ކަޔާންގެ މާނަވީ ނަޒަރުގެ ޖަވާބަކަށް ލަދުރަކި ހިނިތުންވުމެއް ލައިޝާ ދިން ގޮތުންވެސް އެދޭތެރޭގައިވާ ލޯބި ހާމަވިއެވެ. އެ ސިކުންތުކޮޅުވެސް ދެމީހުންގެ ލޮލުންވެސް ފެނުނީ ލޯބީގެ އިންތިހާއެވެ. ލައިޝާގެ ސަމާލުކަން ދެން ހުއްޓުނީ މަންމަމެންނަށެވެ. ވަރުޖިނާ ދިއްކޮށްލި އަތުގައި ޒުލްމާ ނުހިފުމުން ލައިޝާ ކަންބޮޑުވިއެވެ. ވަރުޖިނާ ބުމައަރުވާލާފައި ހީލިއެވެ.

"އަހަރެން ނޫޅެން ބީރައްޓެހިންނާއި ސަލާމްކުރާ ހިތުން މޮޔަވެގެނެއް، ލައިޝާ ގެނައި ބަޔަކަށް ސައިދޭން ގެންދޭ، އަހަރެން ބަހައްޓާ...." ޒުލްމާ ކަޅިއަޅާލާފައި އެއްލިގަނެފައި ބާރަކަށް ހިނގާލާފައި ގޮސް މަގަށް ނުކުމެއްޖެއެވެ.
"މަންމަ ރޫޑްކަމުންގޮސް ބުނާނެ އެއްޗެއްވެސް ނޭގޭ......." ކީވާ ހިތާހިތުން ކިޔާލާފައި ގަންނާކުރެއްވި ލަދުން އިސްއުފުލައި މީހެއްގެ މޫނަށް ބަލައިލާކަށްވެސް ނުކެރުނެވެ. ރަންދާމެން އަނގަޔާއި ލޮލަށް ހަދައިލިގޮތުން ފޫހިވެފައިވާކަން އެނގުނެވެ. ލައިޝާގެ މޫނު ރަތްވެގެން އަނގުރު އަލިފާންކޮޅަކަށްވިއެވެ. މަންމަ އެގޮތަށް ކަންތައް ކުރަންވީ ސަބަބެއް އޭނަގެ ވިސްނުމަށް ނައެވެ. ކަޔާންވެސް ހުރީ ޒުލްމާގެ އަޚުލާގު ދަށްކަމާއި މެދު ހައިރާންވެފައެވެ. އެފަދަ ނާތަހުޛީބު އަމަލެއް ޒުލްމާގެ ފަރާތުން ފެނިދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އެކަމަކު ޒުލްމާ ލައިޝާ ބަލާ ކެންޒިއާއަށް ދިޔަ ދުވަހު އޭނަގެ ކަންތައް ހުރީވެސް މިފަދަ ގޮތަކަށެވެ. ވީއިރު މާ ރަގަޅު ފަރާތެއް ޒުލްމާގެ ފަރާތުން ފެނިދާނެކަމަށް އޭނަ ހީކޮށްގެން ނުވާނެއެވެ. އޭރު އެތަނުގައި ވި ނުތަނަވަސްކަން ވަޅިން ކަނޑާ ނަގާލެވޭނެހާ ފުނެވެ. އެންމެން ތިބީ ޖަހާފައިވާ ހިލައިގެ ބުދުތަކެއް ހެންނެވެ.

"އައިމް ސޮރީ....." ލައިޝާ ރޮވޭގޮތްވެފައި ހުރެ މާފަށް އެދުނުތަން ފެނިފައި ކަޔާންގެ ހިތުގައި ރިއްސާލިއެވެ. 
"ލައިޝް މަންމަ ޑާކް މޫޑެއްގައި ހުރި ދުވަހެއް، އެކަމަކު ލައިޝް ނުޖެހޭނެ ސޮރީ ބުނާކަށް، މަންމަމެންނަށް އަންޑަސްޓޭންޑް ވާނެ......." ކަޔާން ހީލާފައި މާހައުލުގައިވި ނުތަނަވަސްކަން ކަނޑުވާލަންވެގެން ބުނެލިއެވެ.
"ވިއްސާރައިގެ އަސަރު އިންސާނުންނަށް ވެސް ކުރަނީހެން ހީވޭ، ކެންއަށް އެނގޭތަ؟ އާންޓީމެން މޫޑު ރަގަޅު ނުވިޔަސް އެހެން މީހުންނަށް އެކަން ދައްކައެއް ނުލާނަން، އެކްޓްކުރަންވެސް މަޖުބޫރުވާނެ، އެބޭފުޅާ ތަފާތީކަން ނޭގޭ، ފޭކްނުވެ މޫނުމަތީގައި ބުނަން ބޭނުންވާ އެއްޗެއް ބުނަން ކެރޭ މީހަކަށް ތައުރީފު ހައްގު........" ރަންދާ ހިނިގަނޑެއް ޖަހާލައިފިއެވެ.
"މަންމަ ކުއްލިއަކަށް ހިތްހަމަނުޖެހެންވީ ސަބަބެއް އަޅުގަނޑަކަށް ނޭގުނު، މަންމަ ހެދުނުން ފެށިގެން އުޅުނީ ހެދިކާ އެއްޗެހި ހެދުމުގައި އަވަދިނެތި، މިވަގުތާއި ޖެހެންދެން އެކްސައިޓްވެފައި މަންމަ ހުރީ....." ލައިޝާގެ ދޮންކޯތާފަތް ރަތްވެފައިވާއިރު ރީތިކަމުން ކަޔާން ހުރީ ކަޅިޖަހާނުލައި ބަލާށެވެ. 

