ލައިޝާގެ އަތްތިލަ ކަޔާންގެ ސޫޓުގައި ބީހިލުމާއި އެކުހެން ކަޔާން ކުއްލި އަކަށް ތެދުވިގޮތަކުން ލައިޝާ ވިއްސައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ކަޔާން ފޯނު ކަންފަތުގައި ޖަހައިލުން އެއީ އެތަނުން ދުރަށްދާން ދިޔަ ބަހަނާއެއް ކަމަށް ހީކޮށްފައި ލައިޝާ ހުރީ ބުދެއްހެން ގަނޑުވެފައެވެ. އެސްފިޔަ ޖަހައިލަން ނޭގިފައި ހުރިއިރު ހިނދުކޮޅަކަށްވުރެ ބޮޑަށް މޫނު ރަތްވަމުންގޮސް މޫނު އަނގުރު އަލިފާން ކޮޅަކަށްވިއެވެ.

"ހީ ރިޖެކްޓެޑް މީ....." ލައިޝާގެ ކަންފަތް ބުޑުގައި މީހަކު ތަކުރާރުކޮށް އެބަސްތައް އިއްވާފައި މަލާމާތްކޮށް ހީހަދާހެން ހީވިއެވެ. މުޅި ދުނިޔެވެސް އެނބުރިގަތެވެ. ގަތްލަދާއި ދެރަވީލެއް ބޮޑުކަމުން ޝޮކެއްގައި ހުރެފައި ލައިޝާގެ ސިކުނޑި މަސައްކަތްކުރަން ފެށިއިރު ކަޔާން ދޮރުމަތީގައި އޭނަގެ މޫނަށް ވެރިވި ކުލަވަރު ދެކެން ހުރިކަމެއް ނޭގުނެވެ. ލައިޝާގެ ލޮލަށް ކަރުނަ ޖަމާވެ އެސްފިޔަތަކަށް ނުކުޅަދާނަ ވެގެން އޮހިގަތުމާއިއެކު މޫނުގައި ދެއަތް އެޅީ ހިތްހަލާކުވެފައިވާ ގޮތަކަށެވެ.

"ލައިޝާ ކިހިނެއް ތިވަނީ. އަދި ރޯވަރުކަމެއް ނުވެއެއްނު......." ކަޔާން އެ ދޭތެރޭގައިވާ ދުރުމިން ކާރިކޮށްލަން ނެގީ ސިކުންތުކޮޅެކެވެ. އޭނަ އައިގޮތަށް ލައިޝާގެ ނާޒުކް އަތް މޫނުން ނައްޓުވަން އުޅެގަތެވެ. ލައިޝާ ދެކޮޅުހެދިއެއް ކަމަކު ކަޔާންގެ ބާރުގަދަ އަތުގެ ތެރޭގައި އެމަސައްކަތްވީ ބޭކާރުކަމަކަށެވެ. 

"ދޫކޮށްލާ....ޕްލީޒް...ލީވް މީ އެލޯން......" ލައިޝާ އުޅުނީ ކަޔާންގެ އަތުގެ ތެރެއިން ސަލާމަތްވާށެވެ. އެ އަތް ދުރުކޮށްލުމަކީ ލައިޝާފަދަ އަންހެންކުއްޖަކަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. ލައިޝާއަށް ކަޔާންގެ ބާރު ހުރިވަރު ރަގަޅަށް އިހުސާސްވިއެވެ.
"ލައިޝާ...." ކަޔާންއަށް ގޮވައިލެވުނީ ތަންކޮޅެއް ބާރަށެވެ.
"ވެގެން އުޅޭގޮތެއް ނިކަން ބުނެބަލަ، އަހަރެންގެ ގާތުގައި ބުނަން އުޅުނީ ކޮން ވާހަކައެއްތަ؟ އަހަރެން މިހިރީ އަޑުއަހަން، ނުރޮއި ކިޔާދީ....." ކަޔާން ލައިޝާގެ އޮމާން ކޯތާފަތުން ތިރިއަށް ދެމެމުން ދިޔަ ކަރުނަތިކިތައް ފޮހެލަދިނެވެ. ލައިޝާ އިސްއުފުލައި ބަލާލުމާއިއެކު ކަޔާން ނުރޯށޭ ބުނާފަދަ ގޮތަކަށް އިޝާރާތެއްކޮށްލާފައި ލައިޝާގެ ތުންފަތުގައި އިނގިލި ޖެއްސިއެވެ. ދެން އެދެމެދުގައި ހިނގިކަމަކީ ދެމީހުންގެ އިޚުތިޔާރުގައި ހިނގިކަމެއް ނޫނެވެ. އެކަކު އަނެކަކަށް އިންތިހާއަށް ބޭނުންވެފައި އެތައް ޒަމާނެއްވުމަށްފަހު ދުލުން އެއްބަސް ނުވެވުނުކަމުގައި ވިޔަސް އަމަލުން އެކަކު އަނެކަކަށް އެކަން ސާބިތުކޮށްދީފިއެވެ. އިރުގަނޑެއްފަހުން ކަޔާން ދުރަށް ޖެހިލިއިރު ލައިޝާއަށް ކުރެވުނު ފޮނި މީރު އިހުސާސްތަކުގެ ސަބަބުން ނޭވާ އަވަސްވެ ދޮންމޫނު މަލެއްހެން ރަތްވެއްޖެއެވެ. ލައިޝާ ލަދުގެންފައި އަވަހަށް އެތަނުން ނިކުމެގެން ދުވެފައިގޮސް އަދި ވަދެވުނީ ސައި ކޮޓަރިއަށެވެ. އޭރު އާފްރާ އާއި ސަނާ އަދި ދެތިން ކުދިންވެގެން މާހެފުމަށް އެއްޗެހި ހެދުމާއިގެން މަޝްޣޫލުވެގެން ތިއްބެވެ. ލައިޝާ ގެ ފައި އޭރު ހީވަނީ ޖެލީކޮޅެއް ހެންނެވެ. ހިތް އަދިވެސް އާސްމާނުގައި އުދުހެނީއެވެ. އުފަލުން ދެފައިވެސް ބިންމަތީގައި ހަރުލަނީއެއް ނޫނެވެ. އެތަނަށް ވަނުމަށްފަހު އެމީހުން ދެއްކި ވާހަކައެއްވެސް ލައިޝާއަށް ފަހުމްވިކަމަކަށް ނުވިއެވެ. ވާނުވާ އެނގެން ފެށީ އިރުކޮޅެއްފަހުންނެވެ. ހަމަ ބިމަށް އާދެވެން ވަގުތުކޮޅެއް ނެގިއެވެ. 

