"އަޅުގަނޑު މިއިނީ އަޑުއަހަން......" ލައިޝާ އިނީ ކަޔާން ބަލާވަރުން ލަދުންނެވެ.

"ކުޑަ ޑީލެއް ހަދަން މިޖެހެނީ، އަހަރެންގެ މަންމަ ބުނީ އަފްރީންއާއި އަހަރެންގެ އެންގޭޖްމެންޓް ކެންސަލް ކުރެވޭނެ އެންމެ ގޮތެކޭ އޮތީ، އެއީ ލައިޝާ އަހަރެމެންގެ ގޭގައި އެއް އަހަރު ވާންދެން ދިރިއުޅުން، ލައިޝާ ހިތަށް އަރާފާނެ އަހަރެން މިއީ ފިރިހެނަކަށްވެސް ނުވެޔޭ، ހާދަ ފިނޑިއޭ، އެކަމަކު އަހަރެން މަންމަ ބުނާގޮތަށް ހަދަން ނިންމި ސަބަބަކީ އޭރުން އޮފިޝަލީ އެންމެންގެ ރުހުމާއިއެކު އަހަރެމެންނަށް އެކީގައި އުޅެވޭނެ ދޯ، އަހަރެން ބޭނުމެއްނޫން މަންމަ ދެރަވާފަދަ ކަމެއް ކުރާކަށް. އަހަންނަށް ފެންނަ ހިސާބުގައި ލައިޝާ އަބަދު ހުރީމަ އަހަރެންވެސް ކިހާ ހިތްހަމަޖެހޭނެ......." ކަޔާން ހަގީގަތުގައި މަންމަގެ އެ ޝަރުތާއި އެއްބަސްވީ އެއީ އޭނަވެސް ބޭނުންވާގޮތް ކަމަށް ވާތީއެވެ. އޮފީހުގަޔާއި ގޭގައިވެސް ލައިޝާ ހުންނާނީ އޭނައަށް ފެންނަ ހިސާބުގައެވެ. އެހެންނޫނަސް އޭނަ މަންމަ ދެއްކި ހުރިހާ ވާހަކަތަކެއް ލައިޝާ ގާތަކު ނުކިޔައެވެ. މަންމަ ބުނިގޮތުން އަހަރު ދުވަސް ތެރޭގައި ލައިޝާއަކީ އަފްރީންއަށް ވުރެ ރަގަޅުކުއްޖެއް ކަމުގެ ހެކި ދައްކަން ޖެހޭނެއެވެ. ލައިޝާ އުޅެނީ އިއްޒަތާއި މުއްސަދިކަމާއި ހެދި ނޫންކަމާއި ކަޔާންދެކެ ލޯބިވާވަރު ޔަގީންކޮށްދޭން ޖެހޭނެއެވެ. ލައިޝާ ޅީދަރިއަކަށް ވުމުގެ ކުރިން އޭނަ ދަސްކުރަން ބޭނުންވާކަމަށް މަންމަ ތަކުރާރުކުރިއެވެ.

މަންމަގެ ޝަރުތު އިވުމުން ކަޔާން ހަމަ ޙައިރާންވިއެވެ. އޭނަ މިހިރީ ލައިޝާ ދަސްކޮށްފައެވެ. އޭނަދެކެ ލައިޝާ ލޯބިވާވަރު އެހެން ބަޔަކަށް ޔަގީންކޮށް ދިނުމުގެ މާނައެއް ނެތެވެ. ލައިޝާ އޭނަދެކެ ލޯބިވާން ފެށިއިރު އޭނައަކީ ކިހާ ފެންވަރެއްގެ ޒުވާނެއްކަން ލައިޝާއަކަށް އެނގިފައެއް ނުވާނެއެވެ. އެވަރުންވެސް އެކުއްޖާގެ ކޮންމެ އަމަލަކުން ކަޔާންއަށް ފެނުނީ ލޯބީގެ އިންތިހާއެވެ. ކޮންމެގޮތެއްވިޔަސް އަދި އޭނަ ކައިވެންޏެއް ކުރަން ގަސްތު ނުކުރާތީ އާއިއެކު މަންމަގެ އެނިންމުމަށް ތާއީދު ކުރެވުނީ ލައިޝާ އަބަދާއަބަދު ގާތުގައި ހުންނަން ހުޅުވުނު މަގަކަށް ވާތީއެވެ. 

ލައިޝާއިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ކަޔާން އެބުނި އެއްޗެއް ސިކުނޑިއަށް ނަގައިގަނެވުމުން މޫނުގެ ދެފަރާތުގައި ހިފަހައްޓައިލެވުނީ ލިބުނު ހައިރާންކަމުގައެވެ.

"އެގޭގައި އެއް އަހަރު ވާންދެން ހުންނާށޭ؟ " ލައިޝާ ލޯ ކުޑަކޮށްލިއެވެ.
"ކިހިނެއްވީ؟ ބޭނުމެއް ނުވޭތަ؟ މަންމަމެންގެ ހުއްދަ ލިބިގެން އެއް ގެއެއްގައި އުޅުމަކީ އަހަރެމެންނަށް ލިބުނު ރަނުގެ ފުރުސަތެއް ނޫންތަ؟ އަހަރެންގެ ފެމިލީ މީހުން ލައިޝާއަކަށް ނުބަޔެއް ނުވާނެ، ތިހާ ރަގަޅު ކުއްޖެއްދެކެ ހޭޓް ކުރާނީ ކާކުތަ؟ އަހަންނަށްޓަކައި މިކަން ކޮށްދީ، އޭރުން އަހަރެން މި ކަންތަކުން ސަލާމަތްވާނީ، ލައިކް އައި ސެޑް މި އެންގޭޖްމެންޓް ރޫޅާލުމަކީ އަހަންނަށް އުދަގޫކަމެއް ނޫން، އަހަރެން ބޭނުން ކޮންމެކަމެއް ކޮށްލަފާނަން، ނަމަވެސް އަހަރެން ވަރަށް ލޯބިވޭ އަހަރެންގެ ޕޭރެންޓުންދެކެ، އެހެންވެ މަންމަ އެގޮތަށް ޝަރުތެއް ކުރިމަތިކުރީމަ ހިތަށް އެރީ ސަޅި ޑީލްއެކޭ، ލައިޝާ އަހަރެއް ވާންދެން އަހަރެމެން ގެ ގޭގައި ހުރީމަ އަހަންނާއި އަފްރީންގެ ވެޑިން ކެންސަލްވީ، ލައިޝާ ޖެހެނީ އެކަނި މަންމަގެ ހިތް އަތުލާން..އައިމް ޑެޑް ޝުއަރ ލައިޝާ އަށް އެކަން ވާނެކަން، ނުވާނެތަ؟ " ކަޔާން ލައިޝާގެ އާފަލެއްފަދަ މޫނަށް ބަލަން އިންއިރު މިފަދަ އުފާވެރި މަޖާ ކުއްޖަކަށް އެއީ އެއްވެސް ކަމަކަށް ނުވާނެކަމުގައި ޔަގީންކުރިއެވެ.