ލައިޝާ އެންމެން ސިޓިން ރޫމްގެ ސޯފާތަކުގައި ބައިންދާފައި މަންމަ ފެނޭތޯ ބަލަން މަގަށް ނުކުތްއިރު މަންމަގެ ހިލަމެއް ނުވިއެވެ. ފޯނު އޮތީ ނިވާލާފައެވެ.
"މަންމަމެން މިގެއަށް އައި ބޭނުމެއް ނުފުދުނު، ވާރޭ ވެހެންފެށުމުގެ ކުރިން ދާންވީކަން ނޭގޭ..." ވަރުޖިނާ ކަޔާންއަށް ބަލާލިއެވެ.
"ލައިޝް މަންމަ އެހާ ރޫޑްވީމަ އަހަރެން މިއިނީ ޝޮކެއްގައި، ހީކުރީ ރިޗްމީހުން ކަމަށް އެގޮތަށް މީހުން އައީމަ ގެއިން ނިކަމެތިކޮށްލާފައި ގެއިން ނެރެލަނީ، މިކުރެވުނީ އެހެންކަހަލަ ތަޖުރިބާއެއް، ވީއިރު ވާހަކަތަކާއި ފިލްމުތަކުން ރިޗް މީހުން ނުބައިބައި ކުޅެނީ، ހަގީގީ ދިރިއުޅުމުގައި އޭގެ ދިމާ އިދިކޮޅު....." ނަތާޝާ ހުރީ ފޫހިވާގޮތްވެފައެވެ. މަންމަ ބުނަނީ ތެދެކެވެ. މުއްސަދިންނާއި ގުޅެނީ މުއްސަދިންނާއެވެ.
"މިހާ ވަރަށް މެހުމާންދާރީ އަދާކުރީމަ ދެން އަވަހަށް މިތަނުން ދިޔުން ކަން ނޭގޭ ރަގަޅުވާނީ..." މިންކާ އަތުކުރީގައި އޮތް ރަންގަޑިއަށް ބަލާލަމުން ތެދުވެއްޖެއެވެ.
"ނޫން، ދައްތަމެން ދުރުވާންވާނީ ސައިބޮއިގެން، ޕްލީޒް......." ލައިޝާ ލަދުވެތިގޮތަކަށް ހީލިއިރު ކަޔާން ލައިޝާގެ ކޮނޑުގައި އަތް ބާއްވާލަމުން ކާރިކޮށްލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޒުލްމާ އެހެން ހަދާފާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ދެ އާއިލާގެ ގުޅުން ބަދަހިކުރާނެ ފުރުސަތު ލިބުމުން ޒުލްމާ އެހެން ހަދަންވީ ކީއްވެހެއްޔެވެ؟ އޭނައަކަށް ނުވިސްނުނެވެ.

"އާން، ލައިޝާ ބުނީމަ ސައި ބޮއިގެންދާނީ....." ވަރުޖިނާ މިހުރިހާއިރު ވާންދެން ގަދަކަމުން ތުންފަތަށް ވެރިކޮށްލައިގެން އިން ހިނިތުންވުން ރުޅިވެރިކަން ޚިޔާރުކުރަން ފެށިއެވެ. ޒުލްމާ ހެދިގޮތުން ވަރުޖިނާ ނިކަން ފޫހިވެއްޖެއެވެ. އެއް ޒަމާނެއްގައި އެމީހުންގެ ޚާދިމާ އެއް ފަދައިން ގެންގުޅުނު އަންހެނަކަށް އެމީހުންގެ އާއިލާއިން ޖާގައެއް ދިނީމަވެސް ގަދަކޮށްލީއެވެ. ގަދަބަސްތައް ބުނަން ފެށީއެވެ. އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި އެމީހުންގެ މޫނުމަތީގައި ކޮޅުފައިން ޖެހީއެވެ. ހިނދުކޮޅަކަށް ނަމަވެސް ވެދޭން އުޅުނު އިހުސާންތެރިކަން ބަލައިގަންނަން ނޭގުނީއެވެ. އޭނަ ދެން ކޮންމެފަދަ ގޮތަކަށް ބަދަލުހިފިޔަސް ޒުލްމާއަށް އެއްޗެކޭ ބުނެވޭނެ ހެއްޔެވެ؟ ވަރުޖިނާގެ ހިމޭންކަމުގެ ސަބަބުން އޭނަގެ ކޮއްކޮމެންވެސް ތިބީ މައިތިރިވެފައެވެ. ދައްތަ ހަދަން އުޅުނު އެތިފަހަރެއް އެމީހުންގެ ވިސްނުމަކަށް ނައެވެ. ކަޔާންއާއި ލައިޝާ ވަކިކުރުވަން ވަރުޖިނާއަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ވަރުޖިނާ އާއި ވާހަކަދައްކާ ނުލައި ލައިޝާގެ މަންމަ ފިލީއެވެ. ދާން މިޖެހުނީ ހުސްއަތާއެވެ. ކަޔާން އުޅޭގޮތުން ލައިޝާ ދެކެ ވާ ލޯބި އެންމެނަށް ހާމަވެއްޖެއެވެ.

ބައިގަޑިއެއްހާއިރު ފަހުން އެންމެން ސައިބޮއި ނިމިގެން ގެއިން ދާންވެގެން ފެންޑާއަށް ނުކުމެއްޖެއެވެ. ލައިޝާ އިނީ ވަރަށް ދެރަވެ ހިތުގައި ޖެހިފައެވެ. މަންމަ ކަޔާންގެ އާއިލާގެ ކުރިމަތީގައި އޭނަ ނިކަމެތިކޮށްލާ ލަދުގަންނަވާލައިފިއެވެ. މަންމަ ކޮންމެފަދަ ގޮތަކަށް ކަންތައް ކުރިޔަސް އޭނަ ފަހަރެއްގައިވެސް މަންމަ ދެރަވާފަދަ ގޮތަކަށް ކަމެއްކޮށްފައެއް ނުވާނެއެވެ. ޝުކުރުވެރިވުމާއި، މާފުދިނުން އަދި މެހުމާންދާރީ އަދާކުރުންފަދަ ރީތި ސިފަ މަންމަގެ ގައިގާ ނެތީތީ ލައިޝާ ހިތާމަކުރިއެވެ. 

"ލައިޝް، ދެރަވެފައިތަ؟ " ލައިޝާ ސިންކަށް ތަށިތައް ލާން ފެށުމުން ކަޔާން ފަހަތުން ގޮސް ކުޑަކޮށް ބައްދާލައިފިއެވެ.
"ކެން، މަންމަމެން ހިތަށް އަރާނީ ކީކޭތަ؟ ވަރަށް ލަދުގަނެއްޖެ...." ލައިޝާ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ވަރުޖިނާ ކަރުކެހިލި އަޑުއިވުމުން ލައިޝާ އެނބުރި ބަލާލައިފިއެވެ. ކަޔާންވެސް ދުރަށް ޖެހިލިއެވެ. ވަރުޖިނާ އަށް އެހާ ކުޑަ މަންޒަރެއް ފެނުނީމަވެސް މޫނުގެ ކުލަ ބަދަލުވާން އުޅުނެވެ. ލައިޝާދެކެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އެކުއްޖާ އެހާ ރީއްޗެވެ. ލޯތްބެވެ. ކަޔާންގެ ހިތް އެކީ އަތުލައި މަންމައާއި ވަކިކޮށްލައިފިއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަހަރެންގެ ކަޔާންގެ ލޯބި އަހަންނަށްވުރެ ބޮޑަށް އެހެން މީހަކަށް ލިބޭތަން ދެކެން ނުހުންނާނަމެވެ.