"ލައިޝް ހީވާގޮތުން މާކުރިން ތިއައީ މަޖާ ކައިގެން، ހާދަ ކުޅި އެއްޗެއް ކައިގެން ތުންފަތް ތިހާ ރަތްވާނީ، ސޫޕް ބުއީތަ؟" އާފްރާ ބުނި އެއްޗަކުން ލައިޝާ ސިހިފައި ދެލޯބޮޑުކޮށްލިއެވެ. ކަޔާންއާއި އެކު އެ ހޭދަކުރި ގާތްވަގުތުކޮޅު ގެ ނިޝާން އެހެން މީހުންނަށް ފެންނަން ހުރެދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. 
"ވަޓް....." ލައިޝާ ކުޑަކޮށް ރަކިވިއެވެ.
"ލައިޝް ހާދަ ހާސްވީ..." އާފްރާ ހީގަތް ނަމަވެސް އޭނަ ހުރިހާ ކަމެއް ދެނެގެންފިއެވެ. ބައެއްފަހަރު ދޮންވީމަ އޭގެ ގެއްލުން ދައްކަނީ މި ކަހަލަ ގޮތަކަށެވެ.

ލައިޝާ ބޭނުންވީ އެވަގުތު އެކަނި ތަނެއްގައި އޮށޯވެލައިގެން އޮވެ އެ އުފާވެރި ވަގުތާއިމެދު ވިސްނުމަށެވެ. އެންމެންނާއި ވަކިން އެކަނި ހުރެ ހިނގި ކަންތަކާއިމެދު ވިސްނަން މިހާ ބޭނުންވި ވަގުތެއް ހަޔާތުގައި އަދި އައިސްފައެއް ނެތެވެ. އެ ކުރެވުނު ފޮނި އިހުސާސްތައް މުޅި ހަށިގަނޑުގައި ހިނގާލިގޮތަށް އަދިވެސް ފިލައިގެނެއްނުދެއެވެ.
"ލައިޝްގެ ލިޕްސް ރީތިވީމަ އާފްރާ ޖޭވަނީ...." ސަނާ ނުބައިގޮތަކަށް ހީގަތެވެ.
ލައިޝާ އެމީހުން ދިމާކުރިޔަސް ނުބައިގޮތަކަށް ވިސްނާކަށް ނޫޅުނެވެ. އޭނަ އުޅުނީ ކަޔާން އަންނަންވާ އިރަށް ވީހާވެސް މީރުކޮށް ކުޅި އެއްޗެހި ތައްޔާރު ކުރުމަށެވެ. ނަސީބަކުން އެމަސައްކަތް ބޭކާރު ނުވީ ބުނި ގަޑިއަށް އޮފީހުގެ އެހެން މެނޭޖަރުންނާއި ޒިއާމްއާއިއެކު ކަޔާންވެސް އެތަނަށް އައުމުންނެވެ. ލައިޝާ ހުރީ ކަޔާންގެ މޫނަށް ބަލައިލަން ނުކެރިފައެވެ. ކަޔާން އެންމެ ފަހަރަކުވެސް އޭނަގެ މޫނަށް ބަލައިފިއްޔާ ލަދުގެންފައި ހުރިވަރު ރަގަޅަށް އެނގޭނެއެވެ. 

ލައިޝާ އެވަރުން ތައްޔާރުކުރި އެއްޗެއްސަށް އޭރު އާފްރާ ހުރީ މާ ގަދަޔަށް މިރުސް އަޅާ އަނގަޔަށް ލާން ނުކެރޭވަރު ކޮށްލާފައިކަމެއް ލައިޝާ ނުދެނެހުއްޓެވެ. އެންމެ ކުރިން ކަޔާން ފެށުމާއިއެކު ކުޅިވީވަރުން އަނގަޔަށް ގޮތެއް ހަދާލާފައިވެސް އޭނަ ކެތްކުރިއެވެ. ފޮނި އެއްޗެއް ކާންފެށިއެވެ. އެހެން މީހުން ލޮނުން ކަރުނަ އަޅައަޅާތިބެ މީރުވެގެން ކާން އުޅުނީމަވެސް މާ ކުރިއަކަށް ނުދިޔައެވެ. ލައިޝާ ރުޅިއައިސް ރަތްވިއެވެ. އާފްރާމެން މާހެފުން ފަނިކޮށްލީއެވެ. އެކަން ކުރާނީ އެހެން ކޮން ބަޔެއްހެއްޔެވެ؟ އެންމެން ހީކުރީ ލައިޝާ ގަސްތުގައި މާ ކުޅިކޮށް މަޖާ އެއްޗެހި ހެދީކަމުގައެވެ.

އެންމެން ހީކުރާނެ ގޮތަކަށް ހީކުރިޔަދޭށެވެ. ނަމަވެސް އޭނަ ކަޔާންއަށް ހަގީގަތް އަންގައިދޭނެއެވެ.

ލައިޝާ އެދުވަހު ގެއަށް އައިތަނާހެން ކޮންމެވެސް މީހަކު މާބޮނޑިއެއް ފޮނުވުމުން ޔަގީންކުރީ ކަޔާން ގެ ކަމެއް ކަމަށެވެ. އޭނަ ދޮރުމަތީގައި ހުރެ ހިނިތުންވެލާފައި މާ ބޮނޑި އަތުލިއިރު އުފަލުން ހިތް ފުރިފައިވެއެވެ.
"އޯސަމް ކިސެސް ބޭބީ ގާލް...އެހެންވެ ފްލާވަރސް ފޮނުވީ. ކަމުދޭތަ؟ އަދިވެސް ބޭނުންތަ؟" ޕްރައިވެޓް ނަމްބަރަކުން ލިބުނު މެސެޖުގެ ސަބަބުން ލައިޝާގެ ހިތް އުފަލުން ނަށައިލިއެވެ. އޭނަ ވަގުތުން ޖަވާބުލިޔުނެވެ. އެރޭ އެތައް އިރެއް ވާންދެން ލައިޝާ އެނަމްބަރަށް މެސެޖްކުރަން އޮތެވެ. އެންމެ ފަހުން ލައިޝާއަށް އާދޭސްކޮށްގެން އޭނަ ފޮޓޯއެއްވެސް ފޮނުވައިލަދިނެވެ. ކަޔާން ގެ ވާހަކަތައް އިމުން ބޭރުވާން ފެށުމުން ލައިޝާގެ ހިތް ކުޑަކޮށް ގޯސްވިއެވެ. ލޯބިވިޔަސް އެހާ އަވަހަށް އެގޮތަށް ވާހަކަދެކެވެން ވާނެކަމަކަށް ލައިޝާ ގަބޫލެއްނުކުރެއެވެ. ބައެއްފަހަރު ކަޔާން ހާދަ ގޯހޭ ބުނެލީމަ ކަޔާން "ލޮލް" އަކުން ފުއްދާލައެވެ. ހަގީގަތުގައިވެސް ލައިޝާއަށް ކަޔާން ދަސްވި ދަސްވިހެން އޭނަގެ ނޭގޭ އަނދިރި ފަރާތެއް ވާކަމަށް ގަބޫލުކުރާން ޖެހިއްޖެއެވެ.