"ގޮސްދާނަން، އެގޭ އެއް މަސްތަ؟ ނޫނީ އެއް އަހަރުތަ؟" ލައިޝާ އަތުގެ ނިޔަފަތިތައް ހަފަންފެށިއެވެ.
"އެއް އަހަރު...." ކަޔާން ހިނި އައެވެ. ހާސްވީމަ ލައިޝާ އުޅޭގޮތް ލޯބިކަމުން ކަޔާންގެ ހިތަށް ނޭގޭފަދަ އަސަރުތަކެއް ކުރުވިއެވެ. އަތްނުލައި އެކަނި ބަލަހައްޓައިގެން ފުއްދައިލެވެނީ ހާދަ މަސައްކަތުންނެވެ.

"މެރީނުކޮށްތަ؟ އެހެން ހެދީމަ މީހުން އެއްޗެހި ކިޔާނެ......" ލައިޝާ ކަންބޮޑުވިއެވެ.
"މީހުން ބޭނުންގޮތަކަށް ވިސްނަން ދޫކޮށްލާ ލައިޝާ، އަހަރެމެންނަށް މީހުން ވިސްނާގޮތް ޗޭންޖެއް ނުކުރެވޭނެ، އެކަމަކު މިއީ އަހަރެމެންގެ ލައިފް، އެހެން މީހުން ބެހެންވީ ކަމެއް ނޫން، އަހަރެމެންވެސް އެހެންމީހުން ދިރިއުޅޭ ގޮތަކާއިމެދު ފާޑެއްނުކިޔަން، އަހަރެމެން މިއުޅެނީ ގޯސްކަމެއް ކުރާކަށް ނޫނޭ، އެއް ގެއެއްގައި އުޅުނަސް ލައިޝާ އުޅޭނީ މަންމަ ދައްކާ ކޮޓަރިއެއްގައޭ، ފަހަރެއްގައި ގެސްޓް ރޫމްގައިކަން ނޭގޭ، އޮފްކޯސް އަހަރެމެންނަށް މީޓްކުރަން ފަސޭހަވާނެ، އެކީގައި އުޅޭނެ ވަގުތު ގިނަވެދާނެ، އެނީވޭސް އަހަރެންގެ އެޕާޓްމެންޓަށް އެހާ ގިނައިން އައިއިރު ނުވިކަމެއް ފަހުން ވާނެތަ؟ އޭރު އަހަންނަށްވެސް މާ ފަސޭހަވާނެ، މާ މިނިވަންކަން އޮތް، އަހަންނަށް ލައިޝާ ޓްރަސްޓް ނުކުރަނީތަ؟ " ކަޔާން ގެ ދެލޮލުގައިވާ ކުލަވަރު ދެނަގަތުން ލައިޝާއަށް ފަސޭހައެއް ނުވިއެވެ.

"ނޫނޭ، ކަޔާން ހާ ޓްރަސްޓް ކުރެވޭނެ އެހެން މީހެއް މިދުނިޔެއަކު ނެތޭ، އެގޭގައި އުޅެން ވަރަށް ބޭނުން، އެކަމަކު އަދި މަންމަ ގެ ވިސްނުން ހުންނާނެ ގޮތެއް ނޭގޭ، މަންމަ ވަރަށް ހޭޓްކުރާނެ ރިޗް މީހުންދެކެ، މަންމައަށް އެނގުމުން ވާނެގޮތަކާއި ދޭތެރޭ އަހަރެން ވަރަށް ބިރުގަނޭ....." ލައިޝާ މޭޒުމަތީގައި އޮތް ފޯނާއި ކުޅެންފެށިއެވެ.
"ރިޗް މީހުންދެކެ ލައިޝާގެ މަންމަ ހޭޓްކުރާންވީ ކީއްވެތަ؟ އަހަންނަކަށް ނުވިސްނުނު، އަހަރެމެންވެސް މިއީ އިންސާނުންނޭ ލައިޝާ..." ކަޔާން ބުމައަރުވާލިއެވެ.

"އެކަން އެނގެޔޭ، އެކަމަކު މަންމައަށް ބޭޑް އެކްސްޕީރިއެންސެއް ކުރިން ކުރެވިފައި ހުރީމަ...." ލައިޝާ ތަފުސީލަށް ދާކަށް ނޫޅުނެވެ. އެހެންނޫނަސް މަންމަގެ ސިއްރުތައް ހާމަކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
"އެކަކު ނުލަފާވިޔަސް އެންމެން އެއްގޮތެއްނުވާނެ، މުއްސަދިންވެސް މިހިސާބަށް އަންނަނީ ހަމަހުރެފައި ލިބޭ އެއްޗަކުން ނޫނެއްނު ލައިޝާ، ކާބަފައިންގެ ބުރަ މަސައްކަތުން އަހަރެމެންގެ ފެމިލީއަށް މި ތަނަވަސްކަން ލިބުނީ، އެހެންވީމަ އަދި ހޭޓްކުރުމުގެ ކުރިން އަހަރެމެން ދަސްކުރާށޭ މަންމަ ގާތުގައި ބުނާތި. އެކަކު ކުރާކަމަކުން އެންމެނަށް އަދަބު ދީގެން ނުވާނެ. ލައިޝާ އައިދަން ކޮބާތަ؟ އަދިވެސް އޭނައާއި އަނގައިން ނުބުނެ ނުހުރެވޭދޯ....." ކަޔާން ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ލޯ ކުޑަކޮށްލި އެވެ. ލައިޝާ އަށް ދޮގުހަދާކަށް ނުކެރުނެވެ. އޭނަ ކަޔާން ގެ ގާތުގައި އައިދަންގެ ވާހަކަތައް ހިއްސާކޮށްފައި މާފަށް އެދުނެވެ. އެއްގެއެއްގައި އުޅޭއިރު ހާލަތު ނިޔާކުރާގޮތުން ބައެއްފަހަރު އައިދަންއާއި ވާހަކަދައްކަން މަޖުބޫރުވާކަމަށާއި އެކަމުގެ ހުއްދައަށް އެދުނެވެ. ކަޔާން އިނީ ނުރުހުންވެފައެވެ. އޭނަ ކެތްކުރީ އަމިއްލަ ގެއަށް ލައިޝާ ގެންދެވެންދެނެވެ. އޭރުން އައިދަންއާއި ވާހަކަ ދައްކަންވެގެން ލައިޝާ ދައްކާނެ ބަހަނާއެއް އޮވެގެން ނުވާނެއެވެ. 