"ލައިޝާ، ނެތްތަ ދުފާލާނެ އެއްޗެއް...." ވަރުޖިނާ އަހާލައިފިއެވެ.
"މަންމަ ރޫމްގައި ހުންނާނެ، އަޅުގަނޑު ގެންނާނަން...." ލައިޝާ ހުރީ މައިދައިތަ ރުއްސަން ބޭނުންވެފައެވެ. ޓިޝޫއަކުން އެތުނި އަތްތިލަ ހިއްކާލަމުން ދުއްވައިގަތީ މަންމަގެ ކޮޓަރިއާއި ދިމާލަށެވެ.
އެކޮޓަރީގެ ދޮރު ހުޅުވާލާއިރަށް އޭނަގެ މަންމަގެ ރުޅިވެރި ދެލޯ އަމާޒުވުމުން ލައިޝާ ސިހޭގޮތްވިއެވެ.
"މަންމާ...." ލައިޝާ އެއްޗެކޭ ބުނަން އުޅުނުއިރު ފަހަތުން އައިސް ވަރުޖިނާ އަރާ ހަމަވީއެވެ. 
"ޒުލްމާ ގޭގައި އެބައިނިންތަ؟ އަހަރެން ހީކުރީ ބޭރަށް ނުކުތްގޮތަށް ގެއަށް ނުވަންނަން ހުވާކޮށްގެން ހުރިކަމަށް، ދުފާލަންވެގެން މި ރޫމަށް މިއައީ، މިއީ ޒުލްމާ ކޮޓަރިތަ؟ ލައިޝް ދޭބަލަ އާންޓީމެން ތިބޭނީ އެކަނިވެފައެއްނު، ކޮންމެވެސް މީހަކު މެހުމާންދާރީ އަދާކުރަންވާނެ، އަހަރެން އެއްޗެކޭ ނުކިޔަސް އެމީހުން ގެ ހިތް ގޯސްވެދާނެ، އަހަރެމެން ދެކުދިން ދުފާލަނަމޭ......" ވަރުޖިނާ ލައިޝާ އެތަނުން ފޮނުވާލަން ބޭނުންވިއެވެ. އޭނަ ހުރީ ކޮންމެގޮތެއް ހަދާފައިވެސް މިގެއިން ދިޔުމުގެ ކުރިން ޒުލްމާއާއި ވާހަކަދައްކާށެވެ.

"ޒުލްމާ ކަޔާން އަކީ ކާކުކަން އެނގިހުރެތަ ލައިޝާއާއި ކައިވެނިކުރުވީ؟" ވަރުޖިނާ ދޮރު ލައްޕާލާފައި ނުރުހުމާއިއެކު ސުވާލުކުރިއެވެ.
"އަހަންނަށް އެކަން އެނގުނުނަމަ އަހަރެންގެ ދަރިއަކަށް ލާހިކެއްނޫން ތި އާއިލާގެ ހިޔަނި އެޅޭ ހިސާބަށް ކާރިވާކަށް، އަހަރެން މިއަދު ހިތާމަކުރަނީ ނޭގި މިހިސާބަށް ދެވުނީތީ...." ޒުލްމާ ހުރީ ބުމަ ކާރިކޮށްލައިގެންނެވެ. ވަރުޖިނާ ފެނުމުން ރުޅިގަދަވަގެން ގޮސް މީހާ ތުރުތުރުއަޅާގޮތްވިއެވެ.
"އަހަރެމެންނަށްވެސް ސިއްރުންނޭ ކަޔާން އެކުރިކަމެއް ކުރީ، ޒުލްމާއަށް އެނގެންވާނެއްނު ކަޔާންއަކީ ކާކުގެ ދަރިއެއްކަން، ތިމާގެ ފިރިހެން ދަރިއަކު ދުނިޔޭގައި ހުރިކަން އެނގޭއިރު ބަލާލަން ނުޖެހޭތަ؟ މުއްސަދި މީހެއްގެ ދަރިއަކާއި އިންނަން ހުއްދަދިންއިރު އެއެއް މިއެއް ބަލާލާކަށް ބޭނުމެއް ނުވޭތަ؟ ކަޔާންއަކީ ޒުލްމާ ވިހޭ ދަރިފުޅު......" ވަރުޖިނާ ވާހަކަ ދެއްކިއިރު ޒުލްމާ އިނީ އެނދުގެ މަގަތުގައި ކުޑަގޮތަކަށް އިށީދެލައިގެންނެވެ. 

"ދޮގުނަހަދާ، ހެޔޮނުވާނެ، އިތުރަށް އަހަރެން މޮޔަކުރަން ނޫޅޭ، ކޮބާ އަނެއް ދެދަރިން؟ ތިއީ ދަރިން ނުވިހާ މީހެކޭ ކިޔާފައި އޮޅުވާލައިގެން އަހަރެން ގެންގޮސް ދިރިއުޅުން ނަރަކަށް ހަދާލި މީހާ......." ޒުލްމާގެ ސިކުނޑި ހީވީ ފަޅައިގެން ދިޔަހެންނެވެ. އެކަން ގަބޫލުކުރާކަށް އޭނަ ބޭނުމެއްނުވިއެވެ.
"ޒުލްމާއަށް އަހަންނާއި ބެހޭގޮތުން އެނގެނީ ކޮންކަމެއްތަ؟ ޒިއާމްއަކީ އަހަރެން އެޑޮޕްޓްކުރި ކުއްޖެއް، ރާދުވެސް މަގޭ ދަރިއެއް ނޫން، ޒުލްމާ ސަރަގޭޓް މަންމައެއްގެ ގޮތުގައި ގެންގޮސްގެން އަހަރެން ކަޔާން ހޯދީ، އެކަން ގަބޫލުނުކުރުން އެއީ މަގޭ މައްސަލައެއް ނޫނޭ، ހަގީގަތް އަންގަން އަހަންނަށް މަޖުބޫރުވީ މަގޭ ކަޔާން ސިއްރުސިއްރުން ކައިވެނި ކުރީ އޭނަ ވިހޭ މަންމަގެ ދަރިއަކާއިކަން އެނގުނީމަ، އަހަރެން ކަޔާން ލަދުގަންނާނެވަރު އެނގޭތީ އެވާހަކަ ނުބުނީ، ޒުލްމާ ޖެހޭނީ ލައިޝާ ދުރަށް ގެންދަން، ކަޔާންއާއި ވަކިކުރުވަން، އަހަރެން މިހިރީ ކިތަންމެ ބޮޑު އަގެއްވެސް ދޭން ތައްޔާރަށް، ދާން ބޭނުންވާ ތަނެއް ބުނޭ، އޮސްޓްރޭލިއާއަށްތަ؟ ޔޫރަޕަށްތަ؟ ބޭނުން ގައުމެއް ބުނޭ، އަހަރެން މިހިރީ ކަލޭމެން ބުނި އަގެއްދޭން........" ވަރުޖިނާ ޒުލްމާއާއި ހަތަރުކަޅި ހަމަކުރާކަށް ބޭނުމެއް ނުވިއެވެ. ކޮންމެވެސް ވަރަކަށް ކުށްވެރިކަމުގެ އިހުސާސްވެސް ކުރެވެނީއެވެ. އޭނަ އަށް އެހާ ބޮޑު އިހުސާންތެރިކަމެއް ވެދިން އަންހެނަކާއި މެދު އޭނަ ކަންތައްކޮށްފައިވަނީ އިންސާނިއްޔަތާއި ޚިލާފުކޮށްކަމަށް މިއަދު ގަބޫލުކުރެވިއްޖެއެވެ.

