާރަތަކަށް ވަންނަމުންގޮސް "ޕްލާޒާ އިންސެންސް" ކިޔާ ފިހާރައަކަށްވަނީ ސެންޓުފުޅިއެއް ގަނެލުމަށެވެ. ލައިޝާގެ ސެންޓުފުޅި ހުސްވާން ކާރިވުމާއިއެކު މިފަހަރު ތަފާތު ވައްތަރެއް ޓެސްޓްކޮށްލަން އޭނަ ބޭނުމެވެ. އޭރު ކީވާ ހުރީ ވަރުބަލިވެ ގެއަށް ދާން ބޭނުންވެފައެވެ. ނަމަވެސް ލައިޝާ ބޭނުންވާ އެއްޗެހި ނުގަނެވޭތީ އެހެން ބުނެލާކަށް ބޭނުމެއްނުވިއެވެ.

"މިތާ ގިނައީ ރަސާސީ ސެންޓު ދޯ، މި ކިހިނެއްވާނެ...." ލައިޝާ ޓެސްޓަރު ތަކުން އަތުގެ އެތަން މިތަނަށް ސެންޓު ޖަހަން ފެށިއެވެ. މުޅި ތަނުގައި ހިފާލާފައިވަނީ މީރުވަހެކެވެ.

"ހިތްގައިމު ވަހެއް ދުވަނީ، އަނެއްކާ އަގުވެސް އެހާ ހެޔޮ، މިފުޅި ގަންނަންވީނު ލައިޝް، ހައްތަހާ އަނދިރިވަނީ، ވާރޭވެހެން ފަށައިފިއްޔާ އަހަރެމެން މިތާ ހައްޔަރުވެދާނެ......." ކީވާ ފިނިވެގެން ރޫރޫއަޅަން ފެށިއެވެ.
"ފައިވް މިނިޓްސް ކިވީ......" ލައިޝާ ހުރީ އެފުޅިތަކުގެ ބައްޓަމާއި ރީތިކަމާއިމެދުވެސް އެ ފުޅިތައް ބޭނުންވެފައެވެ. އެންމެފަހުން ލައިޝާ ޚިޔާރުކުރީ އައިރީނާ ގްރިގޯރީ ސެންޓު ފުޅިއެކެވެ. ލާރިދެއްކުމަށްފަހު ދެކުދިން މަގަށް ނިކުތުމުން ފިނިވައިރޯޅިތައް މޫނުގައި ބީހިލަންފެށިއެވެ. ލައިޝާ އޭރު ވިސްނަމުން ދިޔައީ މިއަދު ލިބުނު ދައުވަތާއިމެދުގައެވެ. ކަޔާންމެންގެ ކުންފުނީގެ ހޮޓަލެއް ހުޅުވަން ލިބުނު ދައުވަތުގެ ސަބަބުން ލައިޝާގެ ހިތަށް އުފަލެއް ލިބިފައިވެއެވެ. ހުކުރުދުވަހަށް ލާންވީ ހެދުމަކާއިމެދުގައިވެސް ލައިޝާ އެބަވިސްނައެވެ.

ކުއްލިއަކަށް ކީވާ އަރިއަޅާލިތަން ފެނުމުން ލައިޝާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އަތުގައިވާހާ ކޮތަޅުތަކެއް ދޫކޮށްލާފައި ކީވާގެ ގައިގާ ހިފުނުނަމަވެސް އޭނަގެ ނާޒުކްކަމުން ކީވާ ބިންމަތީގައި ޖެހުނަނުދީ ހިފަހައްޓައެއް ނުލެވުނެވެ. އޭރު މަގުން ހިނގާފައި ދިޔަމީހުންތައްވެސް އެތަނަށް ޖަމާވެއްޖެއެވެ. ކޮންމެފަދަ ކަމެއް ދިމާވިޔަސް ކެތްތެރި އަންހެންކުއްޖަކަށްވާތީ ލައިޝާ ހުރީ ނުރޮއި ހިފަހައްޓާލައިގެންނެވެ. މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރާއިއެކު ރީތި ދެލޮލުން ކަރުނަ ނިރާލިނަމަވެސް އިރުކޮޅަކުން ލައިޝާ ހަމަޔަކަށް އެޅުނެވެ. ކީވާ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ޓެސްޓް ހަދާފައި އެންމެ ކުރިންވެސް ޑޮކްޓަރު ލަފާދެއްވީ ލޭއެޅުމަށެވެ. ލޭ މާބޮޑަށް މަދުވެފައިވާކަމަށް ޑޮކްޓަރު ބުނުއްވިއެވެ. މާބޮޑުކަމަކަށް ނުވީތީ ލައިޝާގެ ހިތަށް ހަމަޖެހުން ލިބުނުނަމަވެސް އެ އުފާވެރިކަން ދެމިގެން ދިޔައީ އިރުކޮޅަކަށެވެ. 