"ލައިޝާ، ކޮބާތަ މެންގެސްޓީން؟ ކެން އައި ހޭވް ސަމް...." ކަޔާން އެހެން ބުނުމާއިއެކު ލައިޝާ ކުޑަކުއްޖެއްހެން ގޮނޑިން ފުންމާލާފައި ދިޔަގޮތަށް އިރުކޮޅެއްނުވަނީސް އައީ މެންގެސްޓީން އަޅާފައި ހުރި ކުޑަ ބޯތަށްޓެއް ހިފައިގެންނެވެ.

ދެ ޒުވާނުން މެންގެސްޓީން ކާން ތިބިއިރު ލައިޝާ އޭނަގެ މަންމަމެން އިންޑިއާއަށް ފުރަން އުޅޭ ވާހަކަ ކަޔާންގެ ގާތުގައި ބުނެލިއެވެ. އޭނައަށް ކެންޒިއާއަށް ދެވޭނީ މަންމަމެން އެނބުރި މާލެ އައުމުން ކަމަށް ލައިޝާ ބުނީ ވިސްނާލާފައެވެ. މިހާރު އެ ވާހަކަ ފަށައިފިއްޔާ މަންމަ އޭނަ ގޮވައިގެން އިންޑިއާއަށް ދާން ނިންމަފާނެތީ ލައިޝާ ބިރުގަނެއެވެ. ކަޔާންއަށް ނޭގުނަސް ލައިޝާ އޭނަގެ މަންމަގެ މިޒާޖު ދަނެއެވެ. މަންމަ ކުދިކަންތަކާއި އިންތިހާއަށް ރުޅިގަދަވާނެއެވެ. ކަންތަކާއި ވިސްނުމެއްނެތި ފިޔަވަޅު އެޅުމަކީ މަންމަގެ އާދައެކެވެ. ހިތި މާޒީގެ ސަބަބުން މަންމަގެ މިޒާޖާއި ވިސްނުމަށް އަސަރުކޮށްފައިވަނީއެވެ. އަދި މުއްސަދިންދެކެ މަންމަ ނަފްރަތުކުރުން ހުއްޓުވުމަކީ ވެވޭނެކަމެއްނޫންކަން ލައިޝާ ދަނެއެވެ.

ޒުލްމާއާއި ކީވާ އިންޑިއާއަށް ފުރުމުން ސަލްމާ ލައިޝާގެ ކޮޓަރިއަށް ބަދަލުވިއެވެ. އެއާއިއެކު ލައިޝާގެ މިނިވަންކަން އެކީގައި ގެއްލުނެވެ. ކޮޓަރީގައި އުޅޭއިރު ސޯޓެއް ލައިގެން އުޅުނަސް ސަލްމާ އެކަމާއި ހިތްހަމަނުޖެހިގެން ބަސްބުނާތީ ލައިޝާ ފޫހިވިއެވެ. ލައިޝާ ކުރާ އެއްވެސް ކަމެއް ޒުލްމާއަށް ކަމުދާކަމަކަށް ނުވިއެވެ. ކައިގެން މޭޒުމަތި ފޮހޭއިރުވެސް އެކަން ކުރަންވަނީ ވަކި އުސޫލަކުންނެވެ. ނަމާދު ކުރަން ޖެހެނީ ސަލްމާއަށް ފެންނަ ހިސާބުގައެވެ. ލައިޝާ ސަޖިދައަށް ދާގޮތްވެސް ރަގަޅުނޫން ކަމަށް ބުނާނެއެވެ. ކޮންމެ ކަމަކަށް ފާޑުކިޔައެވެ. ލައިޝާ ހުންނަނީ މަންމަމެން ނައިސްގެން ދުވަސްތައް ގުނާލަ ގުނާލައެވެ. އޭނަގެ މޫޑު ކިރިޔާވެސް ރަގަޅުވަނީ އެކަނި އޮފީހުގައި އުޅޭ ގަޑީގައެވެ. ގެއަށް ވަނުމަށްފަހު ސަލްމާ އިންނަނީ ލައިޝާގެ ކޮންމެ ހަރަކާތަކަށް ފާރަލައިގެންނެވެ. ހީވަނީ ހަށިފާރަވެރިޔާ ހެންނެވެ. 

"މައިގޯޑް، ދުވަސްކޮޅެއް ވާއިރަށް އަހަރެން ގުރައިދޫއަށް ގެންދާން ޖެހިދާނެ، މަންމަ ކިޔާނެ ސަލްމާދައްތަގެ ޅީދަރިއަކަށް ވާށޭ، އަހަރެން ބޯ ގޮވާނެ، ސަލްމާދައްތަ ވަރުގެ މައިދައިތައެއް ލިބޭނެ މީހަކަށް މަގޭ ހަމްދަރުދީ މިހާރުއްސުރެ ފޮނުވައިފިން، ކާކަށް ޓޮލެރޭޓްވާނީ، ޔަގީނުންވެސް އަހަންނަކަށް ކެތެއް ނުވާނެ....." ލައިޝާ ހިތާހިތުން ކުދި ކިޔާލާއިރުވެސް ދުވަހަކު ސަލްމާއާއި ދިމާލަށް އެއްޗެކޭ ނުބުނެ ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރިއެވެ. ބައެއްފަހަރު ކެތްނުކުރެވޭނެހެން ހީވުމުން އަވަސް އަވަހަށް ފާޚާނާއަށްވަދެ ވުޟޫކޮށްލައެވެ. އޭނަ އަބަދުހެން ހުންނަނީ ހެވިލާފައެވެ. އަބަދު ތުންފަތްމަތީގައި ހުންނަނީ ހިނިތުންވުމެކެވެ. ހީވަނީ އެއީވެސް ލައިޝާގެ ރީތިކަމުގެ ބަޔެއް ހެންނެވެ. 