"މަދޭ ދަރި ފޮރުވައިގެން އުޅުނީމައެއްނު އެހެން އެވީ، ތިއީ އަހަރެންގެ ދިރިއުޅުން ބަރުބާދުކުރި އަންހެނާ، އަހަރެންނާއި ދޭތެރޭ ކަންތައް ކުރި އަނިޔާވެރިގޮތްތައް ދުވަހަކު މިހިތުން ފިލައިގެން ނުދާނެ، ތި ހަގީގަތް ހާމަކުރުން އަދި މާ އަވަސް، ކަށްވަޅަށް ދާންދެން ސިއްރުކުރިނަމަ، ދެން ދޭ މިތަނުން، ހެޔޮނުވާނެ........" ޒުލްމާ ދަތްތަކަށް ބާރުލައިގެން ހުރިއިރު ހިތަށް ކެތްވަނީއެއް ނޫނެވެ. މި އަނިޔާވެރިޔާގެ ސަބަބުން މިޖެހުނީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ އޭނައަށް ނޭގި މިއޮތީ ދެކުދިން ލައްވާ ފާފަކުރުވާފައެވެ. އެކައިވެނި ސައްހަ ވާނެ އެއްވެސް ގޮތެއް ދެން ނެތެވެ. އެތައް ޒަމާނެއްކޮށްލާފައި އައިގޮތަށް އޭނަގެ ސިކުނޑި ގޮއްވާލުމުގައި މި ނުފޫޒުގަދަ އަންހެނާ ކާމިޔާބުކޮށްފިއެވެ.

"ލައިޝާއަށް ހަގީގަތް ކިޔާދޭނެކަމެއް ނެތް، އަހަރެންގެ ދަރިއަކު ޒުލްމާ ވިހާފައި އެކުއްޖާ މަރުވެއްޖެޔޭ ބުނޭ، ކޮންމެހެން ލައިޝާއަށް އެ ހަގީގަތް އެނިގެން ކުދިން ގިލްޓީ ކުރުވުމުގެ މާނައެއްނެތް، އަހަރެމެން ކުރިކަމެއް ކުށެއްނެތް ކުދިންގެ ބޮލުގައި އެޅުވުމުގެ އެއްވެސް ބޭނުމެއްނެތް، އެހެންވީމަ ލައިޝާ އަށް ވިސްނާދީ، އެހެން އެއްޗެކޭ ކިޔާފައި ލައިޝާއާއި ކަޔާން ދުރުކުރުވާ، ނޫނީ ވިސްނާލާފައި އަހަންނަށް ގުޅާ، އެހެން ގައުމަކަށް ދާން ބޭނުމިއްޔާ އަހަރެން މިހިރީ އެހީވާން........." ވަރުޖިނާ ރީތިވާ މޭޒުމަތީގައި ހުރި ތަބަކުން ހެދި ބިލެތްގަނޑެއްނަގާ އަނގަ މީރުކޮށްލައިފިއެވެ.

ޒުލްމާ ހަނދާނަށް އައީ އޭނައަށް ވަރުޖިނާ ކުރި އަނިޔާތަކެވެ. ޚާދިމާއަކަށްވެސް މީހަކު އެހާ އަނިޔާކުރާނެ ކަމެއް ނޭގެއެވެ. ވަރުޖިނާގެ ފިރިހެންކޮއްކޮ އާއި އޭނަގެ އެކުވެރިން ގެންގުޅޭ ނާސިއެއްފަދައިން އޭނަ އުޅެން ޖެހުނެވެ. ކޮންމެ ރެއަކު ދެތިން މީހުން އެކޮޓަރިއަށް ވަންނައިރު ވަރުޖިނާއަށް އެކަން ނޭގެންވީ ސަބަބެއްނެތެވެ. އެމީހުން ރާބޮއިގެން ތިބެ އޭނައާއި ދޭތެރޭގައި ކަންތައް ކުރާގޮތުން ރޭގަނޑު ހަތަރުދަމު އެސްފިޔަޖަހައި ނުލެވެއެވެ. ޚާއްސަކޮށް އެ ފިރިހެންމީހާ ލޯބިކުރާ ކަންތަކުގެ ވާހަކަ ރަގަޅީ ނުދެއްކިއްޔާއެވެ. ބައެއްރޭ އެ އަނިޔާތަކުގައި އޭނަ ހޭނެތިދެއެވެ. ކެތްނުކުރެވިގެން ވަރުޖިނާގެ ގާތުގައި އެވާހަކަ ދެއްކިދުވަހު ވަރުޖިނާ އޭނަގެ އަނގަމަތީގައި ޖެހީނުން އަނގަމަތި ފަޅާލިއެވެ.

