ކަޔާން ލައިޝާ އަތުލަފިކޮށްގެންގޮސް ރިސެޕްޝަން އޭރިއާގައިވާ ގޮނޑިއެއްގައި ބައިންދާފައި ކައުންޓަރަށްގޮސް ތަންކޮޅެއް އަވަހަށް އަންހެނުންގެ ޑޮކްޓަރަށް ދެއްކޭނެގޮތެއް ހަދައިދޭން އެދުނެވެ. ރިސެޕްޝަނިސްޓް ކުޑަކޮށް ލަސްވާނެއޭ ބުނުމުން ކަޔާންގެ ލޭ ހޫނުވިޔަސް ކެތްތެރިކަން އިސްކުރިއެވެ.

"މައި ވައިފް...އެކުއްޖާ އުޅެނީ ކެތްނުކުރެވޭވަރަށް ތަދުވާތީ، ކެޝުއަލްޓީއިންވެސް އަވަސްވާނެގޮތެއް ނެތްތޯ......." ކަޔާން ވާހަކަދެއްކީ ރީތިކޮށެވެ. އެ އަންހެންކުއްޖާ ކަޔާންގެ ދެލޮލަށް ބަލާލާފައި ހިތް މަޑުވެ ފުށްކޮޅަކަށްވިއެވެ. އޮފީސްސޫޓެއްގައި ހުރި ޒުވާނަކަށްވީމަ އެއީ ތަނެއްގެ ވެރިއެއްކަން ދެނެގަންނާކަށް އެކުއްޖާއަށް އުދަގުލެއް ނުވިއެވެ. މިހާ މުއްސަދި ފިރިހެނެއް ވެއްޖެއްޔާ އާއްމުކޮށް އުޅޭނީ ގަދަކޮށްލާފައެވެ. ނަމަވެސް މިޒުވާނާ ހީވަނީ އެހެން މީހުންނާއި ތަފާތުހެންނެވެ. ކޮންމެފަދަ މީހަކަށްވިޔަސް ޚިދުމަތް ހޯދަން އަންނަ މީހުންނާއި ދޭތެރޭގައި ކަންތައް ކުރާންޖެހޭނީ ރަގަޅަށެވެ. މިތަނަށް އަންނާނީ ވޭނާއި ކެކުޅުމުގައި ތިބޭ ބަލިމީހުންނެވެ. މިތަން ރީތިކަމުން ބަލަން އަންނަ ޓޫރިސްޓުންނެއް ނޫނެވެ. އެމީހުންގެ ޖަޒުބާތުތަކަށް ގަދަރުކޮށް ވީއެންމެ ރަގަޅަށް ކަންތައް ކުރުމަކީ އެމީހުންގެ ޒިންމާއެކެވެ. ކަޔާންގެ ގާތުގައި ކެޝުއަލްޓީއަށް ދުރުވާށޭ ބުނެވުނުއިރު އަންހެންކުއްޖާވެސް އިނީ ފިނިވެފައެވެ. ކަޔާންގެ ރީތިކަމާއި ޝަޚުސިއްޔަތުގެ ސަބަބުން ހިތަށް ގޮތެއްވީއެވެ.

ލައިޝާ ބަލަން ފުރަތަމައައީ އާދައިގެ ޑޮކްޓަރެކެވެ. ނަމަވެސް އޭނަ ވަގުތުން އޮޕަރޭޝަން ޑޮކްޓަރާއި އަންހެނުންގެ ޑޮކްޓަރުވެސް ގެނައެވެ. ކަޔާންގެ ހިތް އޭރު އަވަސްވެފައިވާވަރުން ހީވަނީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. މިކަހަލަ އިމަރޖެންސީއެއް ދެންވީ ކެންޒީ އެކްސިޑެންޓްވި ދުވަހުގައެވެ. އެދުވަހުވެސް ކަޔާންއަށް ބިރު މިއީ ކިހާ ވަރުގަދަ އިހުސާސެއްކަން އެނގުނެވެ. އެވަގުތުކޮޅު ލައިޝާ ކީވާއަށްވެސް ގުޅާލިއެވެ. އަމިއްލައަށް ބަލިވަރު ދެނެގަތީއެވެ.

ލޭގެ ޓެސްޓް ހަދާފައި ޑޮކްޓަރުން ނިންމީ ލައިޝާ އެޕެންޑިކްސް ދުޅަވީކަމުގައެވެ. އަދި ފަޅައިގެން ދިޔުމުގެ ކުރިން އަވަހަށް އޮޕަރޭޝަން ކުރާން އިރުޝާދު ދެއްވިއެވެ. އޭރު ލައިޝާގެ މަންމަ، ކީވާ، އައިދަން އަދި ސަލްމާވެސް އެތަނުގައި މަޑުކޮށްލައިގެން ތިބިތަން ފެނުނެވެ. ކަޔާން އޭރުވެސް ހުރީ އަވިއައިނު އަޅާލައިގެން އެރީތި ދެލޯ ފޮރުވާލައިގެންނެވެ. ކޮންސެންޓް ފޯމުގައި ސޮއިކުރަން ޖެހުނު ވަގުތު ކަޔާން ލައިޝާގެ ފިރިމީހާގެ ގޮތުގައި ސޮއިކުރަން ބޭނުންވިއެވެ. ނަމަވެސް ވިސްނާލާފައި އެކަމުން ދުރުވިއެވެ. އޭރުން މަންމަމެންގެ ކަންފަތާއި ހަމަޔަށް އެ ވާހަކަ ނުފޯރާނެގޮތަކީ ނެތް ގޮތެކެވެ. ލައިޝާގެ މަންމަ އަރުވާލާނެ ވަރެއްވެސް އެނގެނީއެއް ނޫނެވެ. 

ނަސީބަކުން ލައިޝާގެ ބައްޕަ ޝަދީންއަށް ގުޅިގެން އޭނަ އައިސް ފޯމުގައި ސޮއިކޮށްދިނެވެ. އެވަގުތު އަމިއްލަ މަޖުބޫރީ ހިތަށް އަރާފައި ކަޔާން ދެރަވިއެވެ. އަމިއްލަ އަނބިމީހާ ދުނިޔެއަށް ސިއްރުކުރުމަކީ ކުޑަކަމެއް ނޫނެވެ. އަދި މިފަދަ ކިތައް ކަންތަކާއި އަދި ކުރިމަތިލާން ޖެހޭނެ ހެއްޔެވެ؟ ލައިޝާ ތިއޭޓަރަށް ވައްދަން ގެންދިޔަ ވަގުތުވެސް ކަޔާން އެ އަތުގައި ހިފާލާފައި ފިތާލިއެވެ. ދެ މީހުންގެ ލޮލުގައިވާ މެސެޖްތައް އެހެން މީހުންނަށް ކިޔަން ނޭގުނަސް ހިމޭންކަމުގެ ބަހުރުވައިންވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ ބުނެވުނެވެ.