ލައިޝާ އޮފީހަށް ދާންވެގެން ނިކުތީ ވާރޭ ކޯޓުލައިގެންނެވެ. ވާރޭގެ ތިކިތައް ކޯޓުގައި ތިކިތަޅަމުންދާ އަޑު އިވެމުން ދިޔައީ ނިކަން ހިތްފަސޭހަކޮށެވެ. ތަފާތު މިއުޒިކެއް ކަންފަތްކާރީގައި ކުޅެލެވޭފަދައެވެ. އިސްތަށިގަނޑު ތެމެމުންދާފަދަ އިހުސާސެއްކުރެވުނަސް ހަށިގަނޑުގައި ފެންތިއްކެއް ނުޖެހޭކަން ލައިޝާއަށް ޔަގީނެވެ. ކީވާ ވާރޭކޯޓުގެ ބަދަލުގައި ޚިޔާރުކުރާނީ ކުޑައެކެވެ. ކީވާ މާ ލަދުގަންނަނީއެވެ. އެހެންމީހުން ދެކެފާނެ ގޮތަކާއިމެދު ބިރުގަންނަނީއެވެ. އޭރުން ހިތުގެ ހަމަޖެހުން ލިބޭނެހެއްޔެވެ؟ ހަރާމްކަމަކަށް ނުވާނަމަ ހިތް އެދޭ ކަމެއް ކޮށްލިޔަސް ގޯހެއް ނުވާނެއެވެ. ލައިޝާ ބޭނުންވަނީ އޭނަ ރުހޭ އެއްޗެއް އެހެން މީހުންނަށް ކަމުނުދިޔަސް ބޭނުންކުރާށެވެ. އޮފީހަށް ދިޔުމަށްފަހު ލައިޝާ އިނީ އާދައިގެ މަތިން ކަޔާންގެ އިންތިޒާރުގައެވެ.

"ލައިޝް، ގިފްޓެއް މިއޮތީ......" އާފްރާ ލިލީ މާބޮނޑިއެއް ގެނެސްދިނެވެ. ވާރެއިން ތެމިފައިވުމުން ލިލީމާތަކަށް މުތީތައް ފައިބާފައިވާކަހަލައެވެ. 
"ކާކު ގެނެސްދިން އެއްޗެއްތަ؟ " ކަޔާން ނޫން މީހަކު މާ ނުދޭނެކަން އެނގޭއިރުވެސް ލައިޝާ އާފްރާގާތުގައި އެއްބަސްވާހިތެއް ނުވިއެވެ.
"ނޭގޭ، ކުޑަކުޑަ ބޯއި އެއް ގެނެސްދިނީ.. ހާދަ ރޮމްއޭ، އަހަރެމެންނަށް މާ ފޮނުވާދޭނެ މީހަކު ނުވާނެ...." އާފްރާ ހުރީ ހިނިއައިސްފައެވެ. ލައިޝާ އެ މާތައް ހިފައިގެން ގޮސް އަމިއްލަ ކެބިންގައި ޖަހައިލުމަށްފަހު ނިކަން އުފަލުންހުރެ މާތަކުގައި ތުންފަތް ޖައްސައިލި ވަގުތަކީ ޒިއާމް އާއި ކަޔާން އެކީގައި ކޮރިޑޯއިން ދަމުން ކަޔާން ލައިޝާގެ ކެބިންއަށް ނަޒަރު ހުއްޓާލި ވަގުތުކޮޅެވެ. ކަޔާން އަށް އެ މަންޒަރު ފެނުމުން އުފާވިހެނެއް ހިޔެއްނުވިއެވެ. އެހާ އުފާވެރި މޫޑެއްގައި ނޫންކަން ލައިޝާ ވަގުތުން ދެނެގަތެވެ. ލައިޝާގެ މޫނުގައިވާ ހިނިތުންވުން ވަގުތުން ފަނޑުވިއެވެ.

"ވަޓް ހެޕެންޑް ލަވް، ރުޅިއައީތަ؟ ވާހަކަދައްކާލަން ބޭނުން...." ލައިޝާއަށް ކެތްނުކުރެވިގެން މެސެޖެއް ފޮނުވައިލިއެވެ. 
"ނޫން، މިގަޑީގައި މެސެޖްނުކުރޭ، އެހެންނޫނަސް ދޮންބެއަށް ބަސްޓްވެއްޖެއްޔާ ވަރަށް ސަކަރާތްވާނެ..." ކަޔާން ޖަވާބު ފޮނުވީ އިނގިރޭސިންނެވެ.
"ކޮންކަމެއް ފޮރުވަން ތިއުޅެނީ ލަވް..." ލައިޝާ މެސެޖްކުރިއެވެ.
"އެ ވާހަކަ ހަމަ ނޭގޭތީތަ ތި އަހަނީ؟ ބޭބީ ގާލް، އަހަރެންގެ ޑާކް ސިކްރެޓްސްތައް އެނގިއްޖެއްޔާ ލައިޝް ބިރުން ފިލަން ދުވާނެ.... " ކަޔާން ގެ ޖަވާބުން ލައިޝާ ސިހުނެވެ. އަދި އެމެސެޖް ލިބުނުއިރު ކަޔާން ޒިއާމްއާއި ވާހަކަދައްކަން ހުރިތަން ފެނުނީމަ ވަކިން ހައިރާންވެ ދެލޯބޮޑުވެގެން ހިނގައްޖެއެވެ. ކަޔާންކަމަށް ހީކޮށް މި ވާހަކަދެއްކެނީ އެހެން ފަރާތަކާއިކަން ޔަގީންވީ އެވަގުތު ލައިޝާ އަށް އަނެއްކާ އެމީހަކު މެސެޖްކުރުމުންނެވެ. ވީއިރު މާތައްވެސް މި ފޮނުވަނީ އެހެން މީހެކެވެ. އޭނަ ގަމާރުކަމުން ނަމްބަރަކުން ހަމަ ގުޅާލާއިރަށް ކަޔާން ކަމަށް ހީކޮށް ވާހަކަދައްކަން ފެށީއެވެ. މާތަކުގައިވެސް ހިފީއެވެ. ވީއިރު އެ ސިއްރުވެރި މީހާއަކީ ކާކުހެއްޔެވެ؟ ހިތަށް ގެނެވުނީ އެކަނި އައިދަންގެ ނަމެވެ. އައިދަން ނޫންމީހެއްގެ ކަމަކަށް ނުވާނެއެވެ. ނަމަވެސް އޭނަ އާއި ކަޔާންގެ އެ ޚާއްސަ ވަގުތުކޮޅު އެމީހަކަށް އެނގުނީ ކަޔާންގެ ފަރާތުން ހެއްޔެވެ؟ ކަޔާންއާއި އައިދަން އެކުވެރިން ހެއްޔެވެ؟ ލައިޝާގެ ހިތް ފިނިވާންފެށިއެވެ. އެދެމީހުންވެގެން އޭނަ އާއި ގޭމެއް ކުޅެލަނީ ބާވައެވެ. ބިރުންގޮސް ލައިޝާގެ ހިތް ފިނިވިއެވެ.