ކަޔާންގެ ގާލްފްރެންޑްގެ ނަމުގައި ހުއްޓަސް ލައިޝާއަށް މެސެޖްކުރަނީ އެހެން ޒުވާނެކެވެ. ކަޔާންގެ އެފަދަ އާދައެއް ނުހުރެއެވެ. އެމީހަކުގެ ހަދިޔާތައް މަލުން ފެށިގެން ސެންޓުފަދަ އަގުބޮޑު އެއްޗެއްސާއި ހަމަޔަށް ދާންފެށުމުން ލައިޝާ ކަންތައް ބޮޑުވިއެވެ. އެއްޗެހި އަނބުރާ ފޮނުވާލަންވީ ތަނެއް އެނގޭނެނަމަ އޭނަ އެކަންތައް ކުރީހެވެ. މަޝްހޫރު ބްރޭންޑުތަކުގެ ނަންތައް ފެނުމުން ހިތް ބޭނުންވެއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއްގައި އަތްލުމެއްނެތި އޭނަ ހުންނަނީ ފޮރުވާފައެވެ.

"ތިއީ ކޮންމެ މީހަކަށްވިޔަސް ހެވޭ، އަހަރެން އެންމެ ފަހު ފަހަރަށް މިބުނަނީ ތިކުރަނީ ބޭކާރު މަސައްކަތެކޭ، އަގުބޮޑު އެއްޗެއްސަކުން އަހަރެންގެ ހިތް އަތުނުލެވޭނެ، އަހަރެން އެއިން އެއްޗެއްގެ ބޭނުމެއް ނުކުރަން، ތިއީ ކާކުކަން އެނގޭ ދުވަހަކުން އަހަރެން ހުރިހާ އެއްޗެއް ހަވާލުކުރާނަން، އަހަރެން މިއީ އެކްސްޕެންސިވް ޕާފިއުމްތަކާއި ގަހަނާތައް އަޅާ މީހެއްނޫން، ސްޓޭ އެވޭ ފްރޮމް މައި ލައިފް" ލައިޝާ މެސެޖްކުރީ ބޮލަށް އުދަގޫވިވަރުންނެވެ.

"އަދިވެސް ތިއުޅެނީ ކަޔާން ކިޔާ ޑެވިލްގެ ޖާދޫގައި ޖެހިގެންކަން އަހަންނަށް އެނގޭ، އޭނަ ނީންނާނެ ލައިޝާ އަކާ، އަހަރެން ބުނީތީ ގަބޫލުކުރޭ، ހީޒް ގޭއި" އެ ޖުމްލައިން ލައިޝާގެ ހިތްތެޅިލިއެވެ. ބިރުވެރިކަމުގެ ރާޅު ބާންޏެއް ހިތު ތެރޭގައި ޖަހައިލިއެވެ. މި ނުދަންނަ މީހާ އޭނަގެ ހިތް ކަޔާންއާއި ދޭތެރޭގައި ގޯސްކުރަން ހާދަ ވަރެއް އެބަހުއްޓެވެ. އެމީހަކު ދައްކާ އެއްވެސް ވާހަކައެއް އޭނަ ގަބޫލެއް ނުކުރާނެއެވެ. 

ލައިޝާ އިތުރަށް މެސެޖެއް ނުކޮށް ހުއްޓާލިއެވެ. ޢަޖައިބުވަނީ ނަމްބަރު ބަދަލުކޮށްލީމަވެސް އެމީހަކަށް ލައިޝާގެ ނަމްބަރު އެނގޭތީއެވެ. އެ މީހަކު ލައިޝާއަށް ދުވާލަކު ސަތޭކަ ވަރަކަށް މެސެޖް ނުފޮނުވާ ދުވަހެއް ނާދެއެވެ. ކަޔާންގެ ގާތުގައި ބުނަންވީހެއްޔެވެ؟ ސިއްރުކޮށްގެން ހުއްޓާ އެނގޭ ދުވަހަކުން ކަޔާން އޭނައާއި ގުޅުން ކަނޑާލަން ފަހެއް ނުޖެހޭނެއެވެ.

"ލައިޝް މިވާހަކަތައް ކަޔާން އަށް އެނގޭދުވަހަކީ ކަޔާންގެ ހަޔާތުގައި ނިމުމުގެ ސިއްކަ ޖެހޭނެ ދުވަސް" ހީވީ އެ ޒުވާނަކަށް ލައިޝާގެ ސިކުނޑީގައި ހިނގާހާ އެއްޗެއް އެނގޭހެންނެވެ. ލައިޝާ ބިރުގަތެވެ. އެއީ އިންސާނެއް ނޫންހެއްޔެވެ؟ އޭނައާއި އަޅައިގެން މިއުޅެނީ ދީވާނާއެކެވެ. އެމީހަކު އެނގޭނެނަމައެވެ. 
"ސައިކޯ ޕާތް....." ލައިޝާއަށް ކިޔާލެވުނެވެ.

ލައިޝާގެ މަންމަ ރަށުން ބޭރަށް ފުރިކަން އެނގުމާއިއެކު ވަރުޖިނާ ކަޔާންގެ ގާތުގައި އެދުނީ ލައިޝާ އެގެއަށް ގެނައުމަށެވެ. ލައިޝާގެ މަންމަ މާލެއައުމުން އެކަން އެނގިގެން މައްސަލަ ޖެއްސިޔަސް އޭރުން ކުރާނެކަމެއް ނޯންނާނެއެވެ. ކަޔާން ލައިޝާގެ ގާތުގައި އެހެން ބުނެލާއިރަށް ލައިޝާ އުފަލުން އެއްބަސްވިއެވެ. ސަލްމާ ކާރިން ސަލާމަތްވާނެ ފުރުސަތެއް ލިބުމުން އިތުރު އެހެންކަމެއް ވިސްނާކަށް ލައިޝާ ބޭނުމެއް ނުވިއެވެ. މިދެވެނީ ކިހާވަރެއްގެ ތަނަކަށް ކަމެއް އޭނައަކަށް ރޭކާނުލިއެވެ. ސަލްމާ ފެންވަރަން ހުއްޓާ ލައިޝާ ބޭނުންވާ ސާމާނު ދަބަހަށް ލާފައި ތައްޔާރު ކޮށްލައިފިއެވެ. ފަހެއް ޖަހާއިރަށް އޭނަ ބަލާ އަންނާނެ ވާހަކަ ކަޔާންވަނީ ބުނެފައެވެ. 