ލައިޝާ ތިއޭޓަރުގައި ވި ވަގުތަކީ ކަޔާންގެ ހަޔާތުގައި އައި އެންމެ ދިގު ވަގުތުތައް ހެން ހީވިއެވެ. އެކަނިމާއެކަނި ހުރެ ސިގްރެޓްތަކެއް ބޮއިފަ އާދެވުނުއިރު ނަސީބަކުން ލައިޝާ ތިއޭޓަރުން ނެރެފިއެވެ. ކަޔާން ލިލީމާބޮނޑިއެއް ހިފައިގެން ލައިޝާ ދެކެން ދިޔައެވެ. ޒުލްމާ އެތާ އިނދެލާފައި ކަޔާން ފެންނައިރަށް ބަލާވެސް ނުލައި އަވަހަށް ނުކުމެގެން ދިޔަގޮތުން ހީވަނީ ކަޔާން ނައިސްގެން އިންތިޒާރުގައި އިންހެނެވެ.

"ތޭންކް ގޯޑް، އެވަރަށް އަހަރެން ބިރުގަންނަވަން ޖެހޭތަ ލަވް، އަދިވެސް ހިތުގެ ތެޅުން މަޑެއްނުވޭ....." ކަޔާން ލައިޝާގެ އަތުގައި ފިރުމާލަމުން ބަލާލީ ޖާޒުބީ އަސަރުގަދަ ގޮތަކަށެވެ.

"މަރުވާންވީމަ މަރުވާނެ، އެހެންވެ މަރުދެކެ އެހާ ބިރެއްނުގަނޭ ކެން، އެކަމަކު ދެރަވީ ކެންއާއި ވަކިވެދާނެތީ، މިދުނިޔެއިން އަހަރެން ދޫކޮށްލާފައި ދާން ބޭނުން ނުވަނީ ކެންއަށްޓަކައި، އަހަރެން ވަރަށް ވަރަށް މިސްވި، ތިއޭޓަރަށް ވެއްދީމަވެސް ކެން ފެންނަން ނެތީމަ ވަރަށް އެހެންގޮތެއްވި، މިހާރު އެއްވެސް ތަދެއްނުވޭ، ހަމަތެދުވެގެން ދުވެލާހިތްވަނީ، އައި ފީލް ޕާރފެކްޓް........" ލައިޝާ ބަލަން އޮތީ އެ ރީތި ތޫނުފިލި ދެ ލޮލުންނެވެ. ލައިޝާގެ އެހުންނަ އުފާވެރި މިޒާޖަކީ ބަލި ރަގަޅުވުމުގައި މުހިއްމު ރޯލެއް ކުޅޭ އެއްޗަކަށް ވެފައިވެއެވެ.

ކަޔާން އެއަތްތިލައިގާ ބޮސްދިނެވެ. ސިއްރުސިއްރުން ލޯބީގެ ވާހަކަތައް ދައްކަން ތިބިއިރު ވަގުތުތައް ވޭތުވެގެން ދިޔަގޮތެއްވެސް ރޭކާނުލިއެވެ. ކަޔާން އެތަނުން ދާން ތެދުވީ ޒުލްމާ ރޭގަނޑު އެތާ ހުންނަން އައުމުންނެވެ. ޒުލްމާ ހުރީ ދަރިފުޅުގެ ލޯބިވެރިޔާއާއި މެދު ހިތްހަމަޖެހިފައެވެ. މިހާ އަރާމު ކޮޓަރިއެއްގައި ދުވާލު ހަތަރުދަމު ހުރެލުމަކީވެސް ޒުލްމާއަށް މާ ބޮޑުކަމެއް ނޫނެވެ. ލައިޝާ ސިއްރުކުރިކަމުގައި ވިޔަސް މިކޮޓަރި ކުއްޔަށް ހިފާދޭނީވެސް ކަޔާންކަން ޒުލްމާ ދެނެގަތެވެ. ޒުލްމާ އެކަމާ ކޮންމެވެސް ވަރަކަށް ވިސްނިއެވެ. ހިލޭ ފިރިހެނެއްގެ އަތުން އެއްޗެހި އަތުލުމަކީ ރަގަޅުކަމެއްބާވައޭ ހިތަށް އެރިއެވެ.

ފަސްދުވަސްފަހުން ލައިޝާ ހޮސްޕިޓަލުން ދޫކުރިއެވެ. ލައިޝާ ގެއަށް ފޮނުވާލިއިރުވެސް އޭނަ ހުރީ ގާތްގަނޑަކަށް މުޅީން ފިޓްވެ އޮފީހަށް ދާން ބޭނުންވެފައެވެ. ނަމަވެސް ކަޔާން މަޖުބޫރުކުރުމުގެ ސަބަބުން ދުވަސްކޮޅަކަށް ގޭގައި މަޑުކުރަން ލައިޝާ ނިންމިއެވެ. ކަޔާން ކޮންމެދުވަހަކު ލައިޝާ ބަލާ އެގެއަށް ދެއެވެ. ދެމީހުން އެކީގައި އެޕާޓްމެންޓްގައި ވަގުތުތައް ހޭދަކޮށްލައެވެ.

ލައިޝާ ގެއަށް އައިދުވަހުވެސް އޮޕަރޭޝަނެއް ކޮށްގެން އައި މީހެއްހެން ހިޔެއްނުވިއެވެ. އެހާވެސް އުފާވެރި އެވެ. ކީވާގެ ގައިގާ ބައްދާލާފައި ބަނޑުގައިވާ ލަކުނު ދައްކާލިއެވެ. އެދޮން ބަނޑުކޮޅުގައި އިން ކުޑަ މާކް އިންވެސް ބަނޑުގެ ރީތިކަން ފަނޑެއްނުވެއެވެ. ކީވާ ބުނީ އެއީ ހަނދުގައި ލައްގަނޑެއްހުރުން ކަހަލަކަމެއް ކަމުގައެވެ. ރީތިކަމަށް އުނިކަމެއް ނާންނަކަމުގައެވެ. ލައިޝާ ބުނީ ކީވާގެ ހަމުގެ ރަން ޓޭންކުލަ މާ ރީތި ކަމަށާއި ކީވާފަދަ ތަފާތު ރީތިކަމެއް ލިބިފައިވާ ކުދިން މާލޭގައި މަދުކަމުގައެވެ. ކީވާ އަކަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ.