އޭނަ ކަޔާންގެ ގާތުގައި އެ މެސެޖްކުރި މީހެއްގެ ވާހަކަ ނުބުނާނެއެވެ. އެހުރިހާ ކަމެއް ސިއްރުކުރާނީއެވެ. ކަޔާންއަށް ނޭގި އޮތް ކަމަކަށްވާނަމަ ކަޔާން ރުޅި އަތުވެދާނެކަން ނޭގެއެވެ. އޭނައަކީ ޕީއޭއަކަށް ހުއްޓަސް ގަމާރު ކުއްޖެއްކަމަށް ނިންމާފައި ވަޒީފާއިން ކަނޑާލަފާނެއެވެ. ބާސްކެޓް ޓީމުން އުނިކޮށްލި ފަދައިންނެވެ. ލައިޝާ މޮޅިވެރިވެފައި އިނދެ އެކިގޮތްގޮތަށް ޚިޔާލުކުރިއެވެ.

"ކަޔާންގެ ސިއްރެއްވާކަން އަހަންނަށް އެނގޭ، ކަޔާންގެ ހުރޭ ވައިފްއެއް އަދި ބޭބީއެއް، އެމީހަކު އުޅުނީ އެ ވާހަކަ ބުނަންތަ؟ ކަޔާންގެ އަންހެނުން އެބަހުރިކަމަށް ބުނަންތަ؟ ތިއަހަނީ ނޭގިގެންނޭ ބުނީ ކީއްވެތަ؟ އޭނަގެ ގާތުގައި އެހެން މީހަކު ކަޔާންގެ ސިއްރުތައް ކިޔައިނުދެންޏާ އޭނައަށް އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ " ލައިޝާގެ ބޮލުގައި ރިއްސާލިއެވެ.

ކަޔާން އެދުވަހު ލައިޝާއާއި ޒާތީ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނޭގުމުގެ ތެރޭގައި އެހެން ފިރިހެނަކާއި ވާހަކަދައްކައިގެން އަމިއްލަ ނަފުސް ލަދުވެތިވެ ކެހި ލިބިފައިވާ ލައިޝާވެސް އިނީ އެއްޗެކޭ ބުނަން ނުކެރިފައެވެ. ހިތާހިތުން އޭނަ ރުޔެވެ. ކަޔާން އޭނަދެކެ ހިތްހަމަނުޖެހިފައިވަނީ ކޮންކަމަކާއި ތޯ ސުވާލުކުރަން ބޭނުންވިއެވެ. އެކިފަހަރު އެކިގޮތްގޮތަށް އޭނަގެ ހިތާއި ކަޔާން ކުޅެލަން އުޅެނީ ކީއްވެހެއްޔެވެ؟ އިއްޔެ އެ ހިނގި ކަންތަކަކީ ދެލޯބިވެރިން ނޫނީ ކުރުން އެކަށީގެންވާކަމެއް ނޫނެވެ. އެހާ ލޯބި ދީފައި ކަޔާން އޭނަ ދުރުކޮށްލުމަކީ އިންސާފެއް ނޫނެވެ. އެންމެ ކުޑަވެގެން ވެގެން އުޅޭގޮތެއް އެނގެން އޭނަ ބޭނުމެވެ.

ލައިޝާގެ ހިތް ހަލާކުވެގެން ދިޔައީ އެ ދުވަހަށްފަހު ވީނުވީއެއް ނޭގި ކަޔާން އޮފީހަށް އައުން ހުއްޓާލުމުންނެވެ. އާފްރާމެންގެ ފަރާތުން އެނގުނު އެއްޗަކުން ލައިޝާ ހައިރާންވިއެވެ. ކަޔާންގެ އެއްމާބަނޑު ކުއްޖެއްކަމަށްވާ ކެންޒީ މާ ބޮޑަށް ބަލިވެގެން އާއިލާ ބޭރު ގައުމަކަށް ފުރިއިރު ކަޔާން އެކީގައި ދިޔައީއެވެ. އެއްމާބަނޑުވީމަ ޚާއްސަ ގުޅުމެއް އޮންނާނެތާއެވެ. ދެރަވީ އޭނަގެ ގާތުގައި ބުނެލުން ކަޔާންއަށް މުހިއްމު ނުވީމައެވެ. ކަޔާންގެ މިޒާޖު ދެނެގަތުމުގައި ލައިޝާ މިވަނީ ނުކުޅެދިފައެވެ. ދެން ހުރީ ޒިއާމްއެވެ. ޒިއާމް އޮފީހަށް އަޔަސް އެހާވަރަށް ލައިޝާއާއި ސަމާސާކޮށެއް ނަހަދައެވެ. ނަމަވެސް ވާހަކަދައްކާ އިރެއް ވިއްޔާ ވަރަށް ހިތްހެވެވެ. ހިނިތުންވުމާއިއެކު ނޫނީ އަނގައިން ބުނެނުލާނެއެވެ. ކަޔާން އާއި ޚިލާފަށް ޒިއާމް މެނޭޖަރުންނާއި ވާހަކަދައްކާ ހޭން އުޅޭ މަންޒަރު އެހާ ގިނައިން ފެނެއެވެ. 