"މަގޭ ކޮއްކޮއާއި ބެހޭގޮތުން ތިކަހަލަ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ؟ އޭނަ ބޭނުން ކޮންމެ އަންހެންކުއްޖަކު ލިބެން ހުއްޓާ ކަލޭގެ ކާރިއަށް ވަންނާނެތަ؟ ފެންޓަސީއެއްގައި ތިއުޅެނީ، ގޭގައި ގެންގުޅޭ ނޯކަރަކާއި އޭނަ ކާރިއެއްނުވާނެ، އައްޗި، ތިއީ ކާކުތަ؟ ހާދަ މައްޗަކަށް އަރަން ތިއުޅުނީ؟ އެއީ މިގޭ ޕްރިންސް، ބިލިއަނަރެއްގެ ހުރި އެންމެ ފިރިހެން ދަރި........" ވަރުޖިނާ ހިތްނުފުރިގެން ޒުލްމާގެ އިސްތަށިގަނޑުގައި ހިފާފައި ދަމައިގަނެފައި ހޫރާލައިފިއެވެ. އެގޭގައި ހޭދަކުރެވުނު ކޮންމެ ދުވަހެއް އެއީ ދުނިޔެމަތީގައި ނަރަކައިގާ އޭނަ ހޭދަކުރި ދުވަސްތަކެވެ. އެކިގޮތްގޮތުން ސަޒާތައް އޭނައަށް ލިބުނީ އޭނަ ކޮންފަދަ ނުބައިކަމެއް ކޮށްގެން ކަމެއްވެސް ނޭގުނެވެ. އަޒާބު ލިބެނީ އެކަނި އަލިފާނަކުން ނޫނެވެ. އަލިފާނުގައި އެއްފަހަރާ އަނދައިގެން ދިޔަސް ކޮންމެ ދުވަހަކު ހާސްމަރުން މަރުވާކަށް ނުޖެހޭނެއެވެ. އޭނަ ކޮންމެ ދުވަހަކު ހާސް މަރުން މަރުވިއެވެ. ދަރިފުޅު ވިހެއުމުގެ ކުރިން އޭނަ ކޮޓަރީގައި ބަންދުކޮށްގެން އުޅުނުއިރު އެގެއަށް އަންނަމީހަކު ފެނުމުގެ ފުރުސަތެއްވެސް ނުލިބެއެވެ. އެފަހުންވެސް އުޅެން ޖެހުނީ ބަދިގެ ފަރާތުގައި ކަމުން އޭނައަކަށް އެގެއަށް އަންނަ މީހުންނާއި ބައްދަލުކުރެވޭނެ ގޮތެއް ނުވިއެވެ. ނޯކަރުން އުޅޭބަޔަށް ވަރުޖިނާގެ ކޮއްކޮއާއި އެކުވެރިން އައިސް ހިތް އުފާކުރަމުންދާން ފެށުމުން އޭނަ ރަށަށް ދާންވެގެން ރޮއި އާދޭސްކުރިއެވެ. ވަރުޖިނާ އެންގީ ފޮނުވާލާނީ އޭނަ ބޭނުންވީމަ ކަމުގައެވެ.

"މިތަނުން ނުކުމޭ....." ޒުލްމާ ހަޅޭއްލަވައިގަތެވެ.
"އަޑުމަޑުކުރޭ، ޒުލްމާ، އަހަރެން ނޫޅެމޭ މިތަނުގައި ހުންނާކަށް، އަހަރެން ޒުލްމާގެ ގާތަކަށް ނާންނަމޭ ޒުލްމާގެ އެހީ ބޭނުންވެގެން....." ވަރުޖިނާ މަލާމާތްކުރިއެވެ.
"މުއްސަދިވިޔަސް ތިހާ ބޮޑާ އަންހެނެއް ނުދެކެން، ހެއްދެވިފަރާތުން ކުޑަ ކުޑަ ނިއުމަތެއް ދެއްވީމަ މާ ކިބުރުވެރިވީ، މޮޅުކަމެއް ލިބުނީމަ ނިކަމެތިންގެ ހިތަށް ކުރާނެ އަސަރު އިހުސާސެއް ނުކުރެވުނު، އިރާދަކުރެއްވިޔާ އަދި އެދުވަސް އަންނާނެ، މަގޭގާތަށް އާދޭސްކުރަންވެސް އަންނާނެ........" ޒުލްމާ ދޮރު ހުޅުވާލައިފިއެވެ.
"ހަމަ މިހާރު މިގެއިން ނުކުމޭ، ނޫނީ ފުލުހުންނަށް މި ގުޅަނީ، މިބުނަނީނު ނުކުންނާށޭ.........." ޒުލްމާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ފެންޑާގައި ތިބި މީހުންނަށްވެސް އިވޭނެކަން ޔަގީނެވެ. އޭނަ ގެ މޫނު ހީވަނީ ބަނަކަމުން އެހެންކަމެއް ހެންނެވެ. ތަންކޮޅެއް ދުރުގައި ކަޔާން އެ މަންޒަރު ދެކެން ހައިރާންވެފައި ހުއްޓެވެ. ލައިޝާވެސް ލަދުން މަރުވާވަރުވިއެވެ. ބިންފަޅައިގެން އަޑިއަށްދާނެ ނަމައޭ ހިތަށް އެރިއެވެ. ވަރުޖިނާ ރީތި ހިނިތުންވުމަކަށްފަހު މަޑުމައިތިރި ހިނގުމެއްގައި އައިއިރު ޒުލްމާ ބަންލާފައި ދޮރު ޖެހުމުން ފާރުތައް ގުޑައިގެން ދިޔައެވެ. 

"ލައިޝާގެ މަންމަ އަހަރެމެންނަށް ވެލްކަމް ކިޔާލި ފުރިހަމަކަމަށްޓަކައި ތޭންކްސް އޭ ބުނެލާތި ލައިޝާ، އަހަރެން ޓްރައިކޮށްފިން ހަމަނުޖެހުން ހައްލުކުރަން، އެކަމެއް ނުވި، ކަޔާން، މަންމަމެންނާއިއެކު މާލެއާއި ހަމަޔަށް ދެވިދާނެތަ؟ "ވަރުޖިނާ ގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރެއް ނުފެނުނެވެ. ހަގީގަތުގައި އޭނަ ޒުލްމާދެކެ ރުޅި އަންނާންވީ މާ ބޮޑު ސަބަބެއްނެތެވެ. އޭނައައީ މުހިއްމު ބޭނުމަކުއެވެ. އެ މަގުސަދު ހާސިލުވުމުގެ ކޮޅުމަތި ފެންނާން ފެށިކަމަށްޓަކައި އޭނަ ހުރީ އުފަލުންނެވެ. 

"އޮފްކޯސް މަންމާ......" ކަޔާން މަންމަގެ ކޮނޑުގައި އަތް ބާއްވާލަމުން ކާރިކޮށްލީ ހިމާޔަތްދޭފަދަ ގޮތަކަށެވެ. އެހެންނޫނަސް ޒުލްމާ އޭނަގެ މަންމަ މިގެއަށް ގެނެސް ހަދާލިގޮތުން ޒުލްމާދެކެ ކަޔާން ފޫހިވާ ގޮތްވިއެވެ. ކުރެވުނު ގަދަރު އޮޔާލައިގެން ހިނގައްޖެއެވެ. ވެދާނެއެވެ. ތަންކޮޅެއް ކުރިން ދެމީހުންގެ ދޭތެރޭގައި ކަމެއް ހިނގާފައި އޮތީއެވެ. މާޒީގައި ކޮންމެފަދަ ކަމެއް ހިނގާފައި އޮތަސް ޒުލްމާ އެގޮތަށް މަންމައާއި ދޭތެރޭގައި ކަންތައް ކޮށްގެން ނުވާނެއެވެ. ކަޔާން މަންމަމެންނާއި އެކީގައި ބޭރަށް ނުކުމެފައި ލައިޝާ ގޮވައިގެން އެތެރެއަށް ވަދެލިއެވެ.