ކީވާގެ ހިތުގެ ހާލުބޮޑުވުމުގެ ސަބަބުން ތެދުވާނެ ހިތްވަރެއްވެސް ނުހުރެއެވެ. ލައިޝާ އެޑްމިޓްކޮށްފައި އޮތްއިރުވެސް ކީވާގެ ހާލަކީ އެކަނި އޮވެގެން ހިތާމަކުރުމެވެ. ގާޒާގެ ކުދިން ނޫނީ އެފްރިކާގެ ޑޮކިއުމެންޓެއް ބަލާފައި ދުނިޔޭގެ އެހެން މީހުން އުޅެމުންދާ ނިކަމެތިކަމާއި ބަލާއިރު ހެއްދެވިފަރާތުން އޭނައަށް ދެއްވާފައިވާ ނިއުމަތްތައް މާ ގިނަކަން އެނގި ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ބަލިވިޔަސް ލޯބީގައި ނާކާމިޔާބު ވިޔަސް މިގޮތަށް މާޔޫސްވާން ޖެހޭނެހެއްޔެވެ؟ ލައިޝާ އުޅޭފަދަ އުފާވެރި މޫނެއްގެ ވެރިއަކަށް އޭނަ ނުވާންވީ ކީއްވެހެއްޔެވެ؟ ކީވާ ވިޝާން ދީފައި އޮތް ފޮތް ކިޔާލިއެވެ. އެކަނިމާއެކަނި އޮވެގެން ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމާއިމެދު ވިސްނިއެވެ. ލިބުނު ނިޢުމަތްތަކަށް ޝުކުރުވެރިވެ ހަޔާތުގެ ފިޔަވަޅުތައް އަޅަން ދަސްކުރަންވީއެވެ. އެހެންނޫނަސް ލައިޝާ ބަލިވުމުން ޝަކުވާއެއް ނެތި އުޅުނުގޮތުން ކީވާއަށް ފިލާވަޅެއް ލިބިއްޖެއެވެ.

"ލައިޝްގެ ފަރާތުން އަހަރެން ދަސްކުރަންވީ ޕޮޒިޓިވްކޮށް އުޅެން، އެ ހިނިތުންވުމަކީ ލައިޝްގެ ކާމިޔާބު ނޫންކަމެއްވެސް ނޭގޭ، ކޮންމެފަދަ ކަމެއް ދިމާވިޔަސް ކިހާ ހިތްވަރުކުރޭ...." ކީވާ އެނދުން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓި މޫނަށް ބަލާލިއެވެ.

ވަރުބަލިވެ ތެދުވާނެ ހިތްވަރެއް ނެތަސް ކީވާ ފަތިސް ނަމާދުކޮށްލިގޮތަށް ލައިޝާއަށް ވުރެ ކުރިން ބަދިގެއަށްވަދެ ބީންސް ހަދަން އުޅެގަތެވެ. މަންމަ ކޮންމެހެންވެސް ކާނީ ރޮށްޓާއި މަސްހުނިކަމަށްވާތީ ފުށްގަނޑުވެސް މޮޑެލިއެވެ. ލައިޝާ ބޭރަށް ނުކުތްއިރު ކީވާ މަސައްކަތުގައި މުރާލިކަމާއިއެކުގައި އުޅޭތަން ފެނުމުން ހައިރާންވިއެވެ. ނަމަވެސް ލައިޝާ އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ކީވާ ހަރަކާތްތެރިވެ ހެލިފެލިވެ އުޅެން ފެށީމަ ބަލި ރަގަޅުވެދާނެއޭ ލައިޝާގެ ހިތަށް އެރިއެވެ. އަބަދާއަބަދު އޮށޯވެލައިގެން ފިކުރުކުރަން އޮތުމުގެ ބަދަލުގައި ކަމަކާއި މަޝްއޫލުވެގެން އުޅުނީމަ ހަށިގަނަޑަށް ފައިދާ ނުކުރާނެ ގޮތަކީ ނެތް ގޮތެކެވެ. އެދުވަހު ކީވާ ލައިޝާ ކައިރީ ބުނެގެން ބީޗަށް ހިނގާލަން ދިޔައެވެ. އެރޭ ބާޒާރުކުރަންވެސް އުޅުނެވެ. ގެއަށް އައި މަގުމަތީގައި ކީވާ ލައިޝާ ގާތުން އެދުނީ ސަލްމާމެންގެއަށްވެސް ވަދެލުމަށެވެ.

ސަލްމާހުރީ ލައިޝާ އެގެއަށް ވަދެލީތީ އުފާވެފައެވެ. ޖޫހާއި ހެދިކާ ތައްޔާރުކުރިއެވެ. ލައިޝާ އުޅޭލެއް މުއްސަދިކަން ފެނިފައި ސަލްމާ ހުންނަނީ ލައިޝާއަށްޓަކައި ފިދާވާވަރުވެފައެވެ. ސަލްމާ ހީކުރީ ލައިޝާގެ ވަޒީފާ ރަގަޅުވީމަ ލިބިގެން އުޅޭ ފައިދާތަކެއް ކަމަށެވެ. ބޭރުގައި ލައިޝާމެން ތިބިކަން ނޭގި އަފްރާޒުއަށް ނުކުމެވުނީ ސީދާ އެމީހުންގެ ކުރިމައްޗަށެވެ. އޭނަ ހުރީ އެކަނި ސޯޓެއް ލައިގެންނެވެ. ފަލަކަމުން އަފްރާޒު ހިނގާފައި އައީ އުދަގޫ ގޮތަކަށެވެ.

"ގޯޑް އަފޫ، ހައްތަހާ ފަލަވެގެން މީހާ ތިއޮތް ބެރުގަނޑަކަށް ވަނީނު، ފިތްފިތަށް މަސްތައް ނުކުމެ ބަނޑު ތިއޮތީ އެލިގެން ތިރިއަށް ފައިބާފައި، އަފޫގެ ފޮޓޯ ނަގާފައި އިންސްޓްގްރާމަށްވެސް ލާންވީ........" ލައިޝާ ގަސްތުގައި އަފްރާޒުއަށް މަލާމާތްކުރިއެވެ. މަލާމާތްކޮށްގެންވެސް އެކުއްޖާ ގެއިން ބޭރަށް ނިކުމެ ދުވެ ކަސްރަތުކުރަން ވެއްޖެ ނޫންހެއްޔެވެ؟ ލައިޝާގެ އެ ޖުމްލައިން ލަދުގަތީ ކީވާއެވެ. ލައިޝާ އެހާ ސީދަލަށް އަފްރާޒުއަށް ވީއްލާލި އެތިފަހަރުން އަފްރާޒު ގަތްލަދުން މޫނު އެކަށް ރަތްވެގެން ދިޔައެވެ. އަނގަހުޅުވިފައި އިރުކޮޅެއްވާންދެން ބަލަން ހުރެފައި އަވަހަށް އަނބުރާލާފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