"ކެންޒީ ހާދަ ތަފާތު ނަމެކޭ ދޯ...." ލައިޝާ ރިސެޕްޝަން ކައުންޓަރު ކާރީގައި އަތް އަޅުވާލައިގެން ހުރިއިރު މޫނުގެ ކުލަވަނީ ފަނޑުވެފައެވެ.
"އަރަބި ނަމެކޭ އެވެސް، އެކުދިންގެ މަންމަގެ ނަން ވަރުޖިނާ ހުތުރުތަ؟ އެމީހުންގެ ނަން އެކަނިއެއް ނޫން ރީތީ..އެއީ ކިހާ އެލެގެންޓް ބަޔެއް......" އާފްރާ ފުންނޭވަޔެއް ބޭރުކޮށްލިއެވެ. އޭނަ މިހާ ވަރަށް މޭކަޕްކޮށްލައިގެން އުޅޭއިރުވެސް ހިތްކިޔާފަދަ ޒުވާނެއްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވެއެވެ.
"ކެންޒީއަށް ކިހިނެއްވީތަ؟ " ލައިޝާ އަހާލިއެވެ.
"ނޭގޭ، ހީވަނީ ބެޑްރިޑެން ހެން، ނޫނީ ކޯމާއެއްގައި ކަމަށް ވާނީ، އައިމް ނޮޓް ޝުއަރ، އެފެމިލީ ރިލެޓިވްއެއްގެ ފަރާތުން އެކަހަލަ ވާހަކައެއް އަޑުއެހިން، އަހަރެން ދުވަހަކު ކެންޒީ ނުދެކެން، ސަރ އަބަދު ލައިޝްއާއި އެކު އުޅޭއިރު ލައިޝްގާތު އެ ވާހަކަ ކިޔައިނުދެނީތަ؟ ވަރަށް ހެއްވާ ކަމެއްނު ތިއީ. މީހަކު ސިއްރުވެރި ވިޔަސް އެވަރު ތަންކޮޅެއް ބޮޑު......" އާފްރާގެ ވާހަކަތަކުން ލައިޝާގެ ހިތުގައި ފިނި ރާޅު ބާންޏެއް ދުވެލިއެވެ. އަނެއްކާ ކަޔާން އާއި ކެންޒީ ބައިވެރިވެގެން ފާޑެއްގެ ނުބައި ގޭމެއް ކުޅެނީކަން ނޭގެއެވެ. ދެމީހުން ދެ ދުވަހު އެމްޑީއަށްވެގެން މިތަނަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއްދުވަހު ފެންނަ ކަޔާން ސީރިޔަސްވެފައި އަނެއްބައި ފަހަރު ކަޔާން އޭނައާއި ގުޅުން ބާއްވަނީ އެހެންވީމަހެއްޔެވެ؟ އެގެއަށް ނުގުޅާ ގޮސްފިއްޔާ އޭނަގެ ގޯސްޓްއާއި ދިމާވާނެއޭ ކަޔާން އެބުނީ އެހެންވީމަހެއްޔެވެ؟ ލައިޝާ ވިސްނިވަރަކަށް ބުރަވީ އެގޮތަށެވެ. އެނޫންގޮތަކަށް ނިންމާންވީ އެއްވެސް ސަބަބެއް ނުފެނުނެވެ.

ރޯދަ މަސްފެށުމުން ލައިޝާ އާއި ކީވާގެ ހަޔާތަށް އައިސްފައިވާ އަޑިކަމުން އަރައިނުގަނެވުނަސް އަޅުކަން ކުރުމުން ރޫހާނީ އުފަލެއް ލިބުނުކަން އެއީ ނަސީބެކެވެ. ލައިޝާގެ ހަޔާތުން އެދުވަސްކޮޅު ކަޔާން ދުރަށް ނުދިޔަނަމަ ރޭތައް ވޭތުވެގެން ދިޔައީހީ މެސެޖްކުރުމާއި ލޯބީގެ މާ ފޮޅުވުމުގައެވެ. ނަމަވެސް އޭނައަށް ލެއްވީ ހެޔޮ ރަޙުމަތެކެވެ. ލައިޝާ އުޅުނީ ހިތާމަތައް ހަނދާން ނައްތާލާފައި ރަމަޟާންމަހުގެ މަތިވެރި ނަސީބާއި ދަރުމަ ހޯދުމުގައެވެ. އޮފީހަށް ދިޔަސް ލިބޭ ހުސްވަގުތުތަކުގައި ޤުރުއާން ކިޔަވައި ޒިކުރުކުރިއެވެ. އެންމެ ނަމާދެއް ވައްޓައިނުލައެވެ. ރޭގަނޑު ތަރާވީސް ނަމާދަށް ކީވާއާއި ދެކުދިން ދިޔައެވެ. ދަމުނަމާދަށް ފަރުވާ ބެހެއްޓިއެވެ. ސަލްމާގެ ސަބަބުން އެ ރޯދަމަސްވެގެން ދިޔައީ ޚަރަދުކުޑަ މަހަކަށެވެ. އޭނަ އަމިއްލައަށް ތައްޔާރުކުރާ ކާއެއްޗެހި ފިޔަވާ އެހެން އެއްޗެއް ހަދަން ބަދިގެއަށް ވަނުން ކީވާމެންނަށް މަނާކުރިއެވެ. މާ އަވަހަށް ކިރުދަޅު ހުސްވާތީ އެ ވާހަކަދައްކާލެއް ގިނަކަމުން ކީވާ ކިރުސައި ބުއިން ހުއްޓާލިއެވެ. ކީވާ ރޭގަނޑު ރޮށި ކާން ބޭނުންވިޔަސް ސަލްމާ ހުރިހާ ގަޑިއަކަށް ބަތް ކައްކާތީ ކީވާ ހުރީ ނިކަން އުދަގޫވެފައެވެ. ނަމަވެސް އޭނަ ހުރީ ކެތްތެރިވެލައިގެންނެވެ. ސަލްމާ އަފްރާޒުއަށް ރަގަޅަށް ކާންދެއެވެ. އޭނައާއި އައިދަންއަށް ވާވަރަށް ހެދިކާ ވެސް ހަދާނެއެވެ. އެކަމާއި ލައިޝާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ރޯދަމަހު ކީވާ ބަލިނުވެ ހުރިކަމީ ނަސީބެކެވެ.

ލައިޝާގެ އިސްތަށިގަނޑު ކުރިއަށްވުރެ ގަދަވެ ރީތިވެ އެ އޮމާން ކަނދުރާގެ ސަބަބުން އެހެން ޒުވާނުން ސިހުރުގައި ޖެހިދާނެތީ ސަލްމާ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ރަމަޟާންމަހު ހަތާވީސް ވިލޭރޭގައި ބުރުގާ އަޅަން ސަލްމާ ލައިޝާ ގާތު ކިޔަންފެށި ސަބަބަކީ އެއީއެވެ. ލައިޝާ ބުނީ އެކަމާއިމެދު އޭނަ ވިސްނާނެ ކަމުގައެވެ. ލައިޝާ މީހަކު ބުނެގެން ބުރުގާ އަޅާކަށް ބޭނުމެއް ނޫނެވެ. އޭނަ ބުރުގާ އަޅާހިތްވިޔަސް މީހަކު ބުނާ ދުވަހަކަށް އެކަންކުރުން ލާޒިމްކަމަކަށް ލައިޝާ ނުދެކެއެވެ. ރަމަޟާންމަހު ފަހުކޮޅު ސަލްމާ ޒުބްދާ ގާތަށް އިންޑިއާއަށް ފުރީ އުނަގަނޑުގައި ރިއްސާތީ ޓެސްޓެއް ހެދުމަށެވެ. އައިދަން އޮފީހުން ޗުއްޓީ ނުލިބުމުން މަންމައާއިއެކީގައި ނުދެވުނަސް ދަންނަ ބަޔަކާއި އެކީގައި ފޮނުވައިލެވުމުން ސަލްމާހުރީ ހިތްހަމަޖެހިފައެވެ. އިންޑިއާއަށް ކުރި ދަތުރަށްފަހު ސަލްމާ ނިކަން އިންޑިއާއަށް ދާ ހިތްވެއެވެ. އިންޑިއާފަދަ ތަނަވަސް މާހައުލެއްގައި ތަފާތު ކާނާއެއްޗެހި ކައިގެން އުޅެން ސަލްމާ ބޭނުމީކަމަށް ވެދާނެއެވެ. ސަލްމާ އެކޮޅަށް ދިޔުމަށްފަހުގައިވެސް މާލެއާއިމެދު ޚިޔާލުކުރެއެވެ. ފުރިއިރުވެސް އައިދަންއަށް ހަނދާންކޮށްދިނީ ކީވާއާއި ދުރުން އުޅުމަށެވެ. އައިދަން މަންމަގެ ވާހަކަތަކުގެ މާނަ ނެގީ އަމިއްލައަށް ފެނުނު ގޮތަކަށެވެ. ލޯބީގެ އުސޫލުން ވާހަކަނުދައްކައިފިއްޔާ ދެން ޖެހޭނެ މައްސަލައެއް އޮންނާނެކަމަކަށް އައިދަން ނުދެކެއެވެ.