"ބޭބީ ހާދަ އަޕްސެޓްވެފައި ތިހިރީ، ތިހާ ދެރަވެފައި ހުންނަތަން ފެނުނީމަ އަހަރެންގެ ހިތް ހަލާކުވާވަރުވޭ، އަހަރެން ބޭނުމީ އަބަދު އަހަރެންގެ އެންޖެލް ހިނިތުންވެލައިގެން ހުންނަތަން ދެކެން، އަހަންނަށް އެކަން ކޮށްދީފާނަންތަ؟ އެހެންނޫނަސް ޑިޕްރެސްވީމަ އަހަރެމެންގެ ދަރިފުޅަށް އަސަރުކުރާނެ، މަންމަމެން ފައިޓްކުރިޔަސް އަހަރެމެންގެ ގުޅުމަކަށް ބަދަލެއް ނާންނާނެ، އައި ޕްރޮމިސް..." ކަޔާން ލައިޝާގެ މޫނުގައި ބޮސްދިނެވެ.
"ކެން، ނޭގޭ އަހަރެން ބިރުގަންނަނީ، އަހަރެން މިއީ ފެންނަ ހުވަފެންތަކާއިމެދު އެހާ ބިރުގަންނަ މީހެއްނޫން، އެކަމަކު މިހާރު ހިތަށް އަރަނީ ރޭ ފެނުނު ހުވަފެން، ކެން އަހަރެން ދޫކޮށްލާފައި ދިޔައިމަ އަހަރެން ވަރަށް ގަދަޔަށް ރުއީ....." ލައިޝާ ކަޔާންގެ ރީތި މޫނަށް ބަލައިލަމުން ބުނެލިއެވެ. ކަޔާން ލައިޝާ ރުއްސާލަން އެތައް ވާހަކައެއް ދައްކާފައި މަންމަމެންނާއިއެކު މާލެއަށްދާން ވެގެން ބޭރަށް ނުކުތެވެ. 

ވަރުޖިނާއާއި ކޮއްކޮމެން މާލެގޮސް ކޮޓަރިއަށް ވަންގޮތަށް ވަރުޖިނާ ހޭންފެށިއެވެ. ރަންދާ ޒުލްމާ ބޭނުންކޮށްފައި ހުރި ސެންޓަށް ޖޯކުޖެހިއެވެ. ކަޓު ސެންޓުގެ ބޭނުންކުރާ މީހަކު ނާ ތަހުޛީބުވާނީ އެވަރަށް ކަމަށް ކިޔާފައި ހަޖޫޖެހިއެވެ. ވަރުޖިނާ ހިނިއައީ އޭނަ އާއި ޒުލްމާ އެކަނި ތިބެ ދެއްކި ވާހަކަތައް ހަނދާންވެފައެވެ. މިހުރިހާ އަހަރުވާންދެން އޭނަ ވަންހަނާކޮށްފައިވާ ސިއްރުތައް އެންމެފަހުން ކޮއްކޮމެންނަށް ކިޔައިދޭން އޭނަ ގަސްތުކުރިއެވެ. ހަޔެއްކަ މަސްވާންދެން އޭނަ ބޭރުގައުމެއްގައި ހުރިއިރު ކޮއްކޮމެންނާއި ބައްދަލުކުރާކަށް އޭނަ ނުދެއެވެ. އެދުވަސްކޮޅު ވަރުޖިނާ ފޮނުވާ ފޮޓޯއިން ބަނޑުބޮޑުކަން އެނގުނެވެ. އެއީ ނަގުލީ ފޮޓޯތަކެއް ކަމެއް ކޮއްކޮމެންނަކަށް ނޭގުނެވެ. ހަގީގަތް އެނގުނީ މަންމައަށް އެކަނިއެވެ. ވަރުޖިނާގެ ވާހަކަތަކުން ލިބުނު ހައިރާންކަމާއި ޝޮކެކެވެ. އެހާ ދުވަސްވާންދެން އެމީހުންނަށްވެސް އެކަން ސިއްރުވެފައި އޮތީ މަންމަމެންގެ މޮޅުކަމުންނެވެ. ވީއިރު ކަޔާން އާއި ލައިޝާ ވަކި ނުވެ ކުރާނެ ކަމެއް އޮންނާނެ ހެއްޔެވެ؟

"ލެޓްސް ސެލެބްރޭޓް، އެކަމަކު ކެންއަށް ތި ޚަބަރު ދިނީމަ ކެން ހާދަ ރުޅިގަދަވާނެއޭ..." ރަންދާ އެންމެނަށްވުރެ ބޮޑަށް އުފާކުރިއެވެ. ވަގުތުން ޕާޓީއެއްދޭން އޭނަ ބޭނުމެވެ. ކުޑަކުއްޖެއްހެން އޭނަ ހަޅޭއްލަވާ އުފާފާޅުކުރިއެވެ.
"ކެން މައިތިރިވެދާނެ، ހީވިލް ބީ އަޕްސެޓް، އެކަމަކު ކަޔާންއަށް ފަހުން ވިސްނިދާނެ، އަންހެންކޮއްކޮދެކެ ލޯބިވެގެން އުޅޭކަށް ދީނުގައި ހުއްދަނޫންކަން އެނގި ހިތަށް ވިސްނާދީފާނެ، އެހެންނޫނަސް އަފްރީންއަށް ދެރަގޮތެއް ހަދާލާފައި އެ އަންހެނާއަށް ކާމިޔާބުވިޔަދޭން ޖެހޭތަ؟ އޭމް އައި ބޭޑް؟ ނޯ، އަހަންނަކީ އަހަރެންގެ ދަރިންނަށް ރަގަޅު މަންމައެއް، އެކަން އަހަރެން ދުނިޔެއަށް އަންގާދޭނަން، ޖުއާންގެ ޕޭރެންޓުން ގުޅުވާލާފައި ނޫނީ ދެން ހަމަޖެހުމުގެ ނޭވާއެއް ނުލާނަން..." ވަރުޖިނާ އެންމެނަށް ޔަގީންކަން ދިނެވެ.

ވަރުޖިނާ ކުރަން އުޅޭ ކަންތައްތަކުގެ ހިލަމެއްނުވެ ހުރި ކަޔާން މާލެ އައިގޮތަށް އަނެއްކާ ދާން އުޅުނީ ލައިޝާގެ ގާތަށެވެ. ކައިވެނީގެ ސެޓްފިކެޓްވެސް ހިފައިގެންގޮސް ލައިޝާއާއި ހަވާލުކުރަން އޭނަ ނިންމިއެވެ. އެހެންނޫނަސް ޒުލްމާ ހުރީ އެކަން ޔަގީންނުކުރެވިފައެވެ. ދުނިޔޭގެ ކެހިވެރިކަމާއި މަކަރުވެރިކަމުގެ ކުޑަ މިންވަރެއް ތަޖުރިބާކުރެވިފައި ހުރި ކަޔާން ދެވަނަ ފަހަރަކު އެފަދަ މަޅިއެއްގައި ބެދިދާނެކަމަކަށް ހިޔެއް ނުކުރެއެވެ. ކަޔާން ހުރީ ވަރަށް ވިސްނައިގެންނެވެ. ކަޔާން ވިލިމާލެއަށް ފޯރިއިރު ރޭގަނޑު އަށެއްޖަހާ ބޮޑުވެއްޖެއެވެ.