"އަފޫ، ޖިމަށްގޮސްގެން ތި ބަނޑުގައި އޮތް މަސްތައް ވިރުވާލާ، ނޫނީ ހީވަނީ ޕްރެގް ކުއްޖެއްހެން...." ލައިޝާ ހޭންފެށިއެވެ. ކީވާ ލައިޝާއަށް ބުނީ ވަރަށް އަނިޔާވެރި ޖުމްލަތަކެއްކަމަށާއި އަފްރާޒުގެ ހިތުގައި ޖެހޭނެކަމަށެވެ. ތިކަހަލަ އެއްޗެހި ކިޔަން ހަދައިގެން އެންމެފަހުން އޭނައާއި އިންނަން ޖެހިދާނެކަމުގައެވެ. ލައިޝާ އިނީ މަޖާވެލާފައެވެ. އޭނަގެ ހިތް ނުބައިނޫންކަން ހެއްދެވިފަރާތް ދެނެވޮޑިގެންވާނެއެވެ. އަފްރާޒުއަކީ ލޯބިކުއްޖެކެވެ. ހިކިލައިފިއްޔާ އައިދަންއަކަށް ދޫނުކުރާނެއެވެ. މަލާމާތްކޮށްގެންވެސް އޭނަ ބޭނުމީ އަފްރާޒުގެ ބުރަހެލިކަން ކަނޑުވާ މަލާމާތުން ހިތްވަރުދިނުމެވެ. އަފްރާޒުއަށް ވީގޮތަކީ ކޮޓަރިއަށް ވަންގޮތަށް ލޮލުން ކަރުނައައީއެވެ. ކުޑަކުއްޖެއްހެން އޭނަ ބާލީހުގައި މޫނުޖަހައިގެން ރޯންއޮތެވެ. ސަލްމާ ކީވާ އިންކަމަށް ހަދާނުލައި ބާކީކޮށްލިގޮތުން ކީވާ އިނީ ހިތްހަމަނުޖެހިފައެވެ. ސަލްމާ އޭނަދެކެ ފޫހިވާވަރު އިހުސާސްކުރެވުނެވެ.

ކީވާގެ ރީތި ދެލޮލުން ފެންނަނީ ތަފާތު ވިދުވަރެކެވެ. ހިތްހަމަޖައްސާލައިގެން އުޅުމުން ހަމުގެ އޮމާންކަމާއި ވިދުން އެތައްގުނަ އިތުރުވެފައިވެއެވެ. ތަންކޮޅެއް ސްޓައިލިޝްކޮށް ހެދުން އަޅާލާފައި ހުރިއިރު ލައިޝާ ގަނެދިން ގަޑިއަކާއި ފަށަކުން އަތުކުރި ފަޅުފިލުވާލާފައިވެއެވެ. ކީވާ ބޭރަށް ނުކުތްއިރު ހީވަނީ ދެންމެ ދެންމެ ވެހިގެންފާނެހެންނެވެ. ގަޑިއަށް ބަލާލާފައި ކީވާ ފިޔަވަޅުތައް އަވަސްކުރިއެވެ. ވިޝާން އޭނަގެ ކޮންމެ ހަރަކާތަކަށް ފާރަލައިގެން ހުންނަނީކަން ނޭގެއެވެ. ކާރުގައި ފަހަތުން އައިގޮތަށް އަރާ ހަމަކޮށްލާފައި ބިއްލޫރިގަނޑު ތިރިކޮށްލާފައި އަރަން އެދުނެވެ. ކީވާ ހުރީ ވިޝާންއާއި ވާހަކަދައްކާލަން ބޭނުންވެފައެވެ. ކާރުތެރޭގައި ވިޝާންއަށް ކަމެއް ކުރެވިދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. އެހެންނޫނަސް ބެހެންއުޅޭ ފިރިހެނުން ސިއްސުވާލާނެ އުކުޅުތައް އޭނަވަނީ ދަސްކޮށްލާފައެވެ.

"ހައި ކިހިނެއްތަ ޑޮކްޓަރ ވިޝާން...." ކީވާ ދަބަސް އުނގުގައި ބާއްވާލަމުން ވިޝާންއާއި ދިމާލަށް މޫނު އަނބުރާލާފައި ހަތަރުކަޅި ހަމަކޮށްލުމުން ވިޝާންވެސް ހައިރާންވިއެވެ. ކީވާގެ ދެލޮލުގައިވާ ޖެހިލުންވުމާއި ސިހުމުގެ އެއްވެސް އަސަރެއް ނެތެވެ. ކުއްލިއަކަށް އަމިއްލަ ނަފުސަށް އިތުބާރުކުރަން ދަސްވީ ކިހިނެއްހެއްޔެވެ؟

"އަހަރެންވެސް މިހިރީ ކިވީއާއި ތި ސުވާލުކުރަން ބޭނުންވެފައި، ޔޫ ލުކް ގްރޭޓް....." ވިޝާން ކީވާއަށް ބަލަން އިނީ ޝައުގުވެރިކަމާއިއެކުގައެވެ.

"ތެންކިއު....." ކީވާ ލަދުގެންފައި އަތުގެ އިނގިލިތަކާއި ކުޅެންފެށިއެވެ. އަނދުން އަޅާފައިވާ ދެލޮލުގެ ރީތިކަމާއި ވިދުން ގަދަކަމުން ވިޝާންއަށް އެ ލޮލަށް ބަލަން ހުރެވުނީ އާޝޯޚުވެފައެވެ.

"ކުރީދުވަހު ވިޝާން ބުނީމެއްނު އައިދަންއާއި ވާހަކަ ނުދައްކާށޭ، ހީޒް ޖަސްޓް އެ ފްރެންޑް، އާއިލާ އެންމެނާއިވެސް އައިދަން އެކުވެރިވާނެ، ވިޝާން ކަންބޮޑުވާނެ ކަމެއްނެތް، އައިދަން ނޫޅޭ އަހަންނާއި ރައްޓެހިވާކަށް، އޭނަގެ މަންމަވަނީ ވަރަށް ސީދާކޮށް އެކަން ނުކުރަން އައިދަންއަށް އަންގާފައި....." ކީވާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"ކިވީ އެހެން މީހަކާއި ވާހަކަދައްކާތަން ބަލަން އަހަރެން ހިމޭނުން ހުންނާނެތަ؟ އައިދަންއަށް އެއްޗެއް ވިސްނުނުކަން ރަގަޅު، ކިވީ ދެން ކިހިނެއް ހަދާނީ؟ އަހަރެންގެ މީހަކަށް ވާނަންތަ؟ ކެތްވަނީ އެއްނޫން....." ވިޝާން ބަލައިލީ ހިތް ކަތިލާފަދަ ނަޒަރަކުންނެވެ.

"ދެން ތިކަހަލަ ވާހަކަ ނުދައްކަބަލަ ވިޝާން، ތިއުޅެނީ ހަމަ ލަދުގަންނަވަންކަން އެނގޭ، ވިޝާންއަށް އެނގޭތަ؟ މިހާރު މިބަލަނީ ޑިގްރީ ހަދަންވެގެން، ލައިޝް ބުނިހެން އަންހެންކުދިން ޖެހޭނެ އަމިއްލައަށް ދިރިއުޅެވޭވަރަށް ކިޔަވަން، އަދި...... ތޭންކްސް ފޯރ ދަ ބުކް، އަސްލު އެ ފޮތް ކިޔާފައި ލައިފްއާއި ދޭތެރޭ ދެކޭގޮތް ވަރަށް ބަދަލުވި، އަދި ވިޝާން ދެއްކި ވާހަކަތައް، ލައިޝް އުޅޭގޮތް، އެހުރިހާކަމަކުން އިންސްޕަޔަރވި......." ކީވާ ވާހަކަ ދައްކަން އިންދާ ކާރުގެ ލޯގަނޑަށް ވާރޭގެ ބަރު ތިކިތައް ހަމަލާދޭންފެށިއެވެ. 