އެންމެ ފަހު ރޯދަ ހިފި ދުވަހު ލައިޝާ އޮފީހަށް ދިޔުމާއިއެކު ލިބުނު ޚަބަރަކުން ވަގުތުން ދެލޯ ވިދާލައިފިއެވެ. ކަޔާން މާލެ އައީއެވެ.

"އަހަންނަށް އެނގޭ ކެންޒީ ބަލިވީއޭ ކިޔާފައި ބޭރަށް އެދިޔައީ ސަރގެ ފެމިލީ ރޯދަ ނުހިފަން ވެގެންކަން، އެއީ އެހާ ދީނީ ބަޔެއްނޫން، މުއްސަދި ގިނަމީހުން އުޅޭނީ އެވައްތަރަށް ދޯ..އެހެންނޫންނަމަ ރޯދަ ނިމެންވާއިރަށް ތަ ސަރ ގެ ބްރަދަރ ރަގަޅުވާންވީ؟ ފޭކް ބަޔެއް. ރިޗް ހުރިހާ މީހުން ވަރަށް ފޭކް...." އާފްރާ ގެ ވާހަކަތައް ގަބޫލުކުރާކަށް ލައިޝާ ބޭނުމެއްނުވިއެވެ. ލޯބިވާ ފަރާތެއްގެ އަނދިރި ފަރާތް އެނގޭއިރުވެސް ހިތް އެކަން ގަބޫލުކުރަން ދެކޮޅު ހަދާނެއެވެ. ލައިޝާއަށް އެހެންނޫނަސް ކަޔާން އެހާ ގޯސްވެދާނެކަމަކަށް ގަބޫލެއްނުކުރެވެއެވެ.

ލައިޝާ އެދުވަހު ގެއަށް އައިގޮތަށް އުޅުނީ ކަޔާން ލޮލަށް ނުފެނިގެން ތާކު އިށީދެނުލެވިފައެވެ. މާދަމާއަކީ އީދު ދުވަސްކަމަށް ވާތީ އޮފީސް ބަންދުވާނެއެވެ. އަނެއް ދުވަސްވާންދެން އޭނަ ކެތްކުރަން ހަދައިގެން ވާނެގޮތެއް ނޭގެއެވެ. ކަޔާންއާއި ޖެހުނީމަ އޭނަގެ ކެތްތެރިކަމަށް ވާގޮތެއް ނޭގެއެވެ. ލައިޝާ ފެންވަރައިލިގޮތަށް ފަހަރަކު ހެދުމެއް ގައިގާ ޖައްސައިލިއެވެ. އެންމެ ފަހުން ހޮވީ ރަތްކުލައިގެ ޓީޝާޓްފޮތީގެ ދޫ ހެދުމެކާއި މަޑު ނޫ ޖިންސެކެވެ. ލައިޝާ ރަތްކުލައިގެ ކުޑަ ސްކާފެއް އެޅުމުން އެކުޑަ މޫނު ލޯބިކަމުގެ އިންތިހާއެވެ. މޫނުގައި ކުޑަކޮށް މޮއިސްޗަރައިޒަރ ހާކާލުމުން އޮމާންވެފައި ވިދަންފެށިއެވެ. ލައިޝާ ތައްޔާރުވާންހުރި މަންޒަރު ދެކެން ކީވާ އެނދުގައި އޮތެވެ. ރޯދަމަސް ނިމެން އުޅުނީމަ ކީވާ ބަލިވާންފެށީއެވެ. އެހެން އެވީވެސް އެންމެ ފަހު ތިން ރޯދަ ނުހިފުނީމައެވެ.

"ގުޑްލަކް ލައިޝް، އެންމެފަހުން ޢީދަށް ބުރުގާ އެޅީ ދޯ، ގޯސްކަމެއް ނުކުރައްޗޭ...." ކީވާ ކުޑަކޮށް ހީލިއެވެ.
"ކިވީ ހާދަ ލާނެތް ވެއްޖެއޭ.. މާލަސްވަންޏާ އަހަންނަށް ވީގޮތެއް ބަލައިލަން ކަޔާންގެ އެޕާޓްމެންޓަށް އަންނާތި، އެކަމަކު އަހަރެން އެހެން އިންސާނަކަށް ނުކުރާހާ ބޮޑަށް ކަޔާންއަށް ޓްރަސްޓް ކުރަން. އޭނަ އަހަރެންގެ ހުއްދަނެތި އެއްވެސް ކަމެއް ނުކުރާނެ، ގޯސްހެދިޔަސް ހަދާނެމީހަކީ އަހަރެން. ނޮޓް ހިމް، ޑޯންޓްވޮރީ، އަހަންނަށް މެރިޖްގެ ކުރިން އެއްވެސް ކަމެއް ހުއްދަނުވާނެކަން. އަހަރެން އެކަން ހަނދާނުގައި ބަހައްޓާނަން................." ލައިޝާ އެއްލޯމަރާލާފައި އަވަހަށް ދާން ހިގައިގަތެވެ.