"ކޮބަ ހުރިހާ ކުދިން، އިރުއޮއްސެން ވާ އިރަށް ނިދީތަ؟ " ކޮޓަރިއަށް ވަދެފައި ކަޔާން އަހާލައިފިއެވެ.
"ނޭގޭ، މަންމަ ވަރަށް ރުޅިގަދަވެފައި ހުރީ، އެހާވަރުން ހެދިކާ ތައްޔާރުކޮށްފައި މަންމަ ނުވެސްކައި، ބޭސްވެސް ނުކައި ކޮޓަރީގައި އިނީ، ކިވީ ނަމާދުކުރި ގޮތަށް ޓަޔަޑްއޭ ކިޔާފައި ނިދަން ވަދެއްޖެ، ނޭގޭ މަންމަމެން އެހާ ވަރަށް އެކަކު އަނެކަކާއި ޖައްސާލި ސަބަބެއް، ހިނގާ ކާން......" ލައިޝާ ކަޔާންގެ ގައިގާ ކުޑަކޮށް ބައްދާލަމުން މޫނުގައި ބޮސްދިނެވެ. އެ ނާޒުކް އަތުން މޫނުގައި ނޫނީ އަތުގައި ފިރުމައިނުލާ ދުރުގައި ހުރެވޭ އެންމެ ހިނދުކޮޅެއްވެސް ނުވާނީ ކަން ނޭގެއެވެ. ބައްދަލުވާ ކޮންމެ ފަހަރަކު ލޯބީގެ ވަގުތުކޮޅެއް ހޭދަކޮށްލުން އާދަވެފައިވެއެވެ. ކައިގެން ދެމަފިރިން ކޮޓަރިއަށް ވަންގޮތަށް އެތައް ދަމެއް ވާންދެން ލޯބީގެ ދުނިޔެއަކަށް ގެއްލިފައި ތިއްބެވެ. 

ފަތިސް ނަމާދުކޮށްލައިގެން ގެއަށް އައުމަށްފަހު ކަޔާންއާއި ލައިޝާ ކޮޓަރީގައި ކޮފީ ބޯންތިބެފައި ކަޔާން ކާކޮޓަރިއަށް އައީ ފެންފުޅިއެއް ނަގާށެވެ. އެކަނި ދިގު ސޯޓެއްގައި ހުރިއިރު އެ ކަސްރަތީ ހަށިގަނޑުގެ ރީތިކަން ހާމަޔަށްވިއެވެ. މިގަޑީގައި ޒުލްމާ ތެދުވެގެން ބަދިގޭގައި އުޅެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ހުއްޓަސް އޭނަގެ މައްސަލައެއް އޮތީއެއް ނޫނެވެ. ގޭގައި އެގޮތަށް އެކަނި ސޯޓުގައި އުޅެން ހޭނިފައިވާތީ އެ ޓޭން ހަށިގަނޑު މީހުންނަށް ފެނިދާނެތީ އޭނަ ލަދަކުން ނޫޅެއެވެ. މޫދަށާއި ސާފިންއަށް ގޮސްފައިވެސް އެމީހުން އެގޮތަށް އުޅެ އާދަވެފައިވެއެވެ.
"ކަޔާން، ކޮފީ ހަދަންތަ؟ " ޒުލްމާ ގެ ހިތް އޭރު ތެޅެމުން ދިޔައީ ބާރަކަށެވެ. މިއީ އޭނަގެ ދަރިފުޅުކަން ބަލައިލާނެ ފުރުސަތެއް މިހާއަވަހަށް ލިބިދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ހީކުރި ވަރަށްވުރެ އަވަހަށް އެކަން ޔަގީން ކުރުމަށް މިންވަރު ކުރެއްވީއެވެ.

"ކޮފީ ބޮއިގެން މިއައީ...." ކަޔާން ފްރިޖް ހުޅުވާލިއެވެ. ޒުލްމާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ކަޔާންގެ ކާރިއަށް ޖެހިލާފައި މޭމައްޗަށް ބަލައިލުމާއިއެކު އޭނަ ހާސްވެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއާއިއެކު ކަޔާންއަށް ފެނުނީ ޒުލްމާ އަރިއަޅާލި ތަނެވެ. އަނބުރައިގަތީކަން ނޭގެއެވެ. ކަޔާން ޒުލްމާ ތަޅުންމަތީގައި ޖެހިޔަނުދީ އެ ހަށިގަނޑުގައި ހިފަހައްޓާލީ ހުޝިޔާރުކަމާއި އެކުގައެވެ. ކަޔާން ޒުލްމާ އުފުލާލައިގެން ގެންގޮސް ސިޓިންރޫމްގެ ސޯފާގައި ބާއްވާފައި މޫނުގައި ފެންކޮޅެއް އުނގުޅާ ހަދާލާފައި ކީވާއަށްވެސް ގޮވިއެވެ. ޒުލްމާ ހޭއަރައިގެން ހަމަ ރޮނީއެވެ. ކީވާއާއި ލައިޝާ ކަންބޮޑުވެފައި މަންމަ ގާތުން އަހައަހާ ވެގެން އުޅޭ ގޮތެއް ނުބުންޏެވެ. އޭރު ކަޔާން ހުރީ ޓީޝާޓެއް ލައިގެންކަމުން ދެވަނަ ފަހަރަށް އެ ނިޝާން ފެންނާނެ ގޮތެއްނުވިއެވެ. ޒުލްމާގެ ހިތުގައި ރިއްސަނީއެވެ. ހީވީ ހިތް ހުއްޓިދާނެ ހެންނެވެ. ވަރުޖިނާ ބުނީ ހަމަ ތެދެކެވެ. ކަޔާންއަކީ އޭނަގެ ފިރިހެން ދަރިފުޅެވެ. މޭމަތީގައި އެކުޑަ އުފަންލައް ހުރީ ދިމާލަށް ފެންނާށެވެ. އެކަން އޭނަ ފާހަގަކޮށްފައި ވާ ކަން ދެނެވޮޑިގެންވަނީ އެކަނި ހެއްދެވި ފަރާތެވެ. ކަޅުކުލަ ގަދަ ބުމައާއި ދިގު އެސްފިޔަތައް އަދި ރީތި މޫނެއްގެ ވެރި ފިރިހެނުން މަދެއް ނުވާނެއެވެ. ނަމަވެސް މޫނުމަތީގެ އެހެރަ ސިފަތަކާއިއެކު އެ ލައް އެއީ އޭނަގެ ދަރިފުޅުކަން ސާބިތުކޮށްދީފިއެވެ. އެ ދަރިފުޅު ފެނުމަށް ފަހުގައި މިއަދު ލިބުނީ އުފަލެއްނޫނެވެ.