މޫސުމް އަދިވެސް އޮތީ ނިކަން ގޯސްކޮށެވެ. ހަތަރެއް ޖަހަންވާއިރަށް އިރުގެ އަލިކަމުން ދުނިޔެ މަހުރޫމްކޮށްލާފައި އަނދިރިކަމުގެ ސާލު އޮޅާލައިފިއެވެ. ކެންޒިއާގެ މެދުގޯތީގައި ޖަހާފައިވާ މާބްލްމަތީގައި ދެމެމުންދާ ފެންގަނޑުގައި އަދިވެސް ވާރޭގެ ކުދި ތިކިތައް ބާނިތައް ލައްވާތަން ފެނެއެވެ. ކަޔާން ރަތްކުލައިގެ އާފަލެއް ކަމުން ކަންނެތް ހިނގުމެއްގައި އައިސް ފެންޑާގައި ހުރި ބެންޗެއްގައި އިށީންއިރު އާދައިގެ މަތިން އެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ. ސިއްރުތައް ފޮރުވިފައިވާ ލޮލުގެ ރީތިކަން މިގަޑީގައި ވަކިން ފާޅުކޮށް ފެނެއެވެ. ކަޅާއި ފެހިކުލަ އެކުލެވޭ ޓީޝާޓު އަތަށް ހިފާފައިވާ ގޮތުން މުލައްދަނޑީގެ ރީތިކަން ވަނީ ހާމަޔަށެވެ. އެހެން އިންއިރު ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި އިންހެން ހީވެއެވެ. ގެއަށް ދާން ނިކުތް އަފްރީންއަށް ކަޔާން ފެނުމުން ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ.

"ކެން، ހީފިލުވާދީބަލަ، މިއުޅެނީ ފިނިވާތީ...." އަފްރީން ކިތަންމެ ސަމާސާ މޫޑެއްގައި ހުއްޓަސް ހިތުގައި ރުޅިވެރިކަން އުފެދިފައިވެއެވެ. ކަޔާން ހާދަ ނުލަފައެވެ. އޭނަ މިހާވަރުން އުޅުނުއިރު އޭނަ ދޫކޮށްލާފައި ލައިޝާގެ ގާތަށް ދިޔައީ ލައިޝާގެ ކޮންކަމެއް ހުރެގެން ހެއްޔެވެ؟ އެ ކުޑަ ސޫފީގެ ވިހަގަދަ ކަށިތައް އޭނަގެ ހަޔާތަށް ހަރާލަން އުޅޭއިރު އެހެން މީހުން ބަލަން ތިބެނީހެއްޔެވެ؟ އޭނަ ފުރާނަހުރެގެން ލައިޝާއަކަށް ކަޔާން ނުލިބޭނެއެވެ. 

"ތި ދާގޮތަށް ގޮސް އަވަނަކަށް އެރެންވީނު...." ކަޔާން އަނގައިން ނުބުނާނެހެން ހީވި ވަގުތު ކޮޅަކަށްފަހު ހަނި ނަޒަރަކުން ބަލައިލުމުން އަފްރީންގެ ހިތް ފިދާވާވަރުވިއެވެ.
"ރުޅިއަންނަކަމަށް ޕްރިޓެންޑްކޮށްފައި އަދި ފާޑުފާޑަށް ބަލަން އެނގޭދޯ. ތި ބަލައިލާގޮތުން ހިތުގައި އަލިފާން ރޯވެއްޖެ، ދެން ފަޔަރަށް ގުޅާށޭ ނުބުނާތި، އައި ނީޑް ޔޫ އޮންލީ، އަލިފާން ނިވާލެވޭނީ އަދި ހީފިލުވާލަދެވޭނީ އެކަނި ކަޔާންއަށޭ، އެކަމެއް ނޭނގޭތަ؟ " އަފްރީން އެގޮތަށް ވާހަކަދައްކަން ފެށުމުން ކަޔާން ރުޅިގަދަވެ މޫނުމަތިން އެކަން އެނގުނެވެ. ފާޑަކަށް ކަޅި އަޅާލުމުން އަފްރީންގެ މޭގަނޑު ގުޑައިގެން ދިޔައެވެ. އެލޮލުގައިވަނީ އެކަނި ނަފްރަތެވެ. ލޯބީގެ ޒައްރެއްގެ މިންވަރުވެސް އޭނައަށްޓަކައި ނުވާކަން އެނގުމުން ހިތަށް ލިބުނު ހިތްދަތިކަމުގައިވެސް އަފްރީން ދެރަވީކަން އަންގާކަށް ބޭނުމެއްނުވިއެވެ. މިހުރިހާ ދުވަހު ކަޔާންގެ ނަފްރަތުގެ ސަބަބުން އޭނައަށް އަސަރުނުކުރިކަމުގައި ވިޔަސް މިހާރު ތަފާތެވެ. ނިކަމެތި އަންހެންކުއްޖަކު އޭނައާއި ވާދަކޮށް ކުރިއަތުލާ މަންޒަރު ބަލާކަށް ހިތަކަށް ކެތްނުވާނެއެވެ.

ކަޔާން އިތުރު ޖަވާބެއް ދޭން ނަހަދާ ތުނިކޮށް ވެހެމުންދިޔަ ވާރޭތެރޭގައި ގޮސް ކާރަށް އެރިތަން ފެނުމުން އަފްރީން ހުރީ ބުދެއްފަދައިން ހިމޭނުންނެވެ. އޭނަދެކެ ކަޔާން އެހާ ރުޅިއަންނަންވީ ކީއްވެހެއްޔެވެ؟ އެ ސުވާލު އަމިއްލަ ހިތާ ކުރެވުނު އަދަދެއްވެސް ނޭގެއެވެ. އޭނަވެސް ކަޔާންދެކެ އިޝްގީ ލޯތްބެއް ނުވެއެވެ. އަފްރީން ލޯބީގެ ރޮގުން ކަޔާންއާއި ދޭތެރޭގައި ވިސްނަން މަޖުބޫރުކުރުވި ކުއްޖަކީ ލައިޝާއެވެ. ލައިޝާއަށްޓަކައި ކަޔާން އޭނަ ދޫކޮށްލުމުން އޭނަ ނިކަމެތިވެ ދަށްވީކަމުގައި އަފްރީން ގަބޫލުކުރިއެވެ. ލައިޝާއާއި ވާދަކޮށް ކުރިއަތުލަން އޭނަ އަޒުމް ކަނޑައެޅި ސަބަބަކީ އެއީއެވެ.