ލައިޝާ އެޕާޓްމެންޓް ކާރިއަށް ގޮސްފައި ކަޔާންގެ ފޯނަށް މެސެޖްކޮށްލާފައި އޭނަ މިހިރީ ދޮރުމަތީގައި އިންތިޒާރުގައި ކަމަށް ބުނުމުން ކަޔާން ބުނެލީ ފަސްމިނިޓަށް އިންތިޒާރު ކުރުމަށެވެ. ލައިޝާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އެތައް އިރެއްފަހުން ކަޔާން ލިފްޓުން ފައިބައިގެން އައިތަން ފެނުމުން ލައިޝާ ހުރީ އެސްފިޔަ ޖަހައިލަން ނޭގިފައެވެ. މެރޫންކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ކަޔާންގެ މޫނުމަތި އެހެން ދުވަހަށްވުރެ ރީއްޗެވެ. ކަޔާންވެސް ހުރީ ފެންވަރާ ތާޒާވެލައިގެންނެވެ. އެ ރީތި އިސްތަށިގަނޑުން އަދިވެސް ފެންތިކި ތަޅާހެން ހީވެއެވެ. އެހާ ވިދައެވެ. އެސްފިޔަތައް ކަޅުވެފައި ލޮލުގެ ރީތިކަމުން ލައިޝާގެ ހިތް ދުއާކުރީ އެސްފީނާނުޖެހުމަށް އެދިއެވެ. 

"ސޮރީ، ޓްރެފިކްގައި ޖެހުނީ، މަގުމަތީގައި އުޅެނިކޮށޭ ތިގުޅީ..ކިހިނެއްތަ މަގޭ ގާރލް. ސްކާފް އަޅަން ފެށީމަ ހާދަ ރީއްޗޭ......." ކަޔާން ގެ ރީތި ދެލޮލުން ހައިރާންކަމުގެ އަސަރާއި އެއްވަރަށް އުފާވިކަން ހާމަވިއެވެ. ލައިޝާ ބަލާބަލާ ފޫހިނުވާހާ ނަލައެވެ. ބެލިބެލިހެން އެ ރީތިކަން އިތުރުވަނީއެވެ.

"ތެންކިއު ސަރ....." ލައިޝާގެ ކޯތާފަތަށް ރަތްކުލަ ފާއްދައިލިއެވެ. އެދެމީހުން އެކީގައި އުޅޭތަން އެހެން މީހަކަށް ފެންނަން ބޭނުންނުވާތީ ކަޔާން އަވަހަށް ކާޑު ޖަހާލާފައި ދޮރުހުޅުވާލާފައި އެޕާޓްމެންޓަށްވަދެ ލައިޝާ ވަންނަން ތަންދެއްކިއެވެ. ލައިޝާ އީދު މުބާރަކް ކިޔާލީ ލަދުރަކިގޮތަކަށް ހިނިތުންވެލަމުންނެވެ. މިއީ ކަޔާން ނޫނީ ކެންޒީހެއްޔެވެ؟ އެހެން އަހާން އުޅެފައި ލައިޝާ ހުރީ ކަޔާން ލައްވާ ބުނުވަން ބޭނުންވެފައެވެ.

"މިރޭ ހަނދު ފެންނާނެތަ؟ ދެމީހުން ހަނދު ބަލަން ދާންވާނެ....." ކަޔާން ހުރިހާ ބޮކިތައް އެކީގައި ދިއްލާލައިފިއެވެ. ލައިޝާއަށް ފާހަގަކުރެވުނީ އެޕާޓްމެންޓްގައި ހުރީ މުޅިންވެސް އޮރެންޖް އަލިތައްކަމެވެ. ވަށައިގެން ރީތި ބޮކިތައް ސަފަކަށް ހުއްޓަސް ހުދު އައްޔެއްނެތްކަން ނަސީބެކެވެ. އޭނަ މޫނު ރަތްވިޔަސް ކަޔާންއަކަށް ނޭގޭނެތާއެވެ.

"މިރޭ ހަނދު ފެންނާނެކަމަށް ކަލަންޑަރުގައި އޮތީ، ފަލަކީ އިލްމުވެރިން ވަރަށް މޮޅުވާނެ. އެހެންވީމަ އެކަން ބަދަލެއްނުވާނެ މާދަން ވާނީ އީދަށް....ސަރ، ވަރަށް މިސްވި، ކުއްލިއަކަށް ފުރީމަ ވަރަށް ދެރަވި...." ލައިޝާ ވަގުތު ނަގާނުލައި ހިތުގައިވާ އުދާސްތައް ބޭރުކޮށްލިއެވެ.

"އަހަރެން ނިންމީ އެއީ ލައިޝާއަށް އެންމެ ރަގަޅުގޮތްކަމަށް، ހިތަށް އެރި ދުވަހަކު މާލެ ނާންނާނަމޭ، އަބަދަށްޓަކައި ދުރަށް ދާނީއޭ، އެކަމަކު އަހަންނަށް އެކަމެއް ނުކުރެވުނު، ނޭގޭ އަހަރެމެންގެ ލައިފަށް ކުރިމަތިވާން އުޅެނީ ކޮންފަދަ ތޫފާނެއްކަން، ނަމަވެސް ހަމަ ނުހުރެވިގެން މިއައީ، ލައިޝާ ބޭނުންވޭތަ؟ އަހަރެން މިއީ ކޮންމެ މީހެއްކަމަށް ވިޔަސް އަހަންނާއިއެކު އުޅޭނަންތަ؟ އަހަރެން ނޭދެން ލައިޝާއަށް ހާޓްވާކަށް، ނޫނީ ދެރަވާކަށް، އަހަރެން މެރީޑްވެއްޖެއްޔާ، ދަރިއެއް ހުރެއްޖެއްޔާ؟ ބޭނުންވާނެތަ؟ ދެންވެސް އަހަންނާއި އެކީގައި އުޅޭނަންތަ؟" ކަޔާން ހުއްޓިލީ ލައިޝާއާއި ދާދި ކާރީގައެވެ.

"އަހަންނަށް ހެޔޮ ކޮންމެ ގޮތެއްވިޔަސް، ހެވޭ ސަތޭކަ އަނބިންނާއި ދަރިން ތިއްބަސް، އަހަންނަށް ފަރުވާލެއްނެތް، އެއަށް ވުރެ ބޭނުމޭ، އައި ލަވް ޔޫ، އައި ލަވް ޔޫ ސޯ މަޗް........" ލައިޝާ ދެލޯމަރާލީ އަސަރާއި އެކުގައެވެ. ތުންފަތުގައި ދަތްއަޅާލީ ރޮވިދާނެތީ އެކަން ހުއްޓުވުމަށެވެ. ކަޔާން ލައިޝާގެ ކޮނޑުގައި އަތްޖައްސައިލުމުން ލައިޝާއަށް އެ އަތްމަތީގައި އޭނަގެ ނާޒުކް އަތްތިލަ ބާއްވާފައި ބާރުކޮށްލެވުނެވެ. އެބާރުގަދަ އަތުގެ ހިމާޔަތުގެ ތެރެއަށް އަބަދުގެ އަބަދަށްޓަކައި ވަންނަން ނޭދޭނީ ކޮންކުއްޖެއް ހެއްޔެވެ؟ ލައިޝާ ކުޑަކޮށް ދުރަށް ޖެހިލީ ކީވާއަށް ކުރި ވައުދުމަތިން ހަނދާންވެފައެވެ.