ކީވާ ކޮލެޖަށް ނައުމުން ވީގޮތެއް ބަލާލަން އައިދަން ގުޅާލުމުގެ ބަދަލުގައި ވިލިމާލެއަށް އައެވެ. ބީޗަށް އައިސްދިނުމަށް އޭނަ އެދުނީ އެތަނުގައި ހުރެގެން ގުޅާލާފައެވެ. އޭރު އިރުގެ ރަންދޯދި ތަކުން އެހިސާބަށް އެކީގައި އަލިކޮށްލާފައި ވެއެވެ. ވިއްސާރަ ވިލާތަކުގެ މައްޗަށް ކުރި ހޯދުމުގައި އިރު ކާމިޔާބުކޮށްފިއެވެ. ކަނޑުވެސް އޮމާން ދޫލައެއްފަދައިން ދުރުދުރަށްދާންދެން ފެތުރިފައިވެއެވެ. އައިދަން ކެތްތެރިކަމެއްނެތި އިންތިޒާރުގައި ހުއްޓާ ކީވާ އަންނަތަން ފެނުނެވެ. ކީވާ އޭނަގެ މަންމަގެ ހާލު ކިޔައިދިނެވެ.
"ކިވީ ތިބުނީ މަންމަ އިއްޔެ މެންދުރުން ފެށިގެން ހުރީ ނުކައި ކަމަށް، އެހެންވެ ލޭގައި ހަކުރު ދަށްވީ ކަމަށް ވާނީ، އިރާދަކުރެއްވިއްޔާ ބޮޑުކަމަކަށް ނުވެ ހިނގައިދާނެ، ކިވީ ދެކެލާ ހިތުން މިއައީ، ހީކުރީ ކިވީ ބަލިވީކަމަށް، އެހެންވެ އެއްޗެއް ހިފައިގެން މިއައީ......" އައިދަން ގަހުގެ ގޮފިގަނޑެއްގައި އަޅުވާލާފައި ވާ ކޮތަޅު ދައްކާލައިފިއެވެ.

"އައިދަން ހާދަ ރަގަޅޭ....." ކީވާ ލަދުގަންނަގޮތްވިއެވެ. 
"ކިވީ، އަހަރެންގެ ރަގަޅުކަން ގަބޫލުކުރާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނަތާ ކޮން ދުވަހެއްތަ؟ އަހަންނަށް އެކުވެރިކަން އެހެން ނަމަކަށް ބަދަލުކުރާނެ ފުރުސަތެއްދީބަލަ..." އައިދަންއަށް ކެތްނުވެގެން އެންމެފަހުން ހިތުގައިވާ ވާހަކަތައް ހާމަކުރަން ބޭނުންވިއެވެ. ކީވާ ހަނދާންވީ ވިޝާންމަތިންނެވެ.
"އައިދަން، އަހަރެން އަދިވެސް ވިޝާންއަކާއި ރުޅިއެއް ނުވަން، އަހަރެންވަނީ އޭނައާއި މެރީކުރަންކަމަށް ޕްރޮމިސްކޮށްފައި، އައިދަން، އަހަރެމެން ވާނީ އަބަދު އެކުވެރިންނަށް، އެކަން ބަދަލެއްނުވާނެ... ދުވަހަކުވެސް........." ކީވާ އިސްޖަހައިލިއެވެ.
"ކީއްވެތަ ކިވީ؟ ތެދަށް ބުނެބަލަ، ތިހިތުގައި އަހަރެންނާއި ދޭތެރޭގައި އެއްވެސް އިހުސާސެއް ނެތްތަ؟ އެއްވެސް ވަރަކަށް އަހަރެންނަށްޓަކައި ލޯބި ނުވަނީތަ؟ ނޫނީ މަޖުބޫރީއަކުން ބުނާ އެއްޗެއްތަ؟ އަހަރެން އެކަން އެނގެން ބޭނުން، ކިވީގެ ހިތުގައި އަހަރެންގެ މައްޗަށް އެއްވެސް ކަހަލަ ލޯތްބެއްވާނަމަ ބުނެދީބަލަ ޕްލީޒް......."އައިދަން އާދޭސްކުރާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. އެތައް ޒަމާނެއްފަހުން އައިދަން އޭނަދެކެ ލޯބިވާކަމަށް އެއްބަސްވީއެވެ. ކީވާއަށް އިސްއުފުލާލާފައި އައިދަންގެ އަޅިދެލޮލަށް ބަލައިލެވުމާއިއެކު ހިތް ފިދާވާވަރުވިއެވެ. ހިތުގެ ތެޅުމަށް ބާރު ނުފޯރަނީވެސް އެހެންވެއެވެ. އެލޮލަށް ބަލައިލުމުން އޭނައަށް ދުނިޔެމަތިން ހަނދާން ނައްތާލެވެއެވެ. މިއީ އޭނަގެ ހިތް އެދޭ ލޯތްބެވެ. ހިތުގެ ވެރިޔާއެވެ.

"އައިދަން.......އަހަރެން....." ކީވާ އެއްޗެކޭ ބުނަން އުޅުނުތަނާ އޭނައަށް ފެނުނީ ގަސްތަކުތެރެއިން ނުކުމެގެން އައި ވިޝާންއެވެ. ވިޝާންގެ މިސްރާބުހުރީ ސީދާ އެމީހުންނާއި ދިމާލަށެވެ. ކީވާ ކަންބޮޑުވެފައި އަވަހަށް އަނބުރާލާފައި ދާން އުޅެގަތުމުން އައިދަން ފަހަތުންގޮސް ކީވާގެ އަތުގައި ހިފާލިއެވެ. އެއާއިއެކު ބާރުގަދަ އަތަކުން އައިދަންގެ އަތް ކީވާއާއި ވަކިކުރުވާފައި އައިދަންގެ މޭގައި އަތްއަޅާ ކޮށްޕާލައިފިއެވެ. އައިދަން ފަހަތަށްގޮސް ލައްވީ ގަހެއްގައެވެ.
"ކީވާގެ ގައިގާ ތި މުޑުދާރު އަތުން ދެވަނަފަހަރު އަތްނުލާތި...." ވިޝާން އައިދަންއާއި ދިމާލަށް ބަލައިލީ އަލިފާންކަނި ބުރާދެލޮލުންނެވެ.

ކޮމެންޓް 0