ރިޕޯޓްތައް ލިބުމުން ޑޮކްޓަރު ދެއްވި ޚަބަރަކުން ލައިޝާގެ ހިތްކުދިކުދިވެގެން ދިޔަހެން ހީވިއެވެ. ޑޮކްޓަރު ބުނުއްވީ ކީވާގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށާއި ޑައިލިސިސް ހަދަން ޖެހޭކަމުގައެވެ. ލައިޝާ އިސްޖަހާލައިގެން ހުރެ ބޭރަށް ނުކުތްތަނާހެން އައިދަން އެތަނަށް އައުމުން ލައިޝާ އެ ވާހަކަ ބުނީ ނިކަން ހާސްވެފައި ހުރެއެވެ. އޭނަ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިއެވެ.

"ޑޯންޓް ވޮރީ ލައިޝް، ޑޮކްޓަރުން ބުނާ އެއްޗެއް އެހާ އަވަހަށް ގަބޫލުކުރާކަށްވެސް ނުވާނެ، އެހެންނޫނަސް ބައެއްފަހަރު ޑައިލިސިސް އެންމެ ފަހަރަކު ހެދިޔަސް ރަގަޅުވާ ކޭސްތައް އެބަހުރި، އަހަރެމެންގެ ތިމާގެ ކުއްޖެއް ޑެންގީ ހުންޖެހިފައި އެކިއުޓް ކިޑްނީ ފެއިލިއަރ އަކަށް ގޮސްފައި ފަހުން ރަގަޅުވި، ސްކްރަބް ޓައިފަސް ޖެހުނު މީހަކުވެސް ޑައިލިސިސް ހަދައިގެން އޯކޭވި، އެހެންވީމަ ލައިޝް ވިސްނާނެކަމެއް ނެތް، އިރާދަކުރެއްވިއްޔާ ރަގަޅުވާނެ......" އައިދަން ހިތްވަރުދިނުމުން ލައިޝާ ފުންނޭވަޔެއް ލާފައި އެސްފިޔަތަކުގައި ގިނަވި ކަރުނަ ފޮހެލައިފިއެވެ.

"މަންމަކާރީ ބުނެފިއްޔާ ވަރަށް އަޕްސެޓްވާނެ، އެހެންވީމަ އަދި މިވާހަކަ ސިއްރުކުރައްޗޭ...." ލައިޝާ ބުނެލިއެވެ.
"މަންމަ ކާރީ ބުނާނީ ކިވީގެ ލޭމަދުވެގެން ހޮސްޕިޓަލުގައި ބޭއްވި ވާހަކަ، ހުރިހާ ޑީޓެއިލްސްތަކެއް ކިޔާދޭނެ ކަމެއްނެތޭ. ކިވީގެ ލޭ ގްރޫޕް ބުނެބަލަ..... " އައިދަން މިތަނަށް އައިކަން އެނގިއްޖެއްޔާ އޭނަގެ މަންމަ މައްސަލަ ޖައްސާނެކަން އެނގޭތީ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ނަމަވެސް ބަލިކުއްޖަކަށް އޭނަ އެހީ މިވަނީ އިންސާނިއްޔަތަށްޓަކައެވެ.
"އޭ ޕޮޒިޓިވް...." ލައިޝާ ބުނެދިނެވެ.
"ވާއު، މަގޭވެސް، މާ ރަގަޅަކަށް މިދިމާވީ...." އައިދަން އާއި ލައިޝާ އިމަރޖެންސީ ރޫމްގެ ބޭރުގައި ވާހަކަދައްކަން ތިބިއިރު އެހެން މީހުންގެ ސަމާލުކަން ކޮންމެވެސް ވަރަކަށް އެ ރީތި ޒުވާން ޖޯޑަށް ހުއްޓުނެވެ. ޚާއްސަކޮށް އައިދަންގެ އަޅިދެލޮލުގެ ސަބަބުން އަންހެންކުދިން މޮޔަވާވަރުވިއެވެ. ސިއްރުސިއްރުން ދެކެވުނީ އެ ލޮލުގެ ވާހަކައެވެ. ލައިޝާއަށް ނޭގުނީ އެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި ކޮންމެވެސް މީހަކު ހުރިކަމެވެ. 

ކޮމެންޓް 0