"ރިއަލީ، އަނެއްކާ ދިރިއުޅުން ދެކެ ފޫހިވީތަ؟ "ވިޝާން އެއް ބުމަ އަރުވާލިއެވެ.
"ނޫން، ކިހިނެއް ފޫހިވާނީ، އެކަމަކު ކޮންމެވެސް ދުވަހަކުން މަރުވާނެ، އެނގޭ ކިޑްނީ ފެއިލްވެފައި ހުރީމަ އަބަދަށް ޑައިލިސިސްގައި ނުހުރެވޭނެކަން، ކޮންމެވެސް ދުވަހަކުން ކޮމްޕްލިކޭޝަނެއް އަތުވެދާނެކަން، އެދުވަހަކަށް ތައްޔާރުވެގެން މިހިރީ....." ކީވާ ހީލިއެވެ. ރަތް ތުންފަތުގެ ދޭތެރެއިން މުތީތަކެއްފަދަ ކުދި ދަތްތައް ވިދާލާއިރު ހާދަ ރީއްޗެވެ. ވިޝާންއަށް ދުނިޔެވެސް ފެންނަނީ މާ ރީތި ތަނެއްގެ ގޮތުގައެވެ. ވާރޭވެހޭ މަންޒަރެވެ. ދާދި ގާތުގައި އިން ކީވާއެވެ. ގުދުރަތީ ކޮންމެ އުފެއްދެވުމެއް ކޮންފަދަ ފުރިހަމަހެއްޔެވެ؟ ބަލާ ބަލާ ފޫހިނުވާހާވެއެވެ. އެހެންނޫނަސް ކީވާއަކީ އެއްވެސް މީހަކު ބީހިފައިނުވާ މައުސޫމް ކުއްޖެއްކަން އެނގޭތީ ވިޝާންގެ ހިތް އެދެމުން ދިޔައީ މާ ބޮޑަށެވެ.

"އައިމް ސޯ ޕްރައުޑް އޮފް ޔޫ ކިވީ، ބަލިއިރު ތިހާ ހިތްވަރުގަދަ ކުއްޖަކަށްވުމަކީ އެހެން މީހުންވެސް އިންސްޕަޔަރަ ކުރުވާނެކަމެއް، ކިޑްނީ ފެއިލިއަރ، ކެންސަރު ފަދަ ބަލިތައް އާއްމުވާއިރު ބަލިތައް ޖެހުނީމަ މާޔޫސްވުމުގެ ބަދަލުގައި އެ ބަލިތަކާއި ހަނގުރާމަވެސް ކުރަންވާނެ، އެހާ ފަސޭހައިން ގިވް އަޕްކޮށްލުމަކީ ކަޑަކަމެއް، އަހަރެން މިއަދު ވަރަށް އުފާވެއްޖެ، އަހަރެންގެ ޕޭޝަންޓަކަށް ކިވީ ވެފައި ތިގޮތަށް ހިތްވަރުކުރީމަ ދޭނެ އިނާމެއް މިވިސްނަނީ....." ވިޝާން ގެ ވާހަކަތައް އިވުމުން ކީވާ ވަކިން ބޮޑަށް އުފާވެ ހީހެދިއެވެ. ވިޝާންއަށް ފާހަގަކުރެވުނީ ކީވާ ގިނަގިނައިން ހަތަރުކަޅިވެސް ހަމަކުރިކަމެވެ. ގިނަގިނައިން ހީ ހެދިކަމެވެ. ކީވާ ހީލީމަ ވަކިން ރީތިކަން ވިޝާންއަށް އެނގުނެވެ. މާޔޫސްވެފައި ތިބޭ އަންހެންކުދިން ވިޝާންއަށް ސިފަވަނީ ފައްޅީގައި ތިބޭ ނަނުންގެ ގޮތުގައެވެ. ކިތަންމެ ރީއްޗަސް ލޮލުގައި މޮޅިވެރިގޮތެއް ހުންނާނެއެވެ.

"އަހަންނާއި އެކު ރެސްޓޯރެންޓަކަށް ދާން ކެރޭނެތަ؟ " ވިޝާން ކުޑަކޮށް ހީލިއެވެ.
"އިޓްސް އެ ޑޭޓް ދޯ، އެކަމަކު ވިޝާން، އަހަރެން މިހާރު ބޭނުމީ ވިޝާން އަހަރެއް ވާންދެން އަހަރެންގެ ޑޮކްޓަރެއްގެ ގޮތުން އެކަނި ހުންނަން، އައިދަންވެސް ހުންނާނީ އެގޮތަށް އެކަނި އާއިލީ އެކުވެރިއެއްގެ ގޮތުގައި، މި އަހަރު ލޯބީގެ އެއްވެސް ގުޅުމެއް ނުބާއްވަން އަހަރެންވަނީ ނިންމާފައި..." ކީވާގެ ހިތުގައިވަނީ މި އަހަރު ތެރޭގައި ކިޔަވާ، ކެރިއަރާއި މެދު ވިސްނުމެވެ. ބަލިމީހެއްގެ ގޮތުގައި ހުއްޓަސް ކުރެވިދާނެ މަސައްކަތްތައް އެބަހުރިކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ.

"އެހެންވީމަ މިއަންނައަހަރު ޖެނުއަރީ ޖެހެންދެން ޕްރޮޕޯސްކުރަން އަހަރެން މަޑުކޮށްލަންވީ ދޯ....." ވިޝާން ފުންނޭވަޔެއް ދޫކޮށްލިއެވެ. އެއީ ހާދަ ގިނަ ދުވަހެކެވެ. ބޭނުންވާ އެއްޗެއް ހޯދަން އެހާ ދުވަސްވަންދެން ހިތަށް ކެތްކުރެވޭނެ ހެއްޔެވެ؟ އަހަރަކީ ގަރުނެއް ކަމަށް ހީކުރެވޭނެއެވެ. ނަމަވެސް ކީވާގެ ވާހަކަ ހުރިގޮތުން އެހާ ފަސޭހައިން ގޮތް ދޫކުރާނެހެން ހިޔެއް ނުވެއެވެ. އެވާހަކައިގާ ހަރުދަނާ ގޮތެއް އެބަހުއްޓެވެ. އާރާއި ބާރު ހުރިކަން އެނގެއެވެ. އޭނަ ޖެހޭނީ މިއަހަރު ދުވަހުގެ ތެރޭގައި ޑޮކްޓަރެއްގެ ގޮތުގައި ހުރެ ކީވާގެ ހިތާއި ހަމަޔަށް ވާސިލުވާށެވެ. ރަތްފިނިފެންމަލާއި ޗޮކްލެޓް އަދިވެސް ރޮމެންޓިކް ހަދިޔާތަކުން އެހިތް ފަތަހަ ކުރާށެވެ. ވިޝާން ދެކޭގޮތުން އޭނަގެ އަންބަކަށްވެގެން ގެއަށް އަންނަން މިފަދަ ފުރިހަމަ އަންހެންކުއްޖެއް ނެތެވެ.