ލައިޝާ ހުރީ ސަލްމާ ފާޚާނާއަށް ވަންނަ ދަނޑިވަޅަކަށް ބަލަބަލައެވެ. ސަލްމާ އެތެރެއަށް ވަނުމާއިއެކު ދަބަސް ދަމަމުން އޭނަ ގޯޅިއަށް ނުކުތްއިރު ކަޔާންގެ ކާރު އިންތިޒާރުގައި އޮތެވެ. ލައިޝާ އަވަސްވެލާފައި ކާރުތެރެއަށް ދެމިގަތްއިރު ކުރިމަތީގައި ހުރި ފިހާރައިން އައިސްކޯނެއް ގަނެލައިގެން ނިކުތް އަފްރާޒަށް ރީތިކޮށް އެ މަންޒަރު ފެންނާނެއެވެ.


"ޝިޓް...." ލައިޝާ ހިތާހިތުން ކިޔާލިއިރު އޭނަގެ ހިތްވަނީ ފިނިވެފައެވެ. އަފްރާޒުގޮސް އޭނަގެ މާމަ ގާތުގައި ކުޓުވާނެކަމީ ޔަގީންކަމެކެވެ.
"ކޮންކަމަކާ ހާސްވެފައި ތިއިނީ...." ކަޔާން އަހާލައިފިއެވެ.
"ސަލްމާދައްތައަށް ފިލައިގެން ގެއިން ނުކުތީ، އަފްރާޒުގޮސް ކިޔާނެކަން ޔަގީނޭ....." ލައިޝާ އިނީ ފޯނާއި ކުޅޭށެވެ. އެހެންނޫނަސް މި ކުރެވެނީ ރަގަޅުކަމެއްބާވައޭ ހިތަށް އަރަންފެށިއެވެ. މަންމަ ދިޔައީ އޭނަ ސަލްމާއާއި ހަވާލުކޮށްފައެވެ. އޭނަގެ ބެލެނިވެރިޔާ ގާތުން ހުއްދަނުހޯދާ ހިލޭބަޔެއްގެ ގާތަށް ގޮސް ކަމެއް ދިމާވެއްޖެއްޔާ ޒިންމާވާނީ ކާކުހެއްޔެވެ؟ ނޫނެކެވެ. ކަޔާންއަށް އޭނަ އިތުބާރުކުރެއެވެ. އޭނައަށް ދެރަގޮތެއް ނުވާނެއެވެ. އެހެންނޫނަސް އޭނަ މިދަނީ ރާއްޖެއިން ބޭރަކަށް ނޫނެވެ. މާލޭގައި ހުރި ގެއަކަށެވެ. އަމިއްލަ ނަފުސް ހިމާޔަތްކުރާން އޭނަ ދަނެއެވެ. ކިރިޔާ މީހެއްގެ ފަރާތުން ނޭދެވޭ ކަމެއް ފެނުނަސް އޭނަ އެތަނަކުން ހިނގައިދާނެއެވެ.

"ގުޅާފައި ބުނޭ، ސަލްމާއަށް ލައިޝާގެ މައްޗަށް ކޮން ބާރެއް އޮންނަނީ؟ ހަމަ ދަރިއަކަށް ހަދަން ފައި ވިއްދާލާފައި ދޯ އެހެރީ........." ކަޔާން ކުޑަކޮށް ހީލައިފިއެވެ.
"ނޭގޭ، ބައެއްފަހަރު މާ އޯވަރ ވާހެން ހީވޭ...." ލައިޝާ އިނީ ސަލްމާގެ ވާހަކަ އެންމެ ލޯބިވާ ފަރާތާއިވެސް ހިއްސާ ނުކުރާށެވެ. ބައެއްފަހަރު އެފަދަ ވާހަކަ ދެއްކުނީމަ އަމިއްލަ ނަފުސް ކުށްވެރިކުރެވޭތީއެވެ. ސަލްމާމެންގެ އުމުރަށް ދާއިރު ގިނަ މީހުންގެ އުޅުމާއި މިޒާޖުގައި އެކަހަލަ އުނދަގޫ ކުރުވަނިވި ގޮތެއް ހުރެދާނެއެވެ. ޅައިރު ސަލްމާމެން އުޅުނު ގޮތްތައް ހަނދާން ނައްތާލެވެނީކަން ނޭގެއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ މަންމަގެ ގާތް އެކުވެރިޔާއެވެ. ލައިޝާ އިހުތިރާމްކުރަން ޖެހޭނެއެވެ.

"އާންޓީމެން ގެ ޓިޕިކަލް ބިހޭވިއަރ ހުންނާނެ ގޮތް އަހަންނަށްވެސް އެނގޭ، ތިބުނާ ދައްތައަށް ގުޅާފައި ލައިޝް ބުނޭ އެކުވެރިއެއްގެ ގެއަށް މޫވްކުރީއޭ، އެ ނުވާނެ މުޅިއަކުން ދޮގަކަށް...." ކަޔާން އޭރު އިނީ މަގުމައްޗަށް ސަމާލުކަން ދީގެންނެވެ. ވާރޭގައި ނުޖެހި ގެއަށް ދާންވެގެން ބައެއް ޒުވާނުން ސައިކަލްގައި ދަނީ ފެންގަނޑު ދެފަރާތަށް ބުރުއްސަމުން ބާރުބާރަށެވެ. އެކްސިޑެންޓްތަކުން ސަލާމަތްވެގެން ދެވޭނީ މަގަށް ސަމާލުވެގެންނެވެ. 
"އޯކޭ......." ލައިޝާ ފުންނޭވަޔެއް ދޫކޮށްލުމަށްފަހު ފޯނު ކަންފަތުގައި ޖެހިއެވެ.