"އަހަރެން ދުވަހަކު ބޭނުމެއްނޫން ސަރ އާއި ވަކިވާކަށް، ބޭނުމެއްނޫން ސެޕެރޭޓްވާކަށް، ދުވަހަކު ދޫކޮށްލާފައި ދެން ނުދޭ، އަހަރެން މަރުވެދާނެ، ޕްލީޒް ޕްލީޒް....." ލައިޝާ އާދޭހުގެ ރާގަކަށް ބުނަމުން ދިޔައެވެ.

"އައި ނޯ، އެހެންވީމަ ކަންނޭގޭ އަހަންނަށް ދުރަށް ނުދެވުނީ، ދެން އަހަންނަށް ނަމުން ކިޔާ، މިހާ ކްލޯޒްކޮށް އުޅެލާފައި އަދި ސަރ އޭ ކިޔާލީމަ ވަރަށް އޮޑް......." ކަޔާން ހިނިތުންވެލާފައި ލައިޝާގެ މޫނަށް އުދަގޫކުރަމުން ދިޔަ އިސްތަށިކޮޅު އެއްފަރާތްކޮށްލާފައި ނިކަން ރީތިކޮށް ލައިޝާގެ ދެލޮލަށް ބަލާލައިފިއެވެ. ލައިޝާ ހިނިތުންވެލިއެވެ. ދުލުން އެއްބަސްނުވިކަމުގައި ވިޔަސް ކަޔާންގެ ހިތް އޭނައަށް އެދޭކަން ހާމަވެއްޖެއެވެ. ލައިޝާއަށް ކަޔާން ބަލާވަރުން ލައިޝާ ލަދުން ހަލާކުވާވަރުވިއެވެ. އެފުން ދެލޮލުން އެގޮތަށް ބަލަންވެއްޖެއްޔާ އޭނަ ލަދުން މަރުވެދާނެއެވެ.

"ބޮކިތައް ނިއްވާލަބަލަ. ހާދަ އަލިގަދައޭ.." ލައިޝާ ފަހަތަށް ޖެހުނެވެ.
"އެއީ ކީއްކުރަންތަ؟ އަދި އެ ދުވަސް ނުޖެހެއެއްނު، އެހާ ދުރަށް ދާން ބޭނުންތަ؟ " ކަޔާން ސަމާސާކޮށްލިއެވެ. ދެމީހުން އެގޮތަށް ސަމާސާ ވާހަކަތަކެއްގައި ތިބިއިރު ކަޔާން ފްރިޖް ހުޅުވާލައިގެން އައިސްކްރީމާއި ކުކީ ނަގާ މޭޒުމަތީގައި ބަހައްޓަން ފެށިއިރަށް ލައިޝާ އެހީވާން ފެށިއެވެ. ލައިޝާ ކުދި ވާހަކަތައް ދައްކަމުންގޮސް އަހައިލީ ކަޔާންއާއިއެކު އެ ފެންނަ ކުޑަ ފިރިހެންކުއްޖާގެ ވާހަކައެވެ.

"އަހަރެންގެ ދަރިފުޅު......." ކަޔާން ވަރަށް ހަމަޖެހިލާފައި ލައިޝާއަށް ފޯނު ހުޅުވާލާފައި އެތުއްތު ދަރިފުޅާއިއެކީގައި ކަޔާން ނަގާފައި ހުރި ފޮޓޯތައް ދެއްކިއިރު ހީވަނީ ދުނިޔޭގައިވާ އެންމެ ހަމަޖެހޭ ޒުވާނާހެންނެވެ. ތިމާއަށްޓަކައި ދީވާނާވާ ވަރަށް ލޯބިވާ އަންހެންކުއްޖެއްގެ ހިތަށް އެކަމުން އަސަރުކުރާނެވަރު ކަޔާންއަށް އެނގުނަސް ހަގީގަތް ފޮރުވާން އޭނަ ބޭނުންނުވީއެވެ. ލައިޝާހުރީ ހުއްޓުން އަރާފައެވެ. އަތުގެ ހަރަކާތްތައް ކުޑަކޮށް ހުއްޓުމަކަށް އައުމަށްފަހު ލައިޝާ ކޮފީތަށިހަދަންފެށިއެވެ. ކަޔާން މޭޒަށް ލެނގިލައިގެން ހުރިއިރު ލައިޝާގެ މޫނަށް ވެރިވަމުންދާ ކުލަތައް ދިރާސާކުރިއެވެ. 

"މެރީކުރީތަ؟" ލައިޝާ ފެންކަޅިވިއެވެ.
"ނޫން، މެރީ ނުކުރިޔަސް ދަރިއަކު ލިބިދާނެއްނު...." ކަޔާން ކުޑަކޮށް ހީލިއެވެ.
"އެކަމަކު......." ލައިޝާ ދެރަވިއެވެ. ކަޔާންގެ މާޒީ އެނގުނުވަރަކަށް ހިތްނޭދޭ ސިފަތައް އެބަފެނެއެވެ.
"ހޫމް، އެއީ ރަގަޅުކަމެއްނޫން، އެކަމަކު މިސްޓޭކެއް ހެދިފައި އެއޮތީ، އަހަރެން ބޭނުމެއްނޫން ފޮރުވާކަށް، ބޭބީ ލިބުނީމަ އަހަރެން އެކްސެޕްޓްކުރި ސަބަބު އެނގޭތަ؟ އަހަރެންގެ ލޭކަން ރަގަޅަށް ޔަގީންވާއިރު މަގޭ ކަމެއްނޫނޭ ބުނާކަށް ނުވާނެ ދޯ، ހީޒް މައި އެވްރީތިން. އަހަރެން ވަރަށް ލޯބިވޭ ބޭބީދެކެ....." ލައިޝާ ދިއްކޮށްލި ކޮފީތަށީގައި ހިފަމުން ކަޔާން ބުނެލިއިރު އެ ރީތި ދެލޮލުން ފެނުނު އަސަރުތައް މާނަކުރާކަށް ލައިޝާއަކަށް ނޭގުނެވެ.

"ކަޔާން، ހޫ އިޒް ކެންޒީ......." ކުއްލިއަކަށް ލައިޝާ ހަނދާންވެގެން އަހާލައިފިއެވެ. 
"ކެންޒީއަކީ އަހަރެން....." ކަޔާން ކޮފީފޮދެއް ބޯލުމަށްފަހު ލައިޝާއާއި ހަތަރުކަޅި ހަމަކޮށްލުމުން ލައިޝާގެ ގައިން ހީބިހި ނެގިއެވެ.
"ވަޓް....." ލައިޝާ ދެލޯ ބޮޑުކޮށްލިއިރު ހިތް އިންތިހާއަށް އަވަސްވެއްޖެއެވެ.

ކޮމެންޓް 0