ވިޝާން ތިންދުވަސްތެރޭގައި ކީވާ ލައްވާ އާއެކޭ ބުނުވިއެވެ. ފަހަތުން އާދޭސްކޮށް ހިނގައިގެންނެވެ. ކީވާ އޭނަގެ ލޯބިވެރިޔެއްގެ ގޮތުގައި ހުރުމުން އޭނައަށް ޔަގީންކަން އޮންނާނެކަމަށާއި ކީވާގެ ނުރުހުމުގައި ކީވާގެ ގައިގާ އަތްނުލާނެކަމަށް ވައުދުވިއެވެ. ކީވާ ވިސްނާލާފައި އެއްބަސްވިއެވެ. އޭނައާއި ވިޝާން ރައްޓެހިވެގެން އުޅުމުން ގެއްލުމެއް ނުވާނެތާއެވެ. ވިޝާން ކީވާ ގޮވައިގެން އޭނަގެ މަންމަމެންނާއި ބައްދަލުކުރުވަން އޭނަގެ ގެއަށްވެސް ގެންދިޔައެވެ. ރަންދާ ހުރީ އޭނަގެ ނުރުހުން ހިނިތުންވުމުގެ ނިވަލުގައި ފޮރުވާލައިގެންނެވެ. 

ރަންދާއަށްވެސް ކީވާގެ ރީތި ސިފަތައް ފާހަގަކުރެވުނެވެ. އިސްކޮޅުން ދިގުވެފައި މޮޑެލް ހަށިގަނޑެކެވެ. އެހާ އޮމާނެވެ. ބޮޑު ދެލޮލާއި ރަތް ތުންފަތުގެ ސަބަބުން ވަކިން ފުރިހަމައެވެ. ރަންދާގެ ހިތް ތައުރީފުކުރިޔަސް އޭނަގެ ދުލުން އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ. އަފްރީންވެސް އިނީ ވިޝާންއާއި ދިމާކޮށްލާ ހިތުންނެވެ. ކީވާގެއަށް ލާފައި ވިޝާން އައިއިރު ރަންދާއާއި އަފްރީން ތިބީ އިނގިރޭސި ރިއާލިޓީ ޝޯއެއް ބަލާށެވެ.

"ދަރިފުޅު ގެނައި އަންހެންކުއްޖާ ހީވީ ސޮމާލިޔާ ކުއްޖެއްހެން، އޭނަގެ ބައްޕައަކީ ބަބުރެއްތަ؟ ކަޅުކަމުން....... "ރަންދާ ކުރީ ޖެއްސުމެވެ.
"ކަމޯން މަމް، ތިހާ ރޭސިސްޓްވާކަށް ނުވާނެ، އެއީ ދިވެހިކުއްޖެއް، އަހަރެން އެހެން އަންހެންކުއްޖަކާ ނީންނާނަން....." ވިޝާން ގަދަކޮށްލިއެވެ.
"ދޮންބެއާއި ފަހަރި އެއްތާކުން ފެނިއްޖެއްޔާ ހީވާނީ އިރުކޭތަ ހިފާފައިހެން، ދުނިޔޭގައި ހުރި އެންމެ ނުގުޅޭ އަންހެންކުއްޖާ، ދޮންދޮން ކުއްޖެއް ހޯދަބަލަ، އެހެންނޫނީ ކުލައެއް ނުގުޅޭނެ، އޮބާމާގެ އަންހެންކުދިންތައްވެސް ރީތި. އެކަމަކު.........." އަފްރީން އެއްލޯ މަރާލިއެވެ. ވިޝާން އަފްރީންގެ އިސްތަށިގަނޑުގައި ހިފާ ތަދުކޮށްލާފައި ރޮއްވާލުމުން އަފްރީން ކުދިކިޔަމުން ޓެޑީގައި ބައްދާލައިގެން އޮތެވެ.

ރަންދާ ލަދުން މަރުވާނެއެވެ. އޭނަގެ ހުރި އެންމެ ފިރިހެން ދަރިފުޅު އިންނަން މިއުޅެނީ ހަސަބެއް ނަސަބެއްނެތް އަންހެނަކާއެވެ. ދައްތަ ބުނިގޮތުން ވިއްޔާ އެއީ ކުޑަކުދިންގެ ހިޔާއިން މީހަކު ގެނެސްގެން ބަލާ އަންހެންކުއްޖެކެވެ. މިކަންތައް ހުއްޓުވަން އޭނަ މިހުރީ ފުރާނަ ދުއްވާލަންވެސް ތައްޔާރަށެވެ. ވިޝާންގެ ގޮތާއި މިޒާޖު އެނގޭތީ ކުރިމަތީގައި އެހާ ދެކޮޅުވެރިކަން ފާޅުނުކުރިޔަސް އެކައިވެނި އޭނަ ކުރިޔަނުދޭނެއެވެ. ވިޝާންއަށް އެއްގޮތަކަށްވެސް އެ އަންހެންކުއްޖާއާއި ކައިވެނިކުރާކަށް ކުޅަދާނައެއް ނޫނެވެ.

އައިދަން ކީވާ ބަލާއައުމުން ކީވާ ކާރަށް އަރަން ނޫޅެ ބިއްލޫރިގަނޑުގައި މަޑުމަޑުން އަތުން ޖަހާލާފައި ބިއްލޫރި ތިރިކުރަން އެދުނެވެ. އައިދަން ބިއްލޫރިތައް ތިރިކޮށްލިއިރު ކީވާގެ އޮމާން މޫނު ފެނުމުން ހިތަށް ލިބުނު ފިނިކަމަކުން ހީވީ ގަނޑުފެނުން ތެންމާލަދިންހެނެވެ. ކަޅާއި ރަންކުލައިގެ ޝޯލްތެރެއިން މޫނު ފެންނައިރު ހާދަ ޗާލެވެ.