ސަލްމާ ގާތުގައި ލައިޝާ އެ ވާހަކަ ބުނީ ވަރަށް މަޑުމައިތިރިކަމާއިއެކު ރީތިކޮށެވެ. ނަމަވެސް ސަލްމާ ރުޅިގަދަވެގެން އެކަން ބޮޑު މައްސަލަގަނޑަކަށް ހަދައިގެން ރޯންވެސް ފެށިއެވެ. ނުވީތާކަށް ވަގުތުން ޒުލްމާއަށް ގުޅީކަން ނޭގެއެވެ. އިރުކޮޅަކުން ޒުލްމާ ލައިޝާގެ ފޯނަށް ގުޅާފައި އެނބުރި ގެއަށް ދާން އަމުރުކުރިއެވެ. ލައިޝާގެ ޚިޔާލު ދެކޮޅަށް ކިރެން ފެށިއެވެ. ކަޔާންއާއި މަޝްވަރާކޮށްފައި ނޫނީ އޭނައަކަށް ގޮތެއް ނުނިންމޭނެއެވެ. އެހެންނޫނަސް އޭނަގެ މަންމަގެ ސިއްހަތާއިމެދު ލައިޝާ ކަންބޮޑުވިއެވެ. މަންމަ ވިސްނާން ހަދައިގެން ބަލި ބޮޑުވެއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ މަންމަ އަންނާންދެން އޭނަ ގޭގައި މަޑުކޮށްލާނީއެވެ. އެހެން ހިތަށް އަރާފައިވެސް ލައިޝާ ވިސްނާލާފައި ބުނީ މިރޭ އެގޭގައި ހުރެފައި މާދަން ގެއަށް ދާނެކަމުގައެވެ.

"ކަޔާން، މާދަން ގެއަށް އަންނަން ޝަރުތުކޮށްފައި މަންމަ އެއްބަސްވެއްޖެ، މަންމަ މިރެއަށް ހުއްދަދިނީ ގާލް އެއްކަމަށް ހީކޮށޭ، އެހެންނޫންނަމަ ބޮޑު މައްސަލައަކަށް ހަދާނެ، މިހާރު ވަރަށް އުފާވެއްޖެ، އެޓްލީސްޓް މިރޭ ކަމަކާ ނުވިސްނާ އެގޭގައި ހުރެވިދާނެ......" ލައިޝާ ކަޔާންގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. ފަހުން ވާނެގޮތަކާއި މެދު ޚިޔާލުކޮށްގެން ހިތަށް ދަތިކަން ހޯދާނީ މޮޔައެކެވެ. މިރޭ ކަޔާންގެ ގޭގައި ހޭދަކުރުމުގެ ފުރުސަރު ލިބުނީތީ އޭނަ ޝުކުރުވެރިވާން ޖެހޭނެއެވެ. ކަޔާންވަނީ އެ ޅަ ހިތުގައި ލޯބީގެ ބައްތި ދިއްލާލަދީފައެވެ. އެ ލޯބީގެ ހުޅުކޮޅު ދުވަހަކު ނުނިވޭނެކަމަށް ލައިޝާ ދެކެއެވެ. އެ ރީތި ދެލޮލުން ފާއްދާލާފައިވާ އަލިކަމާއި ވިދުމުގެ އަސްލަކީ އެއީއެވެ. ލޮލުން ފެންނަ ހިނިތުންވުން ކަޔާންއަށް އެތައް ވާހަކައެއް ކިޔާދީފިއެވެ.

"ވާރޭވެސް މޮޔަވަނީ ދޯ. ލައިކް މީ، އައިމް ކްރޭޒީ ޓޫ..........." ލައިޝާ ހީލިއެވެ.
"ހޫމް، ގެއަށް ގޮސްސަ ވާރޭގައި ފެންވަރާލީމަ އަދި ވަކިން މަޖާވާނެ. އެވެސް ކްރޭޒީ ގާލްއަކާއި އެކުގައި......." ކަޔާން އެއް ލޯ މަރާލިއެވެ. ލައިޝާ އިނީ އެ ރީތި މޫނުގައި ފިރުމާލާ ހިތުންނެވެ. ފަން އިސްތަށިގަނޑުގައި ބީހިލާން ބޭނުންވެފައެވެ. ހިތްއެދޭހާ ކަމެއް ކޮށްލަން ކެރޭނީ ކިހިނެއްހެއްޔެވެ؟ ކަޔާން އުޅެނީ އަދިވެސް ދުރުންނެވެ. އެދޭތެރޭގައި އެހާ ދުރުމިނެއް ބަހައްޓަންވީ ސަބަބެއް ލައިޝާއަކަށް ނޭގެއެވެ. ކަޔާން އެހާވެސް ރަގަޅީ ބާވައެވެ. އެހާ ދީންވެރި ޒުވާނަކީ ހެއްޔެވެ؟ ކަޔާންގެ ރީތިކަމާއި، ކާރުތެރޭގައި ހިފާފައިވާ ވަން މިލިއަން ސެންޓުގެ ހިތްގައިމު ވަހުގެ ސަބަބުން ލައިޝާގެ އުފާވެރިކަން ދެގުނަ އިތުރުވެފައިވެއެވެ. މޫސުމާއި ހާލަތުގެ ސަބަބުން ހިތްތަކަށް ޖާދޫ ހަދާހެން ހީވެއެވެ.

"ވާރެޔާ ތެމޭހިތްވޭ ނިކަން...." ލައިޝާ އެއްބަސްވިއެވެ. ކަޔާން ކާރުގައި ހުރި ބަޔެއް ހުޅުވާލާފައި ނެގި ކޮތަޅެއް ލައިޝާއަށް ދިއްކޮށްލުމުން ލައިޝާ ބެލިއިރު އެއީ ވާހަކަ ފޮތެކެވެ. "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ކިޔާ ވާހަކަ ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް އޭނަވިއެވެ. އޭނަ ހުރީ އެ ވާހަކަ ގަންނަން ބޭނުންވެފައެވެ.

"ބުކްޝޮޕަކަށް ވަދެފައި ލައިޝާމަތިން ހަނދާންވީ، ވާހަކަ ކިޔާހިތްވާ ކުއްޖެއްވީމަ ހިތަށް އެރީ ފޮތެއް ގަނެލާނީއޭ......" ކަޔާން އެހެން ބުނެލި ކަމުގައިވިޔަސް ހަގީގަތަކީ އެއީއެއް ނޫނެވެ. އޭނަ ފޮތް ފިހާރައަށް ވަނީވެސް ލައިޝާއަށް ދޭން ވާހަކަފޮތެއް ގަނެލަންވެގެންނެވެ. 