"އައިދަން، އަހަންނަށް ވަރަށް އުދަގޫ މިވާހަކަ ބުނަން، އެކަމަކު އަހަންނަށް ދެން މިކާރުގައި ދެވޭކަށްނެތް....." ކީވާ ހިންދިރުވާލިއެވެ.
"ކިހިނެއްވީތަ؟ މަންމަ އެއްޗެކޭ ބުނީތަ؟ "އައިދަންގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ.
"ނޫން، އަހަރެންގެ....އައިދަން އަހަރެން މިއުޅެނީ ކުއްޖަކާއި ރައްޓެހިވެގެން، އޭނަ ގަބޫލެއްނޫން އައިދަންއާއި އެކީގައި ކޮލެޖަށް ދާކަށް...." ކީވާ ކުޑަކޮށް ހިނިތުންވެލިއެވެ.
"އޯ......" އައިދަންގެ ހިތް ހީވީ އެތައް އެތިކޮޅުތަކަށް ބުރައިގެން ދިޔަހެންނެވެ. ފެންކަޅިވާގޮތްވިއެވެ. އެތެރެހަށީގައި އުފެދުނު ރިހުމަށް ކެތްނުކުރެވުނު ނަމަވެސް އައިދަން ހިތްވަރުކުރިއެވެ. މިހުރިހާ ދުވަހު ބިނާކުރި ގަނޑުވަރު ކުދިކުދިވެ ބިމާއި ހަމަވީ ކީވާގެ އެންމެ ޖުމްލައަކުންނެވެ. އެ ނަސީބުވެރިއަކީ ކާކުކަން އައިދަންއަށް އެނގުނެވެ. އެރީތި އަޅިދެލޮލަށް ކަރުނަ ޖަމާވުމުގެ ކުރިން އައިދަން ހިނިތުންވެލާފައި "ކޮންގްރެޓްސް" އޭ ބުނެލާފައި އަނެއް ފަރާތަށް އެނބުރުނެވެ. ކީވާވެސް ދުރަށް ޖެހިލައިފިއެވެ. ކީވާގެ މޮޔަކަމުން އައިދަންގެ ލޮލުން އެވަގުތު ފެންނަންހުރި ލޯބީގެ އަސަރުތަކާއި ކަރުނަތައްވެސް ނުފެނުނެވެ. އެ ހިނިތުންވުމުގައި އެތައް ހާސް އަސަރެއް އެކުލެވުނުކަމެއް ނޭގުނެވެ. ކީވާ ޔަގީންކުރީ އައިދަންގެ ހިތުގައި އޭނައަށްޓަކައި ލޯބީގެ ޒައްރެއްވެސް ނެތްކަމުގައެވެ. 

އައިދަން އެދުވަހު އޮއްސި ކަރުނަތައް ފެނުނުނަމަ ކީވާގެ ޚިޔާލު ބަދަލުވީހެވެ. ހަގީގަތުގައިވެސް ކީވާހުރީ ލޯބީގެ ހަތަރުގޮޅި ކަންމައްޗެއްގައި ދާންވީ ދިމާލެއް ނޭގިފައެވެ. އައިދަންގެ ކާރު އޮބާލަންދެން ހުރި ފިޔަވަޅުމަތީގައި މާޔޫސީގޮތަކަށް ބަލަން ހުރެވުނެވެ.

"އަހަރެން ހީކުރީ އޭނަ އެކަމާއި ދެކޮޅަށް އެއްޗެކޭ ބުނާނެކަމަށް، އަހަރެން ރައްޓެހިވެގެން އުޅޭ މީހެއް އޮޅުންފިލުވާނެ ކަމަށް، ހީ ޑަޒްންޓް ކެއަރ، ނޭގުނަސް އިޓް ހާރޓްސް، ގުޑްބައި އައިދަން........" ކީވާގެ ލޮލުގައި ހުރި ކަރުނަ ފޮހެލާފައި އުޑާއި ދިމާލަށް ބަލައިލިއެވެ. ކޮންމެފަދަ ހާލެއްގައިވެސް ހެއްދެވިފަރާތަށް އޭނަ ހަމްދުކުރާނެއެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ. ވިޝާން އޭނަގެ ހަޔާތަށް އައީވެސް ކޮންމެވެސް ސަބަބެއް އޮތީމައެވެ. އޭނަފަދަ ބަލިމީހެއްގެ ގާތުގައި ޑޮކްޓަރަކު ހުރީމަ ރަގަޅީކަން ނޭގެއެވެ.

އަޒީޒުއްދީންއާއި ވަރުޖިނާ ޓެރެސްގައި ކޮފީ ބޯން ތިބިއިރު ރާޒުވާ ކުޅިބައި އަތުރާލާފައިވެއެވެ. ދެމަފިރިންވެސް ތިބީ އުފާވެރި މޫޑެއްގައެވެ. އެ އުމުރުގައިވެސް ޅަ ލޯބިވެރިންހެން އަތުގައި ހިފާލައިގެން ތިބިއިރު ދެމީހުންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމުގެ އަސަރެވެ.

"ޖީން އެންމެ ރަގަޅުވާނީ ކުދިންގެ ކަންތަކާއި ހިތާމަނުކުރިއްޔާ، އަހަރެމެން ކިތަންމެ ވަރަކަށް ޕްލޭން ކުރިޔަސް ބޭނުންނުވާ ގޮތަށްވެސް ހިނގައިދާނެ، ވޮރީ ކުރުމަކީ ބޭކާރުކަމެއް، ރަގަޅުގޮތެއްވާން ދުޢާކުރާނީ، ކެންއަށްވެސް ޕްރެޝަރ ކުރަން ވެއްޖެއްޔާ އޭނަ ބްރޭކްވެދާނެތީ އަހަރެން ބިރުގަނޭ، އަހަރެމެންގެ ކަޔާން ކިހާ ޗޭންޖްވެފައި އެހެރީ، ޖީން ބޭނުންވޭތަ އޭނަ އަނެއްކާ އެސައިލަމްއަކަށް ފޮނުވާލަން؟ ކަޔާން އަހަރެމެންނާއި ދެކޮޅަށް މީހަކާއި އިންނާނެހެން ހިޔެއްނުވޭ، އެހެންވީމަ އަހަރެމެން އޭނަ އުޅޭގޮތް ނުފެންނަކަމަށް ހަދައިގެން ތިބޭނީ، އަދި ރަގަޅުވާނެ، ޒިއާއާއި މާޔާވެސް ގުޅޭނެޔޭ ހިތަށް އަރަނީ، ކެންޒީވެސް އެ ބަލިން ފަސޭހަވާނެ، ކީޕް ސްމައިލިން ޑާލިން...." އަޒީޒުއްދީން ވަރުޖިނާގެ އަތަށް ފިތާލަމުން އެ އަތްތިލައިގާ ބޮސްދިނެވެ.

ވަރުޖިނާވެސް ގަސްތުކުރީ ކަޔާންގެ ކަންތަކާއި އިހަށް އަޅާނުލާ ދޫކޮށްލާށެވެ. ކަޔާން އަފްރީންއާއި ނުރުހޭކަން ޔަގީންވެފައިވުމުން އާއިލާ ތެރެއިން ނޫނީ އެކުވެރިއެއްގެ ދަރިއެއް ނަމަވެސް ހޯދާނީއެވެ. މިހާރުއްސުރެން ވަރުޖިނާ އަންހެންކުދިން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ކަޔާންގެ ހަޔާތުގެ ބައިވެރިޔަކަށް ވުމުގެ ޝަރުތު ހުރި އަންހެންކުދިންގެ ލިސްޓެއް ތައްޔާރުކުރިއެވެ. އެތަނުން ކަޔާން ބޭނުން ކޮންމެ އަންހެންކުއްޖެއް ހޮވިދާނެއެވެ.