"ތެންކިއު......ސޯ މަޗް...ވަރަށް ރީތިވާނެހެން ހީވޭ......" ލައިޝާ އެފޮތް މޭގައި ޖައްސާލާފައި ބާރުކޮށްލިގޮތުން އޭނަ އުފާވެފައި އިންވަރު ހާމަވިއެވެ. ކަޔާންދިން ހަދިޔާއަކުން އެވަރުވާއިރު ހިތް ދީފިއްޔާ އޭނައަށް ކިހާވަރެއް ވާނެހެއްޔެވެ؟ 

ދެމީހުން އެކި ވާހަކަތައް ދައްކަމުންދަނިކޮށް މާ ލަހެއްނުވެ "ކެންޒިއާ" އިމާރާތާއި ހަމަޔަށް ފޯރައިފިއެވެ. އެގެ ފެނުމުންވެސް ލައިޝާގެ ހިތް ތެޅިލިއެވެ. އެއާއިއެކު އަމިއްލަ ނަފުސް ކުށްވެރިވެ އަޑުލިއެވެ. މުއްސަދި ދިރިއުޅުމެއް ތަޖުރިބާކޮށްލަންވެގެން އޭނަ މިއައީ ސަލްމާދައްތަމެން ދޫކޮށްލާފައެވެ. ސަލްމާ ދައްތަ ހާދަ ދެރަވާނެއެވެ. ލައިޝާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް އެއަށްވުރެ ކަޔާންދެކެ ލޯބިވާއިރު ދާންވީ މަގު މިއޮތީ ސާފުކޮށް އެނގޭށެވެ. އޭނައަށް ދެވޭނީ ކަޔާން ދައްކާ މަގުންނެވެ. އޭރުވެސް ދުނިޔެ އޮތީ ރުޅިހަދާލާފައެވެ. އުޑުމަތީގައި ވިލާތައް ބޯވަމުން ދާއިރު ދެންމެ ދެންމެ ވާރޭވެހިގެންފާނެހެން ހީވެއެވެ. މުޅިދުވާލު ވޭތުވެގެން ދިޔައީ ދޭތެރެއަކުން ވެހިލާފައެވެ. ކަޔާން ލައިޝާގެ ދަބަސް ދަމަމުންގޮސް ފެންޑާގައި ބަހައްޓާފައި އައިއިރު ލައިޝާ ހުރީ ކާރަށް ލެނގިލައިގެން ޖެހި ބުދެއްފަދައިންނެވެ.

"ކަޔާން، ވަރަށް ހާސްވޭ....." ލައިޝާއަށް ކިޔައިލެވުނެވެ.
"ކޮންކަމަކާތަ؟" ކަޔާން ލައިޝާގެ އަތުގައި ހިފާލިގޮތަށް ގޭގެ ގޭޓާއި އަރާހަމަވިއެވެ.
"މިގެ ބޮޑުކަމުން ވަރަށް އެހެންގޮތެއް ފީލްވަނީ، ނޭގޭ، ކަޔާންގެ މަންމަ ރުޅިނާންނާނެތަ؟ އައިމް ވޮރީޑް، އެހެން މީހުން ހިތްހަމަނުޖެހޭގޮތަށް އުޅެވިދާނެތީ، ކަޔާން މަންމަ ވަރަށް ކޫލްތަ؟ " ލައިޝާ ހަނދާންވީ އެރޭގެ ޕާޓީމަތިންނެވެ. އޭރުވެސް ލައިޝާ ހުރީ ފޮތް އަޅާފައިވާ ކޮތަޅު މޭގައި ޖައްސާލައިގެންނެވެ.

"ޖަސްޓް ބީ ޔޯސެލްފް ބޭބީ..ހުރިހާކަމެއް ރަގަޅުވާނެ......" ކަޔާންގެ އެންމެ ޖުމްލައަކުން ހީވީ ލައިޝާގެ ހިތުގައި ގަނޑުފެން އަޅާލަދިންހެންނެވެ. އެހިތަށް ބުނަންނޭގޭފަދަ ހަމަޖެހުމެއް ލިއްބާދިނެވެ. "ބޭބީ" އޭ ކިޔައިގެން ވާހަކަ ދެއްކުމުން ހާދަ ފޮނިވެވިއްޖެއެވެ. އެހާ ފިނިވެފައި ހުރިއިރުވެސް މޫނަށް ލޭތައް ޖަމާވިއެވެ. އެ ދޮންމޫނަށް ވެރިވި މަޑުރަތްކުލައާއިއެކު އިރުކޮޅަކަށް އިސްޖަހައިލެވުނެވެ. 

ލައިޝާ "ކެންޒިއާ" ގެ ދޮރުން އެތެރެއަށް ފައި އެޅީ ބިސްމިކިޔާފައި ރަގަޅުގޮތެއް މެދުވެރިކުރެއްވުމަށް އެދި ދުޢާކުރަމުންނެވެ. އެގެއިން އެތެރެއަށް އޭނަ އެޅި ކޮންމެ ފިޔަވަޅަކީ ހިތްވަރާއިއެކު އުފާވެރިކަމާއި ލޯބި ހޯދަން ލައިޝާ ނެގި ފިޔަވަޅެކެވެ. މާޔޫސްކަމާއިއެކު ގޭގައި އިނަސް ބޭނުންވާކަމެއް ފުރިހަމަ ނުކުރެވި ހިނގައިދާނެއެވެ. އޭނަ މިހިރީ ކަޔާންއަށްޓަކައި ކޮންމެފަދަ ކަމަކާއިވެސް ކުރިމަތިލާށެވެ. 

ކިތަންމެ ބޮޑު ހަވޭއްޔަކަށްވިޔަސް ރައްކާތެރިކަމާއި ހިމާޔަތް ލިބެންޏާ އޭނައަށް ވަރިހަމައެވެ. ތުނިކޮށް ވޭރޭވެހެން ފެށީ ލެއްވި ރަހުމަތަކާއި ހެޔޮ ފާލެއްކަމަށް ގަބޫލުކުރެވުނެވެ. ލައިޝާ ހިނިތުންވެލާފައި އުދަރެހާއި ދިމާލަށް އެ ދޮންމޫނު އުފުލައިލުމުން ވާރޭގެ މުތީތައް ބީހެންފެށިއެވެ. 

"ތެމުނީމަ ލައިޝާ ބަލިވެދާނެ، ހިނގާ ހޫނު ކޮފީއެއް ބޯލަން ޓެރެސްއަށް........" ވާރޭ ބޯކޮށްލުމުން ކަޔާން ލައިޝާގެ އަތުގައި ހިފައިގެން ގެއާއި ދިމާލަށް ދުއްވައިގަތެވެ. އެ ބާރުގަދަ އަތުގެ ތެރޭގައި ލައިޝާގެ ނާޒުކް އަތް މޮޑެވިގެން ދިޔައިރު ދެ ހަށިގަނޑުގައި ރޯވެގަތް އަލިފާން ފިނިވީ ވާރޭގެ ސަބަބުންނެވެ. 

ކޮމެންޓް 0