ކީވާގެ އެފްބީ ޕޭޖްގައި ކިވީ ގެ ނަމުގައި އޭނަ ފޮޓޯތަކާއި އޭނަގެ ކުރެހުންތައް ހިމަނަން ފެށުމުން ވަރަކަށް ތަރުހީބުލިބެން ފެށިއެވެ. ކީވާ ފޯނު ނަމްބަރުވެސް ހިމަނާލިއެވެ. އެއަށްފަހު އޭނައަށް ކައިވެނީގެ ޕާޓީތަކަށް ނޫނީ އަމިއްލަ މީސްމީހުންގެ ފޮޓޯތައް ނަގާދޭން ދައުވަތު ލިބެންފެށިއެވެ. ކީވާ ހުރީ ލާރި ބޭނުންވެފައިކަމުން އޭނައަށް ލިބިފައިވާ ހުނަރުގެ ބޭނުންކުރަން ފެށިއެވެ. ލަދުވެތިކަމާއި ޖެހިލުންވުމުގެ ބައި ނައްތާލަން ލައިޝާ ހިތްވަރު ދިނެވެ. ކީވާ ކޮލެޖަށް ދަމުން ،ޑައިލިސިސް ހަދަމުން ފޮޓޯ ނަގަން ވަގުތު ދިނެވެ. ހުސްވަގުތުގައި ކުރަހާވެސް ހަދައެވެ. އެވަރުންވެސް ކީވާ ނަމާދާއި ދީނީ ކަންތައްތަކަށް ފަރުވާކުޑައެއް ނުކުރެއެވެ. ކޮންމެ ވަގުތަކީވެސް ދުނިޔެއަށް އެންމެ ފަހު ނޭވާލާން ޖެހިދާނެ ވަގުތުކަމަށް ދެކެމުންވެސް ކީވާ ހޭދަކުރަމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އެގޮތަށް މީހުންގެ ތެރެއަށް ނުކުމެ އުޅެން ފެށުމުން ނަސީބު އޭނަގެ އަތުގައި ހިފިއެވެ. އެކުވެރިންގެ އަދަދު ގިނަވިއެވެ. ފުރުސަތުތައް އޮހެން ފެށިއެވެ.

ލައިޝާގެ ހަޔާތަށްވެސް ބަހާރު މޫސުމް އައިސްފައިވާހެން ހީވިއެވެ. އުފާވެރިކަން ނޫން އެހެން އެއްޗެއް ލައިޝާއަކަށް މިހާރަކަށް އައިސް ނުފެނެއެވެ. ރޭގަނޑު ބައްދަލު ނުކުރެވުނަސް ހަވީރުގެ ވަގުތުތައް ކަޔާން ލައިޝާއަށް ޚާއްސަކޮށް ދީފައިވެއެވެ. އެއީ ދެމީހުން ބޭނުންވާގޮތް ނޫން ނަމަވެސް މިފަދަ ސިއްރު ކައިވެންޏެއްގައި މަޖުބޫރީވެފައިވާ ވަރުން އަދި އެހެން ގޮތެއް ނެތެވެ. ނަމަވެސް އެމީހުންގެ އެ ސިއްރު އިތުރު މީހަކަށް ނޭގި ދުވަސްތައް ވޭތުވަމުން ދިޔައެވެ. 

އެއީ ވިއްސާރަ ދުވަހެކެވެ. އޮފީސް ނިމުމަށްފަހު އެންމެންހެން އަވަސްވެގަތީ ވާރޭ ވެހެން ފެށުމުގެ ކުރިން އެމީހެއްގެ މަންޒިލަކަށް ފޯރުމަށެވެ. ޓެކްސީތަކަށް އެހާ ބާރު ބޮޑެވެ. އެންމެން ހުސްވިއިރުވެސް ކަޔާންއާއި ލައިޝާ ކެބިންގައި ތިބީ މަސައްކަތެއް ކުރާށެވެ. ކެބިންތެރެ އަނދިރިވެގެންގޮސް ބޮކިދިއްލާންޖެހޭ ވަރުވީއިރުވެސް ދެމީހުންކުރެން އެކަކަށްވެސް އެކަން ފާހަގައެއް ނުވިއެވެ. އަނދިރިކަމާއި ފިނިކަމުން މަސައްކަތް ހުއްޓާލާފައި ކޮފީއަކަށް ބޭނުންވިއެވެ. ލައިޝާ ތެދުވެގެން ކޮފީ ހަދަން ދާން އުޅުނުތަނުން ކަޔާން ފަހަތުން އައިސް ބައްދާލިއެވެ.

"މިވަގުތު ކޮފީއެއް ނޫން ބޭނުމީ......" ކަޔާންގެ އަޑުގައިވި އިޝްގީ ގޮތަކުން ލައިޝާގެ ގައިން ހީބިހި ހިލުވާލިއެވެ. މިތިބެވުނީ އޮފީހުގައި ކެބިންގެ ތެރޭގައި ކަމެއްވެސް ހަނދާނެއް ނުވިއެވެ. އެހެންނޫންނަމަ މިގޮތަށް އޮފީސްތެރޭގައި މިނޫނީ ދުވަހަކުވެސް ދެމީހުން މިފަދަގޮތަކަށް ގުޅުމެއް ބާއްވާފައެއް ނުވާނެއެވެ. އެހެން އެވީ ފެންނަން ނުޖެހޭ މީހަކަށް އެފަދަ މަންޒަރެއް ފެންނަން ކަންނޭގެއެވެ. މީހަކު ކެބިންގެ ދޮރުމައްޗަށް އެރިއިރު ލައިޝާ ހުރީ ސްކާފްވެސް ނާޅައެވެ. އެފަން އިސްތަށިގަނޑު ދޫކޮށްފައި އޮތްއިރު ވަރަށް ލޯތްބެވެ. ކަޔާން ލައިގެން ހުރި ގަމީސް އޮތީ މޭޒުމަތީގައެވެ. އެކަނި ޖިންސްގައި ހުރިއިރު އެ ކަސްރަތީ ރީތި ހަށިގަނޑުގައި ދާތިކިތައް ވިދައެވެ. ކަޔާން ހުރީ އަނެއްފަރާތަށް އެނބުރިގެން ކަމުން މީހަކު އައިކަމެއް އޭނައަކަށް ނޭގުނެވެ. އެމީހަކާއި ހަތަރުކަޅި ހަމަވީ ލައިޝާއަށެވެ. 

ކޮމެންޓް 0